Wednesday, March 21, 2012

ފޯންކޯލް - 80 ވަނަ ބައި



"މިފަހަރު ރަށަށް ދާންވާނީ އިނާ އަމިއްލައަށް އިސްނަގައިގެން އެގެއަށް ގޮސް ނަވީން މަންމައާއި ވާހަކަ ދައްކާފަ އިނގޭ. އާއިލީ ގުޅުން ރަނގަޅު ކުރެވޭތޯ ކޮންމެހެންވެސް މަސައްކަތް ކުރަން ޖެހޭނެ މިހާރު." އެންމެ ފަހަށް ގެއިން ނުކުންނަމުންވެސް ދިލްމާ ދިނީ ނަސޭހަތެކެވެ.

ވަކި އެއްޗެއް ނުބުނެ އާނއެކޭ ބުނުމުގެ ގޮތުން އިނާ ބޯ ޖަހާލިއެވެ.

"އަދި ބުނަން....ކޯޓަށް ނަވީން ހޯދުމުގެކުރިން އެ ފޯމް ކެންސަލް ކުރުވާތި..." އެއާއެކު ދެމީހުންގެ ގާތަށްވެސް ނުލަފާ ހިންޏެއް އައެވެ.


ދިލްމާ ހިނގައްޖެއެވެ. ފެންޑާމަތީގައި ދޮރުކަނިއަށް ލެނގިލައިގެން އިނާއަށް ހުރެވުނީއެވެ.
ދިލްމާ އެބުނިހެން އިސްނަގައިގެން ނަވީންގެ މަންމައާއި ވާހަކަ ދައްކާނެ ގޮތަކާއި ދޭތެރޭ ވިސްނަން ހުރެވުނީއެވެ.
** ** ** ** ** *** ** ** **
"އަނހަނ...ނަވީންވެސް މިއައީނު....ހިނގާ ސައިބޯން. އެންމެންވެސް އެބައުޅޭ އެފަރާތުގަ..." ސިޓިންރޫމް މޭޒުމަތީގައި ހުރި ކުޑަ ފެންފުޅިއެއް ހިފައިގެން އެނބުރިލިތަނާ ގެއަށް އައިސް ވަން ނަވީން ފެނުމުން ޝީލާ ދަޢުވަތު ދިނެވެ.

"ދެންމެ މިއައީ ކޮފީއެއް ބޮއިގެން..." މިހެން ބުނެފައި ނަވީން އިށީނީ ސިޓިންރޫމްގޮނޑީގައެވެ. ދެކޮޅުހެދުމެއް ނެތި ޝީލާވެސް އަނބުރާލާފައި ދޔައީއެވެ.

އިނާ ކޮބައިތޯ އަހާލަން ނަވީން ހިތަށް އެރީ ޝީލާ ދިޔަ ފަހުންނެވެ. ނަމަވެސް އޭރު ޝީލާ ގޮސް އޮބާލައިފިއެވެ. ނަތީޖާއަކަށް ވީ، ސައިބޯން ދާން ދެކޮޅު ހެދުނީތީ ދެން ސައިކޮޓަރިއަށް ދާކަށްވެސް ނުކެރުނެވެ. އަދި އަމިއްލަ ގެއަށް ނުވުމާއި، އެހާ ގިނައިން އެގެއަށް އާދެވިފައި ނުވާތީ ހުރި ބީރައްޓެހި ކަމެއްގެ ސަބަބުން ތެދުވެގެން ގޮސް އަނެއް ފްލޯރއަށް އަރާކަށްވެސް ނުކެރުނެވެ. ޖެހުނީ އިނާގެ ޚަބަރެއްވަންދެން އިންނާށެވެ. ކުރިމަތީގައި އޮތް ޓީވީ ރިމޯޓް ނަގައިގެން ޓީވީ ހުޅުވާލައިގެން އިނީއެވެ. އިނާ ސައިބޮއިގެން އަންނަން ދެނެވެ.

"ކޮބާ ކިހިނެއް ހަދަނީ ....." ސައިބޮއިގެން އެންމެ ފުރަތަމަވެސް ނިކުތީ ޚާލިދެވެ. ނަވީން ސިޓިންރޫމްގައި އިންދާ އަނެއް ސޯފާގައި އިށީންނަމުން ޚާލިދު މިހެން އަހާލީ މިހާރުގެ ޙާލަތަށެވެ. ނަމަވެސް އެބުނީ ކީކޭކަމެއް ނަވީންއަށް އެނގުނުހެން ހިއެއް ނުވެއެވެ.

"ކޮން ކަމެއް.....؟" ނަވީން ވަގުތުން އަހާލިއެވެ.
"އިނާގެ ކަންތައް...އިނާ ރަށަށް ދިއުމުގެ ކަންތައް..." ގޮނޑީގައި ހަމަޖެހިލަމުން ޚާލިދު ހަނދާންކޮށްލަދިނެވެ.

ނަވީން އެއްޗެއް ނުބުނެއެވެ. ދޭނެ ޖަވާބެއް އަދި ވިސްނާފައި ނެތީއެވެ. ނުވަތަ ވިސްނައިގެން އިން ދޭން ބޭނުންވާ ޖަވާބުގެ ހުރި ގޮތެއްގެ ސަބަބުން ނުބުނެވުނީއެވެ.

"ނަވީން ކުޅުދުއްފުށްޓަށް ފުރަނީ ކޮން އިރަކު؟" ޚާލިދު އަނެއްކާވެސް އަހާލިއެވެ.
"އަދި ނޭނގެ....އިނާ ފުރީމަ ދާނީ..." ނަވީންއަށް އެ ޖަވާބު ދެވިއްޖެއެވެ.

"މާނަ އަކީ އިނާ ރަށަށް ފޮނުވަން ނަވީން ތިހިރީ ތައްޔާރުކޮށްގެންނޭ ދޯ؟" ޓީވީއާއި ދިމާލަށް ބަލަން އިން ނަވީނަށް ޚާލިދު ބަލާލިއެވެ.
"ނޫނޭ ވަކި އެހެނެއް ނޫން. އެކަމަކު އިނާއާއި އަދި ނެތް ތިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކިފައިވެސް.." ނަވީން ހަގީގަތަށް ބުންޏެވެ.

"އާނ ދެން ވާހަކަ ދައްކައިގެން ގޮތެއް ނިންމާލަބަލަ....އަހަރެމެން ފުރާނަން ހޮނިހިރު ދުވަހު..." ޚާލިދު މިހެން ބުނުމުން ނަވީން ވިސްނާލިއެވެ. ދެން އޮތީ އެންމެ ތިން ދުވަހެވެ. އޭނައަށް އަނެއްކާވެސް އިނާ ގެއްލޭނެއެވެ.

