ﷲ ގެ ރަހްމަތްފުޅުން ދުޅަހެޔޮ ސިއްޙަތެއްގައި އުޅެމުން އައި އަޅުގަނޑުގެ މި ކޮއްކޮ، ނާއީ އަކީ އުފަންވީދުވަހުއްސުރެން ފުރައިގެން އިންޑިޔާއަށް ދިއުމާ ހަމައަށްވެސް އަޅުގަނޑާއެކު އެއް އެޕާރޓްމަންޓެއްގައި
އުޅެމުން އައި ކުއްޖެކެވެ. ގިނަ ވަގުތުތަކެއް އަޅުގަނޑާއިއެކު ހޭދަކޮށް، އެންމެ ތުއްތު އިރުއްސުރެން އަޅުގަނޑާއި ދޭތެރޭގައި އެ ތުއްތު ހިތުގައި އޮތް ބޮޑު ޝައުގެއްގެ ސަބަބުން، ނާއީގެ ދިރިއުޅުމުގެ އެންމެ މުހިއްމު ބައެއްކަމަށްވާ މަންމަ އާއި ބައްޕައަށްފަހު އެންމެ ގާތްކޮށް އުޅެމުން އައީ އަޅުގަނޑާއެކުގައެވެ. އޭގެ ސަބަބުން އަޅުގަނޑުގެ ދަރިއަކު ދެކެ ވެވޭނެ ލޯބިފަދަ ލޯތްބެއް އަޅުގަނޑުވެސް އައީ މި މައުސޫމް، ބަސްއަހާ ނާއީ ދެކެ ވެވެމުންނެވެ.
ނާއީގެ ކޮންމެ ދުވަހެއް ފެށިގެން އައީ ހެނދުނު ސްކޫލަށް ދާ ހިސާބުންނެވެ. އަޅުގަނޑުގެ ދުވަސް އޮފީސް މަސައްކަތުން ފެށޭ ފަދައިންނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އަޅުގަނޑު ގެއަށް ދާނެ އިރަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ނާއީ އިންތިޒާރު ކުރާނެއެވެ. ކޮންމެވެސް ހަދިޔާއެއް، ކޮންމެވެސް ފޮތެއް ގެންނާނެކަން ނުވަތަ ކޮންމެވެސް ޚާއްޞަ ކަމެއް ނާއީއަށްޓަކައި އަޅުގަނޑު އަންނާނީ ކޮށްގެންކަން ނާއީއަށް އަބަދުވެސް ޔަގީން ވެއެވެ. ރޭގަނޑު އަޅުގަނޑަށް ގެއަށް ނުދެވެނީސް ނިދުމަށް ކަނޑައެޅިގެން އިންކާރުކޮށް، ނާއީގެ މަންމަ (އަޅުގަނޑުގެ ދައްތަ) ކައިރީ އެދިގެން ހޭލާ ހުންނާނެއެވެ. ނިންދަވަން އެނދުގައި ބާއްވާފައި އޮތަސްވެސް އަޅުގަނޑުގެ ފައިވާނުގެ އަޑު ސިޑިމަތިން އިވޭނެ އިރެއްގެ އިންތިޒާރު ނާއީ ކުރާނެއެވެ.
ނާއީގެ ސްކޫލް ކަންތަކާއި އެހެނިހެން ކަންތަކަށްފަހު، ނާއީގެ ހުސްވަގުތު ހިތްހަމަ ޖައްސާލަންވެސް ނާއީ އައިސް އުޅޭނީ އަޅުގަނޑުގެ ކޮޓަރީގައެވެ. ކޮމިކް ފަދަ ނުވަތަ ކުދި ވާހަކަފޮތްތައް ކިއުންފަދަ ކަންތައް ކުރަން ނާއީ އަބަދުވެސް އައިސް އޮންނާނީ އަޅުގަނޑުގެ އެނދުގައެވެ. އަޅުގަނޑުމެން އުޅެމުން އަންނަ އެޕާރޓްމަންޓްގައި ކުޑަދޮރެއް ހުންނަނީ އަޅުގަނޑުގެ ކޮޓަރީގައި އެކަނި ކަމަށް ވާތީ، ހަވީރުގެ ހިތްފަސޭހަ ގަޑީގައްޔާއި ވާރޭ ވެހޭއިރުތަކުގައި ކޮންމެހެންވެސް ހަދާފަ އަޅުގަނޑުގެ ކޮޓަރީ ކުޑަދޮރުން ބޭރު ބަލަން ނާއީ އަންނާނެއެވެ. ނައިއްސިއްޔާ ޚުދު އަޅުގަނޑަށް ގޮވައިގެންވެސް ނާއީ ގެނެވެއެވެ. ހުކުރު ހޮނިހިރު ދުވަހަކީ އެގޮތުން އަޅުގަނޑުމެން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރެވިފައި ހުރި ދުވަސް ތަކެވެ.
