Sunday, June 7, 2020

Bodaa Nafsu - Ep 2

ބޮޑާ ނަފްސު - 2 ވަނަ ބައި 


"އަހަންނަށް އަދިވެސް ގަބޫލުކުރަން ދަތި." އެރޭގެ ވަގުތެއްގައި ރެސްޓޯރެންޓްގައި ކޮފީއެއް ބޯން އިނދެފައިވެސް އަސީލް ދައްކަމުން ދިޔައީ ޒީނިޔާ ގެ ވާހަކައެވެ. ރިސޯޓްގެ މެނޭޖަރާއެވެ. ގާތް ރަހްމަތްތެރިޔާއާއެވެ. އަސީލް އެ ރިސޯޓަށް އެހާ ކުއްލިގޮތަކަށް އައީ ކީއްކުރަންއެނގޭ ހަމައެކަނި މީހާއާއި އެވެ.
"މަވެސް ހަމަ ހައިރާން ވެއްޖެ. އެކަމަކު މުޅިއަކުން މިހެން ބުނެވޭކަށްވެސް ނެތް އިނގޭ. އެ އަންހެން ކުއްޖާގެ އަމަލާއި ކަންތައްތައް ހުންނަގޮތުންނާއި، މަސައްކަތުގައި އެ ގެންގުޅޭ ހަރުދަނާ ގޮތުންވެސް އެނގޭ ގޮތެއްގައި ހުންނަ ކުއްޖެއްކަން. އަނެއްކާ އެއްވެސް މީހަކާ މާ ގާތްކޮށް ހީލާވެސް ނަހަދައޭ. ކުރިންވެސް މަށަށް ހީވި ތިކަހަލަ ގޮތެކޭ ވާނީ." އަލީ މާހިރުއަށް ވަރަށް ރަނގަޅަށް ޒީނިޔާ އެނގެއެވެ.

"
އަހަންނަށް މިހީވަނީ ރަނގަޅަށްތަ؟ އެއިނީ ޒީނިޔާ ދޯ؟" ވާހަކަ ދައްކަ ދައްކާ އިނދެފަ ކުރިމަތިން ފެންނަ ކޮފީޝޮޕަށް އިޝާރާތް ކޮށްފައި އަސީލް އަހާލިއެވެ. އަލީ މާހިރުވެސް އެދިމާލަށްބަލާލިއެވެ. އެއީ ޒީނިޔާ އެވެ. އޭނައާއެކު އެ ރިސޯޓަށް އައި އަނެއް ދެ މުވައްޒަފުންނާއެކު ކޮފީ މޭޒެއް ދޮށުގައި އިށީންނަނީއެވެ.

"
އާނ........އެއީ ޒީނިޔާ . މަ މިދަނީ މިތަނުން. ތިކަމަކާ އުޅެންހަދައިގެން މަގޭ ދުވަސްވެސް ދާނެ. މަ ނޫޅެން ތިދޭތެރެއަށް ވަންނާކަށް. އެއީ ނުލާހިކު ރަނގަޅު ކުއްޖެއް. އޭނަ ރުޅިއަރުވައިފިއްޔާ އަހަރެމެންގެ ވިޔަފާރިވެސް ދާނެ ދަށަށް." އަލީ މާހިރު އަވަހަށް ބޯދަމައިގަތެވެ. ހިނިގަނޑެއް ޖަހާލަމުންނެވެ.

އަލީމާހިރު ދެއްކި ވާހަކައެއް އަސީލުއަށް އަޑުއިވުނުހެނެއްވެސް ހިއެއް ނުވެއެވެ. ބަލަން އިނީ ޒީނިޔާއަށެވެ. ވިސްނަމުން ދިޔައީވެސް ޒީނިޔާ އާއި ދޭތެރޭގައެވެ.

"
ޒީނިޔާ......އަހަންނަށްވެސް ބައިވެރިވެވިދާނެތަ؟" އަސީލް މިހެން އަހާލީ ގޮސް ޒީނިޔާމެންކައިރިއަށް ހުއްޓިފައެވެ. ހިނިތުންވުމަކާއެކުގައެވެ. ވާހަކަ ދެއްކީ ރީތި އިނގިރޭސިބަހުންނެވެ. އިސްއުފުލާ ބަލާލިކަމުގައިވިޔަސް އަސީލްގެ އެ ސުވާލަކަށް ޒީނިޔާ އެއްޗެއް ނުބުނެއެވެ. ޒީނިޔާގެ މޫނުގެ ކުލަވަރަށް ބަލާލާފައި، ދެން ތިބި ދެ މީހުންނަކަށްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.

"
ކޮބައިތޯ ބޭނުމަކީ؟" އިށީންނަން ހުއްދަ ނުދީ އިރުކޮޅަކުން ޒީޏިޔާ ކުރީ ސުވާލެކެވެ. ފިސާރި ކެރެއޭ އަސީލްހިތަށް އެރިއެވެ.
"ބޭނުމަކީ ޒީނިޔާ އާއި ވާހަކަ ދައްކާލުން. ޒީނިޔާ އާއި ރަހްމަތްތެރިކަން އުފެއްދުން. ޒީނިޔާ ދަސްކުރުން." އަސީލްވެސް ޒީނިޔާއާއި އެއްވަރަށް ކެރިލިއެވެ.
"
އޭގެ ބޭނުމަކީ ކޮބައިތޯ؟" އަސީލްގެ މަގްޞަދު ޒީނިޔާއަށް އެނގެންދެން އަހަމުން ދިޔައެވެ.

"
އެއީ.....އެއީ....އެއީ އަހަރެންގެ ދިރިއުޅުމުގައި ޒީނިޔާ ޝާމިލްކުރުމަށް ބޭނުންވާތީ" އަސީލް ދިން ޖަވާބުން ޒީނިޔާއެކޭ އެއްވަރަށް އެތާ ދެން ތިބި ދެ ޒުވާނުންވެސް ސިހުނެވެ. އަސީލްގެ އެ ޖަވާބުގެ ބަދަލު އަންނާނެގޮތް ކޮންމެވެސް ވަރަކަށް އެ ދެ ޒުވާނުންނަށް ލަފާކުރެވުނެވެ.

