މާދަމާ
ވާނީ ކިހިނެއްކަން ނޭނގުނު ނަމަވެސް، އޭނަގެ އަމިއްލަ ހަޔާތަށްޓަކައި އޭނަ މި
އަޅަނީ ރަނގަޅު ފިޔަވަޅަކަށް ވުން އެދެމުންނެވެ. މަންމަ އާއި ބައްޕައަށް ހެޔޮ
ވިސްނުން ދެއްވައި، ކުރިއެކޭ އެއްގޮތަށް އެއް އާއިލާއެއްގެ ގޮތުގައި އުޅުމުގެ
ފުރުޞަތު ދެއްވުން އެދެމުންނެވެ. އޭނަގެ ސަބަބުން މަންމައާއި ބައްޕައަށް
ހިތާމައެއް ނުލިބުމަށް ހިތާހިތާ ދުޢާ ކުރަމުންނެވެ.
އޭނައަށް އެނގެއެވެ. މިގޮތަށް އޭނަ ކަންތައް ކުރުމުން އޭނަގެ މަންމަގެ ހިތަށް ވަރަށް ތަދުވާނެއެވެ. ވަރަށް ފުން އަސަރެއް ކުރާނެއެވެ. އެކަން އޭނައަށް އެނގެއެވެ. އެކަމަކު މަންމަވެސް ރަނގަޅު ވިސްނުމަކުން ވިސްނައިފިނަމަ މިކަމުން މަންމައަށްވެސް އަދި އޭނައަށްވެސް ގެއްލުމެއް ނެތްކަން އެނގޭނެއެވެ. މަންމަގެ އެ ރުޅިއަކީ ހަމަ ބޭކާރު ރުޅިއެއްކަން މަންމައަށްވެސް އިސާހިތަކު ގަބޫލު ކުރެވިދާނެއެވެ. އިނާއާއި ދޭތެރޭ ހިތްހަމަނުޖެހޭކަމަށް މަންމަ އެބުނާ ސަބަބުތަކަކީ ، ދެއްކުންތެރިކަމާއި، ފޮނިކަނޑަން ބޭނުންވާ މީހާއަށް އެކަންކުރަން ހުރި ހުރަހަކަށް ވެދާނެއެވެ. އެހެން ނޫނީ، އިނާއާއި އޭނަ ކައިވެނި ކުރުމުން މަންމައަށް އުނިވާނެ އެކައްޗެއްވެސް ނޯންނާނެކަން އޭނައަށް ޔަގީނެވެ. އެކަމަކުވެސް، މަންމަމެން އިނާ އެނގެން މަސައްކަތް ކޮށްފިނަމަ، އިނާ ނުދަންނަ މީހުން އިނާ ދެކެ ވާ ލޯބި މަންމަމެންވެސް އިނާ ދެކެ ވާންފަށާނެކަމަށް އޭނަ ޝައްކެއް ނުކުރެއެވެ.
އޭނަ މިގޮތަށް ނިންމީ ވަރަށް ގިނަ ގޮތަށް ވަރަށް ފުންކޮށް ވިސްނާފައެވެ. މަންމައާއި ބައްޕައާއި ދެބަސްވެ ޒުވާބުކޮށް މޫނުކަނޑާލުމަކީ އޭނަ ދެކޭގޮތުގައި ހައްލެއް ނޫނެވެ. އެކަކު އަނެކެއްގެ އިހްތިރާމް ކުޑަވާކަހަލަ، އަނިޔާވެރި ބަސްތައް ، އިޚްތިޔާރަކާ ނުލާ ދުލުން ނުކުންނަންފަށާނެ ޙާލަތަކަށް އޭނަގެ މައިންބަފައިންނާއެކު އޭނަ ދާން ބޭނުމެއް ނޫންވީމައެވެ. ހަމައެކަނި އޮތް ހައްލަކީ ވިސްނާލަން މަންމަމެނަށް ފުރުޞަތު ދިނުމެވެ. އޭނަ މިދަނީ އެ ފުރުޞަތު ދީފައެވެ. އައްޑޫގައި ވަޒީފާ އަދާކުރިއިރު ފުވައްމުލަކުގައި ހަމަޖައްސަން ޖެހޭ ކަންތައްތަކުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ދާނުދާ ގޮތް ބަލަން އޭނަ ފޮނުވުމަށް ހަމަޖައްސާފައިވާތީ، ގެއާއި މަންމައާއި ދުރުގައި ހުންނަން އޭނައަށް މި ލިބުނު ދަނޑިވަޅަކީ މަންމަމެނަށްވެސް ފިނި ސިކުނޑިއަކުން ވިސްނާލަން ދެވޭ ފުރުޞަތެއް ކަމަށް ދެކޭތީއެވެ. އިނާއާއި ވާހަކަ ދައްކާފައި ދުވަހެއް ކަނޑައެޅުމަށްފަހު، ކައިވެނި ކުރެވޭނެ ތާރީޚް ކަނޑައަޅައި ބުނީވެސް، އެއީ މަންމައަށް ވިސްނުނަސް އަދި ނުވިސްނުނަސް ކުރެވޭނެ ކައިވެންޏެއްކަން އަންގައި ޔަގީންކޮށްދިނުމުގެ ގޮތުންނެވެ. އެއީ މީގެ ބަރާބަރު އެއްމަހާއި ދިހަ ދުވަސް ފަހެވެ. އޭނަ ދެކޭ ގޮތުގައި ވިސްނުން ބަދަލުކުރަން ބޭނުން ބަޔަކަށް އެ މުއްދަތު ކިތަންމެހާވެސް އެކަށީގެންވެއެވެ.
** ** ** ** ** **
ނަޖްމާ އަދިވެސް އިނީއެވެ. ނަވީން ދަމަމުން ގެންދިޔަ ދަބަހުގެ އަޑުކެނޑެންދެންވެސް އިނީއެވެ. އެކަމަކު ބޭރު ދޮރާށި ހުޅުވާފައި ލައްޕާލި އަޑަށް ސިހިފައި ނަޖްމާ ފަސްއެނބުރި ބަލާލިއެވެ. ފެންނަ ހިސާބަކުގައިވެސް ނަވީން ނެތެވެ. ނަވީންޖަހައިގެން ދިޔަ ސެންޓްގެ ވަސް ނޫނީ ނަވީން އެތަނުގައި ހުރެފައި ދިޔަކަމުގެ ހެއްކެއް ނެތެވެ.
އޭނަގެ ދަރިފުޅު އޭނަ ދޫކޮށްފައި ހަމަ އަސްލުވެސް ދިޔައީހެއްޔެވެ.
ތެދުވެގެން ދޮރާއި ދިމާލަށް ދެވުނީ ތެޅެމުން ފޮޅެމުންނެވެ. ހީވީ އެދާގޮތަށް ގޮސް މަގަށް ނުކުމެދާނެހެންނެވެ. ނަމަވެސް ގޭގެ ފެންޑާއަށް ނުކުމެވުމުގެ ކުރިން ނަޖްމާގެ ފައި ހުއްޓިއްޖެއެވެ. ސިޓިންރޫމްގެ އެފާރަކީ ގަލާއި ސިމެންތީގެ ބަދަލުގައި ބިއްލޫރިން ހަދާފައިވާ ފާރެއްކަމުން ނަޖްމާއަށް ގޮސް އެ ފާރުކައިރިއަށް ހުއްޓެވުނީ ބިއްލޫރިގަނޑުން ބޭރު ބަލާލަން ވެގެންނެވެ. ނަވީން ކުރިމައްޗަށް ދިއުމުގެ ބަދަލުގައި ދުރުދުރުން ބަލާލުމަށެވެ. ބޭރުން އެއްވެސް މީހަކު ނުފެންނައިރުވެސް ބޭރު ދޮރާށްޓާއި ދިމާލަށް ބަލަން ހުރެވުނީ ފެންކަޅިވެފައެވެ.
