ބޮޑާ ނަފްސު – 1 ވަނަ ބައި
(މިވާހަކައަކީ އޮންލައިންކޮށް އަޅުގަނޑުގެ ވާހަކަތައް ގެނެސްދިނުމުގެ ފެށުމެވެ. 2010 ވަނަ އަހަރު "މުރާސިލް" ނޫހުގައި ގެނެސްދޭން ފެށި މި ވާހަކަ މިހާރު އެއްވެސް ނޫހެއްގައި ކިޔާލެވެން ނެތުމުން ގިނަ ޢަދަދެއްގެ ކިޔުންތެރިން އެކަމަށް އެދެމުން ދާތީ، މިވާހަކަ މި ބްލޮގުގައި ކޮންމެ ހުކުރު ހޮނިހިރު ދުވަހަކު ޕަބްލިޝް ކުރުމަށް ގަސްތުކުރަމެވެ. ކިޔުންތެރިންގެ ކޮމެންޓަށް މަރުޙަބާ ކިޔަނީ އުފަލާއެކުގައެވެ.)

ޕާޓީ....ޕާޓީ....ޕާޓީ....އެއް ޕާޓީއަށްފަހު އަނެއް
ޕާޓީއެކެވެ. ނިމުމެއް ނެތެވެ. މުޅި ދިރިއުޅުންވެސް ޕާޓީއަކަށް ވެއްޖެއެވެ. ބޮޑު
ފޫއްސެކެވެ. މިކަމަކުން ސަލާމަތްވެވޭކަށްވެސް ނެތެވެ. އަދި ސަލާމަތް ވިޔަކަސް
މިންޖެއް ނެތެވެ.
އުނދަގުލެކެވެ. މުޅި ދިރިއުޅުންވެސް ޖޯކެއް ފަދައެވެ.
ހަތަރުސަތޭކަ ރުފިޔާގެ އަގުބޮޑު އަތްދަބަސް ނަގާ އެނދުމައްޗަށް ހޫރާލެވުނީ އެ
ޒުވާން އަންހެންކުއްޖާ ވެފައި ހުރި ފޫއްސަކުންނެވެ. ގެއަށް ވަންނަންވުމުން ބޭލި އަގުބޮޑު
ބޫޓުވެސް ކޮޓަރީގެ ދޮރު ފުރަގަހަށް ފާޑަކަށް އެއްލާލިއެވެ. ހަގީގަތުގައިވެސް ވަރަށް
ވަރުބަލިވެއްޖެއެވެ.
"އާސްތޫ......." އެނދުގައި ރަނގަޅަށް ބުރަކަށި
ޖައްސާނުލެވިގެން އުޅެނިކޮށް އަޑު އިވިއްޖެއެވެ. އޭނަގެ
ކޮޓަރީގެ ދޮރުގައި އެގޮތަށް ޓަކިޖަހާނީ އެންމެ މީހެއްކަން އާސްތުއަށް
އެނގެއެވެ.
"ކީކޭ ހުސްނާއްތާ....." ކޮޓަރީގެ ދޮރު ހުޅުވާލަން
ދިއުމުގެ ބަދަލުގައި އެއޮތްގޮތަށް އޮވެ އާސްތު ގޮވާލިއެވެ. ތެދުވާހަ
ހިތްވަރުވެސް ހަމަ ނެތީމައެވެ.
"މިހިރީ އެއްކަލަ ލާރިކޮޅު. މާދަމާ ކޮންމެހެންވެސް މީތިކޮޅު
އަނީސާމެންނަށް
ފޮނުވާލަދީބަލަ. ހުސްނާއްތަ ހޭލާ މި އުޅެނީވެސް އާސްތު އަންނަން ދެން. ދޮރުހުޅުވަބަލަ."
ހުސްނާއްތަގެ ބަހަށް ވަރަށް އަވަހަށް އާސްތު ދޮރު ހުޅުވާލިއެވެ.
"އަން....މިހިރީ....އެއްހާސް ތިންސަތޭކަ ފަސް
ޑޮލަރު......މީ މިވަގުތު ހެދިފައި ހުރި އެތިކޮޅު. ގައިމު ދައްޗެއްނުވާނެތާ
އެއްޗެއް ހުރީމަ
ދޯ...ފޮނުވާލަދޭތި މާދަމާ." އާސްތު ދޮރު ހުޅުވާލުމުން ގުނާލާފަ ހުސްނާ އެ
ޑޮލަރުކޮޅު ދިނެވެ. ބޭހަކަށް ލަންކާއަށް ގޮސް އުޅޭ ހުސްނާގެ ދައްތައަށް
ފޮނުވުމަށެވެ.
"އާނ....މައްސަލައެއްނެތް.....ހަމަ ކުރީފަހަރުވެސް ފޮނުވި
އެޑްރެހަށް ދޯ
ފޮނުވަންވީ." އެކޮޅުގައި އެމީހުން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެހެންވެ
އާސްތު ޔަގީން ކޮށްލިއެވެ.
"އާނ...ހަމަ އެގެއަށް. ކޮބާ އެއްޗެއް ކާލައިފިންތަ؟"
އާސްތުގެ ހުރިހާކަމަކަށްވެސް ހުސްނާ ސަމާލުކަން ދޭނެއެވެ.
"އާނ...ކައިގެން މިއައީ. ކުޑާ ނިދީތަ؟" އާސްތު ހިނިތުންވުމާއެކު ވާހަކަ
ދެއްކިއެވެ.
"އާނ...ދެން ނިދާނެނު. މިހާރު އެހެރަ އެކެއް ޖެހީވިއްޔަ.
އޮފީހަށްވެސް މާދަމާ
ދާންޖެހޭނެނު. ކުޑާއަކަށް އޮފީހަކަށް ނުދެވޭނެ 10 ޖަހާއިރު ނުނިދައިފިއްޔާ...އާސްތުހެނެއް
ނުވާނެ އެންމެނެއް. ހުސްނާއްތަވެސް މިދަނީ ނިދަން."
ހުސްނާ ހިނގައްޖެއެވެ. އާސްތު ޑޮލަރުކޮޅު ހިފައިގެން ކޮޓަރިއަށްވަދެ މަޑުމަޑުން ދޮރުލައްޕާލިއެވެ.
"ހަލޯ......ކީކޭ ހަސަން" ހުސްނާއްތަ ދިއުމުން ދޮރު ލައްޕާގައި
އާސްތު އެނބުރުނުއިރު ދަބަހުގެ ތެރޭގައި އޮތް ފޯން ރިންގުވާ އަޑު އިވެއެވެ.
އަވަސްއަވަހަށް އެފޯން ނަގަން ދިޔައިރުވެސް އެއީ ހަސަންކަން ޔަގީނާ ގާތަށް އެނގެއެވެ.
"ހޫނ......ހުންނާނީ ނިންމާފަ. މާދަން
ދާއިރު ގެންދާނަން.
އާނ....އާނ....ގުޑްނައިޓް" އާސްތު ފޯން ބާއްވައިފިއެވެ.
މީސްމީހުންގެ މަސައްކަތް ނިމޭނެ ދުވަހެއް އޮންނާނެ
ހެއްޔެވެ؟ ގޭގަވެސް ހިމޭނަކުން ހުރިޔަކަ ނުދޭނެއެވެ. މީހެއްކައިރީ ކަމަކު
ކިޔާނެ ދުވަހެއް އަހަންނަކަށް ނާދެއެވެ. އެއީ އެކަހަލަ ކަމެއް ނުޖެހޭތީކަމަށް
މީހުން ހީކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ނުކިޔަނީއެވެ. އެމީހުންގެ ބިޒީ
ޝެޑިއުލްގައި އަހަންނަށް ވަގުތެއް ނެތްކަން އަހަންނަށް އެނގޭތީ ނުބުނަނީއެވެ.
ކިތަންމެ ދަތި ހާލުގައިވެސް އަމިއްލަ ހުރިހާ ކަމެއް މި ކުރަނީ އަމިއްލައަށެވެ.
އެކަމަކު އަހަރެންގެ ހުރިހާ ރައްޓެހިންވެސް އަހަރެން ކައިރީ ކަންކަމު ކިޔަނީ
ޖެހިލުމެއް ނެތިއެވެ. އެމީހުންނަށްވުރެ އަހަރެންގެ ޒިންމާތަކާއި
މަސްއޫލިއްޔަތުތައް މަދުވީމަ ކަމަށްވެދާނެއެވެ. އެކަމަކު އަހަރެންގެ ދިރިއުޅުން އެމީހުންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟
އަމިއްލަ ނަފްސާއި ގާތް ރަޙްމަތްތެރިންނާއި ދޭތެރޭ
އާސްތު ވިސްނާލިއެވެ. ވަރުބަލިކަމާއެކުގައެވެ.
** ** ** ** **
"ކީކޯ އާސްތު ބުނީ......ދީފިންތަ؟" ހުސްނާ އައިސް
ކޮޓަރިއަށް ވަނުމުން އުގައިލު ސުވާލުކޮށްލިއެވެ.
