🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ބެސްޓް ފްރެންޑް


ބެސްޓް ފްރެންޑް

މިއީ ޚާއްޞަ ރެއެކެވެ. ބޮޑު ރެއެކެވެ.
ކައިވެންޏަށް ފަސް އަހަރު ފުރުމުގެ ގޮތުން މިރޭ ގޭގައި އޮތް ޕާޓީއަށް ތައްޔާރު ވުމުގައި ރާނިޔާ ހޭބޯ ނާރާ އުޅެނީ ހެނދުނުއްސުރެންނެވެ. ބަދިގޭގައި އަވަދިނެތި އުޅެނިކޮށް އައިސް ވަނީ ނީނާއެވެ. ސްކޫލް ދައުރުއްސުރެންވެސް މިހާތަނަށް ދެގޮތެއް ނުވާ އެންމެ ގާތް އެކުވެރިޔާ ނީނާއެވެ.

"ސާބަހޭ...އަދި ކިރިޔާ ތި ދައްކާލީ..." ކޮށާފައި ހުރި ތަރުކާރީކޮޅު ތެއްޔަށް އަޅާލަމުން ރާނިޔާ ދައްކާލީ ރުޅި މޫނެކެވެ. ގާތް ދެ އެކުވެރިންނެވެ. އެހެންނަމަވެސް އުޑާބިމާހާ ތަފާތޭވެސް ފަހަރެއްގަ ބުނެވިދާނެއެވެ.


"އާ ބިޓެއްގެ ކަންތަކާއި އުޅޭތީ ލަސްވީ....ސޮރީ..." ނީނާ އެ ދިނީ ތެދު ޖަވާބެއްކަމާ މެދު ރާނިޔާ ޝައްކެއްވެސް ނުކުރެއެވެ. މި ދުވަސްކޮޅު އެކަހަލަ ކަމެއްގެ އަސަރު ނީނާގެ ކިބައިން އޭނާއަށް ވަނީ ފެނިފައެވެ.
އެއީ ނީނާގެ އަބަދުގެވެސް މިޒާޖެވެ. ރާނިޔާގެ މިޒާޖާއި މުޅިން ނުބައްދަލެވެ.

ވިއްސާރަ މޫސުމެއްގަ ބޭރަށް ނިކުމެލާފަ އަންނަ ކޮންމެ ފަހަރަކު ހެދުން ބަދަލުކުރަން ޖެހޭހެން ލޯބިވެރިން ބަދަލު ކުރުމަކީ ނީނާގެ އާދައެކެވެ. ރާނިޔާ އާއި ނީމާ އާއި ދެމެދުގައި ދެބަސްވުމެއް އުފެދޭނަމަ އުފެދޭ ހަމަ އެކަނި ސަބަބަކީވެސް އެއީއެވެ.

އެކި ކަންކަމުގައި ނީނާ އާއިއެކު ގޭތެރޭގައި ހޭލަ މޭލައަށް އުޅެމުން ދަނިކޮށް ކުއްލިއަކަށް ނީނާގެ އަތުގައި އޮތް ރިހި ކެވެލިކޮޅު ރާނިޔާގެ ލޮލުގައި އަޅައިގަތެވެ.
އެއީ ކޮންމެވެސް ތަނަކުން އޭނައަށް ފެނުނު ކެވެލިކޮޅެއްހެން ހީވީ ކީއްވެގެންކަމެއް ނޭނގެއެވެ. އެކަހަލަ ކަންތަކާއި މާ ބޮޑަށް އަޅާނުލާ މީހަކަށް ވިޔަސް އެ ކެވެލިކޮޅުގެ ރީތިކަމަށް ތައުރީފްކޮށްނުލާ އޭނައަކަށް ނުހުރެވުނެވެ. އަދި އެއީ ކޮންތާކުން ހޯދި އެއްޗެއްތޯވެސް ނައަހާ ނުހުރެވުނެވެ.

"އާކަމެއް ކުރާ ވާހަކަ ބުނެފީމެއްނު...؟" ނީނާ ހީލިއެވެ.
"ވަރަށް ރީތި ދޯ..." ނީނާ އެ ކެވިކޮޅުގެ ރީތިކަމަށް ފަޚުރުވެރިވި ކަހަލަ އެވެ.
"ރީތި މީހުންގެ އެއްޗެހި ރީތިވާނެ ވިއްޔަ....ސީރިއަސް ކޮށް މިއީ ވަރަށް ސަޅި ބިޓެއްގެ އެއްޗެއް..." ނީނާގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމެވެ.
"ކިތަކެއް ހަމަކުރަން ކަމަށްތަ ތި އުޅެނީ...؟" ރާނިޔާއަށް މިހެން އަހާލެވުނީ ހިތްހަމަނުޖެހިފައެވެ.

"ނީނާއަށް ކިޔައިދީ ނަސޭޙަތް ދެވުނު ވަރެއްވެސް ނޭނގެ. އެކަމަކު ތި ކުޅިވަރު ކުޅުން ހުއްޓާލާކަށް އަދިވެސް ނުވޭތަ؟" ރާނިޔާ ނަސޭޙަތް ދިނީ އޭނަގެ އެކުވެރިޔާއަށެވެ.

"ރާނީ ދޫންޏާ....ކައިވެނީގެ ދެވަނަ ނަމަކީ ކަސްތޮޅު....މިފެންނަނީ. ރާނީގެ ދިރިއުޅުމަށް ބަލާލުމުން މީގެ ހެކި މި އޮތީ ފެންނަން. ކައިވެންޏަށްފަހު އެއްވެސް ވަރަކަށް މަޖާ ކުރަން ބޭރަށް ތަނަކަށް ޖައްސާލާކަށް ނުކެރޭ. އެހާ ވަގުތެއްވެސް ރާނީއަކަށް ނޯވޭ...ނުވާނެ ތިކަމެއް އަހަންނަކަށް..." ބޮޑު ޗޮކެއް ކަނޑާލާފައި މޭޒުމަތީގައި ހުރި ތަބަކުން ޕާޕަރެއް ނަގައިގެން ކަމުން ކަމުން ނީނާ އިށީނދެއްޖެއެވެ.

ރާނިޔާ އެ ވާހަކަ ހުއްޓާލިއެވެ. އެވާހަކަ ދެއްކިއިރުވެސް އެއީ ނީނާއަށްޓަކައި އެއްވެސް މާނައެއް ނެތް ވާހަކައެއްކަން ރާނިޔާއަށް އެނގެއެވެ.

ރާނިޔާ އަކީ އެއްވެސް އިރެއްގައި އެ ބުނާ މަޖާ ކުރުންތަކުގައި އުޅުނު މީހެއް ނޫނެވެ. ސްކޫލްގައިވެސް އޭނާ އަކީ މަޑުމައިތިރި އަޚްލާގު ރަނގަޅު ކަމަށް ހޮވާލެވުނު ދަރިވަރެކެވެ. ސްކޫލް ނިމި އޭނާ ބޭނުންވި ރޮނގުން ކޯސް ހެދުމާއެކު ރަށު ހޮސްޕިޓަލުން ވަޒީފާވެސް އޭނައަށް ލިބިއްޖެއެވެ. އާދިލު އާއި ބައްދަލުވީ ވަޒީފާއަށް ދިޔަ ފުރަތަމަ ދުވަހުއެވެ. އާދިލަކީ ހޮސްޕިޓަލުގެ ލެބޯޓްރީ އެސިސްޓެންޓެވެ. ލޯބި އުފެދުނީ ފުރަތަމަ ނަޒަރަކުން ނޫނެވެ. އެއް ތަނެއްގައި އެކުގައި ގިނަ ވަގުތު ހޭދަ ކުރެވި އެކަކު އަނެކަކަށް ދަސްވެ އެނގުނު ހިސާބުންނެވެ. ރާނިޔާ އަކީ ދީންވެރި ކިޔަމަންތެރި އަބުރުވެރި އަންހެން ކުއްޖެއްކަމުން އެ ގުޅުން ބަދަހި ކުރުމަށްޓަކައި ބިންގާ އެޅުނީ ކައިވެންޏަކުންނެވެ.

