🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 83 ވަނަ ބައި (އެންމެ ފަހު ބައި)"ނައު ސްމައިލް...." ފައިމަތީގައި އިށީނދެއިން އިނާގެ ހަށިގަނޑުގައި ދެއަތުން ވަށާލާ، އަދިވެސް ބޮޑަށް ނަވީން ކައިރިކޮށްލިއެވެ. އޭނަގެ މޫނަށް އިނާގެ ނޭވާގެ ބީހުން ލިބޭހާ ކައިރިއަށެވެ.
އިނާވެސް އޭނަގެ ދެއަތުގެ ހާރުން ނަވީންގެ ކަރުވަށާލިއެވެ. ދެހަށިގަނޑުގައި ޖަހާ ވިންދުގެ އިހްސާސް އެކަކު އަނެކަކަށް އިހްސާސް ކުރެވޭހާ މަސްހުނިވެލީ، އެއްވެސް ހުރަހެއް އެއްވެސް މަޖްބޫރެއް ނެތިއެވެ.

އޭގެ ދެ ދުވަސްފަހުން، ޖެހިގެން އައި ބުރާސްފަތި ދުވަހުގެ މެންދުރުފަހެވެ.


ނަވީން ފުރާތީ މުޅި ދުވަސް ނަވީނާއިއެކު ނަވީންގެ ގޭގައި ހޭދަކުރަމުން ދިޔަ އިނާއާއި ނަވީން ވަކިވީ ގޭ ދޮރުމަތިންނެވެ. އަލަށް ބަލިވެ އިނދެ އަދި އެހާ ދުވަސް ނުވާތީ، އެއަރޕޯރޓަށް ދިއުމުގެ ބަދަލުގައި ދެމަފިރިންގެ ވަކިވުމުގެ ސަލާމް ކުރީ އެހިސާބުންނެވެ. ވަރަށް އަވަހަށް އިނާ ބަލާ ރަށަށް ދާނެ ކަމަށް ނަވީން ބުނަމުންނެވެ. ކިތަންމެ ޒަމާނެއް ވިޔަސް ނަވީނަށް އިންތިޒާރުކުރާނެ ކަމަށް އިނާ ބުނަމުންނެވެ. ހިތް ނެއެދުނު ނަމަވެސް ދެމަފިރިންނަށްވެސް ޖެހުނީ އެއީ މިވަގުތަށް އޮތް ޙާލަތު ކަމަށް ގަބޫލު ކުރާށެވެ.

ނަވީންގެ ބައްޕަގެ ކާރުގައި ޑްރައިވަރު ނަވީން ގޮވައިގެން ނައްޓާލުމުން، އަލިމަނިކު އާއި ނަޖްމާވެސް އަނބުރާލާފައި ގޭތެރެއަށް ވަދެއްޖެއެވެ. ފަހަތުން އިނާވެސް ހިނގައިގަތެވެ.

ގޭތެރެއަށް ވަދެ އަޅާލި ފުރަތަމަ ފިޔަވަޅާއެކު އެންމެންގެ ކަންފަތުގައިވެސް ޖެހުނީ މޮބައިލް ފޯނެއް ރިންގުވާ އަޑެވެ. އެ ރިންގުވަނީ ނަޖްމާގެ ފޯންކަން ނަޖްމާއަށް އެނގޭތީ އަވަހަށް ގޮސް ، ސިޓިންރޫމްގެ މޭޒުމަތީގައި އޮތް އޭނަގެ ފޯން ނަގައިގެން ބަލާލިއެވެ. ނަޖްމާއަށް ލިބުނީ ހައިރާން ކަމެކެވެ.

އިނާ މާލެ އައި ދުވަހުގެ ކުރީރޭ، ނަވީން އާއި ލީނާއާއި ޒިޔާދު އާއި މެދުގައި ހިނގި ހިތްހަމަނުޖެހުންތަކުގެ ފަހުން، ލީނާއާއި ނަޖްމާ އާއި ދިމާވެފައި ނުވެއެވެ. މިވީ ފަސް ދުވަސް ތެރޭ ނަޖްމާވެސް އެގެއަށް ގޮސްފައި ނުވެއެވެ. އެރޭ ނަޖްމާ ހުރީ ، ލީނާއާއި އެކުގައި ކަމަށް ވިޔަސް، ޖެހިގެން އައި ދުވަހު އިނާ އައުމާ، ނަވީން އޭނައަށް ދިން ޚަބަރާއި، އޭގެ ފަހުން އަލިމަނިކު އާއި އޭނައާއި ދެމެދުގައި ހިނގި "ހަރުކޮށް ދެކެވުނު ވާހަކަތަކަށްފަހު" ލީނާއާއި ދުރުވީ ގަސްތުގައެވެ. ވަކި ރުޅިއަކުން  ނޫނެވެ. ހަގީގަތް ހާމަވެ ހެޔޮ ވިސްނުން ވިސްނުމުންނެވެ. އޭނަ ހިތްވަރުދީ، އެކުގައިވާންވީ ލީނާ އާއި ލީނާ ކުރާ އެކަހަލަ ނުލަފާ ކަންތަކަށް ނޫންކަން ވިސްނުނު ފަހުންނެވެ.

ކަންތައް ދިމާވިގޮތުން ލަދުގަނެފައިވާތީ، ލީނާވެސް އެންމެ ފަހަރަކުވެސް އެގެއަށް އައިސްފައިވެސް ނުވެއެވެ. ފޯނެއްވެސް ކޮށްލާފައި ނުވެއެވެ. އެންމެ ފަހަރަކުވެސް ލީނާ ފެނުނު މީހަކަށް ހުރީ އަލިމަނިކު އެކަންޏެވެ.

"ހަލޯވ......؟" ތިންހަތަރުރިންގު ވަންދެން ބަލަހައްޓައިގެން ހުރެފައި ނަޖްމާ ފޯން ނަގައިފިއެވެ.
"ކިހިނެއްވީ ލީނާ.....ބުނެބަލަ....ނުރޮއި ވާހަކަ ދައްކަބަލަ....." ނަޖްމާ ވަރަށް ކަންބޮޑުވެއްޖެއެވެ. ކޮޓަރިއަށް ގޮސް ގޮސް ހުރި އަލިމަނިކުވެސް މަޑުކޮށްލާފައި ބަލާލިއެވެ. ސިޓިންރޫމް ގޮނޑީގައި އިށީނދެ އިން އިނާވެސް ކަންބޮޑުވެއްޖެއެވެ.

"މަޑުކޮށްލާ މިދަނީ......" ފޯން ކަނޑާލާފައި ނަޖްމާ އަވަހަށް ހިނގައިގަތެވެ.
"ކިހިނެއްވީ ލީނާއަށް...؟" ނަވީންގެ ބައްޕަގެ މޫނުމަތިންވެސް އިނާއަށް ފެނުނީ ކަންބޮޑުވުމެވެ.

" ނޭނގެ ވީ ކީއްކަމެއް....ހަމަ ރޮނީ.....އެބަ އަންނަން...." މިހެން ބުނެފައި ނަޖްމާ ހިނގައިގަތް އިރު އެތަނުގައި އިނާ އިން ހަނދާންވެސް ހުރީ ނެތިފައެވެ. ލީނާއަކީ ކޮންމެ ކަހަލަ އަންހެންކުއްޖަކަށް ވިޔަސް، ލީނާ ރޯއަޑު އިވުމުން، ނަޖްމާގެ ހިތް މަޑުވެގެން ދިޔައީ މަންމައަކުގެ ހިތް ދަރިއަކަށްޓަކައި މަޑުވާނެ ފަދައިންނެވެ.

ވަރަށް އަވަސް ވެފައިއޮތް ހިތަކާއެކު ނަޖްމާ ގޮސް ލީނާގެއަށް ވަދެ، ދެވަނަ ފްލޯރގެ ދޮރުގައި ހިފާލިއެވެ. ހުރީ ތަޅުލާފައެވެ. ދެތިން ޓަކި ޖަހާލުމާއެކު ގޭގައި ގެންގުޅޭ އަންހެންކުއްޖާ އައިސް ދޮރު ހުޅުވާލިއެވެ.

ތަޅުނުލާ ހުރި ލީނާގެ ކޮޓަރިއަށް ނަޖްމާ ވަންއިރު، އެނދުގައި އިށީނދެލައިގެން އިން ލީނާ އިނީ އިސްޖެހިފައެވެ.

"ކިހިނެއްވީތަ ލީނާ....ބައްޕައަށް ކަމެއް ވީތަ؟" މިހާރަކަށް އައިސް އަބަދުވެސް ހަސަން ފުއާދު އުޅެނީ ހިތުގެބަލީގެ ކަންތަކުގައި ގިނަ ފަހަރަށް ރާއްޖެއިން ބޭރުގައި ކަމަށްވެފައި، ދާދި އިހަކަށް ދުވަހު ލަންކާއަށް ފުރައިގެން ގޮސްފައިވާތީ، ނަޖްމާއަށް ހީކުރެވުނީ ލީނާގެ ބައްޕައާއި ބެހޭ ގޮތުން އެކޮޅުން ހިތާމަވެރި ޚަބަރެއް ލިބުނީ ކަމަށެވެ.

އެހެން ނޫންނަމަ ލީނާ ނުރޯނެކަމަށް ހީކުރެވުނީ، ލީނާ އަކީ ރުއިމަށް އާދަވެފައިވާ އަންހެން ކުއްޖެއް ނޫން ވީމައެވެ. ބައްޕަ ބަލިވެގެން ނޫން ގޮތަކަށް ލީނާ ރުއިތަނެއް ނަޖްމާއަށް އަދި ފެނިފައި ނުވާތީއެވެ.

ނަޖްމާ ކުރި ސުވާލަށްވެސް ލީނާ ޖަވާބެއް ނުދެއެވެ. އިސްޖަހައިގެން އިނދެ ހަމަ ރޮނީއެވެ. ލޮލުން ކަރުނަ އޮހެނީއެވެ.

"ކިހިނެއްތަވީ ލީނާ....ވާހަކަ ދައްކަބަލަ...." ލީނާގެ ބޮލުގައި ފިރުމަމުން ލޯބިން ހިތްވަރު ދިނެވެ. އެއާއެކު ލީނާގެ ބަޑިފަޅައިގެން ދިޔަ ކަހަލައެވެ. އޮބަހައްޓައިގެން ހުރި ބޮޑު ގިސްލުމެއް ބޭރުވެގެން ނަޖްމާގެ މައިވަންތަކަމުގެ ލޯބީގެ އަސަރު ލީނާއަށް ކުރުމުންނެވެ.

"ލީނާ....މަންމަ ކައިރީ ބުނީމައެއްނު އެނގޭނީ ވީ ގޮތެއް...." ލީނާގެނެސް ގަޔަށް ލަފާލާ ފިރުމާލަމުން ކުރިއަށްވުރެވެސް ބޮޑު އޯގާތެރިކަމެއް ހުރި އަޑަކުން ނަޖްމާ ބުނެލިއެވެ. އެހެންނަމަވެސް ލީނާއަށް އެއްޗެއް ބުނެވޭ ވަރެއް ނޫނެވެ. ހިނދުކޮޅެއްވަންދެން ލީނާ ރުއީއެވެ. ދެން ވަރަށް ހިތްވަރުކޮށްފައި އިރުކޮޅަކަށް ހުއްޓާލިއެވެ.

"ޒިޔާދު...ޒިޔާދު ހިނގައްޖެ އަހަރެން ދޫކޮށްލާފަ...." ކަރުނައިގެ ތެރެއިން އެއްފަހަރު ނަޖްމާއަށް ބަލާލާފައި ލީނާ ބުނީ މިހެންނެވެ.  ނަޖްމާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.
ޒިޔާދު ލީނާ ދޫކޮށްލާފައި ދިޔައީހެއްޔެވެ؟ ލީނާ އެ ރޮނީ އެކަމާ ހެއްޔެވެ؟

"އެއީ ދެން ތިހާވަރަށް ރޯންޖެހޭ ކަމެއްތަ؟ އެގޮތަށް ދިޔަކިތައްވަނަފަހަރުކަން ލީނާއަށްވެސް މިހާރު ހަނދާނެއް ނުހުންނާނެ. ނުރޮއި ހުއްޓާލާ. އަދި އަންނާނެ ރުޅި މަޑުވީމަ. އަޅާނުލާ..." ނަޖްމާއަށްޓަކައި އެ ވާހަކަ އެހާ މުހިއްމެއް ނުވިއެވެ. ޒިޔާދު އެގޮތަށް ލީނާ އާއި ރުޅިވެގެން ދިޔަ މީ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެންވެއްޖިއްޔާ އަންނާވެސް މިއީ ފަހު ފަހަރެއް ނޫނެވެ. އެވަރު ކަމަކާ މިހާ ކަންތައް ބޮޑުނުކުރިޔަސް ވެދާނެތާއޭ ނަޖްމާގެ ހިތަށް އެރިއެވެ.
މި ވާނީ ލީނާއާއި އަހަރެން ދުރުވެގެން އުޅޭތީ ލީނާ ކުރި ކަމަކަށެވެ. ސަމާލުކަން ހޯދުމަށް ލީނާ ރޯ ރުއިމަކަށެވެ. ވާނީވެސް އެހެންނެވެ. ކުޑަކުޑައިރުއްސުރެ ލީނާ އުޅެނީ އަހަރެން ކައިރީގައެވެ. އަންހެންކުއްޖަކަށް މަންމައަކީ ކިހާ މުހިއްމު މީހެއްކަން އަހަންނަށްވެސް އެނގެއެވެ. ލީނާއަށްވެސް އޭނަ ބޭނުން ވާނެއެވެ.

ނަވީން އާއި އިނާއާއި ދޭތެރޭ ކަންތައް ކުރެވުނީ ގޯސްކޮށްކަން މިހާރު ލީނާއަށްވެސް ހުންނާނީ ވިސްނިފައިކަމަށް ގަބޫލުކޮށް ނަވީންގެ ރުހުމާއި މައާފް ލީނާވެސް މިހާރު ބޭނުންވާނެކަމަށް ނަޖްމާ ވިސްނިއެވެ.  މީހަކަށް ކުށެއް ކުރެވިދާނެއެވެ. އޭނައަކީ ނަވީންގެ މަންމައަށްވެހުރެ އޭނަވެސް ކުށްކުރި ފަދައިން ނަވީން ދެކެ އިޝްގީ ލޯބިވި އަންހެންކުއްޖެއްގެ މަގާމުގައި ލީނާއަށްވެސް ކިތަންމެ ބޮޑު ކުށެއްވެސް ކުރެވިދާނެ ކަމަށް ނަވީން ގަބޫލުކުރާނެކަން ޔަގީނެވެ. އޭނައަށް މައާފް ކުރިހެން އޭނަގެ ބަސްއަހާ ދަރިފުޅު، ލީނާއަށްވެސް މައާފް ކުރާނެކަން އޭނައަށް ޔަގީނެވެ. އެ މައާފް ލިބޭތޯ އޭނަވެސް މަސައްކަތް ކުރާނެއެވެ. ލީނާ އެކަނިކޮށް ބިކަކޮށްލާކަށް އޭނައަކަށް ނުކުރޭނެއެވެ. އެކަމަށް ކެތެއް ނުވާނެއެވެ. މިހުރިހާ ދުވަހު ގެންގުޅެ ބޮޑުކޮށްފައި، ދެން އެކަހަލަ ނިކަމެތި ކަމެއް ލީނާއަށް ދޭން އޭނައަށް ނުކެރޭނެއެވެ.

"ދެން އަޅާނުލާ.....އެކަން ހަނދާން ނައްތާލާ....ޒިޔާދު އަދި އަންނާނެ. ފޯންކޮށްލާފަ ވާހަކަ ދައްކާލީމަ ރަނގަޅުވެދާނެ..." ލީނާއަށް އޭނަގެ ބޭނުން ޖެހޭނެކަން ހިތަށް އަރާފައި ލީނާއަށްޓަކައި ނަޖްމާގެ ހިތް މަޑުވިއެވެ. ލީނާގެ ބުރަކަށީގައި ފިރުމާލަމުން ނަޖްމާ ނަސޭޙަތް ދިނީ ލޯތްބާއެކުގައެވެ.

"ދެން ނައަންނާނެ ދުވަހަކުވެސް...." ނަޖްމާގެ ޖުމްލަ ނިމުމާއެކު ޒިޔާދު ދެން ނައަންނާނެއޭ ބުނެފައި މޫނުގައި އަތް އަޅައިގެން ލީނާއަށް ރޮއިގަނެވުނީ ކުރިއަށްވުރެ ބޮޑަށެވެ.
"އެއީ ކީއްވެ...." ނަޖްމާއަށް ކުޑަކޮށް ހައިރާންކަން ލިބުނެވެ.

"ދެން ހުއްޓާލަބަލަ...ހުއްޓާލާފަ ވާހަކަ ދެއްކީމައެއްނު އެނގޭނީ...." ހުއްޓާނުލާ ލީނާ ރޯތީ އަނެއްކާވެސް ނަޖްމާ ބުނެފިއެވެ.

"ތިއީ އެހެންޏާ ލީނާ އުޅޭގޮތެއްވެސް ނޫނެއްނު....ކިހިނެއްވެގެން ތިއުޅެނީ."  ޒިޔާދު ނައަންނާނީ ކީއްވެގެންތޯ ނަޖްމާ އެހުމުން، ދެންވެސް ހުއްޓާނުލާ ރޯތީ ނަޖްމާއަށް ބުނެވުނެވެ. އަޑެއް ނެތި ލީނާ އެ ރޯ ރިއުމުގައި ވަރަށް ފުން ރިހުމެއް އެބަހުރިކަން ނަޖްމާއަށް ފާހަގަ ކުރެވުނީ އެ ވަގުތުއެވެ.

"ކޮންދުވަހަކު މައްސަލަ ޖެހުނީ..." ނަޖްމާއަށް ވީ ޝައްކު ޔަގީންކުރަން ނަޖްމާ ބޭނުންވެއްޖެއެވެ.
"ނަވީން މިގެއަށް އައިރޭ...." އިނާއާއި ދޭތެރޭ ލީނާ ކަންތައްކުރި ގޮތް ފަޅާއެރިރެއަށް މުޚާޠަބް ކޮށް ލީނާ ބުންޏެވެ. މިއަޑު އިވިފައި ނަޖްމާއަށްވެސް ހައިރާންކަމެއް ލިބުނެވެ.

"އޭގެ ފަހުން މިވީ ފަސް ދުވަސްތެރޭ ހަމަ ޚަބަރެއް ނުވަނީތަ؟" ނަޖްމާއަށް ހަމަ ޔަގީން ނުވަނީއެވެ.

"ނުވޭ.....އަހަރެންވެސް ނުގުޅަން. މިރޭ ގުޅީ....މަންމާ....އަހަރެން ބޭނުން އޭނަ ކޮންމެ ހާލެއްގައިވެސް އަނބުރާ ގެންނަން. އަހަރެންނަށް އެވަރު ބޮޑު ބަދުނާމަކަށް ކެތެއް ނުވާނެ. އަހަންނަށް އެހީވެދީ މަންމާ....ޕްލީޒް އެހީވެދީ....އޭނަ ގެނެސްދީ..." ނަޖްމާ ކުރި އެންމެ ފަހު ސުވާލާއެކު ކުއްލިއަކަށް ނަޖްމާ އާއި ދިމާލަށް އެނބުރިފައި ލީނާ ވާހަކަ ދައްކަން ފަށައިފިއެވެ.

"އެކަމަކު ލީނާ....ތިވަރު ވާންވާނެތަ؟ ހުއްޓާލަބަލަ....ޒިޔާދުނެތަކަސް ލީނާ ބަދުނާމެއް ނުވާނެ. ދައްކާ މޮޔަ ވާހަކަ ދޯ؟ ހުއްޓާލާފަ ޒިޔާދުއަށް ގުޅާބަލަ... " ނަޖްމާ ވަނީ ހައިރާނެވެ.
"ގެނޭ ޒިޔާދުގެ ނަންބަރު. މަންމަ ގުޅާފާނަން..." އަމިއްލަ ފޯނުން ޑައިލް ކުރަން ނަޖްމާ ތައްޔާރު ވިއެވެ.

"މަންމާ އޭނައެއް ނައަންނާނެ....ޒިޔާދު އަހަރެން ދޫކޮށްލީ އަހަރެން ބަނޑުބޮޑުކަން އެނގުނީމަ .... " ނަޖްމާގެ މޫނަށް ބަލަންވެސް ނުކެރިފައި އިނދެ ވަރަށް ހިތްވަރުކޮށްފައި ލީނާ ބުނެފިއެވެ. މި އަޑު އިވުމާއެކު ނަޖްމާއަށް ހީވީ އާދަޔާ ޚިލާފު ބާރުމިނެއްގައި ބާރަށް ދޮރެއް ލެއްޕުނު ކަހަލަ ގޮތެކެވެ. އެހާވެސް ބޮޑު ލޮޅުމެއް ނަޖްމާގެ މެޔާއި ހިތަށް ވިއެވެ.

