Saturday, May 5, 2012

Edhevunu Thadhu - Ep 1




އޮއްސެމުން ދިޔަ އިރުގެ ރަންދަޅަތައް، ހުޅުމާލޭގެ މަލަމަތިން ފޮހެވެމުން ދިޔަތަން ބަލަން ބެލްކަނީގައި އިނދެފައި ރީމާ ކުއްލިއަކަށް ތެދުވެއްޖެއެވެ. މިހާރު އޭނަގެ ފިރިމީހާ ގެއަށް އަންނާނެއެވެ. އަވަހަށް ތެދުވެ ، އިށީނދެ އިން ގޮނޑި އެތެރެއަށް ވައްދާ ބިއްލޫރި މޭޒުކައިރީ ބަހައްޓައިފިއެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން އަދި އެއްފަހަރު ބެލްކަނީގައި ހުރި ގުރާކޮށީގެ ދޮރު ރަނގަޅަށް ލެއްޕި، އޭގެ މަތީގައި އަޅަންވާ ފޮތިގަނޑު ރަނގަޅަށް އެޅިފައިވޭތޯ ބަލާލިއެވެ. ދެން އަވަސް އަވަހަށް އެތެރެއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ. ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގާލީ އޭގެ ފަހުންނެވެ.



ރަނގަޅެވެ. ހުރިހާ އެއްޗެއްވެސް ތަރުތީބެވެ. ހުރިހާ އެއްޗެއްވެސް ހުރީ ހުންނަންވާ ތަނުގައި ގަވާޢިދުންނެވެ. ހުރި ދިމާލުން ކުރިމަތިން ފެންނަން ހުރި ސިޓިންރޫމާއި ކަނައަތްފަރާތުގައި ހުރި 2 ކޮޓަރި ކުރިމަތިން އެއްފަރާތެއްގައި ހަދާފައިވާ ޒަމާނީ ބަދިގެއަށްވެސް ބަލާލިއެވެ. ރަނގަޅުތޯ ބެލުމުގެ ނަޒަރަކުންނެވެ. ރަނގަޅެވެ. ހުރިހާ ތަނެއްވެސް ރީއްޗެވެ. އެއްވެސް ކަމެއް ނުނިމި ނެތެވެ. އެންމެ ފަހު ފަހަރަށްވެސް އެޕާޓްމަންޓް ދޮރުގެ ތަޅު ހުރީ ބޭރުން ތަޅުދަނޑި ޖެހުމުން ހުޅުވޭގޮތަށް ރަނގަޅަށްތޯ ބަލާލިއެވެ. ދެން ވަރަށް އަވަސް ހިނގުމެއްގައި ގޮސް ބަދިގޭގެ ފާރާއި އިންވެގެން ހުރި އޭނަގެ ކޮޓަރިއަށް ވަދެއްޖެއެވެ. ފާރުކައިރީ ލައްގާފައި ހުރި ސިންގަލް އެނދެއްގެ ގޮދަޑި ބިންމައްޗަށް ތިރިކޮށްލައިގެން އޭގެ މަތީގައި އިށީނދެއްޖެއެވެ. ދެކަކޫ އަނގައަށް ވަންނަ ހިސާބަށް ފައި ކައިރިކޮށްގެން އިންގޮތުން ހީވަނީ ހަމަ ދެންމެ ދެންމެ ސިއްސައިގެން ގޮސްދާނެތީ ގަދަ ހިތްވަރެއް ލައިގެން އިންހެންނެވެ.  


ރީމާ ދިޔައީ ތެޅިތެޅި އޮތް ހިތަކާއެކު ފަރުވާތެރިކަމާއެކު އެންމެ ހިމަ އަޑުވެސް އަހަމުންނެވެ. އިންތިޒާރު ކުރެވެމުން އެޕާރޓްމަންޓްގެ ދޮރު ގެ ތަޅު ހުޅުވާލާ އަޑަށެވެ.


"ތިން ތަރި...ހަތަރު ތަރި....ފަސް ތަރި....ހަތަރި....ހަތްތަރި...." ސިއްރު ސިއްރުން ކިޔަމުން ދިޔަ މި ބަނދިވަރަށް ހުއްޓުމެއް އައީ އެޕާޓްމަންޓްގެ ދޮރު ހުޅުވާލި އަޑަށެވެ.