މިއީ ވެދާނެއޭ އޭނަ ހީކުރިވެސް ގޮތެއް ނޫނެވެ. އެކަހަލަ ނިންމުމެއް ނަވީން ނިންމަފާނެއެކޭ އޭނަ ހިތަށްވެސް އަރާފައި ނެތެވެ. އޭނަ ކަނޑައެޅިގެން ދެކޮޅުހަދަހަދާ ހުއްޓާ ނަވީނަށް އެހާ ކެރުނީހެއްޔެވެ؟ އެންމެ ފަހުން އެ ވާހަކަ ދެއްކުނުފަހުން އެކަމާއި ބެހޭ އެއްވެސް ވާހަކައެއް ނަވީން ނުދައްކައެވެ. ގޭގައި ގިނަވަގުތު ނޫޅެން ފެށީމަވެސް އޭނަ އަޅާނުލީ، ދުވަސްކޮޅަކުން އެ ޚިޔާލުތަކުން ދުރުވެ ހަމައަކަށް އެޅިދާނެ ކަމަށް ހީކޮށެވެ. އެކަމަކު މިވީ ކިހިނެއް ހެއްޔެވެ؟ އޭނަ މަރުވިޔަސް ހެޔޮކަމަށް ނަވީން ދިޔައީހެއްޔެވެ؟
ނަޖްމާއަށް ރޮވެން ފެށިއެވެ. މިއިން ދުވަހަކުވެސް ކަމަކާއި ހިތާމަކޮށް ރޮއެފައިނުވާ ނަޖްމާއަކަށް އޭނަގެ ކަރުނަތައް މިއަދު ނުހިފެހެއްޓުނެވެ. ނޭވާލާންވެސް އުނދަގޫވެއްޖެއެވެ. ނަވީން ދެކެން ނުކުތުމުގެ ޚިޔާލެއްވެސް ނެތެވެ. އަނބުރާލާފައި ވަދެވުނީ ގޭތެރެއަށެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސޯފާގައި ބާރަށް ހިފަހައްޓާލެވުނެވެ. މޭގައި އަތް އުނގުޅަމުންނެވެ. އޭނައަށް މިވަނީ ކިހިނެއްހެއްޔެވެ؟ އޭނަ ނޭވާ ހާސްވަނީއެވެ. އޭނަގެ ހިތަށް ތަދުވަނީއެވެ.
ސޯފާއާއި ދިމާލަށް ގުދުވެގެން ހުރެ ފުންކޮށް ނޭވާލަން ނަޖްމާ ފެށިއެވެ. ރޮވެނީއެވެ. ބަރުނޭވާތައްވެސް ލެވެނީއެވެ. އޭނަ މަރުވަނީހެއްޔެވެ؟
ތިމާއަށް ވާގޮތް ތިމާއަށް އިހްސާސްކުރެވެން ފެށުމުން ނަޖްމާ އިތުރަށް ބިރުގަންނަން ފެށިއެވެ. އެވަގުތު ބޭރުން އައިސް އަލިމަނިކުއަށް ގެއަށް ވެންނެވުނުކަން އެއީ ނަސީބެކެވެ. ސިޓިންރޫމް ދޮރުން ވަނުމާއެކު، ތަންކޮޅެއް އެތެރެއިން އެހެނަސް ދިމާކުރިމަތިން ފެންނަން ހުރި ސޯފާ ގޮނޑިތަކުގެ ކައިރީގައި ނަޖްމާހުރިގޮތުން ހިތަށް ސިހުމެއް ލިބިގެން ދިޔައެވެ. ބާރުފިޔަވަޅުތަކެއްގައި އަވަހަށް ގޮސް ނަޖްމާ ހިފެހެއްޓިއެވެ. ނަޖްމާއަށް އެނބުރިލެވުނީ އޭނަގެ ދަރިފުޅު އައީ ކަމަށް ހީކޮށެވެ. ނަވީންގެ ބަދަލުގައި އަލިމަނިކު ފެނުމާއެކު ނަޖްމާ ފޫހިވިއެވެ. ނުރުހިފައި އަލިމަނިކުގެ އަތްފޮޅުވާލަންވެސް އުޅުނެވެ.
"ކިހިނެއްތަ ވެގެން ތިއުޅެނީ.......؟ މިގެއަށް ކުއްޖަކު ބޮޑުވަނީ އަދިކިރިޔާތަ.......ކޮންމެ ދުވަހަކު....." ނަޖްމާގެ ގައިގައި ހިފަހައްޓަމުން އަލިމަނިކު މިހެން ބުނުއްވީ މިހާރަކަށް އައިސް ގެއަށް އައިސް ވަންނަ ކޮންމެ ދުވަހަކުވެސް ނަޖްމާގެ ކިބައިން ކޮންމެވެސް އާދަޔާ ޚިލާފު ވައްތަރެއްގެ ނުރުހުމެއް އޭނައާއި ދޭތެރޭ ފެންނަމުން ދާތީއެވެ. އޭނަ ހަނދާންވާގޮތުގައި ނަޖްމާ އެންމެ ފަހުން ރޮއެފައި ވަނީ މީގެ ފަނަރަ ވިހި އަހަރު ކުރިންނެވެ. އެކަމަކު މިއަދު ނަޖްމާގެ ލޮލުން އެފައިބަނީ ކަރުނައެވެ.
އަލިމަނިކު ވަރަށް ކަންބޮޑުވެލައްވައިފިއެވެ.
"އެވަރަށް ނަވީންއަށް ވިސްނަދޭށޭ ބުނީމަވެސް....އެހެންނެހެދީމެއްނު.....ނަވީން.....ނަވީން ހިނގައްޖެ. އަހަރެމެން ދޫކޮށްލާފައި އެ އަންހެނެއް ކައިރިއަށް ހިނގައްޖެ." އަލިމަނިކުގެ ސަބަބުން ވީގޮތެކޭ ބުނާކަހަލަ ގޮތަކަށް ނުރުހިފައި އަލިމަނިކުއާއި ދިމާލަށް ނަޖްމާ ބުނަން ފެށިއެވެ.
އެ ޚަބަރުން އަލިމަނިކުއަށް ކުރީ ކޮންކަހަލަ އަސަރެއްތޯ ނަޖްމާ ބަލަން ބޭނުންނުވާތީ އަލިމަނިކުގެ އަތުން ވީއްލިގެން ގޮސް އޭނަ އިށީނދެއްޖެއެވެ. ފުންކޮށް ނޭވާލަމުންނެވެ. ލޮލުން ކަރުނަ ފައިބައެވެ.
އަލިމަނިކު ހިނގައިގަތީ ކާކޮޓަރިއާއި ދިމާލަށެވެ. ދިޔަވަރަށްވުރެ އަވަހަށް ފެންތަށްޓެއް ހިފައިގެން އައިސް ނަޖްމާއަތަށް ދީފައި ބޯލުމަށް ބުންޏެވެ. ނަޖްމާވެސް މާބޮޑު ދެކޮޅުހެދުމެއްނެތި ފެންތަށިން ބައެއް ބޯލިއެވެ.
