🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 2 ވަނަ ބައި

އަނެއްކާ އިނާ........
އިނާ އޭނައާއެކު ކުޅިގަނޑެއް ކުޅެލަނީކީ ނޫންބާވައެވެ.

އެރޭ ގެއަށް ގޮސްފައި އޮފީސް މަސައްކަތްތައް ބަލާލުމަށް ގަސްދުކޮށް ލެޕްޓޮޕް ހިފައިގެން ނަވީން އިށީނެއްކަމަކު....ކުރެވެން ފެށީ އިނާގެ ޚިޔާލެވެ. އިނާއާއި ބައްދަލުވެ ވާހަކަ ދެކެވުނީތީ އުފާ ލިބެމުންދިޔައިރު ޖަވާބު އެނގެން ބޭނުންވާ ސުވާލުތައް ގިނަކަމުންވެސް ނަވީނަށް އުނދަގޫވާން ފެށިއެވެ.
މިހާ ސީރިއަސްކޮށް އަންހެންކުއްޖަކާއި ދޭތެރޭ އޭނައަށް ނުވިސްނޭތާވެސް ޒަމާންތަކެއްވެސް ވެއްޖެއެވެ. ފަޒީލާއާއި އޮތް ގުޅުން ކެނޑުނުފަހުން މިވީ ތިން އަހަރުތެރޭވެސް ވަޒީފާގެ ކަންތަކާ އުޅެފައި އެހެންކަމަކާ އަދި އޭނައަށް އޮތީ ނުއުޅެވިފައެވެ. އޭރުގެ އެ ހިތިރަހަ އޭނަގެ ކަރުތެރެއިން ކެނޑެން ތިންއަހަރު ނެގީއެވެ.


ވާނީވެސް އެހެން ނޫންހެއްޔެވެ؟ ފަޒީލާގެ ނަމަކީ ތާރީޚުގައިވެސް ލިޔެލެވޭވަރުގެ ނަމެކެވެ. ކައިވެންޏަށް އަމާޒުކޮށްގެން ފަޒީލާއާއި ގުޅުނީ އެ އަންހެންކުއްޖާގެ ނިކަމެތި ހާލަށްޓަކައި ހިތުގައި އުފެދުނު ހަމްދަރްދީ އާއި ލޯތްބެއްގެ ސަބަބުންނެވެ. ފަޒީލާއަށްޓަކައި އޭނަ ނުކުރަނީ ކޮން ކަމެއްހެއްޔެވެ؟ އެކަމަކު ފަޒީލާއަށް އެހެން މީހަކު ދެކެ "ލޯބި ވެވުނީ" އެވެ. ކުއްލިއަކަށެވެ. އޭނަގެ ފަރާތުން ލޯތްބާއި އޯގާތެރިކަމާއި މުދަލާއި ފައިސާގެ އެހީތެރިކަމާއި މިނޫނަސް އެހެން ހުރިހާ ގޮތަކުންވެސް ފަޒީލާއަށް އެހީވޭވޭ ހުއްޓާ ފަޒީލާއަށް މީހެއް ދެކެ ލޯބިވެވުނީއެވެ. އެވެސް އަދި އޭނައަށްވުރެ މުއްސަނދިވެފައި އުމުރުން ދުވަސްވީމީހެއްދެކެ އެވެ.

މިއަދާއި ހަމައަށްވެސް އޭނަގެ ރަހްމަތްތެރިން އެކަމާއި ގުޅުވައިގެން އޭނައަށް ޖޯކް ޖަހައެވެ. ޖަހާނެއެވެ. ނުދަންނަ މީހުންވެސް ޖޯކް ޖަހާނެއެވެ. އަންހެންކުދިންނަށް މީހުން ދެކެ ލޯބިވެވޭގޮތުގެ ނަމޫނާއެއް ވިއްޔާއެވެ.

ކުރާނީ ކީއްހެއްޔެވެ. ދިރިއުޅުމަކީ އަރަތެކެވެ. އިންސާފާއި ވަފާތެރިކަމަކީ މިޒަމާނުގައި ތޫނުދަތްތައް ހުރި ދިރޭ އެއްޗެކޭ އެއްގޮތެވެ. ތަދުކޮށްލާނެ އިރެއް ހަމަ ނޭނގޭނެއެވެ.

މިހާރު ދެން މި ފެނުނީ އެ ރީތި އިނާއެވެ. އޭނައަށް މި ރުހެވެނީ މީހެއްގެ އަންބަކާނޫންކަމެއްވެސް އަދި ނޭނގެއެވެ. މީހެއްގެ ލޯބިވެރިޔަކާ ކަމަށްވުންވެސް އެކަށީގެންވެއެވެ. އެހާ ފުރިހަމަ އަންހެންކުދިން މި ޒަމާނުގައި ހުހަކަށް ނުތިބޭނެއެވެ. އެހެން ނިންމާކަށްވެސް ނުވާނެއެވެ. އެނގޭނީ ޚަބަރުދަބަރު ބެލީމަނޫންހެއްޔެވެ.
******************
"ހަމްޒާއަށް ހީވަނީ ކިހިނެއް......؟ މިބުނީ މިރޭ އެގެއަށް ދާންވީތަ؟" އިނާމެންގެއަށް ދާން ލިބިފައި އޮތް ދަޢުވަތުގެ ކުރިން އެ ދުވަހުގެ ހަވީރު ނަވީން އާއި އޭނަގެ ގާތް ރަހްމަތްތެރި ހަމްޒާ ތިބީ ފޭދޫގެ އައިކެފޭ ރެސްޓޯރެންޓްގައި ކޮފީއެއްގައެވެ. އެކަކީ އައްޑުއަތޮޅުގައި ގާއިމްކޮށްފައިވާ ދިރާގުގެ އެންމެ އިސްމީހާއަށްވެފައި އަނެކަކީ ހިތަދޫ އިންޖީނުގޭގެ ވެރިއެއްކަމުގައިވިޔަސް ދެމީހުންވެސް ދައްކަނީ އޮފީސް ދާއިރާގެ ވާހަކަތަކެއް ނޫނެވެ. ދައްކަމުން ދަނީ އިނާގެ ވާހަކައެވެ.

