🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

🌟🌟 "Fini Haveerakun" 🌟🌟
އުފާވެރިކަމާ ފިނިކަމަކީ އެއްކަމެއްކަންނޭނގެއެވެ. އަހަންނަށް ވަރަށް އެހެން ހީވެއެވެ. އަހަރެންގެ ޙަޔާތުގައިވެސް މިހާ އުފާވި މިއީ ފުރަތަމަ ފަހަރެވެ. އެ އުފާވެރި ޚަބަރު ލިބުނީއްސުރެ އަހަރެން މި އުޅެނީ އަބަދުވެސް ފިނިވާތީއެވެ. ނޭނގި ނަމަވެސް އަބަދު މި ހުރެވެނީ ހީލައިގެންނެވެ. ފިނިކަމާއެކު އުފާވެފައެވެ. މިއީ މަޖާ ކަމެކެވެ.

މާދަމާ ހަވީރު އަހަރެންގެ ބައްޕަ އަހަރެން ދެކެން އަންނާނެއެވެ. އަހަރެންކައިރިއަށް އަންނާނެއެވެ. އުހުމެކެވެ. އަހަންނަށް އަހަރެން ބައްޕަ ފެންނާނެއެވެ.  ފުރަތަމަ ފަހަރަށެވެ. ބަރާބަރު 12 އަހަރާ 3 ދުވަހަށްފަހުއެވެ. މިހުރިހާ ދުވަހު އަހަންނަކީ ބައްޕަ ނެތް ކުއްޖެކެވެ. މީގެ ހަމަސްދުވަސް ކުރިން މަންމަ ނިޔާވުމާއެކު ކުއްލިއަކަށް އަހަންނަށް ބައްޕައެއް ލިބިއްޖެއެވެ. އެވާހަކަ ބުނީ ދޮންތައެވެ. ބައްޕަ އަހަރެން ހޯދަން ގުޅިވާހަކައާއި މިއަދު ބައްޕަ އަންނަން އުޅޭ ވާހަކަ ބުނީވެސް ދޮންތައެވެ.

ބާރަ އަހަރުވީއިރުވެސް އަހަރެންގެ ބައްޕައެއް  ނެތް ކަމަށް މަންމަ އަހަންނަށް ވިސްނައިދިނީ ކީއްވެގެންކަމެއް ނޭނގެއެވެ. އެކަން އެނގުން މިހާރު ދެން އެހާ މުހިއްމެއްވެސް ނޫނެވެ. ބައްޕަ އަންނަނިކޮށް އެ ނިމުނީއެވެ. އަހަރެންގެ މަންމައަކީ ދުނިޔޭގައި ހުރި އެންމެ ރަނގަޅު އެންމެ ލޯބިވާ މަންމައެވެ. ބައްޕައެއް ހުރިވާހަކަ މަންމަ ނުބުނެއޮތަސްވެސް އަހަރެންނަށް މަންމަ ދެކެ ރުޅި ނާދެވޭނެއެވެ. ރުޅި އަންނަހިތެއް ނުވެއެވެ. އެއަށްވުރެން މަންމަ މާ ރީއްޗެވެ. މަންމަގައިގަ ބައްދާލީމަ މާ ހިތްހަމަޖެހެއެވެ. މަންމަ ގައިގަ ދުވާނީ އަބަދުވެސް މީރުވަހެވެ. އެމަންމަ ނެތީމަ ވަރަށް ދެރަވެއެވެ. ވަރަށް ރޮވެއެވެ. އެކަމަކު ބައްޕަ އަންނަން އުޅޭވާހަކަ ދޮންތަ ބުނި ދުވަހުން ފެށިގެން އަހަރެންނަށް އެހާ ނުރޮވެއެވެ. މަންމަ މަތިން ހަނދާން ނުވަނީކީ ނޫނެވެ. އެކަމަކު މަންމަ ދެން ނާންނާނެކަން އަހަންނަށް އެނގެއެވެ. ކުރިން މަންމައާއެކު އުޅުމުގެ ފުރުޞަތު އަހަންނަށް ލިބުނެވެ. ނުލިބެނީ ބައްޕައެކެވެ. އެހެންވެ ބައްޕަ ލިބެން އުޅޭތީ މަންމަ މަތިން ބައެއްފަހަރަށް ހަނދާން ނެތެއެވެ. އަހަރެން މިއީ ގޯސް ކުއްޖެއްބާއޭ އަހަރެން ހިތަށް އަރައެވެ. ރަނގަޅު ކުއްޖަކު މަންމަ މަތިން ހަނދާން ނެތޭނެ ހެއްޔެވެ؟ އެކަމަކު ބައްޕަ އަންނަން އުޅޭވާހަކަ އެނގުމުން އެހާ އެކަނި ނުވެއެވެ.