"ދެން އެ ޚިޔާލު ދޫކޮށްލާ. ނަވީންއަކީވެސް ބޮޑުވެފަހުރި ދަރިއެއް. އޭނަގެ އަމިއްލަ އިޚްތިޔާރުގައި ކުރަން ބައެއްކަންތައްތައް ދޫކޮށްލަން ޖެހޭނެ. ގޯހުން ގޯހަށް ދަންޏާ ގައިމުވެސް އަދި އެނބުރި އަންނާނެ. އަޅާނުލާ..." ނަޖްމާ ފެންތަށި ބޮއި ނިމުމުން ތަށި ހޯދާފައި ކުޑަމޭޒުމަތީގައި ބަހައްޓާފައި ހަމަޖެހިލުމަށް ނަޖްމާއަށް ނަސޭޙަތް ދިނެވެ. ފުންވިސްނުމެއްގެ ތެރޭގައި އިނދެގެންނެވެ. އޭނަގެ ހިތުގައި އޮތް އެއްޗެއް ނަޖްމާއަށް ދުވަހަކުވެސް އަންގަން ބޭނުން ނުވެ ހުރެއެވެ.
"މަނިކުއަށް ހެވެއްނު...." ނަޖްމާ އަދިވެސް އިނީ ނުރުހިފައެވެ.
"ހެވެއް ނޫން.....ނަވީންގެ ކައިވެނި ވާންޖެހޭނީ މިގޮތަކަށް ނޫން....އެކަމަކު ދެން ނެތެއްނު މި ނޫންގޮތެއްވެސް...." ސޯފާގައި އަލިމަނިކު ލެނގިލިއެވެ. ހަގީގަތުގައިވެސް މިވީ އޭނަ ވާން އެދޭ ގޮތެއް ނޫނެވެ. އެކަމަކުވެސް މިހާރު ދެން އެ ވާހަކަ ދެއްކުންވެސް މާ ލަސް ވެއްޖެއެވެ.
ގޭތެރެއާއި އާއިލާގެ ކަންތައްތަކުގައި މާބޮޑު ބަސްކިއުމެއް ނުގެންގުޅޭ އަލިމަނިކު، މިފަހަރުވެސް، އަމިއްލަ ދަރިފުޅު ، ގެދޫކޮށް ދިއުމުންވެސް މާ ބޮޑު އެއްޗެއް ނުބުންޏެވެ. މާ ބޮޑު ކަމެއް ކުރާކަށްވެސް ނޫޅުނެވެ. މިކަމާއި އެންމެ އުނދަގޫވެގެން އުޅުނީ އެގޮތަށް އަލިމަނިކު އުޅުމަށް މަޖްބޫރު ކުރުވަމުން އައި އަލިމަނިކުގެ އަންހެނުންނެވެ. މިހުރިހާ ދުވަހު އަލިމަނިކުގެ ބަހެއް އެއްވެސް ކަމެއްގައި ހޯދުން މުހިއްމު ކަމަށް ނުދެކޭ ނަޖްމާ، މިއަދު އެއިނީ އެކަމުގައި އަލިމަނިކު މާ ބޮޑަށް ނުއުޅުނީތީ ހިތްހަމަނުޖެހި ރުޅިއައިސްފައެވެ. ޝަކުވާ އެކުރަނީ އެކަމާއެވެ.
** ** ** ** ** **
އައްޑޫ ގަމު އެއަރޕޯޓް ޓާމިނަލް އިން ނަވީން ނިކުތްއިރު ދިރާގު އެމްޑީގެ ކާރު އައިސް އޮތެވެ. އޭނަ ބަލައެވެ. މާ ދުރުންވެސް ދިރާގުގެ ލޯގޯ ލޮލުގައި އަޅައިގަތުމުން މަޑުކުރުމެއް ނެތި ނަވީން ގޮސް ހުއްޓުނީ ކާރުކައިރިއަށެވެ.
"ކޮބާ ކިހިނެއް ..... ؟" ނަވީން އާއި ސަލާމްކޮށްލަން އަތްދިއްކޮށްލާފައި ހާލު އަހުވާލު އަހާލީ އޭނަގެ ރަހްމަތްތެރި އިކްރާމްއެވެ. އޭނަ ދިޔަފަހުން، އޭނަގެ ބަދަލުގައި ހިތަދޫ ދިރާގު ހިންގުމާއި މިވަގުތު ޙަވާލުވެ ހުންނެވީ އިކްރާމް ނަފީސް އެވެ. އޭނައަށް ގަމުގައި ރޫމެއް ހިފައިގެން ހުރެވޭނެ ގޮތް އޮތްނަމަވެސް، އިކްރާމް އާއިއެކު އެގޭގައި ހުންނަ ގޮތަށް އޭނަ ވަނީ ހަމަޖައްސާފައެވެ. ފަސޭހައިން އިނާގެ ގެއަށް ގޮސް އައިސް ހެދޭނެތީއެވެ.
"ރަނގަޅޭ........އެކަމަކު އިކްރާމް ނައިނަމަވެސް ހަމަ ރަނގަޅުވީހެއްނު" އިކްރާމް އަކީ ކާރު ދުއްވަން ނުދަންނަ މީހަކަށް ވާތީ، އެކާރު ދުއްވަން ޑްރައިވަރަކު ހޯދާފައި ހުރިއިރުވެސް، އޭނަ ބަލާ އެއަރޕޯޓަށް އިކްރާމް އައިސް ހުރުމުން ނަވީން ބުނެލިއެވެ.
"ގޭ ދޮރުމަތީގައި ފޫހިވެފައި ހުރުމަށްވުރެ މާ ރަނގަޅެއްނު މިގޮތްވެސް....ރޭގަނޑު ހާދަ ފޫއްސެއްވެޔޭ އަސްލުވެސް." އިކްރާމް އެބުނީ ތެދެކޭ ނަވީންގެ ހިތަށްވެސް އެރިއެވެ. ރައްޓެހި ރަހުމަތްތެރިއެއް ނެތް އަމުދުން ބީރައްޓެހި ރަށެއްގައި، އޭނަ އުޅެންޖެހުނު ފުރަތަމަ ދުވަސްކޮޅުމަތިން އޭނަ ހަނދާން ވިއެވެ. އޭނަގެ ފޫހިކަންވެސް ފިލާ ދިޔައީ އިނާ އާއި ދިމާވިފަހުންނެވެ.
"ކުދިންކޮޅު ހަނދާންވަނީ ދޯ...؟" އިނާއާއި ދިމާވެގެން އޭނަގެ ފޫހިފިލިޔަސް އެއީ އިކްރާމް އަށް އޮތް މަގެއް ނޫންކަން ހަނދާން ނަވީން ވީ އެވަގުތުއެވެ. ތެދެކެވެ. އިކްރާމް އަކީ މީހަކާއި އިނދެގެން ދެކުދިންވެސް ހުރި މީހެއްކަމުން އެކަހަލަ ކަމެއް އިކްރާމްއަކަށް ހުއްދައެއް ނުވާނެތާއެވެ.
"ކުދިންކޮޅުވެސް.........ރީމާ މަތިންކަންނޭނގެ ބޮޑަށް ހަނދާންވަނީ........" ހީލުމަކާއެކު އިކްރާމް މިހެން ބުނެލިގޮތުން ނަވީންގާތަށްވެސް ހިނިއައެވެ. އެހެންނަމަވެސް އެއީ އިކްރާމްގެ އަނބިމީހާއަށް އިހްތިރާމް ކުޑަކޮށްލުމުގެ މަގްޞަދަށްވުރެން ބޮޑަށް އިކްރާމްއަށް ޖެހިފަ ހުރި ހާލަށް ނިސްބަތްކޮށް ދެމީހުންވެސް ޖަހާލި ހިނިގަނޑެކެވެ.
