🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 5 ވަނަ ބައި

ދެހާސް އެކެއްގެ ޑިސެމްބަރު މަސް ނިމި ޖެނުއަރީ ފެށުނުއިރު ހިތަދޫގައި ހުންނަ ހިތް ނަވީން މުޅިން ކެނޑިއްޖެއެވެ. އެކަމަކުވެސް ވަޒީފާގައި އެއްބަސްވެފައިވާ މުއްދަތު ހަމަވަންދެން އެރަށުގައި ހުންނަން ޖެހޭނެތީ ހުރީއެވެ.
މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ދެފަހަރަކު ނަވީނަށް އިނާ ފެނިފައި ވެއެވެ. ދިމާވެދާނެކަމަށް ލަފާ ކުރެވޭ މަގަކުންވެސް ނުގޮސް ހުރި ނަވީނަށް އިނާ ނުފެނުމަކުން އަދި ބައްދަލު ނުވުމަކުން ނަވީންގެ ހިތުގައި އިނާއަށްޓަކައި އޮތް ލޯތްބެއް ބަދަލެއްނުވެއެވެ. އުނިކަމެއް ނާދެއެވެ. އޭގެ ބަދަލުގައި ކުރިއަށްވުރެ ބޮޑަށް ހަނދާންވާހެން ނަވީނަށް ހީވެއެވެ. އެހެންކަމުން އެކަމަށް ކުރަމުން އައިހާ މަސައްކަތެއް ބޭކާރުވާހެންވެސް ނަވީނަށް މިހާރު ހީވަނީ މާ ބޮޑަށެވެ.

އެހެންނަމަވެސް އެހީއަށް ނަވީން ހުރީ ވަރަށް ފާރަވެރިވެގެންނެވެ. އެހީ ޔަގީނަށް ބަދަލުވެދާނެތީ ނަވީން ހުރީ ކަންބޮޑުވެފައެވެ. ކޮންމެ ދުވަހެއްވެސް ނަވީން ހޭދަކުރަމުން ދިޔައީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ކުރާ މަސައްކަތްތަކަކާވެސް އެކުގައެވެ.

އިނާވެސް އުޅެމުން ދިޔައެވެ. ދުވަހަކަށްފަހު ދުވަހެއް ގުނަމުން ދިޔައެވެ. ހިތުގައި އޮތް އެއްޗެއް އެކަކަށް އެނގޭނީވެސް ފާޅުކުރާ ނަމަތާއެވެ.
** ** ** ** ** ** ** ** **
ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ގޭގެ ބޮޑު ގޯތިތެރޭގައި ހައްދާފައިވާ ރީތި ބަގީޗާގެ ކައިރީގައި ހަވީރު ފިންޏަށް އިށީނދެލައިގެން ތިބެލަން ބަހައްޓާފައި ހުރި ފަސްގޮނޑި އާއި މޭޒު ހިމެނޭ މޭޒުކައިރީ އިނާ އިށީނދެ އިނީ މިދުވަސްކޮޅު މަންމަ ފަހަމުންދާ ކުދި ހެދުންތަކުގެ ތެރެއިން މަންމަގެ ގާތް ރައްޓެއްސެއްގެ ދަރިފުޅުކަމަށްވާ ޝައިގެ ހެދުމުގައި މިނާތަކެއް ޖެހުމުގެ މަސައްކަތުގައެވެ.

"ދަރިފުޅާ އިނާ.....ބައްޕަ އެބަދުރުވެޔޯ މިރޭގެ ފްލައިޓުން. ޒިޔާދުވެސް އެބައާދޭ ބައްޕައާއެކު." އިނާއާއެކު މިނާ ޖެހުމުގެ މަސައްކަތުގައި އިނދެފައި މީގެ އިރުކޮޅެއް ކުރިން ފޯނަށް ދިޔަ ޝީލާ ސިޓިންގ ރޫމްގައި ހުރި ފޯނުން ވާހަކަ ދައްކާފައި ގޯތިތެރެއަށް ނުކުންނަމުން ވާހަކަ ދެއްކީ އެ ގޯތިތެރޭގައި އިން އިނާއާއެވެ.

ޝީލާ އެދިން ޚަބަރުގެ ފަހުބައިން އިނާއަށް ގެނެސް ދިނީ ކަންބޮޑުވުމެކެވެ. އެހެންނަމަވެސް އަބަދުވެސް ބަސްމަދު އިނާ އެއްވެސް އެއްޗެއް ނައަހައެވެ.
"މިފަހަރު މަންމައަށް ޖެހޭނީ ދަރިފުޅުގެ ރުހުމާ ދެކޮޅަށްވެސް ޒިޔާދު މިގޭގައި ބަހައްޓަން." އިނާގެ ކުރިމަތިން މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީންނަމުން ޝީލާ ބުނެލިއެވެ. އަދި ފަރުވާވެ ދެން ބަލާލީ އިނާ ބުނެލާނެ އެއްޗަކަށެވެ. އެކަމަކު އިނާ އެއްޗެއް ނުބުނެއެވެ.
"އެންމެ ރަނގަޅުދޯ؟ ކައިވެނިވެސް މިހާ ކައިރިވެފައި ހުރިއިރު ، މި ރަށަށް ޒިޔާދު އަންނަ ކޮންމެ ފަހަރަކު ގަމުގައި ޒިޔާދު ބެހެއްޓުމަކީ ރީތި ގޮތެއް ނޫންހެން މަންމައަށް ހީވަނީ. ދަރިފުޅު ބޭނުމިއްޔާ ދަރިފުޅަށް އުޅެވިދާނެ ޒިޔާދަށް ފިލައިގެންވެސް އެއް ދުވަހު އެއްކޮށްވެސް. އެހާވެސް ތަންއެބައޮތް މިގޭގަ. އެހެންވެ މިފަހަރު މަންމަ ބުނެފިން އާނއެކޭ. " އެ ފޯން އައުމުގެ ކުރިން ޝީލާވެސް އިނީ ހެދުމުގައި މިނާތަކެއް ހަރުކުރުމުގެ މަސައްކަތުގައި ކަމަށްވާތީ، ފޯން ނިންމާފައި އައިސް އަނެއްކާވެސް ޝީލާ އެ ހެދުމުގެ މަސައްކަތް ފެށިއެވެ.

"ދަރިފުޅު އެއްޗެއް ނުބުނީ ކީއްވެ؟" އިނާގެ ހިމޭންކަމުން އުނދަގޫވެފައި ޝީލާ އަހާލިއެވެ.
"ކަމެއް ނުވޭ. " ހިނިތުންވެލަމުން އިނާ ޖަވާބު ދިނެވެ.
"ދެން ކީއްވެ ދަރިފުޅު އެއްޗެއް ނުބުނީ؟" އަދިވެސް ޝީލާ އެހިއެވެ. އިނާގެ އެ ހިމޭންކަމުގެ ސަބަބުން މިހާރަކަށް އައިސް އެހެން މާނައެއް ޝީލާއަށް ލިބޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
"ކަމެއް ނުވޭ. ޒިޔާދު މިގޭގައި ބެހެއްޓުމާއިމެދު މަންމަމެންގެ މައްސަލައެއް ނެތިއްޔާ އަޅުގަނޑުގެވެސް މައްސަލައެއް ނެތް" އިނާގެ ޖަވާބަކުން އެކައްޗެއްވެސް ޝީލާއަކަށް ނޭގުނެވެ. އެހެންކަމުން ޝީލާވެސް އިތުރު އެއްޗެއް ދެން ނުބުނެއެވެ. ނަމަވެސް އިރުއިރުކޮޅާ އިނާއަށް ބަލާލެވެއެވެ.

"ދަރިފުޅާއި ޒިޔާދު އާއި މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟" އެންމެ ފަހުން ޝީލާ އަހައިފިއެވެ.
އިނާގެ އިސް އުފުލިގެން ދިޔައީ ކުއްލިއަކަށެވެ.
"ނޫން....މަންމައަށް ކީއްވެ ތިހެން ތިހީވީ؟" އިނާ އެހެން އެހީ ހީލުމަކާއެކުގައެވެ. އެހެންނަމަވެސް ކުއްލިއަކަށް އިނާ ސިހިގެން ދިޔަ ދިއުންވެސް އެއީ ޝީލާއަށް ވީ ހީ ޔަގީނަށް ބަދަލުވެދާނެ ހެއްކެއްކަމެއް އިނާގެ ހިތަށް ނޭރީތާއެވެ.

"މަންމައަށް އެހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެ. ޒިޔާދު މިގޭގައި ހުންނަ ވާހަކަ ބުނީމަވެސް ދަރިފުޅު ތިއިން ގޮތުން ހީވަނީ އެއީ އެކަން ވާން ދަރިފުޅު ބޭނުންވާ ގޮތްހެން. އެކަމަކު އުފަލަކުން ނޫން ތިއިނީ. މަންމައަށް އިނާ އެނގޭނެނު" ޝީލާއަށް ހީވާ ގޮތުގެ ވާހަކަ ޝީލާ ބުނެލިއެވެ.

"ތިވާނީ މަންމައަށް ހީވާ ގޮތެއްކަމަށް. " މިނާތައް އަޅާފައި ހުރި ވަށިގަނޑުން މިނާ ފުޅިއެއް ނަގަމުން އިނާ ބުނެލިއެވެ. މާ ބޮޑު ޝައުގެއް އެ ވާހަކައެއް ނެތް ފަދައެވެ.
"އެހެންވެއްޖިއްޔާ ބުނެބަލަ. ނަވީން މިގެއަށް ނައިސް ހުއްޓާލީ....ނަވީން އާއި ދަރިފުޅާއި މައްސަލައެއް ޖެހުނީތަ؟" ޝީލާއަށް މި އަހާލެވުނީ ވަރުގަދަ ސުވާލެއްކަން އިނާއަށް ވެގެން ދިޔަގޮތުން އަނެއްކާވެސް ޝީލާއަށް އެނގުނެވެ.

