🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 63 ވަނަ ބައި

ޝީލާވެސް އެއްޗެއް ނުބުނެ އިނީއެވެ. ނަޖްމާއަށް ގުޅަން އޭނައަށް ނުކެރުނަސް ޚާލިދުއަށް ކެރޭނެކަން ޝީލާއަށް އެނގެއެވެ.

"
ހަލޯ..........ނަޖްމާ އުޅުއްވާތޯ........؟" ޚާލިދު ގުޅީ ނަޖްމާމެންގޭގެ ސިޓިންގރޫމްގައި ހުރި ފޯނަށް ކަމުން ފޯން ނެގީ އެގޭގައި ނަޖްމާއަށް އަތްގާތްކޮށްލަދޭން އުޅޭ، އަންހެންކުއްޖާއެވެ. އެގެއަށް ގޮސް އުޅުމުގެ ތެރޭގައި އަޑުއިވިފައި ހުރުމުން ފޯނުން އިވުމުންވެސް އެއީ ފަހީމާ ކަން ޚާލިދުއަށް އެނގުނެވެ. 
"
ލައްބަ.....މަޑުކޮށްލަދެއްވާ..." ނަޖްމާ ހޯދަން ފަހީމާ ދިޔައެވެ.

"
އަން....ވާހަކަ ދައްކާ.....ލީނާގެ ވާހަކަ ބުނޭ....." ނަޖްމާ އުޅޭތޯ އަހާފައި ޚާލިދު ފޯން ދިއްކުރީ ޝީލާ އަތަށެވެ. އެއީ ޝީލާ ހީކުރި ގޮތެއް ނޫނެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި ފޯންގައި ހިފިއެވެ.

"
ނަޖްމާ...މިއީ ޝީލާ އިނގޭތޯ........އިނާގެ މަންމަ.....؟" ކިތަންމެ ހިތްހަމަނުޖެހިފައި ގުޅިނަމަވެސް އަދަބާއި އަޚްލާގާއި ދުރަކަށް އެވަގުތުވެސް ޝީލާ ނުދިޔައެވެ.
"
އާނ....ކީކޭ........" ވަރަށް ރުންކުރު ފާޑަކަށް މިހެން އެހުމުން ޝީލާއަށް ސިހުންވެސް ލިބުނެވެ. 

"
އަޅުގަނޑަށް އެނގޭ ވާހަކަ ދައްކަން ބޭނުންވެސް ނުވާނެކަން. އެކަމަކު ކޮންމެހެންވެސް ދައްކަންޖެހޭ ވާހަކައެއް ވީމަ ގުޅާލެވުނީ.....ނަޖްމާއަށް އެނގިލައްވާތޯ ލީނާ އާއި ނަވީން އާއި ގުޅުމެއް އޮންނަކަން....؟" ޝީލާގެ ވާހަކަ ދެއްކުމުގައި އެއްވެސް ލަސްކަމެއް ނެތެވެ. ދެވުނީ ސީދާ މައުޟޫއަށެވެ. އަޑު އަހަން އިން ޚާލިދުއަށް ޝީލާގެ މި ކެރުން ފެނިފައި ނަޖްމާ ބުނެފާނެ އެއްޗަކަށް ބިރު ހީވިއެވެ. 

"
ތިއީ ޝީލާމެން ދައްކަން ޖެހޭނެ ވާހަކައެއް ނޫން...." ޝީލާއަށް ކުރިއަށް ދިޔަދޭން ނަޖްމާ ބޭނުން ނުވާކަން ޝީލާއަށް އެނގުނެވެ. 

"
ވެދާނެ އެހެންކަމަށްވެސް....އެކަމަކު ލީނާ ގުޅުން އޮންނަނީ ނަވީން އާއި ކަމަށްވަންޏާ ހީވަނީ މި ވާހަކަ ދައްކަން އެބަޖެހޭހެން. ނަވީން އަކީ އަޅުގަނޑުގެ ދަރިފުޅުގެ ފިރިމީހާ....އެ ދެމެދުގައި މިހާ ބޮޑު މައްސަލައެއް އުފެދި އަތްދަށުން ދިޔަދޭކަށް ބޭނުމެއް ނުވޭ....." ޝީލާވެސް އަދަބުވެރި ކަމާއެކުވިޔަސް ދައްކަން ޖެހޭ ވާހަކައެއް ދައްކަމުން ދިޔައެވެ.

"
އަޅުގަނޑުވެސް ތި އާއިލާގެ އެއްވެސް ކުއްޖެއްގެ އެއްވެސް ވާހަކައެއް ނުދައްކަން. މިގޭ ކުއްޖެއް ލީނާ އަކީ. ލީނާއާއި ބެހޭ ގޮތުން ތި އާއިލާއިން ދައްކަން ޖެހޭ ވާހަކަތަކެއް ނުހުންނާނެ." ނަޖްމާ ދިޔައީ ސާފުބަހުން ޝީލާ އެ ދައްކާ ވާހަކައަށް މަގު ބަންދުކުރަމުންނެވެ. 

"
އާއިލާގެ ވާހަކައެއްނޫން އިނގޭތޯ މި ދައްކަނީ. އަޅުގަނޑަކަށް ނޭނގެ ނަޖްމާމެނަށް އެނގިލައްވާކަމެއް. އެކަމަކު ދާދި އިހަކަށް ދުވަހު ލީނާ އެ ދިޔައީ މިރަށަށް އައިސްފަ. އެހެންނަމެއް ކިޔައިގެންވިޔަސް، ލީނާގެ ގިނަވަގުތު ލީނާ ހޭދަކުރީ މިގޭގަ. އެއީ މައްސަލައެއްވެސް ނޫން. އަޅުގަނޑުމެންނަށް އޮޅުވާލައިގެން އުޅުމުގެ ބަދަލުގައި އެއީ ލީނާ ކަމަށް ބުނި ނަމަވެސް އެއަށްވުރެވެސް ރަނގަޅަށް މެހްމާންދާރީ އަދާކުރީމުސް. އެކަމަކު އެ ފުރުޞަތެއް ނުލިބުނު. 
އޭގެ ބަދަލުގައި ލީނާ މިގޭގައި އުޅެމުން ދިޔައީ ލީނާގެ އަމިއްލަ އެދުމަކަށްޓަކައި ކަން މި އެނގުނީ ލީނާ ދިޔަތާވެސް އެތައް ދުވަސް ފަހުން. މިބުނާ އެއްޗެއް އެނގިލައްވާނެ ކަމަށް ހީކުރަން. އެކަމަކު........" ޝީލާގެ ވާހަކަ ހުއްޓުނެވެ.

"
ލީނާއަކީ އަމިއްލަ އެދުން ބޮޑު ކުއްޖެކޭ ބުނަން ތި އާއިލާއަށް އެބައޮތްތަ ފުރުޞަތެއް. އަހަރެންގެ ރުހުމާ ދެކޮޅަށް އަހަރެންގެ ދަރިފުޅުގެ ކައިވެންޏަށް ތަރުޙީބު ދިންބަޔަކު އެހެން މީހަކާ ދިމާލަށް އިނގިލި ދިއްކޮށްފައި އަމިއްލަ އެދުމޭ ބުނެވޭނެހެނެއް ހިއެއް ނުވޭ." މިހުރިހާ ދުވަހު ޚާލިދުމެންނާއި ވާހަކަ ނުދައްކާފަދަ ބަހުރުވައަކުން ނަޖްމާ ވާހަކަ ދައްކަމުން ދިޔައެވެ. އެފަދައިން އެ ވާހަކަ ގޮވާލަން އެ ފުރުޞަތު ނުލިބިފަ ހުއްޓާ ލިބުމުން ގޮވާލާ ފަދައިންނެވެ.

"
ނޫނޭ....އަމިއްލަ އެދުމޭ މިބުނީ .....ލީނާ ބޭނުންވާ މަގްޞަދެއް ހާޞިލްކުރަން ލީނާ މިގެއަށް އައިސް އުޅުނީ.........." ޝީލާ އޮޅުންފިލުވައި ދިނެވެ.
"
ކޮން މަގްޞަދެއް........؟" ކިތަންމެ ނުރުހުނު ނަމަވެސް އެ މަގްޞަދަކީ ކޮބައިތޯ ނަޖްމާ އެހިކަމަށްޓަކައިވެސް ޝީލާ ޝުކުރު ވެރިއެވެ. ނަމަވެސް ނަޖްމާ އަށް ހަމަ ނޭނގެނީބާއޭ ޝީލާ ހިތަށް އެރިއެވެ.