އެކޮފީ ބައްދަލުވުން ރާވަން ޖެހުނީވެސް އިނާއާއި ބައްދަލުކުރަން އެގެއަށް ދިއުމުގެ ކުރިން އެގެއާއި އެއާއިލާއާއި އެމީހުންނާއި ބެހޭ ގޮތުން އެނގެންޖެހޭ މަޢުލޫމާތުތަކެއް އެނގުމުގެ ބޭނުމުގައެވެ. ނުދަންނަ ރަށެއްގައި އެރަށުގެ މީހަކުގެ އެހީއަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ.

"ކީއްވެ ނުދާންވީ؟ ފުރުޞަތު ލިބުނީމަ ބޭނުންހިފީމަތާ އެނގޭނީ ދެން ވާ ގޮތެއްވެސް. ތިބުނާ ޒިޔާދެއް މިރަށުން ފެންނަތާ ދެތިންދުވަހެއް ވެދާނެ މިހާރު. އަހަންނަކަށްވެސް ނޭނގެ އެއީ ކާކުކަމެއް. އެކަމަކު ޔަގީންކަމާއެކު ބުނެފާނަން. ޚާލިދު އާއި ޝީލާއަކީ މިއަތޮޅުގެ އެންމެގެ ގަދަރާއި އިހްތިރާމް ލިބިފައިތިބި ބައެއް އިނގޭ. އެދެމަފިރިންނަކީ ނުދަންނަ މީހުންނަށްވެސް އޯގާތެރި ބައެއް. ދެން ވިސްނާ އެމީހުންގެ ދަރިފުޅުގެ ރައްޓެއްސެއްގެ ގޮތުގައި ނަވީން ގޮއްސިއްޔާ ވާނެ ގޮތް. ހާސްނުވޭ." ހަމްޒާ ޔަގީންކަން ދިނެވެ.

"އާނ ދެން....ނުގޮހެއް ނުވެސް ހުރެވޭނެ އަހަންނަކަށް. ހެހެހެހ...." ނަވީން އެބުނީ ތެދެކެވެ.

"އިނާއަކީވެސް ދެވަނައެއްނެތްފަދަ އޯގާތެރި ނަރުހެއް. އަހަންނަށް ހީވާގޮތުން އިނާއަކީ އެ ހޮސްޕިޓަލްގެ އެންމެ ސީނިއަރ ތިން ނަރުހުންގެ ތެރެއިން އެކަކު. މިދެން ރާއްޖެތެރެ. މިތާކު ނުތިބޭނެ މާލޭގައި ތިބޭހާ މޮޅު ބައެއް. އެކަމަކު ޚާލިދު އާއި އިނާއަކީ ހަމަ ބެސްޓް އިނގޭ." ހަމްޒާ ވާހަކަ ދައްކަމުން ދިޔައީ ހިތުގެ އަޑިންނެވެ.

"ޚާލިދުއަކީ ކޮންކަހަލަ ޑޮކްޓަރެކޭ ބުނީ؟" ނަވީން އަދިވެސް އެއްފަހަރު އަހާލިއެވެ.

"އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެއް. އެކަމަކު ހުޅުހުޅުގެ ޑޮކްޓަރީކަމުގެވެސް މަތީ ސަނަދުތަކެއް އޮންނާތީތާ ދޯ އެކަހަލަ ކަންތަކަށް ފަރުވާ ކުރުމުގެވެސް ހުއްދަ ޚާލިދުއަށް ލިބޭނީ. ގައިމުވެސް މި އަތޮޅު އެންމެންވެސް ވަރަށް އިތުބާރު ކުރާ ޑޮކްޓަރެއް އެއީ އިނގޭ. ކަށީގެ ބަލިތަކަށްވެސް ވަރަށް ރަނގަޅު ޑޮކްޓަރެއް އެއީ. ދެން ވާނެގޮތަކީ މިތާގައި މެޝިނަރީ އާއި ވަޞީލަތްތައް ހުންނަވަރަކުންތާ ދޯ ފަރުވާވެސް ދެވޭނީ. " ހަމްޒާ އަކީ އައްޑުއަތޮޅު ރަނގަޅަށް ދަންނަ މީހެކެވެ.

"އާނ.....ކިތަންމެ މޮޅުމީހަކަށްވެސް އެނގިފައި ހުރި އެއްޗެއްގެ ބޭނުން ކުރެވޭނީ އެކަމަށް ވަޞީލަތްތައް ހުރެގެން. މުޅި މިގައުމުގެވެސް މައްސަލައަކީ އަސްލު އެއީ. ކިޔަވައިގެން އަންނަ އެއްޗެއް ނޫން ޕްރެކްޓިސް ކުރަން މިޖެހެނީކީ." ނަވީން ވާހަކަ ދެއްކީ އޭނަގެ އަމިއްލަ ތަޖްރިބާއަށްވެސް ނިސްބަތް ކޮށްފައެވެ.

"އަސްލު ޚާލިދު މަންމައާއި ބައްޕައަކީވެސް ހަމަ އަހަރެމެން ރަށު މީހުން. އެކަމަކު އަހަރެންގެ މާމަމެންގެ ޒަމާނުއްސުރެ އެމީހުން މާލެއަށް ބަދަލުވެއްޖެ. ރަށުގެ ގިނަ މީހުންނަކަށް ނުވެސް އެނގޭނެ އެއީ އުޅޭ ބައެއްކަމެއްވެސް. ގިނަ މީހުންނަށް އެމީހުން އެނގުނީވެސް އެމީހުން ރަށަށް ބަދަލުވީމަ. ކުރިން އެ ގޯއްޗަކީވެސް ހަމަ ފަޅު ގޯއްޗެއް. އެކަމަކު ހަމަ ކުއްލިއަކަށް ފެނުނީ އެ ގޯތީގައި މާ މުއްސަނދިކޮށް ގެއެއް އަޅަން ފެށިތަން. ފަސްމަސް.....ފަސްމަސް ތެރޭގައި އެގެހުރީ ހަދާ ނިންމާފަ." ހަމްޒާއަށް ހުރިހާ ތަފްޞީލެއް އެނގެއެވެ.