އޭނަ އަހާލި ސުވާލުގެ އަޑު އިވުނު ވަގުތު އިނާގެ އަތުގައި އޮތް ތިނޯސް ކޮންމެވެސް ގޮތަކަށް އިނާގެ އަތަށް ހެރުނުތަން ޝީލާއަށް ފެނިގެން ދިޔައެވެ.
"އަނެއްކާވެސް މަންމަ...! އަޅުގަނޑު ކުރީދުވަހުވެސް ބުނީމެއްނު އަޅުގަނޑަކާ މައްސަލައެއް ނުޖެހެއޭ. އެހެން ނޫނަސް ކޮން މައްސަލައެއްތޯ އަޅުގަނޑާއި ނަވީން އާއި ޖެހެން އޮންނާނީ" ތިނޯސް ހެރުނު ދެ އިނގިލީގައި އަނެއް އަތުން ފިރުމަމުން އިނާ އެހިއެވެ.

"ތިހެންނޭ މަންމަވެސް ހިތަށް އަރަނީ. އެކަމަކު ހާދަ ހީވެއޭ ދަރިފުޅާއި ކޮންމެވެސް މައްސަލައެއް ޖެހިގެންހެން ނަވީން ނައަންނަނީ." ޝީލާ އަދިވެސް އުޅެނީ އަހާށެވެ.
"ނޫނޭ މަންމާ....ތިއީ ކުށްހީއެއް. އަޅުގަނޑު އެބަ އަންނަން." ޝީލާއަށް ޖަވާބު ދީފައި އިނާ ތެދުވެގެން ދިޔައީ ގޭތެރެއަށެވެ.

ޝީލާ ހައިރާނެއް ނުވެއެވެ. އެއީ އަބަދުގެވެސް އިނާގެ ގޮތެވެ. ދައްކަން ބޭނުން ނުވާ ވާހަކަތައް އަޑުއަހާކަށްވެސް އިނާ ނީންނާނެއެވެ. ކޮންމެވެސް ބަހަނާއެއްގައި އެތަނަކުން އިނާ ދާނެއެވެ. ނަވީންގެ ވާހަކަ ދައްކަންފެށި ފަހުންވެސް އިނާ އެގޮތަށް ކަންތައް ކުރި މިއީކީ ފުރަތަމަ ފަހަރެއް ނޫނެވެ.

ޒިޔާދު އެގޭގައި ހުންނަން އެއްބަސްވީ ކީއްވެގެންކަން ޝީލާ އާއި ޚާލިދުއަށް ނޭނގުނު ނަމަވެސް އިނާއަށް އޭގެ ސަބަބު އެނގެއެވެ. ޒިޔާދު އެ އަންނަނީ ވަރަށް ކައިރިން އޭނަ ދުށުމަށެވެ. އޭނަގެ ކޮންމެ ދުވަހަކުގެ ދިރިއުޅުމުގެ ދުވަސްތައް ދަނީ ކިހިނެއްތޯ ބެލުމުގެ މަގްޞަދުގައެވެ. ޒިޔާދުއަށް ކުރެވިގެން އުޅޭ ކުށްހީ ޔަގީން ކުރުމުގެ މަގްޞަދުގައެވެ.

އެކަމަކު އެއީ ކޮންފަދަ ބޮޑު ކުށްހީއެއް ހެއްޔެވެ؟
މައްސަލައެއް ނެތެވެ. ޒިޔާދު ބޭނުންވާ ކަމެއް ބަލަން ޒިޔާދު ބަހައްޓާށެވެ. ފޮރުވިފައިވާ ބޮޑު ސިއްރެއް ނެތްކަން ޒިޔާދުއަށް ގަބޫލު ކުރެވޭނީވެސް އޭރުންނެވެ.
** ** ** ** ** ** ** ** **
ޒިޔާދު އާއި ޚާލިދުއަށް ގެއަށް އާދެވުނީ ދަންވަރު ދޭއްވެސް ޖެހިފަހުންނެވެ. އިންތިޒާރުގައި އިނީ ޝީލާ އެކަންޏެވެ.
"މުޅިން ވަރުބަލިވެއްޖެ ދޯ ޒިޔާދު؟" ގޭ ދޮރުމައްޗަށް ޚާލިދުގެ ކާރު މަޑުކޮށްލި އަޑަށް ނުކުމެ އިސްތިގްބާލްގައި ހުރި ޝީލާ ފުރަތަމަވެސް ވާހަކަ ދެއްކީ ޒިޔާދު އާއެވެ.
"ނޫނޭ. އަޅުގަނޑަށްވުރެ ބޮޑަށް ޚާލިދުބެ ވަރުބަލިވާނެހެން ހީވަނީ. މިއަދު ހެނދުނުވިއްޔާ ލަންކާއިން އެ ދުރުވީ." ހޭންޑްބޭގް ކޮނޑުގައި އަޅުވައިގެން އެތެރެއަށް ހިނގައިގަންނަމުން ޒިޔާދު އެ ބުނެލި ބަހުގެ ތެދުކަން ދެވަނަ ސިކުންތުގައި ޝީލާއަށްވެސް އެނގުނެވެ.

އޭނަގެ ފިރިމީހާގެ މޫނުމަތިން އުފާވެރި ހިނިތުންވުމެއް ފެނުނެއްކަމަކު ވަރުބަލިކަމާ ލޮޑުކަންވެސް އެ ރީތި ލޮލުން ޝީލާއަށް ފެނުނެވެ.
"ކޮބާ އިނާ....." ޝީލާއާއެކު އެތެރެއަށް ވަންނަމުން ޚާލިދު އަހާލިއެވެ.
"އިނާ ނިދައިފި. ބުނިން މަޑުކޮށްލަންވެސް....އެކަމަކުވެސް...." ޝީލާ މިހެން ބުނެލީ ކުރީގައި ހުރެގެން ހިނގަމުން ދިޔަ ޒިޔާދުއަށް އަޑު ނީވޭ ވަރަށެވެ.
ޝީލާގެ އަޑުގައި ސިއްރުވެރި ގޮތެއް ހުރުމުން ޚާލިދު ކުޑަކޮށް ހައިރާންވެފައި ޝީލާއަށް ބަލާލިއެވެ.
"ކޮންމެވެސް މައްސަލައެއް ޖެހިގެން އުޅޭހެން ހީވަނީ ޒިޔާދު އާއި އިނާއާ. ޒިޔާދުގެ ފަރާތުން އެކަހަލަ އެއްޗެއް ހީނުވޭތަ އެކޮޅުގައި ހުރިއިރު؟" ޚާލިދު އެ ބަލާލި ބަލާލުމުގެ މާނަ ވިސްނައިގަންނަމުން ޝީލާ އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ.
ޝީލާގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޚާލިދު ބަލާލީ ސިޓިންގރޫމްގެ ދޮރުން ވަދެވަދެ ހުރި ޒިޔާދު އާއި ދިމާލަށެވެ.

ޝީލާ އެބުނީ ތެދެކެވެ. އޭނައަށްވެސް އެކަހަލަ ގޮތެއް މިއަދު ހީވިއެވެ.
"ތިވާނީ ވަހުމެއް ކަމަށް. ރަނގަޅުވާނެ." ޚާލިދުއަށް ވީ ހީ ޚާލިދުވެސް ބުނަން ބޭނުން ނުވިއެވެ.
** ** ** ** ** ** ** ** **
އާދެވުނީ ދަންވަރު ދޭއް ޖެހި ފަހުން ކަމަށްވާތީ، މާބޮޑު ކެއުމެއް ކާކަށް ޚާލިދުވެސް ނޫޅުނެވެ.
"އަޅުގަނޑަށް ދެއްވާ ދައްތަގެ އަތުން މީރު ކޮފީތައްޓެއް. އެވަރުން ރަނގަޅުވާނެ މިރެއަށް." ސިޓިންރޫމްގެ ސޯފާގައި އިށީނދެ އިން ޒިޔާދު އޭނަގެ ދިގު ދެފައި ކުރުކޮށްލާފައި އެއްފައި ނަގާ އަނެއްފައި މައްޗަށް ލަމުން ބުނެލިއެވެ.
"ހޫމް.......ހައްދާނުލާ ކޮފީއަކަށް ހަމަ ނުބުނެވޭނެ ދޯ ޒިޔާދުއަށް." އެއީ އަބަދުވެސް ޒިޔާދުގެ އާދަކަން ހަނދާން ކުރަމުން މިހެން ބުނެލާފައި ޝީލާ ދިޔައީ ކޮފީ ތަށި ހަދާށެވެ.

"އިނާ އިން އެކެއް ޖެހިއިރުވެސް. އެކަމަކު ހެނދުނު ޑިއުޓީ ހަފްތާ ވީމަ ދައްތަ ބުނީ ނިދަން ދާށޭ. އެހެން ނޫންނަމަ...." ގެނައި ކޮފީތަށި ބޯން ޒިޔާދު ފެށުމުން ޒިޔާދުގެ މޫނުގެ ކުލަވަރުން ވިސްނައި ގަނެވުނު ސުވާލަށް ޖަވާބު ދޭން ޝީލާ ފެށިއެވެ. މުޅިންމެ އިނާގެ ދިފާޢުގައެވެ.
"އެއީ މައްސަލައެއް ނޫން. އަޅުގަނޑަށްވެސް އެނގޭ. އިނާ އޮތީ ބުނެފަ ހުރެވިއްޖެއްޔާ ހުންނާނަމޭ. އެއީ މައްސަލައެއް ނޫން. މާދަމާ ދިމާވާނެ ނު؟" ޝީލާގެ ވާހަކަ ނުނިމެނީސް އަވަސް އަވަހަށް ޒިޔާދު ޖަވާބު ދިނެވެ. ޝީލާއެކޭ އެއްގޮތަށް ޒިޔާދުވެސް ވާހަކަ ދެއްކީ ހަގީގަތާއި ޚިލާފަށެވެ. މިއަދު އެންމެ ފަހަރަކުވެސް އޭނަ ކުރި ކޯލަކަށް އިނާ ޖަވާބު ނުދޭކަން އަންގަން ބޭނުން ނުވީއެވެ.
** ** ** ** ** ** ** ** **
ފަތިސް ނަމާދު ކޮށްލައިގެން އާދައިގެ މަތިން ހޫނު ކިރުސައިތައްޓެއް ގިރައިގެން އިނާ ނުކުތީ މިރޭވެސް ގޯތި ތެރެއަށެވެ. ބަގީޗާ ކައިރީ ހުންނަ މޭޒު ދޮށުގައި އިނދެގެން ހެނދުނުގެ ސައިތަށި ބޯލުމަކީ އޭނައަށް ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. އެއީ އޭނަ އަބަދުވެސް ކަންތައް ކުރާ ގޮތެވެ.
ނަމަވެސް ސިޓިންރޫމް ދޮރުން ނުކުމެވުމާއެކު އިނާގެ ފިޔަވަޅުތަކަށް މިއަދު ހުއްޓުން އައެވެ.
އޭނަގެ މަގާމުގައި މިއަދު އެހެން މީހަކު އެބަ އިނެވެ. ފެންނަނީ ފުރަގަހުން ކަމަށްވިޔަސް އެއީ ޒިޔާދުކަން އިނާއަށް އޮޅޭނެހެއްޔެވެ. ހަމަ ވަގުތުން އެނބުރެވުނީ އައިކޮޅަށް ދިއުމަށެވެ. އެހެންނަމަވެސް އެނބުރިލާފައިވެސް އަނެއްކާވެސް ޒިޔާދުއާއި ދިމާލަށް ބަލާލެވުނެވެ.