އޯވހ ﷲ....އަހަންނަކީ ގޯސް ކުއްޖެއްނޫންކަން މަންމައަށް ވިސްނައިދެއްވައްޗެވެ. އަހަރެން މަންމަ ދެކެ އަދިވެސް ވަރަށް ލޯބިވެއެވެ. މަންމަ މަތިން ވަރަށް ހަނދާން ވެއެވެ. ބައްޕައަޔަސް މަންމައަށްވުރެ ބޮޑަށް ބައްޕަ ދެކެ ލޯބިނުވާނެކަން މަންމައަށް އަންގަވާ ދެއްވައްޗެވެ.

މަޢުސޫމް ކަމާއި ޅަނދޮޅުކަމުގެ ނަމޫނާއެއްފަދަ، ބާރަ އަހަރުގެ ލޮބުވެތި ކުޑަ އަންހެންކުއްޖާ އޭނާގެ ކުޑަކުޑަ ޑައިރީގައި ލިޔަމުން ދިޔަ ވާހަކަތައް ހުއްޓާލީ އޭނާގެ މަޢުސޫމް ހިތުގައި އޭނަގެ މަންމައަށްވުރެ ބައްޕައަށް އިސްކަންދެވިދާނެކަމުގެ ބިރަށްޓަކައި އެ ދެމެދަށް ﷲ މެދުވެރިކޮށްފައެވެ. މަންމަވީ އެ ކަލާނގެ ހަޟްރަތުގައިކަން އެނގޭތީ، މަންމައަށް ބުނެދޭން އޭނަ ބޭނުންވާ ވާހަކަތައް ﷲ އަށް ދަންނަވާފައެވެ. ދުވަހަކުވެސް ލޮލުން ނުދެކޭ ބައްޕައަށްޓަކައި އޭނަގެ ހިތްއެދޭލެއް ބޮޑުކަމުން މަންމަ މަތިން ހަނދާންނެތިދާނެތީ ބިރުން އޮވެއެވެ.

ޑައިރީ ލައްޕާފައި ބާލީސްދަށަށް ލާފައި ހަމަޖެހިލައިގެން އޮށޯވެއްޖެއެވެ. ރޭގަނޑުން 11 ޖެހިނަމަވެސް އެ މޫނުމަތިން ނިދީގެ އަސަރުވެސް ނުފެނެއެވެ. ސީލިންއާއި ދިމާއަށް ބަލަހައްޓައިގެން އޮތް ބޮޑު ދެލޮލަށް ހިނިތުންވުން ވެރިވަމުން ދިޔައެވެ. ބަލަބަލާ ހުއްޓާ މުޅި މޫނު ހިނިތުންވުމުން ފޮޅިއްޖެއެވެ. މާދަމާ އޭނައަށް ބައްޕައެއް ލިބޭނެއެވެ. އޭނަ ގޮވައިގެން ސްކޫލަށްވެސް ދާނީ ދެން ބައްޕައެވެ. ވީ އުފަލާއެކު ބޮލާއެކު ރަޖާއަޅައިފިއެވެ. މަޑުފިޔާތޮށިކުލައިގެ ރަޖާގެ ބޭރުން ފެންނަނީ ދޮންދޮން ފައިތިލަ އެކަންޏެވެ.

އާރިފާ ދެންމެ އިސްތިރިކޮށްފައި ދިން ރީތި ރީތި ހެދުން ހިފައިގެން ގޮސް، އެނދުމަތީގައި ދީނާ އެހެދުން ފަތުރާލިއެވެ. އެ ހެދުމުގެ ރީތިކަމަށް ހުއްޓިފައި ދީނާ ހުރިތަން އާރިފާ ބަލަމުން ދިޔައެވެ.

