Wednesday, June 13, 2012

Edhevunu Thadhu - Ep 2





ކުރީ ދުވަހުގެ ބަޔާއި ގުޅޭ.....

އެހެންނަމަވެސް އެއީ ކައިވެނީގެ ހުރިހާ ކަމެއް ނިމި ލޯންޗެއްގައި ހުޅުމާލެއަށް އައުމަށް އެދެމީހުން ފުރި ވަގުތާއި ހަމައަށެވެ. ލޯންޗާއި ހިސާބުންވެސް ޝާންއަށް ބަދަލެއް އައިސްފައިވާކަން އޭނައަށް ފާހަގަ ކުރެވުނެވެ. އެކަމާއިބެހޭ ގޮތުން އެތަކެއްފަހަރު ޝާން އާއި ސުވާލުވެސް ކުރެވުނެވެ. ކަމެއް ނުވާ ކަމަށް އެތަކެއް ޖަވާބު ލިބުމުން، ޚުދު އޭނައަށްވެސް އެ ޖަވާބު ގަބޫލުކުރެވުނީއެވެ. ލޯންޗް އައިސް ހުޅުމާލޭ ފަޅަށް ވަދެ، އޭގެ ފަހުން އެމީހުން ބަލާ އައުމަށް ބުނެފައިވާ ޓެކްސީ އައިސް، އެ ޓެކްސީގައި ގެއާއި ހަމައަށް ދެވެންދެން ހަނުހިމޭނުން ޝާން  ހުރުމުންވެސް އޭނައަށް ބެލެވުނީ އެއީ ޝާންގެ ގޮތް ކަމަށެވެ. އޭނައަށް އަދި ޝާން ދަސްވާން ވަގުތު ބޭނުންވާނެއޭ ހިތާ ހިތާ ނިންމުނެވެ.  

އެހެންނަމަވެސް އެރޭ އޭނަ ގޮވައިގެން އައިސް ގެއަށް ވަދެފައި....

"އޭއި.... ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ވީތަ...؟ ދެން ތަށިތައް ނަގަނީ ކާކު...؟" އޭނައާއި އިން ދިމާލުން ބިއްލޫރި މޭޒުގައި ފުއްޓައްކެއް ޖަހާލާފައި ޝާން މިހެން ބުނެލި އަޑަށް ރީމާ ދިޔައީ ސިހިގެންނެވެ.
ރީމާއަށް ބަލާލެވުމާއެކު ޝާން އިޝާރާތް ކުރީ ސައިބޮއި ނިމުނު ތަށި ތަކަށެވެ.
ލޯ އަޅާލާފައި ހިނގައިގަތީ އޭގެ ފަހުންނެވެ. އޭނައަށް ޖެއްސުންކޮށްލެވިއްޖެ ކޮންމެ ހިނދެއްގައިވެސް ޝާންގެ މޫނުމަތިން ފެންނަން ހުންނަ ވިހަ ހިނިތުންވުން މިފަހަރުވެސް ރީމާއަށް ފެނުނެވެ.

އޭނއަށް ކުރެވޭ ޙަރަކާތަކުން ބާރު އަޑެއް ގޮވައިފިއްޔާ ދެން ވެދާނެ ގޮތް ކޮންމެވެސް ވަރަކަށް ހިތަށް ސިފަކުރެވޭތީ ބިރުން ހުރެ، ތަށިތައް ނަގަން ރީމާ ފެށިއެވެ. 

ސިޓިންރޫމް ކުޑަ މޭޒުމަތީ އޮތް ސިޓީއުރައެއް ހިފައިގެން ގޮސް ޝާން ސޯފާގައި އިށީންއިރުވެސް ރީމާއަށް ހުރެވުނީ ގޮތްނޭނގޭ ފިރިމީހާގެ ހަރަކާތްތަކަށް ސިއްރުން ބަލާށެވެ.