"ކީކޭތަ ބުނާނީ. ކޮށްދޭނެ އެ ކުއްޖާކައިރީ ބުނި ކޮންމެ
ކަމެއް. ބުނެފިކަމެއް މިހާތަނަށް ނުކޮށްދީއެއް ނެތް. އޭނަ
ރަނގަޅު މަގޭ އުފަން އަންހެން ދަރިއަށްވުރެވެސް.....ކިޔަމަންތެރި ކުއްޖެއް އެއީ. މައްސަލައަކީ ނަސީބުދެރައީ...."
ހުސްނާ އެ އޮށޯންނަނީ ރޭގެ އަރާމު ނިންޖަށް ތައްޔާރުވެގެން
ކަމަށްވިޔަސް، އާސްތުއާއި ވާހަކަދައްކާލަފަ އައިފަހުން ނިންޖަށްވުރެ
ކުރީގައި އުޅެނީ އާސްތުއާއި ދޭތެރޭ ކުރެވޭ ފިކުރުތަކެވެ.
"އެއްކަލަ ހުސްނާ... ހާދަ ދެން ހިތްބައްޔޭ ދޯ. އެއީ
ނަސީބުދެރަ ކުއްޖެކޭ ނުބުނާށޭ ކިހާވަރަކަށް ބުނަންތަ އަހަރެން. މައިންބަފައިން
ދުނިޔޭގައި ނެތުން އެއީ އޭނަގެ ބަދުނަސީބެއް ނޫން. ކައިވެންޏެއް ނުކުރެވިހުރުން އެއީކީވެސް ބަދުނަސީބެއް ނޫން. އެއީކީ...." ބަދުނަސީބޭ ހުސްނާ އެ
ބުނީ ކޮން މާނައެއްގައިކަން އުގައިލުއަށް ޔަގީންވެއެއެވެ. އެ ވާހަކަ ދެކެވުނު އެއީ
ފުރަތަމަ ފަހަރެއް ނޫން ވިއްޔާއެވެ. އުގައިލުގެ
ވާހަކަ ދިޔަ ރާގުންވެސް ހުސްނާގެ ނިތަށް އެރީ ރުލެވެ. އުގައިލުއާއި
ދިމާލަށް ބަލާލެވުނީވެސް ނުރުހުމާއެކުގައެވެ.
"ކީކޭ ބުނަން އުގައިލު ތިއުޅެނީ.....ތިބުނި ދެކަންތައް
ނުވުން އެއީކީނޫންތަ އަންހެނަކަށް ބަދުނަސީބަކީ؟ އޭނ..؟ ...އަހަންނަކަށް
ހިއެއް ނުވޭ އަންހެންކުއްޖަކަށް އެއަށްވުރެ ބޮޑު ބަދުނަސީބެއް އޮންނާނެހެނެއް. އެކުއްޖާ އެހެރީ ގައިމު
އެއްތިރީސް އަހަރުވެފައި ވިއްޔަ." އާސްތުގެ މައިންބަފައިން ނެތުމަށްވުރެ
ބޮޑަށް ހުސްނާ އަބަދުވެސް ފިކުރުބޮޑުވަނީ އާސްތު މީހަކާ ނީނދެ ހުންނާތީއެވެ.
އުގައިލު އެ ދެއްކި ވާހަކައަށް އެއަށްވުރެ އިތުރު ވާހައެއް ދައްކަންވެސް ހުސްނާ ބޭނުމެއް
ނުވިއެވެ. ހިތްހަމަނުޖެހުނު ވަރުން، ފިރިމީހާއާއި ދިމާލަށް އެނބުރުމުގެ
ބަދަލުގައި ހުސްނާ ދިނީ ފުރަގަހެވެ.
"މިހާރު ދެން ރުޅިއައީ؟ އަޑުއަހާބަލަ ހުސްނާ....އަހަރެން މިބުނަން އުޅޭ
އެއްޗަކީ.....އެގޮތަށް އާސްތުއަށް ދިމާވެފައި އެހެރީ އާސްތު ކުރީކޮޅުގައިކަންތައް
ކުރިގޮތުން. އާސްތު
ރައްޓެހިވީ މީހުންގެ އަދަދު މަށަށް ޔަގީނޭ އާސްތުއަކަށްވެސް ނޭނގޭނެކަން.
ގައިމު އެހާ ގިނަ މީހުންނާއި......" އުގައިލުގެ ވާހަކަ މިފަހަރުވެސް ނިންމާލެވޭވަރު
ނުވިއެވެ.
"ތިއުޅެނީ މަ ރުޅިއަރުވަން. އުގައިލު ކޮން ހަސަދައެއްތަ އެ
ކުއްޖާފުޅާދޭތެރޭ ތި ހުންނަނީ. އަބަދު އެކަހަލަ ކޮންމެވެސް އެއްޗެކޭ
ކިޔާނެ...." ހުސްނާ ނުރުހުނީ ވަރަށް ބޮޑަށެވެ. އުގައިލު ގާތަށް އައީ ލުއި ހިންޏެކެވެ.
އާސްތުއޭ މީހަކު ކިޔާލިޔަސް ހުސްނާގެ ފައި ބިމަކު ހަރެއް ނުލާނެކަން އުގައިލު
ދަނެއެވެ.
"އުގައިލުއަކަށް ނޭނގޭތަ އެހުރިހާ މީހުންވެސް
އާސްތުއަށް ކެހިދީފަ ދިޔައީކަމެއް. މަ އަޅެ ކިތައްފަހަރު މިވާހަކަ
ކިޔައިދީފިންތަ؟ ސާމިރުވެސް....ހުޝާމްވެސް....އެއުޅޭ ސަކީނާގެ ނަޖްމީވެސް.....އަދުހަމްވެސް...
...މައުރޫފްވެސް....މި އެންމެންވެސް އާސްތުއަށް ދަޅަދައްކައިގެން އުޅެފަ ހަމަ
ފިލީނު.؟" ތެދުވެ އެނދުމަތީގައި އިށީނދެ އިނދެ ހުސްނާ ވާހަކަ ފެށިއެވެ. އާސްތުއާއި
ދެކޮޅަށް އެއްޗެއް ބުނާ އެއްވެސް މީހެއްގެ ކުރިމަތީގައި ހުސްނާއަކަށް ހިމޭނަކުން
ނުހުރެވޭނެއެވެ.
ފިރިމީހާ ކަމަށްވިޔަސް ހެވެވެ. ސިއްރުން އުގައިލު ހީލިއެވެ.
"ތިއީ ހުސްނާއަށް އެނގޭ ނަންތައް. އޭނަގެ ކާމިޔާބީގެ
ސަބަބުން އޭނައަކީ ގިނަ މީހުންތަކަށް އެނގޭ ކުއްޖެއް. ހުސްނާއަށް ގަބޫލުކުރެވޭތަ އެހުރިހާ
މީހުންނާއި ރައްޓެހިވާއިރު އިންނާނެ މީހަކުނުވާނެހެން. ގައިމު ކައިވެންޏެއްކުރަން
ބޭނުންވެގެން އުޅުނުނަމަ މިހާރު ހުރީހީ ކައިވެނިކޮށްގެން. އަންހެނުން ވަކި
އުމުރަކަށް ދިޔައިމަ އެމީހުންގެ އުމުރުގެ މީހުން ހުސްވެދާނެ. ދެން.....ހުސްނާ
އާސްތުއަށް ނަސޭޙަތް ދީބަލަ. އަހަރެންގެ އާއިލާއެއްވެސް ނޫން އެއީކީ. އެކަމަކު
އަހަރެންވެސް ވަރަށް ހިތަށް އަރާ މައެއްބަފައެއް ނެތި އެހެން ހުރި އެކަނިވެރި އަންހެންކުއްޖަކުގެ
ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހޭއިރުވެސް އެހެން ހުރެދާނެތީ....އެހެންވެ
މި ވާހަކަ މި ދެއްކެނީވެސް..." ބައްޕައެއް ފަދައިން އަބަދުވެސް އުގައިލު
އާސްތުގެ ކަންތައްތަކާ ކަންބޮޑުވުން ފާޅުކުރެއެވެ. އުގައިލު އަކީ ހަގީގަތުގައިވެސް
އާސްތުއަށް ހެޔޮއެދޭ މީހެއްކަން ހުސްނާ ހިތުގެ އަޑިން އަބަދުވެސް
ގަބޫލު ކުރެއެވެ. މައްސަލައަކީ ހުސްނާގެ ވާހަކަތަކާ އުގައިލު ބައެއްފަހަރަށް
ދެކޮޅު ހަދާތީއެވެ. އެކަހަލަ ވަގުތުތަކުގައި އުގައިލު ދެކެ ހުސްނާ ފިސާރި
ފޫހިވެއެވެ.