އެގޮތުން ހުކުރު ހޮނިހިރު ދުވަހު، ހަފްތާގެ އެހެން ދުވަސްތަކަށްވުރެ ރަނގަޅަށް ކެއްކުމަކީ ނާއީ ވަރަށް އުފާވާ ކަމެކެވެ. ޚާއްޞަ ގޮތެއްގައި އަޅުގަނޑު ކައްކާ ކާއެއްޗެއް، ނާއީއަށް ދުވަހަކުވެސް ނޯޅެއެވެ. ރަހަބަލާލާފައި، މިއަދު ކެއްކީ ސޮފައްތަ ދޯއޭ ނާއީ ބުނެލާނީ ޔަގީން ކަމާއެކުގައެވެ. ޚާއްޞަ ގޮތެއްގައި އޮލަކޮށް މީރުކޮށް ކައްކާފައި ހުންނަ ރިހަ އާއި ތެލުލި ކުކުޅާއި މިފަދަ ބާވަތްތަކަކީ، ހަމަ އެކަނި ނާއީ ހިތްހަމަޖައްސައިދޭންވެސް އަޅުގަނޑު ކައްކައިދިން ތަކެއްޗެވެ. ނާއީއަކީ އަބަދުވެސް ކޮންމެ ތަނަކަށްވެސް އުފާވެރިކަން ގެނުވި ކުއްޖެކެވެ.
ފިރިހެން ކުއްޖެއް ކަމަކު، އަމިއްލައަށް ފެނިގެން، ދަސްކުރާހިތުން ނާއީއަކީ ގޭތެރޭގެ ކުދިކުދި މަސައްކަތްތައްވެސް ކުރި ކުއްޖެކެވެ. އެގޮތުން ގެއިން މީހަކު ހުނިގާނަން އުޅޭ ކޮންމެ ފަހަރަކު "އެއްކިބަ......ޕްލީޒް އެއްކިބަ......ނާއީއަށް އެނގޭނެއޭ....ޕްލީޒް" މިހެން ބުނެ ކޮންމެހެންވެސް ނާއީ އެއްކިބައިން ހުނި ގާނާނެއެވެ. ފިހިގަނޑުގައި ރަނގަޅަށް ހިފަން ނޭނގޭއިރުވެސް ސިޓިންގރޫމްގައި ކުނިކޮޅެއް އޮވެއްޖެއްޔާ، އެންމެ ތުއްތު އިރުވެސް ކުނިކަހަން މަސައްކަތް ކުރިއެވެ. ގޭތެރޭގެ ތަނެއްގައި ލާރިއެއް އުކާލެވިފައި އޮވެއްޖެއްޔާ، ގެންގޮސް ކޮއިން އަޅާ ފުޅިޔަށް އަޅާނެއެވެ. އަބަދުވެސް "މަނީ ލިބެނީ ވަރަށް ގިނަ އިރު މަންމަ އާއި ބައްޕަ އޮފީހުގަ ހުރެގެން....އެއްލާލާކަށް ނުވާނެ....ކޮއިންތައް ގިނަ ވީމަ އެއްޗިހި ގަނެވޭނެ" މިހެން ބުނެ ވަކިލާރި ފުޅިޔަށް އަޅާނެއެވެ.