"އެމީހުންގެ ގޯއްޗެއްތަ އެއީ" ނަވީންވެސް ދިޔައީ އަހާ އޮޅުންފިލުވަމުންނެވެ.
"ނޫނޭ.....އެ ބިން ގަތީޔޯ ކިޔަނީ. އެމީހުންގެ ބިމެއް ނޯންނާނެތާ ޚާލިދުގެ މަންމައާއި ބައްޕަވެސް އުޅުނީ އެމީހުންގެ މުސްކުޅިގޭގައި. އެމީހުން ދިޔަފަހުން އެގެވެސް އެ ހުންނަނީ ފަޅުވެފައި. އެކަމަކު މިހާރު އުޅޭކަންނޭނގެ ކޮންމެވެސް މުސްކުޅި މީހަކު އެ ޖިފުޓި ގަނޑުގައި. ދެން ޝީލާއަކީވެސް މިރަށު މީހެއް ނޫން. އެއީ ހަމަ އަސްލު މާލެ މީހެކޭ ކިޔަނީ. އެހެންވީމަ އެމީހުން ޖެހޭނީވެސް ބިމެއް ގަންނަންތާ ދޯ. ގެ އެއްކޮށް ނިންމާލައިފި ގާތްގަނޑަކަށް އަށެއްކަ މަސްތެރޭ. ފަރުނީޗަރާ ތަކެތިވެސް ބޯޓްފަހަރުން ގެނައީ. އަހަރެއްވީއިރު އެމީހުން އައިސްސި އެގެޔަށް." ހަމްޒާ ކިޔައިދިނެވެ.

"އަދިނުވޭ އޭގެ ފަހުން އަހެރެއްވެސް. އެހެންވެ މާ ބޮޑު އެއްޗެއް ނޭނގެ އެ އާއިލާއާއި ބެހޭގޮތުން. އެކަމަކު އިނާ ފެނިފެނިވެސް މިހާރު ދެން އެނގޭ. ވަރަށް ތަފާތު އަންހެންކުއްޖެއް އެއީ." ވިސްނާލަމުން ހަމްޒާ ބުންޏެވެ.

"ކޮންގޮތަކަށް ތަފާތު ވާހަކަ ތިބުނީ....؟" ނަވީން ޝައުގުވެރިވާނެ ނޫންހެއްޔެވެ؟
"މިބުނީ......ވަރަށް މަޑުމަޑުން އަބަދުވެސް ހުންނާނީ. އެހާ ނުފެންނާނެ ބޭރުތެރެއަކުންވެސް." މާ ބޮޑު އެއްޗެއް ނޭނގޭ މީހަކު ބުނާ ފަދައިން ވިސްނަން އިނދެ ހަމްޒާ ބުންޏެވެ.

"އެނގިދާނެތާ....." ނަވީން ވެސް ވިސްނުމުގެ ތެރެއަށް ދިޔައެވެ.
"އެ އަންހެންކުއްޖާއާއި ހުރިހާ ގޮތަކުންވެސް ނަވީން އާއި ގުޅޭނެ. އަހަންނަށް ވަރަށް ފެނޭ ހިތްވަރުކުރަން ތިކަމުގައި." ހަމްޒާ ފާޅުކުރީ އޭނަގެ ހިތުގެ ތެދުވެރި އިޚްލާޞްތެރި ޝުޢޫރެއެވެ.
އެދެމީހުންނަކީ ކުޑައިރު މަޖީދިއްޔާ ސްކޫލްއިން ދިމާވެ އަދި އޭގެ ފަހުން އެގާރަ ބާރައިގައިވެސް އެއް ސްކޫލެއްގައި ކިޔެވިއިރުވެސް ގާތް ދެރަހްމަތްތެރިންކަމަށްވާތީ، ޒަމާންތަކެއްފަހުން އެއްފަސްގަނޑަކުން އަނެއްކާ ދިމާވުމުންވެސް ކުރީގެ އެ އެކުވެރިކަން އާލާވެގެން ދެއެވެ. އޭރެކޭ އެއްގޮތަށް މިހާރުވެސް އެދެމީހުން އެކަކު އަނެކަކަށް ހެޔޮ އެދެއެވެ.
*****************
ނަވީންގެ ހިތަށާއި ނަފްސަށް ބަހާރު މޫސުން އައިސްގެން އުޅުނެއްކަމަކު އައްޑުއަތޮޅު ހިތަދުއަކަށް އަދިވެސް މޫސުން ރަނގަޅެއް ނުވެއެވެ. ބޯވިއްސާރައާއި ގަދަ ވަޔަކީ ނަވީނާއި އެކީގައި އެރޭ އިނާގެ ގެއަށްވެސް ދިޔަ ދެބައިވެރިންނެވެ. ލިބިފައިވާ ދަޢުވަތާއި އެއްގޮތަށް އެރޭ ނުވައެއް ޖެހިއިރު ނަވީން އިނީ އިނާގެ ގޭގެ ކުރިމަތީގައިއެވެ. އަމިއްލަ ކާރުގައެވެ.

ގޭގެ ބޭރުންވެސް ގެއާއި އާއިލާގެ ހައިބަތު ފެނެއެވެ.

ވާރެއިން ސަލާމަތްވާން މަސައްކަތް ކުރަމުން ދުވެފައި ގޮސް އެގޭގެ ބޮޑު ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ނަވީން ފަރުވާވެ ބަލާލިއެވެ. ފުރަތަމަވެސް ކުރިމަތިން ފެނުނީ ބޮޑު ބޮޑު ބަގީޗާއެކެވެ. އައްޑުއަތޮޅުގެ ގެތައް އޭނައަށް ކަމުދާ އެންމެ ބޮޑު ސަބަބަކީ މިއީއެވެ.