"ކީކޭ ލީނާ ތި ބުނީ....؟" ކުއްލިއަކަށް ލީނާގެ އަތުގައި ހިފައި އޭނައާއި ދިމާލަށް އަނބުރާލަމުން ނަޖްމާ އެހިއެވެ. ސިއްސައިގެން ދިޔަ ވަގުތު ލީނާއަށްވެސް ނަޖްމާއާއި ދިމާލަށް ބަލާލެވުނެވެ. ނަޖްމާގެ މޫނުމަތިން ފެނުނީ ނުރުހުމެވެ. ހައިރާން ކަމެވެ.
އޭނަ އައީއްސުރެ ލީނާގެ ދެއަތްތިލަ ދޭތޭރޭގައި ލައި ބޮނޑިކޮށްގެން އިން ގަނޑުވެސް ވިއްސައިގެން ދިޔައީ އެވަގުތުއެވެ. ބިންމައްޗަށް ވެއްޓުނު އެގަނޑު ނަގައިގެން ނަޖްމާ ބަލާލިއެވެ. އެއީ އައިޖީއެމްއެޗް ލެބޯޓަރީ ރިޕޯޓެކެވެ. ނަޖްމާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ "ޕޮޒިޓިވް" މިހެން ޖަހާފައި އޮތް ތަނެވެ.
ނަޖްމާއަށް ހީވީ ވަށައިގެންވާ ހުރިހާ ތަނެއް އޭނައާއެކު އެނބުރެމުން ދާހެންނެވެ. ބިރުވެރިކަމެއް ހިތުގައި ހިނގާލިއެވެ.

ހިފައިގެން އިން ގަނޑުން ނަޒަރު އަނބުރާލާފައި ލީނާއާއި ދިމާލަށް ބަލާލެވުނީވެސް ހަމަ އެ ކުލަވަރާއެކުގައެވެ. ރުޅިއާއި ނަފްރަތުގެ ލޮލަކުންނެވެ. 

"މަންމާ މިބަދުނާމުން އަހަރެން ސަލާމަތްކޮށްދީ. ކޮންމެވެސް މީހެއްކައިރީ ބުނޭ މިކަމުން އަހަރެން ސަލާމަތް ކޮށްދޭށޭ. ކައިވެންޏަކާ ނުލާ ..... މަންމާ ހެޔޮ ނުވާނެ. ބައްޕައަށް މިކަން އެނގުމުގެ ކުރިން އަހަރެން ސަލާމަތްކޮށްދީ...ޕްލީޒް...." މި ލިބުނު ޚަބަރުން ބުއްދިފިލައިދާން ކައިރިވެފައި އިން ނަޖްމާގެ ދެއަތްތިލައިގައި ހިފައި އާދޭސްކުރަން ލީނާ ފެށިއެވެ. ހިތްއަވަސްވެ ބިރުގެންފައިވާ ވަރުން ވާހަކަ ދެއްކެނީވެސް އެހާ އަވަސް އަވަހަށެވެ.

ނަޖްމާއަށް ހަމަ ގަނޑުވެފައި އިނދެވުނީއެވެ. މިވީ ކިހިނެއްހެއްޔެވެ؟ ލީނާ ބަނޑުބޮޑުވީހެއްޔެވެ؟ ޒިޔާދުއަށް އެކަން އެނގުމުން ޒިޔާދު ދިޔައީހެއްޔެވެ؟ އެކަމަކު ކީއްވެހެއްޔެވެ؟ އެފަދަ އަމަލެއް ކައިވެނީގެ ބޭރުން ހިންގަން ލީނާއަށް ކެރުނީވެސް ކިހިނެއްހެއްޔެވެ؟ ލީނާއަށް އޭނަ ކުރި އިތުބާރަކީ މިއީހެއްޔެވެ؟ މިފަދަ އަމަލުތައް މީގެކުރިންވެސް ލީނާ ހިންގިބާވައެވެ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ލީނާގެ ބައްޕައަށް އެނގިއްޖެނަމަ އެ ނިކަމެތި މީހާގެ ބަލި ހިތަކަށް މިކަން ކެތެއް ނުވާނެއެވެ.

ނަޖްމާއަށް ރަނގަޅަކަށް ނުވެސް ވިސްނެއެވެ. ކަންބޮޑުވެ ހާސްވެގެން ގޮސް ހަދަންވީ ގޮތެއް ބުނަންވީ އެއްޗެއްވެސް ނޭނގެއެވެ. އާދެވުނީ ލީނާ ދެކެ ރުޅިއެކެވެ.

"ހިއެއްވެސް ނުކުރަން ލީނާއަކީ ތިފެންވަރުގެ މީހެއްކަމަކަށް. ނަވީން އަބަދުވެސް ބުނަމުން އައީ ރަނގަޅުވާހަކައެއްނު..؟" ނަޖްމާއަށް ބުނެވުނު ފުރަތަމަ ޖުމްލަވެސް އައީ ލީނާއާއި ދެކޮޅަށެވެ. އެއީ ލީނާ އުއްމީދު ކުރި ގޮތެއް ނޫނެވެ. އެކަމަކުވެސް، ނަޖްމާއަށް ލީނާގެ އެ އަމަލަށް މަރުޙަބާއެއް ނުކިޔުނެވެ. ހަނދާނަށް އައީ ލީނާ އާއި ދޭތެރޭގައި ނަވީން އަބަދުވެސް ދައްކަމުން އަންނަ ވާހަކަ ތަކެވެ.

"މަންމާ ޕްލީޒް....އަހަރެންނަށް އެހީވެދީ...އަހަންނަށް ހެދުނު ގޯހެއް މިއީ. ކުރިން ޒިޔާދު ބުނެފަ އޮތީ ކުރިއަށް މިއޮތްމަހު ކައިވެނި ކުރާނެ ވާހަކަ. އެހެންވެ......މަންމާ ޕްލީޒް....އަހަރެން އެކަނި ކޮށްނުލާ...." ލީނާ ދައްކަން ފެށި ވާހަކައިގެ ވަކި ހިސާބަކަށް ދިޔަތަނާ ވީ ފޫއްސެއްގެ ބޮޑުކަމުން ތެދުވެގެން ދާން ހިނގައިގަތުމުން ނަޖްމާގެ ގައިގައި އޮޅުލައިގެންފައި ލީނާ ރޮއިގަތެވެ.

ނަޖްމާއަކީ ލީނާގެ ހުރި ހަމަ އެކަނި އުއްމީދެވެ. އޭނަ މިކަމުން ސަލާމަތްކޮށްދެވޭނެ ހަމަ އެކަނި މީހަކީ ނަޖްމާކަން ލީނާއަށް އެނގެއެވެ. މިވަގުތު އޭނަ ދޫކޮށްފައި ނަޖްމާ ހިނގައްޖެނަމަ ދެން އެކަކުވެސް ނުހުންނާނެއެވެ. އޭނަގެ ރައްޓެހިން ކުރިމަތީގައި މިފަދަ ދަށްފެންވަރަކަށް ވެއްޓެން އޭނަގެ ހިތަށް ގަބޫލު ނުވެވޭނެއެވެ.

"ދުރުގަ ހުރޭ އިނގޭ ލީނާ.... " ނަޖްމާގެ ރުޅީގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. ނަޖްމާގެ ގަދަ އަޑުގެ ސަބަބުން، ގަތް ބިރުން ލީނާއަށްވެސް ފަސް ޖެހެވުނެވެ.

"ތިއީތަ އަހަރެން ދިން ތަރުބިއްޔަތަކީ؟ ދުވަހަކުވެސް މިކަހަލަ ކަމަކަށް ހިތްވަރުދީ ވާހަކައެއް ދެއްކިންތަ އަހަރެން؟ ތިއަށްވުރެ ގޮތްކުޑައެއް ނުވެވޭނެ މީހަކަށް. ދީނާއި ދުނިޔެ ނަގާލެވެނީކަން ލީނާއަށް ނޭނގެން ތިއީ ކުޑަކުއްޖެއްތަ؟" ގަޔާ ވަކިކޮށް ލީނާ ދުރަށް ކޮށްޕާލާފައި ނަޖްމާ ހަޅޭއްލަވައިގަތެވެ. ނަޖްމާ ނުރުހޭ ކަމެއް ކުރާ މީހަކަށްޓަކައި ނަޖްމާގެ ހިތުގައި ކުޑަވެސް ރަޙުމެއް ނުވާނެއެވެ. އެއީ ނަޖްމާ ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެ ކަމެކެވެ.

" އަހަންނަށް މައާފް ކޮށްދީ މަންމާ...ގަސްތުގަ ކުރެވުނު ކަމެއް ނޫން ...." ލީނާއަށް ކޮށްފައިވާ ފުން އަސަރަކުން ރަނގަޅަށް އަޑުވެސް ނުނިކުމެއެވެ. ތުރުތުރުއަޅާވަރުންނެވެ.
"އަހަރެން މައާފް ކުރީމަ ނިމުނީތަ؟ ހެއްދެވިފަރާތޯ؟ ލިބޭ ކުއްޖާ ލީނާއަށް މައާފް ކުރާނެތަ؟" ނަޖްމާ ޖެހުނީ ފަހަތަށެވެ. ލީނާއަށް ދިމާލަށް ބެލެނީވެސް، ފޫއްސާއި ނަފްރަތާއެކުގައެވެ.

" ޒިޔާދު އަހަންނަށް ލަނޑުދިނީ....އިންނާނަމޭ ކިޔައިގެން އުޅެފަ...މަންމާ އަހަންނަށް މައާފްކޮށްދީ....ކުރެވުނު އެންމެ ކުށަކަށް މައާފްކޮށްދީ މަންމާ...މަންމަ ނޫން މީހަކު އަހަރެންގެ ނެތް މިހާރަކު...." ރޮމުން ގިސްލަމުން ލީނާ އާދޭސްކުރަމުން ދިޔައެވެ.

"ތިކަހަލަ ކިތަންމެ ކަމެއް ލީނާ ހުންނާނީ ކޮށްފަ. އޭގެ ހިސާބު ބަލާކަށް އަހަރެން ބޭނުމެއް ނޫން. ލީނާގެ އަމިއްލަ ދިރިއުޅުން ލީނާ ބޭނުން ގޮތަކަށް އުޅޭ..." ނަޖްމާ ހިނގައިގަތީ އެގެއިން ނުކުންނާށެވެ. ލީނާއާއި ދައްކާނެ އިތުރު ވާހަކައެއް ނުހުންނާނެ ކަމަށް ނިންމާފައެވެ. ނަޖްމާ ދަނީކަން އެނގުމާއެކު ނަޖްމާގެ ފަހަތުން ލީނާ ހިނގައިގަތީ ތެޅިގެންފައެވެ.

"މަންމާ ޕްލީޒް....އަހަރެންނަށް މި ބަދުނާމަށް ކެތެއް ނުވާނެ. އަހަރެން ކުއްޖެއް ބޭނުމެއް ނޫން. އަހަރެން ސަލާމަތްކޮށްދީ ..." އަނެއްކާވެސް ގޮސް ނަޖްމާގެ އަތުގައި ހިފައިގެންފައި ލީނާ އާދޭސްކުރަން ފެށިއެވެ.

"ތިމާ ކުރާ ފާފައަށް އެހެން މީހުންވެސް ވައްދަނީތަ؟ އެއްފާފަ ކޮށްފައެއަށްވުރެ ބޮޑު އަނެއް ފާފައަކަށް އަރައިގަންނަން ބިރެއް ނުގަނޭތަ؟ ބުނަން ވާހަކައެއް. ތިއީ ލީނާ އަމިއްލައަށް ހޯދި ބަދުނާމެއް. ޅަވެގެން މޮޔަވެގެން ކުރި ކަމެއް ނޫން ތިއީ. ތިކަމުގައި އެއްވެސް ރޯލެއް ކުޅޭކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންނަކީ ތިކަހަލަ ކަމެއް ކުރި މީހެއް ނޫން، ތަރުޙީބު ދިން މީހެއްވެސް ނޫން، އަދި ބަލައިގަންނާނެ މީހެއްވެސް ނޫން. އަޑުއިވިއްޖެތަ...؟" ނަޖްމާ ކުރި އެ ސުވާލާއެކު ވެރިވެގެން ދިޔައީ ހިމޭން ކަމެވެ. ލީނާގެ ލޮލުން ކަރުނަ އޮހުނު ނަމަވެސް އަނގައިންބުނަންވެސް ލީނާއަކަށް ނުކެރުނެވެ. އެކޮޓަރިން ނަޖްމާ ނުކުމެގެން ދިޔައީވެސް ލީނާ އެހެން ހުއްޓައެވެ.

** ** ** ** ** ** ** ** **

"ކޮބާ އިނާ...." ލީނާމެންގެއިން އައިސް ގެއަށް ވަންއިރު ގޭގައި ގެންގުޅޭ އަންހެންކުއްޖާ ފެނުމުން އިނާމަތިން ހަނދާންވެފައި ނަޖްމާ އެހިއެވެ.
"ކޮޓަރީގަ ވީ...." ފުރަތަމަ ފަންގިފިލާގައި ހުރި ނަވީންގެ ކޮޓަރިއަށް އިޝާރާތް ކުރަމުން އަންހެންކުއްޖާ ދިން މި ޖަވާބަށް އިތުރު އެއްޗެއްވެސް ނުބުނެ ނަޖްމާ ގޮސް ވަނީ އަމިއްލަ ކޮޓަރިއަށެވެ.

"ކިހިނެއްވީ ލީނާއަށް....؟" އަލިމަނިކު މި ސުވާލު ކުރީ ނަޖްމާގެ ޠަބީޢަތު ރަނގަޅުނޫންކަން އެނގިހުރެއެވެ.

ނަޖްމާ އަނގައަކުން ނުބުނެއެވެ. އެއްފަހަރު އަލަމާރި ހުޅުވައިގެން ހާވާލައެވެ. އަނެއްފަހަރު ކަބަޑު ހުޅުވައެވެ. ކޮންމެ ފަހަރަކު ދޮރުތައް ބާރުބާރަށް ލައްޕާ އަޑު ނޫން އަޑެއް ކޮޓަރިތެރެއިން ނީވެއެވެ.

"ކިހިނެއްހޭވީ ނަޖްމާ...." މި މަންޒަރުބަލަން އިން އަލިމަނިކުއަށް ނީނދެވިގެން އަނެއްކާވެސް އަހައިފިއެވެ.
"ލީނާ އިނީ ޒިޔާދުގެ ދަރިއަކަށް ބަލިވެ. ޒިޔާދު ހިނގައްޖެ އޭނަ ދޫކޮށްފަ. ކައިވެނި ނުކުރާނަމޭ ބުންޏޯ" އެއްނޭވާއިން ނަޖްމާ އަމުނާލިއެވެ.

އަލިމަނިކުއަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ކޮޓަރީގެ މެދުގައި ހުއްޓިގެން ހުރި ނަޖްމާގެ މޫނަށް ބެލެނީ ވަކިމާނައެއް ނެތިއެވެ.

"ދެން ކިހިނެއްހަދާނީ .... އަހަރެން ކޮން މޫނެއް ދައްކާނީ.... އޭނަ ބައްޕަވެސް ނުލާހިކު ބަލި....ކިހިނެއް މި ޚަބަރަށް އެފަކީރު ކެތް ކުރާނީ.....އަހަރެން...." ނަޖްމާ ހާސްވެގެން އެނބުރެނީއެވެ. ގޮތް ހުސްވެ ނޭފަތުކުރިއާއި ހަމައަށް ފެން އަރާފައިވާ ކަހަލައެވެ.

"ތިކަމަކާ ނަޖްމާގެ މޫނަކާ ނުބެހޭނެ. ތިއީ ނަޖްމާ ކުރުވި ކަމެއް ނޫނެއްނު...." ވިސްނަން އިނދެލާފައި އަލިމަނިކު ދިން މި ޖަވާބުން ނަޖްމާގާތަށް އައީ ރުޅިއެވެ.
"ނުބެހުނަކަސް އަހަރެމެންނޭ ބަދުނާމު ވާނީ...ލީނާ އެއީ އަހަރެންގެ ދަރިއެއްހެން ގެންގުޅުނު ކުއްޖެއްކަން ނުދެނަހުރި މީހަކު މި މާލޭގައި އެބަހުރިތަ؟ އޭނަ ކުރާ ކޮންމެ ކަމަކާއެކު އަހަރެންވެސް ނަވީންވެސް ބަދުނާމު ވާނެ." ނަޖްމާ ވަރަށް ހިތްހަމަނުޖެހިއްޖެއެވެ.

އަލިމަނިކު ގަސްތުކުރީ އިތުރަށް އެއްޗެއް ނުބުނުމަށެވެ. އެހެންނަމަވެސް އޭނަގެ ދަރިފުޅުވެސް އޭނަގެ އާއިލާވެސް ލީނާގެ އެފަދަ ކަމެއްގެ ސަބަބުން ބަދުނާމު ވާނެކަމަކަށް އަލިމަނިކު ގަބޫލެއް ނުކުރެއެވެ.

"ހިނގާ ޒިޔާދުމެންގެއަށް ދާން. ހިނގާ ގޮސް ޒިޔާދު ބައްޕައާއި ޒިޔާދު އާއި ވާހަކަ ދައްކަން. އާއްމުންގެ ތެރެއަށް މިކަން ފަޅާ ނާރަނީސް އެ ދެމީހުންގެ ކައިވެނި ކުރެވިއްޖެއްޔާ މި ބަދުނާމުން ސަލާމަތްވާނެނު. ހިނގާ ދާން." އަލިމަނިކު އެއްޗެއް ނުބުނެ އިންދާ އައިސް ކައިރީގައި އިށީނދެފައި ނަޖްމާ އެދެން ފެށިއެވެ.

"އެހާ ފަސޭހައިން ސަލަމާތް ވެވޭތަ ތިކަހަލަ ކަންތަކުން..." މަލާމާތުގެ ގޮތަކަށް އަލިމަނިކު ބުނެލިއެވެ.
"ސަލާމަތް ނުވެވުނަސް ދުނިޔޭގެ ލަދުން ސަލާމަތް ވާނެނު. އެއީވެސް ބޮޑުވަރެއް ނޫންތަ؟"  ނަޖްމާގެ ރުޅި ދަނީ މައްޗަށެވެ.

"އަހަންނަކަށް ނޭނގެ. ނަޖްމާމެންނަށް ފެންނަ ގޮތަކަށް ކަންތައް ކުރޭ...." މިހެން ބުނެފައި ނަޖްމާގެ ކައިރިން ތެދުވެގެން ގޮސް ލިޔާ މޭޒުކައިރިއަށް ހުއްޓި ކޮންމެވެސް ފޮތްތަކެއް ބަލަން ފަށައިފިއެވެ.

"އަލިމަނިކު ހިނގާބަލަ އަހަންނާއެކު ޒިޔާދުމެންގެއަށް. ޒިޔާދު ބައްޕައާއި ވާހަކަ ދައްކާލީމަ ފަހަރެއްގަ ލީނާ އާއި ޒިޔާދުގެ ކައިވެނި ކުރެވޭގޮތްވެސް ވެދާނެ." އަލިމަނިކު ނުރުހުނީކަން އެނގުމުން ތެދުވެގެން އައިސް، ކުރިއަށްވުރެ ތަންކޮޅެއް މަޑު އަޑަކުން ނަޖްމާ އެދުނެވެ.

"އެއީ ކިހިނެއް...؟ އެވަރުގެ ޖާދޫގަރެއްތަ ތިއީ....؟" އަލިމަނިކު ހުރީ ހަގީގަތުގައިވެސް ހިތްހަމަނުޖެހިފައެވެ.
"ލީނާ ބަނޑުބޮޑުވާހަކަ ބުނާނީ. ކީއްވެ ނުބުނާންވީ. އެމީހުންގެ ދަރިފުޅު ކުރިކަމެއް. އެމީހުންނަށް ނައަންގާނެ ކަމެއް ނެތެއްނު." ފޯރިއާއެކު ނަޖްމާ ބުނެލިއެވެ.
** ** ** ** ** ** ** ** **

ލީނާއަށް ނޭންގި ނަމަވެސް، ލީނާއަށް އެފަދަ ބޮޑު އަނިޔާއަކާ ބަދުނާމެއް ލިބޭތަން ބަލަން ނަޖްމާއަށް މަޑަކުން ނުހުރެވުނެވެ. ޝީލާމެން އައިސް އެދުވަހުގެ ހަވީރު އިނާގޮވައިގެން ގެއަށް ދިއުމުން، ނަޖްމާ އާއި އަލިމަނިކު، ހަމަ އެ ހަވީރު ޒިޔާދުމެންގެއަށް ދިޔައެވެ. ގެއިން ބޭރަށް އެ ޚަބަރު ފެތުރުމުގެ ކުރިން ޒިޔާދު އާއި ލީނާގެ ކައިވެނި ކުރުވުމަކީ ނަޖްމާގެ މަގްޞަދަށް ވެ ނިމިއްޖެއެވެ. އެހެން ނަމަވެސް އެއީ އެގެއާއި ހަމައަށް ދެވެން ދެނެވެ. އެ އާއިލާގެ ވާހަކަ ތަކާއި ޒިޔާދުގެ ވާހަކަތައް އަޑު އިވެންދެނެވެ.