"
އެކަމަކު.....އަޅުގަނޑު ނެތް އެއްވެސް މީހެއްގެ ޙަޔާތުގައި ޝާމިލްވާހިތެއް. އަޅުގަނޑަށް ތިޔަފަދަ އެހީތެރިކަމެއް ބޭނުމެއް ނެތް. އިތުރަށް އަޅުގަނޑަށް އުނދަގޫ ނުކުރުން ރަނގަޅުވާނީ." އެންމެ ފަހު ބަސްވެސް ޒީނިޔާ ބުނީ އަދަބުވެރިކަމާއިއެކުގައެވެ. އެދެމެދަށް ރަސްމީ ނޫން ގާތްކަމެއް ނާންނާނެކަން ޔަގީން ކޮށްދެމުންނެވެ.
އަޑުއަހަން ހުރި އަސީލްގެ އަންތަރީސްކަން އިތުރުވިއެވެ. ޒީނިޔާގެ ބަސްތައް ފިންޏެވެ. އެއްވެސް ކަހަލަ އަސަރެއް ނެތެވެ. ކުލުނެއް ނެތެވެ. އެހާ ހަރުކަށްޓެވެ.
އަސީލްގެ އަމިއްލަ ރިސޯޓްގައި އަމިއްލަ މުވައްޒަފުންގެ ކުރިމަތީގައި ޒީނިޔާގެފަރާތުން ލިބުނު ގަނޑުފެނުގެ މެހްމާންދާރީގެ ސަބަބުން ކޮންމެވެސް ވަރަކަށް އަސީލް އަށް އުނދަގޫވިއެވެ. އެހެންނަމަވެސް ޒީނިޔާ ހަމަ އަޅާވެސް ނުލާ ކޮފީތަށީގައި ތުންޖެހިއެވެ. ދެވަނަ ފަހަރަކު އިސް އުފުލާ ބަލާވެސް ނުލިއެވެ. އިރުކޮޅަކު ހުރެލާފައި އަސީލްއަށް ޖެހުނީ ދާށެވެ.
ޒީނިޔާ ނޫން އެހެން މީހަކު ނަމަ ކަންބޮޑުވީހެވެ. ރިސޯޓްގެ ވެރިޔަކާ އެފަދަ ބަހުރުވައަކުން މުޚާޠަބް ކުރެވުނީމަ މުސްތަގްބަލްގައި ކަންތައް ވެގެން ދާނެ ގޮތަކަށް ވިސްނާނެއެވެ. އެތަނަށް ޒީނިޔާ އައިސް އިނީ ވިޔަފާރި ބޭނުމެއްގައިކަމުގައިވިޔަސް، އެ ވިޔާފަރިއަށްވެސް ހުރަސްއެޅިދާނެތީ ޖެހިލުންވާނެއެވެ. އެހެންނަމަވެސް ޒީނިޔާ ހަމަ ކުޑަކޮށްވެސް އެކަމުގެ އުނދަގުލެއް ވިހެނެއް ހިއެއް ނުވެއެވެ.


** ** ** ** **


ކޮފީ ޝޮޕްގައި ޒީނިޔާގެ ވާހަކަ ހުރި ގޮތުން އެތާގައި އިތުރަށް ވާހަކައެއް ދެއްކުމަކީ މޮޔަކަމެއްކަމަށް ދެކި އެވަގުތު އަސީލް ދިޔަކަމުގައިވިޔަސް އަސީލްގެ ހިތްވެސް އެހާގޮތްދޫކުރާ ހިތަކަށް ނުވިއެވެ. ޒީނިޔާއަށް ނޭނގުނު ނަމަވެސް ޒީނިޔާގެ ވާހަކަތައް ހުރިގޮތުން އަސީލްގެ ހިތުގައި އުފެދުނީ އިތުރު ޝައުގުވެރިކަމެކެވެ.
އެ ހާދިސާގެ ފަހުން ޒީނިޔާއަށް އަސީލް ފާރަވިއެވެ. ޒީނިޔާއަށް ނުފެންނަ ހިސާބުގައި ހުރެގެންނެވެ. ކޮފީ ޝޮޕުން ނިމިގެން ކޮޓަރިއާއި ދިމާލަށް ޒީނިޔާ މިސްރާބު ޖެހުމުން އަސީލް ވެސް އެ ދިމާލަށް މިސްރާބު ޖެހިއެވެ.   އެ ރިސޯޓްގެ މާ ގިނަ މަގުތަކެއް ޒީނިޔާއަށް ނޭނގުނު ނަމަވެސް އެއްދިމާލަކަށް ދެވޭ އެތަކެއް މަގެއް އަސީލްއަށް އެނގޭތީ އަސީލްހުރީ އޭނައަށް ކާމިޔާބުވާނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމަކާއެކުގައެވެ.
"މަންމާ........." ސިހުނުލެއް ބޮޑުކަމުން ޒީނިޔާއަށް ގޮވާލެވުނީ މަންމައަށެވެ.
ޒީނިޔާއަށް ޚާއްޞަކޮށްފައިވާ ކޮޓަރީގެ ބެލްކަނީގެ އަނދިރިކަމުގެ ތެރޭގައި އެތާ ހުރި ހުދު ގޮނޑީގައި މީހެއްގެ ހިޔަންޏެއް ހިއްޕާފައި އިންތަން ޒީޏިޔާއަށް ފެނުނީ ކޮފީޝޮޕުން އައިވަގުތުއެވެ. ސިހުނީ އެހިޔަނި ފެނިފައެވެ.
"ޝްޝްޝް......" މަންމާއޭކިޔާފަ ޒީނިޔާ ގޮވާލިގޮތުން އަސީލް ގަތް ބިރުން އަވަހަށް އެ ގޮނޑިން ތެދުވެ އަނދިރިއަށް ޖެހި ނިވާވާން މަސައްކަތް ކުރިއެވެ. ޒީނިޔާ އިތުރަށް އަޑުގަދަކޮށްފިނަމަ އޭނަ ފަޟީޙަތްވެދާނެއެވެ.
"ޝްޝްޝް......ޕްލީޒް އަޑުގަދަ ނުކުރޭ." އަސީލްކަން އެނގުމާއެކު އަދި އިތުރަށް ހަޅޭއްލަވަން ޒީނިޔާ އުޅުނުހެން ހީވެ އަނެއްކާވެސް އަސީލް އެދުނެވެ. ވައި އަޑުންނެވެ.
"މިތާގަ .... ؟" އިތުރަށް ލަފުޒެއްވެސް ނުބުނެވެނީސް ޒީނިޔާގެ އަނގަމަތީގައި އަސީލް އަތްއެޅިއެވެ. އެގޮތަށް ޒީނިޔާ ވާހަކަ ދައްކަންފަށައިފިނަމަ އެދިމާލުން ދާ ކޮންމެ މީހަކަށްވެސް އަޑުއިވިދާނެތީ އަސީލް ބިރުގަތެވެ.

