ކޮންމެއަކަސް
ފާތިން އެ ދިޔައީ އޭނަގެ މަގްޞަދު ވަރަށް ފުރިހަމައަށް ހާޞިލްކޮށްގެންނެވެ.
އުޑުމަތި އަނދިރިވެގެން ދިޔައިރުވެސް އިނާ އެ ގޮނޑީގައި ހަމަ އެހެން އިނެވެ. އޭނަ އިންގޮތުން ހީވަނީ ލޯބިވާ މީހަކު ވަޅުލާފައި އައިސް އިން ހެނެވެ. ބައެއްފަހަރަށް ވިސްނުމުގައެވެ. އަނެއްބައިފަހަރަށް ލޮލުން އޮހޭ ކަރުނަ ފޮހުމުގައެވެ. އެއްވެސް އުފާވެރިކަމެއް ނެތް ތަސްވީރެކޭ އޭނައެކޭ އެއްގޮތެވެ.
ދެން ދުވަހަކުވެސް އޭނައަށް ނަވީން އާއި ހަތަރުކަޅި ހަމަކުރެވޭނެ ކަމާމެދުވެސް އޭނައަށް ޝައްކެވެ.
ރީތި ހަވީރަކަށް އޮއްސުނު އިރު ނެތުމުން ދުނިޔޭގެ އުޑަށް އަނދިރިކަން ވެރިވެ މަންޒަރަށް ހިޔަނިއެޅިގެން ދިޔައިރު އެއީ ހިތްގައިމުރެއަކަށް ވެގެން ދިޔައެވެ. ނަމަވެސް ފާތިން އައިސް އިނާއަށް ދިން ޚަބަރާއި އެ ދެކެވުނު ވާހަކަތަކަށްފަހު އެ ރެއަކީ އުފާވެރި ރެއަކަށް އިނާއަށް ނުވިއެވެ. އެރޭ އެންމެންނަށްވެސް ފެނުނީ އިހަށްވުރެވެސް ހިމޭން އިނާއެކެވެ. އަދި ނަވީނަށް އެއްގޮތަކަށްވެސް އެރޭ އިނާގެ އަޑެއް ނީވުނެވެ. އޭނައަށް ނުގުޅުނީއެއް ނޫނެވެ. އިނާ ފޯން ނުނަގާތީއެވެ.
އިރާކޮޅު ގުޅި ކޯލްތަކުގެ އިތުރުން އާދަވެގެން ނިދާގަޑީގައިވެސް ގުޅި އެންމެ ކޯލަކަށްވެސް އިނާ ޖަވާބު ނުދެއެވެ. ފެންނަ ހިސާބުގައި ފޯން ބާއްވައިގެން ނުނަގާ އޮންނަން އިނާއަށް ފަސޭހައެއްވެސް ނުވިއެވެ. އެހެންވެ ފޯންގެ ރިންގާއި ވައިބްރޭޓް ކަނޑާލާފައި ފޯން ބާލީސް ދަށަށް ލީއެވެ. ހިނދުކޮޅަކަށްވިޔަސް ނަވީންގެ ކޯލްތަކާއި ނަވީންގެ ހަނދާންތަކާއިވެސް ދުރަށް ދާން ގަސްތު ކޮށްގެންނެވެ.
ނަމަވެސް އޭނައަށް އެ ކުރެވުނު ހަރަކާތުންވެސް އިތުރަށް ނަވީންގެ ހަނދާން ވީ އަލެވެ. ފޯން ނަގާ ލެވުނީ ޖެހިގެން އޮތް ބާލީސްދަށަށެވެ. އެއީ އެ އެނދުގައި ނަވީން އަބަދުވެސް އޮންނަ ފަޅިއެވެ. ނަވީން ބޯއަޅާ ބާލީހެވެ. ފޯން ބާއްވާފައި ބާލީސް ރީތިކޮށްލަން ކުރެވުނު އެ ހަރަކާތުން ނަވީންގެ މަތިން ހަނދާންވާން ފެށިއެވެ. މިހުރިހާ ރޭތަކެއްގައި އެ ބާލީހުގައި އަތްޖައްސާލެވުނީ އުފަލާއެކު ލޯބިން ހިނިތުންވެލައިގެން ކަމުގައި ވިޔަސް، މިރޭ އިނާގެ ލޯ ފެންކަޅިވެއްޖެއެވެ.
ކީއްވެހެއްޔެވެ؟ އުފާވެރިކަމުގެ ހިމަރޮނގެއް ފާޅުވާ ކޮންމެ ފަހަރަކު ބޮޑު ކަންތައްގަނޑެއްގެ ނިޝާންފެންނަން ފަށަނީ ކީއްވެހެއްޔެވެ؟ ހިނދުކޮޅެއްގެ އުފަލެއް ލިބުނިއްޔާ ޒަމާންތަކެއްގެ ރުއިމެއް އޭނައަށް އަންނަނީ ކީއްވެހެއްޔެވެ؟
** ** ** ** ** ** ** **
އާދައިގެ މަތިން ހެނދުނު އިނާ ދިޔައީ ޑިއުޓީއަށެވެ. ރޭއްސުރެން ނަވީން ގުޅި އެއްވެސް ކޯލަކަށް ޖަވާބު ނުދީ އެވެ. އެ ވާހަކަ ނަވީން އާއި ދައްކަން ފަށާނެ ގޮތެއް އޭނައަށް ނޭނގޭތީ، ރަނގަޅަށް ތައްޔާރުނުވެ ހުރެ ފޯން ނުނެގީއެވެ. ނުދައްކާންވާ ގޮތަކަށް ވާހަކަ ދެއްކިގެން އޮޅުންބޮޅުމަކަށް ވެދާނެތީއެވެ. މީގެ އިތުރުން، ނަވީންއާއި ބެހޭ ގޮތުން އެ އިވުނު އަޑުތަކުން އޭނަ އެހެރީ ހިތްހަމަނުޖެހި ނަވީން އާއި ދޭތެރޭ ނުރުހުންވެފައިކަން، އެއީވެސް އޭނަގެ އަމިއްލަ ނަފްސަށްވެސް އޭނަ އޮޅުވާލައިގެން އުޅޭ ހަގީގަތެކެވެ.
އަށްގަޑިއިރުގެ ޑިއުޓީއަކަށްފަހު، އިނާ ގެއަށް އައީ މެންދުރުފަހު ތިނެއްޖެހިފަހުންނެވެ.
"ދަރިފުޅަށް އެނގޭތަ.....ސޯފީ އެބައާދެއްނު...." އިނާ އައިސް ސިޓިންރޫމަށް ވަނުމާއެކު، ހަމަ ދެންމެ ފޯނުން އަތް ދޫކޮށްލި ޝީލާ އިނާ އަށް މި ޚަބަރު ދިނެވެ.
"އެހެންތަ....؟ ކޮން ދުވަހަކު...؟" ގެއަށް އައީ ކާރުގަ ކަމަށްވިޔަސް، ބުނެދޭން ނޭނގޭކަހަލަ ވަރުބަލިކަމެއް ހުރުމުން އިނާއަށް އޭނަގެ މަންމަ ދެއްކި ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނެވެ.
"މާދަމާ އަންނަ ވާހަކަ ދައްކަނީ.......ހަވީރު ފްލައިޓުން އަންނާނަމޭ ބުނީ. ޓިކެޓްވެސް ހަމަޖައްސައިފި. އެކޮޅަށް ދިއުމުގެ ކުރިން ބޭނުމޯ ދުވަސްކޮޅަކަށް އައިސްލަން....މަންމަ ބުނެފިން އަންނާށޭ....އަހާނެވެސް ކަމެއް ނެތެއްނު ދޯ؟ ސޯފީ ކަމެއް ކުރަންވެއްޖިއްޔާ ނިކަން އަވަހަށް ރާވާލާނެ. ހެހެހެ....މީހަކު ބުންޏަސް މަޑެއް ނުކުރާނެ. ނަސީބެއްނު ނުގުޅާ ނައިކަން...ކުރީފަހަރުވެސް ފެނުނީ އައިސް ހުއްޓާ....." މަންމަ ދައްކަން ފެށި ވާހަކަ އަޑު އަހަމުން އައިސް އިނާ އިށީނީ ޝީލާ އިން ސޯފާގެ އަނެއްކޮޅުގައެވެ.
"ސޯފީގެ ގޮތެއްނު އެއީ...." ހިނިތުންވުމާ ފުން ނޭވާއަކާއެކު އިނާވެސް މަންމަގެ އެ ވާހަކައަށް ތާއީދު ކުރިއެވެ.
މާސްޓަރސް ހަދަން ސޯފީ އޮސްޓްރޭލިއާއަށް ދިއުމުގެ ހުރިހާ އިންތިޒާމެއް އޮތީ ހަމަޖެހި ނިމިފައެވެ. އޭގެ ކުރިން ކޮންމެވެސް ތަނަކަށް ޗުއްޓީއަށް ގޮސްލަން ބޭނުންވާވާހަކަ ސޯފީ އޮތީ ކުރިންވެސް ބުނެފައެވެ. އެކަމަކު އޭރު ވާހަކަ ދެއްކުނީ ލަންކާއަށް ދާ ވާހަކައެވެ. މިހާރު ޚިޔާލު ބަދަލުވީތާއޭ އިނާގެ ހިތަށް އެރިއެވެ.
