އެދެމީހުންގެ ކައިވެނީގެ ޙަޔާތުގެ ފުރަތަމަ ހަމަސް
ހޭދަވެގެން ދިޔައިރު، އޯގާވަންތަ ކަލާނގެ ރަޙުމަތްފުޅުން އެދެމީހުންނަށް
ދަރިއެއް ލިބެން އުޅޭކަމުގެ ޚަބަރު އޭނަގެ ފިރިމީހާއަށް އޭނައަށް ދެވުނުތާ މާ ގިނަ
ދުވަހެއް ނުވެއެވެ. ހިތާމައިން ކަޅިވެފައިވާ ސާލަކުން އޭނައަށް ޖެހުނީ ކަފުން
ވާށެވެ.
އެކަކަށްވެސް ބައްޔެއް މަރެއް އައީކީއެއް ނޫނެވެ.
އުޅެބޮޑުވި މާހައުލާއި މައިންބަފައިންނާއި ގެ ދޫކޮށްފައި އެމީހެއްގެ ފަހަތުން އޭނަ
އައި އޭނަގެ ފިރިމީހާ، ދެއަތްބަށް އެހެން މީހަކާއި އިނުމުގެ ހުއްދައަށް އޭނަގެ
ކިބައިން އެދުނީއެވެ. ފަހުމީ ދެއްކި އެ ވާހަކަ އަޑުއަހާ ނިމުނުއިރު އޭނަގެ ހިތުން
ބައެއް ފަހުމީއަށްޓަކައި މަރުވިފަދައެވެ. ލިބެން އުޅޭ ފުރަތަމަ ދަރިފުޅަށް
ބަލިވެއިންކަން އެނގުނުތާ މާ ގިނަދުވަހެއް ނުވެ އައިސް އެކަހަލަ ވާހަކައެއް
ދައްކަން ކެރޭނީ ކޮން ކަހަލަ ފިރިހެނަކަށް ބާއޭ އޭނަގެ ހިތަށް އެރިއެވެ.
އަދި ލޮލުން ނުދެކޭ ދަރިފުޅަށްޓަކައި ﷲ އަށް ޝުކުރުގެ ސަޖިދައެއް
ޖަހާލަންވެސް ވަގުތެއް ނުވިތާކަށް، އޭނައާއެކު ހޭދަކޮށްލާނެ ވަގުތެއްވެސް
ނުލިބިގެން ރެއާ ދުވާލު ގެއިން ބޭރުގައި ފަހުމީ ވަގުތުތައް ހޭދަކުރަމުން ދިޔަ
ހަގީގީ ސަބަބު އޭނައަށް އެނގުމާއެކު ފަހުމީ ދެކެ އޭނަ މުޅިން ފޫހިވީއެވެ. އިންނަން
އެ އުޅޭ އަންހެންކުއްޖަކީ ކާކުތޯވެސް އަދި އެހެން ދެވަނަ ސުވާލެއްވެސް ނުކޮށް
ކައިވެނި ކުރިޔަސް އެންމެ ރަނގަޅުކަމަށް އޭނަ ބުނީ އެހެންވީމައެވެ.
ހިލޭ އަންހެނަކާއި ގުޅުމެއް ބާއްވައި އެ ގުޅުން
ކައިވެންޏަކާއި ހަމައަށް ގެންގޮސްފަ، އައިސް އޭނަ ކައިރީ އެ ވާހަކަ ދައްކަން
ފަހުމީއަށް ކެރުނުއިރު، އެކަމުން ދުރުވާން ފަހުމީއާއި ވާހަކަ ދައްކާކަށް އޭނަގެ
ހިތާއި ޟަމީރުވެސް ގަބޫލެއް ނުވިއެވެ. އޭނައަކީވެސް ހިތެއް ނެތް މީހެއް
ނޫނިއްޔާއެވެ. އެއްވެސް މީހަކު ލައްވާ އޭނަގެ ދިރިއުޅުމަކީ ބޮޑުބެރުގެ ލަވައަކަށް
ހެދިޔަދޭން އޭނަގެ ޟަމީރު އެއްބަސް ނުވީއެވެ.
އެހާ ޅަ އުމުރުގައި ކުރެވުނު ކައިވެނިން ހިތި ޢިބްރަތެއް
ލިބުނަތީ އެކަމާ އޭނަ އިޚްތިޔާރުކޮށްގެން ހުރި ހަމަހިމޭންކަމުގެ މާނައަށް
ނުވިސްނާ، އޭނަގެ ލޮލުން އޮހުނު ކަރުނަތައް ނުފެންނަކަމަށް ހަދައިގެން ހުރެ ފަހުމީ
ދެ އަތްބަށް އިނީއެވެ. ގެއާއި އިންވެގެން ދެވަނައަށް ހުރިގޭ ސަޢީދާ އާއެވެ.
ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރުމަށްވުރެ އޭނައަށް
ބޮޑުވީ އޭނަގެ އެކުވެރި ސަޢީދާ އާއި ފަހުމީ ކައިވެނި ކުރުމުންނެވެ. އެރަށަށް އޭނަ
ދިޔައީއްސުރެ އޭނައާއި އެންމެ ގާތްކޮށް އުޅެމުން އައި ސަޢީދާ ، ލޯބީގެ ގުޅުން ބޭއްވީ އޭނަގެ ފިރިމީހާއާއިކަން
އެނގުމުން އޭނަގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. ދެވަނަ އަތްބެއް ހޯދަން
ބޭނުންވިއިރު ސަޢީދާ ނޫން އެހެން މީހަކާ ފަހުމީ އިންނަމަވެސް އޭނައަށް އެހާ ނުބައި
އަސަރެއް ނުކުރީސް ކަންނޭނގެއެވެ.
ބަނޑުގައި އޮތް ދަރިފުޅުގެ މުސްތަގްބަލަށް ވެދާނެ
ގޮތެއްވެސް ބެލުމެއްނެތި، ލަހެއްފހެއް ނެތި ފަހުމީގެ ކިބައިން އޭނަ ވަރިއަށް
އެދުނީ ﷲ އާއި ވަކީލުކޮށްފައެވެ. އެހާ ލޯބިން އިން ފިރިމީހާ އަކީ ޙީލަތްތެރި
ދޮގުވެރިއެއްކަމާއި ، ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި ހުރި ސަޢީދާ އަކީވެސް
އޭނައަށް އަމާނާތްތެރި ނުވި މީހަކަމށްވުމުން، އެއިން އެކަކުވެސް ފެންނަ ހިސާބުގައި
އުޅޭކަށް އޭނަ ބޭނުމެއް ނުވިއެވެ. ފަހުމީގެ އެއްވެސް އާދޭހެއްގެ އަޑުއަހަން އޭނަ
ބޭނުމެއް ނުވިއެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައިވެސް މަޑުކޮށްދިނުމަށް އެތަކެއް
އާދޭސް ކުރި ނަމަވެސް، ދަރިފުޅާއި ދޭތެރޭ ފަހުމީ ވިސްނަންވީ ވަގުތު ހިނގައްޖެކަމަށް
ބުނެފައި، ބަނޑަށް ތިންމަހުގައި
އަމިއްލައަށް ކޯޓަށްގޮސްގެން އޭނަ ވަރިވީއެވެ.
ފަހުމީ އާއި އޭނަގެ ކައިވެނީގެ ޙަޔާތް ރޫޅުމުން އޭނައަށް
އަސަރުތަކެއް ނުކުރަނީއެއް ނޫނެވެ. އެފަދަ ގޮތެއް ދިމާވާ އެހެން ކޮންމެ
އަންހެނަކަށްވެސް ވާނެ ހުރިހާ ގޮތެއް އޭނައަށްވެސް ވިއެވެ. ރޮއި ގިސްލެވުނެވެ.
ޝަކުވާ ކުރެވުނެވެ. ލެއްވި ނަސީބަށް ލަޢުނަތްވެސް ދެވުނެވެ. ހިތާމައިން ގޮސް ހިތް
ކަޅިވިއެވެ. މެދުކެނޑުމެއްނެތި ރިހޭ ރިހުމެއް މޭގައި އަށަގަތެވެ. އަލަތު ފިރިމީހާ
އެގޮތަށް ވަކިވެގެން ދިއުން އޭނައަށްވީ ބޮޑު ވޭނަކަށެވެ. އެއީ ފިރިމީހާގެ ގާތްކަމާއި
ލޯތްބަށް އެދި އޭނަ ފެންބޮވައިގަތް އެތައް ރޭތަކެކެވެ. އެހީތެރިކަމަށް އެދެވުނު
އެތަކެއް ދުވަސްތަކެވެ.
