🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 36 ވަނަ ބައި


"ވީ ގޮތަކީ..............ވީ ގޮތަކީ އަސްލު.......ބައްޕަގެ ރައްޓެހި ނަވީން އެނގެއެއްނު.....ދިރާގުގެ އެމްޑީ.......އޭނަގެ މައްސަލައިގަ އަސްލު ޒިޔާދު ފުރަތަމަ ޝައްކު ކުރަން ފެށީ....." އިނާއަށް އެ ވާހަކަ ދައްކަން އުނދަގޫވި ކަހަލައެވެ. އިންތަނުން ތެދުވެގެން ގޮސް ކޮޓަރީގެ ކުޑަދޮރު ހުޅުވާލިއެވެ.

"
ހޫމް..........އޭނަ ކިހިނެއްވީ؟ ނަވީންގެ މައްސަލައޭ ތިބުނީ...........ކޮން މައްސަލައެއްގެ ވާހަކައެއް؟" ދިލްމާ އިނީ އިނާގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލާށެވެ.

ޚުދު އޭނަވެސް މިގެއަށް އައީ ހުސެންގެ ވާހަކަ އިނާއަށް ކިޔައިދޭށެވެ. ނަމަވެސް މި ފެށުނު ވާހަކައަކުން ދިލްމާ ގަސްތު ކުރީ ފުރަތަމަ އިނާ ދައްކާ ވާހަކަ އަޑުއަހާލުމަށެވެ. މިހުރިހާ ދުވަހު އިނާ ސިއްރު ކޮށްގެން ހުރި ކަންތައް މިއަދު އޭނަކައިރީ ކިޔާދޭނެކަމަށް ދިލްމާ އުއްމީދު ކުރިއެވެ.

އިނާ ކިޔައިދީ ނިންމާލައިފިއެވެ.
ޒިޔާދުއާއި ނަވީންގެ ކާރު އެކްސިޑެންޓްގެ ވާހަކައެވެ. އޭގެ ފަހުން އޭނައާއި ޒިޔާދު އާއި ދެމެދު ހިނގި ކުޑަ ދެބަސްވުމުގެ ވާހަކައެވެ. ބޮޑުމަންމަ ބަލިވެގެން ގޮސް އުޅުނުއިރު ޒިޔާދު ކަންތައް ހުރި ގޮތުގެ ވާހަކައެވެ. ޒިޔާދުމެންގެއަށް ދިޔަރޭ ޒިޔާދުއަށް މާ ދިގު ފޯނެއް އައި ވާހަކައާއި އެ ފޯނަށް ޒިޔާދު ދައްކަނިކޮށް އިނާއަށް އަޑު އިވުނު ވާހަކަ ތަކެވެ. އަދި މާލެއިން ފުރަން އޮތް ދުވަހުގެ ރޭ އޭނައަށް ލެކިއުޓް ތެރެއިން ފެނުނު މަންޒަރުގެ ވާހަކައެވެ. އޭގެ ފަހުން އޭނަގެ ފަހަތުން ޒިޔާދު އައްޑުއަށް އައި ވާހަކައާއި ދެން ވީހާ ގޮތެއްގެ ވާހަކައެވެ.

ކިޔައިދިނީ ހަގީގަތަށެވެ. ފުރިހަމައަށެވެ.
އެކަމަކު އެއީ އިނާ އާއި ނަވީން އެނގުނު ހިސާބުގެ ވާހަކަ ނުހިމަނާ ފުރިހަމަވި ފުރިހަމަވުމެކެވެ. އިނާ އާއި ނަވީންގެ ދެމެދުގައި ހިނގާފައިވާ "ނުބުނާ" ގުޅުމުގެ ވާހަކަ ނުހިމަނާ ފުރިހަމަވި ފުރިހަމަ ވުމެކެވެ.
އެގެއަށް ނަވީން ދާތާ އެތައްދުވަހެއް ފަހުން ނަވީންއަށް އޭނަގެ ކައިވެނީގެ ޚަބަރު ލިބުމުން ކަންތައް ވީގޮތުގެ ވާހަކައިން ފެށިގެން ނަވީންގެ އަޑުން އޭނައަށް ގޮވާލުމުން މިކްސްޗަރު ތަޅައިގެން ދާވަރަށް ސިއްސައިގެން ދިޔަ ސަބަބު ނުހިމެނޭ ވާހަކަ ތަކެކެވެ. އިނާގެ ފޯނަށް ނަވީން މެސެޖެއް ކުރުމުން ދިލްމާ ޖަވާބު ދިނުމުގެ ސަބަބުން ނަވީން ހޮސްޕިޓަލަށް އައި އައުމާއި އެރޭ ދެއްކި ވާހަކައިން ފެށިގެން ގޮސް މީގެ ދެރެއެއް ކުރިން ނަވީން އޭނަގެ އަތުގައި ހިފުމުން ވީ ގޮތުގެ ވާހަކަ ނުހިމެނޭ ވާހަކަ ތަކެކެވެ.
އެއިން އެއްވެސް ވާހަކައެއް އިނާ ނުބުނެއެވެ.

ހޮސްޕިޓަލުގައި ބޭއްވީއްސުރެ ނަވީންގެ ގާތްކަމަށް އެދި އިނާގެ ހިތް ކެނޑިނޭޅި ގޮވާ ގޮވުންތަކުގެ ވާހަކައެއް އިނާ ކިޔައެއް ނުދެއެވެ.
ކިޔައިދޭނީވެސް ކިހިނެއް ހެއްޔެވެ.؟ އިނާ ދެކޭ ގޮތުގައި އޭނައަށް ކުރެވިގެން އުޅެނީ ކުށެކެވެ. ނަވީން ދެކެ ލޯބިވެވުނުކަން އެއީ އޭނައަށް ކުރެވިގެން އުޅޭ ކުށެކެވެ. އެކަމަކު ލޯބިވުމަކީ އަމިއްލަ އިޚްތިޔާރުގައި އެއްވެސް މީހަކު ކުރާ ކުށެއް ނޫންކަން އަދި އިނާއަށް ނޭނގެނީ ކަމަށްވުން އެކަށީގެން ވެއެވެ.

"
ތީގަ ނެތެއްނު އިނާގެ މައްޗަށް ޒިޔާދު ޝައްކު ކުރަންވީ އެއްވެސް ސަބަބެއް. ދެން ކީއްވެ މި ހުރިހާ ދުވަސް ވާއިރުވެސް ތިކަމާއި ބެހޭ ގޮތުން ޒިޔާދު އާއި ވާހަކަ ނުދައްކަނީ....؟" އިނާ ދެއްކި ވާހަކަ ފަރުވާވެ އަޑު އަހަން އިނދެފައި ދިލްމާ ބުނީ މިހެންނެވެ.

އިނާ ނުދައްކާ ވާހަކަ އަހާކަށް ދިލްމާ މަސައްކަތް ނުކުރެއެވެ. ކޮންމެވެސް އެއް ދުވަހަކުން، އިނާ ކިޔާ ދޭހިތްވި ދުވަހަކުން އެ ވާހަކަތައް އަޑު އެހުމަށް ކެތް ކުރުމަށް ދިލްމާ ނިންމިއެވެ.

"
ދެއްކިން......އެކަމަކު ނޭނގެ........މިހާރު ދެން މެރީކުރުންވެސް ދެމަސް ލަސްކޮށްފައި އޮތީމަ ކަމަށްވެސް ވެދާނެ ދޯ އެހާ ޕްރެޝަރުގައި ނޫޅެނީ ދޯ.........ނޭނގެ ދެން......އެހެންވިޔަސް އެގޮތަކަށް ނޫންކަންނޭނގެ ޒިޔާދު ކަންތައް ކުރަން ޖެހޭނީ." ޒިޔާދުގެ ކަންތައް ހުރި ގޮތުން އިނާ އިނީ ހިތްހަމަ ނުޖެހިފައެވެ.
"
ދެން އަހަރެން ކީކޭ ދޯ ބުނާނީ.....އަހަންނަށް ބުނެވޭނީ.......އަވަސް އަރުވާލާފައި ގޮތް ނުނިންމާ ޒިޔާދު އާއި ދިމާވަންދެން މަޑުކުރާށޭ......މަޑުކޮށްފަ ވާހަކަ ދެއްކީމަ ގައިމު ވާނުވާ އެނގޭނެއެއްނު....." ދިލްމާ އަބަދުވެސް އިނާއަށް ދޭނީ ޚުދު އޭނަގެ ނަފްސަށްވެސް އޭނަ ދޭނެ ނަސޭޙަތެވެ.

ދިލްމާގެ ވާހަކައަށް އިނާ އެނބުރިފައި ދިލްމާއާއި ދިމާލަށް ބަލާލިއެވެ.
"
އަސްލުވެސް ...........އެނޫން ގޮތެއް އަޅެ ތީގައި އެބައޮތްތަ؟" އޭނަ ދެއްކި ވާހަކަ އިނާ ގަބޫލުނުކުރިހެން ހީވެގެން ދިލްމާ އަހާލިއެވެ.
"
އުނހުނ.................." އިނާވެސް އެގޮތް ގަބޫލުކުރިއެވެ.

"
ކޮން ދުވަހަކުން ފުރަނީ.........." އެހެން އެހީ އިނާއެވެ.
ދިލްމާއަށް ހައިރާން ކަމެއް ލިބުނެވެ. އޭނަގެ ކޯސް ފުރިހަމަ ކުރަން އޭނަ ފުރަންޖެހޭކަން އިނާ ހަނދާންހުންނާނެއެކޭ އޭނަ ހިއެއްވެސް ނުކުރެއެވެ.

