Saturday, June 13, 2020

Bodaa Nafsu - Ep 4

ބޮޑާ ނަފްސު - 4 ވަނަ ބައި


އަނެއްކާ އަނެއްކަންތައް ލައިގަތީކަންނޭގެއެވެ. އޭނަ އޮފީސް ނިމޭ ގަޑީގައި އޭނަގެ ކާރުގެ ކައިރީ އެމީހަކު ހުންނަތަ މިއީ 4 ވަނަ ދުވަހެވެ. ކަމެއް ކުރަނީކީނޫނެވެ. އެއްޗެއް ބުނަނީކީވެސް ނޫނެވެ. އެކަމަކު ހަމަ ބަލަހައްޓައިގެންނެވެ. މައްސަލައެއް ނެތެވެ. ބަލާނެ ވަރަކަށް ބަލަން ވީއެވެ. އެކަމަކު އޭނައާ އަނގައިން ބުނާ ދުވަހަކީ އެކަމުގެ ހިތާމަ އެމީހާ ކުރަން ޖެހޭނެ ދުވަހެވެ.
އަމިއްލަ ނަފްސަށް ހުވާ ކަށަވަރު ދެމުން، އަވިއައިނުގެ ބިއްލޫރިގަނޑު ތެރެއިން އެ މީހަކަށް ފަރުވާތެރިކަމާއެކު ބަލާލަމުން ޒީނިޔާ އިސް ޖެހިއެވެ.
ކާކުކަންވެސް ނޭނގޭ އެ ޒުވާނާގެ ސަބަބުން ޒީނިޔާއަށް އުނދަގޫވާތާ ކިތަންމެ ދުވަހެކެވެ.
"ކޯޗެއް ގެންނާނީ ކާން." ރެސްޓޯރެންޓުގެ މާހައުލަށް ނަޒަރު ހިންގާލަމުން ޒީނިޔާ އަހާލިއެވެ. މިއީ އޭނައަށް ވަރަށް ހިތްގައިމު ރެސްޓޯރެންޓެކެވެ. "ގްލޯރީ ރެންޑަވޫ" އަކީ މާލޭގައި މީގެ އަހަރެއްހާދުވަސްކުރިން ހުޅުވާފައިހުރި ވަރަށް ހައިބަތު ހުރި ފެންވަރު ރަނގަޅު ރެސްޓޯރެންޓެކެވެ. ހަމައެކަނި މުއްސަނދިންނަށް ތައްޔާރުކޮށްފައިހުރި ތަނެއް ނޫންބާއޭވެސް އެތަން ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަރާފާނެއެވެ. ތަނުގެ ރީތިކަމާއި ޑިޒައިނާއި މާހައުލު ރީތިކުރުމަށް ގެންގުޅެފައިވާ ކުލަތަކާއި ފަރުނީޗަރުތައް ޒީނިޔާއަށް ވަރަށް ކަމުދެއެވެ. އޭނައަކީ އިންޓީރިއަރ ޑިޒައިނާއި އާރޓްގެ ދާއިރާއިން މަތީ ތަޢުލީމު ހާޞިލްކޮށްގެން ހުރި މީހެއްކަމުން ތަނެއްގެ އެކަހަލަ ކަންތައްތައް އޭނަގެ ލޮލުގައި ވަރަށް ފަސޭހައިން އަޅައިގަނެއެވެ. އޭނަގެ ސަމާލުކަމާއި ޝައުޤު އެތަނަށް ދެވުނު އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.

"
ޒީ ބޭނުންއެއްޗެއް ބުނޭ. މިއީ އަސްލަމް ދޭ ކެއުމެކޭ. އެހެންވީމަ އަހަރެމެން ވިސްނާނެވެސްކަމެއް ނެތް. ދޯ އަސްލަމް." ކައިރީގައި ހުރި ގޮނޑީގައި އިން ފިރިމީހާގެ ކޮނޑުގައި ބޯޖައްސާލަމުން އުފަލާއެކު ރާއިދާ ބުނެލިއެވެ.

"
ރާއީ ގެންނަ އެއްޗެއް އަހަންނަށްވެސް އޯކޭވާނެ. އެކަމަކު ކޮންމެހެންވެސް މަށަށް ކޯކް ގެންނަންވާނެ." ފޯނަށް މެސެޖެއް އައި އަޑަށް ދަބަހުން ފޯން ނަގަމުން ޒީނިޔާ ބުނެލިއެވެ. ސަމާލުކަން ހުރީ ހަމައެކަނި ފޯނަށެވެ. ސިކުންތުކޮޅެއްގެތެރޭގައި ޒީނިޔާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން އަސްލަމްއަށްވެސް އަދި ރާއިދާއަށްވެސް ފެނުނެވެ.

"
ކިހިނެއްވީ ޒީ..........؟" ފޯނަށް ބަލާފައި އެނބުރި ރެސްޓޯރެންޓުގެ އެކި ދިމަދިމާލަށް ޒީނިޔާ ބަލަން ފެށުމުން ރާއިދާ އެހިއެވެ. ރާއިދާއަށް ހީކުރެވުނީ ޒީނިޔާއަށް އަސީލްގެ މެސެޖެއް ވިޔަސް ކޯލެއްވިޔަސް ލިބުނީ ކަމަށެވެ. އެހެންވެއްޖެނަމަ ރާއިދާ ކިތަންމެހާވެސް އުފާވާނެއެވެ.

ޒީނިޔާ އެއްޗެއް ނުބުނެއެވެ. ހަމަ ވަށައިގެން ހޯދަނީއެވެ. ވަކި އެއްޗެއް ނުބުނެ ޒީނިޔާ ދިއްކޮށްލީ އޭނަގެ ފޯނެވެ. ރާއިދާ ބަލާލުމަށްޓަކައެވެ.
"
އައި ކާންޓް ޓޭކް މައި އައިސް އޯފް ފްރޮމް ޔޫ. ވިލް ޔޫ މެރީ މީ؟ ޕްލީޒް! އަސަދު." ރާއިދާއަށް ޒީނިޔާގެ ފޯނުން ފެނުނު މެސެޖަކީ މިއީއެވެ. އެ މެސެޖް ކިޔާލާފައި އަސްލަމްއަށްވެސް ރާއިދާ އެ މެސެޖު ދައްކާލިއެވެ.

"
ކާކުމީ.....؟" އެ މެސެޖް ކިޔާލާފައި މިހެން އެހީ އަސްލަމްއެވެ.

ޒީނިޔާ އިޝާރާތް ކުރީ އެމީހުނާ ދެތިންމޭޒު ދުރުގައި ފަސް ޒުވާނުން ތިބި މޭޒަކަށެވެ. އޭގެ ތެރެއިން އެމީހަކު ހޯދާކަށް ރާއިދާ އަށްވެސް އަދި އަސްލަމްއަކަށްވެސް އުނދަގުލެއް ނުވިއެވެ. ދިއްލިފަ އިން ބޮތްކެއްހެން، ފާޑެއްގެ ހިންޏަކާއެކު ޒީނިޔާމެނާއި ދިމާލަށް ބަލަން އިނީ އެތަނުން އެންމެ ޒުވާނެކެވެ.

"
މިހާރު ދެހަފްތާ މިވަނީ ކޮންމެ ދުވަހަކު އޮފީސް ނިންމާފައި އަހަރެން ނިކުންނައިރު މަގޭ ކާރުކައިރީ އޭނަ އިންނަތާ." ފަރުވާކުޑަ ގޮތަކަށް ޒީނިޔާ މިހެން ބުނެލާފައި ރާއިދާ އަތުން ފޯން އަތުލައިގެން މެސެޖް ފޮހެލައިފިއެވެ. ވިސްނާލާކަށް ވަގުތުކޮޅެއްވެސް ނުނަގައެވެ.

"
އެހެންތަ. ނުވެސް ބުނަމެއްނު؟" ރާއިދާ ޝަކުވާ ކުރިއެވެ. އުފާވެރި ކަމެއް ސިއްރު ކުރުމުން ރަހްމަތްތެރިއަކު ހިތްހަމަނުޖެހުން ފާޅުކުރާ ރާގަށެވެ.

"އޯވހ ޓްރަސްޓްމީ، ބުނާހާ މުހިއްމުކަމެއް ނަމަ ބުނާނެ." ކުޑަ ހީލުމަކާއެކު ޒީނިޔާ ހަނދާންކޮށްދިނެވެ.

"
ގައިމުވެސް ވަރަށް ހޭންޑްސަމް. ކޮންގެއެއްގެ ކާކުތަ؟" ރާއިދާ ވަރަށް ޝައުގުވެރިވެއްޖެއެވެ.

"
ނޭނގެ މަށަކަށް. ރާއީއަށްވެސް އެނގޭވަރަށް މަށަށް އެނގެނީ. ދެންމެ މި ދެއްކި މެސެޖުން އެނގުނު އެއްޗެއް އެނގެނީ. " ޒީނިޔާ އިނީ މިރޭ ރަނގަޅު މޫޑެއްގައެވެ. އެހެން ނޫންނަމަ އެވަރަށްވެސް ޒީނިޔާ އެ ވާހަކައެއް ނުދައްކާނެކަން ރާއިދާއަށްވެސް އަސްލަމްއަށްވެސް އެނގެއެވެ.

