🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 37 ވަނަ ބައިކަންތައް ވެގެން ދިޔައީވެސް ޝީލާގެ އެ މޮޅު ޚިޔާލާއި އެއްގޮތަށެވެ.

އޭގެ އަނެއް ދުވަހު އޭނަގެ ޚިޔާލު އިނާއަށް ހުށަހެޅުމުން އެ ޚިޔާލަށް އިނާއަށް ތާއީދު ކުރެވުނީ ވަރަށް ބޮޑަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަގުތުން ދިލްމާ އެގެއަށް ގެނެސްގެން އިނާ އެކަމާ ބެހޭ ގޮތުން ދިލްމާ އާއި ވާހަކަ ދެއްކިއެވެ. ދެ ރަހްމަތްތެރިން އެކަނިތިބެ ގޮތެއް ނިންމައިގެން އައިސް ޝީލާއަށް ދިން ޚަބަރަކީ އުފާވެރި ޚަބަރެކެވެ. ދިލްމާވެސް އެގޮތާއި ގަބޫލުވީއެވެ. އިނާއަށްޓަކައެވެ. އިނާގެ
ހިތްހަމަޖެހުމަށްޓަކައެވެ.
މިކަމަކާ ޝީލާ ހައިރާނެއް ނުވެއެވެ. އިނާގެ ހިތްހަމަޖެހުމަކީ ދިލްމާގެވެސް ހިތްހަމަޖެހުންކަން، އަދި އެކަން ނިމޭނީ އިނާ އެދެފިއްޔާ އިނާ އެދުނު ގޮތަކަށްކަން ޝީލާއަށް ކުރިންވެސް އެނގޭ ކަހަލައެވެ.

ކޮންމެއަކަސް...........ދިލްމާ އާއި ހުސެންގެ ކައިވެނި ކުރެވިއްޖެއެވެ. މާރޗް މަހުގެ ތޭވީސް ވަނަ ދުވަހުއެވެ. ދިލްމާގެ ގޭގައެވެ. ހުސެންގެ އާއިލާގެ ފަރާތުން ހުސެންގެ މަންމަ އާއި ބައްޕަ އަދި ދޮންތަ ރަށަށް އައީ އެ ކައިވެނީގެ ހަމަ އެންމެ ދުވަހެއް ކުރިންނެވެ. މާލޭގައި ވަޒަންވެރިވެގެން އާއިލާއާއެކު އުޅޭ ބައެއްކަމުން، ކުދިންގެ ސްކޫލް ދުވަސްވަރާ ދިމާވާތީ ދުރާލާ ނާދެވުނެއްކަމަކު، އެކަމާ އެއްވެސް މީހެއްގެ ހިތެއް ބުރައެއް ނުވެއެވެ.
ދިލްމާ އާއި ހުސެން، ހިކްމާ އާއި އެކުދިންގެ މަންމަ، އިނާ އާއި ޝީލާ އަދި ހަމްދު އާއި ޚާލިދު އަދި ހުސެންގެ އާއިލާގެ ފަރާތުން އައިހާ ބައަކާއެކު ، އެންމެންގެވެސް މަގްޞަދަކީ ހުސެން އާއި ދިލްމާގެ ކައިވެނި ކުރެވުނު މި ދުވަހަކީ އުފާވެރި ދުވަހަކަށް ހަދައިދިނުމެވެ. އެމީހަކަށް ކޮށްދެވުނު ކަމެއް އެމީހަކު ކުރީ އެ މަގްޞަދުގައެވެ.

ދިލްމާ ބޭނުންވީ ކައިވެނީގެ ކަންތައް ވީހާވެސް ކުޑަގޮތަކަށް ގެންދަންކަމާއި، ދިލްމާގެ ފަރާތުން ކުރާ ހުރިހާ ކަމެއްވެސް ކޮށްދެނީ ޚާލިދު އާއި ޝީލާގެ ދެމަފިރިންކަން، ހުސެން އޮތީ އެ އާއިލާގެ މީހުންނަށް މާ ދުރާލާ އަންގާފައި ކަމުން، އެއްދުވަސް ކުރިން އައުމަކީ ކުރީއްސުރެ ހަމަޖެހި ނިމިފައިވާ ގޮތެކެވެ.

އެންމެންވެސް ތިބީ އުފާ އުފަލުންނެވެ. ދިލްމާގެ ގެއަކީ ޒަމާނީ ފެންވަރަށް ނަހަދާ ހުރި ގެއެއްކަމަކު، އެ ދުވަހަށް ދިލްމާގެ މަންމަ އޮތީ ގޯތިތެރެއަށް އާ ކަށިވެލި ލާފައެވެ. ގަސްތަކުން ކޮށަން ޖެހި ދިގުވެފައިވާ ގޮފިތަކާއި މަރުވެފައިވާ ފަތްތައް ސާފުކޮށް ބަގީޗާތެރެ ރީތިކޮށްފައެވެ.

ޝީލާ އާއި ޚާލިދުގެ ދެމެފަރިންގެ އެހީތެރިކަމުގެ ދަށުން ދިލްމާ އާއި ހުސެންގެ ކައިވެނި ކުރެވޭ ގަޑިއަށް ، ހަވީރަށް، އެރަސްމިއްޔާތަށް ޚާއްޞަކޮށްގެން ހަމީހުންގެ މޭޒަކާއި ގޮނޑިތައް އެގެއަށް ގަނެފައި ވެއެވެ. ސަޔާއި އެހެނިހެންވެސް ކަންތަކަށް ބޭނުންކުރަން އާ ތަށި ސެޓްތައް ގަނެފައި ވެއެވެ. މެހްމާނުން އައިސް އިށީނދެ ތިބުމަށްޓަކައި، ގޯތިތެރޭގައި ބަހައްޓާކަހަލަ ސަރަންފީ ތަކާއި އެލްމެނިޔަމް ގޮނޑިތަކާއި މޭޒުތައް ގަނެފައި ވެއެވެ. ފެންޑާގައި ބަހައްޓާ ރީތި ގޮނޑިތައް ގަނެފައި ވެއެވެ.

