🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 65 ވަނަ ބައި


ލީނާ ބަލާލިއިރު ނަވީން ފެންނަން ނެތުމުން ، ނަވީން ވީ ފާހާނާގައިކަން ޝައްކަކާ ނުލާ ލީނާއަށް އެނގުނެވެ. 
ލީނާ ގަސްތުކުރީ ނަވީން ނިކުންނަންދެން މަޑުކޮށްލުމަށެވެ. އެހެންކަމުން އަލަމާރި ކައިރިއަށް ހުއްޓި އަލަމާރީގެ ލޯގަނޑުން އަދިވެސް އިތުރަށް ފަރިބަލާލާ ރީތި ވެލިއެވެ. ނަވީން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ނަވީންގެ އެނދުގައި އިށީނދެލައިގެން އިނީ ޓީވީގެ އަޑުވެސް ކުޑަކޮށް މަޑުކޮށްލުމަށްފަހުގައެވެ. 

ހިލޭ ފިރިހެނެއްގެ ކޮޓަރީގައި، އަދި އެމީހާ ފާހާނާގައި ހުރިކަން އެނގިހުރެ އެހެން އިނުމަކީ ކިހާ އަދަބު ކުޑަކަމެއްކަން ލީނާމެން ކަހަލަ އަންހެން ކުދިންގެ ވިސްނުމަށް ނާންނާނެތީ މިފަހަރުވެސް އެކަމާ ލީނާއަކަށް ވިސްނާނުލެވުނެވެ. 

އިރުގަނޑެއް ވޭތުވެގެން ދިއުމަށްފަހު ކުއްލިއަކަށް އިވުނީ ފާހާނާގެ ދޮރު ހުޅުވާލި އަޑެވެ.
އެއްވެސް ފަސްޖެހުމެއް ނެތި ލީނާ އެ ދިމާލަށް ބަލާލިއެވެ. 
މަޑު ނޫކުލައިގެ ބޮޑު ތުވާއްޔެއް އުނަގަނޑުން ތިރީގައި އަނދެލައިގެން، އެއަށްވުރެ ކުޑަ ހުދު ތުވާއްޔަކުން ބޯ ފޮހެމުން ފޮހެމުން ނަވީން ނިކުތްއިރުވެސް އެތާ މީހަކު އިންކަމެއް ނަވީނަކަށް ނޭނގެއެވެ. ކޮޓަރި އޮތީ ދިއްލާފައި ކަމަށްވިޔަސް، އެ ދިމާލަކަށް ނަވީން ނޭނބުރޭތީ އާއި އެހެން މީހެއްގެ ހިޔަންޏަށްވެސް އެ ކޮޓަރިތެރެއިން ނަވީން އުއްމީދު ނުކުރާތީ، ނަވީންގެ ސަމާލުކަމަކަށް ލީނާ ނައެވެ.

ފާހާނާގެ ބޭރު ފާރުގައި ހަރުކޮށްފައި ހުރި މޫނުބަލާ ހަތަރެސްކަން ލޯގަނޑަކާއި ދިމާލަށް އެނބުރި ހުރެގެން ދަތްދޮޅީގައި އަތްހާކައި އަމިއްލައަށް އަމިއްލަ މޫނު ބަލަމުން ނަވީން ދިޔައިރު ނަވީންއަށް ހުރެވުނީ ކޮޓަރިތެރެއަށް ފުރަގަސް ދީގެންނެވެ. ލީނާއަށްވެސް ނަވީން ފެންނަނީ ނަވީންގެ ފުރަގަހުންނެވެ.

ފާހާނާއިން ނިކުތްއިރު، ބޯފޮހެމުން ދިޔަ ތުވާލި ނަގާ ފާހާނާ ކައިރީ ހުރި ކަބަޑުކައިރީ ފާރުގައި ހަރުކޮށްފައި ހުރި ތުވާލި އަޅުވާ އެތީގައި އެ ތުވާލި އަޅުވާލާފައި، ހަމަ ކައިރީގައި ޖެހިގެން ހުރި ތިރި ކަބަޑެއްގެ ވަތްގަނޑެއް ހުޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދަން ނަވީން ފެށިއެވެ. އޭރުވެސް ލީނާ އިނީ ހަމަ ކަޅިވެސް ޖަހާނުލާ ބަލަހައްޓައިގެންނެވެ. ދެންމެ ފެންވަރައިގެން ނުކުތް ނަވީން އެ ވަތްގަނޑުން ނަގާނީ ކޯޗެއްކަން ލީނާއަށް އެނގޭ ކަހަލައެވެ. ފާޙާނާ އާއި އެހާ ކައިރީގައި ހުރި ކަބަޑެއްގައި ހުންނާނީ ތުވާއްޔާއި އެފަދަ އެހެނިހެން އެއްޗެހިކަން ލީނާއަށް އެނގެއެވެ. 

ލީނާ ނޫން އެހެން އަންހެންކުއްޖަކު ނަމަ އެތާ އިންނަންވެސް ނުކެރުނީހެވެ. ލަދުގަތީހެވެ. ޖެހިލުންވީހެވެ. 
އެހެންނަމަވެސް އެހެނެއް ލީނާއަކަށް ނުވިއެވެ. 
ފެންވަރައިގެން ނުކުމެ ލާނެ ހުރިހާ އެއްޗެއް ލައިގެން އުނަގަނޑަށް މަހާލާފައި ހުރި ތުވާލި ނަގައި ތުވާލި ތައް އަޅުވާ އެތީގައި ތުވާލި އަޅުވާފައި ނަވީން އަށް އެނބުރިލެވުނު ވަގުތު އެއްލި ކަޅިއަކުން ލީނާ ފެނުމުން ނަވީންއަށް ސިހުމެއް ލިބުނެވެ. އިސްތަށިގަނޑުގައި ފެންހިއްކަމުން ދިޔަ އަތަށް ހުއްޓުމެއް އައެވެ. 

ލީނާ އެތަނަށް އައީ ކޮން އިރަކު ހެއްޔެވެ؟ އޭނަ ފެންވަރައިގެން ނުކުތްފަހުން މީހަކު ދޮރު ނުހުޅުވައެވެ. ޓަކިވެސް ނުޖަހައެވެ. މާނައަކީ ލީނާ އައިސް އެ އިނީ އޭގެ ކުރީންނެވެ. މާނައަކީ ލީނާއަށް އޭނަ ފެންވަރައިގެން ނުކުތްތަންވެސް ފެންނާނެއެވެ. މިހާރު ލައިގެން އެހެރަ ސޯޓް ލުމާއި ހަމައަށްވެސް ލީނާ އެ އިނީ އެތާނގައެވެ. އޭނައަށް ބަލަހައްޓައިގެންނެވެ. 

"
ނިކުމޭ ހަމަ މިހާރު........." އެނބުރިލެވުނު ގޮތަށް އިރުކޮޅަކު ހުރެފައި، ލީނާ ކައިރިއަށް އައިސް، މަޑު އެހެނަސް އަމުރުވެރި އަޑަކުން ނަވީން ބުނެލިއެވެ. 
"
ކިހިނެއްވީ.......ލަދުގަންނާކަށް ތިއީ އަންހެންކުއްޖެއްވެސް ނޫނެއްނު.....؟" ލާނެތް ހިނިތުންވުމަކާއެކު ނަވީންގެ މެޔަށް ނަޒަރު ހިންގާލަމުން ސަކަ ގޮތަކަށް ލީނާ ކަޅި އަނބުރާލިއެވެ.
"
މި ބުނީނު ނުކުންނާށޭ.........ނުކުމޭ.......ހަމަ މިހާރު......." ނަވީންގެ ރުޅި ފަޅައިގެން ދިޔައެވެ. 
ލީނާއަށްވެސް ސިހުމެއް ލިބުނުމެއެވެ. އެހެންނަމަވެސް ދެންވެސް އެ ކޮޓަރި ދޫކޮށް ދާކަށް ލީނާގެ ގަސްތަކު ނެތް ކަހަލައެވެ.