"އާނ. ތިވެސް ތެދެއް. އަހަރެން އެ ވާހަކަ ވަރަށް
ދައްކަމޭ....އެކަމަކު މިހާރު ދެއަހަރެއްހާދުވަސްވެއްޖެ އެއްވެސް
ފިރިހެންކުއްޖަކާއެކު އުޅޭތަން ނުފެންނަތާވެސް. އެހިޔަކަސް އެއްޗެއް ބުނަނީކީ
ނޫން. މާގިނައިން އަހަންފަށައިފިއްޔާ ބުނާނެ ހުސްނާއްތަ މީހަކު ހޯދަދޭންވީ ނޫންހޭ.
ސަމާސާއަކަށް ހަދާފައި ނިންމާލަނީ. ނޭނގެ ދެން. ނުލާހިކު ރަނގަޅު ވަޒީފާއެއްގައި އުޅެނީ....އިރާދަކުރެއްވީތީ
ބޮޑު މުސާރަ ލިބޭ. އޮފީހުގައިވެސް ނުލާހިކު އިސް
މަގާމެއްގައި އުޅެނީ....މީހުންގެ ގަދަރާ އިހްތިރާމް ލިބިފަހުރި ރީތި ކުއްޖެއް. އެކަމަކުވެސް
ހަމަ އިންނާނެ ރަނގަޅު މީހަކު ނުވޭ. ކިހިނެއް ދޯ ހަދާނީވެސް.....އަފްރޯޒާއްތަ
ދުނިޔޭގައި ހުރިނަމަ މަލެއްހެން ގެންގުޅޭނެ ކުއްޖެއް އެއީ...." ވާހަކައިގެ
އަސަރުގައި ހުސްނާ ޖެހިއްޖެއެވެ. ހުސްނާއާއި އެއްކޮޅަށް އުގައިލު ބުނެލި އެންމެ
ދެތިން ޖުމްލައަކުން ހުސްނާގެ ނުރުހުން ވަގުތުން ފިނި ވެއްޖެއެވެ.
"އެކަމަކު....ވެދާނެ
އުގައިލުތިބުނިހެންކަމަށްވެސް އެ ވަނީ. އާސްތު ބޭނުން ނުވަނީ ކަންނޭނގެ މީހަކާ
އިންނަން. ނޫނީ އޭނަ ބޭނުންވާ ކަހަލަ މީހަކާ ދިމާނުވަނީކަންނޭނގެ ދޯ. އުގައިލު
ކޮންމެ އެއްޗެކޭ ބުންޏަސް ހެޔޮ. އެއީ ގައިމުވެސް މި އުޅޭ އާދައިގެ އަންހެންކުދިން
ކަހަލަ ކުއްޖެއް ނޫން. ވިސްނުން ތޫނުކުއްޖެއް އެއީ. ކިޔެވުމަށް އެހާ މޮޅުވާނީ
ގައިމު ސިކުނޑި ރަނގަޅުވީމަތާ. އެކަމަކު ހަމަ އެހާ ބޯހަރުވެސް ވާނެ. ވެދާނެ އެއީ
ކަމަށް މައްސަލައަކީ ދޯ؟ އެހެން ދޯ އުގައިލުވެސް ތި ބުނަނީ.؟" ހުސްނާގެ
ވިސްނުން ހުރީ ޢާއްމު އެހެން އަންހެނުންފަދައިންނެވެ. އެހެން މަންމަމެންވެސް
ފަދައިންނެވެ. އެއްފަހަރު ހެޔޮ ވިސްނެއެވެ. އަނެއްފަހަރު ޙަގީގަތް ގަބޫލުކުރަން
ބޭނުން ނުވެއެވެ.
"އާނ. ބޯހަރުކުއްޖެއް އެއީ. އެއުޅެނީނު
މިގޭގަވެސް ކުއްޔަށް. އަމިއްލަގެއޭ ހީކުރާށޭ ކިތައްފަހަރު ބުނެވިއްޖެ. އެކަމަކު
ހަމަހިލާ ގަބޫލެއް ނުކުރި. މުސާރަލިބެންފެށި ދުވަހުން ފެށިގެން އެ އުޅެނީ
މިގޭގައިވެސް ކުއްޔަށް. މަހުންމަހަށް ހުސްނާއަށް ފަސްހާސްރުފިޔާ ދީގެން އެ އުޅެނީ.
ހަމަ ކުއްޔަށް. އޭގެ މާނައަކީ އެއްވެސް މީހަކީ ގާތް މީހެއް ކަމަކަށް އާސްތު
ނުދެކެއޭ. ހުސްނާއަށް އަދިވެސް ނޭނގެ ދޯ އާސްތުއެއް" ހުސްނާއަށް އުގައިލު
ވިސްނައިދިނެވެ.
"އާނއެކޭ. ތިމަންނާ އެކަނި ހުއްޓަސް ހަމަ
ޚަރަދުތައް ހިނގާނެ ނޫންހޭ ކިޔައިގެން.....ހަމަ ކުއްޔަށް އެ އުޅެނީ މިގޭގަ.
މަގޭ މައްސަލައެއް އޮތީކީ ނޫނޭ އޭނަ އަމިއްލަގެހެން މިގޭގަ އުޅުނަސް.
އަފްރޯޒާއްތައަކީ އަހަރެންގެ ބޮޑުދައިތައަކަސް އަހަރެންގެ މަންމަ ފަދަ
މީހެއް އެއީ. އަހަރެން އާސްތުއަށްޓަކައި ނުކޮށްދޭނެ އެއްކަމެއްވެސް
ނޯންނާނެ. އަހަރެން އެންމެ ލޯބިވަނީ މުދަލާ ފައިސާވެރިކަން ލިބި
މަޝްހޫރުވިއިރުވެސް އަޚްލާޤް ރަނގަޅުވީމަ. ހިތްތިރިވެފައި މަޑުމައިތިރިވީމަ.
ބަސްއަހާ ކިޔަމަންތެރި ކުއްޖެއް އެއީ...." ހުސްނާ ވާހަކަ ދެއްކީ
އަސަރާއެކުގައެވެ.
"މީހުންނާ ރައްޓެހިވުމަކީ އަޚްލާގް ގޯސްވުންކަމަށްވަންޏާ
އަހަރެމެން އެންމެންގެވެސް އަޚްލާގް ގޯސް. އޭނަގެ ދިރިއުޅުމަށް
އައި މީހުންގެ އަދަދު ގިނަވެދާނެ. އެކަމަކު އޭނަ ހޯދަން އަންނަ ކޮންމެ
މީހަކީ އޭނަ ރައްޓެހިވީ މީހެއް ނޫނޭ އުގައިލޫ. އަނެއްކާ މަށަށް ފެނޭ.
އެހެން އެވާ ސަބަބުވެސް އޮންނާނެ. އާސްތުއަށް ދެއްވާފައި އެހެރަ ރީތި
ސިފަތައް އަހަރެމެންގެ ދަރިންނަށް ލިބުނުނަމަ އަހަރެމެންގެ ދަރިން ހޯދާ
ނުފެންނާނެ." ހުސްނާ އަޅާކީ އޭނަގެ އުފަން ދެ ދަރިންނާއެވެ.
"އާނ ދެން ހުސްނާ ބުނެފިއްޔާ ޖެހެނީ ގަބޫލުކުރަންތާ."
ހިނިތުންވެލަމުން އުގައިލު ބުނެލިއެވެ.
"ނޫނޭ ހަމަ ތެދެކޭ..... އަޑުއަހާބަލަ. އާސްތުގެ ރަނގަޅު
އެތައް ސިފައެއް
ހުރޭ. އޭނަ އުޅޭ ވަޒީފާގެ ގޮތުން ގިނަ ވަގުތު ބޭރުގައި އުޅެން ޖެހެނީތާ. އެކަމަކު އޭނަ
ވާނުވާތަނެއް ނޭނގި ނުހުންނާނެ. މަގޭ ކައިރީ ބުނެފައި އޭނަ ދާނީ ކޮންމެ
ތަނަކަށް ދިޔަޔަސް. ރަށުން ބޭރަށް ކިތަންމެ ގިނައިން ދާން ޖެހުނަސް ނުދާނެ
އަހަރެންކައިރިން ހުއްދަ ނުހޯދައެއް. ލައްކަ ރަނގަޅެއްނު.
އޭނައަކީ ހަގީގަތުގައި ރަނގަޅު ކުއްޖެއް. ގޭގައި ހުރެއްޖެއްޔާ ގޭތެރޭގެ
މަސައްކަތުގައި އެހީވާނެ. ބަދިގޭގެ މަސައްކަތް ކުރާނެ. މަގޭވެސް އެބަހުރި ބޮޑުވެފަ
ހުރި އަންހެން ދަރިއެއް. ނޭނގެ މިއަހަރުގެތެރޭ އަދި ސައިކުރާގަނޑެއް ކެއްކިކަމެއް.