"އެހެންނާ ނުފެންނަ އެއްޗެއް ފެންނަނީތަ..؟" ރީމާގެ މޭގަނޑު އަނގައަށް އައިކަހަލައެވެ. ސިހިގެން ދިޔަ ބޮނޑީގައި އަތުގައި ހުރި ތަށިތައްވެސް އެއްތަށި އަނެއްތަށްޓާ ކޭއްތިލި އަޑު އިވިގެން ދިޔައެވެ.
އޭނައާއި ދިމާލަށް ނުވެސް ބަލާއިނދެ ޝާންއަށް އެހެން ބުނަން އެނގެނީ ކިހިނެއްހެއްޔެވެ؟ އޭނަ ބަލާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ކަންފަތުގެ ބަދަލުގައި އެ ހުންނަނީ ލޮލެއްބާވައެވެ. 

ރީމާއަށް ރުޅިއާދެވުނެވެ. ވާނީ މިކަހަލަ ގޮތެކެވެ. ގޮތް ނޭނގޭ މީހަކު އިންނަން އަހާ އިރަށް، އެމީހާގެ ޒުވާން ކަމާއި ރީތިކަން ފެނި މީހުންނާއި އިނީމަ ލިބޭނެ ލަނޑު މި އޮތީ އޭނައަށް ލިބިފައެވެ. އިނުމުގެ ކުރިން މިއީ ކާކުތޯ ބަލާލެވުނު ނަމައެވެ. 
ރީމާ އަމިއްލަ ހިތާހިތުން ކުދި ކިޔަން ފެށިއެވެ.

އެކަމަކު މިއީ ދެރަވެއްޖެ ކަމެކެވެ. މިވާހަކަ އޭނަގެ އާއިލާ މީހެއްކައިރީވެސް ބުނެވޭކަށް ނެތެވެ. އޭނަގެ ރައްޓެއްސެއް އަމުދުން މި ރަށުގައި ނުވެސް ހުންނާނެއެވެ. ގާތް ރައްޓިއްސެއްގެ ފަރާތުން ހިތްވަރު ހޯދާނީވެސް އެހެން ނަމަތާއެވެ.

ތަށިތައް ދޮވެފައި ބަހައްޓާފައި ރީމާ ގޮސް ވަނީ އޭނަ އުޅޭ ކޮޓަރި އަށެވެ. ކުރީފަހަރު ތިރިކޮށްފައި އޮތް ގޮދަޑިމަތީގައި ނުގޮތަކަށް އިށީނދެލިއެވެ. ވިސްނުން އަނެއްކާވެސް ގުޅާލެވުނީ ކުރިން ކުރެވެމުން އައި ޚިޔާލާއެވެ.

އޭނަ ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ މި މީހާގެ ޙަގީގަތް ބަލަން ވެއްޖެއެވެ. އެކަމަކު ބަލާނީވެސް ކިހިނެއް ހެއްޔެވެ؟ މިވަރުގެ ކަމެއްގައި އޭނައަށް އެހީތެރިއަކުވެސް ބޭނުމެވެ. އިތުބާރު ކުރެވޭ އެކުވެރިއަކުވެސް ހުންނަން ވާނެއެވެ. އެކަމަކު އެކުވެރިއަކު ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟ ނިކުންނަން ވީއެވެ. ކުޑަކޮށް ބޭރަށް ނިކުމެލާ އުޅެންވީއެވެ. ފަހަރެއްގައި ޝާންގެ ގޮތް ދަންނަ ރަނގަޅު ރައްޓިއްސަކުވެސް ފެނިދާނެއެވެ.

އެކަމަކު.......
ޝާން ބުނެފައި އޮތް ގޮތުންނަމަ އޭނައަށް މިގެއިން ބޭރަށް ނުކުމެވޭނީވެސް ޝާންގެ ހުއްދަ ލިބިގެންނެވެ. އެހެންވީމަ، އެއީވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. އޭނަ ބޭރަށް ދާން ބޭނުންވާ ކޮންމެ ފަހަރަކު ޝާންއަށް ގުޅައިގެން ހުއްދަ ހޯދައިގެން ދާކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަމެއް އޭނައަށް ނުވާނެއެވެ. އެހާ ހިތްވަރެއް އޭނަގެ ނެތެވެ.