ވަކި މިވެނި ސިފައެއް ނޫނެވެ. ނާއީގެ ކޮންމެ އަމަލަކީ، ކޮންމެ އާދައަކީ، ކޮންމެ ސިފައަކީވެސް މީހުން ލޯބިވާފަދަ ކަންތަކެވެ. ނާއީގެ މަންމަ އާއި ބައްޕަގެ ފަރާތުން ނާއީއަށް ލިބިފައިވަނީ ރީތި އަޚްލާގަކާއި ވިސްނުންތެރި ގޮތެކެވެ. އޭގެ އިތުރުން ނާއީއާއެކު އުޅެމުން އައި ހަމަ އެކަނި ބަޔަކީ އަޅުގަނޑާއި އަޅުގަނޑުގެ ކޮއްކޮ ކަމަށް ވުމުން، އަޅުގަނޑުމެންގެ ފަރާތުން ނާއީ ވަނީ ރީތި ގޮތްތައް ދަސްކޮށް، ބަސްއަހާ ކުއްޖަކަށް ވެފައެވެ.
އަޅުގަނޑުގެ ކޮންމެ ދުވަހަކީވެސް ނާއީއާއެކު ހޭދަ ކުރެވުނު ދުވަހެކެވެ. ކޮންމެ ރެއަކީވެސް ނިދަން ދިއުމުގެ ކުރިން އަޅުގަނޑަށް ރޭގަނޑުގެ ސަލާމް ކޮށްފައި ނާއީ ނިދި ދުވަހެކެވެ. 8 އަހަރު ވޭތުވެގެން ދިޔައީ އެގޮތުގައެވެ.
ނަމަވެސް މިއަދު.................
މިދިޔަ 2010 ވަނަ އަހަރުގެ ޖުލައި މަހުގައި ނާއީގެ ބަނޑެއްގައި ރިއްސަން ފެށުމުން މާލޭގެ އެއްވެސް ޑޮކްޓަރަކަށް އޭގެ ސަބަބު ނޭނގުމުން ނާއީގެ މަންމަ އާއި ބައްޕަ (އަޅުގަނޑުގެ ދައްތަ އާއި ޅިޔަނު) ވަނީ ނާއީ ގޮވައިގެން އިންޑިޔާއަށް ފުރައިގެން ގޮސްފައެވެ. ދިޔަތާ މާގިނަދުވަހެއް ނުވެ ނާއީގެ ކޭސް އަކީ ކެންސަރުގެ ކޭސްއެއް ކަމަށް ޑޮކްޓަރުން ބުނުމުގެ ސަބަބުން އެހިސާބުން ފެށިގެން އަންނަނީ ފަރުވާ ދެމުންނެވެ.
އޭގެ ފަހުން ނާއީގެ މަންމަ އާއި ބައްޕަގެ ވަޒީފާ ގެއްލިގެން ދިޔައިރުވެސް، ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށްލާފައި އެ ދެމަފިރިން އައީ، އެދެމަފިރިންގެ މަސައްކަތުން ރައްކާކުރެވިފައިވާ ފައިސާ ކޮޅާއި އާއިލާގެ އެހެނިހެން ބެއިންބެއިންގެ އެހީތެރިކަމާއެކު ނާއީގެ ބައްޔަށް ހޯދެން އޮތްހާ ފަރުވާއެއް ހޯދަމުންނެވެ.
ނަމަވެސް ދެތިންފަހަރެއްގެ މަތިން ނާއީގެ ހާލު ވ.ބޮޑަށް ސީރިއަސްވެ ނާއީގެ ފަހު ނޭވާ ނުކުމެދާނެއޭ ހީވެގެން ދިޔައެވެ. ހިތަށާއި ފުރާނައަށް ކެތް ނުވެގެން ޚުދު އަޅުގަނޑުވެސް 2010 ގެ އޮކްޓޯބަރުގައި، ނާއީގެ ހާލު ލޮލުން ދެކެލަން ނާއީކައިރިއަށް އިންޑިޔާއަށް ދިޔައީމެވެ.
ކުޅަދުންވަންތަ ކަމާއެވެ. ............
އެފަދަ ބައްޔެއް، އެފަދަ ވޭނެއް އެއްވެސް ދެވަނަ އިންސާނަކަށް އުފުލަން ނުޖައްސަވާނދޭވެ...!! އާމީން...!!
