🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ލަސްވި ސިޓީ


މިވާހަކަ އަކީ، މިއަހަރުގެ އޭޕްރީލް މަހުގަ ދަރުބާރުގޭގައި ބޭއްވުނު ފޮތް މަޢުރަޟަށް ޚާއްޞަކޮށްގެން ނެރުނު "ލިޔުންތެރިޔާ" ގެ 5 ވަނަ ޢަދަދަށް އަޅުގަނޑު ލިޔެފައިވާ ކުރުވާހަކައެވެ.


އެއީ ޙަގީގަތެއް ކަމަށް ގަބޫލުކުރަން އަދިވެސް ދައްޗެވެ.

އެ އަންހެންކުއްޖާގެ ފެށުން އައިގޮތް ކުރުކޮށް ކިޔާދޭނަމެވެ. ނަމެއް ކިޔަމާ ހިނގާށެވެ. "ސާރާ" އެވެ. ސާރާ އަކީ ސާރާގެ މަންމަގެ އަލަތު ކައިވެނިން 2 ކުދިން ލިބުނުފަހުން، ގޮތަކަށް ބުނާނަމަ މަޖްބޫރެއްގެ ތެރެއިން ކުރި ދެވަނަ ކައިވެނިން ލިބުނު ފުރަތަމަ އަދި ފަހުގެ ވެސް ދަރިފުޅެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ސާރާގެ އުމުރުން 8 އަހަރު ނުވަތަ 9 އަހަރުގައި ސާރާގެ މަންމަ އަށް މާލެ ބަދަލުވާން ޖެހުނެވެ. ސާރާގެ ބައްޕަ (ދޮންބައްޕަ) އަކީ މާލޭގައި ވަޒީފާ އަދާކުރާ މީހަކަށް ވުމުން ބައްޕަގެ އެދުމުގެ މަތިން މާލެ ބަދަލުވާން ޖެހުނީއެވެ. ސާރާގެ ދިރިއުޅުމުގެ ފުރަތަމަ ބާބު ނިމުނީ މިހިސާބުންނެވެ.


ސާރާއާއި ސާރާގެ މަންމަ އާއި ވަކިވާންޖެހުނީ މި ހިސާބުންނެވެ. އެއްގޮތަކަށްވެސް މަޖްބޫރަކުން ނޫނެވެ. ދުނިޔޭގެ ވަރަށް ގިނަ އެހެން ގައުމުތަކުގައިވެސް، އާއިލާގެ ފަހުބަސް އިއްވާ މީހާ އަކީ އާއިލާގެ މާމައަށްވެފައި އޮތް އުޞޫލުން، ސާރާގެ މަންމަގެ އާއިލާގެވެސް ފަހުބަސް އިއްވާ  މީހަކީ އާއިލާގެ މާމައެވެ. ސާރާގެ މަންމަގެ މަންމައެވެ. ސާރާ ދެކެ ވާ ލޯތްބެއްގެ ސަބަބުން ސާރާއާއި ވަކިވާން އެ މާމަގެ ހިތް ނެއެދުނީއެވެ.