"
ތިވާހަކަވެސް ދައްކާލަން މި އައީ.........." އިޚްތިޔާރަކާ ނުލާ ވެރިވި ހިނިތުންވުމެއް ދިލްމާގެ މޫނުމަތީގައި ނަށާލިއެވެ.
ދެމީހުންވެސް ތިބީ ސޯފާގެ ދެކޮޅުގައި އެކަކު އަނެކަކާއި ދިމާލަށް ކުރިމަތިވާގޮތަށް އެނބުރިގެންކަމުން ދިލްމާގެ މޫނަށް ވެގެން ދިޔަ ގޮތް އިނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ.

"
އަނެއްކާ ނުފުރަނީތަ؟" އިނާ އާއި ދިމާލަށް އެނބުރި އިނަސްވެސް ދިލްމާ އިނީ ދެފައިވެސް ތިރިއަށް ބާލައިގެނެއްކަމަކު، އިނާ އޭނަގެ ދެފައިވެސް ސޯފާއަށް ނަގާ ރަނގަޅަށް ހަމަޖެހިލިއެވެ.
"
ކީއްވެ ނުފުރާންވީ........؟" އެއްފައިމައްޗަށް އަނެއްފައި ލަމުން ދިލްމާވެސް އަހާލީ ސުވާލެކެވެ.
"
ނޭނގެ..........މާ ގޮތަކަށް ދިލް އުޅޭތީނު........؟" ސޯފާގެ ލެނގޭ ތަނުގައި އިނާ އަތް އަޅުވާލިއެވެ.

"
ކީކޭ ބުނާނީވެސް ދޯ..........ގިނަ ފަހަރަށް ދިރިއުޅުމަށް ކަންތައްތައް އައިސް ވާޞިލުވަނީ އެންމެ އުއްމީދު ނުކުރާ ދަނޑިވަޅުގައި. " އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދިލްމާ ބުނަން ފެށިއެވެ.
އިނާ ހުޅުވާފައި ހުރި ޓީވީ އާއި ދިމާލަށް ބަލަން އިނާ ނެތް ނަމަވެސް ދިލްމާ މިހެން ބުނިއިރުވެސް ދިލްމާ އިނީ އެ ޓީޥީ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެއިން ދައްކަނީ ކޯޗެއްތޯ މިވަގުތު މީހަކު އަހާލިޔަސް އެ ސުވާލަށް ޖަވާބު ދޭން ދިލްމާއަށް ނޭނގުން، އެއީ އަދި މުޅިން އެހެން މައްސަލައެއްތާއެވެ.

"
ހޮސްޕިޓަލްތެރެއިން އަހަންނާއި ދިމާވި މީހަކާއި އަހަންނާ ދެމެދު..........މާބޮޑު ކަންތަކެއް ނުހިނގާ.........." ދިލްމާއަށް އެވާހަކަ ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރިކަން ޚުދު ދިލްމާއަށްވެސް ފާހަގަ ކުރެވުނީ އަދި ކިރިޔާއެވެ.

"
ތިބުނީ.........؟" އިނާ އެހިއެވެ. ބޮޑު ޝައުގުވެރިކަމެއްގެ ސަބަބުން އިނާގެ ލޮލަށް ވިދުމެއް އައިކަހަލައެވެ.
"
މިބުނީ.........ފުރަތަމަ ދުވަހުވެސް އޭނަ އެހީ އިނާގެ ވާހަކަ. ދެވަނަ ދުވަހުވެސް......އަދި އޭގެ ފަހުން ކިތަންމެ ގިނައިން ފެނުނަސް އެހީ ހަމަ އިނާގެ ވާހަކަ...........އެންމެ ފަހުން ބުނީ އިނާގެ ވާހަކަ އިނާ ކައިރީ ދައްކަން ދާށޭ......" ދިލްމާ ކިޔައިދެމުން ދިޔައެވެ.

"
ހޫމް.........؟" އިނާ އަނެއްކާވެސް އެހިއެވެ.
"
ރޭގަ އައި އަހަރެމެންގެއަށް.............މަންމަ ބުނީ މައްސަލައެއް ނެތޭ......." ވިސްނުންތެރި ކަމާއި ސާބިތު ކަމާއެކު އަބަދުވެސް ވާހަކަ ދައްކާ ދިލްމާ ދައްކަމުން އެދާ ވާހަކަ ޚުދު ދިލްމާއަށް އިވޭނަމަވެސް ދިލްމާވެސް ހޭނެއޭ އިނާ ހިތަށް އެރިއެވެ. އެކަމަކުވެސް އެއީ ދިލްމާގެ މިޒާޖާ ނުގުޅޭ ވާހަކައެއްކަން އިނާއަށްވެސް އެނގެއެވެ. ދިލްމާ އަކީ ސީރިއަސް މިޒާޖެއްގެ އަންހެންކުއްޖެއްކަން އެންމެ ރަނގަޅަށް އެނގޭނީވެސް އޭނައަށް ކަންވެސް އިނާއަށް އެނގެއެވެ.

"
އަހަރެންގެ ވާހަކަ އަހާފަ......ތިގެއަށް ގޮސްފަ........މަންމަ ބުނީ މައްސަލައެއް ނެތޭ ؟؟؟ ދިލް ތި ކިޔަނީ ކީކޭ.........؟" އިނާގެ އަބަދުގެވެސް އާދައިގެ މަތިން މިހެންވެސް އެހީ މަޑު އަޑަކުންނެވެ. އެކަމަކު އެސުވާލު ވީދިލްމާވެސް ހެއްވާލި ސުވާލަކަށެވެ. އިނާ އެ ސުވާލު އަތުރާލި ގޮތުންނެވެ.

"
މި ބުނީ...........ހުސެން ބޭނުންވަނީ އަހަރެން ފުރުމުގެ ކުރިން މެރީ ކުރަން......" ހުރިހާ ތަފްޞީލަކަށް ދިއުމުގެ ބަދަލުގައި ދިލްމާ ފުރިހަމަ ކޮށްލިއެވެ.
"
ހޫމް.............!!!" އިނާ ހަމަ ހައިރާން ވެއްޖެއެވެ.
"
އާނ........." ދިލްމާ އެ ހައިރާންކަން ކަނޑުވާލަ ދިނެވެ.
"
ދެން ކޮބާ ތި ބުނާ ހުސެން އަކީ.......ކީއްވެ މިގެއަށް ނުގެނައީ.........އަހަންނަކަށް އިންޓްރޮޑިއުސްވެސް ނުކޮށްދެމެއްނު؟ މަންމައަށް އެނގިއްޖެއްޔާ މަންމަވެސް މައްސަލަޖައްސާނެ އިނގޭ." އޭނަ އެ ވާހަކަ ބުނުމުން އިނާ އެހުރިހާ ވާހަކައެއް ބުނާނެކަން ދިލްމާއަށް މާ ކުރިންވެސް އެނގެއެވެ.

"
އަދި ނެތެއްނު ނުގެނެވިފައެއް.........ކޮންއިރަކުން ގެންނަންވީ......" ދިލްމާ އެކަމަކާއި ދެކޮޅެއް ނޫނެވެ.
"
މިރޭ ގެންނަންވީނު.........މަންމަ ކައިރީ އަހަރެން ބުނާނަން ރޭގަނޑުގެ ކެއުމުގައި ހުސެންއާއި ދިލް ބައިވެރިވާނެއޭ........އަންނާނަން ދޯ؟" އިނާގެ ގެއްލިފައިވާ އުފާވެރިކަން އައިކަހަލައެވެ.
"
ހޫމް............" ދިލްމާވެސް ހިނިތުންވެލިއެވެ.

"
ދެން ދިލް ދަނީ މެރީކޮށްގެންތަ؟ ކޮން ދުވަހަކު ފުރަނީ.......؟" އިނާ ސީރިއަސްވިއެވެ.
"
ނޭނގެ ތިކަމުގައި ހަދަންވީ ގޮތެއް. ހުސެން ބުނަނީ މެރީކޮށްފިއްޔާ ދެމީހުން އެއްކޮށް ދެވޭނެ ނޫންހޭ..........އެކަމަކު އެހުރިހާ ކަމަކަށް ވަގުތެއް ނެތް.......އަހަރެން ފުރަން ޖެހޭނެ ހަތާވީހުގަ.........." ދިލްމާގެ އަސްލު މައްސަލައަކީ އިނާގެ ކައިވެނި މި މަހުގަ ނުކުރެވޭއިރު، އަދި ޒިޔާދުއާއި އެފަދަ ކުނިތަކެއް ޖެހިފައިވާއިރު، އޭނަ މިވަގުތު ކައިވެނި ކޮށްފިއްޔާ އިނާ ދެރަވެދާނެތީއެވެ.

"
އެއީ މައްސަލައެއް ނޫނޭ.....މިއަދު މިއީ އަދި އަށާރަ ކަންނޭނގެ.......ކިހާ ދުވަހެއް އެބައޮތް......ކޯޓުގެ ކަންތައް ނިމޭނެނު ހަތަރުވަރަކަށް ދުވަސްތެރޭ..........އެބުނާހެން މެރީކޮށްގެން ދިޔައީމަ ދިލްއަށްވެސް ކިހާ ފަސޭހަ ވާނެ............" އިނާ އޭނަގެ ރަހްމަތްތެރިޔާއަށްޓަކައި ހިތުގެ އަޑިން އުފާކުރަމުން ލަފާދިނެވެ.
އޭނަގެ ލޯބިވާ ރަހްމަތްތެރިޔާ ކައިވެންޏެއް ކުރުން މިހާރުވެސް މާ ލަސްވެއްޖެއެވެ. ދެން އިތުރަށް ލަސްކުރާކަށް އޭނައަށް ތާއީދެއް ނުކުރެވޭނެއެވެ.