ފޯން ނަގައިގެން ބަލާލީ އެވަގުތުއެވެ. ދާދި ދެންމެއަކު ސޯފިޔާ އޭނައަށް 2 ފަހަރު ގުޅާފައިވެސް އެބަހުއްޓެވެ. ސީޓްމަތީގައި ދަބަސް ބާއްވާފައި އޮތީމަ ގުޅިކަންވެސް އޭނައަށް ނޭނގުނީއެވެ.
"ދަރިފުޅު ރަނގަޅުތަ؟" އިނާގެ ކިބައިން ތަފާތުތަކެއް ޝީލާއަށް ފާހަގަވުމުން އަހާލެވިއްޖެއެވެ.
"މާ ހޫނުގަދަ ދުވަހެއްކަންނޭނގެ........" ކަނދުރާމަތީގައި އަތުން އޮއްބާލަމުން އިނާ ޖަވާބު ދިނެވެ. މިތާ އިނދެއްޖެއްޔާ މަންމައަށް އެއްޗެއް ހީވެދާނެއޭ ހިތަށްއެރީ އެވަގުތުއެވެ. ދިއުމަށްޓަކައި އަވަހަށް ތެދުވެއްޖެއެވެ.
"މަންމައަށް ހީވަނީ ދަރިފުޅު ރަނގަޅެއް ނޫންހެން....." އިނާ ސޯފާއިން ތެދުވި ގޮތާއި ހިނގައިގަތް ގޮތް ބަލަން އިނދެފައި ޝީލާ ބުނެލިއެވެ. އެހެން ނަމަވެސް މަންމަގެ އެ ވާހަކައަށް ހިނިތުންވެލާފައި ބޯހޫރާލުމަކުން ނޫނެކޭ ބުނެފައި ދަބަސް ހިފައިގެން އިނާ ދިޔައީއެވެ.
އޭނަ ބަނޑުބޮޑެވެ. އެކަން މަންމައަށް ނޭނގުނަސް އެއީ ހަގީގަތެކެވެ. އޭނައަށް ކަމެއް ވެއްޖެއެވެ. އެއީވެސް ތެދެކެވެ. އެކަމަކު އެކަމުގެ އެއްވެސް އަސަރެއް އަދި އޭނަގެ ހަށިގަނޑަކުން ފާޅުނުވާނެކަން އޭނައަށް ޔަގީނެވެ.
އެރެއެވެ.
ފާތިން އެ ވާހަކަ ދައްކާފައި ދިޔަތާ ދެވަނަ ރެއެވެ.
ދިހައެއް ޖަހައިގެން ދިޔައިރު އިނާ އިނީ އޭނަގެ ކޮޓަރީ ސޯފާގައި، އުނގުމައްޗަށް ލެޕްޓޮޕް ލައިގެން ދިލްމާ އާއި ޗެޓްކުރާށެވެ. އިނާ އޭނައަށް ދިމާވެގެން އުޅޭ އެއްވެސް ވާހަކައެއްގެ ހިލަންވެސް ދިލްމާއަށް ވިޔަކަ ނުދެއެވެ. އޭނަ ކުރީރޭދެއްކި ވާހަކައާއި ގުޅިގެން ޑޮކްޓަރަށް މިހާރު ދައްކައިފިންތޯއާއި ނަވީން ކައިރީ ބުނެފިންތޯ ދިލްމާ އެހުމުންވެސް، އެއީ އެހާ ބޮޑުކަމެއް ނޫންކަމަށް ބުނެފައި އިނާ އެ ވާހަކަ ކުރުކޮށްލީއެވެ. އޭނަގެ ފަރާތުން ދައްކާނެ ވާހަކައެއް ނެތުމުން ދެން ދެ ރަހްމަތްތެރިން ދައްކަމުން ދިޔައީ ދިލްމާގެ އާއިލާގެ ވާހަކައެވެ.
މައިސޫރުގައި ހަދަމުން ދިޔަ ކޯސް ނިންމާފައި އެނބުރި މާލެއަށް ނައިސް، ދިލްމާ ހުރީ މިވަގުތު ބެންގަލޫރުގައެވެ. އެކޮޅުގައި ވަޒަންވެރިވެގެން އުޅޭ ހުސެންގެ ދޮށީ ދައްތަގެ ގޭގައެވެ.
އޭނަގެ މަންމަގެ ކަކުލުގައި އަބަދު ރިއްސާތީ އެކަމާ ބެހޭ ރަނގަޅު ބޭހެއް ކުރުމަށް ހުސެން އަބަދުވެސް ވާހަކަ ދައްކަމުން އައުމުގެ ސަބަބުން ދިލްމާވެސް ވަނީ މައިސޫރުން ފުރުމުގެ ކުރިން އެކަމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައެވެ. ސްކޫލްތަކުގެ އަހަރީ ޗުއްޓީއާއި ދިމާވެފައިވާތީ، ދިލްމާ އުޅެނީ މަންމައާއި ހިކްމާވެސް އެކޮޅަށް ގެންގޮސްގެންނެވެ.
ދިލްމާ އާއި ހުސެންގެ ކައިވެނީގެ ފަހުން ދިލްމާގެ އެ އާއިލާއަކީ އުފާވެރި އާއިލާއެކެވެ. ކައިވެންޏެއްގެ އެންމެ ބޮޑު މަގްޞަދު ކަމަށްވާ ދެފަރާތުގެ އާއިލާގެ ގާތްކަމާއި އެކުވެރިކަމުގެ ސަބަބުން އާއިލާ ބޮޑުވެ، އެހީތެރިންނާއި ލޯބިވާ މީހުން ގިނަވާ ވާހަކައަކީ ހަގީގަތަކަށް ވެއްޖެއެވެ. އެހީތެރިކަމާއި، އެއްބާރުލުން ހުރިހާ ކަމެއްގައިވެސް ދިލްމާއަށް އަންނަނީ ހުސެން އާއި ހުސެންގެ އާއިލާގެ ފަރާތުން ލިބެމުންނެވެ.
މިހާރުވެސް ދިލްމާ އެ ދައްކަމުން ދަނީ ހުސެންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ލޯބީގެ ސަބަބުން އޭނަ ހައިރާންވާ ވާހަކައެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު ކުރިއަށްވުރެވެސް ބޮޑަށް ހުސެން އޭނައަށް ކަމޭހިތާ އޯގާތެރި ވާ ވާހަކައެވެ. ޝުކުރިވެރިކަމާއެކުގައެވެ.
ދިލްމާއަށްޓަކައި އިނާ އުފާ ކުރެއެވެ. އޭނަގެ އެކަނިވެރި ރަހްމަތްތެރިޔާ އޭރު އުޅުނީ ކިތަންމެ ހާލުގައި ކަމަށްވިޔަސް، މިއަދު އެއީ ދުނިޔެމަތީގައި ހުރި އެންމެ އުފާވެރި މީހާ ފަދައެވެ. ނިޢުމަތްތަކާ ހެޔޮ ނަސީބު ނޫނީ ނުވެއެވެ. އެހެންނަމަވެސް އަދިވެސް އެއީ އެ ހިތްތިރި، މަޑުމައިތިރި ވިސްނުން ތޫނު ރަހްމަތްތެރިޔާއެވެ. ދުނިޔެއިން އުފަލާއި ފައިސާ ގިނަ އަދަދަކަށް ލިބެމުން ދިޔަ ނަމަވެސް އޭނަގެ އެ ރަހްމަތްތެރިޔާގެ އުޅުމަށް އަދި ގުޅުމަށް އޭގެ ނޭދެވޭ އަސަރު ދުވަހަކުވެސް ނުކުރާނެކަން ކުރިންވެސް އިނާއަށް އެނގެއެވެ.
ދެ ރަހްމަތްތެރިން ދައްކަމުން ދިޔަ ވާހަކަތައް އިރުކޮޅަކަށް މަޑުޖެހިލީ އިރުކޮޅަކުން އެބަ އަންނަމޭ ބުނެފައި ދިލްމާ ދިއުމުންނެވެ.
އެވަގުތުކޮޅު އިނާ ބަލާލީ ފޯނަށެވެ. މިރޭ އިރުއޮއްސުނު ފަހުން އަދި ނަވީން ނުގުޅައެވެ. އަނެއްކާ ވީ ކިއްބާވައެވެ.؟
ދިލްމާ ނެގި ކުޑަވަގުތުކޮޅަކަށްފަހު އެނބުރި އައުމުން ދިލްމާ އާއި އަނެއްކާވެސް ވާހަކަ ދައްކަމުން ދިޔައިރުވެސް ނަވީންގެ ޚިޔާލު އޭނަގެ ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި ބުރު ޖަހަމުން ދިޔައެވެ. ކައިރީގައި އޮތް ފޯނަށް އިރުއިރުކޮޅާ ބަލާލެވެއެވެ.