މިއިން ޒަމާޏަކުވެސް ހީލިތަންވެސް ނުފެންނަ ދީނާގެ މޫނު ފެންނަނީ އުޖާލާވެފައެވެ. މިދުވަހަށް އާ ހެދުމެއް ފައްސައިގެން ތައްޔާރުވަމުން ދީނާ އެދަނީ ބައްޕަ ދެކޭ ހިތުންނެވެ. ބައްޕަދެކޭ ހިތުން ދީނާ ކުރަމުން އެދާ އުއްމީދާއި އުފާވެރިކަމަށް ވާނެގޮތަކާމެދު ޢާރިފާ ވަރަށް ކަންބޮޑުވެއެވެ. ކުއްލިގޮތަކަށް އޭނަގެ ކޮއްކޮ މިދުނިޔެއިން ގެންދެވުމުން ދީނާގެ ހުރިހާ ޒިންމާއެއް އޭނަ އަމިއްލައަށް ނަގައިގެން އުޅެނީ އަމިއްލަ ދަރިންލިބުމުގެވެސް ކުރިން އޭނައަށް ދަރިއެއްގެ އިހްސާސްކޮށްދިނީ ދީނާކަމަށްވާތީ، އެހެންއެއްވެސް މީހަކާއި ދީނާ ޙަވާލުކުރަން ހިތްނުރުހިގެންނެވެ. ދީނާއަށް ބައްޕަ ލިބޭ ހިސާބުން ދެންވާނެގޮތަކާ ދޭތެރޭ އޭނަ ކަންބޮޑުވަނީ އެ ބައްޕައާއި ދީނާއާއި ބައްދަލުވާނެ މެދުވެރިއަކަށް އޭނާ ވެފައި އެކަމުން ނުކުމެދާނެ ނަތީޖާއެއްގެ ބިރެއްގައެވެ. އެކަމަކުވެސް، ދީނާ އަށް ދީނާގެ ބައްޕަ ދެއްކުން އެއީ ކޮންމެހެން އޭނަ ކުރަންޖެހޭ ކަމެއްކަމަށް އޭނަ ދެކޭތީ އެކަން ކުރަން އޭނައަށް މަޖްބޫރު ވީއެވެ.

ހަވީރު ވެއްޖެއެވެ. ދީނާގެ ބައްޕަ ގެއަށް އަންނަން ހަމަޖެހިފައި އޮތީ ހަވީރު ފަސްގަޑި ބަޔަށެވެ.
"ދެން ހުރީ އެންމެ ފަސް މިނެޓްދޯ ދޮންތާ" ދީނާ އާއެކު ސިޓީންގރޫމް ސޯފާގައި އިށީނދެ އިން އާރިފާއަށް ދޯ ދެމުން ދީނާ އަހާލިއެވެ.

"އާނ. ދަރިފުޅު ތިތާ އިހަށް އިނދެބަލަ މަޑުމަޑުން. އަންނާނެޔޭ" ބައްޕަ އަންނާނެއޭ ބުނަން ވެސް އާރިފާގެ ހިތެއް ނުރުހުނެވެ. އެމީހާއަށް ބައްޕަ ކިޔުއްވާހިތް އާރިފާ ހަމަ ނުވަނީއެވެ.

ހަމަ އެވަގުތުމެ މީހަކު ދޮރުގައި ޓަކިޖެހިއަޑު އިވިގެން ދިޔައެވެ. ހިތް އަވަސްވެފައި ހުރި ދީނާ ދޮރު ހުޅުވަން ދިއުމުގެ ބަދަލުގައި ސޯފާގައި ހަމަޖެހިލައިގެން އިށީނީއެވެ. ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލައިގެން ހިނިތުންވެލައިގެން އިނދެ ހަމަޖެހިލީއެވެ. 

އެހެންނަމަވެސް އެ ހިނިތުންވުމަށްވީ ހަމަ ސިކުންތެއްހާއިރެވެ. ދޮންތަ ގޮސް ހުޅުވާލި ދޮރުން ވަނީ ބޮޑުބޭބެކަން އެނގުމުން ދީނާ ފޫހިވެއްޖެއެވެ. ހިނިތުންވުން އެއްކޮށް ގެއްލިއްޖެއެވެ.

"ހޫނ ދެން ބޮޑުބެ ކީއްކުރަން ތިތާ ތި ހުންނަނީ. ދޭބަލަ. މީހަކު އަންނާތީއޭ." މަޢުސޫމް ކުޑަކުއްޖެއްގެ ބަސްމަގާ އަޑުން ދީނާ ބުނެލިއެވެ.  ބޮޑުބެ ކައިރީގައި އަންނަނީ އޭނަގެ ބައްޕައޭ ބުނަންވެސް ދީނާވެސް ބޭނުން ނުވިއެވެ. 

