Thursday, March 8, 2012

ފޯންކޯލް - 74 ވަނަ ބައި

އެހެންނަމަވެސް....
އެ ބައިގަޑި ފާއިތުވެގޮސް، އިތުރަށް ދިހަ މިނެޓްވެސް ހިނގައިފިއެވެ. އަދި ހަމަ ގޭގެ އެއްވެސް ފޯނެއް ރިންގުވި އަޑެއް ނީވެއެވެ.
ކަމެއްގެ އިންތިޒާރުގައި އިންނައިރު، ހަރަކާތްތައް އަވަސްވެ، އެއްތަނެއްގައި ހިމޭނުން އިނުމަށް އުނދަގޫ ވުމަކީ ޢާއްމު ކަމެކެވެ. ނަމަވެސް ހިތަށް ތަދުކުރުވާ އިންތިޒާރެއްގައި އިންއިރުވެސް ނަވީނަށް އެހެނެއް ނުވެއެވެ. ކުރެވޭ ހަމަ އެކަނި ޙަރަކާތަކީ، ތިރިން އައި އިރު ގެނައި ކުޑަ ފެންފުޅިން އެތިފޮދެއް ބޯލުމަށް އިރުއިރުކޮޅާ ކުރެވޭ ޙަރަކާތެވެ.


އިނާ ނުގުޅާ ލަސްވަނީ ކީއްވެހެއްޔެވެ؟ ބައިގަޑިއިރު ހިނގައި ދިޔައީއެވެ. އަނެއް ބައިގަޑިއިރުވެސް އެހެރަ ހަމަވަނީއެވެ. ޚަބަރު ނުވީ ކީއްވެހެއްޔެވެ.
އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން، ނަވީންއަށް އޭނަގެ ހިތާހިތާ މި ސުވާލު ކޮށްލެވުނެވެ.

ކަންކަމުގައި އަވަސް އަރުވާލައިގެން އުޅޭމީހާއަށްޓަކައި އެކަމެއް ވަނީ މާ ލަހުންނޭ ހީވެދެއެވެ. އެހެންނަމަވެސް އޭނައަށް މި އުޅެވެނީ އަވަސް އަރުވާލައިގެން ނޫން ކަމަށް ނަވީން ގަބޫލު ކުރިއެވެ. ކެތްކުރަންވާ ވަރަށްވުރެ ބޮޑަށްވެސް އޭނައަށް މަޑުކޮށްލެވިއްޖެއެވެ. އެއްމަސްވެ ދެވަނަ މަހަށް ފެށުނީއެވެ. ދެން އޭނައަށް ނުހުރެވޭނެއެވެ.

"ހަލޯވ.........؟" ކުޑަމޭޒުމަތީގައި ހުރި ފޯނަށް ބަލަހައްޓައިގެން އިނދެ އަމިއްލަ މޮބައިލުން ނަވީން ގުޅީ ޚާލިދުއަށެވެ.
"އާމް....އިނާގެ ޚަބަރެއް މިރޭ ވިތޯ؟" ޚާލިދުއަށް ގުޅާލެވުނީ ދައްކާނެ ވާހަކައެއް ވިސްނާލާފައި ނޫންކަމުން، ވާހަކަ ދައްކަން ފަށަން ނަވީނަށް ކުޑަ ހިތްވަރެއް ބޭނުން ވިއެވެ.