ނަމަވެސް އޭނަ ހިތްވަރު ކުރިއެވެ. އެނބުރި އައީ އަމިއްލަ
ރަށަށެވެ. އޭދަފުށްޓަށެވެ. މައިންބަފައިންގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން
އޮތީމައެވެ. އެހެންނަމަވެސް އޭނަ ކަންތައް ކުރީ، ފަހުމީ ގާތުން ވަރިވާން
އުޅުނުއިރު އޭނަ ޢަޒުމް ކަނޑައަޅައިގެން ހުރި ގޮތަށެވެ. އެހިސާބުން ފެށިގެން
އޭނަގެ ދިރިއުޅުން ކުރިއަށް ގެންދަން އޭނަ ރާވާފައި އޮތް ގޮތަށެވެ.
މައިންބަފައިންގެ އޯގާތެރިކަން ލިބުނު ހިނދުވެސް އެ ޢަޒުމް މަތިން އޭނަ ހަނދާން
ނައްތައެއް ނުލައެވެ.
ޙަޔާތުގައި އޭނަ ނެގި ފުރަތަމަ ފިޔަވަޅުން އޭނައަށް ލިބުނު
ކެހި ވެގެން ދިޔައީ އެއްގޮތަށްވުރެ ގިނަ ގޮތް ގޮތު އޭނައަށް އިބްރަތްތަކެއް
ދަސްކޮށްދިން ކަމަކަށެވެ. ބޮޑު ހިތްވަރަކާއި ޢަޒުމެއް ކަނޑައަޅަން އޭނައަށް ކެރުނު
ކަމަކަށެވެ. ތެދެކެވެ. ކުށެއް ނުކުރެވޭނަމަ ދަސްކުރަން ނޭނގޭނެއެވެ.
ކަންވެނިމުނުފަހުންވިޔަސް އޭނައަށްވެސް ދަސްވިއެވެ.
އެހެންކަމުން، ދެކޭ މީހުންނާއި އަޑުއަހާމީހުން އެކަމާ
ކިތަންމެ ހައިރާންވެގެން އުޅުނު ނަމަވެސް، މައިންބަފައިންގެ އެހީތެރިކަން އޭނަ
ބަލައިގަތީ ދަރިފުޅު ވިހަންދެނެވެ. އޭނަ އުޅެން ގަސްތުކޮށްފައި އޮތީ އޭގެ ކުރިން
ދުވަހަކުވެސް އޭނަގެ ރައްޓެހި ކުއްޖަކުވެސް އަދި އަވަށްޓެރިއަކުވެސް އުޅެފައި ނެތް
ގޮތަކަށް ކަމަށްވިޔަސް، އެ ގޮތް އޭނަ އިޚްތިޔާރު ކުރީ އޭނަގެ އެ ވިސްނުން
އަނބުރާލަން މަސައްކަތް ކުރާ މީހަކާވެސް ދުރުވާން ނިންމައިގެންނެވެ.
އޭނަ ބޭނުންވީ އޭނައާއި އޭނަގެ ދަރިފުޅުގެ ޒިންމާތައް
އެއްވެސް މީހަކަށް ނުޖެއްސުމަށެވެ. ޚާއްޞަކޮށް އޭނަ އެކައިވެނި ކުރީ
މައިންބަފައިންގެ ރުހުމާއި މުޅިންމެ ދެކޮޅަށް ކަމަށްވެފައި، ހިތި ނަތީޖާއަކާއެކު
އެނބުރި އައިސް މައިންބަފައިންނަށް ބުރައަކަށް ވާކަށް އޭނަގެ ނަފްސު އެއްބަހެއް
ނުވިއެވެ. އެހެންކަމުން ދަރިފުޅު ގޮވައިގެން ވަކިން އުޅޭނެ ތަނެއް ހޯދައިދިނުމަށް
އޭނަގެ މަންމަ އާއި ބައްޕަ ކައިރީ އޭނަ އާދޭސްކުރިއެވެ. އެހެން ނެހެދުމަށާއި
ކުއްޖާތަންކޮޅެއް ބޮޑުވަންދެން ގޭގައި މަޑުކުރުމަށް އެދި ދުވަސްތަކެއް ވަންދެން
އެކަމާ އިންކާރު ކުރިނަމަވެސް އޭނަގެ މަންމަގެ ބާރު އެޅުމުގެ މަތިން ބައްޕަ
އޭނައަށް އުޅޭނެ ތަނެއް ހޯދައި ދިނެވެ. ބައްޕަފަރާތު ބޮޑުދައިތަ ނިޔާވިފަހުން
އެއްވެސް ބަޔަކު ނުއުޅެ ހުރި މުސްކުޅި ގެ އޭނައަށް ބައްޕަ ހޯދައިދިނުން ވެގެން
ދިޔައީ އޭނަގެ ޙަޔާތުގެ ދެވަނަ ބާބު ކަމަށެވެ.
އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އޭނަ އުޅެމުން
އަންނަނީ އެ ގޭގައެވެ. ހެދިކާ ހެދުމާއި ފެހުމުގެ މަސައްކަތް ކޮށްގެން އޭނަ އައީ
އޭނައާއި އޭނަގެ ދަރިފުޅަށް ވާ ވަރަށް ހުރިހާ ޚަރަދެއް ހަމަޖައްސަމުންނެވެ. ދެވަނަ
އެހެން އެއްވެސް އެހީތެރިކަމެއް އެއްވެސް މީހެއްގެ ފަރާތުން އޭނަ ނުހޯދައެވެ. އެކި
ގޮތްގޮތުން އޭނައަށް އެހީވާން ދިއްކުރި އެއްވެސް އަތެއްގައި އޭނަ ނުހިފައެވެ.
ހުށަހެޅުނު އެއްވެސް ކައިވެންޏަކަށް އޭނަ އާނބަހެއް ނުބުނެއެވެ. ޅަ އުމުރުގައި،
ލޯބީގެ މަސްތުގައި ޖެހި ކުރެވުނު ފުރަތަމަ ކައިވެނިން ކުރެވުނު ހިތި ތަޖްރިބާގެ
ސަބަބުން ދެވަނަ ފަހަރަށް ކައިވެންޏެއް ކުރުމުގެ ޚިޔާލުވެސްއޭރު އޭނަގެ
ނެތުނީއެވެ.
އިރާދަކުރެއްވީތީ އޭނަ އުއްމީދު ކުރި ގޮތަށް، އެ ދުވަހުން
ފެށިގެން މިއަދާއި ހަމައަށްވެސް އޭނަ އުޅެމުން އައިސްފައި މިވަނީ އޭނަގެ އަމިއްލަ
އަތުން ކުރާ މަސައްކަތެއްގެ އަގުންނެވެ. ހެދިކާ ހެދުމާއި ފެހުމުގެ މަސައްކަތް
ކޮށްގެން އޭނައަށް އައީ އުޅެވެމުންނެވެ. ކިރިޔަ ކިރިޔާ ފުދިގެން ވިޔަސް، އޭނައަށް
އުޅެވެއެވެ. މީހަކަށް އާދޭސްކުރާކަށް ނުޖެހެއެވެ.
އިރާދަކުރެއްވީތީ އޭނަގެ ދަރިފުޅުވެސް އެހެރަ ބޮޑުވަނީއެވެ.
އުފާވެރި ސަކަ އަންހެންކުއްޖެއްގެ ގޮތުގައެވެ. ދިރިއުޅުމުގައި އެއްވެސް ކަހަލަ
ހިތްދަތިކަމެއް ދުވަހަކުވެސް ދެކެފައިނުވާ ކުއްޖެއް ފަދައެވެ.
ނާދިޔާ މިއަހަރު އެއިނީ ގްރޭޑް އަށެއްގައެވެ. މީގެ
ދެތިންއަހަރު ފަހުން ސްކޫލް ދައުރުވެސް ނިމިދާނެއެވެ. ހައްދެއްނެތް ވަރުގެ
އެކަނިވެރިކަމެއް އިހްސާސް ކުރަން ޖެހުނު ނަމަވެސް، އޭނަ ބުނާހިތްވަނީ އޭނަގެ
ޙަޔާތް ކާމިޔާބު ކަމުގައެވެ. ޒުވާން އުމުރު އެގޮތަށް ދުއްވާނުލުމަށް އޭނައަށް
ނަސޭޙަތްދެމުން އައި މީހުންނަށްވެސް އޭނަ ބުނާހިތްވަނީ، މިގޮތް މާ އުފާވެރި
ކަމުގައެވެ. ދަރިފުޅުގެ ބައްޕަ ދަރިފުޅު ދެކެން ހާލަކުން ފަހަރަކު އައިނަމަވެސް
އެކަމުގައިއޭނަގެ ޝަކުވާއެއް ނޯންނަނީ އެހެންވީމަ ކަމަށްވެސް ވެދާނެއެވެ.