"ފަހުން އަންނާނަން...ފޯނެއް އެބައާދޭ...." މިފަހަރު ސްކްރީންގައި މިހެން ލިއުނީ އިނާއެވެ.
ނަވީން އެ ގުޅީއެވެ. ލެޕްޓޮޕް ބަހައްޓާފައި އިނާ ފޯން ނެގިއެވެ.
"ހަލޯވ........." އިނާ އާއި ނަވީނަށް މިހެން ބުނެވުނީ ދާދި އެކުއެކީގައެވެ.
"ރަނގަޅު........" ކިހިނެއްހޭ ނަވީން އަހާލުމުން އިނާ ޖަވާބު ދިނެވެ. ކޮންމެ ފަދަ ހާލެއްގައި އުޅެމުންވެސް އަންގަން ބޭނުން ނޫނިއްޔާ ރަނގަޅޭ ބުނަން އިންސާނުންނަށް ދަސްކޮށްދިނީ ކާކުބާވައޭވެސް އިނާ ހިތަށް އެރިއެވެ. ޚުދު އޭނަ އެހެން ބުނެލާފައެވެ.
"ކަމެއް ނުކުރަން......." އަނެއްކާވެސް ނަވީންގެ ސުވާލަށް އިނާ ޖަވާބު ދިނެވެ. ތިމާއާއި ގާތްކަމެއް އުފައްދަން މަސައްކަތް ކުރާ މީހަކާ ތިމާ ދުރުވާން ބޭނުން ނަމަ، ތިމާގެ ހާލުގެ އެއްވެސް ކަމެއް ނެއެންގުމަކީވެސް އަހަރެމެންގެ ގޮތެވެ. އޭނައަށް ވާހަކަ ދެއްކޭ ގޮތާއި ދޭތެރޭ ޚުދު އޭނަ ދިޔައީ ވިސްނަމުންނެވެ.
"އެއީ ދެން ގޭތެރޭގަ އުޅުނުއިރު ނުނެގިފަ އެހެރީ.........." ފޯން ނުނަގާ ދެ ދުވަސް ދިއުމުން އެ ސުވާލުކުރާނެކަން އިނާއަށް މާ ކުރިންވެސް އެނގެއެވެ. އެ ސުވާލަށް ޖަވާބު ދޭނެ އެކިގޮތްގޮތް އޭނަގެ ސިކުނޑީގައި ތައްޔާރުކޮށްގެން ހުރި ނަމަވެސް، ޖަވާބުދޭން ޖެހޭ ވަގުތު އައުމުން އޭނައަށް ބުނެވުނީ ކުރިން ހިތަށްވެސް ނާރާ އެއްޗެކެވެ.
"ނޫނޭ އަދި ނޫޅެން ނިދާކަށް.....ކޮންއިރަކުން ނަވީން އަންނަނީ މިކޮޅަށް...." ނަވީން ކުރަމުން ދިޔަ އެކިއެކި އާއްމު ސުވާލުތަކުން އެހެންޏާ އުނދަގޫ ނުވިޔަސް، މިރޭ އުނދަގުލެއް އިހްސާސް ކުރަން ޖެހުމުން، އެފަދަ އިތުރު ސުވާލުތަކަށް ތަން ނުދީ އިނާއަށް އަހާލެވުނީއެވެ. މިއަންނަ ހަފްތާއަކީ ފެބްރުއަރީ ފެށޭ ހަފްތާކަމާއި މި އަންނަ ހަފްތާތެރޭ ކޮންމެވެސް ދުވަހަކު ނަވީން އަންނާނެކަން ރަނގަޅަށް އެނގި ހުރެއެވެ.
"އެއީ ކީއްވެ.......؟" ނަމަވެސް ނަވީން ދެންމެ އެބުނީ މި އަންނަ ހަފްތާގައި ނާދެވޭނެ ވާހަކައެވެ. އަދި ކީއްހެއްޔެވެ؟ ފަހަރެއްގައި މި މަހުވެސް ނާދެވިދާނެ ވާހަކައެވެ.
"ދެން ކޮން އިރަކުން އާދެވޭނީ....؟" އިނާ އަހާލިއެވެ. މިރޭ ނަވީންގެ ކޯލަށް ޖަވާބު ދިނުމަށް އޭނަ ތައްޔާރުވީވެސް، އެ ވާހަކަ ނަވީން އައީމަ ދައްކަން ބޭއްވުމަށް ނިންމައިގެންނެވެ. އެކަމަކު މިވީ ގޮތުން އޭނަގެ ހިތުގައި އެ ގިލަން ގިނަ ދުވަހު ދެމި އޮންނަގޮތްވީތާއެވެ.
"ނޫނޭ.....ބައްޔެއް ނޫން.....ރަނގަޅު...." ނަވީން ނައިސްގެން އޭނަ ސުވާލުކުރާވަރުން ނަވީނަށް އެހެން ހީވެގެން އެހުމުން އެއީ ކުށްހީއެއްކަން އިނާ ޔަގީންކޮށްދިނެވެ.
"ވާހަކައެއް އަހާލަންތަ....ނަވީން....؟" ކުއްލިއަކަށް އިނާ އަހާލިއެވެ.
ނަވީނަށް މި އަންނަ މަހު ނާދެވޭނެއޭ ބުނުމުން، އަންނަންދެން މަޑުނުކޮށް އޭނަ އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ފޯނުން އޮޅުންފިލުވަން އިނާ ނިންމީއެވެ. ނާހާ ހަމަ ނުހުރެވިގެންނެވެ.
އެކަމަކު ފޯނުން މި ވާހަކަ ދައްކަން އޭނަ ބޭނުމެއްވެސް ނޫނެވެ. މި ވާހަކަ ދައްކާއިރު ނަވީންގެ ހަރަކާތްތައް ފެންނަ ހިސާބުގައި ހުރެގެން ނޫނީ މި ވާހަކަ ދައްކަން ބޭނުން ނޫނެވެ. އެކަމަކު އެއްމަސްދުވަސްވަންދެން މަޑުމަޑުން އޭނައަށް ނުހުރެވޭނެއެވެ. އެ ހިތްހަމަނުޖެހުމުގައި ތެޅިފޮޅެން އޭނައަށް ފަސޭހައެއް ނޫނެވެ.
"ނަވީން އާއި ލީނާއާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއް އޮވޭތަ؟" މީހެއްގެ ކަމަކާ ބެހޭ ގޮތުން ސުވާލު އުފައްދާ ސުވާލު ކުރުމަކީ އޭނަގެ ކިބައިން އެއްވެސް ވަރަކަށް ފެންނަ ސިފައަކަށް ނުވާއިރުވެސް އަދި ކުރާހިތްވާކަމެއްވެސް ނުމެނޫންއިރުވެސް، ތަފާތުވި މި ޙާލަތުގައި، ފަސްޖެހިފައިވިޔަސް ފިރިމީހާއާއި ސުވާލުކުރަން ފެށިއްޖެއެވެ.
"އޭގެ އިތުރު ގުޅުމެއް ނޯވޭ....؟ " އިނާ ކުރި ސުވާލުގެ ޖަވާބުގައި އާނއެކޭ ލީނާއާއި ރައްޓެހިކަން އޮވެޔޭ ނަވީން ބުނުމުން އަދިވެސް އިތުރަށް އިނާ އެނގެން ބޭނުންވިއެވެ.
"ކީއްވެ ހެނީ....." އިތުރު ގުޅުމެއް އޮވޭހޭ އޭނަ އެހުމުން އިރުކޮޅަކަށް ވި ހިމޭން ކަމަކަށްފަހު ނަވީން ހޭން ފެށުމުން އިނާ އަށް އެހުނެވެ. ނަމަވެސް އިނާގެ މޫނުމަތިން ހިނިތުންވުމެއް ފެންނާން ނެތެވެ.
"ސަމާސާއެއް ނޫނޭ........." ހީހީފައި ވީ ކީއްހޭ ނަވީން އަހާތީ އިނާ ބުންޏެވެ. އެކަމަކީ ކިހާ ވަރެއްގެ ސީރިއަސްކަމެއްކަން ނަވީންއަށް ނޭނގެނީތާއޭ އިނާގެ ހިތަށް އެރިއެވެ.
"އެންމެ ރަނގަޅު....." ވާހަކަ ދައްކަ ދައްކާ ހުއްޓާ ނަވީނަށް މަންމަ ގުޅާކަމަށް ބުނެފަ ދިއުމުގެ ހުއްދައަށް ނަވީން އެދުމުން ދާދި ފަސޭހައިން އިނާ ނަވީން ފޮނުވާލިއެވެ. ފަހުން ގުޅުމުން އަދި އެވާހަކަ ދައްކަން ގަސްދުކޮށްގެންނެވެ.
ފޯން ބާއްވާފައި ބަލާލިއިރު ދިލްމާ އިނީ އޮފްލައިން ވެފައެވެ. ނެޓް ކަނެކްޝަން މައްސަލައަކީ ދިލްމާއާއި އޭނައާއި ވާހަކަ ދައްކަން ތިބޭ ކޮންމެ ވަގުތެއްގައިވެސް އެ ދެމެދަށް ބޮޑު ހުރަހެއް އަޅާކަމެކެވެ. އެހެންކަމުން މިފަހަރުވެސް އެ މައްސަލަ ދިމާވީ ކަމަށް ހީކޮށްފައި ދިލްމާ އޮންލައިންވަންދެން އަދި މަޑުކޮށްލުމަށް އިނާ ގަސްތުކުރިއެވެ.
