Saturday, July 11, 2020

Bodaa Nafsu - Ep 6

ބޮޑާ ނަފްސު – 6 ވަނަ ބައި

އެދުވަހު އެ ފޯންކޯލަށްފަހު އަސީލްގެ ފަރާތުން ހަމަ އެއްވެސް ހިލަމެއް ޒީނިޔާއަކަށް ނުވެއެވެ. ހަފުތާއެއް ވެއްޖެއެވެ. އެއްވެސް ކަހަލަ އުނދަގުލެއް ނުވެއެވެ. ދެ ހަފުތާވެއްޖެއެވެ. ޚަބަރެއް ނުވެއެވެ. އަނެއްކާ އަސީލްއަށް ވީ ކީއްބާވައޭ ވިސްނާލެވޭ ވަރަށް ގިނަފަހަރުތައް އައެވެ.
ރަނގަޅެވެ. ދިމާވީ ދެފަހަރުއެވެ. ކުރިމަތިލާންވެސް ޖެހުނީ ދެފަހަރުއެވެ. އެހެންނަމަވެސް އެ ދެފަހަރަކީވެސް އަސީލްއަށް ބަދުނަސީބު ދެފަހަރެވެ. އޭނައަށް ލިބުނު ކުރިއެރުމެކެވެ. އޭނައާއި އިތުރަށް މުއާމަލާތެއް ކުރަން އަސީލް ޖެހިލުންވެއްޖެތާއެވެ.
ހިތާ ހިތުން އޭނަގެ ކާމިޔާބަށްޓަކައި ޒީނިޔާ ފަޚުރުވެރި ވެއެވެ. އެކަމަކު ހަމަ އަނެއްކާވެސް އިރުގަނޑެއްފަހުން ފޯން ބަލާލެވެއެވެ.
މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ އަސީލްގެ ފޯންކޯލެއް އިންތޯ ތަކުރާރުކޮށް ފޯން މި ބެލެނީ ކީއްވެހެއްޔެވެ؟ އަސީލްގެ މެސެޖެއް އަތުވެދާނެކަމަށް އިންބޮކްސް ޗެކް ކުރެވެނީ ކީއްވެހެއްޔެވެ؟ ބައެއްފަހަރަށް މަގުމަތިންވެސް އަސީލްހެން ހީވެ ބައެއް މީހުންނާއި ދިމާއަށް ބެލެވެނީ ކީއްވެހެއްޔެވެ؟ މިހެން މިކަން ވާކަށް ބޭނުމެއް ނޫނެވެ. އަސީލްއާއި ދޭތެރޭ ވިސްނަން ވެސް ބޭނުމެއް ނޫނެވެ. އަދި އޭނަގެ ސިކުނޑިއަށް ގަބޫލު ނުކުރެވޭ ކަމެއް ހިތަށް އެރިޔަކަވެސް ނުދޭނެއެވެ. އެއީ އޭނަ އިންތިހާއަށް ނަފްރަތު ކުރާ މީހެކެވެ.

ވެދާނެއެވެ. އޭނައާއި އަސަދުގެ ދެމެދަށް އަސީލް ހުރަސްއަޅާފާނެތީ ޚުދު އޭނަގެ ފުރާނަވެސް ބިރުގަންނަނީ ކަންނޭނގެއެވެ. އޭނަ ދެކެ ހަގީގީ ލޯބިވާ މީހަކު މި ލިބުނީ މިހާ ދުވަސް ފަހުންނެވެ. އަސަދު ގެއްލޭކަށް އޭނަ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
ޒީނިޔާގެ ހިތުގެ ހާލަކީ މިއީއެވެ. ދެފަހަރު ދެގޮތަށް ވިސްނެއެވެ. ދެފަހަރު ދެގޮތަށް މީހާ ކަތިވެއެވެ. އެގޮތަށް އެންމެ ދުވަހަކު ގުޅާފައި ޖެއްސުމަށް ވާހަކަ ދައްކާލާފައި ހަމަޖެހިގެން އަސީލް ހުންނާތީވެސް ޒީނިޔާ ރުޅިއަންނަން ފެށިއެވެ.
އަސީލްގެ އެ އިންޒާރުގެ ފޯންކޯލްގެ ފަހުން ޒީނިޔާގެ ހިތުގައި ޝައްކާއި ވަހުމު އުފެދެންފެށީ މާ ބޮޑަށެވެ. އަސީލް ކަމެއް ކޮށްފާނެ ގޮތަކާއި ދޭތެރޭގައި ޒީނިޔާ ކަންބޮޑުވާން ފެށިއެވެ. އަސީލްގެ ފޯނެއް އަންނާނީ ކޮން އިރަކުކަމެއް ޒީނިޔާއަކަށް ނޭނގެއެވެ. އަމިއްލަ ގަސްތަކާނުލާވެސް އިރުއިރުކޮޅާ ފޯން ބެލެނީ އެހެންވެއެވެ.
އެންމެ ފަހުން ޒީނިޔާ ނިންމީ އަސަދުއާއި ވާހަކަ ދައްކައިގެން ވީ އެންމެ އަވަހަކަށް އަސަދުގެ އާއިލާއާއި ބައްދަލުވުމަށެވެ. އެގޮތުން ކައިވެނި އަވަސްކުރެވޭނެތީއެވެ.
އަސަދު ކައިރީ އެހެން ނުބުނެގެން އަސަދު ހުރި ކަހަލައެވެ. އެ ދުވަސް ގެނެސްދޭކަށް އަސަދު މާ ދިގުމުއްދަތެއް ނުނެގިއެވެ.
އަސަދުގެ ގެއަށް ޒީނިޔާ ގެންދިޔައީ އެއްރެއްގެ ރޭގަނޑުގެ ކެއުމަކަށެވެ. ޝުކުރުވެރިވުން ނޫންކަމެއް ޒީނިޔާއަކަށް ނުކުރެވުނެވެ.
އަސަދުގެ މަންމައާއި ބައްޕަގެ އޯގާތެރިކަމާއިމެދުގައެވެ. އަސަދުގެ ދޮންތަ އާއި ތިއްތަގެ ގާތްކަމާއި މެދުގައެވެ. މުޅި އާއިލާވެސް އޭނަގެ އިންތިޒާރުގައި ތިބޭތާ އެތަކެއް ދުވަސްވެއްޖެކަމުގައި އެ އެންމެންވެސް ބުންޏެވެ. އޭނަ އެގެއަށް ނުގެނައިނަމަވެސް އަސަދު އޮތީ އެންމެންކައިރީގައިވެސް ޒީނިޔާގެ ވާހަކަ ދައްކާފައެވެ. އެހެންވެ އެ އެންމެންވެސް ޒީނިޔާއާއި ބައްދަލުނުވިކަމުގައިވިޔަސް ރަހްމަތްތެރި ފަދައެވެ. މާލޭގެ މުއްސަނދިންގެ ތެރޭގައި އެހާ ހިތްތިރި ބަޔަކު އުޅޭކަމެއް އޭގެ ކުރިން ޒީޏިޔާއަށް އެނގިފައި ނެތެވެ.
"މިރެއިން ފެށިގެން ތިއީ މިގޭ ކުއްޖެކޭ އިނގޭ. ބޭނުންގަޑިއެއްގައި އައިސްގޮސް ހަދަންވީ. އަސަދުގެ އެކަންޏެއް ނޫން. ޒީނިޔާގެވެސް މަންމައާއި ބައްޕަ މިއީ. ބައްޕަ ވަރަށް އުފާވެއްޖެ ތިހާ ރަނގަޅުކުއްޖަކު މި އާއިލާއަށް ލިބުނީތީ." އާއިލީ ބައްދަލުވުމުގައި ތަޢާރަފާއި ސަލާމްގަލާމަށްފަހު އެކިއެކި ވާހަކަތައް ދެއްކުމުގައި ހޭދަވި ގަޑިއެއްހާއިރުފަހުން އަސަދުގެ ބައްޕަ އޯގާތެރިކަމާ ލޯތްބާއެކު ބުންޏެވެ. މުޅިން ހިލޭ މީހަކު، ހަމަ އެންމެ ކުޑަ ބައްދަލުވުމަކުން، ތިމަންނާ މިއީ ބައްޕައޭ ބުނެލިގޮތުން ޒީނިޔާގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އެ އޯގާތެރި މޫނަށް ބަލަން އިން ޒީނިޔާގެ ލޯ ފެންކަޅިވީ ހަމަ ވަގުތުންނެވެ. ހިނިތުންވުމާއެކު އިސްޖަހާލެވުނީ ކިޔަމަންތެރިވާނަމޭ ހިތާހިތުން ބުނަމުންނެވެ.
އޭނަގެ މުޅި ހަޔާތުގައިވެސް މަންމައޭ ބައްޕައޭ ކިޔާފަ ގޮވާލާނެ ފުރުޞަތެއް އޭނައަށް ލިބިފައި ނުވެއެވެ. މިދުނިޔެއަށް އޭނަ ލީ ފުރަތަމަ ނޭވާ ވެގެން ގޮސްފައިވަނީ އޭނަގެ މަންމަ ލީ އެންމެ ފަހު ނޭވާއަށެވެ. އޭނައަކީ ބަދުނަސީބު ކުއްޖެއްކަމަށް ތުއްތު އިރުއްސުރެންވެސް މީހުން އައީ ކަރުއެލުވާލާފައި އޭނައަށް ބުނަމުންނެވެ. އެކަމުން އޭނައަށް ކުރި އަސަރު އެއީ އެނގޭ ބަޔަކަށް ފެންނަން ހުރި ކަންކަމެވެ. ނޭނގޭ ބަޔަކަށް އަންގަންވެސް އޭނަ ބޭނުމެއް ނޫނެވެ. އެ އަސަރު އެއީ އޭނަ ހަނދާން ކުރަންވެސް ބޭނުންވާ އަސަރެއް ނޫނެވެ.
ކިތަންމެ ހަނދާން ކުރަން ބޭނުން ނުވިނަމަވެސް އަމިއްލަ ކައިވެނީގެ ވާހަކަ ދެކެވޭ ވަގުތެއްގައި، އަދި އެ ކައިވެނި ކުރެވެން އުޅޭ މީހާގެ ޢާއިލާއާއި ބައްދަލުކުރި ދުވަހު، މަންމަ އާއި ބައްޕަގެ ހަނދާން ޒީނިޔާގެ ހިތުގެ އެންމެ ތިލައަށް ޖެހިފައި ވެއެވެ. ވިސްނުންތަކުގެ އެންމެ ކުރީ ސަފުގައި އުޅެނީ އެ ވިސްނުމެވެ. އެގެއަށް އަންނަ ވާހަކަ އަސަދުއާއި ދެއްކީއްސުރެންނެވެ.
އަންހެންކުއްޖެއްގެ ކައިވެނި ކުރެވެން އުޅޭނަމަ މަންމައަކީ ކިހާ މުހިއްމު މީހެއްކަން އެނގޭނީ މަންމަ ނެތް އަންހެންކުދިންނަށެވެ. ބައްޕަގެ ހިތްވަރާ އެހީތެރިކަން ލިބެން ބޭނުންވާވަރު އެނގޭނީ ބައްޕައެއް ނެތް އަންހެންކުއްޖަކަށެވެ.
މިފަދަ ދުވަހެއްގައި އޭނަގެ މަންމަ އާއި ބައްޕަ މިއަދު ހުރި ނަމައެވެ. މަންމައާއި އޭނަ ދައްކަން ބޭނުން އެތައް ވާހަކައެއް އެބައޮތެވެ. ބައްޕަ ހުރިނަމަ، މިއަދު ބައްޕަ އޭނައަށްޓަކައި ކިތައްކިތައް ކަންތައް ކޮށްދޭނެހެއްޔެވެ؟