ހަވީރު ހަތަރެއް ޖެހިއިރު ކުރެވުނު ކައިވެނި ނިމި، އެހިސާބުން ފެށުނު ސައި ރޭގެ ދިހައެއް ޖަހަންދެން ދިގުދެމިގެން ދިޔައެއް ކަމަކު އެއްވެސް ކަމަކުން އުނިކަމެއް އިހްސާސް ކުރާކަށް އެކަކަށްވެސް ނުޖެހެއެވެ. ހުސްނުވާ ވަރަށް ކާއެއްޗިއްސާއި ބުއިންތައް އޯޑަރު ކޮށްފައިވާ ތަންތަނުން ގެނެސްދީފައި ވެއެވެ.
ލަވަޖަހާ އަޑުގަދަކޮށް ނެހެދިއެއް ކަމަކު، ގޯތިތެރެ ޒީނަތްތެރި ކޮށްފައިވާ ރީތި ބޮކިތަކުގެ އަލީގައި، ގޮނޑިތަކުގައި އިށީނދެލައިގެން ތިބި، ދިލްމާ އާއި ހުސެންގެ އާއިލާ އާއި ގާތް ތިމާގެ މީހުންނާއި ރައްޓެހިން އެންމެންގެ ފަރާތުންވެސް ފެންނަމުން ދިޔައީ އުފާވެރި ކަމާއި އެ ދެމަފިރިންނަށް ހެޔޮ ރަހްމަތް ލެއްވުން އެދޭކަން އަންގައިދޭ ބެލުންތަކެވެ.

ކޮންމެ މީހަކުވެސް އެނބުރި ދިޔައީ ދިލްމާ އާއި ހުސެންއަށް ހެޔޮ އެދެމުން އުފާވެރި ސަލާމަކަށްފަހުގައެވެ. އަދި ހަމަ ކޮންމެ މީހެއްގެ އަނގައިންވެސް ދިލްމާގެ ހެދުމުގެ ރީތި ކަމުގެ ވާހަކަ އާއި ދިލްމާގެ ގާތް ރަހްމަތްތެރިޔާ އިނާ ދިލްމާ ބޯ ހަދައިދީފައިވާ ސާދާ ގޮތުގެ ރީތި ކަމުގެ ވާހަކަ ދެއްކިއެވެ. ނުދައްކާން ހުރި މީހަކަށްވެސް އެރޭ އެ ދެވާހަކަ ނުދައްކައެއް ނުދައްކައެއް ނުދެވޭނެކަން ޔަގީނެވެ.

ރޭގެ ހަފްލާއަށްފަހު މެހްމާނުން ގޮސް ނިމިއްޖެއެވެ. ނަމަވެސް އިނާ އާއި އިނާގެ އާއިލާ ގެ އިތުރުން ހުސެން ގެ މަންމަ އާއި ބައްޕަ އަދި ދޮންތަ ދިލްމާގެ މަންމަ އާއި ކޮއްކޮއާއެކު ދިލްމާމެންގޭގައި މަޑުކޮށްލައިގެން ތިބީ ހުސެން އާއި ދިލްމާ، ދެމަފިރިންގެ ހައިސިއްޔަތުން، އެގެއިން ބޭރަށް އަޅާ ފުރަތަމަ ފިޔަވަޅާއެކު، ހުސެންމެންގެއަށް ކުރާ ދަތުރަށް އެރުމުން ގެއަށް ދިއުމަށެވެ.
އެންމެންވެސް އިންތިޒާރު ކުރަމުން އައީ ހުސެންގެ ދެބެއިންގެ ދެދަރި ކޮއްކޮއެއް ކަމަށްވާ ވިޝާމް، އެގޭ ކާރުގައި އެމީހުން ބަލާ އަންނާނެ އިރަކަށެވެ.

މިހާރުއްސުރެން ދިލްމާގެ މަންމަގެ ލޯ ފެންކަޅިވާން ފެށިއެއްކަމަކު، ޝީލާ ދިޔައީ ދިލްމާގެ މަންމައަށް ހިތްވަރު ދެމުންނެވެ. ދިލްމާ އެގެއިން ދާއިރު މި ދެވެނީ މަންމައަށް ހިތްދަތިކަން ދީފައޭ ހިތަށް އަރައިފިއްޔާ ދިލްމާ ވަރަށް ދެރަވާނެކަމަށް ބުނަމުންނެވެ. އެއީ ހިތްދަތިކަމުގެ ކަރުނަ ނޫން ކަމާއި ދަރިފުޅަށްޓަކައި ވާ އުފާކަމަށް ދިލްމާގެ މަންމަ ދިޔައީ ޖަވާބުގައި ބުނަމުންނެވެ. ހިނިތުންވެގެން ހުރެ ވާހަކަ ދައްކާއިރުވެސް ދެލޮލުން އޮހޭ ކަރުނަތަކާއެކު ދަރިފުޅަށް ބަލަމުންނެވެ.

ޝީލާއަށް އެވާހަކަ ގަބޫލުކުރަން ވަރަށް ފަސޭހައެވެ. ޚުދު އޭނައަކީ ދަރިންލިބުމުން މަހްރޫމްވެ އެތަކެއް އަހަރު ހިތާމަ ކޮށްފައިވަނިކޮށް، ނުއުފަން އަންހެން ދަރިއަކު ލިބުމުން، ބުނެދޭން ނޭނގޭފަދަ ލޯތްބެއް އެ ދަރިފުޅުދެކެ މިއަދާއި ހަމައަށްވެސް ވަމުން އަންނަ މަޔެކެވެ. އިނާއަށްޓަކައި އޭނަގެ ހިތުގައި އެފަދަ ލޯތްބެއް އުފެދުނީ ކިހިނެއްކަމެއް ބުނެދޭކަށް އަދިވެސް އޭނައަކަށް ނޭނގެއެވެ. އޭގެ އެތަކެއް އަހަރުފަހުން އޭނައަށް ލިބުނު ، އޭނަގެ އުފަން ދަރިފުޅު ހަމްދު އަކީ ، އޭނައަށް އިނާ ދެކެ ވެވުނު ލޯބީގެ ނަތީޖާއެއްގެ ގޮތުން މާތްﷲ އޭނައަށް ދެއްވި ދަރިއެއްކަމަށް އަބަދުވެސް ޝީލާ ގަބޫލު ކުރެއެވެ. މައިންބަފައިން ނެތް ކުއްޖަކު ދެކެ އަމިއްލަ އެދުމަކާ ނުލާ ވެވުނު ޠާހިރު ލޯތްބެއްގެ ސަބަބުން އޭނަގެ ހަޔާތަށް އުފާވެރިކަން ގެނެސްދިންގޮތަކީ އެހަނދާންވާ ކޮންމެ ފަހަރަކު ޚުދު އޭނަގެ ލޯވެސް ފެންކަޅިކޮށްލާ ކަމަކަށް ވެފައިވާއިރު، ދިލްމާގެ މަންމަގެ ލޮލުން ނިރާލާފައިވާ ކަރުނައަކީ ކޮން ކަރުނައެއްކަން ބުނެނުދިންނަމަވެސް ޝީލާއަށް އެނގެއެވެ.