ސިކުނޑި ވަރުބަލިވެ ގޮތް ހުސްވެފައިވާ މީހެއްފަދައިން އަނެއްކާވެސް ރީމާ އޮށޯވެލިއެވެ.
ރީމާ އޮތީ ކޮޓަރި ނުވެސް ދިއްލާކަމުން، ކޮޓަރިއަށް ވާ ހަމަ އެކަނި އައްޔަކީ، ކޮޓަރީގެ ކޮޅުފާރުގައި ހުރި ކުޑަދޮރުގެ ފޮތިގަނޑުގެ ދޭތެރެއިން ވަންނަމުން ދިޔަ، އޮއްސެންދާ އިރުގެ އެންމެ ފަހު ދޯދިތަކުގެ ކުލަވަރެވެ. އެ ދިމާލަށް ބަލަހައްޓައިގެން ހަމަހިމޭނުން އޮތް ރީމާ، އޭނަގެ ދިގު އިސްތަށިގަނޑުން ބައެއް އިސްތަށިތައް ޝަހާދަތް އިނގިއްޔަށް އޮޅަމުން ދިޔައީ ޚިޔާލެއްގެ ތެރެއަށް ގެއްލި އޮވެގެންނެވެ. އަލަތު ކައިވެންޏަށްފަހ އަބަދުވެސް ކުރެވޭ އެ ޚިޔާލަކީ ހަމަ އެއް ޚިޔާލެކެވެ.

ޝާން އަށް ވީ ކިއްހެއްޔެވެ؟ އޭނައާއި ކައިވެނި ކުރަން އުޅުނުއިރު އޭނަ ދެކެ ލޯބިވާ ވާހަކަ އާއި އޭނަގެ ރީތި ކަމުގެ ތަޢުރީފުތަކުން މުޅި މާހައުލުގައި އަތަރު ލައްވާފައި ބަހައްޓާފައި، މިހާރު ، ކައިވެނި ކުރި ފަހުން ޝާންގެ ފަރާތުން މި ފެންނަނީ ކޮން ކަހަލަ ކަންތަކެއް ހެއްޔެވެ. މި ހުރިހާ ކަމެއްގެ އަސްލަކީ ކޮބައި ހެއްޔެވެ.

ޝާންގެ މަގްޞަދަކީ ކޮބައި ހެއްޔެވެ؟ 
ރީމާ ހަނދާން ކުރަން ފެށިއެވެ. ތަކުރާރުކޮށް ހަނދާން ކޮށްގެންވެސް ރީމާ ބަލަން ބޭނުންވަނީ ޝާން އަށް އައި ބަދަލުގެ އަސްލެވެ. 

"މީގެ ފަހުން ރީމާ އުޅޭނީ މިތާގަ...މިއީ އަހަރެންގެ ތަނެއް..." ކައިވެންޏަށްފަހު ހުޅުމާލެއަށް އައިސް މި އެޕާޓްމަންޓްގެ ދޮރު ހުޅުވާފައި ވަދެ ޝާން ބުނި ފުރަތަމަ ބަހަކީ އެއީއެވެ. އެއީ ފެށުމެވެ.

"ޝާންގެ އަމިއްލަ ތަނެއްތަ ....ކުއްޔަށް ދޯ....؟" މާލޭގައި ގެދޮރު ހުރި މީހަކަށް ހުޅުމާލެއިން ގެއެއް ނުވަތަ އެޕާޓްމަންޓެއް ލިބިދާނެކަން އޭނައަށް އެނގިފައި ނެތުމުން އޭނައަށް އެހެން އަހާލެވުނީއެވެ. އޭނައަށް އެހުނީ ގޯސްއެއްޗެއްކަން ފަހުމު ވީވެސް ޝާންގެ މޫނު ފެނުމުންނެވެ. ނުރުހިފައި ހުރި މޫނަކުން އޭނައަށް އެތަކެއް ވާހަކަ ބުނެދިނެވެ.