ކޮންމެ ދުވަހަކު އެހިސާބަށް އޭނަ ކިޔާތަނާ ޝާން އަށް އެ އާދެވެނީ ކިހިނެއް ހެއްޔެވެ. މިވީ ނުވަ ދުވަހުގެ ތެރޭގައި ހަމަ ކޮންމެ ދުވަހަކުވެސް ދޮރު ހުޅުވާލަނީ އެހިސާބަށް ކިޔޭ އިރުއެވެ. އެއީ ކިހިނެއް ވާ ކަމެއް ހެއްޔެވެ؟


އެ އިވުނީ ތަޅުދަނޑިފަތި ބިއްލޫރި މޭޒުމައްޗަށް އެއްލި އަޑެވެ. އެ އިވުނީ ޝާންގެ ކޮޓަރިއަށްވަދެ ބަން ލާފައި ދޮރު ލެއްޕި އަޑެވެ.

ކޮޓަރީގައި ފަންކާވެސް ނުޖަހާ، އިވޭ ކޮންމެ އަޑަކަށް ސަމާލުކަން ދީގެން އިން ރީމާ ފުން ނޭވައެއް ލެވުނެވެ. ހަމަޖެހުމުގެ ނޭވައެކެވެ. ނަސީބެކެވެ. މިއަދު އޭނައަށް ނުގޮވައެވެ.

ފިރިމީހާއަށް ސައި ހަދަން ދިޔުމުގެ ކުރިން ގޮދަޑިމަތީގައި ކުޑަ ގޮތަކަށް ރީމާ އޮށޯވެލިއެވެ. ޝާން ފެންވަރައިގެން ނިކުންނަންދެން އޭނައަށް އަދި އޮވެލެވިދާނެ ކަމަށް ވިސްނާފައެވެ.


އޭނައަށް މި ލިބުނީ ކޮން ކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ ނުވެސް އެނގި ހުއްޓާ އޭނަގެ ޙަޔާތަށް މިއައީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ. އޭނައަށް ހެވާ ނުބައި ވަކި ކުރަން ނޭނގުނީ ހެއްޔެވެ.

ނޫނެކެވެ.

އެހެންވެސް ބުނަން އެނގޭނީ ކިހިނެއް ހެއްޔެވެ. މި ކައިވެނީގެ އެއްވެސް ކަމަކީ އޭނަގެ ވިސްނުމަކަށް ނިމިފައިވާ ކަމެއް ނޫނެވެ.

އޭނަގެ ރަށުގައި، އޭނަގެ ގޭގައި އޭނަ ހުއްޓާ، ތިއްތަންމަ ގޯތި ޝަބާނާ އަތަށް ސިޓީއެއް ދީ ފޮނުވައިގެން އޭނައަށް ލޯބި ހުށަހެޅީ ޝާންއެވެ. އޭނައެއް ނޫނެވެ.


ދުރުމާޒީއެއްގެ މަންޒަރެއް ފަދައިން އެ ފުރަތަމަ ފެނިލުން މިއަދުވެސް ރީމާ ހަނދާން އެބަހުއްޓެވެ.


