🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

އަލިމަހުގެ ވިދުން - 4 ވަނަ ބައި


ޙަޔާތުގައި އުފުލަން ޖެހިފައިވާ ހުރިހާ ބުރައަކާއި ހިތާމައަކާއި ދުރަށް ދިއުމަށްޓަކައި ހުރިހާވެސް ހިތްވަރަކާއި ބާރަކީ އެދެމަފިރިންގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގާތްކަމާއި ލޯތްބެވެ.
މިއަދު މިހެންވިޔަސް މާދަމައަށް އެމީހުން އުއްމީދުކުރަނީ މިއަށްވުރެ ރަނގަޅުވާނެކަމަށެވެ.

** ** ** ** **
ނިމިގެން އެދިޔައީ އެތަކެއް ބަޔެއްގެ ޙަޔާތުން އެންމެ ދުވަހެކެވެ.
ދެންވެސް ވަގުތު ދިޔައީ ކުރިޔަށެވެ. ހުއްޓުމެއް ނެތެވެ.
ދިރިއުޅުން މި އަށްވުރެ އުފާވެރި ގޮތަކަށް ބަދަލުވާނެ ނަމައޭ ބުނެ ބުނެ ތިބި އެތައް ބަޔެއްގެ ޙަޔާތުންވެސް ދުވަސްތަކާއި މަސްތައް ވޭތުވަމުން ދިޔައެވެ. ވަގުތު ދިގުވެ ވަގުތުން ކުރާނެ މާ ބޮޑު ކަމެއް ނޭނގިގެން، ދެއްވާފައި ހުރި ނިޢުމަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން ދިޔަ މީހުންގެ ދިރިއުޅުންވެސް އެގޮތުގައި ކުރިއަށް ގޮސް ޒަމާންތައް ފަސްދީ ހިނގައްޖެއެވެ.
އަހަރުތަކެއް ވޭތިވެއްޖެއެވެ. އެއްބަޔަކަށްޓަކައި އެއީ ގަރުނު ތަކެކެވެ. އަނެއްބަޔަކަށްޓަކައި އެންމެ ދުވަހެއް ފަދައެވެ.

ރާފިޢު އާއި އޭނަގެ ބައިވެރިން ހިމެނެނީ ވަގުތު ކުޑަތަންވެ، ކުރަންވާ ކަންތައްތައް އިރެއް އިރަކަށް ގިނަވަމުން އައުމުގެ ސަބަބުން ބޯ ހާސްވެފައިވާ މީހުންގެ ތެރޭގައެވެ.

"މިހާރު ރާއްޕެ ކޮބާ؟ އެ ގެއްލުނީ ދޯ؟" މޭޒުދޮށުގަ އިށީނދެލައިގެން އިން އަދުހަމް މިހެން ގޮވާލި އަޑަށް އެތާގައި ދެން ތިބި ހަތަރު މީހުންވެސް ވަށައިގެން ބަލާލިއެވެ. އެމީހުންގެ އޮފީހަކީ މާ ބޮޑު ތަނަކަށް ނުވިނަމަވެސް އެމީހުންނަށް ނުފެންނިވެސް ރާފިޢު އެތާ ހުރެދާނެ ކަމަށެވެ.

"ގޭތެރެއަށްކަންނޭނގެ ދިޔައީ. އޭނައަށް ގޮވާ ގެނޭ. މި ލިޔުންތައް މިއަދު ފޮނުވާލަން ޖެހޭނެ އެ ރަށްރަށަށް." ޗާޕްކޮށްގެން ގެނެސްފައި ހުރި ލީފްލެޓްތަކެއް ބައިބަޔަށް އަޅަން ހުރި އައްޔަވެސް ބުނެލިއެވެ.
އެންމެންވެސް އުޅެނީ ވަރަށް އަވަދި ނެތިއެވެ. ވަގުތު ކުޑަތަންވާތީއެވެ.  ނިންމަން ހުރި ކަންތައްތައްކުގެ ޢަދަދު ވިޔަކުރަންވެސް އެމީހުންނަށް ދައްޗެވެ.