"ސޮރީ........" ކުރެވުނީ ކޮން ކުށެއްކަން ނޭނގޭއިރުވެސް އޭނަ މަޢާފަށް އެދުނީ ޝާންގެ ރުޅި މަޑުވޭތޯއެވެ.

"ޝާން....ކިހިނެއްވީ އަސްލު...؟ ކީއްވެ ހިތްހަމަނުޖެހިފަ ތިހިރީ......އަހަންނަށް....ނޫނީ އަހަރެން ފެމިލީ މީހަކަށް އެތަނުގަ ޝާން ހިތްހަމަނުޖެހޭ ކަހަލަ ކަމެއް ކުރެވުނީތަ؟" މަޢާފަށް އެދި ސޮރީއޭ އޭނަ ބުނުމުންވެސް،  އެއްޗެއް ނުބުނެ ކުރިއަށް ޝާން ހިގައިގަތުމުން އޭނަ އެހެން އެހީވެސް ވީ ކީއްކަން ނޭނގި ދޫކޮށްލައިގެން ނުހުރެވިގެންނެވެ. ހިތަށް އުނދަގޫ ވެގެންނެވެ.

ކައިވެނި ކުރެވެންދެން ހިނިމޫނަކާއިގެން ހުރި މީހަކު އޭގެ ފަހުން އެހެން ނެގި މަޑުވެފަ ހުރީމަ އޭނައަށް ހީކުރެވުނީ ޝާން ހިތްހަމަނުޖެހޭ ކޮންމެވެސް ކަމެއް އެމީހުންނަށް ކުރެވުނީ ކަމަށެވެ. އެހެން ވުމަކީވެސް ދުރުކަމެއް ނޫންވީމައެވެ. އޭނައާއި އޭނަގެ އާއިލާއަކީ ރާއްޖެތެރެއަށް އުފަންވެ ބޮޑުވެފައިވާ ބަޔަކަށް ވާތީ، މާލޭ މީހުން ނުވަތަ މާލޭގައި އުޅޭ މީހުންގެ ހުންނަ ފަދަ ތަހުޒީބެއް ނުހުރެދާނެކަމަށް އޭނައަށް ގަބޫލު ކުރެވޭތީއެވެ.

ނަމަވެސް އޭނަ ކުރި އެއްވެސް ސުވާލެއް އަޑުއިވުނު ކަމަކަށް ޝާން ނެހެދިއެވެ. އޭގެ ބަދަލުގައި ޝާން ހިނގައިގަތީ ކުރިއަށެވެ. އެންމެ ފުރަތަމަ ޖެހުނު ކޮޓަރިކައިރިއަށް ހުއްޓިލާފައި، ތަޅުދަނޑިފަތިން ތަޅުދަނޑިއެއް ހޯދާލާފައި ދޮރު ހުޅުވާލި ވަގުތަކީ އޭނައަށް ގޮސް ޝާންގެ އަތުގައި ހިފުނު ވަގުތެވެ.

"ޝާން.....ޕްލީޒް......ބުނެބަލަ.......ކިހިނެއް ވީ.....ކޮންކަމެއް ކިހިނެއް ވީ؟" ޝާންއަށް ވީ ކިއްކަން އޮޅުންފިލުވަން އޭނަ މި ސުވާލުތައް ކުރުމުން ޝާން ކަންތައް ކުރީ އޭނަ ހިތަށްވެސް ނައަރާ ކަހަލަ ގޮތަކަށެވެ. އޭނަގެ އަތް ފޮޅުވާލީއެވެ. އޭނައަށް އެވަގުތު އިހްސާސް ކުރެވުނީ ލަދެއްގެ އިހްސާސެވެ. އޭނައާއި ޝާން އަކީ މާ ގިނަ ދުވަހެއް ވަންދެން ދެކެފަރިތަ ވެގެން އިން ދެމީހުން ކަމަށް ނުވެފައި، ޝާންގެ ނުރުހުމާއި ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު ކަމަށް ވުމުން އޭނަ ކުޑަކޮށް ފަސްޖެހޭ ގޮތްވިއެވެ. ތަކުރާރުކޮށް ސުވާލުކޮށް ގިނަ ވާހަކަތައް ދައްކަން އޭނަ ލަދުގަތެވެ.
އެހެންވެ އޭނަވެސް ސުވާލެއް ނުކޮށް ޝާންގެ ފަހަތުން ކޮޓަރިއަށް ވަނީއެވެ.