މައިވަންތަ ކަމުގެ ލޯތްބަކީ މި ދުނިޔޭގައި މާތްﷲ ލެއްވެވި އެންމެ ޠާހިރު، އެންމެ މާތް ލޯތްބެވެ. ސަބަބެއް ނެތް ޝަރުޠެއް ނެތް ލޯތްބެއް މި ނޫނީ ދުނިޔޭގައި ވޭބާވައެވެ؟
** ** ** ** ** ** ** ** ** **
އިނާ ގޮވައިގެން އިންޑިޔާއަށް ގޮސްފައި ޝީލާ އާއި ޚާލިދު މާލެ ފޭބީ 29 ވަނަ ދުވަހުއެވެ. އިނާގެ ކަރަށް ލިބުނު ގެއްލުމުގައި މިހާރު އެއްވެސް މައްސަލައެއް ނެތްކަމަށް އެތައް ޑޮކްޓަރުން ދިން ސިޓީތަކާއެކު ހިތްހަމަޖެހިތިބެ މާލެ އާދެވުމުން އެ އާއިލާއަށް ވަރަށް ބޮޑު ލުއެއް ލިބިފައި ވެއެވެ. ދުވަސްކޮޅެއްކޮށްލާފައި ވިޔަސް އިނާ ފެނުމުން ސޯފިޔާ އާއި ސޯނިޔާ އުފާ ކުރިއެވެ. އެންމެ ދުވަހަކަށްވިޔަސް އެމީހުނާނާއެކު އެ ގޭގައި މަޑުކޮށްލާނެތީއެވެ.

މާދަމާ ރޭ ރަށަށް ފުރަން ޖެހޭ ދުވަސްކަމަށްވާތީ، އެރޭ ޝީލާ އާއި ޚާލިދުވެސް ނުކުމެލީ ކުޑަކޮށް ބާޒާރު ކޮށްލުމަށެވެ.
"
ހަލޯވ................" ޚާލިދުގެ ފޯން ރިންގުވާން ފެށުމުން ޕޭމަންޓް މަތީގައި މަޑުކޮށްލާފައި ޚާލިދު އޭނަގެ ފޯނަށް ޖަވާބު ދިނެވެ.

"
އަނހަނ......ނަވީން ދޯ..........ފޯން ބަލާނުލާ ނެގުނީމަ ނޭނގުނީއޭ......ކޮން ހިސާބެއްގަ ތިއުޅެނީ......" ޚާލިދުގެ އަޑަށް އުފާވެރިކަން އައެވެ.
"
އެހެންތަ.......ތިދިމާވީ މާ ރަނގަޅަކަށްނު.....އަހަރެމެންވެސް މިތިބީ މިހާރު މާލޭގަ. އެކަމަކު މާދަން ރޭ ދަންވަރު ފްލައިޓުން ފުރާގޮތަށް އޮތީ ހަމަޖެހިނިމިފަ. " އިންޑިޔާގައި ހުރިއިރުވެސް ޚާލިދުގެ ޕޯސްޓްޕެއިޑަށް ނަވީން ގުޅާފައިވާތީ، މާލޭގައިކަމެއް ނޫނީ އިންޑިޔާގައި ކަމެއް ނަވީންއަށް ނޭނގިދާނެތީ ޚާލިދު ބުނެދިނެވެ.

"
ނަވީން އެކޮޅަށް ދަނީ ކޮން އިރަކުން.؟" ޚާލިދު އެހިއެވެ.
"
އެހެންތަ........އާނ.......ވަރަށް އުފާވެއްޖެ ތި ދަޢުވަތަށް......ޝުކުރިއްޔާ.....މައްސަލައެއް ނެތް. ދާނަން." ޔަގީންކަމާއެކު މިހެން ބުނެލާފައި ދެތިން ވާހަކައަކަށްފަހު ޚާލިދު ފޯން ބާއްވައިފިއެވެ.

"
ކޮންކަހަލަ ދަޢުވަތެއް ލިބުނީ އަނެއްކާ....." ޚާލިދު ފޯން ބޭއްވުމުން ޝީލާ އަހާލިއެވެ.
"
އެގެއަށް........މާދަން ހަވީރުގެ ސަޔަށް.....އެންމެ ރަނގަޅުވާނެތަ؟" ޝީލާގެ ޚިޔާލަށް އެދި ޚާލިދު އެހިއެވެ.
"
ތިއީ ވަރަށް ރަނގަޅު ކަމެއް. ނަވީންގެ އާއިލާއާއިވެސް ބައްދަލުވާނެއެއްނު. " ޝީލާ އުފާކުރިއެވެ.

"
ނަވީންގެ އާއިލާ އެކަންޏެއް ނޫނޭ.........މާދަން ޒިޔާދުމެންގެއަށްވެސް ގޮސްލަން އެބަޖެހޭ.......އިންޑިޔާއިން އައިސް އެކަމާ އުޅެންވެގެން އޭރުވެސް ދިޔައީ......" ޒިޔާދުގެ ބޮޑު ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވާފައި ޚާލިދު ބުންޏެވެ.
"
އާނ.........އިނާވެސް ގޮވައިގެނެއްނު ދާންވާނީ......." ޚާލިދު އާއި އެކުއެކީގައި ފަރީދީމަގުން ހިނގަމުން ޝީލާވެސް ހުށަހެޅިއެވެ.

"
ނޫނޭ......މާދަންރޭ އިނާއާއި ޝީލާ ދާނީ. ފުރަތަމަ މާދަން އަހަރެން ގޮސްލަން ޖެހޭނެ. މި ކައިވެނި ލަސްކުރުމުން އެ އާއިލާ މީހުންގެ ޚިޔާލު ހުރިނެތްގޮތްވެސް ބަލާލަން އެބަޖެހޭ. އެވާހަކަތައް ދައްކަން އިނާގެންދިއުން އެހާ ރަނގަޅުހެނެއް ހިއެއް ނުވޭ. އަދިވެސް ނުވޭ ދޯ ޒިޔާދުގެ ޚަބަރެއް." ޚާލިދު އެހިއެވެ.

"
ހިއެއް ނުވޭ ވީހެނެއް. އެވާނީ އަދިވެސް ނާންނަނީކަމަށް." ޝީލާއަށް އަދިވެސް ޒިޔާދު އާއި ދޭތެރޭ ޝައްކެއް ނުކުރެވެއެވެ.
"
އާނ............ވެދާނެ." ޚާލިދު އެ ވާހަކަ ކުރުކޮށްލިއެވެ. ޒިޔާދުގެ ވާހަކަ ދެއްކޭ ކޮންމެ ފަހަރަކު ކަންތައް ކުރާގޮތަކީ އެއީއެވެ.
** ** ** ** ** ** ** ** **
އެރޭ ޚާލިދު އާއި ޝީލާގެ ބާޒާރު ދިހައެއް ޖެހިއިރު ނިމިއްޖެއެވެ. އެހެންކަމުން ލަހެއްފަހެއް ނެތި ދެމަފިރިންވެސް ގެއަށް ވަދެއްޖެއެވެ.