އަޅުގަނޑު އިންޑިޔާއަށް ދިއުމުގެ ކުރިންވެސް ނާއީގެ ފޮޓޯ ފެނި ދުވަހުން ދުވަހަށް ޚަބަރު ލިބެމުން ދިޔައިރުވެސް، ނާއީގެ ހާލު އަސްލު ލޮލަށް ފެނުމުން ހިތަށް ލިބުނު ތަދާއި ވޭނަކީ ގަލަމަކުން ބަސްތަކަކުން އަދި ދުލަކުންވެސް އަޅުގަނޑަށް ބަޔާންކޮށްދެވޭނެ ކަންތަކެއް ނޫނެވެ. އޭރު ނާއީގެ ހާލަކީ ހަމަ ކޮންމެ ހިނދެއްގައިވެސް ފުރާނަ ނުކުމެދާނެ ހާލެކެވެ. ނާއީއާއެކު ޚުދު އަޅުގަނޑުގެ ފުރާނަވެސް އަޅުގަނޑުގެ ހަށިގަނޑާ ވަކިވެދާނެއޭ ހީވި އެތަކެއް ސަތޭކަ ފަހަރެއް، އަޅުގަނޑު އިންޑިޔާގައި ހުރި އެދުވަސްތަކުގައި އައެވެ.
ނާއީއަށް އެއްވެސް އެއްޗެއް ނުކެވެއެވެ. ފެންފޮދެއްވެސް ބޮވެނީ ބައިގަޑިން އެތިފޮދެކެވެ. ތެދުވެ އިށީނދެވެސް ނީދެވެއެވެ. ކޮޅަށް ހުރުމަކީ ސުވާލުވެސް ނުއުފެދޭ ކަމެކެވެ. ހިކިގެންގޮސް ސިފަ ކުރަން ނޭނގޭވަރަށް ހިކި، ކަށީގައި ހަން ތަތްވެފައެވެ. ކުރީގެ އެ ރީތި ހަމުގެ ބަދަލުގައި ގައިގެ ހަން އެކަށް އަނދާފައެވެ. ދެފައިތިލަ އެއްކޮށް ފަޅަފަޅައިގެން ގޮސްފައެވެ. ބޮލަކު ލޮލަކު އިސްތަށްޓެއް ނެތެވެ. ގައިގައި ވޭން ނާޅާ ހަމަ އެންމެ ކަށްޓެއްވެސް ނާރެއްވެސް ނެތެވެ. އަބަދު އަބަދު ރޯލަރޯލައެވެ. ބާރަށް ރޯލާނެ ހިތްވަރުވެސް ގައިގަ ނެތުމުން މަޑުމަޑުން ވޭނުންފުރިގެންވާ ރުއިމަކުން ރޯލަ ރޯލައެވެ.
އެކަމަކުވެސް އަޅުގަނޑު ފެނުމުން...."ސޮފައްތަ މާ ލަސްވީ ކީއްވެ" މިހެން އެހިއެވެ.
އެ މައުސޫމް ސުވާލުން އަޅުގަނޑަށް އެތައް މާނައެއް ނެގުނެވެ. ހިތް ފަޅައިގެން ދިޔައެވެ. ލޮލުން ކަރުނަ އޮހިގަތީ، ނާއީގެ ސިފަ ރަނގަޅަށް ސިކުނޑިއަށް ނަގައިވެސް ނުގަނެވެނީހެވެ.
އެކަމަކުވެސް............
އަޅުގަނޑަކީ އެތަނުގައި ނާއީއަށްޓަކައި އެއްވެސް އެހީއެއް ވެދެވޭނެ މީހަކަށް ނުވިއެވެ. ނާއީގެ މަންމަ އާއި ބައްޕަ އެކޭ އެއްފަދައިން އަޅުގަނޑުވެސް ވެގެން ދިޔައީ އަބަދު ލޮލުން ކަރުނަ ފައިބަ ފައިބާ މަޑުމަޑުން ނާއީގެ ގައިގައި ފިރުމާލަ ފިރުމާލަ އިންނަ މީހަކަށެވެ. މިހެން ބުނާއިރުވެސް ބުނަމެވެ. ތުއްތު ކުއްޖެއްގެ ބީހުންހާ މަޑުމަޑުން ނާއިގެ ގައިގަ ތަނެއްގަ އަތްލިޔަސް ނާއީއަށް ތަދުވެގެން ރޮއިގަނެވެއެވެ. ލޯބިންވެސް އަތްތިލައަކު ހިފާ ނުލެވެއެވެ. ނާއީއަށް ތަދުވާވަރުންނެވެ. އެތަކެއް ކީމޯތެރަޕީ ދިނުމުގެ ސަބަބުން ގައިގެ ހުރިހާ ކަށްޓެއް މުރަނަވެފައި ހުރުމުގެ ސަބަބުން ކިރިޔާވެސް އަތްތިލައިގަ ހިފާލައިފިއްޔާވެސް ކަށިތައް ފުނޑުފުނޑުވެދާނެކަމުގެ ބިރު އޮވެއެވެ.