"
ކީއްވެގެންތަ ތިހާ ބޯހަރީ...." ޒީނިޔާގެ އަނގަމަތީ އަތްއަޅައިގެން ހުރެ އަސީލް އަށް ކުރެވުނީ ޒީނިޔާ އިތުރަށް ރުޅި އަންނާނެ ކަހަލަ ސުވާލެކެވެ. އަސީލްއަށް އެކަން ވިސްނުނީ އެ ސުވާލު ކުރެވުނު ފަހުންނެވެ. އޭނަގެ އެ ސުވާލާއެކު ޒީނިޔާގެ ހަށިގަނޑަށް ހުއްޓުމެއް އައިސް ސީދާ އޭނަގެ މޫނަށް ޒީނިޔާ ބަލަން ފެށުމުންނެވެ.
ވީ ހިނދުކޮޅެކެވެ. އަސީލް އެބުނި އެއްޗަކުން އިތުރަށް ރުޅިގަދަވެ އަސީލްއާއި ދުރަށް ދާން ޒީނާ ތެޅިގެންފިއެވެ. ޒީނިޔާގެ ކަނައަތް ހުރީ އަސީލްގެ މޭގައިޖެހި ތާށިވެފައެވެ. ހުހަށް އޮތް ވާއަތުން އޭނަގެ އަނގަމަތިން އަސީލްގެ އަތް ނެއްޓޭތޯ އުޅުނެވެ.
"އަޑުއަހާބަލަ...... މިތަން ނުދިއްލާ އިންނަން ޖެހުނީ އަހަރެން މިތަނަށް އައިކަން ބަޔަކަށް ނައަންގަންވެގެންނޭ. ބިރުގަންނަވާކަށް ނޫނޭ. ކޮފީޝޮޕުން ފުދޭވަރަކަށް ސަމާލުކަން ލިބުނެއްނު. އިތުރަކަށް ދެން ބޭނުމެއް ނޫން." ލުއި ހީލުމަކާއެކު އަސީލް ބުނެލިއެވެ. އަދިވެސް ޒީނިޔާގެ އަނގަމަތީގައި އަތް އަޅައިގެން ހުރެއެވެ. އަދިވެސް އޭނަގެ އަމިއްލަ ގައިދުގައި ޒީނިޔާ ބަހައްޓައިގެން ހުރެއެވެ.
"އަހަރެން ބޭނުންވަނީ ހަމައެކަނި ޒީނިޔާ އެނގެން. ޒީނިޔާ އާއި ރަހްމަތްތެރިކަން އުފައްދަން. އެއީ ހަމަ ދެން އެހާ އުނދަގޫ ކަމަކަށް ހަދަންތަ ތިއުޅެނީ؟" ތަކުރާރުކޮށް ބުންޏަސް އަސީލްއަށް ބުނެވެނީ އޭނަގެ ހިތުގެ އެދުމެވެ.

ޒީނިޔާ އަދިވެސް މަސައްކަތް ކުރަނީ އޭނަގެ އަނގަމަތިން އަސީލްގެ ވަރުގަދަ އަތް ނެއްޓޭތޯއެވެ. އެހެންނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. ނުވާނެކަން އިރުކޮޅަކުން ޔަގީންވީކަންނޭނގެއެވެ. ޒީނިޔާ ގަދަހެދުން މުޅިން ހުއްޓާލައިފިއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ޒީނިޔާވެސް ސުލްޙަވީކަމަށް އަސީލް ހީކުރިއެވެ.
އަސީލްވެސް ޒީނިޔާވެސް ހިމޭން ވެއްޖެއެވެ. އަސީލްއަށް ބެލެނީ އަނދިރީގެ ތެރޭގައިވެސް ޒީނިޔާގެ މޫނާ ދިމާލަށެވެ. ކޮންމެވެސް ދިމާލަކުން އަންނަ ވަރަށް ފަނޑު އަލިކަމެއް ނޫނީ އެކަމަށް މާ ބޮޑު އެހީއެއް ނުވާތީ އަސީލްއަކަށް ޒީނިޔާގެ ހިތުގެ ޙާލެއް މޫނުން ސާފެއް ނުވެއެވެ.

މާގިނައިރުތަކެއް ނުވެއެވެ. ޒީނިޔާގެ އަނގަމަތީގައި އަޅާފައި އޮތް އަސީލްއެ އަތަށް ތެތްކަމެއް އިހްސާސްވާން ފެށީއެވެ. އަތްތިލައިގެ އެތެރެ ފަރާތަކަށް ނޫނެވެ. ބޭރުފަރާތަށެވެ. ފުރަތަމަ އެއީ ހީވީގޮތެއްކަމަށް ނިންމުނު ނަމަވެސް އަސީލްއަށް އިރުކޮޅަކުން ޔަގީން ވެއްޖެއެވެ. ޒީނިޔާ ރޮނީއެވެ.

"އޯވ ޒީނިޔާ....ޒީނިޔާ......" އަސީލްގެ ހިތަށް ބިރެއް އިހްސާސްވިއެވެ. ޒީނިޔާ ރޮނީހެއްޔެވެ؟ އޭނައަށް މިކުރެވުނީ ކީއްހެއްޔެވެ. އޭނަގެ އަތަށް އެވާ ތެތްކަމުގެ އިހްސާސަކީ ޒީނިޔާގެ ލޮލުން ފައިބާ ކަރުނަކަން އެނގުމުން އަނދިރީގެ ތެރޭގައިވެސް ޒީނިޔާގެ ކަރުނަތައް ފޮހެދޭން އަސީލް އަށް އުޅެގަނެވުނެވެ.