ޒިންމާދާރު ވަޒީފާއެއްގައި އުޅެމުން ގެވެހި އަތްބެއްގެ މަގާމު ފުރަމުން ރާނިޔާއަކަށް ނީނާ އެ ބުނާފަދަ މަޖާ ކުރުންތަކަށް ދާނެ ވަގުތެއް ނޯވެއެވެ. ނުވަތަ އެއީ އޭނާ ކުރަން ބޭނުން ކަމެއްވެސް ނޫނެވެ.

ނީނާގެ ދިރިއުޅުމާއި އޭނަގެ ދިރިއުޅުން ތަފާތެވެ.
އެއް ސްކޫލެއްގައި އެއް ކްލާހެއްގައި ކިޔެވުމަށްފަހު ވަރަށް އެކީގައި އުޅެފައި ނީނާ މާލެ ދިޔައީ ހަމަ ކުއްލިއަކަށެވެ. އެއީ ކީއްވެގެން ކަމެއް މާ ބޮޑަށް ރާނިޔާއަށް އެނގިފައެއް ނެތެވެ. ކޮންމެވެސް ކޯހެއްގައި ނީނާ އިންޑިޔާއަށް ދިޔަ ވާހަކަވެސް ރަށުތެރޭގައި ދެއްކިއެވެ. އެ ވާހަކަ އަހާލުމުން ނީނާ ހީލާފައި ބުނީ އެއީ ހަމަ ޗުއްޓީ ދަތުރެއް ކަމަށެވެ. އެ އަހަރު ނިމުމާއެކު ނީނާ ރަށަށް އަތުވެއްޖެއެވެ. އޭރު ރާނިޔާ އާއި އާދިލުގެ ކައިވެނިވެސް ކުރެވިއްޖެއެވެ. އަނެއްކާވެސް ނީނާ ފުރައިގެން ދާން ޖެހިގެން ދިޔައީއެވެ. މިފަހަރު ދިޔައީ ނީނާގެ ބައްޕަ ގޮވައިގެން ދާން ޖެހިގެން ކަމަށް ނީނާ ބުންޏެވެ. އެގޮތަށް ދެތިންފަހަރަކު އިންޑިޔާއަށް ނީނާ ދިޔުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން އޭނައަށް ނީނާ ވަނީ ގެއްލިފައެވެ.

އަލަތު ކައިވެންޏާއެކު އުޅެންފެށި އަމިއްލަ ދިރިއުޅުމުގެ ކަންތަކުގައި އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން ނީނާ ނެތުމުގެ ފަޅުކަމެއް ރާނިޔާއަށް އެހާ ބޮޑަކަށް އިހްސާސެއް ނުވެއެވެ. ނަމަވެސް ދެ އަހަރަށްވުރެ ގިނަ ދުވަހަށްފަހު އަނެއްކާވެސް ނީނާ ރަށަށް އައިސް އޭނާއާއިއެކު ވަގުތު ހޭދަކުރަން ފެށުމުން ނީނާގެ އެކުވެރި ކަމަކީ އޭނާއަށް ކިހާ ބޭނުންތެރި މުހިއްމު އެއްޗެއްކަން އިހްސާސްވާން ފެށިއެވެ. އެ އެކުވެރިޔާއާއި ދެބަސްވެ ކުނި ޖެހޭކަށް އޭނަ ބޭނުމެއް ނޫނެވެ.
ކޮންމެވެސް އެހެން ވަގުތަކުން ، ތަންކޮޅެއް ރަނގަޅަށް ނީނާ އާއި ވާހަކަ ދައްކާލުމަށް ގަސްތުކޮށް، ރާނިޔާ އެ ވަގުތަށް އެ ވާހަކަ ހުއްޓާލިއެވެ.

"އެންމެ ރަނގަޅު....އެ ބޯކިބާ ކޮށާލަދީބަލަ...." ނުރުހިފައި އިން ނީނާގެ އަތުގައި ފިރުމާލަމުން ރާނިޔާ ބުނެލިއެވެ.
"އޯކޭ......" ފުންމައިގެން ތެދުވެ ރާނިޔާގެ ގައިގައި ބައްދައިގެންފައި ނީނާ ބުނެލިއެވެ.
"ހޫނ...ދެން އެންމެ ރަނގަޅޭ....." ކުޑަގޮތަކަށް ނީނާ ކޮއްޕާލަމުން ރާނިޔާވެސް ބުނެލިއެވެ.

** ** ** ** ** **

ރާނިޔާ ގޭގައި އުޅެންޏާ ނީނާ އެގެއިން ނުފެންނަ ވަގުތެއް މަދުވާނެއެވެ. އެކަމަކު އާދިލު ގެއަށް އަތުވެއްޖެއްޔާ ނީނާ އަވަހަށް އެގެއިން ނުކުންނާނެއެވެ. އެއްދުވަހަކު ރާނިޔާ އެކަމާއި ބެހޭ ގޮތުން އަހާލިއެވެ. އެކަން ފާހަގަކުރެވޭލެއް ބޮޑުކަމުންނެވެ.

"ދެން ފިރިސޮރު ވަޑައިގަތީމަވެސް މަވީ ކަމަނާ އާއި އޭނާއާއި ދެމެދު ހުރަހަކަށް ވެގެން ހުންނަން؟ މަށަށް ވާ ލާހިކެއް ނޫން" ނީނާ ދިނީ ފުރިހަމަ ޖަވާބެކެވެ.
"ރާނީ އުފާކުރަންޖެހޭނެނު މިކަހަލަ ވިސްނޭ  ރައްޓިއްސެއް ލިބުނުކަމަށްޓަކާވެސް..؟" ނީނާ އަކީ އަބަދުވެސް މަޖާ މިޒާޖެއްގެ މީހެކެވެ. މީހަކަށް ނީނާ ދެކެ ނުރުހިފައިވެސް ނުހުރެވެނީ އެ ސަބަބާހެދިއެވެ.

"އާނ....އެކަމާ އުފަލުން ނުވެސް ނިދޭ ރޭގަނޑަކު....ހަމަ ހެވޭ ވަރުން..." ރާނިޔާވެސް އޭނަގެ އެކުވެރިޔާގެ މަޖާ ވާހަކައިގައި ބައިވެރިވެލިއެވެ. އެއާއެކު ދެމީހުން އެއްފަހަރާ ބާރު ބާރަށް ހީގަތެވެ.

** ** ** ** ** **

ދުވާލުގެ ވަރުބަލިކަން ފިލުވާލަން ފިނި ފެނުން ފެން ވަރައިގެން ރާނިޔާ ތައްޔާރު ވަނީ ރޭގެ ހަފްލާއަށެވެ. އޭރު މުހިއްމު ކަމެއް ދިމާވެގެން އާދިލު ބޭރަށް ދިޔަތާ އިރުކޮޅެއް ވެއްޖެއެވެ.

ރާނިޔާ ހެދުން އަޅައިގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ހަދާލުމަށްފަހު އާދައިގެ މޭކަޕެއް ކޮށްލިއެވެ. ނިމިގެން ބަލާލެވުނީ ފާރުގައި ހުރި ގަޑިއަށެވެ.