ލެޕްޓޮޕްގެ އެކި ފައިލްތައް ހާވަމުން އިނާ ދިޔައެވެ. އެހެންނަމަވެސް ސިކުނޑީގައި ހުރީ ހަމަ އެންމެ ކަމެކެވެ. ނަވީން އާއި އެ ވާހަކަ ދައްކަން ބޭނުންވެގެން ނުދެއްކި ހުރުމުން ވެފައި ހުރި އުނދަގޫ ކަމެކެވެ. އޭނަ އެ ވާހަކަ އަހަން ބޭނުމެވެ. ހަގީގަތަކީ އޭނައަށް ލޮލުން ފެންނާނެ އެއްޗަކަށް ނުވިޔަސް އެންމެ ކުޑަމިނުން ނަވީންގެ ޖަވާބު އަންނަގޮތް އޭނަ އެނގެން ބޭނުންވެއެވެ. ނަވީން އޭނައަށް ދޮގު ހަދާފާނެ ކަމަކަށް އޭނައަށް ގަބޫލެއް ނުކުރެވެއެވެ. އެކަމަކު ލީނާ އެ ދެއްކި ވާހަކަ އަކީ ދޮގެއްކަމަށް ވެދާނެއެކޭ ވެސް އޭނަގެ ހިތެއް ނުބުނެއެވެ.
އެފަދަ ބޮޑު ދޮގުތައް މީހުން ހަދާ ހެއްޔެވެ؟ އަދި ޚާއްޞަކޮށް ބަލިވެ އިނުމާއިބެހޭ ގޮތުން އެފަދަ ވާހަކަތައް ސަމާސާއަކަށް މީހަކު ދައްކާނެ ހެއްޔެވެ؟ ދައްކަފާނެކަން އޭނައަށް އެނގޭނީވެސް ތާރީޚުގައި ނަވީން އާއި ލީނާގެ ނަން ލިޔެވިފައި އޮތީ ކޮން ގޮތަކަށްތޯ އެނގިގެންނެވެ. އެ ވާހަކަ އަންގައި ދެވޭނީ ނަވީންއަށެވެ. މީހެއް ކައިރީ އެ ވާހަކަ ދެއްކުމުގެ ކުރިން ، އަދި އެ ވާހަކަ މީހެއްކައިރިން އެހުމުގެ ކުރިން ނަވީން ބުނާ އެއްޗެއް އޭނަ އެނގެން ބޭނުން ވެއެވެ.
ކުއްލިއަކަށް އިނާއަށް އޭނަގެ ލެޕްޓޮޕުން ފެނުނީ ލީނާ އެގެއަށް އައިސް އުޅުނު ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ކާމޭޒުދޮށުގައްޔާއި ގޯތިތެރޭގައި މަންމައާއި ބައްޕައާއެކު އޭނަގެ ކެމެރާއިން ހަމްދު ނަގާފައި ހުރި ފޮޓޯތަކެއް ހުރި ފޯލްޑަރއެކެވެ. އިޚްތިޔާރަކާ ނުލާ ފޯލްޑަރ ހުޅުވައިގެން ފޮޓޯއަކަށްފަހު ފޮޓޯއެއް ބަލަން ފެށުނެވެ. އެ ފޮޓޯތަކުގެ ތެރޭގައި ލީނާގެ ފޮޓޯވެސް ހިމެނޭތީއެވެ.
އޭނަ ދެކެ ލޯބިވާ ނަވީންއަށް އޭނަ މަތިން ހަނދާން ނެތި ލީނާއާއެކު އެފަދަ ގުޅުމެއް ބޭއްވުނީ ލީނާގެ ކިބައިގައި ކޮންފަދަ ޖާދުލެއް ހުރެގެންތޯ ބެލުމުގެ ގޮތުން ޚުދު އޭނައާއި ލީނާއާއި އަޅާކިޔެންފެށުނެވެ. އިނާއަކީވެސް އަންހެނަކަށްވީތީ، އެ ހާލަތުގައި ކޮންމެ އަންހެނަކުވެސް އިހްސާސް ކުރާނެ ހުރިހާ އިހްސާސްތައް އިނާއަށް ވާން ފެށިއެވެ.
އެރޭ ނިދަންވަންދެންވެސް އިނާ ނަވީންގެ ކޯލަކަށް އިންތިޒާރު ކުރިއެވެ. އޭނަ ގުޅައިފިއްޔާ ގުޅާނެކަމާމެދު ޝައްކެއްވެސް ނެތެވެ. އެހެންނަމަވެސް ނަވީން ގުޅަންދެން މަޑުކޮށްލީއެވެ.
ނިދި އައިސް އޭނަގެ މުޅި ވުޖޫދަށް ވެރިވެ، ދުނިޔޭގެ ފިކުރާއި ޚިޔާލުތަކުން އޭނަގެ ސިކުނޑި މިނިވަންކޮށްދިނީވެސް އެހެން އޮތްވައެވެ. ފަހުންވެސް ދިލްމާގެ ޚަބަރުވީއިރުވެސް ނަވީންގެ ޚަބަރެއް އޭނައަކަށް ނުވެއެވެ.
** ** ** ** ** ** ** **
"ރޭގަ ނަވީން ގުޅި މަންމައަށް ދަރިފުޅު ފޯން ނުނަގައިގެން.....ނިދުނީ ދޯ....." ހެނދުނު ސައިބޯން އައިސް ކާކޮޓަރިއަށް ވަނުމާއެކު މަންމަ މިހެން ބުނުމުން އިނާ ސިހުނެވެ.
އެއީ ތެދެކެވެ. އޭނައަށް ރޭގެ ދަންވަރު 6 ފަހަރު ނަވީން ގުޅާފައި ހުއްޓެވެ. އޭނައަށް ރޭގައި ނިދުނީ މާ ފުން ނިންޖަކުންނެވެ.
"ރޭގަ ނިދުނީ........" އިނާ މިހެން ބުނީ ޑިއުޓީއަށް ދާން ކާރަށް އަރާފައި ނަވީންއަށް ގުޅާފައެވެ.
"ހޫމް....މިދަނީ ދާންވެގެން....." އެހެންޏާ ވާހަކަ ދައްކާ ގޮތަށް މިހާރު ނަވީން އާއި އޭނައަށް ވާހަކަ ނުދެއްކެއެވެ. އެކަން ނަވީންއަށް ފާހަގަ ނުވިޔަސް އޭނަ އަމިއްލައަށް އެކަން އޭނައަށް އެނގެއެވެ.
ގަޑިއަކީ ނަވީންވެސް އޮފީހަށް ދާން ތައްޔާރުވާ ގަޑިކަމުން، މާ ގިނަ ވާހަކަތަކަކާ ނުލާ ނަވީން ފޯން ބާއްވައިފިއެވެ. ފަހުން ގުޅާނަމޭ ބުނަމުންނެވެ.
އިނާއަށް ކުޑަކޮށްވިޔަސް ހިތްހަމަނުޖެހުމެއް ލިބުނެވެ. ފޯން އެހާ އަވަހަށް ބޭއްވީތީއެއް ނޫނެވެ. ރޭގައި އޭނަ ދައްކަން ފެށި ވާހަކަ ނުނިމޭކަން ނަވީން ހަނދާން ނެތީމައެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ނުކުރާތީއެވެ.
އެކަމަކުވެސް އިތުރަށް ގުޅާކަށް އިނާ ބޭނުމެއް ނުވިއެވެ. ގެއަށް ދެވުނީމަ އެ ވާހަކަ ދައްކަން ބޭއްވީއެވެ.
** ** ** ** ** ** ** **
އިރުއޮއްސޭގަޑީގަ އަންނަ ފްލައިޓުން ސޯފީ އަންނާތީ ސޯފީ ބަލާ އެއަރޕޯޓަށް ދިޔަމީހުންގެ ތެރޭގައި އިނާވެސް ހިމެނެއެވެ.
"ނިކަން ދީބަލަ ތި ފޯން........." ކާރުގެ ފަހަތު ސީޓްގައި އިނާއާއި ޖެހިގެން އިން ސޯފީ މިހެން ބުނެލީ އިނާ ކައރީގައެވެ.
"އެއީ ކީއްކުރަން......؟" ހިނިތުންވެފައި އިނާ އަހާލިއެވެ.
"ޅިޔަނަށް ގުޅަން.....ހިކިއަނަރޫފަ ވަނީނު ތި..........އެހެން މީހުން މެރީ ކުރީމަ ރީތިވަނީ.....އެހެންވެ އެ ވާހަކަ ދައްކަން އެބަޖެހެއެއްނު؟ ނޫންތަ ބޮޑުބޭ...." ސޯފިޔާ އަކީ ޚާލިދުއާއި ވަރަށް ގާތްކޮށް ސަމާސާ ކުރާ ކުއްޖެއްކަމުން މިފަހަރުވެސް ސޯފިޔާގެ ވާހަކަ ގޮސް ނިމުނީ ޑްރައިވަރު ސީޓްގައި އިން ޚާލިދުއަށެވެ.
