Thursday, May 9, 2024

Bodaa Nafsu - Ep 7

ބޮޑާ ނަފްސު – 7 ވަނަ ބައި



ޒީނިޔާ ދިޔަ ފަހުން ފަސް ވަރަކަށް މިނެޓް ވީއިރުވެސް ޒީނިޔާގެ ޚަބަރެއް ނުވިއެވެ. ބަލަން އިން ފޯން ނަގާ ޖީބަށް ލައިގެން އަސީލް ކޮލަށް ތެދުވެއްޖެއެވެ. ޒީނިޔާ ވަދެގެން ދިޔަ ދޮރުން އޭނަވެސް ވަންނަންވީބާވައޭ އަސީލް ވިސްނާލިއެވެ. އެއީ އެކަމަކު ކޮން ދިމާލަކަށް ނުކުމެވޭ ދޮރެއްކަންވެސް އަސީލަކަށް ނޭނގެއެވެ.

ހަދާނެ ގޮތެއް ވިސްނާލަން ހުރެފައި މަޑުމަޑުން ހިނގާފައި ގޮސް އެ ދޮރު ކައިރިއަށް އަސީލް ހުއްޓިލިއެވެ. ދޮރުފަތުގެ މަތީބަގައިހުރީ ބިއްލޫރި ޖަހާފައެވެ. ދޮރުކައިރީ ހުއްޓިލުމުން އެ ބިއްލޫރި ޖަހާފައިހުރި ބައިން، އުނދަގުލެއް ނެތި އަސީލްއަށް ބޭރު ފެނެއެވެ. ދޮރުގެ އެފަރާތުން ފެނުނީ އަސީލް ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ. އަސީލް ދޮރު ހުޅުވާލިއެވެ.

ކުރިމަތިން ފެންނަނީ އެކިކަހަލަ ގަސްތަކެވެ. އަނދިރީގައި އެއީ ކޮންކަހަލަ ގަސްތަކެއްކަން ނޭނގުނުނަމަވެސް އެކި ދިމަދިމާލުގައި އެކި ވަރުވަރުގެ ގަސްތައް ވަރަށް ތަރުތީބުން ހުއްޓާ ފެނުނެވެ.ވެ. މާފޮޅިފައި ނެތް ގަހެއް މަދެވެ. ކުޑަވިޔަސް އެއީ ބަގީޗާއެކެވެ.

އަސީލް ރަނގަޅަށް ބަލާލިއެވެ. އެތާ ހުންނައިރު ގޭގެ މައި ދޮރާށިވެސް އެބަ ފެނެއެވެ. ރަނގަޅު ޕްލޭނަކަށް ހަދާފައި ހުރި ގެއެކެވެ. އެހާ ގަދަ އަލިކަމެއް ނެތެވެ. އެބަގީޗާއަށް ވެސް އެޅިފައިވަނީ މަގުމަތީގައި ހުރި ބޮކިއަލީގެ ފަނޑުއައްޔެވެ. ގަސްތަކުން ފުރިފައި ހުރި ކުޑަ ބަގީޗާއަކަށް އެންމެ ހިތްގައިމު ވަރުގެ އަލިކަމެކެވެ.

އަސީލްގެ ނަޒަރުގައި ޒީނިޔާ އަޅައިގަތީވެސް އެތަނުގެ ފުރިހަމަކަމާމެދު އޭނާގެ ލޯ ދަތުރުކުރަމުން ދަނިކޮށެވެ.

އޭނާ ހުއްޓިހުރި އެ ބިއްލޫރި ދޮރުގެ ކަނައަތްފަރާތުގައި ހުރި ހުދުކުލައިގެ ގޮނޑިއެއްގައި ޒީނިޔާ އިނެވެ. ދޮރު ހުޅުވާލާފައި އަސީލްވެސް އެ ބަގީޗާއަށް ނުކުމެއްޖެއެވެ. ދޮރު ހުޅުވާލިއަޑު ޒީނިޔާއަށް އިވުމުން ބަލާލިނަމަވެސް އެއަށްވުރެ އަވަހަށް ނަޒަރު އަނބުރާލިއެވެ.