ޒިޔާދު އެ ކައިވެންޏަކަށްވެސް، އަދި ލީނާގެ ބަނޑުގައި އޮތް ކަމަށް އެ ބުނާ ދަރިފުޅުގެ ބަފާ ކަމާއިވެސް ޙަވާލެއް ނުވިއެވެ. އެ ދެކަމަށްވެސް ކަނޑައެޅިގެން ކުރީ އިންކާރެވެ.

އޭނައާއި ލީނާއާއި ދެމެދުގައި އެފަދަ ގުޅުމެއް ހިނގާފައި ނުވާނެކަމަށް ބުނީ، ލީނާ އަކީ ވަފާތެރިވާން ނުދަންނަ މީހެއް ކަމަށާއި، އޭނައާއި އެކުގައި ލޯބީގެ ގުޅުމެއް އޮތްއިރުވެސް، އަދި ކައިވެނި ކުރެވެން އެންމެ މަހަކަށް ވެފައި ވާއިރުވެސް، އެހެން ހިލޭ ފިރިހެހުންނާއި އޭނައާއި  ގުޅުން އޮންނަ ކަމުގެ ވާހަކައިން ހެކި ދައްކަމުންނެވެ.

" މުސްކުޅިވަންދެންވެސް ތިއީތަ އުޅެން ގަސްތުކުރާ ގޮތަކީ. ޒިޔާދުގެ ތިއުޅުން ދޫކޮށްލަން ވެއްޖެއެއްނު މިހާރު. ތި އުޅުން ދޫކޮށްލާފަ އެހެންވެސް ފިރިހެނުން އުޅޭހެން ކައިވެންޏެއް ކޮށްގެން ރީއްޗަށް އުޅެންވެއްޖެއެއްނު. މިހާރު މިގޮތަށް މިގެއަށް ކިތައް އަންހެންކުދިންގެ އާއިލާއިން އައިއްސިތަ؟ އެއްބަޔަކު ޒިޔާދު ވަޢުދެއް ވެފަ އެ ވަޢުދު ނުފުއްދައިގެން، އަނެއްބަޔަކު އެމީހުންގެ އަންހެން ދަރިއަށް ޒިޔާދުގެ އުނދަގޫ ބޮޑުވެގެން، އަނެކަކު އައީ ޒިޔާދު އެ ކައިވެނި ކުރަން ހުރިހާ ކަމެއް ނިންމާފަ އެ ކައިވެނި ނުކޮށްގެން، މިހާރު އެއައީ ޒިޔާދުގެ ދަރިއަކަށް ނަހަލާލަށް ބަލިވެ އިނދެގެން....މިދެން ކިހާ ދެރަކަމެއްތަ؟ އެއިން އެއްވެސް ކަމެއްގައި ހަމަ ޒިޔާދުގެ ކުށެއް ނެތިތަ އެމީހުން އެ އަންނަނީ؟ ހަމަ އެއްކަމެއްވެސް ނުވެތަ އެ އާއިލާތަކުން އިރުއިރުކޮޅާ މިގެއަށް އެ އަންނަނީ؟" ޒިޔާދުގެ ބައްޕަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން ބަލާލާ ކޮންމެ މީހަކަށްވެސް އެނގެއެވެ.

"ތިއީ ޒިޔާދުއަށް ކާކު ދަސްކޮށްދިން ވައްތަރެއްތަ؟ ގައިމު އަހަރެމެން އުޅޭގޮތެއް ނޫން. އަދި ޒިޔާދުއަށް ދިން ތަރުބިއްޔަތެއްވެސް ނޫން. އަހަރެމެން މުސްކުޅިވީ ދުވަހު ޒިޔާދުގެ ފަރާތުން މި ލިބެނީ ކިހާ ރީތި ނަންތަކެއް ދޯ؟ ތިކަހަލަ ފިރިހެން ދަރިއަކު ދުނިޔޭގައި ހުރުމަށްވުރެ ނެތްނަމަވެސް މާ ރަނގަޅުވީސް...." ޒިޔާދުއާއި ދިމާލަށް ދުވަހަކުވެސް ބާރަށް އެއްޗެއް ނުބުނާ އެ ބައްޕައަށް ކެތް ނުވެގެން އެންމެ ފަހުން ޒިޔާދުއާއި ދިމާލަށް މިހެން ބުނެލާފައި ގޭތެރެއަށް ވަދެގެން ދިޔައީއެވެ. އެތަނުގައި ތިބި އެންމެންނަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ޚާއްޞަކޮށް ޒިޔާދުގެ މަންމައަށް ލިބިފައިވަނީ ވަރަށް ބޮޑު ސިހުމެކެވެ.

"ދަރިފުޅާ...." ޒިޔާދުގެ މަންމައަށް ލިބުނު ޝޮކުން ނުކުމެވުމުން، ޒިޔާދުކައިރީ އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއެކު، އިންތަނުން ތެދުވެގެން ޒިޔާދު ގޮސް ގެއިންވެސް ނުކުމެއްޖެއެވެ.

ނަޖްމާ އާއި އަލިމަނިކު އެނބުރި ގެއަށް އަންނަން ޖެހުނީ ނާއުއްމީދުވެ މުޅިން ކަރު އެލިގެންނެވެ. ހެދޭނެ އެއްވެސް ގޮތެއް ދެން ނޯންނާނެކަން އެދެމީހުންނަށްވެސް އެނގެއެވެ. ވިސްނާ ވިސްނާ ނަޖްމާގެ ބޯ ހަލާކުވެއްޖެއެވެ. ހައްލެއް ނުފެނުނެވެ. އެރޭ ނިންޖަށް އެނބުރި ދިޔައިރުވެސް ޙާލަކީ އެއީއެވެ.

"އަލިމަނިކު....އަލިމަނިކު....އޭއި ....ހޭލަބަލަ....ހޭލަބަލަ....." އެރޭ ދަންވަރު ވަގުތުގައި ފުން ނިދީގެ ތެރެއަށް ގެނބިފައި އޮތް އަލިމަނިކު ހޭލައްވަން ނަޖްމާ ތެޅިގަތީ، ޚުދު ނަޖްމާވެސް ނިދީގައި އޮވެފައި ހޭލެވިގެންނެވެ. ނަޖްމާގެ ލޮލުގައި ނިދީގެ އަސަރުވެސް ނެތެވެ. ނިދިއިރުވެސް ހިތާއި ސިކުނޑި ގައިދު ކޮށްފައި ހުރި ލީނާގެ ޚިޔާލުތަކުގެ ސަބަބުން، ހުވަފެނެއް ފެނިގެން ހޭލެވުނު މީހެއްހެން ނަޖްމާ އިނީ ހޭލާފައެވެ.

"ހޫމް....ކީކޭ....ކިހިނެއްވީ؟" ނިދީގެ ސަބަބުން ލޯހުޅުވަން އުނދަގޫވިނަމަވެސް، ނަޖްމާ ގޮވުމުން އަލިމަނިކު ޖަވާބު ދިނެވެ.

"ލީނާވިހައި ގަދަވަންދެން ލީނާއާއި ކައިވެނިކުރުމަށް ނަވީންކައިރީ ބުނަންވީހެން އަހަންނަށް ހީވަނީ. އެއަށްވުރެ...." ނަޖްމާއަށް އިތުރަކަށް ނުބުނެވުނެވެ.
"ކޯޗެކޭ...؟ ކީކޭ....؟ ނަޖްމާ މޮޔަވީތަ....؟" އަލިމަނިކު އަށް މި ތިން ސުވާލު ކުރެވުނީ ތަންކޮޅެއް ބާރަށެވެ.

"ނޫނެކޭ....އަޑުއަހާބަލަ....ވީހާވެސް އަވަހަކަށް ލީނާއާއި ނަވީންގެ ކައިވެނި ކުރުވާނީ. ދެ އަތްބަށް. މީހުން ނަވީނަށް އިހްތިރާމް ވެސް ކުރާނެ. އަހަރެންނަކަށްވެސް ނުބައި ބަހެއް މީހަކު ނުބުނާނެ. ނަވީން ހުންނާނީ އިނާ ކައިރީ އެރަށުގަ....ލީނާ މިކޮޅުގަ . މިގެއަށް ގެނެސްގެން އަހަރެން ބަލާނީ...ރަނގަޅެއް ނޫންތަ އަޅެ...؟" ކޮޓަރީގެ ބޮކިވެސް ދިއްލާފަ އައިސް ހަމަޖެހިލައިގެން އިނދެ ނަޖްމާ މި ދެއްކި ވާހަކައަކުން އަލިމަނިކުގެ ހޭބުއްދި ފިލައި ދިޔަކަހަލައެވެ.

"ނަޖްމާ ތިއިނީ ހަމަ ހޭގަތަ؟ ކީކޭ ތިކިޔެނީ؟ އެބަ އެނގޭތަ؟" އަލިމަނިކު ހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ.
"ހަމަ އެކައްޗެއް އަހާލަ އަހާލާ އެބައިނދޭ. ބަލަ މިކިޔާ އެއްޗެއް އަޑުއަހާބަލަ....މިކަމަކުން އެކަކަށްވެސް ގެއްލުމެއް ނެތޭ." ނަޖްމާ މަސައްކަތް ކުރަނީ އަލިމަނިކުއަށް ވިސްނައިދެވޭތޯއެވެ.

"ތި ވާހަކަ ތިހިސާބުން ހުއްޓާލާ...ބަލަ ނަޖްމާއަކަށް ނޭނގޭތަ ނަވީން އަކީ އަހަރެމެންގެ ދަރިއެއްކަން؟ ނަވީން ހުރީ ކައިވެންޏެއް ކޮށްގެންކަމެއްވެސް ހަނދާނެއް ނެތްތަ؟ އެއްވެސް އިރެއްގައި ނަވީންގެ އެ ކައިވެންޏަށް ނަޖްމާގެ ރުހުމެއް ނެތް ލިބިފައެއް. އިނާއާއި ނަވީންގެ ދިރިއުޅުން ބަރުބާދުކޮށްލަން ނަޖްމާމެން ކުރީ ކޮން މަސައްކަތެއްކަން އެނގޭނީވެސް ނަޖްމާމެނަށް. ދެން އިހަކަށްދުވަހު އަދި އެ ޠޫފާން އޮބުނީ. އަނެއްކާ އަނެއް ވާހަކަ މިރޭ ތިދައްކަނީ..." އަލިމަނިކުއަކީ ޢާއްމުކޮށް އެހާ ވާހަކަ ގިނަ މީހެއް ނޫންއިރުވެސް، ނަޖްމާ ދައްކަން އެ ފެށި ވާހައަކުން އަލިމަނިކުގެ ހިތުގައި ހުރި ހުރިހާވާހަކައެއް ބޭރުވާން ފެށި ކަހަލައެވެ.

"ނަވީނަށް ގެއްލުމެއް ދޭކަށް ނޫނޭ....ލީނާ މިގެއަށް ގެނެސްގެން އަހަންނަށް ލީނާ ބެލޭނީވެސް އޭރުންނެއްނު. އެހެން ނޫނީ ކިހިނެއް މަގުމައްޗަށް މޫނު ދިއްކޮށްލަން ކެރޭނީ....؟" ނަޖްމާއަށް އެ ދެއްކެނީ ކިހާ ބޮޑު ވާހަކައެއްކަން ހަގީގަތުގައިވެސް ނަޖްމާއަށް ނޭނގޭ ކަހަލައެވެ.

" ލީނާ ކުރި ކުށެއްގެ ސަޒާ ލީނާއަށް ލިބެން ޖެހޭނެ. ނަވީން އާއި އިނާއަކަށް ނޫން ލިބެންވީ. ނޫނީ ނަޖްމާއަކަށްވެސް ނޫން ލިބެންވީ. ނަޖްމާއަށް ކީއްވެގެންތަ މަޑުން ނުހުރެވިގެން ތިއުޅެނީ....ނަޖްމާ ތިއީ ނަވީންގެ މަންމަތަ ނޫނީ ލީނާގެ މަންމަތަ؟"  

"ތިކަން އެނގެއޭ....އެކަމަކު...." ނަޖްމާއަށް އެ ވާހަކަ އެހާ ފަސޭހައިން ދޫކޮށެއް ނުލެވެއެވެ.
"ނަޖްމާ ހަނދާނެއް ނެތްތަ އިނާ އިނީ ބަލިވެކަމެއް....؟" އަލިމަނިކު ތަންކޮޅެއް މަޑު އަޑަކުން ހަނދާން ކޮށްދިނެވެ.

"ހަނދާން އެބަހުރި...ލީނާ އާއި ކައިވެނި ކޮށްފައި ނަވީން ދިއުމަކުން އިނާއަށް އަދި އެ ލިބެން އުޅޭ ދަރިފުޅަށްވެސް ގެއްލުމެއް ނުވާނެ. އަހަރެންނަށް ކުޅަދާނައެއް ނޫން ލީނާއަށް އެކަހަލަ ބޮޑު ދެރައެއް ލިބޭތަން ބަލާކަށް...ލީނާ އެ ބަދުނާމުންވެސް ސަލާމަތްވެ، އަހަރެން ކައިރިއަށް މިގެއަށް ގެނެސްގެން ލީނާ ބަލަން ބޭނުންވާތީ....." ނަޖްމާގެ ހިތް މަޑުވާން ފެށިއެވެ.

"އެކަމަކު ތިއީ ގޯސް ޚިޔާލެއް. ނަވީންއާއި އިނާގެ ދިރިއުޅުމަށް އަހަރެމެންގެ އެއްވެސް ނުފޫޒެއް ފޯރުވައިގެން ކަމަކު ނުދާނެ. އެހާ ބޮޑު ދެރައެއް އިނާއަށް ދޭކަށް ނުވާނެ. އެ ކައިވެންޏަކީ އަހަރެމެން ދެމީހުންކުރެން މީހެއްގެ ހެޔޮ ބަހެއް ނުލިބި ކުރެވިގެން އައި ކައިވެންޏެއް. މިހާރު އެ ދެމަފިރިންވެސް އެ ތިބީ އަލަތު މަންމައަކާއި ބައްޕައަކަށް ވުމުގެ ހުވަފެނުގަ. ވެގެން ވަންޏާ އެ ދެކުދިންގެ މައްޗަށާއި އަންނަން އުޅޭ ތުއްތު ދަރިފުޅުގެ މައްޗަށްވެސް ހެޔޮ ދުޢާކޮށް ލޯތްބާއި އޯގާތެރިކަން ނަޖްމާގެ ފަރާތުން އެ ދެކުދިންނަށްވެސް ދޭންވީ. ނަޖްމާ މިހާރު އެންމެ ވިސްނަންވާނީ އެކަމާ...ނަޖްމާގެ ވާޖިބަކަށްވާނީވެސް އެކަން." ނަޖްމާގެ ކޮނޑުގައި ފިރުމަމުން އޯގާތެރި ކަމާއެކު ނަޖްމާއަށް ވިސްނައި ދެވޭތޯ އަލިމަނިކު މަސައްކަތްކުރަމުން ދިޔައެވެ.

"ދެން އޮތީ ލީނާގެ ވާހަކަ....ލީނާގެ އެކަންތަކާއި ދޭތެރޭ ރަނގަޅު ގޮތެއް މާދަމާ ވިސްނާނީ. އެއްވެސް  އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެ. އެކަމަކު ހަނދާން ބަހައްޓަންޖެހޭނެ. ބައެއް މީހުން ކުރާ ކުށްތަކުގެ އަދަބު އާޚިރަތަށް ލަސްކުރެވިފައި ހުންނަ އުޞޫލުން އަނެއްބައިމީހުންގެ އަދަބު ދުނިޔެމަތީންވެސް ފެށިދޭ. ލީނާއަށް އެ ކުރެވުނީ ކުށެއް. ފާފައެއް. ލީނާ ޖެހޭނެ އެކަމުގެ ޒިންމާ ނަގަން. އެއީ މި ދުނިޔެމަތީގައި ރަނގަޅަށް އުޅުމަށް ލީނާއަށް ލިބޭ އިންޒާރެއް. އަދިވެސް ވަގުތު އޮތްކަން ލީނާއަށް ހަނދާންކޮށްދީ. ކުރެވުނު ކުށަށް ތައުބާވެ ފާފަތަކުން ސަލާމަތްވެގެން އުޅުމަށް ވިސްނައިދީ. އެކަމަކު މިހާރު އެ ކުރެވުނު ފާފައަށްވުރެ ބޮޑު ފާފައަކަށް އަރައިގަންނަން ލީނާއަށް ވިސްނައި ނުދޭތީ. އެއީ ގޯހެއް. އޭރުން ލީނާއާއެކު ނަޖްމާގެ އާޚިރަތްވެސް ބަރުބާދު އެކުރެވެނީ. ނަޖްމާ ލީނާ ގެންގުޅުނީ މަންމައަކު ދަރިއަކު ގެންގުޅޭގޮތަށްކަން އަހަރެމެން އެންމެންވެސް ދުށީން. މިއީ އަނެއްކާވެސް ނަޖްމާގެ އިމްތިހާނުގެ ވަގުތުކޮޅު. މަންމައެއްގެ ވާޖިބު އަދާކުރޭ އަނެއްކާވެސް. މަންމައަކީ ދަރިން މަގުފުރައްދާ ބައެއް ނޫން. ދަރިންނަށް ދެރަ ހޯދައިދޭ ބައެއް ނޫން. މަންމަ އަކީ އެއަށްވުރެ ޠާހިރު ހިތެއް އޮންނަ މީހެއް. ނަޖްމާ އަމިއްލަ އަށް ވިސްނައިގެން ތިކަމުގައިވެސް ރަނގަޅުގޮތެއް ހޯދާ. އެހީއަކަށް ބޭނުންވެއްޖެނަމަ އަހަރެން އަބަދުވެސް ހުންނާނަން." ލީނާގެ ޙާލަތަށްޓަކައި ނަޖްމާގެ ހިތް ހަލާކުވަމުން ދާކަން އެނގޭތީ، އަލިމަނިކު ނަޖްމާއަށް ވިސްނައިދިނީ ވަރަށް އޯގާތެރި އަޑަކުންނެވެ. ލޯތްބާއެކުގައެވެ. އަނބިމީހާ ޖެހޭ ކޮންމެ ހާލެއްގައި އެހީވާން އެބަހުރީމޭ ބުނީ، ޔަގީންކަމާ އިތުބާރާއެކުގައެވެ.

ނަޖްމާވެސް އަލިމަނިކުގެ ވާހަކަ ގަބޫލުކުރިއެވެ. ލީނާ އާއި ނަވީންގެ ކައިވެނި ކުރުވަން ކުރެވުނު މޮޔަ ޚިޔާލު ދޫކޮށްލީ ހިތުން ރުހުމުންނެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ދެމަފިރިންވެސް ފެންތަށްޓެއް ބޯލައިގެން އޮށޯތީ، މާދަމާގެ އިރާއެކު، އާ ހިތްވަރަކާއެކު ތާޒާ ސިކުނޑިއަކުން ވިސްނާފަ، ލީނާއަށް އެހީވުމަށް އަމިއްލަ ނަފްސަށް ވަޢުދު ވަމުންނެވެ.

** ** ** ** ** ** ** ** ** **

އަނެއް ދުވަހަށް ނަވީނަށް ލޯ ހުޅުވުނީ އޭނަގެ މޮބައިލް ރިންގުވާ އަޑަށެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް އިނާ އޭނައަށް ގުޅަން ފެށީކަން ހަނދާން ވުމުން ހިނިތުންވެލެވުނެވެ. އެގޮތަށް ހެނދުނު އޭނައަށް އިނާ ނުގުޅާތާ ކިހާ ދުވަހެއް ވެއްޖެހެއްޔެވެ؟ އެއްލޯ ކުޑަކޮށް ހުޅުވާލާފައި ސައިޑް ކަބަޑުމަތީގައި އޮތް ފޯން ނަގައި ކަންފަތުގައި ޖައްސާލިއެވެ.

"ހަލޯވ......އިނާ....." އޭނަ ހަލޯބުނުމުންވެސް އެކޮޅުން އަޑެއް ނައަންނާތީ ދެވަނަ ފަހަރަށް ނަވީން ގޮވާލިއެވެ.
"ނަވީން......." އެކޮޅުން އިވުނީ ވަރަށް މަޑު އަޑެކެވެ.
"އިނާވެސް ނިދަނީތަ....؟" ލުއި ހީލުމަކާއެކު ނަވީން އަހާލީ އޭނައަށް ހީވި ގޮތަށެވެ.