"
މަޑުކޮށްބަލަ.......ވާހަކައެއް ބުނަންވެގެންނޭ މި.........." ލީނާއަށް ބުނެވުނީ މިހާވަރަށެވެ.
"
ޖަސްޓް ގެޓް ދަ ހެލް އައުޓް........!!! " ނަވީންގެ އަގު މުޅި ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔަ ފަދައެވެ. މިހާތަނަށް ދުވަހަކުވެސް ނަވީންގެ އަޑު އެހާ ބާރުވި އަޑެއް ލީނާ ނައަހައެވެ. އަދި ނަވީން އެހާ ރުޅިއައިސް ހުއްޓާވެސް ލީނާ ނުދެކެއެވެ. 
އިޚްތިޔާރަކާ ނުލާ ލީނާއަށް ކޮޅަށް ތެދުވެވި ހިނގައިގަނެވުނެވެ. ސްވިޗަކަށް އޮބާލުމުން ރޮބޮޓެއް މަސައްކަތް ކުރާހެންނެވެ. 

"
އަޑެއްނީވޭތަ.......ނިކުންނާށޭ........." ދޮރާއި ހަމައަށް ގޮސްފައި އަނެއްކާވެސް އެނބުރިފައި ލީނާ ނަވީން އަށް ބަލާލުމުން ނަވީން ހަޅޭއްލަވައިގަތެވެ. ނަވީންގެ އުޅުމާއި އުޞޫލުތަކާއި މުޅިން ނުބައްދަލު މި ހަރަކާތްތަކުން ލިބުނު ހައިރާންކަމުގައި ލީނާއަށް ހަމަ ބެލެނީއެވެ. ނަމަވެސް ނަވީނަށް އެ ބެލުން މާނަ ކުރެވެނީ އޭނަގެ އަމިއްލަވަންތަކަމަށާއި އޭނަގެ މިނިވަންކަމަށް ލީނާ އަރައިގަތީ ކަމަށެވެ. 

ލީނާގެ އުޅަނބޮށްޓާއި ދިމާލުން އަތުގައި ހިފާފައި ކޮޓަރިން ބޭރަށް ލީނާ ނެރެލީ އިތުރު ސިކުންތަކަށްވެސް ލީނާ ދެކެން ނަވީން ބޭނުން ނުވާތީއެވެ. އަދި ހަމަ އެ ބާރު މިނުގައި ބަން ލާފައި ދޮރު ޖަހައި ތަޅުލިއެވެ. 

ދޮރުން ބޭރަށް ނަވީން ހޫރާލި ލީނާއަށް ވީ ކީއްތޯވެސް ނަވީން ބަލައެއް ނުލައެވެ. އެހެންކަމުން، ނަވީން ލީނާގެ އަތުގައި ހިފައި ހޫރާލިއިރު، ލީނާއަށް ވިސްނާނުލާ ހުރެވުމުގެ ސަބަބުން ފައިކައްސާލައިގެން އޭނަ ވެއްޓެން ގޮސް ބެލްކަނީގެ ދަގަނޑުގައި ޖެހުނު ކަމެއް ނަވީނަކަށް ނޭނގެއެވެ. ޖެހުނީ ކޮންތަނެއްކަން އެވަގުތު ނޭނގުނު ނަމަވެސް، ލީނާގެ ބޮލަށް އެނބުރުން އެރުމާއެކު އިންތަނަށް އިށީނދެވިއްޖެއެވެ. 

މައްޗަށް ނަވީންގެ ކޮޓަރިއަށް ލީނާ ފޮނުވައިގެން ހުރި ނަޖްމާއަށް ނަވީންގެ ކޮޓަރީގެ ދޮރު މާ ބާރަކަށް ޖެހި އަޑުއިވިގެން އެ ދިމާލަށް އެ ވަގުތު އާދެވުނީ އިއްތިފާގަކުންނެވެ. 

"
ދަރިފުޅާ.....ލީނާ.......ކިހިނެއްވީ........؟" ލީނާގައިގެ އެތަން މިތަނުގައި ފިރުމަމުން ނަޖްމާއަށް ސުވާލު ކުރެވުނެވެ. އޭރުވެސް އަދި ލީނާ އަނގަޔަކުން ނުބުނެވެއެވެ. 
"
ދަރިފުޅާ........." ނަޖްމާއަށް ކުއްލިއަކަށް ލީނާގެ އަނގަކައިރިން ލޭތިއްކެއް ފެންނަން ފެށިއެވެ. 
ލީނާގެ އަނގައިގައި ހިފައި ނަޖްމާބަލާލިއިރު ލީނާގެ އަނގަތެރެ ހީވަނީ ލޭގަނޑެއްހެންނެވެ.

"
މާތްކަލާކޯ.......ކިހިނެއްވީ...؟ ނަވީން.......!!!" ލީނާއަށް އެ އަނިޔާ ލިބުނީ ނަވީންގެ ސަބަބުންކަން އެނގޭއިރުވެސް އެހީއަކަށް އެދި ނަޖްމާއަށް ގޮވުނީ ނަވީން އަށެވެ. އަލިމަނިކުވެސް ނުއުޅުއްވާތީއާއެކުގައެވެ. ނަމަވެސް އެތެރޭގައި ހުރި ނަވީން ހުރީ ފާހާނާ ކައިރީ ކަމުން ނަވީނަކަށް އޭނަގެ މަންމަ ގޮވާއަޑެއް ނީވެއެވެ. 

"
ނަވީން....އަހަރެން ހޫރާލީ......." ލީނާ ވަރަށް ހިތްވަރު ކޮށްލާފައި ބުނެލިއެވެ. 
ނަޖްމާ ނަވީނަށް ގޮވާ އަޑު އިވިގެން އެތަނަށް އައީ ގޭގައި ގެންގުޅޭ ފަހީމާ އެވެ. 

"
ހިނގާބަލަ ލީނާ ހޮސްޕިޓަލަށް ގެންދަން. .....ކާރު ނެރޭށޭ ބުނެބަލަ އަވަހަށް......." ނަޖްމާ އާއި ފަހީމާ ވެގެން ލީނާ އަތުލަފިކޮށްގެން އޭޑީކޭއަށް ގެންގޮސްފިއެވެ. 

މިހާދިސާ ހިނގީ ރޭގަނޑުގެ އެގާރަވެސް ޖަހާ ބޮޑުވިފަހުން ކަމަށްވާތީ، އިތުރަށް ބޭރަށް ނުކުންނަ ޚިޔާލެއްވެސް ނަވީން ނުކުރެއެވެ. އޭނަ ފެންވެރީ އޮށޯތުމަށްޓަކައި ކަމަށްވާތީ،ޓީވީގެ އަޑު ކުޑަކޮށް މަޑުކޮށްލާފައި ނަވީން އޮށޯތީ ނިދުމަށެވެ. 

ނިދިހަމަވެ، ލޯހުޅުވާލެވުނީވެސް ފަހެއް ޖެހިފަހުންނެވެ. ފަތިސް ނަމާދުކޮށްލައިގެން އޭނަ ގެއަށް އައިއިރު ސިޓިންރޫމްގެ ސޯފާގައި މަންމަ އިންތަން ފެނިފައި ފުރަތަމަވެސް ނަވީން ހަނދާންވީ ލީނާ މަތިންނެވެ. ލީނާ އާއި ދިމާލަށް އޭނަ އެއްޗެއް ބުނެފިއްޔާ އެކަމުގެ ޝަކުވާ އޭނަގެ މަންމަ އޭނައާއި ކުރާނެކަން އޭނައަށް އެނގެއެވެ. އެހެންވިޔަސް ހެޔޮކަމަށް ނަވީން އިށީނުމާއެކު މަންމަ އޭނައާއި ދިމާލަށް ބަލާލިކަން ނަވީނަށް އިހްސާސް ކުރެވުނެވެ. 

"
ދަރިފުޅަށް ކީއްވެގެން އުޅޭ ދުވަސްކޮޅެއްތަ މިއީ......" ލަހެއް ނެތި މަންމަ ވާހަކަ ދައްކަން ފެށިއެވެ. 
"
ނުވޭ ކަމެއް........" މިހާރަކަށް އައިސް އަބަދާ އަބަދުވެސް ނަވީންގެ އަނގައިން އެ އެންމެންނަށްވެސް އިވެމުން އަންނަ އެ ޖަވާބު އަނެއްކާވެސް ނަވީން ތަކުރާރު ކޮށްލިއެވެ.