ބޯވާރޭގައި ތެދަށްހުންނަން އުނދަގޫވަމުން ދިޔަ ގަސްތަކެއް ހުއްޓެއްކަމަކު އެ ބަގީޗާއަކީ ކޮންމެވެސް ބަޔަކު ވަރަށް ފަރުވާތެރިކަމާއި ލޯތްބާއެކު ބަލަހައްޓާ ތަނެއްކަން ނަވީނަށް އެނގުނެވެ. ފެހިކުލަގަދަ ސިއްހަތު ރަނގަޅު ގަސްތަކެކެވެ. ގިނައީ މާތަކުން ބަރުވެފައިވާ ގަސްތަކެވެ.
ވަގުތަކީ ރޭގަނޑު ކަމުގައި ވިޔަސް އަދި ވިއްސާރަ ރެއެއް ކަމުގައި ވިޔަސް ބަގީޗާވެސް އަދި އެ ދޮރުން އެތެރޭގައިވާ އެއްވެސް އެއްޗެއް ވެސް ވަކިކުރާކަށް އުނދަގުލެއް ނޫނެވެ. ގޯތިތެރޭގައި ދިއްލާފައި ހުރި ފެހިކުލައިގެ ފްލަޑްލައިޓްގެ ސަބަބުން މަންޒަރު ވަރަށް ހިތްގައިމެވެ.

ގޭގެ ދޮރާށިން އެތެރެއަށް ވަދެވުމަކުން އަދި ގޭގެ މީހުން އުޅޭހިސާބަކަށް ނުދެވޭކަން ނަވީނަށް އެނގުނީ ކުރިއަށް ބަލާލީމައެވެ. އަދި ވިއްސަކަށްފޫޓް އެތެރެއަށް ވަންނަން އެބަޖެހެއެވެ. ގޯތިތެރެހުރަސްކޮށް ގެއަށް ވަންނަން ދާން މަގެއް ހަދައި އެމަގުގައި ވަކިން ގާއަޅާފައި ވެއެވެ. ރީނދުލާއި ރަތްކުލައިގެ ހަތަރެސްކަން ގާތަކަކުން ހަދާފައިވާ މަގެކެވެ.

އެހިސާބަށްދެވޭއިރު އޭނަ ތެމޭނެއެވެ. ކިތަންމެ ރަނގަޅަށްވެސް ތެމޭނެއެވެ. ކޮންކަމަކާ ހާސްވާކަށްހެއްޔެވެ؟ އިނާއަށްޓަކައި ވެއްޖިއްޔާ އެއްކޮށް ތެމެންވެސް ހަމަ ގަބޫލެވެ.

ދުވެފައި ގޮސް ފެންޑާއަށް ނަވީން އަރައިފިއެވެ. އަދި ޖީބުން ރުމާލެއް ނަގައި މޫނާއި ދެއަތް ފޮހެލާހަދާލާ ބޮލުގެ އިސްތަށިގަނޑުވެސް ރަނގަޅުކޮށްލިއެވެ. އިނާއާއި އިނާގެ އާއިލާއާއި ބައްދަލުކުރަންޖެހޭނީ ވަރަށް ތައްޔާރުވެގެން ތާއެވެ.

ދެފަހަރަކު ޓަކިޖަހާލުމާއެކު މީހެއްގެ ފިޔަވަޅުގެ އަޑު އެ ދޮރާއި ދިމާއަށް އަންނަ އަޑު އިވުނެވެ. ހަމަ ހިނދުކޮޅަކުން ފެނުނީ ދޮރު ހުޅުވުނު އަޑެވެ.
ރީތި އޯކެސްޓްރާއެއްގެ މިއުޒިކްގެ އެންމެ ރީތި ބައި ކުޅެލިހެން ނަވީނަށް ހީވިއެވެ.
އެހެރީ އޭނަގެ އިނާއެވެ. ރީތި ހުސްކޮށްގެން ހުރި އިނާއެވެ. ލުއިހިނިތުންވުމަކާއެކުގައެވެ.

ގިރުވާނުލީ ފިޔާތޮށިކުލައިގެ ކުރުތާއަކާ ހުދު ޖީންސެއްގައެވެ. ކުރުތާގެ އެތަންމިތަނުން ވިދާ ވިދުންތައް ހުރީ ފެންޑާގެ ބޮކި އަލީގައި ޖެހިފައި ގޮސް އިނާގެ ކަރަށާއި ދަތްދޮޅިއަށް އެޅިފައެވެ. ޖަވާހިރުގެ ކުނޑިތަކެއްފަދައިން އިނާގެ ރީތި މޫނުގައި އެ ހިޔަނިތައް ނަށައެވެ. ނަވީނަށް ފެންނައިރު އަބަދުވެސް ހުޅިޖަހާފައި އޮންނަ ރީތި އިސްތަށިގަނޑު އޮތީ ހުރަހެއް ނެތި ދޫކޮށްލާފައެވެ. އިނާގެ ބޯ އޮންނަނީ ފަރިގޮތަކަށް ކޮށާލާފައިކަން އެވަގުތު ނަވީނަށް ފާހަގަ ކުރެވުނެވެ.

"އައްސަލާމް އަލައިކުމް...." އިނާގެ ރީތިކަމަށް ގެއްލިފައި ހުއްޓާ ގަދަ ވައިރޯޅިއަކުން ނަވީން ހޭލައްވާލުމުން އަވަހަށް ސަލާމް ގޮވިއެވެ.
"ވަޢަލައިކުމުއްސަލާމް. " އިނާގެ މި ޖަވާބާއެކު އެހެން ބައެއްގެ ފިޔަވަޅުތައްވެސް އެދިމާލަށް އަންނަ އަޑު އިވެން ފެށިއެވެ. ނަވީނަށް ހީކުރެވުނީ ރަނގަޅަށެވެ.

ފެންޑާމައްޗަށް ނުކުތީ އިނާގެ މަންމަ އާއި ބައްޕައެވެ. ހަމްޒާ ބުނެދީފައި އޮތް ގޮތުންނަމަ އެގޭގައި ދެން އިތުރު ބަޔަކު ނޫޅޭނެއެވެ.

