Sunday, May 31, 2020

Vaudhu Vaahithun - Ep 2

ވަޢުދު ވާހިތުން - 2 ވަނަ ބައި


ސިނާން އެ އަންގައިދިނީ ހުރިހާ ގޮތަކުންވެސް އޭނައަކީ ސިނާންއާއި އެކަށީގެންނުވާ މީހެއްކަން ހެއްޔެވެ؟ އެކަމަކު މި ހުރިހާ ދުވަހު އެ ވާހަކަތައް ނުދައްކާ އެހެންވިއްޔާ ސިނާން ހުރީ ކީއްވެހެއްޔެވެ. 
ސިނާން އާއި އަނޫޝާއާއި އޮންނަ އާދަޔާ ޚިލާފު ގާތްކަމާއިބެހޭ ގޮތުން ދެހަފްތާއެއްހާ ދުވަސްކުރީން އެދެމީހުން ހުރީ ވަރަށް ރަނގަޅަށް ވަރަށް ތަފްޞީލުކޮށް ވާހަކަ ދައްކާފައެވެ. ސިނާން އާއި އެ އަންހެންކުއްޖާއާއި ދެމެދު ލޯބީގެ ގުޅުމެއް އޮތްކަން އެނގޭ ދުވަހަކުން އޭނާ ދޫކުރާނެ ކަމަށް ވަޢުދުވީ އެދުވަހު ޚުދު ސިނާން އަމިއްލައަށެވެ. އެއީ އޭނަ އެދިގެން އޭނަ ބޭނުންވެގެނެއްވެސް ނޫނެވެ. ވަރިއަށް އެދޭފޯމް ސިނާންއަށް އޭނަ ޙަވާލުކުރީވެސް ސިނާން އަމިއްލައަށް ވެފައި އޮތް އެ ވަޢުދު ސިނާންއަށް ހަނދާން ކޮށްދިނުމަށެވެ. އެކަން އެހެން ކުރާނަމޭ ކުރިން ބުނެފައި އޮތީމައެވެ. 


"ސިނާން ޕްލީޒް ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ؟" ސިނާން އާއި ދިމާލަށް ދަމުން ނީރާ އެހިއެވެ. ނީރާ ބޭނުންވީ ސިނާންއާއި ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށެވެ. ބޮޑު މައްސަލައަކަށް ހަދާކަށް ނޫނެވެ.
"ނޯވ. ނައާދޭ. އިތުރަށް ދެން މިކަމާ ވާހަކަ ނުދައްކާ. އައި އެމް ޑަން." ސިނާން ސޯފާގައި އިށީނދެއްޖެއެވެ. ނީރާގެ ވިސްނުމާއި ސިނާންގެ ގޮތް ނިންމުމާއި ދިމާ އިދިކޮޅެވެ.
ނީރާއަށް ގޮސް ތިރި ވެވުނީ ސިނާންގެ ފައި ކައިރިއަށެވެ. ސިނާންގެ ކަކުލުގައި ހިފަހައްޓައިގެން އިނދެ ވާހަކަ ދައްކަން ނީރާ ފެށިއެވެ.
"ތިއީ ހަމަ ސިނާން ދައްކާ ވާހަކަތަ؟ އަހަންނަށް ކުޑަކޮށްވެސް އެނގިފައެއް ނެތް އަހަރެން ދެކެ ސިނާން އެއްވެސް ވަރަކަށް ފޫހިވާކަމެއް. އެހެންވެގެންތަ ސިނާން އެހެން އަންހެންކުއްޖަކާއި ގުޅުން...." ދެރަވެގެން ގޮސް ނީރާއަށް އެހުނެވެ.
"މިހާރު އެނގިއްޖެއެއްނު. " ނީރާއަށް އިތުރަށް ވާހަކަ ދައްކަންވެސް ވަގުތުނުދީ ސިނާން އެތަނުން ތެދުވެއްޖެއެވެ. އެ ދިޔަ ގޮތަށް ގޮސް ނީރާއަށް ފުރަގަސް ދީގެން އޮށޯވެއްޖެއެވެ. އޮށޯވެ އޮތް ސިނާންއާއި ދިމާލަށް ބަލަހައްޓައިގެން ނީރާއަށް އަދިވެސް އިނދެވުނީއެވެ.
ނީރާއަކަށް އޭނާ ހަދަންވީ ގޮތެއް ނޭނގުނެވެ. ދުވަހަކުވެސް އޭނައާއި ދިމާލަށް ނުދައްކާ ވައްތަރެއްގެ ވާހަކަތަކެއް ދައްކާފައި ހަމަ އެހާ ފަސޭހައިން ގޮސް ސިނާނަށް ނިދޭބާވައޭ ނީރާގެ ހިތަށް އެރިއެވެ. އެހެންވިޔަސް ދެވަނަ ފަހަރު ސިނާންއަށް ގޮވަން ނީރާ ބޭނުމެއް ނުވިއެވެ.