"
ނާ ކަމެއްވީމަތާ ނަވީންއަށް ކުރެވޭ ނުކުރެވޭކަންވެސް ނަވީނަށް ނޭނގޭ ހިސާބަށް ދާނީ.......ރޭގަ ނަވީން ހިތުން ކީއްކޮށްފަ ތިހިރީ؟ ނަވީން އާއި ގާތްކަން އުފައްދަން އަބަދުވެސް ލީނާ މަސައްކަތް ކުރޭ. އަލަކަށް ނޫން ތި ކޮޓަރިއަށް އެކުއްޖާ ވަނީ. އެކަން ނުދެނަހުރި މީހަކު މި ހިޔަލަކު ނޫޅޭނެ. އެކަމަކު އެހެން....އެހާ ރަހުމުކުޑަގޮތްގޮތަށް އޭނައަށް ކަންތައް ކުރާކަށް ނުވާނެނު.......އަންހެނެކޭ އެއީ......." މަންމަގެ ނުރުހުމުގެ ބަސްތައް ނަވީން އަޑުއަހަމުން ދިޔައެވެ.
ހަގީގަތުގައިވެސް ނަޖްމާ އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެތަނަށް ލީނާ ދިޔައީ ޚުދު އޭނަ ބުނެގެންކަމެއް އޭނަ ހިތަކަށް ނޭރިއެވެ. އަދި އެކަމުގައި އޭނަގެ ކުށްވެސް ހިމެނޭކަމެއް އޭނައަކަށް ނުވިސްނުނެވެ.

"
މަންމަ އަބަދު އޭނަ ހައްދައިގެން އުޅޭތީއޭ އެހެން އެ އުޅެނީ. އެއީކީ ތުއްތު ކުއްޖެއް ނޫނެއްނު ބުނާ އެއްޗެއްގެ އަޑު ނީވެން؟......" ލީނާ ދެކެ އެހާ ގަދަ ރުޅިއެއް އޭނައަށް އާދެވުނީ އޭނަ ފެންވަރައިގެން ނިކުމެ އެއްޗިހިލީއިރުވެސް ލީނާ ބަލަން އިނުމުން ކަމަށް މަންމަ ކައިރީ ސާފު ބަހުން ބުނަން އޭނައަށް އުނދަގޫވިއެވެ. ނަމަވެސް ލީނާ ކުށްވެރިނުކޮށް ނަވީނަށް ވާހަކައެއް ނުދެއްކުނެވެ.

"
ޅަކުދިން އުޅޭހެން އުޅެއޭ ކިޔާފަތަ ނަވީން އޭނައަށް އެހާ ބޮޑު އަދަބެއް ދިނީ......" ނަޖްމާ އަދިވެސް ޝަކުވާ ކުރަމުން ދިޔައެވެ.
"
އެއީކީ އަދި އަދަބެއް ނޫން...." ނަވީން ފަރުވާ ކުޑަ ގޮތަކަށް ބުންޏެވެ. ލީނާގެ އެ ލަދުކުޑަ އަމަލާ ބަލާފަ އެ ކޮޓަރިން އޭނަ ބޭރުކޮށްލުމަކީ އެއްވެސް އަދަބެއް ކަމަކަށް އޭނަ ނުދެކެއެވެ. އޭނަގެ މަންމަގެ ހިތުގައި ލީނާއަށް އޮތް ލޯތްބަކީ އޭނައާއި ބެހޭ ކަމެއް ނޫނެވެ.

"
އެހެންތަ........އޭނަގެ އަނގައިގެ އެއް ދަތް ލުހިގެން އައިއްސަ އޮތީ.......އެއަށްވުރެ ބޮޑު އަދަބެއްތަ އަދިވެސް ދޭން ވަނީ......" ނަޖްމާއަށް ރުޅިއައިސްފައި އަހާލެވުނެވެ.
ނަވީން ދިޔައީ ސިއްސައިގެންނެވެ.

ލީނާގެ އަނގައިން ދަތެއް ލުހެންވީ ކީއްވެހެއްޔެވެ؟ އޭނަ ލީނާއަށް އެއްވެސް އަނިޔާއެއް ނުކުރެއެވެ.

"
ތިވެސް ވާނީ އަނެއް އާޓް ކަމަށް. އޭނަ ރޭގަ ހުރީ ރަނގަޅަށް. މިހާރު ކޮންމެވެސް މޮޅު ވާހަކައެއް ހެދީކަމަށް ތިވާނީ. މަންމަ ކީއްވެ އޭނަގެ ބަހަށް ތިހާ ފަސޭހައިން ހެއްލެނީ." ނަވީން ބޮލަށް އުނދަގޫވިއެވެ. އެ ވާހަކަ ދައްކަން އިތުރަށް އެތާ އިންނަންވެސް ބޭނުން ނުވެގެން ނަވީން ތެދުވެގެން ހިނގައިގަތެވެ.

"
އެއީކީ ދަޅައެއް ނޫން.....ނަވީން އޭނަ ނަގާ ހޫރާލީމަ އޭނަ ފައިކައްސާލައިގެން ގޮސް ބެލްކަނީގައި ޖެހިފައި ދަތް އޮތީ ލުހިފަ.....ދެންވެސް ފުކެއް ރުޅި މައިތިރިކޮށްގެން އުޅެބަލަ....ނަސީބެއްނު ބޮޑު އަނިޔާއެއް ނުލިބުނުކަން.....އެވެސް މީހެއްގެ ދަރިއެއް ވިއްޔަ. ކަމެއް ވިނަމަ އަހަރެން ކީކޭ ބުނާނީވެސް އޭނަ ބައްޕަކައިރީ." ނަޖްމާ މިހެން ބުނުމުން ނަވީނަށް ހުއްޓި އެނބުރި ބަލާލެވުނެވެ. ހަގީގަތުގަވެސް ނަވީނަށް ފުން އަސަރެއް ކޮށްފިއެވެ. 

"
މިފަހަރަކު ނަވީން އައިއްސުރެ ތި އުޅެނީ ތިހެން.....ނަވީން އަށް ވީ ކީއްކަމެއް ނޭނގި ނަވީންއަށް އެހީވާނެ ގޮތެއް ނޭނގޭނެ އެއްވެސް މީހަކަށް....ތިކަމެއްގެ ރުޅި އެހެން އެންމެންނަށް ފޮޅާލުމުގެ ބަދަލުގަ ތަންކޮޅެއް ފިނި ސިކުނޑިއަކާއެކު ވިސްނައިގެން ތިމާއަށް ހެޔޮ އެދޭ ތިމާ ދެކެ ލޯބިވާ މީހުންނަށް ކޮންމެވެސް ކަހަލަ އިހްތިރާމެއް ކުރަން ނަވީން ވެއްޖެއެއްނޫންތަ؟ ތިއީ މީގެ ކުރިން ނަވީން އުޅުނު ގޮތެއް ނޫން....މިހާރު ތިހިރަ އިނދެވުނު މީހެއްގެ ސަބަބުން ނަވީން ތިހިރީ މުޅިން ބަދަލުވެފަ.....އެއްވެސް ކަހަލަ ރަހުމެއް ނެތް މީހަކަށްވެސް ވެފަ މިހާރު ތިހިރީ......؟" ވަގުތުގެ ބޭނުން ހިފައި، ނަޖްމާ އޭނަ ދައްކަން ބޭނުންވެގެން ހުރި ހުރިހާ ވާހަކައެއްވެސް ނަވީން އަށް އިއްވާލިއެވެ.

"
ނަވީން ޖެހޭނެ ލީނާ ކައިރިން މައާފަށް އެދެން. މީހަކަށް ދޭން އެއީ ވަރަށް ބޮޑު އަނިޔާއެއް. އަމުދުން އެއީ އަންހެންކުއްޖެއް.....ހެޔޮ ނުވާނެއެއްނު. ނަވީންގެ ކަންތައް ތިހިރަ ގޮތުން އަހަރެންވެސް ލީނާ ކުރިމަށްޗަށް ދާން ލަދުގަނެއްޖެ." ނަވީންގެ މަންމަގެ ހިތްހަމަނުޖެހުން ފެނިފައި ނަވީންއަށްވެސް އޭނަގެ ކުށް ގަބޫލު ކުރެވިއްޖެއެވެ.

ނަޖްމާ ގޮސް ވަނީ ކޮޓަރިއަށެވެ. 
ނަވީން ވިސްނީ ލީނާގެ ގެއަށް ދިއުމަށެވެ. ނަމަވެސް އަދި ކިރިޔާ ގަޑިން ހަގަޑި ބައިވީ ކަމަށްވާތީ، ނަވީން ގަސްތުކުރީ ތަންކޮޅެއްފަހުން ގޮސްލުމަށެވެ. ހަގީގަތުގައިވެސް ލީނާގެ ކިބައިން އޭނަ މައާފަށް އެދެން ޖެހޭނެއެވެ. 