އަސީލް ހިނގައިގަތީ ޒީނިޔާ އިން ދިމާލަކަށް ނޫނެވެ. އޭގެ ބަދަލުގައި ގޮސް ހުއްޓެވުނީ އެ ކުޑަކުޑަ ރީތި ބަގީޗާގެ މެދަށެވެ. ޒީނިޔާ އާއި ދިމާލުން ދިހަވަރަކަށް ފޫޓް ދުރަށެވެ. އެހެން ހުރެގެން ވަށައިގެން އަސީލް ބަލަމުން ދިޔައެވެ. އެތަންކޮޅު ހަދާފައިވާ ގޮތުން އަސީލްއަށް ވަރަށް ކަމު ހިނގައްޖެކަހަލައެވެ.

އަސީލްގެ ޙަރަކާތްތަކަށް ބަލަން އިން ޒީނިޔާ އިނީ އަސީލް އެކުރަނީ ކިއްކަން ނޭނގިފައެވެ. އޭނާގެ ކުރިމަތިން އެ ފެންނަ ރީތި އިންސާނާއަކީ މުޅި ޢުމުރުވެސް އަގުބޮޑު ރިސޯޓްތަކާއި ދުނިޔޭގެ ރީތި އެތައް ތަނަކަށް ދަތުރުކޮށްފައި ހުރި މީހަކަށްވާއިރު އޭނަގެ ކުޑަކުޑަ ގެއިން ކޮން ކަމެއް ފެނިގެން އުޅެނީބާވައޭ ޒީނިޔާގެ ހިތަށް އެރިއެވެ.

ކުއްލިއަކަށް އަސީލް އޭނައާއި ދިމާލަށް އެނބުރުނުތަން ފެނި ޒީނިޔާ އޭނަގެ ނަޒަރު އަވަހަށް އަނެއްކާވެސް ބަދަލުކޮށްލިއެވެ. ނުބަލާ ކަމަށް ހެދިއެވެ. މި ޙަރަކާތްތައް އަސީލްއަށް ފެނުނެވެ. އަސީލްގެ ތުންފަތްމައްޗަށް އައީ ލުއި ހިނިތުންވުމެކެވެ.

 ޒީނިޔާ އިންގޮތުން ހީވަނީ ފޮޓޯއެއްހެންނެވެ. ޒީނިޔާ އިން ގޮނޑީގެ ފުރަގަހުން ފެންނަނީ ފިނިފެންމާގަސް އިންދާ ފުރާފައި ހުރި ގާފޮޅެކެވެ. އެ ގަސްތަކުގައި މަދުނޫން އަދަދަކަށް ހުދާއި ރަތުގެ ފިނިފެންމާ ފޮޅިފައިވާކަން އެ ފަނޑުއަލީގައިވެސް އަސީލްއަށް ފެނުނެވެ. އެއީ ހަމަ އެ ބޯހަރު އަންހެންކުއްޖާއަށްޓަކައި މީހަކު ހަދާދީފައިވާ ތަނެއްބާވައޭ އަސީލްގެ ހިތަށް އެރިއެވެ.

ޒީނިޔާ އިށީނދެ އިން ހުދުކުލައިގެ ރީތި ގޮނޑީގެ އަނެއްކޮޅުގައި އަސީލްވެސް ގޮސް އިށީނދެއްޖެއެވެ.


"
ރީތި ތަނެއް މިއީ. ޒީނިޔާ އާއި ވަރަށް ގުޅޭ މިތަން"  ލުއި ހިނިތުންވުމަކާއެކު ޒީނިޔާއަށް ތަޢުރީފު ކުރެވުނީ ގަސްތަކާ ނުލައެވެ. ޒީނިޔާ އަޅާވެސް ނުލިއެވެ.

"މިރޭ އަހަންނާއި އަނގައިން ނުބުނާން ހުވާކޮށްގެން އިން ރެއަކީތަ؟" ޒީނިޔާ ލައްވާ އެއްޗެއް ބުނުވަން ގަސްތުކޮށް އަނެއްކާވެސް އެހިއެވެ.
ނަމަވެސް ޒީނިޔާއަށް އަޑުވެސް ނީވޭ ކަހަލައެވެ.
"
ލެޓްސް ޓޯކް ޕްލީޒް.؟" އަސީލް އެދުނެވެ.

