FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

އަލިމަހުގެ ވިދުން - 3 ވަނަ ބައި



"ހޫމް....ދެން އެންމެ ރަނގަޅޭ. ކާލާ ކާލާ. އަން...މިހިރީ ސައިތަށިވެސް." ހޫނު ސައިތަށި ގާތްކޮށްލަދީފައި ހިނގައިގަތްއިރު އާސިފާއަށްވެސް ހުރެވުނީ ހިނިތުންވެއެވެ.
އެކަމުން އަހުމަދުއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
ނަމަވެސް އޭގެ ދެވަނަ ހިނދުކޮޅުގައި ބަތްތަށްޓާއި ދިމާލަށް އެނބުރުނުއިރު އަހުމަދުގެ މޫނުމަތިން އަނެއްކާވެސް ފެންނަންފެށީ ފިކުރުބޮޑުވެފައި ހުރި ގޮތެކެވެ.

"ބައްޕާ...." މިއަޑަށް އަހުމަދު ބަލާލިއިރު ޕަރީއެއްފަދަ ރީތި އޭނަގެ އަންހެންދަރިފުޅު ހުރީ ކާކޮޓަރީގެ ދޮރުމަތީގައެވެ. ބައްޕަ ނުފެންނައިރުވެސް ބައްޕައާއި ދިމާލަށް ހިނިތުންވެފައެވެ.


"އާދޭ ދަރިފުޅާ. ބައްޕަ މިއިނީ މޭޒުދޮށުގަ..." އޭނަގެ ދަރިފުޅަށް އޭނަ ކައިރިއަށް އައުމަށް ފަސޭހަވާނެހެން އިންދިމާ އަހުމަދު ބުނެލަދިނެވެ.
މާބޮޑު އުނދަގުލެއް ނެތް ނަމަވެސް، އަތުގެ އިހްސާސުން ދެނެގަންނަމުން އައިސް އަމީރާ މޭޒުކައިރިއަށް ހުއްޓިއްޖެއެވެ. އަހުމަދުއަށް އިނދެވުނީ އޭނަގެ ދަރިފުޅުގެ މަޢުސޫމް ހިނިތުންވުމަށް ބަލަހައްޓައިގެންނެވެ.

"ބައްޕަ ކޯޗެއް ތިކަނީ." މޭޒުގެ ކޮޅުގައި ހުރި ފިލާ ގޮނޑީގައި އިށީންނަމުން އާމިރާ އަހާލިއެވެ. އުފާވެރި ރާގަކާއި އެހާމެ ލޮބުވެތި އަޑަކުންނެވެ.

"ބައްޕަ ދެން ކާނީ ވަކި ކޯޗެއް. މަންމަ މޮޑެފަ ދިން ބަތްކޮޅަކާ ގަރުދިޔަކޮޅެއް މި ކާލަނީ.  ދަރިފުޅު ކަނީ ކޮން އިރަކުން." ބަތާ ގަރުދިޔައަކީ އަހުމަދުއަށް އެންމެ މީރު ކެއުމެވެ. އަދި އަންހެނުން އަތުން މޮޑެލާފައި ދީފިނަމަ އެއީ އަހުމަދުއަށްޓަކައި މިދުނިޔޭގެ އެންމެ މީރު ކެއުމެވެ. އެކަމަކުވެސް ދަރިފުޅު ހެއްވާލުމަށްޓަކައި އަހުމަދު އެހެން ބުނެލީ ފޫހި ރާގަކަށެވެ.

"ބައްޕަ ދެން ހަމަ މާ ނޫން ކަމަށް ހަދާފަ. ބައްޕައަށް މީރުވަނީ މަންމަ މޮޑުނީމަކަން އެނގޭ އަހަންނަށް." ހިނިއައިސް އިނދެ އަމީރާ އޭނަގެ ބައްޕައާއި ވާހަކަ ދައްކަމުން ދިޔައެވެ.
އަމީރާގެ ބައްޕައަކީ ފާއިތުވެދިޔަ ފަސް އަހަރުވެސް އަތޮޅުވެރިޔާއެވެ. އަތޮޅުގެ އެންމެން ޤަދަރުކުރާ ވެރިމީހާއެވެ. ރަށުގެ އެންމެންގެ ރުހުމާ ތާއީދާއި އިޙްތިރާމް ލިބިގެންވާ މީހާއެވެ. އެހެންނަމަވެސް ގޭތެރޭގައި އެއީ ދަރިފުޅު ދެކެ ލޯބިވާ ސަކަ ބައްޕައެކެވެ. އަނބިމީހާއަށް އޯގާތެރި ލޮބުވެތި ފިރިއެކެވެ.

