FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 62 ވަނަ ބައި

ނަމަވެސް މާގިނައިރުތަކެއް ނުވެ އެހުރިހާ ޚިޔާލެއް އެއްފަރާތް ކުރެވިއްޖެއެވެ. ހިތަދޫއިން އޭނަ ގެނައި ބަލިމީހާ މިއަދު މެންދުރު ފަހު ފްލައިޓުން އިންޑިއާއަށް ފުރުވާލާތީ އެކަމުގައި އުޅެން ޖެހުނީ ވަރަށް އަވަދިނެތިއެވެ. އެހެން އެއްވެސް ކަމަކާ ވިސްނާލެވޭ ވަރެއް ނުވެއެވެ. އެންމެ ފަހުގެ ބެލުންތައް ބަލާފައި ސްޓޭޝަނުގައި އިން ނަރުސް އަތަށް ބަލިމީހާގެ ފައިލް އިނާ ދިއްކޮށްލިއެވެ. އައިސީޔޫގައި ހުންނަ އެޓެންޑެންޓު ހުރިތޯ ބަލާލެވުނީ ދޮރުގައި މީހަކު ޓަކިޖަހާލި އަޑުއިވުމުންނެވެ. އެ ދޮރުގައި ޓަކި އެޖަހާ މީހަކަށް އެހީވާން އޭނަ ގޮއްސިތޯ ބެލުމަށެވެ.

ބަލަބަލާ ހުއްޓާ ދެވަނަ ފަހަރުވެސް ޓަކި ޖެހި އަޑު އިވުމުން ގޮސް ދޮރު ހުޅުވީ އިނާއެވެ. އެތަނުގެ ދޮރުގައި އައިސް ޓަކި ޖަހާމީހާގެ ހިތުގެ ހާލު އެވަގުތު ހުންނާނީ ކިހިނެއްކަން އިނާއަށް ވަރަށް ރަނގަޅަށް ވިސްނޭތީ އަވަހަށް ޖަވާބު ދިނުން މުހިއްމު ކަމަށް ދެކިގެންނެވެ. 

"
އެއްޗެއް އޮޅުންފިލުވާ....." އިނާ ހުޅުވާލި ދޮރުކުރިމަތީގައި ހުރި އަންހެންކުއްޖާއަށް ބުނެވުނީ މިވަރަށެވެ. ބަސް ހުއްޓިއްޖެއެވެ. 
އިނާއަށްވެސް ހުރީ ހުއްޓުމެއް އައިސްފައެވެ. ވާނީވެސް އެހެންތާއެވެ. އެ ދޮރުކުރިމަތީގައި އެތިބީ ދިމާވެދާނެ ކަމަށް އޭނަ އެންމެ އުއްމީދު ނުކުރާ ދެމީހުން ވިއްޔާއެވެ.
އެއީ ނަވީންގެ މަންމަ ނަޖްމާ އާއި ނަވީންގެ ދަރިއަކަށް ބަލިވެއިންކަމަށް އޭނަ ކައިރީ ބުނެފައިވާ ލީނާއެވެ. 

އައިސީޔޫގެ ދޮރުކުރިމަތީގައި ތިބި ނަޖްމާ އާއި ލީނާ ފެނުމުން އިނާއަށް އެ ދޮރުން އަތް ދޫކުރާކަށްވެސް އަދި ކޮށްދޭންވީ ކޮންކަމެއްތޯވެސް އަހާކަށް ނޭނގުނެވެ. ދެފަހަރު ދެމީހުންގެ މޫނަށް ބެލުނީއެވެ.

އޭނަގެ ތަގްދީރު މި މީހުންގެ ކުރިމައްޗަށް އޭނަ މިގެނައީ އަނެއްކާ ކޮންފަދަ ކަމަކުބާވައެވެ؟ ނޫނީ އޭނަ ކުރިމައްޗަށް އެއާދެވުނީ އެމީހުންނަށް ބާވައެވެ. މިއީ އޭނަގެ ފުރުޞަތު ބާވައެވެ. ނޫނީ އެމީހުންގެ ފުރުޞަތު ބާވައެވެ. 
އިނާ ހިތަށް އެރިއެވެ. 

ވީ ކީއްކަމެއް އިނާއަކަށް ނޭނގުނެވެ. އެވަގުތު ނަވީންގެ މަންމަ ނަޖްމާ ފަހަތަށް ޖެހި އިނާއަށް ނުފެންނަ ހިސާބަށް ، ފަހަތަށް ޖެހިލިއެވެ. 

"
ކިހިނެއް ހަދާދޭންވީ....." ހޮސްޕިޓަލުގެ އެހީއަށް އެދި އަންނަ ކޮންމެ މީހަކާއިމެ ހަތަރުކަޅި ހަމަކޮށް ޝައުގާއެކު ވާހަކަ ދެއްކުމަށް އާދަވެފައިވާއިނާއަށް މިހެން އަހާލެވުނީ ވަރަށް ބީރައްޓެހި ކުލަވަރަކާއެކުގައެވެ. އެ ދޮރު ހުޅުވުމާއެކު ލީނާ އެއްޗެއް ބުނިކަންވެސް ހަނދާން ނެތި ހުރެގެންނެވެ.

"
އިނާ މިކޮޅުގަތަ....." މިހެން އެހީ ލީނާއެވެ. މާ ގާތް ރައްޓެއްސަކު ފެނުމުން އަހާލާފަދައިންނެވެ.

"
ހޫމް. ކީއްކޮށްލަދޭންވީ.......؟" އައިސީޔޫގެ އެތެރެއަކީ ހަމަހިމޭންކަން ގާއިމް ކުރަން ޖެހޭ ތަނަކަށް ވާތީ، އާއްމު ގޮތެއްގަ އެގޮތަށް އަންނަ މީހުންނާއި ވާހަކަ ދައްކަން ނަރުހުން އެ ދޮރުން ބޭރަށް ނުކުތް ނަމަވެސް އިނާ ނުނިކުމެއެވެ. އެއީ ކުރިމަތީގައި ހުރީ ލީނާ ވީމައެވެ. އަދި އެ ދޮރު ލައްޕާލާފައި ނިކުމެއްޖެނަމަ، އޮކްސިޖަން ފުޅިތައް ބަހައްޓާފަ ހުރި ފަރާތަށް ޖެހި އިނާއަށް ނުފެންނަ ގޮތަށް ހުރި ނަޖްމާއަށްވެސް އޭނަ ފެނިދާނެތީއާވެސް އެކުގައެވެ.

"
ބެޑް ނަންބަރު 5 ގައި އޮތީ އަހަރެންގެ ބޮޑުބޭބެއެއް. ހޮސްޕިޓަލަށް އާދެވުނީމަ ހިތަށް އެރީ ގޮވާލާފައޭ ދާނީ. ވަދެލެވޭނެތަ؟ އެނގޭ މިއީ ވިޒިޓް ކުރާ ގަޑިނޫންކަންވެސް. އެކަމަކުވެސް.....ދެން މިދިމާވީ ރަނގަޅަކަށް ކަންނޭނގެ. އިނާއާއި ދިމާވީމަ ގައިމުވެސް ވަދެވޭނެނު؟" އެ ހިނިތުންވުމެއްގެ ސަބަބުން މުޅި މޫނަށް އުޖާލާކަން ވެރިވެގެންދާފަދަ ރީތި ހިނިތުންވުމަކުން ހިނިތުންވެލަމުން ލީނާ އެދުނެވެ. 

"
ނޫނޭ. ވިޒިޓް ކުރާ ގަޑި ނޫނިއްޔާ އެހެން ވަނުމަކީ މަނާކަމެއް. އެގާރަ އިން ބާރައަށް ވިޒިޓް ކުރެވޭނެ." އަތުކުރީގައި އޮތް ރިހިކުލައިގެ ދޮޅުއިންޗީގެ ފުޅާ ގަޑިއަށް ބަލާލަމުން އިނާ ޖަވާބުދިނީ ރަސްމީ ގޮތެއްގައެވެ.
އެގާރަ ޖަހަން ދެން ހުރީ އެންމެ ދިހަ މިނެޓް އިރެވެ. އިނާ ބޭނުމިއްޔާ އެމީހުން ވެއްދޭނެއެވެ. އެކަމަކުވެސް އިނާގެ ހިތް ލީނާއަށްޓަކައި މިފަހަރު އެހާ މަޑެއް ނުވިއެވެ. އެތަނުގައި ހެދިފައި އޮންނަ ގަވާޢިދު ލީނާއަށް ހަނދާންކޮށްލަދެވުނީ އެހެން ވެގެންނެވެ.

އިނާގެ ކިބައިން އެ ލިބުނު ޖަވާބުން ލީނާއަށް ސިހުމަކާއި ހައިރާންކަމެއް ލިބިގެން ދިޔައެވެ. އިނާގެ މޫނުމަތިން ލީނާއަށް ފެނުނީ ބީރައްޓެހި ކަމާއި ދުރު ގޮތެކެވެ. ސަބަބު ވިސްނައިގަންނާކަށް މާ ގިނައިރުތަކެއްވެސް ނުނެގިއެވެ. އޭނަ އިނާ ކައިރީ ދެއްކި ވާހަކައިން އިނާ އެހެރީ އޭނައާއި ހިތްހަމަނުޖެހިފައިކަން އޭނައަށް އެނގުނެވެ.
ލީނާގެ ހިތަށް ލިބުނު ފިނިކަން ފެނުނީހީ އެތާގައި ލީނާގެ މޫނަށް ބަލަން އެހެން މީހަކު ހުރިނަމައެވެ. 

"
ރައްޓެއްސަކަށް ވީތީވެސް ނުވާނެތަ؟" ސަބަބު ވިސްނުމުން ލީނާ ބޭނުންވީ އަދިވެސް ބޮޑަށް އިނާއަށް ޖެއްސުން ކޮށްލުމަށެވެ. ދެވަނަ ފަހަރަށްވެސް އެހީ އެހެންވެގެންނެވެ.
"
މިކަހަލަ ތަންތަނުގައި ގަވާޢިދަކީ ވަރަށް މުހިއްމުކަމެއްކަން ލީނާއަށްވެސް އެނގޭނެ." އިނާ ވެސް ވަރަށް ހަރުދަނާކަމާއިއެކު ކެރިގެން ޖަވާބު ދިނެވެ.

"
އެކްސްކިއުޒް އިނގޭ...." އަދި ދެން ލީނާ އެއްޗެއް ބުނުމުގެ ކުރިން މިހެން ބުނެލާފައި ދޮރުން އަތް ދޫކޮށްލާފައި އެތެރެއަށް ހިނގައިގަތެވެ. އޭނަގެ ފަރާތުން ފަރުވާކުޑަކަމާއި ދުރުހިލޭ ބީރައްޓެހިގޮތް ނޫން ކަމެއް ނުފެނެޔޭ ލީނާ ބުންޏަސް މައްސަލައެއް ނެތްކަމަށް ނިންމައިގެންނެވެ. 

ދޮރުގެ ހަނި ބިއްލޫރިކޮޅުން އެތެރެއަށް ބަލަން ލީނާއަށް ހިނދުކޮޅަކު ހުރެލެވުނެވެ. އިނާ އެ ދިޔަ ގޮތަށް ގޮސް ނަރުހުން ތިބޭ ސްޓޭޝަނުން ގޮނޑިއެއްގައި އިށީނދެ ކޮންމެވެސް އެއްޗެއް ބަލަން ފެށިއިރުވެސް ލީނާ ހުރީ ބަލަހައްޓައިގެންނެވެ. އެހެން ހުރެފައި ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. މިފަހަރު ޓަކި ޖެހުމުގެ ބަދަލުގައި ލީނާ އޮބާލީ އެތަނުގައި ހުރި ބެލް އަށެވެ. 

"
ޔެސް.........؟" ބަލަ ބަލާ ހުއްޓާ އެ ދޮރު ހުޅުވާލާފައި ނުކުތީ ބިދޭސީ ނަރުހެކެވެ.
"
ކެން ޔޫ ކޯލް އިނާ ފޯރ މީ. ޕްލީޒް؟" އިނާއަށް ގޮވާލަ ދިނުމަށް އެ ނަރުސްގެ ކިބައިން ލީނާ އެދުނެވެ. ލީނާގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ. 
"
ޝުއަރ. ޔެސް..." މިހެން ބުނެލާފައި އެ ނަރުސް އެތެރެއަށް ވަދެއްޖެއެވެ.

"
ކިހިނެއް ހަދާލަދޭންވީ.....؟" އިރުކޮޅަކުން އިނާ އައިސް ވަރަށް ރަސްމީ ގޮތަކަށް އަހާލިއެވެ.

"
ހަގީގަތް ހާމަ ކުރީމަ އިނާ ތި ހުންނަނީ އަހަރެން ދެކެ ރުޅިއައިސްފަ ދޯ؟ އެކަމަކު އަހަންނަށް ހީވަނީ އެކަން އިނާއަށް އެނގުން އެއީ އިނާއަށް އެންމެ ރަނގަޅު ގޮތް ކަންނޭނގެ. އެފަދަ މަކަރުވެރި ނުލަފާ ފިރިހެނަކާއެކު ދިރިއުޅުން ހަލާކުވެ ނިމެންދެން ހުރުމުގެ ބަދަލުގަ ކުރިން އޭނައާއި ދުރު....." އަމިއްލަ ހިތާ ސިކުނޑީގައި ރޭވި ރޭވުމާއި އެއްގޮތަށް ލީނާ ދައްކަން ފެށި ވާހަކަ މެދުކެނޑިއްޖެއެވެ.

"
ލީނާއަށް ފަހަރެއްގަ ނޭނގިދާނެ. އެކަމަކު މިތަނުގައި އަހަރެން މިހިރީ އަހަރެންގެ ރަސްމީ ވަޒީފާގައި. ވަޒީފާއަށް އަންނަމުން ޕާސަނަލް ލައިފް ގެންނަ މީހެއްނޫން އަހަންނަކީ. އައިސީޔޫގައި ތިބޭ ޕޭޝަންޓުންނަށް ވިޒިޓް ކުރަން ވަކި ގަޑިތަކެއް ހުންނަކަން ލީނާއަށްވެސް އެނގޭނެ. އެގާރައިގެ ކުރިން ޕޭޝަންޓުންނަށް ވިޒިޓް ނުކުރެވޭނެ. ބޮޑުކަމެއް ދިމާވެއްޖެނަމަ އެ ޕޭޝަންޓެއްގެ އާއިލާ މީހުންނަށް އަންގާނެ." ލީނާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލާފައި އިނާ ދެއްކީ ވަރަށް ރަސްމީ ވާހަކަ ތަކެކެވެ. ވަރަށް ރަސްމީ ގޮތެއްގައެވެ.

"
ހަގީގަތަށް ފިލަން އިނާ ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނެ." ލީނާ ދުލެއް ނުކުރިއެވެ. ފަސްދީފައި އިނާ އެނބުރިލުމާއެކު އަނެއްކާވެސް އަވަހަކަށް ބުނެލައިފިއެވެ. 
ދެތިން ސިކުންތަށް ބަލަހައްޓައިގެން އިނާ ހުއްޓެވެ. ދެން ދޮރު ލައްޕާލާފައި ނިކުމެއްޖެއެވެ. ލީނާއަށް ޖަވާބެއް ދޭން އޭނަވެސް ބޭނުން ވިއެވެ.

"
ހަގީގަތަށް ނުފިލޭނެ އެކަކަށްވެސް. ލީނާގެ ދިރިއުޅުމުގައި ހިނގާ ކަންތައްތައް އެއީ ލީނާގެ ކަމެއް. އަހަރެން ނުބެހެން އެކަންތައްތަކާ. އަދި އަހަރެންގެ ދިރިއުޅުމަށް އައުމުގެ ހައްގު އަހަރެން ނުދެން ލީނާއަށް. މީގެ ކުރިން އަހަރެން ދަންނަ މީހެއް ނޫން ލީނާ އަކީ. އިއްތިފާގުން ލީނާއަށް އަހަންނާއި އަހަރެންގެ އާއިލާ އެނގުމަކުން އަހަރެންގެ ޒާތީ ދިރިއުޅުމާއި ބެހުމުގެ ހައްގު ލީނާއަށް ލިބިއްޖެއޭ ހީނުކުރިއްޔާކަންނޭނގެ ރަނގަޅުވާނީ. ރަސްމީގޮތުން އޮޅުންފިލުވައިދޭންޖެހޭ މަޢުލޫމާތެއްވެއްޖިއްޔާ އޮޅުންފިލުވައިދެވިއްޖެ ކަމަށް އަހަރެން ގަބޫލުކުރަނީ." ހަރުދަނާ ކަމާއެކު ހަތަރުކަޅި ހަމަކޮށްގެން ހުރެ އިނާ ޖަވާބު ދިނެވެ. ކުޑަ ތަންކޮޅެއް އެއްފަރާތުގައި ހުރި ނަޖްމާއަށް އޭނަ ނުފެނުނު ނަމަވެސް އޭނަގެ އަޑު އިވޭނެކަން އޭނައަށް ޔަގީން ވެއެވެ. އެކަމަކު އޭނަގެ ފަރުވާލެއް ނެތެވެ. 

އިނާގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް، ހަރުކަށިކޮށް މީހަކާ ވާހަކަ ދެއްކިއެވެ. އެހާވެސް ބޮޑަށް އޭނައަށް ހުރެވުނީ ލީނާ އާއި ލީނާ އެ ކުޅޭ ކުޅިގަނޑު ދެކެ ނުރުހުން ވެވިފައެވެ. 

"
ފުރަތަމަ ދުވަހުވެސް ހީކުރިކަހަލަ ނުމޮށޭ ގުރައެއް. މަންމަގެ ހުރިހާ ސިފައެއްވެސް ތިހިރީ ހަމަވެފަ. ތިއީ އަހަރެންގެ ދަރިފުޅު އިންނަން އެކަށީގެންވާ މީހެއްނޫންކަން އޭރުވެސް އަހަންނަށް އޮތީ އެނގިފަ. މިހާރު އެކަން ޔަގީން ވެއްޖެ. އާދޭ ދަރިފުޅާ" އިނާ ދެއްކި ވާހަކަ އަޑުއަހަން ހުރެފައި މިހެން ބުނެލީ ނަޖްމާއެވެ. އެނބުރި ހިނގައިގަތީ ލީނާގެ އަތުގައި ހިފައިގެންނެވެ. 
ދަރިފުޅުގެ ނަމުން ނަން ދިނީ ލީނާއަށެވެ. 

ލީނާ އާއި ނަޖްމާ ފައިވާނަށް އަރައިގެން އައިސީޔޫގެ ބޮޑު ދޮރުން ނިކުންނަންދެން އިނާ ބަލަން ހުއްޓެވެ. އެކަމަކު އެއީ ގަސްތުގަ ހުރި ހުރުމެއް ނޫނެވެ. ހުރެވުނީއެވެ. އެނބުރި އައިސީޔޫތެރެއަށް ވަދެގެން ގޮސް ކައުންޓަރު ދޮށުގައި އިށީނދެލެވުނީވެސް ނަޖްމާ އެ ބުނެފައި ދިޔަ އެއްޗެއްގެ ވިސްނުމުގައި ހުރެގެންނެވެ.
ނަޖްމާ އެއީ ނަވީން މަންމައެވެ. އޭނަގެ މައިދައިތައެވެ. އެ މައިދައިތަ އަނގައިން އޭނައާއި ދޭތެރޭ އެއްޗެއް ބުނި އަޑު އޭނައަށް އިވުނު މިއީ ފުރަތަމަ ފަހަރެވެ. ދުވަހަކުވެސް ހިތުން ނުފިލާނެ ވަރުގެ ވާހަކައެއް އޭނައަށް އަޑު އިވިއްޖެއެވެ. އަނިޔާވެރި ހިތި ބަސްތަކެކެވެ. 
އޭނަގެ މަންމަ.......؟؟
ނަވީން މަންމަ އެ މާނަ ކުރީ އޭނަގެ ކޮން މަންމައަކަށް ބާވައެވެ؟

"
އަނހަ އިނާ ކޮންއިރަކު އައީ......؟" ލިޔުންތަކެއް ހިފައިގެން ކުއްލިއަކަށް އައިސް އައިސީޔޫ ތެރެއަށް ވަން ސުލްޠާނާއަށް އިނާ ފެނުމުން ހައިރާން ވިއެވެ. އެއީ އޭނަ އައިޖީއެމްއެޗްގައި މަސައްކަތް ކުރިއިރު، އެތަނުގެ ގައިނީ ވޯޑްގައި އޭނައާއެކު މަސައްކަތް ކުރި ސްޓާފް ނަރުހެކެވެ. 

"
ބަލިމީހަކު ގޮވައިގެން އައީ...." ސުލްޠާނާ ގެނައި ލިޔުންތަކެއް އެތާ ހުރި ނަރުހަކާއި ޙަވާލުކޮށްފައި އެނބުރިލުމުން، އިނާ ޖަވާބު ދިނެވެ. ދިމާނުވާތާ އެތަކެއް ދުވަސްފަހުން ސުލްޠާނާ އާއި ދިމާވުމުން އުފާވެރި މޫނަކާއެކުގައެވެ.
ސުލްޠާނާ އާއި އޭނައަކީ އިންޑިޔާގައި ކިޔަވަން އުޅުނުއިރުވެސް 6 މަސްދުވަހުގެ ކުރު ކޯހެއްގައިވެސް އެއްކޮށް އުޅުނު ދެމީހުންނެވެ. އަބަދުވެސް އުފާވެރި މިޒާޖެއް ހުންނަ އެ ރަހްމަތްތެރިޔާ އަކީ ކޮންމެ ތަނަކަށްވެސް ދިރުން ގެނެސްދޭ މީހެއްކަން އިނާ ހަނދާން ވިއެވެ.

"
އެހެންތަ.....ކިހިނެއް ކިހިނެއް އެކޮޅުގެ ކަންތައް....ކޮންބައެއްގަ މިހާރު ވޯރކް ކުރަނީ..." ސުލްޠާނާ އަކީ އަބަދުވެސް ދައްކާނެ ވަރަށް ގިނަ ވާހަކަ ހުންނަ އަންހެން ކުއްޖެކެވެ.
"
އޮޕަރޭޝަން ތިއޭޓަރުގަ.....އައިސީޔޫގަވެސް އުޅެން." ސުލްޠާނާގެ ޝައުގުވެރިކަން ފެނިފައި ސިއްރުގޮތަކަށް އިނާއަށް ހީލެވުނެވެ.

"
އެއީ ކިހިނެއް ވާ ކަމެއް. އެކަކަށް ދެބައެއްގައި މަސައްކަތް ކުރެވޭތަ. ގަވާޢިދާއި ޚިލާފެއްނު." ސުލްޠާނާ ވަގުތުން ނުރުހުން ފާޅުކުރިއެވެ.
"
މިތަން ހެނެއްނޫނޭ އެކޮޅު.....އެހާ ގިނައެއް ނުވާނެ....." އިނާ އެވާހަކަ ކުރުކުރަން މަސައްކަތްކުރަމުން ދިޔައެވެ. ތަންކޮޅެއް މަޑުމަޑުން ވާހަކަ ދެއްކުމަށް ސުލްޠާނާއަށް އިޝާރާތް ކުރަމުންނެވެ. 
"
ގިނައެއް ނުވާނެއޭ.؟ އެންމެފަހުންވެސް ނެރުނު ރިޕޯޓްގައި އޮތް ގޮތުންވިއްޔާ ހިތަދޫ ހޮސްޕިޓަލަކީ އަތޮޅުތަކުގެ ތެރެއިން އެންމެ ނަރުހުން ގިނަ އެއް ހޮސްޕިޓަލް.....ދެން ކީއްވެ......؟" ސުލްޠާނާއަށް އަބަދުވެސް ދާއިރާއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އެނގޭނެއެވެ. އެއީ ހައިރާން ވާންވީ ކަމެއް ނޫނެވެ.
"
ރަނގަޅޭ....އެއީ ތެދެއް.....އެހެނެއް ނޫނޭ މި ބުނީ....." އިނާ ބޭނުން ވަނީ އެ ވާހަކަ ކުރުކޮށްލާށެވެ.
"
އޯވހ........ކޮލިފައިޑް މީހުން ދޯ؟ ހެހެހެހެ.........އާނ ދެން އިނާކަހަލަ މާ ގިނަ މީހުން އެތާގަ ނޫޅޭކަން އަހަންނަށް އޮތީ އެނގިފަ....އެނގޭތަ....އަހަރެން މި އުޅެނީ އަނެއްކާ ޕާކިސްތާނަށް ފުރަން....ހިނގަ ދާން.....އެންމެ ހަފްތާއެއްގެ އެއްޗެކޭ....އެކަމަކުވެސް...." ސުލްޠާނާ ބުންޏެވެ.
"
އެހާ ކުރު އެއްޗަކަށް ކީއްކުރަން ދަނީ...." އިނާ އެހިއެވެ. ތިމާއަށް ދިމާވެފައިވާ ކަންތައްތަކެއްގެ ސަބަބުން އެއްވެސް މީހަކާ ވާހަކަ ދެއްކުމުގެ ޝައުގުވެރިކަމެއް ނެތް ވަގުތުތަކުގައިވެސް، ރަހްމަތްތެރިޔާ ދައްކާ ވާހަކަ އަޑުއަހާ އެ ވާހަކައިގައި ބައިވެރިވުމަކީވެސް، ބައެއްފަހަރަށް ކުރަންޖެހޭ ކަމެއްކަން އިނާ ދަނެއެވެ.

"
ކުރަކަސް އެވެސް އިންޓަރނޭޝަނަލް ފެންވަރުގެ ސެޓްފިކެޓެކޭ....އަނެއްކާ އޭޝިއާގެ ވަރަށް ސީނިއަރ ނަރުހުންނާއި ޑޮކްޓަރުންނާއިވެސް ދިމާވާނެ.....އެހެންވެ އަމުދުން ދާން މި އުޅެނީވެސް....ސަޅި ޗާންސެއް އިނގޭ މިއީ. އަސްލު އިނާ ކީއްކުރަން ރަށަށް ދިޔައީ. މިކޮޅުގަ ހުންނަ ނަމަ ކިހާ އޮފަރ ތަކެއް ލިބޭނެ. އަނެއްކާ މާ ސެލެރީވެސް ބޮޑުވާނެ. އަދި ވިސްނަންވީނު އެކަމާ....އޭއި މެރީ ކުރި ޚަބަރުވެސް އެހިން....ކިހިނެއް ކިހިނެއް ހަބީ....." އެއް މައުޟޫއު ނިމި އަނެއް ދެ މައުޟޫއަށް ދިޔައިރުވެސް އިނާ އެއްޗެއް ބުނަން ފުރުޞަތު ނުދެވެއެކޭ ސުލްޠާނާގެ ހިތަކަށް ނާރައެވެ. އެހާވެސް ހިތްއަވަސް ވެފައި ޝައުގުވެރިކަން ބޮޑެވެ.

"
ރަނގަޅު........" ހުރިހާ ވާހަކައެއްގެ ތެރެއިންވެސް އިނާއަށް ޖަވާބު ދެވުނީ ސުލްޠާނާ އެންމެ ފަހުން ކުރި ސުވާލަށެވެ. 

"
އޭއި އަސްލުވެސް ނުދާނަންތަ....އަމިއްލައަކަށް ނުޖެހޭ އެއްވެސް ޚަރަދެއް ކުރާކަށް. މި ހޮސްޕިޓަލުން އެބަދޭ ތިން މީހުން...ހުރިހާ ޚަރަދެއްވެސް ކުރަނީ ޕާކިސްތާނު ސަރުކާރުން." ސުލްޠާނާ އަނެއްކާވެސް އޭނަގެ އަސްލު މައުޟޫއަށް އަޅުވާލިއެވެ.
"
އެންމެ ހަފްތާއަކަށް ނުދެވޭނެ...." އިނާ އިންކާރު ކުރިއެވެ.

"
އެހެންވެއްޖިއްޔާ އަންނަމަހު އޮތް އެއްޗަށް ދާންވީނު..... އެއީ އަދި މިއަށްވުރެ މާ މޮޅު އެއްޗެއް. ދުނިޔެއަށް މަޝްހޫރު ދެތިން މީހަކުވެސް އެތަނަށް ދާނެކަމަށް ވަނީ....މެރީ ކުރިޔަކަސް އަބަދު ގޭގަ އިންނާކަށް ނުޖެހެއޭ.....ތަންތަނަށް ގޮސްލަންވާނެ. މިދަނީކީ ކުށެއް ކުރާކަށް ނޫނެއްނު....ދާއިރާއިން ރިފްރެޝްވެލަންޖެހޭނެ ދޭތެރެ ދޭތެރެއިން......އަހަރެން ދާނަން އެޔަށްވެސް....ވިސްނައްޗޭ އިނގޭ..." ސުލްޠާނާ އަކީ މިނިވަން ޚިޔާލުގެ އަންހެން ކުއްޖެކެވެ. އެހެންކަމުން އެގޮތަށް ގައުމުން ބޭރަށް ދިއުމަކީ އެއްވެސް ބޮޑުކަމަކަށް އޭނައަކަށް ނުވާނެއެވެ.

"
އޭއި ދަނީ އޭ އިނގޭ....ކޮންއިރަކުން ފުރަނީ....އަދި ދިމާވާނެނު ދޯ؟ މަގޭ ނަންބަރު އެބައޮތްތަ....އަން.....މި ނަންބަރުން ގުޅޭނެ އިނގޭ..." ފުރަންހަމަޖެހިފައިވާ އިރެއް އިނާއަށް ނުވެސް ބުނެވެއެވެ. ޖަވާބަކަށް ސުލްޠާނާ އިންތިޒާރު ނުކުރާތީއެވެ. އަދި ދިމާވާނެ ކަމަށް ބުނެފައި، މޭޒުމަތީގައި އޮތް ގަނޑެއްގައި އޭނަގެ އަމިއްލަ ފޯން ނަންބަރު ޖަހާލާފައި ސުލްޠާނާ ހިނގައްޖެއެވެ.

އިނާގާތަށް ލުއި ހިނިތުންވުމެއް އައެވެ. ސުލްޠާނާ ދުވަހަކުވެސް ބަދަލެއް ނުވިތާއޭ ހިތަށް އަރާފައެވެ.

** ** ** ** ** ** ** ** **
މެންދުރުފަހު ތިނެއްޖަހަންވީއިރު އިނާ ހުރީ، ހުދު ކުލައިގެ ރީތި ދަބަހެއް ކޮނޑުގައި އަޅުވައިގެން ނުކުމެ އައިޖީއެމްއެޗް ގެ ބޭރު ގޭޓް ކައިރީގައެވެ. ސޯނިޔާއަށް ގުޅާފައި އޭނަ ބަލާ ކާރު ފޮނުވައިދިނުމަށް އެދިފައެވެ. 

ސޯނިޔާ ހިތުގައި ހިނގަމުން ބުރުޖަހަމުން ދަނީ މިއަދު ލީނާ އާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. އަދި އެންމެ ޚާއްޞަ ގޮތެއްގައި ނަވީންގެ މަންމަގެ ހަނދާންތަކެވެ. 
ނަވީންގެ މަންމަ އޭނައާއި ދިމާލަށް ބަލާލި ގޮތާއި އެ މައިދައިތަގެ ދުލުން އޭނައާއި ދިމާލަށް ބުނެލާފައި ދިޔަ ބަސްތަކެވެ. އެ ބަސްތަކުގެ މާނަ އޭނައަށް މުޅިން ނުވިސްނުނު ކަމުގައި ވިޔަސް ނަވީންގެ މަންމަގެ ހިތުގައި އޭނައާއި ދޭތެރޭ ކުޑަވެސް ގާތްކަމެއް ކުލުނެއް އުފެދިފައި ނެތްކަން އިނާއަށް ވަރަށް ރަނގަޅަށް ޔަގީންވެގެން ދިޔައެވެ. 
އިނާގެ ހިތުގައި އެންމެ ބޮޑަށް ހަރުލާފައި ވަނީ އޭނަގެ މަންމައޭ ކިޔައިގެން ނަވީން މަންމަ އެ ބުނި އެއްޗެކެވެ. އޭގެ މާނައެއް އޭނައަކަށް ނޭނގެއެވެ. އެހެންނަމަވެސް އެ ވިސްނުމަކާ ދުރެއް ނުވެވުނެވެ.

ޑިއުޓީއިން ގެއަށް ގޮސް ފެންވަރާ ހަދާލައިގެން އިނާއަށް ނުކުމެވުނީ ހަވީރުގެ ސައި ގަޑިއަށެވެ. ބަދިގޭގެ މަސައްކަތުގައި ސޯނިޔާއަށް އެހީވުމަށް ގެންގުޅޭ ފަޒީލާ އަވަސް އަރުވާލާފައި ކާމޭޒަށް ހެދިކާއާއި ސަޔާއި ގެންނަމުން ދެއެވެ. 

"
ދޮންތަ ހީކުރީ އައިއްސަ ޖައްސާލީކަމަށް. ...." ބަދިގެތެރެއިން ކާކޮޓަރިއަށް ފަޒީލާ ގެންނަ ތަށިތައް، އެއްއަތުން ރަޔާން އުރައިގެން ހުރެ މޭޒުމަތީގައި އަތުރަން ހުރި ސޯނިޔާއަށް އިނާ ފެނުމުން ބުނެލިއެވެ.
އިނާ ވަކި އެއްޗެއް ނުބުނެ ގޮސް ދޮންތަ އަތުން ރަޔާން އަތުލައިގެން އުރާލިއެވެ. ރަޔާން އަކީވެސް އިނާއަށް މާ ބޮޑު ޝައުގުވެރިކަމެއް ހުންނަ ކުއްޖަކަށް ވުމުން މަންމަ ކައިރިން ދުރަށް ދާންޖެހުމަކުން މައްސަލައެއް ނުޖައްސައެވެ.

"
މަންމަގެ ދޫނި....އާދޭ ދެން ސައިބޯން...." ކާކޮޓަރީ ދޮރުން ބޯދިއްކޮށްލާފަ ސޯނިޔާ ގޮވާލިއެވެ. ސިޓީންރޫމްގައި ކާރޓޫން ބަލަން އިން ސަނީހް އަށެވެ.
"
މިހާރު އެހާ ގޭމެއް ނުކުޅޭ ދޯ. އަބަދުވެސް ކާޓޫނު ބަލާތަން ފެންނަނީ." ސަނީހް އާއި ބެހޭ ގޮތުން އިނާ އަހާލިއެވެ.

"
އާނ. އެކި ދުވަސްވަރު އެކި ކަންތައް ކުރުން އޮންނަނީ...." ފަސްއަހަރު ފުރި ހައަހަރަށް ދާ ސަނީހް ގެ ކޮންމެ ދުވަހަކީވެސް އާ ކަންތައްތަކުން ފުރިގެންވާ ދުވަހެކެވެ. 
"
ތިއްތަގެ ފުށްގަނޑުވެސް އެހާ ގޭމް ކުޅޭހިތްވާނެތަ؟" ދެއަހަރާ ބައިގެ ރަޔާންގެ ނިތްކުރިމައްޗަށް އައިސްފައިވާ އިސްތަށިތައް ދުރުކޮށް އެ މައުސޫމް ދެލޮލަށް ބަލާލަމުން އިނާ އަހާލިއެވެ. އަމިއްލަ އަމިއްލައަށް ވާހަކަ ދައްކާ ކަހަލަ ގޮތަކަށެވެ. 

"
މިރޭ ފުރަންވީ ދޯ؟ ދެދުވަހެއްވަރު މަޑުކޮށްލަންވީނު...." މޭޒުދޮށުގައި ހުއްޓިލަމުން ސޯނިޔާ އެދެފިއެވެ.
"
އެހެން ކިހިނެއް....؟ ޖެހޭނީ ގޮއްސަ ޗުއްޓީ ނަގައިގެން އަންނަން. މި ދަތުރަކު މަޑެއް ނުކުރެވޭނެ..." ގޮނޑިއެއްގައި އިށީނދެލަމުން އިނާވެސް ޖަވާބު ދިނެވެ.
"
މިކޮޅުގަވެސް ޑިއުޓީއަށް ނުކުންނަން ނުޖެހުނު ނަމަ ގޭގަ މިއަދުވެސް ހުރެވުނީސް. އަސްލު ކީއްވެ އެހެން ޑިއުޓީ ކުރަން ޖެހެނީ. ؟" ފުރަތަމަ ދުވަހުއްސުރެންވެސް ސޯނިޔާ ހުންނަނީ އެ ސުވާލު ކުރަން ބޭނުން ވެފައެވެ.
"
އެއީ ޑިއުޓީއެއް ނޫނޭ.....އެ ޕޭޝަންޓުގެ ކަންތައް ގޮތަކަށް ނިމެންދެން ހޮސްޕިޓަލުން، މި ބުނީ ހިތަދޫ ހޮސްޕިޓަލުން އެދިގެން މިއަދު މި ދިޔައީ. އެއީ އަނެއްހެން ޑިއުޓީއެއް ނޫން." އިނާ ރަނގަޅަށް އޮޅުންފިލުވައިދިނެވެ.

މާ ލަސްތަކެއް ނުވެ ސުހެއިލް އާއި އާމިރާ، އައިސް ކާކޮޓަރިއަށް ވަދެއްޖެއެވެ. ސިޓިންރޫމްގައި އިން ސަނީހް ގޮވައިގެން އައީ ސަނީހްގެ ބައްޕަ ރީހާން އެވެ. 
"
ޑެޑީ....ޑެޑީ......." ރީހާން ފެނުމާއެކު އިނާގެ އުރުގައި އިން ރަޔާން ތެޅިގެންފިއެވެ. އިނާވެސް އަވަހަށް ޅިޔަންބެއަތަށް ރަޔާން ދިނެވެ.
ހަވީރުގެ ސައި ވެގެން ދިޔައީ އެގޭގައި އެވަގުތު ތިބި އާއިލާގެ އެންމެން އެއްތަނަކުން ބައްދަލުވެ ވާހަކަ ދެކެވުނު އުފާވެރި ވަގުތު ކޮޅަކަށެވެ. އެ އުފާވެރިކަން އިތުރަށް އިތުރުކޮށްލަން އިނާ ބަނޑުބޮޑުވާހަކަ ބުނަން ދެފަހަރަކު ސޯނިޔާ ލޮލުގެ އިޝާރާތުން އެދުނެވެ.

ނަމަވެސް އެ ކަމާއިބެހޭ ބަހެއް ދުލުން ބުނާކަށްވެސް އިނާ ގަބޫލެއް ނުވިއެވެ. އެހެންކަމުން އެ ވާހަކަ އޮތީ ސިއްރެއްގެ ގޮތުގައި ސިއްރު ކުރެވިފައެވެ. މުޅި އާއިލާއިންވެސް އެކަން އެނގެނީ ސޯނިޔާއަށެވެ.

** ** ** ** ** ** **
 

އިނާއަށް ކުއްލިއަކަށް ލޯހުޅުވާލެވުނެވެ. ސިހިފައި އަނެއްފަރާތަށް ބަލާލެވުނެވެ. 
އެއީ އޭނައަށް ވީ ހީއެކެވެ. ނަވީންއެއް ނެތެވެ. 

އިނާ ތެދުވެ އިށީނދެއްޖެއެވެ. 
ދެކަކޫ ލަންބާލައިގެން ފައި ކުރުކޮށްލައިގެން ދެއަތުން ކަކޫ ވަށާލައިގެން އިންއިރު އިނާގެ މޫނުމަތިން ފެންނަނީ ސިހުމާއި ހިތްދަތިކަމުގެ ކުލަވަރެކެވެ. 

އޭނައަށް ނަވީންގެ ހަނދާންތަކުން މިވަރަށް އުނދަގޫކުރާކަން އަޅެ ނަވީންއަށް އެނގޭބާވައެވެ. 
މިއަދު ހެނދުނު މާލޭ ހޮސްޕިޓަލުން ލީނާ މެންނާއި ދިމާވިފަހުން ނަވީން ގުޅި އެއްވެސް ކޯލެއް އޭނަ ނުނަގައެވެ. ދެ މެސެޖަކަށް ޖަވާބު ދިންމެއެވެ. ނަމަވެސް ކޯލަކަށް ޖަވާބު ދީގެން ވާހަކަ ދެއްކުމަކީ އޭނައަށް ކުރެވޭވަރަށްވުރެ އުނދަގޫކަމަކަށް ވަނީ ވެފައެވެ.

އެއިން އެއްވެސް ކޯލަކަށް ޖަވާބު ނުދީ މާލެ ދޫކޮށް ފުރައިގެން އައިސް، ދެންވެސް އޭނަ ނިދީ ނަވީން ގުޅި އެއްވެސް ކޯލަކަށް ޖަވާބު ނުދީއެވެ. އެހެނެކޭ ކިޔާފަ ނަވީންގެ ހަނދާންތައް އޭނަ ދޫކޮށް ނުދެއެވެ. ލޯމެރި، ނިންޖަށް ގެނބުނުއިރުވެސް އިނާގެ ލޮލުން އެންމެ ފަހަށް އޮހުނު ކަރުނަ ތިކި އޮހުނީ ނަވީންގެ ހަނދާންތަކުގައެވެ. ނަވީންގެ ފަރާތުން އޭނައަށް ލިބޭ ބީހުމެއް ނެތް އަނިޔާތަކުންނެވެ. 

މިގޮތަށް އޭނައަށް ކެތް ކުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އޭނައަށް ނަވީންގެ އޯގާތެރިކަމާއި ލޯތްބާއި އެ ފިރުމުންތަކާ ނުލާ އުޅެން ވަރަށް ދައްޗެވެ. ނަވީން ގާތަށް އޭނަ ދާން ބޭނުމެވެ. ނަވީންގެ ފިރުމުންތައް އޭނަ ވަރަށް ބޭނުމެވެ. 
އެކަމަކު......ވެފައި މިއޮތީ ކިހިނެއް ހެއްޔެވެ؟ 

މިއީ ވެގެން ވާނެ ގޮތެއް ނޫނެވެ. އޭނައަށް މި ދުވަސްތަކާ ކުރިމަތި ނުލެވޭނެއެވެ. އޭނައަށް މިގޮތަކަށް ނޫޅެވޭނެއެވެ. އޭނަ މިކަމަށް ހައްލެއް ހޯދަން ވެއްޖެއެވެ. ވިސްނަން ވެއްޖެއެވެ. ގޮތެއް ނިންމަން ވެއްޖެއެވެ. 
ނަވީންގެ ހަނދާންތަކުން ހިތްކަތިލެވިލެވި ނުހުރެވޭނެއެވެ. ކޮންމެ ދުވަހަކު މިކަމަކާ ކުރިމަތިލާކަށް އޭނަ ބޭނުމެއް ނޫނެވެ.

އެނދުން ފައިބައިގެން ގޮސް އިނާ ވަނީ ފާހާނާ ކޮޓަރިއަށެވެ.
މޫނުދޮވެލާ ހަދާލައިގެން ނުކުމެ މޫނުބަލާ ލޯގަނޑު ކައިރީގައި ފާރުގައި އަޅުވާފައި ހުރި ގަޑިބަލާލިއެވެ. ފަތިހު ހަތަރުގަޑި ބައިވީއެވެ. ނިދާކަށް މާ ގިނައިރެއްވެސް ނެތެވެ. 
މާލެއިން ގަމަށް އާދެވުނުއިރު ދަންވަރު އެއްގަޑިބައިވެ، ގެއާއި ހަމައަށް އާދެވުނުއިރު ދޭއްޖަހާ ބޮޑުވެފައި ހުއްޓެއްކަމަކު، ހަމަ ނިދި ނުލިބޭއިރުވެސް އޭނައަށް މިހާ އަވަހަށް މި ހޭލެވުނީވެސް ހަމަ ނަވީންގެ ސަބަބުންނެވެ. 
ބަންގި ގޮވަން އަދި ފަނަރަ ވަރަކަށް މިނެޓް ހުރުމުން އަނެއްކާވެސް ގޮސް އިނާ އޮށޯވެއްޖެއެވެ. 