"އަހަންނަކަށް ނޭނގެ އަހަރެން މިކަމާއި ކުރިމަތިލާނެ ގޮތެއްވެސް. އެހެން މީހެއްގެ އަތްބެއްގެ ގޮތުގައި ޒީނިޔާ އަހަރެންގެ އާއިލާއަށް އަންނައިރު މަރުޙަބާއެއް ނުކިޔޭނެ އަހަންނަށް. އެއީކީ ވާނެ ކަމެއް ނޫން. ކޮންމެވެސް އެއްޗެއް ބުނޭ. އަހަރެން މުޅި އުމުރު މި އިންތިޒާރުކުރެވުނީ ޒީނިޔާއަށްހެން އަހަންނަށް ހީވަނީ. އަހަންނަށް ޒީނިޔާ ނޭނގޭއިރުވެސް އަހަންނަށް ލޯބިވެވުނީ ޒީނިޔާ ދެކެކަންނޭނގެ. ގޯޑް، ދިސް އިޒް ޑިފިކަލްޓް ޓާސްކް.....އަހަރެން ކިހިނެއް ޒީއަށް މިކަން ވިސްނައިދޭނީ. މިވާހަކަ ދައްކަބަލަ ޒީ." އަސީލް އާދޭސްކުރަނީއެވެ. ޒީނިޔާ ހަމަ އިނީއެވެ. އެކައްޗެއްވެސް ނުބުނެއެވެ.

"ޒީ......؟" ޒީނިޔާގެ ކަނައަތްތިލައިގައި ހިފަމުން މަޑުމައިތިރި އަޑަކުން އަސީލް އަނެއްކާވެސް އެދުނެވެ.


މީގެ ކުރިން ޒީނިޔާގެ ކިބައިން ފެނިފައިވާ ހަރުކަށި ސިފަތަކެއް މިފަހަރަކު ނުފެނުނެވެ. ކުޑަހިނދުކޮޅަކަށްވިޔަސް އަސީލްއަށް އުއްމީދެއް ލިބުނެވެ. އޭނަގެ އަތްތިލަ މަތީގައި އޮތް އަސީލްގެ ރީތި އަތްތިލައަށް ބަލަހައްޓައިގެން ޒީނިޔާ ހަމަ އިނީއެވެ. ނަމަވެސް އެހާ ގިނައިރަކު ނޫނެވެ. އަނެއްފަރާތަށް މޫނު އަނބުރާލަމުން މަޑުމަޑުން ޒީނިޔާ އަތް ދަމައިގަތެވެ. އަސީލްވެސް މަޑުމަޑުން އަތް ނެގިއެވެ. ނާއުއްމީދުވެގެންނެވެ.