ހައުސިންގ މިނިސްޓްރީގެ ފަރާތުން ޝާންމެންގެ ޓީމް އެމީހުންގެ ރަށަށް ދިޔައީ އެރަށުގެ ބަނދަރުގެ ސާރވޭއެއް ކުރުމަށް އެފަހަރު އެރަށަށް ދިޔަ ޓީމްގެ އެންމެ އިސް މީހެއްގެ ގޮތުންނެވެ. އެގަޑީގައި އިއްތިފާގުން ބަނދަރު ސަރަހައްދުގައި ހުންނަ އޭނަގެ ތިއްތަންމަގެ ދޮރާށި ކައިރީގައި ޝަބާނާއާއި ވާހަކަ ދައްކަން އޭނަ ހުއްޓާ އެގޭ ކައިރިން އަޅާފައި އެމީހުން ދިޔަތަން އޭނައަށްވެސް ހުރީ ފެނިފއެވެ. އެކަމަކު އެތަނުގައި ހުރި އެންމެ ރީތި އެންމެ އިސްކޮޅުން ދިގު ޒުވާނާ އަކީ ޝާންއެއްކަމެއް މާންއެއް ކަމެއް އޭނައަށް ނޭނގެއެވެ. އެނގުމުގެ ޝައުގެއްވެސް އޭރު އޭނަގެ ހިތަކު ނުއުފެދެއެވެ. އެހެންނަމަވެސް އޭނައަށް އެމީހަކު އެނގެން މަޖްބޫރު ކުރީ އޭގެ ދެ ދުވަސްފަހުން ޝަބާނާ ގެނެސްދިން ސިޓީއެވެ. އޭނަ އުއްމީދުވެސް ނުކުރާ ކަހަލަ ގޮތަކަށް މިއޮތްފަދަ ޒަމާނުގައި އޭނައަށް ލޯބި ހުށަހެޅީ ޝާންގެ އަމިއްލައަތުން ލިޔެފައިވާ ސިޓީއެއް މެދުވެރިކޮށް ޝާންއެވެ. އޭނައެއް ނޫނެވެ.


ދެފަހަރަކު އިންކާރު ކުރުމާއެކުވެސް ، ޝާންގެ އެތައް އާދޭހެއްގެ ސަބަބުން އެ އެއް ހަފްތާ ތެރޭގައި އޭނައާއި ޝާން ދެފަހަރު ބައްދަލު ކުރިއެވެ. ފުރަތަމަ ބައްދަލުވުން ނިމިގެން ދިޔައިރުވެސް، ޝާންގެ ރީތި ސޫރަ ނޫން ސިފައެއް އޭނަގެ ހިތަކު ހަރުނުލިއެވެ. އެއްވެސް އެހެން ކަހަލަ ޝައުގެއް އޭނަގެ ހިތަކު ނުއުފެދުނެވެ.


ޝާން އެފަހަރު ރަށުން ފުރައިގެން މާލެ އައީ ވީ އެންމެ އަވަހަކަށް ކައިވެނި ކޮށްގެން އޭނަ މާލެ ގެންނަން ބޭނުންވާ ވާހަކަ އެތަކެއް ފަހަރު ބުނެފައެވެ. އޭނަ ކައިރީ އެކަންޏެއް ނޫނެވެ. އޭނަގެ މަންމަ އާއި ބައްޕަ ކައިރީގައެވެ. ވީހާވެސް އަވަހަކަށް އޭނަ ބަލާ ރަށަށް އަންނާނެ ވާހަކަ ބުނެ އެތައް ވަޢުދެއް ވެފައެވެ.


ބުނި ބަހާ ޚިލާފެއްވެސް ނުވެއެވެ. ރަށުން ފުރައިގެން މާލެ އައިތާ ބަރާބަރު ވިހި ދުވަސްވީދުވަހު ޝާން ހުރީ ޝާންގެ ބޮޑުބޭބެއަކާއެކު އޭނަ ބަލާ އޭނަގެ ރަށަށް ގޮސްފައެވެ. މާލެ އައީ އޭނައާއެކު އޭނަގެ މަންމަ އާއި ބައްޕަ އާއި ހަގަށް ތިބި ތިން އަންހެންކޮއްކޮވެސް ގޮވައިގެންނެވެ. މާލެ އަންނަނީ އޭނަގެ ކައިވެންޏަށް ކަމަށްވާތީ ކައިވެނީގެ ހުރިހާ ކަމެއް ނިމެންދެން މަންމަ އާއި ބައްޕަ އާއި އާއިލާގެ އެންމެހާ މެމްބަރުން ތިބުމަށްޓަކައި ކޮޓަރިއެއް ކުއްޔަށް ހިފާފައި ކެއުމާއި އެހެނިހެން ކަންތައްތައްވެސް އެމީހުންނަށް ހަމަޖައްސައިދިނީ ޝާންއެވެ. އެއްވެސް މީހެއްގެ އެދުމަކާ ލައިގެނެއް ނޫނެވެ. އަމިއްލައަށް ފެނިގެން ކޮށްދޭ ހިތުންނެވެ. ބައްޕަ އެތައް ވަރަކަށް ދެކޮޅު ހަދަހަދާ ހުއްޓައެވެ. އެމީހުންނަކީ އެހާ ލިބޭ ތަނަވަސް ބައެއް ނޫން ކަމާއި، ޝާންގެ ހެޔޮ ކަމާއި އޯގާތެރި ކަމުން އެމީހުންގެ އަގު އެމީހުންގެ ކުރިމަތީގައިވެސް ކުޑަވާ ކަހަލަ އިހްސާސެއް ކުރެވޭތީ އެހާ ޚަރަދު ބަރަދު ނުކުރުމަށް ޝާންގެ ކިބައިން ކިތަންމެ ފަހަރަކު ބައްޕަ އެދުނެވެ. އެކަމަކުވެސް ޝާންގެ ހިތްހެޔޮ ކަމުން ނިޔާޒު އައީ ހުރިހާ ކަމެއް ކޮށްދެމުންނެވެ.