"ނަވީން....މިއީ ލީނާ....." ކުރިއަށްވުރެ ތަންކޮޅެއް ބާރަށް އެކޮޅުން އަޑުއައެވެ.
ނަވީންގެ ލޯ ހުޅުވިއްޖެއެވެ.

"ކީއްކުރަން....ކީއްކުރަން އަހަންނަށް ތި ގުޅަނީ...؟" ނަވީން ވަރަށް ހިތްހަމަ ނުޖެހުނެވެ.
"ނަވީން އަހަންނަށް މައާފް ކޮށްދީފާނަންތަ؟ އަހަންނަށް ކުރެވުނު ހުރިހާ ކަމަކަށް....ހުރިހާ ދުވަހެއްގެ ހުރިހާ ކަމަކަށް." ލީނާގެ އަޑުގައި ކަރުނައިގެ އަސަރުހުރިކަން ނަވީނަށް ޔަގީން ވިއެވެ.

"މަޢާފް ދޯ....؟ އެއީ އެހާ ފަސޭހަކަމެއް ނޫން. މަޖްބޫރުން މަޢާފް ހޯދަންތަ ތިއުޅެނީ. އަހަންނަށް މަޢާފް ކުރަން ފެނިއްޖެއްޔާ އަދި ކުރަން ފެނުނު އިރަކުން އަހަރެންވެސް މަޢާފް ކުރާނަން. ދެން ނުގުޅާތި މި ނަންބަރަށް." އިތުރު ވާހަކައެއްވެސް އަޑުއެހުމެއް ނެތި ނަވީން ފޯން ކަނޑާލިއެވެ.

ޔަގީނެވެ. އަނެއްކާވެސް ކުރީގެ ގޮތަށް އޭނައަށް ގޯނާކޮށް ޖެއްސުން ކުރަން ފަށާނެ ގޮތެއް ހޯދަން ލީނާ މަސައްކަތްކުރަނީއެވެ.

ލީނާއަށް ވެގެން އުޅެނީ ކީއްކަން އެއްވެސް ވަރަކަށް ނޭނގޭތީ، ލީނާ އެހާފަސޭހައިން މަޢާފަށް އެދުނު ސަބަބާ ދޭތެރޭ ނަވީން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ނަވީން ހީކުރީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ލީނާގެ ކުޅިގަނޑު އަނެއްކާވެސް ކުޅެން ތައްޔާރުވަނީ ކަމަށެވެ.

"ހަލޯވ......." މިފަހަރު ރިންގުވުމުން ބަލަން އިނދެފައި ނަވީން ނަގައިފިއެވެ. މިފަހަރު އެގުޅަނީ އިނާކަން އޭނައަށް ޔަގީނެވެ.
"މާލަހުން ދޯ މި ގުޅުނީ....ހޭލާ ދޯ ތިއުޅެނީ...؟" ނަވީން ފޯން ނެގުމުން އިނާއަށް އަވަސް އަވަހަށް އަހާލެވުނެވެ.

"އާނ...ހޭލާ މިއުޅެނީ....ފޯނެއް އައީމަ...." މި ދެއްކެން އުޅެނީ ދައްކަން ނުޖެހޭނެ ވާހަކައެއްކަން ނަވީނަށް ހަނދާންވީ އެހިސާބަށް ބުނެވުނު ފަހުންނެވެ. މި ރީތި ދުވަހުގެހިތްގައިމުކަން، ލީނާގެ ވާހަކަ ދައްކައިގެން ނަގާލާކަށް އޭނަ ބޭނުމެއް ނޫނެވެ.

"އަހަންނަށްވެސް ފޯނެއް އައީމަ ލަސްވީ....ލީނާ ގުޅީ...." އެކޮޅުން އިނާ މިހެން ބުނުމުން ނަވީން ހައިރާން ވިއެވެ.
"އެއީ ކީއްކުރަން....؟" ހިނދުކޮޅެއްގެ މަޑުޖެހުމަކަށްފަހު ނަވީން އެހިއެވެ.

"ނޭނގެ ވީ ކީއްކަމެއް...ބުނީ ކުރެވުނު ހުރިހާ ކަމަކަށް މަޢާފް ކުރާށޯ. ވަރަށް ދެރަވެފަ ހުރީ. ރޮނީހެން ހީވަނީ....ވަރަށް ގިނައިން އެދުނު މަޢާފަށް..." މާ މަޑުއަޑަކުން އިނާ ވާހަކަ ދައްކަމުން ދިޔަގޮތުން، ލީނާ އެ ދެއްކި ވާހަކައަކުން އިނާއަށް އަސަރުކޮށްފައިވާކަން ނަވީނަށް އެނގުނެވެ.

"ދެން އިނާ ބުނީ ކީކޭ....؟" ނަވީން އޮޅުންފިލުވަމުން ދިޔައެވެ.
"މަޢާފަށް އެދުނީމަ މަޢާފް ނުކުރާން އަހަރެމެން އިންސާނުންނަކީ ކޮން ބައެއް ދޯ؟ އެންމެ މަތީ ފަރާތުންވެސް އެންމެ ބޮޑު ކުށަށްވެސް ޢަފޫދެއްވުން އޮތީ ލައްވާފަ. ބުނިން މަޢާފްކޮށްފީމޭ. " އިނާގެ މި ޖަވާބުން ނަވީން ބަސްހުސްވިއެވެ. ޙަގީގަތުގައިވެސް އިނާ އަކީ އޭނައަށް ހުރި ޖަވާހިރެކެވެ. ހެޔޮލަފާ އަންބަކު ލިބިއްޖެ ފިރިހެނަކީ ދެ ދުނިޔޭގެވެސް ބާއްޖަވެރިއެކޭ ބުނާތީ އިވެއެވެ. އިރާދަކުރެއްވިއްޔާ އެފަދަ ފިރިހެނުންގެތެރެއިން އޭނަ ލައްވާނެއެވެ.
ނަވީން ހިތަށް އެރިއެވެ.

"އާނ...މަޢާފްކުރަންވާނެ. އެނިމުނީތާ ދޯ އެކަންތައް. ކޮބާ ފުރަން ތައްޔާރުވެއްޖައިންތަ...؟" އިނާއަށް ތާއީދުކޮށްފައިވެސް، ޚުދު އޭނައަށްވެސް ލީނާ ގުޅިވާހަކަ ނަވީން ނުބުންޏެވެ.
ނަވީން ގަސްތުކުރީ އެ ވާހަކަ ފަހުން ދައްކަން ބޭއްވުމަށެވެ. އެއީ މިވަގުތު އެދެމީހުން ބަހުސްކުރަން މާ މުހިއްމު ވާހަކައެއްކަމަށް ނަވީނަށް ނުފެނުނެވެ.

"އާނ...ދެން ތައްޔާރުވާނެނު ދޯ؟" އިނާހީލިއެވެ.
"މާ ދުރެއްގަ ނެތޭ...މިއަދުމިއީ ހުކުރެއްނު....މާދަން ރޭ 8 ގެ ފްލައިޓުން ދޯ އޮތީ....؟" ނަވީން ޔަގީންކޮށްލިއެވެ.
"ހޫމް....." އިނާ ކުރު ޖަވާބަކުން ފުއްދާލިއެވެ.

"ހަނީ ...ނެތޭ ހުރެވޭކަށް. ހަތްގަޑި ފަނަރަ ވެއްޖެ....އަވަސްއަވަސްކޮށްލަން ޖެހޭނީ....އޮފީހަށް ގޮއްސަ ގުޅާނަން އިނގޭ....އިޒް ދެޓް އޯކޭ...؟" ދާން ލަސްވެފަ ހުރިއިރުވެސް، އިނާގެ ހުއްދައަށް ނަވީންއަށް އެދެވުނެވެ.

"ވެރީ އޯކޭ..." ލުއި ހީލުމަކާއެކު އިނާ މިހެން ބުނުމުން،  "ލަވް ޔޫ" މިހެން ނަވީން ބުނުމާ، ލައިގެން ހުރި ހުދު ޓީޝާޓް ބާލައި، ދާވަށިގަނޑަށް ވައްޓާލުމާ، ތުވާލި އަޅުވާފަ އޮތްތަނުން ތުވާލި ނެގުމާ ދިޔައީ އެކުއެކީގައެވެ. އެންމެ ގަދަ ނުލާ ހުދު ރޮނގުދެމި ބޮޑު ތުވާލި އުނަގަނޑުގަ އޮޅާލުމާއެކު ލައިގެން ހުރި ހުދާ ކަޅުގެ ބޮޑު ގޮޅިޖެހި، އުއިފޮތީގެ ދިގު ހަރުވާޅު ފައިން ދަމާލުމާ ދިޔައީ އެކުއެކީގައެވެ. އިސްތަށިގަނޑު އަތުން ހާވަމުން ހާވަމުން ގޮސް ފާހާނާއަށް ވަނީ މާ ބޮޑަށްވެސް ލަސްވީމަ ކަންބޮޑުވެފަ ހުރެގެންނެވެ.
ހަތެއްޖަހާއިރު ފާހާނާއަށް ނުވަދެފިއްޔާ، ރީތިވެގެން ސައިބޮއިހަދައިގެން ހަތްގަޑި ސާޅީސް ފަހަކަށް  އޮފީހަށް ދިއުމަކީ އޭނައަށް އުނދަގޫކަމަކަށްވާތީ، ނަވީން ހުރީ ވަރަށް އަވަސް އަރުވާލާފައެވެ.
** ** ** ** ** ** ** ** **
ޖެހިގެން އަދި ދުވަހުގެ އިރާކޮޅެވެ.
މިރޭ، ނަވީންގެ މަންމަ އާއި ބައްޕަގެ އިތުރުން، އިނާގެ އާއިލާގެ އެންމެން އެތިބީ ހުޅުލޭ އެއަރޕޯރޓްގައެވެ. އިނާ އާއި އެއް ފްލައިޓަކުން މިރޭ އައްޑުއަށް ފުރާ ޚާލިދު އާއި ޝީލާ އާއި ހަމްދުގެ އިތުރުން އިނާގެ ލޯބިވާ ރަޙްމަތްތެރިޔާ ދިލްމާ އާއި ދިލްމާގެ ފިރިމީހާ ހުސެންވެސް ފުރުވުމަށްޓަކައެވެ.

ޚާލިދުއަކީ ވަގުތަށް ކަމޭ ހިތާ، ދުރާލާ ކޮންމެ ކަމަކަށްވެސް ތައްޔާރުވާ މީހަކަށް ވާތީ، ޗެކިންގ ފެށުމުގެ ފަނަރަ މިނެޓް ކުރިން އެ އެންމެންވެސް ވަނީ އެއަރޕޯރޓަށް އައިސްފައެވެ. އެހެންކަމުން ވަގުތު ކުރުކޮށްލުމުގެ ގޮތުން އެކި މީހުން އެކި ދިމާލުގައި އިށީނދެގެން ތިއްބެވެ.

އިނާ އާއި ސޯފިޔާ އަދި ދިލްމާ އުޅެނީ އިނާގެ ދޮންތަގެ ބޮޑު ދަރިފުޅު ސަނީހް ގޮވައިގެން ހިނގާލުމަށް ނުކުމެއެވެ. އެއްތަނެއްގައި މަޑުން އިނުމަށް އެ ކުއްޖާ ފޫހިވާ ވަރުން ކުޑަކޮށް ހިނގާލަނީއެވެ.

"މިސްވޭ ދޯ ނަވީން..." އެ ދެމީހުންގެ ދެމެދުގައި ހުރި އިނާއަށް މިހެން ބުނެލީ އަބަދުވެސް އެކަހަލަ ވާހަކަތައް ފަށާ ސޯފިޔާއެވެ.
"ސޯފީ އުޅުނިން ދޯ ޚާލިދުބެއަށް ނަވީން ބައްޕަ ނުކިޔާތީ؟ އަޅެ ސޯފީ ކީއްވެ ނަވީންއަށް ނަވީންބެ ނުކިޔަނީ؟" ފުރުޞަތުގެބޭނުން ދިލްމާ ހިފިއެވެ.

"އިނާ އަށްވުރެ ބޮޑީ އަހަންނޭ....އެހެންވީމަ ނަވީނަށް ބޭބެއެއް ނުކިޔޭނެއެއްނު." ސޯފީގެ ކިބައިން ޖަވާބު ހުސްވުމަކީ ވަރަށް ނާދިރު ކަމެއްކަން ދިލްމާއަށް ހަނދާން ވިއެވެ.
"ހެހެހެހެ....އިނާއަށްވުރެ އެންމެ އަހަރެއް ބޮޑީ. އެކަމަކު ނަވީނަށްވުރެ 5 އަހަރު ހަގު....ބޭބެ ކިޔަން އެބަޖެހޭ އިނގޭ." ދިލްމާގެ މަގްޞަދަކީ ސޯފީއާއި ދިމާކޮށްލުމެވެ. އެކަހަލަ ކަންތަކުގަ ސޯފީ ވަރަށް ހިފާލާނެކަން އެ ދެމީހުންނަށްވެސް އެނގެއެވެ.

"ނުކިޔޭނެ. ހަމަ ނަވީން ކިޔޭނީ. ދެން ބުނެބަލަ...ދެންމެ ގުޅީ ނަވީންތަ؟" އެވާހަކަ ހުއްޓުވާފައި ސޯފީ ދައްކަން ފެށީ އޭނަ ބޭނުންވާ ވާހަކައެވެ.
"އުނހުނ...." އާދައިގެ މަތިން އިނާ ދިނީ ކުރު ޖަވާބެކެވެ.

"އާނ ދެން ނުގުޅާނެތާ. މިހާރު ދެން ކޮންމެ ހާލެއްގައިވެސް އުޅޭނެކަން ޔަގީންވެއްޖެވިއްޔަ ދޯ؟ އެނގޭނެނު ދެން ނުފިލާނެކަން ދޯ؟ ހެހެހެހެހެހެހ.......ތާރީޚީ ފިލުމެއް އެއީ އިނގޭ. އަޅެ ނިކަން ބުނެބަލަ....ކީއްވެ އެހާ ފަސޭހައިން ނަވީންގެ ވާހަކަތައް ގަބޫލުކުރެވުނީ.؟ ހަމަ ފުރަތަމަ ބައްދަލުވުމުން ހުރިހާ ވާހަކައެއް ގަބޫލުކޮށްފި. އެކަމަކު އެއްޗެއް ނައަހާންވެގެން ރަށާ ގައުމު ދޫކޮށް ދިޔައީ. ދިޔައީއެއްވެސް ނޫނޭ. ފިލީ......މިކަމަށް ރަނގަޅު އެކްސްޕްލެނޭޝަނެއް އޮންނަންވާނެ އިނގޭ." ސޯފިޔާގެ ސަމާލުކަމުން ހަމަ އެއްކަމެއްވެސް ކައްސާނުލަނީކަމެއް، ނުވަތަ އެހެން މީހުންގެ ހިތަށް އެރިޔަސް، އެކަމާ ވިސްނުނަސް ނުބުނެ ނައަހާ ތިބެނީކަމެއް ނޭނގެއެވެ. ގައިމުވެސް ސޯފިޔާގެ ހިތުގައި އޮތް ސުވާލަކަށް ޖަވާބު ނުހޯދާ ސޯފިޔާ އެރެއަކު ނުވެސް ނިދާނެއެވެ. އިނާއާއި ދިލްމާއަށްވެސް ސޯފިޔާ އެވަރަށް އެނގެއެވެ.

ސޯފިޔާ އެބުނީ ތެދެކެވެ. އިތުރު ތަފްޞީލެއްވެސް ނަވީން ނުދެނީސް ނަވީންގެ ކުރިމަތީގައި އޭނަ ވިރިގެން ފޭބީ އުއްކޮޅެއްފަދައިންނެވެ. ހިތާ ނަފްސު އޮޔާ ދިޔައީ ވައިރޯޅީގައި ކަފަކޮޅެއް ދާ ބީދައިންނެވެ. ނަވީންގެ ރީތި ލޮލުގެ ތޫނު ނަޒަރުގެ ތެރެއަށް އޭނައަށް ގެނބެވުނީ އޭނަވެސް އުއްމީދުނުކުރާހާ އަވަށެވެ.

އެއީ މައްސަލައެއްވެސް ނޫނެވެ. ނޭނގޭ ބަޔަކަށް ނޭނގުނަސް، އޭނަ ހަދަން އުޅުނު ކޯހުގެވެސް ހުރިހާ ކަމެއް ހަމަޖެހި ނިމުނުފަހުން، އޭނަ އެނބުރި އައީ ކީއްވެގެންކަން އޭނައަށާއި ދިލްމާ އަށާއި އޭނަގެ އާއިލާއަށް އެނގޭނެއެވެ. މާލެ އައުމާއި ހަމައަށްވެސް އޭނަ ބަނޑުބޮޑުކަން އޭނަގެ މަންމަ އާއި ބައްޕައަށްވެސް ނައަންގާ ދިލްމާ އާއި އޭނައާއި ދެމެދުގައި އެ ސިއްރު އޭނަ ހިފެހެއްޓީވެސް، މަންމަ އާއި ބައްޕަގެ ފިކުރު އިތުރަށް ބޮޑުވެދާނެތީއެވެ. އެހެންނަމަވެސް އެހެން އޭނަ ދިއުމަކުން މަންމަ އާއި ބައްޕައަށް ހަމަޖެހުމެއް ނުލިބުނެވެ. އަބަދާ އަބަދު މަންމަ އާއި ބައްޕަވެސް އެދެމުން އައީ އޭނަ އެނބުރި އައުމަށެވެ. އައިސް ނަވީން އާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށެވެ. އެންމެފަހުން، ދިލްމާއާއި އޭނަގެ މަންމަ އާއި ބައްޕަ ދިން އެތަކެއް ނަސޭޙަތުގެ ނަތީޖާއެއްގެ ގޮތުން، ނަވީނާއި ދުރުގައި ހުރެގެން އެކައްޗެއްވެސް އޮޅުން ނުފިލާނެތީ، އޭނަ އެނބުރި އައީ ނަވީން އާއި ކުރިމަތިލުމަށެވެ.

ނަމަވެސް އެއީ ނަވީންގެ ޙަޔާތަށް އެނބުރި އަންނާކަށް ނޫނެވެ. އޭނަ އިންޑިޔާއިން އައީވެސް ވަރިފޯމް ފުރައިގެންނެވެ. އައި ދުވަހުގެ ހެނދުނު އެ ފޯމް ލީވެސް ވަރިވާން ބޭނުންވާތީއެވެ. ނަމަވެސް އެ ގަސްދުގައި އޭނައަށް ހުރެވުނީ ނަވީން ފެނުމާއި ހަމައަށެވެ. ނަވީންގެ ފަރާތުން ދައްކަން ހުރި އެއްވެސް ވާހަކައެއް ނުދައްކަނީސް އޭނައަށް ނަވީންގެ ސިހުރުގައި ޖެހެވުނީއެވެ.
މިހެން ހިތަށް އެރުމުން އިނާއަށް ހީލެވުނެވެ. ސޯފީއަށް ފެނިދާނެތީ

ނަސީބެކެވެ. އެ ސިހުރުގައި އެދުވަހު ނުޖެހުނު ނަމަ ކަންތައްތައް ދިޔައީހީ ގޯހުން ގޯހަށް ކަންނޭނގެއެވެ.

ތެދުވެރި ލޯތްބަކީ އެއީ ކަންނޭނގެއެވެ. ދުލުން ބުނެދީ ކަންފަތަށް އިވުމުގެ ކުރިން، ހިތަށްފެނި ލޮލުގެ ބަސްމޮށުމުން ދެއްކޭ އެތައް ވާހަކައެއް މުޅި ނަފްސަށް އަޑުއިވުމަކީ، ޙަގީގީ ލޯބިކަންނޭނގެއެވެ. ވަޢުދުތަކާ އަޙުދުތަކެއް ނުވާއިރުވެސް، ބޮޑު ޔަގީންކަމެއް އޮންނަނީ އެ ލޯބީގައި ކަންނޭނގެއެވެ.
ނޭނގެއެވެ. ތެދުވެރި ލޯބި ސިފަކުރަން އެނގޭނީ ވާހަކަ ލިޔާމީހުންނާއި ޅެން ހަދާމީހުންނަށެވެ. އޭނައަކަށް ނޭނގެއެވެ. އެހެންވިޔަސް އޭނައަށް އިހްސާސްވާ ގޮތަކީ މިއީއެވެ. އޭނައަށް އެނގެނީ އޭނަގެ އަމިއްލަ ހިތް ނަވީނާއި ދޭތެރޭ އޮތް ގޮތެވެ. ވީ ކިއްކަން ނަވީން ބުނެނުދެނީސް ނަވީންގެ ހިތުގެ އަޑު ނަވީންގެ ލޯމެދުވެރިވެގެން އޭނަގެ ހިތަށް އަޑުއިވުނެވެ. ނަވީން އެއްވެސް ތަފްޞީލެއް ނުދެނީސް ނަވީނާއި ދޭތެރޭ ޔަގީންކަމާއި އިތުބާރު އަދިވެސް އޮތްކަން އޭނަގެ ހިތަށާއި ސިކުނޑިއަށް އެގޮތަށް ވިސްނުނެވެ. އެއީ ޙަގީގަތެވެ. އެމީހަކު ޝަރަޙަ ކުރާނެ ގޮތަކަށް ކުރަންވީއެވެ.