ޒީނިޔާއަށް އޭނަގެ މަންމައާއި ބައްޕަ އަލަށްވެސް ފެނުނީ އޭނައަށް ފަސްއަހަރުގައި ލިބުނު ފޮޓޯއަކުންނެވެ. އޭގެ ފަހުން މަންމައާއި ބައްޕަގެ ފޮޓޯދެކެ އޭނަ އިންތިހާއަށް ލޯބިވެއެވެ. އެހެންނަމަވެސް އެ ދެމީހުންނާއި ވާހަކަ ދެއްކީމައި ވާނެ އިހްސާސް، އެ ދެމީހުންނާއެކު އުޅުމުން ކުރެވޭނެ އިހްސާސް އަދި އެ ދެމީހުން ނުރުހިގެން ނުވަތަ ލޯބިން އެއްޗެއް ބުނުމުން ކުރެވޭނެ އިހްސާސް ޒީނިޔާއަކަށް ނުވެސް އެނގެއެވެ. މަންމައާއި ބައްޕައާއި ވާހަކަ ދައްކާހިތްވާ ކޮންމެ ފަހަރަކުވެސް އޭނަ ވާހަކަ ދައްކަނީ އޭނައަށް ލިބުނު ފޮޓޯއާއެވެ. އޭނަގެ ޒުވާން އުމުރަށް އެޅި، މަންމައާއި ބައްޕަ ނެތްކަމުގެ ފަޅުކަމުގައި އޭނަ އެހެން ކަފުނެއް ލައްވަންދެންވެސް އޭނަ އުޅެމުން އައީ އެހެންނެވެ. އެއީ އޭނަގެ ޙަޔާތުން މީހަކަށް އޭނަ ނުދައްކާ ހުންނަ ފަޅުކަމެކެވެ.
އެކަމަކު އެއީ މިރެއާއި ހަމައަށެވެ. ބޭރުފުށުން ކިތަންމެ ހަރުކަށި ގޮތް ދައްކައިގެން އުޅުނެއްކަމަކު، އެރޭ އެ ވަގުތުގައި އަސަދުގެ ގޭގައި ޒީނިޔާއަކީ ޔަތީމު އަންހެންކުއްޖެކެވެ. ނިކަމެއްޗެކެވެ. އަބަދުމެ ކޮންޓްރޯލްކޮށްގެން ހުންނަ ނަފްސުގެ ހިމާޔަތް ޒީނިޔާގެ ކިބައިން ކެނޑެމުން ދިޔައެވެ. މަންމައަކާއި ބައްޕައެއްގެ ލޯބި ފެނުމުންނެވެ.
"ޓެރަސް އަށް ދާން ލައިކް ވޭތަ ޒީނިޔާ. ހިނގަ ގޮސްލަމާ. ވަރަށް ސަޅިވާނެ އެތަން. ވަރަށް ވައި ޖެހޭނެ." ހިތްދަތި އިހްސާސްތަކެއްގެ ތެރެއަށް ޒީނިޔާ ގެނބެމުން ދަނިކޮށް އަސަދުގެ ތިއްތަ ކުއްލިއަކަށް ޒީނިޔާގެ އަތުގައި ހިފާ ތެދުކުރިއެވެ. ސިޓީންގރޫމްގައި ތިބި އެ އާއިލާ އެންމެންގެ ކުރިމަތިން އެއްފަރާތަކަށް ޖެހިލުމަށް އެ ވަގުތު ބޭނުންވެފައި އިން ޒީނިޔާއަށް އެފުރުޞަތު ވީ ރަނުގެ ފުރުޞަތަކަށެވެ.
"ޒީނިޔާ.......ދެރަނުވޭ......މީގެ ފަހުން ޒީނިޔާ އެކަނި ނުވާނެ..." ޒީނިޔާގެ އަތުގައި ހިފައިގެން ސިޓިން ރޫމުން ނިކުމެގެން ގޮސް ކާކޮޓަރިއަށް ވަދެފައި ސުނީތާ މިހެން ބުނެލުމުން ޒީނިޔާ ސިހުނެވެ.
"
އެނގޭ ޒީނިޔާ އެތަނުން ދާން ބޭނުންވެފައިއިންކަން. ޒީނިޔާއަށް ވީ ކީއްކަން އެނގޭ. އެހެންވެ އެތަނުން މިއައީވެސް." އޯގާތެރިކަމާއެކު ގޮނޑީގައި ބައިންދަމުން ސުނީތާ ވާހަކަ ދެއްކިއެވެ. ޒީނިޔާގެ ހިތުގައިއަޅަމުން ދިޔަ ވޭން ކަރުނައަށްވެގެން ލޮލުން ފޭބީ އިޚްތިޔާރުން ބޭރުގައެވެ.
"
ދެން ދެރަނުވޭ. ކުރިއަށް އޮތީ އިރާދަކުރެއްވިއްޔާ އުފާވެރި ދުވަސްތައް." ޒީނިޔާގެ އަތްތިލައިގައި ހިފާ ބާރުކޮށްލަމުން ސުނީތާ ހިތްވަރު ދިނެވެ. ޒީނިޔާވެސް އޭނަގެ ނަފްސު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
 "ބައްޕާ، މަންމާ.....ދުރުވޭ ކޭންބައްލަވަން. ދޮންތަ އާދޭ. ކޮބާ އަސަދު؟" އިރުގަނޑެއްގެ ފަހުން ޒީނިޔާއާއިއެކު އެނބުރި ސިޓިންގ ރޫމަށް އައިސް ރޭގެ ކެއުމަށް ސުނީތާ ގޮވިއެވެ.
"
އަސަދު ވެއްޖެ ބޭރަށް ނިކުމެ. އަންނާނެ، ކޮންމެވެސް ރައްޓިއްސަކު އައިސްގެން ނިކުތީ." ޖަވާބު ދެއްވީ އަސަދުގެ ބައްޕައެވެ.
ރޭގެ ކެއުން ވަރަށް ފުރިހަމައެވެ. އެފަދަ މުއްސަނދި ބޮޑުންގެ ގޭގޭގައި އެހެން ހުރިހާ ކަމެއްވެސް ހުންނާނޭ ފަދައިންނެވެ.
ކެއުމުގެ ފަހުން ދެން ދެއްކުނީ އަސަދުއާއި ޒީނިޔާގެ ކައިވެނީގެ ވާހަކައެވެ. އެކަމަށް ދުވަހެއް ކަނޑައެޅުމާއި ހެދުން ފެހުމާއި މިހެން ގޮސް ކައިވެންޏަށްޓަކައިކުރަންޖެހޭ ހުރިހާ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ކައިރި މުސްތަގްބަލެއްގައި އެގެއަށް އަންނަންވާނެ ކަމަށް ބުނެ އަސަދުގެ ޢާއިލާއިން ޒީނިޔާއަށް ފުރަތަމަ ފަހަރަށް ދަޢުވަތު ދިނެވެ.
ޒީނިޔާ އެ ދަޢުވަތު ގަބޫލުކުރިއެވެ. ދާންވީ ކޮންދުވަހަކުކަން ކަނޑައެޅުން ދޫކޮށްލީ އަސަދުގެ އާއިލާއަށެވެ. އަސަދުގެ ދެ ދައްތަ ހުރުމުން އަސަދުއަށްޓަކައި އެމީހުން ތިބީ ޤުރުބާން ވޭވެއެވެ. އެފަދަ ބަދަހިކަމެއް އޮތް ޢާއިލާއެއްގެ ގާތްކަމަށް ބަދަލެއް އަތުވެދާނެހެން ހީވާތީވެސް ޒީނިޔާއަކަށް އޭނަގެ އަމިއްލަ އެއްވެސް ކަމެއް އިސް ނުކުރެވުނެވެ. އެމީހުންނަށް ފަސޭހަ ދުވަހެއް ޒީނިޔާއަށް ފަސޭހަ ވާނެކަމަށް ޒީނިޔާ ބުންޏެވެ.
އުފަލަކީ ކޮބައިކަން އެހާ ބޮޑަށް އެނގިފައި ނެތް ޒީނިޔާއަށްޓަކައި އަސަދުގެ ޢާއިލާގެ މީހުންގެ ފަރާތުން ލިބެމުން ދިޔަ ގާތްކަމުގެ ސަބަބުންވެސް މާބޮޑު އުފަލެއް ވާކަށް ޒީނިޔާއަކަށް ނޭނގެއެވެ. ހިމޭންކަމާއެކު ހިނިތުންވެހުރެ ހިތުގެ އަޑިން ޝުކުރުވެރިވަމުން ދިޔައީ އަސަދުއަށެވެ. އޭނަގެ ކާރު ކައިރީގައި ކޮންމެ ދުވަހަކު އެތައްވަގުތަކު އާވާރާއެއްހެން ހޭދަ ކުރި އެ އަސަދު، ފެނުނުއިރު އެފަދަ ހަރުދަނާ ޢާއިލާއެއްގެ ރަނގަޅު ޒުވާނަކަށް އަސަދު ވެދާނެކަމަށް ޒީނިޔާ ކުރިން ހީވެސް ނުކުރެއެވެ. އޭނަ ހީކުރީ އޭނަ ދެކެ ދީވާނާއިންގެ ދަރަޖައަށް ލޯބިވުން ނޫން ރަނގަޅު ސިފައެއް އަސަދުގެ ކިބައިން ނުފެންނާނެ ކަމަށެވެ. ނަމަވެސް އެހެނެއް ނޫނެވެ. އަސަދު އަކީ ހަރުދަނާ ރަނގަޅު ޢާއިލާއެއްގެ ހަރުދަނާ ހިތްތިރި ރީތި ޒުވާނެކެވެ.
އަސަދުގެ އާއިލާއާއިއެކު ރޭގަނޑުގެ ކެއުންނިންމާފައި އެ އާއިލާގެ މެމްބަރުންނަށް ރޭގެ ސަލާމް ކުރުމަށްފަހު ޒީނިޔާ ގެއަށް ގެންގޮސްދިނުމަށް އަސަދު ނިކުމެއްޖެއެވެ. އަސަދުގެ ކާރުގައެވެ.