ކައިވެންޏަށްވެސް ޝާން ބޭނުންވީ ، އޭނަ ބޭނުން ވަރަކަށް ޚަރަދު ކުރުމަށެވެ. ވީހާވެސް ބޮޑު ޕާޓީއެއް ބޭއްވުމަށެވެ. އެހެންނަމަވެސް އޭނަ ބޭނުންވީ ކައިވެނީގެ ދުވަހު ޚާއްޞަ ހެދުމެއްލައިގެން ފޮޓޯތަކެއް ނަގާފައި އާއިލާއާއި ގާތް ރައްޓެހިންކޮޅަކަށް ސަޔަކަށް ދަޢުވަތު ދިނުމަށެވެ. މިވަރު ކުޑަ ކަމަކަށްވެސް ދަރުބާރުގޭގެ އެންމެ ބޮޑު މާލަން ޝާން ހިފިއެވެ. ސަބަބު އެނގޭނީ ޝާން އަށެވެ. އެހެން ނެހެދުމަށް އޭނަ އެދިއެދި ހުއްޓައެވެ. ތަން ކިތަންމެ ބޮޑު ވިޔަސް އޭނަގެ އެދުމުގެ މަތިން ދަޢުވަތު ދިނީ މަދު މީސްކޮޅަކަށެވެ. ދިނީ ސަޔެކެވެ.

"ޓަކް ޓަކް ޓަކް ޓަކް.....ޓަކް ޓަކް ޓަކް ޓަކް...." އޭނަގެ ކޮޓަރީ ދޮރުގައި ޓަކިޖެހިއަޑަށް ރީމާގެ މޭގަނޑު އަނގައަށް އައި ކަހަލައެވެ.


އަވަހަށް ފުންމައިގެން ތެދުވެ ބޮލުގައި އަތްހާކާ އިސްތަށިތައް އޮމާން ކޮށްލައިގެން ރީމާ ކޮޓަރީ ދޮރު ހުޅުވާލިއެވެ.


"ކޮބާ ސައި.........؟" ދޮރު ކުރިމަތީގައި ހުރި ޝާންގެ ސުވާލަށްވުރެ ބޮޑަށް ރީމާއަށް ސަމާލުކަން ދެވުނީ ޝާންގެ މޫނަށެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް އޭނައަށް ނުފެނެއެވެ. ރުޅިއެއްވެސް ޝަކުވާއެއްވެސް އަދި އެހެން އަސަރެއްވެސް އޭނައަށް ނުފެނެއެވެ. މިއީ ކޮން ކަހަލަ އިންސާނެއްބާއޭ ރީމާގެ ހިތަށް އެރިއެވެ.


"ސައި ހުންނާނީ ހަދާފައި...މޭޒުމަ..." ރީމާ ބުނަން އުޅުނެވެ.


"އަހަރެން ސައި ބޮއި ނިމެންދެން އެތާނގައި އިންނަން ބުނި ހަނދާނެއްވޭ. ނުބުނެވޭތަ އަނެއްކާ؟" ވިހަ ހިނިތުންވުމަކާއެކު މިހެން ބުނެފައި ޝާން ގޮސް އިށީނީ ސިޓިންރޫމްގައި ހުރި ސޯފާތަކުން ސޯފާއެއްގައެވެ.