"ހެހެހެހ...ދަރިފުޅުވެސް ދެން ކާން އުޅޭ. ހުރޭ ބައްޕަ އަޅާދޭނަން." މޭޒުމަތިން ތަށްޓެއް އަމީރާއާއި ކައިރިކޮށްލުމުގެ ކުރިން ބަތާއި ގަރުދިޔަ ތަށްޓަށް އަޅައިދޭން އަހުމަދު ފެށިއެވެ.

ބަތްތަށްޓާއި ދިމާލަށް ބަލަން އިނދެ މޮޑެގެން އަމީރާ ކަމުން ދިޔައެވެ. ފަރިތަކަމާއެކުގައެވެ. އަމީރާއަކީ ލޯފަންކުއްޖެއްކަމުގެ އެއްވެސް ނިޝާނެއް މިވަގުތު އަމީރާގެ ކިބައިން އެއްވެސް މީހަކަށް ނުފެންނާނެކަން އަހުމަދުއަށް ޔަގީނެވެ.
ލޯބިވާ ދަރިފުޅާއި ދިމާލަށް ބަލަން އަހުމަދު އަށް އިނދެވުނީ ފެންކަޅިވެފައި ހުރި ލޮލަކުންނެވެ. އެ ދަރިފުޅުގެ ރީތި ލޮލަށް ނުފެންނައިރުވެސް، ހިތަށް ފެނުން ދެއްވާފައިވާ ފުންމިނުގެ ކުޅަދުންވަންތަކަން ހިތަށް އަރާފައެވެ.

"ބައްޕަ ތިއިނީ ބަލަން ދޯ؟" އަމީރާގެ އަޑުން ތަނުގެ ހިމޭންކަން ނެތިގެން ދިޔައެވެ.
"ނޫނޭ..." ކުޑަކޮށް ކަރުކެހިލަމުން އަހުމަދު އިންކާރު ކުރިއެވެ.
" ހާދަ ދޮގުވަސް ދުވަޔޭ .." ނުބައި ވަހެއް ދުވުމުން ނޭފަތުގައި އަތް އަޅާލާހެން އަތް އަޅާލަމުން އަމީރާ ބުނެލިއެވެ. އަހުމަދުވެސް ހީލިއެވެ.

ދެބަފައިން އެކުގައި ތިބެގެން އެކިއެކި ވާހަކަތައް ދައްކަމުން ކަމުން ދިޔައެވެ.
އާސިފާއަށް އައިސް ވަދެވުނީ އަހުމަދު ކައި ނިމުނުތަނާއެވެ. އަމީރާ ކައިނިމެންދެން އެކިއެކި ވާހަކަ ދައްކާލަ ދައްކާލާ އަހުމަދު އިނީ ދަރިފުޅު އެކަނިކޮށްފައި ނުދާން ވެގެންނެވެ.

"އަމީރާވެސް ނިމިއްޖެ ދޯ؟" އާސިފާ އައިސް ވަނުމުން މޭޒުދޮށުން ތެދުވި އަހުމަދު ދިއްކުރި ފެންބޯތަށީގައި ހިފަމުން އާސިފާ އަހާލިއެވެ. ތަށީގަ އެންމެ ފަހަށް ހުރި އެތިކޮޅު ކާލާފައި އަމީރާވެސް ތެދުވެއްޖެއެވެ.

"ދަރިފުޅު ބަލައިގެން..." ދެބަފައިން ކެއިތަށިތައް މޭޒުމަތިން ނަގަން އާސިފާ ހުއްޓާ، އަތްދޮންނަ ބާލިދީ އާއި ދިމާލަށް ދާން ހިނގައިގަތް އަމީރާގެ ފައި ގޮނޑީގައި އަޅައިގަތްތަން ފެނި އަހުމަދުއަށް ސިހިފައި ގޮވާލެވުނެވެ.

"ބަލައިގެންނޭ މިއުޅެނީ..." އަޅައިގަތް ގޮނޑިން ރެކިގެން ހިނގައިގަންއިރު އަމީރާ ހުރީ އަނެއްކާވެސް ހަމަޖެހިފައެވެ. އަބަދުގެވެސް އާދައެވެ.

"ހިނގާ މަންމައާއެކު..." ދެއަތުން ތަށިތައް ހިފައިގެން ހުރެމެ އަމީރާގެ އަތުގައި ޖެހިގަންނަމުން އާސިފާ މިހެން ބުނުމާއެކު ވައަތުން މަންމަގެ މުލައްދަނޑީގައި ހިފައިގެން އަމީރާ ހިނގައިގަތެވެ. ތުއްތު އިރުއްސުރެން އެނގިފައިވާ ހަރަކާތަކަށްވާތީ ފަރިތަކަމާއެކުގައެވެ.