"
އެހެންތަ. އަދި ވާހަކައެއްވެސް ނުދައްކާ ދޯ؟ ވައޮ.....މޮޅުގޮތެއް ލޯބި ހުށަހަޅަން. އެ އެހީ މެރީކުރަން ވިއްޔަ. ކީކޭ ބުނަނީ ޒީ؟ ނޯތަ؟ ޔޭސްތަ؟" އެ ރެސްޓޯރެންޓަށް އައި ބޭނުންވެސް ރާއިދާ މިހާރު ހަނދާނެއް ނެތެވެ. އޭނަގެ އެކުވެރިޔާ ކައިވެނި ނުކުރާ މައްސަލައަކީ އޭނަގެ ޙަޔާތުގެ އެންމެ ބޮޑު އެއް މައްސަލައެވެ.

"
މަށެއް ނުއުޅެން އެކަމާ ދޭތެރޭ ވިސްނަންވެސް. ތަނެއްގައި ބޯގޯހެއް ހުރިއްޔާ އަންގަން ޖެހޭނީ ގުރައިދޫއަށް. މަށަކަށް ނޫން." ފަރުވާކުޑަގޮތަކަށް މިހެން ބުނެލާފައި މެނޫގެ ގަނޑުތައް އުކަން ޒީނިޔާ ފެށިއެވެ.
"
ދެން ޒީ... އެހެން ނަހަދާ.....ނުލާހިކު ސަޅިއޭ އޭނަ.....މަށަށް ޔަގީނޭ ސްމާޓް މީހެއްކަން އެއީ. އަދި ނޭނގެއެއްނު އެއީ ކާކުކަންވެސް. ތިހާ އަވަހަށް ނޫނެކޭ ނުބުނެ ކަންސިޑަރ ކޮށްބަލަ އަދި." ޒީނިޔާއަށް ރަނގަޅު ފިރިހެނަކު ހޯދައިދޭން ރާއިދާ އަބަދުވެސް ވިސްނައެވެ. މަގެއްމަތިންވެސް ކަމުދާ މީހަކު ފެނިއްޖެއްޔާ އެމީހަކީ ކާކުތޯ ބެލިފައި ހުރި އަދަދުވެސް ނޭނގޭނެއެވެ. އަދި މިކަމާއި ހެދި އަސްލަމް އާއި އޭނައާ ދެމެދު އެތައް ބަހުސެއްވެސް ކުރެވިފައި އެބަހުއްޓެވެ.

"
ނޫނެކޭ ރާއީ...." ޒީނިޔާ ބުނިހާވެސް އެއްޗަކީ އެއީއެވެ. ޒީނިޔާގެ އަސްލަށް ރުޖޫޢަ ވަނީއޭ ރާއިދާ ހިތަށް އެރިއެވެ. އިތުރަށް އެކަމާބެހޭ ގޮތުން އެއްޗެއް ބުނަންވެސް ރާއިދާ ޖެހިލުންވެއްޖެއެވެ. އެހެންވެ ކައިރީގައި އިން ފިރިމީހާގައިގައި އިނގިލިން ކޮއްޓާލާފައި، އިޝާރާތެއް ކޮށްލިއެވެ. އޭނަ އެ ދައްކަމުންދާ ވާހަކައަށް އަތްބާރެއް އަޅާލަދިނުމަށް އަސްލަމްގެ ގާތުން އެދިއެވެ.

"
ޒީ އަހަންނަށްވެސް ފެންނަނީ ތިހާ އަވަހަށް ޖަޖް ނުކުރަން......" ރާއިދާގެ ބަދަލުގައި އަސްލަމް ވާހަކަ ދެއްކުމުން ޒީނިޔާ ލޯއަޅާލީ ރާއިދާއަށެވެ.
އެ ތިންމީހުންނަކީ އެކަކު އަނެކަކުގެ ގޮތް އެހާވެސް ރަނގަޅަށް އެނގޭ ތިން ރަހްމަތްތެރިންނެވެ. ބަސްމަދު އަސްލަމް އަކީ ރާއިދާގެ ކުސްތެޅުމަކާހެދި ނޫނީ އެކަހަލަ ވާހަކަތަކުގައި ބައިވެރިނުވާނެ މީހެއްކަން ޒީނިޔާއަށް އެނގެނީވެސް އެހެން ވީމައެވެ.

"
ސީރިއަސްކޮށް އިނގޭ ޒީ. ޒީއަށް އަހަރެމެން ހެޔޮއެދޭތީ މިވާހަކަ މިހާ ގިނައިން ދެއްކެނީ." ހަރުދަނާކަމާއެކު އަސްލަމް ބުނެލިއެވެ.

އަސްލަމް ދެއްކީ ރަނގަޅުވާހަކައެއްކަމަށް ޚުދު ޒީނިޔާއަށްވެސް ގަބޫލުކުރެވުނީ ކަންނޭނގެއެވެ. ރާއިދާ ވާހަކަ ދެއްކުމުން ނުދޭހާ ސަމާލުކަން އަސްލަމްގެ ވާހަކަޔަށް ދީގެން ކުޑަކޮށް ހީލައިގެން ޒީނިޔާ އިނެވެ.

"
ދެން ނިންމާ ކޮންމެވެސް ގޮތެއް ޒީ. ހިނގާ ކޮންމެވެސް ގަޑިއަކުން އޭނައާއި ބައްދަލުވެލަން. ކާކުތޯ ބަލާލީމަ ދޯ އެނގޭނީ. ހަމަ ވެދާނެނު ތަބަކަށް ލާފަ ފޮނުއްވީކަމަށްވެސް." ދިމާކޮށްލާކަހަލަ ގޮތަކަށް ހީލާފައި ރާއިދާ މި ދިން މަޝްވަރާއަށްވެސް ހަމަ ވަގުތުން ޒީނިޔާ ބޯހޫރާލިއެވެ. އަދި އަނެއްކާވެސް މެނޫގެ ގަނޑުތައް އުކަން ފެށިއެވެ.
"
އެބައޮތް ގޮތެއް. ހިނގާ ކައުންޓް ޑައުންއެއް ފަށަން. ފަނަރަ ދުވަހުގެ ކައުންޓްޑައުނެއް." ރާއިދާ ފޯރިއާއެކު ހުށަހެޅިއެވެ.
"
ކޮންކަމަކަށް؟ ރާއީ މޮޔަވީތަ؟" ޒީނިޔާހައިރާން ވެއްޖެއެވެ.

"
ޒީއަކަށް މީހަކު ނުހޯދުނެއްނު. ދެން އަހަރެމެން ޒީއަށް މީހަކު ހޯދަދޭނީ. އެހެންވެ މިބުނީ ފަނަރަ ދުވަހުގެ ކައުންޓްޑައުނެއްފަށަން. އަހަރެމެން ހޯދަދޭ މީހުންގެ ތެރެއިން ޒީއަށް ކަމުދާމީހަކާ މެރީކުރަން ނިންމާނީ. ކިހިނެއްވާނެ އެގޮތް." އެމީހުން ދައްކާ އެއްވެސް ވާހަކައަކުން ޒީނިޔާގެ ވިސްނުން ބަދަލުނުކުރެވުނީމަ ރާއިދާ މަޅިއެއް ޖެހިއެވެ. މިވާހަކަ އަހާފައި އަނެއްކާވެސް ޒީނިޔާ ހީލިއެވެ.
"
އެހެންތަ. އަވަހަށް ހޯދާ. މަ ހުންނާނަން ހިނިއައިސްފަ." ރާއިދާމެން އެ ދައްކާ ވާހަކައަކަށް ޒީނިޔާގެ މާ ބޮޑު ކަންބޮޑުވުމެއް ނެތެވެ.
"
ފަނަރަ ދުވަސް އިނގޭ ޒީ. ފަނަރަ ދުވަސް...." ރާއިދާ ހަނދާންކޮށްލަދިނެވެ.

"
އޯކޭ....މައްސަލައެއް ނެތް. ހިތްވަރު ބަލިވަންޏާ އަންގާލާތި ކުރީބައިގަ." ޒީނިޔާ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ.
"
ހީކުރީތަ؟ މިހާރުވެސް މީހަކު ދައްކަފާނަން. އެއިނީ އަސަދު. އަހަރެމެންގެ ފުރަތަމަ ރިކުއެސްޓް. ނޫންތަ އަސްލަމް" ރާއިދާގެ ވަހަކައިގައި އަސްލަމްވެސް ޝާމިލް ކޮށްލިއެވެ. އަސްލަމް ޝައްކެއްވެސް ނެތޭ ބުނާކަހަލަ ގޮތަކަށް ބޯ ޖަހާލިއެވެ.
"
އެންމެ ރަނގަޅު. ތިވާހަކަ ދެން ދައްކާނީ ފަހުން. މިވަގުތު ހިނގާބަލަ ކެވޭތޯ ބަލަން. ހާދަ ބަނޑުހައިވެޔޭ އެބަ." ދުވަސްވީ ތިން ރަހްމަތްތެރިންވެސް މޮޅު ކެއުމެއް ކާލުމުގެ ގަސްދުގައި މެނޫހާވަން ފެށިއެވެ.