"އެހާ އަވަހަށް ދަނީ ކީއްވެ؟" ހީލަމުން ނަވީން އަހާލިއެވެ. އޭނަގެ ހިތް އެދެނީ އަދި ދުވަސްކޮޅެއްވަންދެން އިނާ ބަހައްޓަންކަން ޚާލިދުއަށް ސިއްރުކުރަން ނަވީން ނޫޅެއެވެ.

"ތިންދުވަސްވެސް އަސްލު ވަރަށް ގިނަ. އެއިން ކޮންމެ ދުވަހަކީ އެތައް ބަލިމީހަކަށް އަހަރެންގެ ބޭނުން ޖެހޭނެ ދުވަހެއް. އެހެން ހިތަށް އަރާ ވަރުން މިގޮތަށް އައިސް ހުންނަން އުނދަގޫވަނީ." ޚާލިދު ފަދަ އިޚްލާޞްތެރި ވަފާތެރި ހިތްހެޔޮ ޑޮކްޓަރަކަށްޓަކައި، އެންމެ ދުވަހެއްވެސް ބަލިމީހުންނާއި ދުރުގައި ވުމަކީ އާއިލާއާއި ދުރުވުންފަދަ ކަމެއްކަން ނަވީނަށް ވިސްނެއެވެ.

"އަދި ކިތައް މަހު ކުޅުދުއްފުށީގަ ހުންނަން ޖެހޭތަ؟" އެއީ ޚާލިދުއަށް ފުދޭވަރަކަށް ބޮޑުވާ މައްސަލައެކެވެ. އިނާއާއި ވަކިން މި ދުވަސްކޮޅު ނަވީން ހުރުމަށް ޚާލިދުގެ ހިތެއް އެހާ ހަމަ ނުޖެހެއެވެ.

"އަދި އެބައޮތް ދެމަސް..." ކުރު ޖަވާބެއް ނަވީން ދިނެވެ. ގެއިން އަންނަމުން އަނެއްކާވެސް އޭނަ އޮފީހަށް ވަނީވެސް، އެ މުއްދަތު ކުރުކޮށްލަދޭތޯ އެދޭށެވެ. ނަމަވެސް އެވާހަކައެއް ނަވީން ނުބުނެއެވެ.

"ކޮން ދެމަހެއްގެ ވާހަކަ ތި ދައްކަނީ...؟" ސައިބުއިމުގެ ކަންތައް ނިންމާލާފައި އައި ޝީލާއަށް އެހިސާބަށް އާދެވުނުއިރު އަޑު އިވުނު ޖުމްލައާއި ބެހޭ ގޮތުން ސުވާލު ކުރިއެވެ.

"ނަވީން ކުޅުދުއްފުށީގަ ހުންނަން އަދި އެބަޖެހޭ ދެމަހު...އެވާހަކަ މިދައްކަނީ..." ޚާލިދު ޖަވާބު ދިނެވެ.
"ހާދަ ދުވަހެކޭ..؟ " ޝީލާއަށް ބުނެވުނީ ނަވީންގެ ހިތަށްވެސް މިއަދު ހަތަރުދަމު އަރަ އަރާ ހުރި ލަފްޒެވެ. އެއީ ހާދަ ދުވަހެކެވެ. އިނާއާއި ވަކިން އުޅެން އެއީ ހާދަ ދުވަހެކެވެ.

"މިހާރު ދެން ކުރިންހެނެއް ނުވާނެނު. ކިހިނެއް ހަދަން ނަވީން ގަސްތުކުރަނީ. އައްޑޫއަށްތަ ދާނީ.؟" ޝީލާ އަކީ އިނާގެ މަންމަ ކަމަށްވާތީ، އިނާއާއި ދޭތެރޭ ވިސްނާފައިވާ ވިސްނުންތައް ބަސްތަކެއްގެ ސިފައިގައި އަޑުއިވެން ފެށިއެވެ.

"ތިބުނީ...؟" ޝީލާ އެ ސުވާލު ކުރަނީ އިނާގެ ކޮން ކަމަކާއި ބެހޭ ގޮތުންކަމެއް ނަވީނަށް ނޭނގޭތީ އެހިއެވެ.
"މި ބުނީ އިނާ މިކޮޅުގައި ބަހައްޓަނީހޭ ވިހަންވަންދެން. ނޫނީ ރަށަށް ހޭ ދާނީ؟ ވިހަން މިކޮޅަށް އަންނަ ގޮތަށް؟"  ޝީލާގެ މި ސުވާލަށް އަނެއްކާވެސް ނަވީނަށް އައީ ހިމޭން ކަމެކެވެ. ހަގީގަތުގައިވެސް އެކަމާއި ބެހޭ ގޮތުން ހަދަންވީގޮތެއް އޭނައަށް އަދި ނުވިސްނެއެވެ. ގޮތެއް ނިންމޭނީ އިނާ އާއި ވާހަކަ ދައްކާފައެވެ.

"ތިކަމާ ގޮތެއް ނިންމޭނީ އިނާއާއިވެސް ވާހަކަ ދައްކާފަ. މި ކުޅުދުއްފުށިން އާދެވުނީމަ ކަންނޭނގެ ވަކި ގޮތެއް ނިންމާނީ. މި ދުވަސްކޮޅު އިނާ ބޭނުންވާނީވެސް އިނާ މަންމަ ކައިރީ ހުރުންކަންނޭނގެ." މުޅިން އެއްވެސް ކަމެއް ޔަގީން ނުވާ ގޮތަށް ބުނި ނަމަވެސް، ނަވީން ދެއްކީ ވިސްނުންތެރިއަކު ދައްކާނެ ވާހަކަ ތަކެކެވެ. އަނބިމީހާ ދެކެ ލޯބިވާ ފިރިއަކު ދައްކާނެފަދަ ވާހަކަ ތަކެކެވެ.

"އާނ އިނާ ނޭނގެ ނިންމާނީ ކިހިނެއްކަމެއްވެސް. ނިކަން ބަލާލަ އެންމެ ފަހުންވެސް އެ ކުރިކަންތައް. ބަލިވެއިންކަން އެނގުނީމަ އެހެން މީހަކު ނަމަ ނުވެސް ހުރެވޭނެ އެ އުފާ ސިއްރުކޮށްގެން. އެކަމަކު އިނާ ދިޔައީ އާއިލާއާއި ވަޒަނާއި ދުރަށް. އެހެންވީމަ ނޭނގޭނެ އިނާ ނިންމާނެ ގޮތެއް." ލުއި ހީލުމަކާއެކު ޝީލާ ބުނެލިއެވެ.