"ދާމަގުމަތީގަ ސައެއް ބޯލައިގެން ދޯ ދާނީ....ފޭދޫގަ އެބަހުރެއެއްނު ވަރަށް ފައްކާ ކެފޭއެއް..." ކާރަށް އަރަމުން އިކްރާމް ހުށަހެޅިއެވެ.
** ** ** ** ** ** **
"ބައްދަލުކޮށްލަން ދަނީތަ؟" ގެއަށް ގޮސްފައި ފެންވަރާ ތާޒާވެލައިގެން ނިކުތްތަން ފެނިފައި ސިޓިންރޫމްގައި ބީބީސީ ބަލަން އިން އިކްރާމް ދިމާކޮށްލިއެވެ.
"މިދެން ކޮން ގަޑިއެއް...." އެގާރަ ޖަހާ އެހެރީ ބޮޑުވެފައެވެ. އިކްރާމްއަށް ނޭނގުނު ނަމަވެސް މާދަމައަކީ އިނާގެ ހެނދުނު ޑިއުޓީ އޮތް ދުވަހެކެވެ.
ނަވީންވެސް އެއްގޮނޑީގައި އިށީނީ ބީބީސީ ބަލާށެވެ.
"ގަޑިއެއްގަޑިއެއް އޮވޭތަ....." އިކްރާމް އަށްވެސް ނަވީންއާއި އިނާ އާއި ދޭތެރޭ ކަންތައް ވެފައިވާ ގޮތުގެ ހާލަތު ވަރަށް ރަނގަޅަށް އެނގެއެވެ.
"އޮއްހޯ..........ނުބުނެ ދޯ ތިއައީ......." ގަޑިއެއްގަޑިއެއް އޮވޭހޭ އޭނަ އަހާލީމަވެސް އަނގައިން ނުބުނެ ނަވީން އިންގޮތުން އިކްރާމްއަށް ޝައްކު ވިއެވެ. ނަވީން ހީލީއެވެ.
"ކަމެއް ގޯސްވީތަ އަނެއްކާ؟ ކިޔާދީފަ ހުރި ވާހަކަތަކަށް ބަލާއިރު ހިއެއްނުވޭ އިނާ އަކީ ފާރަލާންޖެހޭވަރުގެ ކުއްޖެއް ހެނެއް." ނަވީން ބުނޭތޯ އިކްރާމް އުޅުނެވެ.
"އެކަހަލަ ކަމެއް ނެތް...." ނަވީން ގޮނޑިއަށް ލެނގިލިއެވެ.
"އެކަމަކު ކޮންމެވެސް ކަހަލަ ކަމެއް އެބައޮތެއްނު....؟" އިކްރާމްއަށް ޔަގީނެވެ. ނަވީން އާއި އިނާގެ ގުޅުމުގެ ވާހަކަ އާއި ކައިވެނި ކުރަން އަންނަ ވާހަކަ އާއި އެނޫންވެސް ވާހަކަތައް ކިޔައިދިންއިރު އެތަނުގައި މައްސަލައެއް އޮތްކަމެއް ނަވީން ބުނެފައެއް ނެތެވެ.
"ކިހިނެއްވީތަ އަނެއްކާ....." ނަވީންގެ މޫނުމަތިން ސީރިއަސްގޮތެއް ފެނުމުން އިކްރާމް އެހިއެވެ.
** ** ** ** ** **
"ތިކިހާ ދެރަގޮތެއް.....ދެން ކިހިނެއް ހަދަނީ....." ކައިވެނީގެ ވާހަކަ މަންމަ ކައިރީ ދެއްކުމުން ކަންތައްވީގޮތް ކިޔައިދިނުމުން އިކްރާމްގެ ހިތް ނަވީން އާއި އިނާގެ މައްޗަށް ހަމްދަރްދީއިން ފުރުނެވެ.
"މާ ބޮޑުގޮތެއް ހަދާނެކަމެއް ނެތް. ދެދުވަހެއްފަހުން އަހަރެން ފުރާނަން ފުވައްމުލަކަށް. މާލެ ދާނީ ދެން ކައިވެނިކޮށްގެން. އެހާތަނަށް މަންމަމެން ކޮންމެވެސް އެއްގޮތަކަށް ވިސްނައި ނިންމާނެތާ....އެގޮތަށް ނިންމައިގެން މިއައީ." ނަވީން އެހެރީ ހުރިހާ ޕްލޭނެއް ރާވައިގެންނެވެ.
"އެކަމަކު ތިކަމުގައި އަދި ނޭނގެއެއްނު ދާނީ ކިހާ ދުވަހެއްކަމެއް. މިބުނީ އިނާގެ އާއިލާއަށް ނަވީންގެ މަންމަ އާއި ބައްޕަ ނުރުހޭކަން އެނގުނީމަ ދެން ވާނެގޮތެއްވެސް ވިސްނަންޖެހޭނެނު." އިކްރާމް އެބުނީ ތެދެކެވެ.
"އެއަށްވުރެ ވިސްނޭ ބައެއްހެން ހީވަނީ ޚާލިދުމެންނަކީ.....އިކްރާމް ވާނެ ޚާލިދުއަށް ތައާރަފް ވާން. އެއީ ވަރަށް ހިތްހެޔޮ ދުރުވިސްނޭ މީހެއް. އަހަރެން ފުވައްމުލަކަށް ފުރުމުގެ ކުރިން ވާނެ އެގެއަށް ދާން." ނަވީން ދަޢުވަތު ދިނެވެ.
"އެއީތަ ނުވެގެން މިއުޅޭ ކަމަކީ. ތި ހާދަ ބޮޑު މައްސަލައެކޭ ތި އުފެދުނީ ތިތާ....އެކަމާ ވިސްނަބަލަ...." އިކްރާމް ނުރުހުން ފާޅުކުރިއެވެ.
"ދެން ކޯޗެއްތަ ވިސްނަނީ. އަހަރެން މިހިރީ އެހުރިހާ ވާހަކައަކަށްފަހުވެސް އައިސް. ދެނެއް ކަމެއް ބަދަލެއް ނުވާނެ. މިކަން ދެން ދާނީ މިދާގޮތަށް ހަމަ ކުރިއަށް. ފަސް އެނބުރި ބެލުމެއް ނެތް އަހަރެންގެ." ނަވީންގެ އަޒުމް ވަރުގަދައެވެ.
"މަންމައަށްވެސް ބަލައެއް ނުލާނަންތަ؟" އިކްރާމް ހަމަ ހައިރާންވިއެވެ. އެއީ ނަވީންގެ އާދައެއް ނޫންވީމައެވެ.
"މަންމައަށް ނުބަލަނީކީ ނޫނޭ. މަންމަ ބޭނުންނަމަ ހަމަ މަންމަ ބޭނުން ކޮންމެ އިރަކުވެސް އާދެވޭނެ. މަންމަމެންވެސް ގަބޫލުކުރަންވާނެ އެމީހުން ތަރުބިއްޔަތު ކުރި ދަރިއަކީ އެހާ ނުވިސްނޭ މީހެއް ނޫންކަން." ނަވީންގެ މޫނުމަތިންވެސް އެހާ އުފާވެރިކަމެއް ނުފެނެއެވެ.
"ތިވެސް ތެދެއް........" އިކްރާމްއަށް ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން ޓީވީ އާއި ދިމާލަށް އެނބުރުނެވެ.