"ކިހިނެއްވީ އަނެއްކާ....؟ އިނާ ގުޅީތަ؟" ވަރަށް އާދައިގެ ރާގަކަށް ޚާލިދު އަހާލިއެވެ.
"މީގެ ގަޑިއެއްހާރިއިރު ކުރިން އިނާ ގުޅި...." ނަވީންވެސް ވަރަށް އާދައިގެ ރާގަކަށް ބުނެލިއެވެ.
"ހަމަ ރަނގަޅަށްތަ؟ ކީކޭ ބުނީ...؟" ނަވީންގެ ވާހަކަ އަދި ނުނިމެނީސް ޚާލިދު އަހާލިއެވެ. އެހެންނަމަވެސް ނަވީންގެ އަޑުގައި ހުރި ނާއުއްމީދު ކަމާއި ވަރުބަލިކަން ޚާލިދަށް ފާހަގަ ނުކުރެވިއެއް ނެތެވެ.
"ބުނި ފަހުން ގުޅާނަމޭ...އެކަމަކު އަދި....." ނަވީން ގަސްތުކުރީ އިއްޔެ ހަވީރުއްސުރެން އޭނަގެ އާއިލާގެ ތެރޭގައި ހިނގަމުން މިދާ އެއްވެސް ވާހަކައެއް އިނާގެ އާއިލާއާއި ހިއްސާ ނުކުރުމަށެވެ. ފަހުން ކުރަން ޖެހިއްޖެއްޔާ ކުރާނީއެވެ. ނަމަވެސް މިވަގުތަށް އޭނަގެ ސިކުނޑީގެ ބޭނުން ވަރަށް ފުރިހަމައަށް އޭނަ ކުރަން އެބަޖެހޭކަން ނަވީން ވިސްނިއެވެ.

"ޚާލިދުމެންގެ ފްލައިޓް ޑީޓެއިލްސް ބޭނުންވެއްޖެ. ޓިކެޓް ނަގަން." ނަވީން ބުނެލިއެވެ. ޚާލިދުގެ ހުއްދައަށް އެދިއެއް ނޫނެވެ. ގޮތް ނިންމައިގެންނެވެ.

"އަހަރެމެން ޓިކެޓްތައް ނަގައިފީމޭ...." ޚާލިދު ދިނީ މި ޖަވާބެވެ.
"އަޅުގަނޑުގެ ޓިކެޓް ނަގަން. މިހާރު އެކޮޅަށް ނުގޮސް ޚާލިދުމެންނާއެކު ދާ ގޮތަށް." ނަވީން އިނީ ހަމަޖެހިލާފައެވެ. އޭނަ ކަންތައް ކުރަންވީ ގޮތް އޭނައަށް ވަރަށް ރަނގަޅަށް އެނގިއްޖެކަހަލައެވެ. މާދަމާ ކުޅުދުއްފުށްޓަށް ފުރައިގެން ދިއުމުގެ ބަދަލުގައި އޭނަ ދާނީ ޚާލިދުމެންނާއެކު އެމީހުންވެސް އެދާ ތަނަކަށެވެ. އެތަނެއްގައި އިނާ އުޅޭ ތަނަކަށެވެ.

"ކުއްލިއަކަށް ....  ؟" ޚާލިދުގެ އެ ސުވާލު އޭނައަށް އަމާޒުވާނެކަން ނަވީނަށް މާކުރިންވެސް އެނގެއެވެ.
"އާނ...މިހާރު އެގޮތަށް މި ނިންމީ. މެސެޖްކޮށްލާނަން ދޯ؟ މިރޭވެސް އުޅެވިއްޖެއްޔާ ރަނގަޅުތާ ދޯ؟" އެ ދަތުރަށް ތައްޔާރުވުންނޫން ކަންބޮޑުވުމެއް މިވަގުތު ނަވީންގެ ނެތް ފަދައެވެ. އަމިއްލަ ނިންމުމާއި ދޭތެރޭ އެހާވެސް ބޮޑު ޔަގީންކަމެއް ނަވީނަށް ލިބިފައި ވެއެވެ.

** ** ** ** ** ** ** **
"ޚަބަރެއް ނުވޭ ދޯ؟" ޚާލިދު އާއި ވާހަކަ ދައްކާފައި ކޮޓަރިން ނަވީން ނުކުތްއިރު، ކޮޓަރިއަށް ދިއުމަށް ސިޓިންރޫމް ހުރަސްކޮށް ގޮސްގޮސް ހުރި އަލިމަނިކުއަށް ނަވީން ފެނުމާއެކު އަހާލިއެވެ.