"އޭއި އޭއި...މާ ހިނި އައިސްފަ ހުންނާނެ ކަމެއް ނެތް އިނގޭ...އެވާހަކަ އަދި ކޮންމެވެސް ދުވަހަކު ކިޔުއްވާނަމޭ. ތި ދަރިފުޅަށްވެސް ކިޔާދޭނަން. އަސްލު ވާހަކަލިޔާމީހެއްކައިރިއަށް ގޮސްގެން މި ވާހަކަވެސް ލިޔުއްވަންވީހެން އަހަންނަށް ހީވަނީ. އޭރުން އިނާގެ މާމަ ދަރިންނާއި މުނިމާމަ ދަރިންނާއި ހަމައަށްވެސް ފޮތް ހަރުގަނޑުތަކުގައި އެ ފޮތް އޮންނާނެނު. އަހަރެން ރައްޓެހި ކުއްޖަކު އުޅޭނެ ވަރަށް މޮޅަށް ވާހަކަ ލިޔާކުއްޖެއް. އެ ކުއްޖާއަށް މި ވާހަކަ އެއްކޮށް ކިޔައިދޭންވީ ކަންނޭނގެ..." ޚިޔާލީ ދުނިޔޭގައި ސޯފިޔާ ދަތުރުކުރާން ފަށައިފިއެވެ.

"މި ކޮން ވާހަކައެއް....؟ މިތާގަ ވާހަކައެއް އެބައޮތްތަ؟" ދިލްމާ އެހިއެވެ.
"ސާބަހޭ...ޓީޗަރަކަށްވިޔަސް އެކަހަލަ ކަންތައް ނޭނގެ ދޯ ދިލްމާއަށްވެސް...." ސޯފީ މިހެން ބުނުމުން ދިލްވެސް އިނާވެސް ހަމަ އެކަނި ހީލީއެވެ.

"ދިލްވެސް ގޮއްސަ ކިޔަވައިދޭން ފަށާނެ ދޯ؟ ވަޒީފާ ހަމަޖެހިފަތަ އޮތީ...؟" ކުރިން ދައްކަމުން އައި ވާހަކައިގެ ތެރެއިން ސޯފީ މުޅީން އެހެން ވާހަކައެއް ނަގައިފިއެވެ.
"މުހިއްބުއްދީނުން ހަމަޖެހިފަ އޮތީ. އެހެންވީމައެއްނު މިހާވަރުން ދާން މިއުޅެނީ...ގޮއްސަ ހަފްތާއެއްފަހުން ޖެހޭނެ ނުކުންނަން. ދެން އެވާހަކަ ބާއްވަބަލަ.....ކޮން ވާހަކައެއްގެ ވާހަކަތަ ދެންމެ ތި ދެއްކީ..." މިވަގުތަކީ އުފާވެރި ވަގުތުކޮޅަކަށް ވާތީ، ވަޒީފާއާއި ދިރިއުޅުމުގެ އެފަދަ ޚާއްޞަ ވާހަކަތައް ދައްކައިގެން ސީރިއަސް މޫޑަކަށް އަންނަން ދިލްމާވެސް ބޭނުން ނުވާކަން ސޯފީއަށްވެސް އިނާއަށްވެސް އެނގިގެން ދިޔައެވެ.

"ހޫމް....އަހަރެން ބުނީ މި ވާހަކަ. އިނާއާއި ނަވީންގެ ވާހަކަ. ކިހާ ބޮޑު ކިހާ ޚާއްޞަ ވާހަކައެއްތަ މިއީ. ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް މިވާހަކަ....ޚާއްޞަ ގޮތެއްގައި މި ތާރީޚީ ފިލުމާއި ބެހޭގޮތުން، އަދި އެނބުރި އައިސް މި ކޮށްލި އެންމެ ފޯންކޯލެއްގެ ވާހަކަ...އަހަންނަށް ހީވަނީ ވަރަށް ވިކޭނެހެން މި ވާހަކަ..." ސޯފިޔާ ހީވަނީ އެގޮތް އެކަށައަޅައި ނިންމީހެންނެވެ.

ސޯފިޔާގެ މަޖާ ވާހަކައިގައި ދިލްމާވެސް ހީލަ ހީލާ ހުއްޓެވެ.

"ފޮތުގެނަމަކަށް ކިޔާނީ ކޮން ނަމެއް....؟" ސޯފިޔާ ދަނީ ވަގުތު ކުރުކޮށްލުމަށް މަޖާ ވާހަކަތައް ދައްކަމުންނެވެ.
" ތާރީޚީ ފިލުން. ކިހިނެއްވާނެ އެނަން...." ޚިޔާލު ދިނީ ދިލްމާއެވެ.
"އުނހުނ....އޭރުން ހީވެދާނެ ހަނގުރާމައެކޭވެސް. ކިޔާނީ "ފޯންކޯލް". ސަޅި ނަމެއްނު. މިހުންނަ ވޭނީ ހަނދާނާއި ހިތި ވޭނާއި ކަލާއަށްޓަކައި މަރުދެމޭ އާއި...މިކަހަލަ ނަންތަކަށްވުރެ ސަޅިއެއްނު...ކީކޭ އިނާ ބުނަނީ....؟" ސޯފިޔާ ބޭނުންވަނީ އެ ވާހަކައިގައި އިނާ ބައިވެރި ކުރުވާށެވެ.

"ސޯފީ ބޭނުން ނަމެއް ހަމަ ކިޔަންވީ...." ސޯފީއަށް އިނާ ޖަވާބު ދިނީ ހީލަމުންނެވެ.
"ގުޑް....ދޫނީ ސަނީޙް....ނޫން ނޫން...ތިއްތައާއެކު ދާނީ. މާ ބާރަށް ދާކަށް ނުވާނެ..." ކުޑައިރުކޮޅެއްކުރިން އިނާ އަތުން ދޫކޮށްލާފައި ގޮސް ސޯފިޔާގެ އަތުގައި ހިފި ސަނީޙް ދުއްވައިގަންނަން އުޅުމުން ސޯފިޔާގެ ހުރިހާ ސަމާލުކަމެއް ސަނީޙްއަށް ހުއްޓިގެން ދިޔައެވެ.

"ސޯފީ ހުރިތަނެއް ވިއްޔާ ފޫއްސެއް ނުވާނެ. އަބަދުވެސް އުފާވެރިކަން ގެނެސްދޭނެ." ސަނީޙް ގޮވައިގެން އެއްފަރާތަކަށް ސޯފިޔާ ހިނގައިގަތުމުން، ތިބި ހިސާބުގައި މަޑުކޮށްލި ވަގުތު ދިލްމާ ބުނެލިއެވެ.
"ހޫމް....މީހަކަށް ނުހީއެއް ނުހުރެވޭނެ ސޯފީ ހުރިތަނެއްގަ..." ސޯފިޔާއާއި ސަނީޙް ކުޑަކުޑަކޮށް ދުވާތަންބަލަން ހުރި އިނާވެސް އޭނަގެ ގާތް ރަހްމަތްތެރިޔާއާއި ބައިވެރިވިއެވެ.

** ** ** ** ** ** ** ** ** **

ދުނިޔެއިން އެކި މީހުންނަށް އެކި ދުވަހު ފެންނަނީ އެކި ކަންތައްތަކެކެވެ. ފަލްސަފާވެރިޔަކު އެއަށް ކުލަތަކޭ ކިޔަސް، އަދި އެއަށް ރާގުތަކޭ ކިޔަސް، އެއްޗަކީ އެކައްޗެކެވެ. ދަތިއުނދަގުލާއި ހިތްހަމަ ޖެހުމާއި، މައްސަލަތަކާއި ދެގުޅުމެއްގެ ފެށުމާއި ނިމުމަކީވެސް މި ދެންނެވި ކުލަތަކުން ތަފްޞީލްކޮށްދޭ ކަންތަކެވެ. މި ހުރިހާ ކަމަކީވެސް އަހަރެމެން އިންސާނުންގެ ކޮންމެ ދުވަހަކުގެ ދިރިއުޅުމުގައިވެސް އެކިމީހުން އެކި މިންވަރަށް ތަޖްރިބާ ކުރާ ކަންތަކެކެވެ.

ލީނާވެސް އެދަނީ މި ދުނިޔެއިން މިވަގުތު އޭނައަށް ފެންނަން ހުރި ކުލަތައް ދެކި ރާގުތައް އަޑުއަހަމުންނެވެ.
އިއްޔެ އޭނައަކީ އުފާވެރިކަމުގެ ނަމޫނާއެކެވެ. އެ އުމުރުގެ ކޮންމެ އަންހެންކުއްޖަކުވެސް، އޭނަކަމުގައި ވާން ބޭނުންވި އަންހެންކުއްޖެކެވެ. މިނިވަން ކޮކާލެއް ފަދައިން ވައިގެ ތެރޭގައި އުދުހެމުން ދިޔަ ރީތި ޒުވާން އަންހެންކުއްޖެކެވެ.

މިއަދުވެސް ހަމަ އެ ޒުވާން އަންހެންކުއްޖާއެވެ. އެހެންނަމަވެސް ލޮލުގައި ކަރުނައެވެ. ހިތުގައި ރިހުމެވެ. ސިކުނޑި ފިކުރުން ބަރާވެފައެވެ. ނަފްސު، އަމިއްލަ ކުށުގެ އިހްސާސުން ކަޅިވެފައެވެ. ތިމާގެ އުޅުމާ ގުޅުން ބަހައްޓަންވީގޮތަށް ނުބެހެއްޓުމުގެ ސަބަބުން މިއަދު ލީނާއަށް އޮތީ ހަމަ އެކަނި ހިތާމަ ކުރުމެވެ. ހަމަ އެކަނި ކަރުނަ އޮއްސުމެވެ.

ޒިޔާދުގެ ދަރިއަކަށް ބަލިވެ އިނދެ ، ލީނާގެ ބަނޑަށް މިހާރު ހަމަސް ވެއްޖެއެވެ.
އެތަކެއް ދުވަސްވަންދެން ލީނާގެ އާއިލާގެ ފަރާތުން ޒިޔާދުއަށް ކުރި އާދޭހަށް ޒިޔާދު ދިނީ ބީރު ކަންފަތެކެވެ. ލީނާއާއި ގުޅުމެއް ނެތްކަން އަދި ނުވެސް ބާއްވާނެކަން އަންގަންވެގެން، މާލޭގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ހުރި ދެ އަންހެންކުދިންގެ ތެރެއިން ހަގު ކުއްޖާއާއި ކައިވެނިވެސް ކޮށްފިއެވެ.
ލީނާ ވީ ބާކީއެވެ. ފައިސާ އާއި މުދާވެރިކަމުގެ ގޮތުން ކިތަންމެ މުއްސަނދި ނަމަވެސް ޖެހުނީ ބިކަ ޙާލެއްގައެވެ. ރެޔާއި ދުވާލު ގޭތެރޭގައި ބަނދެވިފައި އިންނަން ޖެހުމުން، ބަނޑުގައި އޮތް ތުއްތު ތުއްތު ދަރިފުޅުދެކެ ނަފްރަތު ކުރެވި، ކިތަންމެ ދުވަހަކު ބަނޑުގައި އަތުން ތަޅައި ރޮއި ހަޅޭއްލަވައިވެސް ހަދައިފިއެވެ. އޭނަގެ މިނިވަންކަމާއި އުފާވެރިކަން ގެއްލުމުގެ ޒިންމާ އެ ކުއްޖާގެ ބޮލުގައި އަޅުވަމުން ދިޔައީ ނަފްރަތާއެކުގައެވެ.
އެހެންނަމަވެސް، އެ ފުރާނަ ލީނާގެ ބަނޑުގައި ލެއްވެވި ފަރާތް ނޫނީ އެއްކަމަކަށްވެސް ކުޅަދާނަ ދެވަނަ ފަރާތެއް ނުވާތީ، ލީނާއަށް ޖެހުނީ ލީނާއާއި ކުރިމަތިވި އިމްތިހާނާއި ކުރިމަތިލާށެވެ.

ކައިވެންޏަކާ ނުލާ ލިބެން އުޅޭ ދަރިފުޅު ދެކެން ބޭނުން ނުވިޔަސް، އެ ފުރާނައަށް ގެއްލުންވާނެ ފަދަ އެއްވެސް ކަމެއް ކުރުމަށް ނަޖްމާވެސް، އަލިމަނިކުވެސް އަދި ލީނާގެ ބައްޕައާއި ރައްޓެހިން ކުރެން މީހަކުވެސް އެހީނުވުމުގެ ސަބަބުން، ލީނާއަށް ޖެހުނީ އެ ދަރިފުޅު ދުނިޔެއަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާށެވެ. ނަޖްމާގެ ނަސޭޙަތާއި އޯގާތެރިކަން ކިތަންމެ ބޮޑަށް ލިބުނު ނަމަވެސް ލީނާއަކަށް ހިތްހަމަޖެހުމެއް ނޯވެއެވެ. އެންމެ ކަމަކުން ފިޔަވައެވެ.

ފުރަތަމަ ތިންމަސްދުވަހުވެސް ނަސޭޙަތް ދީދީވެސް ނުކުރިކަމެއް ލީނާ ކުރަން ފެށީއެވެ. ބަރާބަރަށް ފަރުޟު ފަސްނަމާދު ކުރަން ފެށީއެވެ. އެއްވަގުތުވެސް ނަގާނުލާ ކުރަމުން އައި ނަމާދަކީ، ފަހުން ފަހުން އައިސް އެ ވަގުތު ނުޖެހިގެން ލީނާ އިންނަ ވަގުތުތަކަށް ވާން ފަށައިފިއެވެ. ދުނިޔެއިން ލީނާއަށް ލިބެން ހުރި ހުރިހާ ޢިބްރަތެއް ލިބި ހިތްފުރިފައި އިންނަ ބީދައަކުން މަޑުމައިތިރިކަމާއި ހަމަހިމޭންކަން ލީނާ ޚިޔާރު ކޮށްފިއެވެ. ބަސްމަދުވެ ދުނިޔޭގެ ކަންތައްތަކާއި ފިކުރުކޮށް ވިސްނާން ފަށައިފިއެވެ. ކުރީގެ އެހުންނަ "ކޮންމެކަމެއްވެސް ވަރިހަމަ" ވާ އުޞޫލު ލީނާގެ ކިބައިން ގެއްލިގެން ދިޔައީ، ހުދުފޮތީގައި ބްލީޗް ޖެހުމުން ލައްތައް ފިލައިދާ ފަދައިންނެވެ.

ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދެން ކުރި ނަމަވެސް، ދިޔަތަނެއް އަނބުރާ ނައަންނާނެކަން އެނގިހުރެ، ލީނާ އޭނަގެ ކޮންމެ ދުވަހެއްވެސް ކަޑައްތު ކުރެވޭތޯ ހިންމަތާއެކު މަސައްކަތް ކުރަމުން ދިޔައެވެ. ދަރިފުޅުވެސް ދުނިޔެއަށް އަންނާނެ ކަމާއި، އޭގެ ފަހުންވެސް އެތަކެއް ޒަމާން ވަންދެން ލަދާއި ފަޟީޙަތުގެ ކަޅުސާލު ލައިގެން އޭނަ އުޅެންޖެހޭނެކަން އެނގި ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރެ، އެ ދުވަހަކުން ކެތްތެރިކަން ދެއްވާތޯ ލީނާ ދަނީ މަސައްކަތް ކުރަމުންނެވެ.
މިކަމުގައި، ލީނާގެ ހުރިހާވެސް މަދަދުގާރަކީ އޭނަގެ މަންމައެވެ. ނުވަތަ އޭނައަށް މަންމައެއްގެ ގޮތަށް ފެނުނު ހަމަ އެކަނި މީހާއެވެ. ނަވީންގެ މަންމައެވެ. ނަޖްމާއެވެ.
** ** ** ** ** ** ** ** ** **

ކާރު ޕާކްކޮށްފައި ވަރަށް އަވަސް އަރުވާލާފައި އޭޑީކޭތެރެއަށް ވަންނަން ދިޔަ ނަވީނަށް މީހުންނާއި ހެދި ކުރިޔަށް ދާން އުނދަގޫވުމުން ހުއްޓިލިއެވެ. ރޭގަނޑުން އެގާރަ ޖަހާފައި ހުރިއިރުވެސް، މަގުތަކާ އެއްވަރަށް އޭޑީކޭތެރެވެސް ހަލަބޮއްޔެވެ. މިރެއަކީ މާ ގިނަ މީހުން ބަލިވެގެން ގެންނަ ރެއަކީ ކަންނޭނގެއެވެ. މަޑުމައިތިރިކަމާއެކު، ދެން ތިބީންނަށްވެސް އިހްތިރާމްކުރަމުން، ތަންކޮޅެއް ފެނޭތޯ ބަލަމުން ބަލަމުން ގޮސް އެންމެފަހުން ވިއްސާ ކޮޓަރިއާއި ހަމައަށް ދެވިއްޖެއެވެ.

"ކިހިނެއްވަނީ މިހާރު....؟" ހާސްވެފައި ނަވީންއަށް މިހެން އަހާލެވުނީ އޭނަގެ މަންމަ ކައިރިންނެވެ.
"މިހާރު އެބަ ރިއްސަޔޭ ބުނި ދެންމެ....ދަރިފުޅު ކޮންތާކު ދެން މިއޮތްފަދަރޭވެސް ތި އުޅުނީ...ކިހާ ވަރަކަށް ގުޅުނުތަ....؟" ނަޖްމާ ހުރީ އެކަމާ ހިތްހަމަނުޖެހިފައެވެ. އެއްޗެއް ނުބުނި ނަމަވެސް އެތާ ތިބި އެންމެންގެ ހިތުގައިވެސް މިވަގުތު ނަވީން އާއި ދޭތެރޭ އޮތީ މި ޝަކުވާއެވެ. އާނއެކެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟  ތިއޭޓަރަށް ވެއްދިއިރުވެސް، އެންމެ ފަހަށްވެސް އިނާ އެހީ ނަވީންގެ ވާހަކައެވެ. ނަވީންއަށް ގުޅުނުތޯއެވެ.

"ނޭނގޭނެއެއްނު މަންމާ....ޑިއު ޑޭޓް ދީފަ އޮތީ އޭޕްރީލް 5 އަށް..." އަތުކުރީގައި އޮތް ގަޑިން ދުވަހުގެ ތާރީޚް ބަލާލަމުން ނަވީންވެސް އުޒުރުވެރިވިއެވެ.
އިނާއަށް އެއްވެސް ކަހަލަ އުނދަގުލެއްވާކަން އޭނައަށް އެނގިފައި އޮތްނަމަ އާސިފް ކިތަންމެ ގިނައިން ގުޅިނަމަވެސް، އޭނަ ބޭރަކަށް ނުދާނެއެވެ. އޭނަ ދިޔައިރުވެސް އިނާ އިނީ އޭނަގެ މަންމަ ކައިރީ ސިޓިންރޫމްގައެވެ. ނިކުންނަމުންވެސް އޭނަ ދިޔައީ އެއްވެސް ކަމެއް އެއްވެސް އުނދަގުލެއްވޭތޯ އަހާފައެވެ. ނުވާކަން ޔަގީންކޮށްފައެވެ.

"ކަންބޮޑުނުވޭ....އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ...." ނަވީންގެ ކޮނޑުގައި އަތުންޖަހާލާފައި މިހެން ބުނެލީ އިނާގެ ދޮންބެ ސުހެއިލް އެވެ. އެ އާއިލާއިން ސޯނިޔާއަށް ނާދެވުނު ނަމަވެސް ސޯނިޔާގެ ފިރިމީހާ ރީޙާން އާއި ސުހެއިލްގެ އަންހެނުންނާއި ސޯފިޔާވެސް އެތަނުގައި ހުއްޓެވެ. މިއަދުގެ މެންދުރުފަހު ފްލައިޓުން އައްޑޫއިން އައި ޚާލިދު އާއި ހަމްދު އާއި ޝީލާވެސް އެތާގައި ތިއްބެވެ. ނާދެވުނީ ދިލްމާއަށެވެ.

ގްރޭޑް ދިހައަކުން ބާރައިގެ ކުދިންނަށް ފިޒިކްސް ކިޔަވައިދޭ ޓީޗަރަކަށް، އެހެން ހަމަ ހިތަށް އަރާއިރަށް ފުރައިގެން އައުމަކީ އުނދަގޫކަމަކަށްވުމުން، ދިލްމާ ނައިސް މަޑުކޮށްލީ އިނާ ވިހެއުމުން މާލެ އައުމަށް ނިންމައިގެންނެވެ. ދިލްމާގެ ފިރިމީހާ ހުސެން މިވަގުތު އެތަނުގައި ނެތްނަމަވެސް މާލޭގައި އެބަހުރި ކަމާއި، ވީ އެންމެ އަވަހަކަށް އެތަނަށް އަންނާނެ ވާހަކަ ދިލްމާ އޮތީ ގުޅާފައި ނަވީން ކައިރީވެސް ބުނެފައެވެ.