"ނުރޮއި ޒީނިޔާ....އަހަރެން......." އަސީލްއަށް ބުނެވުނީ މިހިސާބަށެވެ. ދެއަތް މިނިވަން ވުމުން އަސީލްގެ މޭގައި އަތްއަޅާ ޒީނިޔާ ވަރަށް ބާރަށް ކޮށްޕާލިއެވެ. ރުޅިވެރިކަމާއެކުގައެވެ. އެ ޙަރަކާތާއެކު ވިހުރުވިގެން ދިޔަ ޒީނިޔާގެ އިސްތަށިގަނޑުން ބައެއް އަސީލްގެ ލޮލާއި މޫނުގައި ހޭކިގެން ދިޔަވަގުތު އެ ދުވި ލުއިލުއި ވަހުން އަސީލްއަށް އެތެރެއަށް ނޭވާ ދަމާލެވުނީ މަސްތެއްގައި ޖެހުނު ފަދައަކުންނެވެ.
އަސީލްގެ ފަރާތުން ސަލާމަތްވެގެން ޒީނިޔާ ދިޔައީ ކޮޓަރިއަށް ވަންނާށެވެ. ޒީނިޔާ ރޯކަން އެނގުމުން ލިބުނު ހައިރާންކަމުގައި ހުރި އަސީލަށް ހަރަކާތެއް އައީ ޒީނިޔާ އެ ކޮޓަރީގެ ތަޅުދަނޑި ނަގާފައި ތަޅުވަޅަށް ޖަހަން އުޅުނުފަހުންނެވެ.

އޭނަގެ ތަސްވީރު އެންމެ ނޭދެވޭ ސިފައިގައި ޒީނިޔާގެ ހިތުގައި ކުރެހިގެން ދިޔައީއެވެ. މީގެ ފަހުން ޒީނިޔާއާއި ވާހަކަދައްކާލަން ދުވަހަކުވެސް ފުރުޞަތެއް ލިބޭނެ ކަމެއްވެސް ނޭނގެއެވެ. އެހެންވެގެން ކަމަކު ނުދާނެއެވެ. އޭނައާއި ދޭތެރޭ ނުބައި ހީއެއް ޒީނިޔާ ކޮށްގެން ނުވާނެއެވެ. އެ އެރި އޮޅުން އޭނަ ސާފުކޮށްދޭން ޖެހޭނެއެވެ. އަސީލް ވިސްނުން ހުރީ ޒީނިޔާއާއި ވާހަކަ ދެއްކޭތޯ އަދިވެސް އިތުރަށް މަސައްކަތް ކުރާ ގޮތަށެވެ.

އަސީލްއަށް ހަރަކާތެއް ކުރެވުނީ ހަމަ ކިރިޔާއެވެ. ޒީނިޔާ ހުޅުވި ދޮރުން އެތެރެއަށް އޭނައަށް ވަދެވުނީ ކިހިނެއްކަން ޚުދު އަސީލްއަކަށްވެސް މީހަކަށް ބުނެދޭކަށް ނޭނގޭނެއެވެ. އެހާވެސް އޭނަގެ އަމިއްލަ ހަރަކާތްތައް އަވަހެވެ.

އަސީލް އެތެރެއަށް ވަންތަން ފެނުމުން ދޮރަކާއި ދޮރެއް ދޫކޮށްލާފައި ޒީނިޔާއަށް ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް އެއީ ކޮޓަރިތެރެއަށެވެ. ޒީނިޔާގެ މޫނު އަސީލްއަށް ރަނގަޅަށް ފެނުނީ ދެނެވެ. ޒީނިޔާގެ ލޮލުން ފޭބި ކަރުނައިގެ އަސަރު ޒީނިޔާގެ މޫނުން ފެންނަން ހުއްޓެވެ. އޭރުވެސް ދެލޯ ހުރީ ކަރުނުން ތެމިފައެވެ.

ރުޅިއައިސް ހުރި ނަމަވެސް ޒީނިޔާގެ މޫނުމަތިން ފެންނަނީ ބިރުގެންފައިވާ ކުޑަކުއްޖަކުގެ މޫނުން ފެންނާނެ ކުލަވަރެވެ. ކޮފީ ޝޮޕުންނާއި މީޓިންގ ރޫމުން ދިމާވި އެ ބޯހަރު، ބަސްތައް ހަރުކަށި އަންހެންކުއްޖާ އަކީ ޒީނިޔާހެނެއް މިހާރު އަސީލްއަކަށް ހިއެއް ނުވެއެވެ.
ކުރިމަތީގައި ފެންނަން ހުރި ޒީނިޔާއަށްޓަކައި އަސީލްގެ ހިތުގައި އާ ވައްތަރެއްގެ އިހްސާސެއް އުފަންވެއްޖެއެވެ.

"ޒީނިޔާ........" ކުރިއަށްޖެހި ޒީނިޔާގެ އަތުގައިހިފުމަށް އަސީލްއަށް އަތްދިއްކޮށްލެވުނެވެ. އެއާއެކު ޒީނިޔާ ދެތިންފިޔަވަޅު ފަހަތަށް ޖެހިލިއެވެ. އަސީލް ހުއްޓުނެވެ. ނަމަވެސް ޒީނިޔާ އަނެއްކާވެސް ޖެހިލީ ފަހަތަށެވެ. އެހިސާބުން ޒީނިޔާއަށް ޖެހުނީ ހުއްޓޭށެވެ. ކޮޓަރީގެ ވައަތްފަރާތުގައި ހުރި ހެދުންލާ އަލަމާރީގައި ބުރަކަށި ޖެހިއްޖެއެވެ.

ޒީނިޔާ ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. އަސީލަށް ހީވަނީ ފިލްމެއްގެ މަންޒަރެއްގައި ހުރެވުނު ހެންނެވެ. އެކަމަކު އޭނައަކީ ނުބައިބައި މީހާއަށް ވެގެން ނުވާނެއެވެ. އެއީ އަސީލްގެ މިހާރުގެ ހަމަ އެކަނި މަޤްޞަދެވެ.