މަންމަ ބުނިހެން ގެ ކިތަންމެހާވެސް ބޮޑެވެ. އެކަމަކު އޭނައަށް ޒިޔާދުއަށް ފިލޭނެހެއްޔެވެ؟ އެވެސް ކިހާ ދުވަހެއްވަންދެން ހެއްޔެވެ؟

މަޑުމަޑުން ގޮސް ޒިޔާދުގެ ކައިރިއަށް އިނާ ހުއްޓިލިއެވެ. އޭނަގެ ފައިވާނުގެ އަޑު ޒިޔާދުއަށް އިވޭނެކަން އިނާއަށް ޔަގީނެވެ. އެކަމަކުވެސް........ޒިޔާދު އެއިނީ ރޭގައި ޒިޔާދު އައިއިރު އިންތިޒާރުގައި އޭނަ ނެތުމުން އެކަމުގެ ހިތްހަމަނުޖެހުމުގައި ކަން ޔަގީނެވެ. އެހެން ނޫންނަމަ އޭނައާއި ދިމާލަށް ބެލީހެވެ.

ޒިޔާދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިނާ އިށީނެވެ. އަދި ފަރުވާވެ ޒިޔާދުގެ މޫނަށް ބަލާލިއެވެ.
ރޭގައި އެންމެ ލޮލުފިޔައެއްވެސް ނުޖަހާކަން ޒިޔާދުގެ މޫނުންނާއި ހޭވިފައިވާ އިސްތަށިގަނޑުން އެނގެއެވެ. އޭނައާއި ދިމާލަށް ނުބަލާން ވެގެން ކުރިމަތީން ފެންނަ ގަސްތަކަށް ބަލަހައްޓައިގެން އިނެއް ކަމަކު އެ ރީތި ލޯވެސް ހުރީ ކޮންމެވެސް ވަރަކަށް ރަތް ވެފައެވެ. އިށީނދެއިން ގޮނޑީގެ ދެ އަތްގަނޑުގައި އުޅަނބޮށި ޖައްސައިގެން ދެއަތްތިލަ މަހާލައިގެން އިންއިރު ފިކުރުބޮޑުވެފައި އިންކަން އެނގެއެވެ. ފުން ވިސްނުމެއްގައި މުޅި ރޭ ހޭދަކޮށްފައިވާކަން އެނގެއެވެ.

އިނާއަށް ދެން ބަލާލެވުނީ މޭޒަށެވެ. ހުސްވެފައިހުރި ކޮފީތައްޓަކާއެކު އޭޝްޓްރޭއެއް ހުއްޓެވެ. އެގެއަކީ ސިގިރެޓް ބޯ އެކަކުވެސް ނުހުންނަ ގެއެއްކަމަކު ޒިޔާދު އެގެއަށް އަންނަން ފެށުމާއެކު ޒިޔާދުއަށްޓަކައި މަންމަ ގަނެދީފައިވާ އެ އޭޝްޓްރޭގައި ގިނަ އަދަދަކަށް ސިގިރެޓް ފިލްޓަރުތައް ހުރުމުން އިނާއަށް ކަންބޮޑުވުން ލިބުނެވެ.

"ޒިޔާދު........" އިނާ އެތާ އިށީނދެ މިނެޓެއްހާއިރު ވީއިރުވެސް އިނާއާއި ދިމާލަށް ބަލާވެސް ނުލާ އިން ޒިޔާދުއަށް ގޮވާލީ އިނާއެވެ. ޖެހިލުންވެފައެވެ.
ޒިޔާދު އިންގޮތަށް ހަރަކާތެއްވެސް ނުގެނެއެވެ.
"ޒިޔާދު......ހާދަ ގިނަ ސިގިރެޓެއް. ނުވެސް ނިދަނީތަ ރޭގަ؟" އިނާ ބޭނުންވީ އެއްވެސް ކަމެއް ނުވާކަމަށް ހަދާށެވެ.

އިނާއާއި ދިމާލަށް ޒިޔާދު ބަލާލީ ދެނެވެ.
"އިނާއަށް އެބަހުރިތަ އެކަމުގެ ފަރުވާލެއް؟ ހިއެއް ނުވޭ." އެތަކެއް މާނަ އެކުލެވޭ ސުވާލަކާއެކު އޭގެ ޖަވާބުވެސް އަމިއްލައަށް ލިބިގަތީ ޒިޔާދެވެ.
އިނާ އަށް ކަޅި ތިރިކުރެވުނެވެ. ގެނެސްހުރި ސައިތަށީގައި ހިފުނީ ވަކި މަގްޞަދެއް ނެތިއެވެ.
"މިއީ މިކަން ވާންޖެހޭނެ ގޮތެއް ނޫން. " އަނެއްކާވެސް ހަމަ އެއިން ގޮތަށް އިނާއާއި ދިމާލަށް ބަލަހައްޓައިގެން އިނދެ ޒިޔާދު ބުނެލިއެވެ. ޒިޔާދު އޭނައާއި ދޭތެރޭ ހިތްހަމަނުޖެހިގެން އެ އުޅެނީ ކޮންކަމަކާހެދިކަން އެނގޭ އިނާއަށް ޒިޔާދުގެ މޫނަށް ބަލާލެވުނެވެ.

ފަރިކަމާއި ފިރިހެންވަންތަކަމުގެ ހުރިހާ ސިފައެއް ލިބިފައި ހުރިއިރުވެސް އަދިވެސް ޒިޔާދު އާއި....

"އަހަރެން ނޫން އެއްވެސް މީހަކު މިގޮތަށް އިނާއަށް އާދޭސްކުރަމުން އިރުއިރުކޮޅާ އައިސްހަދާނެތަ؟" އިނާ ބަލަހައްޓައިގެން އިންދާ އަނެއްކާވެސް ޒިޔާދު ބުނެފިއެވެ.

އިނާގެ ހިތަށްވެސް އުނދަގޫ ވިއެވެ. އެއީ ތެދެކެވެ. އޭނައަށް ޒިޔާދު އެދޭވަރަކަށް ޒިޔާދުއާއި ގާތްކަމެއް ނުއުފެއްދެއެވެ. ކުރާނީ ކީއްހެއްޔެވެ.

"ހަމަ އާދައިގެ މަތިން ނެތް ދޯ އިނާ ބުނާނެ އެއްޗެއް....؟" އެއީ އަބަދުވެސް ޒިޔާދު ކުރާ ޝަކުވާއެވެ. ޒިޔާދު ދައްކާ އެފަދަ އެއްވެސް ވާހަކައަކަށް އޭނަ ބުނާނެ އެއްޗެއް ނޯވެއެވެ.
އިނާ އަނެއްކާވެސް ސައިމަގަށް ބަލާލިއެވެ.
"ޒިޔާދު ޕްލީޒް......!" ކުއްލިއަކަށް ޒިޔާދު ތެދުވިތަން ފެނުމުން އިޚްތިޔާރަކާ ނުލާ އިނާއަށް ގޮވާލެވުނެވެ.
"މިވަގުތަކު ނޫން........" އިނާ ގޮވުމުން ހުއްޓި އިނާއަށް ބަލާލާފައި ސިގިރެޓް ފޮއްޓާއި ލައިޓަރު ނަގައިގެން ޒިޔާދު އެތެރެއަށް ވަދެގެން ހިނގައިގަތީ އެހެން ބުނެލާފައެވެ.
އިނާއަށް ހަމަ ބަލަހައްޓައިގެން އިނދެވުނީއެވެ.
ރޫޖެހިފައިވާ އަގުބޮޑު ޓީޝާޓާއި ޖިންސްގައި ހުންނައިރުވެސް ޒިޔާދުގެ ފަރިކަމާއި ފުރިހަމަކަން އޭނަ ނޫން ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ރީތި ފިރިހެނެއްގެ ސިފައިން އަންހެނެއްގެ ހިތަށް އަސަރެއް ކުރާނެ ނަމަ ކުރީހެވެ. އެކަމަކު އޭނައަކަށް ނުވެއެވެ.
ޒިޔާދު އެ އުއްމީދުކުރާ ގާތްކަމެއް ޒިޔާދުއާއި ދޭތެރޭ އޭނައަށް ހަމަ ނުބެހެއްޓެވެއެވެ.
** ** ** ** ** ** ** ** **
އޭގެ ފަހުން ދެން އެދުވަހު އިނާއާއި ޒިޔާދު އާއި އެގޭ ތެރެއިން ދިމަލެއް ނުވެއެވެ. ވާކަށް މާ ބޮޑުވަގުތެއްވެސް ނުމެވޭމެއެވެ. އިނާގެ ޑިއުޓީ ނިންމާފައި އާދެވުނީ އިރުއޮއްސި ހައެއްޖަހަން އުޅެނިކޮށެވެ.
އެކަމަކުވެސް އޭނައަށް އެނގެއެވެ. ޒިޔާދު މިރޭ އޭނަ ހޯދާނެއެވެ.

ކަންވީވެސް އެހެންނެވެ. ރޭގެ ކެއުމުގެ ފަހުން ޒިޔާދު އާއެކު ވާހަކައެއްގައި ޚާލިދު ސިޓިންގރޫމްގައި އިންނެވުމުން އިނާ އަވަހަށް ކޮޓަރިއަށް ދިޔައީވެސް ޒިޔާދުއަށް އެ ފުރުޞަތު އެހާ ފަސޭހައިން ދޭން ބޭނުން ނުވާތީއެވެ. އެކަމަކުވެސް ގަޑިއެއްހާއިރު ފަހުން ޒިޔާދު ގުޅީ އޭނަގެ މޮބައިލަށެވެ.