މެހްމާނުން އަންނަ ގަޑި ޖެހެނީއެވެ. ކޮންމެވެސް އެކަކު މެހްމާނުންނަށް މަރުޙަބާ ކިޔަން ހުންނަން ޖެހޭނެއެވެ. އާދިލު ނެތިއްޔާ ކީއްހެއްޔެވެ؟ އޭނަ މިހިރީ ނޫންހޭ އަމިއްލަ ހިތަށް އަރުވަމުން، އަވަސް އަރުވާލައިގެން ކޮޓަރިން ނިކުންނަން އެނބުރިލި ވަގުތު އާދިލު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ވާހް....އަހަރެންގެ ލޯބި މިރޭ ހާދަ ލޯތްބޭ...." އާދިލުއަށް އޭނަގެ ލޯބިވާ، އެހާމެ ރީތި އަނބިމީހާ ފެނުމުން އާޝޯޚް ވެވިއްޖެއެވެ. އަތުގައި ހިފާ ގާތަށް ދަމާލެވުނީ އިޚްތިޔާރަކާ ނުލައެވެ.

"އަޅެ............" ލަދުރަކި ރާނިޔާ އަވަހަށް ދުރަށް ޖެހިލިއެވެ.

"ކައިވެންޏަށް ފަސް އަހަރުވީއިރުވެސްތަ؟" ރާނިޔާ ލަދުގަތްތަން ފެނުމުން ޢާދިލުގެ ލޭ އަވަސް ވިއެވެ. އާ ވައްތަރެއްގެ ރާޅުބާނީއެއް ހަށިގަނޑުގައި ހިނގާލި ކަހަލައެވެ.

އެގޮތަށް އާދިލު ދިމާކޮށްލުމުން ރާނިޔާ އިތުރަށް ލަދުގަތެވެ. އެއީ ތެދެކެވެ. އޭނައަށް އާދިލު ފެނުމުން، ފުރަތަމަ ދުވަހެކޭ އަދިވެސް އޭނާއަށް އެއްގޮތެވެ. އާދިލުގެ ބީހުމުން އޭނައަށް އެ ދުވަހު ވީގޮތާއި މިއަދާއި ނުވަތަ މިރެއާއިވެސް އެއްވެސް ތަފާތެއް ނެތެވެ.

"އަބަދުވެސް ތިގޮތަށް ހުންނައްޗޭ...ވަރަށް ރީތި ރަކި ވީމަ....އަދި ޚާއްޞަކޮށް މި ނޭފަތް..." ރަތްވެފައި ހުރި ރާނިޔާގެ ނޭފަތުގައި ހިފާލަމުން އާދިލު މިހެން ބުނެލީ ވައި އަޑުންނެވެ.
"މީހަކު އައިސްދާނެ..." ކޮޓަރީގެ ދޮރުވެސް ރަނގަޅަށް ނުލައްޕާ ހުރެ އާދިލު އެ އުޅޭ ގޮތަކުން ރާނިޔާ ކަންބޮޑުވާން ފެށިއެވެ.
"ކީއްތަވީ..." މިހެން ބުނި ނަމަވެސް އާދިލު އޭނަގެ ފައިން ޖައްސައި ދޮރު ލައްޕާލިއެވެ.

"ދެން ދޫކޮށްލާ....ފަހުން.... މިހާރު ވަރަށް ލަސްވެއްޖެޔޭ..." އާދިލުގެ އަތުތެރެއިން ނިކުންނަން ރާނިޔާ މަސައްކަތް ކުރިއެވެ.
"އާނ...ދޭ...." މިހެން ބުނެފައި ރާނިޔާގެ ހަށިގަނޑުން ދޫކޮށްލި ނަމަވެސް އަތަކުން އާދިލް ދޫނުކުރެއެވެ.

"ވެއިޓް...ވެއިޓް....އެއްފަހަރު..." މިހެން ބުނެފައި ރާނިޔާގެ ފުރަގަހުން އައިސް ބާރަށް ބައްދާލިއެވެ. ރާނިޔާއަށްވެސް އޭނައަށް ހުރެވުނު ތަނާއި ވަގުތުގެ މަތިން އިރުކޮޅަކަށް ހަނދާން ނެތުނެވެ.
"އައު......." ރާނިޔާ ދިޔައީ ސިއްސައިގެންނެވެ. އޭނަގެ ކަންފަތުގެ ފޫޅުގަނޑުގައި އާދިލު މަޑުމަޑުން ދަތް އެޅުމުން ވެގެން ދިޔަ ހިމަ ތަދެއްގެ ސަބަބުންނެވެ.
"ދެން ދޭ....ެހެހެހެހެ.....އެކަމަކު ޕާޓީ ނިމުނީމަ....ޔޫ ވިލް ނޮޓް ބީ އޭބްލް ޓު އެސްކޭޕް ފްރޮމް މީ އިނގޭ..." ރާނިޔާ ދާން ދޫކޮށްލާފައިމެ، ވަރުގަދަ އިންޒާރަކުން އާދިލު އޭނަ ބިރުގަންނަވާލިއެވެ.
ދެމަފިރިންވެސް އެކަކު އަނެކަކަށް ފުންކޮށް ބަލާލާފައި މާނަވީ ހިނިތުންވުމަކުން ހިނިތުންވެލިއެވެ.

** ** ** ** ** **

ޕާޓީގައި ގިނައީ ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. ނީނާއަށް އާދެވުނީ ޕާޓީ ފެށި އިރުކޮޅެއް ފަހުންނެވެ. އެކަމާ ރާނިޔާ ވަރަށް މައްސަލަ ޖެއްސިއެވެ. އެކަމަށް ނީނާ އެތަކެއް ސަބަބު ދެއްކިއެވެ.
އެހެންނަމަވެސް އެއީ ދެގޮތެއް ނުވާނެ ދެ އެކުވެރިންކަން އެ މަންޒަރާއި އަޑު އިވުނު އެންމެންނަށްވެސް އެނގެއެވެ.

އަބަދުވެސް ރާނިޔާގެ މިފަދަ ޚާއްޞަ ދުވަސްތަކުގައި ނީނާ އޭނާ އާއި ވަރަށް ގާތުގައި ހުރެއެވެ. ނަމަވެސް މިރޭ ނީނާ އެކަމަށް އުޒުރު ވެރިވިއެވެ. ނީނާއަށް ހުރެވެން ނެތީއެވެ. ބައްޕަ ވަރަށް ބަލި ކަމަށާއި ކޮންމެހެންވެސް މިރޭ ގޭގައި ހުންނަން ޖެހޭނެ ކަމަށް ބުނެފައި ނީނާ އޭނާގެ ހުއްދަ ލިބިގެން ޕާޓީއިން ވަކިވެގެން ހިނގައްޖެއެވެ.
މި ވާހަކަ ރީމާ ގަބޫލު ކުރީ ޝައްކަކާއި ނުލައެވެ.

ނީނާ ދިޔަ ފަހުން މާ ގިނަ އިރުތަކެއް ނުވެ ރައްޓެހިންގެ މަޖަލުގެ ތެރޭގައި ހުރެފައި އާދިލު އެމީހުންނާއި ވަކިވެގެން އެއްފަރާތަކަށް ޖެހުނުތަން ރާނިޔާއަށް ފެނުނީ އޭނާ އާދިލުގެ ހަރަކާތްތަކަށް އެހާ ސަމާލުކަން ދިނީތީއެއް ނޫނެވެ. އެއްލި ކަޅިއަކުން ފެނުނީއެވެ.  