ރީމާއަށް ލިބުނީ އަންތަރީސް ކަމެކެވެ. ވަރުގަދަ ފިރިހެނެއްތާއޭ ހިތަށް އެރިއެވެ.

ކޮންމެ ދުވަހަކުވެސް އާދައިގެ މަތިން ޓީވީ ހުޅުވާލި އަޑު ރީމާއަށް އިވުނެވެ. އެހެންނަމަވެސް ސައިތަށި ހަދާލާފައި ސަމުސާ ހިފައިގެން ގޮސް ދޮވެލާފައި އެނބުރުނުއިރު ޝާން އިނީ އެ ހޫނު ސައިތަށީގައި ތުންޖަހައިގެން ބޯށެވެ. ލޯހުއްޓިފައި ހުރީ ޓީވީއަށެވެ. އެތަނުގައި އެހެން މީހެއް ހުރިހެން ޝާންއަށް ހީވެސް ނުވެއެވެ.


ރީމާ، މަޑުމަޑުން ގޮސް އެ ކުޑަ މޭޒުގެ އަނެއްކޮޅުގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. ޝާން އަށް ކުރިމަތިލައިގެން އިނުމުގެ ބަދަލުގައި ރީމާ  އިށީނީ ގޮނޑި ފާރާއި ކައިރިކޮށްގެން އެއް އަރިއަކަށް ވާގޮތަށެވެ. އެ ރަޙުމް ކުޑަ އިންސާނާ އާއި ހަތަރުކަޅި ހަމަކުރުމަކީވެސް އޭނައަށް ކުޅަދާނަ ކަމެއް ނޫނެވެ.


އޭނަ ވިސްނާ ވިސްނާ އޭނައަކަށް ނޭނގުނެވެ. މިއީ ކޮން ކަހަލަ މީހެއް ހެއްޔެވެ. އޭނައާއި ކައިވެނި ކުރީވެސް ކީއްކުރަން ބާވައޭ އޭނަގެ ހިތަށް އަރައެވެ.


އެހެން ނައަހާ ވަރެއް ނޫނެވެ. އޭނަގެ މައިންބަފައިންނާއި ދެފަރާތުގެ އާއިލާގެ ކުރިމަތީގައި ޝާން އޭނައާއި ކައިވެނިކޮށް، ކައިވެނީގެ ސައި ދިނީވެސް ވަރަށް އުފަލާ ލޯތްބާއެކުގައެވެ. ހުރިހާކަމެއްވެސް ޝާން ހަމަޖައްސާ ރާވަމުން ދިޔައީ ބުއްދިއަށްވެސް ގަބޫލުކުރަން އުނދަގޫވާ ކަހަލަ ފަރުވާތެރި ކަމަކާއި ޝައުގަކާއެކުގައެވެ.


އެހެންނަމަވެސް އެއީ ކައިވެނީގެ ހުރިހާ ކަމެއް ނިމި ލޯންޗެއްގައި ހުޅުމާލެއަށް އައުމަށް އެދެމީހުން ފުރި ވަގުތާއި ހަމައަށެވެ. ލޯންޗާއި ހިސާބުންވެސް ޝާންއަށް ބަދަލެއް އައިސްފައިވާކަން އޭނައަށް ފާހަގަ ކުރެވުނެވެ. އެކަމާއިބެހޭ ގޮތުން އެތަކެއްފަހަރު ޝާން އާއި ސުވާލުވެސް ކުރެވުނެވެ. ކަމެއް ނުވާ ކަމަށް އެތަކެއް ޖަވާބު ލިބުމުން، ޚުދު އޭނައަށްވެސް އެ ޖަވާބު ގަބޫލުކުރެވުނީއެވެ. ލޯންޗް އައިސް ހުޅުމާލޭ ފަޅަށް ވަދެ، އޭގެ ފަހުން އެމީހުން ބަލާ އައުމަށް ބުނެފައިވާ ޓެކްސީ އައިސް، އެ ޓެކްސީގައި ގެއާއި ހަމައަށް ދެވެންދެން ހަނުހިމޭނުން ޝާން  ހުރުމުންވެސް އޭނައަށް ބެލެވުނީ އެއީ ޝާންގެ ގޮތް ކަމަށެވެ. އޭނައަށް އަދި ޝާން ދަސްވާން ވަގުތު ބޭނުންވާނެއޭ ހިތާ ހިތާ ނިންމުނެވެ.  