"ހަލޯވް.......؟" އެގުޅަނީ ޒިޔާދުކަން އެނގޭއިރުވެސް މޮބައިލް ކަންފަތުގައި ޖައްސާލަމުން އިނާއަށް އަހާލެވުނީ ސުވާލުގެ ރާގަކަށެވެ.
"ޓެރަސްއަށް އާދެވިދާނެތަ؟" އިނާގެ ހަލޯވ އަށް އެކޮޅުން ޒިޔާދު އެދުނީ މިހެންނެވެ.
އެއަށް ޖަވާބުދޭން އިނާއަށް އިރުކޮޅެއް ނެގިއެވެ.

"މިހާރު.........؟" ޖެހިލުންވެ ހުރެވެސް އިނާއަށް އަހާލެވުނެވެ.
"އިނާ......!! " ޒިޔާދު ބުނާ އެއްޗަކާ އިނާ ދެކޮޅުހަދާ ކޮންމެ ފަހަރަކުވެސް ޒިޔާދު ގޮވާލާ ރާގަށް މިފަހަރުވެސް ގޮވާލިއެވެ. އެ ޝަކުވާގެ ރާގަކީ އިނާއަށް އާ ރާގެއް ނޫނެވެ.
"އެންމެ ރަނގަޅު. މިދަނީ." މަޑުމަޑުން އިނާ ބުނެލިއެވެ. ދެން ފޯން ބާއްވާފައި އެނދުގައި އިށީނދެއްޖެއެވެ.

ޒިޔާދުގެ އެ ސުވާލުތަކާއި ކުރިމަތިލާކަށް އޭނަ ބޭނުމެއް ނުވެއެވެ. ޒިޔާދުގެ އެ ޝަކުވާތަކުން އޭނައަށް އުނދަގޫ ވެއެވެ. ދެރަ ކަމެކެވެ. އޭނަ އެހެރީ ޒިޔާދު އާއި އިންނަން ރަން ކިޔައިގެންނެވެ. ޒިޔާދު ނޫން މީހަކާއި އޭނަ ކައިވެނި ނުކުރާނެއެވެ. އޭނަ އަކީ ޒިޔާދުގެ މިލްކެކެވެ. އެވަރުން ޒިޔާދު އަށް ނުފުދެނީ ހެއްޔެވެ. އޭނަގެ ފަރާތުން އެ ބޭނުންވާ ޖަވާބުތަކެއް ނުލިބޭނެކަން އަދިވެސް ޒިޔާދު ގަބޫލުކުރަން ނުވަނީ ހެއްޔެވެ. ޖަވާބު ދޭނީވެސް ކިހިނެއްހެއްޔެވެ. އޭނަގެ އަތަކު ޖަވާބެއް ނުވެސް ނެތެވެ. ފޮރުވައިގެން އުޅެނީކީ ނޫނެވެ. ނުވެސް ނެތީއެވެ.

ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލާފައި އިނާ ގޮސް ސިޑިން މައްޗަށް އަރަން ފަށައިފިއެވެ. ގޭގެ ތިންވަނަ ބުރީގައި ހުންނަ ޓެރަސްއަށް ނުކުމެވުމުން ފުރަތަމަވެސް އިނާ އަޅައިގަތީ ތަނަށް ދީފައިވާ ފުރިހަމަ ހަނދުވަރެވެ. ދެން ބަލާލެވުނީ ޒިޔާދު އިންނާނެކަމަށް ހީކުރެވުނު އުނދޯއްޔާއި ދިމާލަށެވެ. ނަމަވެސް ޒިޔާދު އިނީ އެތާކު ނޫނެވެ. ޒިޔާދު ހުރީ ޓެރަސްގެ ވަށައިގެން ޖަހާފައިވާ ދަގަނޑު ފެންސް ކައިރީގައެވެ.

އިނާވެސް މަޑުމަޑުން ގޮސް ޒިޔާދު ކައިރިއަށް ހުއްޓި ދަގަނޑު ހޮޅިމަތީ އަތް އަޅުވާލާފައި ކުރިއަށް ޖެހި ކުރިމަތިން ފެންނަން އޮތް ތަނަވަސް މާހައުލަށް ބަލާލިއެވެ. ސާފު އުޑުގައި މިރޭ ހަނދު ރަނިކަން ކުރަނީއެވެ. މޫދުގެ ލޮނުގަނޑު ހީވަނީ ރިހި ވިރުވާ އަޅާފައި އޮތް ތަނެއްހެންނެވެ.

ގުދުރަތީ ރީތިކަމަށް ބަލަން ހުރެފައި އިނާ ބަލާލިއިރު ޒިޔާދު ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. ދަގަނޑު މަތީ އަތް އަޅުވާލައިގެން ބޭރަށް ކުޑަކޮށް ގުދުވެގެން އޮތެއްކަމަކު ޒިޔާދުގެ ލޯ ހުއްޓިފައި ހުރީ އޭނައަށެވެ.
ޒިޔާދު ހަމަ އެހެން ބަލަހައްޓައިގެން ހުއްޓާ އިނާ ހިނގައިގަތީ ޒިޔާދުއާއި ދުރަށެވެ. އަދި ގޮސް އިށީނީ ޓެރަސްގެ ހިޔާކޮށްފައިވާ ބައިގައި ބަހައްޓާފައި ހުރި އެއްތެޔޮ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައެވެ. ގޮނޑީގައި އިށީނދެފައި އިނާ ބަލާލިއިރުވެސް ޒިޔާދު ހުރީ ކުރިންވެސް ހުރިތަނުގައި އެނބުރި ބަލަހައްޓައިގެންނެވެ. އިނާ އިސް އޮބާލިއެވެ. ޒިޔާދު އެތާ ބަހައްޓާފަ އެގޮތަށް އޭނަ އައުމުން ޒިޔާދު ހިތްހަމަނުޖެހޭނެކަންވެސް އިނާ ހިތަށް އެރީ މާ ފަހުންނެވެ.

ވީ ކުޑަހިނދުކޮޅެކެވެ. އިނާއަށް ފެނުނީ ޒިޔާދު އޭނައާއި ދިމާލަށް އަންނަ ތަނެވެ. އިނާ ހީކުރީވެސް ޒިޔާދު އައިސް އިށީންނާނީވެސް އޭނަ އިށީނދެ އިން ބޮޑު އެއްތެޔޮ ގޮނޑީގެ އަނެއްކޮޅުގައި ކަމަށެވެ. ނަމަވެސް ޒިޔާދު ގޮސް އިށީނީ އުނދޯލީގައެވެ. އޭނައާއި ދޭތެރޭގައި ދުރުކަމެއް ބަހައްޓަން ގަސްދުގައި ޒިޔާދު މަސައްކަތް ކުރާކަން އިނާއަށް އިހްސާސް ވިއެވެ.

"އިނާ ބޭނުންވަނީ އަބަދުވެސް މިހިސާބު ދުރުގަ އަހަރެން ބަހައްޓަންކަމަށްވަންޏާ ކީއްވެ ކައިވެންޏަށް އެއްބަސްވީ؟" ޒިޔާދުގެ ފުރަތަމަ ޖުމްލަވެސް ދިޔައީ ސީދާ މައުޟޫއަށޭ އިނާ ހިތަށް އެރިއެވެ.
އެކަމަކުވެސް ޒިޔާދުގެ އެ ސުވާލުން އިނާއަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެއީ ކީއްވެގެން ޒިޔާދު ކުރި ސުވާލެއްހެއްޔެވެ؟ އެއީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ؟

"މިއީ ކަންނޭނގެ މިކަން އެންމެ ފުރަތަމަ ދުވަހުވެސް އޮތްގޮތް. އަހަންނަށް އޭރު މި ދުރުކަން ފާހަގަ ނުކުރެވުނީ." ތަނުގެ ހިމޭންކަމުގެ ތެރެއިންވެސް ޒިޔާދުގެ އަޑުގައިވާ ހިމޭންކަން ބޮޑެވެ. ޒިޔާދުގެ ވާހަކަ ކުރިއަށް ދިޔައެއްކަމަކު އިނާ އެ ދިމާލަކަށް ނުބަލައެވެ. އެހެންނަމަވެސް ޒިޔާދުގެ އަޑުގައިވާ ވޭނުގެ އަސަރު އިނާއަށް ރަނގަޅަށް އެނގެމުން ދިޔައެވެ.

"އިނާ ބޭނުމިއްޔާ ޚާލިދުބެމެނާއި އަހަރެން ވާހަކަ ދައްކަފާނަން. މިކައިވެނި ކެންސަލް ......" ޒިޔާދު މި ބުނި އެއްޗަކުން އިނާގެ އިސް އުފުލިގެން ދިޔައެވެ.
"ނޫން ޒިޔާދު........." މިހެން ބުނެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ހިތަށް ލިބުނު ކުއްލި ބިރުވެރިކަމެއްގެ ސަބަބުންނެވެ.

އެއާއެކު ޒިޔާދު އިން ރިހިކުލައިގެ އުނދޯލީގެ ޙަރަކާތް މުޅިންމެ ހުއްޓުނެވެ. އެކަމަށް އެހީވީ ޒިޔާދުގެ ދެފައެވެ.

އިނާއާއި ޒިޔާދުގެ ދެލޯ ހަތަރުކަޅިހަމަވެފައިވީ ހިނދުކޮޅަކަށެވެ. އިނާ އިސް އޮބާލިއެވެ. އެހެން އިންއިރު އޭނައާއި ދިމާލަށް ޒިޔާދުގެ ފިޔަވަޅުތައް އުފުލެމުން ދާކަން އިނާއަށް އެނގުނެވެ.