" މިހާރު އިނާ ބައްޕައާއެކު ފުރަން ހަމަޖައްސައިފިން. މާދަމާ ޓިކެޓް ނަގާނީ..." ޚަބަރެއް ނުވެއޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި، ލައިގެން ހުރި ޖީންސްގެ ފުރަގަހު ޖީބަށް އަތް ޖަހާލަމުން ނަވީން މި ޖަވާބު ދިނީ ބައްޕައަށް ކުރިމަތިލައިގެން ހުރެއެވެ. ޖަވާބުގައި ވަކި އެއްޗެއް ނުބުނެ އަލިމަނިކު ބޯ ޖަހާލުމުން ނަވީން ނިކުތީ ބޭރަށެވެ. އެ ބޮޑު ސިޓިންރޫމްގެ މެދުގައި ހުރި ސޯފާ ސެޓްގައި ނަވީންގެ މަންމަ އާއި ލީނާ އިންތަން ނަވީނަށް ނުވެސް ފެންނަ ފަދައެވެ. އިސްޖެހިފައި ހުރެގެން ނަވީން ނިކުމެގެން ދިއުމުން މަޑުމަޑުން އަނބުރާލާފައި ގޮސް އަލިމަނިކުވެސް ކޮޓަރިއަށް ވަދެއްޖެއެވެ.

ނަވީންގެ ޙަޔާތުގެ ސަފްޙާތަކުގައި ލިޔެވިފައި ހުރި ހިސާބެއްގައި އޭނައަށް އުޅެވިއްޖެއެވެ. ދެން އޮތީ ދެން ލިޔެވޭނެ ޞަފްޙާއެއްގެ އިންތިޒާރުގައި ހުރުމެވެ. އެމީހުންގެ ތެރެއިން މީހަކަށް އެ ޞަފްޙާގައި އެއްޗެއް ލިޔުމުގެ ފުރުޞަތެއް ނެތެވެ. ހުރިހާ ބާރެއް އޮތީ ހެއްދެވި ފަރާތާއި ނަވީނާއި ދެމެދުގައެވެ. ވާން އޮތީ ކޮން ގޮތެއް ކަމެއް ނޭނގޭތީ ބަލަން ހުރުން ނޫން ގޮތެއް ނެތް ޙާލަތްތަކަކީ މަދުފަހަރެއްގައި އަންނަ ޙާލަތްތައް ކަމުގައިވިޔަސް، މިފަހަރު އޭނަގެ އާއިލާއަށް މިއޮތީ އެތަން ދެކެންޖެހިފައިކަމަށް އަލިމަނިކުގެ ހިތާހިތާ ބުނެލިއެވެ.

މިލްކިއްޔާތުގައި ހުރި ފައިސާއާއި މުދަލުން، މިދުނިޔޭގެ ކޮންމެ އެއްޗެއްވެސް ހޯދޭނެ މީހުން އުޅެއެވެ. ތަޢުލީމާއި ތަނަވަސް ކަމާއި މުޖްތަމަޢުގައި މަތީ ދަރަޖައެވެ. ނަމަވެސް ލީނާމެންފަދަ، ތަނަވަސްކަމާއި ފައިސާވެރިކަމާއި ﷲ ދެއްވި ރީތި ސޫރައިގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ ބައެއް މީހުންގެ ސަބަބުން، ގިނަ ފަހަރަށް ލިބިގެން ދަނީ، އަމިއްލަ ޚަޒާނާ ހުސްވަންދެން ހޭދަކުރިޔަސް އަގު އަދާނުކުރެވޭނެފަދަ އަގުބޮޑު ތަކެއްޗެވެ. އަތްލައި ނުބެލޭ، އުފުލާ ނުގެންދެވޭ ތަކެއްޗެވެ.

އެންމެ ތިން މީހުން އުޅޭ ކުޑަކުޑަ އާއިލާއެއްގެ އުފާވެރިކަން ގެއްލި، ތިން މީހުންގެ މޫނު ތިން ދިމާލަށް އަނބުރާލަން ޖެހޭ ހާލަތު ނަވީންގެ  އާއިލާއަށް އައިސްދާނެކަމަށް، އެ އާއިލާގެ ވާހަކަ އަޑުއަހާ މީހަކު ފަސޭހައިން ގަބޫލެއް ނުކުރާނެކަން ޔަގީނެވެ. ނަމަވެސް އެމީހުންގެ ޚަޒާނާއިން ވަރަށް ބޮޑު އެއްޗެއް އުނިވެ ނިމިއްޖެއެވެ. ހަމަޖެހުމާއި އުފަލާއި ލޯތްބެވެ. އިތުބާރާއި ގާތްކަމެވެ. އުޅުމާއި ގުޅުމުގައި ހުންނަން ޖެހޭ ލާމެހުމެވެ. އަގުނުކިޔޭ ހުރިހާ މުދަލެއް ގެއްލި ހުސްވެއްޖެ ކަހަލައެވެ.