"
އެއީ ކޮން މަގްޞަދެއްކަން އެންމެ ރަނގަޅަށް ހީވަނީ އެނގޭނީ ލީނާއަށްހެން......ނަވީން އަކީ މީހެއްގެ ފިރިއެއްކަން އެނގިހުރެ، އަދި މިގޭގައި އެ އިނީ ނަވީންގެ އަނބިމީހާކަން އެނގިހުރެ ލީނާ ދިޔައީ އިނާ އާއި ނަވީން އާއި ދެމެދުގައި ފިތުނަ އުފައްދާފަ. ނަޖްމާއަށް އެނގެންޖެހޭނެހެން ހީވަނީ މިކަން." ޝީލާ ބުނަމުން ދިޔައެވެ.

"
އަހަންނަށް އެނގެންޖެހޭ ކަމެއް ވެއްޖިއްޔާ އޮންނާނީ އެނގިފަ....ނޭނގި އޮތްކަމެއް ވެއްޖިއްޔާ ނޭނގި އޮންނާނީ މުހިއްމު ނުވާތީ." ނަޖްމާގެ ހިތުގައި އެއްވެސް އަސަރެއް ދުވަހަކުވެސް ނުއުފެދޭ ފަދައެވެ. 

"
އަޅުގަނޑުގެ ބޭނުމަކީ އެއެއް ނޫން. އަޅުގަނޑު ބޭނުންވަނީ އެއީ ހަގީގަތެއްތޯ ބަލަން.....ނަޖްމާއަކީވެސް އަޅުގަނޑު ކަހަލަ މަންމައަކަށްވެހުރެވެސް އެފަދަ ކަންތައްތަކަށް ގޭތެރެއިން ފުރުޞަތު ދެއްވީތީ ހައިރާންވެއްޖައިން.....ނަވީންގެ ކައިވެންޏާއި ނަޖްމާ ނުރުހުންވެލެއްވިނަމަވެސް، އިނާ އަކީ ނަވީންގެ އަންހެނުން.....އެދެމަފިރިން ދޭތެރެއަށް އެފަދަ ހުރަހެއް އެއްވެސް ސިފައެއްގައި އަންނާކަށް އަޅުގަނޑު ނޭދެން. ލީނާ އެދެއްކީ މަޖާ ވާހަކަ އަކަށް ލީނާއަށް ވެދާ........" ޝީލާއަށް މިހިސާބަށް ބުނެލެވުނުތަނާ އެކޮޅުން ކޮންމެވެސް އެއްޗެއް ބުނުމުން ޝީލާއަށް ހުއްޓިއްޖެއެވެ. 

"
އެއީ މަޖާ ވާހަކައެއް ނޫން. އެއީ ހަގީގަތެއް. ލީނާ އިނީ ނަވީންގެ ކުއްޖަކަށް ބަލިވެ. އަހަންނަށް ކިތަންމެ ހަޑި ނަމެއް ލިބުނު ނަމަވެސް އެއީ ހަގީގަތެއް. އެކަމުގައި ކުށްވެރި ވަނީ އަހަންނެއް ނޫން. އެކަމުގައި ކުށްވެރިވާ ބަޔަކީ ތިއީ." ނަޖްމާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. 

"
އަޅުގަނޑުމެންނާ އެކަމަކާ ކީއްތޯ؟ " ޝީލާއަށް ހައިރާންވެފައި އަހާލެވުނެވެ.

"
ލީނާ އާއި ނަވީންގެ ދޭތެރެއަށް އެހެންމީހަކު ވެއްދިއިރުވެސް، ކުރިންވެސް މި ދުވަސްއަންނާނެކަން އެނގެންޖެހޭނެ. އެ ދެމީހުންނަކީ އެކަކު އަނެކަކާ ވަކިން އުޅެވޭނެ ބައެއް ނޫން. ކައިވެންޏެއް ނޫން. ޖަލަކަށް ލިޔަސް އެމީހުން ވަތްކެއް ނުވާނެ. ޝީލާމެން ރަނގަޅުވީހީ އެ ދުވަހު ޝީލާމެންގެ ދަރިފުޅަށް ވިސްނައިދިންމަ. ދެން މިއަދަކު ތިއަށް ކުރާނެ ކަމެއް ނެތެ. 
ވީ އެންމެ އަވަހަކަށް ނަވީން ކައިރީ އަހަރެމެންވެސް ބުނާނަން. އެކަމަކު އެހާ ދުރުގައި ހުރީމަ ނުބުނާންވެގެން އަންނަންދެން މަޑުކޮށްގެން މި ތިބީ. އެ ދުވަހަކުން ނަވީނަށް މަޖްބޫރު ވާނެ ލީނާ އާއި ކައިވެނި ކުރަން. މި އާއިލާއަށް ލިބެން އުޅޭ ބަދުނާމުން މި އާއިލާ ސަލާމަތް ކޮށްދެވޭނެމީހަކީވެސް ހަމަ ނަވީން. ދަރިއެއްކަމަކު އެ ދަރިއެއްގެ ޒިންމާ އެ ދަރިއަކު އަދާކުރަންޖެހޭނެ. މައިންބަފައިންގެ އަޑު އަހަން ޖެހޭނެ. އަހަރެންގެ ދަރިފުޅު އަހަރެން ތަރުބިއްޔަތު ކުރީ އެގޮތަށް. " ނަޖްމާ ބުނެލިއެވެ. ފަޚުރުވެރިކަމާއެކުގައެވެ. އެބުނި ތަރުބިއްޔަތަކީ ރަނގަޅު ތަރުބިއްޔަތަކަށް ވިޔަސް، އެ ދަރިފުޅު ލައްވާ ކުރުވަން އެ އުޅެނީ ރަނގަޅު ކަމެއް ނޫންކަން ނަޖްމާގެ ހިތަށް ނައަރަނީބާއޭ ޝީލާގެ ހިތަށް އެރިއެވެ. 

"
ތިއީ ދެވޭ އަނިޔާއެއް ނަޖްމާ....ނަޖްމާގެ އަމިއްލަ ދަރިއަށް ދެވޭ އަނިޔާއެއް. އަނެއްކޮޅުން ނަވީން ކައިވެންޏެއް ކޮށްގެން އުޅޭއިރު....." ނަޖްމާގެ ޚިޔާލު ނަޖްމާގެ އަމިއްލަ ދަރިފުޅާއި ދޭތެރޭ ހުރި ގޮތުން ޝީލާ އަންތަރީސް ވިއެވެ. 
"
އެއް އަތްބަށްތޯ ދެ އަތްބަށްތޯ އެއީ ނަވީންގެ ނިންމުމެއް. މި އާއިލާ މި ވާ ބަދުނާމުން ނަވީން މި އާއިލާ ސަލާމަތްކޮށްދޭނެކަން ޔަގީން." މަލާމާތުގެ ހިނިތުންވުމަކާއެކު ނަޖްމާ ފޯންބޭއްވީ ޝީލާއަށް އަދި އިތުރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށެވެ. 
ލީނާ އެ ދައްކާ ވާހަކައަކީ ހަގީގަތެއްތޯ ބަލަން އުޅުމުގެ ބަދަލުގައި އަމިއްލަ ދަރިފުޅުގެ ބޮލުގައި ޒިނޭގެ ތުހުމަތެއް އަޅުވަން އެހާ ފަސޭހައިން ލީނާއަށް ފުރުޞަތު ދެވުނީ ކިހިނެއް ހެއްޔެވެ. ލީނާ އެ ދައްކާ ވާހަކަ ނަޖްމާ ބަލައިގެންފައި އެހެރީ ފަޚުރުވެރި ކަމާއެކުގައި ހެއްޔެވެ؟ 
ކޮން ކަހަލަ މަންމައެއް ހެއްޔެވެ؟
ކިތަންމެ ތަޢުލީމީ މީހަކަސް، ނަޖްމާގެ ކަންތައް އެ ހުންނަނީ އެންމެ ނާތަހުޒީބު މީހުންގެ ތެރެއިންނެވެ. 

"
ކިހިނެއްވީ ތި ބޭއްވީ.....؟" ޝީލާ ފޯން ބޭއްވިތަން ދެކެފައި ޚާލިދު އަހާލިއެވެ.
"
ނަޖްމާގެ ވިސްނުން އެހެރީ ދުވަހަކުވެސް އަހަރެން އަޑުއެހި ގޮތަކަށް ނޫން. ނަޖްމާ ވިސްނައިގެން އެހެރީ ނަވީން އާއި ލީނާގެ ކައިވެނި ކުރުވަން." ޝީލާ އަށް ބުނެވުނީ މި ވަރަށެވެ.

ޚާލިދު އާއި ޝީލާގެ ދެމެދަށްވެސް އައީ ހިމޭން ކަމެކެވެ.