"ކެންސަލް ކުރަން ބޭނުން ނުވަންޏާ މި ދެން ކޮން ކަމެއް؟ ކޮންކަމަކާ އިނާ ހިތްހަމަނުޖެހިގެން ތިއުޅެނީ؟ ކޮން ކަމެއްތަ ގޯސްވީ؟ އިނާ ބުނީމަ ބުނިގޮތަކަށް ހުރިހާ ކަމެއް އަހަރެން މިދަނީ ކުރަމުން. އަހަރެންނަކަށް މި ދުރުކަމަކަށް ކެތެއް..." ޒިޔާދު އައިސް އިނާގެ ދާދި ގާތުގައި އިށީނދެ އޭނަގެ ހިތުގައި އުފެދިގެން އުޅޭ ސުވާލުތަކަށް ޖަވާބު ލިބޭތޯ މަސައްކަތް ކުރަން ފެށިއެވެ. އެހެން ނަމަވެސް އޭނަގެ ފުރަތަމަ ސުވާލަށްވެސް އިނާގެ އެންމެ ހަރަކާތެއްވެސް ނުލިބުނީމަ އެ ދުރުކަމަށް ޒިޔާދުއަށް ކެތެއް ނުވިއެވެ.

"ތިއީ ޒިޔާދުއަށް ހީވާގޮތެކޭ....އެއްވެސް ކަމެއް ބަދަލެއް ނުވޭ." ޒިޔާދުގެ މޫނަށް ބަލަން އިނދެ ވަރަށް ސާބިތުކަމާއެކު އިނާ ޖަވާބު ދިނެވެ. ޒިޔާދުއަށް އަރައިގެން އެ އުޅޭ އޮޅުން ފިލުވައި ދިނެވެ.

"ހީވާ ގޮތެއްވީމަތަ ދެ ދުވަސް ވެގެން ދިޔައިރުވެސް އިނާ އަހަރެންގެ ފޯންތަކަށް ޖަވާބު ނުދެނީ؟ ހީވާ ގޮތެއްވީމަތަ މިހާ ދުވަސްވީއިރުވެސް އިނާގެ ފަރާތުން އެއްވެސް ގާތްކަމެއް އަހަންނަށް ނުލިބެނީ؟ ދުވަހަކުވެސް ހިތުގަ އޮންނަ އެއްޗެއް ފާޅުނުކުރަނީއޭ ހީވަނީވެސް އެވެސް ހަމަ ހީވާގޮތެއްތަ؟" އިނާ އެ ދިން ޖަވާބަކީ ކިތަންމެ ސާބިތުކަމާއެކު ދިން ޖަވާބެއް ނަމަވެސް އެ ވާހަކަ ޒިޔާދުއަށް ގަބޫލުކުރަން ފަސޭހައެއް ނޫނެވެ.

ޒިޔާދު ވާހަކަ ދައްކަމުން ދިޔައިރު ޒިޔާދުއާއި ދިމާލަށް ބަލަން އިނދެވުނެއް ކަމަކު އެ ސުވާލުތައް ނިމުމާއެކު އިނާއަށް ގޮނޑިއަށް ލެނގިލެވުނީއެވެ. ބުނާނެ އެއްޗެއް ނެތީއެވެ.
ޒިޔާދު އެ ދައްކަނީ ހީތަކެއްގެ ވާހަކައެއް ނޫނެވެ. އެއީ ހަގީގަތެވެ. އެކަމަކު........

"އިނާ........އެއްޗެއް ނުބުނެ ނީނދޭ. އަހަރެން ބޭނުމެއް ނުވޭ ގަދަކަމުން އިނާއަށް އަދަބެއް ދޭކަށް." އިރުކޮޅެއް ވީއިރުވެސް އިނާ އަނގައިން ނުބުނެ އިނީމަ ޒިޔާދު އެދުނެވެ.

"ކަމެއް ގޯސްވީތަ؟" އެހެން އެހީ އެތަނަށް ހަމަ ދެންމެ އައިސް އެރި ޝީލާއެވެ.
ޒިޔާދުއާއި އިނާއަށްވެސް އެ ދެމީހުންގެ އަމިއްލަ ވިސްނުމުގައި ތިބުމުން ސިޑިން ޝީލާ އެރި އަޑުވެސް ނީވުނީއެވެ. އެހެން ކަމުން ކުއްލިއަކަށް ޝީލާގެ އަޑު އިވުމުން ދެމީހުންނަށްވެސް ސިހުމެއް ލިބުނެވެ.

"ކަމެއް ނުވޭ މަންމާ..." ޝީލާގެ އަޑު އިވުމުން ހަށިގަނޑު ސީދާކޮށްލާފައި ހިނިތުންވާން މަސައްކަތް ކުރަމުން އިނާ އަވަހަށް ޖަވާބު ދިނެވެ. މި ޖަވާބުގެ އަޑު އިވުމުން ޒިޔާދު އަށް ބަލާލެވުނީ އިނާގެ މޫނަށެވެ.
"މަންމަ ހީކުރީ ދެކުދިން ތިބި ގޮތުން ކަމެއް ގޯސްވީކަމަށް. ގޯސްކުރަން ނަހަދައްޗޭ އިނާ. ކަމެއް ބޮޑުވެއްޖިއްޔާ މަންމަ މެނަށްވެސް އަންގާލައިގެން އުޅޭ. ދަރިފުޅަށް ނުވިސްނޭ އެއްޗެއް ފަހަރެއްގަ މަންމައަށްވެސް އެނގިދާނެ ބުނެދޭން." އިނާގެ ފަރާތުން އަޖައިބެއް ކަހަލަ ފިކުރުބޮޑުވުމަކާ ހިމޭންކަމެއް ފެންނަތާ ދުވަސްކޮޅެއް ވެފައިވާތީ ޝީލާ ހުންނަނީ ކަންބޮޑުވެފައެވެ. އެހެން ކަމުން އެތަނަށް އާދެވުނުއިރު އިނާ އާއި ޒިޔާދު ތިބި ގޮތުން އެ ދެމެދުގައި ކޮންމެވެސް މައްސަލައެއް އެބައުޅޭކަން ވިސްނައިގަނެވުނީތީ، ޝީލާ އޭނަގެ ވާހަކަކޮޅު ނިސްބަތްކުރީވެސް އިނާއަށެވެ.

"އެއްވެސް ކަމެއް ނުވޭ މަންމާ. ހުރިހާ ކަމެއްވެސް ރަނގަޅު." އިނާގެ ރީތި ހިނިތުންވުމުން ހިނިތުންވެލަމުން ޝީލާގެ ހިތްހަމަ ޖައްސައިދިނެވެ. ޒިޔާދު އިނީ ވިސްނުމެއްގެ ތެރޭގައި ގަސްތަކާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

"އެހެންވެއްޖިއްޔާ ރަނގަޅު. ބުނަން....ހަމްދު އެކިޔާ ފިހާރައަކީ ކޮންފިހާރައެއްކަން ނޭނގިގެން މަންމަ މި އައީ. ހަމްދު ކިޔާދީދީވެސް މަންމައަކަށް ނޭނގުނު. ދަރިފުޅަށް އެނގޭނެޔޭ ބުނީމަ މިއައީ. ކޮބައިތަ އެތަނަކީ؟" ޝީލާ އޭނަ އައި ބޭނުމުގެ ވާހަކަ ދެއްކިއެވެ.

"އެއީ.....ފްރެޝް ސީޒަނަށްވުރެ އެކޮޅުގައި ހުންނަ ފިހާރަ. އެއްކަލަރޭ ބައްޕަ ޓައީއެއް ގަތެއްނު؟ އެ ފިހާރަ އެއީ." އިނާ ބުނެދިނެވެ.
"އާނ....އެހެންދޯ؟ ހަމްދު ހަމަ ހުރެގެން ކިޔަނީ ސަފޫރާމެންގޭ ކައިރީގައޭ. އެހިސާބުގަ އެތައް ފިހާރައެއް ހުރޭ. މަންމައަކަށް ނޭނގެ. ހަމްދު ދާން އެއްބަހެއްވެސް ނުވި. އެހެންވެ ބައްޕައާ މަންމަ މިދަނީ އެތަނަށް ގޮސްލަން ކަމަށް." މިހެން ބުނެފައި ދިއުމަށްޓަކައި ޝީލާ އެނބުރިލިއެވެ.

"ދައްތާ.......!" ޝީލާ ދާން ހަމަ އެނބުރިލުމާއެކު ޒިޔާދު ގޮވާލިއެވެ.
އިނާއަށްވެސް ޝީލާއަށްވެސް ލިބުނީ ސިހުމެކެވެ.
"ދައްތާ......އިނާ ބޭނުންވަނީ ވެޑިންގ ލަސްކުރަން." ޒިޔާދު އާއި އިނާއާއި ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ އެކަކުގެ ދުލުންވިޔަސް އެންމެ ފަހުން އަޑު އިވިއްޖެއެވެ.
"އެޔޯ..........؟" ޝީލާގެ މޫނަށް ހަމަ ވަގުތުން ސީރިއަސް ކަމެއް އައެވެ.
"އަޅުގަނޑުވެސް ނޭނގިގެން މިއުޅެނީ އެއެއް. މާލޭގަ ހުރެފަ އަޅުގަނޑު މިހިސާބަށް އަންނަން ޖެހުނީވެސް އެހެންވެ. މިވާހަކަ އަޅުގަނޑު އަހާތީ ދެދުވަސްވެއްޖެ އިނާ އަޅުގަނޑުގެ ފޯނަށް ޖަވާބު ނުދޭތާވެސް. މައްސަލައެއް ނެތޭ އިނާ ބުންޏަސް މި މައްސަލައަށް އަޅުގަނޑަށް އަދި ހައްލެއް ނުލިބޭ. " އިނާގެ މޫނަށް އެއްފަހަރު އަނެއްފަހަރު ޝީލާއާއި ދިމާލަށް ބަލަމުން ޒިޔާދު ވާހަކަ ދެއްކިއެވެ.

އިނާ ހަމަ ހައިރާންވެފައި އިނެވެ. ޒިޔާދު ހާދަ ގޯހޭ ނޫން އެއްޗެއް އިނާގެ ހިތަކަށް ނޭރިއެވެ.

"ތެދެއް ދަރިފުޅާ. ކިހިނެއްވީ......ދަރިފުޅުވެސް އެއްބަސްވީމައެއްނު މި އަންނަ މާރޗް އަށް މަންމަމެން ހަމަޖެއްސީ. ދެން ކީއްކުރަން އަދި އެއްއަހަރު ނަގަންވީ. ކިހިނެއްވީ ކަމެއް އެއީ؟" ޝީލާއަކަށް އެތާ ދުރަކު ނުހުރެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް އިނާ ކައިރި ހުރި އަނެއް ގޮނޑީގައި އިށީނދެ ސުވާލު ކުރަން ފެށިއެވެ.