"ތެންކްސް އަސަދު." ކާރު ނައްޓާލިތާ އިރުކޮޅެއްފަހުން ޒީނިޔާ ބުނެލިއެވެ.
"ކޮންކަމަކަށް" އަސަދު ހީލިއެވެ. އެނގިހުރެ އަހާލާފަދައަކުންނެވެ. ޒީނިޔާގެ އަނގައިން ޒީނިޔާގެ އިހްސާސް އަޑުއަހާލާހިތުން އިންފަދައަކުންނެވެ.
"ތިހާ ރަނގަޅު އިންސާނަކަށްވެހުރެ އަހަރެން ކަހަލަ މީހަކާ ގުޅެން ނިންމީތީ." ޒީނިޔާ ބުނީ އޭނަގެ ހިތަށް ހަމަ އެރި ގޮތަށެވެ.
"އެއީ ދޯ ތި ފެމިލީ އެންމެން؟" އަސަދުގެ ޢާއިލާއާއި ދޭތެރޭ ހިތުގައި އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން ޒީނިޔާ އަހާލިއެވެ.
"
ޔެޕް. އެހާ ބޮޑު ފެމިލީއެއްނޫން. އެކަމަކު މިރޭ ތި ދިމާވީ އަދި ރިއަލް ފެމިލީއެއް ނޫނޭ އިނގޭ." ރީތި ހިނިތުންވުމަކާއެކު އަސަދު ބުނެލިއެވެ.
"ހޫމް..؟" ޒީނިޔާއަށް ހައިރާންކަމެއް ލިބުނެވެ.
"މި ބުނީ....ފުލް ފެމިލީއަކީ ވަރަށް ބޮޑު ފެމިލީއެއް. ފެމިލީ ކަމަށް މަންމަ ދެކޭނީވެސް އެ އެންމެން ހަމަވީމަ. އެއީ މަންމައާއި އެއްބަނޑު ތިން އަންކަލް އާއި އެމީހުންގެ ފެމިލީ. އަދި އަންނަންވާނެ އާއިލީ ކެއުމަކަށް. އަހަރެމެން އާއިލީ ކެއުމެކޭ ކިޔަނީ އަންކަލްމެންނާއި އަންކަލްމެންގެ ކުދިންނާއި ކުދިންގެ ކުދިން ހިމަނައިގެން. އެއްކަލަ ތިއްތިބޭވެސް އެއީ އެއިން އެކަކު. މިރޭވެސް ތިއްތިބެ މާލޭގައި ހުރިނަމަ މަންމަ ގުޅާނެ. މަންމަ އެންމެ ލޯބިވާ ކޮއްކޮ އެއީ. ގޭގައި ކަމެއް އޮތިއްޔާ ކޮންމެހެންވެސް އެތަނަކަށް ތިއްތިބެ ލާނެ މަންމަ." އަސަދުގެ މަންމަ ޢާއިލާ މީހުން ދެކެ ވާ ލޯބީގެ ޠާހިރުކަމާއިދޭތެރޭ ފަޚުރުވެރިވަމުން އުފަލާއެކު އަސަދު ވާހަކަ ދައްކަމުން ދިޔައެވެ.
"
މިރޭގެ ކެއުންވެސް އަސްލު ރޭވުނީ ފުރަތަމަ އެކަހަލަ ކެއުމަކަށް. އެކަމަކު ތިއްތިބޭ ނެތީމަ މަންމަ ގަސްދެއް ނުކުރި އަނެއް 2 އަންކަލްއަށް ދަޢުވަތުދޭންވެސް. މަންމަ ބުނީ އަދި އެހެންފަހަރަކުން އާއިލާ އެންމެންނާއި ބައްދަލުވެލުމަށް ތައްޔާރުކުރާނީޔޯ. އޯކޭނު ދޯ އެގޮތްވެސް." އަސަދު ވާހަކަ ދައްކަމުން ދިޔައީ ހަމައެކަނި މަގުމަތީގެ ހަލަބޮލިކަމަށް ސަމާލުކަން ދީގެން އިނދެގެންނެވެ.
ނަމަވެސް އެންމެކުޑަމިނުން، ވެހިކަލްތަކުން އިރުއިރުކޮޅާ އޭނަގެ ލޮލަށް އެޅޭ އައްޔާއި ދޭތެރޭވެސް ޒީނިޔާ ނުވިސްނައެވެ. ވިސްނެނީ އޭނަގެ ސުވާލަށް އަސަދު ދިން ޖަވާބާއި ދޭތެރޭގައެވެ. އަސަދުގެ އެ ވާހަކަ ކޮޅުގެތެރޭގައި ތިއްތިބެއޭ ކިޔާފައި އަސަދު އެ ދެއްކި ވާހަކައަށެވެ.
އެހެންވީމަ އެ ފޮނި އިންސާނާ ރަށުގައިވެސް ނޫޅެނީތާއެވެ. އޭނައަށް ނުގުޅަނީވެސް އެހެންވެގެންތާއެވެ. ކޮންފަދަ ބޮޑު ނަސީބެއްހެއްޔެވެ؟
އަނެއްކާ އެ ބުނާ އާއިލީ ކެއުން އޮންނާނީ ކޮން ދުވަހަކުބާވައެވެ. އެދުވަހުން އޭނައަށް ވާނީ ކިހިނެއްބާވައެވެ؟ ނޭނގެއެވެ. އަދި ޚާއްޞަކޮށް އަސީލް އެ ދުވަހަކުން އެގޭ ތެރޭގައި ދައްކާނީ ކޮންކަހަލަ ޑްރާމާއެއް ކަމެއްވެސް ނޭނގެއެވެ.
އަސީލްއާއި ދޭތެރޭ ވިސްނެން ފެށުމުން އެ ޚިޔާލުން ދުރުވާންވެގެން، އިން ގޮތް ބަދަލުކޮށްލާފައި އަސަދުގެ އަތްތިލައިގައި ޒީނިޔާ ހިފިއެވެ. އަސަދުވެސް ފަރިތަކަމާއެކު ޒީނިޔާގެ އިނގިލިތަކާއި ލާ އޭނަގެ އަތުގެ އިނގިލިތައްވެސް މަހާލިއެވެ. މަގުމަތީގެ ހަލަބޮލިކަމަށް ބަލަން އިންނަމަވެސް ޒީނިޔާއަށް ހިނިތުންވަމުންނެވެ.
** ** ** ** **
މާލޭ މަގުމަތީގައި ދުއްވުމަކީ އެއްވެސް މީހަކު ކުރާހިތުން ކުރާނެ ކަމެއްހެނެއް ހިއެއް ނުވެއެވެ. ކިތަންމެ މޮޅު ކާރެއް ލިބިފައި އޮތް މީހަކަށްވެސް އެއީ މާ ބޮޑު އުފަލަކަށް ނުވާނެއެވެ. ސަބަބަކީ މާލޭގެ މަގުތަކުގެ ހަނިކަމާއި ދަތިކަމާއި މަގުތައް ކުރުކަމެވެ. އެހެންނަމަވެސް މާލެއަކީ އެބިމުގައި ލެއްވިކަމަށްޓަކައިވެސް މީހުން ފަޚުރުވެރިވާ ބިމެކެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށެވެ. ގިނަ ގުނަ ވަޞީލަތްތައް އޮތްތަނެވެ. ރަށުގައި ހުރެގެން ތިމާއަށް ނުލިބޭ އެތައް ފައިދާއެއް ލިބޭތަނެވެ. މާލެ އައިސްފަ ކިތަންމެ ދަތި ޙާލުގައި އުޅެން ޖެހުނަސް، އެންމެންވެސް އެހާ ވަރަށް އައިސްގޮސް ހަދާ ސަބަބުތަކަކީ އެއީ ކަމަށްވެދާނެއެވެ.
ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކާރު ދުއްވުމަކީ އުފަލެއްކަމުގައި ދެކޭ ކަމެކެވެ. އަމުދުން ލޯބިވެރިން އަބަދުވެސް ދެކޭނެ ހުވަފެނެކެވެ. ފިނިކުރި ކުޑަފޮށްޓެއްގައި ދެ ލޯބިވެރިން ތިބެގެން ކާރު ދުއްވާލާއިރު މާލޭގެ ނުތަނަވަސްކަމެއް، މާލޭގައި އުފުލަން ޖެހޭ ތަކުލީފެއް ނުވިސްނޭނެއެވެ. އޭނަ ފަދައިން އެހެން އެތައްބަޔަކުވެސް މިހާ އުނދަގޫ މަގުތަކުގައިވެސް އެހާ ގިނަ ކާރު ދުއްވުނީ އެހެންވީމަ ކަމަށް ވެދާނެއެވެ. މާލެއަށް އަރާ ފައިބާ މީހުން ގިނަވުމަކުން، މަގުމަތި ތޮއް ޖެހުމަކުން އަދި ފިރުކިފިރުކިފައި ދުއްވަން ޖެހުމަކުން، މާލޭގެ އަސްލު ވަޒަންވެރީންގެ ހުވަފެންތައް ފުނޑުފުނޑުވެގެންވެސް ނުވާނެތާއެވެ.
އަސަދު ދުއްވަމުން ދިޔަ ކާރުގެ ވައަތްފަރާތު ސީޓުގައި އިނދެގެން މަގުމައްޗާއި ދޭތެރޭ ވިސްނަމުން ޒީނިޔާ ދިޔައެވެ.
މިރެއަކީ ޒީނިޔާއާއި އަސަދަށްޓަކައިވެސް އެފަދަ އުފާވެރި ރެއެކެވެ. ކާރު ދުއްވާލަނީއެވެ. އަސަދުއަކީވެސް ކާރެއް އޮތް މީހަކަށްވިޔަސް އަސަދު ދާހިތްވަނީ ޢާއްމު ގޮތެއްގައި ޒީނިޔާގެ ކާރުގައެވެ. އަސަދު ބުނާ ގޮތުގައި އޭނަގެ ކާރުގެ ކުރީ ސީޓްގައި ޒީނިޔާ ބައިންދައިގެން ދުއްވުމުން އޭނައަށް ޒީނިޔާގެ އަގު ދަށްކުރެވޭހެން ހީވަނީއެވެ. އޭގެ ބަދަލުގައި ޒީނިޔާގެ އަމިއްލަ ކާރުގައި އޭނަ ދުއްވަން އިނުމުން ޒީނިޔާއަށްޓަކައި އޭނައަށް ކޮންމެވެސް ކަމެއް ކޮށްދެވެއޭ ހީވެއެވެ. އަސަދު އެމާނަކުރަނީ ކީކޭކަމެއް ނޫނީ ބުނަން އެ އުޅެނީ ކީކޭ ކަމެއް ޒީނިޔާ ނުވިސްނައެވެ. ޒީނިޔާ ހުންނަނީ އެކަހަލަ ކަމަކާ ދޭތެރޭ ވިސްނޭވަރަށްވުރެ ބޮޑަށް އަސަދުގެ ޖާދޫގައި ޖެހިފައެވެ.
ކޮންމެ ގޮތެއްވިޔަސް ޒީނިޔާއަށް އުފާ ނޫން އެއްޗެއް ނުވެއެވެ.
މިރޭވެސް އެފަދަ ދުއްވާލުމަކަށް ގޮސްފައި އައިސް އަސަދު ޒީނިޔާގެ ގޭ ގަރާޖުގައި އޮތް އަސަދުގެ ކާރު މަގުމައްޗަށް ނެރެފިއެވެ. އެހެންމީހަކުނަމަ ކޮންމެ ރެއަކު މިގޮތަށް މިކަން ކުރަންވިޔަސް ބުރަހީވާނެއެވެ. އަސަދު އެއާއި ޚިލާފެވެ. އަސަދު އެކަންވެސް ކުރަނީ އުފަލުންނެވެ.