" އަހަރެމެން އެކަކަށް ދޮން ކަޅުވެސް އަންގާނުލައޭ ފުރައިގެން ދިޔައީ. ހިތްވަރުގަދަ ކުއްޖެއް ބުނަން." އިނާ ބަނޑުބޮޑުކަން ރޭގައި އެނގުމުން ލިބުނު ސިހުމާއި ކުއްލި ހައިރާން ކަން އަދިވެސް ޝީލާގެ ކިބައިން ފިލާ ނުދާކަން ނަވީނަށް އެނގުނެވެ. އެކަމުގައި އެމީހުންނެކޭ އޭނައެކޭ ވަކި ތަފާތެއް ނެތެވެ.

"މަންމަ ހަމައަކަށް އެޅިއްޖެތަ މިހާރު...؟ " އިނާ ފުރައިގެން ދިޔަ ވާހަކަ ދެކެވުމުން އެހެން ދާން ޖެހުނު ސަބަބުމަތިން ޚާލިދު ހަނދާންވެފައި އަހާލިއެވެ.
"މަންމަ ހަމަޖެހިދާނެ...މެންދުރު ދިޔަފަހުން އަދި ނުދަން. ދިޔައިމަ އެނގޭނީ." ޚާލިދުގެ ޖަވާބަށް ތެދުވެރިކަމާއެކު ނަވީން ޖަވާބު ދިނެވެ. ހަގީގަތުގައިވެސް އޭނައުއްމީދު ކުރަނީ މަންމަ ހަމަޖެހިދާނެ ކަމަށެވެ. އެކަމަށް ބޭނުން ވަނީ ކޮންމެވެސް  ވަރަކަށް ވަގުތު ކޮޅަކާއި ފިނި ސިކުނޑިއެކެވެ.

ޝީލާވެސް ޚާލިދުވެސް އެކަމާއި ބެހޭ ގޮތުން އިތުރު ސުވާލެއް ދެން ނުކުރެއެވެ. މިއަދު މެންދުރު ގެއަށް އައިފަހުން ޚާލިދު އާއި ޝީލާއާއި ނަވީން އާއެކު އެ ހުރިހާ ވާހަކައެއް ޙިއްޞާ ކުރެވިފައިވާތީ، ކަން ވެގެން ދިޔަ ގޮތުގެ ހުރިހާ ހަގީގަތެއް އެ ތިން މީހުންނަށްވެސް އެނގެއެވެ. ލީނާ އާއި ނަވީންގެ މަންމަގެ ރޭވުމުގެ ވާހަކަ އެމީހުންނަށް ވަނީ ސާފު ވެފައެވެ.

ޝީލާއާއި ޚާލިދު ހީކޮށްގެން ތިބީ ލީނާ ހަގީގަތުގައިވެސް ބަލިވެއިނީ ކަމަށް ކަމުގައިވިޔަސް، އެވެސް ރޯ ބުހުތާނު ދޮގެއް ކަމާއި، ގަދަވެ ހެޔޮ ޙާލުގައި ލީނާ އުޅޭ ކަމާއި، ނަމަވެސް ލީނާގެ އެންމެ ފަހުގެ ލޯބިވެރިޔަކީ ޒިޔާދުކަންވެސް ނަވީން ވަނީ ޝީލާ އާއި ޚާލިދުއަށް އަންގަދީފައެވެ. އެމީހުންގެ ސަމާލުކަމަށްޓަކައެވެ. ފަހުން އެ ކަން އެނގުމުން އެ އާއިލާއަށް ލިބިދާނެ ހައިރާންކަމަކުން ސަލާމަތްކޮށްދިނުމުގެ މަގްޞަދުގައެވެ.

"ވަރަށް ދެރަކޮށް ކަންތައްތައް މިވީ. އެކަމަކު ދެން އޮތްތަންވެސް ރަނގަޅަށް ކުރިޔަށް ގެންދެވޭތޯ ނަވީން މަސައްކަތް ކުރާތި. އަދި އަމުދުން މިހާރު، ކުދިން ލިބޭފަހުން، ދެމަފިރިން ދޭތެރޭ މިފަދަ ބޮޑެތި މައްސަލަޖެހި، ދެމީހުން ވަކިވުމަކީ އެއްގޮތަކަށްވެސް މަރުޙަބާ ކިޔޭނެ ކަމެއް ނޫން. އިނާއަށް ވިސްނައިދޭތި." ފުންކޮށް ވިސްނަން އިނދެފައި ޚާލިދު ބުނެލިއެވެ. ޝީލާވެސް ބޯޖަހާލިތަން ނަވީނަށް ފެނުނެވެ.

"ކޮންއިރަކުން ނަވީންމެންގެއަށް ދާނީ...؟" ހެނދުނު ދެކެވުނު ވާހަކައިގައި، އެގެއަށް ދާނީ ހަވީރުން ކަމަށް ނަވީން ބުނެފައި އޮތުމުން އެކަމަށް ނިސްބަތްކޮށް ޚާލިދުގެ ކައިރިން ޝީލާ އަހާލިއެވެ.

"މިހާރު ދެން ދާންވީ. ދޯ ނަވީން..." ހެނދުނު ނަވީނަށް އެހެން ބުނެވިފައި އޮތްކަން ނަވީން ހަނދާންވީ ދެނެވެ. ޚާލިދު މިހެން އަހާލުމުންނެވެ.

"ރަނގަޅުވާނެ. މަންމަވެސް ބައްޕަވެސް އުޅުއްވާނެ މި ގަޑީގަ ގޭގަ." ނަވީން ބުނެލިއެވެ.
"ތިބުނި ގޮތުން ހީވަނީ ނަވީން އަހަރެމެންނާއެކު ނުދާން ހުރިހެން. އެހެންތަ އަނެއްކާ؟" ޝީލާއަށް ހީވިގޮތް ޝީލާ ފާހަގަ ކުރިއެވެ.

"ނޫނޭ . އެހެނެއް ނޫން..." ލުއި ހީލުމަކުން ނަވީން ހީލިއެވެ.

"ހަގީގަތުގަ އެއީ ރަނގަޅު ގޮތެއްކަންނޭނގެ. " އެ ޚިޔާލަށް ޚާލިދު ތާއީދު ކުރިއެވެ.
"އެއީ ކީއްވެ.....؟" ޝީލާ ހައިރާން ވިއެވެ. ނަވީންގެ ގެއަށް ނަވީން ނުލާ ދިއުމަކީ ހައިރާން ވާން ޖެހޭ ކަމެއް މެއެވެ.