"އޭނައަށް އެ އަންނަ ފޯންތަކުން ސަލާމަތްވެގެނެއްނު އޭނައަށް ކަމެއް ކުރެވޭނީ. އަބަދު ކޮންމެވެސް އަންހެނެއްގެ އަވައިގަ ޖެހިފަ އެ ހުންނަނީ." ވަރުގަދަ ހިނިގަނޑެއް ޖަހާލާފައި ވަސީމްވެސް ބުނެލިއެވެ.
"އޭއި އަޑުގަދަ ނުކޮށްބަލަ...ސާޢިދު އެ އިނީ ފޯނެއްގައޭ." ވަސީމްގެ ހުނުންގަނޑުގައި ބައިވެރިވިނަމަވެސް ސާޢިދު އާއި ދިމާލަށް ބަލާލެވުމާއެކު އަދުހަމްގެ ހުނުން ހުއްޓިއްޖެއެވެ.
"އޯކޭ...ކަޓް...އަހަރެން މި ދަނީ ސަޢީދު ކައިރިއަށް. ރާއްޕެ ކައިރީ ބުނާތި" މޭޒުމަތީގައި އޮތް ސައިކަލް ތަޅުދަނޑި ނަގައިގެން ވަސީމް އެތަނުން ނުކުމެއްޖެއެވެ.
މަސައްކަތުގެ ތެރޭގައި ކުދި ކުދި ސަމާސާތަކާއި ސަކަރާތްޖެހުންތައް ދިޔަނަމަވެސް، އެ 4 ޒުވާނުންނަކީ އެމީހުންގެ ވެރިމީހާއަށް ވަފާތެރި ތެދުވެރި އަމާނާތްތެރިންނެވެ.

"ކޮބާ ރާއްޕެ..." ފޯންކޯލް ނިންމާލާފައި ތެދުވެ  ސާޢިދު އަހާލިއެވެ.
"މާ މުހިއްމު ކޯލެއް އައީތަ؟" އަދުހަމްގެ މޫނުމަތިންވެސް ސީރިއަސް ގޮތެއް ފެނިގެން ދިޔައެވެ.
"މުހިއްމު ނޫން ކޯލެއް އާދޭތަ؟ ކަލޭ ހަމައެއްނޫން ދޯ؟" ބަސްމަދު ސާޢިދުއަށް އަދި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އައްޔަ ޖަވާބު ދިނެވެ.

އާޓިފިޝަލް ބީޗްގައި މިރޭ އެބަބާއްވާ DP ގެ ޖަލްސާއެއް. ޖަލްސާ ފެށޭއިރު ރާއްޕެ ކޮންމެހެންވެސް އެތާ ހުންނަން ޖެހޭނެ." ދެ ޖީބަށް އަތް ޖަހައިގެން ހުރި ސާޢިދު އަޑުން ދޭހަވަނީ ކަންބޮޑުވުމެވެ.

"އެކަމަކު 9 ގަޑި ފަނަރައަށް..." މޭޒުމަތީ ބަރު އަތަށް ލައިގެން އިން އަދުހަމްއަށް، އެ ބަރު ބާއްވާލެވުނީ ތަންކޮޅެއް ބާރަށެވެ. އަދުހަމްގެ ކަންބޮޑުވުން ފާޅުވިއެވެ. ސާޢިދުގެ ފަރާތުން އެ ލިބުނީ ހިތްގައިމު ޚަބަރެއް ނޫންކަމުގެ ހެއްކެކެވެ.