އޭނަ ބަލަން ހުއްޓާ އާދިލު ނުކުމެގެން ގޮސް މަގުމައްޗަށްވެސް ނުކުމެއްޖެއެވެ. ކޮންމެވެސް ބޮޑުކަމެއް ވީ ކަމަށް ހިތާ، ވީ ކީއްތޯ އަހާލުމަށް އާދިލުގެ ފަހަތުން ރާނިޔާ ހިނގައިގަތެވެ.
ނަމަވެސް އޭނައަށް އަދި ގޮސް އާދިލުއާއި އަރާ ހަމަނުވެވިގެން އުޅެނިކޮށް މަގު ހުރަސްކޮށް އަނެއްފަޅިއަށް އާދިލު އެރިތަން ރާނިޔާއަށް ފެނުނެވެ. ސިއްރުވެރި ގޮތަކަށެވެ. އަވަސް ފިޔަވަޅުތަކެއްގައެވެ.
ފިރިމީހާގެ ކޮންމެ އާދައެއްމެ، ކޮންމެ ހަރަކާތެއްމެ ހިތުދަސްވެފައި ހުރި ރާނިޔާއަށް ހުއްޓެވުނީ އެހިސާބުންނެވެ.

މަގުގެ އެ ފަޅިން، ހިނގާފައި އާދިލު އެ ދަނީ ކޮން ތަނަކަށް ހެއްޔެވެ. ތިމާގެ އެއްވެސް މީހަކު މި ހިސާބުގައި ނުއުޅޭނެއެވެ. ވީއިރު އާދިލު އެ ދަނީ ކޮން ތަނަކަށް ހެއްޔެވެ.
ގޯތި ތެރޭގައި ހައްދާފައި އޮތް ކުޑަ ބަގީޗާގެ ގަހެއްގެ ކައިރިއަށް ޖެހި މަގުމައްޗަށް ރާނިޔާބަލަމުން ދިޔައެވެ. އާދިލު އެ ދަނީ ކޮން ތަނަކަށްތޯ އާއި އެ ކުރަނީ ކީއްތޯ ބަލާލަން ހުރެވުނީ ހައިރާން ވެފައެވެ.
ނުވާނީވެސް ކީއްވެހެއްޔެވެ؟ ގޭތެރޭގައި މި ހިނގަނީ އޭނަ އާއި އާދިލުގެ ކައިވެންޏަށް ފަސް އަހަރު ފުރުމުގެ އުފަލުގައި އެ ދެމީހުންގެ އެކުވެރިންނަށާއި ގާތް މީހުންނަށާއި އާއިލާގެ މީހުންނަށްޓަކައި އޭނަ ދޭ ކެއުމެކެވެ. އެކަމަކު އާދިލު އެ ދަނީ އެތަނަށް އޭނަ އެކަނި ދޫކޮށްލާފައެވެ. އެއީ ކޮން ތަނަކަށް ހެއްޔެވެ؟ ކީއް ކުރަން ހެއްޔެވެ؟

"އަނެއްކާ ......އަހަންނަށް ސަޕްރައިޒެއް ދޭން އުޅެނީ ކަންނޭނގެ...." މީގެ ކުރީންވެސް އެ ދެމީހުންގެ ޚާއްޞަ ދުވަސްދުވަހު އާދިލުކޮށްފަ ހުރި، އެކަހަލަ ބައެއްކަންތައްތައް މަތިން ހަނދާން ވެފައި ރާނިޔާގެ ހިތް ބުނީ މިހެންނެވެ.

"ޔަގީން....ކޮންމެވެސް ކަހަލަ ހަދިޔާއެއް އޭނައަށް ނައަންގާ އެ އުޅެނީ ގޭތެރެއަށް ވައްދަން..." ރާނިޔާ އެގޮތް މުޅިންމެ ޔަގީންކޮށްފިއެވެ.

މިހެން ވިސްނުމުން މަޑުކުރާކަށް ރާނިޔާ ގަސްތެއް ނުކުރިއެވެ. ތިމާގެ ދެތިން ކުއްޖެއްކައިރީ އޭނަ އަންނަންދެން ބަލާލަދެއްޗޭ ބުނެފައި، އާދިލުގެ ފަހަތުން ރާނިޔާވެސް މަގުމައްޗަށް ނުކުމެއްޖެއެވެ. ލާނެތް ހިނިތުންވުމަކުން ރާނިޔާގެ މޫނު ވަނީ ދިއްލިފައެވެ.

މިފަހަރު ސަޕްރައިޒް ދޭނީ އޭނައެވެ. އާދިލު އޭނައަށް ސަޕްރައިޒް ދިނުމުގެ ކުރިން ގޮސް އާދިލު ސިއްސުވާލީމަ ވަރަށް މަޖާ ވާނެއެވެ.
އަމިއްލައަމިއްލައަށް ވިސްނަމުން ގޮސް ރާނިޔާ ގެއިން ނުކުމެފައި ބަލާލިއެވެ.

އާދިލު އަދިވެސް ދަނީ ކުރިއަށެވެ. ގޭގެ ސަރަހައްދުވެސް ފަސްދީ ދެވިއްޖެއެވެ. ދެން ކުއްލިއަކަށް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ކައިރީ އޮތް ގޯޅި އަޅައިފިއެވެ. ރާނިޔާވެސް އެއަށްވުރެ ބާރަށް ދުވެފައި ގޮސް އެ ކަންމައްޗާ ހަމަވެފަ ބަލާލިއެވެ.
އާދިލު މަގުގެ ދެކޮޅު ހޯދާ ބަލާލިތަން ފެނުމުން ރާނިޔާ، ޖެހިގެން ހުރި ގޭ މަގުފާރުގެ ހިޔަންޏާއި ނިވާވެލީއެވެ. ކިރިޔާނޫންހެއްޔެވެ؟ ރާނިޔާގެ ހިނިތުންވުން ބޮޑުވެގެން ދިޔައެވެ. އެކަމަކު ދެވަނަ ހިނދުކޮޅުގައި އެ ހިނިތުންވުން ހައިރާން ވުމަކަށް ބަދަލުވެއްޖެއެވެ. އާދިލު ގޮސް ވަންތަނެއް ފެނުމުންނެވެ. އެއީ ފަޅު ގޯއްޗެކެވެ. އެތަނުން....

އާދިލު އެ އުޅެނީ ގަސްތުގައި އާދިލުގެ ފަހަތުން އޭނަ ގެންދަން ކަންނޭނގެއެވެ. ވަރަށް ބޯ ރަނގަޅުވާނެއެވެ. އެނގިދާނެތާއެވެ. އޭނަ ނުދާނެއެވެ. އާދިލުއަށް ލަނޑު ދޭނީއެވެ.
މިހެން ހިތަށް އަރައި، އިރުކޮޅެއްފަހުން އައިކޮޅަށް ދާން ރާނިޔާ ހިން ދެމިލިއެވެ.  އެއާއެކު....

އެއާއެކު ފެނުނު މަންޒަރުން ރާނިޔާއަށް ހީވީ އޭނަގެ ލޮލަށް "ނުބައި" މަންޒަރެއް ފެނުނު ހެންނެވެ. ހުވަފެނެއްތޯ ގައިމުކޮށްލަން އަމިއްލަ ދެލޯ އުނގުޅާލެވުނުވެސް މެއެވެ. އެކަމަކު އެއީ ހަގީގަތެވެ. ހަނދުވަރުގެ ސާފް އަލީގައި ކުރިމަތިން ފެނުނު މީހާ ނޭނގޭހާ އޭނާގެ ލޮލުގެ ފެނުން ގޯހެއް ނޫން ވިއްޔާއެވެ. އާދިލުގެ ދެ އަތުގެ ތެރޭގައި، އާދިލުގެ ހަށިގަނޑުގައި ހަށިގަނޑުގެ ހުރިހާ ވަނާއެއް ޖައްސައިގެން، އާދިލުގެ ކަރަށް ދެ އަތްމަހައިގެން އެހެރީ، މީގެ ކުޑައިރުކޮޅެއް ކުރިން ގެއަށް ދިއުމުގެ ބަހަނާގައި ޕާޓީއިން ނިކުތް ނީނާ ފިޔަވައި ދެވަނަ މީހެއް ނޫނެވެ. އިތުރަށް އެ މަންޒަރު ބަލަން ހުރުމުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އަނބުރާލާފައި ގެއަށް އައީ ދުވަމުންނެވެ. އެ މަންޒަރާ ދުރަށް ދެވެން އޮތް ކޮންމެ ގޮތަކުންވެސް އެ މަންޒަރާ ދުރަށް ދާން ގަސްތުކޮށްގެން ކަހަލައެވެ.