"
އަސީލް ޕްލީޒް، ޑޯންޓް...އައިއެމް ސޮރީ. އައިއެމް ސޯ ސޮރީ." ތިމަންނާއަށް ކުރެވުނީ ކުށެކޭ ބުނާފަދައަކުން ދެފަރާތަށް ބޯހޫރަމުން ޒީނިޔާ މިހެން ބުނީ ދެއަތް މައްޗަށް ނަގާ އަސީލްއަށް ދެއަތްތިލަ ފެންނަ ގޮތަށް އުފުލައިގެން ހުރެއެވެ. އަމާން ދޭ ބީދައިންނެވެ.

އަލަމާރީގައި ބުރަކަށި ޖެހުމުން ދެން ދާނެ ތަނެއް ނެތް ކަމާއި ހުރެވުނީ ކޮޓަރިއެއްގައި އަސީލްއާއެކު ބަންދުވެފައިކަން ވިސްނޭތީ ޒީނިޔާގެ ހިތް ބިރުން ވިރިއްޖެއެވެ. އަސީލް އޭނައާއި ވާހަކަ ދައްކަން މަސައްކަތް ކުރި ދެފަހަރުވެސް އަސީލްއާއި ދޭތެރޭގައި އޭނަ ކަންތައް ކުރިގޮތް ހަރުކަށިކަމުން އޭގެ ބަދަލުހިފަން އަސީލް ދިމާކުރީކަން ޒީނިޔާއަށް ވިސްނުނެވެ. ފިރިހެނުންގެ ބަދަލުހިފުމަކީ ކޮންކަހަލަ ކަމެއްކަންވެސް ޒީނިޔާއަށް އެނގެއެވެ. އަދި އަމުދުން ނުފޫޒު ގަދަ މުއްސަނދި ފިރިހެނުންނަކީ ރަޙުމުގެ ކަންފުޅެއްވެސް ހުންނަ ބައެއް ނޫނެވެ. ބިރުގަންނަނީ އެހެންވެއެވެ. ކަންބޮޑުވަނީ އެކަމުން ސަލާމަތްވާން އޭނަ މޮޅު ނުވާނެކަން އޭނައަށް އެނގޭތީއެވެ.  

ޒީނިޔާ ކިތަންމެ ބިރުގަނެފައި ހުރި ކަމުގައިވިޔަސް، އަދި ބިރުންހުރެ މަޢާފަށް އެދުނު ކަމުގައިވިޔަސް.....ދެންމެ އެ ދެއްކި ވާހަކައިން އަސީލްއަށް އަޑުއިވުނީވެސް އަދި ސަމާލުކަން ދެވުނީ ހަމަ އެންމެ ކަމަކަށެވެ. 

ފުރަތަމަ ފަހަރަށް ޒީނިޔާ އޭނަގެ ނަން ކީގޮތެވެ. ޒީނިޔާގެ ދުލުން އޭނަގެ ނަން ކިޔުމުގައިވެސް އެ ހުރި އާދަޔާ ޚިލާފު އަސަރެވެ. އެހާ ލުއިކޮށް އެހާ ހިތާ ކުޅެލާކަހަލަ ގޮތަކަށެވެ. އަދި އެއްފަހަރު އޭނަގެ ނަމުން ޒީނިޔާ ގޮވާލަން އަސީލް ހިތް އެދުނެވެ.  ތަކުރާރުކޮށްވެސް އެ އަޑު އަހާހިތްވެއްޖެއެވެ.

"ޒީނިޔާ.......!" ޒީނިޔާ ގޮސް ޖެހިފައިހުރި އަލަމާރިއާއި ދިމާއަށް އަންނަމުން އަސީލް ޒީނިޔާއަށް ގޮވާލިއިރު އަސީލްގެ އަޑު ވަނީ އަސަރުން ބަރުވެފައެވެ.

"
ނޫން....ނޫން...." އަސީލް ޒީނިޔާއާއި ކައިރިވުމުން އިސްޖަހައިގެން ހުރެ ޒީނިޔާ ދެއަތަށްބޯހޫރަންފެށީ ލޯވެސް މަރައިގެންނެވެ. އަސީލް ޒީނިޔާގެ ގައިގައި އަތްވެސް ނުލަނީހެވެ. އަސީލްގެ ދެބުމަ އުފުލިގެން ދިޔައެވެ. އެތަކެއް ސުވާލު ހިތުގައި އުފެދެން ފެށިއެވެ.

އަސީލް ހަމަ ހައިރާން ވިއެވެ. ޒީނިޔާއަށް ހީވަނީ ކީކޭހެއްޔެވެ؟ އޭނަ ޒީނިޔާއަށް އަނިޔާއެއް ކުރަން އުޅެނީއޭ ހީވަނީ ކީއްވެގެންހެއްޔެވެ؟ އޭނައަކީ ހަމަ ދެން އެހާ ޑީގްރޭޑް މީހެކޭ ޒީނިޔާ ހީކުރަނީ ހެއްޔެވެ؟

"
ޒީނިޔާ....ޒީނިޔާ....ބަލަ....ޒީނިޔާ.....މިކޮޅު ބަލާބަލަ." ދެންވެސް ޒީނިޔާގެ ގައިގައި އަތްނުލައި އަސީލް މަސައްކަތްކުރީ ޒީނިޔާ އިސްއުފުލާ އޭނައަށް ބަލާތޯއެވެ. ޒީނިޔާއަށް ވިސްނަދެވޭތޯއެވެ.

"ޒީނިޔާ...." އެންމެ ފަހުން ނުހުރެވިގެން އަސީލް ޒީނިޔާގެ މޫނުގައި ހިފާ އިސް އުފުލުވިއެވެ. އެއާއެކު ޒީނިޔާ ދިޔައީ ވަރަށް ބޮޑަށް ސިހިގެންނެވެ. ވަރަށް ބޮޑަށް ބިރުގެންފައިވާ މީހަކު ފަދައިންނެވެ. ޖާގައެއް ނެތް ތަނެއްގައިވެސް އަދިވެސް ފަހަތަށް ޖެހެން މަސައްކަތް ކޮށް، އުފުލާފައި ހުރި ދެއަތް ގަޔާ ކައިރިކޮށް ބާރުވެސް ކޮށްލިއެވެ. އަސީލްގެ ލޮލާ ލޯ ދިމާވުމުން އަނެއްކާވެސް ޒީނިޔާ ލޯމަރާލިއެވެ. ނުބަލާންވެގެންނެވެ. މީހާ ކުޑަވެ ހިމަވެގެން ދިޔައެވެ.