"
އާނ ދެން ވިސްނާނަން........" ދިލްމާ އެކައިވެނި މި ދަނޑިވަޅުގައި ކުރަން ބޭނުން ނުވާ އަސްލު ސަބަބު ސިއްރު ކުރިއެވެ.
** ** ** ** ** ** ** **
"
އިނާ އެހެން ބުންޏަސް.........އަސްލު އިނާ ވަރަށް ދެރަވާނެ ކަންނޭނގެ ..........އަނެއްކާ ކޯޓުގެ ކަންތައްވެސް ނިމޭ ގޮތަށް ބަލާއިރު ކައިވެނި ކުރެވެން މި އަންނަނީވެސް 23 ގަ...............އެހެންވީމަވެސް.........." އިނާމެންގެއަށް ކެއުމަށް ދާންޖެހެނީ އަށްގަޑި ބަޔަށް ކަމަކު މިވާހަކަތައް ދެއްކުމަށް ދިލްމާގެ ދަޢުވަތަށް ހުސެން އެގެއަށް އައިސް އެއިނީ އަށެއް ޖެހިއިރުއެވެ.

"
ދެން ތީގަ ގޮތެއް ނިންމާނީ ދިލް...........ހުސެންގެ މައްސަލައެއް ނެތް...........އެކަމަކު ހުސެން އަށް ރަނގަޅީ ދެމީހުން އެއްކޮށް އެކޮޅަށް ދެވޭގޮތް ވެއްޖިއްޔާ......." ގޮތެއް ނިންމުމުގައި ދިލްމާއަށް ހައްގެއް ދިންނަމަވެސް އޭނަ އެދޭގޮތްވެސް ހުސެން ފާޅުކުރިއެވެ.

ހުސެން މިހެން ބުނުމުން ހުސެން ހިތްހަމަނުޖެހުނީކަމަށް ހީކޮށް ދިލްމާ ހުސެންގެ މޫނަށް ބަލާލިއެވެ. ހަމަ އެވަގުތު ހުސެންވެސް ބޮޑު ހިނިތުންވުމަކުން ދިލްމާއަށް ހިނިތުންވެލިއެވެ.

"
އެއްޗެއް އަހާލަންތަ.........؟" ހުސެން އަށް ބަލަން އިނދެފައި ދިލްމާ އެހިއެވެ.
"
އާނ...........މާ ލަސްވެސް ވެއްޖެއެއްނު.........." ހުސެންގެ ސަކަ މިޒާޖަކީ ފެންނަ ފެނުމުގައި ހުސެންގެ ސިފައެކޭ އެއްވެސް މީހަކަށް ހިއެއް ނުވާނެއެވެ. އެކަމަކު ހުސެންއަކީ ދޭތެރެއަކުން ދިލްމާ ހެއްވާލާކަހަލަ އެއްޗިހި ބުނުމުގައި ކުޅަދާނަ މީހެކެވެ.

"
ބުނީމެއްނު ހުސެން އެންމެ ލޯބިވި ކުއްޖެއްގެ ވާހަކަ..........ކީއްވެ އޭނައާއި ވަކިވީ......ނުބުނަމެއްނު ވީ ކީއްކަމެއް." އެ ވާހަކަ ހުސެން ދެއްކިއިރުވެސް އެ ސުވާލު އޭނަގެ ހިތުގައި އުފެދުނެއް ކަމަކު އޭރު ނޭހުނީއެވެ. އެކަމަކު ވަގުތެއް ލިބިއްޖެއްޔާ އަހާލަން އޭރުވެސް ދިލްމާ ހުރީ ގަސްތު ކޮށްގެންނެވެ.
"
އެދެން.........މުޅިން އެހެން ޒަމާނެއްގެ ވެނިމިފަ އޮތްކަމެއްވީމަ އެ ވާހަކަ ނުދައްކަން ކަމަށް.........." ދިލްމާ ކުރި ސުވާލުން ހުސެންގެ މޫނު ސީރިއަސްވީތަން ދިލްމާއަށް ފެނުނެވެ.
"
އެހެންވެއްޖިއްޔާ އަޅާނުލާ.........އެބަ އަންނަން........." ހަގީގަތުގައިވެސް ހުސެން އެބުނީ ތެދެއްކަން ދިލްމާއަށް ގަބޫލުކުރެވުމުން އެ ވާހަކަ ދޫކޮށްލަން ދިލްމާ ނިންމިއެވެ.

"
ނޫނޭ............މިފަހަރު ވާނެ އަޅާލާން......އަދި އާދޭ އާދޭ............." ޖެހިގެން އިން ޖޯލީގައި އިނދެފައި ތެދުވެގެން ދިލްމާ ހިނގައިގަތުމުން އެއްލި އަތުން ދިލްމާގެ އަތުގައި ހިފައި ހުސެން ހުއްޓުވިއެވެ.
ހުސެން އެބުނެލިގޮތުން ދިލްމާއަށް ހީލެވުނެވެ. ހުސެންވެސް ހިނިތުންވެލިއެވެ.

"
ވީގޮތް ކިޔާދެންތަ.......؟ ވީގޮތަކީ........ތެދަށް ބުނަންޏާ އަހަންނަށް އޭނަ ދެކެ ވެވުނީ ލޯތްބެއް ނޫން......ވެވުނީ މޮޔަ.........ކަޅާ ހުދު ވަކިނުވާ ކަހަލަ މޮޔައެއް ވެވުނީ.....އޭނަ ފެނިއްޖެއްޔާ އެނގޭނެ އޭނަ ފެންނަ ކޮންމެ މީހަކަށްވެސް އެހެން ވާނެކަން. އެކަން އެނގޭތީކަންނޭނގެ. އޭނަވެސް މީހުން މަޅީގައި ޖައްސަން ވަރަށް މޮޅުވާނެ. ޚާއްޞަކޮށް އޭނަގެ ޝިކާރައަކަށް ވާނީ މުއްސަނދިން. ދެރަކަމަކީ.......މިކަން އަހަންނަށްވެސް މިހާރު އެނގުނެއްކަމަކު ....ހެހެހެހެ.......އޭރަކު ނޭނގުނު.......އޭރު ހުރީ ލޯ އަނދިރިއެއްވެސް ނޫން.....ކަނު ވެފަ........." ހުސެން ހީލިއެވެ.

"
ތި ޖޯކް ވާހަކައެއްވިއްޔާ ދެން ހެޔޮ ކިޔާނުދިނަސް.........." ދިލްމާ އަނެއްކާވެސް ދާން އުޅެގެންފިއެވެ.
"
ނޫނޭ.......ހަމަ އަސްލުވާހަކައެއް މިއީ...........އެއީ..........ދެން ނަން ނުބުންޏަސް އޯކޭ ދޯ.........އޭނަ އެއީ އަހަރެންގެ ހަލާކު. އަހަރެން ކުރަމުން އައި ވިޔަފާރިވެސް އަޑިއަށް ދިޔައީ އޭނަގެ ސަބަބުން. އެކަމަކު ކީއްކުރާނީ.......ހަތަރު އަހަރުވަންދެން ރައްޓެހިވެގެން އުޅުނިން. ކޮންމެހެން އަހަރެން ބޭނުންވެގެނެއް ނޫން އިނގޭ.......އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން. މަންމަމެންވެސް އެހެން ކިޔާވަރުން. އެކަމަކު އޭނަ.............އޭނަ ހަމަ ހިލާ އެކަމަކާ ގަބޫލެއް ނުވި..........ދެން އަހަރެން ހީކުރީވެސް އޭނަ ކޯހެއް ހަދާތީއާއިވެސް އެކު............އެކަމަކު ކޮންތާކު...........އަހަރެންނާ ރައްޓެހިވެގެން އުޅެމުން..........." ހުސެންއަށް ކުރިއަށް ގެންދަން ދަތިވި ކަހަލައެވެ.

"
އަހަންނާ ރައްޓެހިވެގެން އުޅެމުން އޭނަ އުޅުނީ އަދި އިތުރު ހަތަރު މީހުންނާވެސް ރައްޓެހިވެގެން.........އަހަންނަށް އެނގުނުއިރު.....އަހަރެން އަތްމަތިވެސް ހުސްވެއްޖެ. އޭނައަކަށް އަހަރެން އޭނަ ދެކެ ވީ ލޯބީގެ އެއްވެސް އަގެއް ހުރި ކަމަކަށް ނުވި........އެހިސާބުން ދެން ހުއްޓުނީ.........އެއީ......އެ ނިމުނީ." ހުސެން ނިންމާލިއެވެ.

"
ދެން އަޅާނުލާ......" އެ ވާހަކަ ދައްކަން ޖެހުނީތީވެސް ހުސެން އިނީ އުނދަގޫވެފައިކަން ބަލާލުމުންވެސް ދިލްމާއަށް އެނގުނެވެ. އެހެންކަމުން އެ ވާހަކަ އިތުރަށް ދެން ދައްކާކަށް ދިލްމާވެސް ގަސްތެއް ނުކުރިއެވެ.
"
އަންނާނަން އިނާމެންގެއަށް ދާވާހަކަ މަންމަ ކައިރީ ބުނެލާފަ." ތެދުވެގެން ދަމުން ދިލްމާ ހުއްދައަށް އެދުނެވެ.