"
ކޮން މަންމައަކަށްތަ އަމިއްލަ ދަރިއަކު އެކަހަލަ ބޮޑު ފާފައެއް ކުރުމުންވެސް ރުހުމާއެކު ބަލައިގަނެވޭނީ؟ އެކަމަކު ނަޖްމާ ބުނީ އެ އާއިލާއަށް މި ލިބުނު ބަދުނާމުން ނަވީން އެ އާއިލާ ސަލާމަތް ކޮށްދޭނެޔޯ. އަދި ބުނި މި ކަމުގެ ޒިންމާ ނަގަން ޖެހޭނީ އަހަރެމެންނޭވެސް." ނަޖްމާ ދެއްކި ވާހަކައިން ތަންތަންކޮޅު ޝީލާ ބުނެދެމުން ދިޔައެވެ.
"
އެއީ..........؟" ޚާލިދުއަށް ވަގުތުން އަހާލެވުނެވެ.

"
ލީނާ އާއި ނަވީންގެ ދެމެދަށް އިނާ ވެއްދީމަޔޯ" ނަޖްމާ ބުނި ގޮތަށް ޝީލާވެސް ތަކުރާރުކޮށްލަދިނެވެ. 

"
ތި ނުވާނެ ހަގީގަތަކަށް. ނަވީނަކީ އެހާ ދަށުދަރަޖައިގެ މީހެއް ނޫން...." ނަޖްމާ ދެއްކި އެހެން ވާހަކަތަކާއި ބެހޭގޮތުންވެސް ޚާލިދުއަށް ކިޔައިދީ ނިމުމުން އެތައް އިރަކު ހަމަހިމޭންކަމާއެކު އިނދެފައި ޚާލިދު ބުނެލީ މިހެންނެވެ.

"
އަނެއްކާ ނަޖްމާއަށް ނުގުޅައްޗޭ...." އޭނަގެ އަތުގައި އޮތް ފޯން ޚާލިދު އަތުލައިގެން އަނެއްކާވެސް ނަންބަރުތަކަށް ޖަހަން ފެށުމުން ޝީލާއަށް ބުނެލެވުނެވެ.
"
ހޫމް..........." ޚާލިދުވެސް އޭނައަށް ނުގުޅާނެކަމުގެ ޔަގީންކަން ދިނެވެ.

ޚާލިދު ގުޅީ އަލިމަނިކުއަށެވެ.
ދެތިން ރިންގަކާއެކު އަލިމަނިކު އޭނަގެ މޮބައިލްއަށް ޖަވާބު ދިނެވެ.
އަލިމަނިކުގެ ގޭގައި، ނަޖްމާގެ ހާޟިރުގައި އަލިމަނިކު ވާހަކަ ނުދެއްކެވި ނަމަވެސް، އޭނަ ދައްކަން މި އުޅޭ ވާހަކަ އަލިމަނިކު އޭނައާއި ދައްކަވާނެކަން ޚާލިދުއަށް ވަރަށް ޔަގީންކަން އޮތެވެ. 

އަލިމަނިކުއަށް ވަރަށް ސާފުކޮށް ޚާލިދު މިވާހަކަތައް ކިޔައިދިނެވެ. އަދި ދެން ހަދަންވީ ކިހިނެއްތޯ އެހިއެވެ. އަލިމަނިކުގެ ކައިރީ މި ދެއްކެނީ އަލިމަނިކުގެ އުފަން ދަރިއާއި ދަރިއެއްގެ ގޮތަށް ދެކޭ އަންހެންކުއްޖެއްގެ ވާހަކަކަން ވަރަށްވެސް ރަނގަޅަށް ޚާލިދު ހަނދާން ހުއްޓެވެ. އެ ވާހަކަ ދައްކަމުން ދިޔައީ އެގޮތަށް ވިސްނައިގެންނެވެ. ނުދައްކައި ވާނޭ ނަމަ ނުދައްކާނޭ ވާހަކަ ތަކެކެވެ. އެކަމަކު ދައްކަން މަޖްބޫރު ވީއެވެ.

"
އަޅުގަނޑަށް ހީވަނީ މިއީ ހަމަ އިނާއާއި ނުރުހޭ ތަންކޮޅުހެން އަދިވެސް މިއަންނަނީ...އަޅުގަނޑަކަށް ނުވިސްނޭ މިވަރަށް...." ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމަށްފަހު ޚާލިދުއަށް ބުނެލެވުނެވެ.
"
ކީއްވެ ތިހެން ބުނަންވީ؟ ޚާލިދުއަށް ކަންނޭނގެ އެންމެ ރަނގަޅަށް އެނގޭނީ." އަލިމަނިކުގެ ހިމޭން އަޑުން ހަމަޖެހުމާއެކު އަލިމަނިކު ޖަވާބު ދެއްވިއެވެ.

"
އެކަމަކު އެއީ މާޒީ ނޫންތޯ؟ އެކަމަކާ މިކަމާ ކޮން ގުޅުމެއްތޯ؟" އަލިމަނިކު އެ ބުނުއްވި އެއްޗެއް ޚާލިދުވެސް ދިފާޢު ކުރިއެވެ. 

"
މިހުރިހާ ދުވަސްވީއިރުވެސް ނުބުނެ އޮތް ވާހަކައެއް ބުނެފާނަން....ހަގީގަތުގަ އެ ދުވަސްކޮޅަކީ އަހަރެންނާއި ނަޖްމާގެ އެއްވެސް ގުޅުމެއް ނެތް ދުވަސްވަރެއް. ޖެހުނު މައްސަލައެއްގަ ނަޖްމާ އެދިގެން އަހަރެން އޭރު ހުރީ ނަޖްމާ ވަރިކޮށްފަ. ނަވީން ބަހައްޓާފައި ނަޖްމާ އެހާ ފަސޭހައިން މާލެ ދޫކޮށް ދިޔައީވެސް އެ ފޯރީގައި. 
އެ ދުވަސްކޮޅު އެ އީރާނު މީހާ އާއި ދިމާވެ އެ ގުޅުމެއް އުފެދުނު ގޮތް އެންމެ ކައިރިން ދުށީވެސް ޚާލިދުއެއްނު. އެފަހަރު ނަޖްމާ ބަލާ ގޮސްގެން ނަޖްމާ އައީވެސް....އެފަހަރު ކައިވެނި ކުރިގޮތަށްމިތިބީ. އޭރަކު ނޭނގޭނެތާ މިއަދު މިހިސާބަށް ކަންތައް ދާނެކަމެއް. އެކަމަކު ނަޖްމާގެ ހިތަކުން އެކަން ނުފިލާނެ ކަންނޭނގެ. ކުރިން އިނާއާއިވެސް ނަޖްމާ ގަބޫލޭ...ފަހުން އިނާގެ މަންމަ އަކީ ކާކު ކަމާއި ބައްޕައަކީ ކާކުކަން ރަނގަޅަށް އެނގުމުން ނަފްރަތު ކުރަން ފެށީ...." އަލިމަނިކުގެ ދިރިއުޅުމުގެ އެންމެ ހިތި ޙަގީގަތް ހާމަ އެ ކުރެއްވީ އޭގެ އެތަކެއް އަހަރު ފަހުންނެވެ. 

"
އެކަމަކު ކީއްވެތޯ ނަފްރަތު ކުރަންވީ....އިނާ އަކާ އެކަމަކާ ގުޅުމެއް ނެތްކަން ނަޖްމާއަށްވެސް އެނގޭނެ ދޮގެއްތޯ؟" ޚާލިދުއެހިއެވެ.

"
ބަލަ ކާކަށްތަ އެއްވެސް މީހަކު އެހާ ވަރުން ލޯބިވާ މީހަކު މަތިން ހަނދާން ނައްތާލެވުނީ.....ޚާލިދުގެ ހިތުންވެސް އަދިވެސް ނުފިލާނެކަން ގައިމު....އެހެންވީމަތާ އޭނަ އުޅޭނޫޅޭ ގޮތް ބަލަން ލަންކާއަށްވެސް ޚާލިދު އެ ދުވަސްކޮޅު އެހާ ގިނައިން ދިޔައީ...." އަލިމަނިކުއަށް ހުރިހާ ހަގީގަތެއް އެނގެއެވެ.
ފަސްޖެހުމެއް ނެތި ޚާލިދުއަށް އެ ވާހަކަތަށް އަލިމަނިކު އާއި އެ ދެއްކެނީވެސް އެހެންވެގެންނެވެ.

"
ޚާލިދު....އެއްވެސް މީހެއްގެ ދިރިއުޅުމަކީ ވާހަކަ ފޮތްތަކުގައި އޮންނަހާ ރީތި ދިރިއުޅުމެއް ނޫންކަން ޚާލިދުއަށްވެސް މިހާރު އެނގޭނެ. އަހަރެމެން ކޮންމެ މީހެއްގެވެސް ކޮންމެވެސް ހިސާބެއްގައި ދަމިލަ ޖަހާފައި ހުންނާނެ. އެކަމަކު އެ ކަހަކަހައިގެން އުޅުމުގެ ބޭނުމެއް މިހާރު ނެތް...." އަލިމަނިކު ވާހަކަ ދެއްކެވީ އަސަރާއެކުގައެވެ. 