"އިނާ ހަޒްބެންޑް...؟" ވިއްސާކޮޓަރިން ނިކުތް ނަރުހަކު މިހެން ގޮވާލިއަޑަށް އެންމެނަށްވެސް ސިހުމެއް ލިބިއްޖެއެވެ.
"ޔެސް ސިސްޓަރ...؟" ދޮރުކައިރިއަށް ޖެހިލާފައި ނަވީން ސުވާލު ކުރިއެވެ.

"ޔޫ އާރ ނަވީން...؟" ނަރުސް ބޭނުންވީ އިތުރަށް ޔަގީން ކޮށްލާށެވެ.
"ޔެސް. އައިމް ނަވީން...އިޒް ޝީ އޯލްރައިޓް؟" ކަންބޮޑުވެފައި ހުރިވަރުން ނަވީނަށް މިހެން އަހާލެވުނީ އަމިއްލަ މޭގައި އަތް އަޅާފައެވެ.

"ޝީއިޒް ގުޑް. ޝީ ވޯންޓްސް ޔޫ ޓު ބީ ވިތް ހާ.. ވެން ގިވިންގ ބާރތް. ކަމް..." ނަރުސްމީހާގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމެވެ.
"ދޭ އަވަހަށް ދަރިފުޅާ...މަންމަމެން އެންމެންގެ ހެޔޮ ދުޢާ އިނާއާއެކު ވާނެ. ބުނައްޗޭ މަންމަމެން މިތާ ތިބިވާހަކަ..." ނަވީންގެ ބުރަކަށީގައި ފިރުމާލާފައި މިހެން ބުނީ ނަޖްމާއެވެ.

ނަވީންގެ ހިތް އަވަސްވެ ބިރުގެންފައި ހުރި ވަރުން އެކަކު ކައިރީ އެކައްޗެއް ބުނާކަށްވެސް ނަވީން ހަނދާން ނެތެވެ. ވަދެގެން ހިނގައްޖެއެވެ.
ޚާލިދު އާއި ސޯފިޔާއަށް އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވުނީ އެކުއެކީގައެވެ. ރޭގަނޑުން އެގާރަ ގަޑި ފަނަރަ ވީއެވެ. އެތެރޭގައި އިނާ ވާނީ ކިހާއިރެއްކަމެއްވެސް ނޭނގެއެވެ. އެންމެންވެސް އެކި ދިމަދިމާލުގައި އިށީނދެއްޖެއެވެ. ތަނުގައި އޮތީ ހިމޭން ކަމެކެވެ. ހިތާހިތުން އިނާއަށްޓަކައި ކުރެވޭ ހެޔޮ ދުޢާގައި ކޮންމެ މީހަކުވެސް ޝާމިލް ވެފައި ތިބީ އެނޫން އެހެން ކަމަކާ ވިސްނާ، މަޝްވަރާ ކުރެވޭވަރަށްވުރެން ބޮޑަށެވެ.

"މަންމާ......" ތަނަށް ލިބިފައި އޮތް ހަމަހިމޭންކަމުގައި އިރުތަކެއް ވެގެން ދިޔަފަހުން، މި އަޑުން ހިމޭންކަން ފުނޑުވެގެން ދިޔައެވެ.
ވިއްސާކޮޓަރިއާއި އެންމެ މަގަތަށް ހުރި ގޮނޑީގައި އިން ނަޖްމާއަށް ނަވީންގެ އަޑު އިވުމާއެކު ފުންމައިގެން ތެދުވެ ނަވީންއާއި ދިމާލަށް ހިނގައިގަތެވެ. ފަހަތުން ދެން ތިބި އެންމެންވެސް އައެވެ.

"އިނާ ވިހައިފި މަންމާ.." ނަވީންއަށް މިހެން ބުނެވުނީ ނަޖްމާ ކައިރީގައެވެ. އެއާއެކު އެންމެ ކައިރީގައި ހުރި ޚާލިދުގެ ގައިގައި ނަވީނަށް ބާރަށް ބައްދައިގަނެވުނެވެ. ގަސްތަކާ ނުލައެވެ. ދުރަށް ޖެހިލިއިރު، ނަވީންގެ މޫނު ރަތްވެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. ނަވީންގެ ހިތަށް ވަނީ އާދަޔާ ޚިލާފު ފުން އުފަލެއްގެ އިހްސާސް ކިތަންމެ ރަނގަޅަކަށްވެސް ކޮށްފައެވެ.

އިނާ ވިހެއި ޚަބަރާއެކު ޝީލާއާއި ސޯފިޔާގެ ދެލޯވެސް ކަރުނުން ފުރިއްޖެއެވެ. އުފާވެރިކަމުގެ ކަރުނައެވެ. ކޮންމެ މީހަކުވެސް މޭގައި އަތް ޖައްސާލާފައި ﷲ އަށް ޙަމްދު ކުރިއެވެ.

މަންމަ މިތާ މަޑުކޮށްލާ...ޝީލާއްތަވެސް..." ދެއަތް ދެއަތާ އުނގުޅަ އުނގުޅާ ހުރި ނަވީން، ނޭފަތް ދަމާލީ ކަރުނައިގެ އަސަރު އަދިވެސް ހުރުމުންނެވެ.

ވީ ހަމަ ހިނދުކޮޅެކެވެ. ފިޔާތޮށި ކުލައިގެ ރަޖައެއްގައި ލާފައި އޮތް ތުއްތު ތުއްތު ، އެހެނަސް ދުޅަހެޔޮ ، ސިއްޙަތު ރަނގަޅު އަންހެންކުއްޖަކު ހިފައިގެން ނަވީން ނުކުތުމާއެކު އެންމެންމެ ނަވީނާއި ކައިރިވެލިއެވެ. ކޮންމެ މީހަކުވެސް ބޭނުންވީ އެ ތުއްތު ތުއްތު މޫނުކޮޅު ފެންނަ އެންމެ ފުރަތަމަ މީހަކަށް އެމީހަކު ވާށެވެ.

"ހާދަ ދޮނޭ...."  އެންމެންގެ ހިތް ފުރިފައި ތިބިވަރުން އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މިހެން ބުނެވުނީ ހަމްދުއަށެވެ. އެއާއެކު އެންމެން ހީގަތެވެ. އެ ހުނުމުގައި ވަނީ ހަމްދު އެހެން ބުނީތީ މަޖާވެގެން ހުނުނު ހުނުމެއްގެ ވައްތަރެއް ނޫނެވެ. ހިތުތެރޭގައި އޮތް އުފާވެރިކަން ބޭރުވާން ލިބުނު ދަނޑިވަޅުގައި އެ އުފާވެރިކަން ފާޅުކުރި ކަހަލަ ހީލުމެކެވެ.
"މިއީ ޝީލާއްތަ އަށް..." ކުރިން ނަވީން ގެނައި ތުއްތު ކުއްޖާ ދީފައި ނަވީން ދިޔަކަމެއްވެސް ނޭނގިފައި އެމީހުން ތިއްބާ އަނެއްކާ ދެވަނަ ފަހަރަށްވެސް ހަމަ އެކަހަލަ ރަޖައެއްގައި ލާފައި އޮތް ތުއްތު ކުއްޖަކު ގެނެސް ނަވީން މިހެން ބުނުމުން އެންމެންވެސް އެދިމާލަށް އެނބުރުނެވެ.

"އެކަކުވެސް ހަނދާނެއް ނެތް ދޯ ޓްވިންސެއް ކަމެއް ..." އެތާ ތިބި އެންމެންވެސް ތިބީ ފުރަތަމަ ނެރުނު ކުއްޖާ ފެނުމުން އަދި އެއް ކުއްޖަކު ގެންނާނެކަން ހަނދާން ނެތިފައެވެ.

"އާނއެކޭ ދޯ....ހެހެހެ....." އިނާގެ ދެވަނަ ދަރިފުޅު ގަޔާ ކައިރިކޮށް ލަމުން ޝީލާ ހީލިއެވެ. ހަމަ އެ ވަގުތު ޚާލިދުވެސް ޝީލާ ކައިރިއަށް ޖެހި ޝީލާގެ އަތުގައި އޮތް ކުއްޖާގެ ކުޑަކުޑަ ނިތްކުރީގައި ބޮސް ދިނެވެ. ބަރަކާތާއި ރަޙްމަތުގައި ބޮޑުވެ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ދަރިއަކަށް އެ ކުއްޖާ ވުމަށް ހިތާ ހިތާ ކުރެވުނު ދުޢާއަކާއެކުގައެވެ. ހެޔޮ ޙާލުގައި ތިން މައިންވެސް ލެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރު ވެރިވަމުންނެވެ.

"އުރާލަބަލަ...." ޚާލިދު އުރާލަން ޝީލާ ދިނެވެ. ފަރިތަކަމާއެކު ޚާލިދުވެސް އެ ފުށްގަނޑެއްފަދަ ކުއްޖާ މޭގައި ޖައްސާލިއެވެ.

"ކިހިނެއް ވަކި ކުރާނީ...މިހާ ވައްތަރުވީމަ އަބަދު އޮޅިފައެއްނު އޮންނާނީ" ނަޖްމާގެ އަތުގައި އޮތް ކުއްޖާގެ ކުޑަކުޑަ އަތްތިލައިގައި ފިރުމާލަ ފިރުމާލާ ހުރި ސޯފިޔާ ކޮށްލީ އެތަނުގައި ތިބި ގިނަ މީހުންގެ ހިތުގައި އުފެދިފައި އޮތް ސުވާލެކެވެ.

"އަތުގެ ކުޑަހުޅު ކައިރި ބަލާލަބަލަ....ދަށްފަރާތް....އެއްކުއްޖެއްގެ ވަރުގަދަ ކަޅު ލަފެއް އެބަހުރި...މި ކުއްޖާގެ ނެތް..." ނަވީން ހުރީ ޝީލާ ކައިރީގައި ކަމުން ޝީލާއަތުގައި އޮތް ކުއްޖާއަށް ނިސްބަތްކޮށް ނަވީން ބުނެދިނެވެ.

އެންމެންގެ ހިތް އުފަލުން ފޮޅިފައެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. ގަލަމަކުން ދުލަކުން ބަޔާން ކުރަން ދަތި އަސަރުތަކާއެކު ކޮންމެ މީހެއްގެ ލަގޮނޑިއަށް ވަނީ ތަދުވެފައެވެ.

"ކޮންއިރަކުން އިނާ ނެރެނީ....؟" އާއިލާމީހުންނަށް ދައްކާލަން ނެރުނު ދެކުދިންވެސް  ނަރުސް ގެންދިއުމުން، ޝީލާ އަހާލިއެވެ.

" ބައިގަޑިއެއްހާއިރުފަހުން ނެރޭނެޔޭ ބުނީ....ކޮން ރޫމެއް ލިބުނީ....؟" ގަޑިބަލާލަމުން ޝީލާއަށް ޖަވާބު ދީފައި ނަވީން އޮޅުންފިލުވާލިއެވެ.
"ހަމަ ކުރިންވެސް ލިބުނު ރޫމް. 22 ނަންބަރު ކޮޓަރި..." ޝީލާއަށްވުރެ ކުރިން ޙަމްދު ޖަވާބުދިނެވެ.

"އެހެންވީމަ މިކުދިންވެސް މި ލައްވާލީ މާރޗްމަހުގަޔޭ ދޯ؟ 12:05 ގަ ވިހެއިކަމަށް ދޯ ލިޔެފަ އޮތީ؟" ބައިގަޑިއެއްހާއިރު ފަހުން ނެރޭނެޔޭ ބުނީމަ ސޯފީއަށްވެސް ގަޑި ބަލާލެވުމާއެކު ސޯފިޔާ މިހަނދާން ވިއެވެ. ނަވީންވެސް ސޯފިޔާގެ ސުވާލުގެ ޖަވާބުގައި އާނއެކޭ ބުންޏެވެ.

"އާނއެކޭ ދޯ...އިނާ މާރޗް 23....ދެކުދިން މާރޗް 31.....ގޯހެއް ނޫން. މިއަދު ހަނދުމަހުން 6 ދޯ....ރަނގަޅެއްނު އެހެންވީމަ..." ގަޑިއާއި ތާރީޚަށް ވިސްނަމުން ޝީލާ ހިތްހަމަޖެހުން ފާޅުކުރިއެވެ.
ނަޖްމާވެސް ބޯ ޖަހާލިއެވެ.
2004 ގެ މާރޗް މަހުގެ 31 ވަނަ ދުވަސް ވެގެން ދާނީ އެއިން ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ރަން އަކުރުން ފަވާލެވޭނެ ދުވަހަކަށްކަން ނަޖްމާއަށް ޔަގީން ވެއެވެ. އެއްމާބަނޑު ދެބެންނަށް ބަލިވެ އިނދެ، ދުވަސްފުރާ އިނާ ދެ އަންހެންކުދިން ވިހެއި މި ދުވަސް، އެއިން އެކެއްގެ ޙަޔާތުގައިވެސް ކުޑަދުވަހަކަށް ނުވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެ ތިން އާއިލާގެ ކޮންމެ މީހަކަށްޓަކައިވެސް މިއީ ޚާއްޞަ ދުވަހެކެވެ.

ހެނދުނުގެ އިރުގެ ފުރަތަމަ ދޯދިއާއެކު ބާވީސް ނަންބަރު ކޮޓަރީގެ ތެރެއިން ތުއްތުދެކުދިންގެ ރުއިމުގެ އަޑު އިވިގެން ދިޔައީ އެކުއެކީގައި ކަހަލައެވެ.

"ނަވީން...." އިނާގެ އެނދުކައިރީ ހުރި ބޮޑު ސޯފާގައި އޮށޯވެލައިގެން އޮތް ނަވީންއަށް ގޮވާލަން އިނާ މަސައްކަތް ކުރިއެވެ. ދެފަހަރަކު ގޮވާލުމުންވެސް ނަވީނަށް އަޑު ނީވުނެވެ.

"މަންމަ އެބައުޅެމޭ....." ފާހާނާއިން ނިކުތް ޝީލާ މިހެން ބުނެލާފައި އަވަސް އަވަހަށް ގޮސް އެއް ކުއްޖަކު ގެނެސް އިނާ ކައިރީގައި ބާއްވަދީފައި ގޮސް އަނެއްކުއްޖާ އުރާލައިގެން އަތުވެއްޖެއެވެ.

ހައިވެފައި އޮތް ދެކުދިންގެ ތެރެއިން އެއްކުއްޖަކު އިނާކައިރީގައި ބާއްވައިގެން އެ ކުއްޖާފުޅުގެ ހައިފިލަންދެން އަނެއްކުއްޖާ އުރާލައިގެން ޝީލާ ހުރިއިރު، ހިތުގައި އުފެދެމުން ދިޔައީ ކުރިން ދުވަހަކުވެސް ނުއުފެދޭ އިހްސާސެކެވެ. އެއްފަހަރާ ދެކުދިން ގެންގުޅުމަކީ ކޮން ކަހަލަ ކަމެއްކަން އޭނައަށް ހުވަފެނުންވެސް ފެނިފައި ނުވެއެވެ. އެކަމަކު މިއަދު އޭނަގެ އިނާއަކީ ކިހާ ނަސީބުގަދަ ކުއްޖެއް ހެއްޔެވެ؟ މިއީ ކޮންފަދަ ބޮޑު އުފަލެއްހެއްޔެވެ؟ ކޮންފަދަ މަތިވެރި ހަދިޔާއެއް ހެއްޔެވެ؟ ސިފައާއި ބައްޓަމުގައިވެސް އެއްވެސް ތަފާތެއް ނެތް މި ދެކުދިންނަކީ ކޮންފަދަ ބޮޑު މުޢުޖިޒާތެއް ހެއްޔެވެ.

ލޯބީގެ މި ރަމްޒަކީ އެ ދެމީހުން ވާ މަތިވެރި ޠާހިރު ލޯބި އެކަކު އަނެކަކަށް ވަނީ ހަމަ އެއް މިންވަރަކަށްކަން އެ ދެމީހުންނަށާއި މުޅި ދުނިޔެއަށް ހާމަކޮށްދިނުން ނޫންބާވައެވެ.
މިހެން ހިތަށް އަރައި ކުރި އަސަރެއްގެ ބޮޑުކަމުން ފެންކަޅިވެފައި ޝީލާ އޭނަގެ އަތުތެރޭގައި އޮތް ތުއްތު ތުއްތު ކުއްޖާފުޅަށް ބަލާލިއެވެ. ހައިވެފައި އޮތްނަމަވެސް އޭނަ އުރާލުމުން، ހަށިގަނޑުގެ ހޫނުގެ އިހްސާސް ވުމުން މިހާރު އޮތީ ނިދާފައެވެ.

ތުއްތު ކުދިންގެ އެންމެ ޚާއްޞަ ސިފައަކީއެއީއެވެ. ތަންމަތީގައި ނޯންނަން ރޯއިރު ހީވާނީ ކަމެއްވެގެން ރޯހެންނެވެ. އެކަމަކު ހަމަ ނަގައި ހަށިގަނޑުގެ ހޫނު އިހްސާސްވުމާއެކު މަޑުމަޑުން އޮވެ ނިދާލާނެއެވެ. ކިތަންމެ ގިނައިރަކު އެހެން ހުއްޓަސް ރޯލާނީ މަދުފަހަރަކުއެވެ.

"މަންމަ އަންނާނަން މިތާ ބޭރުގަ މި ހުންނަ ފުޑް ކޯނަރއިން އެއްޗެއް ގަނެލައިގެން. ނަވީން ހުންނާނަމެއްނު...؟" ދެކުދިން ނިދުމުން ކުޑަ ދެ އެނދުގައި ބާއްވާފައި ނަވީން އާއި ޙަވާލުކޮށްފައި ޝީލާ ހިނގައްޖެއެވެ.

"ލަވް ޔޫ....." ކުރީއްސުރެވެސް އިނާގެ ބޯލާކޮޅުގައި ހުރި ގޮނޑީގައި އިން ނަވީން، ޝީލާ ދިއުމުން އިނާގެ ބޮލުގައި ފިރުމާލާފައި ނިތްކުރީގައި ބޮސްދިނެވެ.
އާދައިގެ މަތިން އިނާ އެއްޗެއް ނުބުނެއެވެ. ނަވީން ކައިރިވުމުން ގަސްތަކާ ނުލާ ކުރެވޭ ޙަރަކާތެއްގެ ގޮތުން މަރާލެވުނު ދެ ލޯ ހުޅުވާލުމުން، އިނާ ބުނަން ހުރި ހުރިހާ އެއްޗެއް ނަވީނަށް އަޑުއިވިގެން ދިޔައެވެ.

"ރެއަށްވުރެ ތަދުވޭތަ ؟ " ހެނދުނު ހޭލިއިރު ޝީލާ ހުރުމުން ނޭހިފައި ހުރި ވާހަކަތައް އަހައި އޮޅުންފިލުވަން ނަވީން ފެށިއެވެ.
"އުނހުނ...ރަނގަޅު..." އިނާ ހިނިތުންވެލިއެވެ.
"ޔޫ އާރ އެވްރީތިންގ ޓު މީ...ނެވަރ ފޮރގެޓް ދެޓް އިނގޭ. ކަމެއް ވަންޏާ ބުނާތި. ސިއްރު ނުކުރާތި. އޯކޭ" އިނާގެ ރީތި އިސްތަށިގަނޑުގައި އަދި މިއަދު ފުނާ ނައަޅާތީ އޮތީ ހޭވިފައެވެ. އެހެންކަމުން އަތުން ރީތިކޮށްލަދެމުން ނަވީން ދައްކަމުން ދިޔަ ވާހަކައިން އިނާއަށް ހާމަވަނީ ނަވީންގެ ހިތުގައި އޭނައަށް އޮތް ފުން ލޯތްބެވެ. ނަވީންއަށް އޭނަ މުހިއްމު ވަރު، ވަހުމެއް ނެތި އިނާއަށް ޔަގީންވަމުން ދިޔައެވެ.
އޭނައަށް އެކަމާމެދުގައި ޝައްކެއް ނެތެވެ. އޭނަގެ ދިރިއުޅުމަށް މަގްޞަދެއް ހޯދައިދިނީ ނަވީންއެވެ. އޭނަގެ ޙަޔާތް ފުރިހަމަ ވީ ނަވީންގެ މީހަކަށް އޭނަ ހެދި ދުވަހުއެވެ. މިއަދު އޭނައަށް މިލިބޭ ހުރިހާ އުފަލެއްގެ ޝުކުރު ޙައްގުވާ މީހަކީވެސް ހަމަ އެއީއެވެ. ނަވީން އަކީ އޭނައަށް ހުރި ރަޙްމަތެއް ފަދައެވެ.
އިރާދަކުރެއްވިއްޔާ އެފަދައިން ނަވީނަށްވެސް އުފާވެރިކަން ގެނެސްދޭ މީހަކަށް ވެވޭތޯ އޭނަ މަސައްކަތް ކުރާނެއެވެ. އެންމެ ފަހު ނޭވާއާއި ހަމައަށްވެސް އެކަމަށް އޭނަ މަސައްކަތް ކުރާނެއެވެ.