" އަވަހަށް ގުޅާފަ ބުނޭ........." ޚާލިދުވެސް ސޯފިޔާއަށް ހިތްވަރު ދިނެވެ.
"ޝީލާއްތަވެސް ތިވާހަކަ އެބަ ދައްކަމޭ...." ސޯފިޔާއާއި ޖެހިގެން ވައަތްފަރާތަށް އިން ޝީލާވެސް ސޯފިޔާއަށް ތާއީދު ކުރިއެވެ.
"ޝީލާއްތަ ވާހަކަ ދައްކަނީ ނުބައި މީހާ ކައިރީގައޭ....ގުޅަންވީ ނަވީންބެއަށް.....އޭރުން ރަނގަޅުވާނީ......." ސޯފިޔާ ދައްކަމުން ދިޔަ ވާހަކައަށް އެންމެންވެސް ތިބީ ހިނިމޫނަކާއިގެންނެވެ.
"ހެޔޮ ފޯން ނުދިނަސް، ބޮޑުބެ އަތުން ނަންބަރު ހޯދައިގެން ގުޅާނަން....އަހަރެން މިކޮޅުގަ ހުންނަ ހަފްތާގައި އަންނަވަރު ކުރާނަން...." ސޯފިޔާ އަނެއްކާވެސް ބުނެލިއެވެ. ހިތްވަރާއެކުގައެވެ.
"މިހާރު އެނގިއްޖެއެއްނު. ކުޑާއްތަ ތިއުޅެނީ ކުޑާއްތަ މިކޮޅުގަ ހުންނަދުވަސްކޮޅަށް ނަވީންބެ ގެނުވަން ދޯ؟ ހެހެހެ...." ޑްރައިވަރު ސީޓާއި ޖެހިގެން އިން ސީޓްގައި އިން ހަމްދުވެސް އެމީހުންގެ އެ ވާހަކައިގައި ބައިވެރި ވެލިއެވެ.
ހަގީގަތަކީ އެއީކަން އެންމެންނަށް ގަބޫލުކުރެވުނީ އެވަގުތުއެވެ. ލުއިހިނިތުންވުމެއް ހުރީ، ނަވީން މި މަހުވެސް ނައަންނާނެކަން އެނގޭ އިނާގެ މޫނުމަތީގައި އެކަންޏެވެ. އެނޫން އެންމެންނަށް އެއްފަހަރާ ބާރަށް ހީގަނެވުނެވެ.
** ** ** ** ** ** **
އެރޭ އެގޭތެރެއަށް އިތުރު ދިރުމެއް އައިސްފައިވާ ފަދައެވެ. ސޯފިޔާގެ މަޖާ ވާހަކަ ތަކާއި އުފާވެރި އަޑުން ގޭތެރެ ވަނީ ފަޅުފިލާފައެވެ. ރޭގަނޑުގެ ކެއުމުގެ ފަހުން ވަރަށް ލަސްވީއިރުވެސް އިނާވެސް ކޮޓަރިއަށް ނުގޮސް ސިޓިންރޫމްގައި އިނެވެ. އާއިލާ އެންމެންނާއެކު އެކިއެކި ވާހަކަތައް ދެއްކުމުގައެވެ. އެންމެ ޚާއްޞަގޮތެއްގައި ދެކެވެމުން ދިޔައީ ސޯފީ އެރަށަށް އައިސް އެހުރި އެއް ހަފްތާ ހޭދަކުރާނެ ގޮތަކާ ދޭތެރޭގައެވެ. ޕިކްނިކް ދިއުމާއި ތަންތަން ބަލާލަން ދިއުމަށް ދުވަސްތަކާއި ގަޑިތައް ކަނޑައެޅެމުން ދިޔައެވެ.
ސޯފިޔާ އެރަށަށް ދެފަހަރަކު އައިސްފައިވީނަމަވެސް ރަށުގައި ދުއްވާލަން ދިއުމާއި ކޯއްޓޭ އާއި ހިތަދޫ ކުޅި ނޫން ޚާއްޞަ ތަނަކަށް އަދި ދެވިފައި ނެތެވެ. އެހެންކަމުން މި ދަތުރުގައި އެރަށުގެ ރީތި ތަންތަން ބަލާލަން ދިއުމަށާއި ހުޅުދޫ އާއި މީދޫއަށް ކޮންމެހެންވެސް ދާން ބޭނުންވާކަމުގެ ޝައުގު ސޯފީ ދިޔައީ ފާޅުކުރަމުންނެވެ. ޚާއްޞަ ގޮތެއްގައި ބޮޑުކޮށް ރޭވެމުން ދިޔައީ ކައިރީގަ އޮންނަ ފަޅުރަށްތަކުގެ ތެރެއިން ފަޅުރަށަކަށް ދަތުރު ދިއުމުގެ ވާހަކައެވެ.
ސޯފިޔާ ބޭނުންވަނީ އޭނަގެ އެ ޗުއްޓީ ވަރަށް ފުރިހަމައަށް ޗުއްޓީއެއްގޮތަށް ހޭދަކުރުމަށެވެ. މިކަމުގައި ޚާލިދު އާއި ޝީލާގެ ތާއީދު ބަރާބަރަށް ސޯފިޔާއަށް ލިބެމުން ދިޔައެވެ.
"މިހާރު ކޮބާ ހަމްދު.....؟" ޚާލިދު އާއި ޝީލާ ބޭރަށް ދިއުމުން، އިނާއާއި ސޯފިޔާ އެކަނިވި ވަގުތު ސޯފިޔާ އަހާލިއެވެ.
"ނިދަން ކަންނޭނގެ އެ ދިޔައީ. ސޯފީއަށް މާ އަވަސްހެން ހީވިޔަސް އެގާރައޭ އެ ޖަހަނީ...." ފާރުގައި ހުރި ގަޑިދައްކާލަމުން އިނާ ހަނދާން ކޮށްދިނެވެ.
"ދެން އާނ.....އެހެންނުވާނީ....މާ އަވަހަށޭ މިގޭ މީހުން ނިދަނީ....." ސޯފިޔާ އެ އައީ އަދި މިއަދު ހަވީރުއެވެ. އެކަމަކު އެހާ އަވަހަށް ފޫހިވާން ފެށިކަހަލައެވެ.
"ފޫހިވާންފެށީތަ މިހާ އަވަހަށް........" އިނާ އަހާލިއެވެ.
"ދެން ފޫހިވެސް ވާނެނު.....ބޭބީއަކު ނެތީމަ ކަންނޭނގެ......ދޮންތަގެ ފުށްގަނޑު އޮންނާނެ އަހަރެން މޮޑެން ބޭނުން ވަރަކަށް.....ނިދާފަ އޮތަސް އަހަރެން ގޮސް ހޭލައްވަމޭ........މިހާރު ކުރިއަށްވުރެންވެސް ބިސްކޮށް އޮންނަނީ........ހުންނާނެ ފަހުގެ ފޮޓޯތައް.....ހިނގާ ބަލަން...." ދެފައި ނަގާ ސޯފާއަށް ލައިގެން އިނދެފަ އުނގުގައި އޮތް ސޯފާގެ ބާލީސްވެސް އަވަހަށް ބާއްވާފައި ސޯފިޔާ ތެދުވިއިރުވެސް އިނާ ހަމަ އިނީއެވެ.
ބޭބީއެއް ނެތީމައޭ ސޯފީ ބުނުމުން އިނާގެ ހިތުގެ ތެޅުން ގަދަވެގެން ދިޔަވަރުން، ބޭރަށްވެސް އަޑުއިވިދާނެއޭ އިނާ ހިތަށް އެރިއެވެ. އެކަމަކު އިނާގެ ބޭރުފުށަށް އައީ އަދިވެސް އިތުރު ހިމޭން ކަމެކެވެ.
"ހިނގާބަލަ.........." ޖިންސުގެ ފުރަގަހުން ހިފައި ކުޑަކޮށް މައްޗަށް ޖައްސާލަމުން ސޯފިޔާ ހިނގައިގަތެވެ.
"ދެން މިހާރަކު ނޫން........" އިނާ އެހާ ދާހިތެއް ނެތެވެ.
"އެކަމަކު މިހާރުއޭ އަހަރެން ބޭނުންވަނީ ފޮޓޯތައް ބަލަން......" ސޯފީ ކުސްތަޅާލިއެވެ.
"ދޭ ގޮސް ލެޕް ހިފައިގެން އަންނަން މިތަނަށް..." ކަންނެތް ގޮތަކަށް އިނާ ބުނެލިއެވެ.
"ދެން ހިނގާބަލަ.....އޭގަ ބެޓެރިވެސް ހުރިކަމެއް ނޭނގެ މިހާރަކު.....ހިނގާބަލަ ދެން........" އެންމެފަހުންއައިސް އިނާގެ އަތުގައި ހިފައި ސޯފިޔާ ދަމަން ފެށިއެވެ.