"
ދެން އެކަމަކު މިއީ އެ ގަރުނެއްވެސް ނޫނެއްނޫންތޯ؟ މިކަމުގައި އަޅުގަނޑަކަށް ނޭނގެ ދެން ހަދާނެ ގޮތެއް." ޚާލިދު ގޮތް ހުސްވެގެން ވާހަކަ ދެއްކިއެވެ.

"
ތިކަމުގެ ހަގީގަތް އަހަރެންވެސް ޖެހޭނީ އަހަން. އެކަމަކު ހަމަ ގަބޫލުކުރަން ދަތި ނަވީން އާއި ލީނާއާއި ދެމެދުގައި އެފަދަ ގުޅުމެއް ހިނގާފާނެ ކަމަކަށް. މި ހުރިހާ ދުވަސްވީއިރުވެސް ނުވި ކަމެއް ކައިވެންޏަކަށްފަހު އަލުން ވާނެހެން ހިއެއް ނުވޭ. އެކަމަކުވެސް ތި ވާހަކަ ކިހިނެއް ދައްކާނީވެސް...ގެއަށް ގޮއްސަ ނަޖްމާއާއި ވާހަކަ ދެއްކޭނީ...." އަލިމަނިކު ދެއްކެވި ވާހަކަ އެހިސާބަށް ނިންމަވާލެއްވިއެވެ.

"
އަޅުގަނޑުމެންގެ އާއިލާގެ ފަރާތުން މިކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ތިގެއިން ހުރިހާ ހައްލެއްވެސް އަންނަން ޖެހެނީ. އަލިމަނިކު އަށް ފެނިލައްވާ ގޮތެއް އެނގެން އަޅުގަނޑު ބޭނުން. ނަވީން އެހެރީ ވަޒީފާގައި އެހާ ދުރުގައި ވީމަ، މިވާހަކަ ނަވީން އާއި ދެއްކުމުގެ ކުރިން ކަމުގެ ޙަގީގަތް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބެލުން މުހިއްމު ހެން ހީވަނީ...." އަލިމަނިކު ދައްކަމުން ދިޔަ "މާޒީ" ގެ ވާހަކަ އާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ ޚާލިދު ދައްކަމުން ދިޔައީ މިހާރު އުފެދިގެން މި އުޅޭ މައްސަލައިގެ ވާހަކައެވެ.

"
އާނ.....ގޭތެރެއިން މިކަމަށް ހައްލު ހޯދުން ވަރަށް މުހިއްމު....ތިހާ ބޮޑުކަމެއް ގޭތެރޭގައި ހިނގަމުން ދާއިރު އަހަންނަށް ނަޖްމާ ނައަންގަނީ ކީއްވެބާ...؟" އަލިމަނިކުވެސް ޚާލިދުގެ ޚިޔާލަށް ތާއީދު ކުރެއްވިއެވެ.

** ** ** ** ** ** ** **

"
އިނާ އެހާ ވަރަށް ކިޔަންޏާ އިނާ ފޮނުވާލަންވީ ކަންނޭނގެ......އެ ލީނާ މިގެއިން ދިޔަފަހުން ނަވީން އާއި އިނާއާއި ދެމެދު އެ އޮތީ ބޮޑުސިންގާ މައްސަލަގަނޑެއް ޖެހިފަ. އިނާވެސް ބޭނުމެއް ނުވޭ ފޯނުން އެ ވާހަކަ ދައްކާކަށް. އަދި މި މަސް ނިމެންވެސް އެބައޮތެއްނު ހަފްތާއަކާއި ދުވަސްކޮޅެއް.......އެކޮޅަށް ގޮއްސަ އަންނައިރު އިނާއަށްވެސް ރަނގަޅު ގޮތެއް ވިސްނިދާނެކަންނޭނގެ. މިހާރު ބޮޑުކުއްޖެއްނު....ހިފެހެއްޓުމުގެ މާ ބޮޑު ބޭނުމެއް ނެތްކަންނޭނގެ....ފާއިޒާއްތަގެ ސަމާވެސް އެކޮޅުގަ ކިޔަވަން އެބައުޅޭނު....އެގޭގައި ހުރުމުގެ ކަންތައް ހަމަޖެހިއްޖެއްޔާ އިނާއަށްވެސް ފަސޭހަ ވާނެ" ޚާލިދު އަލިމަނިކުއަށް ގުޅައިގެން އިން ވަގުތު ޝީލާގެ ވިސްނުމުގައި އެނބުރެމުން ދިޔަ ވާހަކަތައް ޚާލިދު ފޯން ބޭއްވުމުން ޝީލާ ބުނެލިއެވެ. 

ޝީލާ ބޭނުންވީ އިނާ ފޮނުވާލާށެވެ. އެންމެ ރަނގަޅުވާނީ އެގޮތްކަމަށް ޝީލާއަށް ފެނުނީއެވެ.

"
ކަމުގެ ހަގީގަތް ނުބަލާ ދާންތަ ޝީލާވެސް އިނާއަށް ތި ހިތްވަރު ދެނީ؟" ޚާލިދު އެހިއެވެ. 

"
ލީނާ އެ ދެއްކި ވާހަކަ އަކީ ހަގީގަތަކަށް ވެއްޖިއްޔާ އެކަމާއި ކުރިމަތިލުމުގެ ހިތްވަރު އިނާގެ ހުންނަން އެބަޖެހޭ.....ހަގީގަތަކަށް ނުވިއްޔާ ދެން އެ ނިމުނީތާ؟ އެހެނެކޭ ކިޔާފަ ބައެއްގެ ދިރިއުޅުން ހުއްޓުމަކަށް ގެނައުން މުހިއްމެއް ނޫންކަންނޭނގެ.....ހަގީގަތް އެނގެން ވަގުތު ނަގާނެ. އެއް ހަފްތާގެ ކޯހެއް މަޑެއް ނުކުރާނެ އޭރަކަށް....އަހަރެން ބޭނުމެއް ނޫން އަހަރެމެންގެ ސަބަބުން އިނާގެ ކުރިއެރުމަށް އެއްވެސް ބުރުލެއް އަރާކަށް..." ޝީލާ އެ ދެއްކި ސަބަބުގައި ހަރުދަނާ ކަމެއް ހުއްޓެވެ.
އެކަން ޚާލިދުވެސް ގަބޫލުކުރިއެވެ. އެކަމާއި ބެހޭ ގޮތުން އިތުރު އެއްޗެއް ނުބުނީ އެހެންވެގެންނެވެ.

ގޮތްހުސްވެފައިވާ މީހެއްފަދައިން އެ ކޮޓަރިން ނުކުމެގެން ޝީލާ ދިޔައީއެވެ. ޚާލިދުއަށް އިނދެވުނީ ޚިޔާލީ ދުނިޔެއެއްގައެވެ. ހެނދުނު ހޭލައިގެން ފެންވަރާ ހަދައިގެން ސައިބޯން ތައްޔާރުވިމީހާ، މޮބައިލް ފޯން ހިފައިގެން އިނދެވުނީ ކަންތައްތައް މިދާ ގޮތާއި ދޭތެރޭ ފިކުރު ބޮޑުވެފައެވެ. 

އަނެއްކާވެސް މިއާއިލާއަށް މި ދިމާވީ ކޮންކަހަލަ ކަމެއް ބާވައެވެ. 
އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އިނާއަށް ހޯދައިދިނުމަށްޓަކައި އޭނައަށް ކުރެވުނުހާ މަސައްކަތެއް އޭނަ މި އަންނަނީ ކުރަމުންނެވެ. އެކަމަކުވެސް އައިސް ކުރިމަތިވަނީ ދަތި އުނދަގޫ ކަންތަކާއެވެ. އެކަމަކުވެސް މި ހުރިހާ ކަމަކާއިވެސް އޭނަ ކުރިމަތިލާން ޖެހޭނެއެވެ. 
އިނާއަށްޓަކައެވެ. 
އިނާގެ މަންމައަށްޓަކައެވެ. 
އިނާގެ މަންމަ ދެކެ އޭނަ ވީ ލޯތްބަށްޓަކައެވެ. 
އެ ހަގީގަތުގެ ވާހަކަ އެއްވެސް މީހަކު އާއިލާ ތެރޭގައި ދައްކާ ނޫޅުނު ނަމަވެސް އޭނަގެ ދަރިއަކަށް އިނާ ހަދަން ޖެހުނު އެ ހަގީގަތަކީ ދުނިޔެ ދެމިއޮތްހާ ހިނދަކު އޭނަގެ ހިތުން ފިލާނެ ހަނދާންތަކެއް ނޫނެވެ. 