ނާއީގެ ތިންވަނަ އޮޕަރޭޝަން ކުރީވެސް އަޅުގަނޑު އެކޮޅުގައި ހުއްޓައެވެ.......
އޭގެ ތަފްޞީލަށް ދިއުމަކީ އަޅުގަނޑަށް ކުޅަދާނަ ކަމެއް ނޫނެވެ. ފޮޓޯތައް ފޭސްބުކުން ތިބޭފުޅުންނަށް ފެންނަން އެހެރީއެވެ.
ނާއީ ކައިރީ އެކޮޅުގައި ހުރުމަށް ހިތް އެދުނު ނަމަވެސް ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަން ޖެހޭތީ އާއި އުޅޭތަނަށް ކުލި ދައްކަން ޖެހޭތީ ވަޒީފާ ވެފައި އޮތީ އަޅުގަނޑަށް ވަރަށް މުހިއްމު އެއްޗަކަށެވެ. އެހެންކަމުން ދައްތަ އާއި ޅިޔަންބެ ދިއުމުން އަޅުގަނޑު މަޑުކުރީ މާލޭގައެވެ. ދައްތަގެ ދޮށީދަރިފުޅު ނުހާ ބެލުމުގެ ޒިންމާ، އަޅުގަނޑު ދެކުނީ އަޅުގަނޑުގެ ވާޖިބެއް ކަމުގައެވެ. އަޅުގަނޑުގެ ދައްތަ އަޅުގަނޑަށްޓަކައި ވެދީފައިވާ އެހީތަކާއި، ދިން އޯގާތެރިކަމާއި ދިން ލޯބީގެ ބަދަލަކީ ދުވަހަކުވެސް އަޅުގަނޑަށް ދެވޭނެ އެއްޗެއް ނޫންކަން ޔަގީނެވެ. ނަމަވެސް އަޅުގަނޑު އައީ އަޅުގަނޑުގެ ފަރާތުން އެ ދައްތައަށްޓަކައި ވެދެވެން އޮތްކަމެއް ވަމުންނެވެ. ނާއީގެ ހާލު ރަނގަޅުވެގެން އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކޮންމެ ދުވަހެއް އަޅުގަނޑު ހޭދަކުރީ ހިތްވަރާއެކުގައެވެ. އެކަނި މާއެކަންޏެވެ. އެއްވެސް ބޮޑުމީހެއްގެ އެހީތެރިކަމެއް، އައިސް ވަދެލާފަ ހާލު ބަލާލާނެ މީހެއްވެސް ނެތި އެކަނިވެރިކަމުގައެވެ.
އެހުރިހާ ދުވަހެއްގައި އަޅުގަނޑުގެ ހިތްވަރަކަށް ވެފައި އޮތީ އަޅުގަނޑުގެ ހިތުގައި ﷲ އަށްޓަކައި އޮތް ޔަގީންކަމާއި އިތުބާރެވެ. ނާއީއަށްޓަކައި ކޮންމެދުވަހަކުވެސް އަޅުގަނޑު ކުރަމުން އައި ދުޢާ ތަކުން އަޅުގަނޑު އައީ ތެދުވެ އުޅުމަށްޓަކައި ހިތްވަރު ހޯދަމުންނެވެ. މިންވަރަށް ޝުކުރު ކުރަމުންނެވެ.