އެހެންނަމަވެސް އެކުވެރިޔާއެވެ. އެއީ ސާރާއަށް ސާރާގެ މަންމަވެސް، އަދި ސާރާގެ އެއްބަނޑު ދެ ދައްތައާއި އެއްބަނޑަށް ހުރި ހަގު ކޮއްކޮވެސް ފެނުނު އެންމެ ފަހު ފަހަރެވެ. އެރޭ ބައްތެއްޔެއްގައި، ނައިފަރުން ފުރައިގެން އައި އެ އާއިލާގެ ނިމުން އައީ ފުންކަނޑުގެ މެދަށެވެ. މޫސުން ލަފާކުރާ އެއްވެސް މީހެއްގެ ލަފަޔަށް އަރާފައި ނުވާ ގަދަ ވިއްސާރައެއްގައި ޖެހި، ކުއްލިއަކަށް ކަނޑުގަދަވެ ވީނުވީއެއް ނޭނގި ބައްތެލީގެ އިންޖީނުވެސް ހުއްޓުނު އެރޭގެ އެ ވިއްސާރައިގައި، އެ އަނދިރި ރޭގެ އަނދިރިކަމުގެ ތެރެއަށް އޮބިގެން ދިޔަ އެތަކެއް ހަޅޭކާއި، ރުއިމުގެ ތެރެއަށް ސާރާގެ އެ އާއިލާގެ އަޑުތައްވެސް އޮބިގެން ދިޔައީއެވެ. ކަނޑުވެ ޣަރަގު ވި ސަތާރަ އާއިލާއެއްގެ ދިހަ މެމްބަރުންގެ ތެރޭގައި، ސާރާގެ އާއިލާ ނޫނީ އެހާ ބޮޑު އާއިލާއެއް ނުހިމެނެއެވެ. އެހެން އާއިލާތަކުން އެރޭ ގެއްލުނީ އެކަކު ނުވަތަ ދެމީހެކެވެ. ސާރާގެ އާއިލާގެ އެންމެން އެއްފަހަރާ ގެއްލުނީއެވެ.

އެކުވެރިޔާއެވެ. މި ޚަބަރު ރަށާއި ހަމައަށް ދާކަށް ލަހެއްފަހެއް ނުވިއެވެ. ރޭގަނޑުގެ އެގާރަ ޖަހާ ބޮޑުވިފަހުން މުޅި ރަށުތެރޭގެ އެންމެންގެ ތުންތުންމަތީގައި މިވާހަކަ ހަރުލައްޖެއެވެ. އަވަށްޓެރި އެންމެންކަހަލަ ގޮތަކަށް ސާރާގެ ގެއަށް އެއްވާން ފެށިއެވެ. އެ އާއިލާއިން ވަކިވި އެ ފަސްމެމްބަރުންގެ ފުރާނަނެތް މަސްގަނޑު އެންމެ ފަހުފަހަރަށް ދެކެލުމަށް އަންނަ ފަދައަކުންނެވ.

އަހަރެމެންނަކީ އެގެއާއި ވަރަށް ދުރު އަވަށެއްގައި އުޅޭބައެއްކަމުން ދާން ބޭނުންވިޔަސް އެގެއަށް ދާން މަންމަވެސް ބުރަހީވިއެވެ. އެކަމަކުވެސް މަންމައަށް އާދޭސްކޮށްގެން އަހަރެން ދިޔައީމެވެ. ސާރާ ދެކެލުމަށެވެ. ސާރާއާއި ބައްދަލު ކުރުމަށެވެ.
އަހަރެންނަކީ ސާރާއަށްވުރެ ދެ ގްރޭޑް މަތީގައި ކިޔަވަމުންދިޔަ ސާރާގެ ރައްޓެއްސަކީމެވެ. އަހަންނަކީ ފިރިހެން ކުއްޖަކަށްވިޔަސް، ހުރިހާ އަންހެން ރައްޓެހިންނަށްވުރެ އޭރުވެސް އަހަންނާއި ސާރާއާއި ދެމެދުގައި ގާތްކަން އޮވެއެވެ. އަހަންނަކީ ސާރާގެ ހުރިހާ ވާހަކައެއް ހިއްސާ ކުރާ ސާރާގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. އަހަރެންނަށް ނުގޮސް ހުރެވޭނީވެސް ކިހިނެއްހެއްޔެވެ؟