"
އެބަ އަންނަން ބޭރަށް ނުކުމެލާފަ. އެއްކަލަ އަފީފް ގުޅާފަ ބައްދަލުވެލަން ބުނެގެން......." ކޮޓަރިއަށް ވަންތާ މާ ލަސްތަކެއް ނުވެ އަނެއްކާވެސް ނުކުމެގެން އައިސް ސިޓިންގރޫމްގައި އިން ޝީލާ ކައިރީ މިހެން ބުނެލާފައި ޚާލިދު އަނެއްކާވެސް ނުކުތީ ބޭރަށެވެ. ޑރ. އަފީފް އާއި ބައްދަލުކޮށްލުމަށެވެ. އެއް ދާއިރާގެ މީހުންނަކީ ދައްކާނެ ވާހަކަ ހުސްވާނެ ބައެއް ނޫންކަން އިނާއަށްވެސް އަދި ޝީލާއަށްވެސް އެނގެއެވެ. އަދި އެގޮތަށް ޑޮކްޓަރަކާއި ބައްދަލުކުރަން ޚާލިދު ގޮއްސިއްޔާ އަވަހަކަށް ނާންނާނެކަންވެސް އެ ދެމައިންނަށްވެސް އެނގެއެވެ.

ވީ ހަމަ ހީކުރި ގޮތަށެވެ.
ޚާލިދު އެރޭ ގެއަށް އައި އިރު، ރޭގަނޑުން ބާރަވެސް ޖަހާ ބޮޑުވެއްޖެއެވެ.

"
އެއްޗެއް ކާލާނަންތަ؟" ގެއަށް ވަންގޮތަށް ކޮޓަރިއާއި ދިމާލަށް ދިޔަ ޚާލިދުގެ ފަހަތުން އައިސް ކޮޓަރިއަށް ވަންނަމުން ޝީލާ އެހިއެވެ.
"
އުނހުނ..............." އަތުކުރީގައި އޮތް ގަޑި ނަގަމުން ޚާލިދު ޖަވާބު ދިނެވެ. ޝީލާއާއި ދިމާލަށް ބަލާވެސް ނުލައެވެ.

ޝީލާވެސް އިތުރު ވާހަކައެއް ނުދައްކާ ގޮސް ފާހާނާއަށް ވަދެއްޖެއެވެ. ނަމަވެސް ނިކުތްއިރު ކޮޓަރީގައި ހުރި އެއްތެޔޮ ފުރި ބޮޑު ގޮނޑީގައި ޚާލިދު އިންގޮތުން ޝީލާ ކަންބޮޑުވިއެވެ.

"
ކަމެއް ގޯސްވީތަ............؟" ޚާލިދު ކައިރިއަށް އައިސް ޝީލާ ހުއްޓިއްޖެއެވެ.
އެއްފައިމައްޗަށް އަނެއްފައި ލައިގެން، ޝަހާދަތް އިނގިއްޔާއި ބޮނޑު އިނގިލީގެ ދެމެދުގައި ދަތްދޮޅި ހިފަހައްޓާލައިގެން އިން ޚާލިދު އެއްޗެއް ނުބުނެއެވެ.
"
ޚާލިދު..............." ޝީލާ މަޑުމަޑުން ގޮވާލިއެވެ. ކަންބޮޑުވެފައެވެ.

"
ޒިޔާދު އާއި އިނާގެ ކައިވެނި ޖެހޭނީ ގަދަކަމުންވެސް ރޫޅާލަން." ދަތްދޮޅިން އަތް ނައްޓަމުން ޚާލިދު ބުނެލީ މިހެންނެވެ.
"
ހޫމް..........؟؟؟" ޚާލިދު އެބުނި އެއްޗެއް ޝީލާއަށް ސާފު ނުވި ކަހަލައެވެ. ދެބުމަށް ގޮށްޖެހުނީ އެހެންވީމައެވެ.

"
މިބުނީ..........ޒިޔާދު އަކީ އިނާގެ ކައިވެންޏާ ކުފޫ ހަމަ މީހެއްނޫނޭ.........އެ ކައިވެނި ޖެހޭނީ ހުއްޓުވަން. ހެޔޮ ކިތަންމެ ބޮޑު ބަދުނާމެއް ވިޔަސް. އެ ކައިވެންޏަކާ ގަބޫލެއް ނުވެވޭނެ އަހަންނަކަށް." އިރުތަކެއް ވަންދެން ޚާލިދުގެ އެތެރޭގައި ކެކެމުން އައި ފެންގަނޑުން ބޮކި ޖެހި ކަހަލައެވެ. އެކަމަކު އެއީ ދުވަސްތަކެއްވަންދެން ދަރުޖައްސަމުން އައި އަލިފާންގަނޑެއްކަން ނޭނގެނީ ޝީލާއަށެވެ.

"
ކޮންކަހަލަ ވާހަކައެއްތަ ޚާލިދު ތި ދައްކަނީ......؟" ޝީލާ އިށީނީ ޚާލިދު ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައެވެ.
"
މި ދައްކަނީ ރަނގަޅުވާހަކައެއް. މި ވާހަކަ ދައްކަންވެސް ލަސްވެއްޖެ. އެކަމަކު އެދުވަހު އަހަރެން ހީކުރީ އެއީ ހީއެއްކަމަށް. މިރޭ ދެންމެ މި އައިތަނުން ޒިޔާދުގެ ހަގީގަތް އެނގުނީ............ޒިޔާދު ލަންކާއަށް ދިޔައީކީ އޮފީސް ކަމަކު ނުވަތަ ވިޔަފާރީގެ ކަމަކުވެސް ނޫން. ޒިޔާދު ދިޔައީ އޭނަ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާގެ އެބޯޓް ކުރުވަން." ޚާލިދު އަކީ ރުޅިއައިސްގެން ހަޅޭއްލަވާ ތަންތަން ތަޅާ މުގުރާ މީހެއް ނޫނެއްކަމަކު، އައިސްހުރި ރުޅިން އަޑުވެސް ތުރުތުރު އަޅައެވެ. އެހެންނަމަވެސް ރޭގަނޑުގެ ދަންވަރުގެ ވަގުތުކަމުން މަޑމަޑުން ވާހަކަ ދެއްކޭތޯ ޚާލިދު މަސައްކަތް ކުރިއެވެ.

ޝީލާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
"
ނުވާނެ އެހެންނެއް..........ތިވާނީ މީހަކު ގަސްތުގައި ދައްކައިގެން އުޅޭ ވިޔާނުދާ ވާހަކައަކަށް." ޝީލާ އަށް ގަބޫލުކުރަން ހަމައެކަނި ދަތިވީކީ ނޫނެވެ. ގަބޫލު ނުވެސް ކުރީއެވެ.

"
ޝީލާ ތިހެން ތިބުނަނީ އަހަންނަށް އެނގޭ ކަންތައް ޝީލާއަށް ނޭނގޭތީ.....ހަގީގަތުގައި ޒިޔާދު އެންމެ ފަހުން ރަށަށް ގޮސްފައި އައިފަހުން އިނާއަށް ނުގުޅާތީ އަހަރެން ނުވޭ ހައިރާނެއްވެސް........." ޚާލިދުގެ އަޑަށް މަޑުމައިތިރިކަން އައެވެ.
"
އެއީ ކީއްވެ.............؟" ޝީލާ ސުވާލު ކުރިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސުވާލު ތަކުރާރުވާނެކަންވެސް ޚާލިދަށް އެނގެއެވެ.
"
އޭނަ ކައިރީ އިނާއަށް ނުގުޅާށޭ ބުނީވެސް އަހަރެން..........." ޒިޔާދު އާއި ބެހޭ ގޮތުން އެނގޭ ހުރިހާ ވާހަކައެއް ޝީލާއަށް ކިޔައިދިނުމަށް ޚާލިދު ގަސްތު ކުރިއެވެ.

ޚާލިދު އެބުނި އެއްޗަކުން ދެން ބުނާނެ އެއްޗެއް ޝީލާގެ ދުލަށްވެސް ނައެވެ. ނުވެސް އެނގުނެވެ. ހައިރާންވެފައި ބަލަހައްޓައިގެން އިނދެވުނީއެވެ.
"
އެހެން ބުނަން ޖެހުނީވެސް އޭނަ ކުރި ކަމަކުން........." ޚާލިދު ކިޔައިދޭން ފެށިއެވެ. އެރޭ އޭނައަށް އަޑުއިވުނު ފޯންކޯލްގެ ވާހަކައިން ފެށިގެން ދެން ދެކެވުނު ވާހަކަ އާއި މިރޭ ޑރ. އަފީފް އާއި ބައްދަލުކުރަން ގޮއްސަ އައި މަގުމަތީގައި ދިމާވި ރަހްމަތްތެރިއަކު ކިޔާދިން ވާހަކަ ތަކުގެ ވާހަކައެވެ.

"
އޭނަ އެއީ ޒިޔާދުމެން ތިބި ހޮޓަލުގަ ހުރި މީހެއް. ޒިޔާދުއަށް އޭނަ ނޭނގުނަސް އޭނައަށް ޒިޔާދުވެސް އިނާވެސް އެންމެންވެސް އެނގޭނެ.......އޭނަ ބުނި އިއްޔެ ނޫން އިހަށްދުވަހު ޒިޔާދު އައިސް އުޅޭ ވާހަކަވެސް......." ހުރިހާ ވާހަކައެއް ކިޔައިދީފައި ޚާލިދު ފުން ނޭވައެއް ލިއެވެ.
"
ކާކު ތިވަރު ވާހަކައެއް ދެއްކީ..........؟" ޚާލިދުއަށް އަޑުއިވުނު ފޯންކޯލާއި ބެހޭ ގޮތުން ސުވާލު ނުކުރީ އެއީ ޚާލިދުގެ ކަންފަތުން އިވުނު ވާހަކައަކަށް ވެފައި ޚާލިދު އާއި ޚާލިދު ދައްކާ ވާހަކައަކާއި ދޭތެރޭ ސުވާލުވެސް އޭނަގެ ހިތުގައި ނުއުފެދޭތީއެވެ. ނަމަވެސް އެއީ ލަންކާއިން އައި މީހަކު ބުނި ވާހަކައެކޭ ބުނި ހިސާބުން ޝީލާގެ ހިތުގައި އެ ވާހަކަ ބުނި މީހަކާއި ދޭތެރޭ ސުވާލު އުފެދުނެވެ.

"
އެއީ ސްޓެލްކޯ ސަލީމް........." އެހެން ބުނުމުން ދެން އެމީހަކާއި ބެހޭ ގޮތުން އިތުރު ތަފްޞީލެއް ޝީލާއަށް ބޭނުން ނުވާނެކަން އެނގޭތީ އެހިސާބަށް ޚާލިދު ހުއްޓާލިއެވެ.
ސްޓެލްކޯ ސަލީމް އަކީ ދުވަހަކުވެސް ސްޓެލްކޯގައި އުޅުނު މީހެއް ނޫނެއްކަމަކު، ކޮންމެވެސް ސަބަބަކާހެދި އެނަމުގައި މަޝްހޫރު މީހަކަށް ވާތީ މާލޭގައި އޭނަ ނުދަންނަ ބަޔަކު ވަރަށް މަދުވާނެއެވެ. އެހެންނަމަވެސް، ޚާލިދު އާއި ޝީލާގެ އާއިލާއަށް ސްޓެލްކޯ ސަލީމް މަޝްހޫރުވެފައި ވަނީ އެ ނަން އޭނައަށް ކިޔާތީއެއް ނޫނެވެ. އެއީ ޝީލާގެ ބައްޕައާއި އެއްބަނޑު އެއްބަފާ ދެބެއިންގެ ތެރެއިން ބޮޑުބޭބެއަށް ވީމައެވެ.

އެހިސާބުން ޝީލާގެ މޫނުމަތިން ރޫތައް ފިލާދިޔައެވެ. މޮޅިވެރި ގޮތް މޫނުމަތިން ފެނުނެވެ. ޝީލާއަށް އެ ވާހަކަ ގަބޫލު ކުރެވުނީއެވެ. ބޮޑު ބޭބެ އަކީ އެ އާއިލާގެ ހުރިހާ ކުދިން ދެކެވެސް ލޯބިވާ އޯގާތެރި ބޮޑު ބޭބެއެކެވެ. އެވަރު ވާހަކައެއް ބޮޑުބޭބެ ދައްކައިފިއްޔާ އެ ވާނީ ރަނގަޅު ވާހަކައަކަށް ކަން މީހަކު ނުބުންޏަސް ޝީލާ ގަބޫލު ކުރާނެއެވެ.