"ކަމެއް ނުވެއޭ މަންމާ.....ކުޑަކޮށް ވަގުތުކޮޅެއް ބޭނުން ވަނީ" އޭނަ އާއި ޒިޔާދު އާއި ދެމީހުން ވާހަކަ ދައްކައިގެން ހައްލުކުރަންވީ ކަމެއް މަންމަ އާއި ހަމައަށް ގެންދިއުމުން އިނާވެސް ގަސްތުކުރީ އޭނަގެ ފަރާތުންވެސް ދައްކަން އޮތް ވާހަކައެއް ވިއްޔާ މަންމަ ކައިރީ ދެއްކުމަށެވެ. ޒިޔާދު ހީކުރީ ހެއްޔެވެ. އެއީ އޭނަގެ މަންމައެވެ. އިސްކަން ދޭނީ އޭނަ އެދޭ ގޮތަށެވެ. އިނާ ހިތަށް އެރިއެވެ.

"ވަގުތުކޮޅެކޭ....؟ ކޮން ކަމަކަށް ދަރިފުޅާ؟ ހުރިހާ ކަމެއް އެހެރީ ތައްޔާރަށް. ހެދުންވެސް ޕާޓީވެސް....ހުރިހާ ކަމެއް...ދެން ކޮން ކަމަކަށް އިތުރަށް ދަރިފުޅަށް ވަގުތު ބޭނުން ވަނީ.؟" އިނާ އަދި އިތުރަށް ވަގުތުކޮޅެއް ބޭނުންވެޔޭ ބުނުމުން ޝީލާ އަށް ހައިރާން ކަން ލިބުނީ އެބުނާހެން ހުރިހާ ކަމެއް ހަމަޖެހި ނިމިފައި ހުރުމުން ކަމަށްވެސް ވެދާނެއެވެ.

އިނާއަށް އެއްޗެއް ނުބުނެވުނެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ ޒިޔާދު މި ވާހަކަ މަންމަ ކައިރީ ދެއްކީތީވެސް ޒިޔާދު ދެކެ އިނާއަށް ނުރުހުން ވެވުނެވެ.

"މުޅި އަހަރެއް އިނާ....؟" އިނާ ބުނެފައިވާ މުއްދަތު އިނާއަށް ހަނދާންކޮށްދިނީ ޒިޔާދުއެވެ. ސުވާލެއް ގޮތަށެވެ.
އިނާ ޒިޔާދުއަށް ބަލާލިއެވެ.
ޒިޔާދުއަށް އެހާ ދުވަސްކޮޅެއް ގަބޫލުނުކުރެވިގެން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އެހާ އަވަހަށް ނުކުރިޔަސް ހަމަ ވެދާނެ ނޫންހެއްޔެވެ؟

"އެހެން ކަމަކު ނުދާނެ ދަރިފުޅާ. މަންމައަކަށް ކަމަކު ނުދޭ. މަންމައަށް ޔަގީން ބައްޕަވެސް އެގޮތެއް ގަބޫލުނުވާނެކަން. އެހެން ނޫނަސް މިހާރު ކާޑުވެސް ޗާޕްކޮށް ހުރިހާކަމެއް ނިމިފަ ހުއްޓާ....އިތުރު ބޮޑުކަމެއް ދިމާނުވަންޏާ މަންމައަކަށް ނުފެނޭ އިނގޭ އިތުރު ލަހެއް ކުރާކަށް. މިއީ އަދި ޖެނުއަރީ ފެށުނީނު. މާރޗް ތޭވީހާއި ހަމައަށް ދަރިފުޅަށް ވަގުތު އެބައޮތޭ. " ކައިވެނި އެއް އަހަރުދުވަހަށް ލަސްކުރާ ވާހަކަ އަޑު އިވުމުން ޝީލާ ވަރަށް ކަންބޮޑު ވެއްޖެއެވެ.

"ދަރިފުޅާ.......އެއްޗެއް ބުނޭ." އޭނަ ދެއްކި ވާހަކައަށް އެއްވެއް އެއްޗެއް ނުބުނެ އިނާ އިންނަން ފެށުމުން ޝީލާ އެދުނެވެ. މަންމަގެ އެދުމަށް ޝީލާ އިސް އުފުލިއެވެ. އެންމެ ރަނގަޅޭ ބުނާކަހަލަ ހިނިތުންވުމަކުން ހީލަމުން އިސްތަށިގަނޑުން ބައެއް ކަންފަތުގެ ދަށަށް ލާކަހަލަ ހަރަކާތަކާއެކު ބޯ ޖަހާލިއެވެ.

"މަންމައަށް ހީވަނީ ދަރިފުޅު ކަންބޮޑުވަނީ ކައިވެނި ކައިރިވީމަހެން. އެއީ މައްސަލައެއް ނޫނޭ. ހުރިހާ އަންހެންކުދިންނަށްވެސް ތިހެން ވާނެ. އަންހެން އެކަންޏެއް ނޫނޭ. ޒިޔާދުއަށްވެސް އެހެން ވާނެކަން ޔަގީން. އެކަމަކު މަޑުމަޑުންގޮސް ހުރިހާ ކަމެއްވެސް ރަނގަޅުވެދާނެ. އެހެން ނޫނަސް.........ހިތްތެޅިނުލަންޏާ ކޮން މަޖަލެއް އޮތީވެސް ކައިވެނީގެ. ހހެހެހެހެ......" އިނާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން ޝީލާއަށް ހަމަޖެހުމާއި އުފާވެރިކަން ލިބުނުކަން ދެން ޝީލާ މި ދެއްކި ވާހަކައިންވެސް އެނގުނެވެ.
"މަންމަ މުޅިން ބިރުގަންނަވައިފީމު. އެހެން ނަހަދައްޗޭ. ކައިވެނި ދެން އެންމެ ދުވަހެއްވެސް ލަސްކުރަން ހަދާނެކަމެއް ނެތް. އެދުވަހަށް ތައްޔާރުވޭ އިނގޭ. ދަރިފުޅަށް ހަމަ މިއޮތީ ވަގުތު އަދިވެސް. އެކަމަކު ދުވަސް ބަދަލުކޮށްގެން ނުވާނެ ދެން. އެންމެ ރަނގަޅުތަ؟ " އިނާގެ އަތުގައި މަޑުމަޑުން ތަޅާލަމުން ޝީލާ ޔަގީންކަން ހޯދަން ބޭނުންވެގެން އެހިއެވެ.

އިނާ އަނެއްކާވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އަނގައަކުން ނުބުނެއެވެ.

"ތިވަރުކަމެކޭ.......ދަރިފުޅު އަނގައިން ނުބުނީމައޭ ޒިޔާދުވެސް އެ ކަންބޮޑުވަނީ. މިހިސާބަށް ޒިޔާދު ނުގެނުވިނަމަވެސް މިކަން ހަމަ މިގޮތަށް ހައްލުވީހެއްނު؟ ދެންވެސް ދެކުދިން ވާހަކަ ދައްކައިގެން ކަންތައް ހަމަޖެއްސޭތޯ ބަލާ. އިނާގެ ތި ބަސްމަދުކަމުގެ ސަބަބުން ކޮންމެ ފަދަ ގޯހެއްވެސް ހިނގާފާނެއޭ އަބަދުވެސް މަންމަ މި ކިޔަނީ. އެހެން ނަހަދާ އިނގޭ. މަންމަ ދެން ދަނީ. ބައްޕަ ހުންނާޏެ މިހާރު މަންމައަށް ލަސްވެފަ. ދެކުދިން އެއް ގަލަކަށް އަރަން އުޅޭ." ޝީލާ ދައްކަން ހުރި ހުރިހާ ވާހަކައެއް ދައްކާފައި ޝީލާ ތެދުވެގެން ހިނގައިގަތެވެ.

ޝީލާ ދިއުމުންވެސް އިނާ ހަމަ އެއިންގޮތަށް އިސް ޖަހައިގެން އިނީއެވެ. އޭގެ ބަދަލުގައި ޒިޔާދުގެ ކަޅި ހުއްޓިފައި ހުރީ އިނާގެ މޫނަށެވެ.
އިނާ އިސްޖަހައިގެން އިންއިރު އެ ރީތި އިސްތަށިގަނޑުން އިނާގެ މޫނު ފޮރުވަން މަސައްކަތް ކުރަމުން ދިޔަތަން ބަލާކަށް ޒިޔާދަކަށް ނީދެވުނެވެ. އަތް ކުރިއަށް ގެންގޮސް އިނާގެ އިސްތަށިގަނޑު މޫނާ ދުރަށް ލެވުނެވެ.

"ތޭންކްސް.....އިނާ އުފާވާނެ ހުރިހާ ކަމެއް ކޮށްދޭން އަހަރެން ތައްޔާރު. އެކަމަކު ގަބޫލުކުރޭ....އިނާއާއި ދުރުގަ އެންމެ ދުވަހެއް ހޭދަކުރުމަކީވެސް އަހަންނަށް އުނދަގޫކަމެއް. އަހަރެން ބޭނުން ކޮންމެ ދުވަހަކީވެސް އިނާއާއެކު ހޭލާ ދުވަހަކަށް ހަދަން. ކޮންމެ ދުވަހަކީވެސް އަހަރެންގެ ހަޔާތުގައި އިނާ ހިމެނޭ ދުވަހަކަށް ވާން ބޭނުން. އަބަދުވެސް ތިގޮތަށް އަހަރެން ކައިރީ އިނާ އިންނަން އަހަރެން ބޭނުން." އިނާގެ އިސްތަށިގަނޑުން ކުރިމައްޗަށް އައިސް އޮތް ބައި ގެންގޮސް އިނާގެ ކަނާތު ކަންފަތްދަށަށް ލަމުން ޒިޔާދު ވާހަކަ ދެއްކީ އަސަރާއެކުގައެވެ.