ދެން އޮތީ އެ ރައްޓެހިވާ މީހުންގެ ވާހަކަ. ހަގީގަތަށް ބުނަންޏާ
އާސްތުއާއި އަދި މިހާތަނަށް އެކަހަލަ ގުޅުމެއް ބޭއްވީ ބަރާބަރު ތިންމީހުންނާ.
އެކަން އެނގޭތަ އުގައިލުއަށް؟" ހުސްނާ ވާހަކަ ދައްކަނީ ވަރަށް
ފަޚުރުވެރިކަމާއެކުގައެވެ.
"އެހެންތަ........؟" އުގައިލު ކުރިން އޮތީ ލޯމަރާލައިގެން
ކަމުގައިވިޔަސް ހުސްނާ އެބުނި އެއްޗަކުން އުގައިލު ލޯހުޅުވިއެވެ.
"އާނއެކޭ.....ހަމަ
ތިން މީހުންނާ. އެ ތިން މީހުންވެސް ހެދިގޮތް މަ ކިޔާދިނީމެއްނު.
މުޅިން މަކަރުހެދީ. ދެން އެ އަންނަހާ ބަޔަކީ އާސްތުއާ ގުޅެން
ބޭނުންވެގެން އަންނަ މީހުން. އޭގެތެރެއިން ބައެއްމީހުން އާސްތުއަށް ކަމުގޮސްގެން
ވާހަކަވެސް ދެއްކި ދުވަސްކޮޅަކު. އެކަމަކު ފަހުން އާސްތުއަށް ކަމުނުދާ
ކޮންމެވެސް ސަބަބަކާހެދި ދުރުވަނީ. އަނެއްބަޔަކާ އެއްގޮތަކަށްވެސް އާސްތުއަށް
ނުރުހެވޭތީ ދެވަނަ ފަހަރަކު ވާހަކަވެސް ނުދައްކަނީ. ބުނަންތަ އުގައިލު
ވާހަކައެއް. ފިރިހެނުން އެކަންޏެއް ނޫނޭ ކާމިޔާބު ވާނީކީ. އަންހެންކުދިންގެ
ފަހަތުގައި ފިރިހެންކުދިންގެ ކިޔު މާ ދިގުވާނެ. އަދި ޚާއްޞަކޮށް
އާސްތުކަހަލަ ރީތިކުދިން." ހުސްނާ އާސްތު ދެކެ ވަނީ އަމަށަކު ލޯތްބެއް
ނޫންކަން އުގައިލު އަބަދުވެސް ދަނެއެވެ. އާސްތުގެ ވާހަކަ ދައްކަންވެއްޖެނަމަ ނުކައި ނުބޮއިވެސް ހުސްނާ އިނދެދާނެއެވެ.
"ސާބަހޭ ތި ފޯރިއަށް....ދެން އެންމެ ރަނގަޅޭ. ނިދަން
ވެއްޖެ. އަހަރެން ހީކުރީ އާސްތު ނައިސްގެން އިންއިރު ދެއްކި ވާހަކަތައް އެ ނިމުނީ
ކަމަށް. އަވަހަށް ދެން ތި ހޮޅިބުރި ނިވާލަބަލަ." އުގައިލު އޭނަގެ އަނބިމީހާގެ
އަޑުގައިވާ ޖޯޝަށްޓަކައި ސާބަސް ދިނެވެ. ހިނިތުންވަމުންނެވެ. އާސްތު ގެއަށް
ނައިސްގެން ނުނިދިފަ އިންހާއިރަކު ހުސްނާ ދެއްކީ އާސްތުގެ ވާހަކައެވެ. އޭނައާއި
ދޭތެރޭ ކަންބޮޑުވެގެން ދެއްކެން ފެށުނު އެ ވާހަކަތައް އުގައިލު ހީކުރީ، އާސްތު
ގެއަށް އައުމުން ދެން ނިމިދާނެ ކަމަށެވެ.އެނދުގައި ރަނގަޅަށް ދެމިލަމުން އުގައިލު ލޯ
މަރާލިއެވެ. ހުސްނާ ކުޑަކޮށް ރުޅިއަރުވާލީމަ އަބަދުވެސް އުގައިލުއަށް ވަރަށް
މަޖަލެވެ. އެހެން
ހުއްޓާނުލާ ހުސްނާ އަނގަ ގަދަ ކުރާއިރު އޭނައަށް ހިތްހަމަޖެހުމެއް ލިބެއެވެ.
"އަހަރެން ހަމަ ހައިރާންވޭ އުގައިލުއަށް ނުފެންނައިރުވެސް
ހޮޅިބުރި ދިއްލާފަހުރިކަން
އެނގޭތީ." އެތަކެއް އަހަރުވަންދެން އެކުގައި ހޭދަކުރި ފިރިމީހާގެ
އަތުގައި ހުސްނާ ފިރުމާލިއެވެ.
"އަހަންނަށް ނުފެނުނަސް އަހަންނަށް ހުސްނާ އެނގޭ. ހުސްނާ
ހޮޅިބުރި ނިވާނީ ނިދަން ލޯމަރަމުންކަން އަހަންނަށް އެނގޭ. ހަނދާން ނެތުނީތަ؟
ކައިވެނި ކޮށްގެން އުޅޭތާ ބައްތިރީސް އަހަރުވެއްޖެ. އެހެންވީމަ އަހަންނަށް ހުންނާނީ
ހުސްނާ އެނގިފައެއްނު ކިތަންމެ ރަނގަޅަކަށްވެސް. އަވަހަށް ނިއްވާލާ
ދެންވެސް." ނޫރު ކެނޑިފައިވާ ދެލޮލުން ހުސްނާއާއި ދިމާލަށް ބަލާލީ އޯގާތެރިކަމާއެކުގައެވެ.
ދިރިއުޅުމާދޭތެރޭ އެއްވެސް ޝަކުވާއެއް ނެތްފަދަ ގޮތަކަށެވެ.
އުގައިލުގެ ލޮލުގައި ނޫރު ލެއްވި ގަދަ ކީރިތިވަންތަ ﷲ އެ ލޮލުގެ ނޫރު ގެންދެވިތާ ހަތަރު
އަހަރުވެއްޖެއެވެ. އެއްރޭގެ ފަތިސްނަމާދަށް އުގައިލު ހޭލިއިރު، އުގައިލު ވަނީ
ފެނުމުން މަޙްރޫމްވެފައެވެ. ބައްޔެއްވިޔަސް އަދި އެހެން ކަމެއްގެވިޔަސް
އަލާމާތެއްވެސް ނުފެނިއެވެ. ހަމަ އެހާ ކުއްލިގޮތަކަށެވެ. އޭގެ ސަބަބުން
ރޮއިހިތާމަ ކުރުމުގެ ބަދަލުގައި އުގައިލު ވެގެން ދިޔައީ ކުރިޔަށްވުރެވެސް
ތަޤްވާވެރި އީމާންތެރިކަން ވަރުގަދަ އިންސާނަކަށެވެ. އެދުވަހުން ފެށިގެން އެ ދެމަފިރިންގެ ގުޅުންވެސް ވަރުގަދަވެފައި އެކަކު އަނެކަކަށް އެހީތެރިކަން ދޭލެއް ކުރިއަށްވުރެވެސް ބޮޑެވެ.
** ** ** ** **"ތޭންކް ގޯޑް ޒީ.......ހާދަ ރަނގަޅޭ."
ހެނދުނު އަށްގަޑިބައިގައި އާސްތު، އައިސް އޮފީސް ދޮރުން ވަނުމާއެކު އާސްތުއާއި ދިމާއަށް ހަސަން ދުއްވައިގަތެވެ.
އައިޝަތު ޒީނިޔާ އަކީ ގޭގައާއި ޢާއިލާގެ މެމްބަރުންނަށްޓަކައި އާސްތުއެވެ. އެހެންނަމަވެސް
ޢާއިލާމީހުން ނޫން އެންމެންނަށްޓަކައި އެއީ ޒީނިޔާ އެވެ.
"ހޫނ ހޫނ. އެންމެ ރަނގަޅޭ. މިއޮތީ. ގެންދޭ." ހަސަނުގެ
އަތަށް ޕެންޑްރައިވެއް ދިއްކޮށްލަމުން ޒީނިޔާ ހިނގައިގަތީ އޭނަގެ ކޮޓަރިއާއި
ދިމާއަށެވެ. ކަމަކަށް ލަސްވެގެން އުޅޭކަހަލައެވެ.
"ކޮންކަމަކާތަ ދަތްޕިލަ އަތަށް ލައިގެން ހަސަނު އެ
ދުވަނީ؟" އިންސްޕަޔަރ އެޑްވަޓައިޒިންގ ކޮމްޕެނީގެ ސީއީއޯގެ ކޮޓަރިއަށް އެ
ދުވަހު އެންމެ
ފުރަތަމަވެސް އައިސް ވަނީ ރާއިދާއެވެ. ޒީނިޔާގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ.