ހުސެން ހަށިފުރާ ނޭވާއެއް ލާފައި ޖޯލީގައި ލެނގިލިއެވެ.
އެ ނުލަފާ އަންހެންކުއްޖާމަތިން އޭނަ ހަނދާން ނެތޭނީވެސް ކިހިނެއް ހެއްޔެވެ؟ އެކަމަކު އޭނަ މަތިން ހަނދާން ކުރާކަށް ބޭނުމެއް ނޫނެވެ. ދިލްމާފަދަ މާތް އަންހެންކުއްޖަކު އޭނަގެ ހަޔާތަށް ލިބުން އެއީ އޭނަ ޝުކުރު ކުރާ ކަމެކެވެ.
** ** ** ** ** ** ** **
ހުސެން އާއެކު ދިލްމާ ގޮސް އިނާމެންގޭގެ ސިޓިންގރޫމަށް ވަންއިރު އެންމެންވެސް އެ ދެމީހުންގެ އިސްތިގްބާލުގައި ތިއްބެވެ.
"
އަނހަނ.............މިއީތަ ހުސެން އަކީ........ހޫމް...........މިހާރު އެނގިއްޖެ މި ވީގޮތް......އަވަހަށް ވަދޭ ވަދޭ......އިށީނދޭ" އިނާގެ މަންމައަށް ހުސެން ފެނުމާއެކު ހަނދާން ވެއްޖެއެވެ.

"
ޝީލާ ދަންނަ ކުއްޖެއްތަ......؟" ޚާލިދު އިށީނދެ އިން ބޮޑު ސޯފާގެ އެއްކޮޅުން ހުސެންއަށް ތަން ދައްކަމުން ޝީލާ އެހެން ބުނެލުމުން ޚާލިދުވެސް ހައިރާން ވިއެވެ.
"
އެހެން ނުއެއް ދަންނަން. އެކަމަކު އިނާ ހޮސްޕިޓަލްގައި ބާއްވައިގެން އުޅުނުއިރު ވަރަށް ގިނައިން ފެނޭ. ފުރަތަމަ ގެންދިޔަ ދުވަހުވެސް އިމަރޖެންސީ ކައިރިން ދިމާވެގެން އެހި އިނާގެ ހާލު. ފަހުން ދުވަހަކުވެސް އެހި. ދައްތަ ހީކުރީ އިނާ .........." ޚާލިދުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ފެށި ނަމަވެސް ޝީލާ ވާހަކަ ނިންމާލީ އިނާ އާއި އެއް ސޯފާއެއްގައި އިން ޝީލާއާއި ދިމާލަށް ހިނިތުންވެލަމުންނެވެ. ވާހަކައިގެ ބާވަތުން އިތުރަށް ކުރިއަށް ނުވެސް ގެންދެއެވެ.

ދިލްމާވެސް ރަކިގޮތަކަށް ހިނިތުންވެލާފައި ބަލާލީ އިނާއާއި ދިމާލަށެވެ.

"
އެހެންތަ.......އެހެންވެއްޖިއްޔާ ވަރަށް ލޯ ތޫނުކޮށްގެންތާ ހުސެން ހުރީ. ހެހެހެހެ..........އުފާވެއްޖެ ދިލްއާއި ހުސެން ގުޅުނީމަ. ދިލްއަކީ އަހަރެންގެ ދަރިއެއް ނޫނެއްކަމަކު ހަމަ ދަރިއެއް. ދިލްއަށް އެއްވެސް ދެރައެއް ދުވަހަކުވެސް ދީފިއްޔާ މި ބޭބެއަށް ހުސެން ޖަވާބުދާރީވާން ޖެހޭނެކަން ހަނދާން ނައްތާނުލާތި." ހިނިތުންވެއިނދެ ޚާލިދު އެ ދެއްކީ ތެދުވާހަކައެއްކަން އެތާ ތިބި އެންމެންނަށް އެނގެއެވެ. މިރެއިން ފެށިގެން އެކަން ހުސެންއަށްވެސް އެނގޭނެކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

"
އަސްލުވެސް ވަރަށް އުފާވެއްޖެ ދައްތަމެން..........ދިލްއަކީ ހަމަ މިގޭ ކުއްޖެއް. ބޭނުންއިރެއްގައި އައިސްގޮސް ހެދޭނެ ދިލް އާއި ދިލްގެ އާއިލާގެ ކޮންމެ މީހަކަށްވެސް........" ޚާލިދުގެ ވާހަކަ ފުރިހަމަކޮށްދިނީ ޝީލާއެވެ.
"
ޝުކުރިއްޔާ..........." ޚާލިދު އަށާއި ޝީލާއަށް ހުސެން ޝުކުރު އަދާކުރީ ހިނިތުންވުމާ އުފަލާއެކުގައެވެ.

ޚާލިދު އާއި ޝީލާއަކީ ކިހާ އޯގާތެރި ކިހާ މާތް ދެމަފިރިންކަން މީގެ ކުރިން އޭނަ އަށް އިވިފައިވަނީ ތުންތުންމަތިންނެވެ. އެއީ ހަގީގަތެއްކަން މިރޭ މިގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅުންވެސް ހުސެންއަށް އިހްސާސް ވަމުން ދިޔައެވެ. މުއްސަނދިކަމުގެގޮތުން ގާތްގަނޑަކަށް އޭނައާއި އެއް ދަރަޖައެއްގައި އެ އާއިލާވެސް ވާތީ، ގޭތެރޭގެ މުއްސަނދިކަމާއި ފާޑުވެރި ކަމަކީ ހުސެންއަށް އާ ކަމަކަށް ނުވިޔަސް، "އޭނަގެ" ދިލްމާއަށްޓަކައި އެ ދެމަފިރިންގެ ހިތުގައި ދެވިފައިވާ ގަދަރާއި ލޯތްބަކީ ޚުދު އޭނަގެ ހިތްވެސް ފަތަޙަ ކުރުމުގައި އެ ދެމަފިރިންނަށް ކާމިޔާބު ލިބޭނެ ސަބަބެއްކަން އޭނައަށް ހަމަ ޔަގީނެވެ.
** ** ** ** ** ** ** **
ޖެހިގެން އައި ދުވަހެވެ.
"
ޓިކެޓާއި އެއްޗެހި ބަހައްޓާ އަހަރެންގެ މޭޒުމަތީގަ.....މިރޭ އައިސް ނަގާނަން. ދެން އިކްރާމްކައިރީ ބުނެގެން ފައިނޭންޝަލް ރިޕޯޓްގެ ކޮޕީއެއްވެސް ހޯދާފަ ބާއްވާ..........."
އޮފީހުގެ ރަސްމީ ގަޑި ނިމުމުން ނިކުމެގެން ދަމުން ނަވީން އޭނަގެ ސެކްރެޓަރީއަށް އެންގީ މާދަން މެންދުރުފަހު އޭނަ މާލެ ފުރުމަށް ހަމަޖެހިފައިވާތީ، އެ ދަތުރާއި ގުޅިގެން ކުރަން ޖެހޭ ކަންތައްތަކުގެވާހަކައެވެ.

ވަރަށް ކުއްލި ގޮތަކަށް ނަވީން މާލެ ދާން ޖެހުނީއެވެ. ޓެލެކޮމިއުނިކޭޝަން ސެންޓަރާއި ސިންގަޕޫރާއި މެލޭޝިޔާގެ ޓެލެކޮމިއުނިކޭޝަން ސެންޓަރާއެކު ދިރާގުގެ ފަރާތުން ބާއްވާ ޑިސްކަޝަން ކުރިން އޮތީ މެލޭޝިޔާގައި ކަމަށްވިޔަސް، ކޮންމެވެސް ސަބަބަކާހުރެ، އެ ޑިސްކަޝަން މިހާރު ވަނީ ސެމިނާރއަކަށް ބަދަލުވެ، ބާއްވާ ތަންވެސް ރާއްޖެކަމުގައި ވެފައެވެ. މީގެ ހަފްތާއެއް ކުރީއްސުރެ ރިޕޯޓްތަކާއި އެއްޗެހި ތައްޔާރުކޮށްފައި ހެޑް އޮފީހަށް ފޮނުވީ އެ ޑިސްކަޝަނަށް ފޮނުވުމަށް ކަމަކު، އެ ސެމިނާރ ރާއްޖެއަށް ބަދަލުވުމުން އެ ސެމިނާރއަށް އަތޮޅުތެރޭގެ ހުރިހާ ލޮކޭޝަނެއްގެ އެންމެ އިސްވެރިޔަކުވެސް ދާން ޖެހުނީއެވެ.
** ** ** ** ** ** ** ** ** **
"
މިހާރު ފޯމް ލާފަ އެ އޮތީ..........މިއަދު ލީމަ ފަސްވަރަކަށް ދުވަސްފަހުން ހުރިހާ ކަމެއް ހަމަޖެހޭނެއެއްނު..." ހަވީރުގެ ފިނި ވަގުތުގައި ޖޯލީގައި ވާހަކަ ދައްކަން އިނދެފައި ހުސެން އެ ބުނެލީ އޭނައާއި ދިލްމާގެ ކައިވެނީގެ ފޯމް މިއަދު ކޯޓަށް ލީވާހަކައެވެ.