"އެހެންވެ ކައިވެނި ލަސްކުރެވެން ނެތީ. އެހެން ނޫންނަމަ........" އިނާގެ ކަންފަތާ ދިމާލުން މޫނުގައި ހިފަހައްޓައިގެން އިނދެ ޒިޔާދު ބުނަމުން ދިޔައެވެ.
އިނާއަކަށް މާ ގިނައިރަކު ނީނދެވުނެވެ. ޒިޔާދުގެ އަތާ ދުރަށް ޖެހި ގޮނޑިއަށް ލެނގިލިއެވެ. އަބަދުވެސް ހީލި ހުންނަ އޭނަގެ ކަންފަތުގައި ޒިޔާދުގެ އިނގިލިތައް ބީހެމުންދިއުމުން އެކަމުން ވާ އުނދަގުލާއެކު އެހެން ހިތްހަމަނުޖެހުމަކާވެސް އެކުވެގެންނެވެ.

"މިހާރު ރަނގަޅޭ....އަޅާނުލާ....." ގަދަކަމުން ހިނިތުންވަމުން އިނާ ބުންޏެވެ. ޒިޔާދު އާއި ހަތަރުކަޅިހަމަނުކުރަންވެސް މަސައްކަތް ކުރަމުންނެވެ. ޒިޔާދު ދެން ދައްކާ އެއްވެސް ވާހަކައެއް އޭނަ އަޑުއަހާކަށް ބޭނުމެއް ނޫނެވެ. ދައްކަން އޮންނަންވީވެސް އިތުރު ކޮން ވާހަކައެއް ހެއްޔެވެ. ޒިޔާދު ބޭނުންވި ގޮތަށް ނިމިއްޖެއެވެ.
އޭނަގެ މަންމަ އެ ދޭތެރެއަށް ޒިޔާދު ވެއްދީވެސް މަންމަގެ ވާހަކައަށް އޭނައަށް ދެކޮޅު ނެހެދޭނެކަން ރަނގަޅަށް އެނގިހުރެކަން އޭނައަށް ޔަގީނެވެ. ވީއިރު ދެން ކޮންހާ އިތުރު ވާހަކައެއް ހެއްޔެވެ.
"އަހަރެންގެ ސަބަބުން މާލޭގައި ހުރެފައި މިހިސާބަށް އަންނަން ޒިޔާދުއަށް ޖެހުނީތީ ސޮރީ." އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ބުނީ އިނާއެވެ.
އިނާގެ އަޑުގައި ހުރި ހިތްހަމަނުޖެހުން ޒިޔާދުއަށް ފާހަގަ ކުރެވުނެވެ. އަދި ޚާއްޞަކޮށް އިނާގެ ޖުމްލައިގެ ފަހަތުގައި "އިނގޭ" ނެތުމުން އެ ބީރައްޓެހިކަމާއި އެ ހިތްހަމަނުޖެހުން ޒިޔާދުއަށް ބޮޑަށް ފާހަގަ ވިއެވެ. ނަމަވެސް ހަމަ ބަލަހައްޓައިގެން އިނީއެވެ.
އޭނަ އުޅެއުޅެވެސް އިނާގެ ހިތް އޭނައަށް ފަތަޙަ ނުކުރެވުނީ ކީއްވެގެންބާއޭ ޒިޔާދުގެ ހިތަށް އަރައެވެ.

"ދެން ދަނީ....." ތެދުވަން އުޅެގަންނަމުން އިނާ ބުނެލިއެވެ. ޒިޔާދު ބޯ ޖަހާލީއެވެ.
އިނާ ގިނައިރެއް ނުކުރެއެވެ. ގޮނޑިން ތެދުވެ މޭޒުވެސް ވަށާލާފައި ދާން ހިނގައިގަތެވެ.
ޒިޔާދު އައިސް ހިފީ އިނާގެ ކޮނޑުގައެވެ. ފުރަގަހުންނެވެ. އިނާވެސް ވަގުތުން އެނބުރުނެވެ. އަނެއްކާ މިހާރު ވީ ކީއްބާވައޭ ހީވެފައެވެ.

"އިނާ ތިދަނީ ހިތްހަމަނުޖެހިގެންދޯ؟" އިނާ އެނބުރުމުން އިނާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރި އަތް މަޑުމަޑުން ތިރިއަށް ގެނެސް އިނާގެ އަތްތިލައިގައި ހިފަމުން ޒިޔާދު އެހިއެވެ.
"ނޫން...." އަނެއްކާވެސް ގަދަކަމުން އިނާ ހިނިތުންވެލިއެވެ.
ޒިޔާދު އިރުކޮޅެއްވަންދެން ބަލަން ހުއްޓެވެ. އެ ރީތި ހިނިތުންވުމަކީ މަޖްބޫރީ ހިނިތުންވުމެއް ކަމާއި އެ ހިނިތުންވުން އިނާގެ ރީތި ލޮލާއި ހަމައަށް ވާޞިލުނުވާކަން މިރޭވެސް ޒިޔާދުއަށް އެނގެއެވެ. އަލަކަށް ނޫނެވެ. އަބަދުވެސް މެއެވެ. އޭނައަށްޓަކައި އިނާ ހީލި އެއްވެސް ހީލުމެއް އިނާގެ ލޮލާއި ހަމައަށް ދުވަހަކުވެސް ފޯރި ހަނދާނެއް ޒިޔާދު ނުވެއެވެ.

އެހެންނަމަވެސް ޒިޔާދު ގަސްދުކުރީ އިތުރަށް ދެން މިރޭ އެ ކަމާއި ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށެވެ. އިނާގެ ދެކޮނޑުގައި ހިފައި ގާތަށް ގެނެސް އެ ލޫޅާފަތި ހަށިގަނޑުގައި މަޑުމަޑުން ބައްދާލިއެވެ.
"އިނާދެކެ އަހަރެން ވާ ލޯބި އަންގައިދޭނެ ފުރުޞަތެއް އަހަންނަށްދީ އިނާ. ﷲ ގަންދެން. އަހަރެން މިވާ ލޯބި އިނާދެކެ ވާނެ އެހެން މީހަކު އިނާއަކަށް ނުލިބޭނެ. ގަބޫލުކުރޭ. މިކަން ސާބިތުކޮށްދޭނެ ފުރުޞަތު އަހަންނަނަށްދީ." އިނާގެ ހަށިގަނޑުގައި ދެއަތުން ވަށާލައިގެން ހުރިއިރު ވައިއަޑުން ޒިޔާދު ބުނަމުން ދިޔައެވެ.

އިނާއަށް އިހްސާސްވަމުން ދިޔައީ މަޖްބޫރީއާއި ގައިދެވެ. އެނޫން އެއްޗެއް އިނާއަށް އިހްސާސް ނުވެއެވެ. އެހެންނަމަވެސް އެ ގައިދުން ދުރުވާކަށްވެސް އިނާއަކަށް ހަރަކާތެއް ނުކުރެވުނެވެ. ޒިޔާދު ބޭނުންއިރެއްވަންދެން ހުރެވުނީއެވެ.

"ދޭނަން ދޯ އެ ފުރުޞަތު. އިނާއަށް ޔަގީންކޮށްދޭނަން އަހަރެން އެކަން." ގަޔާއިދުރުކޮށްލާފައި އިނާގެ މޫނަށް ފަރުވާވެ ބަލަމުން ޒިޔާދު ވާހަކަ ދެއްކިއެވެ. ދައްކަމުންދިޔަ ވާހަކައިގެ އަސަރު، ޒިޔާދުގެ މޫނުން ފާޅުގައި ފެންނަން ހުއްޓެވެ. އިނާ ހިނިތުންވެލިއެވެ.

"ހިނގާ....އިނާ ނެތިއްޔާ މިތަނުގައި އަހަރެންވެސް އިންނާކަށް ބޭނުމެއް ނޫން. ކިތަންމެ ހަނދުވަރު ދިނަސް....އިނާ ނެތިއްޔާ މިތަނަކު ނެތް ރީތިކަމެއް. ހިނގަ ދާން." އިނާގެ ކޮނޑުމަތިން އަތް ގެންގޮސް ވަށާލައި ގަޔާ ކައިރިއަށް އިނާ ޖައްސާލަމުން ޒިޔާދު މިހެން ބުނެލިއެވެ. އަދި ދެމީހުން އެކުއެކީގައި ހިނގައިގަތީ ސިޑިން ފައިބައިގެން ތިރިއަށް ދިއުމަށެވެ.
** ** ** ** ** ** ** ** **

ޒިޔާދުއަކީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއް ހެއްޔެވެ؟ ލޯބި ވުމަކީ މިލްކު ކުރުން ހެއްޔެވެ؟ ލޯބިވެ އެ ލޯބި ނުލިބުން ނުވަތަ މަޖްބޫރީ ހާލަތަކަށްޓަކައި އެ ލޯތްބާއި ދުރަށް ދިއުމަކީ ލޯބީގެ އެންމެ މަތިވެރި ހިސާބުކަން ޒިޔާދުއަށް އެނގޭނެ ނަމައެވެ. ޒިޔާދު ބުނާގޮތުންނަމަ ލޯބީގެ އިންތިހާއަކީ ޒިޔާދު އެވާ ލޯބި ހެއްޔެވެ. ދުނިޔޭގެ އެހެން ހުރިހާ ލޯބިވެރިންނަށްވުރެ ޒިޔާދު އޭނަ ދެކެ ވާ ލޯބީގެ ބާރުގަދަ ވާހަކަ ހެއްޔެވެ. އެހެން މީހެއްގެ ލޯބީގެ އަގު ވަޒަން ކުރަން އަނެއްމީހާއަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ.

އެރޭގެ ނިދުމުގެ ވަގުތުގައި އިނާގެ ހިތުގައި ހިނގަމުން ދިޔަ ޚިޔާލަކީ މިއީއެވެ.
އޭނަ ބޭނުންވަނީ އެކައިވެނި ލަސްކުރާކަށްވެސް ނޫނެވެ. އެ ކައިވެނި ނުވުމަށެވެ.
*******(ނުނިމޭ)********

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.


Posted on 2010-12-19 15:37:15 | Report this Comment
އުލް :
ހާދަ ލަހަކުން އަޕް ތިކުރަނީ ސޮފާ. ސޮފާގެ ވާހަކަ ކިޔާހިތުން މިހާރު ހުންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ދެން އަވަސް ވާނެ ކަމަށް އުންމީދު ކުރަން

ފަތިސްތަރި: އަސްލުވެސް މާލަސްވެއްޖެ. މަސައްކަތް ހުންނަ ގޮތުން ހަމަ ނުވަނީ. ވަރަށް މަސައްކަތް ކުރާނަން ތި ކިއުންތެރިންގެ އުއްމީދު ފުރިހަމަކޮށްދެވޭތޯ.