އެހެންނަމަވެސް އެ އަޑެއް އާރިފާއެއްވެސް އަދި ބޮޑުބެވެސް ނާހާ ކަހަލައެވެ. އެދެމީހުންމެ ބޭރަށް ނިކުތުމުގެ ބަދަލުގައި ދޮރު ލައްޕާފައި ވަނީ ގޭތެރެއަށެވެ. އާރިފާއަށްވުރެ ކުރިން ދީނާ ކުރިމަތީގައި ހުރި ގޮނޑީގައި ގޮސް އިށީނީވެސް ބޮޑުބެއެވެ. އާރިފާވެސް ޖެހިގެން ހުރި ސޯފާގައި އިށީނެވެ. ނަމަވެސް ދީނާގެ އެއްވެސް ސަމާލުކަމެއް އެ ދެމީހުންނަކަށް ނުލިބެއެވެ. ދީނާ ބަލަމުން ދަނީ ބޮޑު ދޮރާއި ދިމާލަށެވެ. އޭނާ އިންތިޒާރު ކުރަނީ އޭނާގެ ބައްޕައަށެވެ.

"ދަރިފުޅާ....." ވަރަށް މަޑުމައިތިރި އަޑަކުން އާރިފާ ގޮވާލިއެވެ. އެއްޗެއް ބުނަން ބޭނުންވެއިނދެއެވެ.

"ދެން ދޮންތާ. އަހަރެން މިވަގުތަކު ބޭނުމެއް ނޫނޭ އެހެން ވާހަކަތައް ދައްކާކަށް. ބޮޑުބެ ފޮނުވާލާ. ބޮޑުބެ އިނީމަ އުނދަގޫވާނެ." ދީނާއަކީ އަދި ވަރަށް ޅަކުއްޖެކެވެ. ހިތުގެ ޝުޢޫރު އެހާ ސާފުކޮށް އެބުނެލެވެނީ އެހެންވެއެވެ. އާރިފާއަށް ފަސް ޖެހެވުނެވެ.

"ދަރިފުޅާ. ދަރިފުޅުގެ ބައްޕަ...." އަނެއްކާވެސް ހިތްވަރު ކޮށްފައި، ބުނެވޭތޯ އާރިފާ އުޅުނެވެ.

"މިހާރު ބޮޑުބެ ކޮންމެވެސް އެއްޗެކޭ ކީދޯ؟ ބައްޕަ ނާންނާނެއޭ ބުނީދޯ؟ އެހެންވެ އަހަރެން ބުނީ ބޮޑުބެ ފޮނުވާލާށޭ. އަބަދު އެކަހަލަ ކަންތައް ބޮޑުބެ ކުރާނީ." ދީނާގެ ގާތަށް ރުޅި އަންނަ ގޮތް ވިއެވެ.

"ދަރިފުޅާ އަޑުއަހާބަލަ. މިއީޔޭ ބައްޕަ. މިއީއޭ ދަރިފުޅުގެ ބައްޕަ." އާރިފާ ވަރަށް އަވަސް އަވަހަށް ބުނެލިއެވެ. ދޮންތަ އެބުނިއެއްޗެއް ދީނާއަށް ނަގައިގަނެވުނީ އިރުކޮޅަކުންނެވެ. އިރުކޮޅެއްވަންދެން ދޮންތަ މޫނަށް ބެލިނަމަވެސް ބޮޑުބެއާ ދިމާލަށް ނަޒަރު ނުފޮނުވައެވެ.

"ދެން ދޮންތަ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ. ބޮޑުބެ މިތަނުން ނުދަންޏާ އަހަރެން ދަނީ ކޮޓަރިއަށް. ބައްޕަ އައީމަ ދޮންތަ އަހަންނަށް ގޮވާލަދޭނަން ދޯ." އިރުކޮޅަކު ބަލަންއިނދެފައި ކުއްލިއަކަށް ދީނާ ބުނީ މިހެންނެވެ. ދެންމެ އާރިފާ އެބުނިއެއްޗެއް އަޑުއަހަން ބޭނުން ނުވާފަދައެވެ. ދީނާގެ ބޮޑުބެގެ އިސް ޖެހިގެން ދިޔައެވެ. ދީނާ ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ.

އާރިފާވެސް އެއްޗެއް ނުބުނެއެވެ. މުޅިތަނަށް ހިމޭންކަން ވެރިވެފައި އިރުގަނޑަކު އޮވެއްޖެއެވެ.
"އަހަންނަށް މިއަށްވުރެ ބޮޑަކަށް މިކަމުގައި މަސައްކަތެއް ނުކުރެވޭނެ. އަހަންނަށް ކޮށްދެވޭނެވަރު މި ކޮށްދިނީ. " އާރިފާގެ އަޑުގައި ވަނީ ފޫހިކަމެކެވެ.

"އެކަމަކު....އަހަރެން ބޭނުން މަޢާފަށް އެދެން......" ބޮޑުބެގެ އަޑު ކުރެހިގެން ދިޔައެވެ.