އަސީލްއަށް ޔަގީން ވިއެވެ. ޒީނިޔާއަށް އެހެރީ ކޮންމެވެސް މީހެއްގެ ނުވަތަ ކަމެއްގެ ސަބަބުން ވަރަށް ބޮޑު ބިރެއް ތަޖްރިބާ ކުރެވިފައެވެ. އެހެންނޫންނަމަ މިހާ ބިރުގަންނަންވީ ދެން ކީއްވެގެންހެއްޔެވެ؟ އަންހެނުންނަށް އަނިޔާ ކުރާ މީހަކާ އޭނައާ ވައްތަރީހެއްޔެވެ؟ އެހާ ނުލަފާމީހަކާ ވައްތަރީހެއްޔެވެ.
އަސީލްގެ އަމިއްލަ ނަފްސާއި ބެހޭ ގޮތުން އެތައް ސުވާލެއް ޚުދު އަސީލްގެ ހިތުގައި ޒީނިޔާ އުފެއްދިއެވެ.
އަސީލްއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ޒީނިޔާއަށް ވަމުންއެދާ ގޮތުން ޚުދު އޭނަގެ އަމިއްލަ ނަފްސުވެސް ކުށްވެރި ކުރެވެން ފަށައިފިއެވެ. އިތުރު ސިކުންތަކަށްވެސް ނުހުރެވުނެވެ. ޒީނިޔާގެ ރީތި ހަށިގަނޑު އޭނަގެ ދެއަތުގެ ތެރެއަށް ގެނެސް ބާރަށް ހިފަހައްޓާލެވުނީ ޒީނިޔާއަށް ވަމުންއެދާ އުނދަގުލަށް ތަސައްލީއެއް ހޯދައިދިނުމުގެ ގޮތުންނެވެ. އޭނަގެ ފަރާތުން ޒީނިޔާއަށް ވަމުން އެދާ އުނދަގުލުން ޒީނިޔާ ސަލާމަތްކޮށްދެވޭނީވެސް މިވަގުތު އޭނައަށް އެކަނި ކަމަށް އަސީލްއަށް ގަބޫލު ކުރެވުނެވެ.

އަސީލްގެ އަތުތެރޭގައި ޒީނިޔާ ހުރިއިރުވެސް ޒީނިޔާގެ ހަށިގަނޑަށް އަންނަ ތުރުތުރާއެކު ޚުދު އަސީލްގެ ހަށިގަނޑުވެސް ދިޔައީ ގުޑަމުންނެވެ. ޒީނިޔާގެ ނޭވާ ހަމައަކަށް އެޅެންދެން ޒީނިޔާގެ ބޮލުގައި އަސީލް ފިރުމަމުން ދިޔައެވެ.

"ޝްޝް.....ޝްޝް.....ޝްޝް..." މިހެން ބުނަމުން ދިޔައީ އޯގާތެރިކަމާއެކު މަޑުމަޑުންނެވެ.

ޒީނިޔާ އަކީ އަސީލް ހީކުރިކަހަލަ ހަރުކަށި އަންހެންކުއްޖަކަށް ނުވިއެވެ. އެހާ ކެރޭ ކުއްޖެއްވެސް ނުވިއެވެ. އެހާ ހިތްވަރުގަދަ ކުއްޖެއްވެސް ނޫނެވެ. ޒީނިޔާ އަކީ ހަމަ އެހެން އަންހެނުން ކަހަލަ ހިތްބަލި އަންހެން ކުއްޖެކެވެ. އާދަޔާ ޚިލާފަށް ހިތްބިރުގަންނަ އަންހެންކުއްޖެކެވެ. އެހެންނޫންނަމަ އެވަރުގެ ކުޑަކުޑަ ކަމަކާ ޒީނިޔާ ނުރޯނެއެވެ. އެހެންނޫންނަމަ ޒީނިޔާ އޭނަ ގައިގައި ތަޅާނެއެވެ. އަނިޔާ ކުރާނެއެވެ. އެކަމަކު އޭގެ ބަދަލުގައި ޒީނިޔާ ވެގެން މިދިޔައީ ހަމަ ކަފަކޮޅަކަށެވެ.
"ޒީނިޔާ......ޒީނިޔާއަށް ތިވެގެން އުޅެނީ ކުށްހީއެއް. އަހަރެންނަކީ ތިހީކުރާ ކަހަލަ މީހެއް ނޫން. އަހަރެން މިހާތަނަށް ދުވަހަކުވެސް އަންހެންކުއްޖަކަށްވެސް އަންހެނަކަށްވެސް އަނިޔާއެއް ނުކުރަން. އަދި ޚާއްޞަކޮށް އަހަރެން ޒީނިޔާއަށް އެއްވެސް ދެރައެއް ނުދޭނަން. ގަބޫލުކުރޭ." އިރުގަނޑެއްފަހުން އަމިއްލަ ހަށިގަނޑާ ޒީނިޔާ ވަކިކޮށް ދުރަށް ޖައްސާލަމުން ޒީނިޔާގެ މޫނުގައި ދެއަތުން ހިފާ އުފުލާލަފައި އަސީލް ވިސްނައިދިނެވެ.
ޒީނިޔާއަކަށް އަސީލްއާއި ހަތަރުކަޅިހަމަކުރަންވެސް ނުކެރުނެވެ. ކަންތައް ވެގެންދިޔަގޮތުން ޒީނިޔާ ހުރީ މިހާރު ލަދުގަނެފައެވެ. އެންމެ އުނދަގޫވެފައި ހުރީ ރޮވުނީތީއެވެ. އެހެންނަމަވެސް ކުރިން ހުރި ނުރުހުމާއި، ބިރުގެންފައިވުމާއި މިކަހަލަ ކަމެއް މިހާރު ނެތްހެން އަސީލްއަށް ހީވާތީ އަސީލްއަށް ހުރެވުނީ ހަމަޖެހިފައެވެ.
ހިނދުކޮޅަކަށް ޒީނިޔާއަށް ބަލަން އަސީލް ހުއްޓެވެ. އެ ރީތި އަންހެންކުއްޖާއާއި ދޭތެރޭ ވިސްނާލުމަށެވެ. އޭނަ ހަމަ ހައިރާން ވެއެވެ. އޭނަގެ ހިތް އެންމެ ދެތިން ދުވަސްތެރޭގައި ޒީނިޔާއަށްޓަކައި ގުރުބާން ވަމުން ދާތީއެވެ. އަސީލްގެ ހިތާމައަކީ އެ އަންހެންކުއްޖާއަށް އެކަން ނޭނގޭތީއެވެ.