ވާނީވެސް އެހެން ނޫންހެއްޔެވެ؟ އުޅެންވާގޮތާ ނޫޅެންވާ ގޮތް އަދިވެސް ލީނާއަކަށް ދަހެއް ނުވެއެވެ. އަބަދުވެސް ލީނާގެ އުޅުން އެ ހުންނަނީ އެހެންނެވެ. އިރެއްގަ އެހެން އުޅުނަސް މިހާރު އަމުދުން އެހެން އުޅެގެން ނުވާނެކަން ލީނާއަކަށް ނޭނގޭ ހެއްޔެވެ؟ ލީނާ ޖަހާ އެކަހަލަ ސަކަރާތަށް އޭނައަކީ އެއްވެސް އިރެއްގައި ތަރުހީބު ދޭ މީހެއް ނޫނެވެ. މިހާރު އަދި އަމުދުން........
މިހާރު އޭނަ އަކީ މީހެއްގެ ފިރިއެކެވެ. އޭނައާއި އިނާ އަކީ ދެމަފިރިންކަން ކިތަންމެ ފަހަރަކުވެސް ލީނާއަށް ހަނދާން ކޮށްދޭން އޭނަ މަސައްކަތް ކޮށްފިއެވެ.

އިނާގެ ހަނދާން އާވުމާއެކު ، އިނާގެ ހަނދާނުގެ ތެރެއަށް ނަވީނަށް ވަދެވެން ފެށިއެވެ.
މިވީ ކީއްހެއްޔެވެ؟ އިނާ އޭނަ ދޫކޮށް އެ ގޮތަށް ދިޔައީ ކީއްވެހެއްޔެވެ؟ އޭނައަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ އެކަމަކު އެއެއް އަހާކަށް އިނާއަށް އޭނަ ދުވަހަކުވެސް މެއިލް ނުކުރާނެއެވެ. އިނާ އަންނަންދެން އޭނަ މަޑުކުރާނީއެވެ. އޭގެ ކުރިން ދުވަހަކުވެސް އެ ވާހަކައެއް އޭނަ އެއްވެސް މީހަކު ކައިރިން ނައަހާނެއެވެ. މާދަމައަކީ އިނާ އަންނަން އޮތް ދުވަހެވެ. އޭނަގެ ހަށިގަނޑުން ޖަހާ ކޮންމެ ވިންދެއްވެސް އިންތިޒާރު ކުރަމުން ދަނީ މާދަމައަށެވެ. އިނާ އަންނާނެ ވަގުތަކަށެވެ.
އޮފީހުން އިތުރު އެއް ހަފްތާގެ ޗުއްޓީ ނަގައިގެން އޭނަ އެހެރީވެސް އިނާއަށްޓަކައި އެ ވަގުތުތައް ވަގުފު ކުރާށެވެ. އިނާއާއި އޭނައާއި ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއް ރަނގަޅައް ހައްލުކޮށްފައި ނޫނީ މިފަހަރު އޭނަ ނުފުރާނެއެވެ. 
މިއީ އޭނަގެ އަޒުމެވެ. 
** ** ** ** ** ** ** *
ލީނާގެ ގެއަށް އެ ދުވަހު ހެނދުނު ދިހައެއް ޖަހާލާހާއިރު ނަވީން ދިޔައީ ދާކަންވެސް އަންގާ ނުލައެވެ. އެގަޑީގައި މަންމަވީ އެގޭގައި ކަން އެނގޭތީ ނަވީން ބެލީ އެވަގުތުގެ ބޭނުން ހިފާށެވެ. 

ނަވީން ދިޔައިރު ލީނާގެ ކޮޓަރި ދޮރު ވެސް ހުރީ ހުޅުވާފައެވެ. ދޮރުމައްޗަށް އަރާފައި ނަވީން ބަލާލިއެވެ. ލީނާގެ ޑަބަލް ބެޑްގައި ލީނާގެ މަގަތުން އިށީނދެލައިގެން އޭނަގެ މަންމަ އިނެވެ. ލީނާ އާއި ކޮންމެވެސް ވާހަކައެއް ދައްކަން އިން މަންމައަށް އޭނަ އައިސްހުރިކަން ނުފެނުނު ނަމަވެސް ލީނާއަށް އޭނަ ފެނުނެވެ. އިޝާރާތުން މަންމައަށް އެކަން އެންގިތަންވެސް އޭނައަށް ފެނުނެވެ.

"
އާދޭ އާދޭ......." އެތެރެއަށް ވަނުމަށް ބުނީ ނަވީންގެ މަންމައެވެ. ނަވީނަށް އެނދާއި ހަމައަށް ދެވުނުއިރު، އެބަ އަންނަމޭ ބުނެފައި މަންމަ ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

ވައަތްފަރާތު ކޮލާއެކު ދުޅަވެފަ އޮތް ލީނާގެ މޫނު ފެނުމުން އޭނައަށް ކުށެއް ކުރެވިއްޖެކަން ނަވީނަށް ވަރަށް ބޮޑަށް އިހްސާސް ކުރެވުނެވެ.
އިށީނުމަށްވެސް ލީނާ ބުނަން ޖެހުނީ އަތުގެ އިށާރާތުންނެވެ. އަނގައިގެ އެތެރެއިން އަދިވެސް ކަފަ ޖައްސާފައި ހުރުމުން ވާހަކަ ދައްކަން ލީނާއަށް އުނދަގުލެވެ.

ލީނާގެ މަގަތުން އެނދުގައި އިށީނދެލާފައި ދެރަވެފައި ލީނާގެ މޫނަށް ބަލަހައްޓައިގެން ނަވީނަށް އިނދެވުނެވެ.

"
ކިހިނެއްވީކަމެއް ތިއީ؟ އަހަރެން ލީނާއަކަށް އަނިޔާއެއް ނުކުރަމެއްނު؟...." ނަވީންއަށް ލީނާއާއި ވާހަކަ ދެއްކެމުން ދިޔައީ އެއްވެސް ޚާއްޞަ ކަމެއް ނެތް ކަހަލަ ގޮތަކަށެވެ.
"
މައާފަށް އެދެން މިއައީ....އަހަރެން ކުރިކަމެއް ނޫން ތިއީ އެކަމަކު...." ކުޑައިރުއްސުރެ އެކުގައި އުޅެވުމުން ލީނާއާއި ދޭތެރޭ މާ ދުރުގޮތަކަށް ނުވެސް ދެކެވެއެވެ. އެހެންވެ ވާހަކަ ދެކެވެމުން ދިޔައީވެސް އާއިލާ ކުއްޖަކާއި ވާހަކަ ދައްކާ ގޮތަށެވެ. 

"
ލީނާގެ ކުށޭ އެއީ.....ކީއްކުރަން ކޮޓަރިއަށް އެގޮތަށް ވަނީ.....އޮންނާނީ އަންގާފައެއްނު އަހަރެންގެ ހުއްދައަކާނުލާ ކޮޓަރިއަށް ނުވަންނާށޭ...ވަނީމަ ވީ ގޮތް ތިއީ.......ތިކަމުންވެސް ތި އެނގެނީ ލީނާއަށް އުޅެވެނީ ގޯސްކޮށްކަން.....ދެންވެސް އިސްލާހްވެބަލަ.....އަބަދު އަހަރެންނަށް އުނދަގޫނުކޮށް މުއްސަނދި ފިރިހެނަކު ހޯދަންވީނު...." ނަވީންގެ ވާހަކަ ހުރީ ކުށް އިހްސާސް ކުރެވިގެން ވާހަކަ ދައްކާ މީހަކަށްވުރެ ބޮޑަށް ލީނާއަށް ލީނާގެ ކުށް އިހްސާސް ކޮށްދޭ ގޮތަށެވެ. 
ލުއި ހީލުމަކާއެކު އިނދެ ނަވީން މިވާހަކަ ދައްކަމުން ދިޔަ ނަމަވެސް މި ވާހަކަ އަޑުއަހަން އޮތް ލީނާއަށް ރޮވެން ފެށިއެވެ. އޭނަގެ ދަތުގައި ރިއްސާ ރިއްސުމުގެ މައްޗަށް ނަވީންގެ މި ބަސްތަކުން އިތުރު ރިހުން ލިބެން ފެށިކަހަލައެވެ.

"........
ބަލިމީހާ ކައިރީ މި ދެއްކެނީ ނުބައިކޮށް ދޯ ވާހަކަ........ސޮރީ......" ލީނާއަށް ރޮވެން ފެށުމުން ނަވީންއަށް ހީގަނެވުނެވެ. އޭނައަށް މި ވާހަކަ ދެއްކޭ ގޮތުން ލީނާއަށް އިތުރަށް ރޮވޭނެކަން ނަވީނަށް ވިސްނުނީ އަދި މާ ފަހުންނެވެ.