ޒީނިޔާ މިރޭ އޭނައާއި ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟ އަނގައިން ނުބުނެ އެހެން އިނުމަށްވުރެ އޭނަދެކެ ރުޅި އައިސްގެން އެއްޗެއް ބުނުންވެސް އަސީލްއަށް ރަނގަޅެވެ. ވާހަކަ ނުދައްކާން ޒީނިޔާ ނިންމައިގެން އެ އިނީ އެންމެ ވާހަކަ ދައްކަންވީ ރެއެވެ. އޭނަގެ އެ ސުވާލުތަކަށް ޒީނިޔާ މިރޭ އެއްޗެއް ބުނުން ވަރަށްވެސް މުހިއްމެވެ. މާގިނަ ދުވަހެއް ނެތެވެ. ޒީނިޔާ ފެންނާނީ އޭނައަށް އަންކަލް ކިޔާ ކުއްޖަކާ ކައިވެނިކޮށްގެން ހުންނަ ތަނެވެ. އެހެންވީމަ އޭގެ ކުރިން އޭނައަށް އެ ސުވާލުތަކަށް ޖަވާބު ބޭނުން ވެއެވެ. އޭނަ މިރޭ މިގެއަށް އަންނަން ޖެހުނީވެސް އެހެންވެގެންނެވެ. އޭނަގެ ދޮންތަ އޭނައަށް މިރޭ ގުޅިކަމަށްޓަކައިވެސް އަސީލް ޝުކުރު ކުރެއެވެ.
އަސީލްގެ ދޮންތަ އަސީލްއަށް ގުޅީ ލަންކާއިން އައިސް ހުޅުލޭގައި އޭނަ ހުއްޓައެވެ. އުފާވެރި ޚަބަރެއް ދޭންވެގެންނެވެ. އަސަދު ކައިވެނިކުރަންއުޅޭ ކުއްޖާ މިރޭ ގެއަށް ގެނައިވާހަކައާއި އެހެންނަމަވެސް އޭނަ ނެތުމުން މާހައުލު ވަރަށް ފަޅުކަމަށާއި އަދި އާއިލާގެ ހުރިހާ މެމްބަރުންނަށް ތަޢާރަފް ވުމަށް ވަރަށް އަވަހަށް އެހެން ކެއުމަކަށް ޒީނިޔާއަށް ދަޢުވަތު ދޭނެ ކަމަށާއި، މިހާރު ޒީނިޔާ ގެއަށްލާން އަސަދު ހިނގައްޖެ ވާހަކަވެސް ދޮންތަ ބުންޏެވެ. އެއަޑު އިވުމުން އޭނަގެ ވިސްނުން ދެކަފިވާން ފެށިއެވެ. އެއްކޮޅުގައި ކޮއްކޮއެކެވެ. އެއްބަޑުއެއްބަފާ ދޮންތަގެ ދަރިފުޅެވެ. އަނެއްކޮޅުގައި އޭނަ ފުރަތަމަވެސް ލޯބިވި އަންހެންކުއްޖާއެވެ. ދާންވީ ކޮންކޮޅަކަށްކަން އޭނައަށް ވިސްނައިގަންނަން އުނދަގޫވިއެވެ.

ގެއާއި ހަމައަށް ދެވުނުއިރު އޭނައަށް ވިސްނުނީ އޭނަ ބުނަން ބޭނުންވެގެން އުޅޭ އެއްޗެއް ޒީނިޔާކައިރީ މިރެއިން މިރެއަށް ބުނުމަށެވެ. އޭނަ ކުރަން ބޭނުންވާ ސުވާލުތައް މިރޭ ޒީނިޔާއާއި ކުރުމަށެވެ. އަމިއްލަ ނަފްސު ކުށްވެރިކުރަން ފަހުން ނުޖެހޭގޮތެއް ހެދުމަށްޓަކައެވެ. އުމުރުގެ ބާކީއޮތްތަނުގައި "ނަމަ" އެއްގައި ޖެހިފައި ހުންނަން ބޭނުން ނުވާތީއެވެ. އޭނައަކީ ވިޔަފާރިވެރި އާއިލާއެއްގެ ވިޔަފާރިވެރި ދަރިއެކެވެ. ދިރިއުޅުމުގެ އެއްވެސް ހިސާބަކުން އެފަދަ ނަމައެއްގެ އަޅަކަށް ވެގެން އޭނައަކަށް ނޫޅެވޭނެއެވެ. އޭނަ ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއްވެސް ކޮންމެވެސް އެއްގޮތަކަށް ހައްލު ވާންވާނެއެވެ. ފެށުމެއް އޮވެއްޖެއްޔާ ނިމުމެއް އޮންނާނެއެވެ. އިންސާނުންނަށް އުނދަގޫވެފައި އޮންނަނީ އެ ނިމުން ހޯދާށެވެ. އެކަމަކު އެކަން އުނދަގޫވުމަކުން އެއީ ނުވާނެކަމެއްކަމަށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭނަ އެ ގޮތަކަށް ކަންތަކެއް ނުކުރާނެއެވެ.