ގޭތެރޭގެ ހިމޭންކަން ފުނޑުކޮށްލީ ކުއްލިއަކަށް ހުޅުވުނު ދޮރެއްގެ އަޑުންނެވެ.
ކޮޓަރިން ނުކުމެގެން އަލިމަނިކު ވަރަށް ބާރު ހިނގުމެއްގައި ގޮސް ފެންޑާއަށް ނުކުތްތަން ނަޖްމާއާއި ލީނާއަށްވެސް ފެނިގެން ދިޔައެވެ. ވީ ކީއްކަމެއް ނޭނގުނު ނަމަވެސް، ބިއްލޫރި ކުޑަދޮރުތަކުގެ އެފަރާތުގައި ތިބެގެން، އެ ދެބަފައިން ކޮންމެވެސް ވާހަކައެއް ދައްކާ މަންޒަރު ފެނެއެވެ.

"އެކަމަކު އަޅުގަނޑަށް ހިއެއް ނުވޭ...." އެހާ ބާރަށް އަލިމަނިކު ނުކުމެގެން ދިޔަ ދިއުމާއި، ގޮސް އެ ދައްކަނީ ކޮން ވާހަކައެއްތޯ ބެލުމަށް ދޮރުމައްޗަށް ނުކުތް ނަޖްމާއަށް އަޑުއިވުނީ ނަވީން މިހެން ބުނިއަޑެވެ.

"ދަރިފުޅު އެއްފަހަރުވެސް ވިސްނާލިންތަ އެކަމާ؟ އެކަން ނަވީނަށް ނުވިއްޔާ ދެން ވާނެ މީހަކު ދިރާގުގަ ނުހުންނާނެނު؟" އަލިމަނިކު އެ ދައްކަނީ ކޮން ވާހަކައެއްކަން ނަގައިގަންނަން ނަޖްމާއަށް އަދި ނޭނގުނު ނަމަވެސް ނަޖްމާ ހުރީ ކަނުލާ އަޑުއަހާށެވެ.

"އެކަހަލަ ކަންތައް ނުކޮށްދޭނެ ޕޮލިހުން ނޫނީ އެންއެސްއެސްގެ މީހުންގެ ހުއްދައަކާ ނުލާ..." ނަޖްމާއަށް ފެނި އަޑުއިވެނީ، ނަވީންގެ ބައްޕަ ދައްކާ ވާހަކައަށް ނަވީން ދެކޮޅު ހަދާތަނެވެ. އެހެންނަމަވެސް ޙަގީގަތުގަ ބައްޕަ އެ ހުށަހެޅި ޚިޔާލަކީ ނަވީނަށްވެސް ވަރަށް ގަބޫލުކުރެވުނު ޚިޔާލެކެވެ.

"ދަރިފުޅު ނިކަން އެކަން އެހެން ވޭތޯ ބަލާލަބަލަ...ޚާލިދު ކައިރިން އެއްވެސް އެއްޗެއް އޮޅުންފިލުވަން ދަރިފުޅު ބޭނުން ނުވަންޏާ ދެން ތިކަމަށް ޙައްލު ހޯދޭނެ އޮތް ހަމައެކަނި ގޮތަކީ މިއީ. ލޭންޑް ލައިނެއްކަމަކު، އެންމެ ފަހުން އެ ފޯނަށް ގުޅި ހޯދޭނެ. ބައްޕައަށް ފެންނަނީ ކޮންމެވެސް ބަޔަކާ ވާހަކަ ދައްކައިގެން އެކަމަށް އަލިމަގެއް ހޯދަން. " އަލިމަނިކު އެހާ ބާރަށް ކޮޓަރިން ނުކުމެގެން އައިސް ދެއްކީ ކޮން ވާހަކައެއްކަން މިފަހަރު ވަރަށް ރަނގަޅަށް ނަޖްމާއަށް އެނގިއްޖެއެވެ.
އަބަދުވެސް އަލިމަނިކު އަކީ ދުރު ވިސްނޭ މީހެކެވެ. އަލިމަނިކު ހުރި ތަނެއްގައި، ކަމަކަށް ޙައްލެއް ނުހޯދިފައި ހުންނާކަށް ނުޖެހޭނެއެވެ.
ވަކި އެއްޗެއް ނުބުނެ ނަވީންވެސް ވިސްނާލަން ވަގުތުކޮޅެއް ނެގިއެވެ.