ޕާޓީގެ ހަލަބޮލިކަމުގެ ތެރެއަށް އައުމާއެކުވެސް އޭނާއަކަށް ހަމަޖެހި ނުލެވުނެވެ. އަހަރުތަކެއް ވީއިރު އޭނާއަށް އެއްވެސް ވަރަކަށް އާދިލު ނޭނގުނެވެ. އަދި ގާތުގައި އެކުގައި އެތައް ދުވަހެއް އުޅުނު އެކުވެރިޔާވެސް އޭނާއަކަށް ނޭނގުނެވެ.

"އޭތް....ހާދަ ވަރަކަށް ހޯދައިފީމޭ..." ދެންމެ އެ ފެނުނު މަންޒަރަކީ އޭނަގެ ލޯ އޭނައަށް ދިން ކެއްސަކަށް ވާން އެދި އެދިހުރި ރާނިޔާ ސިއްސައިގެން ގޮސް ބަލާލިއިރު ކުރިމަތީގައި ހުރީ ހޮސްޕިޓަލުގެ ލެބޯޓްރީގައި އުޅޭ ސްޓާފެކެވެ.

"ކީކޭ....؟" ސަލީމާ ބުނި އެއްޗެއް ރާނިޔާއަށް އަޑު ނީވިގެން އެހިއެވެ.

"އިއްޔެ ޓެސްޓެއް ހެއްދީމެއްނު...އާދިލު ތިން ދުވަހުގެ ޗުއްޓީއެއްގައި އުޅޭތީވެ އޭނާއަކަށް ނޭނގޭނެ ރާނިޔާ ޓެސްޓް ހެއްދި ކަމެއްވެސް. މިއަދު ނަތީޖާ ލިބުނީ....ހިތަށް އެރީ މި ކަހަލަ އުފާވެރި ޚަބަރެއް ދޭން އެންމެ އެކަށީގެންވާނީ މިރެއޭ....އާދިލު ކޮބާ...އޭނާ ނުފެނިގެންވެސް ވަރަށް ހޯދައިފިން." ވަށައިގެން ހޯދަމުން ސަލީމާ ވާހަކަ ދެއްކިއެވެ. އުފަލުން ފޮޅިފައި ހުރެގެންނެވެ.

"ރިޕޯޓް ކޮބާ....؟" ރާނިޔާ އަހާލިއެވެ. އެތަނުގައި އާދިލު ނެތޭ ބުނާނެ ހިތްވަރެއް ރާނިޔާގެ ނެތެވެ.
"ޕޮޒިޓިވް...ހަތަރު ހަފްތާ...." އެހެން މީހަކަށް އަޑު ނީއްވާ ސިއްސު ސިއްރުން ސަލީމާ ބުނެލިއެވެ.

ރާނިޔާއަށް ރޮވުނީ އުފަލުން ކަމެއް ނުވަތަ ދެރަވެގެން ކަމެއް ނޭނގެއެވެ. ސަލީމާއަށް ފެނުނީ ރާނިޔާގެ ލޯ ފުރިގެން ބަނޑުން ދިޔަ ތަނެވެ.

"ޕްލީޒް...އަދި އާދިލު ކައިރީ ނުބުނައްޗޭ..." ކަރުނައިގެ ތެރެއިން އާދޭހާއެކު ސަލީމާ ގާތު ރާނިޔާ އެދުނީ އުނދަގޫ ކަމަކަށެވެ.
" އަހަރެން ބޭނުމީ ސަޕްރައިޒެއް ދޭން..." އެކަން ސަލީމާއަށް ނުކުރެވިދާނެހެން ހީވި ވަގުތު ރާނިޔާ އޭނައަށް ހިތްވަރު ދިނެވެ.

ފިރިމީހާ ހިލޭ އަންހެނެއްގެ އަތުތެރޭގައި ހުރި މަންޒަރު އަމިއްލަ ލޮލުން ފެނުނު ވާހަކަ އެއްވެސް މީހެއްގެ ގާތު ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެފަދަ ބޭޒާރު ވުމަކުން ހުތުރުވެ ހަޑި ވާނީ ހަމަ އޭނާގެ ނަމެވެ. ފިރިމީހާ އަކީ އޭނާގެ އީމާނުގެ އެއްބައެވެ. ވީއިރު އެފަދަ ވާހަކައެއް އޭނާ އެއްވެސް މީހެއް ކައިރީ ބުނާނީ ކޮން ދުލަކުން ހެއްޔެވެ.

އާދިލު އައިސް ހުއްޓުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ. ކައިރީގައި ތިބި ރައްޓެހި ކުދިން ދެމަފިރިންނަށް ފުރުޞަތު ދީފައި ހެމުން ހެމުން ގޮސް ޕާޓީގެ ތެރެއަށް ގޮސް ގެއްލިއްޖެއެވެ.

ރާނިޔާ ބަލާލިއެވެ. އާދިލު ހުރީ ހެދުންވެސް ބަދަލު ކޮށްގެންނެވެ. އެކަން މީހަކަށް ފާހަގަކުރެވި ސުވާލު އުފައްދަފާނެ ކަމުގެ ބިރުވެސް އާދިލު ނުގަތީބާވައޭ ރާނިޔާގެ ހިތަށް އެރިއެވެ.

"އާދިލު....ދިޔައީ ކޮންތާކަށް...ވަރަށް ހޯދައިފިން..." ހިތުގެ ހަނގުރާމަ މަތަ ކުރެވޭތޯ ބަލަމުން ކެތްތެރި އަޑަކުން ރާނިޔާ އަހާލިއެވެ.

"ޝައްމުމެން ކުލަ ޖެހީނު...ގަމީސް ބަދަލު ކުރަން ދިޔައީ...." އެހާ ފުރިހަމަ ދޮގެއް ހެދުމުން އިތުރަށް ނޭނގޭ ކަމަށް ހަދަން ރާނިޔާ ބޭނުމެއް ނުވިއެވެ.
"އާދިލު ތިހާ ބޮޑު ދޮގުވެރިއަކަށް ވެދާނެ ކަމަކަށް ހިއެއް ނުކުރަން. މިރޭވެސް ނީނާ އާއެކު ކަތްދައިތަގެ ގޯތިތެރޭ ހުރިތަން ނުފެނުނު ނަމަ އާދިލު ތި ދެއްކި ވާހަކަހިތުގެ އަޑިން އަހަރެންނަށް ގަބޫލު ކުރެވޭނެ...އެކަމަކު އާދިލުއަށް ކޮން ޙައްޤެއް އޮތީ ތިގޮތަށް...." އާދިލު ހެދި ދޮގަށްވެސް އަދި އޭނަގެ ލޮލުގައި އަތް އަޅާފައި އޭނަގެ އެންމެ ގާތް އެކުވެރިޔާ ކުރަމުން އެއައި ވިޔާނުދާ ކަންތަކަށްވެސް ރާނިޔާއަކަށް ކެތެއް ނުކުރެވުނެވެ. ވާހަކަ ދެއްކުނީ ޙަޤީގަތަށެވެ.