"މިއޮތީ މަންމައާއި ބައްޕަ ރޭގައި ގެނައި ހަދިޔާއެއް. އިނާއަށް ނިދިފަ އޮތީމަ ބޭއްވީ. ނުވެސ ބުނި ކޯޗެއްކަމެއްވެސް. އެކަމަކު އަހަންނަށް ހީވަނީ ތި ވާނީ ހަމަ ފަށަކަށް ނޫނީ ކެވެލިކޮޅަކަށް. އެކަހަލަ ކޮންމެވެސް އެއްޗަކަށް ވާނީ..." ނަވީން މިހެން ބުނުމުން އިނާ ބަލާލިއިރު އެއީ ސުވާސާ ކުލައިގެ ސެޓިން ފޮތީން ބޭރު ހަދާފައި، ހަމަ އެކުލައިގެ ރިބަނުން ރިބަން އަޅައި މިނަލާއި ޖަރީއިން ޒީނަތްތެރިކޮށްފައި ހުރި ހަ އިންޗި ހަ އިންޗީގެ ކުޑަ އެހެނަސް ވަރަށް ރީތި ފޮށްޓެކެވެ.

ފޮށީގެ ބޭރުގެ ރީތިކަން އެކަނިވެސް އިނާގެ ހިތާ ކުޅެލިއެވެ.
ނަވީންގެ އެހީއާއެކު އިނާ އެ ފޮށީގެ ބޭރުގައި ހުރި ރިބަންތައް މަޑުމަޑުން ފަރުވާތެރިކަމާއެކު ނައްޓާލިއެވެ. ހުޅުވުމުގެ ކުރިން އެތައް ފަހަރަކު އެ ފޮށީގެ ރީތި ކަވަރުގައި އަތްހާކާލެވުނެވެ.

ކުޑަކޮށް ބޯހިއްލައިގެން އޮވެ އިނާ އެ ފޮށި ހުޅުވާލިއެވެ. އެއާއެކު ނަވީންއަށްވެސް އިނާއަށްވެސް ލިބުނީ ހައިރާން ކަމެކެވެ.
އެ ފޮށީގެ އެތެރޭގައި ރަތްކުލައިގެ މަހްމަލުގެ ދާނެއްގައި އޮތީ ވިދާބަބުޅާ ޖަވާހިރުތަކަކުން ޒީނަތްތެރިކޮށްފައި އޮތް ރިހީގެ ދެ އަނގޮޓިއެވެ. އަންހެން އަނގޮޓިއަކާއި ފިރިހެން އަނގޮޓިއެކެވެ.

އެ އަނގޮޓިތަކުގެ ރީތިކަމާއި އަގުބޮޑުވާނެ ވަރު ހިތަށް އަރައި، އަތްލާންވެސް ނުކެރިގެން އިނާ އޮތްވާ، އެ އަނގޮޓިތައް ނެގީ ނަވީންއެވެ. ފުރަތަމަވެސް އަންހެން އަނގޮޓިއެވެ. މަޑުމަޑުން އިނާގެ ވައަތްތިލަ ގެނެސް، އެދެމީހުންގެ ކައިވެނީގެ ރަމްޒެއްގެ ގޮތުން އޭނަ އަޅުވާފައިވާ އަނގޮޓި އޮތް އިނގިލިއާއި ޖެހިގެން ހުރި ކަށި އިނގިލީގައި މަންމަ ދިން އަނގޮޓި އަޅުވައިދިނެވެ. ބަރާބަރެވެ. އެއްވެސް އައިބެއް ނެތި ހެޔޮވަރެވެ.

"މަންމައަށް ކިހިނެއް މިހާ ބަރާބަރަށް ސައިޒް އެނގުނީ...؟" ނަވީންގެ މަންމަ މިހާ އަގުބޮޑު އެއްޗެއް އޭނައަށް ދޭން ހޯދިކަމީ އިނާ ހަމަ ހައިރާންވާ ކަމެކެވެ.
"މިވީ 9 މަސް ތެރޭގައި މަންމަ ކުރިކަމަކީ މިއީކަންނޭނގެ..." އިނާގެ އަތުގައި އަނގޮޓި އަޅުވާފައިވެސް ނަވީނަށް އިނދެވުނީ އަދިވެސް އަތްތިލައިގައި ހިފަހައްޓައިގެންނެވެ.

"މިއީ ނަވީންގެ...." އަނެއް އަނގޮޓި ނަގައި ނަވީންގެ އަތުގައި އިނާ އަޅުވައި ދިނެވެ. ވަރަށް ބަރާބަރެވެ. ވަރަށް ހެޔޮ ވަރެވެ. އައިބެއް އުނިކަމެއް ނެތެވެ.

ދެމީހުންނަށްވެސް ތިބެވުނީ އެދެމީހުންނަށް ނަވީންގެ މަންމައާއި ބައްޕަގެ ފަރާތުން މި ލިބުނު އަގުބޮޑު ހަދިޔާއާއި މެދު އާޝޯޚް ވެފައެވެ. ހިތް އެދެމުން ދިޔައީ ވީހާވެސް އަވަހަކަށް ދެމީހުން އެކުގައި މަންމަ ކައިރިއަށް ގޮސް މަންމައަށް ޝުކުރު އަދާކުރުމަށެވެ. އެކައްޗެއް ނުދިންނަމަވެސް، އެމީހުންނާއެކު މަންމަމެނާއި މަންމަމެންގެ ހެޔޮ ދުޢާތައް ވުމުން ދުނިޔޭގެ ހުރިހާ އުފަލެއްވެސް ލިބިފައިވާ ވާހަކަ ބުނުމަށެވެ.
  
** ** ** ** ** ** ** ** **

ތިންމަސް ފަހެވެ.
ދެންމެ ފެންވަރައިގެން ނިކުތް ނަވީން، ނިދަން ލާ ޓީޝާޓް ލައިގެން އައިސް، އޮށޯތުމުގެ ކުރިން މޮބައިލް ނަގައިގެން މިސްޑް ކޯލްތަކާ މެސެޖްތައް ކުޑަކޮށް ޗެކް ކޮށް ބަލާލާފައި ވައިބްރޭޓަށް ބަދަލުކޮށްލިއެވެ.

"ފޯން ނިއްވާލަނީތަ....؟" ދެއަތްތިލައިގައި ލޯޝަން ހާކަމުން އައިސް ނަވީންގެ ދާދިގާތުގައި އިށީނދެލަމުން އިނާ ބުނެލިއެވެ.
"ނޫނޭ...." ފޯން ބާއްވާފައި ނަވީން އޮށޯވެލިއެވެ. މުޅި ދުވަހު އޮފީހުގަ އުޅެފައި ރެއަށް އިރުއޮއްސުނު ފަހުން އާދެވުމުން ނަވީން ހުރީ ވަރަށް ވަރުބަލިވެފައިކަން އިނާއަށްވެސް ފާހަގަ ކުރެވުނެވެ. އެކަމަކުވެސް، އަނާ އާއި ނަވާއާއިއެކު އުޅެއުޅެފައި ނަވީންއަށް ނިދޭގޮތް މިވީ އަދި ކިރިޔާއެވެ.

އިނާވެސް އެ ބޮޑު އެނދުގެ އަނެއްފަރާތުން ގޮސް ހުއްޓިލީ ކުޑަ ދެ އެނދު ކައިރިއަށެވެ. ދެކުދިންގެ ޙާލު ވަކިވަކިން ބަލާލާފައި އެފަރާތުން އަރާ އެނދުގައި އޮށޯވެލިއެވެ. ނަވީންއަށް ބަލާލިއިރު ނަވީން އޮތީ އުއްޑުން އޮށޯވެ ދެ ލޯމަރާލައިގެންނެވެ.

ރަނގަޅެވެ. ކުދިންކޮޅު ނިދާފައި ތިއްބާ ނިދިއްޔާ ނޫނީ ނަވީނަށްވެސް ނުނިދޭނެއެވެ. އިނާވެސް ނަވީންގެ ގާތަށް ޖެހި، ނަވީންގެ ގައިން ދުވާ މީރު ސެންޓްވަހުން ހިތަށް ހަމަޖެހުން ހޯދަމުން ލޯމަރާލިއެވެ.

"ޓްރީން ޓްރީން...." ވީ ހަމަ ހިނދުކޮޅެކެވެ. ނަވީންއާއި ވީފަރާތުގައި ހުރި ސައިޑް ކަބަޑުމަތީގައި ހުރި ފޯން ރިންގުވުމާއެކު ނަވީންއާއި އިނާވެސް ތެޅިގަތީ ދެވަނަ ރިންގެއް ވުމުގެ ކުރިން އެ ފޯން ނަގާށެވެ.

"ހަލޯވ......." ވައި އަޑުން ނަވީން ގޮވާލިއެވެ.
"އާނ...މަޑުކޮށްލައްޗޭ....ދިލް..." މަޑުކޮށްލާށޭ ބުނެފައި އިނާއަތަށް ފޯން ދިއްކޮށްލަންވެގެން ބަލާލިއިރު އިނާ އޮތީ ފާޑެއްގެ ހިންޏެއް އައިސްފައެވެ.

ދިލްމާ އަކީ މިހާ ލަސްވެފައި ހުއްޓާ އިނާއަށް ގުޅާ މީހެއް ނޫނެވެ. ރައްޓިއްސަކަށްވުރެ ބޮޑަށް މިއީ އާއިލީ ގަޑިއެއްކަމާއި ދެމަފިރިންގެ ގަޑިކަން ދިލްމާ ދަނެއެވެ. ނަމަވެސް ތުއްތު ދެކުދިންގެ މަންމައަކަށް އިނާ ވީ ފަހުން ތަންކޮޅެއް ގިނައިން ގުޅެނީއެވެ. ޚާއްޞަކޮށް އިނާ މާލެ ބަދަލުވުމުން އެ ތުއްތު ތުއްތު ދެކުދިން ނުފެންނާތީ އެކުދިން ދެކޭހިތުން ދިލްމާއަށް ހަމަ ގުޅެނީއެވެ. 

ދެތިންމިނެޓް ދައްކާލި ކުޑަ ވާހަކަ ކޮޅަކަށްފަހު އެ ކޯޑްލެސް ފޯން ޗާރޖަރަށް ޖަހަން ނަވީން އަތަށް އިނާ ދިނެވެ.

"އުނހުނ...ބަހައްޓާލާ ނުނިއްވާ....." ނަވީންއަތަށް ފޯން ދިނުމުން ފޯންގެ ސްވިޗް އޮފްކޮށްލަން އުޅުނުތަން ފެނި އިނާއަށް ބުނެވުނެވެ.
"ދެން އަންނަ ފޯނަކުން ކުދިންކޮޅު ހޭލަފާނެ....މާދަން ހެނދުނުންވެސް ވާހަކަ ދެއްކިދާނެނު...؟ ނޯ މޯ ކޯލްސް ފޯރ ޓުނައިޓް" ނަވީން އެ ފޯން ބެހެއްޓީ ހަމަ ސްވިޗް އޮފްކޮށްފައެވެ.

"ނޫނެކޭ ނަވީން....ކޮންމެ ފަދަ ފޯނެއްވެސް ކޮންމެ ފަދަ މީހަކުވެސް ކޮށްފާނެ. ކިހިނެއް އެނގެނީ. ވަރަށް މުހިއްމު ފޯނެއްވެސް އައިސްދާނެ." އިނާ ބޭނުންވަނީ ފޯން ޖައްސާފައި ބެހެއްޓުމަށެވެ. ވަކި މީހަކު ގުޅާފާނެތީއެއް ނޫނެވެ. ކޮންމެވެސް މުހިއްމު ކަމަކު މީހަކު ކުރާ ކޯލެއް މިސްވެދާނެތީއެވެ.

"މާލެ އައިރޭ އެއަރޕޯރޓްގަ ހުރެފަ މި ފޯނަށް އެކުރި ކޯލަށް ވުރެ މުހިއްމު އެއްވެސް ކޯލެއް ހިއެއް ނުވޭ ދުވަހަކުވެސް މި ފޯނަށް ދެން އަންނާނެހެނެއް. ނޯ ކޯލް ކޭންބީ ދެޓް މަޗް ކިލިންގ...." ނަވީން ނިސްބަތް ކުރީ އިނާ އޭނަ ދޫކޮށް ދިޔަފަހުން ކުރި ފުރަތަމަ ފޯން ކޯލަށެވެ.
ނަވީންގެ މި ވާހަކައަށް ބުނާނެ އެއްޗެއް އިނާއަކަށް ނޭނގުނެވެ. އިނާގެ މޫނުމައްޗަށް ވެރިވީ ލަދުރަކި ކަމެކެވެ. ނަވީން އާއި ދޭތެރޭ އޭނައަށް ކަންތައް ކުރެވުނުގޮތް ހަނދާންވާ ކޮންމެ ފަހަރަކުވެސް އެ ލަދު އިނާ ގަނެއެވެ.

އެއްޗެއް ނުބުނާން ވެގެން އިނާ އަވަހަށް އޮށޯވެއްޖެއެވެ. ނަވީންވެސް ސްވިޗް އޮފް ކޮށްފައި ފޯން ޗާޖަރުގައި ޖަހާފައި އިނާއާއި ދިމާލަށް އެނބުރިލިއެވެ.
"އެއްޗެއް ނުބުންޏަސް ނުކުރާ ކަމަކަށް ނުވާނެ އިނގޭ...." ކުރު އަތްމައްޗަށް އޮށޯވެލާފައި ނަވީން މިހެން ބުނެލީ އިނާ އިތުރަށް ރަކިކޮށްލުމުގެ މަގްޞަދުގައެވެ. އިނާ އެގޮތަށް ލަދުގަނެ ރަކިވެފައި އޮންނައިރު އޭނައަށް އިނާ އިތުރަށް ލޯތްބެވެ. އިތުރަށް ހިތް ކަތިލައެވެ.

ނަވީން އާއި ދިމާލަށް އެނބުރި އޮތް އިނާ، ނަވީނަށް މޫނު ނުދައްކާން ވެގެން އެންމެ ކައިރީގައި އޮތް ބާލީސް ނަގާ އަވަސް ޙަރަކާތަކާއެކު އަމިއްލަ މޫނު ނިވާކުރިއެވެ.
ނަމަވެސް ނަވީން އެ ބާލީސް ދުރަށްލީ މަޑުމަޑުންނެވެ.

ނަވީންގެ މޫނުމަތީގައި ހުރި އަސަރު ފެނުމުން އިނާއަށްވެސް އިތުރަށް ގަދަހަދާކަށް ނުކެރުނެވެ. ނޫނީ ނެހެދުނެވެ.
އިނާއަށް ފެނުނީ އޭނައަށްޓަކައި ލޯބިންގޮސް ފިދާވެފައި ހުރި ފިރިމީހާ އޭނައަށް އެދޭކަމުގެ އަސަރުތަކެވެ. ހަޔާތުން އެންމެ ހިނދުކޮޅެއް އޮތަސް އެވަގުތުކޮޅުވެސް އޭނައާއެކު ހޭދަކުރަން ބޭނުންވެފައި ހުރި ކަމުގެ ހެކިތަކެވެ. އޭނައަށް ނަވީން އެދިހުރި މިންވަރު، ނަވީންގެ ލޮލުގެ ބަސްމޮށުމުން އިނާއަށް އެނގުނެވެ.
މުޅިދުވަހު އޭނަގެ ދެކުދިންނަށްޓަކައި އޭނަގެ ކޮންމެ ނޭވާއެއް ލީކަމުގައިވިޔަސް، މިއީ އޭނަގެ ލޯބިވާ ފިރިމީހާއަށްޓަކައި އޭނަގެ ހިތާއި ރޫޙް، ހަށިގަނޑާއި ނަފްސުވެސް ވަޤުފު ކުރަންވީ ވަގުތުކަން އިނާއަށް އަންގައިދިނީ ނަވީންގެ މޫނުމަތިން ފެންނަ އަސަރުތަކާއި، ނަވީންގެ އޯގާތެރި ، ލޯބިވެތި ބީހުންތަކާއި އެ ބީހުންތަކުގެ ފަހަތުން މަޑުމަޑުން އައި ލޯބިކުރުންތަކުންނެވެ. 

ނަވީންގެ އެދުންތަކަށް އިނާއަށް އިޖާބަދެވުނީ ޚުދު އޭނަގެ ލޭނާރުތަކުގައިވެސް ކުޅެމުންދާ، އެ އިހްސާސްތަކާ ތަފާތެއް ނެތް އިހްސާސްތަކަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. ދެކޮޅުހަދާ އިންކާރު ކުރެވޭވަރަށްވުރެ ނަވީންގެ ގާތްކަމަށް އޭނައަށްވެސް އެދެވޭމިންވަރު ބޮޑުކަމުންނެވެ.

** ** ** ** ** ** ** ** **

ހިތާމައާއި އުފާ، ހިތި ތަޖްރިބާ އާއި ކާމިޔާބު، އަދި ތަދާއި ވޭނަކީވެސް އަހަރެމެންގެ ދިރިއުޅުމަށް ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސިފައެއްގައި އަންނަ ކަންތަކެވެ. އެންމެ އުއްމީދު ނުކުރާ ވަގުތުއެވެ. އެންމެ ބޭނުން ނުވާ ވަގުތުއެވެ. ބައެއްފަހަރަށް އެންމެ ނުރުހޭ ވަގުތުއެވެ. އެއިން އެއްވެސް ކަމަކީ އަހަރެމެންނަށް ހުއްޓުވޭނެ ކަމެއް ނޫނެވެ.  ކޮޓަރީ މޭޒުމަތީގައި ނުވަތަ ޖީބުގައި އޮންނަ ސެލްފޯނަށް ދެން އަންނާނީ ކޮން ކޯލެއްކަން ނޭނގޭފަދައިން، އަހަރެމެންނަށްވެސް އަހަރެމެންގެ ޙަޔާތުގައި ދެން ވާން ހުރި ކަމެއް ނޭނގެއެވެ. އެ ކޯލަކީ އަންނާނެ ކޯލެއްކަން ކުރިން އެނގޭނަމަ ، ހިތާމައަކާއި މުސީބާތެއް ގެނެސްދޭ އެއްވެސް ކޯލެއް އަހަރެމެން އަހަރެމެންގެ ފޯނަށް އަޔަކަ ނުދޭނެއެވެ. ހަމަ އެހެން ، އެނގިހުރެ މައްސަލަތަކުގެ ތެރެއަށްވެސް އެކަކުވެސް ނުވަންނާނެއެވެ.
ޔަގީނެވެ.

ގޭގެ ޓެރަސްގައި ހުރެގެން، ބޯމަތިން ފެންނަން އޮތް އުޑުގައި ފިޔަޖަހަމުން، ބަބުޅަމުން ދާ ކުދިކުދި ތަރިތަކަށް ބަލަން ހުރެ އިނާ ވިސްނަމުން ދިޔައެވެ.
އޭނަގެ އަމިއްލަ ޙަޔާތަށް އައި އެތައް ރޯޅިއަކާއެކުވެސް، އަމާން ކަމާއި ހިމޭންކަން ލިބިގެންވާ އައްސޭރިއަށް އޭނައަށް އާދެވިފައިވާތީ، އޭނަގެ ހިތް އަބަދުވެސް ޝުކުރު ވެރިވާނެއެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭނގި ނަވީން އާއި މައިންބަފައިން ދޫކޮށް އޭނަ ދިޔަ ދިއުންވެސް އަނބުރާލާ ރަނގަޅު މަގަށް އާދެވުނުކަމަށްޓަކާ އެކަމުގައި އޭނައަށް ނަސޭޙަތް ދީ ހިތްވަރު ދިން މީހުން މަތިން އޭނަ ހަނދާން ނައްތާނުލާނެއެވެ. އެހެން ނޫންނަމަ، މިދުވަސް އޭނައަށް ދެކެން ޖެހުނީހީ ކޮން ގޮތަކަށްކަމެއްވެސް ނޭނގެއެވެ.