ހަފުތާއެއްގައި އިންނަނީ ބަރާބަރު ހަތްދުވަހެވެ. ފަނަރަ ދުވަހަކީ ދެހަފުތާއާއި އެއް ދުވަހެވެ. ފަނަރަ ދުވަސްތެރޭގައި ކިތައް ފިރިހެނުން އޭނަގެ ހަޔާތަށް ތަޢާރަފްވާނެ ބާއޭ ޒީނިޔާ ހިތަށް އަރައެވެ. އެ އަދަދު ގިނަ ކުރަން ރާއިދާ އާއި އަސްލަމްއަށް ކުރެވުނު ވަރެއް ކުރާނެކަން ޒީނިޔާއަށް އެނގެއެވެ.
ޒީނިޔާގެ ގާތަށް އައީ ލުއި ހިންޏެކެވެ.

އެ ކައުންޓްޑައުނެއް ފެށިފަހުން މިވީ 3 ދުވަސްތެރޭގައި އަދި ހަމަ އެކަކުވެސް އެމީހުންނަށް އޭނައާއި ހަމައަށް ގެނެސްދެވިފައެއް ނުވެއެވެ. އަސަދު ފިޔަވައެވެ. އެއްގޮތަކުން ބަލާއިރު އަސަދު އަކީ އެމީހުން ގެނެސްދިންމީހެއްވެސް ނޫނެވެ. އެއީ އަމިއްލައަށް އައި މީހެކެވެ. ދިމާނުވާ ހަމަ އެންމެ ދުވަހެއްވެސް ނުދެއެވެ. އެހެންނަމަވެސް އަދި ގޮވާވެސް ނުލައެވެ. އުނދަގުލެއްވެސް ނުކުރެއެވެ. ނުވެސް ގުޅައެވެ. ހަމަ ފެންނަހާ ތަނަކުން ބެލުން ނޫން ކަމެއް ނުކުރެއެވެ. ތަފާތެއްވިނަމަ ވީހާވެސް ކަމަކީ ކުރިއަށްވުރެ ގިނައިން ފެނުމެވެ. ދާ ކޮންމެތަނެއްގައިކަހަލަ ގޮތަކަށް އަސަދު ހުރެއެވެ. އެކަން އަސަރު އެ ކުރަނީ ކިހިނެއްކަމެއް އެއްގޮތަކަށްވެސް ޒީނިޔާގެ ވިސްނުމަކަށް ނާދެއެވެ.

ޒީނިޔާވެސް އަޅައެއް ނުލައެވެ. އޭނައަށް ރަނގަޅީވެސް އެ ފަނަރަ ދުވަސްވެސް އެގޮތަށް ދިޔައިއްޔާއެވެ. އޭރުން ރާއިދާމެނަށްވެސް ކަމެއް ނުކޮށްދެވުނުކަމަށް ބުނާނެ ޖާގަ އޮތުމުގެ އިތުރުން ވަރަށް ފަސޭހަ ކަމާއެކު އަސަދުވެސް ކަމުނުދާކަމަށް ބުނެފައި އެދެމީހުންގެ ލެކްޗަރުތަކުން އޭނައަށް ސަލާމަތް ވެވޭނެތީއެވެ. އެ ދުވަހަކުން ހޭން ޒީނިޔާ ހުންނަނީ ތައްޔާރު ވެގެންނެވެ.
** ** ** ** **
"
ހުވަފެނެއްގައިތަ؟" ޒީނިޔާގެ އޮފީސް ކޮޓަރިއަށް އައިސް ވަނީ އިގްބާލެވެ. އޮފީހުގެ އެއް މެނޭޖަރެވެ.
"
ނޫނޭ....މި....ކަމަކާއި ވިސްނާލީ" ކިތަންމެ ގާތް ގޮތަކަށް އިގްބާލް ވާހަކަ ދެއްކި ކަމުގައި ވިޔަސް އެ ދެމެދުގައި އޮންނަން ޖެހޭ އިޙްތިރާމަށްޓަކައި ޒީނިޔާވެސް ގޮނޑިން ތެދުވެލާފައި ވާހަކަ ދެއްކިއެވެ.

"
އެހެންވަނީދޯ. ހޭލާއިންދާވެސް ހުވަފެން ފެންނަންޏާ ތިހެންވެސް ވާނެ. ކޮބާ ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިއްޖެތަ؟ ކޮންއިރަކުން ފްލައިޓް އޮތީ." ގޮނޑީގައި އިށީންނަމުން އިގްބާލް ވާހަކަ ދެއްކިއެވެ. ހީލުމަކާއެކުގައެވެ.
"
މާދަން ހެނދުނު ހަތެއްގެ ފްލައިޓަށް ޖާގަ ލިބުނީ. މިހަމަ އެންމެ ފަހުގެ ތައްޔާރީތައް މިވެލަނީ. ހުރިހާކަމެއްވެސް ހަމަ ރަނގަޅަށް ރޭވިފައި އޮތީ." ޒީނިޔާވެސް ޖަވާބުދީފައި އިށީނެވެ.

"
ތިކަމަކާ ދޭތެރޭ އަހަރެން ޝައްކެއްވެސް ނުކުރަން. ޒީނިޔާގެ ބެލުމުގެ ދަށުން ދާ ކަމަކާ އަހަރެން މާބޮޑަށް ވިސްނާކަށްވެސް ނުޖެހޭނެ. އެކަމަކު ބުނަން. ތި ދަނީ އައްޑޫއަށް. ތަންކޮޅެއް ވިސްނާލައިގެން އުޅޭތި. ނަމަނަމަ އެއްވެސް މީހަކު ދައްކާ ހުވަފެނަކަށް ނުހެއްލި ސަލާމަތުން އެނބުރި އާދެވޭތޯ ބަލާތި." އިގްބާލް ދިނީ ނަސޭޙަތެކެވެ. ޒީނިޔާގެ މަސައްކަތަށް ކުރި ނުސީދާ ތަޢުރީފާ އެކުގައެވެ.
"އޮފް ކޯޒް." ޒީނިޔާގެ ޖަވާބު ކުރުވެފައި ޔަގީންކަން ބޮޑެވެ.

"
ހެރެތެރޭގައި މަޑުކުރިޔަސް، ވަގުތެއް ލިބިއްޖެއްޔާ ރަށުތެރެ ބަލާލަން ދިއުން އެއީ ހަމަ ރަނގަޅު ކަމެއް. ބޭނުންވެއްޖެއްޔާ އަންގާލާތި މި ކޮޅަށް. ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސާލަދޭނަން. ބޭނުމިއްޔާ ކާރެއްވެސް ހަމަޖައްސާލަދެވިދާނެ. ޔޫ ކޭން ގޯ ފޯރ ރައިޑްސް އޮން ޔޯރ އޮއުން އޭރުން." އިގްބާލް ހިނގައްޖެއެވެ.

"ނޯ އިޓްސް އޯކޭ. ބޭނުންވެއްޖިއްޔާ ބުނާނަން."  ޒީނިޔާ ހިނިތުންވެލިއެވެ.

މީހުންނާއި ކުރިމަތިލައި މީހުންގެ ތެރެއަށް ނުކުމެ ކުރަން ޖެހޭ ހުރިހާ ކަމެއްގައި އޭނަގެ އޮފީހުން އެކަންތައް ކުރަން އެ ހުންނަ ޒުވާން އަންހެންކުއްޖާގެ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހި ހުރެގެން މެނޭޖަރު ހިނގައްޖެއެވެ. ފަޚުރުވެރިކަމާއެކުގައެވެ. ހަމަ އެކަނި މާރކެޓިންގ އަށް ޚާއްޞަވެގެން ރާއްޖޭގައި ހުޅުވުނު ހަމައެކަނި ކުންފުނިކަމަށް ވުމުން އޭރު އިގްބާލްގެ ހިތުގައި އަބަދުވެސް ބިރެއް އޮތެވެ. ނަމަވެސް މިހާރު، އޭނައަށް އެ ކުންފުނި ފެށުނުލެއް މާ ލަހޭ ހީވާފަހަރުތައްވެސް އާދެއެވެ.
އެ އަންހެންކުއްޖާ ނެތްނަމަ ކުންފުނިވީހީ ވައިގެ ތެރޭގައި އެޅުނު ގަނޑުވަރަކަށްކަން ކަށަވަރެވެ.
** ** ** ** **
"
އާސްތޫ.......އެބަހުރި ކޮންމެވެސް ކުއްޖަކު ހޯދަން އައިސް. ކީކޭ ބުނަންވީ؟" މާދަމާ އެރަށަށް ގޮސް ދޭންޖެހޭ ޕްރެޒެންޓޭޝަން އަދިވެސް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތުގައި އިންދާ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލާފައި ހުސްނާއްތަ މިހެން ބުނެލިއަޑަށް ޒީނިޔާއަށް ޖެހުނީ އެ މަސައްކަތް ހުއްޓާލާފައި ތެދުވާށެވެ.
"
މިދަނީ....." ފައިލްތައް ޔޫއެސްބީ ހާޑަށް އަޅަން ޖައްސާލާފަ އެންމެ ފަހުބަޓަނަށް ފިއްތާލަމުން ޒީނިޔާ ގަޑި ބަލާލިއެވެ.