"އާނއެކޭ....އެހެންވީމަޔޭ މައްސަލައަކަށް މިވަނީ" އަދުހަމް ބުނަން އުޅުނު އެއްޗެއްގެ މެދުތެރެއިން ސާޢިދު ބުނެލިއެވެ. އޭނަ ކަންބޮޑުވެފައި އެހެރީ އެކަމާއެވެ. ކުރިން ރޭވިފައި ނެތް ކަމެއް އެގޮތަށް ކުއްލިއަކަށް އައުމުން ސާޢިދުއަށް ކުޑަކޮށް އުނދަގޫވިއެވެ. އެތައްކަމެއް އަނެއްކާ އަލުން ރާވަން ވީއެވެ.

"ކޮންތާކަށް ރާއްޕެ ދިޔައީ..." ރާފިޢުގެ ނަންބަރަށް ޑައިލް ކުރަމުން އަމިއްލަ އަމިއްލައަށް އަހާލާކަހަލަ ގޮތަކަށް ސާޢިދު އަހާލިއެވެ.
ހީކުރި ގޮތާއި ޚިލާފަށް ފޯން ރިންގުވާން ފެށީ އެމީހުން ތިބި އޮފީސް ތެރެއިންނެވެ. ރާފިޢު ދިޔައީ ފޯން ބާއްވާފައެވެ.

"އޭތި މިތާ އޮތިއްޔާ އޭނަ އެ ވަނީ ގެއަށް ކަމަށް ވާނީ. ހެހެހެހ..ވަގު ކޯލްތައްވިއްޔާ ގިނައިން އަންނާނީ." އަދުހަމް މިހެން ބުނުމާއެކު އޮފީސްތެރެއިން ގޭތެރެއަށް ހުޅުވެންހުރި ދޮރުން ނުކުމެގެން ސާޢިދު ހިނގައްޖެއެވެ.

"ވަރަށް ސަކަރާތްވީ އިނގޭ. ޔަގީން މިރޭ ކޮންމެވެސް ނުލަފާ ކަންތައްގަނޑެއް ހިންގާލާނެ އެ އުޅޭ މީހުން." ލީފްލެޓްތައް ލީ ކުޑަ ފޮށިކޮޅުތައް ޓޭޕުން ބަންދުކުރަން ހުރި އައްޔައަށް މުޚާޠަބް ކޮށް އަދުހަމް ބުނެލިއެވެ.

"ކަލޭ ހާސްނުވެބަލަ...ސާޢިދު އެހެރީނު. އޭނައަށް އެނގޭނެ ހަދަންވީ ގޮތް." ދެވަނަ ފޮށިގަނޑަށް ލީފްލެޓްތައް އަޅަން އައްޔަ ފެށިއެވެ.

"ސާޢިދު އެއީ ބުނަން ފައްކާ މީހެއް." ސާޢިދުއަކީ ހަރުދަނާ ހިންގުންތެރިކަމުގައި އެއްވަނަކަން އެ އެންމެންވެސް ގަބޫލުކުރެއެވެ.

"އާނ އޭނަ ނެތްނަމަ އަހަރެމެންގެ ދުވަސްވެސް މިހާރު ހިނގައްޖައީސް." ބަންދުކުރި  2 ފޮށި ނަގައިގެން އޮފީސް ދޮރުން ނުކުންނަމުން އައްޔަވެސް އެ ވާހަކައަށް ތާއީދުކުރިއެވެ.

"މިހާރުތިއެއްޗެހި ހިފައިގެން ލ. އަތޮޅަށް ފުރާގޮތަށް ހަމަޖެއްސީ ކާކު. ކަލޭ ދޯ ދަނީ؟" ބޭރުގައި އޮތް ކާރުގެ ޑިކީއަށް އެ ދެފޮށިގަނޑު ލާފައި އައްޔަ އައިސް ވަނުމުން އަދުހަމް އަހާލިއެވެ. އޭނަވެސް ތައްޔާރު ވަނީ ނިކުތުމަށެވެ.