"
ޕްލީޒް ނުރޮއި......މަންމަ އައިސް ދާނެ އިރުކޮޅަކުން.....އަނެއްކާ ރޯތަން ފެނިއްޖެއްޔާވެސް މަންމަ ރުޅިއަންނާނީ އަހަރެން ދެކެ....މިއަދު ހެނދުނުވެސް އަހަރެންނަށް ލެކްޗަރެއް ދީފަ މަންމަ އެހެރީ......ހުއްޓާލަ.....އަން....ކީއްކޮށްދޭންވީ.....ފޮހެލަދެންތަ ކަރުނަ....." މިހެން ކިޔާފަ މޭޒުމަތީގަ ހުރި ޓިޝޫ އެތިން ދެ ޓިޝޫ ނަގައިގެން ލީނާގެ ކަރުނަތައް ފޮހެދޭން ފެށިއެވެ. 

"
ސީރިއަސްކޮށް އެއްކޮށް އެއް ދަތް ލުހުނީތަ؟ ކޮބާ އެ ދަތް؟" ނަވީނަށް އެ ވާހަކަ ވީ ކޮންމެވެސް ވަރެއްގެ ހެއްވާ ވާހަކަ އަކަށެވެ. ލީނާގެ އަނގައިގައި ކަފަ ޖައްސާފައި ހުރިތަން ފެންނައިރުވެސް ދަތެއް ލުހިދާނެކަމަކަށް ނަވީނަށް ހަމަ ގަބޫލު ނުކުރެވެނީއެވެ.
ލީނާ ބޯހޫރާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"
ނުލުހޭ.......؟ އެހެންވެއްޖިއްޔާ އޯކޭ.....ދަތް އެބަހުރިތަ؟ މަންމަ ބުނި އެކަމަކު ދަތް ލުހިފައޭ. ދައްކަ ބަލާލަން....." ލީނާގެ ދެތުންފަތް ކުޑަކޮށް ދުރުކޮށްލަ ދިނުމަށް ނަވީނަށް އެދެވުނެވެ. އަނެކެއް ކައިރީ ދަތް ދައްކާލަބަލާށޭ ބުނާ ކޮންމެ ފަހަރަކު އިޚްތިޔާރަކާ ނުލާ ކުރެވޭ ހަރަކާތުން ތިމާ އަމިއްލަ ދަތްޕިލަ ދައްކާލެވޭ އާދައާއެކުގައެވެ.

ދެންވެސް ލީނާ ހޫރާލީ ބޮލެވެ. ނުދައްކާނަމޭ ބުނާ ގޮތަކަށެވެ.

"
ދައްކަބަލަ....އެހެން ނޫނީ ގަބޫލެއް ނުކުރާނަން....ނުލާހިކު އާޓް އެނގޭ މީހެއް ތިއީ. މަންމަ ލައްވާ އަހަންނާ ދިމާލަށް އެއްޗިހި ކިއުއްވަން ކުޑައިރުއްސުރެ ކޮންމެ ކަމެއްވެސް ކުރާ މީހެއް ތިއީ. ކިހިނެއް އެނގެނީ.......ދައްކަބަލަ ދެން ބަލާލަން....." އަނެއްކާވެސް ނަވީން އަމިއްލައަށް ދަތް ދައްކާލެވުނެވެ. އަދި ލީނާގެ ދަތްދޮޅީގައި ހިފައި ކުޑަކޮށް ތިރިއަށް ދަމާލެވުނެވެ. އެދެމެދުގައި އެއްވެސް ބީރައްޓެހިކަމެއް ނެތް ކަހަލަ ގޮތަކަށެވެ. ނަވީނަށް އެހަރަކާތް މާ މުހިއްމު ނުވިޔަސް، އޭނަގެ ދަތްދޮޅީގައި ނަވީން އެގޮތަށް ހިފާލުން ވެގެން ދިޔައީ ލީނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔަ ކަމަކަށެވެ. ނަމަވެސް ނަވީނަށް ރޭކާވެސް ނުލައެވެ. 

"
ދަތުގެ ބުޑުން ދޯ ކުޑަކޮށް......ހާދަ ދުޅައޭ......" ރަނގަޅަށް ބަލާލާފައި ނަވީން އަށް ބުނެލެވުނެވެ.
"
ވަރަށް ރިއްސާ ދޯ؟ ސޮރީ......މައާފް ކޮށްފިންތަ؟" ނަވީން ހަގީގަތުގައިވެސް މައާފް ބޭނުމެވެ.
ލީނާވެސް ބޯ ޖަހާލިއެވެ.

"
ރަނގަޅަށް ބޭސް ކައިގެން ޑޮކްޓަރު ބުނިގޮތަށް އަނގަ ދޮވެ ކަންތައް ކުރާތި.....އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅު ވެދާނެ. ކަންބޮޑު ނުވާތި...." ޑޮކްޓަރު ލީނާއަށް ދީފައި ހުރި ބޭސްތަކާއި ނަގާފައި އޮތް ދެ އެކްސްރޭއާއި ބޭސްސިޓީވެސް ބަލާ ހަދާފައި އެ ތަކެތި ނަވީން ބެހެއްޓުމަށްފަހު، އިރުކޮޅަކުން ދެކަކުލުގައި އަތް ހާކާލާފައި މިހެން ބުނެލިއެވެ. ތެދުވެގެން ދާން ތައްޔާރުވުމުގެ ހަރަކާތެއްގެ ގޮތުންނެވެ. ނަމަވެސް ހަމަ އެއާއެކު ލީނާ ނަވީންގެ އަތުގައި ހިފިއެވެ.

"
ކިހިނެއްވީ........" ތެދުވެހުރި ނަވީންގެ އަތުގައި ލީނާ ހިފުމުން އޯގާތެރިކަމާއެކު ނަވީނަށް އަހާލެވުނެވެ. އިޝާރާތުން ލީނާ އެދުނީ އަދި އިރުކޮޅަކަށް އިނދެލުމަށެވެ.

"
އޯކޭ........ފަނަރަ މިނެޓް އިނދެވޭނީ.....އަހަރެން ތަނަކަށް ދާންވެގެން ދިއުމުގެ ކުރިން އައިސްލަންވެގެން މި އައީވެސް. ފަނަރަ މިނެޓް. އޯކޭތަ؟" 

ނަވީންގެ މި ވާހަކައަށް ލީނާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ފަނަރަ މިނެޓް ކީއްކުރަން ހެއްޔެވެ. ފަސްމިނެޓްވެސް ނަވީން އިނދެދޭނެއެކޭ އޭނަ ހީވެސް ނުކުރެއެވެ. އެހެންނަމަވެސް ނަވީން އަމިއްލަ އަނގައިން އެހެން ބުނެލުމުން އެއީ ވަރަށް ބޮޑު ވަރެއްކަމަށް ލީނާ ގަބޫލު ކުރިއެވެ.

ފަނަރަ މިނެޓް ވާހަކަ ދައްކަން އިނދެލާފައި ނަވީން ދިޔައިރުވެސް ނަޖްމާ އެތަނަކަށް ނާދެއެވެ. އެއީ އިއްތިފާގެއް ނޫން ކަމާއި ރޭވުމެއް ކަން ނޭނގެނީ ނަވީނަށެވެ. އެކަން އެނގޭ ލީނާ އޮތީ ވަރަށް ހިތްހަމަޖެހިފައެވެ.

** ** ** ** *** ** ** * *
އެދުވަހު ހަތަރުދަމުވެސް ނަވީން އިންތިޒާރު ކުރީ އިނާ އަންނާނެ އިރަކަށެވެ. އިނާ ފުރައިގެން ދިޔައީ އޭނަ ކައިރީ ބުނެފައި ނޫންކަމަށްވިޔަސް، އިނާ ދިޔައީ އިންޑިއަން އެއަރލައިނުންކަން އޭނައަށް އެނގޭތީ، އެދުވަހާ އެރޭ އަންނަން އޮތް އިންޑިއަން އެއަރލައިންގެ ހުރިހާ ފްލައިޓަކަށްވެސް ނަވީން އިންތިޒާރު ކުރިއެވެ. 