"މަޢާފަށް އެދެންވީ މިއަދުތަ؟ ބާރަ އަހަރުފަހުންތަ؟ އެ ކުއްޖާ ކައިރިން މަޢާފަށް އެދުމުގެ ކުރިން އެ ކުއްޖާގެ މަންމަގެ ކިބައިން މަޢާފަށް ނެއެދުނީ ކީއްވެގެންތަ؟" ނުބުނާންކަމަށް އިންނަނަމަވެސް އާރިފާގެ ގާތަށް އައިސް ހުރި ރުޅީގައި އެ ވާހަކަތައް އަނެއްކާވެސް ގޮވާލެވިއްޖެއެވެ.

 ވަސީމް އެއްޗެއް ނުބުނެއެވެ. އިސްޖަހައިގެން އިނީއެވެ.

"ތިވަރު މީހުން ބައްޕަކިއުއްވަން ޖެހޭތަ؟ ތިކަހަލަ މީހުންނަކީ މަޢާފް ޙައްޤުބައެއް ނޫން. ދަރި ހޯދާފަ އަދި އެ ޒިންމާއިން ފިލީ. ކައިވެނިކުރާކަށް ބޭނުމެއްނުވި. މިއަދުތަ އަމިއްލަ ދަރިއެއްކަމަށް ގަބޫލުކުރެވުނީ. ގޮތްކުޑަކަން..." އާރިފާގެ ރުޅި ފަޅައިގެން ދިޔައެވެ. ސިޓިންގރޫމް ދޮރު ބަންލާފައި ޖަހާފައި އާރިފާ ނުކުމެގެން ހިނގައްޖެއެވެ. ވަސީމްއާއި ކުރިމަތިލާންވިޔަސް އޭނަގެ ގާތަށް އަންނަ ރުޅި ޚުދު އޭނަވެސް ބިރުގަންނަހާ ވެއެވެ.

ބައްޕަ އައިތޯ ބަލާލަންވެގެން ކޮޓަރިން ނުކުމެގެން އައިސްއައިސްހުރި ދީނާއަށް އެ އަޑުއިވެން އާރިފާ ނޭދޭނެކަން ގައިމެވެ. އެމީހުން ދީނާ ބޮޑުކުރީ އެފަދަ އަޑުތަކާއި މަންޒަރުތައް ދައްކައިދޭ މާޙައުލެއްގައެއް ނޫނެވެ. 

އެހެންނަމަވެސް މަޢާފް ޙައްޤުހޭ އެހި ހިސާބުން ފެށިގެން ދެން ދެކެވުނު ހުރިހާ ވާހަކައެއްވެސް ދީނާއަށް އަޑުއިވިއްޖެއެވެ. ގްރޭޑް 2 އަށް ބަދަލުވީއަހަރު، ބައްޕައެއް ނުހުންނަކަން އެނގުމުން ވީދެރައަށްވުރެ ދެރަވެ ރޮވިއްޖެއެވެ. ދޮންތަގެ ރުޅިވެރިއަޑާއި ބާރަށް ލެއްޕުނު ދޮރުގެ އަޑުން ހިތަށް ސިހުންވެރިވެފައި ހުރެވުނެވެ. އުއްމީދުން ފުރިފައިހުރި އެ ޅަ ހިތް ކަތިލެވި ނިމިއްޖެއެވެ. އައިފަހަށް އެއަށްވުރެ ބާރަށް ގޮސް ކޮޓަރިއަށްވަދެ އެނދުގައި އިށީނދެއްޖެއެވެ.