ގޭ ބޮޑު ދޮރޯށިން ވަންއިރު ގޯތިތެރޭގައި ފުޅިބައްތި ދިއްލާފައި ހުރިތަން ފެނުނެވެ. އެތެރެއަށް ވަންއިރު، ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ސާރާ އާއި ސާރާގެ މާމަ އިނެވެ. ދާފުރާފައި ހުރި ދަގަނޑު ގޮނޑިގައި ސާރާގެ ކާފަ އިނެވެ. އެ ދެމަފިރިންވެސް ރޮނީއެވެ. ރޮއިރޮއިފައި ، ނުފޮނުވުނު ނަމައޭ، ކަނބުލޮއާއެކު އަހަރެންނަށްވެސް ދެވުނު ނަމައޭ ކިޔަނީ މާމަ އެކަންޏެއް ނޫނެވެ. ކާފަވެސް މެއެވެ. މިއިން އެއްވެސް އަސަރެއް ނުފެންނަނީ ސާރާގެ މޫނުމަތިންނެވެ.
އެކުވެރިޔާއެވެ.
ﷲ ގެ ކުޅަދުންވަންތަ ކަމެވެ. ﷲ ކަންތައް ރާއްވަވާފައިވާ މަތިވެރިގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަނި އެފަރާތަށެވެ.
އެނގޭހެއްޔެވެ. އަނެއް ދުވަހު ރަށުތެރޭގައި ދެކެވެން ފެށި ވާހަކަ އަކީ ސިއްތިގޯތި ކަނބުލޮގެ ސާރާއަށް ވާހަކަ ނުދެއްކޭ ވާހަކަ އާއި ސާރާގެ ލޮލުން ކަރުނަ ހިކުނު ވާހަކައެވެ. ހައިރާން ނުވޭހެއްޔެވެ.
އާނއެކެވެ. އެދުވަހުގެ ފަހުން މިއަދާއި ހަމައަށްވެސް ސާރާގެ އަޑު ނުނިކުމެއެވެ. ސާރާ ވާހަކަ ދައްކަނީ އިޝާރާތުންނެވެ. ކިތަންމެ ބާރަށް ހަޅޭއްލަވަން އުޅުނަސް ސާރާގެ އަނގަޔަކުން އަޑެއް ނުނިކުމެއެވެ. ކިތަންމެ ތަދުވެގެން ރޯން އުޅުނަސް ސާރާގެ ލޮލުން ކަރުނައެއް ނާދެއެވެ.

އަހަރުތައް ފާއިތުވެގޮސް، މާލޭގައި ކިޔެވުން ފުރިހަމަކޮށް އޭލެވެލް ނިމުނު އަހަރު ލިބުނު ޗުއްޓީގައި ރަށަށް އަހަރެން އައިއިރު، ސާރާ ވެފައި ހުރީ އަވަށުގައި ހެދިބޮޑުވަމުން އަންނަ އަންހެންކުދިންގެ ތެރެއިން ރާނީއަށެވެ. މާތަކުގެ ރާނީއަކީ ފިނިފެންމަލަށްވީފަދަ ރާނީއަކަށެވެ. ރީތިކަމާއި ފަރިކަމުގެ ދެވަނައެއް ނެތެވެ. ހުރިހާ ގޮތަކުންވެސް އަހަރެންގެ ހިތް ފަތަޙަކުރި އަންހެންކުއްޖާއަށް ސާރާ ވެ ނިމުނީ އެންމެ ފެނިލުމަކުންނެވެ. އޭރު އަހަރެން ސާރާ ނުދެކޭތާ ހައަހަރުވެއްޖެއެވެ.