ދެން ފެނުނީ މީހަކަށް ފޯން ކުރިތަނެވެ. ދެތިން މިނެޓް އެ ފޯނަށް ވާހަކަ ދައްކާފައި އަނެއްކާ އަނެއް ނަންބަރަށްވެސް ގުޅިއެވެ. އެކަހަލަ ހަތަރު ކޯލެއް ކުރުމަށްފަހު ނަވީން ތެދުވެއްޖެއެވެ. ކުރިއަށްވުރެ އުޖާލާ މޫނަކައެކުގައެވެ.

"އެކަހަލަ ކަމެއް ކުރަން ބޮޑު ޕްރޮސީޖަރއަކަށް ވަންނަން ޖެހެނީ. އެކަމަކު....." ނަވީން އޭނަގެ ބައްޕައަށް ކިޔައިދެމުން ގެންދިޔައެވެ.

"ބައްޕަ މީހަކަށް ގުޅާލަންވީތަ.....؟" އޭނަގެ ދަރިފުޅަށްވުރެ ، މުޖްތަމަޢުގައި އޭނަގެ ނުފޫޒާއި ބާރު އޮންނަކަން އޭނަ ދަނެއެވެ. އެފަދަ ކަމަށް ލިބެން ޖެހޭ ހުއްދަ ހޯދުމަކީ އޭނަގެ އެންމެ ދެތިން ކޯލެއްގެ ދުރުގައި އޮންނަ ކަމެއްކަން ނަވީނަށްވެސް އެނގޭނެއެވެ.

"ނޫނޭ ދެން ބައްޕަ ނުއުޅުއްވިޔަސް ރަނގަޅުވާނެ. އަޅުގަނޑު އެކަން ބަލާނަން....މުހައިމިނު ވިދާޅުވެއްޖެ މާދަން ބަލާދޭނެ ވާހަކަ....މިރޭ މިހާ ލަސްވީމަ..." ނަވީން އަވަހަށް އޭނަގެ ބައްޕަ ހުއްޓުވިއެވެ.

"އާނ...ބައްޕައަށް އަންގާލާތި ވާގޮތެއް..." އޭނަގެ ދަރިފުޅުގެ ހަލާކުވަމުން އަންނަ ދިރިއުޅުމަށް އެހީއެއް ވެދެވިއްޖެ ކަމުގެ ހިތްހަމަޖެހުމުގައި އަލިމަނިކު ގޭތެރެއަށް ވަދެގެން ހިނގައިގަތެވެ. ދޮރުމަތީގައި ހުރި ނަޖްމާވެސް އަލިމަނިކުއަށް ތަންދެއްކުމުގެ ގޮތުން އެއްފަރާތަށް ޖެހިލިއެވެ.

ހަތަރުކަޅިހަމަވި ވަގުތު ނަޖްމާއަށް ފެނުނީ އަލިމަނިކުގެ ލޮލުގައި ވަކި މިވެނި އަސަރެކޭ ބުނަން ނޭނގޭކަހަލަ އަސަރެއް ހުރި ތަނެވެ. ރުޅިއެއް ފޫއްސެއްވެސް އަދި އެހެން އިހްސާސެއްވެސް އެވަގުތު އަލިމަނިކުއަށް ނުކުރެވޭފަދައެވެ.

ބައްޕަ ދިއުމުން ނަވީން އަނެއްކާވެސް އިށީނީއެވެ. ދޮރުމަތީގައި މަންމަ ހުރިކަން އެނގިހުރެމެ ނަވީން އިށީނީ ގަސްތުގައި މަންމައަށް ފުރަގަސްވާ ގޮތަށެވެ.