އިނާގެ މަންމަ، ސޮފޫރާ އަކީ އޭނަގެ އަލަތު ލޯތްބެވެ. ނުލިބުނު ނަމަވެސް އެއީ އޭނައަށް އަންހެންކުއްޖަކު ދެކެ ވެވުނު ފުރަތަމަ ލޯތްބެވެ. ހާސިލްކުރަން މަސައްކަތް ނުކޮށް ބަލަހައްޓައިގެން ހުރެވުނީ އޭރު ސޮފޫރާ ކިޔެވުމާއި އުޅޭތީއާއި އުމުރުން ޅަ ވެފައި އެފަދަ ގުޅުމަކަށް ތަސައްރަފު ނުފުދޭކަމަށް ހީކޮށްފައެވެ. އެދެމީހުންގެ އުމުރުގައި ހުރީ އެންމެ 6 އަހަރުގެ ތަފާތެއްކަމަކު، ސޮފޫރާ ހުންނަ ގޮތުންނާއި އުޅޭގޮތުން މާ ޅަކޮށް ފެންނާތީ އެފަދަ ވާހަކައެއް ސޮފޫރާ ކައިރީ ދައްކަންވެސް ޖެހިލުންވީއެވެ.
މީގެ އިތުރަށް ގޭގައި ކިޔަވަން ބަހައްޓާފައި ހުރި ބީރައްޓެހި ކުއްޖަކާއި އެފަދަ ގުޅުމެއް ބޭއްވުމަށް ދައްތަވެސް ނުރުހޭނެކަން ހިތަށް އަރާފައި އޭނަ އޭރު މަޑުކޮށްގެން ހުރީ ސޮފޫރާ ކިޔަވައިނިމެންދެންނެވެ.

ނަމަވެސް ކަންވެގެން ދިޔައީ އެހެންނެއް ނޫނެވެ. 
އޭނަގެ ދައްތަގެއެދުމުގެ މަތިން މަތީ ތަޢުލީމް ހޯދައިދިނުމަށްޓަކައި ލަންކާއަށް ސޮފޫރާ ފޮނުވުމުން، އެހިސާބުން އޭނައަށް ސޮފޫރާ ގެއްލުނީއެވެ. 
ފެންނަ ކޮންމެ މީހަކާ ވާހަކަ ދައްކާ ޒާތްޒާތަށް އުޅޭ އަންހެންކުއްޖެއް ނޫނެއްކަމަކު، ރީތީގެ ހުރިހާ ސިފަތަކަކާއެކު މާތްﷲ ލައްވާފައިވާ އެ ހަށިގަނޑާއި ސޫރަ ފެނުނު ކޮންމެ ފިރިހެނަކުގެ ހިތް ސޮފޫރާއަށްޓަކައި ފިދާވާނެކަން އޭރުވެސް އޭނައަށް އެނގެއެވެ. އެކަމަކު އަމިއްލަ އެދުމަކަށްޓަކައި، އެގެއިން ބޭރަށް ސޮފޫރާ ނުފޮނުވާށޭ އޭނައަށް އޭނަގެ ދައްތަ ކައިރީ ބުނެވުމަކީ ނާދިރު ކަމަކަށްވާތީ، އެ ކަމަށް އޭނަވެސް ޖެހުނީ ހަނުހުންނާށެވެ. 


އޭރު އޭނަ ހުރީ ޕާކިސްތާނުގައި ކިޔަވަންކަމަކު، ސޮފޫރާ އުޅޭނޫޅޭގޮތް ލޮލުން ދެކެން ބޭނުންވެގެން، ބަހަނާއެއް ނަގައިގެން އޭނަ ދެފަހަރަކު ލަންކާއަށް ދިޔައެވެ. އަލިމަނިކު އެބުނާ ހަގީގަތް އޭނައަށް އެނގެންފެށީ އެހިސާބުންނެވެ. އޭރު ނަޖްމާއަކީ ކާކުކަން ނޭނގުނު ނަމަވެސް ނަޖްމާވެސް ހުރީ އެމީހުން ތިބި ހޮޓަލާއި ކައިރި ގެއެއްގައިކަމުން، ނަޖްމާ އުޅެމުންދިޔަ ގޮތް އޭނައަށް ވަރަށް ރަނގަޅަށް ފެންނަމުން ދިޔައެވެ. 

ބިދޭސީއަކާއެކު ގާތްގުޅުމެއް ބާއްވަމުން ނަޖްމާ ދިޔައިރު، އެ މަންޒަރު އެތައް ތަނަކުން ފެނި، އަޑުއިވެމުން ދިޔައެވެ. އެއީ ދިވެއްސެއްކަމާއި މަޝްހޫރު ވިޔަފާރިވެރިޔާ އަލިމަނިކުގެ އަންހެނުންކަން އެ ހިސާބުގައި އުޅޭ ހުރިހާ ދިވެހިންނަށްވެސް އެނގެއެވެ. އެކަމަކު އެއީ އޭނައާއި ބެހޭ ކަމަކަށް ނުވާތީ އޭނައަކަށްވެސް އެ ކަންތައްތަކެއް އޭރު މުހިއްމު ނުވީއެވެ. 

އޭނަ އިންތިހާއަށް ލޯބިވާ ޞޮފޫރާއަކީވެސް އެ ބިދޭސީ މީހާގެ ޝިކާރައެއްކަން އޭރު އޭނައަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ އެފަދަ އަޑެއްވެސް މަންޒަރެއްވެސް އޭނައެއް ނުދެކެއެވެ. 

އެއާއި ޚިލާފަށް އެ ދެ ދަތުރުގައިވެސް ސޮފޫރާ ފެނިގެން ދިޔައީ އޭނަގެ ދައްތަގެ ގަވާޢިދުތަކާއި އެއްވެސް ޚިލާފެއް ނުވާ ބަސްއަހާ އަންހެންކުއްޖެއް ފަދައިންނެވެ. އެނބުރި ޕާކިސްތާނަށް އެފަހަރު އޭނަ ދިޔައީ، އޭނައަށް ސޮފޫރާ ނުގެއްލޭނެ ކަމުގެ ހިތްހަމަޖެހުމާއެކުގައެވެ. އޭގެ ފަހުން ކިޔެވުން ދޫކޮށްލާފައި އޭނަ ލަންކާއަށް ނުދިޔައީވެސް އެޔަގީންކަން އޭނައަށް އޮތީމައެވެ. 

ނަމަވެސް ކަންތައް ވެގެން ދިޔައީ ދެކެމުން އައި ފޮނި ހުވަފެންތަކާއި މުޅިން ދެކޮޅަށެވެ. އަހަރެއްގެ ފަހުކޮޅުގައި، ކިޔެވުން ދޫކޮށްލާފައި ސޮފޫރާއަށް މާލެ އާދެވުނީ އޭނަގެވެސް ޗުއްޓީއެއްގައި އޭނަ އައިސް މާލޭގައި ހުއްޓައެވެ. ސޮފޫރާ އުޅެމުން ދިޔަ ގޮތުން ޝައްކު ކުރެވުނީވެސް އޭނައަށެވެ. އޭނަގެ ދައްތަ ކައިރީ އެ ވާހަކަ ދެއްކުނީވެސް އޭނައަށެވެ. 