އެހެރަ ރޭގަނޑުގެ އެގާރަ ޖަހަނީއެވެ. މިގަޑީގަ އޭނަ ހޯދަން އަންނާނީ ކާކުހެއްޔެވެ؟ ރާއިދާ ނަމަ ގޮވާދޭށޭ ނުބުނާނެއެވެ. ސީދާ އަންނާނީކޮޓަރިއަށެވެ. އަސްލަމް ނަމަ ހުސްނާއްތައަށް އެނގޭނެއެވެ. ކުއްޖެކޭ ނުބުނާނެއެވެ. އެހެންވެއްޖިއްޔާ އެ ވާނީ ރާއިދާއާއި އަސްލަމްގެ "15 ދުވަހުގެ ޕްރޮޖެކްޓް" ގެ ދަށުން ފޮނުވި މީހަކަށެވެ. އެކަމަކު މިއީ ކޮން ގަޑިއެއްހެއްޔެވެ؟ ބުނެވެސް ނުލާ އެގޮތަށް މީހުން ފޮނުވަން ވާނެހެއްޔެވެ؟

ކޮޓަރިން ނިކުމެގެން ދިގު ކޮރިޑޯގެ ތެރެއިން އައިއިރު އެ މީހަކީ ކާކުބާވައޭ ޒީނިޔާ އައީ ވިސްނަމުންނެވެ. ކޮރިޑޯ ފަސްދީ އައިސް ސިޓިންރޫމަށް ނިކުމެވުނުއިރު ފުރަތަމަވެސް ޒީނިޔާއަށް ފެނުނީ ސިޓިންގރޫމްގެ ސޯފާއެއްގައި އިށީނދެ އިން ފިރިހެނެކެވެ. ފެންނަނީ ފުރަގަސްކަމުން ޒީނިޔާއަކަށް އެއީ ކާކުކަމެއް ނޭނގުނެވެ. ޖެހިލުންވެހުރެ ކުރިއަށް ޖެހި ބަލާލިއެވެ.

"
އަސަދު...........؟" އަސަދުއަށް ޒީނިޔާ ފެނުމުގެ ކުރިން ޒީނިޔާއަށް މިހެން ބުނެވުނު އަޑަށް އަސަދު އިންތަނުން ތެދުވިއެވެ.

ކޮންމެ ދުވަހަކު އޭނަގެ ކާރުކައިރީގައި އިނުމުގެ އިތުރަށް އަސަދު މިހާތަނަށް ކުރިހާވެސް ކަމަކީ އެދުވަހު އެ ރެސްޓޯރެންޓް ތެރެއިން ފެނިފައި އޭނައަށް އެ މެސެޖް ކުރުމެވެ. އޭގެފަހުން ހަމަ އެއްވެސް މެސެޖެއްވެސް އަދި އެންމެ ފޯންކޯލެއްވެސް އަސަދު އޭނައަކަށް ނުކުރެއެވެ. އެ މެސެޖްގެ ފަހުންވެސް ކޮންމެ ދުވަހަކުވެސް އޭނަ އޮފީސް ނިމޭގަޑީގައި އެތާގައި އިނދެއެވެ. ދުވަހަކުވެސް އޭނައާއި ވާހަކަދައްކަންވެސް މަސައްކަތެއް ނުމެކުރޭމެއެވެ. ކިތަންމެ ބަލާލަން ހިތްގައިމުވިޔަސް، އަސަދު އަކީ ސިކުނޑީގެ އުނިމީހެއްކަމަށްވެސް އޭނައަށް ބައެއްފަހަރު ނިންމިފައި ވެއެވެ. އެކަމަކު އެ އަސަދު......މިރޭ އެ އިނީ އައިސް އޭނަގެ ސިޓިންގ ރޫމްގައެވެ. ރާއިދާމެނަށް ހަމަ ހަގީގަތުގައިވެސް އަސަދު ނޫން މީހަކު ނުފެނުނީތާއެވެ. އެންމެ ފަހުން އެ ފޮނުވީ އޭނާގެ ގެއަށެވެ. ޒީނިޔާ ހަމަ ހައިރާން ވިއެވެ.

"
ޒީނިޔާ.....!" ޒީނިޔާގެ އަޑު އިވުމާއެކު އަސަދު ތެދުވެފައި ސަލާމްކުރަން އަތްދިއްކުރިއެވެ. ކޮންމެވެސް ވަރެއްގެ ޖެހިލުންވުމަކާއެކުވެސް އަސަދުގެ ދެލޮލުގައި ހުރީ ހިތަށް ފިނިވެގެން ދާފަދަ އަސަރެކެވެ. ތިމާ އިންތިހާއަށް ލޯބިވާ މީހަކު ޒަމާންތަކެއްފަހުން ފެންނަ ވަގުތު ހުންނާނެ ފަދަ ޝައުޤެއް އަސަދުގެ ލޮލުން ފެނެއެވެ. އެހެންނަމަވެސް އަސަދުގެ އެ އަތުގައި ޒީނިޔާ ނުހިފައެވެ. އޭގެ ބަދަލުގައި ދެއަތްވެސް ލީ ފުރަގަހަށެވެ.
"
އަސަދު......މިގެއަށް ކޮން ކަމަކު.؟" އަސަދުކައިރީ އިށީންނާށެކޭވެސް ބުނަން ޒީނިޔާ ހަނދާނެއް ނުވިއެވެ. ޒީނިޔާވެސް ހުރީ އަސަދުއާއެކު ކޮޅަށެވެ.

"
މާދަން ހެނދުނުން ޒީނިޔާ ފުރަންއުޅޭކަން އެނގުނީ ހަމަ ދެންމެއަކު. އެހެންވެ ފުރުމުގެ ކުރިން ބައްދަލުކޮށްލަން ބޭނުންވީ. އެނގޭ އެކޮޅުގަ ވާނީ އެންމެ ހަތަރުދުވަސްކަންވެސް. އެކަމަކު އެންމެ ދުވަހަކުވެސް ޒީނިޔާ ނުފެނިއެއް އަހަންނަކަށް ނުހުރެވޭނެ. މަސައްކަތަށް އުނދަގޫވާނެހެން ގުޅާކަށްވެސް ބޭނުމެއް ނޫން. އެހެންވެ ........." ދެއަތް ދެއަތާ އުނގުޅައުނގުޅާ ހުރެ އަސަދު ވާހަކަ ދައްކަންފެށިގޮތުން އެއީ ފަރިތަކޮށްގެން އައި ވާހަކަތަކެއް ކިޔާލަނީބާވައޭވެސް އަޑުއިވުނު މީހަކުގެ ހިތަށް އަރާނެއެވެ. އެ ވާހަކަ ވަކިހިސާބަކުން ހުއްޓާލިއެވެ. އަސަދުގެ މޫނުން ޒީނިޔާއަށް ފެނުނީ ޖެހިލުންވުމުގެ އަސަރުތަކެވެ.

އަސަދުއަކީ އަނެއްކާ ކޮންކަހަލަ ޒުވާނެއްހެއްޔެވެ. އަހަރެން ފުރުމަކުން އަސަދުއަކާ ކީއްހެއްޔެވެ؟ ދުނިޔެމަތިން މިވަރުގެ ހައިރާންކަމެއް އަދި އޭނަ ނުދެކެއެވެ. ހަމަ ހަގީގަތުގައިވެސް އޭނައަށް އެ އަޑުއިވުނީ އަސަދު ދެއްކި ވާހަކަބާވައެވެ؟ ނޫނީ އޭނައަށް މިހުރެވުނީ ކޮއްޅަށްހުރެ ނިދާފައި ބާވައެވެ. ހުވަފެނެއްގައިބާވައެވެ.

"އެކަމަކު އަހަންނަކަށް ނުވިސްނޭ......" ވިސްނަންވީކޯޗެއްކަންވެސް ޒީނިޔާއަކަށް ނުވިސްނުނެވެ.
ސުވާލުގެ ބެލުމަކުން އަނެއްކާވެސް ބަލާލެވުނީ ކުރިމަތީގައި ހުރި ރީތި ޒުވާނާއަށެވެ.
** ** ** ** **
އަސަދު އެގެއިން ދިޔަތާ އިރުގަނޑެއް ފަހެވެ. އަމިއްލަ ކާރުގެ ބަދަލުގައި ޓެކްސީ އަކަށް ގުޅައިގެން ޒީނިޔާ ދިޔައީ ރާއިދާމެންގެއަށެވެ. ރާއިދާގެ އެޕާޓްމަންޓް ބެލް އަޅާލާފައި ހުޅުވަންދެން އެ ހުރި ވަގުތުކޮޅުވެސް ޒީނިޔާއަށްޓަކައި ހައެއްކަ އަހަރުހާ ދިގުވިއެވެ.
"ވަރަށް އުފަލުން ދޯ ތިހިރީ." އަސްލަމް ހުޅުވި ދޮރުން ވަދެވުމުގެ ކުރިން އަސްލަމްގެ ފަހަތުގައި ހުރި ރާއިދާއާއި ދިމާލަށް ޒީނިޔާ ބުނެލިއެވެ. ލޯއަޅާލަމުންނެވެ.
" ކިހިނެއްވީ ޒީ؟" ބެލްޖެހިއަޑަށް ބަދިގޭގައި ހުރެފައި ރާއިދާ އައިސްހުރީ އަތްފޮހޭ ފޮތިގަނޑުވެސް ހިފައިގެންނެވެ.
"
ކޮންމެހެން އޭނަ އަހަރެމެން ގެއަށް ނުފޮނުވިއަސް ވެދާނެނު؟" ޒީނިޔާ ހުރީ ހިތްހަމަނުޖެހިފައިކަން އެ ހިސާބުން ރާއިދާއަށްވެސް އެނގުނެވެ.
"ކާކު..........؟ އަނެއްކާ ކާކުތިގެއަށް ދިޔައީ، އަސީލްތަ؟" އެހެންވެއްޖެނަމަ ރާއިދާ ވާނީ އުފާކަން ރާއިދާގެ އެ އަޑު ހެކިވިއެވެ. އަސީލްކަމަށްވެއްޖިއްޔާ އެއީ ހާދަހާ ވާ ބޮޑު އުފަލެކޭ ރާއިދާގެ ހިތަށް އެރިއެވެ.
އަސީލްގެ ނަން އިވުމާއެކު ޒީނިޔާގެ ގައިން ބާރު ދޫވިކަހަލައެވެ. ހިތުގެ ހިނގުން ދިހަގުނައަށް އަވަސްވިއެވެ. އެހެންނަމަވެސް ހަމަ އެހާ އަވަހަށް ހަމަޖެހިލިއެވެ.
"
ދެން ކީއްކުރަން ނޭނގޭ ކަމަށް ތި ހަދަނީ. އެކަމަކު ގެއަށް ފޮނުވުމުގެ ކުރިން ބުނެލިނަމަ. އަނެއްކާ އެގާރަ ޖަހާބޮޑުވެއްޖެޔޭ އޭނަ ދިޔައިރު." އަސީލްގެ ނަން އަޑުއިވުމުން ވީ ގޮތް ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ޒީނިޔާ ބުންޏެވެ.