އޭނަގެ އަމިއްލަ ހިތުގެ ޙާލަށްވެސް އޭނަގެ އޮންނަ ހުކުމަކީ އެއީއެވެ. ދުވަސްތަކެއްވަންދެން ޒީނިޔާ މަތިން ހަނދާން ނައްތާލެވޭތޯ އޭނައަށް މަސައްކަތް ކުރެވިއްޖެއެވެ. އެކަމަކު އެކަން އޮތީ މި ދުނިޔެއިން އޭނައަށް ކުރަން އެންމެ އުނދަގޫވި އެއް ކަމަށް ވެފައެވެ. ނަމަވެސް އެ "ނުވުން" އެއީ ވޭނެއްކަމަށް އޭރަކު އަސީލް ނުދެކެއެވެ.

އޭނަ ދެކެ ޒީނިޔާ ވާ ނަފްރަތަކީ ޒީނިޔާގެ ޠަބީޢަތުގައިވެސް ހުންނަ ގޮތެއް ކަމަށް އޭނަ ހުރީ ނިންމައިގެންނެވެ. ޒީނިޔާއަކީ ގޮތްދޫނުކުރާ، ބޯހަރު އެކަމަކު، ފަސޭހައިން ބިރުގަންނަ، ބަލިހިތެއް އޮންނަ އަންހެންކުއްޖެއް ކަމަށް އޭނަ ހުރީ ނިންމައިގެންނެވެ. އެއީކީ ސަބަބެއް އޮތް ރުޅިއެއްކަމަކަށް އޭނަ ނުދެކެއެވެ. އޭނައަކީ ޒީނިޔާއަށްވުރެ ގިނަ މީހުންނާއި ދިމާވެ ގިނަ ދުވަހު ދުނިޔޭގައި އުޅެފައިހުރި މީހެއްކަމުން، ޒީނިޔާގެ އެ ސިފައަކީ އޭނައަށް އެއްވެސް އައިބު ކަމަކަށް ނުވިއެވެ. އޭގެ ބަދަލުގައި ޒީނިޔާގެ އެ ހުންނަ ރުޅިއެއްގެ ސަބަބުންވެސް އިތުރަށް އުފެދުނީ ޝައުގުވެރިކަމެކެވެ. ބައެއްފަހަރަށް ޒީނިޔާ ރުޅިއަރުވާލާހިތްވެސް އޭނަ ވޭމެއެވެ. އަދި އޭނަ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފިއްޔާ ކޮންމެވެސް ދުވަހަކުން އެ ރުޅި ރަނގަޅުވާނެ ކަމަށްވެސް އޭނަ ހީކުރިއެވެ.

ނަމަވެސް އަސަދުއާއިއެއްކޮށް ޒީނިޔާ ފެނުނު ދުވަހުން ފެށިގެން އޭނަގެ ޚިޔާލީ ދުނިޔެ ފުނޑުފުނޑު ވެއްޖެއެވެ. ދިރިއުޅުމަށްޓަކައި އޭނަ ކުރަހައިގެން ހުރި ޕްލޭން އެގޮތްމިގޮތް ވެއްޖެއެވެ. ގޮތެއް ޚިޔާރުކުރަން އޭނައަށް ޖެހުނީ ނަފްސާއި ފުރާނައާއި ހަނގުރާމަ ކުރާށެވެ. ކެތްކޮށްލައިގެން ހުރީ ވިސްނާލުމަށެވެ. އަވަސްއަރުވާލައިގެން ކަމެއް ނުނިންމާންވެގެންނެވެ.

ގޮތްނިންމަންޖެހޭ ދުވަސް މިހާ އަވަހަށް އޭނައާއި ހަމައަށް މިހާ ކުއްލިއަކަށް އަތުވެދާނެ ކަމަކަށް އަސީލް ހީނުކުރެއެވެ. އަސަދު އެހާ އަވަހަށް ޒީނިޔާއާއި ކައިވެނިކުރަން ނިންމަފާނެކަމަކަށް ފަހަރެއްގައިވެސް އަސީލް ހިއެއް ނުކުރެއެވެ. އެހެންކަމުން މިރޭ އޭނަގެ ދޮންތަ ގުޅާފައި އެ ބުނި ވާހަކަތަކަށްފަހު، އިންތިޒާރުގެ ވަގުތު ހަމަވެއްޖެކަމަށް އަސީލް ނިންމިއެވެ. އޭނައަށް އޮތްހާވެސް ވަގުތަކީ މިރޭ އެކަނި ކަމަށް އޭނަ އަމިއްލައަށް ނިންމިއެވެ.