ކޮންމެ ގޮތެއްވިޔަސް ހެވެވެ. އޭނައަކީ ފަހަތަށް އެނބުރި
ދާނެ މީހެއް ނޫނެވެ. ދާން ބޭނުންވަނީ ކުރިއަށެވެ. ޒުވާން ޢުމުރުގައި ދަރިފުޅާއެކު
އުޅުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި އޭނަ އުފާ ކުރެއެވެ. އޭނަ ބޭނުންވަނީ އެ
ދަރިފުޅާއެކު ކުރިއަށް ގޮސް، އެ ދަރިފުޅުގެ ޙަޔާތް އުޖާލާކޮށް ދިނުމަށެވެ.
އޭނައަށް ހެދުނު ކަހަލަ ގޯހެއް އެ ދަރިފުޅަށް ހެދިޔަނުދޭން ކުރެވުނު ހުރިހާކަމެއް
ކުރަން އޭނަ ބޭނުން ވެއެވެ. އެ ދަރިފުޅުގެ ޙަޔާތުގައި އޮޅިގެންވިޔަސް،
ފަހަރެއްގައިވިޔަސް އަނދިރިމަގަކަށް ނުކުމެވިއްޖެނަމަ، އެމަގުގައި ބައްތި ދިއްލައި
އަލިކޮށްދޭން އޭނަ ހުންނަން ބޭނުން ވެއެވެ. މި ނޫން އެހެން އެއްވެސް އެދުމެއް
މިހާރު އޭނަގެ ނެތެވެ.
ޙަޔާތުން ފާއިތުވެދިޔަ ސާދައަހަރާއި ދޭތެރޭ ކުރުގޮތަކަށް
ވިސްނަން އިން ހަރީރާ، އޭނަ ހެއްލަހެއްލާ އިން އުނދޯލިން ފޭބިއެވެ.
ގިފިއްޔާ ގޭގެ މީހުން އުޅޭބައިގެ ދެމެދުގައި އޮންނަ ހުސް ގޯތިތެރެއިން
ހިނގާފައިގޮސް ގިފިއްޔަށް ވަދެ ނިދުމަށް ތައްޔާރުވެގެން އައިސް ގޯތިތެރޭގައި
ދިއްލާފައި އޮތް ކުޑަ ރީނދޫބޮކިވެސް ނިވާލިއެވެ. ކަރަންޓް ބިލުން ކުޑަވެސް
އެއްޗެއް ކުރިޔަށްވުރެން މަދުވެއްޖެނަމަ އެއީ އެމީހުންގެ އެހެނިހެން ކަންތަކަށް
އިތުރުވާ އެއްޗެއްކަން ހަރީރާ ހަނދާން ހުރެއެވެ.
ގޭތެރެއަށް ވަދެ ރަނގަޅަށް ދޮރުލައްޕާ ތަޅުލާފައި ފާރުގައި
ހުރި ގަޑިއަށް ހަރީރާ ބަލާލިއެވެ. ރޭގަނޑުން ދިހަގަޑި ބައިވަނީއެވެ. ފަތިހުފަތިހާ
ހޭލަން ޖެހޭނެއެވެ. ސްކޫލަށް ކުދިން ދާންވާއިރަށް ހެދިކާ ހަދާފައި ފިހާރައަށް
ގެންދަން ޖެހޭނެއެވެ.
އަނެއް އެނދުގައި އޮތް ދަރިފުޅާއި ދިމާލަށް ހަރީރާ ބަލާލިއެވެ. ﷲ އަށް ޝުކުރުވެރިވާ
ހިތަކާއެކުގައެވެ. ދެން ހަރީރާވެސް ލޯމަރާލިއެވެ. މާދަމައަކީ މިއަދަށްވުރެންވެސް
ރަނގަޅު ދުވަހަކަށް ވުމަށް އެދެމުންނެވެ.
** ** ** ** **
"އަމީރާ....ކަނބުލޯ....ކޮންތާކު ތި އުޅެނީ...."
އަމީރާގެ މަންމަ އަމީރާއަށް ގޮވަމުން އަމީރާ ހޯދާތާ އިރުކޮޅެއް މިހާރު ވެއްޖެއެވެ.
އެކަމަކު އެ ބޮޑު ގޯތިތެރެއިން އަމީރާ ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް އާސިފާ
އަކަށް ނުވިއެވެ.
"ދަރިފުޅާ...ބައްޕަ އެބަ ހޯދައޭ. ކޮންތާކުތަ ތިއިނީ.
އަނގައިން ބުނެބަލަ." ބަދިގޭ ދޮރުލައްޕާލާފައިވެސް އަނެއްކާވެސް އާސިފާ
ގޮވާލިއެވެ.