އާދިލު ހައިރާން ވެފައި ބަލާލިއެވެ. ރާނިޔާގެ ރުޅިވެރި މޫނު ފެނުމުން އާދިލު އަށް ތެޅިގަނެވުނެވެ.

"ސޮރީ....ޕްލީޒް ރާނީ...މިތާކު ނޫން...." ރާނިޔާގެ އަތުގައި ހިފައިގެން ގޭތެރެއާއި ދިމާލަށް އާދިލް ހިނގައިގަތެވެ.
ރާނިޔާ އެކައްޗެކޭވެސް ނުބުންޏެވެ. ދުލުން ބުނެލަން ފަސޭހަ ގޮތަށް ހިތަށް ކެތް ކުރަންވެސް ފަސޭހަ ނަމަ ކިހާ ރަނގަޅު ވީސްހޭ ރާނިޔާގެ ހިތަށް އެރިއެވެ.

އަނެއް ދުވަހު ދެމީހުން ވަޒީފާއަށް ދިޔައީ ދެ ބީރައްޓެހިން ފަދައިންނެވެ. ރޭގެ ހަނގުރާމަ ފިނި ނުވެ އޮތްކަން އެނގޭ މީހަކު ނެތުމުން އިތުރު މީހުންތަކެއްގެ ސުވާލުތަކަކާއި ނަސީބަކުން ކުރިމަތިލާކަށް ނުޖެހެއެވެ. އެހެންކަމުން ދެމަފިރިންގެ ދެމެދަށް ވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެއް އައިސްފައެވެ.

މި ހިމޭންކަމަށް ކެތް ނުކުރެވިގެން އެންމެ ފުރަތަމަ އިސްނެގީވެސް ކުށް ކުރިމީހާއެވެ. ރާނިޔާ ހޯދަން އާދިލު އައީ ސައިގަޑީގައި ކެންޓީން ތެރޭ އޭނަ އެކަނި އިން ވަގުތެއްގައެވެ. މޭޒު ދޮށުގައި އާދިލު އިށީނުމުން ރާނިޔާދާން ބޭނުން ވިއެވެ. އެކަމަކު ވަށައިގެން ތިބި އެތައް ލޮލަކަށް ސުވާލަކަށް ވާން ނޭދޭތީ ރާނިޔާ މަޑުކޮށްލިއެވެ.

"ރާނީ ޕްލީޒް...އަޑުއަހާބަލަ...." އާދިލު ބޭނުންވަނީ އޭނަ ދައްކާ ވާހަކަ ރާނިޔާ އަޑުއަހާލުމަށެވެ.
"އިތުރު ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން....ލޮލުން މަންޒަރު ފެނުނު...އެވަރު ފުދޭ..." ރާނިޔާގެ ރުޅި ކުޑަކޮށްވެސް މަޑުވިހެނެއް ހިއެއް ނުވެއެވެ.
"އަހަރެން ދަންނަމޭ ނީނާ ވަރަށް ކުރިންވެސް. ސްކޫލްގަ އުޅުނުއިރު ރައްޓެހިވީ.... ނީނާ ދެކެ ވަރަށް ލޯބި ވިން...ރާނީ އާއި ރައްޓެހިވެ ކައިވެނި ކުރި ދުވަހުވެސް ބުނީމެއްނު ކުރިން ވަރަށް ލޯބިވި ކުއްޖަކު ހުންނާނެއޭ. އެކަމަކު ރާނީ އަޑުއަހަން ބޭނުން ނުވީމަ...." އާދިލު އޭނަގެ ސަލާމަތަށް ވާހަކަ ދައްކަން ފެށިއެވެ.

"ކުރީގަ ކަމެއް ވެފަ އޮތީމަ ޖެހޭނެތަ ކައިވެނީގެ ފަހުންވެސް އެކަން ކުރަން..." ރާނިޔާގެ ހިތުގައި އެއީ ޙަގީގަތުގައިވެސް ސުވާލެކެވެ.
"ނޫން...އެހެނެއް ނޫން...އެދުވަހުވެސް ކިޔާދިނީމުސް....ރާނީ ބޭނުން ނުވީނު އެއީ ކާކުކަން ބަލަން. ރާނީ ބުނީ ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެއޭ. އެ ދުވަހުވެސް އަހަރެން ބުނިން. މާޒީ އެއީ އެނގެން ޖެހޭ އެއްޗެކޭ. އޭގެ އަސަރު މުސްތަގްބަލްގައި ކޮށްފާނެއޭ. ރާނީ...." އާދިލު ކުރިއަށް ގެންދިޔައެވެ.

"މާޒީގަ ކުރެވިފަ ހުރި ކުށްތައް ތަކުރާރުކުރާހާ މޮޔަ މީހެއްކަމެއް ނުދެނަހުރިން އާދިލް އަކީ..." ކިތަންމެ މަޑުމަޑުން ރާނިޔާ ވާހަކަ ދެއްކި ނަމަވެސް ރާނިޔާ އިނީ އިންތިހާއަށް ރުޅިއައިސްފައެވެ.

" ނީނާ އާއިއެކު އުޅުނީ ވަރަށް ލޯބިވެގެން. ވަރަށް ބޭނުން ވެގެން. އެކަމަކު އޭނަ ބަލިވެ އިންކަން މަށަށް ނުވެސް އަންގާ ފުރައިގެން ދިޔައީ. އެބޯޝަން ހެއްދިފަހުން އޭނަ ވަރަށް ބަލިވި- އިންޑިޔާގައި އޭނަ ވަރަށް ބަލިވެ އެޑްމިޓް ކޮށްފައި އޮތްކަން އެނގިގެން އަހަރެން އޭނަގެ ބައްޕައަށް ގުޅީ. އެކަމަކު އޭރު އަހަންނާއި ރާނީ އާއި ބައްދަލުވެއްޖެ. ރާނީ އަހަންނަށް ލޯބިދިން. އޯގާތެރިވި. އަހަރެން ނީނާ މަތިން ހަނދާން ނައްތާލީ އެހިސާބުން. " އަހަރުތަކެއް ކުރިން އަންގައިދީފަ އޮންނަން ޖެހޭ މާޒީ އާދިލު ކިޔައިދޭން ފެށީ މާ ފަހުންނެވެ. ރާނިޔާ ހަމަ އަނގައިންވެސް ނުބުނެއެވެ.

"ކުއްލިއަކަށް ނީނާ މިގެއިން ފެނުނީ. އަހަރެން ނީނާ އާއި ކުރިމަތި ނުލައި އުޅެން ވަރަށް މަސައްކަތް ކުރިން. އެކަމަކު އޭނަ......އޭނަ އާދޭސްކުރާވަރުން...." އާދިލުއަށް ހުއްޓެވުނެވެ.
"އޭނަ....އޭނަ އާދޭސްކުރީމަ އާދިލް ދިޔައީ އޭނަ ކައިރިއަށް...ދެން އަހަރެން މިއީ ކާކު...؟" ރާނިޔާގެ ލޮލުން ކަރުނަ ނިރާލަން ފެށިއެވެ.
"އަހަރެންގެ ކުށެއް ނެތޭ ބުނަނީކީ ނޫން. އެކަމަކު...... ވަރަށް ވިސްނައިދިނިން އޭނާއަށް. އަހަރެން ދުވަހެއްގެ ކޮޅުންވެސް ރާނީ އައި ވަކިވާން ޚިޔާލު ނުކުރާ ވާހަކަ ވެސް ބުނިން...އެކަމަކު...އަހަންނަށް....." ހުއްޓަ ހުއްޓާފައި ޖުމްލަ ފުރިހަމަކުރެވޭތޯ އާދިލް މަސައްކަތް ކުރިއެވެ.