އިތުރު ގޮތެއް ނެތުމުން ސޯފިޔާގެ ފަހަތުން އިނާވެސް ހިނގައިގަތެވެ.
ޚާލިދު އާއި ޝީލާގެ ކޮޓަރި އާއި ގެސްޓް ރޫމެއް ނޫން އެހެން ހުރިހާ ކޮޓަރިއެއް ހުންނަނީ ދެވަނަ ބުރީގައި ކަމަށްވުމުން ދެމީހުންވެސް ސިޑިން އަރައިގެން ހިނގައިގަތީ ދެވަނަ ބުރީގައި ސޯފިޔާ ހުރުމަށް ހަމަޖެހިފައިވާ ހުންނަ ގެސްޓް ރޫމާއި ދިމާލަށެވެ.
"މަޑުކޮށްލައްޗޭ...." ވައަތްފަރާތުން ފުރަތަމަ ޖެހޭ ހަމްދުގެ ކޮޓަރިއާއި އަރާ ހަމަވެފައި މިހެން ބުނެލާފައި އިނާ މަޑުމަޑުން ހަމްދުގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. އޭނަ ނިދަން ދިއުމުގެ ކުރިން ހަމްދު ނިދީތޯ ބެލުމަކީ ކޮންމެ ރެއަކުވެސް ކުރަން އޭނައަށް އާދަވެފައިވާ ކަމެކެވެ.
"ކުޑާއްތަ އެބަހޯދާ ހަމްދު ....." ކޮޓަރީގައި ވަނީ ނިދާބޮކި ދިއްލާފައި ކަމަށްވިޔަސް ލެޕްޓޮޕް ހިފައިގެން އަދިވެސް މޭޒުދޮށުގައި ހަމްދު އިންތަން ފެނިގެން އިނާ ބުނެލިއެވެ. ދޮރަށް ފުރަގަސް ދީގެން އިން ހަމްދު އިނީ އަދިވެސް ގޭމް ކުޅޭށެވެ. ދޮރު ހުޅުވިއިރުވެސް، ހަމްދުއަށް ނޭނގުމުން އިނާ މިހެން ބުނީ ހުޅުވާފައި ހުރި ދޮރުގައި ޓަކި ޖަހައި ހަމްދުގެ ސަމާލުކަން އެ ދިމާލަށް އަނބުރާލަމުންނެވެ.
"ކޮން ގޭމެއް ތިއީ.........؟" އިނާއަށްވެސް އަދި ހަމްދުއަށްވެސް އިތުރު އެއްޗެއް ނުބުނެވެނީސް، އަތް ދުރަށް ލާފައި އަވަހަށް ސޯފިޔާ އެ ކޮޓަރިއަށް ދެމިގެންފިއެވެ. ފޫހިވެގެން އުޅުނު މީހާއަށް ކަމެއް ފެނުނީތާއޭ އިނާގެ ހިތާ ހިތާ ބުނެލެވުނެވެ. ސޯފިޔާ އަކީ ގޭމްކުޅެން މަރެއްކަން އެމީހުން އެންމެންވެސް ދަނެއެވެ.
"ދެން އަހަރެން ދަނީ..........ސޯފީ އިނދޭ ދެން ތިތާ....." ހަމްދު ކުޅޭ ގޭމުގެ ޝައުގުގައި ސޯފިޔާ ޖެހުނުތަން ފެނިފައި އިނާ އަވަހަށް ދާން އުޅެގެންފިއެވެ.
"އޯކޭ އޯކޭ....އަވަހަށް ދޭ...........މާދަން ދޯ ފޮޓޯ ބަލާނީ......." ހަމްދުކައިރީ ހުރި ސޯފީ އެދިމާލަށްވެސް ނުބަލާ އަތްހޫރާލާފައި އިނާއަށް ސަލާމް ކޮށްލިއެވެ.
އިނާ ދިޔައީއެވެ.
ހެދުންބަދަލުކޮށް ހަދައިގެން އައިސް ލޯގަނޑުކުރިމަތީގައި އިނދެގެން އަތުގައި ލޯޝަން ހާކައި ފުނާ އަޅާ ހަދާލައިގެން ނިދަން ދިއުމަށްޓަކައި ތެދުވެއްޖެއެވެ.
ނަމަވެސް ލޯގަނޑުކުރިމަތީގައި ހުއްޓެވިއްޖެއެވެ. އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ލޯގަނޑުން ފެންނަން އެހެރަ އޭނަގެ އަމިއްލަ ސޫރައަށެވެ. ހެދުންމަތިން އެއްވެސް ވަރަކަށް އުފުލިފައި ނުވާ އޭނަގެ ތުނި ތުނި ބަނޑާ ދިމާލަށެވެ. ހިތަށް އައި ޚިޔާލެއްގެ ސަބަބުން އިޚްތިޔާރަކާ ނުލާ މަޑުމަޑުން ބަނޑުގައި އަތްޖައްސާލެވުނެވެ. އެތެރެއިން ވިންދެއްގެ އިހްސާސް ކުރަން ބޭނުންވާ ފަދައަކުންނެވެ. ލޯގަނޑަށް ހުއްޓިފައި ހުރި ނަޒަރު އަނބުރާލެވުނީ އަމިއްލަ އަތާއި ދިމާލަށެވެ. މަޑުމަޑުން ބަނޑުގައި އަތް ކާއްތާލެވުނެވެ. ލޯތްބާއެކުގައެވެ.
"ﷲ.....ދެން ހަދާނީވެސް ކިހިނެއްހެއްޔެވެ؟ ނަވީން އަކީ ހަގީގަތުގައިވެސް އެހާ ވިޔާނުދާ މީހަކަށް ވެދާނެހެއްޔެވެ؟ އެކަން އޭނަ ހޯދާނީ ކިހިނެއްހެއްޔެވެ؟ ކަމުގެ ހަގީގަތް އޭނައަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ މިކަން ފަސޭހަކޮށް ލުއިކޮށްދެއްވާނދޭވެ. ﷲ....ނަވީން އާއި އޭނަގެ ދެމެދަށް އެފަދަ ބޮޑު ހުރަހެއް މެދުވެރިވިޔަ ނުދެއްވާނދޭވެ........ނަވީން އާއި ނުލައި އޭނަ އުޅޭނީވެސް ކިހިނެއްހެއްޔެވެ؟ އެގޮތް ދަސްކުރާކަށްވެސް އޭނަ ބޭނުމެއް ނޫނެވެ.....މިކަމުގައި އޭނައަށް އަލިމަގެއް ދައްކަވާނދޭވެ.....އޯވހ......އޭނައާއި ނަވީންގެ ލޯބީގެ ރަމްޒެއްގެ ގޮތުން އޭނައަށް މި ލެއްވި ނިޢުމަތުގެ ވާހަކަ އަދިވެސް އޭނައަށް ނަވީން ކައިރިއަކުވެސް އަދި އެހެން މީހެއްކައިރީވެސް ނުބުނެވެއެވެ. އެއީ ކިހާ ބޮޑު ވޭނެއްހެއްޔެވެ؟ އޭނަ ބޭނުންވަނީ އުދުހިފައި ނަވީން ކައިރިއަށް ދާށެވެ. ނަވީން ބައްޕައަކަށް ވާކަމުގެ އުފާވެރި ޚަބަރު ދޭށެވެ. އެކަމަކު............."
އިސް އުފުލާފައި އިނާއަށް ލޯގަނޑާއި ދިމާލަށް ބަލާލެވުނުއިރު، އަމިއްލަ ލޯ ފެންކަޅިވެ ފުރިފައިވާތަން އިނާއަށް ފެނުނެވެ.
"މިއީ ކާކު..........." ފުން އަސަރުތަކެއްގައި ޖެހިފައި އިނާ ހުއްޓާ ކުއްލިއަކަށް އައިސް ކޮޓަރިއަށް ވަނީ ސޯފީއެވެ. އިނާ ދިޔައީ ސިއްސައިގެންނެވެ. ލޮލުގައި ހުރި ކަރުނަތައް ސިއްރުކުރަންވެސް އިނާއަކަށް ހަނދާނެއް ނުވިއެވެ. އެނބުރެވުނީ ވަދެގެން އަންނަ ސޯފީއާއި ދިމާލަށެވެ.
"މިއީ ކާކުކަން އިނާއަށް ހަމަ ނޭނގެނީތަ.......؟" ހަމްދުގެ ލެޕްޓޮޕް ހިފައިގެން އައިސް އިނާ ކައިރިއަށް ހުއްޓި ވަރަށް ނުރުހިފައި ސޯފީ މިހެން އަހާލުމުން ހައިރާންވެފައި އިނާ ބަލާލިއެވެ.
އެއީ ލީނާއެވެ.
އެގެއަށް އައިސް އުޅުނުދުވަސްވަރު ހަމްދުގެ ފޯނުން ހަމްދު ނަގާފައި ހުރި ފޮޓޯތަކެކެވެ.
އަނެއްކާ ސޯފީއާއި ލީނާ އާއި ކޮންކަމެއްހެއްޔެވެ.