ފަހަރެއްގަ ސިނާން އެހާ ހޫނު ގަދަކޮށްލީ ނިދަންއުޅެނިކޮށް ގޮވުމުން ކަމަށްވެދާނެއެވެ. އެކަމަކު އޭނައަށް އިވުނު ފޯންކޯލްގެ އަޑާއި ނިދީގައި އޮވެ އަނޫއޭ ކިޔައިގެން އޭނައަށް މުޚާޠަބްކޮށް ސިނާން ވާހަކަ ދެއްކުމުން އަޅާނުލާ އޭނައަށް ހުރެވޭނީ ކިހިނެއްހެއްޔެވެ؟ އެގޮތަށް އެކަހަލަ ކަމެއް ވުމުން އެކަމާ އެވަގުތު ވާހަކަ ނުދައްކާ ހުރެވޭ އަނބިންވެސް ދުނިޔޭގަ އުޅޭހެއްޔެވެ؟
ސިނާންގެ ކޮންމެ ޢަމަލަކާއި ދޭތެރޭ ނީރާއަށް ވިސްނެމުން ދިޔައެވެ. ވިސްނިވަރަކަށް ނީރާއަށް ފެނުނީ އޭނަގެ އަމިއްލަ ކުށެވެ. އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަން އެންމެ އެކަށީގެންވާ ވަގުތުގައި ވާހަކަ ދެއްކިނަމަ މައްސަލަ އެހާ ގޯސްނުވީސްކަމަށް އަމިއްލައަށް ހިތާ ހިތާ ނިންމިއެވެ.
އިރު އަރައިގެން އައިއިރު އަވީގެ އަސަރުތައް ހުރި ނަމަވެސް މިހާރު އުޑުމަތި ބަނަވެއްޖެއެވެ. ގަޑިން ހަތެއް ޖަހާ ބޮޑުވިއިރުވެސް މާ ބޮޑު އަލިކަމެއް ކޮޓަރިއަށް ނުވަންނާތީ ބޭރު ބަލާލާފައި ނީރާވެސް ގޮސް އަރާ އޮށޯތީއެވެ.
ވިސްނެމުން ދިޔައީ ސިނާނަށް އެ އައި ބަދަލާ ދޭތެރޭގައެވެ. ރަނގަޅު ވަގުތެއް ހޯދައިގެން ސިނާންއާއި ރީތިކޮށް ވާހަކަ ދައްކައި އެކަމަށް ޙައްލެއް ހޯދުމަށް ނިންމައިގެން ދެލޯ މަރާލީ ނިންޖާ ވަރުބަލިވެފައި ހުރީމައެވެ.

ނީރާއަށް ހޭލެވުނީ ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށެވެ. ހޮނިހިރު ދުވަސްކަމަށްވާތީ ހެނދުނު ނިދާލުމަކީ އެ ދެމަފިރިންގެވެސް އާދައެކެވެ. ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނަކީ އޭނައަށްޓަކައި ހުސްވެގެން ސިނާން ގޭގައި ހުންނަ ވަގުތެކެވެ. އެއީ އެ ދެމީހުންގެ އެކަނި ވަގުތެކެވެ. އެމީހުންގެ ކައިވެނީގެ ފުރަތަމަ ދުވަހުއްސުރެ އެކަން އޮންނަނީ އެގޮތަށެވެ. އެހެންނަމަވެސް މިއަދު ނީރާ ބަލާލިއިރު ސިނާނެއް ނެތެވެ. ގޭތެރޭގެ އެއްވެސް ދިމާލެއްގައިވެސް ސިނާނެއް ނެތެވެ. ނީރާގެ ފޯނަށް މެސެޖްގަނޑެއްހާވަރުވެސް ކޮށްލާފައެއް ނެތެވެ. ހޭލައިގެން އެ ދިޔަތަނަކަށް ދިޔައިރުވެސް ސިނާންގެ ރުޅި ފިނި ނުވާކަމުގެ ހެއްކަކަށް އެކަން ނީރާއަށް ފުދުނެވެ.
ދެރަވެ ކަރުއެލުނު ވަރުން ނީރާ ގޮސް އިށީނީ ކާމޭޒު ދޮށުގައެވެ. އިރުކޮޅަކު އެހެން އިނދެ އިނދެފައި ފުން ނޭވާއެއް ލާފައި ތެދުވެ ކަޅު ކޮފީތަށްޓެއް ގިރާލިއެވެ. ދެން ދިޔައީ ފެންވަރާށެވެ.  
ދޭތެރެއަކުން ސިނާންގެ ފޯނަށް ގުޅާލައެވެ. އެއްވެސް ފަހަރަކު އެކޮޅުން ފޯނަށް ޖަވާބެއް ނުދެއެވެ. ސިނާން ވީތަނެއްވެސް ނީރާއަކަށް ނޭނގެއެވެ. ދެމަފިރިން އެކަނި އުޅޭ އެޕާޓްމެންޓެއް ކަމަށްވާތީ ގޭގައިވެސް ކުރާކަށް މާބޮޑު ކަމެއް ނެތެވެ. ކޮންމެ އެއްޗެއްވެސް ކޮންމެ ތަނެއްވެސް ހުރީ އާދައިގެ މަތިން ތަރުތީބުކަމާއި ސާފުކަން މަތީގައެވެ.