---------(ނުނިމޭ)-----------


28 comments:

  1. AnonymousMay 05, 2012

    Vaahaka ge starting varah ragalhu. mi Shaan mee konkahala meehaytha alhay.

    ReplyDelete
  2. AnonymousMay 05, 2012

    mivaahakaige feshumugaves ebahuri aadhayaa hilaafu konmes gotheh, heevanee varah reethivaanehen, dhen faharaku thankolheh dhigukohlahchey (Ffiender)

    ReplyDelete
  3. AnonymousMay 05, 2012

    interesting feshume. going to see what will happen next

    ReplyDelete
  4. interesting start... varah kiyaa hiyvey... aneh bayah inthizaaring.... good luck Sofa!

    ReplyDelete
  5. AnonymousMay 05, 2012

    hini aisi dhekakoo angaya levey hisaabun. any way interesting. raziya

    ReplyDelete
  6. very interesting feshun... heevany varah reehi vaane henn... thanks Sofa

    ReplyDelete
  7. AnonymousMay 06, 2012

    kon kon dhuvahegga baa mivaahaka genesdheynee ??

    ReplyDelete
  8. Sofa dhen nerey ba eh thankolhe dhigu kohlachey... mibai maa kury :)

    ReplyDelete
  9. AnonymousMay 08, 2012

    wow wow hama ney bunaane echeh ves.. varah reethi.. dhen oiy bai kiyaa hithun keh madhuvefa....

    ReplyDelete
  10. AnonymousMay 08, 2012

    intresting.. waiting for the next part..

    ReplyDelete
  11. vvv intresting. aneh bayah inthizaaru kuran . boda nafsuge hurihaa part thakeh mi blogun kiyaalan vvvv beynun.fennane kamah hykuran.

    ReplyDelete
  12. AnonymousMay 10, 2012

    v v v reethi feshumeh v shauguveri

    ReplyDelete
  13. AnonymousMay 12, 2012

    interesting...waiting 4 next part..

    ReplyDelete
  14. alhe mivaahakaige 2nd part up kohdhyba plessssssssssssssssss sofaaaaaaa. varah kiyaa hithun mihaaru keh madhuvefa

    ReplyDelete
  15. AnonymousMay 17, 2012

    dhen varah foohive migothah hadhanya, mi story ge aneh part nuhahdhavany tha? nuny mi story mihisaabun nimuny tha

    ReplyDelete
  16. feshun v interesting..v reethi vaanehen heevey..

    ReplyDelete
  17. Thanks to Umey, friender, waly, marsha, raziya, Ash, Maha, cma and all Anonymous readers who have commented...thank u for your support. Inshaa Allah will not dissapoint you

    ReplyDelete
  18. AnonymousMay 22, 2012

    One episode per month dho :O

    ReplyDelete
  19. AnonymousMay 24, 2012

    sofaa alhe haaadha kiyaa hithunney nithibeee.

    ReplyDelete
  20. AnonymousMay 27, 2012

    alhey kobaaa tha aneh part :(
    =ieysha=

    ReplyDelete
  21. AnonymousMay 31, 2012

    sofa haadha laheyyy thi haa varah inthixaaru nukuruva bala pls avas kohdhybala

    ReplyDelete
  22. AnonymousJune 02, 2012

    konirakun tha aneh part.....waiting.......plz publish soooooooooooooooon

    ReplyDelete
  23. AnonymousJune 04, 2012

    alheyyyyyyyyyyy adhivessss up nuvey haadha laheyyy sofaa alheyy kihinehtha v maa lass vegen miulhenyy???????????????

    ReplyDelete
  24. AnonymousJuly 25, 2012

    nice starting..keep it up..keep updating!!!

    ReplyDelete
  25. This story is really great i love it . Starting ves v nice. Shaan ah anehka kihineh tha veee......

    ReplyDelete
  26. nice story:) luv it..........

    ReplyDelete
  27. nice starting

    ReplyDelete