"ކިހިނެއްވީ....؟ ކާކު ތީ....؟ " އެ ދެމީހުންނަކީވެސް މާލޭގައި އުޅޭ ދެމީހުން ކަމަށްވުމުން، ސޯފީއަށް ލީނާ އެނގުމަކީ މާ ބޮޑަށް އިނާ ހައިރާންވާ ކަމެއް ނޫނެވެ. އެކަމަކު އެއަށްވުރެ ގާތްގުޅުމެއް އޮންނަ ނަމަ އިނާވެސް އެނގެން ބޭނުން ވެއެވެ.
"މިއީ.......މިއީ އޭނަ.....ޒިޔާދު އާއި އިނާގެ ދެމެދަށް އައި މީހަކީ މިއީ.......މީނަ ހުރީ އެއްކަލަ ރޭ ލެކިއުޓްތެރޭ....ހަނދާންއެބަހުރިތަ.....މަންމަ ނިޔާވިފަހުން ފުރަންވެގެން ޝޮޕިން ކުރަންދިޔަރޭ.....ހަނދާންނެތްތަ....؟" އެއްކަލަރޭ ލެކިއުޓްތެރެއޭ ބުނީމަ އިނާ އެހުރިހާ އެއްޗެއް ހަނދާން ވެއްޖެއެވެ. އެކަމަކު އިނާ އަނގައިން ނުބުނެ ހުރުމުން ނޭނގުނީ ކަމުގައި ހީކޮށް ސޯފީ ދިޔައީ އިނާއަށް ހަނދާން ކޮށްދެމުންނެވެ.
އެރޭ އެ އަންހެންކުއްޖާގެ މޫނެއް އޭނަ ނުދެކެއެވެ. އެކަމަކު ސޯފީއަށް އޭނަ ފެނުނެވެ. އެރޭވެސް ސޯފީ އެ ވާހަކަ ދެއްކިއެވެ.
"ސޯފީއަށް އޮޅުނީކަންނޭނގެ.......؟" ސޯފީ އައިސް އެބުނިގޮތުންވެސް އެކަމުގައި ސޯފީއަށް ނޯޅޭކަން އިނާއަށްވެސް އެނގެއެވެ. އެކަމަކު އޭނަ ބޭނުންވީ އެއީ އޮޅުމަކަށްވާށެވެ.
"ނޫނެކޭ.....އަހަންނަކަށް ނޯޅޭނެނު....އަހަންނޭ އެރޭ ގޮސް ޒިޔާދުއާއި ވާހަކަ ދެއްކީ. އަހަރެން ދުށީމޭ އޭނަ.....އަނެއްކާ އޭގެ ފަހުންވެސް އެތައްފަހަރަކު އަހަރެން ދެކެން އެ ދެމީހުން.....މިހާރުވެސް އުޅެނީ އެއްކޮށް.....ކިހިނެއް ދެން އަހަންނަށް އޮޅޭނީ....." ސޯފީ ޔަގީންކަން ދިނެވެ.
އިނާއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. މިއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
ޒިޔަދުއާއި އޭނަވެސް ވަކިވީ އެ ލީނާއާއި ހެދިހެއްޔެވެ؟ ނަވީން އާއި އޭނަވެސް ދުރުކުރަން އޭނަ އައީހެއްޔެވެ؟
އެކަމަކު ކީއްވެހެއްޔެވެ؟
ޑްރެސިންގ ޓޭބަލްގެ ގޮނޑީގައި އިނާއަށް އިށީނދެވިއްޖެއެވެ.
"ކީއްވެ އިނާ ރޮނީ.........؟" ސޯފީ އެ ކޮޓަރިއަށް އައިއިރުވެސް އިނާއަށް ހުރީ ރޮވިފައެވެ. ސޯފީއަށް ނުފެނުނީއެވެ. ފެނުނު ވަގުތު ސޯފީއަށް ހީވީ އޭނަ އެ ދެއްކި ވާހަކައިން އިނާއަށް ރޮވުނީ ކަމަށެވެ. އެ ކަރުނަތަކުގެހަގީގަތެއް ސޯފީއަކަށް ނޭނގެއެވެ.
"މިވާހަކަ ދެއްކީމަތަ ތި ރޮނީ....ކޮންކަމެއް.....؟؟ މިހާރު އެކަން އެއީ މާޟީއެއްނު....އެކަން އެ ނިމުނީނު.....މިހާރު ތިއުޅެނީ މާ އުފަލުގަ....އިނާ ދެކެ މާ ލޯބިވާ މީހަކާއެކުނު.....މިއީ ރޯންޖެހޭ ކަމެއް ނޫނޭ.....އަހަރެންގެ ގާތަށް އަންނަނީ ރުޅި.....ހަމްދު ކައިރިން އެހީމޭ މިއީ ކާކުހޭ....ހަމްދުކިޔައިދީފި......ނުލަފާ އަންހެނެއް މިއީ........" އިނާގެ ހިތުގައި ހިނގާ ޝުޢޫރުތައް ނޭނގި އިނދެ ސޯފީ އޭނަގެ ރުޅި ފާޅުކުރަމުން ދިޔައެވެ.
"ހިލާ އަހަންނަށް ނުހުރެވޭނެ މިކަމާ އަޅާނުލައެއް.....އެރޭވެސް އަހަރެން އެހާ ބޮޑަށް ދޫކޮށްލީ ހަމަ އިނާއަށްޓަކާ....އެކަމަކު މިހެން އޮޅުވާލައިގެން މިގެއަށް އައިސް އިނާގެ ދިރިއުޅުމަށް ވަނުމުގެ ހައްގެއް ނޯންނާނެ އޭނައަކަށް.......ކީއްވެގެންތަ އިނާ އެއްޗެއް ނުބުނީ....؟" ސޯފީ އިނީ ހަގީގަތުގައިވެސް ރުޅިއައިސްފައެވެ.
"އަހަންނެއް ނުދެކެމޭ ސޯފީ......އެރޭވެސް ބުނީމެއްނު ނުދެކެމޭ އޭނަގެ މޫނެއް.....؟" އިނާގެ ގާތަށްވެސް ރުޅިއަންނަ ގޮތް ވިއެވެ.
"ޝީލާއްތަމެންކައިރީ އިނާ ނުބުންޏަސް ހެޔޮ އިނގޭ. އަހަރެން މިފަހަރު ދާނީ މިވާހަކަ ބޮޑުބެއަށާއި ޝީލާއްތައަށް ކިޔާދީފަ.....އެހެން ނޫނީ އިނާ ނުބުނެ ހުއްޓާ އަނެއްފަހަރުވެސް އޭނަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މިގެއަށް އަންނާނެ.....އޭނަގެ އޮފީސްކަމެއްގެ މިރަށަށް އަޔަސް، މި ނޫން ގެއެއް އޭނައަށް ނުފެނުނީތަ ހުންނަން؟ އޭނަ ފޮނުވި އޮފީހުން އޭނައަށް އެކޮމޮޑޭޝަންވެސް ދޭނެނު. ޔަގީނޭ މީގަވެސް އޮންނާނެ އޭނަގެ ކޮންމެވެސް ރޭވުމެއް....." ސޯފީއަށް އެބުނެވުނު ތެދުބަހުގެ ހުރި ހަގީގަތް ސޯފީއަށް އެނގޭނެ ނަމައޭ ހިތަށް އަރާފައި އިނާއަށް ސޯފީއާއި ދިމާލަށް ހަމަ އެކަނިބަލާލެވުނީއެވެ.
"ހަމަ ރަނގަޅަށް މިބުނީ.........ކޮންމެވެސް މީހަކު ވެއްޖެހެން ހީވަނީ ހަގީގަތް ހާމަކުރަން....." އިނާ ބަލާލުމުން ސޯފީ އަދިވެސް އިތުރަށް އަޑަށް ބާރުލާފައި ބުނެލިއެވެ.
ސޯފީ އަކީ އަބަދުވެސް ކެރޭ އަންހެންކުއްޖެއްކަން އިނާ ދަނެއެވެ.
އެކަމަކު މީގެ ސަބަބުން ދެން ވާނީ ކިހިނެއްހެއްޔެވެ؟ ނަވީންއާއި ވެސް ލީނާއާއި ގުޅުމެއް އެބަ އޮތްކަން ސޯފީއަށް އެނގޭނެހެއްޔެވެ؟ ޒިޔާދު އާއި އޭނަގެ ދެމެދަށް އައިގޮތަށްވުރެ ނުބައި ސިފައެއްގައި އޭނައާއި ނަވީންގެ ދެމެދަށްވެސް އެ ލީނާ އެހެރީ އައިސްފައިކަން ނުބުނެ އޭނައަށް ހުރެވޭނެ ހެއްޔެވެ؟

ތޭންކްސް
ސޮފް..................
އަޅެ އިނާ
އަށް ހަގީގަތް އަވަހަށް ކިޔާދީބަ ސޮފާ.......... އެހެންނޫނީ އެކުއްޖާގެ ހިތް
ފަޅިފަޅި ވެދާނު.......
އެޓްލާސްޓް
ފޯން ކޯލް އަތުވެއްޖެ...........