މަންމަގެ އެހީއާއެކު އަތްދޮވެ ހަދައިގެން މަންމަނިމެންދެން ހިނގައިނުގަނެ ހުރި އަމީރާ އާއި ތަށިތައް ދޮންނަމުން ކޮންމެވެސް ވާހަކައެއް އަމީރާއާއި ދައްކަމުން ދިޔަ އާސިފާގެ ޙަރަކާތްތަކަށް ބަލަން ހުރި އަހުމަދު ތުވާލިކޮޅުން އަތްފޮހެމުން އެ ދެމައިންނާއި ދޭތެރޭ ވިސްނަމުން ދިޔައެވެ. އޭނަގެ ލޯބިވާ ދަރިފުޅުގެ ނުކުޅެދޭ ޙާލާއި ދޭތެރޭގައެވެ.

އޭނަގެ ދަރިފުޅުގެ ޙަޔާތުން އެންމެ ދުވަހެއްވެސް މީހެއްގެ އެހީތެރިކަމާއި ނުލައި ނުއުޅެވޭނެއެވެ. ފެންނަ ފެނުމުގައި، ޙަރަކާތް ކޮށް އުޅުމުގައި، ހިނގާ ބިނގާވެ އުޅުމުގައި، ނުދަންނަ މީހަކަށް އަމީރާގެ އެއްވެސް ޙަރަކާތަކުން ލޯ އަނދިރި ކުއްޖެއްގެ ކިބައިން ފެންނާނެފަދަ އެއްވެސް އަސަރެއް ނުފެންނާނެކަން އޭނައަށް ޔަޤީނެވެ. އެހެންނަމަވެސް އޭނަގެ ދަރިފުޅަކީ ލޯ އަނދިރި ކުއްޖެކެވެ. އެއީ ހިތި ޙަޤީޤަތެކެވެ. ވަށައިގެންވާ އެއްވެސް ތަނެއް އޭނަގެ ދަރިފުޅަކަށް ނުފެނެއެވެ. އޭގެ ބަދަލުގައި އޭނަގެ ދަރިފުޅަކީ އަޅާ ކޮންމެ ފިޔަވަޅަކަށް އެހީތެރިކަން ބޭނުންވާ ކުއްޖެކެވެ.  

އެހެންވިޔަސް އަމީރާ އަކީ އޭނައާއި އޭނަގެ ލޯބިވާ އަންހެނުންގެ ލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ހުރިހާ އުފަލަކާއި ހަމަޖެހުމެއްގެ އަސްލެވެ. އެދެމީހުންނަށްޓަކައި އަމީރާ ދުވަހަކުވެސް ބޮޑު ނުވާނެއެވެ. ބުރައަކަށްވެސް ނުވާނެއެވެ. އަބަދުގެ އަބަދަށްވެސް އަމީރާއަށްޓަކައި އެމީހުން ތިބޭނެއެވެ. ދުނިޔޭގެ އެހެން ހުރިހާ އުފަލަކަށްވުރެ އެދެމީހުންނަށް އަމީރާއާއެކު އުޅުމުގެ އުފާ މާ ބޮޑެވެ. އެކަމަކު....

އެކަމަކު އެމީހުންނަށް އެ ދަރިފުޅަށް އެހީނުވެވޭ ދުވަހެއް އައިސްފިނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެމީހުން ނެތް ދުނިޔެއެއްގައި އެމީހުންގެ ދަރިފުޅު ޙާލުގައި ނުޖެހޭނެހެއްޔެވެ؟ އެމީހުންގެ ގައިބާރު ދޫވެ މުސްކުޅިވާ ދުވަހަކުން ވާނީ ކިހިނެއްހެއްޔެވެ؟ އަންހެން ދަރިއެކެވެ. އެފަދަ ދުވަހެއް އައިސްފިނަމަ ފިރިހެންދަރިއަކަށްވުރެން އުޅެންޖެހޭނެ ޙާލު ބޮޑުވާނެއެވެ.

އަތްފޮހެން ގެންގުޅުނު ތުވާލިކޮޅު ގޮނޑީގެ އަތްގަނޑުމަތީ ބާއްވާފައި ބަދިގެއިން ނުކުމެގެން އަހުމަދު ހިނގައިގަތެވެ. ބޮޑުވެ ޒުވާންވަމުން އަންނަ އަންހެންދަރިފުޅުގެ ޙަޔާތުގެ ކުރިއަށް އޮތްދުވަސްތައް އޮންނާނެ ގޮތުގެ ތަޞައްވުރެއް ހިތަށް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ. އެ ކުއްޖާގެ ނުކުޅެދޭ ޙާލަށްޓަކައި ހިތްދަތިވެ ހުރެގެންނެވެ.