މެންދުރަށް ސިނާން ގެއަށް އަތުވެދާނެކަމަށް ހީކޮށް ސިނާން އަށް އެންމެ މީރުވާ ގޮތަށް ބީފް ސްޕެކެޓީ ކެއްކިއެވެ. ލެޓިއުސް އެންޑް ޗިކަން ސަލަޑެއް ހެދިއެވެ. ފެޝަން ފުރުޓުން ޖޫސް ގިރިއެވެ. އެހެންނަމަވެސް މެންދުރުން އަނބުރާ ދޭއް ޖެހިއިރުވެސް ސިނާންއެއް ގެއަކަށް ނާދެއެވެ. ނީރާ ކުރި ކޯލަކަށްވެސް ޖަވާބެއްވެސް ނުދެއެވެ. ނީރާގެ އެއްވެސް މެސެޖަކަށްވެސް ޖަވާބެއް ނުދެއެވެ.
ސިނާންގ ޙަބަރެއް ނުވެ ގޭގައި ހުންނަން ޖެހުމުން ނީރާއަށް އިންތިހާއަށް އުނދަގޫވިއެވެ. އެންމެ ފަހުން ނީރާ ނިންމީ ހަވީރު ވުމުން ބޮޑުބެމެންގެއަށް ގޮސްލާށެވެ. ގޭގައި އެކަނި އިނދެ ސިނާން އާއިދޭތެރޭ ވިސްނި ވަރަކަށް ކަންބޮޑުވުން އިތުރުވުން ނޫން ކަމެއް ނުވާތީއެވެ.
ބޮޑުބެގެ ދަރިފުޅު މައިޝާއަށް އަލަށް ކުއްޖަކު ލިބިގެން އުޅޭތީ އެގޭތެރޭގައި ފޫހިވާކަށް ނީރާއަކަށް ވަގުތެއް ނުވިއެވެ. ހަވީރު އެއްކޮށް އެގޭގައި ހޭދަކޮށްފައި އެނބުރި ގެއަށްދާން ނީރާ ނުކުތްއިރު ރޭވެ އަށެއް ޖަހައިގެން ފިހާރަތައް ހުޅުވަން ފަށައިފިއެވެ. މާ ލަސްވެސް ވެއްޖެއޭ ނީރާ ހިތަށް އެރިއެވެ.

ހިމަހިމަ ގޯޅިގަނޑުން ގޮސް މަޖީދީމަގަށް ނުކުންނަމުން އަވަހަށް ގުޅާލެވުނީ އަނެއްކާވެސް ސިނާންގެ ފޯނަށެވެ. ކުރިއާއި ޚިލާފަށް މިފަހަރު ފޯން އޮތީ ނިއްވާފައެވެ. 

މީހުންނަށް ސަމާލުވަމުން ހިނގަމުންދިޔަ ނީރާއަށް ފަހަތަށް އެނބުރި ބެލެން ފެށުނީ މަގުގެ އަނެއްފަރާތު ހުރި ފިހާރަ ދޮރުމަތިން އެ ފެނުނު މީހަކާ ސިނާން އާއި ވައްތަރު ވުމުންނެވެ. ޔަގީންވުމުން ހުއްޓެވުނެވެ. ސިނާން ސައިކަލަށް އަރަނީއެވެ. ކައިރީގައި ހުރި އަންހެންކުއްޖެއްގެ އަތަށް ސިނާން ކޮތަޅެއް ދެނީއެވެ. އެ އަންހެންކުއްޖާ ސިނާންގެ ބޮލުގައި ހުރި އައިނެއް ނަގާ ލައިގެން ހުރި ޓީޝާޓްގެ ކަރުގައި އަމިއްލައަށް އެޅުވިއެވެ. ދެން ސިނާން ދިން ކޮތަޅުގައި ހިފައި އޭގެ އެތެރެ ބަލާލިއެވެ. އެއާއެކު އެ އަންހެންކުއްޖާއަށް އެވީ ގޮތަކުން، އެކޮތަޅުގައި އޮތީ އެ އަންހެންކުއްޖާއަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމެއް ކަމާއި އެއީ އޭނަ ވަރަށް ބޭނުންވާ އެއްޗެއްކަން އެނގުނެވެ. އެ އަންހެންކުއްޖަކީ އަނޫޝާއެވެ. ސިނާންގެ އޮފީހުގައި ސިނާންގެ ދަށުން މަސައްކަތް ކުރާ ސިނާންގެ ސެކްރެޓަރީއެވެ.
މި މަންޒަރު ބަލަން ހުރި ނީރާ އަނެއްކާވެސް ސިނާންގެ ފޯނަށް ގުޅިއެވެ. އަދިވެސް އޮތީ ނިއްވާފައެވެ. ނީރާ ބަލަން ހުއްޓާ ސިނާން ސައިކަލް ސްޓާޓް ކުރިއެވެ. އެއްވެސް ކަހަލަ ފަސްޖެހުމެއް ނެތި ސިނާންގެ ކޮނޑުގައި ހިފާފައި ސިނާންގެ ފަހަތަށް އަނޫޝާ އެރިއެވެ. ސިނާންގެ ބުރަކަށްޓާއި ދޭތެރޭ ހުރި ދުރުމިން ކައިރިކުރީ އެ އަންހެންކުއްޖާ ލައިގެން ހުރި ޓީޝާޓްގެ ކަރުގައި ދެންމެއަކު އެޅުވި އައިނަށް ވެދާނެ ގެއްލުމަކަށްވެސް ބެލުމެއް ނެތިއެވެ. ދެން ފެނުނީ އަނޫޝާ ބުނެލި ކޮންމެވެސް އެއްޗަކުން ވަރަށް ހިނި އައިސް އިނދެގެން ސިނާން ސައިކަލް ދުއްވާލިތަނެވެ. ނީރާގެ ކުރިމަތިންނެވެ.