"ވަޢަލައިކުމުއްސަލާމް....ދުރުވޭ ދުރުވޭ އެތެރެއަށް. މިހިސާބަށް ދުރުވެފަ ގުޅުއްވާލެއްވިނަމަ. އެހެންނަމަ ހަބީބުއަތަށް ދީފަ ކުޑައެއް ފޮނުވުނީހެއްނު ދޯ ޝީލާ. މުޅިން ތެމިއްޖެ ނޫންތޯ؟" ނަވީން ގޮވި ސަލާމަށް ޚާލިދުވެސް ސަލާމް ބަލައިގަނެފަ ކުރިއަށް ޖެހި ނަވީންގެ ބުރަކަށީގައި އަތްޖައްސައި އެތެރެއަށް ވަނުމަށް ދަޢުވަތު ދީ ނަވީން ތެމުނުކަމަށްޓަކައި ކަންބޮޑުވުން ފާޅުކުރިއެވެ.

"އެއީ އެއްވެސް ކަމެއް ނޫން." ނަވީންވެސް ހިނިތުންވަމުން ގެއަށް ވަނެވެ.
"އަދި ތަޢާރަފްވެސް ނުވެވޭ ދޮގެއްތޯ؟....އަޅުގަނޑު މިއީ އިނާގެ ބައްޕަ. ޚާލިދު. މިއީ އިނާގެ މަންމަ ޝީލާ. " ރަސްމީކޮށް ސަލާމް ކުރުމަށް ޚާލިދު އަތްދިއްކުރިއެވެ.

"އަޅުގަނޑަކީ ނަވީން....ޝުކުރިއްޔާ" ޚާލިދުގެ އަތުގައި ހިފައި ވަރުގަދަ ފިރިހެން ސަލާމަކުން ސަލާމް ކުރަމުން ނަވީންވެސް ތަޢާރަފް ވިއެވެ.

"ނަވީންގެ އިތުރު ތަޢާރަފަކަށް އަޅުގަނޑުމެން ބޭނުން ނުވޭ. އަޅުގަނޑުމެންނަށް އެނގޭ. އާ ކަމަކަށް އޮތީ އިނާގެ ރަހްމަތްތެރިއެއްކަން މީގެ ކުރިން ނޭނގިފައި އޮތީ. ރަނގަޅެއްނު ގިނަދުވަހެއް ނުވިކަންވެސް. މިކޮޅުގައި އުޅުއްވާއިރު ދެން ފޫހިވެގެން އުޅުއްވާކަށް ނުޖެހޭނެ. މިގެއަށް ދުރުވަންވާނެ އިނގޭތޯ. ހަމަ އެކަނި އިނާގެ ނޫން. އަޅުގަނޑުމެންނާއިވެސް ރަހްމަތްތެރިވެލައްވަންވާނެ. އާފްޓަރ އޯލް. ރައްޓެހި ރަހްމަތްތެރިކަމަކުން ކޮން އުނިކަމެއްތޯ ދޮގެއްތޯ؟ " ޚާލިދުގެ ވާހަކަ ދެއްކުމުގައި އުފާވެރިކަމާއި ގާތްކަން އެކުލެވެއެވެ.

"ތެދެއް. ނަވީންގެ ހުރިހާ ވާހަކައެއްވެސް އިނާ ކިޔައިދީފި." ޝީލާވެސް ކުރިއަށް ޖެހި ޚާލިދުގެ ކައިރިއަށް ހުއްޓެމުން އުފަލާއެކު ހިނިތުންވިއެވެ.

ނަވީނަށް އެނބުރިފައި ބަލާލެވުނީ އިނާއާއި ދިމާލަށެވެ. މަންމަ އާއި ބައްޕަ ކައިރީ ވާހަކައެއް ދައްކާވަރަށް އިނާއަށް އެނގެނީ އޭނަގެ ކޮން ވާހަކައެއް ހެއްޔެވެ.
އިނާވަރަށް ހުޝިޔާރެވެ. ލަދުރަކިގޮތަކަށް ހީލާފާއި އިނާ އެތެރެއަށް ދިޔައީއެވެ. ނަވީންގެ ނަޒަރުން ސަލާމަތް ވުމަށެވެ.

"ދުރުވޭ އިށީންނަވާ......" ކަނާތްފަރާތުން ފެންނަން އޮތް ބޮޑު ސިޓިންގރޫމަށް އިޝާރާތް ކުރަމުން ޚާލިދު ތަން ދެއްކިއެވެ.
"ޕްލީޒް......އަޅުގަނޑަށް ރަނގަޅީ ހަމައެކަނި އިނާގެ ރައްޓެއްސެއްގެ ގޮތަށް ދެކިލެއްވިއްޔާ އިނގޭތޯ" އޭނަ އައީއްސުރެންވެސް ޚާލިދުމެން އޭނައާއި އެ ވާހަކަދައްކާ އެންމެ މަތީ ދަރަޖައިގެ ގޮތުގެ ސަބަބުން ނަވީން ހުންނަނީ އުނދަގޫވެފައެވެ. އެންމެފަހުން އެހެން ބުނެވެސްލެވުނީއެވެ. ޚާލިދުމެންނާއި ބަލާފައި އޭނައަކީ ކާކުހެއްޔެވެ. އެފަދަ ގޮތަކަށް މުޚާޠަބްކުރުން އޭނައަށް ހައްގެއް ނޫނެވެ.

"އެގޮތަކަށް ނޫންތޯ މި ދެކެނީ...؟" ޚާލިދު ހީލިއެވެ.
"އެހެނެއް ނޫން....މި....މިނަންގަތީ....އެގޮތަށް މުޚާޠަބް ނުކުރައްވާ ޕްލީޒް." އެންމެ ފަހުން ނަވީން ބުނެފިއެވެ. އެއީ ދިވެހިންނަށް ވަރަށް ކުރަން ނުކެރޭ ކަމެކެވެ. އެކަމަކު ނަވީން ކޮށްފިއެވެ.