އާސިފާ ދެން ހިނގައިގަތީ ގޯތިތެރޭގައި ހުންނަ ބޮޑު އަނބުގަހާ ދިމާލަށެވެ. އޭނައަށް ހީވީ ރަނގަޅަށެވެ.
އަނބުގަހުގައި އެލުވާފައި ހުރި އުނދޯލީގައި އަމީރާ އިނެވެ. މަޑުމަޑުން ހެއްލަމުން
ދިޔައެވެ. ރޭގަނޑަކަސް ދުވާލަކަސް ގިނަ ވަގުތު އަމީރާ
އިންނާނީ އެތާގައިކަން އާސިފާއަށް އެނގެއެވެ.
"ސާބަހޭ ދަރިފުޅާ...ތި ރޭޑިއޯ ހުޅުވައިގެން އިނީމަ ދޯ
މަންމަ މިވަރަށް ގޮވާއިރުވެސް އަޑު ނީވުނީ. ނިކަން ހިނގާބަލަ އެކޮޅަށް. ބައްޕަ
އެބަ ހޯދައޭ."
" ހެހެހެ....މަންމަ ދައްކާ ވާހަކަ...ބައްޕަ ވަދެގެން
ދިޔައީ މިހިރަ ދޮރުންނެއް ނޫންތަ؟ ބައްޕަ ދަމުން ދިޔައީ މިތާ އިނދެފަ އަހަންނާ
ވާހަކަވެސް ދައްކާފަ...މަންމައަށް އޮޅުވާލީއޭ ބައްޕަ...ހެހެހ" އަމީރާ
ހީގެންފިއެވެ.
"ހޫން...އެއްކަލަ ދެބަފައިންގެ ސަމާސާގަ އަހަރެން ދޯ
މިފަހަރުވެސް މި ޖެހުނީ. ގައިމު މިވަރަށް ހޯދާއިރު ކީއްތަ ވާނީ ބުނިއްޔާ އަމީރާ
އިންތަން....ދެންވެސް ހިނގާ..." އަމީރާގެ ބައްޕައަށް ނިސްބަތްކޮށް ބުނެލި މި
ބަސްކޮޅާއެކު އަމީރާގެ އަތުގައި އާސިފާ ހިފިއެވެ. ފެނުމުގެ ނިޢުމަތުން
މަޙްރޫމްވެފައިވާ ކުއްޖަކަށްވާތީ، އެހީތެރިވުމުގެ ގޮތުންނެވެ. ދާން ހިނގާށޭ ބުނެ
ކުރާ އެއްވެސް އިޝާރާތެއް ނުފެންނާނެކަން އެނގޭތީ މި އެދެނީ އައުމަށްކަން
އަންގައިދިނުމުގެ ގޮތުންނެވެ.
"މަންމަ ދޭ....އަހަރެން އެބަ ދަން ޚަބަރު އަޑުއަހާލާފަ..."
ރޭގަނޑު 10 ގައި ކިޔަންފެށި ޚަބަރުގެ އަޑުއަހަން އިން އަމީރާ ދާން ދެކޮޅު
ހެދިއެވެ.
"އެންމެ ރަނގަޅު. އަވަހަށް އަންނާތި." މާބޮޑު
ބާރެއް ނައަޅާ އާސިފާ ހިނގައިގަތީ އެތެރެއަށެވެ.
ދަމުން ދަމުން ބަގީޗާ ކައިރީ ރާނާފައި ހުރި ގާފޮޅުކައިރީ
ހުރި ގޮނޑި އަދިވެސް ބޮޑަށް އެތެރެއަށް ޖައްސާލިއެވެ. އޭނަގެ ދެލޯފަދަ ދަރިފުޅަކީ
ފެނުމުން މަޙްރޫމް ވެފައިވާ ކުއްޖެކެވެ. ހިނގާ ހަދަން އޮންނަ މަގު
ހިތުދަސްވެފައިވާތީ އެއްވެސް ދަތިކަމެއް ނެތި ގޭތެރޭގައި ހިނގާބިނގާވެ އުޅޭ އެ
ކުއްޖާގެ މަގުގައި ހުރަސް އަޅަން އެއްވެސް އެއްޗއް ހުރިޔަކަ އޭނަ ނުދޭނެއެވެ.
އޭނަގެ ދަރިފުޅަށް އެއްވެސް ގެއްލުމެއް ވެދާނެފަދަ އެއްވެސް ކަމަކަށް އޭނައަކަށް
ކެތެއް ނުވާނެއެވެ.