އަމީރާއަށްޓަކާ މި ދުނިޔެއިން އެމީހުންނަށް ކޮށްދެވޭނީވެސް ވަކި ކީއްހެއްޔެވެ؟ އަމިއްލަ ހިތްހަމަޖެހުމަށްޓަކާ އަމީރާ އަމިއްލައަށް އެ ކުރާ ކަމެއް ފިޔަވައި އިތުރު ހިތްހަމަޖެހުމެއް އަމީރާގެ ނެތެވެ. އެކަމަކު އެއީ ތުއްތު އުމުރެވެ. ބޮޑުވަމުން އަންނަ ވަރަކަށް އަމީރާއަށްވެސް ކަންތައްތައް ބޭނުންވާނެއެވެ. ކިތަންމެ ސިއްރުންވިޔަސް ހިތާމަވެސް ކުރާނެއެވެ. ވެގެންވަންޏާ އެއްވެސް ހިތްދަތިކަމެއް އެދެމަފިރިންނަށް ނުވެސް ދައްކާނެއެވެ.

އޭނަގެ ދަރިފުޅުގެ ޙަޔާތުގައި އަބަދުވެސް ވާނީ އެކަނިވެރިކަމާއި އަނދިރިކަންހެއްޔެވެ؟ އުޖާލާކަމެއް ނައަންނާނެހެއްޔެވެ؟ އުފާވެރިކަމެއް ގެނެސްދޭން އޭނައަށް ކޮށްދެވޭނެ ކަމެއް ހަމަ ނެތީހެއްޔެވެ؟

ގޯތިތެރޭގައި ހުރި އުނދޯލީގައި އިނދެގެން އަހުމަދުއަދިވެސް ވިސްނަމުން ދަނީ އަމީރާއާއި ދޭތެރޭގައެވެ. އަމީރާގެ މުސްތަޤްބަލާއި ދޭތެރޭގައެވެ. އޭނައަށް ވެދެވޭނެ އެހީއެއް އޮތްތޯ ވިސްނެނީއެވެ.

އަމީރާއާއި ކައިވެނި ކުރާނެ ހެޔޮލަފާ ފިރިހެން ކުއްޖެއް ވާނެނަމައެވެ. ދުނިޔޭގެ އެއްވެސް މަންޒަރެއް ނުފެނުނު ނަމަވެސް އޭރުން އަމީރާގެ ހިތަށާއި ރޫޙަށް އުފާ އިހްސާސް ކުރެވޭނެއެވެ. އެކަނިވެރިކަން ފިލާނެއެވެ. މާޔޫސްކަން ކެނޑިދާނެއެވެ. ހިތުގެ ކޮންމެ އުދާހެއްވެސް ފާޅުކުރެވޭފަދަ ގާތްމީހަކު ހުންނާނެއެވެ.
އާނއެކެވެ. މީގެ ކުރިން މި ވިސްނުން އޭނައަށް ނައީ ކީއްވެހެއްޔެވެ؟
އޭނަގެ ދަރިފުޅަށްޓަކައި މިއީ އޭނައަށް ކުރެވޭނެ ކަމެކެވެ. އޭނަ އެކަން ކުރާނެއެވެ.

އެކަމަކު....
އެކަމަކު ލޯ އަނދިރި އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ޙަޔާތުގެ ހުރިހާ މަގެއްގައި ހިނގާނެފަދަ ފިރިހެންކުއްޖަކު މި ޒަމާނުގައި ހުރެދާނެހެއްޔެވެ؟ އެހާ ހިތްތިރި ތަޤްވާވެރި ކުއްޖަކު މިރަށުގައި އެބައުޅޭހެއްޔެވެ؟
ރަށުގައި އެފަދަ ކުއްޖަކު ހުރިއްޔާ އޭނައަށް އެނގެންވާނެއެވެ. އެފަދަ ކުއްޖަކު ހުރިތޯ އޭނަ ހޯދާނެއެވެ. އެކުއްޖެއްގެ ޢާއިލާއާއި ވާހަކަ ދައްކައިގެންވެސް އަމީރާއާއި ކައިވެނި ކުރުމަށް އެ ކުއްޖަކުގެ ރުހުން އޭނަ ހޯދާނެއެވެ. އޭނަގެ ދަރިފުޅަށްޓަކައި ކުޑަވިޔަސް އުފަލެއް ހޯދުމަށްޓަކައި ކޮންމެ މަގެއްގައި ހިނގަންވެސް އޭނަ ތައްޔާރެވެ.

ކުއްލިއަކަށް މި ވިސްނުނު ވިސްނުމަކުން އަހުމަދުގެ ހިތަށް ކުޑަހަމަޖެހުމެއް ލިބިއްޖެއެވެ. މިރޭ އެކަމާއި ބެހޭ ގޮތުން އަންހެނުންނާއި ވާހަކަ ދެއްކުމަށް އަހުމަދު ނިންމިއެވެ.
** ** ** ** **

ރޭގަނޑުގެ ނިދާ ގަޑި ޖެހިއްޖެއެވެ. އާސިފާ އިނީ އަމީރާގެ ދިގު އިސްތަށިގަނޑު ގަތައިދިނުމަށެވެ. ކޮންމެރެއަކުގެވެސް އާދައިގެމަތިންނެވެ.