"ކޮންމެ ގޮތެއްވިޔަސް، ނަވީންގެ މަންމަ އާއި ބައްޕަގެ އެތައް ސުވާލެއް ހުންނާނެ. އަހަރެމެންވެސް ދައްކަން ޖެހޭ އެތައް ވާހަކަތަކެއް އެބަހުރި. އެހެންވީމަ، މިވަގުތު، މި ބުނީ އެންމެ ފުރަތަމަ ދާއިރު ނަވީންވެސް އިނާވެސް ދާކަށް ރަނގަޅެއް ނޫންކަންނޭނގެ." ޚާލިދު ސާފުކޮށްދިނެވެ. ޝީލާއަށް ގަބޫލު ކުރެވިއްޖެއެވެ. އެމީހުން ނަޖްމާ އާއި ދައްކަން ޖެހޭ ވަރަށް މުހިއްމު ވާހަކަތަކެއް އެބަހުރި ހަނދާން ޝީލާ ވީއެވެ.

"އެހެންވެއްޖިއްޔާ ހިނގާ އަހަރެމެން ދެމީހުން މި ގަޑީގަ ދާން....އިނާއާއި ނަވީން ގޮވައިގެން ދާނީ މިރޭ....އެހެން ނޫނީ މާދަމާ. ނަވީން މަންމައަށް ހުރިހާ ކަމެއް ރަނގަޅަށް އޮޅުންފިލުވައިދީ ހިތްހަމަޖެހުނީމަ އިނާ ގެންދިއުން ކަންނޭނގެ ރަނގަޅުވާނީ....އެހެން ނޫނީ އަނެއްކާވެސް...." މިހިސާބަށް ބުނެފައި ނަވީންގެ މޫނަށް ބަލާލާފައި ޝީލާ ހުއްޓާލީއެވެ. ނަވީންގެ މަންމައަށް ބަހެއް ނުބުނާން ވެގެންނެވެ.
އޭގެ ފަނަރަވަރަކަށް މިނެޓް ފަހެވެ. އެވާހަކަ ދެކެވުނު ގޮތަށް، ޚާލިދު އާއި ޝީލާ އާއި ދެމަފިރިން އެގެއިން ނުކުމެގެން ނަވީންގެ އަމިއްލަ ގެއަށް، ނަވީންގެ އާއިލާއާއި ބައްދަލުކުރަން ދިޔައީ އިނާމެންގޭގައި ނަވީން ހުއްޓައެވެ.

އެމީހުންނާއެކު ދިއުމުގެ ބަދަލުގައި، ސޯނިޔާ ކައިރިން އިނާ ކޮބައިތޯ އަހާފައި، ކޮޓަރީގައި ކަމަށް ޖަވާބު ލިބުމުން ނަވީން ދިޔައީ އިނާގެ ކޮޓަރިއަށެވެ.

ނަވީން ގޮސް ތަޅުގައި ހިފާލިއިރު ދޮރު ހުރީ ހުޅުވާފައި ކަން އެނގުމުން މަޑުމަޑުން ހުޅުވާލާފައި ނަވީން އެތެރެއަށް ބަލާލިއެވެ. ދިމާ ކުރިމަތީގައި ކޮޓަރީގެ މެދުގައި ހުރި އެނދުގައި އިނާ އޮތެވެ. ނިދާފައެވެ. ތިރިއަށް ސައިބޯންވެސް ނުދެވުނު ސަބަބަކީވެސް މިއީތާއޭ ނަވީންގެ ހިތަށް އެރިއެވެ. ރަނގަޅެވެ. ހޮސްޕިޓަލުން އައީ ހެނދުނުއެވެ. ދިގު ދަތުރަކަށްފަހު އެހާ ގިނައިން ހޮޑުލެވުމުން، އަރާމުކުރަން އިނާއަށް ކޮންމެހެންވެސް މުހިއްމު ވާނެއެވެ.

މަޑުމަޑުން ދޮރުލައްޕާ ތަޅުލާފައި ނަވީން ގޮސް ކައިރިއަށް ހުއްޓި ރަނގަޅަށް ބަލާލިއެވެ.

ހަވީރުގެ ފިނިޖެހި، އިރުއޮއްސުމުގެ ކުރިން އުޑުމަތި ރަން ކުރަމުން އަންނަ މި ގަޑީގައި، ކޮޓަރީގެ ބިއްލޫރި ދޮރުގައި ދަމާފައިވާ މަޑު ދަނބުކުލައާއި ހުދު ރޮނގުތަކެއްހުރި ފޮތިގަނޑު ފޫއަޅުވާލާފައި ކޮޓަރިތެރެއަށް ވަންނަމުން ދިޔަ އިރުގެ ދޯދިތައް ފިޔަވައި އިތުރު އަލިކަމެއް ނެތް ކޮޓަރީގެ މެދުގައި ހުރި އެނދުގައި އިނާ ނިދާފައި އޮތް އިރު ރަސްދަރިކަނބަލެއްފަދައެވެ. އެސްފިޔަ ދިގު ދެލޯމެރި، ލުއި ހިނިތުންވުމެއްގައި އޮތް ގޮތުން ހީވަނީ ހިތާމައިގެ ދިލަފަށެއްގެ އަސަރުވެސް ދުވަހަކުވެސް ފޯރާފައި ނުވާފަދައެވެ. ނަވީންގެ ހިތް އެދުނީ އެ ރީތި ކަމާއި އެ މަޢުސޫމްކަން ހިތުގައި ބިންވަޅު ނަގާށެވެ.

އެއް އަރިއަކަށް އޮށޯވެގެން އޮތް ގޮތުން އިނާގެ ބައްޓަން ރީތި ހަށިގަނޑުގެ ވަނާތައް ނަވީންގެ ލޮލަށް ސިއްރެއް ނުވިއެވެ. އެންމެ މަޑު ރީނދޫކުލައިގެ މަޑުފޮތީގެ ޓީޝާޓަކާއި ހުދު ހަރުވާޅެއްގައި ނަވީންއަށް އިނާ ފެންނަނީ ވަރަށްވެސް ހިތާ ކުޅެލާކަހަލަ ޖާދުވީ ގޮތަކަށެވެ. ނަވީންގެ ހިތް އެދުނީ އިނާގެ ހަށިގަނޑުގެ މީރުވަސްކަމުގައި އޭނަވުމަށެވެ. އެހާވެސް ބޮޑު ގާތް ކަމަކަށް އެދެވުނެވެ.  