"ނޭނގެ. އެއްފަހަރު ކިޔާ އަޑުއިވުނު ވަސީމްއޭވެސް ދަނީ. އެކަމަކު އޭނައަށްވުރެ ގިނައިން އެކޮޅަށް ގޮއްސިން މަ. ދެންވެސް މަ ދިޔައްޔާ ކަންނޭނގެ ރަނގަޅުވާނީ." ވަސީމް ފޮނުވާ އަޑުއިވުނީއްސުރެ އައްޔަ ހުންނަނީ އެކަމާ ހިތްހަމަ ނުޖެހިފައެވެ.
"ސާޢިދު އައީމަ އަހާބަލަ. އޭރަށް...ބަލަ މި ލިޔުންތަކުގެ ސޮއިނުކުރުވާތަ ކަލޭ ގެންދަނީ؟" އެ ހިތްހަމަނުޖެހުން އެނގޭތީ އެވާހަކައިގެ ތެރެއަށް އެހާ ބޮޑަށް ވަނުމަށް އަދުހަމް ގަސްތެއް ނުކުރިއެވެ. މައުޟޫޢު ބަދަލުކޮށްލީ އެހެންވީމައެވެ.

"މިދަނީ ސޮއިކުރުވަން ދާން..." އެބުނި ލިޔުންތަކެއް ހިފައިގެން އައްޔަ ހިނގައިގަތީ ރާފިޢު ކައިރިއަށް ދިއުމަށެވެ.

"އަދޫ ދޭބަލަ ނިކަން އަވަހަށް ސަޔަކަށް." އަދުހަމް އާއި އައްޔަގެ ވާހަކަ ފުރިހަމަ ނުވަނީސް މިއަޑު އިވިގެން ބަލާލިއިރު އައިސް އެވަނީ ސާޢިދު އާއި ރާފިޢު އެވެ.
"ސަޔަކަށޭ...؟" ހައިރާންވެ އަންތަރީސް ވެފައި އައްޔަ މިހެން އެހިނަމަވެސް އަދުހަމް ހުރީ ހަމަޖެހިފައެވެ.
"ކޮންތަނަކަށް. ކީކޭ ގޮސް ބުނަންވީ؟" ދާންތައްޔާރުވެގެން ހުރި އަދުހަމް އެކަމާއި ގުޅޭ އެންމެ މުހިއްމު މަޢުލޫމާތުކޮޅު އޮޅުންފިލުވާލިއެވެ.

"ކަލޭ ދަންނަންތަ އެތާ ހެންވޭރުކޮޅުގަ އެހެރީނު ތަނެއް...ކޮން ނަމެއްތަ ކިޔަނީ...." އެތަނުގެ ނަން ހަނދާންކުރެވޭތޯ ރާފިޢު ސިކުނޑިއަށް ބާރުލަމުން ދިޔައެވެ.
"ހެންވޭރުކޮޅުގަ އެތައް ތަނެއް ހުރޭ..." އަދުހަމްވެސް ބުނެލިއެވެ.
"އެހެރީނު އެޕާކް ވަށާލާފަ ބޭރުމަގަށް ނުކުންނައިރު..." ރާފިޢުގެ ހަނދާނަކަށް އަދިވެސް އެތަނުގެ ނަމެއް ނާދެއެވެ.
"ބިއްޓޯ........" ރާފިޢުއަށް އެތަނުގެ ނަން ނޭނގެނީ ނޫންކަމާއި ދެންމެ އޭނަ އާއި ރާފިޢު އާއި ދެމީހުން ދެއްކި ވާހަކައިގެ ސަބަބުން ރާފިޢުގެ ފިކުރު ބޮޑުވެ ހާސްވެފައިވާތީ ހަނދާނަން ނާންނަނީކަން ސާޢިދުއަށް އެނގެއެވެ. އެހެންކަމުން އެތަނުގެ ނަންވެސް ރާފިޢުއަށް ހަނދާންކޮށްލަ ދިނީ ސާޢިދުއެވެ. އަބަދުގެވެސް އާދައިގެމަތިންނެވެ. ރާފިޢުއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީވާން އަބަދުވެސް ހުންނަނީ ސާޢިދުއެވެ. އެއީ އޭނަގެ ވަޒީފާކަމަށްވުމުގެ އިތުރުން، އޭނަގެ ހިތުގައި އޮންނަ ވަފާތެރިކަމެއްގެ ސަބަބުންނެވެ.