އެގޮތުން އައިސް 2011 ވެސް ފެށި ޖޫންމަސް ފެށުނު އިރު ލިބުނު އުފާވެރި ޚަބަރަކީ، ނާއީގެ ހަށިގަނޑުގައި ކެންސަރު ޖެހުނު ތަނަށް ފަރުވާ ދީ، މިހާރު ރަނގަޅުވެފައިވާ ކަމަށާއި މި ޖުލައި މަހު ނާއީއަށް މާލެ އާދެވޭނެ ވާހަކައެވެ. އަދި އޭގެ 3 މަސްފަހުން އަލުން ޗެކަޕް ހެދުމަށް އިންޑިޔާއަށް އަނބުރާ އައުމަށެވެ.
މިއީ މި ފާއިތުވި އެއް އަހަރުތެރޭ ލިބުނު ހަމަ އެކަނި އުފާވެރި ޚަބަރެވެ. އާއިލާ އެންމެންވެސް އުފާކުރިއެވެ. ނާއީ އަންނާނެ ދުވަހަކަށް ކަންތައްތައް ތައްޔާރު ކުރަން ފެށިއެވެ.
ނަމަވެސް.................
ހުރިހާ ކަމެއްގެ ހަގީގަތާއި ސިއްރު ދެނެވޮޑިގެންވަނީ ހަމަ އެކަނި މާތް ﷲ އެވެ. އެކަލާނގެއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ އެންމެ އޯގާތެރި ކަލާނގެއެވެ.
މި ދެންނެވި އުފާވެރި ޚަބަރު ލިބުނުތާ މާގިނަދުވަހެއް ނުވެ، ޖެހިގެން އައި ހަފްތާގައި ލިބުނު ޚަބަރަކީ، ނާއީއަށް ދޭންވާ ހުރިހާ ފަރުވާއެއް ދީ، ކެންސަރު ޖެހުނު ތަނުން ކެންސަރު ފިލިކަން ޔަގީންވިފަހުން، ފައިނަލް ޓެސްޓެއްގެ ގޮތުން ހެދި ޓެސްޓުން، ނާއީގެ ހާލު އިތުރަށް ގޯސްވެއްޖެކަމެވެ.
ނާއީގެ މެޔާއި އަދިވެސް އެހެން ދިމާތަކުން ކެންސަރުގެ އަލާމާތް ފެނި ޑޮކްޓަރުންގެ އުއްމީދު ފަނޑުވެއްޖެއެވެ. 3 ދުވަސްވަންދެން ޑޮކްޓަރުން ހެދި އެކިއެކި ތަހްލީލްތަކަށްފަހު، ޑޮކްޓަރުންގެ ފަރާތުން ލިބުނީ ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަވެރި ޚަބަރު ތަކެވެ.
ނާއީގެ ހާލު ނޭނގެނީ ނާއީއަށް އެކަންޏެވެ. އާއިލާ އެންމެން ނާއީއަށްޓަކައި ހިތާމަ ކުރަނީއެވެ. ނާއީއަށް ފަރުވާ ދިނުމަށްޓަކައި އެހެން ހޮސްޕިޓަލަކަށް ނުވަތަ އެހެން ގައުމަކަށްވެސް ދާން ބޭނުން ވެއެވެ. އެކަމަކު އެފަދަ ތަނަވަސްކަމެއް އަޅުގަނޑުމެންގެ އާއިލާއަކު މިހާރަކު ނެތެވެ. އެއްއަހަރު ވަންދެން އާއިލާގެ އެންމެންގެ އެހީތެރިކަމާއެކު ކުރަމުން އައި ހިތްވަރު އެލި ހިތާމައިގެ ޚަބަރުތައް އަނެއްކާވެސް އިވުނުއިރު، އިތުރު ފަރުވާއެއް ދެވޭ ވަރަކަށް ފައިސާގެ ތަނަވަސްކަމެއް ނެތެވެ.
އަޅުގަނޑު އެދެނީ އަޅުގަނޑުގެ މި ކޮއްކޮއަށްޓަކައި ތިޔަ ކިއުންތެރިންގެ ހެޔޮ ދުޢާ އާއި އެހީތެރިކަމުގެ އަތެކެވެ. އަޅުގަނޑުގެ މި ކޮއްކޮ އާއި ދޭތެރޭ ޑޮކްޓަރުން ނާއުއްމީދުވި ކަމުގައި ވިޔަސް، ބަލި ގެންދަވަނީވެސް ބަލި ޖެއްސެވި ފަރާތުންކަން އެއީ ޔަގީން ކަމެކެވެ. ފިއްލަވަން ހުރި ބައްޔެއް ފިއްލަވަން ވެއްޖެނަމަ ލަހެއްފަހެއް އެކަމުގައި ނުވެއެވެ. މިއީ އަޅުގަނޑުގެ ޢަޤީދާއެވެ.