"ކޮބާ އަމީރާ...؟" ކާމޭޒު ދޮށުގައި އިން
އަހުމަދު އޭނަގެ އަންހެނުން އާސިފާ ފެނުމާއެކު އަހާލިއެވެ. ހިނިއައިސް
ހުރެގެންނެވެ.
"ހީލާ ހީލާ....އަބަދު ދެބަފައިން ވެގެން އެކަހަލަ
ކޮންމެވެސް ސަމާސާއެއް. އެބައިން އުނދޯލީގަ. ޚަބަރު އަޑުއަހާފަޔޯ އަންނާނީ."
މޭޒުކައިރީ ހުރި ކުޑަގޮނޑިމަތީ ހުރި ބަނޑިޔަލުން ފެން ނަގަމުން އާސިފާ ބުނެލިއެވެ.
"އަހުމަދު ހިތުން ބުނެބަލަ...އާސިފާ އެވަރަށް ޚަބަރާ
އެއްޗިހި އަޑުއަހަނީ ކީއްވެ. އެކަމަށް އެހާ ބޮޑު ޝައުގެއް އެ ހުންނަނީ
ކީއްވެބާވައޭ މަގޭ ހިތަށް އަރާ." އަމީރާއާއި ދޭތެރޭ ވިސްނަމުން އާސިފާ
އަހާލިއެވެ.
"އަހަރެންވެސް މި ހުންނަނީ ތިކަމެއް ނޭނގިފަ.
ކީއްވެބާ؟" ވަރަށްފިކުރުބޮޑުވެފައި ކަހަލަ ގޮތަކަށް އަހުމަދުވެސް އަހާލިއެވެ.
ފިރިމީހާގެ އަޑުގައި ހުރި ކަންބޮޑުވުން ފާހަގަކުރެވިގެން
އާސިފާ ބަލާލިއެވެ.
"އަމުދަކުން ގޮތްދައްކާނެ ކަމެއް ނެތް އިނގޭ. އަހަންނަށް
ނޭނގިގެނެއް ނޫނޭ މިއެހީ. ލިބުނީ އަންހެން ދަރިއެއް. އެކަމަކު ބަފާ ދާ މަގުން ދާން
އެ ދަރި ގަސްތު އެކުރަނީ." އަހުމަދުގެ މޫނުމަތިން ފެނުނު ލާނެތް
ހިނިތުންވުމުގެ ސަބަބުން އާސިފާވެސް ފިރިމީހާއާއި ދިމާކޮށްލިއެވެ.
ރަށުގެ ކަތީބަށް ވުމުގެ ކުރިން ، އޭނައާއި އަހުމަދު
ކައިވެނި ކުރިއިރުވެސް އަހުމަދަކީ ރަށުގެ ކުޑަކަތީބެވެ. އޭނައަށް ފެންނަން
ފެށީއްސުރެންވެސް އަހުމަދު އަކީ އެ ދާއިރާގެ މީހެކެވެ.
ޚަބަރާއި ސިޔާސަތު އަޑުއަހަން އަމީރާގެ އެ ހުންނަ ޝައުގަކީ
ލޭގަ ހުރިކަމެއްކަން އެ ދެމަފިރިންނަށްވެސް އެނގެއެވެ.
އަހުމަދު ހަމަ އެކައްޗެއްވެސް ނުބުނެއެވެ. ގަރުދިޔަ އާއި
ލޮނުމިރުހާ ފިޔައާއި އަޅައިގެން އާސިފާ މޮޑެދީފައި ހުރި ބަތްތަށިން
ސަމުސަލަކަށްފަހު ސަމުސަލެއް ކަމުން ދިޔައީ އާސިފާ އެ ދެއްކި ވާހަކައިން އުފާ
ލިބިގަންނަމުންނެވެ. ފަޚުރުވެރިކަމާއެކު ބޯ ޖަހާލަމުންނެވެ.
"އަސްލުވެސް އަހަރެމެންގެ ދަރިފުޅު ލޮލަށް ފެންނަ
ކުއްޖަކަށްވިނަމަ....އެހެން ވިނަމަ ރަށުގެ ތިކަހަލަ މަގާމަކަށް ކަންނޭނގެ ދޯ ވާދަކުރާނީ."