"
އަނހަނ. ކާކުހޭ ދިޔައީ ތިގެއަށް؟" ރާއިދާ އަނެއްކާވެސް ސުވާލުކުރިއެވެ.

"
އަސަދު. އެނޫން ދެން ކާކު؟ އެ ނޫން މީހަކު ރާއީއަކަށް ނުވެސް ދެއްކުނެއްނު. އޭނަ ދެންމެ އަހަރެންގެ ގެއަށް އައިސްފައޭ އެދިޔައީ." ޒީނިޔާގެ މޫނަކުން ރާއިދާއަށް ހަމަ އެކައްޗެއްވެސް އެނގޭވަރެއް ނުވެއެވެ.

"
އުނހުނ އުނހޫ....! އަހަރެން ނުފޮނުވަން އޭނަ ތިގެއަކަށް. އަހަރެން ކިހިނެއް އޭނަ ތިގެއަށް ފޮނުވާނީ. ކުރީ ދުވަހުވެސް ގޮވާލީމަވެސް އޭނަ އަނގައިންވެސް ނުބުނި. މަންމަން ސޮރެއްކަމަށް ނިންމައިގެން އަހަރެން މިހުންނަނީ އޭގެ ފަހުން. އެހެން ނޫނަސް ޒީގެ ހިޔަނި ފަހަތުން އުޅޭ މީހަކު ދާނެ ދޯ ޒީމެންގެޔަށްވެސް. ދެން ކޮބާ މައްސަލައަކީ؟ ރަނގަޅަކަށްނޫންތަ މިދަނީކީ" ދެއުކުޅުގައި އަތްވިދެލާފައި އެއްފަހަރު އަސްލަމްއަށް އަނެއްފަހަރު ޒީނިޔާއަށް ބަލަމުން ރާއިދާ އަހާލިއެވެ.

"
ދެން ނޭނގެ....." އެންމެ ފަހުން ޒީނިޔާ ސޯފާގައި އިށީނދެއްޖެއެވެ. ކޮންމެވެސްކަމަކާއި އުނދަގޫވެފައި އިންކަހަލަ ގޮތަކަށެވެ.

"
ކިހިނެއްތަވީ ޒީ....؟؟؟" ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިހްސާސް ރާއިދާއަށް ކުރެވިއްޖެއެވެ. ރާއިދާ ކުރި ސުވާލަށް ޖަވާބުދިނުމަށްޓަކައި ޒީނިޔާ އިސްއުފުލިއިރު ކުރިމަތީގައި އަސްލަމް ހުރިތަން ފެނިގެން ބުނަން އުޅުނު އެއްޗަކަށް ޒީނިޔާ އުޒުރުވެރިވިތަން އަސްލަމްއަށް ފެނުނެވެ.
"
ކޮފީއެއް ގެންނަންތަ؟" އެތަނުގައި އޭނަ ހުރުން ބުއްދިވެރިނޫންހެން ހީވެގެން އެތަނުން ދިއުމަށްޓަކައި އަސްލަމް ބަހަނާއެއް ހުށަހެޅިއެވެ.
ނަމަވެސް އެ ދެއަންހެންކުދިންވެސް އަސްލަމްގެ ސުވާލަށް ޖަވާބެއް ނުދިނެވެ. ރާއިދާގެ އަތުގައި ހިފައިގެން ޒީނިޔާ ވަދެގެން ދިޔައީ ރާއިދާގެ އެގޭގައި ހުހަށް ހުންނަ ދެވަނަ ކޮޓަރިއަށެވެ. އަދި ވަދެ ދޮރުވެސް ލައްޕާލީއެވެ. އަސްލަމް ހަމަ ބަލަން ހުރީއެވެ.
"ރާއީ، އަސަދުއަކީ އަހަންނަށްވުރެ ޅަ ކުއްޖެއް. ހަތަރު އަހަރު ހަގު" ވަރަށް ބޮޑު ވާހަކައެއް ބުނަން އުޅޭ މީހަކު ފަދައިން ޒީނިޔާ ބުނެލި މިވާހަކަ އެއްވެސް ވަރަކަށް ރާއިދާއަށް މުހިއްމެއް ނުވިއެވެ.
"
އެކަމަކާ ޒީއަކާ ކީއް؟ ޒީ އޭނައާއި ވާހަަކ ދައްކަން ބޭނުން ނުވަންޏާ ހަމަ ދިމާލަށް ބުނެފަ ނިންމާލާ. ކީއްވެ ހާސްވަނީ؟" ޒީނިޔާ އެހެން ބުނަން ޖެހުނު ސަބަބެއް ރާއިދާއަށް ނުވިސްނޭތީ އެހިއެވެ. ކުޑަކޮށް ހިނިވެސް އައިމެއެވެ.
"މިހާ ދުވަސްވަންދެން މިހެން ހުރެފަ ކިހިނެއް އެކަހަލަ ކަމެއް ކުރާނީ. އަހަރެން ކައިވެންޏެއް ކުރަންވެސް ބޭނުން. މީހުން ކިޔާ އެއްޗެހި އަހަންނަށްވެސް އަޑުއިވޭ. އަބަދަކު މިހެން އުޅޭކަށް ބޭނުމެއް ނޫން. އެކަމަކު އަހަންނަށްވުރެ ހަތަރުއަހަރު ހަގުމީހަކާއެކު ކިހިނެއް އުޅޭނީ؟" ޒީނިޔާ ވާހަކަ ދައްކަނީ ވަރަށް މަޑުމަޑުންނެވެ. ހުވަފެނީ ދުނިޔެއެއްގައި އިނދެގެން ވާހަކަ ދައްކާ މީހަކު ފަދައިންނެވެ. ރާއިދާ ހައިރާންވިއެވެ. ޒީނިޔާއަށް އެހާ ބޮޑު ބަދަލެއް ކުއްލިއަކަށް އައިސްފަ އެހެރީ ކީއްވެގެން ހެއްޔެވެ؟
ތެދެކެވެ. ޒީ ކައިވެންޏެއްކުރަން މިހާރުވެސް މާ ލަސްވެއްޖެއެވެ. އެކަމަކު އަސަދުގެ އަންބަކަށް ވާށޭ ޒީނިޔާ ކައިރީ ބުނީ ކާކުހެއްޔެވެ؟ އަސަދުއާއިއެކު އުޅެން ޒީނިޔާ ވިސްނަންވީވެސް ކީއްކުރަންހެއްޔެވެ؟ އަސަދުއަކާ ޒީއަކާ ގުޅުމެއް އޮތީކީވެސް ނޫނެވެ. ދެން ހަމަ އެންމެ ފަހަރަކު އަސަދު އެގެއަށް ދިއުމުން ޒީ މިހާ ކަންބޮޑުވާން ޖެހޭ ހެއްޔެވެ؟ އެއީ ޒީނިޔާއާއި ވައްތަރު ގޮތެއް ނޫނެވެ.
"އެކަމަކު ޒީ ކައިރީ އެކަކުވެސް ނުބުނެއެއްނު އަސަދުއާއި މެރީ ކުރާށޭ. ތިހީކުރަނީ އެއީ އަހަރެން ޒީގެ ފަހަތުން ފޮނުވި މީހެއް ކަމަށްތަ؟ އަހަރެން ދަންނަވެސް މީހެއް ނޫނޭ އެއީ ޒީ." ހީލަމުން ރާއިދާ ޔަގީންކަން ދިނެވެ.
"އެނގޭ." ޒީނިޔާގެ ޖަވާބު ކުރެވެ. ރާއިދާއާއި ދޭތެރޭ ޒީނިޔާގެ ހިތުގައި ޝައްކެއްވެސް ނެތެވެ.
ޒީނިޔާގެ ޢަމަލާއި ބަސްތައް ހުރިގޮތުން ރާއިދާއަށް ވިސްނުނު އެއްޗެއްގެ ސަބަބުން ކުއްލިއަކަށް ދެލޯބޮޑުވެގެން ދިޔައެވެ. ޒީނިޔާއަށް ވެގެން އުޅޭގޮތް ރާއިދާއަށް ވިސްނުނީ ހަމަ ކުއްލިއަކަށެވެ.
"ޒީ........އަހަންނަށް މި ހީވީ ރަނގަޅަށްތަ؟" ޒީނިޔާގެ ދާދި ގާތުގައި އިށީންނަމުން ރާއިދާ އަހާލިއެވެ. އޭނައަށް ހީވިގޮތް އެއީ ޙަގީގަތަކަށްވުން އެދިއެދި ހުރެއެވެ.
އިރުކޮޅެއްވަންދެން ޒީނިޔާ ހަމަ ގުޑާވެސް ނުލާއިނެވެ. އެހެން އިނދެފައި ދެން ފެނުނީ ޒީނިޔާ ބޯ ޖަހާލި ތަނެވެ. ކުށެއް ކުރެވުނުކަމަށް އިޢުތިރާފްވާ ފަދައަކުންނެވެ. އަދި އިސްއުފުލާފައި ލޮލުން ފޭދިފައި ހުރި ކަރުނަތައް ޝަހާދަތް އިނގިލީގެ ބޭރުފަރާތުން ޖައްސައި ފޮހެލިތަނެވެ.