"އާނ...ބިއްޓޯ. އެތަން. އެތަނުގަ އިންނާނެ ތ.އަތޮޅު އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ. ކަލެއަކަށް ނޭނގޭނެ ދޯ އަނެއްކާ އޭނަ ފެނުނަސް. ސާޢިދު. މީނައަށް އޭނަ އެނގޭނެ ގޮތެއް ހޯދަބަލަ. އާނ. ދެން ކަލޭ ހަދަންވީ ގޮތަކީ...އޭނަ އެ ދައްކާ ވާހަކައެއް އަޑުއަހާ. އޭނަ ބޭނުންވެގެން އުޅޭ ކަމެއް ވާނެކަމުގެ ޔަގީންކަން ދީ. ދީފަ ބުނޭ..." ރާފިޢު ކިޔައިދެމުން ގެންދިޔައެވެ.

"އެއީ ކޮންކަމެއް..؟" އަދުހަމްއަށް އަހާލެވުނެވެ.
"އެއެއް އަހަންނަކަށްވެސް ނޭނގެ. އެ ކޮންމެ ކަމަކަށްވިޔަސް އަހަނަށްހެޔޮ. އެއީއެއްނޫން ބޭނުމަކީ. އެކަމެއް ބުނޭ ވާނެޔޭ. ބުނެފަ މީތިކޮޅު އޭނައަށް ދީފަ ބުނޭ މިރޭ ނުވައެއް ޖެހުމުގެ ކުރިން މާލެއިން ފުރާށޭ. އެނގިއްޖެ؟" އަތުގައި އޮތް ބަންދުކުރި ކުޑަ ސިޓީއުރައެއް ދިއްކޮށްލަމުން ހަދަންވީ ގޮތް ކިޔައިދީ ރާފިޢު ނިންމާލިއެވެ.

އަދުހަމް ބަލާލީ ގަޑިއަށެވެ. ނުވައެއް ޖަހަން ދެން އޮތީ ގަޑިއެއްހާއިރެވެ. ގަޑިން އިސްއުފުލާފައި އަދުހަމް ބޯޖަހާލި ގޮތުން، އެކަން ވާންވީ ގޮތަކާ ހަދަންވީ ގޮތް ވަރަށްވެސް ރަނގަޅަށް އޭނައަށް އެނގިއްޖެކަން ރާފިޢުއަށްވެސް ސާޢިދުއަށްވެސް ސާބިތު ވެއްޖެއެވެ.

"އައްޔަ....މިރޭ ތިއެއްޗެހި ދޯންޏަށް ލާފަ ކަލޭ އިހަށް ނުގޮސް މަޑުކުރޭ. މާދަން ދާނީ. މިރޭގެ ޖަލްސާގަ ހުންނަން އެބަޖެހޭ ކަލޭވެސް މިކޮޅުގަ. " މިހެން ބުނެފައި ރާފިޢު ހިނގައިގަތީ އައްޔަގެ އަތުގައި ހުރި ގަނޑުތައް އަތުލައިގެންނެވެ. މޭޒުގައި އިށީނދެ ސޮއިކޮށްފައި ދާދި އަވަހަށް އަނބުރާ ދިނެވެ. ދެން ފެނުނީ ފޯން ނަގައިގެން ނަންބަރަކަށް ޑައިލްކުރަން ފެށިތަނެވެ. ސާޢިދުގޮސް އިށީނީ ރާފިޢުގެ މޭޒުކުރިމަތީ ހުރި ގޮނޑީގައެވެ.