"އެންމެ ރަނގަޅު. މައްސަލައެއް ނެތް. ވާގޮތަކީ.......ދެން އެންމެ ރަނގަޅު. ތިއީ އިނާގެ ރަހްމަތްތެރިއެއް. އެ ނިމުނީ. އަވަހަށް ދެންވެސް އިށީންނަވާ." އަނެއްކާވެސް ޚާލިދުގެ ވާހަކަކޮޅު ނިމުނީ އެ މަތީ ދަރަޖައިން މުޚާޠަބްކޮށްފައެވެ.

އެއާއެކު ޚާލިދުގެ ބަރު ހުނުން ގޭތެރޭގައި ގުގުމިއެވެ. ނަވީންވެސް ޚާލިދުއާއި ބައިވެރިވުމުގެ ގޮތުން ހީގަތެވެ. ޝީލާ ވަދެގެން ދިޔައީ ގޭތެރެއަށެވެ.
އިރުކޮޅަކުން ޝީލާ އައީ ކޮފީތަބަކެއް ހިފައިގެންނެވެ.
"އަދި މިހިރީވެސް އަޅުގަނޑުގެ ކުއްޖެކޭ. ދަރިފުޅާ ހަމްދު މިކޮޅަށް އައިސްބަލަ. މިއިންނެވީ ނަވީން. ދޮންތަގެ ރަހްމަތްތެރިއެއް. ނަވީން މިއީ އަޅުގަނޑުގެ ދަރިފުޅު ހަމްދު." ޝީލާގެ ފަހަތުން އައި ތޭރަވަރަކަށް އަހަރުގެ ފިރިހެންކުއްޖަކު ގެނެސް ކައިރީގައި ބައިންދަމުން ޚާލިދު ތަޢާރަފް ކޮށްދިނެވެ. ނަވީނަށް ހީވީ އުމުރުން ތަންކޮޅެއް ޅަ ޚާލިދެއް ފެނުނުހެންނެވެ. އެހާވެސް އެދެބަފައިން ވައްތަރެވެ.
ނަވީނަށްވުރެ ކުރިން ހަމްދު ކުރިއަށް ޖެހި ނަވީނާއި ސަލާމް ކުރިއެވެ.

ހަމްދުފިޔަވައި އެންމެންވެސް ކޮފީއާއިގެން މަޝްޢޫލުވެއްޖެއެވެ. އިރުކޮޅަކުން ހަމްދުވެސް އެތަނުން ހިނގައްޖެއެވެ. ނަވީން ކަންބޮޑުވާން ފެށީ އެހިސާބުންނެވެ. އިނާއާއި އޭނަގެ ރަހްމަތްތެރިކަމުގެ ވާހަކަ ޚާލިދުމެން ދައްކަވާފާނެތީއެވެ.
އެކަމަކު.........
ނަވީން ހީކުރި ގޮތާއި ޚިލާފަށް ޝީލާވެސް އަދިޚާލިދުވެސް އިނާއާއި އޭނައާއި އޮންނަ ގުޅުމަކާއި ބެހޭ ގޮތުން ހަމަ އެކައްޗެއްވެސް ނާހައެވެ. އޭގެ ބަދަލުގައި........ ދެކެވުނީ އައްޑުއަތޮޅުގައި އޭނަ ހޭދަކުރަމުންދާ ދުވަސްތަކުގެ ތަޖްރިބާގެ ވާހަކައެވެ. ދިރާގުގެ އޮފީސް އެމްޑީގެ ހައިސިއްޔަތުން އުފުލަން ޖެހޭ ބުރަތަކުގެ ވާހަކައެވެ. ނަވީންގެ އާއިލާގެ ވާހަކައެވެ. ނަވީންގެ ގޭގެ އެޑްރެސް ބުނުމާއެކު ޚާލިދަށާއި ޝީލާއަށްވެސް އެއީ ކޮން ގެއެއްކަމާއި ކާކުގެ ދަރިއެއްކަންވެސް އެނގިގެން ދިޔައެވެ. އޭގެފަހުން ހޮސްޕިޓަލްގެ ވާހަކައެވެ. ރަށަށް އަދި އަތޮޅަށްވެސް މިވަގުތުން ވަގުތަށްވެސް ބޭނުންވާ ވަރަށް މުހިއްމު ޚިދުމަތްތަކެއް ނުލިބިފައި އެބަހުރިކަމާއި އެކަމާ ޚާލިދުވެލައްވާ ކަންބޮޑުވުމުގެ ވާހަކައެވެ.

އެވަރަކުން ނިމުނީކީ ނޫނެވެ. ރަށުގެ މޫސުމުގެ ގޯސް ވާހަކަވެސް ދެކެވުނެވެ. މިހާ ޒަމާންވާއިރުވެސް އަދިވެސް އައްޑުއަތޮޅުގެ މަގުތައް ހެދުމާއިބެހޭ ގޮތުން ސަރުކާރުން އެއްޗެއް ވިދާޅުވެފައިނުވާ ވާހަކަޔާއި ވިއްސާރަ ވެއްޖެނަމަ ރަށުގެ މަގުތަކުގައި ދުއްވާ އުޅުމުގައި ހުރި ދަތިކަމުގެ ވާހަކަވެސް ދެކެވުނެވެ.

ނަވީނަށް ބައިވަރު ކަންތައް އެހުރިހާ ވާހަކައެއްގެ ތެރެއިން އެނގުނެވެ.
ޚާލިދު އަކީ ވަރަށް ވިސްނުން ތޫނު، ތަހުޒީބަށް ލޯހުޅުވިފައި ހުރި ތިމާ ނޫން އެހެން މީހުންގެ މުސްތަގްބަލާއި ދޭތެރޭ ވިސްނާ މާތް އިންސާނެކެވެ. ޝީލާއަކީ ތަޢުލީމީ ގެވެހި އަންބެކެވެ. އެ އާއިލާއަކީ ރީތި އާދަކާދަތަކަށް ލޯބިކުރާ އަޚްލާގާއި ސްލޫކުގެ ގޮތުންވެސް އެއްވަނަ އާއިލާއެކެވެ.
އެއީ ނަމޫނާ އާއިލާއެކެވެ. ހުރިހާ ގޮތަކުންނެވެ.