ނީރާ ގޮސް ގެއަށްވަދެ ފެންވަރާލައިގެން ނުކުތްއިރު ގޭތެރޭގައި މީހަކު އުޅޭހެން ހީވެގެން އަވަސް އަވަހަށް ގޮސް ބެލިއިރު ބަދިގޭގައި ސިނާން އުޅެއެވެ. ސިނާން ގެއަށް އެއައީ ނީރާ ހީކުރިވަރަށްވުރެ އަވަހަށެވެ. ދެންމެއަކު އަނޫޝާ ގޮވައިގެން ދުއްވާލި ސައިކަލްގައި ހެވިފައި އިން ސިނާން އާއި މިހާރު ގޭގައި އިން ސިނާންއާއި ވަރަށް ތަފާތެވެ. 
"ހުންނާނެ ސްޕެކެޓީ ކައްކާފަ. ހަދަންތަ ކާން؟" ބޮލުގެ ފެންހިއްކަން އޮޅި ތުވާލި ނަގާ ބާއްވާފައި ނުކުމެ ނީރާ މިހެން އެހިރު ނީރާ ހުރީ ފުރިޖު ހުޅުވައިގެން ސިނާންއަށް ކާން ހަދަން ފަށައިގެންނެވެ.
"ނޯވ އިޓްސް އޯކޭ، ފަހުން ކާނީ." އިސްއުފުލާ ބަލާވެސް ނުލާއިނދެ ފެޝަން ފްރުޓް ޖޫސްތަށްޓެއް ބޮމުން ދިޔަ ސިނާންގެ ކަޅި ހުއްޓިފަ ހުރީ އަތުގައި އޮތް ފޯނަށެވެ. ބެޓެރި ޑައުންވެގެން ނިވުނީކީ ނޫންތާއޭ ނީރާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެއްޗެއް ބުނާކަށް ނީރާ ގަސްތެއް ނުކުރިއެވެ. އިރުކޮޅެއްވަންދެން އެ މޭޒުގެ އަނެއް ފަރާތުގައި ސިނާން އާއި ދިމާލަށް ބަލަހައްޓައިގެން ނީރާ ހުރީ ކޮންމެވެސް ވިސްނުމެއްގައެވެ. އެ ވިސްނި ވިސްނުމަކަށް އަދި ޢަމަލެއް ނުކުރެވިގެން އުޅެނިކޮށް ސިނާން އެތަނުން ތެދުވެއްޖެއެވެ. އެތަނުގައި ނީރާ ހުރިކަމަށްވެސް ނަހަދާ ކޮޓަރިއަށް ވަދެގެން ދިޔައީއެވެ. ނީރާވެސް ގޮސް ކޮޓަރިއަށް ވަނީއެވެ.
ސިނާން ފެންވަރަން ދާން ތައްޔާރު ވަނީއެވެ. ޓީޝާޓް ބާލައި ދާވަށިގަނޑަށް ވައްޓާލާފައި ބެލްޓް ނަގަން ފެށިއެވެ. ނީރާއަށް ފެންނަނީ ސިނާންގެ ފުރަގަހުންނެވެ. 
"ސޮރީ....ޕްލީޒް ރުޅި ނާދޭ." މިހެން ނީރާ ބުނެލީ ސިނާންގެ ފުރަގަހުން ބައްދާލަމުންނެވެ.
ސިނާންގެ އަތަށް ހުއްޓުމެއް އައެވެ. ސިކުންތުކޮޅަކަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް ސަމާލުކަމެއް ނީރާއަކަށް ނުދިނެވެ.
"ޕްލީޒް....." އަކުރުތަކަށް ދަމާފައި ނީރާ ބުނެލިއެވެ. ދެރަވެ މޮޅިވެފައި ހުރި އަޑަކުންނެވެ. އެކަމަކުވެސް ސިނާން އަޅާނުލިއެވެ. މަޑުމަޑުން ހުރީއެވެ.
ނީރާއަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. ނީރާ ބޭނުންވަނީ ފިރިމީހާއާއި ސުލްޙަވެރިވާށެވެ. ސިނާންގެ ހީލި ހުންނަތަންތަން ނީރާއަށް އެނގެއެވެ. ސިނާންގެ އަރިކަށްޓާ ދިމާލުން އަތްލައިފިއްޔާ ސިނާންއަށް މަޑަކުން ނުހުރެވޭނެކަން ނީރާ ދަނެއެވެ. ނީރާގެ އެ ޙަރަކާތުން ސިނާން ތެޅިގަތެވެ. ނީރާގެ އަތް ނައްޓުވަމުން ނީރާއާއި ކުރިމަތިލިއެވެ.
"ސޮރީ....." އަނެއްކާވެސް ނީރާ ބުނެލިއެވެ. އެހެންނަމަވެސް މިފަހަރު އެއީ ހަގީގީ ސޮރީއެއް ނޫންކަން ސިނާންއަށްވެސް އެނގުނެވެ. ނީރާގެ ލޮލުގައި ހުރި ލާނެތް ހިނިތުންވުން ސިނާނަކަށް ސިއްރެއް ނުވެއެވެ.