"އެކަމަކު ޒީ......... ޒީ ނުވެސް ދަންނަމެއްނު އޭނަ. ޒީއަކާ އެއްވެސް......." ރާއިދާ ބުނަން އުޅުނެވެ.
"
ޕްލީޒް ސްޓޮޕް. ކޮންމެވެސް ހިސާބަކުން އަހަރެންވެސް އެބަޖެހޭ ހުއްޓެން. އެންޑް އައި ތިންކް ދިސް އިޒް އިޓް." ރާއިދާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވީ ޒީނިޔާއެވެ.
"އެކަމަކު ކީއްވެ ޒީ؟ ކީއްވެ ކުއްލިއަކަށް؟" ކޮންމެ ގާތް ރަހްމަތްތެރިޔަކުވެސް އެމީހަކުގެ ރަހްމަތްތެރިޔާ ކަމަކުން ގުރުބާން ވާން އުޅޭނަމަ އެކަމެއް ހުއްޓުވަން މަސައްކަތް ކުރާނެއެވެ. ޤުރުބާން ވުމާއި އަމިއްލަ ހިތުގެ އުފަލަށް ކުރަން އުޅޭކަމަކާއި ހާސްބައި ތަފާތުވާނެއެވެ.
"ހަމަ ނޭނގެނީތަ؟ އައި ކާންޓް ލަވް އެނީވަން ރާއީ. އެއްވެސް މީހަކު ދެކެ ލޯބިވެގެނެއް ދެން އުޅޭކަށް ބޭނުމެއް ނޫން. ނުވެސް އުޅެވޭނެ. އެހެންވެ އަހަރެން ދެކެ ލޯބިން އުޅޭ މީހަކާ ހިސާބުން އަހަރެން އެބަޖެހެއެއްނު ނިންމަން. އެހެންވެ. އިނަފްއެއް ނޫންތަ އެ ރީޒަން." ޒީނިޔާއަށް ބޮޑުކޮށް ރޮވުނެވެ.
ރާއިދާ އަވަހަށް އެކުވެރިޔާގެ ކޮނޑުގައި ހިފާ ގަޔާކައިރިކޮށްލާ ބައްދާލިއެވެ.
"އެކަމަކު ޒީ، ޒީއަށް ނުވެސް އެނގޭ އަދި އޭނަ. ނުވާނެ ތިކަހަލަ ނިންމުމެއް ނިންމާކަށް." ރާއިދާގެ ހިތަށް އެންމެ އުނދަގޫވަނީ އެއީ ކާކުކަން ނޭނގޭތީއެވެ. އެމީހަކަށް ޒީގެ ކާރު ކައިރީ އެހާ ގިނައިރު އިންނަން ވަގުތު ލިބޭކަމަށްވާނަމަ އެއީ ވަޒީފާއެއްވެސް ނެތް މީހެއްކަމަށް ރާއިދާއަށް އޮތީ މާ ކުރިން ގަބޫލުކުރެވިފައެވެ.

"
ކާކަށްތަ ކާކު އެނގެނީ ރާއީ. އެއްވެސް މީހަކަށް އަނެއް މީހާ ދުވަހަކުވެސް ނޭނގޭނެ. ތިއެނގުމެއް އެނގުނީމަވެސް ވީ ކަމެއް ނެތް. އަސަދުގެ ސްޓައިލް އަހަންނަށް ކަމުދޭ. އޭނައަކީ އަހަރެން ދުށް އެހެން ފިރިހެނުން ކަހަލަ މީހެއް ނޫން. އޭނަ ނުއުޅޭ އޭނަގެ ހުސްވަގުތު ފުރާލާ ކުޅިވަރަކަށް އަހަރެން ހަދާކަށް. އަހަންނަށް އެކަން ވަރަށް މުހިއްމު." ހަރުދަނާކަމާއެކު ޒީނިޔާ ބުންޏެވެ.
އެހާ އަވަހަށް ޒީނިޔާއަށް އެކަން އެނގުނީ ކިހިނެއްބާއޭ ރާއިދާގެ ހިތަށް އެރިނަމަވެސް ވަގުތުގެ ގޮތުން އެހެނެއް ނުއެއް އަހައެވެ.
" އެއީ ވަރަށް އެހެން ކަހަލަ މީހެއް. އަދި މިހާތަނަށް އަހަރެން ނުދެކޭ ސްޓައިލެއްގެ މީހެއް. މިހާތަނަށްވެސް އޭނަ އަހަންނަކަށް ދުވަހަކުވެސް އުނދަގުލެއް ނުކުރޭ. އެތާ ސައިކަލް މަތީގައި އިނުން ފިޔަވައި އިތުރުކަމެއް ނުކުރޭ. ވެދާނެ ވަޒީފާއެއްވެސް ނެތީމަކަމަށްވެސް. ވެދާނެ ލަޓޯފަޓޯއަކަށްވެސް. އެކަމަކު އަހަރެންނަށް ފުދޭވަރަށް އަހަންނަށް ލާރި ލިބޭ. އަހަންނަށް ގަބޫލުކުރެވެނީ އަހަރެން ކަހަލަ މީހެއްގެ ފަހަތުން އުޅޭކަމަށްވާނަމަ އޭނަ ހޯދާނެކަމަށް އެކަމަށްވެސް ހައްލެއް. ދެން އެ ފޮނުވީ އެއްކަލަ މެސެޖް. ރާއީއަށް އެނގޭތަ......އޭނަ އޭގެ ފަހުންވެސް ކުރިންވެސް އަހަންނަށް މެސެޖެއް ނުކުރޭ." ރާއިދާ އާއި ދިމާލަށް އެނބުރި އިނދެ ކަރުނައިގެ ތެރެއިން ބައެއްފަހަރު ހިނިތުންވަމުން ބައެއްފަހަރު ކަރުއެލުވާލަމުން ޒީނިޔާ ދައްކަމުން ދިޔަ ވާހަކައިން ރާއިދާގެ ހިތަށް އަރާ ވާހަކަތައް ގިނައެވެ. އަޑުވީއްލާ އެއިން އެންމެ އެއްޗެއްވެސް އެކަމަކު ރާއިދާ ނާހައެވެ.
" އޭނަ އުޅެނީ ދުރުދުރުން. އޭނަ އަހަރެންގެ މިނިވަންކަމަށް އަރައިނުގަނޭ. އަހަރެންނަކީ މުދާގަނޑެއްކަމަކަށްވެސް އޭނަ ނުދެކޭ. އަހަރެން ގަންނާކަށް އޭނަ ނޫޅޭ، ރާއީއަށް އެނގޭތަ އޭނަ މިރޭ އައީ ކީއްކުރަންކަން. އޭނަ ބުނީ އޭނަ އައީ.......އެ ހަތަރު ދުވަސްތެރޭ ވާނީ ކިހިނެއްކަމެއް ނޭނގޭތީ ވަކިވުމުގެ ކުރިން ކޮންމެ ގޮތެއް ވިޔަސް އޭނަ ބޭނުންވެޔޯ އަހަންނަށް އަންގަން އޭނަ އަހަރެން ދެކެ ވަރަށް ލޯބިވާކަން. އަހަރެން އަންނަންދެން ތިމަންނާ އިންތިޒާރުގައި ހުރިކަން ބުނެލަން ވެގެންނޯ. ހަމަ އެކަނި އެ ވާހަކަ ބުނެލަން އޭނަ އަހަރެންގެއަށް އެއައީ. ބުނެބަލަ. ދެން އަހަރެން ކިހިނެއް ހަދާނީ." ޒީނިޔާގެ ލޯ އަނެއްކާވެސް ފެންކަޅިވާން ފެށިއެވެ.
ހައިރާންވެ އަންތަރީސްވެފަ އިނދެގެން ޒީނިޔާގެ ވާހަކަތައް އަޑުއަހަމުން ރާއިދާ ދިޔައެވެ. ޒީނިޔާއަށް އައިސްފަ އެހެރަ ބޮޑު ބަދަލާއި ދޭތެރޭވެސް ރާއިދާއަށް ނުވިސްނައެއް ނީނދެވެއެވެ.
އަސްލުވެސް ޒީނިޔާއަށް އަސަދާއި ގަޔާ ވެވުނީ ހެއްޔެވެ. ޒީނިޔާއާއި ދުރުދުރުން އުޅޭތީއާއި މިނިވަންކަމަށް އަރައިނުގަންނާތީ ހެއްޔެވެ. އޭނަގެ މައްޗަށް ބާރުފޯރުވަން މަސައްކަތް ނުކުރާތީ ހެއްޔެވެ. އެހެންވީމަ ޒީ ބޭނުންވަނީ އެކަހަލަ މީހަކުތާއެވެ. މާބޮޑަށް އިހްސާސްތަކުގެ ވާހަކަ ނުދައްކާ، އަމަލާ ބަހުންވެސް ދުރުދުރުން އުޅޭ މީހެއްތާއެވެ. އެކަހަލަ އަންހެނުން ދުނިޔޭގަ އުޅޭހެއްޔެވެ؟ އެއީ ކޮންއިރަކުއްސުރެ ޒީ ގެންގުޅެންފެށި އުޞޫލެއްހެއްޔެވެ؟ ގައިމުވެސް މީގެ ކުރިން އޭނަގެ ލޯބިވާ އެ ރަހްމަތްތެރިޔާ އެ އުޞޫލެއް ނުގެންގުޅެއެވެ.
"ޒީ. ޒީއަށް އެނގޭނެ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ޒީ ކުރިއަސް އަހަރެން ހުންނާނެކަން ޒީއާއެކު. ދެން ކޮންކަމަކާ ތިހާ ތި ދެރަވަނީ؟" ހަގީގަތުގައިވެސް ޒީނިޔާ އެހާ ބޮޑު ދެރައެއް އެވާ ސަބަބެއް ރާއިދާއަކަށް ނުވިސްނެއެވެ.
"ޒީ އޭނައާއި ލައިކްވަންޏާ އޭނަގެ އުމުރަކަށް ބަލާނެ ކަމެއް ނެތެއްނު. ގައިމުބަލާލާފައެއް ނޭނގޭނެ ޒީއަށް އެއްތިރީސް އަހަރުކަމެއް. އަސަދުވެސް ހިއެއް ނުވޭ އެހާ ޅަހެނެއް. އެހާމެ ދިގު. އެހާމެ ފުޅާ ހަށިގަނޑެއް. އެހާ ފިރިހެންވަންތަ. އަދި އެނގުނަސް ވާނީކީއް. ދެމީހުން އެކަކު އަނެކަކަށް ލައިކްވަންޏާ އެވީނު." ރާއިދާ ހުރީ އޭނަގެ ރަހްމަތްތެރިޔާއަށްޓަކައި މަގުކޮށައިދޭން ތައްޔާރަށެވެ.
"
މީހުން ބަސް ނުބުނާނެތަ؟" ޚުދު ޒީނިޔާގެ ހިތާއި ސިކުނޑި ގަބޫލު ނުކޮށްގެން އުޅޭ ކަމަކަށް ޢާއްމުންގެ ރުހުން ލިބިދާނެކަމާމެދު ޒީނިޔާއަށްވެސް ޝައްކެވެ.
"ބުނާނެ. އެނގޭ މީހުން ބުނާނެ. ނޭނގޭ މީހުންނަށް ކޮންމެހެން އަންގާކަށް ނުޖެހެއެއްނު. އެމީހެއްގެ ދިރިއުޅުން ގެންދާނެ ގޮތެއް އެނގޭނީ އެމީހަކަށްނު. އެކަމާ ނުވިސްނަބަލަ. ދެން ބުނެބަލަ. އޭނަ ކޮބާ މިހާރު. އަނެއްކާ ތިގޭގަ އޭނަ އިންދާތަ ނިކުމެގެން ތި އައީ؟ އޭނަ ކައިރީ ކީކޭ ކިޔާފަތަ ތި އައީ." އެހެންވެސް ޒީނިޔާ ހަދާފާނެކަން ރާއިދާއަށް އެނގެއެވެ.
"އޭނަ ހިނގައްޖެ. އޭނައަކަށް ނުދެން ވަކި ޖަވާބެއް. އެ ދަތުރު ނިންމާފަ އައިސް ވާހަކަ ދައްކާނަމޭ ބުނީން އެކަމަކު." ދެއަތް ދެއަތާ އުނގުޅަމުން ޒީނިޔާ ބުނެލިއެވެ.

