މަންޒަރުދެކެން އައިސްތިބި މީހުން މި މަންޒަރު ބަލަނީ ޝައުޤާއެކުގައެވެ.
އެމީހުން އިއްޔެ ދުށް ދުވަހަށްވުރެ މިއަދު ކުލަގަދައެވެ. އެމީހުން އިއްޔެ އެހި
އަޑުތަކަށްވުރެ މިރޭ އިވޭ އަޑުތައް ތަފާތުވާނެކަން ޔަޤީނެވެ. އެކަމަކު މިވަނީ ކީއްކަން
އެމީހުންނަށް ބައެއްފަހަރަށް ނުވިސްނޭތީ ކަންބޮޑުވެފައި ތިބި މީހުންވެސް އޭގެ
ތެރޭގައި ހިމެނެއެވެ. މިދާ ގޮތުން ދާ ކަމަށްވާނަމަ ރާއްޖޭގެ ސިޔާސީ މަސްރަޙް
ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އޮންނާނެ ގޮތް އެމީހުންނަށް އަންދާޒާ ކުރަންވެސް ބައެއްފަހަރަށް ދަތިވެފައި
ވެއެވެ.
ކޮންމެއަކަސް، ދިވެހިންގެ މެދުގައި އެހާ ޢާއްމު
ނޫން ސެންޓެއްގެ ވަހުން މުޅި މާޙައުލު އެއްވަސްވެފައިވާ ފަދައެވެ.
"ސިޔާސަތު" ގެ ވަހެވެ. މީގެ ކުރިން ދިވެހިން އެހާ ބޮޑަށް ނުދަންނަ މި
ބަހަކީ މިހާރު އަތަރަކަށް ވެ ނިމިއްޖެއެވެ. އެ ބަހުގެ ފުޅާ ކަމާއި މާނަ ފުންކަން
ކުރިއަށް އޮތްތަނުގައި އަދިވެސް ބޮޑަށް އެނގިގެން ދާނެކަމުގެ ޔަޤީންކަމަކީ
އެންމެންނަށްވެސް ލިބިފައި އޮތް ޔަޤީން ކަމެކެވެ.
"ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން...ޑީޕީގެ
އިސް ލީޑަރު އަލީ ކަރީމް ، އޭކޭ، ހޫނު ތަރުޙީބެއް..." ރޭގެ ޙަފްލާ
ހުށަހަޅައިދޭން ހަމަޖެހިފައިވާ ފަރާތްކަމަށްވާ ޔަޒީދުގެ އަޑުން މާހައުލު ގުގުމައިގެން
ދިއުމާއެކު ދެން ފެނުނީ ޑީޕީގެ އިސް ބޭފުޅުން ސްޓޭޖްމައްޗަށް އެރި ތަނެވެ.