"އެހެންތަ......ލެޓްސް ސީ...." އަތުގައި އޮތް ބެލްޓް އެނދުމައްޗަށް އެއްލާލަމުން ސިނާން ވެސް ހިނިތުންވެލިއެވެ. ކުއްލިއަކަށް ދެއަތްމައްޗަށް ނީރާ ނަގައިގެން ގޮސް ސިނާން ވަނީ ފާހާނާއަށެވެ. ޝަވަރުދަށަށް ވަދެވުމާއެކު ޝަވަރަށް ދޫކޮށްލިއެވެ. ނީރާގެ އެއްވެސް ދެކޮޅުހެދުމަކަށް ސަމާލުކަމެއް ނުދީ ޚުދު ސިނާންވެސް ތެމެމުން ނީރާވެސް ތެންމާލިއެވެ. ދެމީހުންގެވެސް ހުނުންގަނޑު ފަޅައިގެންދާކަށް ގިނައިރެއް ނުނެގިއެވެ.
ދެންމެއަކު ފެންވަރައިގެން ނުކުތް ނީރާއަށް އަނެއްކާ ތެމެން ޖެހުނު ނަމަވެސް ސިނާންގެ އެ ޢަމަލުގެ ސަބަބުން ނީރާއަށް ލިބުނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމަކާއި އުފަލެކެވެ. ސިނާންއާއި އޭނައާއި ދެމެދު ހިތްހަމަނުޖެހުމާއި މައްސަލަތައް އޮތުން އެއީ އެއްގޮތަކަށްވެސް ނީރާއަށް ކެތްވާނެ ކަމެއް ނޫނެވެ. އެކަމުން ދުރުވުމަށްޓަކައި ހުރިހާ ޝަކުވާ އަކާއި ހުރިހާ ހިތްދަތިކަމެއްވެސް ނީރާ ހަނދާން ނައްތާލަފާނެއެވެ. ސިނާންއަށްޓަކައިނަމަ އެވަރުވެސް އޭނައަށް ކުޑައެވެ. 

އޭނާއަކީ މާ ފަސޭހައިން ދޫދޭ މީހެކޭ މާފަސޭހައިން މަޢާފް ދޭ މީހެކޭ މީހަކު އޭނައާއި ދިމާލަށް ބުންޏަސް ނީރާއަށް ހެވެވެ. އިނދެގެން އުޅޭ މީހުންގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް މިފަދަ އެތައް އެތައް ގޮތްދޫނުކުރުންތަކެއް އިސްކުރަން ޖެހޭ ދުވަސްތަކެކެވެ. އެކަމާ އިންކާރު ކުރާނެ އަނބިންނެއް ތިބޭނެހެނެއް ނީރާއަކަށް ހިއެއް ނުވެއެވެ.
"އަހަންނަށް ކުށެއް ކުރެވޭ ދުވަހަކުން ނީރާވެސް އަހަންނަށް މަޢާފް ކުރަންވާނެ." ދެމަފިރިންގެ ދެމެދުގައި ރޭގައި ޖެހުނު މައްސަލަ ހައްލުވެ އަނެކާއަކީ ތިމާއަށް ކިހާ މުހިއްމު މީހެއްކަން އިހްސާސްވެފައި ތިބި ހިމޭން ވަގުތުކޮޅުގައި ސިނާން ބުނެލިއެވެ.
އެނދުގައި އިށީނދެގެން އިނދެ އެހެން ބުނެލި ސިނާންއާއި ދިމާލަށް ނީރާ ބަލާލީ ކުރިމަތީގަ ހުރި ލޯގަނޑުންނެވެ. އެއްޗެއް ބުނުމުގެ ބަދަލުގައި ފުނާ ބާއްވާފައި ނީރާ ދިޔައީ ސިނާން ކައިރިއަށެވެ. ސިނާންގެ ކަނާތްފަރާތުން އިށީނުމާއެކު ސިނާން ނީރާގެ އަތްތިލައިގެ އިނގިލިތަކަށް އޭނަގެ އަމިއްލަ އިނގިލިތައް މަހާލިއެވެ. ސިނާންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ސިނާންއާއި އަދިވެސް ގާތަށް ނީރާ ޖެހިލިއެވެ. ސިނާންގެ އަތުގައި އޮޅުލައިގަންނަމުން ކޮނޑުގައި ބޯއަޅާލިއެވެ. ފުން ނޭވާއެއް ލާފައި ދެލޯމަރާލިއެވެ.
މަންމައެއް ބައްޕައެއް ނެތް މި ބޮޑު ދުނިޔޭގައި ނީރާގެ ހުރިހާވެސް މީހަކީ ސިނާންއެވެ. އޭނަ ދޫކޮށްފައި ސިނާން ނުދާނަމަ އޭނަ މަޢާފްނުކުރާނެވަރުގެ ކުށެއް ސިނާނަށް ނުކުރެވޭނެކަމަށް ނީރާ ހުރީ އަމިއްލަ ހިތަށް ވިސްނައިދީގެންނެވެ.