އެފަހަރު ރަށަށް ގޮސްފައި އަހަރެންގެ ލޯބި ހުށަހެޅުމުން ސާރާ އެ ލޯބި ގަބޫލުކުރީ ހިތުގެ އަޑިންނެވެ. މުޅި ދުނިޔެއަށް ސިއްރުން އަހަރެމެން ލޯބީގެ ސިޓީބިޓީ ބަދަލު ކުރީމެވެ. ވާހަކަތައް ދައްކަން މާގިނަގިނައިން ބައްދަލު ނުވެވޭތީއެވެ. އަހަރެން ހުންނަނީ، ކޮންމެ ވަގުތެއްގައިވެސް ސާރާ ފެނިދާނެ ކަމަށް، ކިތަންމެ ކުރު ސިޓީއެއް ވިޔަސް، ލިޔެގެން ޖީބަށް ލައިގެންނެވެ. ބަސްތަކަކުން ބުނެދިނުމުގެ ބަދަލުގައި، އަހަރެން އައީ ސިޓީ މެދުވެރިކޮށް ސާރާއަށް އަހަރެންގެ ލޯބި އިހްސާސް ކޮށްދެމުންނެވެ.  އަހަރެން ފުރައިގެން ދިޔައީ ދެ އަހަރުފަހުން ކައިވެނި ކުރަން އަންނާނެ ކަމަށް ވަޢުދުވެފައެވެ.

ވީ ކިހިނެއްކަން އެނގޭހެއްޔެވެ؟ އެއަހަރު ނިމިގެން ސާރާ އާއި ބައްދަލުކުރަން އަހަރެން ރަށަށް އައިއިރު، ސާރާގެ މާމަ ސާރާގެ ކައިވެނި ހަމަޖައްސައިފިއެވެ. އާނއެކެވެ. މިއީ ދިވެހިރާއްޖެއެވެ. އެކަމަކުވެސް މަދުމަދުންވިޔަސް މި ރާއްޖޭގައިވެސް އާއިލާ މީހުން ހަމަޖައްސާ ކައިވެނި ކުރެވެއެވެ. ސާރާފަދަ ކުއްޖަކަށް އެއްގޮތަކުން އެފަދަ ކައިވެންޏެއް މުހިއްމޭވެސް ބަޔަކު ބުނެދާނެއެވެ.. އެކަމަކު އެކުވެރިޔާއެވެ.

ސާރާގެ މާމައަށް ސާރާގެ ކައިވެނި ހަމަޖައްސައިދެވުނީ ރަނގަޅު މީހަކާ ނޫނެވެ. ހޯދާ ނުހޯދާ ގޮތެއް ނޭނގި ފައިސާ ހޯދާ، ފައިސާވެރިޔަކާއެވެ. ބަލާބެލުމަށް ސާރާއަށްވުރެ އެތައް އަހަރެން ދޮށި އެ މީހާއަކީ، ހަގީގަތުގައި ސާރާއަށްވުރެ 20 އަހަރު ދޮށީ މީހެކެވެ. ކުރުގޮތަކަށް ބުނާނަމަ، ސާރާގެ މާމައަށް ސާރާ ބުރައަކަށް ވެގެން، ބޮޑު އަގުގައި ވިއްކާލީއެވެ. އެކަމާއި ބެހޭ ގޮތުން އެގެއަށް ގޮސް ވާހަކަ ދެއްކުމުގެ އެއްވެސް ޙައްގެއް އަހަންނަށް ނެތް ނަމަވެސް، އަހަރެންގެ މަންމަ ކައިރީ ބުނެގެން ސާރާގެ މާމައާއި އެވާހަކަ ދެއްކުވީމެވެ. ސާރާއާއި ދޭތެރޭ އެހާ ދެރަކޮށް ކަންތައް ނުކޮށް އަދި ވިސްނާލުމަށް ބުނުވީމެވެ. ސާރާފަދަ ބަސްއަހާ، ކިޔަމަންތެރި އެހާ އަޚްލާގް ރަނގަޅު އެހާ ރީތި އަންހެންކުއްޖަކާ ކައިވެނި ކުރަން ކިތަންމެ ބަޔަކުވެސް އައިސްދާނެކަމަށް ބުނުވީމެވެ. "އަހަރެންގެ ގޯތިތެރޭގައި ހުރި ގަހުގެ ހިޔަލުގައި ހުރި ޖޯއްޔެއްގެ ބޭނުން ކުރާނެ ގޮތް އެނގޭނީ އަހަންނަށް، އެ ޖޯލީގެ ވާތައް ކޮށާލަންވިޔަސް، އެ ޖޯލި ނަގާ އެއްލާލަންވިޔަސް، އަދި އެ ޖޯލި ހިޔާކުރަންވިޔަސް އެނގޭނީ އަހަންނަށް. އެޖޯލީގައި އިށީންނަން އަންނަ މީހުންނަކަށް ނޫން." ނަމަވެސް ޖަވާބު ލިބުނީ މިހެންނެވެ.