ޒީނިޔާގެ ކާރު އެގޭގެ ގަރާޖަށް ލާފަ ނިކުމެ ޒީނިޔާގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ. އަސަދު އޭނަ ދެކެ އެވާ ހައްދެއް ނެތް ލޯތްބާއި ދޭތެރޭ ޒީނިޔާ ވިސްނަން ހުއްޓައެވެ.
"
ދެން ދަނީ. ގުޑްނައިޓް" އަސަދުގެ އެ އިޝާރާތް ވިސްނައިގަންނަމުން ރަކި ހިނިތުންވުމަކާއެކު ޒީނިޔާ ބުނެލިއެވެ.
"
ޒީން........" އަސަދުގެ އަތުގެތެރެއިން ޒީނިޔާގެ އަތް މަޑުމަޑުން ދަމައިގެން ހިނގައިގަތުމުން ބަލަން ހުރެފައި އަސަދު ޒީނިޔާއަށް ގޮވާލިއެވެ. ޒީނިޔާ އެނބުރި ބަލާލިއެވެ. އަދި އަސަދު ހުރިގޮތް ފެނުމުން އިޚްތިޔާރުން ބޭރުގައި ކަހަލަ ގޮތަކަށް އަނެއްކާވެސް ގޮސް އަސަދުގެ ދާދިގާތަށް ހުއްޓިއްޖެއެވެ.
ޒީނިޔާ ހައިރާން ވެއެވެ. އޭނައަށްވުރެ އުމުރުން ޅަ ފިރިހެންކުއްޖެއްދެކެ އޭނައަށް ލޯބިވެވުނީ ކިހިނެއްހެއްޔެވެ؟ މިއީ ވެދާނެކަމަށް އޭނަ ހީވެސް ނުކުރާ ކަހަލަ ކަމެކެވެ. އެކަމަކު އަސަދު ހާދަ ހެވެވެ. ހާދަ ރަނގަޅެވެ. ހާދަ އޯގާތެރިއެވެ. އުމުރުގެ ފަރަގު އޭނައަށް ހަނދާނެއްވެސް ނުހުރެއެވެ. އަސަދު ކައިރީގައި ލަދުގަނެ ރަކިވެވެނީވެސް އޭނައަށެވެ. ޖެހިލުންވެވެނީވެސް އޭނައަށެވެ.
"ހާދަ އަވަހަކަށް ތިދަނީ. އަހަރެން މިތަނުން ނައްޓާލުމާއެކު އަހަންނަށް ޒީން މިސްވާނެ ކަމެއް ނޭނގޭތަ؟ އަހަރެން ބަލާލަން އިރުކޮޅަކު ހުރެލަދީ" ޒީނިޔާގެ ރީތި މޫނަށް ބަލަންހުރެ އަސަދު މިހެން ބުނުމުން ޒީނިޔާގެ ލޮލަށް ލަދުރަކިކަން ވެރިވެގެންދިޔައެވެ.