މަންމައާއި ދައްކާނެ ވާހަކައެއް އޭނައަށް މިވަގުތު  ނޭނގެއެވެ.
މަންމައަށް ދޭނެ ޖަވާބެއްވެސް އޭނައަށް ނޭނގެއެވެ.
އޭނަ ދެކެ އިންތިހާއަށް ލޯބިވި، އެ އޯގާތެރި މަންމަގެ ހިތް އޭނައަށްޓަކައި އެހާ ކިލަނބުވި ގޮތެއް އޭނަގެ ވިސްނުމަކަށް ނާދެއެވެ. އަދި އަމުދުން މިވަގުތު އެކަމާ ވިސްނާކަށް އޭނަ ބޭނުމެއް ނޫނެވެ.

** ** ** *(ނުނިމޭ)* ** ** ** ** **

17 comments:

  1. Varah kuru dho miadhuge bai........sorry ingey. Maadhan reyah dhigukoh bayeh geneshdyenan.Inshaa Allah.

    Miadhu genes nudhee nunimman vegen hama genaeee...
    Thi kudhin dhera koffa bahattan hama kei nuveee..!!!

    Thanks and i appreciate for you waiting for this story so eagerly.

    ReplyDelete
  2. rahu: haadha kurey soff.... bala bala innathaa kithamme ireh... adhi bodu kameh hingaanulaa nimmaaleema varah dheravejje... anyways maadhan up kuraa vaahaka buneema happy.... thanks soff...

    ReplyDelete
  3. kithahfaharu beyluny story up vitho...u r great aslu varh molhu ingay story liyan..keep it up...i hope in future gas vex ithuru stroies Sofx ge fennaanekamah....aslu hama varah mohlu ingay vaahaka liyan..

    ReplyDelete
  4. FAhy
    ok, dhen kuras, mivarah ves genesdhineethee shukuriyya. vvv salhi mi part ves, waiting 4 next,make it soon plx.

    ReplyDelete
  5. MURAASIL GA UP NUKURANY THA THEN

    ReplyDelete
  6. dhen ekamaku haadha kurey.pitchis

    ReplyDelete
  7. kURU.EKAMAKU ufavejje kiyaalan libuneema.aneh bai avaskoddeccheysofa. sofaa ge aneh blog ves v.salhi.eyga v.gina liunthah liyaanan dho

    ReplyDelete
  8. hey! vara nice midhe part ves, ekam 74 haadhakurey , maa bixy vee dhow.
    Thil kudako balikoh ulheythee maa fahun mmikiyaa levunee. waiting for the next part.
    -Thilmeeza-

    ReplyDelete
  9. mariyam : alhey.. kiya kiyaa indha nimun gothey ves neyge.. sad anneykkaa ves emme reethi hisaabun e nimunee.. kiyun therin veema vaagothakee kithamme dhigu koh geneyas kuruvefa onnaanee.. desperate vefa thibevenee dhen vaane gothakaamedhu.. varah naazuku hisaabakun ninmaalee thi ingey.. love tudays part.. ummmmmmmmmmmmaaaaaaaaaaaaaaaaaaah

    ReplyDelete
  10. Thittha: Alhey dhoonyaa...keettha thi kuree. kamaku nudhey. alun liyefa avahah genesdheee...dhen bayeh v.dhigu kuracchey.

    ReplyDelete
  11. its nice. kiya kiya indha' hama ku'liyakka e nimunee...hahaha.
    can't wait for the next part.

    ReplyDelete
  12. at least i am glad you keep your word rather than giving unappropriated excuses. i believe that's a true writers way of succeeding the readers hearts.
    well done Sofa

    ReplyDelete
  13. neeno: hageegathugaves kamakkah inthizraarukuraa meehakah, sikunthehge baifalhives varah dhiguvaane.. heevee hama naveen fenunuhen fen bonikoh.. haadha salhi ey .. kuruveema massala akee ekamaku folhuvathehves kiyaalan libuneema shukurukuran..

    ReplyDelete
  14. Zittey: Kobaitha fathihaaaaaaaaaaaaaaaaaaaaaaaaaaaaaa??

    ReplyDelete
  15. sofff..kobaa mireyge bai... alhe avahah genesdheeba..plxxxxxxxxx

    ReplyDelete
  16. kobaatha??? pls pls pls uploa soooooooooooooooon.

    ReplyDelete
  17. soffaa thee hama gellifa in fathisa thariyeh. v creative ingey. u r great

    ReplyDelete