އެކުވެރިޔާއަށް ނަތީޖާ އެނގޭހެއްޔެވެ. ސާރާއަށް ޖެހުނީ އެ ކައިވެނި ކުރާށެވެ. ސާރާގެ ރުހުމާ ދެކޮޅަށެވެ. މިހާރު މިއީ އޭގެ 25 އަހަރު ފަހެވެ. މިއަހަރު އޭޕްރީލް 1 ގައި ސާރާގެ އުމުރުން 34 އަހަރު ވާނެއެވެ. އުމުރު ދުވަހުގެ ހުކުމެއްގައި ޖަލުގައި ސާރާ އިންނަތާ10 އަހަރު ވެއްޖެއެވެ. މަސްތުވާތަކެތި ހަދައި، ވިއްކައި، ބޭނުންކުރާ އޭގެ ބޮޑު މީހަކާއިއެކު އެ ވިޔަފާރި ހިންގައި އެ ބޭނުން ކުރުމުގެ އަދަބެއްގެ ގޮތުންނެވެ. އެމީހަކީ ސާރާގެ މާމަ ސާރާއާއި ކައިވެނި ކުރުވި މީހާއެވެ. ވަރިކޮށްކޮށްފައި 3 ފަށްވުމުން، އެއްގޮތަކަށްވެސް ދޫނުކޮށް ގެންގުޅުނު ފިރިހެން މީހާއެވެ.

ސާރާއާއި އެ ނުބައި މީހާއަށް ނަހަލާލުގޮތުގައި ލިބިފައިވާ 5 ކުދިން ބަލަހައްޓާނެ މީހަކުވެސް އަދި އެކުދިންގެ ޒިންމާ ނަގާނެ މީހަކުވެސް ނެތެވެ.

އެކުވެރިޔާއެވެ. ސާރާއަށް އެހެން ދިމާވީ ސާރާގެ ކުށަކުން ކަމަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ރަށުގެ އެކަކުވެސް ގަބޫލެއް ނުކުރެއެވެ. އޭރުވެސް މިއަދުވެސް ސާރާ އަކީ އަދިވެސް ހަމަ އެ ރަނގަޅު ބަސްއަހާ އަންހެން ކުއްޖާއެވެ.  ގޯސްވީ ސާރާއާއި ކައިވެނި ކުރި މީހާއެވެ. އެމީހާ ސާރާގެ ފަރާތުން ހިފީ އެހެން ބޭނުމެކެވެ. ކޮންމެ ފަހަރަކުވެސް ކުއްޖަކު ލިބުމުން ހައްދުޖެހުމާއެކު އެ މީހާގެ ފަރާތުން ސަލާމަތްވާން މަސައްކަތް ކުރެއެވެ. ވާހަކަ ނުދެއްކޭ ނުރޮވޭ ޙާލުގައިވެސް، އެތައް އާދޭހެއް ކުރެއެވެ. އެކަމަކު އެކިއެކި ބިރު ދައްކައިގެން އަނެއްކާވެސް ހިފަހައްޓަނީއެވެ. ކިޔަމަންތެރިކަމާއެކު އިސްޖަހާލަން މަޖްބޫރުވަނީ އަމިއްލަ ނުކުޅެދުންތެރިކަމުން ކަމެއް ނުވަތަ، ދިރިއުޅުންމަތިން ނާއުއްމީދުވުމުން ނޫންކަމެއް ނޭނގެއެވެ. ދުވަސްތައް ގުނަމުން އެދަނީ ޖަލުގެ އަނދިރި ގޮޅީތެރޭގައެވެ. އަހަރެން ބައްދަލުކުރަން ދަމެވެ. އެތަނުގައި ހުރުމަށް ބޭނުންވާ ހުރިހާ އެހީއެއް ވަމެވެ. އަހަރެން ދާ ކޮންމެ ދުވަހަކު ސާރާ ރޮއެވެ. ހަޅޭއްލަވައެވެ. އެތައް ވާހަކައެއް ދައްކައެވެ. އެކަމަކު، ސާރާގެ ލޮލަކުން ކަރުނައެއްވެސް ނާދެއެވެ. އަނގައިން އަޑެއްވެސް ނީވެއެވެ. ކޮންފަދަ ނުކުޅެދުންތެރިކަމެއް ހެއްޔެވެ. މިދުނިޔެއިން ކަރުނަ ހިކިފައި ތިބީ ކިތައް އަންހެނުން ހެއްޔެވެ؟ އެ އިހްސާސް ކުރެވޭނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟

އެކުވެރިޔާއެވެ. ކުށް ކުރަނީ އިންސާނުންނެވެ. އެ ކުށްތަކުގެ ސަބަބުން ބައެއްފަހަރަށް އެމީހަކީ، ސިކުނޑި ސަކަރާތް މީހެކެވެ. އަނެއްބައިފަހަރަށް އެއީ ނުލަފާ ޖައްބާރު މީހެކެވެ. އެކަމަކު އެކުވެރިޔާއެވެ. މިދެބަޔަށްވެސް ނުހިމެނޭ މީހުންވެސް ކުށްވެރިންގެ ތެރޭގައި ވާނެއެވެ. އަހަރެންގެ ސާރާއަކީ އެފަދަ މީހެކެވެ.
މަސްތުވާ ތަކެތި ބޭނުންކުރާ ކޮންމެ މީހަކީ ކުށްވެރިއެއް ހެއްޔެވެ؟ އޭގެ ތެރެއިން ޖަލުގައިވެސް، އަދި ޝަރީޢަތުގެ މަރުޙަލާގައިވެސް މަކަރާ ނުބައި ހަދާ ނުލަފާ މީހާ ސަލާމަތްވެ، ޢާއްމުންގެ ތެރޭގައި އުޅުމަށް ފުރުޞަތު ލިބޭއިރު، ހަމަހިމޭނުން، މަޑުމަޑުން، ބަސް އަހައިގެން، ލިބޭހާ އަދަބަކަށް ކެތްކޮށްގެން ޖަލުގެ "އަލިފާން" މާހައުލު ތަހައްމަލުކޮށްގެން ހުންނަ މީހާމަތިންއެންމެން ހަނދާން ނައްތާލަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ދުނިޔޭގެ އާދައޭ ބުނެފައި ނިންމާލުމުން މި ގައުމަށް ހެޔޮ ބަދަލެއް އަންނާނެހެއްޔެވެ. މި މުޖްތަމަޢަށް ހެވެއް ހޯދައި އެބަދެވޭހެއްޔެވެ؟

އެކުވެރިޔާއެވެ. އަހަރެންގެ ސާރާއަކީވެސް ހަކުދިންގެ މަންމައެކެވެ. ޖަލަށް ލެވިފައި އިނީ އުމުރުދުވަހުގެ ހުކުމެއްގައެވެ. އެއީ ސާރާ ބޭނުންވި ގޮތް ނޫންކަން އަހަންނަށް އެނގެއެވެ. އެކަމަކުވެސް، ސާރާގެ ދިރިއުޅުން އެހިސާބަށް ދިއުމަށް ހަމަ އެކަކުގެވެސް އިހުމާލެއް ނެތީހެއްޔެވެ. ހެޔޮ ނުވާނެއެވެ. އެކުވެރިޔާއެވެ. މާތްﷲ ގެ ރަސްކަންފުޅަށްޓަކައި އާދޭސްކުރަމެވެ. އެކުވެރިޔާ ތިހިރީ ވަކީލަކަށް ވާން ކިޔެވޭނެ އެންމެ މައްޗަކަށް ކިޔަވައިގެންނެވެ. އަހަރެންގެ ސާރާއަށް އެހީވެދޭށެވެ. އެފަދަ އެތައް ސާރާއެއް އެތައް އިބްރާހިމެއް ވާނެއެވެ. އެމީހުންނަށް އެހީވެ އިންސާފު ހޯދައިދޭށެވެ. އެއީވެސް ބަފައަކަށް ލިބި މައެއްގެ ބަނޑުން ވިހާފަ ތިބި ދަރިންނެވެ. އިންސާފު ހޯދައިދޭށެވެ. އެހީވާނަން ދޯއެވެ؟