އަސީލް މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. ޒީނިޔާގެ ނިތްކުރީގައި ވަރަށްވެސް ލޯތްބާއެކު މަޑުމަޑުން ބޮސްދިނެވެ. އެކަހަލަ ކަމަކަށް އުއްމީދުވެސް ނުކޮށްހުރި ޒީނިޔާގެ މުޅި ހަށިގަނޑުގައި އެވަގުތު ތުރުތުރެއް އުފެދިގެން ދިޔަކަން އަސީލްއަށް ފާހަގަ ކުރެވުނެވެ. އެ ރީތި ދޮންދޮން މޫނުގެ މެދުގައި އިން އެހާމެ ރީތި ނޭފަތުގެ ކުރީކޮޅު ރަތްވެއަރާފައި ހުރީތީ އަސީލްއަށް ފެނުނެވެ. އެންމެ ބަލާލަން ހިތް އެދުނު ޒީނިޔާގެ ރީތި ލޯ އެވަގުތުވެސް އަސީލްއަކަށް ނުފެނުނެވެ. ޒީނިޔާ އިސްޖަހައިގެން ހުރުމުންނެވެ.

"
ޔަގީންކުރޭ ޒީނިޔާ، ޒީނިޔާއަށް ދެރައެއް ދިނުމުގެ ކުޑަވެސް މަޤްޞަދެއް ނެތް" މިހެން ބުނެފައި އަސީލް ކުޑަކޮށް ގުދުވެލާފައި ޒީނިޔާގެ ލޯފެނޭތޯ މަސައްކަތް ކޮށްލިއެވެ. ކާމިޔާބުވީ ހަމަ ވަރަށް ކުޑަކޮށެވެ. އެވަރުވެސް އެންމެ ރަނގަޅުކަމަށް ނިންމައި، އޯގާތެރިކަމާއެކު ޒީނިޔާގެ އަތުގައި އަސީލްހިފިއެވެ.
ނުރުހުމެއް ގަދަހެދުމެއް ނުދެއްކުމުން ޒީނިޔާގެ އަތުގައި ހިފައިގެންގޮސް އެނދުގެ ފައިލާކޮޅުގައި ޒީނިޔާ ބޭންދިއެވެ. އަދި އަސީލްވެސް ޒީނިޔާގެ ކައިރީގައި އިށީނދެއްޖެއެވެ. އެހިސާބަށް ދެވުނުގޮތަށް ދެން އޮތް ހިސާބަށްވެސް ގޮސްފައި ނޫނީ ނުދާން އަޒުމް ކަނޑައަޅައިގެންނެވެ.
"ޒީނިޔާ.....އަހަރެން މިދައްކާ ވާހަކަ އަޑުއަހާފަ ޒީނިޔާ ދޭ ޖަވާބެއް އެނގެން އަހަރެން ވަރަށް ބޭނުން. ކޮންމެ ގޮތަކަށް ޖަވާބު ދިންކަމުގައި ވިޔަސް މައްސަލައެއް ނުޖައްސާ ގަބޫލު ކުރާނަން." އޭނަގެ ހިތުގެ ހާލު ބަޔާންކޮށްދޭން އަސީލް ތައްޔާރު ވިއެވެ.
އަސީލް ގަބޫލުކުރި ގޮތުގައި ދެންމެ އެ ފެނުނު ޒީނިޔާ އަކީ މުޅިން އެހެން އަންހެންކުއްޖެކެވެ. އެއީ އެހީތެރިކަމާއި ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ބޭނުންވާ ނިކަމެތި ޒީނިޔާއެކެވެ. ކަންތައް ރަނގަޅަށް ދިޔަނަމަ އެ ޒީނިޔާ އޭނައަށް ފެންނާނީ ވަރަށް ފަހުންނެވެ. އެހެންނަމަވެސް އޭނަގެ ލޯބި ހުށަނޭޅެނީސް އޭނައަށް އެ ޒީނިޔާ ފެނުނީއެވެ.
އެހެންވިޔަސް ކުރިން އެ ފެނުނު ޒީނިޔާގެ ކިބައިން ފައިދާ ނަގާކަށް އަސީލް ބޭނުމެއް ނޫނެވެ. އޭނަ ލޯބި ހުށަހަޅާނީ އަސްލު ޒީނިޔާއަށެވެ. ގޮތް ނިންމާނީވެސް އަސްލު ޒީނިޔާއެވެ.
"ޒީނިޔާ....ތެދަށް ބުނަންޏާ މިއަދު މިވަގުތަކީ އަހަރެން ޅ. އަތޮޅުގައި ހުންނަންވީ ވަގުތެއް. އެކަމަކު އަހަންނަށް މި ހުރެވުނީ މި ރަށުގައި. އަހަރެން މިރަށަށް އައީވެސް ޒީނިޔާ ލޯންޗަށް އެރިތަން ފެނިގެން ޒީނިޔާގެ ފަހަތުން. ޒީނިޔާ އަށް ނޭނގުނަސް ޒީނިޔާ މިރަށަށް އައި ދުވަހުން ފެށިގެން އަހަރެން އައީ ޒީނިޔާ ހޯދަމުން.  އެކަމަކު ވާހަކަ ދައްކާލެވޭގޮތަކަށް ދިމާނުވެ ގޮސް އެއްކަލަ ދުވަހު މީޓިންރޫމްގައި އިންދާ އެ ދުވަހު ދިމާވީ. ޒީނިޔާއާއި ދިމާވިތާ އެންމެ 3 ދުވަސްވިކަމުގައިވިޔަސް އަހަންނަށް ޔަގީން އަހަރެންގެ ހަޔާތަށް އަހަރެން ގެނުވަން ބޭނުންވާ އަންހެންކުއްޖަކީ ޒީނިޔާ ކަން. ހުރިހާ ނިޔަތެއްގައިވެސް އަހަރެން ޒީނިޔާ ބޭނުން. ހުރިހާ ނިޔަތެއްގައިވެސް. އަހަންނަކަށް ލޯބި ހުށަހަޅާކަށް މާ މޮޅުގޮތްތަކެއް ނުވެސް އެނގޭ. އެކަމަކުވެސް ބުނެފާނަން. ޒީނިޔާ ނޫން މީހަކާއި ދޭތެރޭ އަހަރެންގެ ހިތަކު އަދި މިހާތަނަށް މިކަހަލަ ޝުއޫރެއް ނުއުފެދޭ. ޒީނިޔާ ނޫން އެހެން އަންހެންކުއްޖަކު އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ޒީނިޔާއާއެކު ދިރިއުޅެ، މުސްކުޅިވާން. މިކަމަށް ޒީނިޔާ ބުނާ އެއްޗެއް ވީހާވެސް އަވަހަކަށް އެނގެން ބޭނުންވާތީ މިރޭވެސް އާދެވުނީ. އަހަރެން ވަރަށް ބޭނުން ޒީނިޔާ އަހަންނަށް އާނއެކޭ ބުނަން. ބުނެބަލަ ކޮންމެވެސް އެއްޗެއް. ޒީނިޔާ ބޭނުން އެއްޗެއް ބުނާނީ." އަސީލް އޭނައަށް ކުރެވުނު އެންމެ ތަފްޞީލްކޮށް އޭނަގެ ހިތުގެ ޙާލު ޒީނިޔާ އަށް ބުނެދިނެވެ. ޒީނިޔާ ގެ މޫނުން ކަޅި ނައްޓާނުލާ އިނދެގެންނެވެ. ޒީނިޔާގެ ތިރިކޮށްފައިވާ ލޮލުގެ އެސްފިޔަތައް އިރުއިރުކޮޅާ ހެލިލި ކަމުގައިވިޔަސް އެންމެ ފަހަރަކުވެސް އަސީލް އާއި ދިމާލަކަށް ޒީނިޔާނުބަލައެވެ. ހަމަ އެންމެ ފަހަރަކުވެސް ނުބަލައެވެ. އެކަމަކު މިހާރަކު ޒީނިޔާ ނުއެއް ރޮއެވެ.
ދެތިން މިނެޓް ފާއިތުވެ ދިޔަހެން އަސީލްއަށް ހީވެއެވެ. ޒީނިޔާގެ ކަކޫމަތީގައި  މަޑުމަޑުން އަތް ބާއްވާލިއެވެ. އެއާއެކު ޚުދު އަސީލްވެސް ދިޔައީ ސިއްސައިގެންނެވެ.
އަސީލްގެ އަތް ޒީނިޔާގެ ގައިގައި ޖެހުމާއެކު ހީވީ ޒީނިޔާގެ ގައިގައި އަލިފާން ރޯވިހެންނެވެ. ޒީނިޔާ ފުންމައިގެން ތެދުވެ އެނދާއި ދުރަށް ޖެހިލިއެވެ. އަދި އަސީލް އާއި ދިމާލަށް ނަފްރަތާއި ރުޅިވެރިކަމާއެކު ބަލާލިއެވެ. ދެލޯ ރަތް ވެފައެވެ. އަސީލްވެސް ކޮޅަށް ތެދުވެއްޖެއެވެ.
ދެންމެ މަޑު ކަފަކޮޅެއްހެން އޭނަގެ އަތުގެ ތެރޭގައި ހުރެގެން ރުއި އަންހެންކުއްޖާގެ މޫނުން ނަފްރަތާއި ރުޅި ނޫން އެއްޗެއް މިހާރަކު އަސީލްއަކަށް ނުފެނެއެވެ.
"
ޒީނިޔާ...........!" ހައިރާންކަމާއެކު އަސީލްއަށް ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ.

"
އަހަރެންގެ ހަށިގަނޑަކީވެސް އަދި އަހަރެންގެ ފުރާނައަކީވެސް ހަމަ އެކަނި އަހަރެންގެ އެއްޗެއް. އޭގެ ވެރިއަކަށް ވާނީ އަހަރެންބޭނުންވާ މީހެއް. ތިގޮތަށް އަހަރެން "ބޭނުންވެގެން" ގަންނަން އަންނަ މީހެއް ނޫން. އަހަރެންނަކީ ފައިސާ ދީފައި ގަނެވޭ މުދާގަނޑެއް ނޫން. އެގޮތަށް ގަނެވޭކަހަލަ އަންހެންކުއްޖެއްގެ ފަހަތުން އުޅެން ދިއުން މާ ބުއްދިވެރި. އަދި އަހަރެންގެ ހަށިގަނޑުވެސް ނީލަން ނުކިޔަން އަހަރެން. އެހެންވީމަ މީގެ ފަހުން އަހަރެންގެ ފަހަތުން ނުއުޅުނިއްޔާ ރަނގަޅުވާނީ. ތިކަހަލަ ހުރިހާ ފިރިހެނުން ދެކެވެސް އަހަރެން ނަފްރަތު ކުރަން. ތިމީހުންނަކީ ފައިސާވެރިން. ބޭނުން އަންހެންކުއްޖަކު ގަނެލެވޭނެ. އެކަމަކު އަހަރެން ތިގޮތަށް އަހަރެންގެ ނަފްސާއި ހަށިގަނޑުން ވިޔަފާރި ނުކުރަން. ތިހީވީ ވަރަށް ބޮޑު ކުށްހީއެއް. " ޒީނިޔާގެ ރީތި ދެލޮލުން އަލިފާންކަނިވެސް ބުރާ ކަހަލައެވެ. އެހާވެސް ރުޅިގަދައެވެ. އެ ދޮން މޫނުވެސް ރަތްމިރުހެއްހެން ރަތްވަމުން ދިޔައެވެ. އަސީލް އަށް އަންތަރީސްވެގެން ގޮސް އެކައްޗެއްވެސް ނުބުނެވުނެވެ.
------ (ނުނިމޭ)-----------

1 comment: