FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 7 ވަނަ ބައި

 އެވަގުތު ދެން ބަލާލެވުނީ ޒިޔާދުގެ ކާރު ކުރިމަތީގައި އަނެއްކޮޅުގައި އޮތް ކާރަށެވެ. އޭނަ ކުރިން ބަލާނުލީ ކީއްވެހެއްޔެވެ؟ އެއީ ހަމަ ކުރީގެވެސް ނަވީން ދުއްވާ ކާރެވެ. ނަވީންއަށް ދިރާގުގެ ފަރާތުން ދުއްވުމަށްޓަކައި ދީފައި އޮންނަ ރިހިކުލައިގެ ކާރެވެ. ކާރުގެ ކުރީކޮޅު ހަމަ އެއްކޮށް ހަލާކުވެ ފުނޑުފުނޑު ވެފައެވެ. އެއާއި ޚިލާފަށް ޒިޔާދު ދުއްވި ކާރުގެ ކުރީކޮޅުން ބައެއް ކޮންމެވެސް ވަރަކަށް ބަނޑިވެފައި ހުރުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ލިބިފައިހުރިހެނެއް ހިއެއް ނުވެއެވެ. ކާރަކީ ކޯޗެއްކަން އޭނައަށް މާ ބޮޑަށް ނޭނގުނު ކަމުގައިވިޔަސް މިވަރު އިނާއަށް އެނގުނެވެ.
އަނެއްކާ...........އަނެއްކާ މިއީ ގަސްދުގައި "ހިންގި" އެކްސިޑެންޓެއް ނޫންބާވައެވެ.
އިނާގެ ހަވަނަ ހިއްސު އޭނައަށް އެއްޗެއް ވިސްނައިދިނެވެ. ހިތުގައި ހިނގި ބިރުވެރި އޮއިވަރެއްގެ ސަބަބުން ޒިޔާދުއާއި ދިމާލަށް ބަލާލެވުނީ ނުސީދާ ނަޒަރަކުންނެވެ. ނަސީބެކެވެ. ޒިޔާދު ހުރީ އޭނައާއި ދިމާލަށް ބަލާކަށް ނޫނެވެ. ކަންބޮޑުވެ ރުޅިއައިސްފައި ޒިޔާދު ހުރީއެވެ. ހީވާގޮތުން ބައްޕަ ނަވީންއާއި ވާހަކަ ދައްކާފައި ނިމިގެން އަންނަން ދެނެވެ. މާނައަކީ ޒިޔާދު ރުޅިއައިސް އެހެރީ އަސްލު އެކްސިޑެންޓްވުމުގެ ސަބަބަކުން ނޫނެވެ. ޒިޔާދު އަސްލު ރުޅިއައިސް އެހެރީ ނަވީން ދެކެއެވެ. އެކަމަކު ކީއްވެ ހެއްޔެވެ. ޒިޔާދުގެ ކުށެއް ނެތް ހެއްޔެވެ.

ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެކަމަކު އިނާ ގަސްތުކުރީ އެވަގުތު އިތުރު ސުވާލެއް ނުކުރުމަށެވެ. ޒިޔާދުގެ މޫޑު ރަނގަޅު ނޫންކަން ފާޅުގައި އެނގޭތީއެވެ. އެހެންކަމުން އިނާ ގަސްތުކުރީ ޒާހިރު އާއިއެކު ގެއަށް ދިއުމަށެވެ. ޒިޔާދު ކައިރީ ދަނީއޭ ބުނަން އެނބުރިލި ވަގުތަކީ ޚާލިދުވެސ ނަވީން އާއި ވާހަކަ ދައްކަން ހުރެފައި އެމީހުންނާއި ދިމާލަށް އެނބުރިލި ވަގުތެވެ.

"
ދަރިފުޅު އެބައުޅެމުދޯ؟ އިނާ ގޮވައިގެން ޒިޔާދު ގެއަށް ދޭ. ބައްޕަ މިކަންތައް ހަމަޖައްސާލާފަ ގެއަށް ދާނަން." އިނާ ފެނުމުން އިނާ އުޅޭކަން ފާހަގަކޮށްލާފައި ޒިޔާދުގެ ބުރަކަށީގައި އަތްޖައްސައިގެން އެއްފަރާތަކަށް ހިނގައިގަންނަމުން ޚާލިދު ބުނި އަޑު އިނާއަށް އިވުނެވެ. އޭނަ ދާން ޖެހެނީ ޚާލިދު އާއި ޒިޔާދުގެ ފަހަތުން ކަމަށްވިޔަސް އިނާއަކަށް ހިނގައި ނުގަނެވުނެވެ. އެނބުރި ބަލާލެވުނީ ނަވީންއަށެވެ.

އެތަނަށް އެއްވެފައިވާ މީސްމީހުންގެ ސައިކަލްތަކުގެ ލައިޓްތަކުން އަލިވެފައިވާތީ ނަވީންގެ މޫނު ވަރަށް ސާފުކޮށް އިނާއަށް ފެނުނެވެ. އެ މޫނުން ފެންނަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ. އިނާ އާއި ދިމާލަށް ނަވީން ބަލަހައްޓައިގެން ހުރި ބެލުމުގައި އެކުލެވިގެން ވަނީ ކޮން މާނައެއްކަމެއް ވިސްނައިގަންނާކަށް އިނާއަށް ފަސޭހައެއް ނުވިއެވެ. އެހެން ނަމަވެސް އެ ބެލުމުގައި "ކީއްވެ" މިހެން ލިޔެވިފައި ހުރިކަން އިނާއަށް އެނގުނެވެ. އެ ކީއްވެ އަކީ ކޮންކަމަކާއި ގުޅޭގޮތުން އުފެދުނު ކީއްވެއެއްކަމެއް ނޭނގުނު ނަމަވެސް ނަވީންގެ ނަޒަރާ އެ ހުރި ގޮތަށް ބަލާއިރު ފެންނަނީ މިގޮތެވެ.

ނަވީނަށްޓަކައި އިނާގެ ހިތުގައި ކުޑަކުޑަ ރިހުމެއް އުފެދުނެވެ. އެއީ ނަވީންގެ ކާރު އެހާ ބޮޑަށް ހަލާކުވީމަ އެކަމާ ދެރައިން ހެއްޔެވެ؟ އަމިއްލަ ރަށް ނޫން ރަށެއްގައި ނަވީންގެ ނަމާއި ގުޅުވައިގެން ދައްކާނެ ވާހަކަތަކެއް ފެތުރޭނެކަން އެނގޭތީހެއްޔެވެ؟ ނޫނީ ކީއްވެހެއްޔެވެ؟ އިނާއަކަށް ނޭނގެއެވެ. އެކަމަކުވެސް އެ ރިހުން އުފެދިއްޖެއެވެ.

އިނާ އަށް އަނެއްކާވެސް ބައްޕަ އާއި ޒިޔާދު ކޮބައިތޯ ބަލާލެވުނެވެ. ކޮންމެވެސް ވާހަކައެއްގައި އެއްފަރާތެއްގައި ތިއްބެވެ. އިނާ ގަސްދުކުރީ އެތަނަށް ނުގޮސް ބައްޕަ ދައްކާ ވާހަކައެއް ދައްކައި ނިމެންދެން ދުރުގައި މަޑުކޮށްލުމަށެވެ. ނަމަވެސް ޒިޔާދުއަށް ބެލެމުން ދިޔައެވެ. ޒިޔާދުގެ ހަރަކާތް ހުރި ގޮތުން ހީވަނީ ކޮންމެވެސް ވާހަކައެއް ގަބޫލު ނުކުރެވިގެން އުޅޭހެންނެވެ. ޒިޔާދުއަށް އެހާ އުނދަގޫވެގެން އުޅެނީ ކޮން ކަމެއް ހެއްޔެވެ؟

އަނެއްކާވެސް ބަލާލެވުނީ ނަވީން އާއި ދިމާލަށެވެ.
މިފަހަރު އިނާ ބަލާލިއިރު ނަވީން ހުރީ އެތަނަށް އައިސް ތިބި ފަސްވަރަކަށް ޕޮލިހުންގެ ތެރެއިން ޕޮލިހަކު ދައްކަމުން ދިޔަ ވާހަކައެއް އަޑު އެހުމުގައެވެ. އެ ޕޮލިސް މީހާގެ އަތުގައިވާ ކުޑަފޮތެއްގައި ކޮންމެވެސް އެއްޗެއް ނޯޓް ކުރަމުންވެސް ދިޔައެވެ. މި މައްސަލަ ބޮޑު މައްސަލައަކަށް ވާނެކަން އިނާއަށް އެނގުނެވެ. އަނެއްކާ މި އެކްސިޑެންޓަކީ ކާކުގެ އިހްމާލުން ވީ ކަމެއް ބާވައެވެ. މިހެން ހިތަށް އެރުމުން އެއްފަހަރު ނަވީންއަށް އަނެއްފަހަރު ޒިޔާދުއަށް ބަލާލެވުނެވެ.

އެވަގުތަކީ އަތުގެ ހަރަކާތުން އައުމަށް ޚާލިދު ގޮވާލި ވަގުތެވެ. އިނާ އަވަހަށް އެ ދިމާލަށް ހިނގައިގަތެވެ.
"
ދަރިފުޅު ދޭ. މިހާރު މަންމަވެސް ހުންނާނީ ކަންބޮޑުވެފަ. ބައްޕައަކަށް ހިއެއް ނުވޭ އެހާ ފަސޭހައިން މިކަން ނިމޭނެހެނެއް. ބައްޕަ ހުރިއްޔާ ކަންނޭނގެ ރަނގަޅުވާނީވެސް. ޒިޔާދު އާއެކު އަވަހަށް ދޭ. " އިނާ އައުމުން ޚާލިދު މިހެން ބުނުއްވިއެވެ. އެކަމަކު އެތަނުން އެހާ ފަސޭހައިން ދާން ބޭނުން ނުވާކަން ޒިޔާދުގެ މޫނަށް ބަލާލުމުން އިނާއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެއީ އިނާ ވާން ބޭނުން ގޮތެއް ނޫނެވެ. އިތުރު ޑްރާމާއެއް އެތަނުގައި ނުކުޅުނަސް މިވަގުތަށް އެތާގައި ހިނގާފައި އެވާ ބޮޑު އެކްސިޑެންޓްވެސް އެ ރަށުތެރޭގައި ހަފްތާއަކަށް ދެއްކޭނެ ވާހަކަތަކަށް ފުދެއެވެ.

"
ހިނގަ ދާން ޒިޔާދު" ވަރަށް ހިތްވަރުކޮށްފައި އިނާ ބުނެލައިފިއެވެ. ނަސީބެކެވެ. އިތުރު އެއްޗެއް ބުނުމަކާ ނުލާ ޒާހިރު ދުއްވަން އިން ކާރާއި ދިމާލަށް ޒިޔާދު ހިނގައިގަތެވެ. ހަރު ފިޔަވަޅުތަކެއްގައެވެ. އިނާވެސް ޒިޔާދުގެ ފަހަތުން ހިނގައިގަތެވެ. އެހެންނަމަވެސް ހިނގައިގެންފައި ކުއްލިއަކަށް ކަމެއް ހަނދާންވެގެން އެނބުރިލާހެން ޒިޔާދު އެނބުރިލާފައި އިނާގެ އަތުގައި ހިފިއެވެ. ހިނގައިގަތީ ދެން އޭގެ ފަހުންނެވެ.

އެކަމަކު އިނާއަށް ދެން އެވީ ކީއްހެއްޔެވެ. އެތަނަށް އައިސް ޒިޔާދު ފެނުމާއެކު ގޮސް ޒިޔާދުގެ އަތުގައި ހިފައި ވީކީއްތޯ އަހާ ދާން ހިނގާށޭ ބުނެ ހެދި އިނާއަށް މިފަހަރަކު ޒިޔާދުގެ އެ ހަރަކާތަކާއި ގަޔާ ނުވެވުނެވެ. ވަށައިގެންވާ މީހުންގެ މޫނަށް ބަލާލެވުނީ ސިއްރުވެރި ނަޒަރަކުންނެވެ. ދެން މަޑުމަޑުން ޒިޔާދުގެ އަތުގެ ތެރެއިން އަތް ދަމައިގަނެވުނެވެ. އޭރު އައިއިރު ހުރެވުނު ހާސްކަމުގެ ސަބަބުން ވަށައިގެންވާ މީހުންނާއި ދޭތެރޭވެސް އިނާއަށް އޭރު ސަމާލު ނުވެވުނީ ކަންނޭނގެއެވެ. ޔަގީނެވެ.

އިނާ އަތް ދަމައިގަތުމުން ޒިޔާދު އެނބުރި ބަލާލި ނަމަވެސް އިތުރު އެއްޗެއް ނުބުނެއެވެ. ފިޔަވަޅެއްގެ ހުއްޓުމެއް އައިނަމަވެސް އެއަށްވުރެ ގިނަ އިރެއް ނުވެއެވެ. އަނެއްކާވެސް ހިނގައިގަތެވެ. އިނާވެސް ހިނގައިގަތެވެ. އެހެންނަމަވެސް.....އަނެއްކާވެސް.....ލޯކުރިމަތިން ގެއްލުމުގެ ކުރިން ބަލާނުލައެއް އިނާއަކަށް ނުހުރެވުނެވެ. އެންމެ ފަހު ފަހަރަށް ނަވީންއާއި ދިމާލަށް އިނާ ބަލާލިއެވެ. އިނާއަށްވެސް ފެނުނީ ނަވީންވެސް އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓައެވެ. އެކަމަކު އެއީ ހަމައެކަނި އެ ހާދިސާ ހިނގިތަނުން ދުރަށް ދެވެން ދެނެވެ. ޒިޔާދު އާއިއެކު އިނާ ގޮވައިގެން ކާރު ނައްޓާލައިފިއެވެ.

ގެއަށް އައި މަގުމަތީގައި އެކަކުވެސް އަނގައަކުން ނުބުނެއެވެ. އިނާ ފުރަތަމަ ހީކުރީ އޭނަ އަތް ދަމައިގަތުމުން ޒިޔާދު ހިތްހަމަ ނުޖެހުނީ ކަމަށެވެ. އެހެންނަމަވެސް އިނާ ހީކުރީ ގެއަށް އާދެވުމުން ޒިޔާދު ކޮންމެވެސް އެއްޗެއް އޭނަ ކައިރީ ބުނާނެ ކަމަށެވެ. އެދެމީހުން ބޭރަށް ދާގޮތަށް ކުރިން ހަމަޖައްސާފައިވާތީ އެކަމާއި ބެހޭ ގޮތުންވިޔަސް ޒިޔާދު އެއްޗެއް ބުނެލާނެ ކަމަށް އިނާ ހީކުރިއެވެ. އެކަމަކުވެސް ނުބުނެއެވެ. ކާރުން ފޭބި ގޮތަށް ޒިޔާދު ވަދެގެން ގޮސް ސިޓިންގރޫމްގައި އިށީނީއެވެ. ހިތްހަމަނުޖެހުން ކުޑަކޮށްވެސް ފިލާދިޔަހެނެއް ހިއެއް ނުވެއެވެ.

"
ޒިޔާދު....އެކަން ދެން ހަނދާން ނައްތާލާ. ބައްޕަ އެ ހުރިހާ ކަމެއް ހަމަޖައްސާލައްވާނެ. ޒިޔާދު ކަންބޮޑުވާންޖެހޭވަރެއް ނުވާނެ." ޒިޔާދު ކައިރީ އިށީނދެލާފައި ޒިޔާދު ހަމައަކަށް އެޅުވުމުގެ ގޮތުން އިނާ ބުނެލިއެވެ. ހިމޭން އަޑަކުންނެވެ.

ޒިޔާދު އަނގައަކުން ނުބުނެއެވެ. އެހެންނަމަވެސް އެ ހިނގި "ގޮތްނޭނގޭ" އެކްސިޑެންޓްގެ ސަބަބުން ޒިޔާދުގެ އުފާވެރިކަން މުޅިން ގެއްލިއްޖެއެވެ. ގެއަށް އައުމަށްފަހު ދެން އެއްވެސް ތާކަށް ޒިޔާދު ބޭނުމެއް ނުވިއެވެ. ނުވިތާކަށް އިނާއާއިވެސް ރުހިގެން ޒިޔާދުއަކަށް ވާހަކައެއް ނުދެއްކުނެވެ.

"
ޕޮލިސް ސްޓޭޝަނަށްވެސް ޒިޔާދު ދާކަށް ނުޖައްސައެއްނު ބައްޕަ؟ ބައްޕަ ބުނެފިއްޔާ ހުރިހާ ކަމެއްވެސް ހަމަޖެހިދާނެ." ޒިޔާދުގެ އަތުގެ މުލައްދަނޑީގައި އަތް ޖައްސާލަމުން އިނާ ޔަގީންކަން ދިނެވެ. އެއާއެކު ހީވީ ޒިޔާދުގެ ގައިގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ.

"
އަހަރެން ނުޖެހޭނެ ޕޮލިސް ސްޓޭޝަނަށް ދާކަށް. އެއީ އޭނަ ގަސްދުގައި ކުރި ކަމެއް. އޭނައަށް ހަމަ ރަނގަޅަށް ފެންނާނެ އަހަރެންގެ ކާރު. ޕޮލިހަށް ނޫން ކޮންމެ ތަނަކަށް ގެންދިޔަޔަސް އަހަރެން މިހެން ބުނާނަން." ފުންމައިގެން ތެދުވުމާއެކު ބާރު އަޑަކުން ޒިޔާދު މިހެން ބުނެލީ އިންތިހާ ރުޅިއާއެކުގައެވެ. އެ އެކްސިޑެންޓް ހިނގިފަހުން ޒިޔާދުގެ ހިތުގައި އުފެދެމުން އައި ރުޅިވެރިކަން ފާޅުވީ އަދި ކިރިޔާއެވެ. މި މަންޒަރާއި އަޑު އަހަން އިން އިނާއަށް ލިބުނީ ސިހުމެކެވެ. އެއީ މީގެ ކުރިން ޒިޔާދުގެ ފަރާތުން އޭނަ ދެކެފައިވާ ސިފަތަކެއް ނޫނެވެ. އެހާ ބޮޑު ރުޅިއެއް ޒިޔާދު އަންނަން ވެއްޖެހެއްޔެވެ.

އަނެއްކާ.....އެއީ ނަވީން ކުރި ކަމެކޭ ޒިޔާދު އެބުނަނީ ކީއްވެހެއްޔެވެ. ނަވީން އެހެން ހަދާފާނެ ހެއްޔެވެ؟ ޒިޔާދުގެ ކާރުގައި ގަސްދުގައި އައިސް ނަވީން ޖެހިގަންނާނެހެއްޔެވެ؟ ކޮން ބޭނުމަކު ހެއްޔެވެ؟ ޒިޔާދު އެބުނަނީ ނަވީން އޭނަގެ ކިބައިން ބަދަލު ހިފަން އުޅޭ ވާހަކަ ހެއްޔެވެ؟ ޒިޔާދުއަށް ލިބޭ ގެއްލުމަކީ އޭނައަށް ދެވޭ ގެއްލުމެއްކަން އެނގޭތީ ގަސްތުގައި ނަވީން އެހެން ހެދީ ހެއްޔެވެ؟

"
ޒިޔާދު ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ....؟" ނަވީން އާއި އެއްކޮޅަށް އެހާ ފާޅުގައި އެއްޗެއް ބުނަން އިނާ ބޭނުން ނުވާއިރުވެސް ކުރެވުނު ސުވާލަކީވެސް ޒިޔާދު އެ ދައްކާ ވާހަކަ އޭނައަށް ގަބޫލުނުކުރެވެއޭ ބުނާ މާނައިގެ ސުވާލެކެވެ.
"
އެނގެއޭ......އެނގޭ އިނާއަކަށް ކަމަކު ނުދާނެކަން އޭނައާއި ދިމާލަށް މީހަކު އެއްޗެއް ބުނާކަށް. އެއީ މާ ރަނގަޅަށްވެސް އެނގޭ ކަމެއް. އެކަމަކު އެތާ އެބަތިއްބޭ ދުށް މީހުން." އިނާ ކުރި ސުވާލަށް އެއްލިގެން އެނބުރުނު ޒިޔާދު މިހެން ބުނެލާފައި އިރުކޮޅަކު އިނާގެ މޫނަށް ބަލަން ހުއްޓެވެ. ދެން ހަމަ ކުއްލިއަކަށް ސިޑިންގ އަރައިގެން ދާން ހިނގައިގަތެވެ.

"
ޒިޔާދު ޕްލީޒް......!" ޒިޔާދު ދާން ހިނގައިގަތުމުން މަޑުކުރުމަށް އިނާއަށް އެދެވުނެވެ.
"
އިނަފް އިނގޭ.....މިރޭވެސް މިވަގުތުވެސް އިނާ ތި ދިފާޢު ކުރަނީ އޭނަ. އޭނަ އެއީ ތި ހީކުރާހާ ރަނގަޅު މީހެއްނަމަ މީހަކު މަރާލާކަށް އޭނަ މަސައްކަތް ނުކުރާނެ." އިނާ ގޮވާލުމުން ހުރި ފިޔަވަޅުމަތީގައި އިނާއާއި ދިމާލަށް އެނބުރިލާފައި ޒިޔާދު ބުނެލިއެވެ. ހީވީ އެ ވާހަކަ ގޮވާލާނެ ފުރުޞަތެއް ނުލިބިފައި ހުރި ހެންނެވެ.

އިނާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ. ޒިޔާދުއަށް މި އައި ކުއްލި ބަދަލުން ހައިރާންވެފައި އިނދެވުނީއެވެ. ނަމަވެސް މާގިނައިރެއް ވަންދެން ޒިޔާދުގެ ރުޅި މޫނަށް ބަލަން ކެތް ނުކުރެވިގެން އިސް ޖަހާލިއެވެ. ޒިޔާދުއަށް ވީ އެހެން ގޮތެކެވެ. އިނާގެ އެ އިސްޖެހުމުން ޒިޔާދުއަށް ނެގުނީ މުޅިން ނުބައި މާނައެކެވެ. ސިޑިން މައްޗަށް އަރައިގެން ދިއުމުގެ ބަދަލުގައި ފިޔަވަޅުތައް ނެގުނީ އިނާއާއި ދިމާލަށެވެ.
"
އަޅެ ބުނެބަލަ....އޭނަ އިނާއަށް ކީއްތަކުރީ؟ ކޯޗެއް ދިނީ؟ ކޮންކަހަލަ ގާތްކަމެއް....؟" އެ އައިގޮތަށް އައިސް އިނާ ކުރިމައްޗަށް ހުއްޓި ޒިޔާދު ސުވާލުކުރަން ފެށިއެވެ.
"
ޒިޔާދު........!!!" ޒިޔާދު ކުރަމުން ދިޔަ ސުވާލުތަކުން އުނދަގޫވެގެން ކެތް ނުކުރެވިގެން އިނާއަށް ގޮވާލެވުނެވެ.
"
އެހޭނެ......މި ސުވާލުތައް ނައަހާން ވަރަށް ދުވަހު ކެތްކޮށްފިން. ދެނެއް ނުހުރެވޭނެ. " އިނާ އިން ސޯފާގެ އަނެއްކޮޅުގައި އިނާއާއި ދިމާލަށް އެނބުރި ޒިޔާދު އިށީނދެއްޖެއެވެ.
"
ތި ސުވާލުތަކަށް ޖަވާބު ދީފަ އޮންނާނީ. ތިއީ މުޅިން ކުށްހީ." އިނާއަށް މިފަހަރު ޖަވާބު ދެވުނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ސީދާ ޒިޔާދުގެ މޫނަށް ބަލަން އިނދެގެންނެވެ.
ޒިޔާދުގެ ވާހަކަ ހުރި ގޮތުން ވީ ފޫއްސެއްގެ ބޮޑުކަމުން އެތާ އިންނަންވެސް އިނާ ބޭނުން ނުވިއެވެ. ދަބަސް ނަގައިގެން ހިނގައިގަތީ ސިޑިން އެރުމަށެވެ.
"
އޭނަ މިގެއަށް ނައިސް ހުއްޓާލުމުން ކައިވެނިކުރުންވެސް އެއްއަހަރުފަހަތަށް ޖެއްސީ...އެވެސް ކުށްހީއެއްތަ؟" އިނާ ހިނގައިގަތުމުން އިނާގެ ފަހަތުން ޒިޔާދު ގޮވާލިއެވެ.

އިނާގެ ފިޔަވަޅުތައް ބިންމަތީގައި ތަތްވިކަހަލައެވެ. އެނބުރި ޒިޔާދުއާއި ދިމާލަށް ބަލާލެވުނީ ގަބޫލުކުރަންވެސް ދަތިވެގެންނެވެ.
އެހާ ބޮޑު ޖެއްސުމާއިއެކު އޭނައާއި އެ ވާހަކަ ދައްކަނީ ހަމަ އެ ޒިޔާދު ހެއްޔެވެ. އެ ތަޢުލީމީ އެ ތަހުޒީބީ އެ މުއްސަނދި ޒިޔާދު ހެއްޔެވެ. އެއީ ކޮން ކަހަލަ ރާގެއް ހެއްޔެވެ. އެއީ ކޮންކަހަލަ ގޮތެއް ހެއްޔެވެ. އޭނައަކަށް އެ ގޮތް ބަލައެއް ނުގަނެވުނެވެ.

"
އިނާ ހީކުރީތަ.....އަހަރެން އެއްޗެކޭ ނުބުނެ ހުންނަނީ ނޭނގިގެނެއް ނޫން. އެނގޭ އޭނަގެ ސަބަބުންކަން ކައިވެނި ލަސްކުރަން ބޭނުންވީވެސް. އެންމެ ފުރަތަމަ އެ ހޮސްޕިޓަލްތެރެއިން ފެނުނުރޭވެސް އެނގޭ އެއީ އިނާގެ ރައްޓެއްސެއް ކީއްކުރަން....ދަންނަވެސް މީހެއް ނޫންކަން އެނގޭ. އެކަމަކު އަހަރެން ޔަގީންކުރީ އެހާ މޮޔަ ޚިޔާލެއް ތި ސިކުނޑީގައި ހަރުނުލައްވާނެކަމަށް. އެކަމަކު ކީއްކުރާނީ....ތިމާއަށް ރަނގަޅުގޮތް އިނާއަކަށްވެސް ނޭނގުނު." އިނާ ބަލަހައްޓައިގެން ހުއްޓާ ތެދުވެގެން އައިސް އިނާގެ ކުރިމައްޗަށް ހުއްޓި ޒިޔާދު މިފަހަރު ވާހަކަ ދެއްކީ މައިތިރި އަޑަކުންނެވެ. އެކަމަކު އެ އަޑުގައި ވަނީ އިންޒާރާއި ނުރުހުމެވެ.

އިނާއަށް ހަމަ ޒިޔާދުގެ މޫނަށް ބެލެނީއެވެ. ގަބޫލުކުރަން ދަތިވެގެންނެވެ.
ޒިޔާދުގެ މި ސިފަ މިހުރިހާ ދުވަސް ވީއިރު އޭނައަށް ނުފެނުނީ ކީއްވެ ހެއްޔެވެ؟ ޒިޔާދު އޭނައާއި އެ ވާހަކަ ދައްކާ ރާގުވެސް އަދި އެ ބުނެލާ އެއްޗެހިވެސް އިނާއަކަށް ކަމަކު ނުދެއެވެ. އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ.

އިރުކޮޅެއްވަންދެން ޒިޔާދުގެ މޫނަށް ބަލަން ހުރެފައި އެއްވެސް އެއްޗެއް ނުބުނެ ސިޑިން އަރައިގެން އިނާ ދިޔައީއެވެ. ޒިޔާދު ބަލަހައްޓައިގެން ހުއްޓައެވެ.

އޭގެފަހުން އިނާ އޭނަގެ ކޮޓަރިން ނުކުތީ ޝީލާ ގޮސް ގޮވުމުންނެވެ.
"
ޒިޔާދު ފުރުވަންވެސް ދަރިފުޅު ނުދަންތަ؟" ޝީލާ ގޮސް ޓަކިޖަހާލުމުން އިނާ ނުކުތުމުން ޝީލާ ސުވާލު ކުރިއެވެ.
އިނާ އެއްވެސް އެއްޗެއް ނުބުނެ އަލުން ކޮޓަރިތެރެއަށް ޖެހި ގަޑި ބަލާލިއެވެ. ތެދެކެވެ. ޒިޔާދުގެ ފްލައިޓް ފުރަނީ ދިހައެއް ޖަހާއިރުއެވެ. މިހާރު އެހެރަ އަށްގަޑި ސާޅީސްފަހެއް ވީއެވެ.

"
ބައްޕަ ދުރުވެއްޖެތަ ގެއަށް؟" ޝީލާ ކުރި ސުވާލާ އަޅާނުލައި އިނާ ކޮށްލީ ސުވާލެކެވެ.
"
ބައްޕައަކަށްވެސް ނުދުރުވެވޭ. ޒާހިރު އާއެކު ޒިޔާދު ދާނީ. އެކަމަކު މަންމައަށް ހީވަނީ ބައްޕަ ހުންނެވި ނަމަވެސ ދަރިފުޅު ދާން ޖެހޭނެހެން. އެއީއެއްނު ރީތި ގޮތަކީވެސް. ޒިޔާދު ބުނީތަ އިނާ ނުދިޔަޔަސް ހެވޭ؟" ޝީލާއަށް ހީވިގޮތް އެހިއެވެ.

"
އުނހުނ....ނުބުނޭ. މަންމަ ނުދަންތަ؟" ކޮޓަރިއަށް ވަދެ މޭޒުމަތީގައި އޮތް އޭނަގެ ކުޑަ ދަބަސް ހުޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދަމުން އިނާ އަހާލިއެވެ.
"
ދެން ދަރިފުޅާއި ޒިޔާދު އެކަނި ކުރާ ދަތުރެއްގައިވެސް މަންމަ ބައިވެރިވާން ޖެހޭނެތަ؟ މަންމައެއް ނުދާނަން. ޒިޔާދު ދަރިފުޅާއި ދައްކަން ބޭނުންވާ އެތައް ވާހަކައެއްވެސް ހުންނާނެނު." ކުޑަ ހީލުމަކާއެކު ޝީލާ ވާހަކަ ދެއްކިއެވެ.
"
މަންމަ ގެންދަން ނަހަދާ ތައްޔާރުވޭ އަވަހަށް. އެންމެ ލަސްވިޔަސް ނުވައެއް ޖަހަންވާއިރަށް އެއަރޕޯޓަށް ދާންޖެހޭނެ." އިނާގެ ފަހަތުން އިނާގެ ކޮޓަރިއަށް ވަން ޝީލާ މިހެން ބުނެލާފައި ނިކުމެއްޖެއެވެ.

އިނާވެސް ޝީލާގެ ބަސް ގަބޫލުކުރީ ކަންނޭނގެއެވެ. ފުނާއަޅާ ރީތިވުމަށްޓަކައި ކޮޓަރީގެ އެއްފަރާތުގައި ވަކި ފާރަކުން ބައިކޮށްފައި ވަރަށްވެސް ރީތި ގޮތަކަށް ހަދާފައިވާ ތަނަށް ގޮސް ލޯގަނޑު ކުރިމަތީގައި ގޮނޑީގައި އިށީނދެއްޖެއެވެ. އަމިއްލަ މޫނަށް ލޯގަނޑުން ބަލަން އިނދެލާފައި ބޮލުގެ އިސްތަށިގަނޑު ފުރަގަހުން ހިފަހައްޓަން ޖަހާފައި ހުރި ބޮޑު ދަތި ނަގާ ބާއްވައިފިއެވެ. ދެން އަނެއްކާވެސް އިނދެވުނީ ލޯގަނޑުން ފެންނަ ސިފައަށް ބަލާށެވެ. އެކަމަކު ވިސްނުމުގައި ހިނގަމުން ދިޔައީ މުޅިންމެ އެހެން ކަމެކެވެ. ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަވަސް ހަރަކާތަކާއެކު ކޮންމެވެސް އެއްޗަކުން ބޯ އައްސާލިއެވެ. ފުނަލާއި ނުލާވެސް އިނާގެ އިސްތަށިގަނޑު ރީއްޗެވެ. އޮމާނެވެ. ފެންނަ ކޮންމެ މީހަކުމެ ޝައުގާއި ހައިރާންކަމާއެކު ބަލާހާ އިނާ ފުރިހަމައެވެ.

އިނާއަށް ނުކުމެވުނީ ބަރާބަރު ގަޑިއަށެވެ. އޭރު ޒިޔާދުގެ ކުޑަ ފޮށި ހިފައިގެން ޒާހިރު ނުކުންނަނީއެވެ. ސިޓިންރޫމުން ބޭރުގައި ގޯތިތެރޭގައި ޒިޔާދު ސިގިރެޓެއް ރޯކޮށްލައިގެން ހުއްޓެވެ.
އިނާގެ ފައިވާނުގެ އަޑު އިވިގެން ކަންނޭނގެއެވެ. އެނބުރި ބަލާލިއެވެ.

"
އެންމެ ރަނގަޅު އިނާ އެއަރޕޯޓަށް ނުދިޔަޔަސް." ފައިވާނަށް އަރައިގެން އައިސް ޒިޔާދު ކައިރިއަށް އިނާ ހުއްޓުމުން ޒިޔާދު ބުނެލީ މިހެންނެވެ.
"
އެނގޭ. އެކަމަކުވެސް ދާން މިއައީ" މީގެ އިރުގަނޑެއް ކުރިން ޒިޔާދުގެ ބަހާއި އަމަލުތައް ހުރި ގޮތުން ހިތްހަމަނުޖެހިފައި ހުރި އިނާގެ ރާގުގައިވެސް ކޮށި ގޮތެއް ހުއްޓެވެ. މިއަދު އިރުއޮއްސުމާއި ހަމައަށްވެސް ލޯތްބާއިއެކު ވާހަކަ ދައްކާ ސަމާސާ ކުރި ދެ ލޯބިވެރިންގެ ދެމެދަށް ހުރަހެއް މެދުވެރިވެއްޖެކަން ދެމީހުންނަށްވެސް ރަނގަޅަށް އެނގޭ ކަހަލައެވެ. އެކަން ޔަގީންވެގެން ދިޔައީ އަދި ފަހުންނެވެ. އެއަރޕޯޓަށް ދިޔަ މަގުމަތީގައިވެސް ކޮންމެހެން ބުނެލަން ޖެހުނު ދެތިން އެއްޗެއް ފިޔަވާ ޒިޔާދު ނުބުނުމާއި، ޗެކިންގ ކޮށްނިމިގެންވެސް ނުނިކުންނަ ގޮތަށް ފަހު ސަލާމް ކޮށްލާފައި ޓާމިނަލްއަށް ޒިޔާދު ވަނުން އެއީ އެކަމަށް ބާރުދިން ހެކިތަކެކެވެ. އެހެންނަމަވެސް އިނާގެ ހިތަށް، ބުނަން ނޭނގޭކަހަލަ ލުއިކަމެއްވެސް ލިބުނުމެއެވެ.

ޒިޔާދު ފުރުވަން ގޮސްފައި އިނާއަށް ގެއަށް އާދެވުނުއިރު ދިހައެއް ޖަހަނީއެވެ. ގޭ ދޮރުމައްޗަށް އިނާ ބާލާފައި ޒާހިރު ކޮންމެވެސް ތަނަކަށް ދިއުމުން ދޮރުލައްޕާލާފައި އިނާ ގޮސް ގެއަށް ވަދެއްޖެއެވެ. ސިޓިންރޫމަށް ވަދެވުމުގެ ކުރިން ޖެހޭ ފެންޑާމަތީގައި އިނާ މަޑުކޮށްލީ އަރައިގެން ހުރި ފައިވާން ނަގާ އެއްފަރާތުގައި ހުރި ފައިވާން ހަރުގަނޑަށް ލުމަށެވެ.

"
އެތަން ފެނުނު މީހުން ސިފައިންނަށްވެސް ދިން ބަޔާނުގަ ބުނީ ހަމަ އެހެން. އިރަމާގެ ސޯލިހްއަށް އެންމެ ކައިރިން ފެނުނީ. އޭނަ ބަޔާން ނުދީ އެތަނުން ދިޔައީ. އެކަމަކު އޭނަވެސް ބުނީ ޒިޔާދު ހަމަ ގަސްދުގަ ޖެއްސީޔޭ ނަވީންގެ ކާރުގަ. ނަވީން އެއްފަރާތަށް އެރީމަވެސް ޒިޔާދު ގޮސް ޖެއްސިކަމަށް ހަމަ އެންމެންވެސް ބުނަނީ. ނޭނގެ ދެން." އިނާއަށް ހުއްޓެވުނީ ޚާލިދު ދައްކަމުން ދިޔަ ވާހަކައިގެ ބާވަތުންކަން ޔަގީނެވެ. ނަމަވެސް އެ ވާހަކަ އެއްކޮށް އަޑު އިވުމުން އިނާގެ މެއަށް ގޮތެއް ވެގެން ދިޔައެވެ. ނޭނގޭ ބިރަކާ އެކުވެގެން އުފެދުނު ގޮތެކެވެ.

"
އެމީހުން އެހެން ބުނަންޏާ ކިހިނެއް ތި މައްސަލަ ކުޑަ މައްސަލައަކަށް ވާނީ. ނަވީން ބުނަނީ ކީކޭ؟ " އެއިވުނީ ޝީލާގެ އަޑެވެ. ކަންބޮޑުވުމުގެ ސުވާލު ތަކެކެވެ.

"
ކުޑައެއް ނުވާނެ މި މައްސަލަ. ނަވީންގެ ކާރު އެއްކޮށް ހަލާކުވެފަ. އެ ރުކުގައި ޖެހުނީމަ ކަންނޭނގެ އެވަރުވީވެސް. އެވެސް ނަސީބެއްކަންނޭނގެ. އެހެންނޫންނަމަ.... " އިނާއަށް އަޑުއިވެމުން ދިޔައީ އޭނަގެ ބައްޕަގެ އަޑެވެ. ކަންބޮޑުވުމާއި ގޮތްހުސްވެފައިވާ ކަހަލަ ރާގެކެވެ.
އިތުރު ވާހަކައެއް އަޑުއަހަން އިނާއަކަށް ނުހުރެވުނެވެ. ގޭތެރެއަށް ވަނުމުގެ ބަދަލުގައި ނުކުމެވުނީ ގޯތިތެރެއަށެވެ. ގޮސް އިށީނދެވުނީ ހެނދުނުގެ ސައިތަށި ބޯން ބަގީޗާ ކައިރީ އޭނަ އިށީންނަ ގޮނޑިތަކުން ގޮނޑިއެއްގައެވެ.

އިނާއަކަށް އޭނަގެ ބައްޕަ އެ ދެއްކެވި ވާހަކައާއި ދޭތެރޭ ކުޑަވެސް ޝައްކެއް ނެތެވެ. އެކަމަކު އޭނަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ޒިޔާދު އެކުރީ ކީއްހެއްޔެވެ. އެކުރެވުނީ ކީއްކަން ޒިޔާދުއަށް އެނގޭބާވައެވެ. އޭގެ ނަތީޖާ ނުކުންނާނެ ގޮތް ޒިޔާދުއަށް އެނގޭބާވައެވެ.
*******(ނުނިމޭ)********

0 comments:

Post a Comment