އިނާ އަންނަ ދުވަސް ވީމަ، ޚާލިދު ނުވަތަ ޝީލާ އޭނައަށް ގުޅާލާނެކަމަށް ކޮންމެވެސް ވަރަކަށް އޭނައަށް ހީކުރެވުނެވެ. އެހެންނަމަވެސް ވަގުތުތައް ފާއިތުވެގެން ދިޔައީ އެ އާއިލާގެ އެއްވެސް ޚަބަރެއް ނުވެއެވެ.

ރަށުން އައީއްސުރެ ނަވީން ދުވަހަކުވެސް ޝީލާއަކަށްވެސް އަދި ޚާލިދުއަކަށްވެސް ނުގުޅައެވެ. ޚާލިދު އާއި ޝީލާވެސް އެތިބީ ނިންމަންވީ ގޮތް ނަވީން އަމިއްލައަށް ނިންމަންދެންނެވެ. ނަޖްމާ އާއި އެމީހުންނާ ދެއްކުނު ވާހަކައިގެވެސް އެއްވެސް ވާހަކައެއް އެކަކުވެސް ނުދައްކާ ހުރީ ކަމުގެ ހަގީގަތް އަމިއްލައަށް ހާމަވަންދެންނެވެ. ނަވީންގެ ލޮލަށް ފެންނަން ދެނެވެ. 
ސަބަބަކީ ކަމުގެ ޙަގީގަތަކީ ކޮބައިކަން ޚުދު ޚާލިދު އަށާއި ޝީލާއަށްވެސް މިހާރު އޮޅިފައިވާތީއެވެ.

ޚާލިދުއާއި ޝީލާއަށް އެނގޭ މިންވަރުންނަމަ، ލީނާ ބަނޑުބޮޑެވެ. އެއީ ނަވީންގެ ދަރިއަކަށެވެ. އެވާހަކަ އިނާ ކައިރީ ބުނީ ޚުދު ލީނާއެވެ. 
ނަޖްމާބޭނުންވަނީ އެދެމީހުން ކައިވެނި ކުރުވުމަށެވެ. އެއް އަންބަށްތޯ ދެ އަންބަށްތޯ އެއީ ނަވީން ނިންމަން އޮތް ނިންމުމެކެވެ. ކޮންމެ ހާލެއްގައިވިޔަސް އެ ކައިވެނި އެއީ ކުރެވޭނެ ކަމެކެވެ.
އަލިމަނިކުއަކަށް ކަމުގެ ހަގީގަތް މުޅިއަކުން ނޭނގެއެވެ. ނަޖްމާ ބުނި އަޑު އަހައިގެން އަލިމަނިކު މަޑުމަޑުން ހުންނެވީއެވެ. 
އިނާ އެ ދިޔައީ މި ދަނޑިވަޅާއި ކުރިމަތިނުލުމުގެ މަގްޞަދުގައި ދުރަށެވެ.
އެވެސް އަދި އެ ދެމީހުންނަށް ހަނު ހިމޭނުން ތިބުމަށް މަޖްބޫރުކުރުވާ ފަދަ ހުވައަކުން ހުވާ ކުރުވާފައެވެ.

އެކަކަށްވެސް އެއް ގޮތެއް ހެދެންވެސް ނެތެވެ.
ނަވީން އަމިއްލައަށް އިސްވެ އެއްޗެއް ބުނަންދެން އެންމެންވެސް މަޑުމަޑުން ތިބި ކަހަލައެވެ.

އެރޭގެ އެންމެ ފަހު ފްލައިޓުންވެސް އިނާއެއް ނާދެއެވެ. އިނާއާއި ބެހޭ ގޮތުން ދެން އެއްޗެއް ޔަގީންކުރެވެން އޮތީ ޚާލިދު މެންނަށް ގުޅައިގެންނެވެ. އެހެން ގޮތެއް ނެތިގެން ނަވީން ޚާލިދުއަށް ގުޅާލިއެވެ.
ނަވީންގެ މައްޗަށް ހާލަތާއި ވަގުތު މަޖްބޫރު ކުރުވީ އިސްނެގުމަށެވެ. 

"
ހަލޯވ......ނަވީން އިނގޭތޯ...." ގުޅީ ޚާލިދުގެ މޮބައިލް ފޯނަށް ކަމުން ފޯން ނެގީވެސް ޚާލިދުއެވެ.
"
އާނ....ކިހިނެއް ނަވީން...." ހިތުގެ އަޑިން ހުރެވުނީ ނަވީން އާއި ރުހިގެން ނޫން ކަމަށް ވާތީ، ގޮތްދެއްކޭތޯ އުޅުނު ނަމަވެސް ހިތާ ދެކޮޅަށް މާ ވާހަކައެއް ނުމެ ދެއްކުނު މެއެވެ. 
"
ރަނގަޅު.......މިއަދު އިނާ އަންނާކަށްނޫންތޯ އޮތީ....ޚަބަރެއް ވިތޯ ބަލާލަން ވެގެން...." ނަވީނަށްވެސް ޚާލިދު އާއި ވާހަކަ ދައްކާކަށް އެހާ ފަސޭހައެއް ނުވިއެވެ.
"
އިނާ..........އިނާގެ ޚަބަރެއް ނަވީނަށް ނުވޭތަ؟" ޚާލިދުވެސް ކޮށްލީ ސުވާލެކެވެ.
"
ނުވޭ......" ނަވީންގެ ޖަވާބުވެސް ވަރަށް ކުރެވެ.
"
އިނާ ކުރީ ދުވަހަކު މެއިލެއް ކޮށްފަ އޮތް......ބުނި ނައަންނަ ވާހަކަ........އިތުރު ދެހަފްތާއަށް ޗުއްޓީ އިތުރު ކުރަން ބޭނުން ވާ ވާހަކަ ބުނެފަ އޮތީ." ޚާލިދު އޮޅުންފިލުވަދިނެވެ.
"
އެހެންތޯ........އެންމެ ރަނގަޅު......ޝުކުރިއްޔާ......" ނަވީންއަށް ހީވީ އިންތަނަށްވެސް ގުޑުމެއް އައިހެނެވެ. އިނާއަށްވާ ސާބަހޭ ނަވީންގެ ހިތަށް އެރިއެވެ.
"
ނަވީން ނަވީން........މަޑުކޮށްބަލަ.....މިހިސާބުންވެސް އަދިވެސް ނުވޭތަ ނަވީން އެއްވެސް ވާހަކައެއް ދެއްކުމެއް.....ނަވީނަށް ހީނުވޭތަ ނަވީން އެނގެން ޖެހޭ އޮޅުންފިލުވަންޖެހޭ ކަންތައްތަކެއް އެބަހުރިހެނެއް...." ނަވީން އެ އުޅެނީ ފޯން ބާއްވަން ކަން އެނގޭތީ އަވަހަށް ނަވީން ހުއްޓުވަން ޚާލިދު އުޅުނެވެ.

"
ކޮން ވާހަކައެއްތޯ އަޅުގަނޑު ދައްކާނީ.....އިނާ އެގޮތަށް ކަންތައް އެ ކުރަނީ ކީއްވެގެންކަމެއް އަޅުގަނޑަކަށް ނޭނގެ. އެނގެން މަސައްކަތް ކުރެވޭނީވެސް އިނާ އާއި ބައްދަލުވެގެން. އަޅުގަނޑު ބޭނުމެއް ނޫން މެއިލް އަކުން ނުވަތަ ފޯން ކޯލަކުން މިވާހަކަ އިނާ އާއި ދައްކާކަށް. އިނާ އަކީ އަޅުގަނޑުގެ އަނބިމީހާ....އެގޮތަށް އަޅުގަނޑުގެ ބުނުމަކާ ހުއްދައަކާ ނުލާ އިނާ ދިއުމަކީވެސް އިނާ ހެދި ގޯހެއް......" ނަވީން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

"
މިހުރިހާ ކަމެއް މިހެން ވެގެން ދިއުމުގައި ނަވީންގެ ފަރާތުން ސަބަބެއް ނެތޭތަ ނަވީން ތިބުނަނީ؟" ޚާލިދު ހަމަ ހައިރާން ވެއްޖެއެވެ.