"
ދެންއެކަމަކު މިހާރުވެސް ލަސްވެއްޖެ. އެކެއް ޖަހަނީނު. ދެން ދަނީ." މިފަހަރު އަސަދުގެ އަތްތިލައިގައި ހިފާ ބާރުކޮށްލީ ޒީނިޔާއެވެ. އެތަކެއް ވާހަކަތަކެއް ލޮލުގެ ޒަރީޢާއިން އަސަދަށް ބުނެދިނުމަށްފަހު ވައި އަޑަކުން "ގުޅައްޗޭ" ބުނެފައި ގެއަށް ވަންނަން އަނެއްކާވެސް ޒީނިޔާ ހިނގައިގަތެވެ. ޒީނިޔާ ގޮސް ގޭ ދޮރާށިން އެތެރެވަންދެން ބަލަން ހުރެފައި ހިނިތުންވެލަމުން އަސަދު ގޮސް ކާރަށް އަރާ ދުއްވާލައިފިއެވެ.
އޭނައަށް ޒީނިޔާއާއި ވަކިން މާގިނަދުވަހަކު ނުހުރެވޭނެއެވެ. ރޭގަނޑުގެ އެންމެ ހިތްގައިމު ވަގުތުތަކުގައި މިގޮތަށް ކޮންމެ ރެއަކު ވަކިވެގެން ދެމީހުން ދެގެއަށް ދާކަށް އޭނައަކަށް ކެތެއް ނުކުރެވޭނެއެވެ.
ޒީނިޔާއާއި އޭނަގެ ކައިވެނި ކުރިއަށްވުރެންވެސް އަވަސްކުރުމަށް އަޒުމްކަނޑައަޅައިގެން އަސަދު ދުއްވަމުންދިޔައެވެ.
** ** ** ** **
މައިދޮރާށިން އެތެރެއަށް ވަދެފައި ފޯންނަގައިގެން ޒީނިޔާ ބަލާލިއެވެ. ބާރަޖަހަން ހުރީ ހަމަ އެންމެ ހަވަރަކަށް މިނެޓެވެ. މާބޮޑަށްވެސް ލަސްވެއްޖެއެވެ. އެކަމަކުވެސް......
އަސަދުއާއިއެކުގައި ވެއްޖެނަމަ ވަގުތުތައް ދާގޮތެއްވެސް އޭނައަކަށް ނޭނގެނީއެވެ. މި ޚިޔާލާއެކު ޒީނިޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަސަދުގެ ރީތި ސޫރަ ކުރިމަތިން ފެނުނު ކަހަލައެވެ.
ސިޓިންރޫމްގެ މައި ދޮރުގެ ތަޅުދަނޑި ނަގައިގެން ތަޅުވަޅަށް ޖެހިއިރުވެސް ޒީނިޔާ ހުރީ އަސަދުގެ ފޮނި ޚިޔާލުގައެވެ. އެހެން ނޫންނަމަ އެ ދޮރު ހުރީ ތަޅުލާފައި ނޫންކަމާ ކުޑަކޮށް ހުޅުވާފައިކަން ތަޅުދަނޑި ޖެހުމުގެ ކުރިން ޒީނިޔާއަށް އެނގުނީހެވެ.

"
ހުސްނާއްތަ އަދިވެސް ނުނިދަނީ؟ ސޮރީ އިނގޭ، މިރޭ މާ ލަސްވީ." އޭނައަށް އަދި ދޮރު ނުހުޅުވިގެން އުޅެނިކޮށް އެތެރެއިން ހުސްނާއްތަ ދޮރު ހުޅުވާލުމުން ޙައިރާންވެފައި ޒީނިޔާއަށް އަހާލެވުނެވެ.
"ނޫނޭ.....ތީ މިހާރު ބޮޑުކުއްޖެކޭ. އެކުން މި ހުންނަނީވެސް ކަމެއް ވެގެން." ގެއަށް ވަންނަން ޒީނިޔާއަށް ތަންދައްކަމުން ހުސްނާ ވާހަކަ ދެއްކިއެވެ. އެ އަޑުގައި ހުރި ތަފާތެއް ފާހަގަ ކުރެވޭވަރަށްވުރެ ޒީނިޔާ ހުރީ ހުވަފެނީ މޫޑެއްގައެވެ. އެހެންނޫންނަމަ ރޭގަނޑުގެ އެގަޑީގައި ޒީނިޔާ ގެއަށް އަންނަންދެން ހުސްނާއްތަ ހޭލާ ނުހުންނަކަން ޒީނިޔާއަށް ހަނދާން ވީހެވެ.
ކުރާނީ ކީއްހެއްޔެވެ؟ ލޯތްބަކީ ހަމަ ހަގީގަތުގައިވެސް ހުޅުވިފައިހުންނަ ރަނގަޅު ލޯތައްވެސް އަނދިރިކޮށްލާ އެއްޗެކެވެ. ހޭލާ ހުންނައިރުވެސް މީހާގެ ސިކުނޑި ނިންދަވާލާ އެއްޗެކެވެ. ނުފޫޒުގަދަ އަސަރެކެވެ.

"
އަނެއްކާ ބޭބެއަށް ކަމެއް ވީތަ؟ ހުސްނާއްތަ ގުޅާލިނަމަ. " ކަމެއްވެގެންނޭ މިހިރީ ހުސްނާ ބުނީމަ ޒީނިޔާއަށް މާނަ ކުރެވުނީ އެގޮތަށެވެ.
"ނޫނޭ....ތިކަހަލަ...." ހުސްނާއަށް މިހިސާބަށް ބުނެވުނުއިރު ޒީނިޔާއަށްވެސް ސިޓިންރޫމަށް ވަދެވިއްޖެއެވެ. ޒީނިޔާގެ މޭގަނޑު އަނގައަށް އައި ކަހަލައެވެ. ސިޓިން ރޫމް ގޮނޑިއެއްގައި ހަމަޖެހިލައިގެން އިށީނދެ އިނީ ދެވަނަ މީހެއް ނޫނެވެ. އެއީ އަސީލްއެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އިން އިރު ފޯން ބަލަން އިންގޮތުން ހީވަނީ ގެއަށް އައިސް އިންތާ ވަރަށް ގިނައިރު ވެއްޖެހެންނެވެ.
ސުވާލުގެ ބެލުމަކުން ޒީނިޔާއަށް ބަލާލެވުނީ ހުސްނާއްތައަށެވެ.
"ހާދަހައިރާނެއްތިވީ. އެހެންޏާވެސް މިގެއަށް ދުރުވެއެއްނު އާސްތު އޮފީސް ބޭފުޅުން. މިބޭފުޅާވެސް ވަޑައިގަތީ އޮފީހުގެ ވަރަށް މުހިއްމު ކަމަކުޔޯ. އެހެންވެ އާސްތު އަންނަން ދެން މަޑުކޮށްލައިގެން އެ އިންނެވީ. ހުސްނާއްތަ ގުޅަން އުޅުނީމޭ. އެކަމަކު އަސީލް ވިދާޅުވެއްޖެ އަންނަންދެން އިންނަވާނީއޭ ނުގުޅާށޭ، އެހެންވެ ނުގުޅީ. އެގާރަވެސް ޖެހިފަހުން ދުރުވީ." އަސީލްއާއި މުޚާޠަބްކޮށް ހުސްނާއްތަ ވާހަކަ ދެއްކީ ވީ އެންމެ އަދަބުވެރިކޮށެވެ. ވާނީވެސް އެހެންތާއެވެ. އައިސް އެއިނީ އޭނަގެ އޮފީސް ވެރިއެއްގެ ނަމުގައި ވިއްޔާއެވެ. އަނެއްކާ މީހާއަކީ ފެންނަ ކޮންމެ މީހަކުވެސް ގަދަރުކުރާ ފާޑުގެ މީހެކެވެ. ހައިބަތާ ތަހުޒީބުން ފުރިގެންހުރި މީހެކެވެ. ފެންނަ ކޮންމެ މީހެއްގެވެސް ހިތް ފަތަހަ ކުރާ ވައްތަރުގެ ފިރިހެނެކެވެ. އެމީހާގެ ހުރި ނުލަފާ ކަމާއި އެއީ ކާކުކަން ހުސްނާއްތައަށް ނޭނގޭއިރު ދެން ވާނީ އެހެންކަން ޒީނިޔާ ގަބޫލުކުރިއެވެ.

ހުސްނާ ވާހަކަ ދައްކަން ފެށުމުން ކޮޅަށް ތެދުވެ ދެޖީބަށް އަތްޖަހައިގެން ހުރި އަސީލް ޒީނިޔާއާއި ހަތަރުކަޅިހަމަވުމުން ސޮރީއޭ ބުނާކަހަލަ ގޮތަކަށް ކޮނޑު އަރުވާލާފައި ހިނިތުންވެލިއެވެ.

"
ހުސްނާއްތަ ދޭ ދެން އަވަހަށް ނިދަން. ގުޅާލިނަމަ އަވަހަށް ގެއަށް އައީމުސް. ވަރަށް ލަސްވެއްޖެ ދޯ." އޯގާތެރިކަމާއެކު ހިނިތުންވެހުރެ ހުސްނާއާއި ޒީނިޔާ ވާހަކަ ދެއްކިތަން ބަލަން އަސީލް ހުއްޓެވެ.