ހުސެން އެދުނު ގޮތަށް ދިލްމާވެސް ނިންމީ 27 ވަނަ ދުވަހު ކޯހަށް ފުރުމުގެ ކުރިން ކައިވެނި ކޮށްގެން ފުރުމަށެވެ. ދިލްމާގެ މަންމައާއި އިނާއާއި އިނާގެ މަންމަ އާއި ބައްޕަވެސް އެގޮތް އެދުމުން، އެއީ ހަމަ އެކަން ކުރަން ޖެހޭ އެންމެ ރަނގަޅުގޮތްކަމަށް ދިލްމާއަށް ބާރު ލިބުނެވެ.

"
ފަސްދުވަސް؟ ކުރިން އެކަހަލަ ކަންތަކަށް ނަގާނެ ހަތްވަރަކަށް ދުވަސް. މިހާރު ތަންކޮޅެއް އަވަސް ދޯ؟......މިއަދު މިއީ 19 .......އެހެންވީމަ އެވާނީ 24 އަށް..... އެއްގޮތަކުން ރަނގަޅު 23 އަށް ނުވިކަންވެސް. އެހެން ނޫންނަމަ އިނާއަށް ކޮންމެވެސް ވަރަކަށް އުނދަގޫވާނެކަންނޭނގެ ދޯ؟" ހުސެން ގެނެސްދިން ހަދިޔާ ފޮށްޓެއް ހިފައިގެން އިން ދިލްމާ ވިސްނާލާފައި ބުނެލިއެވެ.

"
އާނ.......އެހެންވުން އެކަށީގެންވޭ.......ދެން ދިލް ބުނެލާތި އިނާކައިރީވެސް މިގޮތަށް ހަމަޖެހުނު ވާހަކަ. އޭރަށް ރަނގަޅުވާނެނު. ދެން ގޮސްލީއޭ އިނގޭ..........ގުޅާނަން މިރޭ......" ދިލްމާގެ ގެއަށް ހުސެން އައިސް ގޮސް ވުމުގައި ބީރައްޓެހި އެއްވެސް ކަމެއް މަނާ އެއްވެސް ކަމެއްވެސް ނުވެއެވެ.

"
ހުސެން................" ހުސެން ހިނގައިގަތްފަހުން ދިލްމާ ގޮވާލިއެވެ. ގޮސްގޮސް ހުރެފައި ހުސެން އެނބުރިލީކީ ނޫނެވެ. އެނބުރި އައީއެވެ.
"
ޝުކުރިއްޔާ......!!! އަސްލު މިހެދުން ހޯދަން ޖެހޭނީވެސް އަހަރެން..........އެކަމަކު......." ހުސެން އައިސް ހުއްޓީހުރީ އޭނަގެ ކުރިމަތީގައި ކަމަށްވުމުން އިސް އުފުލާ، ކަރުމައްޗަށް ނަގާފައި އޯގާތެރިކަމާއި ޝުކުރުވެރިކަމާއެކު ދިލްމާ ޝުކުރު އަދާކުރިއެވެ.

ހުސެން ދިލްމާ ކައިރީ ޖޯލީގައި އަނެއްކާވެސް އިށީނެވެ. ދެން ދިލްމާގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ.
"
އަބަދުވެސް...........އަބަދުވެސް ދިލްގެ ޚިދުމަތުގައި ހުރުމަކީ އަހަންނަށް ލިބޭ އުފަލެއް. އެކަން ހަނދާން ނައްތާނުލާތި. އެކަމަކު ތިއީ މަންމައާއި ދޮންތަގެ ޗޮއިސްއެއް......." ދިލްމާގެ އަތްތިލައަށް ބާރުލަމުން ހުސެން ޔަގީންކަން ދިނީ އޭނަގެ ހިތުގެ ލޯތްބާއި އޭނަގެ އާއިލާގެ ލޯތްބާއި ރުހުންވެސް ދިލްމާއަށް ލިބިފައިވާ ކަމެވެ.

ދިލްމާއަށް ލިބުނު އުފަލުންނާއި ކުރި އަސަރެއްގެ ބޮޑުކަމުން އަނގައިންވެސް ނުބުނެވުނެވެ.
"
ނުވެސް ކަނޑާނަންތަ ޕާރސަލް.......އޭރުންނެއްނު އަހަންނަށް ފެންނާނީ." އެ ޕާރސަލް ކެނޑުމަށް ހުސެން އެނދުނު މީ ފުރަތަމަ ފަހަރެއް ނޫނެވެ.
"
މަންމަ އައީމަ ކަނޑާނީ.......އެހެން ނޫނަސް ހުސެންއަށް ކީއްކުރަން ދައްކަނީ......ފެންނަންވާ ދުވަސް އައީމަ ފެންނާނެނު." ކުރިންވެސް އެކަމުން ދިލްމާ މަނާވެގަތީ އެހެން ބުނެފައެވެ.
"
އޯކޭ އޯކޭ..........ދޫކޮށްލީ......ދަނީ އިނގޭ....." ދިލްމާގެ އަތުގައި ފިރުމާލާފައި ހުސެން ތެދުވެއްޖެއެވެ.
ދިލްމާވެސް އިތުރު އެއްޗެއް ނުބުނި ނަމަވެސް ރީތި ހިނިތުންވުމަކުން ހިނިތުންވެލިއެވެ.

ޓިއުޝަންގެއިން ކޮއްކޮ ގޮވައިގެން އައިސް މަންމަ ވަނީ ހަމަ އެވަގުތުއެވެ.
"
ހާދަ އަވަހަކަށް ހުސެން އެދިޔައީ......" ނުކުމެގެން ދިޔަ ހުސެން އާއިވެސް އެ ސުވާލުކޮށްފައި ވަދެގެން އައި މަންމަ ދިލްމާ ކައިރިންވެސް އެހީ ހަމަ އެހެންނެވެ.
"
އަޅެ.........ތީ ހާދަ ރީތި ބޮކްސް އެކޭ ދައްތާ.....ކޯޗެއް އޮތީ......" ދިލްމާގެ މަންމައަށްވުރެ ކުރިން ކޮއްކޮގެ ލޮލުގައި އެ ފޮށި އަޅައިގަތެވެ.
"
މިއީ..........މިއީ ދައްތަގެ ހެދުން......" ޖަވާބު ދިނީ ކޮއްކޮއަށް ކަމަށްވިޔަސް މަންމައާއި ދިމާލަށް ދިލްމާ ބަލާލިއެވެ. ދިލްމާގެ މަންމައަށްވެސް އެއީ ކޮން "ހެދުމެއް" ކަން ވިސްނައިގަނެވުނު ކަހަލައެވެ.

"
އެހެންތަ.....އަވަހަށް ދައްކަބަލަ މަންމަވެސް ބަލާލަން......" ކޮއްކޮ ގޮވައިގެން އައިއިރު ގަނެގެން ގެނައި ދެކިލޯ ހަކުރުކޮޅު ބަދިގޭ މޭޒުމަތީ ބަހައްޓާފައި އައިސް ދިލްމާ ކައިރިއަށް މަންމަވެސް ހުއްޓިލިއެވެ.
"
ކަނޑަންވީ..........؟؟" ވަރަށް އުފާވެފައި އިން ކޮއްކޮއާއި ދިމާލަށް ބަލާލާފައި ދިލްމާ ސަމާސާ ކޮށްލިއެވެ.

"
އޯވހ ޕްލީޒް........އަވަސް އަވަސް............." ދިލްމާގެ ކޮއްކޮ ދެއަތް ތަޅުވައިގަތެވެ. ދޫންޏަކު ފިޔަޖަހާލާހެންނެވެ.
ދިލްމާ އެ ޕާރުސަލް ކަނޑާލިއެވެ.
ދިލްމާއެކޭ އެއްވަރަށް ދިލްމާގެ މަންމަވެސް އާޝޯޚް ވިއެވެ. ފޮށިގަނޑުގައި އޮތްއިރު ފެންނަން އޮތީ ހަމައެކަނި ހެދުމުގެ މޭމަތިން ބައެއް އެކަންޏެވެ. އެކަމަކު އެއީ ޓޮފީ ކުލައިގެ އޮފް ސެޓީންގ ފޮތީގެ ހެދުމެއްކަން އެހިސާބުން އެ ތިންމައިންނަށްވެސް އެނގުނެވެ. ދިލްމާއަށް އެންމެ މަގްބޫލު ކުލައެވެ. ޔަގީނުންވެސް އެ ކުލަ ޚިޔާރު ކުރުމުގައި ހުސެން އެހެރީ ވަރަށް ބޮޑު އެހީއެއް ހުސެންގެ މަންމައާއި ދޮންތައަށް ވެފައިކަން ދިލްމާއަށް އެވަގުތު ޔަގީން ވިއެވެ.

"
ދައްތަ ދެން ނަގާބަލަ ހެދުން އެއްކޮށް......." ވިދާ ބަބުޅާ ވެލިފޮތިތަކާއި މިނާތަކުން ޖަރީކޮށްފައި އޮތް ހެދުމަށް ބަލަން ތިބިއިރު ހެދުން ރީތިކަމުން އަތްލާންވެސް ދިލްމާ އާއި ދިލްމާގެ މަންމައަށް ނުކެރިފައި ތިބި ކަހަލައެވެ. އެކަމަކު ދިލްމާގެ ކޮއްކޮ ހިކްމާއަކަށް އެވަރުން ހިތެއް ނުފުރެއެވެ. ހެދުން އެއްކޮށް ބަލާލުމުގެ ޝައުގު ހިކްމާގެ ހިތުގައި ވަރަށް ބޮޑެވެ.