"މިހާރު ރަނގަޅު ދޯ. އަން. އޮށޯވޭ އަވަހަށް." އުނަގަނޑަށްވުރެ ތިރިއަށް އޮންނަ ރާޅުބާނީ އިސްތަށިގަނޑު ގަތައި ނިންމާފައި އަމީރާގެ އަތުގަ ޖެހޭ ހިސާބަށް އިސްތަށިގަނޑު ޖައްސައިދެމުން އާސިފާ ބުނެލިއެވެ.

"މަންމަ ދެން ދޭ. އަހަރެން އޮށޯންނާނަމޭ." މަންމަ ގަތައިދިން އޭނަގެ އަމިއްލަ އިސްތަށިގަނޑުގައި އެ ހިމަ އިނގިލިތަކުން ބައްޓަން ކުރަމުން ހިނިތުންވެ އިނދެ އަމީރާ ބުނެލިއެވެ.
"މަންމައަށް ކާކު ދަސްކޮށްދިނީ މިހާ ރީތިކޮށް ބޯގަތަން." އާސިފާއަށް ސިހިފައި ބަލާލެވުނެވެ. ގަތާފައިވާ އިސްތަށިގަޑުގެ ރީތިކަން އަމީރާ ދިޔައީ ބަލަމުންނެވެ. ލޮލަކުން ނޫނެވެ. އަތުގެ އިނގިލިތަކުން ބީހި އިހްސާސްކުރަމުންނެވެ.
"މަންމައަށް ދަސްކޮށްދިނީ މަންމަގެ ދައްތަ" އަމީރާގެ ޙަރަކާތްތަކަށް ބަލަންއިރުކޮޅަކު ހުރެފައި އަމީރާގެ ސުވާލަށް އާސިފާ ޖަވާބު ދިނެވެ.
"ކޮބާ މަންމަގެ ދައްތަ މިހާރު؟ މިރަށަކަށް ނާދޭތަ ދުވަހަކުވެސް." އަމީރާ ސުވާލު ކުރިއެވެ.
"ކޮންމެވެސް ދުވަހަކުން އަދި އަންނާނެ. ދެން އޮށޯވެ . މަންމަވެސް ނިދަން ދަނީ." ދައްތަގެ ވާހަކައަކީ އޭނައަށް ދައްކަން ފަސޭހަ ވާހަކައަކަށް ނުވާތީ އާސިފާ ގަސްތުގަ އެ ވާހަކަ ހުއްޓާލީއެވެ.

އަމީރާގެ ކޮޓަރިން ނުކުތުމުގެ ކުރިން އާސިފާ އަދި އެއްފަހަރު އެނބުރިފައި ލޮބުވެތި ދަރިފުޅުގެ ހަނދެއްފަދަ އުޖާލާ މޫނަށް ބަލާލިއެވެ. އެނދުގައި އިށީނދެލައިގެން އިނދެ އަދިވެސް އިސްތަށިގަނޑުގައި އަތުން ފިރުމަމުން ދަނީއެވެ. ހިނދުކޮޅަކު ބަލަން ހުރެފައި އާސިފާ ނިކުންނަން ހިނގައިގަތެވެ.

އޮޅިގެންވެސް ކޮޓަރީގެ ސްވިޗްތަކާއި ދިމާލަށް އާސިފާގެ އަތެއް ނުދެއެވެ. އާނއެކެވެ. ކިތަންމެ ގަދަ އައްޔެއް ހުއްޓަސް އަދި އެއް އަލިކަމެއް ދުވަހަކު ނެތަސްވެސް އޭނަގެ ދަރިފުޅުގެ ދުނިޔޭގައި ހުރިހާ ތަނަކީ ކަޅު އަނދިރިކަމެވެ. ހޮޅިބުރި ނިވާކަށް އޭނަގެ ހިތަށް ނާރަނީ އެހެންވީމައެވެ.

އަމީރާގެ ކޮޓަރިން އާސިފާ އައިއިރު އަހުމަދު އޮތީ އަހުމަދުގެ އަމިއްލަ އެނދުގައި އޮށޯވެލައިގެންނެވެ. ނިތްކުރިމަތީގައި އަތްބާއްވާލައިގެން އޮތް ގޮތުން އަހުމަދު އެ އޮތީ ކޮންމެވެސް ވިސްނުމެއްގައިކަން އާސިފާއަށް އެނގުނެވެ. ދޮރުގެ ދެފަތް ލައްޕާ ތަންޑު އަޅުވާފައި އާސިފާ އައިސް އިށީނީ އޭނަގެ އަމިއްލަ އެނދުގެ ބަދަލުގައި އަހުމަދުގެ ކައިރީގައެވެ. އަހުމަދުގެ މަގަތުގައެވެ.