"
ހާދަ ލަސްވީ؟؟؟؟ ގައިމު އެގެއިން ނިކުތްތާ ކިތަންމެ އިރެއް ..." އަސީލްގެ އަޑުގައިވެސް އަދި ހަރަކާތުގައިވެސް ހުރީ ހަރުދަނާ ގޮތެކެވެ. އެއްވެސް ކަހަލަ ބީރައްޓެހިކަމެއް ނެތެވެ.
"ދޭ ހަމަ މިހާރު މިގެއިން." ދެންމެ ވަދެގެން އެ ދިޔަ ހުސްނާއްތައަށް އަޑުނީވޭ ވަރަށް، އެކަމަކުވެސް ދަތްތަކަށް ބާރުލާފައި ޒީނިޔާ ބުނެލިއެވެ. ޒީނިޔާގެ އެބަސްކޮޅާއެކު އަސީލް ކަރުއެލުވާލިއެވެ. ޒީނިޔާގެ ފަރާތުން އެ އިވުނީ އޭނަ އުއްމީދުކުރި ކަހަލަ ޖަވާބެއް ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް އަސީލްގެ މޫނުމަތި ހެކިކޮށްދެއެވެ.
"މިހާރު މިހިރީއާދެވިފަ. އެހެންވީމަ ވާހަކަ ދައްކާލަން ފުރުޞަތެއް ލިބިދާނެތަ؟" ޒީނިޔާގެ ޙަޔާތުން މިނެޓެއްވެސް އޭނައަށް ލިބޭނީ ޒީނިޔާކުރިމަތީ އާދޭސްކޮށްގެން ކަމަށްވަންޏާ އެކަން ކުރަންވެސް އަސީލް ހުރީ ތައްޔާރަށެވެ.
"އެނގޭ ވަރަށްލަސްވެއްޖެކަންވެސް. މިއީ ގޭގެއަށް އަންނަން ޖެހޭ ގަޑިއެއް ނޫންކަންވެސް. އެކަމަކު، ވަގުތު ފާއިތުވެއްޖިއްޔާ މި ވާހަކަ ދެއްކުމުގެ ބޭނުމެއް ނޯންނާނެތީ މިއައީ. ހަގީގަތުގަ މިހާރުވެސް މާ ލަސްވެއްޖެ އަހަރެން މި ވާހަކަ ދައްކަން. އެކަމަކުވެސް...." އަސީލް ވާހަކަ ދައްކަމުން ދިޔައިރު ޒީނިޔާވެސް ހުރީ ހިމޭނުންނެވެ. ބުނަން ނޭނގޭ ގޮތެއްގެ ސަބަބުން އަސީލް އާއި ދެބަސްވާހިތެއް ޒީނިޔާ މިރޭ ނުވެއެވެ.
"ލިބިދާނެތަ ވަގުތުކޮޅެއް....؟" ހަމަ އެހުރި ފިޔަވަޅުމަތީހުރެ ދެވަނަފަހަރަށްވެސް އަސީލް އެހިއެވެ.
ޒީނިޔާއަށް ހޭވެރިކަން ވީފަދައެވެ. ވަގުތު ނުދީ ދެން ހެދޭނެ ގޮތެއް އެބައޮތްބާއޭ އަހާލާ ކަހަލަ ގޮތަކަށް އަސީލް އާއި ދިމާލަށް ޒީނިޔާ ބަލާލިއެވެ.
އެކަމަކު ދެންމެ އަސީލް އެބުނީ ކީކޭބާވައޭ ޒީނިޔާ ހަނދާން ކުރަން ފެށިއެވެ. ކޮންމެވެސް ވާހަކައެއް އަސީލް ދެއްކިކަން އޭނައަށް އެނގެއެވެ. އެކަމަކު ބުނި އެއްޗެއް އެއްވެސް ވަރަކަށް ޒީނިޔާއަކަށް އަޑެއް ނީވުނެވެ.
އަސީލްދެކެ އިންތިހާއަށް ރުޅިއާދެވޭއިރުވެސް އަސީލްގެ އެންމެ ކުޑަ ބަލާލުމުންވެސް އޭނައަށް ގޮތްގޮތް ވަނީ ކީއްވެހެއްޔެވެ؟ ރީތި ފިރިހެނުންނަކީ އޭނައަށް ވަރަށް ޢާއްމު ބައެކެވެ. އެކަމަކު އަސީލްގެ ސަބަބުން އޭނައަށް މިކުރާ އަސަރެއް އެހެން އެއްވެސް ފިރިހެނެއްގެ ފަރާތުން އޭނައަށް ނުކުރެއެވެ.
އަސީލް އަކީ މާބޮޑަށްވެސް ރީތި ފިރިހެނަކަށްވީމަ ހެއްޔެވެ؟ އާނއެކެވެ. މެގަޒިންތަކުގައި ހުންނަފަދަ ޝާހީ ރީތި ފޮޓޯއެއް ކުރިމަތީގައި ހުއްޓިލައިގެން ހުރިފަދައެވެ. ފަރިކަމާއި ފިރިހެންވަންތަކަމުގެ ނަމޫނާއެކެވެ. އަދި ޚާއްޞަކޮށް، އަސީލްގެ ތުނިކޮށް ކޮށާފައި ހުންނަ ތުނބުޅި އާއި، ކަންފަތާއި ދިމާލުން ނުރަވެފައި ހުންނަ މަދު އިސްތަށިތަކުން އެ ސިފަ އިތުރަށް ރީތިވެއެވެ. ގަސްތުގަ ނޫންހެން ހީވާކަހަލަ ގޮތަކަށް ތަރުތީބުކޮށްފައި ހުންނަ އިސްތަށިގަނޑުވެސް އޭނައަށް ފެނުނު އެކިފަހަރު ހުރީ އެކި ގޮތަށެވެ. ރިސޯޓުން ފެނުނުއިރު ވަރަށް ރަސްމީ ގޮތަކަށެވެ. ކުރީ ރޭ ޕާޓީއިން ފެނުނުއިރުވެސް އެހެންނެވެ. އެކަމަކު މިރޭ އެހެރީ ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމަކުވެސް އެ ސިފަ އިތުރަށް ރީތިވުން ނޫންބަދަލެއް ނެތެވެ. ހީލާއިރު އެ ހުންނަ ރީތި ގޮތަކީ ދުވަހަކުވެސް މީގެ ކުރިން އޭނަ ދުށްފަދަ ރީތި ކަމެއް ނޫނެވެ. ދިވެހިންގެ ތެރެއިން އެފަދަ ރީތި ފިރިހެނެއް ޒީނިޔާ ދުވަހަކުވެސް ނުދެކެއެވެ. އަނެއްކާ އަސީލްގެ އުމުރުން ކިހާވަރެއްބާއޭ ޒީނިޔާގެ ހިތާ ހިތާ ސުވާލު ކުރެވެން ފެށިއެވެ.
"
ޒީނިޔާ...............!!!" އަސީލްގެ ޖާދޫގައި ޒީނިޔާ ޖެހިފައި ހުއްޓާ، ޒީނިޔާ ކައިރިއަށް އައިސް އަސީލް ގޮވާލިއެވެ.
ޒީނިޔާ ހަމައެކަނި އިސްއުފުލާ ބަލާލީއެވެ. އެހާ ކައިރިއަށް އަސީލް އައުމުން އެ ދުވި މީރުވަހުން އަމިއްލަ ޟަމީރުވެސް ވައިގެ ތެރޭގައި އުދުހިގަތްހެން ޒީނިޔާއަށް ހީވިއެވެ. ހުވަފެނީ ޢާލަމަކަށް ދެވުނު ކަހަލައެވެ. އަމިއްލަ ހިތަށް ބާރުފޯރުވަމުން ޒީނިޔާ ދެތިންފިޔަވަޅު ކުރިއަށް އެޅިއެވެ. ސިޓިންގ ރޫމް މޭޒުމަތީގައި އަތްދަބަސް ބޭއްވިއެވެ. އަދި ސޯފާގައި އިށީނދެ އެއްފައިމައްޗަށް އަނެއްފައި ލައިގެން ހަމަޖެހިލާފައި އަސީލްއަށް ބަލާލިއެވެ. އެކަމަކު ދެންވެސް އަނގައަކުން ނުބުނެއެވެ.
"އޯކޭ....އިށީނދެލެވިދާނެތަ އަހަންނަށްވެސް މިތަނުގަ؟" ޒީނިޔާ އިން ސޯފާގެ އަނެއްކޮޅުގައި، ދެމެދަށް ތިންފޫޓްހާ ދުރުމިން ދެމުން އިށީނދެފައި އަސީލް އަހާލިއެވެ.
"ތިއީ ހުއްދަ ހޯދައިގެން ކަންކަން ކުރާ މީހެއްކަމަށް ގަބޫލު ނުކުރެވޭ." އަސީލްގެ ސުވާލުގެ ޖަވާބު ޒީނިޔާ ދިނީ ލަހެއް ނެތިއެވެ.