** ** ** ** ** ** **
ނަވީން އިނާމެންގެއަށް ދިޔައީ އަނެއްދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ދިހަގަޑިބައިވާން އުޅެނިކޮށެވެ. ޚާލިދުއަށް ގުޅާފައި ގޭގައި އުޅޭނެ ގަޑިއެއް އޮޅުންފިލުވައިގެން އެ ގަޑީގައެވެ.
"ކޮބާ އިނާ އާއި ދިމަލެއްނުވޭ ދޯ އަދި..." ގެއަށް ވަނުމުން މިހެން އެހީ ޝީލާއެވެ.
"އަދި ދިމައެއް ނުވޭ.....އެކަމަކު އެނގޭނެ އައިސް އުޅޭކަން" ޝީލާއަށް ނަވީން ޖަވާބު ދިނެވެ. އެއީ ތެދެކެވެ. ރޭގެ ދަންވަރު އޭނަ އިނާއަށް ގުޅިއެވެ. އިނާއަށްޓަކައި އޭނަ އައިސްހުރިކަމުގެ ޚަބަރުން އޭނަ އިނާ އުފާކޮށްދިނީ ފުންނިދީގައި އޮތްވައެވެ. އިނާ އުއްމީދުވެސް ނުކުރާ ޚަބަރެއް ލިބުމުން އިނާއަށް ލިބުނު އުފާ، ނުފެނުނު ނަމަވެސް ނަވީންއަށް ވަރަށް ރަނގަޅަށް އިހްސާސްވެސް ކުރެވުނެވެ.
އިނާ އާއި ނަވީންގެ އެ "ގުޅުން" އުފެދުނު ފަހުން ޝީލާމެނަށް ނަވީން މިފެނުނީ އަދި ހަމަ އަލަށެވެ. ޝީލާއަށް އިހްސާސް ކުރެވުނީ އެގޭ މީހަކު ރަށުން ބޭރުގައި އުޅެފައި އައިފަދަ އިހްސާސެކެވެ. ޚާއްޞަ ގޮތެކެވެ. އެ ސަބަބަށްޓަކައި ޝީލާގެ މޫނުމަތިން ޚާއްޞަ އުފާވެރިކަމެއް ފެންނަމުން ދިޔަ ނަމަވެސް ނަވީންގެ މޫނުމަތީގައި ހުރީ ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެކެވެ. މިހުރިހާ ދުވަހު ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން އެގެއަށް އައިއިރު ނެތް ކުލަވަރެކެވެ. ފިރިހެނެއްކަމަކު ކޮންމެވެސް ވަރަކަށް ނަވީން ހުރީ ލަދުގަނެފައެވެ.
"ހަމަ ކުރީގެވެސް މީހުންނޭ މިއީ އިނގޭ...." ޝީލާ އާއި ވާހަކަ ދައްކަމުން ދައްކަމުން އައިސް ނަވީން އިށީނުމުން މިހެން ބުނީ ޚާލިދެވެ. ޚާލިދަށްވެސް ނަވީންގެ މޫނުމަތިން އެގޮތް ފެންނަނީއެވެ. ނުގޮތަކަށް ނަވީން ހީލުމުން ޝީލާ އެތަނުން ހިނގައްޖެއެވެ. އޭނަ ހުރެއްޖެނަމަ އިތުރަށް ނަވީން ލަދުގަންނާނެތީއެވެ.
** ** ** ** ** ** **
ދުވަހަކީ ހޫނުގަދަ ދުވަހެއްކަމުން ޝީލާ ގެނެސްދިން މޭބިސްކަދުރު ޖޫހުގެ ފިނި ބުއިމެކެވެ.
"ތިދިމާވީ ހާދަ ދެރަގޮތެކޭ......" އޭނަގެ ކައިވެނީގެ ޚަބަރާއެކު މަންމަ އާއި ބައްޕަގެ ވިސްނުން ހުރި ގޮތުގެ ވާހަކަ ނަވީން ކިޔައިދިނުމުން ޝީލާއަށް މިހެން ބުނެވުނެވެ. ނަމަވެސް ޚާލިދު އިނީ އަދިވެސް އެ ވާހަކަ އާއި ދޭތެރޭ ވިސްނާށެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
"ދެން ކިހިނެއްހަދަން ނަވީން ގަސްތުކުރަނީ؟" ނަވީންގެ މައިންބަފައިންގެ އެ ނިންމުމާއި ދޭތެރޭ އެއްޗެއް ބުނުމުގެ ބަދަލުގައި ޚާލިދު އެނގެން ބޭނުންވީ ނަވީން ނިންމައިގެން އައި ގޮތެކެވެ.
"ސެޕްޓެމްބަރ 15 ގައި ކައިވެނި ކުރާގޮތަށް.....މިބުނީ......ޚާލިދުމެންނަށް އެ ތާރީޚް ރަނގަޅިއްޔާ" ޖުމްލައިގެ ކުރީބަޔަށް ފަރިތަވެފައިހުރި ވަރުން ފަހަތުބައި ބުނެލަން ހަނދާންވީ ހަމަ ކިރިޔާއެވެ.
"އެއީ ޒިޔާދު އާއި އިނާ ކައިވެނިކުރަން ހަމަޖެހިފައި އޮތް މަސް...." ޝީލާއަށް ބުނެވުނެވެ. މިފަހަރުވެސް ޚާލިދު އެއްޗެއް ނުބުނެއެވެ.
"އިނާއާއި ވާހަކަ ދައްކާފައި ދުވަސް ނިންމީ" ނަވީން އަވަހަށް އޮޅުންފިލުވައިދިނެވެ.
"ނަވީންގެ މައްސަލައެއްނެތިއްޔާ އަދި ނަވީން މަންމައާއި ބައްޕައާއި ވާހަކަ ދައްކާލަން ކިހިނެއްވާނެ. މިބުނީ ނަވީންއެއް ނޫން. އަހަރެމެން." ޝަހާދަތް އިނގިއްޔާއި ބޮޑުއިނގިއްޔާ ދެމެދުގައި ދަތްދޮޅި ހިފަހައްޓާލައިގެން އިނދެފައި ޚާލިދު ބުނެލީ ޚާލިދުގެ ވިސްނުމަށް ފުރަތަމަވެސް އައި ޚިޔާލެވެ.
އެއްފަހަރު ޝީލާގެ މޫނަށް އަނެއްފަހަރު ޚާލިދުގެ މޫނަށް ބަލާފައި ނަވީން އިސް ޖަހާލީއެވެ.
"ހިއެއް ނުވޭ ބަދަލެއް އަންނާނެހެން..." ނަވީންގެ މަންމަ އާއި ބައްޕަގެ ދެކޮޅުހެދުމުގެ ސަބަބުން އެ ވާހަކަ ދައްކަންވެސް ނަވީން ލަދުގަނެއެވެ.
"އެހެންވިޔަސް....އެއީ އަދި ކުރަންޖެހޭ ކަމެއްހެން ހީވަނީ..." ޚާލިދު އެގޮތް ނިންމިކަހަލައެވެ. ނަވީނަށް ދެކޮޅުހަދާކަށް ނުކެރުނެވެ.
އެހެންނަމަވެސް ނަވީންއަށް ކުށެއްގެ އިހްސާސް ވަރަށް ބޮޑަށް ކުރެވެމުން ދިޔައެވެ. ސަބަބަކީ އޭނައާއި އިނާގެ ކައިވެންޏަށް އޭނަގެ މަންމަ ނުރުހުނު އަސްލު ދެ ސަބަބުގެ ވާހަކަ ޚާލިދުމެންކައިރީ ބުނުމުގެ ހިތްވަރު އޭނައަށް ނުލިބުނީތީއެވެ. ބޮޑު އޮޅުވާލުމެއް އޭނަ އޮޅުވާލައިފިއެވެ. އެމީހުންގެ ކުރިމަތީގައި އިނދެގެންނެވެ. އެކަމަކު އެއީ މަޖްބޫރުންނެވެ.