"
ދެން ކިހިނެއް ހަދާނީ.........؟؟" އެފަދަ ވަގުތެއްގައި މި ނޫން ސުވާލެއް ކުރެވޭނެހެއްޔެވެ؟

"
ކުރިންވެސް އަހަރެން އޮންނާނީ އިނާއާއި ވާހަކަ ދެއްކުން ހުއްޓާލަން އޭނަ ކައިރީ ބުނެފައި........މިހާރު ދެން ބުނަން ބޭނުންވަނީ އޭނަ ކައިރީ އެކަންޏެއް ނޫން. އެ އާއިލާ މީހުންކައިރީވެސް ބުނަން ބޭނުންވަނީ އިނާ އާއި އޭނައާއި އެއްވެސް ގުޅުމެއް ބޭއްވުން ގަބޫލު ނޫން ވާހަކަ." އެކަމާއި ދޭތެރޭގައި ޚާލިދުގެ ސިކުނޑި ވަނީ ގޮތް ނިންމާފައެވެ.

ޝީލާ ބުނާނެ އެއްޗެއް ނެތުމުން އަނގައިން ނުބުނެ އިނީއެވެ.
އޭނަގެ ދަރިފުޅު އެފަދަ ފިރިހެނަކާ ކައިވެނި ކުރާކަށް އޭނައަކަށް ދުވަހަކުވެސް ނުރުހެވޭނެއެވެ. އެކަމަކު މިކަމުގެ ސަބަބުން އިނާ ވާނެ ދެރަ ހިތަށް އެރުމުން ޝީލާގެ ކަރު އެލިއްޖެއެވެ.
ޚާލިދު އާއި ދިމާލަށް ބަލާލެވުނީ ކަރުނައިގެ ލޮލަކުންނެވެ. ދެން ހަދާނީ ކިހިނެއްބާއޭ އަހާކަހަލަ ބެލުމަކުންނެވެ.
** ** ** ** ** ** ** ** **
"
މަންމައަށް ސަލާމް ބުނި ޒިޔާދު..........." ހެނދުނު ހޭލައިގެން ގޮސް އިނާ ކޮބައިތޯ ބަލާލަން އިނާގެ ކޮޓަރިއަށް ވަދެ އިނާއަށް ގޮވާލުމުން އެންމެ ފުރަތަމަ ޝީލާގެ ކަންފަތަށް އަޑު އިވުނު ޖުމްލަ އަކީ މިއީއެވެ.
ޝީލާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރޭއްސުރެން ފިކުރުބޮޑުވަމުން އައީ އިނާއަށް ޒިޔާދުގެ ހަގީގަތް އެނގުމުން ވާނެ ގޮތަކާ ދޭތެރޭގައެވެ. އެކަމަކު މިހާރު އޭނައަށް އަޑުމިއިވުނީ އުފާވެރިކަން އެކުލެވިފައިވާ އަޑަކުން ޒިޔާދުގެ ވާހަކަ އިނާ ދެއްކި އަޑެވެ.

"
ކޮންއިރަކު އިނާ އާއި ދިމާވީ......." ޝީލާއަށް އެނގެން ބޭނުން ވިއެވެ.
"
ރޭގަ ގުޅި............ރޭގައޭ ޒިޔާދު އައީވެސް. ބުނި މިއަދު މިގެއަށް އަންނާނަމޭ........ މަންމަ ބުނިހެން ލަންކާގަ ހުރިއިރު ވަރަށް ބިޒީކޮށްނޭ ބުނީ އުޅުނީ......." އެނދުން ތެދުވެ ދެފައި އެލުވާލަމުން އިނާ ކިޔައިދިނެވެ.

ޝީލާއަށް ހަމަ އިނދެވުނީއެވެ. ރޭގަ ޚާލިދު ދެއްކި ވާހަކައާއި މިއަދު ޒިޔާދުގެއަށް ގޮސް ޒިޔާދު އާއި އިނާގެ ގުޅުން އަބަދުގެ އަބަދަށް ކަނޑާލަން ޒިޔާދުއަށް މަޖްބޫރު ކުރާނެ ވާހަކަ ޚާލިދު ބުނި ހަނދާން ވުމުން، ޒިޔާދު އާއި ބެހޭ ގޮތުން އިނާ ކައިރީ ދައްކާނެ ވާހަކައެއް ޝީލާއަކަށް ނުވިސްނުނެވެ.

"
އަވަހަށް ތައްޔާރުވެގެން އާދޭ ސައިބޯން...." އިނާ އެއްޗެއް އަހާފާނެތީ އަވަސް އަވަހަށް ކޮޓަރިން ނިކުންނަން ޝީލާ ހިނގައިގަތެވެ.
އިނާއަށް އިނދެވުނީ މަންމައާއި ދިމާލަށް ބަލާށެވެ.

ކޮންމެ ދުވާލަކު އެތައްފަހަރު ކޮންމެ ރެޔަކު އެތައްފަހަރު ޒިޔާދު ގުޅިތޯ ސުވާލުކޮށްކޮށްފައި އުޅުނު މަންމައަށް ޒިޔާދު ސަލާމް ބުންޏޭ ބުނުމުން، އަދި ޒިޔާދު އައިސް އުޅޭ ވާހަކަ އާއި އެގެއަށް މިއަދު އޭނަ ދާ ވާހަކަ ބުނުމުން ހަމަ އެއްވެސް އެއްޗެއް ނުބުނެ އެ ދިޔައީ ކީއްވެބާވައެވެ؟

ކުއްލިއަކަށް ރީތި ރާގަކުން ކޮޓަރީގެ ހިމޭންކަން ގެއްލިއްޖެއެވެ. އިނާގެ ފޯން ރިންގުވާން ފެށީއެވެ.
ސައިޑް ޓޭބަލް މަތީގައި އޮތް އޭނަގެ ފޯން ނަގާ ބަލާލިއެވެ. ޒިޔާދުގެ ފޮޓޯއަކާއެކު ފޯން ރިންގުވަމުން ދިޔައެވެ.
ފޯން ނަގާ އިނާ ކަންފަތުގައި ޖައްސާލިއެވެ.
"
ހަލޯވ............." މަޑުމައިތިރި އަޑަކުން އިނާ ގޮވާލިއެވެ.
"
އާނ.......ހޭލިތާ ކުޑައިރުކޮޅެއްވެއްޖެ މިހާރު........" އެކޮޅުން ޒިޔާދު ބުނި ކޮންމެވެސް އެއްޗެއްގެ ސަބަބުން އިނާގެ މޫނުމަތީގައި ހިނިތުންވުމެއް ދައުރުކޮށްލިއެވެ.