މިހުރިހާ ދުވަހު އޭނާ ބޮޑުބެ މިކިޔަނީ އޭނާގެ ބައްޕައަށްހެއްޔެވެ؟ ބޮޑުބެއޭ ކިޔާފަ މިގެއަށް މި އަންނަނީ އަސްލު ބޮޑުބެއެއް ނޫންތާއެވެ. ދެން އެކަމަކު އޭނަ ލައްވާ ބައްޕަ ނުކިއުއްވީ ކީއްވެހެއްޔެވެ؟ އޭނަގެ މަންމައާއި ބޮޑުބެ މިހުރިހާ ދުވަސްވީއިރުވެސް މެރީ ނުކުރީ ކީއްވެހެއްޔެވެ؟ މަންމަ ހުރިއިރުވެސް މިގެއަށް ބޮޑުބެ އާދެއެވެ. ދެން މެރީ ނުކުރީ ކީއްވެހެއްޔެވެ؟ މަންމަ އެހާ ގިނައިން ބޮޑުބެއާ ވާހަކަ ނުދައްކަނީވެސް އެހެންވެގެން ކަންނޭނގެއެވެ. އެހެންވިޔަސް...ދޮންތަ އެ ދެއްކި ވާހަކައިގެ މާނައަކީ އޭނަގެ ބޮޑޫބެ އަކީ އޭނަގެ ބައްޕައެވެ. އެކަމަކު ބޮޑުބެއެއް ބައްޕައަކަށް ވާނީ ކިހިނެއްހެއްޔެވެ؟ ބޮޑުބެއަށް ވާނީ މަންމައާ އެއްބަނޑު ނޫނީ ބައްޕައާ އެއްބަނޑު މީހުންނެވެ. އެހެންވިއްޔާ އެ ބޮޑުބެއަކީ ކާކުގެ ބޭބެއެއްހެއްޔެވެ؟ މަންމަގެ ހެއްޔެވެ؟ ބައްޕަގެ ހެއްޔެވެ؟ އެކަމަކު މަންމަގެ ބޭބެއާ މަންމައަށް މެރީ ނުކުރެވޭނެއެވެ. އެހެންވީމަ އެއީ ހަމަ ހަގީގަތުގައިވެސް އޭނަގެ ބައްޕަގެ ބޭބެތާއެވެ. އެކަމަކު ބައްޕަގެ ބޭބެނަމަ މިއަދު މިތަނަށް ބައްޕަ އަންނަން ޖެހޭ ގަޑީގައި ބޮޑުބެ އަންނަންވީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ އޭނަގެ ބައްޕަވެސް ދުނިޔޭގައި ނެތީހެއްޔެވެ؟ އޭނައަކީ ބައްޕައެއް ނެތް ކުއްޖެކޭ މަންމަ ބުނަމުން އައީ އެހެންވެގެންތާއެވެ؟ އެހެންވިއްޔާ ބޮޑުބެދެކެ އެހާ ރުޅިއައިސްފައި ދޮންތަ ވާހަކަ ދައްކަންވީ ކީއްވެހެއްޔެވެ؟ ނޭނގެއެވެ. އެކައްޗެއްވެސް ނޭނގެއެވެ. މަންމަ ނޫނީ އޭނައަށް ރަނގަޅު މީހެއް ނުހުރެއެވެ. މަންމަ މަތިން ހަނދާންނައްތާލާފައި ބައްޕައާއި ބައްދަލުކުރަން އޭނަ އުޅުމަކީ އޭނަގެ ގޯސްކަމެވެ. ދުވަހަކުވެސް އޭނަ ބައްޕަ ހޯދާކަށް ބައްޕަ ދެކޭކަށް ދެން ނުއުޅޭނެއެވެ.

ދީނާ އަމިއްލަ ހިތާހިތާ ސުވާލުތައްކޮށް ޖަވާބުހޯދުމަށްފަހު އަމިއްލައަށް ގޮތް ނިންމިއެވެ. އޭނަ ލައިގެން ހުރި ވައިލެޓްކުލައިގެ ރީތި ހެދުން ބޮނޑިބޮނޑިކޮށްފައި ގުޅަކުރަމުން ދިޔައެވެ. ކަރުނަ ފޮހޭކަށްވެސް ރީތިވާކަށްވެސް ދެން ދީނާ ބޭނުމެއް ނޫނެވެ. ބޮޑުބެއަކީ ބައްޕައަކަށް ވެގެން ނުވާނެއެވެ. އޭނަ ބައްޕަ ކިޔަން ބޭނުންވަނީ ބޮޑުބެ ކަހަލަ ގޯސް މީހަކަށް ނޫނެވެ. އޭނަގެ ބައްޕަ ނެތިއްޔާ ދެން އެހެން މީހަކަށް އޭނަ ބައްޕަ ކިޔާކަށް ބޭނުމެއް ނޫނެވެ. ދުވަހަކު ބައްޕަ ނެތަސް އޭނައަށް ދެން އެންމެ ރަނގަޅެވެ.

ބައިގަޑިއެއްހާއިރު ފަހެވެ. އާރިފާގެ ކޮޓަރީގެ ދޮރު މީހަކު ހުޅުވާލިހެން ހީވެގެން އާރިފާ ބަލާލިއެވެ. ދޮރުމަތީގައި ހުރީ ބޯހޭވި، އެތައް އިރަކު ރޮއިރޮއި ކަރުނަހިކިފައި ހުރި މޫނަކާއެކު ހުރި ދީނާއެވެ.