ހިފައިގެން އިން ސިޓީ އިމްރާން ފަށް ޖަހާލީ އިތުރަށް ނުކީގެންނެވެ. ކަރުނުން ފުރިފައި ހުރި ދެލޯ ފޮހެލިއެވެ. އޭނައަށް މި ސިޓީ މި ލިބުނީ ހާދަ ލަހުންނެވެ. ހަލީމް މި ސިޓީ ލިޔުނުތާވެސް 35 އަހަރު ފަހުންނެވެ. ހަލީމްގެ ދަރިފުޅަށް މި ސިޓީ ފެނުނުކަންވެސް މިއީ ހެޔޮ ނަސީބެކެވެ. އޭނަގެ ރަހްމަތްތެރިޔާގެ ވަގުތު ހަމަވެގެން މި ދުނިޔެ ދޫކޮށް ގޮސްފައިވިޔަސް، އޭނަ އަދިވެސް ލަހައްޓަވާފައި މިހިރީ މި ކަމުގައިވެސް އޭނަ ކުރެވޭ އިމްތިހާނެއްގެ ގޮތުން ކަންނޭނގެއެވެ. އޭނަ ސާރާ ހޯދާނެއެވެ. މިހާރު އުމުރުން 69 އަހަރުވެފައި ވިޔަސް، ޖަލުގެ އެ އަނދިރި ގޮޅިން އޭނަ ސާރާ ނެރޭނެއެވެ. ސާރާގެ ކުދިންނާއި ސާރާ ޙަވާލުކުރާނެއެވެ. ސާރާއަށް އިންސާފު ހޯދައިދޭނެވެ. އޭނަގެ ރަހްމަތްތެރިޔާގެ މި ހިތާމަވެރި ސިޓީ، ކިތަންމެ ލަހުން ލިބުނު ނަމަވެސް އެ އެކުވެރިޔާގެ އެ އެދުން ފަހިކޮށްދެވޭތޯ އޭނަ މަސައްކަތް ކުރާނެއެވެ. ކާމިޔާބު ވާނެ ކަމުގެ ޢަޒުމާއެކުގައެވެ.

--------------------------(ނިމުނީ)-------------------------


8 comments:

varah rovijje mi vaahaka kiyaalaafa.. sofa kuruvaahaka liyanves haadha molhey .. billion likes hama.. goood work <3

 

sofeeeee is the best..:D..varah sweeet toching st eh...keep it up sweety <3

 

dhen liyaa vaahaka eh miah vure reethi kollaane kamah heekuran.. reethi ingey mivaahaka ves..

 

shax: mi story varh salhi ingey soff.....

 

Aah!!! varah salhi... asaru gadha vaahaka eh.... handhaanun avahah filaigen nudhaane vaahakaeh... vaahaka eh viyyaa mihen vaan jeheyne! just great!

 

bala... mivaruge vaahakaeh foiy maurazah liyegen ulhunuiru nuves engeye kihineh thihedhee, (friender)

 

rovihjeh!! :p =ieysha= vvv rythi vaahaka eh

 

mi kon fonteh tha?

 

Post a Comment