ޢާއްމުގޮތެއްގައި އެންމެ ގާތް އެކުވެރިޔާ އެންމެންނަށްވެސް ހޯދިފައި ހުންނަނީ
އެމީހަކު އެންމެ ގިނަ ވަގުތު ހޭދަކުރާ ތަނަކުން ނެވެ. ޒީނިޔާއަށްވެސް ހަމަ
އެފަދައެވެ. ނަމަވެސް އެއީ މީގެ ފަނަަރަ ވަރަކަށް އަހަރުކުރީއްސުރެ ސްކޫލްގައި
އުޅުނުއިރުއްސުރެންވެސް ފެށިފައިވާ ރަހްމަތްތެރިކަމެކެވެ. ދެ މީހުން އެއް އޮފީހެއްގައި
އުޅުންވެސް އެއީ ހަމަ އެ ރަހްމަތްތެރިކަމުގެ ބާރެވެ. ސައުވީސް ގަޑިއިރުގެ ތެރެއިން ގާތްގަނޑަކަށް ސޯޅަ ގަޑިއިރު ޒީނިޔާއަށް
ހޭދަކުރެވެނީ އޮފީހުގައެވެ. އޮފީހާ ގުޅުން ހުރި ކޮންމެވެސް ތަނެއްގައެވެ.
ގާތް އެކުވެރިޔާއާއި އޮންނަ ގުޅުން ވަރުގަދަވުން އެއީ ހަމަ އެދެމީހުންގެ
ނަސީބުގައި މެދުވެރިކުރެއްވިވެސް ގޮތެވެ.
"އެނގެއެއްނު. އޭނަގެ ޕްރެޒެންޓޭޝަން ހަދައިދިނީ."
ދަބަސް ނަގާ މޭޒުމަތީގައި
ބަހައްޓާފައި އެންމެ ފުރަތަމަ ކަމަކަށްވެސް އޭގެތެރޭގައި އޮތް އައި ފޯން
ނަގާ މޭޒުމަތީގައި ބޭއްވިއެވެ. ރަސްމީގަޑި ފެށުމަށްފަހު އެންމެ ކޯލެއްވެސް މިސްވިޔަދިނުމަކީ
ޒީނިޔާ ކުރާނެ ކަމެއް ނޫނެވެ.
"އަނެއްކާވެސް؟ އޭނަގެ މަގާމު ތި ދިފާއުކޮށްދެނީ
ކީއްވެގެންތަ؟ އަނެއްކާ އޭނަވެސް ޒީގެ ފަހަތުން އުޅެނީތަ؟ ދުރަށްލެވެން އޮތް
ހަމައެކަނި ގޮތަކީ އެއީ ދޯ؟ އެހެންވެ ދޯ؟ ތީ ބުނަން މޮޅު ގޮތެއް. އެކަމަކު
މަނަމަ މަގޭ ޓެލެންޓެއް
މަ ތިގޮތަށް ހިލޭ ސާބަހަކަށް ނުދޭނަން. ޗެކެއް ދިނީމަ ލިބޭނީ." އެކައުންޓަންޓުންގެ
ސިކުނޑި އަބަދުވެސް ހުއްޓިފައި ހުންނަނީ ފައިސާއަށްބާއޭ
ބައެއްފަހަރު ޒީނިޔާގެ ހިތަށް އަރައެވެ.
"ތިބުނާ ލާރިގަނޑަށްވުރެ އަހަރެން ބޭނުން އަހަރެންގެ
މިނިވަންކަން. ވަޓްއެވަރ. ހިނގާ ކޮފީބޯން." ދުވަހުގެ ޑައިރީ ބަލާލާފައި ނުވަގަޑިބައިގައި
އޮތް މީޓިންގެ ކުރިން ސައިބޯލެވޭހާ ވަގުތު އޮތުމުން ޒީނިޔާ ނިންމީ
މީރު ކޮފީއެއް ބޯލުމަށެވެ. ހެނދުނު ކޮފީއެއް ނުބޮންޏާ ޒީނިޔާގެ ދުވަސް
ރަނގަޅެއްނުވާނެކަން އޭނައަށް ޔަޤީންވެއެވެ.
"ނޫނޭ.....ހިނގާ މިތަނަށް ގެނުވަން. އަސްލު....ކަމަކާ
މިއައީވެސް ޒީ
ކައިރިއަށް މިހާ ހެނދުނާ." ރާއިދާ އަކީ އެއްވެސް ވަގުތެއްގައި ބޭކާރު ކަމެއް ކުރާ މީހެއް
ނޫންކަން ޒީނިޔާ ދަނެއެވެ.
"ޗެކެއް ލިބޭނެ ދޯ....އަވަހަށް ކުރިއަށް
ގެންދޭ....ކޮންކަމަކާއޭ.؟" ދެ މުވައްޒަފުންގެ ހުނުންގަނޑަކުން ދުވަސް ފެށުނީއެވެ.
އޮފީސް މަސައްކަތެވެ. އެކި އެކި ކުންފުނީގެ އިޝްތިހާރުތަކާއި އެކިއެކި މަޖައްލާ
ތަކާއި މަސައްކަތްތަކާއި
މަޝްރޫޢުތަކާއި ޕްރޮޑަކްޓްސް....މިހެން ގޮސް ރާއްޖޭގެ ވިޔަފާރީގެ
ދާއިރާ ކުރިއެރުވުމަށްޓަކައި އެންމެ ބޭނުންވާ އެއް ކަން ކަމުގައިވާ
އިޝްތިހާރު ކުރުމުގެ މަސައްކަތަކީ ޒީނިޔާގެ ކޮމްޕެނީން ހިންގާ މައިގަނޑު
މަސައްކަތެވެ. ވިޔަފާރިވެރިންގެ ތެރެއިން އެބައެއްގެ ވިޔަފާރި އިޝްތިހާރުކޮށްދޭނެ
ފަރާތެއް ހޯދަން ކުރާ މަސައްކަތުގެ އެންމެ ކުރީސަފުގައި ސާބިތުވެ
ތިބުމަކީ ޒީނިޔާގެ ނުވަތަ އައިޝަތު ޒީނިޔާގެ ކުންފުނީގެ މޮޓޯއެވެ.
އެއިން އެއްވެސް ކްލައަންޓަކު ނުގެއްލި ހިފެހެއްޓުމަކީ ޒީނިޔާގެ ވަޒީފާގެ
އެންމެ މުހިއްމު ވާޖިބެވެ. ރާއްޖެއަށް މިފަދަ ކުންފުންޏެއްގެ މަސައްކަތަކީ
އާ ކަމަކަށް ވިކަމުގައި ވިޔަސް، ކަމުގެ މުހިއްމުކަން ބޮޑުކަން
އިހްސާސް ކުރެވުމުން، އިސާހިތަކު ވިޔަފާރިވެރިން އެ ކުންފުނީގެ ބޭނުން އޭގެ
އެންމެ އެދެވޭ ގޮތުގައި ހިފަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން
ޒީނިޔާގެ ބެލުމުގެ ދަށުން ހިންގާ އިންސްޕަޔަރ އެޑްވަޓައިޒިންގ ކޮމްޕެނީއަށްވާ
ފައިދާއާއެކު، އެ ކުންފުނިން އިޝްތިހާރުކޮށްދޭ ކޮންމެ ވިޔަފާރިއަކަށްވެސް
ކުރިއެރުމާ ފައިދާ ލިބެމުންދާކަން އެއީ މުޅި ރާއްޖެވެސް ގަބޫލުކުރާ
ހަގީގަތެކެވެ.
"ޒީ.....މިރޭ ފްރީ ރެއެއްނު. ހިނގާ ކުޑަކޮށް ޝޮޕިންގ
ކޮށްލަން މިރޭ ދާން." އޮފީސް ނިންމާފައި ގެއަށް ދިއުމަށްޓަކައި ކާރާ
ދިމާއަށް ގޮސްގޮސް ހުރި ޒީނިޔާއަށް ގޮވާލާފައި ރާއިދާ ދަޢުވަތު ދިނެވެ.
"އާނ މިރޭ ފްރީ.....އެކަމަކު ސޮރީއޭ ބުނެވޭނީ. މިރޭ
އެބައޮތް ހުސްނާއްތަގެ ސާހިލް މާލެ އަންނާތީ ބޮޑު ކެއުމެއްގެ ކަންތައް
ހަމަޖައްސަންޖެހިފަ. ޝޮޕިންގ ލިސްޓު އަދިވެސް ނުނިމޭ. އަހަރެން އެތާ ނެތިއްޔާ ހުސްނާއްތަ އެކަނި ހުރިހާ ކަމެއް
ކުރަން ޖެހޭނީ.
ހިނގާ މާދަންރެއަށް ހަދާލަން ދޯ؟" ޒީނިޔާގެ މި ޚިޔާލަށް ރާއިދާވެސް އެއްބަސްވިއެވެ.