"ހިނގަ ދާން. ކަލޭ ދާ މަގުމަތީގަ އަހަރެން އެކޮޅަށް ވައްޓާލަދީ." އައްޔަގެ ކޮނޑަށް އަތްވައްޓާލައިގެން އަދުހަމް ހިނގައިގަތެވެ.
"އަތޮޅުވެރިން ދާކަހަލަ ތަންތަންތަ އެއީ. ހިނި އަންނަނީ ހުވާ. ބޭރުން އޮފްދާރް ވެގެން ތިއްބަސް ހައްތާވެސް..." އައްޔަގެ ހުނުންގަނޑު ބާރެވެ.
"ކަލޭ މައިތިރިވެބަލަ...." ކުރިއަށްވުރެވެސް ބާރަށް އައްޔަގެ ކޮނޑަށް ފިތާލާފައި އޭނައަށް ސަމާލުވުމަށް އަދުހަމް އިންޒާރު ދިނެވެ. މީހުންތައް ފުރިބާރުވެފައިވާ މަގުތައް މަތިން އެފަދަ ވާހަކަތައް ދައްކަމުން ހިނގުމަކީ ނުރައްކާތެރިކަމެއްކަން އަދުހަމް ދަނެއެވެ.
** ** ** ** **
ރޭގަނޑުން ނުވައެއް ޖަހަން އަދި ފަނަރަ ވަރަކަށް މިނެޓް އެބަހުއްޓެވެ. މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ސްޓޭޖް ހަދާފައި ހުރި ދިމާލަށް މީހުން ޖަމާވަމުން އާދެއެވެ. އެ ސަރަހައްދުގައި، ސްޓޭޖް ކުރިމަތިން އޮރެންޖް ކުލައިގެ ގޮނޑިތައް ޖަހާފައި ހުރީ ވަކި ހިސާބެއްގައެވެ. އަންނަ މީހުންގެ ތެރެއިން ދަޢުވަތު ދެވިފައިވާ މަދުބަޔަކު އެ ގޮނޑިތަކަށް ދާއިރު ގިނަ މީހުން ގޮސް ހުއްޓެނީ ގޮނޑިތަކުގެ ބޭރުން ދަމާފައިވާ އޮރެންޖް ކުލައިގެ ފަށުން ބޭރުގައެވެ. އެއީ މިރޭ މި ޙަފްލާ އޮތްކަން އެނގިގެން އަންނަ މީހުންނާއި މަގުމަތިން ދިމާވި ރައްޓެހި މީހާ ބުނެގެން އެކަން އެނގުނު މީހުންނާއި އެމަގުން ދަނިކޮށް އޮރެންޖް ކުލައިގެ ބެނަރތައް މާގިނައިން ދަމާފައި ހުރިތަން ފެނިގެން ކައިރިކޮށް ނުލާ ނުދެވުނު މީހުންނާއި ޑީޕީ ގެ ޖަލްސާއެއް ހަމަ ހިލާ ދޫކޮށްނުލާނެކަމަށް ހުވާ ކަށަވަރުކޮށްގެން ތިބި މީހުންނެވެ.

ކޮންމެ މީހަކުވެސް އިންތިޒާރު ކުރަމުން ދިޔައީ ޑީޕީގެ ރައީސް އަންނާނެ އިރަކަށެވެ. 2005 ގެ ޖޫންމަހު ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްއިން ފާސް ކުރެވުނު ޕާޓީ ސިސްޓަމަށް ހުއްދަދޭ ޤަވާޢިދުގެ ދަށުން އެންމެ ފުރަތަމަ އުފެދުނު ރާއްޖޭގެ ސިޔާސީ ޕާޓީ ކަމަށްވާ "ދިވެހިންގެ ޕާޓީ" (ޑީޕީ) ގެ ލީޑަރުކަމަށްވާ އަލީ ކަރީމް ނުވަތަ މަޝްހޫރު ނަމުންނަމަ "އޭކޭ" އެ ޖަލްސާ ޝަރަފްވެރިކޮށްދޭން އަންނާނެ ވަގުތަކަށެވެ. ވަށައިގެން ފެންނަނީ އޮރެންޖް ކުލައިގެ ބެނަރ ތަކާއި ޕޯސްޓަރުތަކުގައި ކަޅުކުލައިގެ ބޮޑެތި އަކުރުތަކުން ޑީޕީ އާއި އޭކޭގެ ނަމުން މުޚާޠަބް ކުރެވި ތައްޔާރު ކުރެވިފައިވާ ތަނެވެ. އެކިއެކި މެސެޖް ތަކެވެ. އެކިއެކި ވަޢުދުތަކެވެ. މުޅިތަނުން ފެނިގެން ދަނީ ހުރިހާ ގޮތަކުންވެސް ރާއްޖޭގެ ސިޔާސީ މަސްރަޙްގެ ފުރިހަމަ ނަމޫނާއެކެވެ.