ކޮފީއާއެކު ބައިގަޑިއެއްހާއިރުވަންދެން ހޭދަވެގެން ދިޔަ ވާހަކަ ދެއްކުމަކަށްފަހު ހަމަޖެހިލިތަނާ ގޭގެ ބެލް ޖެހިއަޑަށް އެންމެންގެވެސް ސަމާލުކަން އެ ދޮރާއި ދިމާލަށް ހުއްޓުނެވެ. ހީވީ އެމީހުންގެ ވާހަކަ ނިމެންދެން ހުރެފައި މީހަކު ބެލް އަޅާލިހެންނެވެ.
އެބެލް އޭނައަށް ނުފެނުނީ ކީއްވެގެންބާއޭ އެވަގުތު ނަވީންގެ ހިތަށް އެރިއެވެ.

ދޮރު ހުޅުވީ އެވަގުތު އެތެރެއިން އައި އިނާއެވެ. އަދި އެދޮރުން އެތެރެއަށް ވަނީ ޒިޔާދެވެ. ހޮސްޕިޓަލަށް ކުރީރޭ އިނާ ބަލާދިޔަ ޒިޔާދެވެ. ޒިޔާދު ވަނުމާއެކު ޚާލިދު އާއި ޝީލާ އަވަހަށް ތެދުވެގެން ގޮސް ޒިޔާދުއަށް މަރުޙަބާ ކިޔެވެ. ހަމަ ނަވީނަށްވެސް ހިތިފަދައިން ނޫނީ އެއަށްވުރެވެސް އިހްތިރާމާއެކު މެހްމާންދާރީ އަދާކުރަން ފެށިތަން ނަވީން އިނީ ބަލާށެވެ.

ޒިޔާދު ފެނުމުން ބޮލަށް އުނދަގޫވެގެން އިނދެ ނަވީން އެނބުރި ބަލާލިއިރު ދެންމެ އަކު އޭނަގެ ވަށައިގެން ތިބި އެކަކުވެސް ނެތެވެ. އެ ބޮޑު ސިޓިންރޫމްގެ ސޯފާތަކުގައި އިނީ އޭނަ އެކަންޏެވެ. އޭނައެކޭ ނެތްމީހެއްފަދައޭ އިހްސާސް ކުރެވުނެވެ.

ހީވާގޮތުން އެންމެންވެސް މަޑުކޮށްލައިގެން ތިބީ ޒިޔާދު އަންނަން ދެނެވެ. އެކަމުގެ ހެއްކަކަށްވީ ޒިޔާދު އައިސް ސޯފާގައި ހަމަޖެހިލިތާ ފަސް މިނެޓްވެސް ނުވަނީސް ކާކޮޓަރިއަށް އައުމަށް ޝީލާ އައިސް ގޮވާލުމުންނެވެ. ރޭގެ ކެއުމަށެވެ.

ނަވީން އައުމުން ބޮޑު ތަޢާރަފަކަށް ދިއުމުގެ އިތުރުން ހުރިހާ ވާހަކައެއް ދެއްކިއިރު ޒިޔާދު އައުމުން އެކަކުވެސް ޒިޔާދުގެ ތަޢާރަފް ހޯދާކަށްވެސް ނޫޅެއެވެ. އަދި ނަވީނަށް ޒިޔާދުގެ ތަޢާރަފް ދޭކަށްވެސް ނޫޅެއެވެ. ކެއުމުގެ ތެރޭގައިވެސް އެކިއެކި ވާހަކަ އެންމެންވެސް ދެއްކިއެވެ. އެއިން ކޮންމެ ވާހަކައެއްގައި އޭނަވެސް ބައިވެރި ކުރެއެވެ. އެކަމަކު އެކަކުވެސް އެގޭގައި ޒިޔާދުގެ ހައިސިއްޔަތު އެނގިދާނެފަދަ އެކައްޗެއްވެސް ނުބުނެއެވެ.

އެ އާއިލާގައި ޒިޔާދުގެ މަގާމަކީ ކޮބައިކަން ނޭނގުނު ކަމުގައި ވިޔަސް ނަވީނަށް އެނގުނު ހަގީގަތަކީ ޒިޔާދަކީ އެ އާއިލާއަށް ވަރަށް "މުހިއްމު" މީހެއް ކަމެވެ.

އެހުރިހާ ކަމަކީވެސް އިނާގެ ކަންތަކެވެ. އިނާއަކީ އޭނަގެ ރައްޓެއްސަކަށް ވާތީ ޒިޔާދުއަކީ ކާކުކަން އޭނައަށް އެނގޭނެކަމަށް އެންމެންވެސް ނިންމައިގެން ތިބީކީ ނޫން ބާވައެވެ. ވެދާނެއެވެ.

މޮޅުކެއުމަކަށްފަހު އެރޭ ނިމިގެން ނަވީން އެގެއިން ދާން ޖެހުނީ އެގެއަށް އައިއިރު ގެނައި ސުވާލުތަކަށްވުރެ ގިނަ ސުވާލުތައް ހިފައިގެންނެވެ.
ހަމަ އެންމެ ސަބަބަކާހެދިއެވެ.
ޒިޔާދު އަކީ ކާކުކަން ނޭނގޭތީއެވެ.
އެނޫން ހުރިހާ ކަމެއްވެސް ރަނގަޅެވެ. އާއިލާގެ ފުރަތަމަ ބައްދަލުވުމުގައި އިނާއާއި ވާހަކަދައްކަން ވަގުތު ލިބޭނެކަމަށް އޭނަ އައީކީ އުއްމީދުކޮށްގެންވެސް ނޫންކަމަށްވާތީ އެކަމަކާއި އޭނަގެ ހިތަކަށް މާ ބޮޑު ތަދެއް ނުވެއެވެ. ނަމަވެސް ނަވީން އެގެއިން ދާންވީ ވަގުތު އައިސް ޖެހުމުން ވަދާޢުގެ ސަލާމްކުރަން އޭނައާއެކު ދޮރުކައިރިއަށް ދިޔައީ އިނާ އެކަންޏެވެ. ޒިޔާދުއަކީ އިނާގެ ކާކުތޯ އަހާލަން އެއަށްވުރެ މޮޅު އެހެން ފުރުޞަތެއް އޭނައަށް ނުލިބޭނެއެވެ. އެކމަކުވެސް ހިތްވަރެއް ނުލިބުނެވެ.