"
އެންމެ ރަނގަޅު. މައްސަލައެއް ނެތް ތިހެން ބުންޏަސް. އަސްލު ވަރަށް ސީރިޔަސްކޮށް ބުނެބަލަ އެއްޗެއް." އަސީލް އަހާލިއެވެ.
"ކޯޗެއް؟" އަސީލްގެ ސުވާލަށް ޒީނިޔާ ތައްޔާރު ވިއެވެ.
"މިތަނުގައި ވާހަކަ ދެއްކޭނެތަ؟ " އަސީލް ކުރީ ޒީނިޔާ ހީކުރި ސުވާލެއް ނޫނެވެ. އަސީލް އެހެން ހެދީ ގަސްތުގައިކަން ޒީނިޔާއަށްވެސް އެނގުނެވެ. ޒީނިޔާއަށް ވީގޮތުން ނުހޭން ވަރަށް ހިތްވަރު ކުރަން އަސީލްއަށް ޖެހުނެވެ.
"ދެން ކޮންތާކު ދައްކަންވީ. ރިސޯޓްގެ ވެރިންނަށް ރިސޯޓްގެ ކޮޓަރިތަކަށް ބޭނުންއިރަކު ގަދަކަމުންވެސް ވަދެވިދާނެ. އެކަމަކު މިއީ ގެއެއް. ވަރަށް އާދައިގެ ބައެއްގެ ގެއެއް. އެއަށް އިޙްތިރާމް ކުރުން ރަނގަޅުވާނީ." އަސީލް އަށް ޒީނިޔާ ހަނދާންކޮށްދިނީ އަސީލްގެ ރިސޯޓްގައި އޭނަގެ ކޮޓަރިއަށް އަސީލް ގަދަކަމުން ވަން ވާހަކައެވެ. ދައްކަން ހުތުރު ވާހަކައަކަށްވިޔަސް އެ ވާހަކައިން އަސީލްއަށް ކުށްވެރިއިހްސާސްކޮށްދޭން ޒީނިޔާ ބޭނުން ވިއެވެ.
ޒީނިޔާ އެބުނި އެއްޗެއްގެ މާނަ އެންމެ ފުރިހަމައަށް އަސީލްއަށް ވިސްނޭތީ އަސީލްއަށް ޒީނިޔާ އާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. ދެމީހުންގެ ހަތަރުކަޅިހަމަވެފައި އިރުގަނޑަކު ތިއްބެވެ. ކެތް ނުކުރެވިގެން މޫނު އަނބުރާލީ ޒީނިޔާއެވެ.
"ހަމައަސްލުވެސް ތި ނިންމީތަ އަސަދުއާ މެރީކުރަން؟" އެތަނުގައި އެވާހަކަ ދައްކަން ޒީނިޔާއަށް އެންމެ ރަނގަޅުކަމަށް ދެކި އަސީލް އޭނަގެ އަސްލު ވާހަކައަށް ފެށިއެވެ.
"އާނ...." ޒީނިޔާގެ ޖަވާބު ކުރެވެ. އޭގައި އިތުރު ވާހަކައެއް އަސީލްއާއި ދައްކަންޖެހޭނެ ކަމަކަށް ޒީނިޔާ ގަބޫލު ނުކުރެއެވެ.
"ޔަގީންތަ؟" އަސީލް އަނެއްކާވެސް އެހިއެވެ.
"ކޮން ހައިސިއްޔަތަކުން އަސްލު ތި ސުވާލު ތިކުރަނީ؟ އަސަދުގެ އަންކަލްގެ ހައިސިއްޔަތުން ވެއްޖިއްޔާ، ޔަގީންކުރޭ، އަސަދުއާއި އަހަންނާ ދެމެދުގަ  ނެތް ކައިވެނި ނުކުރާންޖެހޭ އެއްވެސް މައްސަލައެއް. އަސަދު...." ޒީނިޔާ ހުރީ އަސީލްއަށް ގޮންޖަހާ ކަހަލަ ގޮތަކަށެވެ.
"ޒީނިޔާ ދެކެ އަސަދުއަށްވުރެ ކުރިން ލޯބިވާން ފެށި މީހެއްގެ ހައިސިއްޔަތުން މިއަހަނީ، އަހަރެންގެ ޙަޔާތުގައި ޒީނިޔާ ނޫން މީހަކު ޝާމިލް ނުކުރެވޭނެކަމުގެ ޔަގީންކަން އޮތް މީހެއްގެ ހައިސިއްޔަތުން މިއަހަނީ." ޒީނިޔާގެ ވާހަކަ މެދުކަނޑާލާފައި އަސީލް ބުނެދިނެވެ.
ޒީނިޔާއަށް އަނެއްކާވެސް ވާހަކަ ދައްކަން ހަނދާން ނެތުނެވެ. އަސީލްގެ ލޮލުން ފެންނަ އާދަޔާ ޚިލާފު ވިދުވަރަކީ ލޯބިކަމުގައިވާނަމަ އެލޮލަށް ނުފެންނަ ހިސާބަށް އޭނަ ދާހިތެއްނެތެވެ. އެއީ އެހާވެސް ހިތްގައިމު ކަރަންޓެއް އޭނަގެ މުޅި ހަށިގަނޑުގައިވެސް ހިންގާލާ ވިދުވަރެކެވެ. އެކަމަކު މިއީ އޭނައަށް ވެގެންވާނެ ގޮތެއް ނޫނެވެ. އަމިއްލަ ނަފްސަށް އެކަން ހަނދާން ކޮށްދެމުން ކުއްލިއަކަށް ކަރުކެހިލާފައި ހަމަޖެހިލަން މަސައްކަތް ކުރިއެވެ.
"އެނގޭ ދޯ އަސަދުއަކީ އަހަރެންގެ ދޮންތަގެ އެންމެ ހަގު ކުއްޖާކަން. އަހަރެންގެ ހުށަހެޅުން ގަބޫލުނުކޮށްފަ ހަމަ އަހަރެމެންގެ ތެރެއިން ކުއްޖަކާ މެރީކުރަންތަ ތި ވިސްނަނީ؟"  ޒީނިޔާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށީ އަސީލެވެ.
"އާނ. ކޮބާ ދެން މައްސަލައަކީ...؟" ޒީނިޔާ ހައިރާންވަނީ އަސީލްއަށް ވެގެން އުޅޭ ގޮތެއް ނޭނގޭތީއެވެ.
"މައްސަލަ، މައްސަލަ ޒީނިޔާއަށް ނޭނގޭ ދޯ. މައްސަލައަކީ....." އަސީލްއަށް އޭނަގެ މައްސަލައަކީ ކޮބައިކަން ބުނާކަށް ފަސޭހައެއް ނުވިއެވެ.  ކުރިން އިން ގޮތް ބަދަލުކޮށްލެވުނެވެ. އެވަރުންވެސް ހަމަނުޖެހެވިގެން ކޮޅަށްވެސް ތެދުވެވިއްޖެއެވެ. ދެޖީބަށް އަތްޖަހައިގެން ސިޓިންރޫމްތެރޭގައި ކުޑަކޮށް ހިނގާވެސް ލެވިއްޖެއެވެ.
އަސީލްގެ ކަންބޮޑުވުން ޒީނިޔާއަށް ފެނެއެވެ. އެކަމަކު އިސް އުފުލާ ބަލަން ބޭނުން ނުވާތީ ނޭނގޭ ކަމަށް ހަދާފައި ޒީނިޔާ އިނީއެވެ.
އަސީލް މަޑުމަޑުން ގޮސް އިށީނީ ޒީނިޔާގެ ކުރިމަތީގައިހުރި ކުޑަ މޭޒުމަތީގައެވެ. ޒީނިޔާއަށް ކުރިމަތިލައިގެންނެވެ. އެ މޭޒަކީ ކުޑަކުޑަ މޭޒެއްކަމުން އެ މޭޒުގެ ކަނުގަ އިންއިރު ޒީނިޔާއާއި ދިމާވެފައި އިނީ ކަނަކަށް ވާގޮތަށެވެ. ޒީނިޔާ ބޭނުން ނަމަ ތެދުވެގެން ދެވޭނެހާ ޖާގަ ކުރިމަތީގައި އޮތެވެ.
"އަސްލު ޒީނިޔާ ކީއްވެ ތިގޮތަށް ކަންތައް ތިކުރަނީ.....؟" އެތާ އިށީނުމުންވެސް ޒީނިޔާ އޭނައާއި ދިމާލަށް ނުބެލުމުން އަސީލް އެހިއެވެ.
"ކޮން ގޮތަކަށް؟" ޒީނިޔާގެ އަޑު މިފަހަރު މަޑެވެ.
"ޕްލީޒް ސްޓޮޕް އިޓް. މިދައްކަނީ ކޮންވާހަކައެއްކަން އެނގެއެއްނު." ކަންބޮޑުވެގެން ބޮލުގެ އިސްތަށިގަނޑުގައި އެއްއަތްތިލަ ހިންގާލަމުން އަސީލްއަށް ބުނެވުނެވެ.
" އަހަރެންގެ މައްސަލައަކީ އަހަންނަށް ޒީނިޔާ މަތިން ހަނދާން ނައްތާނުލެވުނުކަން. ރިސޯޓްގެ ހާދިސާގެފަހުން އަހަރެން ވަރަށް މަސައްކަތް ކުރިން ޒީނިޔާއަށް ދުވަހަކުވެސް އުނދަގޫ ނުކުރާން. އެކަމަކު ކާމިޔާބެއްނުވި. އަހަރެންނަކީ އަސަދުކަހަލަ ޅަކުއްޖެއް ނޫން. އެހާ ފްރީކޮށެއްވެސް ނޫން އުޅެނީ. އަހަންނަކަށް ނޭނގެ މިހާރުގެ ކުދިން އުޅޭހެން ފަސްފަހަތުން އުޅޭކަށްވެސް، އެހެންވެ ވަގުތެއް ހޯދާލައިގެން ޒީނިޔާ ހޯދަން އަންނަން އަންނަން ހުއްޓާ އެއަށްވުރެ ކުރިން އަސަދުއާއެކު ގޮސް އަހަންނަށް ސަޕްރައިޒް ތި ދިނީ ޒީނިޔާ." ޖަޒުބާތާއި މާޔޫސީ އެކުވެގެން އަސީލްގެ އަޑު ހުރީ ކުރިއަށްވުރެ ބަރުވެފައެވެ.
