FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ހޯދަން ބޭނުންވެގެން - 1 ވަނަ ބައި


ބާ ދޮރުން އިވިގެން ދިޔަ ތޫލި އަޑަކާއެކު ވަދެގެން އެ ދަނީ މާނޭވާލެވި ވަރުބަލިވެފައިވާ މީހެކެވެ. ރޫޖެހުމުގެ އިތުރުން ވާރެއިން ކޮންމެވެސް ވަރަކަށް ތެމިފައިވާ ބިސް ކުލައިގެ ގަމީހަކާއި ކާކީ ކުލައިގެ އުއި ފޮތީގެ ފަޓްލޫނެއްގައި ހުރި މެދު އުމުރުގެ އެ ފިރިހެންމީހާ އަރައިގެން ހުރި ބޫޓުން ކޮންމެވެސް ވަރަކަށް ފެންތިކި ޖަހާފައި ހުއްޓެވެ. ފައި ފޮހެފަ ދާންވެސް ނޭނގޭ ކަހަލައެވެ. ކުޑަކުޑަ ހޯލަށް ވަންނަތާ އަޅާފައި އޮތް ނޫސްކަރުދާސްގަނޑުވެސް އެކަށް އޮތީ ތެމިފައެވެ. ކައުންޓަރު ކައިރިއަށް ހުއްޓި ހުރެގެން ބޮލުން ފެން ފޮޅަމުން ދިޔައީ ކައުންޓަރަށް ނުދާ ގޮތަށެވެ. އެހެންނަމަވެސް ސިއްރުވެރި ގޮތަކަށެވެ. މީހަކަށް އޭނާ ހުރީ ތެމިފަޔޭ ހީވެދާނެތީ އުޅޭ ކަހަލަ ގޮތަކަށެވެ. އެކަމަކު އެކަން ސިއްރު ވާނެހެއްޔެވެ. މާލެއަށް މިހާރަކަށް އައިސް ވާރޭ ވެހުމަކީ ކޮންމެ ދުވަހެއްގެވެސް ޢާއްމު ކަމެކެވެ. އެކަން ނުދެނަހުރި މީހަކު މި މާލެއަކު ނެތެވެ.
ފާރުގައި އަޅުވާފައި ހުރި "ކުރުސި" ރަނގަޅުކޮށްލަން ގޮސް ދޮރު ފުރަގަހުގައި ހުރި ވަރުދާ ވަރަށް ރަނގަޅަށް އެމީހާއަށް ބަލާލިއެވެ. އަދި ކަރުކެހިލަމުން ގޮސް ކައުންޓަރުކައިރިއަށް ހުއްޓިއްޖެއެވެ. އެމީހާއަށް ކުޑަ ސިހުމެއްލިބުނެވެ. މީހަކު ނޫޅެޔޭ ހީކުރެވުނީ ކުށްހީއެއްތާއޭ އޭނަގެ ހިތަށްއެރިކަން ވަރުދާއަށްވެސް އެނގުނެވެ.
"ކިހިނެއް ހަދަންވީ...؟" ކުޑަކުޑަ ކައުންޓަރުގެ ގޮނޑިކައިރިއަށް ހުއްޓެމުން ވަރުދާ އަހާލިއެވެ. އެތަނަށް މީހަކު އައިއްޔާ އަންނާނެ ބޭނުން އެނގިހުރެމެއެވެ.
"ކޮޓަރިއެއް އެބަހުރިތަ؟" އެމީހާ އައިނު ނަގާފައި ލޯވެސް ފޮހެލިއެވެ.
ވަރުދާ ހައިރާންވެއެވެ. މިތަނަށް އެހާ މީހުން އަންނަނީ ކީއްވެހެއްޔެވެ؟ މިއީ އެއްވެސް މޮޅުކަމެއް ހުރި ތަނެއް ނޫނެވެ.  
"ތިންވަނަ ފްލޯރގަ އެބަހުރި 2 ކޮޓަރި. ސިންގަލްތަ ޑަބަލްތަ ބޭނުންވަނީ؟" ކައުންޓަރުމަތީގައި އޮތް ފޮތް ބަލަމުން ވަރުދާ އަހާލީ އެމީހާ ދެކެ ފޫހިވެފައި ހުރި ކަހަލަ ގޮތަކަށެވެ.
"ޑަބަލް.." އެމީހާ އައިނު އަޅާފައި ފޮތާއި ދިމާލަށް ބަލާލިއެވެ.
"ދެ ކޮޓަރިވެސް ޑަބަލްއެއްނު...؟" ފޮތް ބަލާލާފައި އެމީހާ ބުނެލިއެވެ. ސިންގަލްހޭ އެހިނަމަ ސިންގަލް ލިބުނީސްހޭ އަހާލާ ކަހަލަ ރާގަކަށެވެ.
"ދުވާލަކަށް -/150ރ." ވަރުދާ އަގު ބުނެލިއެވެ. އެމީހާ ކުރި ސުވާލަށް އެއްޗެއް ނުބުނެއެވެ.
އޭނައަށް އެނގެއެވެ. މިތަނަށް މީހުން އަންނަނީ އެހެންވެއެވެ. މާބޮޑަށް އަގުހެވީއެވެ. މި ޒަމާނުގައި މާލެއިން މި އަގުގައި ދުވަހު ކުއްޔަށް ތަނެއް ނުދޭނެއެވެ. އަނެއްކާ ކިތަންމެ ދުވަހެއް ވަންދެން ހުންނަން ބޭނުންވިޔަސް ކުރިޔާލާ ފައިސާ ދެއްކޭ ވިއްޔާއެވެ.
"އެންމެ ރަނގަޅު. 40 ދުވަހަށް" ދިވެހި ފައިސާއިން ބަރުވެފައި އޮތް ބާ ވޮލެޓެއް ޖީބުން ނަގަމުން އެމީހާ ބުނެލިއެވެ. ވަރުދާއަށް ބަލާލެވުނީ ވޮލެޓަށެވެ.
އަޖައިބެކެވެ. އެހާ ފައިސާ އެބަހުއްޓެވެ. އެކަމަކުވެސް މި ނޫންތަނެއް އޭނައަށް ހަމަ ނުފެނުނު ހެއްޔެވެ؟ ހުންނަންވެސް އެ އުޅެނީ ޢުމުރަށް ތޯއްޗެކެވެ. ދެން ގޮސް މަހު ކުއްޔަށް ތަނެއް ހިފައިގެން ހުންނަންވީ ނޫންހެއްޔެވެ؟
އެމީހާ އާއި ދޭތެރޭގައި ވަރުދާގެ ހިތުގައި އުފެދެނީ ހަމަ ފޫއްސެވެ.
"6 ހާސް ރުފިޔާ" މޫނާއި އެކު ނަޒަރުވެސް ދުރަށް އަނބުރާލަމުން ވަރުދާ އެބުނެލީ 40 ދުވަހުގެ ޖުމްލަ އަގެވެ.
އެ މީހާ އެއްޗެއް ނުބުނެ 6000ރ. ނަގާ ކައުންޓަރު މަތީ ބޭއްވުމަށްފަހު ފޮތުގައި ނަންލިޔަން ފެށިއެވެ. އެތަނުގެ ޤަވާޢިދުތައް ދަންނަ ، އެތަނަށް ވަރަށް ފަރިތަ މީހެއް ފަދައެވެ. ވަރުދާއަށް އެމީހާއަށް ބަލާލެވުނީ މިފަހަރު ޝައްކުގެ ނަޒަރަކުންނެވެ.
ފޮތުގައި އޮތް ނަމާއި ނަން ލިޔެފައި އޮތް ގޮތް ފަރުވާތެރިކަމާއެކު ބަލާލާފައި ވަރުދާވިސްނާލިއެވެ. "ހަސަން ނާޝިދު" އަކީ އަނެއްކާ މީ ކީއްކުރަން އުޅޭ މީހެއްބާވައެވެ.  ސިޔާސީ ކަންތައްގަނޑު ރާއްޖޭގައި ނުލާހިކު ބޮޑެވެ. މީ އަނެއްކާ އެކަހަލަ ކަމެއްބާވައެވެ.