"
ހަގީގަތުގައިވެސް އުމުރަކީ މައްސަލައެއް ނޫން. މީގަ ބޭނުންވަނީ އެކަކު އަނެކަކަށް ލައިކް ވުން. އެގޮތަށް ވިސްނާ." ލޯބިވާ ރަހްމަތްތެރިޔާގެ އަތްތިލައިގައި ހިފާ ބާރުކޮށްލަމުން ރާއިދާ ހިތްވަރު ދިނެވެ. އޭނަގެ އެ ރަހްމަތްތެރިޔާއަށްޓަކައި އުފާ ކުރަމުންނެވެ. ހަތަރު އަހަރުފަހުން އެންމެ ފަހުން ޒީނިޔާއަށް މީހަކާ ރުހެވުނީތީއެވެ. އަދި އެމީހާއާއެކު ގުޅިގެން އުޅެން ޒީނިޔާ ވިސްނީތީއެވެ. އަވަސް ފުރުޞަތެއްގައި އެ ރަހްމަތްތެރިޔާގެ ކައިވެނި އަސަދު އާއި ކުރެވިދާނެކަމުގެ ހުވަފެން ދެކެމުންނެވެ.
ރާއިދާއަކީ އޭނައަށް އިންތިހާއަށް ހެޔޮއެދޭ އޭނަ ދެކެ ލޯބިވާ ރަހްމަތްތެރިއެއްކަން ޒީނިޔާއަށް އެނގެއެވެ. ގަބޫލުކުރެއެވެ. އެކަމަކު އެ ހެޔޮ އެކުވެރިޔާއަށް އޭނަ އެ ހުންނަނީ ބޮޑު ސިންގާ ދޮގެއް ހަދައިގެންނެވެ. އެ އެކުވެރިޔާއަށް އޭނަ އުޅެނީ ވަރަށް ބޮޑު ކަމެއް ސިއްރުކޮށްގެންކަން ހިތަށް އަރާ ކޮންމެ ފަހަރަކު ކުށްވެރިކަމުގެ އިހްސާސް ކުރެވެއެވެ.
ކިތަންމެ ވާން ބޭނުން ނުވިޔަސް މީގެ އެތައް ދުވަހެއް ކުރީއްސުރެ ޒީނިޔާގެ ހިތް ބޭނުން ވަނީ އަސީލްއެވެ. އަސީލްގެ ރިސޯޓަކަށް ދެވުނު ފަހަރު އަސީލް އޭނައަށް އެ ދިން ޚާއްޞަ ސަމާލުކަމެއްގެ ސަބަބުން ރުޅިއައިސްގެން އޭނަ އެ ރިސޯޓް ދޫކޮށް ފުރައިގެން އައި ނަމަވެސް ޒީނިޔާއަށް އާދެވުނީ އޮޅިގެން ހިތް ދޫކޮށްފައެވެ. އަސީލް ހުރި ތަނަށް އަސީލްގެ އަތްމައްޗަށް ހިތް ދޫކޮށްފައެވެ. އެކަން ޚުދު ޒީނިޔާއަށްވެސް އެނގުނީ ފުރައިގެން މާލެ އާދެވުނު ފަހުންނެވެ. އެ ހިތް ބަލާދާނެހާ ހިތްވަރެއްވެސް އަދި އޮތިއްޔާ ފޮނުވަދޭށޭ އަސީލްކައިރީ ބުނާނެ ހިތްވަރެއްވެސް ޒީނިޔާއަކަށް ނުލިބުނެވެ. ވަޔާ އޮޔާއެކުވިޔަސް އެ ހިތް އަނބުރާ އަންނާނެ ނަމަޔޭ ދުޢާ ކޮށްލަ ކޮށްލާ ހުރެވުނީއެވެ.
ޒީނިޔާ އުއްމީދުކުރީ ޚުދު އަސީލް އޭނަގެ ހިތް ހިފައިގެން އޭނަ ކައިރިއަށް އަންނާނެ ކަމަށެވެ. އެހެން ނުވާނެހެން ހީވި ކޮންމެ ފަހަރަކު ޒީނިޔާ ބޭނުންވީ ރަށުތެރެއިން ހޮވި ކުނިގަނޑެކޭ ބުނެވިޔަސް ނޫނީ ބޭނުން ނެތޭ ބުނެވިޔަސް އެ ހިތް އަސީލް އަމިއްލައަށް ގެނެސްދިނުމަށެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ނުވިއެވެ.
ޒީނިޔާގެ ހަޔާތުގެ ފަޅު މަގުތަކުގެ އެކި ދިމަދިމާލުގައި އަސަދު ހުއްޓި ހުންނަތަން ފެންނަން ފެށީ އޭނަގެ އަމިއްލަ ހިތުގެ އިންތިޒާރުގައި ޒީނިޔާ ހުއްޓައެވެ. އަސީލްގެ އިންތިޒާރުގައި ޒީނިޔާ ހުއްޓައެވެ.
އަސަދު އައީ ޒީނިޔާގެ ހިތަށް އެދިގެންނެއް ނޫނެވެ. ޒީނިޔާގެ ހިތް އޭނަގެ އަތުގައި ނެތްކަން ނޭނގޭއިރުވެސް އެހެން ހިތެއް އޭނައަށްޓަކައި ހިފައިގެންނެވެ. އަސަދު އައި ދަނޑިވަޅުގެ ގޮތުން އަސަދުގެ އަތުގައި ނަސީބު ހިފީއެވެ. ހިތެއް ނެތް ތަނެއްގައި ހިތެއް ބާއްވަދޭން އުޅުނު މީހަކަށް އެ ފުރުޞަތު ނުދީ އޭނައަށް ދިރިއުޅެވޭނެ ގޮތެއް ނެތްކަން ޒީޏިޔާއަށް ގަބޫލުކުރެވިފައި އޮތްލެއް ބޮޑުކަމުން އަސަދުއާއި ގަބޫލުވީއެވެ. ގަސްތުގައެވެ. ހިތަކުން ނިންމި ނިންމުމެއް ނޫނެވެ. ސިކުނޑިން ނިންމި ނިންމުމެކެވެ.
އާނއެކެވެ. ޒީނިޔާ ހުރީ އަސީލްގެ ޚަބަރެއް ވާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަސީލް ގުޅާލާނެކަމަށް ދުވާލެއްގެ މައްޗަށް އޭނައަށް ފޯނު ބެލުނު އަދަދުވެސް ޚުދު އޭނައަށްވެސް ނޭނގެއެވެ. މަގެއްމަތިންވެސް އަސީލް ފެނިދާނެކަމަށް އޭނަ ހީކުރިއެވެ. އެކަމަކު އެތަކެއް ދުވަސް ފާއިތުވެގެން ގޮސް އަސީލްގެ ޚަބަރެއް ދެން ނުވާނެކަން ޔަގީންވުމުން އެ ހަނދާންތައް ޒީނިޔާ ހިތުން ފޮހެލައިފިއެވެ. އެއިން އެއްވެސް ވާހަކައެއް މިހާރު ދެއްކުމުގެ ބޭނުމެއްނެތްކަމަށް ޒީނިޔާއަށް ނިންމިއެވެ. ވަގުތު ފާއިތުވެއްޖެއެވެ. މާ ލަސްވީއެވެ.
ވިސްނުމުގެ ތެރެއިން ނިކުމެ އެކުވެރިޔާގެ އަތުގައި ހިފައި ބާރުކޮށްލަމުން ޒީނިޔާ ހިނިތުންވެލިއެވެ. ޙާލަތު ނޭނގޭއިރުވެސް އަބަދުވެސް އެކުގައި ވާކަމަށްޓަކައި ޝުކުރުވެރި ވަމުންނެވެ.
** ** ** ** **
ރާއިދާ އާއި އަސްލަމްގެ މަޝްވަރާ އާއި ހިތްވަރުގެ މަތިން ޒީނިޔާ އަސަދުއާއި ގުޅިއްޖެއެވެ. އަދި މިވީ ހަމަ އެންމެ ހަފުތާއެއްހާ ދުވަހެވެ. އެކަމަކު އެ ދެމީހުން އުޅޭގޮތް ފެނުނު ކޮންމެ މީހަކުވެސް ހީކުރާނީ އެ ގުޅުމަށް ޒަމާންތަކެއް ވެފައިވާ ހެނެވެ. އެހާވެސް އެ ގުޅުން ބަދަހިވެފައި ރީއްޗެވެ.
މިރޭ ޒީނިޔާ ތައްޔާރު ވަމުން ދަނީ ހުޅުލޭ އައިލެންޑް ހޮޓަލުގައި އޮތް " ދަ ކަލަރ" އެޑްވަޓައިޒިންގ ފެއަރ އަށް ދިއުމަށްޓަކައެވެ. އެއީ ލިބުނު ދަޢުވަތެއްކަމުން، އެތަނަށް ދާންޖެހޭތީ ޒީނިޔާ ނަގަން ޖެހޭނެ އެއްވެސް ޒިންމާއެއް މިރެއަކު ނެތެވެ. ހިތްހަމަޖެހެންދެން ރީތިވެލައިގެން ހިތްހަމަޖެހުމާއެކު ދާންވީއެވެ. މި ހިތްހަމަޖެހުން މިރޭ ދެގުނައަށް އިތުރުވެފައިވަނީ މި ފާއިތުވި ހަތަރު އަހަރު އެކަހަލަ ހުރިހާ ހަފްލާތަކަކާއި ޕާޓީތަކަށް ގޮސްފައިވަނީ ޒީނިޔާ އެކަނި ކަމުގައިވިޔަސް މިރޭ ޒީނިޔާ އެކަނި ނުވާނެތީއެވެ. ޒުވާން ހުރިހާ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ މީހަކަށް އެތަނުގައި މިރޭ އޭނަ ނުވާނެތީއެވެ. އޭނައާއެކުގައި އަސަދު ބައިވެރިވާނެތީއެވެ. ޒުވާން ރީތި އަސަދެވެ. އޭނަ ދެކެ އިންތިހާއަށް ލޯބިވާ އަސަދެވެ.
"ޒީން....ޒީން....މިކޮޅަށް އައިސްބަލަ...." ހަފްލާގެ ތެރޭގައި ބަޔަކާއި ވާހަކަ ދައްކަން ޒީނިޔާ ހުއްޓާ އަސަދު އައިސް މަޑުމަޑުން ގޮވާލާފައި އަތުގައި ހިފިއެވެ. ކޮންއިރަކު ކިހިނެއް ކިޔަން ފެށި ނަމެއްކަން ޒީނިޔާވެސް ހަނދާނަކު ނެތެވެ. އަސަދު އަބަދުވެސް އޭނައަށް ގޮވަނީ އެނަމުންނެވެ.
"ކޮންތާކަށް....؟" އަސަދުގެ އަތުގެ ބީހުން އިހްސާސް ކުރަމުން އުފަލާއެކު ޒީނިޔާ އަހާލިއެވެ.
"
އަހަރެންގެ އަންކަލްއެއް މިތާ އެބަހުރި. އާދޭ. ތަޢާރަފްކޮށްދޭނަން." އަސަދު ހުރީ ޒީނިޔާއަށްޓަކައި ވަރަށް ފަޚުރުވެރިވެފައެވެ. ރީތިހުސްކޮށްފައި ހުރި އެ އަންހެންކުއްޖާގެ ކައިރީގައި ހުންނަން ފުރުޞަތު ލިބޭތީ ފޮނި ވެފައެވެ.
"
އެކަމަކު އަސަދު ބުނީމެއްނު ފެމިލީއަށް އިންޓްރޮޑިއުސް ވާނީ އަދި ތަންކޮޅެއް ފަހުންނޭ." ޒީނިޔާ ހަނދާންކޮށްދިނެވެ. ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމަކާއެކުގައެވެ.
"ޔާ އައި ނޯ. އެކަމަކު މިއީ ފެމިލީއަކަށްވުރެ ބޮޑަށް ބެސްޓް ފްރެންޑް ކަހަލަ މީހެއް. ވަރަށް ނައިސް ވާނެ. ހީ އިޒް މައި ޕާސަން. ޒީން ލައިކްވާނެ އެ އަންކަލްއާ. އާދެބަލަ." މީހުންގަނޑުގެ ތެރެއިން ޖާގަ ހުސްކުރަމުންހުސްކުރަމުން ގޮސް އަސަދު ހުއްޓުނީ ހޯލުގެ އެއްކަނެއްގައި ވާހަކަ ދައްކަން ތިބި ހަތަރުފަސް ފިރިހެނުންތިބި ގްރޫޕެއް ކައިރިއަށެވެ.