ދަޢުވަތު ދެވިފައިވާ މީހުންނާއި ޕާޓީއަށް ތާއީދުކުރާ މީހުން މި މަންޒަރުތަކަށް ބަލަނީ ފަޚުރާއި ހިތްހަމަޖެހުމާއެކުގައެވެ. ލިބެމުންދާ ކާމިޔާބީއަށްޓަކައި އުފާކުރަމުންނެވެ.
އޭގެ ތެރެއިންވެސް ދަޢުވަތު ދެވިފައިވާ މީހުންގެ ގޮނޑިބަރިތަކުގައި ތިބި ފަރާތްތައް ޚާއްޞަ ވެގެން ވެއެވެ. އެހެނީ އެއީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ މަޝްހޫރު ނަންތަކުގެ ވެރިންނެވެ. ޑީޕީގެ މެމްބަރުންނެވެ. އަދި ޑީޕީއަށްޓަކައި އެކިގޮތްގޮތުން މަރުދޭން ތައްޔާރަށް ތިބި ފަހުލަވާނުންތަކެވެ. އެއްގަޑިއިރުތެރޭގައި ވިހި ތަނަށް ހާޟިރުވާންޖެހޭ މީހުންނެވެ. ޙަޔާތުގެ ދުވަސްތައް ކުއްލިއަކަށް ވަރަށް ކުލަގަދަވެފައިވާ މީހުންނެވެ. ދިވެހިން މީގެ ކުރިން ނުދަންނަ ވައްތަރެއްގެ ޝައުޤަކާއި ޖޯޝެއް އެމީހުންގެ ކިބައިން ފެންނަ މީހުންނެވެ. ޚުދު ތިމާމެންގެ ލޭގައި ހުރި އޮރެންޖް ކުލައިގެ ސެލްތައް މީގެ ކުރިން މަސައްކަތް ނުކޮށް ހުރީ ކީއްވެބާއޭ އަމިއްލަ އަމިއްލައަށް ސުވާލުކުރާ މީހުންނެވެ. އެ އެންމެންގެ ހިތުގައިވެސް ހިނގަނީ ވަރަށް އަމިއްލަވަންތަ ޖޯޝެކެވެ. މުޅި މިރޭވެސް ލައްވަވާފައިވަނީ އެމީހުންނަށްޓަކައޭ އެމީހުން ބުނާ ފަދައެވެ.

މަންޒަރުދެކެން އައިސްތިބި މީހުން މި މަންޒަރު ބަލަނީ ޝައުޤާއެކުގައެވެ. އެމީހުން އިއްޔެ ދުށް ދުވަހަށްވުރެ މިއަދު ކުލަގަދައެވެ. އެމީހުން އިއްޔެ އެހި އަޑުތަކަށްވުރެ މިރޭ އިވޭ އަޑުތައް ތަފާތުވާނެކަން ޔަޤީނެވެ. މީގެ ކުރިން ދިވެހިންގެ މެދުގައި "ސިޔާސަތު" މި ބަސް ޢާއްމުވެފައި ނެތް މިންވަރަށް އެމީހުންނަށް ޢާއްމު ވެއްޖެއެވެ.  އެބަހުގެ ހުރި އުސް މިނަކާއި ފުޅާމިނެއް އެމީހުންނަށް އަންގައިދެވޭތޯ ޑީޕީގެ ފަރާތުން ކުރަމުން އަންނަ މަސައްކަތް އެމީހުން ބަލައިގެންފައިވަނީ ޝުކުރުވެރިކަމާއެކުގައެވެ.