ހާމަވެގެން ދިޔަ ހަގީގަތް ވެގެން ދިޔައީ އެ އާއިލާއަށް ލިބުނު ހަޑިނަމެއްގެ އިތުރުން އޭނަގެ ހިތް ފުނޑުފުނޑުވި ކަމަކަށެވެ. އޭނަ ރާވަމުން އައި ގަނޑުވަރު ބިމާ ހަމަވެގެން ދިޔަ ކަމަކަށެވެ. 
ސޮފޫރާ އިނީ އެ އީރާނު މީހާއަށް ބަލިވެއެވެ. 
އޭނައަށް ސޮފޫރާއާއި ހަތަރުކަޅިހަމަކޮށް ވާހަކަ ދެއްކުންވެސް ވީ އެ ހިސާބުން ދަތި ކަމަކަށެވެ. އެފަހަރު އޭނަ ފުރައިގެން ދާން ޖެހުނީ ކަތިލެވިފައިވާ ހިތަކާއެކުގައެވެ. 
އެހެންނަމަވެސް އޭނަގެ ހިތުން ސޮފޫރާ އާއި ދޭތެރޭ އޮތް ލޯބި ނުފޮހުވުނެވެ. ސޮފޫރާ އާއި ދޭތެރޭ ކަންތައް ވަމުން އައި ގޮތުން ހިތުގައި ހަމްދަރްދީ އުފެދި، އިތުރަށް އެ ލޯބި އާލާވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ޚުދު ސޮފޫރާއަށް އެކަން ފާހަގަވެގެން ދިޔައީއެވެ. އެއީ ސޮފޫރާގެ ބަނޑަށް އަށް މަހުގައެވެ. 
އެދެމީހުންގެ ދެމެދުގައި އެފަދަ ވާހަކައެއް ދެކެވުނު ފުރަތަމަ ފަހަރެވެ.
ފާޅުގައި ސޮފޫރާ ދެކެ ލޯބިވާ ވާހަކަ އޭނަ ނުބުނި ނަމަވެސް ސޮފޫރާ ދެކެ އޭނަ ލޯބިވާކަން އެނގޭކަމަށް ސޮފޫރާ ބުނި ދުވަސް އިއްޔެ ވީ ކަމެއްފަދައިން އޭނައަށް އިހްސާސް ކުރެވޭފަދައެވެ. އެ ދުވަހުގެ ހުރިހާ ކަމެއްވެސް އޭނަގެ ހަނދާނުގައި ހަރުލާފައިވެއެވެ. ކަރުނައިން ފުރިފަ ހުރި ދެލޮލަކާއި ބޮޑު ބަނޑާއެކު، އޭނައަށް ބަލާލަމުން ލަދުވެތިކަމާއެކު އެހެން ބުނެލީ ކުށްވެރިއަކު ކުށަށް އިޢުތިރާފްވި ފަދައިންނެވެ. ސޮފޫރާގެ ފަރާތުން އޭނައަށް ލިބުނު ތަދުތަކާއި ވޭނަށް މަޢާފް އެދުނީ އެއަށްވުރެވެސް ހިތި އަސަރާއެކުގައެވެ. 

ސޮފޫރާ ވިހައި ގަދަވުމުން ސޮފޫރާއާއި ކައިވެނި ކުރަން ބޭނުން ވާވަހަކަ އޭނަ ބުނީ އެ ދުވަހުއެވެ. 
އެކަމާ ސޮފޫރާ އަދާކުރީ ޝުކުރެވެ. އިހްސާންތެރިއެއްގެ އިހްސާންތެރިކަމަށް ޝުކުރު އަދާކުރާފަދައިންނެވެ. ފިރިހެނެއްގެ ލޯތްބަކީ އޭނައަށް އަސަރު ނުކުރާނެ އެއްޗެއް ފަދައެވެ. ސޮފޫރާއަށް ލިބުނު އެ ބޮޑު ކެހިވެރިކަމުގެ ސަބަބުން ސޮފޫރާ ހުރީ އެފަދަ ހުރިހާ ލޯތްބަކަށް އަލްވަދާޢު ކިޔާފައި ފަދައެވެ.

އެދުވަހު އޭނައާއި ކައިވެނި ކުރުމަކަށްވެސް އަދި ނުކުރުމަކަށްވެސް އެއްވެސް ޚިޔާލެއް ސޮފޫރާ ފާޅު ނުކުރެއެވެ. އޭގެ ބަދަލުގައި ސޮފޫރާ އެދުނީ އޭނަ ނެތް ދުނިޔެއެއްގައިވެސް އޭނަގެ ދަރިފުޅު ބާކީ ކޮށްނުލުމަށެވެ. ސޮފޫރާއަކީވެސް ބައްޕައެއް ނެތް ކުއްޖަކަށްވީގޮތަށް ސޮފޫރާއަށް ލިބެން އުޅޭ ފުރަތަމަ ދަރިފުޅުވެސް ބައްޕައެއް ނެތް ކުއްޖެއް ގޮތަށް ދުނިޔެއަށް ގެނެވޭތީ އެކަމާއި ސޮފޫރާ ދިޔައީ އިންތިހާއަށް ހިތާމަ ކުރަމުންނެވެ. ސޮފޫރާގެ މަންމަ ސޮފޫރާ ދޫކޮށްލާފައި އެހެން އަތޮޅަކަށް ގޮސް އެ އަތޮޅުން މީހަކާއި ކައިވެނިކޮށްގެން އުޅެމުން އެދާ ގޮތަށް އޭނަގެ ދަރިފުޅު ބާކީވާން ނޭދޭ ކަމަށް އެތަކެއްފަހަރު ސޮފޫރާ ބުންޏެވެ. ސޮފޫރާ ދެކެ ކުޑަވެސް ލޯތްބެއް ވާނަމަ ސޮފޫރާގެ އެ ދަރިފުޅަށްޓަކައި އެ ހުރިހާ ލޯތްބެއް ވަގުފުކޮށްދިނުމަށް ސޮފޫރާ އޭނަ ކައިރީ އެދުނީ ރޮމުން ގިސްލަމުންނެވެ. އޭނަގެ ދަރިފުޅުގެ ފަރާތުން އޭނައަށް މައާފް ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމަށް އޭނަގެ ކިބައިން އެދުނީ ވޭނާއެކުގައެވެ. 
އެ ދަރިފުޅާއި ބައްދަލުކުރަން ޚުދު ސޮފޫރާ ނުހުންނާނެކަން އެނގޭފަދައަކުންނެވެ. 
އެ ދަރިފުޅުގެ ހުރިހާ ކަމަކާއި ޙަވާލުވާން ސޮފޫރާ އެދުނީ އޭނަ ކައިރިންނެވެ. 

އެވެސް ތަގުދީރެވެ. 
ސޮފޫރާ ދެއްކި ހުރިހާ ވާހަކައެއްވެސް އެ ދުވަހު ދެއްކީ އެނގިގެންފަދައެވެ. ސޮފޫރާއަށް ސޮފޫރާގެ ދަރިފުޅު ލޮލުންވެސް ނުފެނެއެވެ. އިނާ އާއި ދިމާވެ އިނާ ކައިރީ އެވާހަކަ ވާހަކަ ދައްކާކަށް ސޮފޫރާއެއް ދުނިޔެއަކު ނެތެވެ.
މިވެސް ތަގުދީރެވެ. 
އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އޭނަ މި އަންނަނީ ސޮފޫރާގެ އެ ހުރިހާ އެދުމެއްވެސް ފުރިހަމަ ކޮށްދެމުންނެވެ. 

އިނާގެ އުމުރުގެ ފުރަތަމަ ފަސްވަރަކަށް އަހަރު އިނާގެ ހުރިހާ ކަމެއް ބަލަމުން އައީ އޭނަގެ ދައްތަ އެވެ. އޭނަގެ ދައްތަގެ ތަރުބިއްޔަތުގެ ދަށުން ބޮޑުވަމުން އައި އިނާއަށް ދަސްކޮށްދެވުނީ އޭނަގެ މަންމަ ދެކެ ނަފްރަތު ކުރުމުގެ ބަދަލުގައި ލޯބިވުމަށް ކަމަށްވާތީ، އެ މައާފް އޮތީ އެދުމަކާ ނުލާ ބުނުމަކާ ނުލާ އިނާގެ ހިތުން އިނާގެ މަންމައަށް ދެވި ނިމިފައެވެ. 
އިނާގެ މަންމަ އާއި އޭނައާއި ދެމެދުގައި އެއްވެސް މިންވަރެއްގެ ގުޅުމެއް ދުވަހެއްގެ ކޮޅުން އޮތްކަންވެސް، އިނާއަށް ނައަންގާ ސިއްރުކޮށްފައި އޮތް ނަމަވެސް، މިއަދު އިނާއަށް އިނާގެ މަންމަ އާއި ބައްޕަގެ ޙަގީގަތް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އިނާގެ މަންމަ އަކީ އޭނަގެ ފުރަތަމަ ލޯބިކަން އުމުރަށް ސިއްރުކުރުމަށް ކަނޑައަޅައި ނިމިފައި އޮތް ނަމަވެސް، އިނާއަކީ އެތައް ބައެއްގެ ލޮލުގެ ނޫރުފަދަ ކުއްޖެއްކަން އިނާއަށް ވަންހަނާވެފައެއް ނޯންނާނެކަން އޭނައަށް ޔަގީނެވެ. އެއީ މާޒީ ކަމަށް ބެލި، އެ މާޒީގެ ގަނޑުތައް ދުވަހަކުވެސް ނުހިއްލާގޮތަށް އެ ފޮތް އޮތީ ލައްޕާލެވިފައެވެ.