ގެނައި ހޭންޑް ބޭގް ކޮޓަރީގައި ބަހައްޓާފައި ދެވަނަ ފިޔަވަޅެއްވެސް އެތެރެއަށް ނައަޅާ ގެއިން އޭނަ ނިކުތީއެވެ. އެދިޔަ ބާރުމިނުގައި ގޮސް ކާރު މަޑުކުރީ ޒީނިޔާގެ ގެއަށެވެ. ނަމަވެސް އޭރު އަދި ޒީނިޔާއަށް ގެއާއި ހަމައަށް ނާދެވެއެވެ.

ޒީނިޔާމެންގޭގައި އަސީލް މަޑުކުރީ ކޮންމެ ގޮތެއްވިޔަސް އެވާހަކަ މިރޭ ނުދައްކާ ނުދާންވެގެންނެވެ. އޭނަގެ ލޯބި އޭނައަށް އެ ގެއްލުނީ އަނބުރާ ނުނެގޭފަދަ އަނދިރި ދިމާލަކުންނެވެ. ކޮއްކޮއަކުގެ ކަރުގައި ހިފާފައި އޭނަގެ ލޯބި ފަތަޙަ ކުރެވޭނެގޮތަކީ ފިލްމީ ކަމެކެވެ. ޙަގީގީ ދުނިޔޭގައި އެކަމަށް ފޯމިއުލާއެއް ނޯވެއެވެ.

އަސީލް ކުރި ސުވާލުތަކަށް ޒީނިޔާ ޖަވާބެއްނުދީގެން އިންވަގުތުކޮޅު އަސީލްއަށް ވިސްނުމުގެ ތެރެއަށް ގެނބެވުނެވެ.


"ޒީ.....؟" ޒީނިޔާއަށް އަނެއްކާވެސް އަސީލް ގޮވާލިއެވެ.

 ޒީނިޔާ މަތިން ހަނދާން ނައްތާލުން ނޫންގޮތެއް އޭނައަށް ހަމަ ނެތީބާއެވެ.

ޒީނިޔާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ. އެއްގޮތެއްގައި ސާބިތުވެގެން ހުރި ކަހަލައެވެ. އަސީލްއާއި ވީ ފަރާތަށް ނުވެސް އެނބުރެއެވެ.
"
އަސީލް ކުރި ކުށަށް އަހަރެންނަކަށް ދުވަހަކުވެސް އަސީލްއަށް މަޢާފެއް ނުކުރެވޭނެ." އަސީލްގެ އެއްވެސް ވާހަކައަކަށް އެއްވެސް އެއްޗެއް ނުބުނާން ވަރަށް ހިތްވަރުކޮށްފައި އެންމެ ފަހުން ޒީނިޔާ ބުންޏެވެ. ވަރަށް ކުއްލިއަކަށެވެ. އަސީލްއާއި ދިމާލަށް އެނބުރިލަމުންނެވެ.
"
ކީކޭ.......؟؟؟" އަސީލްއަށް ކަރަންޓް ޝޮކެއް ޖެހުނު ފަދައެވެ. އޭނަގެ ކަންފަތަށް އަޑުއިވުނުގޮތާއިމެދުގައިވެސް ޔަގީންކަން ކުޑަވިއެވެ. ކޮންކަމަކަށް މަޢާފް ނުކުރާނަމޭ ހެއްޔެވެ؟

ތަނުގެ އަލި ފަނޑުވުމުން އޭނަ ބޭނުންވާ ވަރަށް ޒީނިޔާގެ މޫނު ނުފެންނާތީ އަސީލްއަށް އިތުރަށް އުނދަގޫ ވިއެވެ.