ދިލްމާ އެ ފޮށި ނަގާ ކުރިމަތީގައި ހުރި ކުޑަ ގޮނޑިމަތީގައި ބަހައްޓާފައި ހެދުން އެއްކޮށް ނަގަން ފެށިއެވެ. މިއީ އަނެއްކާ ކޮންކަހަލަ ހެދުމެއް ބާވައެވެ. ފަޔާއި ހަމައަށް އޮތް ވެޑިންގ ޑްރެސްއެއްނަމަ އޭނައަކަށް އެ ލާކަށް ނުކެރޭނެއެވެ. މީހުން އެކަހަލަ ހެދުން ލަނީ ވެޑިންގ ޕާޓީތަކަށެވެ. އޭނަގެ ގަސްދުގައި އެކަހަލަ އެއްވެސް ކަމެއް ނެތެވެ. އޭނަ ބޭނުން ވަނީ ހަމަ އެކަނި ގޭގައި ކައިވެނި ކޮށްފައި ގާތް ރައްޓެހިންނާއި އަވަށްޓެރިންނާއި ތިމާގެ މީހުންނަށް ގޭގައި ކުޑަ ސައެއް ތައްޔާރު ކުރާށެވެ. އެފަދަ ކަމަކަށް ބޮޑު ސިންގާ ވެޑިންގ ޑްރެސްއެއް އޭނަ ބޭނުމެއް ނެތެވެ.
އެކަމަކު...........

ހެދުން އެއްކޮށް ނެގުނީމަ ދިލްމާއަށް ލުއެއް ލިބުނެވެ. އެއީ އެކަހަލަ ހެދުމެއް ނޫނެވެ.
އެއީ އިންޑިޔާ މީހުން ލާކަހަލަ ހަރުވާޅަކާއި ހެދުމެކެވެ. މެޔާއި ހިސާބުން ބުރިކޮށް، އެހިސާބުން ފެށިގެން ތިރިއަށް، ފަސްބައި އަރިއަރިއަށް ނަގާފައިވާ ހެދުމެކެވެ. އަތް ދިގު ޕާކިސްތާނު ހެދުމެކެވެ. އެހާމެ ރީތި ގުޅޭ ދޯޕައްޓާއަކާވެސް އެކުގައެވެ. އޭނައަކީ އެކަހަލަ ހެދުމެއް ދުވަހަކު ލީމީހެއް ނޫނެއްކަމަކު، މި ހެދުން އޭނައަށް ވަރަށް ރީތި ވިއެވެ.
ހެދުން އެކަންޏެއް ނޫނެވެ. ހަރުވާޅުގައިވެސް ވަނީ ދެފައިކުރީގައި ޖަރީއާއި ވިދާ ބަބުޅާ ކަސަބާއި ވެލިފޮތިފަދަ ތަކެތިން ޒީނަތްތެރިކޮށްފައެވެ.

"
މަންމައަށް ހީވަނީ ދަރިފުޅު ތިހެދުން ލީމަ ވަރަށް ރީތިވާނެހެން. ....." ހެދުމުގެ ރީތިކަމާއި ނަލަ ކަމުން ބަސްހުސްވެފައި އިނދެފައި ދިލްމާގެ މަންމައަށް ބުނެވުނީ އެހެންނެވެ.
"
ކިހިނެއް ދައްތައަށް ހެޔޮވަރު ސައިޒެއް ހުސެންބެއަށް އެގުނީ...؟؟" ހިކްމާ ކޮށްލީ މޮޅު ސުވާލެކެވެ.
"
މަންމަވެސް މި އިންނަނީ ތިހެން ހިތަށް އަރާފައި....އަޅެ ދަރިފުޅު ނިކަން ލައިބަލަ ހެޔޮވަރުތޯ ބަލާލަން....." ދިލްމާގެ މަންމަ ހެދުމުގައި އަތްހާކަމުން އެދުނެވެ.
"
މިހާރަކު ނޫން ލާނީ.....އެހެންފަހަރަކުން....މިހާރު ތަނަކަށް ދާން މިއުޅެނީ....." ހެދުން މަންމަ އަތަށް ދީފަ ދޯޕައްޓާ ނަގައިގެން ދިލްމާ ބަލަން ފެށިއެވެ.

ހިކްމާ އެބުނިހެން މިހާ ހެޔޮވަރަށް ހުސެންއަށް އޭނައަށް ހެދުމެއް ހޯދަން ބުނަން އެނގުނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ހަޔާތަށް އަންނަން މިއުޅެނީ އަނެއްކާ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟ މިފަދަ މުއްސަނދިކަމާއި މިފަދަ އުފަލަކީ އޭނަ ދުވަހަކުވެސް ދެކެފައިވާ ކަމެއް ނޫނެވެ. ޔާ ﷲ މިއަޅާއަށާއި މިއަޅާގެ އާއިލާއަށް ދެރަގޮތެއް މެދުވެރި ނުކުރައްވާށި....!!!

ހެދުން ހިފައިގެން އިންއިރު ދިލްމާގެ ހިތަށް އަރަމުން ދިޔައެވެ. އަދި ހިތާހިތާ ދުޢާވެސް ކުރެވުނެވެ.
ވާނީވެސް އެހެންނެވެ. މީގެ ކުރިން އެފަދަ ކަމެއް ދުވަހަކުވެސް އެ އާއިލާއަށް ފެނިފައި ނުވެއެވެ. ދަތިހާލުގައި އުޅެން އާދަވެފައިވާ ކޮންމެ ބަޔަކަށްވެސް އުފާވެރި ދުވަސްތައް ފެންނަން ފެށުމުން ހިތުގައި ބިރުވެރި އޮއިވަރެއް ހިނގައި، މިއީ ތިމަންނާއަށް ހަމަ ހައްގުކަންތަކެއް ބާއޭ ހީވާ އުޞޫލުން ދިލްމާ އާއި ދިލްމާގެ މަންމައަށްވެސް އެފަދަ އެއްޗިހި ހީކުރެވުމަކީ ހަމަ ޠަބީޢީ ކަމެކެވެ. އެއީ ނުވެނުދާނެ ގޮތެކެވެ.

** ** ** ** ** ** ** ** **
އެރޭގެ ކެއުމުގެ ވަގުތުގައި ކާކޮޓަރިއަށް ޚާލިދު އައިސް ވަންއިރު އިނާ އާއި ހަމްދުވެސް ތިބީ ކާމޭޒު ދޮށުގައި ބައްޕަގެ އިންތިޒާރުގައެވެ. ޝީލާވެސް ހަމްދުއަށް ކާންއަޅައިދޭން އުޅެއެވެ.

"
ބައްޕަ މިހާރު ފުރަނީ ކޮން ދުވަހަކުތޯ؟" ޚާލިދު ކާންފެށިފަހުން ހަމްދު އަހާލިއެވެ.
"
ބައްޕައަށް ހީވަނީ ތޭވީސްވަނަ ދުވަހުހެން ފުރޭވަރު ވާނީ." ޝީލާއާއި ދިމާލަށް ބަލާލަމުން ޚާލިދު ޖަވާބު ދިނެވެ. ތޭވީހޭ ބުނަން ޖެހުމާއި، ތޭވީހުގަ ފުރަން ޖެހުމަކީ އިނާއަށްޓަކައި ކިހާ ޚާއްޞަ ވާނެކަމެއްކަން އެދެމަފިރިންނަށް ނޭނގެނީކީ ނޫނެވެ.
"
އޭރުން ވަރަށް ލަސްވާނެ ދޯ ދޮންތާ........" ހަމްދު އެބުނީ ތެދެކެވެ.

"
އަދި ހަނދާން ނެތުނީއޭ......މީގެ އިރުކޮޅެއްކުރިން ނަވީން ގުޅިއޭ.....ކުއްލިއަކަށް ނަވީން ފުރަންޖެހުނީޔޯ....ހަފްތާއެއްހާ ދުވަހަށް..... މާދަމާ މެންދުރުފަހު ފްލައިޓުން ފުރާވާހަކަ ބުނި." ޚާލިދު ކާ ކޮންމެ އިރަކުވެސް ހުންނަން ޖެހޭ ކަޅު ސައިތަށިން އެތިފޮދެއް ބޯލަމުން ޚާލިދު ބުނެލިއެވެ.

"
އަނެއްކާ ކަމެއް ގޯސްވީތަ....؟" ޝީލާ އަހާލިއެވެ.
އެހެންނަމަވެސް ޝީލާއަށްވުރެ ބޮޑަށް މިކަމުގައި ހައިރާންވީ އިނާއެވެ. މިވީ އަނެއްކާ ކިހިނެއްހެއްޔެވެ؟ ނަވީންގެ ޚިޔާލުތަކާ ހަނދާންތަކުން ދުރުވާނެއޭ އޭނައަށް ހީކުރެވުނެއްކަމަކު، މިހާރު މިވީގޮތުން އޭނައަށް މާލެދެވޭއިރު ނަވީންވެސް ހުންނާނީ މާލޭގައެވެ. ދެރަކަމެއް ނޫންހެއްޔެވެ.