އޭނަގެ މަންމަ އާއި ބައްޕައާއި ދޭތެރޭ، ޚާލިދުގެ އާއިލާއިން ގޯސްކޮށް ހީކޮށްފާނެތީ ނުބުނެވުނީއެވެ. ޚާލިދުމެންފަދަ އޯގާތެރި ދެމަފިރިއެއްކައިރީ، އެމީހުން ދަރިއެއްފަދައިން ގެންގުޅޭ އިނާއާއި ދޭތެރޭގައި އޭނަގެ މަންމަގެ ހިތުގައި ކުޑަވެސް ރަހުމެއް އޯގާތެރިކަމެއް ނެތޭ ބުނަން ލަދުންނެވެ. އެއީ އޭނައަށް ކުރަން ފަސޭހަ ކަމަކަށް ނުވީއެވެ.
މަންމަ ނުރުހުނު ހަމައެކަނި ސަބަބަކީ ލީނާގެ ބަދަލުގައި އިނާއާއި ކައިވެނި ކުރާތީ ކަމަށް ނަވީން ބުނެފައި ފުއްދާލީ އެހެން ވެގެންނެވެ.
** ** ** ** ** ** **
މަޖްބޫރީ ހާލަތުގެ އަޅަކަށް ނަވީން ވީ ހަމައެކަނި ޚާލިދުމެންކައިރިއަކު ނޫނެވެ. ޚުދު އިނާކައިރީވެސް ނަވީނަށް ހަގީގަތަށް ވާހަކަ ނުދެއްކުނެވެ. އިނާއަށް އެފަދަ ނިކަމެތިކަމެއް ނަވީނަށް ނުދެވުނެވެ. އިނާއާއި ދޭތެރޭ އޭނަގެ މަންމަ ދެކޭ ދަށްފެންވަރުގެ ވާހަކަ ދެއްކުމަށްވުރެ އެވާހަކަ ހިތަށްވެސް ނުގެނައުން ނަވީނަށް މާ ފަސޭހަ ވިއެވެ.
"މަންމަ އުފާވާނެ ދޯ ލީނާ ނަމަ.....؟" އެރޭ ގޭގެ ޓެރަސްގައި ތިބެގެން ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން އިނާ އެހިއެވެ. އޭނަ ހުރީ ހިތްހަމަޖެހިފައެވެ. ލީނާއާއި އޭނަ ކައިވެނި ނުކުރާތީ ވަގުތީގޮތުން އެ ހިތްހަމަނުޖެހުން މަންމަގެ ހިތުގައި އޮތްނަމަވެސް ކައިވެނި ކުރެވެންވާއިރަށް ހުރިހާ ކަމެއް ރަނގަޅުވެދާނެކަމުގެ ޔަގީންކަން ނަވީން އޭނައަށް ދީފިއެވެ.
"އާނ ދެން އެހެންތާ ވާނީ....." ޓެރަސްގެ ފާރުމަތީގައި ވަށައިގެން ޖަހާފައިވާ ދަގަނޑު ތަކުގައި އަތް އަޅުވާލަމުން ނަވީން ބަލާލީ މަގުމައްޗަށެވެ. ލިންކް ރޯޑްގެ އަނެއް އަރިމަތީގައި އޮތް ރަށުގެ އައްސޭރިފަށުގެ މޫދާއި ދިމާލަށެވެ. އޭނަ ބޭނުންވީ އެ ވާހަކައަކީ އެހާ މުހިއްމު ވާހަކައެކޭ އިނާއަށް ހީވާފަދަ އެއްވެސް ސަމާލުކަމެއް އެ ވާހަކައަށް ނުދިނުމަށެވެ.
އިނާވެސް ހުރީ ނަވީންކައިރީގައި ކަމަށްވިޔަސް އިނާ އެނބުރި ހުރީ ސިޑިއާއި ދިމާލަށެވެ. ދަގަނޑުގައި އަތްއަޅުވާލައިގެން ބޭރަށް ބަލަން ނަވީން ހުރިނަމަވެސް އިނާ ހުރީ އެ ދަގަނޑުތަކަށް ލެނގިލައިގެންނެވެ. ނަވީންގެ މޫނު އޭނައަށް ރީތިކޮށް ފެންނަނީ އެހެން ހުރީމަކަމަށްވާތީއެވެ.
"ނަވީން ނުބުނާން އުޅޭ ކޮންމެވެސް އެހެން ކަމެއްވެއްޖެހެން ހީވަނީ...." މޫދާއި ދިމާލަށް ބަލަން ހުރި ނަވީންއާއި ދިމާލަށް ބަލަން އިރުކޮޅަކު ހުރެލާފައި މަޑުމަޑުން އިނާ ބުނެލިއެވެ. ނަވީންއަށް ސިހުމެއް ލިބުނެވެ. އެހެންނަމަވެސް އެ ސިހުން ނަވީން ނުދައްކާތީ އިނާއަކަށް ނުފެނުނެވެ.
"ނަވީން........؟" ނަވީންގެ މުލައްދަނޑީގައި މަޑުމަޑުން އިނާ އަތްޖައްސާލިއެވެ. ސުވާލުގެ ރާގަކާއެކުގައި ގޮވާލަމުންނެވެ.
އިނާގެ އަތުގެ އިހްސާސާއެކު ނަވީން އިނާއާއި ދިމާލަށް އެނބުރުނެވެ. ޓެރަސްގެ ފާރުގައި ހަރުކޮށްފައި ހުރި ބޮކިތަކުގެ އަލީގައި ސާފުކޮށް ނަވީންގެ މޫނު ފެނެއެވެ. ނަވީން ހުރީ ރީތި ހިނިތުންވުމަކުން ހީލައިގެން ކަމުގައިވިޔަސް، އެ ހިނިތުންވުމުގައި ރިހުމެއް ހުރިކަން އިނާއަށް ފާހަގަ ކުރެވުނެވެ.
"ނުބުނެވޭނެތަ އަހަރެން ކައިރީ.......؟" މާ ބޮޑު މަޖްބޫރެއް ނެތް ނަމަވެސް އެނގެން ބޭނުންވާކަން އިނާ ހާމަ ކުރިއެވެ.
"މިހާރު ހުރިހާ ވާހަކައެއްވެސް ކިޔައިދީފިމެއްނު......" ފާރުކައިރން ދުރަށް ޖެހި ސީދާވެލާފައި ހުރިހާ ސަމާލުކަމެއް އިނާއާއި ދިމާލަށް އަނބުރާލިއެވެ. އެހެންނަމަވެސް ނަވީންގެ ކިބައަކުން ހައްދެއްނެތް އުފާވެރިކަމާއި ޝައުގެއް މިރޭ ނުފެނެއެވެ. އެއަށްވުރެ ބޮޑަށް ފެންނަނީ މޮޅިވެރިކަމާއި މަޑުމައިތިރި ކަމެވެ.
"އެބަހީވޭ ކޮންމެވެސް އެހެން ކަމެއްވެސް ވެއްޖެހެން...." އިނާގެ އަތާއެކު ނަވީންގެ އަތް ގުޅުވާލުމުން ނަވީންގެ އިނިގިލިތަކުގެ ފިރުމުން އިހްސާސް ކުރަމުން އިނާ އަނެއްކާވެސް ބުންޏެވެ.