ތެދެކެވެ. އެރޭ އަސީލް އޭނަ ކައިރީ ދެއްކި ވާހަކަ ޒީނިޔާ ހަނދާން އެބަހުއްޓެވެ. އެކަމަކު މިހާރު އެ ހަނދާންކުރުމުގެ ބޭނުމެއް ޒީނިޔާއަކަށް ނެތެވެ.
"އަސަދުއާއި މެރީކުރަން އުޅޭތީ މިވާހަކަ ދައްކަނީކަމަށް ހީނުކުރައްޗޭ. އެއީ ކުށް ހީއެއް. ކޮންމެ މީހަކު އަސަދުގެ މަގާމުގައި ހުއްޓަސް އަހަންނަށް މި ވާހަކަ ދެއްކޭނެ. ދެން އެކަމަކު ދެރައީ އަމިއްލަ ޢާއިލާގެ ކުއްޖަކާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރަންޖެހޭތީ." އަސީލްއަށްޓަކައި ހަގީގަތުގައިވެސް އެއީ އުނދަގޫ ކަމެކެވެ.
އަސީލް ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ޒީނިޔާގެ ކަޅި ތިރިވަމުން ދިޔައެވެ. އަސީލްއަށް ނުބަލާންވެގެންނެވެ. ސޯފާގައި ހަމަޖެހިލައިގެން ޒީނިޔާ ހަމަ އިނީއެވެ. ހިތަށް އަރަނީ ކީކޭކަމެއް އަސީލްއަކަށް ނޭނގެއެވެ.
"ހިއެއް ނުވޭ ދުވަހަކުވެސް އަހަންނަށް ޒީނިޔާއާއި  ވަކިވެވޭނެހެން. އެކަމަކު......" އަސަރުންގޮސް އަސީލްގެ އަޑު ބެދުނެވެ. ވާހަކަ ނުދެއްކިގެން އަސީލް ހުއްޓާލިއެވެ.
"ކޮންމެވެސް އެއްޗެއް ބުނެބަލަ ޒީ..." ފުރަތަމަ ފަހަރަށް އަސީލްގެ އަނގައިން އޭނަގެ ނަން އެ ކިޔާލި ތަފާތު ގޮތަކުން ޒީނިޔާއަށް އިސް އުފުލެވުނެވެ. އަސީލްއާއި ހަތަރުކަޅި ހަމަވުމުން ޒީނިޔާގެ ހިތުގެ ހިނގުން އަވަސްވެ ބުނަން ނޭނގޭފަދަ ހޫނެއް ލޭގައި ހިނގައިގަތެވެ. ގަތް ބިރުން އަވަސް އަވަހަށް ޒީނިޔާ ދުރަށް ބަލާލިއެވެ. އިރުކޮޅަކުން އަތުގައި އޮތް ފޯނާއި ކުޅެން ފެށިއެވެ.
އަސީލް އިނީ ކުޑަމޭޒުމަތީގައި އިށީނދެލައިގެން ކުރިއަށް ޖެހި ދެއުޅަނބޮށި ފައިމަތީގައި ޖައްސައިގެން ދެއަތްތިލަ މަހައިގެންނެވެ. އެހެން އިންއިރު ޒީނިޔާ ފޯނުން ކުރާ ކަމެއް ރީތިކޮށް އަސީލްއަށް ފެނެއެވެ. ފޯން ނުވެސް ހުޅުވާ އިނދެ ފޯންގެ ސްކްރީންގައި ހުރި އެއްޗެއް ސާފުކުރާ ކަހަލަގޮތަކަށް ޝަހާދަތް އިނގިލި ފޯނުމަތީގައި ހާކާލަހާކާލާ ޒީނިޔާ އިނީއެވެ. އަސީލް ދެއްކި އެއްވެސް ވާހަކައަކަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމުގެ ހެއްކަކަށް އެކަން އަސީލްއަށް ފުދުނެވެ.
އިރުކޮޅަކު ބަލަން އިނދެ އިނދެފައި އަސީލް ޒީނިޔާގެ އަތުގައި ހިފައި އެ ހަރަކާތް ހުއްޓުވިއެވެ. އަސީލްއަށް ނުބަލާ އިނދެ ޒީނިޔާ މަސައްކަތް ކުރީ އަސީލްގެ އަތުގެތެރެއިން އަތްތިލަ ދަމައިގަނެވޭތޯއެވެ. ޒީނިޔާގެ މޫނަށް ބަލަހައްޓައިގެން އިން އަސީލް އަދިވެސް އިނީ ޒީނިޔާގެ އަތްތިލައިގައި ހިފެހެއްޓިގޮތަށް ހިފަހައްޓައިގެންނެވެ.
ކުއްލިއަކަށް ޒީނިޔާ އިސް އުފުލާލިއެވެ. ހަތަރުކަޅި ހަމަވި ވަގުތު އަސީލްއަށް ފެނުނީ ރުޅިއާއި އެހެން ކޮންމެވެސް އެހެން އިހްސާސަކާ އެކުވެގެން ފެންނަން ހުރި އަސަރެއްގެ ސަބަބުން ޒީނިޔާގެ ލޯ ވިދާ ތަނެވެ.
އަސީލަށް އޮޅިއްޖެއެވެ. ޒީނިޔާގެ ދުލުން ބުނާ އެއްޗަކާއި ލޮލުން އެ ހެކިކޮށްދޭ ކަމަކާއި ނުބައްދަލެވެ. އުޑާއި ބިމާހާ ތަފާތެވެ. މި ބޯހަރު އަންހެންކުއްޖާގެ ހިތަށް ވާޞިލުވާން އޭނައަށް ކަމެއް ކުރަން އެނގޭނީވެސް އެންމެ ކުޑަމިނުން އެ ކުރާ އިހްސާސްތައްވެސް ކިޔަން އެނގޭނަމަ ނޫންހޭ އަސީލްގެ ހިތާހިތާ ބުނެވުނެވެ.
ދެންވެސް ގަދަކަމުން އަތްތިލަ ސަލާމަތްކުރަން ޒީނިޔާ އުޅޭތީ އަސީލުވެސް މަޑުމަޑުން އެ އަތްތިލައިން ދޫކޮށްލައިފިއެވެ. އެއާއެކު ޒީނިޔާ އިންތަނުން ތެދުވެގެން ހިނގައިގަތެވެ. އަސީލް ބަލަން އިންދާ އެ ދިޔަ ގޮތަށްގޮސް ސިޓިންރޫމްގެ ދޮރަކުން ނުކުމެއްޖެއެވެ. އެކަމަކު މައި ދޮރެއް ނޫނެވެ. ގޭތެރޭގައި ހުރި އެހެން ދޮރެކެވެ. އަސީލް ނިންމީ އޭނަ ކުރިމަތިން ދުރަށް ދާންވެގެން ޒީނިޔާ އިރުކޮޅަކަށް ދިޔައީ ކަމަށެވެ. އެނބުރި އަންނާނެ ކަމަށެވެ. މިހެން ވިސްނާލާފައި މޭޒުމަތިން ތެދުވެގެން ގޮސް ކުރިން އިންހެން ސޯފާގައި އަސީލް އިށީނދެއްޖެއެވެ. އަދި ޖީބުން ފޯން ނަގައިގެން ފޯން ބަލަން ފެށިއެވެ. ދެތިން މެސެޖަށް ރިޕްލައި ކުރިއެވެ. ހަތަރު ކޯލެއް މިސްވެފަ އިނުމުން އެ ކޯލްތައްވެސް ބަލާލިއެވެ.
ޒީނިޔާ ދިޔަ ފަހުން ފަސްވަރަކަށް މިނެޓްވީއިރުވެސް ޒީނިޔާގެ ޚަބަރެއް ނުވިއެވެ. ބަލަން އިން ފޯނު ނަގާ ޖީބަށް ލައިގެން އަސީލް ކޮޅަށް ތެދުވެއްޖެއެވެ. އެ ދޮރުން އޭނަވެސް ގޮސް ވަންނަންވީ ބާވައޭ އަސީލް ވިސްނާލިއެވެ. އެއީ އެކަމަކު ކޮން ދޮރެއްކަމެއްވެސް އަސީލަކަށް ނޭނގެއެވެ. ހަދާނެ ގޮތެއް ވިސްނާލަން ހުރެފައި މަޑުމަޑުން ހިނގާފައި ގޮސް އެ ދޮރުކައިރިއަށް ހުއްޓިއްޖެއެވެ. ދޮރުފަތުގެ މަތީބައިގައި ހުރީ ބިއްލޫރި ޖަހާފައެވެ. ދޮރުގެ އެފަރާތުން ފެނުނީ އަސީލް ހީވެސް ނުކުރާ ކަހަލަ މަންޒަރެކެވެ.
--------------(ނުނިމޭ)------------


No comments:

Post a Comment