ޒީނިޔާ އޭނަގެ އަމިއްލަ ކާރަށް އަރައިގެން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ފަސްގަޑިބަޔާ ގާތްވެފައި ވާތީ. މާލޭގެ އުޑުމަތިން ފެންނަނީ އޮރެންޖާއި
ރީނދޫ އެކުވީމަ އުފެދޭފަދަ ރީތި ރަން ދޮން ކުލައެކެވެ. ދުވަހުގެ
މިގަޑިއަކީ ޒީނިޔާއަށް ހިތްގައިމުވަގުތެއްކަމުން، އާއްމުގޮތެއްގައި
ޒީނިޔާ ގެއަށް ދަނީ މެރިންޑްރައިވުން ދުއްވާފައެވެ. ހެންވޭރު
ސަހަރާ ކައިރީގައި ހުންނަ ގެއަކަށް ދާން އެއީކީ ދުރެއްވެސް ނޫނެވެ. ** ** ** ** **ރޭގަނޑުގެ ކެއުމާ ދޭތެރޭ އަދި ބައިވަރު ވަގުތު އެބައޮތެވެ. ގަޑިބަލާލާފައި ޒީނިޔާ ގަސްތުކުރީ އަދި ބެލްކަނީގައި މަޑުކޮށްލުމަށެވެ. ރިހި ހަނދުވަރުގެ އަލީގައި ރަށުތެރެ ހާދަ ރީއްޗެވެ.
އެކަމަކުވެސް ހަނދުވަރު ބަލާނެ މީހަކު އެކުގައި ނެތުމުން ހަނދުވަރުން ލިބޭ އުފަލަށްވުރެ ހިތަށް ލިބޭ އެކަނިވެރިކަން މާ ބޮޑޭ އަބަދުވެސް ޒީނިޔާގެ ހިތަށް އަރައެވެ.
"ހަލޯ.......ކީކޭ ހުސްނާއްތާ؟" ހިމޭން ވަގުތުކޮޅެއްގެ ތެރޭގައި ޒީނިޔާ ހުއްޓާ ރިންގުވާންފެށި އޭނަގެ ފޯންގެ ތިންވަނަ ރިންގާއެކު ޒީނިޔާ ނެގިއެވެ.
"އެހެންތަ. އަހަރެން ހީކުރީ ކަމަކު ކަމަށް....ނޫނޭ....އަދި
ނުކަން....މިއީ
ރިސޯޓެކޭ އެހެންވީމަ ކާން ދެވޭނީވެސް ކަނޑައަޅާފައި އޮންނަ ގަޑިއެއްގަ. އަދި
އެބައޮތް ފަނަރަވަރަކަށް މިނެޓް. އާނ......" އެކޮޅުން ހުސްނާ ދެއްކި ވާހަކަތަކަށް ޒީނިޔާ ވާހަކަ ދެއްކީ ހުސްނާއްތަ އޭނައާއި ދޭތެރޭ ބަހައްޓާ
އަޅާލުމަށްޓަކައި އުފާކުރަމުންނެވެ.
"އާނ.......ބ. އަތޮޅު މިއީ. މާދަމާނޫން އަނެއް ދުވަހު
ހަވީރުން ފުރާނީ.
އާނ. ނޫނޭ. ކަމެއް އޮތިއްޔާ ހުސްނާއްތަ ގުޅައްޗޭ ބޭނުންވެއްޖިއްޔާ.
އާނ. ދެން ބާއްވަނީ. މާދަން ގުޅާނަން." އޭނައަށް އުނދަގުވެދާނެތީ ހުސްނާއްތަ ކަންބޮޑުވަނީ މާ ބޮޑަށޭ ހިތަށް އެރުމުން ޒީނިޔާއަށް ހިނިތުންވެލެވުނެވެ.
ޕްރޮޖެކްޓެއްގެ މަސައްކަތުގައި ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށް އެ ރިސޯޓަށް
ޒީނިޔާ އާއި ހަމްދޫން އައިސް އުޅޭތާ މިވީ ދެ ދުވަހެވެ. ރިސޯޓަށް އަންނަން ޒީނިޔާ އެންމެ ފޫހިވަނީވެސް އެހެންވެއެވެ. މަސައްކަތުގެ ވަގުތުގައި
ހޭދަކުރަން ޖެހޭ ވަގުތުކޮޅު މަދުވެފައި ހުހަށް ހުންނަންޖެހޭ ވަގުތު
ގިނަވީމައެވެ. އެމީހުންނަށް ދަޢުވަތު ދެއްވި، ރިސޯޓްގެ މެނޭޖްމަންޓުން
އެމީހުން މުނިފޫހިފިލުވުމަށްޓަކައި ކަންތައްތަކެއް ރާވާފައި ހުރިނަމަވެސް އެއިން އެއްވެސް ކަމަކާ ޒީނިޔާ އުޅޭހިތެއް ނުވެއެވެ. އެކަހަލަ
ކަންތައްތަކުގެ ތެރޭގައި އުޅެއުޅެ އެކަހަލަ ހަފްލާތަކާއި ޕާޓީތައް ދެކެ ޒީނިޔާ މިހާރު ފޫހިވެއެވެ. މަސައްކަތް ނިމުމަށްފަހު އޭނައަށް އިނދެވެނީ ކޮޓަރީގައެވެ.
ނޫނީ ބެލްކަނީގައެވެ. ނޫނީ ފޮތެއްގެތެރޭގައެވެ. ނޫނީ ޓީވީއަށް
ލޯ ހުއްޓައިގެންނެވެ. އެއިންކަމެއް ނުކުރަންޏާ ޒީނިޔާ އޮންނާނީ ނިދާފައެވެ.އެހެންނަމަވެސް މިހުރިހާ
ކަމެއްގެ ތެރޭންވެސް ވަގުތު ހޯދައިގެން ޒީނިޔާ ކުރާ އަދި އެހެން ކަމެއްވެސް އޮވޭމެއެވެ.
އިރުއޮއްސޭމަންޒަރު ބަލަން ހަމަ ކޮންމެހެންވެސް ބީޗްގެ ކޮންމެވެސް
ދިމާލަކަށް ދެވޭތޯ ޒީނިޔާ ބަލައެވެ. އުމުރުން ދޮށި ވުމަކުން، މަސައްކަތާހެދި
އަވަދިނެތި އުޅެންޖެހުމަކުން އެމަންޒަރުތައް މަތިން އޭނަ ހަނދާނެއް
ނުނެތެއެވެ. ހަނދުވަރާ އިރުއޮއްސޭ މަންޒަރާ އިރު އަރާ މަންޒަރާ ގުދުރަތުގެ
އެހެނިހެން ރީތި ކަންތައްތަކަކީ އޭނައަށް އަބަދުވެސް ހިތްހަމަޖެހުން ގެނެސްދޭ ކަންތަކެވެ. އޭނައަށް ވާނެނަމަ ގުދުރަތުގެ ރީތިކަމުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ދެދަޅައަށް އޭނަ ހިނގާނެއެވެ. އެހެންނަމަވެސް އެކަންތައް ރީތިކަމަށް، ނުވަތަ ގަޔާވާކަމަށް ހެދޭކަށް
މިހާރު އޭނަ ބޭނުމެއް ނުވެއެވެ. އެކަހަލަ ކަންތަކަށް އޭނަ ހިތްކިޔާކަން
ބަޔަކަށް އެނގެންވެސް އޭނަ މިހާރަކު ބޭނުމެއް ނުވެއެވެ.
އޭނަގެ އަމިއްލަ ނަފްސަށްވެސް އޭނަ ވިސްނަދެނީ
މިހާރު އޭނަ އެއަށްވުރެ ބޮޑު ވެއްޖެކަމެވެ. އެހެންވީމަ ބޮޑުމީހުން އުޅޭ ގޮތަށް
އުޅުމަށް އޭނަ އޭނަގެ ނަފްސަށް ނަސޭޙަތްތެރިވެއެވެ.