ވަށައިގެން ދަނބުކުލައިގެ ފަށް އަޅާފައިވާ ހުދު ބާލީސްމަތީގައި އިނާގެ އިސްތަށިގަނޑު ފަތުރާލެވިފައި އޮތް ގޮތުން ނަވީންގެ ހިތަށް އާދަޔާ ޚިލާފު އިހްސާސެއް ކުރެވުނެވެ. އެ އިސްތަށިގަނޑުގައި ފިރުމާލަން ހިތް އެދެން ފެށިއެވެ. އެ އިސްތަށިގަނޑުގައި ދުވާނެ މީރުވަސް ނަވީންގެ ހަނދާނަށް އައެވެ.

އެއީ އޭނަގެ ލޯތްބެވެ. އޭނަގެ ނަފްސުގެ ހަމަޖެހުމެވެ.
އިނާ ދެކެ މިފަދަ ފުން ލޯތްބެއް އޭނައަށް ވެވޭ ސަބަބެއް އޭނައަށް ނޭނގެއެވެ. އެނގޭހާވެސް ވަރަކީ އިނާ ނެތް ދުނިޔެއެއްގައި އުޅުމަށް އާދަޔާއި ޚިލާފު ހިތްވަރަކާއި ބާރެއް އޭނައަށް ބޭނުންވާނެ ކަމެވެ.

އެންމެފަހުން، މީގެ މަހެއްހާ ދުވަސްކުރިން، އޭނަ ދޫކޮށްފައި އިނާ ދިއުމުން މިއަދުގެ ހެނދުނާއި ހަމައަށް އޭނަ ކުރަމުން އައި އިހްސާސްތަކުގެ ތަސައްވުރު ނަވީންގެ ހިތަށް ކުރަން ފެށިއެވެ.
އެހަނދާން ވުމުން ނަވީންގެ ލަގޮނޑިއަށް ތަދުވިއެވެ.

އެނދުވަށާލާފައި ގޮސް އިނާގެ އަނެއްފަރާތުން ނަވީން އެނދަށް އެރިއެވެ. ނިދާފައި އޮތް އިނާގެ ފުރަގަހުން ގާތަށް ޖެހި، ބާލީސް މަތީގައި އޮތް އިނާގެ ރީތި އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެއް އަތުގެ އެހީގައި ބޯ އުފުލާލައިގެން އޮވެ ނަވީން ބަލަމުން ދިޔައީ އިނާގެ ރީތި މޫނަށެވެ. އޭނައަށް އިނާ ނުފެނި ދިޔަ ދުވަސްތަކަށް ވާވަރަށް ހިތްފުރެންދެން ބަލަން ބޭނުންވެގެން އުޅޭފަދައެވެ.

ލާކޮންމެ ނޭވާއަކާއެކު މަޑުމަޑުން އުފުލެމުން، ތިރިވަމުންދާ އިނާގެ ހަށިގަނޑުގެ އެ ކުޑަކުޑަ ޙަރަކާތް ބަލަން އެކަނިވެސް މުޅިރޭ އޭނައަށް ވާނީ މަދެވެ.
އިނާގެ ހަށިގަނޑުގައި ދަތުރު ކުރަމުން ދިޔަ ނަވީންގެ ލޯ ހުއްޓުނީ އިނާގެ ކުޑަކުޑަ ބަނޑަށެވެ. ލައިގެން އޮތީ ގަޔަށް ދޫ ޓީޝާޓެއްކަމުގައި ވިޔަސް، އެއް އަރިއަކަށް އޮތުމުން ނަވީންއަށް އިނާގެ ބަނޑު ފާހަގަވެއެވެ.

އިނާ ހޭލަފާނެ ކަމަށްވެސް ވިސްނާނުލާ، އިނާގެ ބަނޑުގައި ނަވީނަށް އަތްޖައްސާލެވުނީ ގަސްތަކާ ނުލާ ފަދައެވެ. ދެފަހަރަކު ފިރުމާލެވުމާއެކު އިނާގެ ހަށިގަނޑަށް ލޮޅުމެއް އައިކަން ނަވީނަށް ފާހަގަ ކުރެވުނެވެ. އިނާއަކީ ނިދިމަޑު މީހެކެވެ. ޢާއްމުގޮތެއްގައި އޭނަ އައިސް އެނދަށް އަރާއިރަށް އިނާއަށް ހޭލެވޭނެއެވެ. އެހެންކަމުން، މިވަގުތު އިނާ ހޭލާނެކަން ހިތަށް އަރާފައި އިނާގެ ބަނޑުގައި އަތްޖެއްސި ގޮތަށް ނަވީން ދެން މަޑުން އޮވެއްޖެއެވެ.
ނިދީގައި ކުރެވުނު ހަރަކާތަކާއެކު އިނާވެސް އޭނަގެ ބަނޑުގައި އަތްޖައްސާލިއެވެ. ނަމަވެސް ނަވީންގެ އަތްމަތިންނެވެ. ނަވީންގެ އަތާއެކުގައެވެ.

އޭނައަށް ފުރަގަސް ދީގެން އޮތް އިނާގެ ކަންފަތް ކައިރީގައި ނަވީން ބޮސްދިނެވެ. ހޭލައްވާލުމުގެ މަގްޞަދަކު ނޫނެވެ. ލޯބިންފުރިގެން ބަންޑުން ދިޔަ އޭނަގެ ހިތް އޭނައަށް މަޖްބޫރު ކުރީއެވެ.
ހަމަ އެއާއެކު އެނބުރިފައި ނަވީންގެ މޫނަށް އިނާ ބަލާލިއެވެ. ނިދީގެ ސަބަބުން ކުޑަކޮށް ފިޔާތޮށިކުލަ އަރާލާފައިވާ ލޮލަކުންނެވެ. ނަވީންގެ ރީތި ހިނިތުންވުން ފެނިފައި އިނާގެ ހިތްފުރިގެން ދިޔައެވެ. ދެލޯމަރާލެވުނީ ލިބުނު ފޮނި މީރުކަމަކުންނެވެ. ގުދުވެލާފައި އިނާގެ ލޮލުގައި ނަވީން ބޮސްދިނެވެ. އެއީ އެ ދެލޯބިވެރިން ނުވަތަ އެ ދެމަފިރިން ނުފެނި ދިޔަ ވަގުތުކޮޅަކަށްފަހު އަލުން ބައްދަލުވުމުން ކުރެވުނު ސަލާމެކެވެ.

ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލާފައި އަނެއްކާވެސް ކުރިން އޮތް ގޮތަށް އިނާ މޫނު އަނބުރާލިއެވެ. ނަވީން އަދިވެސް އިނާގެ ބަނޑުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ. އެއީ އެދެމީހުންގެ ލޯބީގެ ނިޝާނެވެ. ލޯބީގެ ހެއްކެވެ. ﷲ އެމީހުންނަށް ދެއްވާން ހުރި އަގުބޮޑު ޖަވާހިރެވެ. އެއީ އެމީހުންގެ ފުރަތަމަ ދަރިފުޅެވެ.
ހިތުގެ އަޑިން މިހެން ބުނަމުން، އިނާގެ ކަންފަތްމަތީގައި، ނަވީންވެސް އޭނަގެ ކަންފަތް ޖެހޭ ގޮތަށް މޫނު ޖައްސާލިއެވެ. ދެމީހުންމެ ލޯމަރާލައިގެންނެވެ. ނަމަވެސް ދެމީހުންމެ ، އެމީހުންގެ ލޯބީގެ ޢާލަމުގައި އެކަކު އަނެކަކުގެ ނަފްސުގެ ތެރެއަށް ގެނބިފައެވެ. އަނގައިން ބުނެ ވާހަކަ ދެއްކުމެއް ނެތްނަމަވެސް، ލޯބީގެ އެތައް ވާހަކަތަކެއް އެކަކު އަނެކަކަށް ދައްކަމުން އަޑު އަހަމުންނެވެ.

އިނާއަށް މާގިނައިރަކު އެހެން ނޯވެވުނެވެ. އޭނަގެ ބަނޑުގައި ފިރުމަމުން ދިޔަ އަތް އުފުލާ ނަވީންގެ މޫނުގައި އަތް ޖައްސާލިއެވެ. އެއާއެކު ނަވީން ލޯ ހުޅުވާލިއެވެ.  އިނާ އޭނައާއި ދިމާލަށް އެއްކޮށް އެނބުރުނެވެ. ދެންމެ އިނާކައިރީ އޮށޯވެލައިގެން އޮތްނަމަވެސް، އަނެއްކާވެސް އެއް އަތުގެ އެހީގައި ބޯ އުފުލައިގެން އޮވެ އިނާގެ މޫނަށް ބަލަން ނަވީން ފެށިއެވެ. ހިނިތުންވެ ތިބެގެންނެވެ.

"ކިހިނެއް....؟" އެއީ އެކަހަލަ ވަގުތެއްގައި މީހަކު ކުރާނެ ކަހަލަ ސުވާލެއް ނޫންނަމަވެސް، ނަވީން އާއި ދިމާލަށް އިނާ އެނބުރިލުމުން، ނަވީން އަހާލީ މިހެންނެވެ. އެ ސުވާލުގައި އެތައް މާނައެއް އެކުލެވޭ ސުވާލެކެވެ.

"އޭމް ސޯ ހެޕީ......" މޫނު އުޖާލާވެގެން ދިޔަ ހިނިތުންވުމަކާއެކު އިނާ ދިން ޖަވާބަކީ މިއީއެވެ. ނަވީން ކުރި ސުވާލުގެ މާނަ އިނާއަށް ވަރަށް ރަނގަޅަށް އެނގުނެވެ. އެ ކުޑަކުޑަ ލަފްޒުން ނަވީނަށް ކުރީ ބަޔާންކުރަންވެސް ނޭނގޭފަދަ އަސަރެކެވެ. އިނާގެ ރީތި ތުންފަތަށް ވެރިވި އެ ޖާދުވީ ހިނިތުންވުމުގައި ނަވީން ބައިވެރިވީ، ލުއި ބޮސްދިނުމަކުންނެވެ.
އިހްސާސް ކުރެވުނު ލަދުރަކި ގޮތަކުން ނަވީނާއި ދިމާލަށް ބަލަން  ނުކެރިގެން އިނާއަށް އޭނަގެ މޫނު އަނބުރާލެވުނީ ނަވީންގެ ކަނދުރާ ދަށަށެވެ. އިނާއަށް ވީ ގޮތުން ނަވީންގެ ހަށިގަނޑުގެ އެންމެ ހިމަނާރުގައިވެސް ހަލަބޮލިކަމެއް އުފެދިގެން ދިޔައެވެ. އެ ބަނިޔާދަން ހަށިގަނޑު އެއްކޮށް އޭނައާއި ދިމާލަށް އަނބުރާލާ، އޭނައާއި އަދިވެސް ގާތަށް އިނާ ލަފާލިއެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން، އޭނަގެ ސަބަބުން އިނާގެ ކަނދުރާގައި ލެވިފައިވާ ލަކުނު ފެނުނީ އެވަގުތުއެވެ. އެ ކުޑަ ލަކުނުގައި އަތްޖައްސާލެވުނެވެ. އެދުވަހުގެ އެ ހަނދާންތައް ވުމުން އެ ލަކުނުގައި ނަވީނަށް ފިރުމެން ފެށުނެވެ. އެއީ އޭނަގެ ފަރާތުން އިނާއަށް ލިބުނު ހިތުން ފިލުވާނުލެވޭނެފަދަ އަނިޔާއެކެވެ. ހިތުން އެކަންޏެއް ނޫނެވެ. އެ ލަކުނަކީ އިނާގެ ހަށިގަނޑުން ދުވަހަކުވެސް ފިލައިގެން ދާނެ ލަކުނެއްވެސް ނޫނެވެ.
ގުދުވެލާފައި އިނާގެ ކަނދުރާގައި، އެ ލަކުނުގައި ނަވީން ބޮސް ދިނެވެ. އަދި އެ ބޮސްދިނުން ވެގެން ދިޔައީ އެފަދަ އެތަކެއް ބޮސްތަކެއްގެ ފެށުން ކަމުގައެވެ.

"ފޯން......." ލޯބީގެ ރޫޙާނީ ޢާލަމެއްގައި، ރީތި ހުވަފެނެއްގައި، އުދުހެމުން ދިޔަ ދެމަފިރިންގެ ތެރެއިން އިނާއަށް މިހެން ބުނެވުނީ ނަވީންގެ ފޯން ރިންގުވި އަޑަށެވެ. ދެމަފިރިންގެ އެ ގާތްކަމަށް ބުރޫ އެރުވީ ނަވީންގެ ޖީބުގައި އޮތް ފޯނެވެ.

"ބައްޕަ.......؟" ފޯން ނަގައި ބަލާލިއިރު ބައްޕަ ގުޅާތަން ފެނިފައި ނަވީނަށް ސިހުމެއް ލިބުނެވެ.