"އަމީރާ ނިދީތަ؟" އާސިފާ އައިސް އިށީނުމާއެކު އަހުމަދު އެހިއެވެ.
"އެބައިން އަދި. އެކަމަކު ދެން ނިދާފާނެ." އަހުމަދު އާއި ދިމާލަށް ބަލަން އިނދެ އާސިފާ ޖަވާބު ދިނެވެ.
އަހުމަދު ވަކި އެއްޗެއް ނުބުނެއެވެ.
"އަހުމަދު. ދެން ކޮންއިރަކުން އިންޑިޔާއަށްދާނީ؟" އަހުމަދު އާއި ދިމާލަށް ބަލަން އިނދެ އާސިފާ މިހެން އަހާލީ އާދޭހެއެއް އެކުލެވިފައިވާ އަޑަކުންނެވެ.
"އެއީ ކީއްކުރަން؟" އަހުމަދުގެ މޫނުމަތިން ފެންނަނީ އެއީ ކީއްކުރަންކަން އެނގޭކަހަލަ ކުލަވަރެކެވެ.
އާސިފާ ޖަވާބެއް ނުދެއެވެ. އެއީ ކީއްކުރަންކަން އަހުމަދުއަށް އެނގޭނެކަން އާސިފާއަށްވެސް އެނގޭތީއެވެ.

އާސިފާ އާއި އަހުމަދުގެ ދެމެދަށް ވެރިވީ ހިމޭންކަމެކެވެ. އިރުކޮޅަކު އެހެން އިނދެފައި އާސިފާ ތެދުވެގެން ހިނގައިގަތެވެ. އޭނަގެ އެނދަށް ދިއުމަށެވެ.

"އާސިފާ..." އާސިފާ ތެދުވެގެން ހިނގައިގަތުމުން އަހުމަދު ގޮވާލިއެވެ. އަންނާށޭ ބުނާ ރާގަކަށެވެ. އާސިފާ އެނބުރި ބަލާލުމުން އަތުގެ އިޝާރާތުންވެސް އައުމަށް ބުންޏެވެ.

"އިންޑިޔާގެ ކޮން ރަށަކަށް ނުދަނީ. ކިތައް ޑޮކްޓަރުންނަށް ދެއްކިއްޖެ؟ ކިތައް ދަތުރު ކުރެވިއްޖެ؟ " އާސިފާ އައިސް އިށީނުމުން އަހުމަދު ވާހަކަ ދައްކަން ފެށިއެވެ.
"އެހެންވިޔަސް...." އާސިފާ ބުނަން އުޅުނެވެ.
"އެހެންވިޔަސް އަދިވެސް ދެވިދާނެ. އެކަމަކު ހުރިހާ ޑޮކްޓަރުންވެސް ބުނަނީ އެކައްޗެއް. އަމީރާގެ ލޯ އޮޕަރޭޝަން ކުރެވޭކަށް ނެތް. ލޮލާއި ގުޅިފައި ހުރި ހުރިހާ ނާރަކާއި ހުރިހާ ކަމެއްގައިވެސް ވަނީ ލޮލަށް ފެންނަ އާދައިގެ އިންސާނަކާ އެއްގޮތް ކަންތަކެއް. ޓެސްޓް ތަކާއި ސްކޭންތަކާއި އެ ހުރިހާ އެއްޗަކުންވެސް ދައްކަނީ އަމީރާއަށް ފެންނަން ޖެހޭ ކަމަށް. ލޮލަކު ނެތް އެއްވެސް މައްސަލައެއް. އޮޕަރޭޝަން ކޮށްފައި ރަނގަޅު ކުރާނެ އެއްކަމެއްވެސް ނެތް. ބޭސް ފަރުވާއަކުން ކުރާނެ އިތުރު ރަނގަޅެއް ނެތް. އެހާވެސްއަމީރާގެ ލޯ ރަނގަޅު. މިހެނެއް ނޫންތަ ޑޮކްޓަރުން ބުނަނީ؟" އެދެމަފިރިން އަމީރާ ގޮވައިގެން ކުރި ކޮންމެ ދަތުރެއްގައިވެސް ޑޮކްޓަރުންގެ ފަރާތުން ލިބިފައިވާ ޖަވާބުތައް އަހުމަދު ތަކުރާރުކޮށްލިއެވެ.

"ދެން އެހެންވީމަ މިހެން ތިބެންވީތަ އަޅާނުލާ. މިހާރު އެހެރަ ބޮޑުވަނީ އެ ކުއްޖާ. މިއަހަރު ފަނަރަ އަހަރު ފުރޭނެ. ބޮޑު ކުއްޖަކަށް ވީމަ އެމަންޖެއަށް ކިހާ އުނދަގޫވާނެ އެކަނި އުޅެން. އެއްކަމެއްވެސް މީހެއްގެ އެހީއާއި ނުލާ ނުކުރެވޭ. އަހަންނަކަށް އެ މަންޒަރު..." އާސިފާއަށް ރޮވިއްޖެއެވެ. މަންމައެވެ. ދަރިފުޅަށްޓަކައި އަބަދުވެސް ހިތްބަލިވެފައި ހިތުގައިޖެހޭލެއް އަވަސްވާނެއެވެ.