ނަމަވެސް، އެ މާޒީ އެހެން ސިފައެއްގައި މިގޮތަށް އައިސް އޭނައާއި ކުރިމަތިލާފާނެކަމަކަށް އޭނަ އުއްމީދެއްވެސް ނުކުރެއެވެ. މި ދުނިޔޭގައި މި ހުރިހާ އިންސާނުން އުޅެމުންދާއިރުވެސް، ސޮފޫރާގެ އިނާގެ ހަޔާތުގެ ބައިވެރިއަކަށް މިއަދު ވެފައި އެހެރީ، އިނާގެ ބައްޕަ ކަމަށް ސޮފޫރާ ބުނި މީހާ ދެކެ އިރެއްގައި އިންތިހާއީ ބޮޑު ލޯތްބެއްވި އަންހެންމީހާގެ ދަރިފުޅެވެ. ނަޖްމާގެ ނަވީންއެވެ.
އެކަމަކު މިފަދަ ބޮޑު އިއްތިފާގެއް ދިމާވުމަކީ ވެދާނެ ކަމެކޭ އެއްވެސް މީހަކު ހީވެސް ކޮށްފާނެ ބާވައެވެ. 
އެކަމަކުވެސް މިއަދު މިއޮތީ މި ދުވަސްވެސް އައިސްފައެވެ.

ނަޖްމާ އަކީ ތަޢުލީމީ ތަހުޒީބީ މީހަކަށްވީއިރުވެސް، ދުނިޔޭގައި ނުވެސް ނެތް ސޮފޫރާގެ މައްޗަށް ހިތްހެޔޮ ކުރުމުގެ ގާބިލްކަމެއް ނަޖްމާގެ ނެތެވެ. އެއްވެސް ތާކުންތާކު ނުޖެހޭ ސަބަބަކާހެދި މިއަދުވެސް ސޮފޫރާ ދެކެ ނަޖްމާ ނަފްރަތު ކުރާކަން މި އަންނަނީ ފާޅުވަމުންނެވެ. ނަޖްމާއާއި އަލިމަނިކުގެ ދިރިއުޅުމަށް އައި މެދުކެނޑުމެއްގައި އުފެދުނު ވަގުތީ ލޯތްބެއް ނަޖްމާއަށް ޙާޞިލު ނުވީތީ، ތަންދޮރު ނުދަންނަ މީހުންގެ ފަރާތުން ފެންނަ ފަދަ އަމަލުތަކާއި ބަސްތައް ނަޖްމާގެ ފަރާތުން އިވުމަކީ އެއީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. 

އެކަމަކު އެއީ އަންހެންވެރިންގެ ގޮތް ކަންނޭނގެއެވެ. 
ފިރިހެނެއްގެ ސަބަބުންނަމަ، މައާފް ކޮށް އެކަންތައްތައް ހަނދާން ނައްތާލުމުގެ ބަދަލުގައި އަބަދުވެސް ބަދަލުހިފުމުގެ ޝުޢޫރެއް ގެންގުޅުމަކީ ވަރަށް ގިނަ ފަހަރަށް ފެނިފައި ހުރި ކަމެކެވެ. އެކަމަކު މިކަމުގައި ނަޖްމާ ބަދަލު ހިފާނީވެސް ވަކި ކާކުގެ ކިބައިން ހެއްޔެވެ. ސޮފޫރާއެއް ދުނިޔެއަކު ނެތެވެ. އެ ބިދޭސީ މީހާ އަކީ އެހެން ގައުމެއްގައި އުޅޭ ބީރައްޓެއްސެކެވެ. 
އަނެއްކާ ބަދަލުހިފަންވީވެސް ކީއްވެހެއްޔެވެ؟ ނަޖްމާ އުޅެމުން އެ ދަނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ.

ތެދެކެވެ. 
އަލިމަނިކު ބުނިހެން އެއްވެސް މީހެއްގެ ހަޔާތަކީ އެހާ އޮމާން ރީތި ދިރިއުޅުމެއް ނޫނެވެ. ކޮންމެ އާއިލާއެއްގައިވެސް، އެ އާއިލާއެއްގެ މީހުން ފަޚުރުވެރި ނުވާފަދަ "ހަޑި" ލައްގަނޑުތައް ޖެހިފައި ހުންނާނެއެވެ. ނަޖްމާ އާއި އަލިމަނިކުގެ ދިރިއުޅުމަކީވެސް އެއްވެސް އިރެއްގައި ހަމަޖެހޭ ދިރިއުޅުމެއް ނޫންކަންނޭނގެއެވެ. އަލިމަނިކު އަކީ ނަޖްމާވެސް ކައިވެނި ކުރަން ބޭނުންވި މީހާ ނޫންކަންނޭނގެއެވެ. އަލިމަނިކުގެ ހިތްތިރި ކަމާއި މަޑުމައިތިރި ކަމާއި ގޮތްދޫކުރުމާއި ނަޖްމާއަށް ދޫދިނުމުގެ ސަބަބުން ހަމަހިމޭނުން އަޑުގަދަނުކޮށް ރީތި ދިރިއުޅުމެއް އުޅެވެނީ ކަންނޭނގެއެވެ. އަލިމަނިކުގެ އެ ވާހަކަ ކޮޅު އެ ނިސްބަތް ކުރެއްވީ އެކަމަށް ކަންނޭނގެއެވެ. 

މާނައަކީ އަލިމަނިކުއާއެކު ދެވަނަ ދިރިއުޅުމެއް އުޅެން ޖެހުމުން އެކަމާ ނަޖްމާ ހުންނަނީ ހިތްހަމަޖެހިގެން ނޫނޭހެއްޔެވެ؟ އަލިމަނިކުގެ ހަޔާތަށް ނަޖްމާއަންނަން ބޭނުން ނުވާއިރުވެސް، ހުރި ހަމަ އެކަނި ދަރިފުޅަށްޓަކައި އުޅެނީބާއެވެ؟ ހަގީގަތަކީ އެއީކަމަށްވުން ވަރަށް ގާތެވެ.

އެކަމަކު ނަޖްމާ އެ ރާވަމުންދާ ރޭވުމަކީ ވިސްނުންތެރި ރޭވުމެއް ނޫނެވެ. 
ނަޖްމާގެ ހިތުގައި އެ އޮންނަ ނަފްރަތަކީ އިނާއަށްވުރެ ބޮޑަށް އިނާގެ މަންމަ އާއި އިނާގެ ޝަރުޢީ ބައްޕަ ކަމަށްވާ އެ އީރާން މީހާގެ މައްޗަށް އޮތް ހިތްހަމަނުޖެހުމަކަށްވެފައި، ޅަދުވަސްވަރު ހިނގާފައި އޮންނަ ލޯބީގެ ހާދިސާއެއްގެ ސަބަބުން ބަދަލު ހިފުމުގެ ގޮތުން ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުކުރަން ނަޖްމާ އެ ކުރާ މަސައްކަތަކީ އޭނަ މަރުޙަބާ ކިޔާނެ ކަމެއް ނޫނެވެ. ދާން ޖެހިއްޖެނަމަ މިކަމުގެ އެންމެ އަޑިޔާއި ހަމައަށްވެސް އޭނަ ދާނެއެވެ. އިނާގެ ދިރިއުޅުން ހަލާކުވެގެން ރޫޅިގެންދާން އޭނަ ފުރުޞަތެއް ނުދޭނެއެވެ. 

ތައްޔާރުވެލައިގެން ސައިބޯން ދާން އުޅުނު މީހާ، ސައިބޯންދާ ޚިޔާލުވެސް ނުކޮށް އިނދެވުނީ އަލިމަނިކު އެދެއްކި ވާހަކަ ތަކުން ކުރެވުނު ޚިޔާލުތަކެއްގައެވެ. މާޒީގެ ތާރީޚުތަކާއި ހާދިސާތަކުގެ ހަނދާންތަކެއް ކުރެވި، ވެގެން މި އުޅެނީ ކިހިނެއްކަން ރަނގަޅަށް ވިސްނުމަށްފަހު، އެންމެ ފަހުން ކޮޓަރިން ނުކުމެގެން ދިޔައީ، ވަރުގަދަ ޢަޒުމެއްގައެވެ. އިނާ އާއި ނަވީންގެ ދެމެދަށް އެއްވެސް ހުރަހެއް އަޔަނުދޭނެ ކަމަށް އަމިއްލަ ނަފްސަށް ވަޢުދު ވަމުންނެވެ.

** ** ** ** ** ** **

ހޮސްޕިޓަލުގެ ހުއްދައާއެކު ހުރިހާ ކަމެއް ހަމަޖެހި ނިމިގެން އެއް ހަފްތާގެ ކޯހަށް ޕާކިސްތާނަށް ދިއުމަށްޓަކައި އިނާ މިރޭ މާލެ ފުރަނީއެވެ. ޕާކިސްތާނަށް ފުރަން އޮތީ މާދަން ރެއެވެ.