"ހީއަކީ ކުށެއް....ހީކުރާކަށް ނުވާނެ.....އެ ވާހަކަ ހުއްޓާލާ....." އެވާހަކަ ދެއްކިޔަ ނުދިނުމަކީ ނަވީންގެ މަގްޞަދެވެ. އެހެންކަމުން އިނާގެ ކޮނޑުވަށާލަމުން ކައިރިއަށް ޖައްސާލިއެވެ. އިނާވެސް ރަކި ހިނިތުންވުމަކާއެކު ނަވީންގެ ގާތްކަން ލިބިގަތެވެ. ލޯބިވެރިންނަކީ އެކަކު އަނެކެއްގެ ހަރަކާތަށް ދާދިފަސޭހައިން ތަބާވެވޭ ބައެއްކަމުން، ނަވީން މައްޗަށް ބަލާތަންފެނުމުން އިނާވެސް މައްޗަށް ބަލާލިއެވެ. އުޑުމައްޗަށެވެ.
އުޑުމަތި ސާފު އެހެނަސް އަނދިރި ރޭގައި އުޑުމަތީގައި ވިދާބަބުޅާ މުތީތަކެއްފަދައިން އެތަކެއް މިލިއަން ތަރި މިރޭ ފެނެއެވެ. ޓެރަސްގެ ފާރަށް ލެނގިލައިގެން އެކަކު އަނެކެއްގެ ކައިރީ ޖެހިޖެހިގެން ތިބެގެން ތަރިތަކަށް ބެލުމުގެ އުފާލިބިގަންނަމުން ދިޔައީ، މޫދުން އަރައިގެން އަންނަ ވައިރޯޅި، ލިންކް ރޯޑް ހުރަސްކޮށް، އެގޭގައި، އަދި އެމީހުންގެ ގައިގައި އެ އަޅުވާލާ ފިނި ވައިރޯޅި އިހްސާސް ކުރަމުންނެވެ. އެގެ ހުންނަނީ ސީދާ ލިންކް ރޯޑާއި އިންވެގެން ކަމަށްވާތީ އާއި އެގޭގެ ޓެރަސްއަކީ ގެ ހަދާފައި ހުންނަ ގޮތަށް ބަލާއިރު ގޭގެ ދެކުނު ފަރާތަށް ވާގޮތަށް ހުންނަ ތަނަކަށްވިޔަސް، ކައިރީގައިވެސް އެކަހަލަ ބޮޑު އެހެން ގެއެއް ނެތުމުގެ ސަބަބުން އެގޭގެ ޓެރަސްއަށް އަހަރުގެ ހުރިހާ މޫސުމެއްގައިވެސް ވައިރޯޅިއަކީ ހުރަހެއް ނެތި ހުއްޓުމެއް ނެތި ލިބޭ ގުދުރަތީ ނިޢުމަތެކެވެ.
"މަންމަ ބުނި ނަވީން މަންމައަށް އެނގޭނެއޭ އަހަރެންގެ މަންމަވެސް....އެއީ ތެދެއްތަ......." ނަވީންގެ އަތުތެރޭގައި ހުރެގެންވެސް އަދިވެސް އިނާއަށް ވިސްނެނީ އެކަމާއެވެ. އެންމެފަހުން އެހެންވެސް އެހުނީއެވެ.
"ހޫމް..........." އެވާހަކައަކަށް ނަވީން އެހާ ސަމާލުކަމެއް ނުދިނެވެ. މައްޗަށް ބަލަހައްޓައިގެން ހުރީއެވެ.
"ލީނާ ނޫންވީމަ ހިތްހަމަނުޖެހުނަސް.....ނަވީންގެ މަންމަ ކަހަލަ ތަހުޒީބު މީހަކަށްކަންނޭނގެ އަހަރެންގެ އެ ސިޗުއޭޝަން ބޮޑަށް ވިސްނައިގަނެވޭނީވެސް...." ނަވީންގެ ކައިރީގައި ހުރެގެން އަމިއްލަ އަމިއްލައަކަށް ބުނާ ވާހަކައެއްހެން އިނާ ބުނެލިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކަށް ބަލާލެވުނީ އިނާ އެހެން ބުނި ފަހުންނެވެ.
"ނޫންތަ............؟" ހަތަރުކަޅި ހަމަވުމުން ލަދުރަކި ހިނިތުންވުމަކާއެކު އިނާ ބުނެލިއެވެ. ވަކި މާނައެއްގައެއް ނޫނެވެ.
އެހެންނަމަވެސް ނަވީން އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން ކުއްލިއަކަށް އިނާއަށް އެއްޗެއް ވިސްނުނެވެ.
"އެހެނެއް ނޫން ދޯ ވީ.........؟" އިނާއަށް ޝައްކުވާން ފެށިއެވެ. ނަވީން ހަމަ ބަލަހައްޓައިގެން ހުރީއެވެ. އިނާއަށްޓަކައި ނަވީންގެ ހިތުގައި އުފެދިފައިވާ ލޯތްބަކީ ނަވީންގެ ހިތުގައި އިނާއަށްޓަކައި އުފެދޭ ޝުޢޫރުތައް ފޮރުވޭވަރަށްވުރެ ފުން ލޯތްބެއްކަމުން އިނާއަށް ސިއްރެއް ނުކުރެވުނެވެ.
"ލީނާ ނޫންވީމައެއް ނޫންދޯ މަންމަ...........؟" އިނާއަކަށް އެ ޖުމްލައިގެ ބާކީބައިވެސް ފުރިހަމަ ނުކުރެވުނެވެ. ކުއްލިއަކަށް ނަވީންގެ ކައިރިން އިނާއަށް ދުރަށް ޖެހިލެވުނެވެ.
"ނަވީން ތިދެއްކި ހުރިހާ ވާހަކައަކީވެސް ދޮގު ހަދައިގެން ދެއްކި ވާހަކަތައްތަ.....؟" ދެއަތުން ހަށަން ބަނދެލަމުން މަޑުއަޑަކުން އިނާ އަހާލީ ނަވީން ހީވެސް ކުރި ކަހަލަ ސުވާލެއް ނޫނެވެ.
"އެކަކު ކައިރީވެސް ތެދަށް ނުބުނާން ގަސްތުކޮށްގެންދޯ ނަވީން ތިހިރީ.........." އިނާ މިހެން ބުނެލީ ހިތިގޮތަކަށް ހިނިތުންވެލަމުންނެވެ. ނަވީންއަށް އިތުރަށް ދޮގެއް ނެހެދުނެވެ. އޭނަގެ ކަރު އެލިއްޖެއެވެ.
"އޭގެ މާނައަކީ މަންމަ އާއި ބައްޕަ ކައިވެންޏަށް އަންނާނެއޭ ބުނުން އެވެސް ދޮގެކޭ؟....." ދޭކާއި ދޭކާއި އެއްކޮށްލުމުން ނުކުންނަ ޖަވާބު ދާދި ފަސޭހައިން އެނގޭފަދައިން، ނަވީންގެ މޮޅިވެރިކަމުގެ ހަގީގަތް ދާދިފަސޭހައިން ވިސްނައިގަނެވިއްޖެއެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ނަވީންއަށް ހުރެވުނީއެވެ. ދެރަވެފައެވެ.
ކުއްލިއަކަށް އެނބުރިލާފައި އިނާ ހިނގައިގަތެވެ. ނަވީން ދެފަހަރަކު ގޮވާލީމަވެސް މަޑުވެސް ނުކޮށް ގޮސް ސިޑިންފައިބައިގެން އިނާ ދިޔައީއެވެ. ނަވީންއަށް އަނެއްކާވެސް ހުރެވުނީއެވެ. ހަނދާނަށް އަންނަމުން ދިޔައީ މަންމަ ދައްކާފައި ހުރި އެކިއެކި ވާހަކައެވެ.