"
ގޯހެއްނުވޭ.....އެކަމަކު....ބުނީ ކުރިން މެލޭޝިއާގައި އޮތް ޑިސްކަޝަނެއް މިހާރު މާލެއަށް ބަދަލުވި ވާހަކަ." ޚާލިދު ކިޔައިދިނެވެ.
"
އެހެންތަ.....އޮފީސްކަމެއް ދޯ......ދިމާވާނެނު އެކޮޅުން އެހެންވިއްޔާ......." ޝީލާގެ ހާސްކަން ކެނޑުނެވެ. އިނާގެ ހާސްކަން އިތުރުވިއެވެ. މަންމަގެ ޚިޔާލުގައި މާލެގޮސްވެސް ނަވީންއާއި ދިމާވާން ނިންމީތީއެވެ.

"
ނޫނޭ......ދާ ދުވަހާ އަންނަ ދުވަހު ނޫނީ ދެން އުޅޭނީ ރިސޯޓްގައޭ ބުނީ.....އެ ސެމިނާރ އޮތީ ބަނޑޮހުގައޭ ބުނި." ޚާލިދުއަށް ނަވީން ހުރީ ހުރިހާ ވާހަކައެއް ކިޔާދީފައެވެ.
ރިސޯޓްގައި އުޅެންޖެހުނުކަން އެއީ ނަސީބެކޭ އިނާގެ ހިތަށް އެރިއެވެ.

"
އިނާ.......ހަމަ އަނގައިންވެސް ނުބުނަމު........" ދައްކަމުންދާ ނަވީންގެ ވާހަކައިން ދުރަށް ޖެހި ޚާލިދު ވާހަކަ ދައްކަންފެށީ އިނާ އާއިއެވެ.
އިނާ ހީލިއެވެ.
"
ރަނގަޅުތަ ދަރިފުޅު....." އަނެއްކާވެސް ޚާލިދު އެހިއެވެ.
"
ރަނގަޅު..........." ކުރިއެކޭވެސް އެއްފަދައިން ހިނިތުންވެލަމުން އިނާ ޖަވާބު ދިނެވެ.

"
އިނާ ބުނާނީ އެހެން. އެކަމަކު މަންމައަށް ހީވަނީ އިނާ އެ ހުންނަނީ ޒިޔާދުގެ ކަންތަކާ ކަންބޮޑުވެފަހެން....ދޯ ދަރިފުޅާ...." ކުރިމަތީގައި ހުރި ކެރެޓް ތަށިން ކެރެޓްކޮޅެއް ނަގާ ކާލަމުން ޝީލާ ދޯ ދިނެވެ.
"
އުނހުނ.............." އިނާގެ ކޮންމެ ޖަވާބެއްގައިވެސް މާ ގިނަ ވާހަކަތަކެއް ނެތެވެ.
"
ޒިޔާދުގެ ކަންތަކާއޭ ތިބުނީ.........ކިހިނެއްވީ އަނެއްކާ......." ޚާލިދު ކުޑަކޮށް ކަންބޮޑުވިއެވެ.
"
މިކިޔަނީނު އަބަދު އަބަދު ޒިޔާދުގެ ޚަބަރެއް ނުވާވާހަކަ. އަޅެ ޚާލިދު މިރޭ އެގެއަށް ގުޅާލަންވީނު........" ޝީލާ އެދުނެވެ.

"
އާނ.......މިރޭ ބަލާލަންވާނެ............" ޒިޔާދުގެ ވާހަކަ މާ ތަފްޞީލްކޮށް ދައްކާކަށް ޚާލިދު ބޭނުން ނުވާތީ އަވަސް ގޮތަކަށް އެ ވާހަކައިގައި ސިލުޖެހިއެވެ.
** ** ** ** ** ** ** ** **
"
ޚާލިދު....................އަހަރެން ހިތަށް އަރާ އެއްޗެއް ބުނަން...........؟" ރޭގެ އެގާރަގަޑިބައިވީއިރު ނިދަން ތައްޔާރުވެގެން ތިބި ދެމަފިރިންގެ ތެރެއިން ޑްރެސިންގ ޓޭބަލް ކައިރީ އިނދެފައި ތެދުވަމުން ޝީލާ މިހެން އަހާލީ އެނދުގައި އިށީނދެ އިން ޚާލިދު ކައިރިއަށް އަންނަމުންނެވެ.

"
ހޫމް................" ޚާލިދު އިނީ އެއަރކޯންގެ ރިމޯޓަށް ބެޓެރި ލައްވާށެވެ.
"
އަހަރެން މި ހިތަށް އަރަނީ..............ތޭވީސް ވަނަ ދުވަހަކީ އިނާގެ ތިރީސްވަނަ އުފަންދުވަސް.......އެއީ އިނާ ކައިވެނި ކުރަން ހަމަޖެހިފައި އޮތް ދުވަސް.........އެކަމަކު މިހާރު އެއީ އިނާ ބޭސްފަރުވާއަކަށް އިންޑިއާއަށް ފުރަން އޮތް ދުވަސް......އެހެންވީމަ..........ކިހިނެއް ވާނެ އެ ދުވަސް އެއީ އިނާއަށްވެސް އަދި އަހަރެމެން އެންމެންނަށްވެސް އުފާވެރި ދުވަހަކަށް ބަދަލުކޮށްލަން...." ޚާލިދު ކައިރީ އިށީނދެއިން އިރުވެސް އަތުގައި ލޯޝަނެއް ހާކަމުން ދިޔަ ޝީލާ އެ ދެއްކީ މިރޭ ކާމޭޒުދޮށުގައި އިންއިރު އޭނަގެ ވިސްނުމަށް އައި ޚިޔާލެއްގެ ވާހަކައެވެ.

"
މިހާރުވެސް އެއީ އުފާވެރިދުވަހެއްނޫންތަ؟ " ޚާލިދުއަށް ޝީލާ އެބުނި އެއްޗެއް މާ ބޮޑަށް ވިސްނައެއް ނުގަނެވުނެވެ.
"
އާނ ރަނގަޅޭ......އެކަމަކު މި ބުނީ އިނާގެ އުފަންދުވަސް ވުމުގެ އިތުރުން........." ޝީލާ ބުނެދޭން ފެށިއެވެ.
"
ތިބުނީ އިނާގެ ކައިވެނި އެ ދުވަހު ކުރެވެން ހަމަޖެހިފައި ނުކުރެވުނީމަ އިނާ............" ޝީލާގެ ވާހަކަ މެދުކަނޑާލާފައި ޚާލިދުވެސް ބުނަން އުޅުނެވެ.

"
ހޫމް.........ހަމަޖެހިފައި ނުކުރެވުނީމަ އިނާ ދެރަވާނެ.......ވަރަށްވެސް ދެރަވާނެ. އެހެންވެގެންކަންނޭނގެ.......އެ ހޮސްޕިޓަލެއްގައި އޮވެފައި އައި ފަހުން މިހާރު ހުންނަނީ ކުރިއަށްވުރެވެސް ނެގި މަޑުވެފަ. ބަސްމަދުވެފަ. އަބަދު ޚިޔާލަކަށް ގެއްލިފަ. އިނާއަށް ނުފެނި ހުރެ މީހަކު އިނާއަށް ބަލައިފިއްޔާ އެނގޭނެ އިނާ ހިތާމައެއް ކުރާކަން. އެކަމަކު މީހަކަށް ފެންނަ ހިސާބުގައި ނަމަ އިނާ އިންނާނީ ވަރަށް ނޫންކަމަށް ހަދައިގެން..........އަސްލު ހީވަނީ ޒިޔާދުގެ މައްސަލަ......މި ބުނީ ކައިވެނި ލަސްވީމަ އިނާ ހިތަށް އަރަނީ ކަންނޭނގެ ދޯ ޒިޔާދު އޭނަ ދޫކޮށްލީއޭ............." ޝީލާ އެހެރީ އިނާ އާއި ދޭތެރޭ ވަރަށް ވިސްނާފައިކަން ޚާލިދުއަށް އެނގުނެވެ. އެކަމަކު ޒިޔާދު އާއި ދޭތެރޭ ފަހަރެއްގައިވެސް ޝީލާގެ ހިތް ޝައްކުވެފައި ނެތީތީ ޚާލިދު ހައިރާން ވެއެވެ.

"
އަސްލު އެހެން ހިތަށް އަރާނެ ދޯ........ޒިޔާދު ފުރައިގެން އެ ލަންކާއަކަށް ދިޔަފަހުން ގުޅާވެސް ލީކީ ނޫން.........ދިޔަ ފަހުންވެސް މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެ........އެނބުރި އައީކީވެސް ނޫން.........އެއްވެސް ޚަބަރެއް އެނގެނީކީ ނޫން......އިނާއެއްކަމަކު އެހެން ހިތަށް އަރާހާ ވެއޭ އަސްލު..........." އަމިއްލަ އަމިއްލައަށް ދައްކާ ވާހަކައެއްހެން ޝީލާ ވާހަކަ ދައްކަމުން ދިޔައެވެ.

ބެޓެރި އަޅަން ގެންގުޅުނު ރިމޯޓް ނަގާ މޭޒުމަތީ ބާއްވާފައި ސައިޑްޓޭބަލް މަތީ ހުރި ލައިޓާއި ދިމާލަށް ބަލަހައްޓައިގެން ޚާލިދު އިނީއެވެ. ޚާލިދު ބޭނުންވީ ޒިޔާދުގެ ހަގީގަތް ޝީލާއަށް ކިޔައި ދިނުމަށެވެ. ޝީލާއަށްވެސް އިނާއަށްވެސް ނޭނގޭ އެކަމަކު ޚުދު ޚާލިދުގެ ކަންފަތުން އަޑުއަހާފައިވާ ޙަގީގަތް ކިޔައިދޭށެވެ.