ނަމާއި ފޯންނަންބަރާއި އެޑްރެސް ޖަހާ ފުރިހަމަކޮށްފައި ނާޝިދު ފަހަތަށް ޖެހިލިއެވެ. ކައުންޓަރުގައި އިން އަންހެން ކުއްޖާގެ މަސައްކަތް ނިމެންދެނެވެ. މާ ރުޅިވެސް ގަދަ ކުއްޖަކީ ކަންނޭނގެއެވެ. އޭނަ އައީއްސުރެން އޭނަ ދެކެ ރުޅިއައިސްފަ ހުރި ކަހަލައެވެ. ކުޑަކުޑަ މަންޖެއެކެވެ. ހެނދުނު 11 ޖެހިއިރުވެސް އަދި ސައި ނުބޮއި ހުރީ ކަންނޭނގެއެވެ. މިހާ ޅަ ކުދިންނަށް މި ކަހަލަ ވަޒީފާތައް ދެނީވެސް އަޅެ ކޮންބައެއް ހެއްޔެވެ. އަންހެން ކުދިންނެވެ. ނުދަންނަ ކިތައް މީހުން ދުވާލަކު ގައިމު މިތަނަށް އަންނާނެ ހެއްޔެވެ؟ އަނެއްކާ މިއިން ކުއްޖަކު ބިރުވެސް ނުގަންނަނީ ހެއްޔެވެ؟ ސަހަރޯއެވެ. މިއޮތީ ވާ ޒަމާނެކެވެ. އެކަކުގެވެސް ގޮތެއް ނޭނގޭނެއެވެ.   (ނުނިމޭ) 
------------------------------------------------***--------------------------------------------------------
** ނޯޓް: މި ވާހަކައަކީ ވާހަކަ ނުލިޔާތާ އަދި ލިޔުންތެރިކަމާއި ދުރުގައި އަޅުގަނޑު ހުންނަތާ ވަރަށް ދުވަސްކޮށްފައި ލިޔަން ފެށި ވާހަކައެކެވެ. އެހެންކަމުން ތިޔަ ބޭފުޅުންގެ އުފެއްދުންތެރި އަދި ބިނާކުރަނިވި ފާޑުކިޔުމާއި ހިތްވަރު ވަރަށް ބޭނުންވެއެވެ. ކޮމެންޓްގެ ސިފައިގައި މި ޕޭޖަށް، ނުވަތަ ފޭސްބުކް ޕޭޖަށް ކޮމެންޓް ކުރެއްވުން އެދެމެވެ. **
އަޅުގަނޑުގެ ފޭސްބުކް ޕޭޖަކީ : https://www.facebook.com/FathisthariSofaa އެވެ.
އަދި އަޅުގަނޑުގެ އެހެނިހެން ލިޔުންތަކުގެ ބްލޮގްއަކީ: http://fathisthari-notebook.blogspot.com/ އެވެ.

3 comments:

varah reethi soff
when is the next part ? cant wait to read
Soo happy to read your article after such a long time.
may Allah bless you always..

 

thafaathu reethi :)

 

V salhi :) hope will get next part soON

 

Post a Comment