"ދަރިފުޅާ...އައިސްބަލަ. ކީއްވެ ތިތާ ތިހިރީ" މާބޮޑުކަމެއް ވީކަމެއް ނަހަދާންވެގެން އާރިފާވެސް ހިތްވަރުކުރިއެވެ.
ދީނާ މަޑުމަޑުން ގޮސް އާރިފާ ކައިރީ އިށީނދެއްޖެއެވެ. ދޮންތަ ކުރަންއިން މަސައްކަތަށް ބަލާން އިރުކޮޅަކު އިނެވެ.

"އެބޮޑުބެއަކީ ވަރަށް ގޯސްމީހެއް ދޮންތާ." އެއްވެސް އަސަރެއް ނެތް އަޑަކުން ދީނާ ބުނެލިއެވެ. އާރިފާ ހައިރާނެއް ނުވެއެވެ. އެއްވެސް އިރެއްގައި އެ ބޮޑުބެއަކާއި ދީނާ ނުރުހޭކަން އާރިފާވެސް އަދި އެގޭ އެހެންމީހުންވެސް ދަނެއެވެ. ނޭނގެނީ ސަބަބެވެ.

"އެއީ ކިހިނެއްވީ. ؟" ދަރިއަކު ދެއްކި ވާހަކައެއް އަޑުއަހާލާ ކަހަލަ ރާގެއްގައި އަދި އެ މާނައިގައި އާރިފާ އަހާލިއެވެ.

"އަހަރެން....އަހަރެން ގައިގައި އަތްލާން ވަރަށްގިނައިން ކުރިން އުޅުނު. ވަރަށްގިނައިން." ދީނާގެ އަޑު ވަރަށް މަޑެވެ. އެހެންނަމަވެސް އާރިފާއަށްޓަކައި ހޮނުގުގުރިއަށްވުރެވެސް ފަރުބަދަފުނޑުފުނޑުވުމަށްވުރެވެސް އެ އަޑުގަދައެވެ. އަތުންކޮށްކޮށް އިން މަސައްކަތް ހުއްޓުނެވެ.

"ކިހިނެއް....؟ ކޮންތާކު...؟" އިތުރަކަށް އާރިފާގެ އަޑެއް ނުނިކުތެވެ.

"ގައިގަ...." ދީނާގެ އަޑު ދިޔައީ ފޭދިގެންކަހަލަ ގޮތަކަށެވެ. އާރިފާއަކަށް އަނގައަކުން ނުވެސް ބުނެވުނެވެ.

"ފޫހިވޭ އެމީހާގަނޑުދެކެ. ބޮޑުބެއެއް ނުކިޔާނަން." ދެވަނަ ހިނދުކޮޅުގައި ދީނާގެ އަނގައިން ނިކުތީ ރުއިމަކާއެކު މި ލަފުޒުތަކެވެ.

ކުއްލިއަކަށް ދުވެފައި ދީނާ ހިނގައްޖެއެވެ. އާރިފާގެ ދުނިޔެ ފުނޑުފުނޑުކޮށްފައެވެ.

އުޑުބޮލަށް ވެއްޓުނުހެން އާރިފާއަށް ހީވިއެވެ. ފަރުބަދަފަޅިއެއްގެ ދަށުވީހެން ހީވިއެވެ. ހާސްވެގެން ތެޅިގަނެވުނީވެސް އިރުގަނޑެއް ފަހުންނެވެ.

"އަމިއްލަ ދަރިއާވެސް ބެހެން....؟ޝައިޠާނެއްތަ އަޅެ..؟" އާރިފާއަށް އަމިއްލައަމިއްލައަށް ބުނެލެވުނެވެ. 

ރުޅިއައިސްގެން ގޮސް ތުރުތުރު އަޅައެވެ. އެހެންނަމަވެސް އިރުކޮޅަކުން ހަމަހެއަށް އާދެވުނެވެ.

މޭޒުމަތީގައި އޮތް މޮބައިލް ފޯނު ނަގައި ވަގުތުން 110 އަކަށް ގުޅިއެވެ. ޕޮލިސް ނަންބަރު ހޯދިއެވެ. ދައްކަންޖެހޭ ހުރިހާ ވާހަކައެއް ކިޔައިދީފައި ފޯނު ބޭއްވިއެވެ. މިދިމާވި ކަމާއި ކުރިމަތިލާނެ ހިތްވަރު ހޯދަން އާރިފާ ޖެހޭނެއެވެ.