އެކަކީ ބޭވަފާތެރި، ހީލަތްތެރިއެއްކަމުގައި ވިޔަސް އަނެއް މީހާއަކީ އެކަންތައްތައް ނުވެސް ދަންނަ މީހެކެވެ. އަދި އެ ބޭވަފާތެރިކަމާއި އެ ހީލަތުގެ ދާގަނޑު އޭނަގެ ވަށައިގެން ފެތުރެމުން ދާކަން ނުވެސް އެނގި ހުރި މީހެކެވެ. އެއްފެންގަނޑެއްގައި ދެކުލައެއް ހުރުން ފަދަ ނާދިރު ގުޅުމެއް ގާއިމު ވުމުގެ ފުރުޞަތަކީ ކިހާ ފުޅާ ނުވަތަ ކިހާ ހަނި ފުރުޞަތެއްކަމެއްވެސް އެ ދެމީހުންނަށްވެސް އަދި ނޭނގެއެވެ.

** ** ** ** ** ** ** **
ހެނދުނުގެ ސައިގަޑީގައި ޒިޔާދުއާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކިއެއް ކަމަކު، ޝީލާ އާއިޚާލިދުގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އިނާގެ މޫނުމަތިން އެއާއި ޚިލާފު ހިތްހަމަޖެހުމެއް ފެނެއެވެ.
ސައިބޮއިހަދައިގެން ޚާލިދު ބޭރަށް ދިޔަތާ ގަޑިއެއްހާއިރު ފަހުން ސޯފިޔާ އާއި އިނާ ދެކުދިން ބޭރަށް ދާން ތައްޔާރުވެގެން އައިތަން ޝީލާއަށް ފެނުނެވެ.
"
އަނެއްކާ މިހާރު ތިދަނީ ކޯޗެއް ގަންނަން..........." ރޭގައިވެސް އިނާއާއެކު ގޮސްފައި ސޯފީ ގަނެގެން އައި އަގުބޮޑު ދަބަހެއް ބަލާނުލާ ގަނެވުމުން ހަލާކުވެފައި އޮތް ވާހަކައަކީ ގޭތެރޭގެ ހޫނު މައުޟޫއަށް ވެފައި ވާތީ ޝީލާ މާނަ ކުރީ އެ ވާހަކައަށެވެ.
"
މިދަނީ ގަންނާކަށް ނޫނޭ ޝީލާއްތާ........މިދަނީ މީހަކު ގަނެފައި ހުރި އެއްޗެއް ހަވާލުކުރަން......." ތުއިވެލާފައި މިހެން ބުނެލާފައި ސޯފީ ހީގަތެވެ.
"
އެ ކޯޗެއް............؟" ލާނެތް ކަމާއެކު ސޯފީ މި ބުނި އެއްޗެއްގެ މާނައެއް ޝީލާއަށް ހަމަ ރޭކާވެސް ނުލިއެވެ.
"
މިހިރީނު...........ޝީލާއްތަގެ ދަރިފުޅު........ޅިޔަންބެ ބުނެގެން ބައްދަލުކޮށްލަން މިދަނީ......." ހިނިތުންވެލައިގެން ހުރި އިނާގެ އަތުގައި ހިފައި ދައްކާލާފައި ސޯފީ މިހެން ބުނުމުން މަންމަގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔަތަން އިނާއަށް ފެނުނެވެ.

"
އަޅޭ ޝީލާއްތާ.............އެހެން ބުނި އެއްޗެއް ނޫނޭ އެއީ........ހަމަ ޖަސްޓް ޓޯކް ކޮށްލަންށޭ މިދަނީ.........ގައިމުވެސް އަންނާނީ އިނާ ގޮވައިގެން. ކަންބޮޑުނުވޭ.....ދަނީ އިނގޭ........" ޝީލާގެ މޫނުމަތީގެ ކުލަ ބަދަލުވުމުން ބަލަން ހުރި ސޯފީ މިހެން ބުނެލާފައި އިނާ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ނަމަވެސް އިނާ ހުއްޓުނެވެ.

"
މަންމަ ހިތްހަމަނުޖެހުނީތަ......؟" ސޯފީ އަތް ދޫކޮށްލާފައި އައިސް މަންމަ ކައިރިއަށް ހުއްޓި އިނާ އެހިއެވެ.
"
ނޫނޭ............މާ ލަސްނުކޮށް އަންނާތި އިނގޭ......." ހަގީގަތަށް ވާހަކަ ދައްކާނެހާ ހިތްވަރެއް ޝީލާއަކަށް ނުލިބުނެވެ. ކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ނޭނގޭ ސޯފީ އާއި އިނާ ނުކުމެގެން ދިޔަތަން ބަލަންހުރުން ނޫންގޮތެއް ޝީލާއަކަށް ނެތެވެ.

މެންދުރު ބާރަ ޖަހަން އުޅެނިކޮށް ގެއަށް އައިސް ވަން ޚާލިދު ކައިރީ މި ވާހަކަ ބުނުމުން ޚާލިދުގެވެސް ބަސް ހުސްވިއެވެ.

އެމީހުންނަށް އިނާ ކައިރީ މި ވާހަކަ ބުނެވޭކަށް ނެތެވެ. އިނާ ދެރަވެދާނެތީއެވެ. އެކަމަކު ނުބުނެ ހުރެގެން ވަގުތު ފާއިތު ވަނީއެވެ. ޒިޔާދުއަށް އޭނަގެ ފައިދާ ނެގިދާނެތީއެވެ.
އިނާއަށް ގުޅާފައި އައުމަށް ބުނަންވެސް ޚާލިދު ހިތަށް އެރިއެވެ.
އެކަމަކު ޚިޔާލު ބަދަލު ވިއެވެ.
ގައިމުވެސް ޒިޔާދުއަކަށް އޭނަ އެހެން އަންހެން ކުދިންނާއެކު "ކުޅޭ ކުޅިވަރު" އިނާއާއެކު ނުކުޅެވޭނެއެވެ. ޒިޔާދު ކައިރިއަށް އިނާ ގޮސް އެހެރީ ސޯފީވެސް ގޮވައިގެންނެވެ. ސޯފީ ހުއްޓާ ޒިޔާދުއާއެކު އެހެން ތަނަކަށް އިނާ ނުދާނެކަން އެއީ ޔަގީން ކަމެކެވެ. އެމީހުން އިނާ ތަރުބިއްޔަތު ކޮށްފައި ހުރީ އެހާ ބޭއަދަބީ ކޮށްނޫންކަން އެމީހުންނަށް އެނގެއެވެ.
މި ޚިޔާލު އައުމުން އިނާއަށް ގުޅައިގެން ގެނުވުމުގެ ޚިޔާލު ޚާލިދު ދޫކޮށްލިއެވެ. އޭގެ ބަދަލުގައި ޚާލިދު އާއި ޝީލާވެސް ނިންމީ އިނާ އެގެއިން ނުވަތަ ޒިޔާދު އާއި ބައްދަލުކުރަން ދިޔަ ތަނަކުން އައިހާ އަވަހަކަށް އެދެމަފިރިން ގޮސް ޒިޔާދު އާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށްފަހު މިރެއިން މިރެއަށްވެސް އެ ގުޅުން ކެނޑުވުމަށެވެ.

ޝީލާ އާއި ޚާލިދުއަށްވެސް ހަމަނިދިވެސް ދެން ލިބޭނީ އެކަން އެހެން ކޮށްފައެވެ. އަމިއްލަ އަންހެންދަރި ބުޅަލަށް ދީފައި އަރާމު ނިދީގައި ތިބެވޭނެ މައިންބަފައިންނަކީ އުޅޭ އެއްޗެއް ނޫނެވެ.
** ** ** ** ** ** ** ** ** **
ކަންތައް ރޭވުމަކީ އަހަރެމެން އިންސާނުން ކުރާ ކަމެކެވެ. އެކަންތައްތަކަށް އަންނަ ބަދަލުތައް އަހަރެމެންނަށް ވިސްނާލަން ނޭނގޭއިރުވެސް މޮޅެތި ރޭވުންތައް ރޭވުމަކީ އިންސާނުން ކޮށްކޮށްވެސް ފޫހި ނުވި ކަމެކެވެ.

ޚާލިދު އާއި ޝީލާވެސް ރޭވީ އެ ދުވަހު ހެނދުނު ޒިޔާދު އާއި ބައްދަލުކުރަން އެގެއަށް ދިޔަ ސޯފިޔާ އާއި އިނާ އައިހާ އަވަހަކަށް އެގެއަށް ގޮސް ޒިޔާދު އާއި ޒިޔާދުގެ އާއިލާ އާއި ވާހަކަ ދައްކާފައި އެކައިވެނި ރޫޅާލުމަށް އެމީހުން އެއްބަސް ކުރުވުމަށެވެ. މެންދުރު ކައިގެން އައިސް ޚާލިދު ޖައްސާލީ އިނާ ގެއަށް އަންނާނެ ވަގުތަކަށެވެ. އައިހާ އަވަހަކަށް އެކޮޅުން ޒިޔާދު ކައިރިއަށް ދިއުމަށެވެ.
އެކަމަކު ނުދެވުނެވެ.
ޚާލިދުއަށް ނިދުނީއެވެ.
ސޯނިޔާގެ ދަރިފުޅުގެ ހެދުމެއް ފަހަން ހަދައިގެން ޚާލިދުއަށް ގޮވަންވެސް ޝީލާވެސް ހަނދާން ނެތުނީއެވެ.
***********(ނުނިމޭ)***********

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-06-07 11:41:39 | Report this Comment
ސޮފާ...ސޮފާ...ޔޫ އާ ސޯ ގްރޭޓް....މިއަދު ދެޕާޓް...ވާވް....ހޯޕް އައެމް ދަ ފަސްޓް ވަން ޓު ކޮމެންޓް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތޭންކްސް........ލީޝް.......ބީ ހެޕީ.. ޔޫ އާރ ދަ ފަސްޓް.....ހެހެހެހ

http://www.muraasil.com/images/comment_reply.pngPosted on 2011-06-07 11:53:49 | Report this Comment
ވ ސަޅި. ވ މޮޅު. ހަމަ ޓްރޫލީ ޓަޗްޑް މައި ހާރޓް :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ރިއަލީ........؟؟ ދެޓް ސައުންޑްސް ލައިކް ސަކްސެސް ފޯރ މީ. އޭމް ގްލޭޑް....ތޭންކސް.
http://www.muraasil.com/images/reportAbuseIcon.gif
މައިން: ރީޑަރސް ހިއްވަރު ދިނީމައެއްނު ސަޅި ވާނީ ދޯ:)

http://www.muraasil.com/images/comment_reply.pngPosted on 2011-06-07 12:04:12 | Report this Comment
ވަރަށް ރީތި އަނެއްބައި އަޕްކޮށްދޭނީ ކޮންއިރަކުން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެ ހެހެ ހެ.........އިއްޔެ ނުގެނެސްދެވުނީމަ ދެ ދުވަހުގެ ބައި މި ގެނެސްދިނީ.......ދެން މާދަން ދޯ......؟؟

http://www.muraasil.com/images/comment_reply.pngPosted on 2011-06-07 12:17:04 | Report this Comment
ދެން އެ ޒިއާދު އާއި އިނާ ދުރުކުރުވަބަލަ....ވާއު ސޯ އިންޓްރެސްޓިންގ...އަނެއްބައި ކޮންއިރަކު
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތިކަމާއެއްނު ޚާލިދު ވިއްދާފަ އެހެރީ.........އެނގިދާނެތާ ދޯ ވާގޮތެއް.......!!! ބައިދަވޭ.......ޝުކުރިއްޔާ....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-07 12:25:46 | Report this Comment
ސޮފާ މިއަދު 5 ވަނަ ގިޔަރުގަދޯ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހހެހެހެހެހެ.............ގެނެސްދެވެން އޮތް ދުވަހު ނުގެނެސްދޭންވީ ސަބަބެއް ނެތެއްނު ދޯ.........އެހެންވެ......އިއްޔެ ނުގެނެސްދެވޭތީ ތިކުދިން ހިތްހަމަޖައްސަދޭން ދެބައިވެސް ގެނެސްދިނީމި........ރަނގަޅެއްނޫންތަ؟؟؟
http://www.muraasil.com/images/reportAbuseIcon.gif
ޒާމް: ސޮފާ، އެކަމަކު މި ޝީލާ އަށް ތަންކޮޅެއް ގަޓްސް ލިބޭނެގޮތެއް ހަމަޖައްސަބަލަ. އެހެން ޒިޔާދުގެ ހަގީދަތް އިނާއަށް ކިޔާނުދީ ތިއްބާ ކެޔޮގަނޑު ކަނޑާލާފަ ފިލާފާނޭ. ޒިޔާދުގެ ގޮތް އަހަރުމެންނަށް މިހާރަކު ނޯޅޭނެއެއްނު....ދޯ......
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ލިބޭނެ ލިބޭނެ. އަދި ތިހުރިހާ އެއްޗެއްވެސް ލިބޭނެ.......ތިބުނާހެން ޒިޔާދަކީ ފާޑެއްގެ މީހެއް.......ހަދާފާނެ ކޮންމެ އެއްޗެއްވެސް......!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-07 12:36:04 | Report this Comment

0 comments:

Post a Comment