ނަމަވެސް، ސިއްރުންވިޔަސް ގުދުރަތުގެ އަޖައިބުކުރުވަނިވި މަންޒަރުތަކުން
އޭނަ އުފާ ހޯދައެވެ. ޚާއްޞަކޮށް ވާރޭގެ ރީތި ކަމަކީ އޭނަގެ ހިތުން ފިލާ ކަމެއް
ނޫނެވެ. ވާރޭވެހޭނަމަ ވާރޭގައި މިނިވަންކަމާއެކު ހިނގާލަން ދެވުމަކީ އޭނައަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އެއީ ރިސޯޓްތަކަށް ކުރަން ޖެހޭ ދަތުރުތަކާ ޒީނިޔާ ގަޔާވާ އެންެމެ ބޮޑު އެއް ސަބަބެވެ. އެއީ މާލޭގައި އޭނައަށް ނުކުރެވޭ ކަމެކެވެ. ރިސޯޓްތަކުން ނޫނީ އޭނައަށް އެ އުފާ ނުލިބެއެވެ. ** ** ** ** **ދަތުރުގެ ދެވަނަ ދުވަހެވެ. ޒީނިޔާ އިނީ މީޓިންގއެއް ނިމިގެން އެންމެން ދިޔުމުން އަދިވެސް މަސައްކަތުގައެވެ. މީޓިންގ ރޫމްގައެވެ."ޒީނިޔާ.....؟" ތަނުގަ އޮތް ހިމޭންކަން ފޫއަޅުވާލަފައި އެ އަޑު ގޮސް ޒީނިޔާގެ ކަންފަތުގައި ޖެހުނުގޮތުން ޒީނިޔާއަށް އާދަޔާ ޚިލާފު ގޮތެއް ވިއެވެ. އެ ރާގާ އެ އަޑުން ތަފާތު ގޮތެއް ޒީނިޔާއަށް ފާހަގަ ކުރެވުނެވެ.އެހެންނަމަވެސް އެއަޑު އައިދިމާލަށް އެނބުރުމުގެ ކުރިން ޒީނިޔާ ހަމަޖެހިލިއެވެ. އެނބުރި ބަލާލީ ރަސްމީ ނޫން އެހެން އެއްވެސް މާނައެއް އެ ބެލުމުގައި ނެތްކަހަލަ ގޮތަކަށެވެ.
ރަސްމީ ނޫން ގޮތަކަށް އެހެން މީހެއްގެ ފަރާތުންވެސް ޒީނިޔާ އުއްމީދެއް ނުކުރެއެވެ.
"ލައްބަ.....ކީކޭތޯ؟" ޒީނިޔާ އެނބުރިލުމުން ދޮރުމަތީގައި ހުރި އެމީހަކު ޒީނިޔާއާއި ދިމާލަށް އަންނަން ފެށިއެވެ. އެއީ އިސްކޮޅުން ފުދޭވަރަކަށް ދިގު ޒުވާން ފިރިހެނެކެވެ. ޒީނިޔާ ތެދުވެލިއެވެ.
އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ރަސްމީގޮތެއްގައެވެ.
ނޫނެކެވެ. ހަމައެކަނި ޒުވާނީކީވެސް ނޫނެވެ. ފުރަތަމަ ބަލާލުމުންވެސް މީހުންގެ
ހިތަށް އަސަރުކުރާފަދަ ހިތްދަމައިގަންނަ ސިފަތަކެއް ހުރި ރީތި ފިރިހެނެކެވެ. އެމީހަކު ޒީނިޔާ ކައިރިއަށް ދިއުމުން ބޭއިޚްތިޔާރުގައި ޒީނިޔާއަށް އެމީހާއާއި ދޭތެރޭ އެހެން ވިސްނާލެވުނެވެ.
މުލައްދަނޑިއާ ހަމައަށް ގަމީހުގެ އަތުކުރި އޮޅާލާފައިވާ މަޑުނޫކުލައިގެ
އަތްދިގު ގަމީހެކެވެ. އެންމެ ގަދަ ނޫކުލައިގެ ފަޓްލޫނެއްގައި ބެގީކޮށްގެން ހުރިއިރުު ވަރަށްބޮށްވެސް ރަސްމީގޮތް ހުއްޓެވެ.
"އިށީންނަވާ....އަޅުގަނޑަކީ އަސީލް." އެ މީހާ މިހެން
ބުނެލަމުން ޒީނިޔާ އިން ގޮނޑީގެ ކަނާތްފަރާތުން އެއް ގޮނޑި ދޫކޮށްފައި
އިށީނދެއްޖެއެވެ.
ހިނިތުންވުމަކާއެކުގައެވެ.
"އަސީލް؟ ކުރިން ދިމާވިހެން ހިއެއް ނުވޭ"
ހަމައެކަނި ނަން
ބުނެލުމަކުން ތަޢާރަފް ނުލިބޭކަން ހަނދާންކޮށްދިނުމުގެ ގޮތުން ޒީނިޔާ އަހާލިއެވެ.
"
"އޯވހ.އަދި އެވަރަކުން ނުފުދޭނެ ދޯ....މުހައްމަދު
އަސީލް. ރިސޯޓްގެ
އެއް ޕާޓްނަރ. ނޫނޭ، އޯނަރުގެ ހިޔަނި. މިހާރު ހީކުރަން ތައާރަފް ވެވިއްޖެކަމަށް. އިށީންނަވާ" ޒީނިޔާ ކޮޅަށް
ހުރީތީވެ އަސީލް ތަޢާރަފްވެލީ ތެދުވެފައެވެ އަދި ނިންމާލަމުން
އަނެއްކާވެސް އިށީނުމަށް ޒީނިޔާއަށް އިޝާރަތް ކުރިއެވެ.
އެބުނާ އަސީލްއަކީ މިއީ ހެއްޔޭ ޒީނިޔާ ހިތަށް އެރިއެވެ. ޒީނިޔާއަށްވެސް މީގެ ކުރިން އަސީލް ވާނީ ފެނިފައެވެ.
އެކަމަކު ބައްދަލުވި މިއީ ފުރަތަމަ ފަހަރެވެ. އަލަށް ފެނުމުން ނޭނގުނީއެވެ.
އެހެންވިޔަސް އެ ރިސޯޓްގެ އެއްޕާޓްނަރޭ ބުނީމަ އެއީ ކާކުކަން ވަރަށް
ރަނގަޅަށް ޒީނިޔާއަށް އެނގިއްޖެއެވެ. ކޮންމެ ދުވަހެއްގެ ޚަބަރުތަކާ ނޫސްތައް ބަލާ މީހަކަށް
އަސީލް ނޭނގިއެއް ނުހުންނާނެއެވެ. އޭނަގެ ތަޢުލީމާއި، ހިންގުންތެރިކަމާއި،
ހިތްވަރާއި ބުރަ މަސައްކަތުން ޗާރމްސް ރިސޯޓްސް ގްރޫޕްގެ
ރިސޯޓްތަކަށް ލިބެމުން އަންނަ ކުރިއެރުމާއި ކާމިޔާބީއަކީ މާލެތެރެއަށްވެސް އަދި ޖުމްލަކޮށް މުޅި ރާއްޖެއަށްވެސް މަޝްހޫރު ވާހަކަތަކެކެވެ. އަސީލް އަކީ ހަމަ އެކަނި އެއް ޕާޓްނަރަކީއެއްވެސް
ނޫނެވެ. އެއީ "ޗާރމް ރިސޯޓްސް" ގްރޫޕްގެ އޯނަރު އަހުމަދު
އަލީގެ އެއްބަނޑުއެއްބަފާ ކޮއްކޮވެސް މެއެވެ. ޒީނިޔާއަށް ވަރަށް ރަނގަޅަށް އެހުރިހާ ކަމެއް އެނގެއެވެ.
ޒީނިޔާ ހުރީ ހައިރާންވެފައެވެ. ކުޑަކޮށް ސުވާލު އުފެދިފައެވެ. ރިސޯޓްގެ އޯނަރަކާއި
އޭނަ ކުރަން އައިސް އުޅޭ ކަމަކާއި އެއްވެސް ގުޅުމެއް ނޯންނާނެއެވެ.
އޭނަ އައިސް އުޅެނީ މެނޭޖްމަންޓުން ހަވާލުކުރި މަސައްކަތެއްގައެވެ.
އަދި އެ މަސައްކަތުގައި އޭނަ ވާހަކަ ދައްކަން ޖެހޭނެ ފަރާތްތައްވެސް
ވަނީ އޭނައަށް ތަޢާރަފްވެ ނިމިފައެވެ. އަނެއްކާ ޕްރޮޖެކްޓްގެ
މަސައްކަތް ހުއްޓުނީބާވައެވެ.
"އާދެ. މިހާރު އެނގިއްޖެ. އަޅުގަނޑަކީ އައިޝަތު ޒީނިޔާ.
އިންސްޕަޔަރ އެޑްވަޓައިޒިންގެ
ސީއީއޯ. ކޮން ކަމަކުތޯ....." ޒީނިޔާވެސް އަދަބުވެރިކަމާއެކު
ތަޢާރަފްވެލުމަށްފަހު ޕްރޮޖެކްޓް ހުއްޓުނީތޯ ސުވާލު ކުރަން
އުޅުނެވެ.
"އިހަށް މަޑުކޮށްލައްވާ.....އަޅުގަނޑު މިތަނަށް މިއައީ
އެއްގޮތަކަށްވެސް ތި ކުރައްވާ މަސައްކަތާ ބެހޭގޮތަކުން ނޫން. ތިކަމުގައި އަޅުގަނޑު ވާނީ އަޅުގަނޑުމެން ބޭނުންވާ ގޮތުގެ އިންސްޓްރަކްޝަން ފޮނުވާފައި. ތިމަސައްކަތް ހަމަ ކުރިއަށް
ގެންދަވަންވީ. އަޅުގަނޑު މިތަނަށް މި އައީ ހަމައެކަނި ދަޢުވަތެއް ދޭން. މިރޭ
ނުވައެއް ޖަހާއިރު މޫންލައިޓް ރެސްޓޯރެންޓްގައި ރޭގަނޑުގެ ކެއުން.