ވީމާ، ތިޔަ ހުރިހާ ކިއުންތެރިންގެ ފަރާތުން ނާއީއަށް ތާއަބަދުގެ ހެޔޮ ދުޢާއާއި މިބަލިން ނާއީ ސަލާމަތްކޮށްދެއްވުން އެދި އެކަލާނގެ ހަޟްރަތުގައި ދަންނަވައިދެއްވުން އެދި އާދޭހާއެކު ދަންނަވަމެވެ.
އިޚްލާޞްތެރި ހިތަކުން ހެޔޮ ދުޢާއާއި ޝިފާއަށް އެދި ދުޢާކޮށްދެވުން އެދި އާދޭހާއެކު ދަންނަވަމެވެ.
ނާއީގެ އިތުރު މަޢުލޫމާތު ތިރީގައި މި ދަންނަވާ ސައިޓްތަކުން ތިބޭފުޅުންނަށް ލިބެން ހުންނާނެއެވެ.
http://dhiislam.com/?p=15968
http://www.facebook.com/pages/Help-8yrs-Naaif-Need-Donation-4-Cancer-patients/231795276836509
114
ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް
ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
ނާޢީ އަށް އަވަސް ސިފާއެއް ދެއްވާށި! އާމީން
އަޅެ....ރޮވިއްޖެ ރަނގަޅަށްވެސް..އަޅުގަނޑު
ނާއީއަށް އަވަސް ޝިފާއެއް ލިބުން އެދި ދުޢާކުރާނަން...
މިއީދޯ ސޮފާ އަބަދު ދެރަ ވެފަ ވާހަކަ އަޕްނުވާ
ސަބަބު...އިރާދަކުރެއްވިއްޔާ އުފާވެރިކަމާޢި ފާގަތިކަން ތިބާޢަށް ލިބޭނެ
ސޮފާއަށާއި ސޮފާގެ އާއިލާއަށް މިކަމުގައި ކެތްތެރިކަން
ދެއްވާށި.އާމީން. ﷲ އިރާދަ ކުރެއްވިޔާ ވަރަށް އަވަހަށް ތި ނުރައްކާތެރި ބަލިން ސޮފާގެ
ކޮއްކޮ ސަލާމަތް ކުރައްވާނެ.
ޔާނާގެ ހެޔޮ ދުވާ އަބަދުވެސް ސޮފާ އަދި ތި އާއިލާ އާއެކު.
ހަމަކަށަވަރުން ބަލިޖައްސަވާ އަދި އެބަލިން ފަސޭހަ ކުރައްވާ
އިލާހަކީ ގަދަކީރިތިވަންތަ ﷲ. ހުރިހާ ކަމަކަށްމެ ކުޅަނދުންވަންތަ އިލާހު. ޔާ ﷲ.