"
ތިއްތިބޭ.....!!" އަސަދުގެ ދުލުން އިވުނު ނަމާއެކު އެ ގުރޫޕު ތެރެއިން އެނބުރީ އެންމެ މީހެއް ނޫނެވެ. ހަތަރު މީހުންވެސް އެނބުރުނެވެ. ޒީނިޔާގެ ދެލޯބޮޑުވިއެވެ. އެ ހަތަރު މީހުންގެ ތެރެއިން އަސަދުގެ ތިއްތިބެއަކީ ކާކުކަމެއް ޒީނިޔާއަކަށް ނޭނގެއެވެ. އެކަމަކު ކުރިމަތީގައި އެހެރީ އަސީލްއެވެ.
ޒީނިޔާގެ ހިތް ހުއްޓުނު ކަހަލައެވެ.
"ޒީން....ދިސް އިޒް މައި އަންކަލް، އަސީލް." ޒީނިޔާގެ ބުރަކަށީގައި މަޑުމަޑުން އަތްޖައްސައި ކުރިއަށް ޖައްސާލަމުން އަސީލްއަށް ޒީނިޔާ ތަޢާރަފް ކޮށްދިނީ އަސަދުއެވެ.
-------------- (ނުނިމޭ) ------------


No comments:

Post a Comment