"އަހަންނަށް....ހެދުނީ ވަރަށް ބޮޑު ގޯހެއް...ފާފައެއް...އޭނާ ބަލިވެ އިނދެ ދާނެތީ  އަހަރެން މިހާރު ވިސްނަން ޖެހޭ. ރާނީ ފަޟީޙަތް ވެދާނެތީ އޭނަ ބުނި ގޮތަކަށް ކަންތައް ކުރަން މިއަދު އަހަންނަށް މަޖްބޫރު..." އާދިލްގެ އިސް މުޅިންމެ ތިރިވެއްޖެއެވެ. ކުރެވުނު ކުށުގެ އިހްސާސް އާދިލްއަށް ވަރަށް ރަނގަޅަށް ކުރެވިއްޖެއެވެ.

"ޕްލީޒް ރާނީ...މަޢާފްކޮށްދޭނަންތަ..." އާދިލް އެދެން ފެށިއެވެ.
ރާނިޔާ އޭނަގެ ފިރިމީހާގެ ހުރިހާ ވާހަކައެއްވެސް ކަނުލާ އަޑު އެހިއެވެ. ހުރިހާ ވާހަކައަކުންވެސް އެނގެމުން ދިޔައީ ނީނާގެ ވިޔާނުދާ ކަމެވެ. ގޮތްކުޑަ ކަމާއި ލަދުކުޑަކަމެވެ. އޭނަގެ އެންމެ ގާތް ރަޙްމަތްތެރިޔާކަމަށް ވެ ހުރެ، ނީނާ އޭނައަށް ޚިޔާނާތްތެރިވެފައިވާ މިންވަރެވެ.
އޭނަގެ ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަމުން އޭނަގެ ފިރިމީހާއަށް އޮޅުވާލާފައި ވާވަރު ހިތަށް އެރުމުން ރާނިޔާ ތުރުތުރު އަޅައިގަތެވެ. އެދުވަހު އޭނާ އެތާ އިނދެ ޢަޒުމެއް ކަނޑައެޅިއެވެ.

އެ ދުވަހުގެ ޑިއުޓީ ނިންމާލާފައި ގެއަށް ދިޔައީ ނީނާމެންގޭ ކުރިމަތިންލާފައެވެ. ގަސްތުގައެވެ. ގޭގެ ބޭރު ފާރު ކައިރީ އޮންނަ ރުއްގަނޑުމަތީގައި ހަވީރު އެހާއިރުވާއިރު ނީނާ އިންނާނެކަން ރާނިޔާ ރަނގަޅަށް ދަނެއެވެ.

"ކޮބާ ...ކިހިނެއް ޕާޓީ...؟ ރާނީ އަންނަންދެން މިއިނީވެސް...ހިނގާ ތި ގެއަށް ދާން..." އޭނާ ފެނުމާއެކު ނީނާ އަވަހަށް ތެދުވެ ޖީންސް ފޮޅާލަމުން ހިނގައިގަތެވެ.
"އަހަރެން ގޮތެއް ނިންމައިފިން ނީނާ...." ނީނާ ހިނގައިގަތުމުންވެސް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނުއުފުލާ ހުރެ ރާނިޔާ ގޮވާލިއެވެ.

"ގޮތެއް ނިންމައިފީމޭ...ކޮން ކަމަކާ....ކޮން ގޮތެއް ނިންމީ....؟" އަނބުރާލާފައި އައިސް ރާނިޔާ ކައިރިއަށް ހުއްޓިލަމުން ނީނާ އެހިއެވެ. ކަންތައް ވެފައިވާ ގޮތުގެ ހިލަންވެސް ނީނާއަށް ނެތްކަން ރާނިޔާއަށް ޔަގީން ވިއެވެ.

"ނިންމައިފިން ގޮތެއް....ނީނާ ތި ކުޅޭ ކުޅިގަނޑުތިހެން ކުޅިޔަކަ ނުދޭނަން އަހަރެން. ތި ކެވެލިކޮޅު ކަލެއަށް ލިބުނު ގޮތަށް އަހަރެންގެ ފިރިމީހާ ލިބިދާނެހެން ހީވުމަކީ ކަލެއަށް ކުރެވުނު ވަރަށް ބޮޑު ކުށްހީއެއް. ތި ކެވެލިކޮޅު އޭނަކަލޭގެ އަތުކުރީގައި އެޅުވީ، އަހަންނާއެކު އޭނަ ހޭދަކުރާ ދިރިއުޅުން  ބުރައަކަށް ވެގެން ކަލޭގެ ކަސްތޮޅު އޭނާގެ ފައިގައި އަޅުވާކަށް ނޫން. ކުރިން ކަލެއަށް އެކަންތައް ވެވުނީސް. އެކަމަކު މިހާރު ދެން އަމުދުން ހަނދާން ނައްތާލަން ޖެހޭނީ." ދުވަހަކުވެސް ކަލޭ ކަލޭ ކިޔައިގެން މުޚާޠަބް ނުކުރާ ނީނާއާއި މިއަދު ރާނިޔާ މުޚާޠަބް ކުރަނީ އެ ބަހުރުވައިންނެވެ.

އަގެއް އަބުރެއް، ލަދެއް ހަޔާތެއް ނެތް އިރު ރީތި ނަމަކުން މުޚާޠަބް ކުރުމުގެ މާނައެއް ރާނިޔާއަކަށް ނުފެނެއެވެ.

"ފަހަރެއްގަ އާދިލުއަށް ނޭނގިދާނެ. އެކަމަކު އަހަންނަށް އެނގޭކަން ކަލެއަށް އެނގޭނެ. ތިން އެބޯޝަން ހެއްދުނުއިރު ރަހިމު ހަލާކުވެ ކެންސަރަށް ބަދަލުވެދާނެތީ ކަލޭގެ ރަޙިމު ނަގާފައި ހުރިކަން އާދިލުއަށް ސިއްރުކޮށް ކަލޭގެ މަޅީގައި އޭނަ ޖައްސައިގެން އުޅެވުނުހާ ދުވަހު އުޅެވުނީ އިނގޭ. އާދިލުއަށް ނޭނގުނަސް އެ ވާހަކަ އަހަންނަށް އެނގޭ. އެވާހަކަ އަހަރެންގެ ދުލުން އާދިލު ކައިރީ ބުނީމަ ގަބޫލުކުރެވޭގޮތް މާ އަވަސް ވާނެ. ބިރެއް ނުގަނޭތަ އެކަމަކާ...؟" ރާނިޔާ ދިޔައީ ހިތުގައި އޮތްހާ ވާހަކައެއް ގޮވާލަމުންނެވެ.

"ކަލޭ ވިސްނާލިންތަ އަހަންނާ ކަލެއަކީ ދެ ރައްޓެހިންކަން. ކަލެއަށް ކިހިނެއް މިކަހަލަ ކަމެއް ކުރަން ކެރުނީ؟ މި ދުނިޔެއިން ކަލެއަށް ބޭނުން ފިރިހެނަކު ލިބެން އޮތްއިރު، ކަލެއަކަށް ނޭނގުނުތަ އަހަރެންގެ ފިރިމީހާ ކަމެއް އެއީ؟ ކަލޭގެ ހިތުގަ އަހަންނާ ދޭތެރޭ ތެދުވެރި ރަޙްމަތްތެރިކަމެއް އޮތްނަމަ، އެފަދަ ވިޔާނުދާ އަމަލެއް ކުރާކަށް ކަލެއަށް ނުކުރޭނެ...." ރާނިޔާގެ ކުރިމަތީގައި އަނގައިންވެސް ނުބުނެ ނީނާ ހުއްޓެވެ. އެއްގޮތަކަށްވެސް ލަދުގަނެ، ކަންބޮޑުވެފައެއް ނޫނެވެ. އޭގެ ބަދަލުގައި ފަތަޙައިގެ ހިނިތުންވުމަކާއެކުގައެވެ.