"މަޢާފްކުރާނަން ދޯ؟" ނީރާގެ މޫނުގައި ފިރުމަމުން ސިނާން އަހާލިއެވެ. މާގިނަ ވާހަކަ ދައްކައިގެން އެ އުފާވެރި ވަގުތުކޮޅު ގެއްލުވާލާކަށް ނީރާ ބޭނުމެއް ނުވިއެވެ. އެހެންވެ ހަމަ އެއިން ގޮތަށް އިނދެފައި ހޫމް އަކުން ސިނާން އަށް ޔަގީންކަން ދިނެވެ. ހިނިތުންވެ އިނދެއެވެ. ލޯބިން ހިތްފުރި ބަންޑުންވެދާނެހެން ހީވާ ފަދައަކުންނެވެ.
"ތެންކިޔު ހަނީ. ލަވް ޔޫ." ނީރާގެ ނިތްކުރީގައި ބޮސްދެމުން ހަމަޖެހުމުގެ ނޭވާއެއް ސިނާން ލިއެވެ.
"ވެލްކަމް ހަނީ. ލަވް ޔޫ" ސިނާން ބުނި ގޮތަށް އެ ރާގަށް ނީރާވެސް ބުނެލިއެވެ. ދެމީހުންގެ ގާތަށް ލުއި ހިންޏެއް އައެވެ.
"އަސްލު، މިވާހަކަ ބުނަން ހުންނަނީ. އެކަމަކު...." ސިނާން ކޮންމެވެސް ވާހަކައެއް ދައްކަން އުޅުނެވެ.
"އިޓްސް އޯކޭ. ލީވް އިޓް." ސިނާން އާއި ކުރަން އޮތް ހަމައެކަނި ޝަކުވާ އަކީ އަނޫޝާގެ ޝަކުވާއެވެ. އެކަމަކު އަނޫޝާއާއި ސިނާންގެ އޮންނަ ކުޑަކުޑަ ގާތްކަމަކުން އޭނައަށް ނުރައްކަލެއް ނެތްކަމަށް މިހާރު ނީރާ ގަބޫލު ކުރެއެވެ. ސިނާން އާއި ނީރާއާއި ގުޅުމެއް އޮތްނަމަވެސް ސިނާންގެ ހިތާއި ހަށިގަނޑަކީވެސް ޚުދު ނީރާގެކަން އެނގި ގަބޫލުކުރެވޭތީ އޮފީސްތެރޭގައި ސިނާން އަނޫޝާއާއި ޖަހާ ސަކަރާތަކަށް ޝަކުވާ ނުކުރާން ނީރާ ހުރީ މިއަދު ބޭރުން އައިފަހުން ވިސްނައިގެންނެވެ. އޮފީހުގައި ސިނާން ބޭނުން ވަރަކަށް އަނޫޝާއާއެކު ހީ ސަކރާތް ޖަހަންވީއެވެ. ބާޒާރަށް ގޮސް ނީރާއަށް އެއްޗެހިވެސް ގަނެދޭންވީއެވެ. އެހެންވިޔަސް ސިނާން އަންނާނީ އޭނަ ކައިރިއަށެވެ. އޭނަގެ ގެއަށެވެ. ނިދާނީ އޭނަ ކައިރީގައެވެ. ސިނާން އަކީ އޭނަގެ ފިރިމީހާއެވެ. އަނޫޝާއަކަށް އެއިން އެއްކަމެއްވެސް ނުލިބޭނެއެވެ. ވީއިރު މައްސަލައެއް ޖެއްސުމުގެ ބޭނުމެއް ނެތްކަމަށް ނީރާ ހުރީ އަމިއްލަ ހިތަށް މިއަދު ވިސްނައިދީގެންނެވެ. ސިނާން އާއި އަނޫޝާގެ އުފާވެރި ވަގުތުކޮޅު ލޮލުން ފެނުނު ފަހުން ނީރާއަށް ވިސްނުނު ހަމައެކަނި ޙައްލަކީ އެއީއެވެ.
"ލިސްން....އައި....އައިވް ސްލެޕްޓް ވިތު އަނޫ." ސިނާންގެ މިހެން ބުނެލީ ކިތަންމެ މަޑުމަޑުން ކަމަށްވިޔަސް ނީރާއަށް ހީވީ އޭނަގެ ބޮލުގައި އެއްޗަކުން ޖެހިހެންނެވެ. މަޑުމަޑުން ސިނާން އާއި ދުރުވެލެވިއްޖެއެވެ.
"ކީކޭ ތިބުނީ؟" ނީރާއަށް އިވުނު އަޑު ގަބޫލުނުކުރެވިގެން އަހާލާ ކަހަލަ ގޮތަކަށް އެހިއެވެ.
"ރޭގަ ނީރާ ކުރި ސުވާލުގެ ޖަވާބު މިދިނީ. އަހަރެންވެސް ބޭނުމެއް ނޫން އެކަން ވާކަށް. އިޓް އިޒް ޕާސްޓް. އޭގެ ފަހަކުން އެކަހަލަ ކަމެއް ނުހިނގާ. ޕްލީޒް. ނީރާ ގަބޫލުކުރަންވާނެ ނީރާ ނޫން މީހެއް ދެކެ ލޯތްބެއް ނުވާކަން އަހަރެން...އެކަމަކު އެ ވާހަކަ ނުބުނެ ހުރިހާ ހިނދަކު ދޮގުހަދައިގެން އުޅެންޖެހޭތީ އުނދަގޫވޭ. ސޯ އައިވޯންޓް ޓު ބީ އޮނެސްޓް. އިޓް އިޒް މައި ބޭޑް. ސޮރީ. " ސިނާން އާއި ދުރަށް ޖެހުނު ނީރާގެ ދެއަތްތިލައިގައި ހިފަމުން ސިނާން ވާހަކަ ދައްކަން ފެށިއެވެ.