ހަމައެހެންމެ، މީހުންގަނޑުގެ ތެރޭގައި، މިވަނީ ކީއްކަން އެމީހުންނަށް ބައެއްފަހަރަށް ނުވިސްނޭތީ ކަންބޮޑުވެފައި ތިބި  މީހުންވެސް ނެތެއް ނޫނެވެ. މިދާ ގޮތުން ދާ ކަމަށްވާނަމަ ރާއްޖޭގެ ސިޔާސީ މަސްރަޙް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އޮންނާނެ ގޮތް އެމީހުންނަށް އަންދާޒާކުރަން ދަތިވާ މީހުންވެސް އެބަ ހިމެނެއެވެ. އެހެންނަމަވެސް އެމީހުންނަށްވެސް އެތަން ދޫކޮށްފައި ދާނެހާ ހިތްވަރެއް ނެތެވެ. ވާން އުޅެނީ ކިހިނެއްކަން އެނގެން ބޭނުންވަނީ އެއަށްވުރެ ބޮޑަށެވެ. ދިވެއްސަކަށް ވީތީއެވެ. ޤައުމީ ލޯބި އެ އެންމެންގެވެސް ހިތުގެ ކޮންމެވެސް ކަނެއްގައި އަދިވެސް ވާތީއެވެ.

** ** ** ** ** (ނުނިމޭ ) ** ** ** ** **

11 comments:

wow vara salhi maa boda siyaasee nukurache maja siyasee v ma reethi vaane. masha heevanee miee masha v party hen ehenya ma ekani viyya miraajeyga mihaaru party eh nethi huree. hehehe
waly

 

Hhehehehe....waly ge comment kiyaafa hama hevunu varun mi aiy. majaa commenteh eiy ingey.

Siyaasa dho....v.siyaasa vaanehen heevanee. ekamaku laaneh majaa siyaasaeh noon ingey.aslukoh siyaasa.

just am trying to make something different. hope i will get successful.

 

ސޮފާއަށް އިރާދަކުރެވިއްޔާ ކާމިޔާބު ލިބޭނެ....ވާހަކަ ރީތި.....ތަފާތު ވާހަކައެއް...

 

hMMMMmmmm eba rangalhu vey

 

me baiii haadha siyaasee vefa eyy.kuree baithakaa gulhumeh neiiii. vaanuvaa eh neygunu

 

Aslu ves hee vey dho gulhumeh nei hen. ?? Bt trust me...u will see the gulhun very much. Thanks ingey for letting me know wat u think. keep on letting me know.

 

ey vaahakaves siyaasee kohleetha? ekamaku bunan maabodah kuree week aku dhefaharu gennairu dhigukohleveykah nehtha.(friender)

 

vaahaka eba kiyan, ekamaku adhi hama vaanuvaa neygifa meeny, sofaa bunihen kiyamun dhaa varakah mivany kihinehkan engeyne thaa dhw :P

 

I Like this story

 

alhe mi siyaasy noon vaahaka eh dhahkabala, alhe keehvegentha kurin feshi vaahaka stop kury, mi vaahaka foohi

 

aharen vaahaka kiyanee abadhu siyaasee habaruthah ivivi bolah undhagoo vegen.. ekam dhen mihaaru vaahakaehves kiyeykah neh. vaahakathah ves siyaasee v.. masheh dhen mivaahakaeh nukiyaanan. sorry soffa :(

 

Post a Comment