އެއީ ރީތި ފުރިހަމަ ކޮޓަރިއެކެވެ. ތިންހަތަރު މީހުނަށްވެސް އެއްފަހަރާ ނިދާލެވޭނެ ވަރުގެ ބޮޑު ، ކަޅުކުލައިގެ އެނދަކާއި އެ އެނދާއި ގުޅޭ ގޮތުން އަލަމާރިއާއި ކަބަޑުތަކެވެ. ކޮޓަރިތެރޭގައި ހުރި ކަޅު ސޯފާއަށް ބަލާލެވުމުން، އެ ސޯފާ ވަރަށް އަރާމުވާނެކަމަށް އޭނައަށް ހީކުރެވުނެވެ. ފާޑެއްގެ ކަށި ހިމަ ފައިވާނަކަށް އަރައިގެން މުޅި ރޭ ހޭދަކުރަން ޖެހުމުން ފަޔަށްލިބިފައި ހުރި ލޮޑުކަން ފިލުވާލުމަށް އެ ސޯފާގައި އިށީނދެލުމަށް އޭނަގެ ހިތް އެދި ގޮވައިގަތް ވަގުތަކީ ޝާން އެއްޗެއް ބުނެލި ވަގުތެވެ.

"ތިތަނުން 2 ބާލީސް ހިފައިގެން އާދޭ...." އެ ރީތި ބޮޑު އެނދުގައި އޮތް ހަ ބާލީހަށް އިޝާރާތްކޮށް ޝާން މިހެން ބުނުމުން އޭނައަށް ފުރަތަމަ ހީކުރެވުނީވެސް އަޑުއިވުނު ގޮތް ކަމަށެވެ. އެއްގޮތަކަށްވެސް ކަންފަތަށް އިތުބާރެއް ނުކުރެވުނެވެ.

"ބާލީސް ....؟ ކޮންތަނަކަށް....؟ އެހެން ކޮޓަރިއެއްގަތަ އަހަރެމެން ތިބެނީ؟ މިއީ ކާކުގެ...؟ އަހަރެން ހީކުރީ މި ގޭގަ އެހެން މީހަކު ނުއުޅޭ ކަމަށް...." އޭނައަށް އެރޭ ކުރެވުނީ ކިހާ މޮޔަ ސުވާލުތަކެއްހެއްޔެވެ؟

"ހިފައިގެން އާދޭ...." އޭނަގެ އެއްވެސް ސުވާލަކުން އެއްވެސް އަސަރެއް ޝާންއަށް ނުކުރިއެވެ. އެކަމަކު އެފަހަރު އޭނައަށް ޝާންގެ ފަހަތުން ފިޔަވަޅު ނުއުފުލުނެވެ. ވާން އުޅެނީ ކިހިނެއްކަން އޭނައަށް ވިސްނައިގަންނަން އުނދަގޫ ވީއެވެ.

ބާލީސް ހިފައިގެން އައުމަށް ބުނެފައި ޝާން އެ ކޮޓަރިން ނުކުމެގެން ގޮސް ލޯ ކުރިމަތިން ގެއްލުނީވެސް އޭނަ އެހެން ބަލަން ހުއްޓައެވެ. ޝާން އެ ދިޔައީ ކޮންތަނަކަށްތޯ ބަލަން އޭނައަށް ބޭރަށް ނުކުމެވުނީ އިރުކޮޅަކުންނެވެ. އެވެސް ބާލީސްތައް ނުލައެވެ.