ތަޢުލީމާއި ވަޒީފާގެ ގޮތުން ކިތަންމެ ކުރީގައި ހުރި ކަމުގައިވިޔަސް އަންހެންކުދިންނާއެކު ހިތުގެ ހާލު ބުނެދިނުމާއި އެނގުމުގައި ޚުދު އޭނަގެ ވެސް ފިނޑި ސިފަތަކެއް ހުރިކަން އެރޭ ނަވީންއަށް ޔަގީން ވިއެވެ.

*******(ނުނިމޭ)********

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.


Posted on 2010-11-05 19:55:04 | Report this Comment
ފާތުން:
ވ ވ ވ ވ ވ ވ ވ ސަޅި...ވ ވ ވ ވ ފުރިހަމަ....ހެހެހެހެހެ..ނަވީންވެސް ދެން ދޯ.....އުންމީދު ކުރަން އަވަހަށް އަނެއް ބައި ގެނެސްދޭނެ ކަމަށް.....


Posted on 2010-11-05 21:27:20 | Report this Comment
އަހުރެން:
މި ވާހަކަ ހަބޭސް.. ކޮން އިރަކުން އަނެއްބައި އަޕްލޯޑު ކުރަނީ..؟؟ އަވަހައް ކުރައްޗޭ އިނގޭ..އަހުރެން މިހުރީ ވާހަކަ ކިޔާލާ ހިތުން ކެތްމަދުވެފަ...


Posted on 2010-11-06 01:40:13 | Report this Comment
ޝަފް:
ވާހަކަ ވ ވ ވ ވ ފުރިހަމަ، އަނެއްބަޔަށް އިންތިޒާރު ކުރަން .................


Posted on 2010-11-06 03:53:22 | Report this Comment
ފަތިސްތަރި:
ފާތުން......އަހުރެން ..........ޝަފް.......ޝުކުރިއްޔާ!!!


Posted on 2010-11-06 14:16:57 | Report this Comment
ކުޑަ ގަމާރު:
ވަރަށް ސަޅި ވާހަކައެއް :)


Posted on 2010-11-09 20:53:40 | Report this Comment
ރިޒް:
ދެން ކާކުތަ ޒިޔާދަކީ؟؟ ވާހަކަ ވ ވ ވ ވ ރީތި!


Posted on 2010-11-09 23:07:33 | Report this Comment
ނަހާ:
މި ވާހަކަވެސް ވ.ރީތި. ސޮފާ، ވާހަކަ ފޮތް ލިޔެފަ ނެރެންވީނު! މީ ހަމަ ހިޔާލެއް އިނގޭ. ނަހާ އައް ހަމަ ޔަގީން ސޮފާ، މީހުން ތެރޭގަ ވ.މަގްބޫލް ލިޔުންތެރިއަކައް ވާނެކަން. މިހާރުވެސް ކި ހާ މަގްބޫލް. މިހާރު ސޮފާއަކީ ރާއްޖެއިން ނަހާގެ އެންމެ ފޭވަރިޓް ވާހަކަ ލިޔުން ތެރިޔާ. އަސްލުވެސް ވ.ތަފާތު އަދި އެހާމެ މޮޅު ސޮފާގެ ވާހަކަތަކުގެ ސިފަކުރުންތައް. ބެސްޓް އޮފް ލަކް.

ފަތިސްތަރި: ޝުކުރިއްޔާ ނަހާ. ވަރަށް އުފާކޮށްފިން ނަހާގެ ތަޢުރީފަށް. ސޮފާވެސް ބޭނުން ފޮތްވެސް ލިޔަން. އެކަމަކު އަދި ހަމަ އެވަގުތު ނުޖެހެނީއޭ ބުނެވޭނީ.


Posted on 2010-11-10 22:52:07 | Report this Comment
އަހުރެން:
ސޮފާ............!!!! އަވަހައް 3 ވަނަ ބައި ނެރެބަލަ...ނަހާގެ ބަހައް އަހުރެންވެސް ތާއީދު..ސޮފާ އެކަހަލަ ޚިޔާލެއް ނުގެންގުޅެންތަ..؟؟

ފަތިސްތަރި: އެ ޚިޔާލު އަބަދުވެސް ގެންގުޅެން. މީގެ ވިއްސަކަށް އަހަރު ކުރީއްސުރެވެސް އެބަ ގެންގުޅެން. އެކަމަކު ވަގުތު ޖެހުނީމަނު ދޯ ކަމެއް ވާނީ. އެއީ މި ވާގޮތަކީ. އަދި ރަނގަޅުވާނެ އިރާދަ ކުރެއްވިއްޔާ.


Posted on 2010-11-11 21:51:06 | Report this Comment
ހަނާ:
mi vaahaka ves varah reethi, aslu vaahaka upload nuvaathy ve varah dhera,,varah kiyaa hiy veyy...heekuran varah avahah ehn baeh upload kuraane kamah! dhigu koh genes dhehchey!!

ފަތިސްތަރި: ސޮފާ ހީކޮށްގެން މި ހުންނަނީ ޗުއްޓީ ނިންމާފަ ކުރަން ކަމަށް. އެގޮތް ކަމުނުދާނެތަ؟


Posted on 2010-11-12 15:57:24 | Report this Comment
ޖިީން:
ވ.ސަޅި.....ހަމަ އޮބި


Posted on 2010-11-13 14:55:28 | Report this Comment
މީކާއީލް:
ހާދަ ލަހޭ...އަނެއްބައި އަވަސްކޮށްދީބަ...ވ ސަޅި ވާހަކަ


Posted on 2010-11-20 18:01:01 | Report this Comment
ސަމްވަން:
ސޮފާ އަވަހަށް އަޕްލޯޑް ކޮށްދީ. ޗުއްޓީ ނިމޭއިރު މާލަސް ވާނެ.

1 comments:

Hi all readers....welcome to my blog.
mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

Post a Comment