އަނެއްކާ ކިހިނެއްވީބާވައެވެ.

"އިނާ މަންމައާއި ބައްޕަ ގޮއްސި އަހަރެންގެއަށް. ބައްޕަ އެ ގުޅަނީ އެހެންވެގެންކަންނޭނގެ...." މިހެން ބުނެފައި ތެދުވެ ނަވީން އިށީނދެއްޖެއެވެ.

"ކީކޭތޯ ބައްޕާ...؟" ފޯން ނަގާފައި ނަވީން އެހިއެވެ.
"އިނާމެންގޭގަ...." އިނާއަށް އަޑުއިވެނީ ނަވީން ބުނާއެއްޗެއް އެކަންޏެވެ.
"މިހާރުތޯ....؟" ނަވީން އެހިއެވެ.
"އިނާ މަންމައާއި ބައްޕަވެސް ބައްޕަމެނާއި ބައްދަލުކުރަން ތިގެއަށް ދާން ގޮސްވީ..." ނަވީން ދައްކާ ވާހަކަ އަޑުއަހަން ސަމާލުކަން ދީގެން އިނާ އިނެވެ.
"އެއީ...؟ ކިހިނެއްވީތޯ....؟" ނަވީންގެ އަޑުގައި ހުރި ގޮތަކުން އިނާގެ ހިތުގައިވެސް ސުވާލު އުފެދެމުން ދިޔައެވެ.
"ލައްބަ....މިގުޅަނީ...." ނަވީން އެބުނީ ކާކަށް ގުޅާވާހަކަ ހެއްޔެވެ.
"ލައްބަ....މިހާރު މިދަނީ...." މިހެން ބުނެފައި ނަވީން ފޯން ބާއްވައިފިއެވެ.

"ކިހިނެއްވީ....؟" އިނާވެސް ތެދުވެ އެނދުމެދުގައި އިށީނދެފައި ނަވީން ކައިރިން އަހާލިއެވެ. ކޮންމެވެސް ކަމެއް ވެއްޖެހެން އޭނައަށް ހީވަނީއެވެ.
"ގެއަށް އައިސްލަބަލާށޭ ބައްޕަ ބުނީ. މަޑުކޮށްލައްޗޭ...ޚާލިދުމެން ތިބި ހިސާބެއް ބަލާލަން..." ފޯނުން ނަންބަރެއް ހޯދަމުން ހޯދަމުން ނަވީން މިހެން ބުނެލުމުން އިނާއަށް ލިބުނީ އިތުރު ހާސް ކަމެކެވެ.

"ކިހާ ހިސާބެއްގަތޯ ޚާލިދު...؟" ފުރަތަމަ ދުވަހުއްސުރެންވެސް ދެމީހުންނަކީ ރަޙްމަތްތެރިންނަށް ވާތީ، މިއަދާއި ހަމައަށްވެސް ޚާލިދުއަށް ބައްޕަ ކިއުމަކީ ނަވީނަށް ނުވެފައި އޮތް ކަމެކެވެ. ޚާލިދުވެސް ބުނެފައި ވަނީ، ރަހްމަތްތެރިއެއްގެ ގޮތުން ދުށުމަށް ކަމަށްވާތީ، ބައްޕަކިޔަން މާ ބޮޑު ބާރެއްވެސް ނަވީނަށް ލެވިފައި ނުވެއެވެ.

"އެހެންތަ...؟ ދެންމެ ބައްޕަ ގުޅި...ބައްޕަ ބުނީ....ކޮންމެވެސް ކަމެއްވެގެން ބައްޕަ ބުނީ އިހަށް މިގަޑީގަ ޚާލިދުމެން ގެއަށް ދިއުން ރަނގަޅެއް ނުވާނެއޭ. އެހެންވެ މި ގުޅީ. ބައްޕަ އެދުނީ އަހަރެން މިވަގުތު ގެއަށް އަންނަން. އެހެންވީމަ، އިހަށް...." ނަވީންގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.
"އެންމެ ރަނގަޅު....ހޫމް....މިހާރު ދާން މި ދަނީ....ހޫމް...." ނަވީން ފޯން ބާއްވައިފިއެވެ.

"ބޮޑުކަމެއް ވީތަ އަނެއްކާ...؟" އިނާއަށް ލިބިފައިވަނީ ވަރަށް ބޮޑުނުތަނަވަސް ކަމެކެވެ.
"ނޭނގެ ވީ ކީއްކަމެއް. ޚާލިދުމެން އަދި ނުދޭ ނަސީބަކުން ގެއާއި ހަމައަށް. އަނބުރާލާފަ އެބައާދޭ މިކޮޅަށް." އެނދުން ފައިބައިގެން ގޮސް ނަވީން ވަނީ ފާހާނާ އަށެވެ.

"އަވަސްކޮށްލާ އިނާވެސް..." ފާހާނާއިން ނުކުމެފަ ލޯގަނޑު ކައިރިއަށް ހުއްޓި ބޮލުގައި އަތް ހިންގާލާ އިސްތަށިގަނޑު ރަނގަޅު ކޮށްލަމުން ނަވީން ބުނެލިއެވެ.
"ހޫމް.....؟ އެއީ........؟" އިނާއަށް ސުވާލު އުފެދުނެވެ.

"ގެއަށް ދާން.....ބައްޕަ ބުނީ އިނާއާއި އަހަރެން ދެމީހުން އަންނާށޭ..." ބައްޕަ ގުޅާފަ ބުނި ގޮތުން ނަވީނަށް ލިބުނު ހާސްކަމުގައި، ކުރިން އިނާ ދާން ޖެހޭކަމެއް ބުނެވިފައި ނެތެވެ. ތައްޔާރުވާށޭ ބުނުމުން އިނާ އެހާ ހައިރާންވީ އެހެންވެގެންނެވެ.