"
އަޅުގަނޑަށް އެނގިގެނެއް ނެތް. ޚާލިދުމެން ކީއްވެތޯ އިނާ އެގޮތަށް ދިޔަ ދިނީ.....ކީއްވެގެންތޯ އަޅުގަނޑަށް ނެއެންގީ މިވަރުގެ ކަމެއް ވެގެން ދިޔައިރު؟" ނަވީންވެސް ޝަކުވާ ކުރިއެވެ. އޭނަ އެކަމާއި ބެހޭ އެއްވެސް ސުވާލެއް ނުކޮށް މި ހުރިހާ ދުވަހު ހުރީ އެ ޝަކުވާ އެންމެ ޙައްގު ވަނީ ޚާލިދު އާއި ޝީލާއަށްކަން އޭނައަށް ނޭނގިގެނެއް ނޫނެވެ. 

"
އަހަރެމެން ކައިރީ އިނާ ބުނެފަ ދިޔައީ 1 ހަފްތާގެ ކޯހަކަށޭ......ހިއެއް ނުކުރަން މިހެން ވާނެކަމަކަށް. ނަވީން އަށް ކަންނޭނގެ މިހުރިހާ ކަމުގެ ސަބަބު އޮޅުންފިލުވޭނީވެސް. ކޮންމެވެސް އެކަކު ގޮތްދޫކޮށްގެން ގުޅުމެއް ހިފެހެއްޓޭނީ. ނޫނީ ގަސްދު ނުކުރާއިރުވެސް ގުޅުން ކެނޑިގެން ދާކަށް މާ ދުރެއް ނޫންކަން ނޭނގެ.،..." ޚާލިދުވެސް އޭނައަށް ފެންނަ އެއްޗެއް ބުނެލިއެވެ.

ނަވީންގެ ކޮޅުން ނަވީން އިނީ އަނގައިން ނުބުނެހެއެވެ. ބުނާނީވެސް ވަކި ކީއްކޭ ހެއްޔެވެ؟ 

"
އެންމެ ރަނގަޅު. ބޭއްވީ....." އަނގައިން ނުބުނެ އިނދެ އިނދެފައި ނަވީން ބުނެލިއެވެ.

"
ނަވީން.......ތިއީ ނަވީންގެ އެކަނި ދިރިއުޅުމެއް ނޫން މިހާރަކު. އަހަރެމެންގެ އާއިލާއަށްވެސް މި ކަމުގެ ސަބަބުން މި އަންނަނީ ވަރަށް ބޮޑު އަސަރެއް ކުރަމުން. މިކަހަލަ ކަމެއް މިހެން ވާތަން ފެންނާނެއެކޭ ދުވަހަކުވެސް ހީނުކުރަން. އެކަމަކު މީހަކު އުއްމީދުވެސް ނުކުރާނެހާ އަވަހަށް މިކަން މި އޮތީ އައިސް ބޯމަތިވެފަ. ރައްޓެއްސެއްގެ ހައިސިއްޔަތުންނާއި އިނާގެ ބައްޕަގެ ހައިސިއްޔަތުން އަހަރެން އެދެނީ ނަވީން މިކަން ރަނގަޅަށް އޮޅުން ފިލުވުމަށް. އިނާ އެހެރީ ރުޅިއައިސްގެން ގޮސް. ގައިމުވެސް އިނާގެ ސަބަބުތަކެއް ހުންނާނެކަން އަހަންނަށް ޔަގީން. ނަވީންވެސް ރުޅިއައުމުގެ ކުރިން ނަވީންގެ ފަރާތުން ސަބަބުތަކަކީ ކޮބައިތޯ ބަލަން ވަރަށް ފެނޭ. އިނާ އެހެން ދާން ޖެހުމުގައި އޮތް ސަބަބަކީ ކޮބައިތޯ ބެލުން ވަރަށް މުހިއްމުހެން ހީވަނީ. އެހެން ނޫނީ ނޭނގި ނެގޭ ފިޔަވަޅަކުން އުމުރަށް ރޯން ޖެހިދާނެ...." ޚާލިދު އޭނައަށް އެ ވާހަކަ ދެއްކެން އޮތް މިންވަރަކަށް އެ ވާހަކަ ދެއްކިއެވެ. ނުސީދާ ކޮށްވިޔަސް، އެ ހަގީގަތް ހޯދަން ބަލަންވީ ކޮންކޮން ތަނަކަށް ކަން ނަވީނަށް ވިސްނައިދެވޭތޯ ޚާލިދު ބެލިއެވެ. ސީދާ ނަވީންގެ މަންމަ އާއި ވާހަކަ ދައްކާށޭ ބުނުމަކީ ނުވާނެ ކަމެކެވެ.

"
ނަވީނަށްވެސް އިނާގެ މެއިލް އެނގޭނެ......ކޮންމެވެސް ގޮތަކަށް އިނާއާއި ވާހަކަ ދެއްކޭތޯ ބެލުން ރަނގަޅުވާނެ....." ނަވީންގެ ކޮޅުން އެއްވެސް އަޑެއް ނީވި އިރުތަކެއް ވާތީ އަނެއްކާވެސް ވާހަކަ ދެއްކީ ޚާލިދުއެވެ. 

"
އިތުރު ދެ ހަފްތާއަށް އިނާ ޗުއްޓީ އިތުރު ކުރަނީ ކީއްކުރަންކަން އެނގޭތޯ؟ ހަފްތާއެއްގެ ކޯހެއް ނިމުނީމަ ޕާކިސްތާނު ކަހަލަ ތަނެއްގައި ހުރުމަކީ އެހާ އަމާން ކަމެއްނޫންހެން ހީވަނީ...." މިފަހަރު ނަވީންގެ އަޑުގައި ތަންކޮޅެއް މައިތިރި ގޮތެއް ހުއްޓެވެ.

"
ތިހެން އަހަރެމެންވެސް ބުނެފިން.......އެކަމަކު..........ހީވަނީ އަހަރެމެން އެއްވެސް މީހަކާ އިނާ އާއި ލޭގެ ގުޅުމެއް ނެތުމުގެ އަސަރުހެން މި ފެންނަނީ. އެހެން ނޫންނަމަ މިކަހަލަ ނިންމުންތަކެއް އަހަރެމެންނާ ވާހަކަ ދެއްކުމެއްވެސް ނެތި އިނާ ނުނިންމާނެ.....ވަށައިގެން އެންމެން ތިބި އިރުވެސް އަހަރެމެންނަކީ އިނާ އާއި ގުޅުމެއް ނެތްބައެއްކަން އިނާވެސް އެ އަންގަދިނީ....." ޚާލިދު މި ބުނި އެއްޗަކުން ނަވީނަށް ސިހުން ލިބުނެވެ. ޚުދު ޚާލިދުމެންވެސް އެ ތިބީ އިނާ ކަންތައް އެކުރާ ގޮތުން މިހާރު ހިތްހަމަނުޖެހިފައިކަން ނަވީނަށް އިހްސާސް ކުރެވުނެވެ. ކޮންމެވެސް ވަރެއްގެ ލުޔެއް ނަވީންގެ ހިތަށް ލިބުނެވެ.

"
ވަގުތުފާއިތުވެގެން ދާތީ........ނަވީން ތިހެން ނުހުރެ މިކަމާ އުޅެންވީނު.......؟" ކިތަންމެ އާދައިގެ ގޮތަކަށް ބުނެލިނަމަވެސް ނަވީންގެ ކިބައިން ޚާލިދު އެދުނީ ގޮތްދޫކޮށްފައި ނަވީންގެ އަމިއްލަ ކައިވެނި ސަލާމަތްކުރަން މަސައްކަތް ކުރުމަށެވެ. 

ނަވީންވެސް ވިސްނީ އޭނަ އެކަމާ ހަގީގަތުގައިވެސް އުޅެން ވެއްޖެ ކަމެވެ. ޚާލިދު އެބުނިހެން ގޮތްދޫކުރަން ވެއްޖެ ކަމެވެ.

ނަމަވެސް ލޮލަށްވެސް ނުފެންނަ ހިސާބުގައި ހުރި މީހަކު ގެނައުމުގެކަންތަކާ އުޅެން މީހަކު ވަކި ކުރާނީ ކީއްހެއްޔެވެ؟ ދިމާވާނެ ހަމަ އެކަނި ގޮތަކަށް އޮތީ އިންޓަރނެޓެވެ. އެވެސް އަދި މެއިލްއެއް ކޮށްގެންނެވެ. ދެ ދުވަސްވަންދެން މެދުނުކެނޑި ނަވީން އެތަކެއް މެއިލް ކުރިއެވެ. އެއިން މެއިލްއަކަށް ޖަވާބު އާދޭތޯ އިރުއިރުކޮޅާ ބެލެވެއެވެ. އެހެންނަމަވެސް ހަމަ ހިލަމެއްވެސް ނެތެވެ.