ކޮޓަރީގެ ދޮރުމައްޗަށް އެރިއިރު ، އޭނައަށް ފެނުނީ ކުރިމަތިން ހުރި ބަދިގެ އާއި އިންވެގެން ހުރި ކޮޓަރިއެއްގެ ދޮރު ހުޅުވައިގެން ޝާން ހުރި ތަނެވެ. އެ ކޮޓަރިއަކީ އޭނަ ހުރި ކޮޓަރިއަށްވުރެ އަރިމަތިން ފަސްވަރަކަށް ފޫޓް ދުރުގައި ހުރި ކޮޓަރިއަކަށްވާތީ، އޭނައަކަށް އެ ކޮޓަރިތެރެއެއް އޭރަކު ނުފެނެއެވެ. އެ ދޮރުމަތީ ޝާން ހުއްޓި ހުރިގޮތުން ހީވީ އޭނަ ނުދާހާ ހިނދަކު ޝާން ގުޑާނުލާނެހެންނެވެ. އެންމެ ފަހުން އެ ކޮޓަރި އާއި ދިމާލަށް އޭނަ ހިނގައިގަތީ އެއީ އެ ދެމީހުންނަށް ހަމަޖެހިފައިވާ ކޮޓަރިކަމަށް ވިސްނައި އެ ގޮތަށް ނިންމައިގެންނެވެ.

ނަމަވެސް.....
އޭނައަށް ކުރެވެމުން އައީ ހައްތާވެސް ކުށް ހީއެވެ.
ބިންމަތީގައި ބާއްވާނެ ގޮދަޑިއަކާ، ދެ ދޮރުފަތް ލީ އަލަމާރިއަކާ ޕްލާސްޓިކް ހުދު ގޮނޑިއަކާއި، ރަތްކުލައިގެ ޕްލާސްޓިކް ޑަސްބިނަކާއެކު އެ ކޮޓަރި "ތައްޔާރު" ކޮށްފައި ހުރީ ހަމަ އެކަނި އޭނައަށްޓަކައެވެ. މިއީ އެ ކޮޓަރިއެވެ. އެ ދުވަހުން ފެށިގެން މި އަދާއި ހަމައަށްވެސް އޭނަގެ ކޮޓަރިއަކީ މިއީއެވެ. އެ ކޮޓަރީގައި އުޅެން ޖެހިފައިވަނީ އޭނަ އެކަންޏެވެ. ހަމަ އެކަނި އޭނައެވެ.

********** (ނުނިމޭ)********


12 comments:

  1. alhey.... kobaatha Shaan ge massala aky? keehvetha Reema ah ehen e hadhany.... varah reethi ingey mibaives, aneh bayah inthizaaring.....

    ReplyDelete
  2. AnonymousJune 14, 2012

    salhi dhen... abadhu eyna eyna kiyaafa ineema odd varah.. reema eh noontha kiyanee e gal ah? sofa kihineh thi hadhanee.... ehaa zamaan kohfa genai iru expect kurihaa reecheh noon..

    ReplyDelete
  3. AnonymousJune 18, 2012

    SALHI ABADHUVX...

    ReplyDelete
  4. AnonymousJune 23, 2012

    mibaives varah salhi dhen anehbai kon irakun.
    (friender)

    ReplyDelete
  5. alhe kobaatha aneh bai, haadha lahey dhw, thiulheny vaahaka mathin foohi kuruvan dhw,

    ReplyDelete
  6. AnonymousJune 30, 2012

    alhe vaahaka nulivenyaa hutaalan veenu dhw.

    ReplyDelete
  7. Kameh kuran ulhey iru dhimaavaa hurasthakah birun e kan huttaalanyaaa kudhinney...ekakah eh kamevves nuvaane nu? ehenveema sofaa gastheh nukuran huttaalaakah ingey. :)

    ReplyDelete
  8. AnonymousJuly 18, 2012

    sofaa "bodaa nafusu"vaahaka kiyaalan libeyny kihineh?:)

    ReplyDelete
  9. AnonymousJuly 27, 2012

    nimuny tha??

    ReplyDelete
  10. kobai aneh bai, haadha lahey update vaaleh ves

    ReplyDelete
  11. koba aneh bai........ dhen nugenes dheniitha

    ReplyDelete
  12. kobaaatha anehbai alhe

    ReplyDelete