ސޫޓްކޭސް ހިފައިގެން ޒާހިރު ނުކުތްތާ މާ ގިނައިރުތަކެއް ނުވެ ފަހަތުން ކަހަލަ ގޮތަކަށް އިނާވެސް ނުކުމެގެން އައިއްސިއެވެ. ސިޓިންރޫމް ދޮރުމަތީގައި ހަމްދު އާއި ބައްޕަ ހުންނެވި ނަމަވެސް މަންމަ ފެންނަން ނެތުމުން އިނާ ދިޔައީ ކާކޮޓަރިއާއި ދިމާލަށެވެ. 

"
މަންމާ.....އަހަންނަށްވުރެ ކުރިން ނަވީން އަތުވެއްޖެނަމަ މި ސިޓީ ނަވީން އާއި ޙަވާލުކޮށްލަދީ....އެކޮޅުން ނެޓްކަނެކްޝަނާއި ކަންތައްތައް ހުންނާނެ ގޮތެއް ނޭނގޭތީ ފަހަރެއްގަ ދިމާނުވެދާނެކަމަށް ލިޔެފަ މި ދަނީ.....މަންމަ ކައިރިން އެދުނުހެން މަންމަ ކަންތައް ކޮށްދޭނެ ކަމަށް ޔަގީން ކުރަން....." އައިސް އަލަމާރި ކައިރީ ހުރި ޝީލާ އަތަށް ސިޓީއުރައެއް އިނާ ދިއްކޮށްލިއެވެ.

"
ދަރިފުޅު ނައަންނަ ގޮތަކަށް ދަނީކީއެއް ނޫނެއްނު...." ހީލާފައި ޝީލާ ބުނެލިއެވެ.
"
އާނ....އެކަމަކު ކުރިން ނަވީންވެސް އައިސްދާނެ ފަހަރެއްގަ....އެހެންވީމަ....." އިނާ ބުނެލިއެވެ.

"
ނަވީން ކައިރީ ބުނިންތަ ދަރިފުޅާ...." އިނާ ހިނގައިގަތުމުން ފަހަތުން ހިނގައިގަންނަމުން ޝީލާ އެހިއެވެ.
"
ނޫން....." އެނބުރި މަންމަގެ މޫނަށް ބަލާލާފައި އިނާ ޖަވާބު ދިނެވެ. 

އެއްޗެއް ނުބުނި ނަމަވެސް އިނާގެ މޫނުމަތީގެ ކުލަވަރުން ޝީލާއަށް ހުރިހާ ކަމެއްވެސް ހަނދާން ވެއްޖެއެވެ. އެ ދެމައިން ވަނީ ރޭގައި ވަކި ގޮތަކަށް ވާހަކަ ދައްކައި އެއްބަސްވުމަކަށް އައިސްފައިކަން ޝީލާ ހަނދާން ވެއްޖެއެވެ.

"
އެންމެ ރަނގަޅު. ދަރިފުޅު ބުނި ގޮތަކަށް ހުރިހާ ކަމެއް ހަމަޖައްސާނަން...." ލޯތްބާއެކު އިނާގެ ބުރަކަށީގެ ފިރުމަމުން އިނާއާއެކު ޝީލާވެސް ގޮސް ފެންޑާއަށް ނުކުތެވެ.
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-11-27 08:42:31 | Report this Comment
ހާދަ ހެޕީއެ .ަ....ހާދަ އަވަހަކަށް އަޕްކޮއްލީ............ ތެންކްސް...........


http://www.muraasil.com/images/comment_reply.pngPosted on 2011-11-27 11:44:23 | Report this Comment
inaa ge sharuee bappa eh nuhunnaane..ekamaku aslu bappa ey bunevidhaane
މަރީ: އެބުނީ ތެދެކޭ ސޮފާ... ވވ ސަޅި މިބައިވެސް...
އާޔާ: ތާއީދު!!!!ލަލަލަ އަށް ތާއީދު!ފަތިހާ ކިހިނެއް ހާލު!ހާދަހާ ދުވަހެކޭ ދޯ!!ވަރަށް ފައްކާ އިނގޭ ވާހަކަ!ސަޅި!މަގޭ ނަވީން!!!!!!!!!!!!!!


http://www.muraasil.com/images/comment_reply.pngPosted on 2011-11-27 11:46:38 | Report this Comment
ވާއު،،،،،،،،،،، ހާދަ އަސަރުގަދައޭ!!!!! ސޮފާގެ ުށް މޮޅުކަމާއެވެ.... ނެތް ހަމަ ބުނާނެ އިތުރު އެއްޗެއްވެސް... ކީޕް އަޕް ދަ ގުޑްވޯކް... ވިމްލާ 2 ދުވަސްތެރޭ މިކިޔާލީ ފޯންކޯލް އެކީގަ... ވަރަށް ރީތި... އައި ޖަސްޓް ލަވް ޔުއަރ ސްޓޯރީ އިނގޭ.. އަޕްލޯޑް ސޫން :)


http://www.muraasil.com/images/comment_reply.pngPosted on 2011-11-27 11:49:02 | Report this Comment
ވ އުފާވެއްޖެ އަޕްވެފަ ހުރި ތަން ފެނުނީމަ..ވާހަކަ ވ ވ ވ ވވ ވ ވ ވވ ވ ވ ވ ވ ވ ވ ރީތި!! ތޭންކްސް އެހާ އަވަހަށް އަޕްކޮށްދޭތީ...(:


http://www.muraasil.com/images/comment_reply.pngPosted on 2011-11-27 13:08:46 | Report this Comment
ހަމަ މިހާ އަވަހަށް އަނެއްބައިވެސް ގެނެސްދީ ޕްލީޒް. މިބައިވ.ސަޅި.


http://www.muraasil.com/images/comment_reply.pngPosted on 2011-11-27 19:45:46 | Report this Comment
ވަރަށް އުފާވެއްޖެ މިހާ އަވަހަށް އަނެއްކަ މިހާ ދިގުކޮށް ގެނެސް ދިނީތީ......... ތޭންކްސް ސޮފާ... އަނެއްބައި ކޮން އިރަކުން.... އަނެއްކާ މާދަމާތަ؟؟


http://www.muraasil.com/images/comment_reply.pngPosted on 2011-11-28 00:08:51 | Report this Comment
ވަރަށް ޝައުގުވެރިވާ ކަހަލަ ގޮތަކަށް ވާހަކަ ކުރިއަށް ދަނީ...ވަރަށް ފުރިހަމަ މިބައިވެސް...ނަވީން މާ ދުރުގަ ހުރީމަދޯ...ނަވީން އައިމަ ދޯ ހުރިހާ ކަމެއްގެ ހަގީގަތް އެނގި މައްސަލަތައް ހައްލުވާނީ...ކުރިއަށް އޮތް ބައިގެ އިންތިޒާރުގަ މިހުންނަނީ...ސޮފާގެ މަސައްކަތުގައި ބަރަކާތް ލެއްވުންއެދި ދުޢާކުރަން...


http://www.muraasil.com/images/comment_reply.pngPosted on 2011-11-28 11:02:59 | Report this Comment
ވަރަށް ރީތި މިބަިވެސް ސޮފް.. އިނާ ޕާކިސްތާނަށް ފޮނުވާކަށް ނުވާނެ އެއް ނުން ސޮފް.. އެއީ ވަރަށް ބިރުވެރިތަނެއް.. ދުވާލަކު އެއްފަހަރު ބޮމެއް ގޮއްވާނެ އެތާ.. ނަވީން އައްނަންދެން އިނާ ރަށުގަ ބަހައްޓަބަރ ސޮފް..


http://www.muraasil.com/images/comment_reply.pngPosted on 2011-11-29 15:42:23 | Report this Comment
ވަރަށް ރީތި މިވާހަކަ. ވަރަށް އަސަރުގަދަ. ހީވަނީ ޙަޤީޤީ ވާހަކައެއްހެން.ހެހެހެހެހެ......................... އަނެއްބަޔަށް އިންތިޒާރުކުރަން.


http://www.muraasil.com/images/comment_reply.pngPosted on 2011-11-30 13:01:27 | Report this Comment
http://www.muraasil.com/images/icons/comments_user.gif:
ސޮފާ.... ކިހިނެއްތަ؟ ވާހަކަ ވަރަށް ރީތި.... ވަރަށް އިންޓްރެސްޓިންގް... ވަރަށް ފުރިހަމަ... ދެން ވާނެ ގޮތަކާމެދު ހަމަ ވިސްނެނީ.... އަނެއްބައިގެ އިންތިޒާރުގަ އެބަ ހުރިން، އަވަސް ކޮށްދެއްޗޭ އިނގޭ... ވަރަށް ސަލާން

1 comments:

Hi all readers....welcome to my blog. mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

Post a Comment