އެކަމަކު މިއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ދަނޑިވަޅުބާވައޭ ޚާލިދު ހިތުގައި ޝައްކު އުފައްދައެވެ. މިހާރުވެސް ދައްކަމުން އެ ދަނީ އިނާ ކައިވެނި ކުރެވެން ހަމަޖެހިފައި އޮތް ދުވަހު އެކަން ނުވާގޮތަށް ވީތީ އެކަމާ އިނާ ފިކުރުބޮޑުވެފައި ހިތާމަވެރި ވެފައި އިންނަ ވާހަކައެވެ. މިވާހަކަ ދައްކައިފިއްޔާ އިނާ އާއި އެކުއެކީ ޝީލާވެސް އިންނާނީ އެފަދަ ތަސްވީރަކަށް ވެގެންކަން ޚާލިދުއަށް އެނގެއެވެ.

"
ތިވާހަކަ އިހަށް ބާއްވަބަލަ..........ބުނީމެއްނު ތޭވީސްވަނަ ދުވަސް އުފާވެރި ދުވަހަކަށް ހަދާވާހަކަ. ކޮބާ އެގޮތަކީ......؟" ޒިޔާދުގެ ވާހަކަ މިވަގުތު ނުދައްކާން ނިންމައިގެން ޚާލިދު ވާހަކަ ބަދަލު ކޮށްލީ އެ ދެމައިންނަށްވެސް އުފާވެރިކަމެއް ގެނެސްދޭން އޭނައަށް ކޮށްދެވިދާނެ ކަމެއް އޮތްތޯއެވެ. ފަހުން ލިބެން އޮތް ހިތާމަ ކިތަންމެ ބޮޑުވިޔަސް، މި ދަނޑިވަޅުގައި އިނާއާއި ޝީލާއަށް އެހާ ބޮޑު ދެރައެއް އޭނައަކަށް ނުދެވޭނެއެވެ.

"
ހިތަށް އަރަނީ........ދިލްމާ އާއި ހުސެން ކައިވެނިކުރަން ފޯމްވެސް ލައިފި މިއަދު ހެނދުނު....އިނާ ބުނި އެވާހަކަ......މިއަދު ލީމަ ރަސްމީ ލިއެކިއުންތަކުގެ ކަންތައްވެސް ހަމަޖެހެން ނަގާނެ ފަސްވަރަކަށް ދުވަސް. އޭގެ މާނައަކީ ދިލްމާއަށް ކައިވެނި ކުރެވޭނީ ސައުވީސް އެހެން ނޫނީ ފަންސަވީހުގަ.........އިނާއެއްވެސް އަދި އަހަރެމެންނެއްވެސް ނުހުންނާނެ އޭރަކު...........
އެހެންވެ ހިތަށް އަރަނީ......ކިހިނެއްވާނެހޭ އަހަރެމެން އެންމެންވެގެން ތޭވީސްވަނަ ދުވަހު ދިލްމާގެ ކައިވެނި ކުރެވޭނެގޮތް ހަމަޖައްސަން. ސައިވެސް ބާއްވަދޭނީ އަހަރެމެން.......އެހެން ހުރިހާ ކަމެއްވެސް އަހަރެމެން ކޮށްދޭނީ. މިބުނީ ދިލްމާގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް އަހަރެމެން ކޮށްދޭނީ......ޕާޓީ ބާއްވަން ބޭނުމިއްޔާ ޕާޓީވެސް ބާއްވަދޭނީ އަހަރެމެން.........ގައިމުވެސް އެކަން ވާނެ އިނާއަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް. އެހެން ނޫނީ އިނާ ނުވެސް ނެތީސް ދިލްމާ އާއި ހުސެންގެ ކައިވެނި ކުރެވޭނީވެސް. ދެން ނުއެއްވާނެއެއްނު ކައިވެންޏެއް ހުއްޓުވާކަށް އަހަރެމެންނަށް ރަށަށް އެނބުރި އާދެވެންދެންނޭ ކިޔާފައެއް . ނޫންތަ އަޅެ........" ޚާލިދުގެ އަތުގައި ހިފަހައްޓައިގެން އިނދެ ޝީލާ އޭނަގެ ޚިޔާލު އޭނަގެ ލޯބިވާ ފިރިމީހާއަށް ހުށަހެޅިއެވެ.

އިށީނދެއިންއިރު ދެފަރާތުން އެނދުގައި އަތްވިއްދައިގެން ޝީލާ އެ ދައްކަމުންދާ ވާހަކައަށް ވިސްނަން އިން ޚާލިދުއަށް އެ ޚިޔާލަށް ވަރަށް ތާއީދު ކުރެވުނެވެ.

"
އެގޮތާ ދިލްމާ ރުހޭތޯ ބަލަންވާނެނު....؟" ޚާލިދުއަށް ސުވާލު އުފެދޭ ހަމައެކަނި ކަމަކީ އެއީ ކަމަށްވާތީ ޝީލާއަށް ހަނދާންކޮށްދިނުމުގެ ގޮތުން ޚާލިދު އެހިއެވެ.
"
ރުހޭނެ........އިނާ ރުހެންޏާ ރުހޭނެ.........އެހެން ނޫނަސް އެއީ ހަމަ މިގޭ ކުއްޖެއްކަހަލަ ކުއްޖެއްނު.........." ދިލްމާ އާއި އިނާ އާއި ދޭތެރޭގައި ޝީލާގެ ހިތަކީ ވަރަށް ތަނަވަސް ހިތެކެވެ. ހުސްވުމެއް ނެތް ލޯތްބެއް އެދެއަންހެންކުދިންނަށްޓަކައި ޝީލާގެ ހިތުގައި އަބަދުވެސް އޮންނަކަން ޚާލިދުއަށް އެނގެއެވެ.

"
ތިނޫން ވާހަކައެއް ނޫނޭ މިބުނީ............މިބުނި އެއްޗަކީ ހުސެން އަކީ ކިހާ މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަން ޝީލާއަކަށްވެސް ނޯޅޭނެ. އެހެންވެ އެހެން މިބުނީ. އެ އާއިލާއިން ބޭނުންވެދާނެ މުޅިން އެހެން ގޮތެއް. ދިލްމާވެސް އިސްކަންދޭނީ ހުސެން އެދޭގޮތަކަށްނު؟" ޚާލިދު އެ ދައްކަނީ ރަނގަޅު ވާހަކައެއްކަން ޝީލާއަށްވެސް އެ ވަގުތު ގަބޫލު ކުރެވުނެވެ.

"
އާނ........ތިއީ ތެދެއް..........ދެން އަޅެ ގޮތް ބަލައިލާން މާދަން އިނާކައިރީ މި ވާހަކަ ދައްކާނީ ދޯ.......ޚާލިދުގެ އެއްވެސް މައްސަލައެއް އެބައޮތްތަ؟ " ފިރިމީހާގެ ތާއީދާއި ރުހުން އޮވެގެން ނޫނީ އެއްވެސް އިރެއްގައި ޝީލާ ކަމެއް ނުނިންމާނެއެވެ.

"
ތިއީ ހަމަ ކުރަން ވަރަށް ރަނގަޅުކަމެއް. އިނާއަށް އެކަންޏެއް ނޫން.........އިނާގެ މި ބައްޕައަށްވެސް އުފަލެއް ލިބޭނެ ދިލްމާ އާއި އެ އާއިލާއަށް އެހީވާނެ ފުރުޞަތު ލިބިއްޖެއްޔާ. ގައިމުވެސް އަހަރެން ކޯޓްގައި އެދިގެން ތޭވީހަށް ބަދަލުވާނެ. އެކަން ޔަގީން. ދިލްމާ އާއި އިނާއާއި ވާހަކަ ދައްކާފަ އެކުދިން ނިންމާ ގޮތަކަށް ތިކަން ކުރެވޭނީ އެކަމަކު." ދާދި ކައިރީގައި އިށީނދެ އިން ޝީލާގެ މޫނަށް ޚާލިދު ބަލާލިއެވެ.
"
އެންމެ ރަނގަޅު. މާދަން އެކުދިންނާ ވާހަކަ ދައްކާނީ......ޝުކުރިއްޔާ......!!!" ޚާލިދުގެ މުލައްދަނޑީގައި ދެއަތުން ހިފަހައްޓާލާފައި ކޮނޑުގައި ބޯއަޅާލަމުން ޝީލާ އުފާ ފާޅުކުރިއެވެ.
"
މަރުޙަބާ..........އަބަދުވެސް........." އޭނަގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތްއިރު ދާދިކައިރިން ފެންނަން ހުރި ޝީލާގެ މޫނަށް ބަލާލާފައި ނިތްކުރީގައި ބޮސްދެމުން ޚާލިދު ހިނިތުންވެލިއެވެ.
ދިމާވި ދުވަހުން ފެށިގެން ދެގޮތެއް ނުވާ ލޯތްބެއް އެކަކު އަނެކަކަށްޓަކައި އެ ދެމެދުގައި ލައްވަވާފައިވާ ކަމަށްޓަކައި މާތް ﷲ އަށް ޝުކުރު ވެރިވަމުންނެވެ. ކޮންމެ މީހަކުވެސް އެމީހާގެ ހަޔާތުގައި އަނެކާ ލެއްވި ކަމަށްޓަކައި ހަމްދު ކުރަމުންނެވެ.

0 comments:

Post a Comment