*******(ނުނިމޭ)*******
ާވާއު............ ވަރަށް ރީތި މި ވާހަކަ....
ނޭންގެ ބުނާނެ އެއްޗެއްވެސް......... ހަމަ ހީވަނީ ރިއަލް ހެން...... ކީޕް އިޓް
އަޕް ސޮފާ..........
ލައީ: ހެހެހެ ލައީ އަށް ދޯ
ފުރަތަމަ ކޮމެންޓު ކުރެވުނީ..... އެހާ ގިނަ ދުވަހު ކޮމެންޓް ނުކޮށް ހުރެފަ މިއަދުު
ހަމަ ކޮށްލީ ފަސްޓް ލިބޭނެހެން ހީވީމަ....
Posted on 2011-09-21 06:59:41 | Report this Comment
ރީތި ވަރަށް އެކަމަކު ހަަާދަ ލަހޭ އަންނަލެ
ފަތިސްތަރި: ތިކަމާ އަސްލު ވަރަށް
ވިސްނޭ. މިހާރު އެބަ ވިސްނަން ގޭގައި ގެންގުޅޭނެ ކުއްޖަކުވެސް ގެއަށް ހޯދަން.
އެކަހަލަ ކަންތައްތަކެއްވެސް ހަމަޖެހިގެން ދޯ މިކަން ވާނީ. މުސޭ ހޯދަދޭނަން ދޯ؟؟؟؟
Posted on 2011-09-21 07:33:22 | Report this Comment
ނޫން ނޫން ނޫން ދެން އަޅޭ ޑިއަރ ތިހެން
ނުހަދާ.ޕްލީޒް:(
Posted on 2011-09-21 08:20:16 | Report this Comment
ވަރަށް ރިއަލް އިނގޭ ހުރިހާ މަންޒަރެއްވެސް
ސިފަކޮށްދީފަހުރިލެއް. ހާއްސަކޮށް ޓެރަސްމަތީގަ ތަރިތައް ބަލާ މަންޒަރު ހަމަ
ވަރަށް ރިއަލް. މަށަށްވެސް ހީވަނީ ކިޔަމުންދިޔައިރު ތަރިތައް ފެންނަހެން.
Posted on 2011-09-21 08:45:53 | Report this Comment
އަނެއްކާ ނަޖުމާއަށް ޚާލިދު ފުރުޞަތު ނުދީ
އިނާގެ މަންމައަށް ފުުރުޞާތު ދިނީމަ އޭގެ ބަދަލު އިނާގެ ފުށުން ހިފަނީ ނޫންބާ!
ސަޅި އިނގޭ
Posted on 2011-09-21 08:50:54 | Report this Comment
އަޅެ ނަވީންގެ މަންމަ ނުގަބޫލޭ ކިޔާފަ އިނާ
ކައިވެންޏާ ދެކޮޅު ނަހަދައްޗޭ... އޭރުން ނަވީން ކިހާ ދެރަ ވާނެ؟ އަނެއް ބައި
ވަރަށް ކިޔާހިތްވޭ... އަވަސް ކޮށްދެއްޗޭ ސޮފާ... އިނގޭ!!!
Posted on 2011-09-21 09:01:20 | Report this Comment
އަޅޭ ހާދަ ރީއްޗޭ ހާދަ ރީއްޗޭ ސޮފް.. ސޯ
ރިއަލް އެންޑް ޓަޗިންގް.. ވާހަކައިގެ ކޮންމެ ކެރެކްޓަރ އެއް ގެނެސްދީފަ ހުއްނަގޮތް
ވަރަށް ފުރިހަމަ.. ކީޕް އިޓް ދަ ގުޑް ވޯކް ޑިއަރ..
Posted on 2011-09-21 09:22:20 | Report this Comment
http://www.facebook.com/groups/Fathisthari/?id=177935598951573
ރިއު: hei all now yuh can contact fathisthari
through this group.. plz join dis grop, yuh ll get all the updates here !!
Thank you :)
Posted on 2011-09-21 12:01:42 | Report this Comment
dhen kihineh vaany...anehkkaa inaa beynun nuvaany baa naveen mumma
nuruheny ey kiyaafa marry kuran.. poor grl.. varah reethi mi baii vess.. naveen
haadha dhera vaaney ekamu
Posted on 2011-09-21 12:45:22 | Report this Comment
އަޅޭ... އެއްބަޔަށް ވުރެން އަނެއްބައި
ސަޅި....ހެހެހ.. ހާދަ މޮޅޭ ވާހަކައިގެ ސަސްޕެންސް ހިފަހައްޓާލެއް... ކިޔާ ހިތުން
އިންދާ ނިމުނީ. އަޅެ ދެން އޮތް ބައި އެހާ ހިތް ނުތަޅުވާ ގިނަ ދުވަސް ނުކޮށް
ގެނެސްދޭނަންދޯ ސޮފް....ޑިސްކްރިޕްޝަންއަށް ދެން އިތުރަށް ކުރާނެ ތައުރީފެއް
ނެތް... އެކަމުގަ ތީ އެއްވަނަ... ވވވވ... ސަޅި....އެއީ ކަންނޭނގެ ގިނަ
ކިޔުންތެރިން މިވާހަކަ އެހާ ކިޔާ ހިތްވާ ސަބަބކީވެސް.. ރީތި ވާހަކަ ކިޔަން އެހެން
ލިޔުންތެރިންގެ ވެސް.. އެކަމު ސޮފާ ގެ ތިހުންނަ ސިފަކޮށްދިނުމުގެ މޮޅު ހުނަރެއް
އަދި ނުފެނޭ އެހެން އެއްވެސް ވާހަކައަކުން...ތީ ހަމަ ބެސްޓް.... ޓޭކް ކެއަރ.. ވ
ސަލާމް....
Posted on 2011-09-21 15:44:47 | Report this Comment
އަޅޭ!!!....ވާހަކަ ވ ވ ވ ވ ވ ވ ސަޅި!!!!
އުއްމީދުކުރަން ދެން އޮތް ބައި އަވަހަށް ފެންނާނެކަމަށް...ކީޕް އަޕް ދަ ފެބިއުލަސް
ވޯކް!!! (:
Posted on 2011-09-21 21:43:29 | Report this Comment
އަޅޭ!!!!!!!!!!!!!އިނާ!!!!!!!! ކިހިނެތް ތި
ހެދީ...... ނަވީން ކިހާ ދެރަވާނެ.........ސޮފް.... ވާހަކަ ވަރަށްވެސް ސަޅި.....ހީވެސް
ނުކުރަން ނަވީންއަށް ނަވީން މަމް ދޫކޮށްފަ ދާން ކެރޭނެ ކަމަކަށް....... ސޮފް
އެކަމް ވަރަށް ހާލުން އިނގޭ މިއަދު މި ސްޓޯރީކީ.......މިއަދު ދުވާލުގަޑީގަ އުޅެ
އުޅެ ނުވި މިކަމެއް....... މިހާލުންވެސް ކިއުނީމަ އުފާވެއްޖެ އިނގޭ.........ލޮޓްސް
އޮފް ލަވް އެންޑް ހަގްސް...........
Posted on 2011-09-21 21:50:38 | Report this Comment
އަޅެ އިނާ އާއި ނަވީން ދުރު ނުކުރުވައްޗޭ،

No comments:
Post a Comment