** ** ** ** ** ** **
"
ދަރިފުޅާ ހާދަ ހެނދުނަކާ ހޭލައިގެން ތިއުޅެނީ....." ހެނދުނު ހަގަޑިބައިވާން އުޅެނިކޮށް ޓެރަސް އަށް އައި ޝީލާއަށް އެތާ އުނދޯލީގައި އިނާ އިންދާ ފެނިގެން އަހާލިއެވެ.
"
ނުވެސް ނިދަނީތަ ........؟" އިނާވެސް އިށީނދެ އިން އުނދޯލީގެ އަނެއްކޮޅުގައި އިށީންނަމުން ޝީލާ އެހިއެވެ.

"
އެހާ ނިންޖެއް ނެތް....." ހިނިތުންވެލަމުން އިނާ ޖަވާބު ދިނެވެ. އޭނަގެ ހިތުގެ ހާލު އެނގޭނަމަ އޭނައަށް ނުނިދޭތީ މަންމަ ހައިރާނެއް ނުވާނެއޭ އިނާގެ ހިތަށް އެރިއެވެ.

"
ސައިބޮއިފިންތަ......؟" ޝީލާ އެހިއެވެ.
"
ހޫމް.........މަންމާ......އެބަ ވިސްނަން ކުރު ކޯހަކަށް ދާން......" ސައި ބުއިމުގެ ވާހަކައަށްވުރެ މުހިއްމު ވާހަކައެއް އޭނަ ފެށިއެވެ.

"
ދަރިފުޅު އަބަދުވެސް ދަމެއްނު....ކޮންތަނަކަށް މިފަހަރު ދާން ތި ވިސްނަނީ .....؟" އިނާ އަކީ ވަރަށް ގިނައިން އެކި ސެމިނަރ ވޯކްޝޮޕްތަކަށް އަމިއްލަ ގޮތުންވެސް ގޮސްފައި ހުރި ކުއްޖެއްކަމުން އިނާ މި ދިން ޚަބަރަކުން ޝީލާ ހައިރާނެއް ނުވިއެވެ.

"
ޕާކިސްތާނަށް.....އެންމެ ހަފްތާއެއްގެ އެއްޗެއް...." ކުރީ ދުވަހު ސުލްޠާނާ އެ ވާހަކަ ދެއްކިއިރު އެއިން އެއްވެސް ކޯހަކަށް ދިއުމުގެ ކުޑަވެސް ޝައުގެއް އޭނަގެ ނެތް ނަމަވެސް، ރޭގެ ފަތިހުއްސުރެން އޭނަ އެ އިނީ އެ ކޯހުގައި ޕާކިސްތާނަށް ދާން ނިންމައިގެންނެވެ. 
މަގްޞަދަކީ ދުވަސްކޮޅަކަށްވިޔަސް ނަވީންއާއި ނަވީންގެ ހަނދާންތަކާއި ދުރަށް ދިއުމެވެ.

"
އެންމެ ހަފްތާއަކަށް ޕާކިސްތާނަށް...؟ އެހާ ކުޑަ ދުވަސްކޮޅަކަށް އެހިސާބަށް ދާން...؟ ކޮން އިރަކުން ފުރަން ޖެހެނީ؟ ހަމަކޮންމެހެންވެސް ދާން ޖެހޭނެތަ؟" އިނާގެ އެ އެދުމާއި އެހާ ބޮޑަކަށް ޝީލާ ހިތްހަމައެއް ނުޖެހުނެވެ. ފަހަރެއްގައި އެއީ ޕާކިސްތާން ވީމަ ކަމަށްވުންވެސް އެކަށީގެންވެއެވެ.

"
މި އަންނަ ހަފްތާގަ ފުރަންޖެހޭނެ.......އެއީ ހަމަ އަމިއްލަ ގޮތުން ބައިވެރިވާ އެއްޗެއް. އެކަމަކު އޭގެ ހުރިހާ ޚަރަދެއް ހަމަޖައްސަނީ ޕާކިސްތާނުން...." މަންމަ އެހާ ގަބޫލެއް ނޫންކަން އެނގުނު ނަމަވެސް އިނާ އަޅައެއް ނުލައެވެ.
"
ޚަރަދެއް ނޫނޭ ދަރިފުޅާ.......މިހާރު ދަރިފުޅު ތިއީ މީހެއްގެ އަންބެއްނު.....ނަވީން ނުވެސް ނެތީސް އެހެން ފުރައިގެން ދާންވާނެބާއޭ މަންމަ ހިތަށް އަރަނީ." ޝީލާ އޭނައަށް ކަންބޮޑުވެގެން އެ އުޅޭ ކަމެއް ސަރީޚަ އިބާރާތުން ބުންޏެވެ.

"
ނަވީން ކައިރީ ބުނެފިންތަ......؟" އިނާ އެއްޗެއް ނުބުނުމުން ޝީލާއަށް ހީވިގޮތް ޝީލާ އެހިއެވެ.
ނޫނެކޭ ބުނުމުގެ ގޮތުން އިނާ ހޫރާލީ ބޮލެވެ.

"
ބަލަ މިހާރު ދަރިފުޅު ތިކަހަލަ ކަންތަކަށް ހުއްދަ ހޯދަންޖެހޭނީ ނަވީން ކައިރިން. މަންމަމެން ކައިރިން އަހަން ޖެހޭނީ އޭގެ ފަހުން....އަވަހަށް ނަވީން އާއި ތި ވާހަކަ ދައްކާ....ނަވީން ހުއްދަ ދީފިއްޔާ ހަމަ ދާންވީ ދަރިފުޅު...." ހީލަމުން މިހެން ބުނެފައި އުނދޯލިން ފައިބައިގެން ، ޝީލާ ހިނގައިގަތީ، ޓެރަސްގެ ފާރުކައިރީ ބަހައްޓާފައި ހުރި މާގަސްތައް ކައިރިއަށެވެ. ކޮންމެ ހެނދުނެއްގައި އެ ގަސްތަކުގެ ޙާލު ބެލުމަކީ މަންމަގެ އާދައެވެ. މިހާ ހެނދުނާ ޓެރަސްއަށް މަންމަ އެ އައީވެސް އެހެންވެގެންކަން އިނާއަށް އެނގެއެވެ.

"
އެއްވެސް ކަމެއްގައި ދެން ނަވީންގެ ހުއްދައެއް ބޭނުމެއް ނޫން......" ގޮސްގޮސް ހުއްޓާ އިނާ މިހެން ބުނި އަޑު އިވިފައި ޝީލާއަށް ހުއްޓުން އެރިއެވެ.
"
ކީކޭ ދަރިފުޅާ........." އިވުނުގޮތޭ ޝީލާއަށް ހީވި ކަހަލައެވެ.