"
އަހަރެން ހަނދާނެއް ނުނެތޭ." ޒީނިޔާ ވާހަކަ ދައްކަނީ ވަރަށް މަޑުމަޑުންނެވެ.

"ކޮންކަމެއް.......؟؟؟" ޒީނިޔާއާއި ކުޑަކޮށް ގާތަށް އަސީލްއަށް ޖެހިލެވުނެވެ. ޒީނިޔާ ދައްކަން އެ އުޅޭ ވާހަކަ ވިސްނައިގަންނަންވެސް އަސީލްއަށް އުނދަގޫ ވެއްޖެއެވެ.

"މީގެ 23 އަހަރު ކުރިން. މީގެ 23 އަހަރު ކުރިން އަސީލް ދިން ހެކިބަސް. އެއީ އަހަރެންގެ ދިރިއުޅުން....." ޒީނިޔާއަކަށް ވާހަކައެއް ނުދެއްކުނެވެ. އެހާ ސާފުކޮށް ޒީނިޔާގެ މޫނު ނުފެނުނުކަމުގައިވިޔަސް ފަނޑުއަލީގައިވެސް ޒީނިޔާގެ ލޯ ކަރުނައިން ވިދާތަން އަސީލްއަށް ފެނުނެވެ. ޒީނިޔާ ރޮނީއެވެ.

"ޒީ ޕްލީޒް.......! ކީކޭތަ ތިކިޔަނީ. 23 އަހަރުކުރިއޭ؟ އަހަރެން ކޮންއިރަކު ހެކިބަހެއް ދިނީ؟ ކޮން ވާހަކައެއް ތި ދައްކަނީ." އޭނަ ހެކިބަސް ދިނީ ކޮން ދުވަހަކު ހެއްޔެވެ؟ ކޮން ކަމަކަށް ހެއްޔެވެ؟

"އަސީލްމެންކަހަލަ މުއްސަނދިންނަކަށް އާދައިގެ ނިކަމެތިންގެ ދިރިއުޅުން ބަރުބާދުކޮށްލުމަކީ އެހާ ބޮޑު ކަމަކަށް ނުވާނެކަންވެސް އެނގޭ. އެކަމަކު އެ ދުވަހު ކިލަނބުވީ އަހަރެންގެ ނަން. އެ ދުވަހު އަސީލް ހެކިބަސް ދިނީ އަހަންނާއި ދެކޮޅަށް. އެހެންވެ އަހަރެން ހަނދާނެއް ނުނެތޭ އެ ދުވަހެއްވެސް އަދި އަސީލްވެސް. ހަމަ އެކަނި ތަފާތަކީ އެ ދުވަހުގެ ފަހުން އަހަރެން އަސީލް ނުދެކޭކަން." ކަރުނައިގެ ތެރޭން ވަރަށް ހިތްވަރާއެކު ޒީނިޔާ ވާހަކަ ދައްކަމުން ދިޔައެވެ.

"އޮއްހޮއްހޯ..ތި އުޅެނީ އޮޅިގެން. އަހަންނެއް ޒީ ނުވެސް ދަންނަން އެ ރިސޯޓް ދަތުރުގެ ކުރިއަކުން. ދެން ކިހިނެއް ޒީއާއި ދެކޮޅަށް އަހަރެން ހެކިބަސް ދޭނީ. ސާފުކޮށްބުނެބަލަ. އަސްލު ކީކޭ ތިކިޔަނީ؟" ޒީނިޔާ ދައްކާ ވާހަކައެއް އަސީލްއަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ.

މީގެ 23 އަހަރު ކުރިއަކީ ކޮބައިހެއްޔެވެ. އޭރު އޭނަގެ އުމުރުން ވާނީ އެންމެ 15 އަހަރެވެ. ޒީނިޔާގެ އުމުރުން ވާނީ އެންމެ 9 އަހަރެވެ. އޭނައަށް ޒީނިޔާ އެނގޭނީވެސް ކިހިނެއްހެއްޔެވެ؟ ޒީނިޔާ މޮޔަ ގޮވަނީހެއްޔެވެ ؟

** ** ** (ނުނިމޭ) ** ** **