Posted on 2010-12-19 18:22:00 | Report this Comment
އީލާފް:
ސޮފާ.....ދެން އޮތްބައި އަވަހަށް ގެނެސްދެއްޗޭ. އެހެން ނޫނީ ޝައުގުވެރިކަން ގެއްލޭނެ.


Posted on 2010-12-19 19:20:02 | Report this Comment
ފްރެންޑާ:
ވަރަށް ރީތި ވާހަކަ އިނގޭ.... އެކަމަކު މާ ލަހީ ދޯ؟ ކީއްކުރާނީ. އަވަހަށް ކިޔާލަންލިބޭނެކަމަށް އުއްމީދުކުރަން....


Posted on 2010-12-19 20:26:35 | Report this Comment
މަލް:
ސޮފާ ދެންކޮންއިރަކުން އަޕްލޯޑުކޮށްދޭނީ. ވވވވވވވވވ ވވވވވވވވވވވވވވވވވވވވވވވވ ރީތި. ތަންކޮޅެއް އަޕްލޯޑުކުރުން އަވަސް ކޮށްދީބަލަ.


Posted on 2010-12-19 22:16:03 | Report this Comment
ޝަލީން ، މާލެ:
ސޮފާ، މިވާހަކަ ވަރަށް ސަޅި އިނގޭ، އެކަމް މައްސަލައަކީ މާލަހުން ވާހަކަ އަޕްލޯޑް ވާކަން، މިހާ ރީތި ވާހަކަތައް އެހާ ލަހުން އަޕްލޯޑް ކުރަންޏާ ކިޔުންތެރިންނަށް ހާދަ ދިގު އިންތިޒާރެއް ކުރަންޖެހޭނެއޭ ދޯވް، މިހެން ބުނާއިރު ވެސް އިނގޭ ސޮފާމެންނަށް ޓައިމް ވީ ވަރަކުން ވާހަކަ އަޕްލޯޑް ކޮށްދޭކަން، އުއްމީދު ކުރަން ވީހާވެސް އަވަހަކަށް ވާހަކަ އަޕްކޮށްދޭނޭ ކަމަށް، ތޭންކްސް ސޮފާ މިހާސަޅި ވާހަކަ ގެނެސްދޭތީ.


Posted on 2010-12-19 22:18:56 | Report this Comment
ފާތުން:
ތެދެއް ސޮފާ..އަވަހަށް ގެނެސްދެއްޗޭ.....ކުރީގަ ގެނެސްދިންގޮތަށް...އިނގޭ ތަފާތު ކަންތައްވެސް ހުންނާނެކަން...އެކަން ގަބޫލުކުރަން.... ވާހަކަ ހަމަ ބެސްޓް.....ދެން އޮތް ބަޔަށް އިންތިޒާރުކުރަން.... އުއްމީދުކުރަން އަވަހަށް އަޕްވާނެކަމަށް..ވިޝް ޠޫ އޯލް ދަ ބެސްޓް....(:


Posted on 2010-12-19 23:10:41 | Report this Comment
މީ...މަ:
ޚިޔާލު ވަރަށް ތަނަމަސް ލިޔުންތެރި އެއް ކަމަށް ޤަބޫލް ކުރެވޭ އެބަ! ދެބަސް ވެވެން ނެތް ،ވަރަށް "ސަޅި" ފަލްސަފާ ހުރީމަ ވަރަށް ޝައުގުވެރި ވެވިއްޖެ!


Posted on 2010-12-20 08:29:46 | Report this Comment
ފަތިސްތަރި:
ހުރިހާ ކިއުންތެރިންނަށްވެސް، އަދި ޚާއްޞަކޮށް ކޮމެންޓް ކުރި ހުރިހާ ކިއުންތެރިންނަށް ޝުކުރިއްޔާ. ބަލާނަން ޑެއިލީ އަޕްޑޭޓްކޮށްދެވޭތޯ އިނގޭ. ޝުކުރިއްޔާ!!


Posted on 2010-12-20 10:13:55 | Report this Comment
ލަޔާލް:
އެއީ ތެދެއް ސޮފް މިވާހަކަ ހާދަ ލަހޭ އަޕްވާލެއް........... ވވވ ސަޅި އިނގޭ!!!!!!!!!!


Posted on 2010-12-20 10:20:01 | Report this Comment
ކަމަނަ:
ފަތިސްތަރި ހާދަ ލަހުން ތި އަޕް ކުރަނީ. މުސްކުޅިން ބުނާނެ އަހަރަކުން ހިޔަރަކާތެއް އަންނަހެންނޭ. އެހެން މިހާރު ތި އަޕް ކުރަނީ. މި ވާހަކަ އަޕްވޭތޯ ދުވާލަކު އެތައް ފަހަރަކު ބަލާލެވޭ. ސިފަ ކުރުންތައް ވަރަށް ފުރިހަމަ. މައިގަނޑު ވެސް ވަރަށް ފުރިހަމަ. ޝުކުރިއްޔާ. ވާހަކަ އަވަހަށް އަޕްކޮށްދެއްޗޭ. އެއް ޕާޓު ކިޔާފައި އެޕާޓު ހަނދާން ނެތޭހާ ދުވަސް ވާފަހުން، އަދި އެއަށްވުރެ ވެސް ފަހުން ތި އަޕްކޮށްދެނީ. އަވަހަށް އަޕްކޮށްދީބަލަ ޕްލީޒް.

ފަތިސްތަރި: ދެން އެހެން ނުބުނޭ ކަމަނާ....ދެރަވާނެ ނު؟ ސޮފާ ބަލަމޭ އަވަސް ވެތޯ؟ އަދި ވާނެ އިނގޭ.


Posted on 2010-12-20 11:17:16 | Report this Comment
އައިން:
ސޮފާގެ ބޮޑާނަފްސް ވާހަކަހެން މިވާހަކައަކީވެސް ވަރަށް ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދު ކުރަން. މިވާހަކަ ހާދަ ލަސްލަހުން އަޕް ތިކުރަނީ. ދަމަކުން ބަޑިއެއްޖަހާހެން. ކުރީގެބައި ހަދާން ނެތޭހާ ދުވަސްކޮށްލާފަ އަނެއްބައި ތިގެނެސްދެނީ. އުންމީދުކުރަން ކޮންމެ ދުވަހަކުނޫނަސް އަވަހަށް ކިޔަން ލިބޭނެކަމަށް.

ފަތިސްތަރި: ދަމަކުން ބަޑިއެކޭ ބުނީމަ ހިނިއައިސްފި ވަރަށް އިނގޭ. ކީއްވެކަން އެނގޭތަ؟ ތެދެއްވީމަ ހިނި އައީ. އެކަމަކު އެއީކީ އެކަން ވާން ޖެހޭނެ ގޮތެއް ނޫން އިނގޭ. ސޮފާ ބަލާނަން ރަނގަޅު ކުރެވޭތޯ އިނގޭ.


Posted on 2010-12-20 12:40:21 | Report this Comment
ހަންޑި:
މީ މަ ގެ ކޮމެންޓް ވަރަށް ކަމުދޭ. އެ ބުނާ ހެން ދިރިއުޅުމުގެ ފަލްސަފާ ސޮފާގެ ވާހަކަތަކުން ވަރަށް ގިނައިން ފެނޭ. އެއީ ޢާންމު ދިވެހި ވާހަކަތަކުގަ މަދުން ފެންނަން ހުންނަ ކަމެއް. ކުރިއަށް ވަޑައިގަންނަވާ! އިނާއަށް ވަރަށް ސަލާމް ބުނެފަ ބުނާ ހިތްވޭ އިނާ ތީ އެކަނިވެރިއެއް ނޫނޭ ހަންޑި އިނާ އާ އެކު ވަމޭ

ފަތިސްތަރި: ހަންޑިއަށް ސަލާމް. އެއްޗެއް ބުނަންތަ. ހިތުގަ ނުޖަހާތި އިނގޭ. އެކަމަކު ސޮފާއަށް ފާހަގަ ކުރެވިފައި އޮތީ....ހަންޑި ކީއްވެގެންތަ ސޮފާގެ ކޮންމެ ވާހަކައެއްގައި ހުންނަ ކެރެކްޓަރ އަކީ އަސްލު މީހެއްކަމަށް ދެކިގެން ތިއުޅެނީ. އެއީ ހަމަ ސޮފާ ވަރަށް ހައިރާންވާކަމެއް. ކީއްވެގެންތަ؟ ހަންޑިއަކަށްވީމަ ދޯ؟


Posted on 2010-12-20 13:52:28 | Report this Comment
އައިނާ :
އަޅެ ފަތިސްތަރި އަވަހަށް އަޕްކޮށްދީބަލަ. ވަރަށް އިންތިޒާރުކުރެވޭ.


Posted on 2010-12-20 15:01:35 | Report this Comment
ހައްޖަ:
ވާހަކަ ވަރަށް ސަޚި.


Posted on 2010-12-20 18:55:42 | Report this Comment
ފަތިސްތަރި:
ހުރިހާ ކިއުންތެރިންނަށް ޝުކުރިއްޔާ. !!!


Posted on 2010-12-20 22:44:02 | Report this Comment
މީ...މަ:
ހެ!ހެ! ހަންޑިވެސް އަޢީތަ މިހާރު؟


Posted on 2010-12-20 23:30:52 | Report this Comment
ހަންޑި:
ހެހެ.. ސަލާމާއި ލޯތްބާއެކު ބުނަން. ހަމަ އަޅައިގަންނަގޮތެއް ހުންނަނީ. ސިފަކޮށްދީފަ ހުންނަ ގޮތުން އެހެންވަނީ. ކިޔަމުންދާ އިރު ހަމަ ސީދާ މީހާ ފެންނަހެން ހީވަނީ. ހަންޑި އެއް ވީމަ އެއް ނޫން އިނގޭ! ލިޔުންތެރިޔާގެ ކުޅަދާނަ ކަމުން ހަންޑިވެސް އިންސާނުންނާ އަޅައިގަންނަނީ.

ފަތިސްތަރި: ތިހެންވެއްޖިއްޔާ ރަނގަޅު. އުފާކޮށްފިން. ޝުކުރިއްޔާ

1 comments:

Hi all readers....welcome to my blog.
mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

Post a Comment