"އެނގޭ އަހަންނަށް. އަހަރެންވެސް ދެރަވޭ. އެކަމަކު ނޭނގޭ ކޮންތާކަށް ކަމެއް އަމީރާ ގެންދަންވީކީ. ކިތައް ސަތޭކަ ޑޮކްޓަރުންނަށް ދެއްކިއްޖެތަ؟ ގައިމު އެންމެން އެ ބުނަނީ އެކައްޗެއް. ފެންނަން ވީމަ ފެނިދާނެކަމަށް." އަހުމަދު ހަނދާން ކޮށްދެމުން ދިޔައެވެ.

"އެއީ ކޮން އިރަކުން؟" އާސިފާ ނުރުހުނެވެ.
"އެ ވެދާނެ މިހާރު ކަމަށްވެސް. މާދަން ކަމަށްވެސް. ނޫނީ މީގެ ވިހި އަހަރުފަހުން ކަމަށްވެސް. ނޫނީ..."
"ނޫނީ ދުވަހަކުވެސް ނުފެނިދާނެ. ނޫންތަ؟" އާސިފާ އަށް މިހެން ބުނެވެނީ ނުރުހިފައެވެ. ﷲ މިންވަރު ކުރެއްވި އެ ގޮތުގައި އޭނަގެ ފިރިމީހާގެ އެއްވެސް ކުށެއް ނުވާ އިރުވެސް ރުޅިއައިސް ނުރުހުން ވެވެނީ ފިރިމީހާ ދެކެއެވެ. ވާހަކަ ދެއްކި ރާގުންނެވެ.

ޚުދު އަހުމަދު އެހެން އެވާހަކަ ދައްކަނީ އޭނަ ހަމަޖައްސަންވެގެންކަން އެވަގުތަކު އާސިފާއަކަށް ނުވިސްނުނެވެ.

"އެހެން ނުބުނޭ. އެއީއެއް ނޫނެއްނު އަހަރެމެން އެދޭ ގޮތަކީ. ތިކަހަލަ އެއްޗެހި ދުލުން ބުނާކަށް ނުވާނެ." އޯގާތެރި ކަމާއެކު އާސިފާގެ އަތުގައި ފިރުމަމުން އަހުމަދު ވިސްނައިދިނެވެ.
"ނޭނގެ ދެން. ކީއްވެ މިހެން ވާންވީ. ކީއްވެ އެ ކުއްޖާފުޅު އެހާ ހާލުގަ އުޅެން ޖެހުނީ. އެ މަންޖެއަށް ބަލިވެ އިންއިރު އަހަންނަށް ކުރެވުނު..." އޮށޯވެ އޮތް އަހުމަދުއާއި ދުރުފަރާތަށް އެނބުރިފައި އާސިފާއަށް ރޮއިގަނެވިއްޖެއެވެ.

"އާސިފާ. ތިހެން ނުބުނާށޭ ބުނީމެއްނު. އާސިފާގެ ކުށެއް ނޫނޭ އެއީ. އެއީ އިމްތިހާނެއް . އަހަރެމެންގެ އިމްތިހާނެއް. އަހަރެމެން ޖެހޭނީ އެ އިމްތިހާނުން ފާސްވާން. ކެތްތެރިކަމާއި އީމާންތެރިކަން ވަރުގަދަވެގެން އެ އިމްތިހާނުން ފާސްވާނީ. ހުއްޓާލާ. ނުރޮއި. ރޯކަށް ނުވާނެ." ޒުވާން ރީތި އަނބިމީހާގެ ހަށިގަނޑުގައި ދެއަތުން ވަށާލައި ހިތްވަރު ދެމުން އަހުމަދު މިހެން ބުނިއިރު ޚުދު އަހުމަދުގެ ދެލޯވެސް ވަނީ ކަރުނަ ހިލިފައެވެ.
މިއޮތްހުރިހާއިރުވެސް އޭނައަށް ވިސްނުނީ އާސިފާވެސް އެ ވިސްނާ ވިސްނުމެވެ. ހަމަ އެމީހުންގެ ދަރިފުޅާއި ދޭތެރޭގައެވެ. އެކަމަކު އޭނައަށްވުރެ އޭނަގެ ލޯބިވާ އަނބިމީހާއަށް ހިތްވަރާއި އޯގާތެރިކަން މާބޮޑަށް ބޭނުންވާނެކަން އަހުމަދު ދަނެއެވެ.

އިރުކޮޅެއްވަންދެން އަހުމަދުގެ މޭގައި ބޯއަޅައިގެން ރޯލަން އާސިފާ އޮތެވެ. ހަމައަކަށް އެޅުމާއެކު ތެދުވެ ހިނގައިގަތެވެ. އޭނަގެ އަމިއްލަ އެނދަށް ދިއުމަށްޓަކައެވެ.