އަޅުގަނޑާއެކު.
އުއްމީދުކުރަން ގަބޫލުކުރައްވާނެކަމަށް. " ޒީނިޔާ ދައްކަން އުޅުނު ވާހަކައަށް
ހުރަސް އަޅަމުން އަސީލު ވާހަކަ ދެއްކިއެވެ.
"އެކަމަކު........." އޭނަ ކުރާ މަސައްކަތަކާ އަސީލްގެ
އެ ބައްދަލުވުމާއި ގުޅުމެއް ނެތް ކަމުގައި ވާނަމަ އަސީލްގެ އެ ދަޢުވަތު
ގަބޫލުކުރަން ކުޑަވެސް ޝައުގެއް ޒީނިޔާގެ ނެތެވެ. އެހެންވެ ވަގުތުން ދެކޮޅުހަދަން
އުޅުނެވެ.
"ދެކޮޅުނަހައްދަވާ. ވަރަށް އުއްމީދުކުރަން ފެންނާނެ ކަމަށް.
ރަސްމީކަމަށް ހީކޮށްލައްވާފަ
ވިޔަސް ދުރުވޭ." ދެވަނަ ފަހަރަށްވެސް ޒީނިޔާގެ ވާހަކަ އަސީލް
މެދުކަނޑާލިއެވެ. ލުއި ރީތި ހިނިތުންވުމަކާއެކުގައެވެ.
ޒީނިޔާ އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އަސީލް އިނީ ހެޔޮވަރުވަރަކަށް
ހިނިތުންވެލައިގެން ހަމަ ބަލަހައްޓައިގެންނެވެ.
"ސީ ޔޫ." ޒީނިޔާ އެއްޗެއް ނުބުނުމުން އަސީލް
ގަބޫލުކުރީ ހިތާދެކޮޅަށްވިޔަސް ޒީނިޔާ އެ ކެއުމަށް ހާޟިރުވާނެކަމަށެވެ. އެހެންވިސްނާފައި އިތުރުވާހަކަތަކެއްވެސް
ނުދައްކައި އަސީލް
ތެދުވެގެން ހިނގައިގަތެވެ. ސުވާލުތަކެއްގެ ތެރެއަށް ޒީނިޔާ ދޫކޮށްލާފައެވެ.
އެހެންނަމަވެސް ޒީނިޔާ އަކީ ބުނާނެ އެއްޗެއް ނޭނގި މާގިނައިރުވަންދެން އިންނަ ޒާތުގެ
އަންހެން ކުއްޖެއް ނޫނެވެ. މިވީ ކިހިނެއްކަންވެސް ޒީނިޔާ އަށް
އެނގޭކަށް މާގިނައިރެއް ނުނަގައެވެ. އޭނަ އެރަށަށް އެކުރަން އައި މަސައްކަތާ
ބެހޭގޮތުން އަސީލް ވިދާޅުވާނެ އެއްޗެއް ނެތިއްޔާ އޭނަ އަސީލް އާއި ދައްކާނެ
ވާހަކައެއްވެސް ނޯންނާނެއެވެ. އެހެންވީމަ ރޭގަނޑުގެ ކެއުމަށް އަސީލްއާއި ބައްދަލުކުރުމުގެ ޝައުޤެއް އޭނަގެ ނެތެވެ. އެތަނުން އޭނަ ފެންނާނެ
ކަމަށް އަސީލް އުއްމީދުވެސް ކޮށްގެން ނުވާނެއެވެ. ޒީނިޔާގެ ވިސްނުމަކީ އެއީއެވެ.
"ބައްލަވާ.......އަޅުގަނޑު އެއްޗެއް
ދަންނަވާލަންކަމަށް." މަސައްކަތްކުރަން ގެންގުޅުނު
ލެޕްޓޮޕާއި ފޮތާއި ގަލަން އަދި ދަބަސްވެސް ނަގައިގެން ތެދުވެގެން
ގޮސް އަސީލްއާއި އަރާ ހަމަކުރަން މަސައްކަތް ކުރަމުން ޒީނިޔާ ބުނެލިއެވެ.
"އަޅުގަނޑު މި ރިސޯޓަށް އައި މަސައްކަތާ ގުޅޭގޮތުން
ވިދާޅުވާނެ އެއްޗެއް ނެތިއްޔާ އަޅުގަނޑަކަށް ހިއެއް ނުވޭ ދެން އަޅުގަނޑުމެން ދެމީހުން ކެއުމަކުން
ބައްދަލުވެ ދައްކާނެ ވާހަކަތަކެއް އޮންނާނެހެނެއް. މަޢާފްކުރައްވާތި، އެތަނުން އަޅުގަނޑާއި
ދިމާވާނެކަމަށް އުއްމީދު ނުކުރެއްވުން ބުއްދިވެރިވާނެ އިނގޭތޯ." ވަރަށް ސާބިތުކަމާއެކު އަސީލްގެ ކުރިމަތީގައި ހުއްޓިހުރެ
ޒީނިޔާ ވާހަކަ ދެއްކިއެވެ. އަދި އޭނަ އެބުނި އެއްޗަކާ ދޭތެރޭ ވިސްނަން
އަސީލް ހުއްޓައި ޒީނިޔާ ނިކުމެގެން ހިނގައްޖެއެވެ. އަވަސް ފިޔަވަޅުތަކެއްގައެވެ.
ޒީނިޔާ ގެ ހަށިގަނޑުން ދުވި މީރުވަސް ނޫން ކަމެއް މިހާރު އެ
މީޓިންރޫމަކު ނެތެވެ.
ބަލަހައްޓައިގެން ހުރުން ނޫން ކަމެއް އަސީލް އަކަށް ނުކުރެވުނެވެ. މާތްކަލާނގެ
ދެއްވާފައި އެހެރީ ރީތީގެ ހުރިހާ ސިފައެކެވެ. ރީތި ހަށިގަނޑެކެވެ.
ރީތި އިސްތަށިގަނޑެކެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ރީތީގެ ހަމަ
ހުރިހާ ސިފައެކެވެ. އެހެންނަމަވެސް އެ ސިފަތަކާ ނުބައްދަލު ބޮޑާ ނަފްސެކެވެ.
ޒީނިޔާ ހޯދަން އެތަނަށް ދިއުމުގެ ކުރިން ޒީނިޔާއާއި ދޭތެރޭ އެކަހަލަ ގޮތަކަށް އަސީލް ނުވިސްނި
ކަމުގައި ވިޔަސް މިހާރު އަސީލްއަށް އެ ވިސްނެނީ ޒީނިޔާގެ ފޮނިކަމާއި
ބޮޑާ ކަމާއި ދޭތެރޭގައެވެ.
މީގެ ދެ ދުވަސްކުރިން ނަސަންދުރާ ކުރިމަތިން އަސީލް ކާރުގައި ދަނިކޮށް، ޒީނިޔާ ފެނުނީ
އޭނަވެސް ހިއްސާވާ "ހަނދުވަރު" ރިސޯޓްގެ ލޯންޗަކަށް ޒީނިޔާ އަރަނިކޮށެވެ.
އެވަގުތުން ފެށިގެން އަސީލް ލީ ހުރިހާ ނޭވައެއްވެސް ލީ އެތަނުން އަންހެންކުއްޖާއާއި ބައްދަލުވެ ވާހަކަ ދައްކާލެވޭނެ ވަގުތަކަށް
ކުރި އިންތިޒާރެއްގެ ތެރޭގައި ކެތްމަދުވެ ހުރެގެންނެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާ
ވެގެން އެދިޔައީ އޭނަ އަދި އެހާތަނަށްވެސް ނުދެކޭފަދަ ހަރުކަށި ކުއްޖަކަށެވެ.
ވަރަށްވެސް ހަރުކަށި ކުއްޖަކަށެވެ.
އަސީލް ހުރީ ހަމަ ހައިރާން ވެފައެވެ. އެހާ ޖެހިލުންކުޑަ ގޮތަކަށް
އޭނަގެ ދަޢުވަތެއް ބޮލާލާ ޖެހި އެއީ ފުރަތަމަ އިންސާނާއެވެ. އަދި އަމުދުން އަންހެންކުއްޖަކު އޭނަގެ ދަޢުވަތެއް ދޫކޮށްލާފައި އެހެން ދުވަހަކުވެސް ނުދެއެވެ. ގިނަ މީހުންތަކެއްގެ ތެރޭގައި ޒީނިޔާއަށް ދަޢުވަތު ނުދެވުނުކަން ނަސީބޭ އަސީލްހިތަށް އެރިއެވެ. -----------(ނުނިމޭ)----------------
No comments:
Post a Comment