"ދީނާ...." ދީނާ ކޮޓަރީ ދޮރުހުޅުވާލަމުން އާރިފާ ގޮވާލިއެވެ. އެތެރެއަށް ބަލާލިއިރު ކޮޓަރީގައި ހުރި ކިޔަވާ މޭޒުދޮށުގައި ދީނާ އިންތަން ފެނުނެވެ. ދީނާ އިނީ ހެދުންވެސް ބަދަލުކޮށްގެން އެ ރީތި އިސްތަށިގަނޑު ވަރަށް އާދައިގެ ގޮތަކަށް އައްސާލައިގެން، ޢާއްމުކޮށްވެސް ގޭގައި އިންނަ ގޮތަށެވެ. 

ދީނާކުރަނީ ކޮންކަމެއްތޯ އާރިފާ ގޮސް ބަލާލިއެވެ. ދީނާ ކުރަހަނީއެވެ. މާބަގީޗާއަކާއި ރޭގަނޑެކެވެ. އެހެންނަމަވެސް ދިއްލިފައި ހުރި ކޮކާލެއްގެ ސިފައިގައި ހުރި މަޑިއެއް އެ ރޭގަނޑުގެ އުޑުގައި ވައިގެތެރޭގައި އަރައިގެން ދާތީ ކުރަހާފައި ހުއްޓެވެ. ބޮޑުބޮޑު އެއްތަރި ވިދާ ބަބުޅައެވެ. އެނޫން އެއްވެސް ވިދުމެއް އަލިކަމެއް ނެތް އުޑެއްގައި ފަނޑުއަކުރުން "މަންމަ" މިހެން ލިޔެފައި އޮތެވެ.

ދީނާގެ ބޮލުގައި އާރިފާ ފިރުމާލިއިރު އާރިފާގެ ލޯވެސް ފެންކަޅިވެއްޖެއެވެ. އިހުމާލެއް ވެވިއްޖެއެވެ. ކާކުގެ އިހުމާލެއްކަމެއް ޔަގީންކޮށްބުނަން ނޭނގުނު ނަމަވެސް އިހުމާލެއް ވެވިއްޖެއެވެ. ޝަކުވާކޮށް ރޮއިހެދުމުގެ މާނައެއް ނެތެވެ. 

އެކަމަކު މަންޒަރުގައި އެހެރަ މަޑިހެން ދީނާ ދާކަށް އޭނަ ދީނާ ދުލެއްނުކުރާނެއެވެ. ދެން އޭނައަށް ވެވުނު އެންމެ ރަނގަޅަކަށް އޭނާ ދީނާ ބަލަހައްޓާނެއެވެ. ހިފަހައްޓާނެއެވެ. ޖެހޭހާ ވަޔަކާ ދާން ދުލެއް ނުކުރާނެއެވެ. 

ކަރުނުން ފުރިފައި ހުރި ލޮލަކުން ދީނާވެސް އިސްއުފުލާފައި ދޮންތައަށް ބަލާލިއެވެ. އިތުރަކަށް މި ދުނިޔެއިން ދެން އެއްޗެއް ބޭނުމެއް ނޫނޭ ބުނާކަހަލަ މާނައެއްގައެވެ. މިހެން މިވީ ކީއްވެހޭ އަހާކަހަލަ ގޮތަކަށެވެ. މަންމައާއި ނުލާ ދެން އޭނަ އުޅޭނީ ކިހިނެއްހޭ އަހާލާ ކަހަލަ ގޮތަކަށެވެ. ހިނިތުންވާން ދެން އޭނައަށް ދުވަހަކުވެސް ނުކެރޭނެއޭ ބުނާކަހަލަ ގޮތަކަށެވެ.

ދީނާ ނުދައްކާ އެ ހުރިހާ ވާހަކައެއްވެސް އާރިފާއަށް އަޑުއިވުނެވެ. އެކަމަކު އެ ވާހަކަތަކަށް ދޭނެ ޖަވާބެއް ހިތްހަމަޖައްސާލަދޭން ބުނާނެ އެއްޗެއްވެސް މިވަގުތަކު އާރިފާއަށް ނުވިސްނުނެވެ.

ކޮށްލެވުނުހާވެސް ކަމަކީ އެ ޅަ އަންހެންކުއްޖާގެނެސް ގަޔާކައިރިކޮށްލަމުން ބޮލުގަ ފިރުމާލެވުނީއެވެ. އިރާދަކުރެއްވިއްޔާ ފަހުނޭވަޔާހަމައަށްވެސް ބަލާ ބަލަހައްޓާނެ ކަމުގެ ވަޢުދު ހިތާހިތުންވަމުންނެވެ.

****** (ނިމުނީ)******


ލިޔުނީ: ފަތިސްތަރި ޞަފާ / 06 ޖޫން 2016

0 comments:

Post a Comment