"ގޯޑް ސިނާން. ސިނާންއަށް އެނގޭތަ ތިބުނެވެނީ ކީކޭކަން. ހާދަ ފަސޭހައޭ ދޯ ސިނާންއަށް ތިހެން ބުނެލަން." ސިނާންގެ އަތްތެރެއިން އަތްތިލަ ދަމައިގަންނަމުން ނީރާ އެނދުންވެސް ތެދުވެއްޖެއެވެ.
"ޔެސް. އެނގޭ. ބަޓް އައި ކާންޓް ކީޕް އޮން ލައިން. އެހެންވެ  މި ބުނީ. ގަބޫލުކުރޭ މިހާރަކު ނޯންނާނެ އޭނައާ އެކަހަލަ ގުޅުމެއް. ޕްލީޒް. ޓްރައި ޓު އަންޑަސްޓޭންޑް." ސިނާންގެ އަޑުގައި ވަނީ އާދޭހެވެ.
"މޭކްމީ އަންޑަސްޓޭންޑް ސިނާން. ކޮންއިރަކުވީ ކަމެއް ތިއީ. ސިނާން ބުނި އެކަމަކު އެކަހަލަ ކަމެއް ނޯންނާނެޔޭ އޭނައާ. އޭނައޭ ތިމަންނާ ފަހަތުން އުޅެނީ ބުނި ހަނދާން ސިނާން އެބަހުރިތަ؟" ސިނާން އެބުނި އެއްޗަކާ ދޭތެރޭ ވިސްނަން މަސައްކަތް ކުރަމުން ނީރާ އެހިއެވެ. ނަމަވެސް ސިނާނަށް އެއަށް ދޭނެ ޖަވާބެއް ނޭނގުނު ކަހަލައެވެ.

"ކިތައްދުވަހު ސިނާން އޭނައާ....؟ ކިތައް ދުވަހު؟" ނީރާގެ އެ ސުވާލު ސިނާއަށް ވަރަށް އާދަޔާ ޚިލާފް ވިއެވެ.
"އިޓް ޑަޒަންޓް މަޓަރ އެނީމޯ ހަނީ. ޕްލީޒް. ސޮރީ ފޯރ އެވްރީތިންގ." އެ ވާހަކައިގެ ތަފްޞީލަށް ދާކަށް ސިނާން ބޭނުމެއް ނުވިއެވެ.
"އެހެންވެގެންތަ ސިނާން އެހާ ރުޅިއެއް ރޭގަ އައީ؟ ތެދުބަހުން ސިނާނަށް ރޭގަވެސް ބުނެވޭނެ ދޯ؟" ނީރާގެ އަޑު ވަރަށް މަޑެވެ. ނީރާގެ މޫނުމަތިން ފެންނަނީ ވަރަށްވެސް ބޮޑު ކަންބޮޑުވުމެކެވެ.
"އައި ވޮޒޮންޓް އިން މައި ރައިޓް މައިންޑް ރޭގަ. ނިދަން އުޅުނުގަޑި ވީމަ ވިސްނާނުލެވުނީ އަސްލު. ރޭގެ ވާހަކައަށް މިއަދު ވިސްނާފަ މިވާހަކަ ދައްކަން ނިންމައިގެން މިރޭ ގެއަށް އައިވެސް." ސިނާން ބުނެދިނެވެ.
"އަނޫޝާއަށް މިރޭ ސިނާން ގަނެދިނީ ވަދާޢީ ހަދިޔާތާ ދޯ އެހެންވީމަ؟" ނީރާއަށް ބުނެލެވުނެވެ. އިޚްތިޔާރަކާ ނުލައެވެ. ސިނާން ސިހުނެވެ. ނީރާއަށް އެކަން އެނގުނީ ކިހިނެއްބާވައޭ ސިނާންގެ ހިތަށް އެރިއެވެ.
"ޕްލީޒް ހަނީ. މަޢާފްކޮށްދީ އެކަމަށް. ދެނެއް ނުވާނެ އެހެނެއް. އައި ކާންޓް ލިވް ވިތައުޓް ޔޫ. އެންޑް ޔޫ ނޯ ދެޓް." ދުރުގައި ގޮސް ހުރި ނީރާގެ ގައިގައި ބައްދަން މަސައްކަތް ކުރަމުން ސިނާން ބުނަމުން ދިޔައެވެ. ނީރާ ދެކޮޅެއްވެސް ނަހަދައެވެ. އެއަށްވުރެ ބޮޑަށް ނީރާއަށް ހުރީ ހައިރާން ކަމެއް ލިބިފައެވެ.
"ކިތައް ދުވަހު ސިނާން؟" ސިނާންގެ އަތުތެރޭގައި ހުރެ ނީރާ އަނެއްކާވެސް އެހިއެވެ. ސިނާންގެ ކަރު އެލުނެވެ. އެ ސުވާލަކުން ނުނެއްޓިގެން ނީރާ އުޅެނީ ކީއްވެގެންކަމެއް ސިނާން އަކަށް ނުވިސްނެއެވެ.