"އަޅެ ކަލެއަކަށް އެންމެ ރެއެއްވެސް ދޫކޮށްނުލެވުނު ދޯ؟ ރޭ...؟ ރޭ އެއީ އަހަންނަށް ކިހާ ޚާއްޞަ ރެއެއްކަން ކަލެއަށް ނޭނގި ދެން ކާކަށް އެނގޭނީ؟ އެކަމަކު ކަލެއަށް އެންމެ ރެއެއްވެސް ދޫކޮށްނުލެވުނު ؟ " ރާނިޔާ ގެ ހިތަށް އެ ސުވާލު އެރި އަދަދުވެސް ރާނިޔާއަކަށް ނޭނގެއެވެ.

"ކީއް ކުރެވޭނީ....ތިހެން ތެޅި ތެޅި ހުންނަން ޖެހޭނީ...." ދާން ނީނާ އެނބުރުނީ މިހެން ބުނެފައެވެ.
"ނީނާ.........." ހަމަ އެވަގުތުމެ ރާނިޔާ ގޮވާލިއެވެ. ވެދާނެ ގޮތަކަށް ނުވިސްނާ ހުރި ނީނާވެސް ހަމަ ވަގުތުން އެނބުރުނެވެ.

"ޕަސް......" މާހައުލުގައި ގުގުމައިގެން ދިޔައީ މި އަޑެވެ. ނީނާގެ ކޯފަތްމަތީގައި ރާނިޔާ ޖެހި ބާރު އެތިފަހަރުގެ އަޑެވެ.
"ދެން ދޭ......." ރާނިޔާގެ ދެ ލޮލުން ލޭނާރު ހިލިއްޖެއެވެ.

ނީނާއަށް ވީ ތަދެއްގެ ބޮޑުކަމުން ކޮލުގައި އަތް އަޅައިގެން ހުރެވުނީއެވެ. އަލިފާންކަނި ބުރާފަދަ ރުޅިވެރި ދެލޮލަކުން، އިރެއްގެ ގާތް ރަޙްމަތްތެރިޔާއާއި ދިމާލަށް އެންމެ ފަހު ފަހަރަށް ބަލާލާފައި ރާނިޔާ ހިނގައިގަތީ ގެޔާއި ދިމާލަށް ދިއުމަށެވެ. ހިސާބުގަނޑުގެ އެކި ދިމަދިމާލުގައި މި މަންޒަރުތައް ބަލަން ތިބި އެކެއްގެ އެއްވެސް ނަޒަރަކަށް ސަމާލުކަމެއް ރާނިޔާ ނުދެއެވެ.

"ގާތް އެކުވެރިއަކަށްވެހުރެ އެފަދަ ކަމެއް ކޮށްފިމީހަކު ޖެހިލުމެއް ނުވާނެ ކޮންމެ ފަދަ ނުބައިކަމެއް ކުރަންވެސް. ރަނގަޅަށް އެ ވީ..." ކުޑަތަންކޮޅެއް ކުރިއަށް ދެވުނުހިސާބުގައި ހުރި ގެއެއްގެ ދޮރުމަތީގައި ތިބި ދެ އަންހެނަކު މިހެން ބުނި އަޑު ރާނިޔާއަށް އަޑު އިވި ހިތަށް ހަމަޖެހުމެއް ލިބުނެވެ.
"ނަސީބެއްނު ކައިވެނި ނުރޫޅެނީސް އެނގުނުކަން..." ފުރަތަމަ މީހާއަށް ތާއީދު ކުރުމުގެ ގޮތުން ދެވަނަ މީހާވެސް މިހެން ބުނި އަޑު ރާނިޔާއަށް އިވުނެވެ.

އާނއެކެވެ.
ނަސީބެކެވެ. ވަގުތު ފާއިތު ނުވަނީސް ނީނާގެ ފަރާތުން ސަލާމަތްވާން އޭނައަށް އެނގުނުކަން އެއީ ހަމަ ބޮޑު ނަސީބެކެވެ. މީގެ ފަހުން އެކަހަލަ އެއްވެސް ނީނާއެއްގެ ހިޔަނިވެސް އޭނަގެ ހަޔާތަށް އޭނަ އެޅުނަކަ ނުދޭނެއެވެ. އޭނައަށް ފުދޭވަރު ވެއްޖެއެވެ. ބެސްޓް ފްރެންޑެއްގެ ގޮތުގައި އަންހެން ކުއްޖަކު ކޮންމެހެން ހުންނާކަށް ނުޖެހެއެވެ. އޭނަގެ ބެސްޓް ފްރެންޑަކަށްވެސް ބެސްޓް ބޯއިފްރެންޑަކަށްވެސް އަދި ބެސްޓް ހަޒްބެންޑަކަށްވެސް އޭނަ ބަހައްޓާނީ އޭނަގެ ފިރިމީހާއެވެ. ދެން ޢާއިލާއެވެ. އެފަދަ އަންހެން ރައްޓެހިންނަށް އޭނަ ދެން އިތުބާރެއް ނުކުރާނެއެވެ.

ރާނިޔާގެ ފިޔަވަޅުތައް އަވަސް އަވަހަށް ގެއާއި ދިމާލަށް އުފުލަމުން ދިޔައެވެ. އާދިލް ކައިރިއަށް ދިއުމަށެވެ. އޭނައާއި އާދިލްގެ ހަޔާތަށް ބަހާރު މޫސުން އަންނަން އުޅޭ ކަމުގެ އުފާވެރި ޚަބަރު ދިނުމަށް ދާން އޭނައަށް މާ ލަސްވެސް ވެއްޖެއެވެ. އެ ދެމީހުންނަށް ކުއްޖަކު ލިބެން އުޅޭ ޚަބަރުން އާދިލް އުފާވާނެ ވަރު ރާނިޔާއަށް މިހާރުވެސް އިހްސާސް ވެއެވެ. ރާނިޔާގެ ހިތް އެދި ތެޅިފޮޅެނީ ، ފިރިމީހާގެ އަތުގެ ގައިދުގައި ބަނދެވި އެ ހިމާޔަތުގައި ފިތުމަށެވެ. އެ ގައިދުގައި ހުރެ ނިމިދާށެވެ.

ފޮނި ޚިޔާލުތަކެއްގައި ހުރެގެން އިސްޖަހައިގެން ހުރެ ރާނިޔާ ހިނގަމުން ދިޔަ ހިނގުން އަދިވެސް ބާރު ކޮށްލިއެވެ. އޭނައަކީ އާދިލްގެއެވެ. އާދިލް އަކީ އޭނައާއި އޭނަގެ ދަރިފުޅުގެއެވެ. ދުނިޔޭގެ ހުރިހާ ފިތުނަ ފަސާދައަކުން އިރާދަކުރެއްވިއްޔާ އެ އާއިލާ ރައްކާތެރިކުރައްވާނެއެވެ.
ރާނިޔާ ލާ ކޮންމެ ނޭވާއަކާއެކު ކުރެވެމުން ދިޔައީ މި ދުޢާއެވެ.

---------(ނިމުނީ)-----------


---------(ނިމުނީ)-----------

4 comments:

varah salhi vaahaka eh... simply wow... rangalhah Raaniya e hedhy... good slap! ehen vaan jeheyne.... varah reethi story eh!

 

Wowooooo... varah habeys... :D finally 2 best friendx bem 2 enemies.. hehehe..

~Garryy Jerryy~

 

salhi

 

nice story!best friends ah trust kuraakah nuwaane!specially firiheneh ge kamaku!

 

Post a Comment