ތެންކުސް.ފަސްޓްކޮމެންޓް
މީ މަގޭ.ވަރަށްރީތި މިވާހަކަ
ސަޅި..
ފަތިސްތަރީގެ ފޭސްބުކް ގްރޫޕް http://www.facebook.com/groups/Fathisthari/
ވވވ ސަޅި
މިބައިވެސް. އެކަމަކު ހާދަ ލަހޭގެނެސްދިން ގޮތް.
އެތަށް
ދުވަހެއްގެ އިންތިޒާރަށް ފަހު ފޯންކޯލް އަތުވެއްޖެ!!! އައިމް ސޯ ހެޕީ ސޮފާ :)
އަޅޭ، ދެންވެސް އިނާއަށް އަންގަބަ ހުރިހާ
ފަންޏަކީ އެ ލީނާކަން... އެއީ ދޮގު ފުންޏެއް ކަން... ހެޔޮ ނުވާނެ ދެން... އިނާގެ
އުފާވެރި ކަމަށް އިތުރު ހުރަސް ނާޅަބަލަ ސޮފާ.... ދެރަވެޔޭ، ދެން ނަވީންވެސް
އަވަހަށް އަންނަން އުޅެބަލަ! އަނެއްބައި ކިޔާހިތް ވަނީ މިހާރު... ކީވަރަކަށް
ބޮޑަށް ކިޔާ ހިތް ވަނީ... ދަ މޯ އައި ޑްރިންކް، ދަ ތަރސްޓިއަރ އައި ބިކަމް....
ނޫންތަ؟ ހެހެހެ... ސޮފާ، އަނެއް ބައި އަވަހަށް ގެނެސް ދެއްޗޭ. ވަރަށް ސަޅި
ވާއު....
ޝަޒްގެ ފާރސްޓް ކޮމެންޓް އޯ!!!!!!!! ވަރަށް ސަޅި އިނގޭހަމަ.................
a bit too slow I guess, whens
the next update going to be? Thanks for this part, really interesting how you
carry on the story.
ވަރަށް
ރީތި.އަވަހަށް އަނެއް ޕާޓް ގެނެސްދެއްޗޭ.
މިހާރު
މުރާސިލް ހާދަ "ކަޑަ" ވެއްޖެޔޭ. އަޅެ ވާހަކަތަށް މިއަށްވުރެ އިތުރުވާނެ
ގޮތެއް ނެތީތަ؟؟
އަޅެ
މިވާހަކައަށް ކޮމެންޓް ނުކުރެވެނީ ކީއްވެތަ؟ މިހާރު ހެނދުނުއްސުރެން ހާދަ
ޓްރައިއެއްކުރެވިއްޖެއޭ؟ފޫހި މުރާސިލް.............ސޮފް..........ބްލޮގް
ފަށާފައެއްނު އޮތީ.......މުރާސިލް ދޫކޮށްލާފަ ބްލޮގްގަ ލިޔަން ލައިއަށް
ފެންނަނީ.ގައިމުވެސް ކޮމެންޓްކުރަން ފަސޭހަވާނެދޯ އޭރަށް.ސޮފް....މިބައި
ވވވވވވވވވވ އިންޓަރެސްޓިން.އަނެއްބައި ދެން ކޮންއިރަކުންތަ ލިބޭނީ ސޮފް....ޔޫ އާރ
ދަ ގްރޭޓް.
ވ.ސަޅި
ފަތިސްތަރިގަނޑާ...އަނެއްބައި އަވަސް.
ޕިސްޕިސް....ހާދަދުވަހެއްކޮށްލާފައޭ
ދޯ....އެކަމަކުވެސް ހަމަ އެއްވަނަ އިނގޭ...ސުޕަރ....
ވާހަކަ
ގެންދާގޮތް....އަންފޯލްޑްވާ ގޮތް....ހަމަ ވ. އޮބި....ތިވަރެއް
ނުދެކެން....ވވވ.ފުރިހަމަ....ވވވވ.ރޭވުންތެރި....ވވވ ރީތި...ޚާއްޞަކޮށް ސޮފާގެ
ބަސްމަގާއި ރާގު ....ހަމަ ސުޕަރ....ވވވވވވވ....ރީތި.
omg i just so this, varah nice
ingey soff. sofy addu ah dhaavaahaka sheelaa buni haa irah riu hitah arifiyey
miulheny leenaage kantah ingen shey ina ah.. haada reechey soff ehbayaa anehbai
connect kohlaafa huhna goi.. varah salhi hama.. varah furihama, you are the
best and i meant it ingey..vaahaka kyaalaa iru baeh faharu heevey hama soff aa
vaahaka dahkaaleveny hen ves. heheh,. egijje dhow mi buni ehcheh.. i missh yu
so much soff.. hope to talk ya some time soon. take good care and be safe, mwah
omg i just so this, varah nice
ingey soff. sofy addu ah dhaavaahaka sheelaa buni haa irah riu hitah arifiyey
miulheny leenaage kantah ingen shey ina ah.. haada reechey soff ehbayaa anehbai
connect kohlaafa huhna goi.. varah salhi hama.. varah furihama, you are the
best and i meant it ingey..vaahaka kyaalaa iru baeh faharu heevey hama soff aa
vaahaka dahkaaleveny hen ves. heheh,. egijje dhow mi buni ehcheh.. i missh yu so
much soff.. hope to talk ya some time soon. take good care and be safe, mwah
ވަރަށް
ފުރިހަމަ މިބައިވެސް..އަބަދުވެސް ތިގޮތުގާ ކުރިއަށް ދާނެކަމަށް
އުންމީދުކުރަނީ...ބިޒީ ކޮށް އުޅެމުންވެސް ކިޔުންތެރިންނަށްޓަކާ ވާހަކަ
މެދުކަނޑާނުލާ ކުރިއަށް ގެންގޮސްދޭ ކަމަށްޓަކައި ސޮފާއަށް ފަށްފަށުން ޝުކުރު
އަދާކުރަން...ސޮފާއަށް އަބަދުވެސް ކާމިޔާބީއަށް އެދެމުން މިރޮނގުގައި
ފަސްޖެހުމެއްނެތި ކުރިއަށްދިއުމުގެ ތަޢުފީޤުދެއްވުން އެދި ދުޢާކުރަން...
އެނަލިސްޓް : ވާހަކަ ފެނުނީ
މާލަހުން..އެހެންވިމަ ކޮމެންޓްވެސް ލަސްވާނެ އެއްނުދޯ..ވާހަކައިގެ ދެން އޮތް
ބައިވެސް މިހާ ފުރިހަމަ ވާނެކަމަށް އުންމީދު ކުރަނީ.. :)
ބްރޭކް
އަކަށްފަހު އަނެއްކާވެސް ވާހަކަ ގެނެސްދޭން ފެށިކަމަށްޓަކާ ވަރަށް ބޮޑަށް
ޝުކުރިއްޔާ..މި ޕާރޓް ރީތި އެކަމަކު މިއަށްވުރެ ފުރިހަމަކޮށް ސޮފާއަށް
ގެނެސްދެވޭނެކަން ޔަގީން.މިބުނީ އެހެން ޕާރޓް ތަކާ ކޮމްޕެއަރ ކޮށްފަ މިއީ ސޮފްގެ
ބެސްޓް ހެނެއް ހިޔެއްނުވޭ..އިނާ އާ ނަވީންގެ ބައި މާ މަދުވީމަ ކަން ނޭގެ.ދެމީހުން
ބައްދަލުވާއިރު އެހުންނަ އަސަރު މިސްވަނީ.ބޮޑަށް ކިޔާ ހިތްވަނީ އެދެމީހުންގެ
ބައި.ދެން އަންނަ ޕާރޓް ވަރަށް އިންޓްރެސްޓިންގ ވާނެހެން ހީވޭ..އެދެމީހުން
ބައްދަލްވެ އިނާއަށް ހަގީގަތް އެނގެން ހެން ހީވަނީ އެއުޅެނީ..ސޮފާގެ މަސައްކަތުގަ
މާތް ﷲ ބަރަކާތް ލައްވާށި. އާމީން
އަދި
ކިރިޔާ މި ފެނުނީ...........ވވ.ވ.ވ.ވ.ވ.ވ
ވވ.ވ.ވ.ވ.ވ.ވވވ.ވ.ވ.ވ.ވ.ވވވ.ވ.ވ.ވ.ވ.ވވވ.ވ.ވ.ވ.ވ.ވވވ.ވ.ވ.ވ.ވ.ވވވ.ވ.ވ.ވ.ވ.ވވވ.ވ.ވ.ވ.ވ.ވ
ފުރިހަމަ......ގުޅުވާލާފައި ހުންނަ ގޮތް ވވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.މޮޅު.......ޥޥޥޥޥޥޥޥ
ސަޅި...........1 ވަނައިގެ ވާހަކައެއް މިއީ. ކުޑަކޮށް މެދުކެނޑޭތީ
މައްސަލައަކީ.އެހެން ނަހަދާ ދެން އޮތް ބައި އަވަހަށް ގެންނައްޗޭ
ސޮފް....ވެއިޓީންގ. ވެއިޓިން....

Hi all readers....welcome to my blog. mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.
ReplyDelete