"ޑަޒް އިޓް މަޓަރ؟" ސިނާން އެހިއެވެ. ހައިރާން ވެފައެވެ. އެހެން މީހަކު ނަމަ އަހާނީ ކޮންއިރަކު ހެއްޔޭއެވެ. އެކަމަކު ނީރާ އެ އަހަނީ ކިތައް ދުވަހުހޭ ހެއްޔެވެ؟ ނީރާ އެވިސްނަނީ ކޮންކަހަލަ ގޮތަކަށް ކަން އޭނައަށް އެނގޭނެނަމައޭ ސިނާން ހިތަށް އެރިއެވެ.
"އާނ ސިނާން. އަހަންނަށް މުހިއްމު އެނގެން. އެހެންވެ މިއަހަނީ. ކިތައް ދުވަހު؟" ތަންކޮޅެއް ބާރަށް ނީރާ އެހިއެވެ.
"ހަތެއް." ހާސްވެގެން ބޮލުގައި އަތް ހާކަމުން ސިނާނަށް ބުނެވުނެވެ.
ސިނާނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ނީރާ މަޑުމަޑުން ހިނގާލާފައި ގޮސް ކޮޓަރީގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ. ރޭގައި ހަމަ އެ ސޯފާގައި އިން ސިނާންގެ ފައިކައިރިއަށް ތިރިވެ އޭނަ އާދޭސްކުރި ހަނދާން ނީރާ ވިއެވެ. ސޯފާގައި އިށީދެ މާގިނައިރެއް ނުވެ ދެ ލޯ ތެމެން ފެށިއެވެ.
މިވީ ކިހިނެއްކަމާއި މިވަނީ ކިހިނެއްކަމާއި ދެން ވާނީ ކިހިނެއްކަން ވިސްނެމުން ދިޔަ ވަރަކަށް ނީރާގެ ދެ ލޯ ފުރިގެން ފައިބާ ކަރުނަތައް ދަތްދޮޅި ފަސްދީ ތިރިއަށް ގޮސް ނީރާގެ ހެދުމަށް އޮބެމުން ދިޔައެވެ. 
ދުރުގައި ހުރި ސިނާން ދެއުކުޅުގައި އަތްވިދެލައިގެން ނީރާއަށް ބަލަހައްޓައިގެން ހުރީ ނީރާ ގާތަށްވެސް ދާން ނުކެރިފައެވެ. އޭނަގެ ކުށް އޭނައަށް ކިތަންމެ ވަރަކަށްވެސް އިހްސާސްވެފައިވާކަން ހާމަވެއެވެ. އެހެންނަމަވެސް މާ ގިނައިރަކު ނުހުރެވުނެވެ.
"ޕްލީޒް ހަނީ. ޕްލީޒް. އައިއެމް ސޯ ސޮރީ. ޕްލީޒް ފޮރގިވް މީ. ޕްލީޒް." ރޮވެމުން ގިސްލެވެމުން ދިޔަ ނީރާގެ ގާތަށްގޮސް ނީރާގެ މޫނުގައި ހިފައި އެ މޫނުގެ އެތަން މިތަނުގައި ބޮސްދެމުން ސިނާން ބުނަމުން ދިޔައެވެ. ނީރާގެ ހިތުގެ ޙާލު ނީރާގެ މޫނުން ވަރަށް ސާފުކޮށް ސިނާން އަށް ފެނެއެވެ.
"ނޫން ސިނާން. އަހަންނަށްޓަކައި މިހާރު ތިއީ މުޅިން އެހެން މީހެއް. ސިނާން އާއި ދޭތެރޭ ދެކެމުން އައި ގޮތްވެސް މިހާރު ތަފާތުވެއްޖެ. އަހަރެން ބޭނުމެއް ނޫން އެހެން އަންހެނެއްގައިގައި ފިރުމާފަ ހުރި އަތަކުން އަހަރެން ގައިގަ ތިގޮތަށް އަތްލާކަށް." ނީރާ އެ ސޯފާއިން ތެދުވިއެވެ. ސިނާންގެ ފިރުމުންތަކާއި ދުރުވެ މާ ދުރުގައި ގޮސް ނީރާ ހުއްޓުނެވެ.
"ސިނާން އަމިއްލައަށް މިކައިވެނި ރޫޅާލާފަ ތިހިރީ. ދެން އެންމެ ރަނގަޅުވާނީ އަހަރެން ދޫކޮށްލިއްޔާ. ވަރިކޮށްދީ ޕްލީޒް" ސިނާންއަށް ފުރަގަސްދީގެން ކުޑަދޮރުކައިރީ ހުރި ނީރާ އެނބުރިލާފައި ބުނެލި އެ އެ ދެތިންޖުމްލައެއްގެ ފަހު ބަޔާއެކު ނީރާގެ އަޑުވެސް ކަރުނުން ތެމިއްޖެއެވެ.  

ކިތަންމެ މައްސަލަ ގޯސްވެގެން ދިޔަޔަސް ވަރިއަށް އެދޭނެ ކަމަކަށް ސިނާން ހިއެއް ނުކުރެއެވެ. ސިނާނަށް ހީވީ އޭނަގެ ދެފައިން ބާރު ދޫވިހެންނެވެ.
----------- (ނުނިމޭ)------------

1 comment: