FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 76 ވަނަ ބައި

 "ދިލްމާއަށް ގަބޫލުނުކުރެވެނީތަ އަހަރެން މި ދެއްކި ވާހަކަތައް؟" ހުސެންގެ އެދުމަށް ދިލްމާ އެއްޗެއް ބުނުމުގެ ކުރިން އެކަން ޔަގީންކުރަން ނަވީން ބޭނުން ވިއެވެ. އިނާގެ ހިތް "އަލުން ފަތަޙަކުރުމަށް" ޓަކައި ދިލްމާގެ ޔަގީންކަމާއި އިތުބާރު އޭނައަށް ވަރަށް މުހިއްމު ވެއްޖެއެވެ.

"އުނހުނ....." ކުރު ޖަވާބަކުން ދިލްމާ ނިންމާލިއެވެ.

"އެންމެ ރަނގަޅު. އެހެންވެއްޖިއްޔާ އަހަންނަށް ދެވެންވާއިރަށް އިނާއަށް ވިސްނައިދޭންވީނު؟" ނަވީން އުފާވިއެވެ. ދިލްމާ ގަބޫލުކުރީތީއެވެ. އުއްމީދެއް ލިބުނެވެ. އިނާއަށް ވިސްނައިދޭނެ މީހަކު ވީތީއެވެ.

"ނަވީން އަމިއްލައަށް ކިޔައިދިނަސް އިނާ ގަބޫލުކުރާނެ..." ފުރަތަމަ ފަހަރަށް ދިލްމާ ހިނިތުންވެލިއެވެ.
"ތިކަން ކުރާނެ ގޮތެކޭ ނޭނގެނީ...." ޙަގީގަތުގަވެސް އޭނައަށް ނޭނގެނީ އެކަމެވެ.

"މިފަޅިން ދާއިރު ރޫމް ނަންބަރު  22 ....  ނަވީން އަމިއްލައަށް ގޮސް ކިޔާދިނީމަ މާ ރަނގަޅުވާނެނު؟" އަދިވެސް ބޮޑަށް ހިނިތުންވެ އިނދެ ދިލްމާ ބުނެލިއެވެ.

ދިލްމާވެސް ހީކުރީ އޭނަ އެހެން ބުނުމާއެކު ނަވީން ފުންމައިގެން ތެދުވާނެ ކަމަށެވެ. ދުރު ފިޔަވަޅުތަކެއްގައި ހިނގައިގަންނާނެ ކަމަށެވެ. ނަމަވެސް ވީ ހީކުރި ގޮތެއް ނޫނެވެ. ނަވީން ހަމަ ބަލަހައްޓައިގެން އިނީއެވެ. ތި ސަމާސާ ކަމަކުނުދެއޭ ބުނާ ކަހަލަ ގޮތަކަށް، ދެފަހަރަކު ކުޑަކޮށް ބޯހޫރާލާފައި އަތުގައި އޮތް ފޯން ނަގާ ދާދި ކައިރީގައި ސޯފާމަތީގައި ބާއްވާލާފައި ގޮނޑިއަށް ލެނގިލީއެވެ. ހިތުގައި ހުރި އެތައް އުދާހެއް ބޭރުކޮށްލެވުމުން ހަށިގަނޑަށް ލުޔެއް ލިބުނު ފަދައކުން ހަށިގަނޑު ދަމާލިއެވެ.  
ދިލްމާ އެބުނި އެއްޗަކާއި މާ ބޮޑަށް ނަވީން އަޅާނުލާ ކަމުގެ ފުރިހަމަ ހެއްކެކެވެ.

"ނަވީން....ނުދާނަންތަ....؟" ދިލްމާ ބުނި އެއްޗަކަށް އަޅާނުލާ ނަވީން އިންތަން ފެނިފައި ހުސެންއަށް މަޑުން ނީނދެވުނެވެ. އަހާލެވުނީއެވެ.
"ކޮންތާކަށް....؟" ނަވީން އަހާލީ އާދައިގެ ގޮތަކަށެވެ.

"އިނާ.....22 ނަންބަރު ކޮޓަރި...." ދެބަސް ދޭތެރެ ދުރުކޮށް ހުސެން ބުނެލިއެވެ. އެދިމާލަށް އަތްދިއްކޮށްފައެވެ.
ދެންވެރިވެގެން ދިޔައީ ހިމޭން ކަމެކެވެ.
ނަވީންއަށް ބެލެނީ އެއްފަހަރު ދިލްމާއަށް އަނެއްފަހަރު ހުސެންއަށެވެ. ސުވާލެއް ކުރެވުނީ މާ ފަހުންނެވެ.

"އިނާ....؟ މިތާގަ.....؟" ނަވީންގެ ރަތްދޮންކުލައިގެ މޫނުން ދިލްމާއަށްވެސް ހުސެންއަށްވެސް ފެނިގެން ދިޔައީ ކުލަފަނޑުވެގެން ދިޔަތަނެވެ.

ހުސެން ބޯ ޖަހާލިއެވެ. ދިލްމާވެސް ބޯޖަހާލިއެވެ.
ނަވީން ތެދުވެއްޖެއެވެ. ނަމަވެސް އަނެއްކާ އަނެއްފަހަރުވެސް ދިލްމާ މެންނާއި ދިމާލަށް ބަލާލާފައި "ތިއީ ތެދެއް ދޯއޭ" އަނގައިން ނުބުނިނަމަވެސް އިޝާރާތުން އެމާނަކޮށްފައި ބޮލުގެ ހަރަކާތުން ނަވީން ސުވާލު ކޮށްލިއެވެ.

މިފަހަރުވެސް ދިލްމާއާއި ހުސެން އާނއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ހީލަމުންނެވެ. ދެމީހުންވެސް ފަހަތަށް ލެނގިލަމުންނެވެ.

"ލޮލުން ދެކެލަންވީނު....؟" އެކަން ޔަގީންކުރަން އެއަށްވުރެ މޮޅު ގޮތެއް ނޯންނާނެކަން ހުސެން އަންގައިދިނެވެ.

ނަވީން ހިނގައިގަތެވެ. އަހާކަށް އިތުރު ސުވާލެއް ނެތެވެ. ފަސްއެނބުރި ބަލައިވެސް ނުލައެވެ.

"އެފަކީރަށް ތިހާ ޙާލު ޖައްސަންވާނެތަ؟" ރޫމްތަކަށް ދާން އޮންނަ ހަނި ގޯޅިއަށް ވަދެ، އެމީހުންގެ ލޮލަށް ނަވީން ގެއްލުމުން، ނަވީންގެ މައްޗަށް ހަމްދަރްދީވެ ހުސެންއަށް ބުނެވުނެވެ.

"ހުސެންވެސް އެގޮތަށް އުޅެފިއްޔާ ވާނެ އެހެން..." ފިރިމީހާއަށްވިޔަސް، އިނާ ކުށްވެރިކޮށް އެއްޗެއް ނުބުނާން ވެގެން ދިލްމާ ބުނީ މިހެންނެވެ.  
އިނާ ކަންތައް ކުރި ގޮތް ރަނގަޅުވީމައެއް ނޫނެވެ. އެކަމަކު އެންމެ ގާތް ރަހްމަތްތެރިޔާ ވީމައެވެ. ނަވީން އެކިޔައިދިން ޙަގީގަތް ގަބޫލުނުކުރާތީއެއްވެސް ނޫނެވެ. ހަގީގަތް ނޭނގޭނަމަ އިނާއަށް ކަންތައް އެކުރެވުނު ގޮތަށް ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމަށް ދިލްމާ ގަބޫލުކުރާތީއެވެ.
ދިލްމާ ހުންނާނީ އަބަދުވެސް އިނާގެ ދިފާޢުގައިކަން ހުސެންއަށްވެސް ވިސްނުނެވެ.

"ގުޅާލަބަލަ އިނާއަށް....ނަވީން ދާކަން އަންގާލަންވާނެނު...." ވިސްނާލާފައި ރަނގަޅު ޚިޔާލެއް ހުސެން ހުށަހެޅިއެވެ.

"އުނހުނ...." ދިލްމާ އިންކާރު ކުރިއެވެ. 

"މިވަގުތު މިއައީ އަހަރެމެން އެއްވެސްމީހަކު ރާވައިގެނެއް ނޫން. ވީއިރު ، ތަގްދީރުގެ މި އިއްތިފާގް، އޭގައި ހުރި ލައްޒަތާއެކު އިނާއަށް އިހްސާސްވިޔަ ނުދޭންވީ ކީއްވެ ދޯ؟ މިވަގުތުގެ ފޮނި ރިހުމުން އެމީހުނަށް ލިބޭނެ ފޮނި ވޭނަކީ ލޯބިވާ ދެމީހަކަށް ކޮންމެހެންވެސް އިހްސާސްވާން ޖެހޭ ވޭނެއް ނޫންތަ؟" ކައިރިން ލާފައި ހިނގާފަ ދާ މީސްމީހުނަށް ނީވޭ ވަރަށް އެކަމަކުވެސް ހުސެންއަށް ވަރަށް ރަނގަޅަށް އަޑުއިވޭވަރަށް ސަމާލުކަމާއެކު ދިލްމާ ބުނެލިއެވެ. ލާނެތް ހިނިތުންވުމަކާއެކުގައެވެ.


މިހާރު ވަރަށް މޮޅުވެއްޖެއޭ ބުނާ ކަހަލަ ގޮތަކަށް ދިލްމާއަށް ބަލަހައްޓައިގެން އިން ހުސެން ފުން ހިނިތުންވުމަކުން ހިނިތުންވެލީއެވެ. އިތުރު އެއްޗެއް ނުބުނެއެވެ. ދިލްމާ އެބުނީ ތެދެއްކަން ގަބޫލުކުރެވުނުލެއް ބޮޑުކަމުންނެވެ.

އިނާއަށް ގުޅާފައި ނަވީން އެބަދެޔޭ ބުނުމުގެ ޚިޔާލު އެއްގޮތަކަށްވެސް ދިލްމާ ނުގެންގުޅެއެވެ.

** ** ** ** ** ** ** ** **

ދުރުދުރުގައި އަޅަމުން ދިޔަ ފިޔަވަޅުތަކަށް ބާރުލާފައި ގޮސް ނަވީން އެ ކޮރިޑޯއަށް ވަދެއްޖެއެވެ. ދޮރު ހުޅުވާލާފައި ނަރުހުން ތިބޭ ހިސާބަށް ދެވުމާއެކު ނަވީންގެ ލޮލުގައި އަޅައިގަތީ ކުޑަތަންކޮޅެއް ދުރުގައި އިށީނުމަށް ބަހައްޓާފައި ހުރި ގޮނޑިތަކާ ދިމާލުގައި ހުއްޓި ހުރި ފިރިހެން ކުއްޖާއެވެ.

އެއީ ހަމްދުހެއްޔެވެ.
ހަމްދުއަށް ވާނީ ކިހިނެއްހެއްޔެވެ؟
އެމީހުން މާލެ އަންނަން އޮތީވެސް މިރެއެވެ.
ހަމަ ހަގީގަތުގައިވެސް އިނާ އެ ހޮސްޕިޓަލުގައި އުޅެނީތާއެވެ. އެކަން ޔަގީނެވެ. އެހެންނޫންނަމަ މިތާގައި ހަމްދު ނުހުންނާނެއެވެ.

"ހަމްދު....؟" ހަމްދު ހުރީ އަނެއްކޮޅުގައި މާ ގިނަ މީހުން ހޭލަމޭލައަށް އުޅޭތީ އެ ދިމާލަށް ބަލަހައްޓައިގެންކަމުން، ނަވީން އައިތަނެއް ހަމްދުއަކަށް ނުފެނެއެވެ.
"މިތާ ކީއްތިކުރަނީ....އެކަނިތަ؟"  މިހެން ބުނަމުން ވަށައިގެން ބަލާލިއިރު އޭނައަށް ހުރެވުނީ 22 ނަންބަރު ކޮޓަރީގެ ދޮރުމަތީގައެވެ. ދިލްމާ ބުނި ބާވީސް ނަންބަރު ކޮޓަރި ކުރިމަތީގައެވެ.

"ކޮން ބައެއް އުޅެނީ...." ނަވީން ކުރިން ކުރި ސުވާލުގެ ޖަވާބު ހަމްދުއަށް އަދި ނުދެވެނީސް، ކޮޓަރީގެ ދޮރާއި ދިމާލަށް ހިނގައިގަންނަމުން ނަވީން އެ ކުރީ އަނެއްކާ އަނެއް ސުވާލެވެ.

ދޮންތައާ....." ދެން އިތުރު އެއްޗެއް ބުނުމުގެ މާނައެއް ނެތް ކަމަށް ވިސްނާފައި ހަމްދު ހުއްޓާލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަޑުއަހަން މީހަކު ނެތެވެ. އޭނަގެ ދޮންތަބެ އެ ކޮޓަރިއަށް ވަދެއްޖެއެވެ.

ބާވީސް ނަންބަރު ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ނަވީނަށް ލިބުނު ވަރުގެ ސިހުމެއް އެ ކޮޓަރީގެ އެތެރޭގައި ތިބި މީހުންނަށްވެސް ލިބުނެވެ. ކޮޓަރީގެ މެދުގައި ހުރި އެނދުގައި ދޮރަށް ފުރަގަސް ދީގެން އިނީ އިނާކަމާމެދުގަ އޭނައަކަށް ޝައްކެއް ނުވެއެވެ. އަދި ހަމަ އިނާ ކައިރީ މަގަތުގައި އިށީނދެގެން އިނީ ޝީލާ ކަމާއި ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެ އިނީ ޚާލިދުކަމާމެދުގަ ކުރާނީވެސް ކޮން ޝައްކެއް ހެއްޔެވެ. އެ އެންމެން އެތިބީ އޭނަގެކުރިމަތީގައެވެ. މާ ބާރަކަށް ދޮރު ހުޅުވާލި އަޑަށް ފަސްއެނބުރި ބަލަހައްޓައިގެންނެވެ.

ދޮރު ހުޅުވިގޮތަށް ހުޅުވައިގެން ނަވީނަށް ހުރެވުނީއެވެ. ފަސްއެނބުރި ބެލި އިނާ އޭނައާއި ވީ ފަރާތުން މޫނު އަނބުރާލަން ދެނެވެ. ދޮރު ލެއްޕެން ދޮރަށް އިޚްތިޔާރު ދީފައި ނަވީންއަށް އެ ކޮޓަރިއަށް ވަދެވުނީ ދަމާބާރަކުން ފަދައެވެ. އަދި އިނާ އިން އެނދާއި ދިމާލަށް ދެވުނީ އެއަށްވުރެ ބޮޑަށް ދަމާ ބާރަކުންނެވެ.

އިސްއޮބާލައިގެން އިން އިނާގެ މޫނު ފެންނަ ހިސާބަށް ގޮސްފައި ނަވީން ހުއްޓެވިއްޖެއެވެ. ހަމަ ބަލަހައްޓައިގެން ހުރެވުނީއެވެ. އެއްވެސް މީހަކު އެކައްޗެކޭވެސް ނުބުނެއެވެ. ދެންވާނެ ގޮތަކަށް ބަލަން ތިބީއެވެ.

ސިކުންތުކޮޅެއްފަހެވެ. ޚާލިދުގޮނޑިން ތެދުވެއްޖެއެވެ. ނަވީން ކައިރީގައި މަޑުކޮށްލިއެވެ. ހިތްވަރު ކުރާށޭ ބުނާ ކަހަލަ ގޮތަކަށް ނަވީންގެ ކޮނޑުގައި މަޑުމަޑުން ޖަހާލާފައި، ހިނގައިގަތީ އޭނައާއެކު ބޭރަށް އައުމަށް ޝީލާއަށް އިޝާރާތް ކުރަމުންނެވެ. ހަތަރު ފޫޓް ދުރުގައި ހުއްޓިގެން ހުރި ނަވީންގެ ބޫޓް ފެންނަވަރަށް އިސްޖަހައިގެން އިން އިނާއަށް،   ބައްޕަމެން ނުކުމެގެން ދިޔަތަންވެސްފެނުނީ އެމީހުންގެ ފިޔަވަޅުންނެވެ. އެމީހުން ދާތީ އިނާ ވަކި އިތުރު ޙަރަކާތެއް ނުކުރެއެވެ.

ކޮޓަރީގެ ދޮރު ލެއްޕުނު އަޑު، ނަވީނަށްވެސް އިނާއަށްވެސް އިވުނެވެ. ނަމަވެސް ޙަރަކާތެއް ކޮށްލަން އެކަކަށްވެސް ނޭނގިފައިވާ ކަހަލައެވެ. ނޫނީ ކުރަން ބޭނުން ނުވަނީއެވެ. ނަވީން އަދިވެސް  ބަލަހައްޓައިގެން ހުރީއެވެ.

ހުދުކުލައިގެ ހެދުމެއްގެ މަތީން، މަޑުހިތިފެހިކުލައިގެ އެހާމެ މަޑުފޮތީގެ އަތް ދިގު ޖެކެޓެއް ލައިގެން އިން އިނާ ހާދަ ތަފާތެވެ. މިވީ މަހެއްހާ ދުވަސް ތެރޭގައި އުފަލުން ފުރިގެން އުޅެފައި އައި ފަދައެވެ. ދުނިޔޭގެ އެންމެ ރީތި އެންމެ ސާފު ފެންއާރުން ފެންވަރައިގެން، އެންމެ ރީތި ބަގީޗާއިން ހުވަނދުލެވިގެން އައިސް އިންފަދައެވެ. ރީތިކަން އިތުރަށް ފުރިހަމަވެފައިވެއެވެ. ވަގުތާއެކުވެސް، ކުލަފަނޑުކަމެއް މިލުމެއް މޯޅިވުމެއް އައިސްފައި ނުވާ ތާޒާ ހުދު ފިނިފެންމަލެއްފަދައެވެ.

ކެރި ނުކެރި އިނދެ ކަހަލަ ގޮތަކަށް އިސް އުފުލާ ނަވީންއާއި ދިމާލަށް އިނާއަށް ބަލާލެވުނީ ވަރަށް ހިތްވަރުކޮށްގެންނެވެ. އިނާއަށް ފެނުނީ ހައިބަތު ހުރި ޒުވާންކަމާއި ފަރިކަމުން ފުރިގެން ހުރި ނަވީންގެ ދެލޯ ފެންކަޅިވެފައި ހުއްޓައެވެ. އެންމެ މަޑު އަޅިކުލައިގެ ގަމީހަކާއި ކަޅު ފަޓްލޫނެއްގައި ފުލް ބެގީގައި ހުރި އިރުވެސް ވަރުބަލިވެފައިވާ މޫނެކެވެ. ތާޒާކަމާއި ހަމަޖެހުން ގެއްލިފައިވާ ލޮލެކެވެ. އެހެންނަމަވެސް ތުންފަތް މަތީގައި ލުއި ހިނިތުންވުމެކެވެ.

ނަވީން ހުރީ އިނާ އޭނައާއި ދިމާލަށް ބަލާލަންދެން ކަހަލައެވެ. ދެޖީބަށް އަތް ޖަހައިގެން ހުރެ އިނާއާއި ދިމާލަށް ހިނގައިގަތެވެ. އިނާއަށް ނަވީނާއި ދިމާލަށް ބަލަން އިންނާކަށް ނުކެރުނެވެ. ނޭނގި ކުރެވޭ ޙަރަކާތެއްގެ ގޮތުން އަތުގައި އޮތް ނަވީން އަޅުވައިދިން އަނގޮޓިއާއި ކުޅެވެން ފެށުނެވެ. އިސް ނުއުފުލާ އިންނަމަވެސް އޭނަކައިރިއަށް އައިސް ނަވީން ހުއްޓުނުކަން އިނާއަށް އެނގެއެވެ. އަތުގެ ޙަރަކާތް ހުއްޓި އަނގޮޓިއާއެކު އެ އިނގިލީގަ އަނެއް އަތުން ހިފައި ބާރުކޮށްލެވުނެވެ. އަމިއްލަ އިހްސާސްތަކަށް މަޑުމައިތިރިވުމަށް އިންޒާރު ކުރަމުންނެވެ.

ނަވީން ގޮސް މަޑުމަޑުން އިށީނީ އިނާ ކައިރީގައެވެ. ދާދިގާތުގައެވެ.
ނަވީން އޭނަގެ ކަނައަތް ޖީބުން ނަގާފައި އިނާގެ އަތުގައި ހިފަހައްޓައި، އިނާގެ އެއްއަތުން އަނެއް އަތަށް އެކުރާ ތަދު ހުއްޓުވިއެވެ. އަނގޮޓި އަޅާފައި އޮތް ވައަތްތިލައިގައި ހިފައި ބާރުކޮށްލިއެވެ. ނަމަވެސް ހަމަ އެވަގުތު އިނާ އޭނަގެ އަތް ދަމައިގަންނަން އުޅެގެންފިއެވެ.

ދެންވީ އިނާ ހިތަށްވެސް ނައަރާ ގޮތެކެވެ. އޭނަގެ އެއް އަތްތިލައިގަ ހިފައިގެން އިން ނަވީން ކުއްލިއަކަށް އޭނަގެ ކުރިމައްޗަށް އައިސް އޭނަގެ ދެފައިކައިރީއަށް ތިރިވެ އޭނަގެ ދެ އަތްތިލަވެސް ހިފެހެއްޓިއެވެ.

"މަޢާފްކޮށްދީ އިނާ....އަހަންނަށް ނޭގި ކުރެވުނު ހުރިހާ ކުށަކަށް މަޢާފްކޮށްދީ.....!!!  " އޭނަގެ ކުރިމައްޗަށް އައިސް އެގޮތަށް ތިރިވުމުން، ހުރަހަކާ ނުލާ ފެންނަން ހުރި އޭނަގެ މޫނަށް ބަލަން އިނދެ ނަވީންއަށް މިހެން ބުނެވުނުއިރު، އަޑު ބެދިގެން ގޮސް ވަނީ އެކަށް ކުރެހިފައެވެ. އަސަރުންގޮސް ބަރުވެފައެވެ. ނަވީންއަށް ކޮށްފައިވާ ފުން އަސަރާއި ވޭނުގެ އިހްސާސް ނަވީންގެ ރަތްވެފައިވާ ދެލޮލުން އިނާއަށް ކިތަންމެ ރަނގަޅަށްވެސް ފެނެއެވެ.

"މަޢާފްކޮށްފަ އެނބުރި އާދޭ...އިނާއާ ނުލާ އަހަރެން...." ކުރިން ނުދޭން އުޅުނު ނަމަވެސް މިހާރު އެއްވެސް ޙަރަކާތެއް ނުކޮށް އިން އިނާގެ ދެ އަތްތިލަކުރިޔަށް ގެނެސް އެ ދެއަތްތިލައިގައި ބޮސްދެމުން ނަވީނަށް ބުނެވުނީ މިވަރަށެވެ. ނަވީންއަށް ގިސްލެވިއްޖެއެވެ. ނަވީނަށް ކެތްނުކުރެވިގެން ރޮއިގަނެވިއްޖެއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް ފަދައެވެ.

އިނާގެ މެޔާއި ހިތް ތެޅިފޮޅިގަތެވެ.
ނަވީންއަށް އެވީ ކީއްހެއްޔެވެ؟
އޭނަގެ ނަވީން.....!!!
އޭނަގެ ފިރިމީހާ އެ އިނީ އޭނަގެ ފައިބުޑުގައެވެ. އިސްޖަހައިގެން އިނދެ ރޮނީއެވެ. އާދޭސްކޮށްފައި އެ އެދެނީ މަޢާފަށެވެ. އެ ރީތި ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް ގުޑުން އަރާފަދަ ގިސްލުމަކުން ގިސްލެވެނީއެވެ.
އޭނަދެކެ އެފަދަ ދަރަޖައަކަށް ނަވީން ލޯބިވޭހެއްޔެވެ؟ އެފަދަ ލޯތްބަކާ ގުރުބާނީއެއް އޭނައަށް ޙައްޤު ވޭހެއްޔެވެ؟

އިނާއަށް މާގިނައިރަކު ކެތެއް ނުކުރެވުނެވެ. އޭނަގެ އަތްތިލައިގައި ހިފަހައްޓައިގެން އިން ނަވީންގެ އަތުގައި ހިފައި ތަޅުވައިގަތެވެ. އޭނަގެ ފައިބުޑުގައި އިނދެގެން އެގޮތަށް މަޢާފަށް ނެއެދޭށޭ ބުނާ މާނައިގައެވެ. ނަވީންގެ ޖާގައަކީ އެއީ ނޫން ކަމާއި ކިތަންމެ ބޮޑު ކުށެއް ކުރިނަމަވެސް ނަވީންއަށް އެހާ ބޮޑު އަދަބެއް ދޭން އޭނަގެ ހިތާއި ލަގޮނޑިއަށް ކެތެއް ނުވެއޭ ބުނާ މާނައިގައެވެ.

"ނަވީން....ނޫން...." އިނާގެ ދުލުން އޭނަގެ ނަން ކީ އަޑު އިވުމުން އިނާގެ ކަކުލުގައި ނިތްކުރިޖެހިފަ އިން ނަވީންގެ މޫނު އުފުލާ ބަލާލިއެވެ. ނަވީންއަށް ފެނުނީ އިނާގެ ދެލޯކަރުނުން ފުރިފަ ހުރިތަނެވެ. ނަވީންގެ ހިތް އޮޔާ ހިނގައްޖެއެވެ. އެ ކަރުނައިގެ އެންމެ މުތީއެއްވެސް އެ ރީތި ލޯ ދޫކޮށް ފޭބުމުގެކުރިން އެ ކަރުނަތައް ހުއްޓުވަން ނަވީން ބޭނުން ވިއެވެ. ވަރަށް އަވަސް ޙަރަކާތަކާއެކު ތެދުވެ، އިނާގެ މޫނު ގެނެސް މޭގައި ޖައްސައި ބާރުކޮށްލިއެވެ. އެނދުގައި އިށީނދެއިން އިނާގެ ހަށިގަނޑު އޭނަގެ އަތުތެރެއަށް ގެނެސް ވަށާލައިފިއެވެ. ނަވީންގެ ހަށިގަނޑުގައި އިނާގެ އަތް ވަށާލެވުނީ އެއްވެސް ލަހެއް ފަހެއް ނެތިއެވެ. އޭނަގެ މަގާމަކީ ނަވީންގެ މޭފަދައެވެ. ނަވީންގެ ހިތާއި ފުރާނައަކީވެސް އިނާގެ ފަދައެވެ.

އެތަކެއް އަހަރުތަކެއްވަންދެން ދުރުގައި ތިބި ދެލޯބިވެރިޔަކުފަދައިން ، އެކަކުގެ ބީހުމުގެ އިހްސާސް އަނެއްމީހާއަށް ނުލިބިހުރި މުއްދަތުގައި އުނިވެފައިވާ މިންވަރު އަންދާޒާ ކޮށްލެވުނީ ދެނެވެ. މިހުރިހާ ދުވަހު އުޅެމުން އާދެވުނީ ވަރަށް "ހުސް" ދުވަސްތަކެއްގައި ކަމާއި ކޮންމެ ދުވަހަކީވެސް އެކަކު އަނެކެއްގެ މީރުވަހުން ފުރާލައިގެން އުޅެންޖެހޭ ދުވަސްތަކެއްކަން ހިތަށް ތަސައްވަރު ކުރެވުނީވެސް ދެނެވެ. ދުރުގައި ތިބުމަކީ ޙައްލެއް ނޫން ކަމާއި، އެއީ ވޭނެއްކަން ވިސްނުނީވެސް އެކެއްގެ އަތުގެ ގައިދަށް އަނެއްމީހާއަށް އާދެވުމުންނެވެ.

މިކަން އެންމެ ބޮޑަށް ޔަގީންވެފައި ވަނީ ނަވީނަށްފަދައެވެ. އިނާގެ މޫނު އުފުލާލާފައި އިނާގެ ނިތްކުރީގައި ނަވީން ބޮސް ދިންގޮތުން މާނަ ކުރެވިގެން ދިޔައީ މިގޮތެވެ. ލޯބީގެ އިންތިހާއީ ޝުޢޫރަކުންނެވެ. ދެދުނިޔޭގައިވެސް އެކުގައިވާން އޭނަ ބޭނުންވާ އޭނަގެ ލޯބިވެރިޔާ ފެނުމުންނެވެ. ޝުކުރުވެރިވުމުގެ ނިމުމެއް ނެތް އިހްސާސަކުންނެވެ. އެ ލޯބިވެރިޔާ އެނބުރި އައި ކަމަށްޓަކައެވެ.

"ނުވެސް ބުނެލާ އިނާ ދިޔައީ ކޮންތަނަކަށް.... ފާޑެއްގެ ސިޓީއެއް ދީފަ..." ހިނދުކޮޅެއްގެ ގާތްކަމަށްފަހު، އިނާގެ ކައިރީގައި އިށީނދެ އިނާގެ މޫނުގައި ދެއަތުން ހިފައި އެ ރީތި ކޮލުގައި، އަތުގެ ބޮޑު އިނގިލިން ފިރުމަމުން ނަވީން އަނެއްކާވެސް ޝަކުވާ ކުރަން ފެށިއެވެ. ގެއްލިފައި ހުރި ލޯބިވެރިޔާ ފެނުމުން، އެފަދަ ކޮންމެ ލޯބިވެރިޔަކަށްވެސް ކުރެވޭނެ ލޯބީގެ ޝަކުވާއެވެ.

އިނާ ބުނާނީވެސް ކީކޭހެއްޔެވެ؟ އޭނަ ދެކެ ނަވީން އެ ވާ ފުން ލޯބީގެ އަސަރުން އަނެއްކާވެސް އޭނަގެ ލޯ ފެންކަޅިވީއެވެ. މައާފް ކުރާށޭ ބުނަމުން ލޯމަރާލެވުނީ އޭނަގެ މޫނުގައި ހިފަހައްޓާފައިވާ ނަވީންގެ އަތްތިލައިގެ އިހްސާސް ލިބިގަތުމަށް އަދިވެސް ބޮޑަށް އެދެވެމުންނެވެ. އެ އަތްތިލައިގައި މަޑުމަޑުން ފިރުމާލަމުންނެވެ.
ހުރިހާ ފަހަރަކީ ވާހަކަ ދައްކަން ފަސޭހަ ފަހަރެއް ނޫނެވެ. އަދި ހުރިހާ އިހްސާސަކީ ބަސްތަކަކުން ބުނެދެވޭނެ އިހްސާސްތަކެއްވެސް ނޫނެވެ. ބައެއްކަހަލަ ވާހަކަތަކާއި އިހްސާސް ތަކަކީ ލޮލުން ފެނި ހިތަށް އަޑުއިވޭ ކަންތައްތަކެވެ. އިނާގެ އަނގައިން ނީވުނު ނަމަވެސް އިނާ ބުނަން ބޭނުންވި ހުރިހާ އެއްޗެއްވެސް ނަވީނަސް އަޑުއިވިއްޖެއެވެ.

"އޯވހ......." އަނެއްކާވެސް އިނާގެ ލޯ ފެންކަޅިވިތަން ފެނިފައި ނަވީންގެ ހިތަކަށް ކެތެއް ނުވިއެވެ.
ކުރިއަށް ޖެހި އިނާގެ ރީތި ދެލޮލުގައި ވަކިވަކިން ބޮސްދިނެވެ. ކަރުނަތައް ފޮހެދިނެވެ. ދެން ބަލަހައްޓައިގެން އިނދެވުނީ ހިނދުކޮޅަކުއެވެ. އަނެއްކާވެސް އޭނަގެ އަތުތެރެއަށް އިނާ ގެނެސް ބާރުކޮށްލެވުނީ ދުވަހަކުވެސް އެގޮތަށް ނުދައްޗޭ ބުނަމުންނެވެ. އެ އިސްތަށިގަނޑުގެ އަސީރަކަށް އޭނަ ވެފައިވާ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައީ، ދުވަހަކުވެސް ނުރޮއްވާނަމޭ ބުނެ ވަޢުދު ވަމުންނެވެ. އެތަކެއްފަހަރުއެވެ. އެތަކެއް ރާގުގައެވެ. އިނާއަށް އެކަނި އިވޭ ވަރަށް ވައި އަޑުންނެވެ. މަޑުމަޑުންނެވެ.

"ޔޫ ޝުޑް ނެވަރ ޑޫ ދެޓް..." އަނެއްކާވެސް އޭނަގެ އަތުތެރެއަށް އިނާގެ މޫނު ގެނެސް ބަލަން އިނދެ ނަވީން ބުނެލިއެވެ. އެގޮތަށް އޭނަ ދޫކޮށްފައި ދިޔަ ދިއުން ކުށްވެރި ކުރަމުންނެވެ.

އިނާ ވަކި އެއްޗެއް ނުބުނި ނަމަވެސް ލަދުރަކި ހިނިތުންވުމަކުން ހިނިތުންވެލިއެވެ. އެ ލަޠީފީ ހިނިތުންވުމުން ނަވީންގެ ހިތްވެސް ނަވީނަށް ގެއްލިގެން ދިޔައެވެ. އިނާގެ ލޯބީގެ މަސްތުގައި ރަނގަޅަށް ގައިދުވެއްޖެއެވެ. އިނާގެ މޫނާއި ކަނދުރާގެ އެތަންމިތަނުގައި ލޯތްބާއެކު ބޮސްދެމުން، ލޯބިވާ ވަރު އަންގައިދޭން އެކިއެކި ތަޢުރީފްގެ ބަސްތައް ބުނަން ފެށިއެވެ. ނަވީންގެ އެ ފިރުމުންތަކާއި ތަޢުރީފްތައް އިނާއަށް ބަލައިގަނެވުނީ ގަސްތަކާ ނުލައެވެ. އެދެމެދުގައި އުފެދުނު ޙަގީގީ މައްސަލައާއި ގުޅޭ ގޮތުން އެދެމީހުން އަދި އެއްވެސް ވާހަކައެއް ނުދައްކާ އިރުވެސް، އިނާއަށް އިނދެވުނީ ރުހިގެންނެވެ. ނަވީން ބަލައިގަނެވުނީ އުޒުރުވެރިވުމެއް ނެތިއެވެ. އެތެރެއަށް ލާ ކޮންމެ ނޭވާއެއް ބޭރަށް އަންނާނެ އުޞޫލުން ނަވީންގެ ކޮންމެ ފިރުމުމަކަށް، އިނާގެ އެތަކެއް ޙިއްޞު ހޭލަމުން ދިޔައެވެ.

ދެލޯބިވެރިންނެވެ. ޒުވާން ދެމަފިރިންނެވެ. ހުރިހާ ގޮތަކުންވެސް ލާމެހިފައިވާ ދެ އިންސާނުންނެވެ. އެހެންކަމުން، ނުފެނިތިބި ދުވަސްތަކުގެ ސަބަބުން އެ ދެމެދުގައި ވަނީ އެކަކު އަނެކެއްގެ ކިބައިން އާދަޔާ ޚިލާފު ބޮޑު "ލިބިގަތުމަކަށް" ބޭނުންވެފައެވެ. އެކަކު ނެތް ތަނުގައި އަނެކާގެ ހިތަށް ކުރި ފުން އަސަރާއި ހަނދާންވި ވަރާއި އުނިވި މިންވަރު ބަޔާންކުރުމުގައި އިސްކޮށް ހުރީ ނަވީންކަމުގައި ވިޔަސް، ޙަރަކާތުންނާއި ބަލާލާ ގޮތުން، އިނާގެ ހިތުގައިވާ ހުރިހާ އަޑެއް ނަވީނަށް އިވެމުން ދިޔައެވެ.

"މާ ބަސްނައަހާން ތިއުޅެނީ ކީއްވެ؟ " އިނާއާއެކު ހޭދަކުރި "މީރު" ވަގުތުކޮޅަށްފަހު، އެނދުންފައިބައިގެން، އިނާ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެ އިނާގެ އަތްތިލައަށް ކުޑަކޮށް ތަދުކޮށްލަމުން ނަވީން އަހާލިއެވެ. ސަމާސާ ރާގުގައެވެ.

"ނަވީން ކަންތައް ކުރިގޮތުން ބަސް ނައަހާން މަޖްބޫރުވީ..." ހިނިތުންވުމަކާއެކު އަތް ދަމައިގަތްނަމަވެސް،  އިނާ އެހެން ބުނެލި ގޮތާއި ލޮލުގެ ހަރަކާތުން އިނާގެ ހިތުގައި ބައިވަރު ސުވާލުތަކެއް ހުރިކަން ނަވީނަށް އެނގުނެވެ.

އޭނަގެ ފަރާތުން އިނާއަށް ދެންމެ ލިބުނު ލޯތްބާއި ފިރުމުންތަކަށްފަހު، ނުރުހޭ މޫނަކާއެކު އޭނައާއި ކުރިމަތިލުމަކީ މިވަގުތު އިނާއަށް ނާދިރުކަމެއްކަމާއި އެހެން ނޫންނަމަ އޭނައަށް އިނާ ދޭނީ އެ ޖަވާބު ނޫންކަންވެސް ނަވީން އަށް ވިސްނުނެވެ.

"މިތާ ކީއް ކުރަނީ؟ އިނާއަށް ކިހިނެއްވީ..؟" އިނާގެ ހިތުގައި ހުރި ސުވާލުތަކާއި ދޭތެރޭ ނަވީނަށް ވިސްނާލެވުނު ނަމަވެސް އެހުނީ އެކަމާއި ގުޅުން ހުރި ސުވާލެއް ނޫނެވެ.
އާނއެކެވެ. މި ތިބެވުނީ ހޮސްޕިޓަލެއްގެ ކޮޓަރިއެއްގައި ކަމާއި، މިތަނަކީ ބަލިނުވަންޏާ އެއްވެސް މީހަކު އައިސް އިންނާނެ ތަނެއް ނޫންކަން ނަވީނަށް ހަނދާންވީ އަދި ހަމަ ކިރިޔާއެވެ.

"ކިހިނެއްވީ ހޮސްޕިޓަލަށް އައީ....ކޮން އިރަކު އައީ...؟" ވަށައިގެންވާ ކަންތައްތަކަށް ވިސްނާލެވެން ފެށި ހިސާބުން ނަވީންގެ ސުވާލުތައް ގިނަވާން ފެށިއެވެ. އިނާ ހަމަ އަނގައިންވެސް ނުބުނެއެވެ.

"ބުނެބަލަ....ކިހިނެއްވެގެން މިތަނަށް " އޭނައަށް ފެންނަ ފެނުމުގައި އިނާ ކުރިއަށްވުރެ ރީތި ވެފައި ފުރިހަމަވެފައި ހެން ހީވި ނަމަވެސް، ކޮންމެވެސް ކަމެއް އިނާއަށް ވެއްޖެކަމަށް ނަވީން ނިންމިއެވެ. ކައިރީގައި ހުރި ކުޑަ ކަބަޑުމަތީގައި އެއްވެސް ބޭހެއް ހުރިތޯވެސް ނަވީން ބަލާލައިފިއެވެ. ނެތެވެ. އިނާ ބަލިކަމަށް ހެކިކޮށްދޭނެ އެއްވެސް އެއްޗެއް ނެތެވެ.

މި ހުރިހާ ދުވަހުވެސް މާލޭގަ ދޯ ހުރީވެސް....ވަރަށްމޮޅު ޕްލޭނެއް ތިއީ ކޮންމެއަކަސް..." ކަބަޑުމަތީގައި ހުރީ ކޯޗެއްތޯ ބަލަމުން ނަވީންވާހަކަ ދައްކަމުން ދިޔައެވެ.
އިނާ އެތަނުގައި އެ އިނީ ކީއްވެގެންކަން ލަފާކޮށްލަންވެސް ނަވީނަށް ނޭނގޭނެކަން އިނާއަށް ޔަގީންވާތީ، ތަންތަން ހޯދާ ބަލަން ނަވީން ފެށުމުންވެސް އަޅާލާކަށް އިނާ ގަސްތެއް ނުކުރިއެވެ.

"އިއްތިފާގުން އަހަނަށް މިއަދު ދިލްމާ ނުފެނުނުނަމަ އަހަންނަށް ނޭނގުނީސް ދޯ އަދިވެސް. އަނެއްކާ ރޭގަވެސް އިނާ ބައްޕައާއި އަހަރެން ވާހަކަވެސް ދެއްކިން. އެކަމަކު ނުބުނެޔޭ މާލޭގަ އުޅޭ ވާހަކަ. ތީގެތެރޭގަ ނެތް މީހަކަށް ދޫކުރާނެ މީހެއް ނެތް." ތަންތަން ބަލަބަލާފައި އައިސް އަނެއްކާވެސް އިނާ ކައިރީ އިށީނދެފައި ނަވީން ބުންޏެވެ. އިނާގެ ހެދުމަކާއި ދެ ކިރު ޕެކެޓާއި 1 ޖޫސް ޕެކެޓާއި ކުޑަ ދެ ފެންފުޅީގެ އިތުރު އެއްޗެއް އެތާގައި ނެތެވެ.

"ނަވީން ކީއްވެ ކުރިކަމެއް އެއީ.....؟" ނަވީން ދެއްކި ވާހަކައަށް ސަމާލުކަމެއް ނުދީ އިނާ ކޮށްލީ އޭނަ ކުރަން ޖެހޭ ސުވާލެވެ. އޭނަ އޮޅުންފިލުވަން ޖެހޭ ކަންތައް އޮޅުންފިލުވަން ފެށިއެވެ.

"ތިއީ ވަރަށް ދިގު ވާހަކައެއް...ފަހުން ކިޔައިދޭނަން. ދިލްމާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމަ އިނާ އުޅޭވާހަކަ ބުނީ. އަހަރެންގެ ކުށެއް ނެތްކަން ދިލްމާ ގަބޫލުނުކުރާނަމަ އިނާ އުޅޭކަމެއް ނުބުނާނެއެއްނު. ދިލްމާ ގަބޫލުކޮށްފިއްޔާ އިނާވެސް ގަބޫލުކުރާނަމެއްނު. އެވާހަކަ ދޫކޮށްލާފަ ބުނެބަލަ.....ކިހިނެއްވީ މިތަނުގަ؟" އިނާ އިށީނދެއިންއިރު ކުރިމަތީ ގޮނޑީގައި އިނދެ އިނާގެ ފައިގައި ފިރުމަމުން ނުހަނު ލޯބިން ނަވީން އަހާލިއެވެ.

އިނާއަށް އެއްޗެއް ބުނެވުމުގެ ކުރިން ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކިޖަހާލާފައި ދޮރު ހުޅުވާލީ އިނާގެ މަންމައެވެ.

"ދަރިފުޅު ދާންވީމަ ގޮވާލާތި...މަންމަމެން އެބަތިބިން މިތާ...." އެތެރެއަށް ނުވަދެ ދޮރުމަތީގައި ހުރެފައި މިހެން ބުނެލާފައި އަނެއްކާވެސް ޝީލާ ހިނގައްޖެއެވެ.

"ދާންވެފަތަ ތިއިނީ...ހިނގާ ގެއަށް ދާން. ކޮން ގެއަކަށް ދާނީ. އިނާ ބޭނުމިއްޔާ އަހަންނާއެކު އަހަރެން ގެއަށްވެސް ދެވިދާނެ....އެކަމަކު މަޖްބޫރެއް ނޫން...." ޝީލާ އެހެން ބުނެފައި ދިއުމުން ނަވީނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އިނާއަށް ކަމެއް ނުވާ ކަމާއި އެތިބީ ދާންވެފައިކަން އެނގުމުން ނަވީނަށް ތަސައްލީއެއް ލިބުނެވެ. ކޮޅަށް ތެދުވެވުނީ ހިތް ފުރިގެންނެވެ.

"އަހަރެންގެ ފޯން ކޮބާ...؟" ދިލްމާމެންނާއެކު އިން އިރު އެތާ ބާއްވާފައި އާދެވުނު އޭނަގެ މޮބައިލް ފޯން މަތިން ނަވީން ކުއްލިއަކަށް ހަނދާން ވިއެވެ.
"އަންނާނަން ހިފައިގެން....ދިލްމާމެންކައިރީ ކަމަށްވާނީ..." އިނާގެ ހިތުގެ ޙާލު އެއްވެސް ވަރަކަށް ނޭނގި ހުރި ނަވީން އިނާގެ ކޮނޑުގައި ފިރުމާލުމަށްފަހު ފޯން ބަލާ ދާން ހިނގައިގަތެވެ.

"އަހަރެން ބޭނުމެއް ނޫން ނަވީންއާއެކު ދާން...." ބޭރަށް ނުކުންނަން ދޮރާއި ހަމައަށް ދެވިފައި ހުއްޓާ އިނާ މި ބުނި އެއްޗަކުން ނަވީންގެ ފިޔަވަޅުތައް ބިމުގައި ހަރުލި ކަހަލައެވެ.
ދޮރުގައި ހިފި ގޮތަށް ހުރެވުނީއެވެ.

** ** ** ** ** ** ** (ނުނިމޭ) ** ** ** ** ** **




25 comments:

hurraaaaaaaaaaaaaaaaaay.. shukuriyyaaaa ithubaaru gelluvaanuleetheeee .. love u hameshaaaaaaaaaaaaa ummeeeeeeeeeeeees

 

fahee : nooooooooooooooooooooo ina pls ehen nahdaaaaaaaaaa dhen dhey naween aa ekuga.. ina haadha boa haru vejjey! thiyaee hama e madu maithiri basmadhu ina tha?? inaaaaaaaaaaaaaaaaaaaaa naween ge hithah dhen ehaa thdhu nukurey.. feels like i was in the room too.. greatu partu..

 

parween : wish i cud gv million likes to this!!!!!! soo soooooooooooooperbbbbbbbbbbbb ..

 

eh partah vure aneh part maa salhi... mi part adhi vakin salhi, dhen vaanee kihineh baa??????
Sofaa haadha molhey dw ahremenge hiy thalhuvaalan... anekka vx e ninmaalee ehaa hiy thalhuvaalaafaa... v v v v nice mi part... sifa kurunvx v salhi... thankew sofaa :D

 

alhey varah varah varah reethi mibai ves sofa. varah varah varah bodah thanks mibai ves ehaa avahah up kureema. dhuvaalaku ethah ethah faharaku balaalevey in tho. alhe maadan up koh dehchey ingey pls. pls pls pls pls pls pls pls pls

 

Mariyam Majdha alhey.. ina kihaa dhera kamehtha!!!!!!!!! :((((((((((((

 

Shiya Shareef : nice story

 

Sajy Abdul Wahhab
ur phone call is superb.. i will give million stars to the story.. keep up the gud work dear.. wish u all de best always :))

 

Xishu Xiu lurv this story...♥

 

shifa
thumbs up! dhen ina ekamu naveen dheke ehaa loabi vaa iru keeve tha thihen thi hadhanee esorah... rulhi madukoffa dhen hageegaiy olhun filuvaba.. eyrah thi misunderstandings thah hingai dhaane ey....
sofa dhen aneh bai ves maa gina dhuvas nukoh genes dhechey... kihaa hithun keh madhu vefa mihireeeee........

 

immi .. eo veegotheh. rovijje hama huvaa :( kuri fun asarakun.. haadha dhera ey.. wen is the next part fathis thariyaa?

 

nOwshan...
dhen dhen dhen dheloa karunun furijje sofaaaaaa...naveeen ah ehen nahadhaa dhennn...:'(...:P..
no words to say...its just Out of the wOrld...super duper..thankew thankew million times soff ♥...sOOn sOOOn plzzzzzzzzz :P

 

shaxx:
alhey...shax rovvaaleenun thi...mulhin lagondi ah thadhuvehjje....inaa keehvetha ehaa goi dhoo nukuranee....vehjjenun dhen goi dhookuran alhe.....dhen preg vaahakves alhe e kuhjjaa nubunyehnnu dhw.....vaahaka nimen dhw mi ulhenee dhen.... shax ves hee kuree 22 nanmaru kotari ey bunaairah dhuvefa dhaane kamah... ekam eheneh nehedhi ehnnu naween eh... adhi hama jehilaafa godeega idheenee dhw eynaves.........
varah ves alhi ingey.....god bless you soff...vaahaka dhen upkohdheynee kon dhuvahakuntha sofff.......

 

varah reethi mibai, maadhamaaves liyaalan aa baeh libeynekamah heekuran,(enme alhaigathee alhikuraige gamees) varah reethi kulaeh abadhuves, dhen hama 22 no room ga dho INA ves othee, hehehe, salhi mibai,thanks
(friender)

 

great great love story....vara kamudhee:)

 

Neeno -{ ina ehkamaku ehen nahadhabala.. naween kaari buney dhen ekun boda nahaakaa. ina ah ihusaas kurevyetha emme furathama bappa akkah vaan ulheykan egumun firihenunge hithah kuraa asaru? anhenunah ves nukureve ekey nubunnan ekamaku . naween fadha maai insaanakkah thiyahen hadhan heyovaanee kihineh.. i am so antharees hama.. kaivenee ge mathiveri gulhumakun gulhigen, ekaiveneege meerukamaa fonikamaa lazzathuge sababun furaa furihamavegen ,thiya bageechaagai folhen thayyaaruvamundhaa lobuvethi maluge vaahaka naween kaareega bunelabala. ina thibaa akee naseebuveriakah nunee nuvaane.. evaruge maaih ihusaasthakeh hissaanukkoh sikuntheh ves nagaanulaa..aadheyskuran..

 

hal : can hardli wait for 77 .. nicely done fathis thari.

 

sof.. v rythi vahaka... v kiyahithun indha thi ninmaly.. wen next part...

 

ދެން ކިހިނެއްބާވާނީ! މިހާރު މިއޮތީ ހަމަ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފަ!.... އަވަހަށް އަނެއްބައި ކިޔާލަން ލިބޭނެކަމަށް އުންމީދުކުރަން.

 

rovi'jje mi bai kiyaafa. v.v.v.reethi ingey. can't wait for the next episode. splendid :D

 

sofaaaaa ehen nuhadhaa magey naween..ma hithuga haadhahaa jeheyey, vaahaka eh kiyain hithah asaru kuri hama ekani vaahaka, ehen nahadhaga alhe sofaa,hama buneemaves hama buneemaves buneemaves,hmph..soppulhee!!! upkolahchey maadhanves,v busy koh ulhemun mi lap dhoshuga isheenna komme faharaku mi blogah vannan eba..v fakkaa vaahaka eh mee..(aayaa)=D

 

Alheyyyyyyyyyyyyyyyyyy....vvv gina faharuves keedhaane eha ves reethi...pls up the other episode

 

varah salhi ....dhen avahah vygoth inaa ah angaala dheeba............loving this

 

koba aneh bai...haadha dhuvahekey

 

mee koh fontahtha

 

Post a Comment