ފޯން ނަންބަރު ޚާލިދުމެން އަތުން ހޯދަންވެސް އަދި ލިބުނަސް ގުޅަންވެސް ނަވީންގެ ގަސްތަކު ނެތެވެ.

އެހެންނަމަވެސް ކުރީދުވަހު ޚާލިދު އާއި ވާހަކަ ދެއްކުނުފަހުން، އެކަމުގައި ޚާލިދު ހުރީ ކޮންމެވެސް ވަރަކަށް އޭނައަށް ތާއީދުކުރާ ގޮތަށް ކަމަށްވާތީ، އެ ދުވަހުގެ ފަހުން އެ ވާހަކަ ދެއްކުމަށް ދޭތެރެއަކުން ޚާލިދުއަށް ގުޅާލެވެއެވެ. އިނާގެ ޚަބަރެއްވިތޯ ބެލެވުނެވެ. ޚާލިދު ބުނަމުން ދިޔައީ ޚަބަރު ވާ ކަމަށާއި އިންޑިޔާގައި ތިބި ތިމާގެ ބައެއް ކައިރީ އިނާ ހުރި ކަމަށެވެ. ދެހަފްތާ ވުމުން ކޮންމެ ގޮތެއްވިޔަސް އިނާ އަންނަން ޖެހޭނެ ކަމަށާއި އެހާ ތަނަށް ޖެހެންދެން ކެތްކުރުމަށް ޚާލިދުވެސް ދިޔައީ ނަވީނަށް ހިތްވަރު ދެމުންނެވެ. އަދި ހަމަ އެއިން ކޮންމެ ފަހަރަކުމެ، އިނާ އާއި ނަވީން އާއި ދެމެދު މި މައްސަލައެއް އުފެދިގެން އުޅެނީ ކީއްވެގެންތޯ ޚާލިދުއަށް ސުވާލު ކުރެވެއެވެ.
ކަންވީގޮތް އެނގިހުރެވެސް ޚާލިދު އެ ސުވާލު ކުރަމުން ދިޔައީ އެކަމާއި ވިސްނުމަށް ނަވީނަށް މަޖްބޫރު ކުރުވުމުގެ ގޮތުންނެވެ. 

** ** ** ** ** ** **

ހަވީރު ފަހެއް ޖަހަނީއެވެ. ލީނާ ތައްޔާރުވަމުން ދަނީ ރައްޓެހި ކުދިބަޔަކު އަންނާތީ އެމީހުންނާ އިސްތިގްބާލް ކުރުމަށެވެ. މޭކަޕްކޮށް ނިމިގެން ތެދުވިތަނާ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާފައި ވައިރޯޅިއެއްހެން މީހަކު ވަދެއްޖެއެވެ. ބަލާލިއިރު އެއީ ނަވީންއެވެ. 

ޗުއްޓީގެ ހަފްތާއެއް ހޭދަކުރަމުން ދިޔަ ނަމަވެސް ދުވާލުގެ ގިނަ ވަގުތު ނަވީން ހޭދަކުރަނީ އޮފީހުގައިކަން ލީނާއަށް އެނގެއެވެ. މިހާރުވެސް އެއައީ މިއަދަށް އޮފީސް ނިންމާލާފައިކަން ލީނާއަށް ފަސޭހައިން ވިސްނައިގަނެވުނެވެ.

މީގެ ހަފްތާއެއްކުރިން ނަވީންގެ ކޮޓަރިން އޭނަ ނެރެ އެއްލާލީ އޭނަ ދެކެ ނަވީން ރުޅިއައިސްގެން ކަމަށްވިޔަސް، އެއް ހަފްތާ ވެގެން ދިޔައިރު އެއީ ގާތް ދެ ރައްޓެހިންނަށް ވަނީ ވެފައެވެ. 
ފުރަތަމަ ދެ ދުވަހަކު ނަވީން ގެއިން ނުކުންނަ ކޮންމެ ފަހަރަކު އޭނަގެ ޚަބަރު ބަލާލާފައި ދިއުމަށް ނަވީންގެ މަންމަ ނަވީންގެ ކިބައިން އެދޭތީ، އެއިން ކޮންމެ ފަހަރަކު ނަވީން ދަނީ އެގެއަށް ވަދެލާފައެވެ. އޭނަގެ ޚަބަރު ބަލާފައި މަންމައަށް ގުޅާފައި ބުނެފައެވެ. މަންމަ ބުނީމަ ކުރަންޖެހޭ ކުރާ ކަމެއް ގޮތުގައްޔާއި އޭނަގެ އަތެއްވެސް އެކަމުގައި ވާކަމަށް ކުޑަކޮށް ގަބޫލުކުރާތީއެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ފުރަތަމަ ދެ ދުވަހު އަދި ޖެހިގެން އައި ދެދުވަހުވެސް އެގެއަށް ދިޔައީ މަންމަ އެހެން ކިޔާވަރުން ކަމަށް ވިޔަސް، ފަހުން ފަހުން އައިސް ބުނުމަކާ ނުލާވެސް ގެއިން ނުކުންނަ ކޮންމެ ފަހަރަކު ލީނާގެ ޚަބަރު ބަލާލަން ނަވީންއަށް އެގެއަށް ވަދެވެން ފެށުމެވެ. އެތައް އިރަކު ބޭރުގައި އުޅެ އުޅެފައި އައިސް ގެކައިރިއަށް ކާރު މަޑުކޮށްލާއިރު ޖެހިގެން ހުންނަ ލީނާގެ ގެ ފެންނާތީ، އެގެއަށް ނުވަދެ ނަވީނަކަށް ނުދެވެއެވެ. 

އެހެންކަމުން އޭނަގެ ގެއިން، އޭނަގެ ކޮޓަރި ތެރެއިން އެގޮތަށް ނަވީން ފެނުމަކީ މިހާރު އޭނައަށް ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިފަހަރު ނަވީން އެއައީ އޭނަގެ ހާލު ބެލުމަށްވުރެ ބޮޑަށް ނަވީންގެ އަމިއްލަ ހާލު އޭނަ ލައްވާ ބަލުވަން ހެން ލީނާއަށް ހީވީ ކޮޓަރިއަށް ވަންގޮތަށް ވަދެފައި އޭނަގެ އެނދުމައްޗަށް ހުރަހަށް ނަވީން ވެއްޓިގަތުމުންނެވެ. 

"
ނަވީން.........ކަމެއް...." ލީނާ ބުނަން އުޅުނެވެ. އިންތަނުން ތެދުވަމުންނެވެ.
"
ޕްލީޒް............ގެއަށް ނުވަދެ މިއައީވެސް މަންމަ އެކި އެކި ސުވާލުކުރާނެތީ.......އިހަށް ރެސްޓެއް ނެގިޔަދީ.......މަންމަ ކައިރީ ނުބުނާތި އަހަރެން މިގޭގައި އޮތް ވާހަކަ. އެހެންނޫނީ މިގެއަށްވެސް މަންމަ އަންނާނެ. " ނިތްކުރިމަތީގައި އެއް އަތުން ބާރަށް ހިފަހައްޓާލަމުން އެ އޮތްގޮތަށް އޮވެ ނަވީން ބުނެލިއެވެ. 
ލީނާ އެއްޗެއް ނުބުނެއެވެ. ނަމަވެސް އައިސް އެނދުކައިރީގައި ނަވީނާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެލެވުނެވެ. ލޯމަރާލާއިގެން ނަވީން އޮތް ގޮތުން ކޮންމެވެސް ކަމަކާ ވަރަށް ބޮލަށް އުނދަގޫވެފަ ހުރި ހެން ހީވެއެވެ. 

"
އެހެންވެއްޖިއްޔާ ތިހެން ނޯވެ ރީތިކޮށް އޮށޯންނަންވީނު....." ނަވީން ކައިރީގައި އެނދުގައި އިށީނދެލަމުން ލީނާ ބުނެލިއެވެ. ނަވީންއަށް ވެގެން އުޅެނީ ކީއްކަމެއް އަދި ނޭނގުނު ނަމަވެސް، ކޮންމެވެސް ކަމަކާ ނަވީން ހުންނަނީ ވަރަށް ފިކުރުބޮޑުވެފައި ކަން އެނގޭތީ ނަވީންގެ އެ ހާލުގެ މައްޗަށް ލީނާއަށް ހަމްދަރްދީ ވެވުނެވެ.

1 comments:

Hi all readers....welcome to my blog. mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

Post a Comment