"އުނހުނ...މިރޭ މި އެނދުގަ އޮންނަންވާނީ. އާދޭ. އޮށޯވޭ." އެންމެ މީހަކަށް ނިދޭވަރުގެ ޖާގަ ހުރި އެނދުގެ ބިއްދޮށަށް ޖެހި މަގަތުގައި އާސިފާ އޮށޯތުމަށް އަހުމަދު ތަންދެއްކިއެވެ. ރަކި ހިނިތުންވުމަކާއެކު އާސިފާވެސް އަހުމަދު އާއި ޖެހި ފިތިގެން އޮށޯވެއްޖެއެވެ.  އާސިފާގެ ކަރުނަވީ ދެލޮލުގައި ހުރި ކަރުނަތައް ފޮހެދީފައި އަހުމަދުވެސް އާސިފާގެ ހަށިގަނޑުގައި ރަނގަޅަށް ބައްދާލައިގެން ލޯމަރާލިއެވެ.

ކޮޓަރީގެ ދެފާރުގައި ދެ އެނދު ބަހައްޓާފައިވަނީ ދެމީހުންގެވެސް އެއްބަސްވުމުގެ މަތިންނެވެ. ޒުވާން ޢުމުރުގައި ލޯބީގެ ގޮތުން ގުޅިގެން ކައިވެނިކޮށް ޙަޔާތުގައި މިއަދާއި ހަމައަށްވެސް އާދަޔާ ޚިލާފު ލޯތްބަކާއި އޯގާތެރިކައެއް އެކަކު އަނެކަކަށް ދީގެން އުޅޭ އެ ދެމީހުންގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް އުޑާއި ބިމާހާއި ތަފާތު ދުވަސްތަކަށް ވާތީ، ދެމީހުންނަށް އަރާމާއި ނިދި ބޭނުންވާނީ އެކިމިންވަރަށްކަން އެމީހުން ޤަބޫލު ކުރެއެވެ. އިނދެގެން އުޅުނަސް، އަދި ކިތަންމެ ބޮޑު ލޯތްބެއް ވިޔަސް ނިންޖާއި ޢަރާމު ކުރުމުގައި ދެމީހުންނަކީވެސް ތަފާތު ދެމީހެއްކަމަށް އެމީހުން ވިސްނާތީ އެކަމާއި ވާހަކަ ދައްކައި ދެމީހުންގެ އެނދު ވަނީ ވަކިކޮށްފައެވެ. އެހެންނަމަވެސް އެއީ ހަމަ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައިވެސް އެކަކަށް އަނެއްމީހާގެ އެނދަށް ދެވޭ ގޮތަށެވެ.
އެނދު ވަކިވުމަކުން އެދެމެދުގައި އޮތް ގުޅުމަކަށް ބުރުލެއް ނައަރައެވެ. ލޯތްބަކަށް ހީނަރުކަމެއްވެސް ނާދެއެވެ.
މީހުން ބުނެފާނެ އެއްޗަކަށް އެމީހުން ނުވިސްނައެވެ. އެއީ އެމީހުންގެ އަމިއްލަ ކަމެކެވެ.

ޙަޔާތުގައި އުފުލަން ޖެހިފައިވާ ހުރިހާ ބުރައަކާއި ހިތާމައަކާއި ދުރަށް ދިއުމަށްޓަކައި ހުރިހާވެސް ހިތްވަރަކާއި ބާރަކީ އެދެމަފިރިންގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގާތްކަމާއި ލޯތްބެވެ.
މިއަދު މިހެންވިޔަސް މާދަމައަށް އެމީހުން އުއްމީދުކުރަނީ މިއަށްވުރެ ރަނގަޅުވާނެކަމަށެވެ.


** ** ** ** ** (ނުނިމޭ ) ** ** ** ** **

*** މި ވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ނުހިމެނޭގޮތަށް ކޮންމެ 2 ދުވަހުން 1 ދުވަހުއެވެ

3 comments:

vaahakaige thiryga |mivaahaka publish kurumah hamajehifaivany hukurudhuvas nuhimeney gothah konme 2 dhuvahun 1 dhuvahe| mihen jahaafa kyvvetha eothah nugenes dheny... vaahaka v rythi, ekam mihaa lahun genes shinyma shaugu verikan gelley....vaahaka publish nukuraathaa gin dhuvas vyma gina faharah blog balaalan ves handhaan nuhunna than aadhey... ehen vyma mikan rangalhu kollaane kamah ummeedhu kuran....:))

 

ey Ameera loa andhiree nooneetha, haadha heeveye ehen, dhen anehbai kiyaalan libeynee kon dhuvahakun. dhe endhu bahataigen nidhiyas ok vaane hama (Friender)

 

Post a Comment