މުޙައްމަދު ނާއިފް އަޙުމަދު
އަށް އަވަސް ޝިފާއަށް މިންވަރު ކުރައްވާނދޭވެ! އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވާނަމައެވެ.. އިބަ ﷲއީ
ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ހުރިހާ ކަމެއްގެ ޢިލްމު ލިބިވޮޑިގެންވާ
އިލާހެވެ. އަދި ނާއިފްގެ
އާއިލާއަށް ކެތްތެރިކަން ދެއްވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސްލަމްގެ ނަމޫނާގައި ހިފައި އެކަލޭގެފާނު
ކެތްތެރިވި ފަދަ މަތިވެރި ވަރުގަދަ ކެތްތެރިވުމަކުން ކެތްތެރިވާ ބައެއް ކަމުގައި
ލައްވާނދޭވެ!! ހަމަކަށަވަރުން
އެކަލޭގެފާނަކީ އެކަލޭގެފާނުގެ ދަރިކަލުން އިބްރާހީމްގެ ފާނު އެކަލޭގެފާނުގެ އަތްޕުޅުމަތީގައި ފަހުނޭވާ
ދޫކުރެއްވި ވަގުތު ކެތްތެރިވެ
ﷲއަށް ވަކީލު ކުރި ކެތްތެރިވުމުގެ ލާމަސީލު މިސާލު ދެއްކެވި ރަސޫލާއެވެ!! އަޅުގަނޑުމެން މުސްލިމުންނަކީ އެހެން
މުސްލިމުންގެ ވޭނާއި ހިތްދަތިކަމުގައި އެމީހުންނެކޭ އެއްފަދައިން އެކަމުގައި ބައިވެރި ވާންޖެހޭ
ބައެއް. ހަމަކަށަވަރުން
މުސްލިމުންގެ މިސާލަކީ ހަށިގަނޑުގެ މިސާލު. އެހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅާނަމަ މުޅިހަށިގަނޑު
އެވޭނުގައި ބައިވެރިވޭ. މުސްލިމް
އަޚުންނާއި އުޚުތުންނޭ.. ﷲއަށްޓަކައި އެއިލާހުގެ ރުއްސެވުމާއި ފުއްސެވުމަށް އެދޭ ޙާލު
ތިބާގެ އަޚާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ.. ﷲ ތަޢާލާ އަޅަމެންނީ އެއިލާހުގެ މަގުގައި
އެއިލާހުގެ ރުއްސެވުމާއި
ފުއްސެވުން އެދޭ ޙާލު އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ވިޔަފާރި ޤާފިލާ އެއްކޮށް މުސްލިމުންނަށް
ދޫކުރެއްވި ފަދައިން އެނަމޫނާ ބަލައިގަނެ އެއިން ހިތްވަރު ލިބިގަނެ އެގޮތުގައި ހޭދަކުރާ
ބައެއް ކަމުގައި ލައްވާށި.
އާމީން. އަޅަމެންނީ ފާފަތަކުން ތައުބާވާ ހުރިހާކަމެއްގައިމެ އިބަﷲއަށް ވަކީލުކުރާ ޞާލިޙް ބައެއް ކަމުގައި
ލައްވާށި... އާމީން ޔާ ރަޙުމާން
ޔާ ރަޙީމް...!!!
ނާއީ މާތްﷲގެ ރަހުމަތްފުޅުން އަވަސް ޝިފާއަކަށް
އެދެމެވެ.އާމީން އައިޝާ
މާތްﷲ އިރާދަ ފުޅުން ނާއީއަށް އަވަސް ޝިފާ ދެއްވުން އެދި
ދުޢާކުރަން... އަޅެ ވާހަކަތައް
ކިޔާ ހުރިހާ ކިޔުން ތެރިން ނާއީއަށް އެހީތެރި ކަމުގެ އަތެއް ދިއްކޮށްލަބަލަ....ވާހަކަ ތަކަށް ތި ތަރުހީބު
ދޭ ގޮތަށް މި ކަމަށް ވެސް ތަރުހީބުދީ އެހީވަމާ ހިނގާ...ހަމަ ގައިމުވެސް ކުޑޫ ވެސް
މިކަމުގަ ބައިވެރި ވާނަން...
ފުރާނައެއް ސަލާމަތް ކޮށްދިނުމަށް އެދި އެދިއްކޮށްލެވޭ މަދުފައިސާ ކޮޅުވެސް ވާނެ އެލިބޭ މީހުންނައް
ވަރަށް ބޮޑު ނިޢުމަތަކަށް. އެންމެން ވެސް އެހީވާނެކަމަށް އުއްމީދު ކުރަން!!!!!... މި
ކިޔާފަ ކުޑޫއަށް ރޮވުން....
އެހާވެސް އަސަރުކޮށްފި.
ނާއިފަށް އަވަސް ޝިފާއަކަށް އެދެން.
ސޮފާގެ ކޮއްކޮ ނާއިފް އަށް އަވަސް ޝިފާ އަކަށްއެދެން. އަދި
މިކަމުގައި ވެދެވުނު ވަރަކުން،
ތަނަވަސްކަން ހުރި މިންވަރަކުން އެހީވެދޭނަން. ދުޢާވެސްކުރަން. ހިތްވަރު ދެރަނުކުރޭ.
އިރާދަކުރެއްވިއްޔާ ރަގަޅުވާނެ.

No comments:
Post a Comment