"އިނާ......." ޓެރަސްއަށް އައިސް އެރި ނަވީން ގޮވާލި އަޑަށް އިނާއަށް ޚިޔާލުތަކުގެ ތެރެއިން ނުކުމެވިއްޖެއެވެ.
"މާޒީ ހަނދާންކުރަނީތަ....؟"  އިނާ ހުއްޓިހުރި ފާރުކައިރިއަށް ގޮސް އިނާވެސް ހުރިހެން ހޮޅިދަގަނޑުތައް މަތީ އަތް އަޅުވާލަމުން ނަވީން އަހާލިއެވެ.
"ނޫނޭ...." ނަވީންގެ ރީތި މޫނަށް ބަލާލާފައި އިނާ ހިނިތުންވެލިއެވެ.
"ގާތްގަނޑަކަށް އަހަރެއްވީއޭ ދޯ ގެ އެކޮޅަށް ބަދަލުވިތާ....؟" ނޫނެކޭ އިނާ ބުނިކަމުގައިވިޔަސް، އިނާ ވިސްނާނީ ކޮންކަމަކާކަން ނަވީނަށް އެނގުނެވެ.
ތެދެކެވެ. ބަނޑަށް ފަސްމަސްވުމާއެކު މާލެބަދަލުވެ، ނަވީންގެ ގޭގައި ނަވީންއާއެކު ދުވަސްތައް ހޭދަކޮށް، ވިހާ ގަދަވެގެންވެސް ހަމަސް އެގޭގައި ހޭދަކޮށްފައި ،އަނާ އާއި ނަވާ ގޮވައިގެން، އަމިއްލަ ވަޒަނަށް، އިނާ އެއައީ އިއްޔެ ރެއެވެ. ނަވީން އެބުނިހެން އަހަރެއްވާން ދެން އޮތީ އެންމެ ހަފްތާއެއްހާ ދުވަހެވެ.

"މިކޮޅަށް ބަދަލުވާންބޭނުންތަ؟ އައިޖީއެމްއެޗް ދޫކޮށް މިކޮޅަށް އަންނަން ބޭނުމިއްޔާ....." އިނާގެ މޫނުމަތިން ފެންނަ އެކަނިވެރިކަމެއްގެ ކުލަވަރުން ނަވީނަށް މާނަ ކުރެވުނީ އެ މާހައުލު އިނާއަށް މަދުވަނީ ކަމަށެވެ. ނަމަވެސް ނަވީންގެ ޖުމްލަ ފުރިހަމަ ނުވަނީސް އިނާ ޖަވާބުދ ދިނެވެ.
"ނަވީން ބެހެއްޓި ކޮންމެ ތަނަކީ ހަމަ ރަނގަޅުތަނެއް..."  އަބަދުގެވެސް އާދައިގެ މަތިން އިނާގެ ފަރާތުން ފެނުނީ ކިޔަމަންތެރި ކަމެވެ. އިނާގެ މި ޖަވާބުން ނަވީނަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އިނާގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. އިނާވެސް ފަސްޖެހުމެއްނެތި ނަވީންއަށް އޭނަގެ އަތްތިލަ ދިނެވެ.

"ކޮންމެ ތަނެއްގައިވިޔަސް، އަހަރެން ކައިރީ އިނާ ބަހައްޓަން އަހަރެން ބޭނުންވަނީ. އެކަމަށް ދެން ދެކޮޅު ނަހަދައްޗޭ." މަޑުއަޑަކުން ނަވީން އެދުނެވެ.
"ނަހަދާނަން...." ބަސްއަހާ ކުއްޖެއް ފަދައިން އިނާ އެއްބަސް ވިއެވެ.

ޓެރަސްގެ ހޮޅިދަގަނޑުމަތީ އަތް އަޅުވާލައިގެން މޫދާއި ދިމާލަށް ބަލަހައްޓައިގެން ދެމީހުންވެސް ތިބީ އެ ހިމޭންކަމުގެ ތެރެއިން ހިމޭން މިއުޒިކެއް އިވޭތީ ފަދައެވެ. ރޭގަނޑުގެ މި އަނދިރީގައި ބަލާނެ ޝައުގުވެރިތަނެއްވެސް އަދި ކަމެއްވެސް ނުފެންނައިރުވެސް، ހަމަ ހިމޭންކަމާއެކު، ދެމީހުންވެސް އަތު ގުޅާލައިގެން ތިބެ ބަލަމުން ދިޔައީ ބައެއްފަހަރު، ކުރިމަތިން ފެންނަ ހުސްކަމުގެ ތެރެއަށެވެ. އަނެއްބައިފަހަރު، ތަރިތަކުން ފުރިފައި އޮތް އުޑުމައްޗަށެވެ.

"ކަންތައް ވާނީ ކިހިނެއްކަމެއް ނޭނގެ. އެކަމަކު އިނާ ބޭނުމިއްޔާ ދުވަސްކޮޅަކަށް މިކޮޅަށް ބަދލުވުމުގެ ކަންތައް ވޭތޯ ބަލާފާނަން." ހިމޭންކަމާއެކު ހުއްޓަސް ނަވީންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ވަރަށް ބޮޑެތި ފިކުރުތަކެއްކަން އިނާއަށް ޔަގީންވިއެވެ. ނަވީންގެ މި ނިންމުމަށް އިނާ ހިނިތންވެލުމުން، އެއީ އިނާ އެދޭގޮތްކަން ނަވީނަށް ޔަގީން ވިއެވެ .

ތެދެކެވެ. އެމީހުންގެ ފޯނަށް ދެން އަންނާނެ ކޯލު ނޭނގޭފަދައިން، މާދަމާގެ ދިރިއުޅުމަށް ގޮތް ކިޔަންވެސް އެމީހުންނަކަށް ނޭނގެއެވެ. ކުރެވޭނީ މަސައްކަތެވެ. އެދެވޭނީ ތައުފީގަށެވެ. ވާން ހުރި ކަމެއް ވާނެއެވެ.

ދިރިއުޅުމަކީ އެކި ޙާލަތުތައް  އަޔަނުދޭން މަސައްކަތް ކުރުމެއް ނޫނެވެ. ޙިކުމަތްތެރިކަމާއި ވިސްނުންތެރި ކަމާއެކު އެ ޙާލަތާއި ބައްދަލުކޮށް މުޤާބަލާ ކޮށް ކާމިޔާބު ކުރުމަކީ އެއީ ދިރިއުޅުމެވެ. އެއީ ފޯންކޯލަކުން އައި ޙާލަތެއްކަމގައިވިޔަސް، އަދި އެހެން ގޮތަކުން އައި ޙާލަތެއްވިޔަސް ވެހެވެ.   ކާމިޔާބު ހޯދުމަށް އެމީހުން މަސައްކަތް ކުރާނެއެވެ. ކާމިޔާބު ދިރިއުޅުމެއް ހޯދުމަށްޓަކައި ކުރަންޖެހޭ ހަނގުރާމައަކީ އެއްވެސް ގޮތެއްގައި ލުއި ފަސޭހަ ކަމެއް ނޫނެވެ. އެކަން އިނާ އާއި ނަވީންއަށް މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އަދި އެ ދެމަފިރިންނަކީ ، އެދެމީހުންގެ ވާހަކަ އަޑުއަހާ ކޮންމެ ބަޔަކަށް ޓަކައި ދިރި ހުރި މިސާލެކެވެ. 

 ** ** ** ** ** (ނިމުނީ) ** ** ** ** **  
         53 comments:

varah varah varah salhi mivaahaka sofaa..ehen vaahaka eh varah avahah kiyaalan libeyne kamah heekuran.. ^_^ thihaa burakoh,komme haalehga ulhemunves veevarakun mikahala reethi reethi vaahaka eh kiyaalan genasdhin kamah takaa varah bodah shukuriyya..heyo dharumadhehvaashi,thirogugaa ithuru kaamiyaabah edhen sofaa..mivaahaka bookshop akun gannan libeyne dhuvahakah varah varah inthizaarukuran.. heyo edhumaa thahuniyaa aa eku (aayaa )

 

vaahakaige nimun varah reethi.. thanx a lot dear for bringing us such a beautiful story.. miahvure reethi vaahaka eh liyumuge heyo thaufeegu ALLAH, sofa dhevvaashi .. amen :)

 

wow ana and nawa.. wat a beautiful names .. varah reethi mi vaahaka.

 
Hafu / india

wowwwwwwwwwwwwww habeyxxxxxxxxx chummeeeeeeeeeeees.. you ar ethe best..

 

nuves egey up kuri kamehves.. haadh areecheh hmmmmmmmmmmmmmmmmmmm kiyaa kiyaaa kiyaa kiyaahihvanee.. alhe theee hama efadha eh nuvaa thair eh. this is the best story i have ever read.

 

sofaaaa dhoooni.. haaaaaaadha rechey nimmmun. keep it up .

mivareh hama neiy .

 

Alhe haadha furihamayey. Sofaa..u r the best writer ever. how do u write this stuff without misiing anything. Im just so thrilled with your story. Awesome...best of all Leena part is also very inspiring.very salhi.very salhi.very salhi.very salhi.very salhi.very salhi.

 

Haahahahha....Leena gandah libunu landu dho. kudakoh dheraves vey..ekamaku nubai nulafaa koh ulhey meehunnah lesson eh . varah furihama. Inaa ah twins eh libuneema haadha happi yey. Ana and Nawa. WOW

 

shaxx : wow....vraha salhi nimunves ingey......vaahaka nimuneema mi igunee vaahakaige namaa vahakyaa huri gulhunves.....feshuneehsurehves ufedhifa oi suvaaluge javaabu miadhu mi libuneee.... hama hithah eriyey nimuneema nunee neyngeyne ey mi vaahakayah phone call kiyunu sababeh..... vaahaka varahves furi hama..... anaa n nawa varah salhi dhe name ingey.....
as ususal soffge sifakoh dhinuntha hama superb.... e dhe fuhgandu heevee kurimathin sifa vegen dhiyahen......ekam... ninmamun enme fahu jubla kamaku nudhe ey soff....eynee naveen and neena viyya jahaafa.....soffge varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah furihama massaikatheh mee ves......god bless u soff <3<3<3<3 wish u all the best..........lotttsss of lovessssss n hugsssssss......

 

oooooooooooooh lalalaaaaaaaaaaaaaaaaaaa nimuneeeeeeeeee oaaaaaaaaa. varaaaaaaaaaaaaah salhi.. thanxxx

 

varahhhhhhhhhhhhhh salhi ingey <3

 

ummmmmmmmmmmmmmmm habeyxxxxxxxxxxxxx hama

 

V V REETHI... ITHURAH BUNANE EHCHEH NEIY.... UMISH...

 

ohh... hama speechless! salhi kamun dhen ithurah bunaane ehcheh nei... v furihama... and the names of the twins... ina n naveen ah enan special vee hen for me also ethanun eh nan hama ehaa special, coz its my one n only daughter's name viya. "ANA" .heheh.. vaahaka kiyamun dhiya iru ves hithah eri kon name eh baa ey kiyaanee...sixth sense bunamun dhiya eh kujjakah kiyaanee ANA ey.. molhu dho guess... coz i remember u saying sofa ge v cloz frend eh ge girl akah sofa e nan dhineemey.. vaahaka nimuneema dheraves vey..ekamu mihaa furihama ah nimun hadi nukollaa reechah genes dhineema v happy.. ekamu last sentence ga naveen n neena ey eynee keeve?.. may allah bless u.. hope to c another wonderful story of u soon.. :)
SHIFA

 

v.reethi ingey. mi vaahakainves ethah iburaiythakeh libigen hingajje, dhuniyeyge ethah haqeeqatheh haama vegen hingajje. thi fadha liyunthereenge sababun kiyunthereennah iburaiy libemun dhanee nama, kiyunthereenge dhiri ulhumah e vevenee agu nukurevey ehee eh, liyuntheri kamugai thibaa ah fahi kamaai faagathikan minvaru kohdhevaashi. Ameen. fathisrhareege ujaalaakamun maguthakah ali kuramun manzilah vaasil veveyne kamaa medhaku shakkeh nukuran. kuriyah vadai gannavaa. adhives kuriyah dheveyne. kaamiyaabu vanee masakkaiythereennaa eku.

 

habeyxxxxxxx eve :]

 

mariyam : oh soffffffffffffffffffffffff sweeety neiy hama bunaane echehves.. wowowowo ..thanx a lot vaahaka nimendhen kiyaalan gensedhineethee.. dhen liyaa vaahaka miah vure reeethi vaane kamah ummeedhu kuran... thousand likes to the story.. ummmmaaaaaaaaaaaaaaaaaaaaah <3

 

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ dear thsi is choooooo awchammmmmmm

 

superbbbbbbb hama. thumbs Up

 

oooooooooooooopceeeeeeeeeeeeee crazyyyyyyyyyyyyyyyyyyyyyy nimmi gothaamedhu

 

varah varah varah salhi mivaahaka sofaa..ehen vaahaka eh varah avahah kiyaalan libeyne kamah umeedhu kuran.........vvvvvvvvvvvvvvvvvvvvvvvvv salih mivaahaka...- ULYA -

 

v.v.v.vsalhi. new story akha inthizaaru kuran..........

 

v.v.v.vsalhi

 

chuper chuper chuper. haadha reecheh mi story..

 

Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana...Haadha furihamayey...Habeys...mivareh nei...hama 1 vana... (thaureef kuraane ehen gotheh hama visnumah nai)

 

ithuru hihvarakaa eku au vaahaka eh miahvure maaaaaaaaaaaaaaaaaaaaaaaaaaaaaaaaaa reeeeeeeeeethi fashaaaaaaaaaaaane kamuge varah bodu ummeedheh eba oiy.. shukuriyyaaaaaa softtey.. you are the best ..

 

Leena fakeerah haadha haaleggayey sofa thi jessy. heyo vaanetha?

Ekamaku vaahakaige ehen hurihaa bayeh v.furihama.varah molhu sofaa.

Aaa vaahakeh dhen fesheny kon dhuvahakuntho?

 

ufaaaavefa ☻☻ vaahaka nimuneema.. varah reeeethi mivaahaka ☻

 

mmmmmmmmmmmmmmmmmmmmmm varah salhi ngey, kyp it up dear..

 

ވަަހަކަ ނިމުނީމަ ދެރަ.. ސަޅި އިނގޭ މި ވާހަކަ

 

ސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެސަޅި، އޮބިނޯވެ

 

I.N.S.P.I.R.E.D.. billion likez

 

e nimuny dhw.. :( i will miss dis story.. naveen inaa nd their lovely twoh babies.. lurved da story.. adhives sofaage faraathun myge reethi vaahaka thakeh fennnaane kamah unmeedhu kuran..

 

alhey sofaa dhoonigan'daa haadhamolhey.. simply hama superb ingey. luv you

 

"އޭއި އޭއި...މާ ހިނި އައިސްފަ ހުންނާނެ ކަމެއް ނެތް އިނގޭ...އެވާހަކަ އަދި ކޮންމެވެސް ދުވަހަކު ކިޔުއްވާނަމޭ. ތި ދަރިފުޅަށްވެސް ކިޔާދޭނަން. އަސްލު ވާހަކަލިޔާމީހެއްކައިރިއަށް ގޮސްގެން މި ވާހަކަވެސް ލިޔުއްވަންވީހެން އަހަންނަށް ހީވަނީ. އޭރުން އިނާގެ މާމަ ދަރިންނާއި މުނިމާމަ ދަރިންނާއި ހަމައަށްވެސް ފޮތް ހަރުގަނޑުތަކުގައި އެ ފޮތް އޮންނާނެނު. އަހަރެން ރައްޓެހި ކުއްޖަކު އުޅޭނެ ވަރަށް މޮޅަށް ވާހަކަ ލިޔާކުއްޖެއް. އެ ކުއްޖާއަށް މި ވާހަކަ އެއްކޮށް ކިޔައިދޭންވީ ކަންނޭނގެ.

Eyna ah kiyaanee "SOFAA"

 

ina aa naween ah . varah hihvaru kurevijje dhw dhekudhinah.. ummeedhukuran dhiriulhumuga thihen dhimaa vaa kithamme thoofaaneh thiya dhekudhin kadathu kuraaneykamah.. thiyafadha lobuvethi dhemafirinnaa vaki vaan jeheythe einthihaa ah hithaama kuran.. thi dhekudhinashaa adhi dhemafirinah adhah vure fehi maadhama eh dhevvun edhen.. abadhuves ekuga vaaney kamah ummeedhukuran.. vaahaka kiyamun dhiyairuves ethah faharaku ihusaasvi thiyaa neeno ge ekuveri ekey.. keekuraanee ehaaves vaahaka ah vadhevifa.. mivaruge reethi vaahaka eh adhi nulibey kiyaalaakkah.. assaribahaa saabahun shukuru dhannavan vaahaka liyuntheriyaa ah .. thiya ee hama namoona eh .. liyuntherikamaa eku kuriah vadaigannavaa..

 

dhen liyaa vaahakayeh miyah vure beykaru bai madhukofa liyaane kamah umeedhu kuran.thanx sofaa.

 

enme fahun mi vaguthu ves ais jehuny dho! dhera vey Inaa aa Navyn adhi Navaa aa Anaa ahves good bye kiyan veema... ekamakuves konme kamakahves nimun annahen hithaa kulheli mi vaahaka ah ves nimun aee... Sofaa, mee varah khaasa vaahaka eh, yageenunves mi phone call ge handhaan mulhi umurugaves hithun filaigeneh nudhaane... thiya mussandhi hiyaalu thakun furigen vee sikundi ashaa adhi Sofaa ahves fahfashun shukuriyya... Marshamen kahala kudhinge foohi filuvaidhinumah takaa thi kuraa bura masahkathuge agu vazav kuran, mihaa reethi ehen vaahaka aaigen avahah fennaane kamah hykuran!

 

hhmm reeeethi

 

varah reethi ninmumeh dhen kon irakun new story fahtaany.....sofa keevetha reply nukurany mihaaru.....

 

varah reeethi mivaahaka as i told hama emme reethi vahaka. any ge life ah ves naveen kahala meehaku annaaane nama dho....heheheh vahaka hama varaha reethi mikahala ehen vahakaeh kiyaalumuge furusathu adhi libeyne kamah ummeedhu kuran,,... good luck

 

sOfee dhoooOneee..Ur dis story was always a big inspiration for me in al the ways...I just wanted to bee a "niyanethi" gal like Inaa alwaiz:P..bas madhu, vafaa theri, oaagaatheri, one piece Inaa gothah enemn loabivaakahal gal akah, daughter akah, wife akah, friend akah vumah varah big inspiration akah mi story vejje...Reallyy Endless thanx soff dhoooneee.

..and Vaahaka nimunee dhw..as Usual this part is super Duper hama..varaaaaaaaah Happi vi mikahal dhigu episode eh kiyaalan libuneeema...:)..and nimunves hama The best
Ekam felt like a apart of family is gone far, vaahaka nimunyma...Miss vaaane the beautiful couple, Inaa and Naveen,, Dhil and Hussen, dha world best Family, Khaalidheb ge family,,and respectful, Alimanik and his wife...But I Hate Xiyaaaaaadh Gandu :/...Dhen leenaa ah punishment eh libunyma varah Happy...
and the cute Hamdhu ves missvaaane...
and and the cute little Angles the twins babies..Umwaah to them..:) <3..And congatulation to the beautiful mom and dad of them :)..
.hehe..wat to say Sofeee loabee :)...U did a great work as alwaiz.. hama..May God bless Yu endlesss...shower yu every Happines yu wished...:) give yu the best health and wealth...keep on smiling..
"Diamond" story dhw dhen gensdheyneeeeeeeeeeee..:)...no doubt that u gonaa rock It..bring it sOOOn sweety :) Hama patiently waiting :)..am gonna be a fan alwaiz...my days gonna be incomplete without ur gorgeous stories..:)...

 

Nowshan..I commented without name :p..dhw :)

 

ehen vaahaka eh kiyaalan libeyvaruvaanee kihaathaaku loabivaa .. (aayaa)

 

kobaatha dhen fasha new story? inthizaaaaaaringzzz

 

sof.. kanbulooooooooooooo.. v fahun dhw mi cmnt kolleveny, adhi hama ehaa dhuvas ves koffa.. keeh kuraany dhw... hama avahjeh nuvegen nukurevifa.. gossi v hithaa kulheli bayehves, edhuvahu v try kurin eyah cmnt eh kuran.. fahun aee kon bayeh kameh ekamaku ulhe ulheves hithah nai.. hoadha hoadhaaves nufenunu.. :( so sadix.. but mi vaahaka v salhi ingey, hama sof ge ehn vaahakathakeh gothah.. mikamuga sof ah kaamiyaabah edhen. :) adhi kuriyah oi thanuga niyahvurenves furihama reethi vaahaka thakakah unmeedhu kuran...

 

Sofa vaahaka liyun huttaaleetho? Haadha khabareh nethey!

 

Sofa...Are you there? Can you here us all?

 

salhi varah furihama . alhe nimunee tha dhen ekko mivaahaka kiyaalan beynumee libeynetha. (raxiya)

 

wow salhi. adhi miadhu mi kiyaalevuny. Haadha dhigu inthizaareh mivaahakayah krymey. sofa you are the best.

 

aharen mi vahaka feshigen nimendhen kiyaafn .. v salhi ...

 

Wow! Who wouldn't want such a life?!?!?
Thank you for this amazing story. It's the first long dhivehi story which I completed. It's just phenomenal. :)
-Afa-

 

Post a Comment