"ކިހިނެއްވީ އަނެއްކާ....؟" އިނާއަށް އަނެއްކާވެސް ކުރެވުނީ ސުވާލެކެވެ.
އާނއެކެވެ. ނުކުރެވޭނީ ކީއްވެހެއްޔެވެ؟ އޭނައަކީ ނަވީންގެ މަންމަ ރުހޭ އަންހެންކުއްޖެއް ނޫނެވެ. ބައްޕަގެ ގޮތެއް ނޭނގެއެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް، މި ކައިވެނި ކުރެވުނު ފަހުން އެގެއަށް ނަވީން އޭނަ ގެންގޮސްފައި ނުވެއެވެ. އަދި ނަވީންގެ މަންމަވެސް ބައްޕަވެސް، އެގެއަށް އިނާ ގެނައުމަށްވެސް ބުނެފައި ނުވެއެވެ. ވީއިރު.........؟

ވީއިރު މިއަދު އަނެއްކާ މިވީ ކީއްބާވައެވެ؟

** ** ** ** ** ** ** (ނުނިމޭ) ** ** ** ** ** **

29 comments:

  1. awww...the rhythm was running in m nerves. so beautiful. thnx sofa :)

    ReplyDelete
  2. yeyyyy,,,1st
    ur story is awsom

    ReplyDelete
  3. wow beautiful. thanks. keep up your good work

    ReplyDelete
  4. naweeeeeeeeeeeeeeeenu dhen ekamaku dho haadha romance eh :P .. salhi ingey mi part ves

    ReplyDelete
  5. keekey dhn bunaanee ves. naween ah vaa gotheh dhoa :@ ladhuves ganey :P fathis thari haadha molhey. ina ge yellow shirt varah reethi. 2000000000000000000000000000000000000000000 likes ingey

    ReplyDelete
  6. alheeyy !!! kihineh dhen vaanee !!

    ReplyDelete
  7. v furihama. kyp it up. anekka kihineh vaanbaa e ulheneee. Naveen n Inaa gud luck.
    sofaa,,, naveen Khalidhu kiyaatheee kudakod oddu. Khaasa koh inaa kaireega.
    Sofaa ah igeytha, i have the same type of hand shower in my toilet as in naveen's.
    neeee

    ReplyDelete
  8. vaahaka up kurevuneema nagaalinama/ haadha dhigu inthizaarekey thi kuruvee/ my office mates are yelling at me cox vaahaka up kurikan neyngeema.. obiness ey buneveynee hama ingey :-D I LOVE IT.

    ReplyDelete
  9. softtey..chaaaaaaaaaaley mi partu. ina ah gotheh nahadhaathi najuma lavva. heyonuvaane. wen iz the next?

    ReplyDelete
  10. Nowshan..
    wow wow wow wow wow
    ..hw cud I express the Deep Deep feeling felt..soFaa u R a Gift from GOd hama..The writer who is Brilliant to caught our smiless..:)..thanks More..
    shud say Inaa and Naveen is the Worlds best Couple.<3 just beauOOOdiful description..:)..
    ."May God givv mee and Yu and all of us such a caring, loving Handsome simply Best Hubby"..
    many many <3 <3 <3 <3 <3....specially for yu soff :)
    all of it wont be fairy tails for sure..this is more of a Beautiful life story...

    ReplyDelete
  11. Adam : } navyn ina ge side ga hunnaathi. ehaa lobivaa wife eh nulibeyne. varah reetehi ingey mi bai ves. alimanikuves kuraakanthah.. ehaa ufaaveri vaguthu kolheh :(

    ReplyDelete
  12. reethi ehenas dhen oiy bayah kurevey inthizaaru maabodu. avaskohdhechey ingeyy loabivaa thari.

    ReplyDelete
  13. hama ssupppppppppeeerrrrrrrr inge sofaaa.. witin for da nxt part..

    ReplyDelete
  14. very very nice...thanks for the lovely story......ULYA

    ReplyDelete
  15. wah wah wah wah waasaree wah.. i love the "hin'dhukolhu" they had on the BED.. you are just awsome dear.

    ReplyDelete
  16. Leem leemaMarch 22, 2012

    naween N ina ehaa haasvefa dhiyaama suprz eh ves libidhaane dhoaaa? majaa vaane eyrun.. sofa naween kaareeg abunebala thankolheh balaalaigen ulheyshey mi dhuvaskolhu :--} baby ah kameh vedhaane ehen ulhenikoh. i also want some one like naween,, owwwwwwwww romantic kamun hama.. bed ge thankolhun heebe naganee keema :P

    ReplyDelete
  17. WENZ IS 81? REETHI ABADHUVES REEETHI VAAHAKA EH MEE

    ReplyDelete
  18. Alina : dhanvaru up kureema neygeynnu dhee.. blog is kinda slow tuday. ufaavejje mivaahaka kiyaalan libuneema. thnku thanku loads of love.

    super dupees simply the best writer.

    ReplyDelete
  19. oooommmm oooommmm missed it :( vaahaka hama best

    ReplyDelete
  20. sowwi 4 been this late. simply the best writer hama.best story i hve ever read. i love this story much much much much much.

    ReplyDelete
  21. najuma dhatheee plz inakko ah dheragotheh nahadhachey. inakko varah emotional stge ehga huree. inakko dheke loabivachey. kiyaahihvey 81♥

    ReplyDelete
  22. bodu suvaalu makakaa hisaabun thi ninmaaly viyya... Spfaa abadhuves hadhaany ehen, ehaa hiy thelhey kahala goiy gothah ninmaany... hehehe. aneh bai kiyaa hithun hama thelhi filheveny... eyeethaa dho molhu liyun theringe molhu kamaky... asluves varah salhi ingey... kihinebaa vee? anekka Najma ehchekey keetha? alhey, Sofaa avas kohdheythi ingey...

    ReplyDelete
  23. bodu suvaalu makakaa hisaabun thi ninmaaly viyya... Spfaa abadhuves hadhaany ehen, ehaa hiy thelhey kahala goiy gothah ninmaany... hehehe. aneh bai kiyaa hithun hama thelhi filheveny... eyeethaa dho molhu liyun theringe molhu kamaky... asluves varah salhi ingey... kihinebaa vee? anekka Najma ehchekey keetha? alhey, Sofaa avas kohdheythi ingey...

    ReplyDelete
  24. v v v v v v v v v reethi mibaives. thanks

    ReplyDelete
  25. Sofaaaaaaaaaaaaa. haadha molhey. romance novel eh liyedheynveenu. varah molhah sofaa yah e kahala novel eh liyeveynehen varah heevey.

    ReplyDelete
  26. Sithoo: Very salhi. Very foni. Very nala. Very furihama. Very maanafun. Very Fashuvi. Very romantic. Very organaized. Very planed. Very wise. Very perfect. Simply LOVES ur story. U r amazing writer.

    ReplyDelete
  27. unhu.kon kahala hisaabakah thi nimmaaly? avaah genesdheebala aneh bai.kei madhu vanings.

    ReplyDelete
  28. dhn inn part up koh dhybala sofaa.. kiyaa hithun keh madhu vefaaa..

    ReplyDelete
  29. kobaa neeno ge comment? :(

    ReplyDelete