މޭޒުގެ އަނެއްފަރާތުން އަހުމަދު ކުރިމަތީ އިށީނދެލާފައި އާސިފާ މިހެން އެރިއިރު
ދެރަވެފައި ހުރިތަން އަހުމަދުއަށް ފެނުނެވެ. އަމީރާ އާއި ދޭތެރޭ ވިސްނާލާ ކޮންމެ
ފަހަރަކު އާސިފާގެ ދެލޯކަރުނުން ފުރޭތަން އަބަދުވެސް އަހުމަދު ދެކެއެވެ.
"އާސިފާ އަޑެއް ނައަހަންތަ އެއް ނިޢުމަތް
ގެންދަވައިފިއްޔާ އެތައް އެހެން ނިޢުމަތްތަކެއް މާތްކަލާނގެ ދެއްވަޔޭ ބުނާއަޑެއް؟
އަމީރާއަށްވެސް ދެއްވާފަ ހުންނާނީ. އަހަރެމެން ޖެހޭނީ އެ ނިޢުމަތްތަކާއި ހަމައަށް
ވާޞިލުވާނެ ގޮތް އަމީރާއަށް ދަސްކޮށްދޭން." އެންމެ ފަހުން ނެގި ބަތް ސަމުސާ
އަނގައަށް ލުމުގެ ބަދަލުގައި ތަށްޓަށް ލާފައި އަހުމަދު ހިތްވަރު ދިނީ
އާސިފާއަށެވެ. ލޯބިވާ އަނބިމީހާއަށެވެ. ލޯބިވާ ދަރިފުޅުގެ މަންމައަށެވެ.
"ދެރަނުވޭ...އަދި އިރާދަކުރެއްވިއްޔާ
ރަނގަޅުވާނެ...އާދޭ އެތިކޮޅެއް ކާން." އާސިފާއަށް ހީލަމުން އަހުމަދު
ބުނެލިއެވެ.
އާސިފާ މޫނު ކުނިކޮށްލިއެވެ.
"ދެން އާދޭ...ލަވާދެންތަ...އަނ...އަނގަ ހުޅުވާ."
އަހުމަދު ގަސްތުކޮށްއިނީ އާސިފާ ހެއްވާލުމަށެވެ.
"ހޫމް....ދެން އެންމެ ރަނގަޅޭ. ކާލާ ކާލާ.
އަން...މިހިރީ ސައިތަށިވެސް." ހޫނު ސައިތަށި ގާތްކޮށްލަދީފައި
ހިނގައިގަތްއިރު އާސިފާއަށްވެސް ހުރެވުނީ ހިނިތުންވެއެވެ.
އަހުމަދުއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
ނަމަވެސް އިރުކޮޅަކުން ބަތްތަށްޓާއި ދިމާލަށް
އެނބުރުނުއިރު އަހުމަދުގެ މޫނުމަތިން ފެންނަނީ ފިކުރު ބޮޑުވުމާއި އުދާހެވެ.
"ބައްޕާ...." މިއަޑަށް އަހުމަދު ބަލާލިއިރު ، ޕަރީއެއްފަދަ
ރީތި އޭނަގެ އަންހެންދަރިފުޅު ހުރީ ކާކޮޓަރީގެ ދޮރުމަތީގައެވެ. ހިނިތުންވެފައެވެ.
** ** ** ** ** (ނުނިމޭ ) ** ** ** ** **
*** މި ވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ނުހިމެނޭގޮތަށް ކޮންމެ 2 ދުވަހުން 1 ދުވަހުއެވެ.***

v.salhi. hykuran eha lasnuko up kurane kama
ReplyDeletenOwshan:
ReplyDeletewow sofeeeeeeeeeeeeeeee. ufaavejje next part genesdhinythy...magey molhu sofee gandu ..varah onbi ingay <3
Hailaaaaaaaaaaaaaaaaaaaaaaa. haadha happy ey mihaaru.salhi. keep on writing.
ReplyDeleteMay Allah bless you always. : Inthi
Salhi.v.ufaavejje soff alun liyan feshyma
ReplyDeleteSOFAA dhuvahaku ves hutta eh nulaey... technical massala thakeh ulhunee yey dho.... ey dhiye... kuh eba huri ingey
ReplyDeleteU KNOW ME
Ramazaan Mubaarik Sofaa...Sofaa ge vaahaka tha v reethi but maa lasvaathy foohivaa goith vey. Ash sofaa ge vaahaka tha kiyaa comment koh hadhan. plz lasnukoh avahah new part tha genesdhy bala. mi inthizaarah nimumeh genesdhehvaa sofaa
ReplyDeleteAdhives 2 dhuvas nuvaneebaa!!!! :)
ReplyDelete