އެއްޗެއް ނުބުނެ ހިމޭން ވަގުތުކޮޅެއް ދިޔައެވެ.
އޭނައަކީ މިކަހަލަ ވާހަކައެއް ދުވަހަކުވެސް ދެއްކި މީހެއް ނޫނެވެ. އެކަމާ މަންމަވެސް ހައިރާން ވާނެއެވެ. އެކަމަކުވެސް، އޭނައަށް އެހީތެރިއަކު ބޭނުން ވެއެވެ. އޭނަގެ މަންމަ އާއި ބައްޕަ ނޫނީ އޭނައަށް މިކަމުގައި އެހީވާނެ އެހެން ބަޔަކު ނޫޅޭނެއެވެ. 

ހަގީގަތް ހާމަ ކުރަން އިނާއަށް މަޖްބޫރު ވިއެވެ.

"
ނަވީންއަކީ އަހަރެން ހީކުރިކަހަލަ ރަނގަޅު މީހެއް ނޫން..." އިސްޖަހާލަމުން އިނާ މިހެން ބުނެލީ ވަރަށް މަޑުމަޑުންނެވެ.
ޝީލާއަށް ލިބުނީ ބޮޑުވެގެންވި އަންތަރީސް ކަމެކެވެ. އެއީ ހަމަ އޭނަގެ އިނާ ބާވައެވެ. ނަވީން އާއި ބެހޭ ގޮތުން އެކަހަލަ ވާހަކައެއް އެ އިނާގެ ދުލުން ބޭރުވުމަކީ ހާދަ ނާދިރު ކަމެކެވެ.

"
ދަރިފުޅު ކީކޭ ތި ކިޔަނީ........؟" ޝީލާ އައިސް އުނދޯލިކައިރިއަށް މަޑުކޮށްލިއެވެ. 

އިނާ އެކިޔާ އެއްޗެއް އިނާ އޮޅުންފިލުވައިދިނެވެ. 
އެ ރީތި ހެނދުނުގެ އިރު ދެވަނަ މޯޅިއަށް ދެމިލުމުގެ ކުރިން ހުރިހާ ވާހަކައެއް އިނާ މަންމައަށް ކިޔައިދީފިއެވެ. 
ލީނާގެ ވާހަކައެވެ. އެންމެ ފުރަތަމަ މާލެއިން ލެކިއުޓް ތެރެއިން ޒިޔާދުއާއެކު ލީނާ ފެނުނު ވާހަކައެވެ. އެރޭ އެއީ ލީނާކަން ނޭނގުނަސް އިހަށްރޭ ސޯފީ ބުނުމުން އެއީ ލީނާކަން އެނގުނު ވާހަކައެވެ. އޭގެ ފަހުން ލީނާ މިރަށަށް އައިސް އެގެއަށް އައިސް އެ އާއިލާއާއި ގުޅިގެން އުޅެފައި ދަމުން ދަމުން ދައްކާފައި ދިޔަ ވާހަކައެވެ. 
އޭގެ ފަހުން އޭނަ މާލެ ދިއުމުން އައިސީޔޫ ތެރެއިން ނަވީންގެ މަންމަ އާއި ލީނާ އާއި ދިމާވެގެން ދެކެވުނު ވާހަކައެވެ. ނަވީންގެ މަންމަ އޭނައާއި ދިމާލަށް ބުނެލި ބަހެވެ. 
މި ހުރިހާ ވާހަކައެއްވެސް އިނާ ކިޔައިދިނެވެ. 

"
ދަރިފުޅަށް އެކަންޏެއް ނޫންކަންނޭނގެ ނަވީން ނޭނގުނީ. އަހަރެމެން އެންމެންނަށްވެސް ނަވީން ނޭނގުނުހެން ހީވަނީ. އެގެއަށް ދިޔަ ފުރަތަމަ ދުވަހުވެސް ތިބުނާ ލީނާއެއްގެ ވާހަކަ ނަޖްމާ ދެއްކި. އެކަމަކު އޭރު ހީކުރީ އެއީ ނަޖްމާގެ ރޭވުމެއް ކަމަށް. ނަވީންގެ އުޅުމާ ގުޅުން ހުންނަ ގޮތުން އެއީ ނަވީން ނުވެސް ދެނަހުރިކަމެއްކަމަށް ނިންމައިގެން މަންމަވެސް ހުރީ.....އެކަމަކު ތި ހުރިހާ ކަމެއް.........." ޝީލާގެ ފިކުރު ބޮޑުވެއްޖެއެވެ.

އިނާ އެއްޗެއް ނުބުނެއެވެ. ހަމަހިމޭނުން މަޑުމަޑުން އިނީއެވެ. ވާހަކަ ގިނަ މީހެއްނަމަ ދުލުން ބޭރުވާނެ އެތައް ވާހަކައެއް ހުއްޓެވެ. އެހެންނަމަވެސް އެއީ އިނާއެވެ. އިނާގެ ދުލުން އަޑުއިވޭނީ މަދު ބަސްކޮޅެކެވެ.

"
އެކަމަކު ދަރިފުޅާ...ކަމެއް ދިމާވާއިރަށް އެކަމަކަށް ފިލުމަކީ އެންމެ ރަނގަޅުގޮތް ހެނެއް މަންމައަށް ހިއެއް ނުވޭ....މައްސަލައާއި ދުރަށް ދިއުމުގެ ބަދަލުގަ މައްސަލަ ހައްލުކުރެވޭތޯ ބަލަންވީނު. ތިގޮތަށް ދުރަށް ދިއުމުން އެ ދެވެނީ އެހީގެ އެތައް އަތަކާ ދުރަށް. އެތައް ބައެއްގެ ގާތްކަމާ ދުރަށްގޮސް އަމިއްލަ ނަފްސު އެކަނިވެރިކަމުގެ ތެރެއަށް އެ ވައްޓާލެވެނީ. މަންމައަކަށް ހިއެއް ނުވޭ އެއީ ރަނގަޅު ގޮތްހެނެއް....މަންމަމެން ދަރިފުޅު ގެންގުޅުނީ އެގޮތަކަށް ނޫން. ދަރިފުޅު އަދި ވިސްނާލަންވީނު ތިކަމާ..." ޝީލާ އެ ދިނީ ކޮންމެ މަންމައަކުވެސް ދޭނެ އެންމެ ރަނގަޅު ނަސޭޙަތްކަމަށް ޚުދު އިނާވެސް ގަބޫލު ކުރެއެވެ.

އެކަމަކުވެސް......

"
މައްސަލައާއި ކުރިމަތިލާނެ ގޮތެއް އަހަންނަށް ނުވިސްނޭ....ވިސްނަން ވަގުތުކޮޅެއް ބޭނުން...." އިނާ ބޭނުންވާ ގޮތް އަނެއްކާވެސް އިނާ ހާމަ ކުރިއެވެ. 

ނަވީން އާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތްކަމާއި މިކަމާއި ބެހޭ ގޮތުން ވަކި ގޮތެއް އޭނަ އަމިއްލައަށް ނުނިންމާ ހުއްޓާ ނަވީން އަތުވެއްޖެނަމަ ހުރިހާ ކަމެއް ބޮއްސުންލާފާނެކަމަށްޓަކައި އޭނަ ބިރުގަންނަ ކަމަށް މަންމަ ކައިރީ އޭނައަށް ބުނެވެން ނެތީއެވެ.

"
ދަރިފުޅު ވިސްނާނެ އިތުރު ވިސްނުމެއް ނޯންނާނެ ނު. ނަވީން އާއި ތިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި އެމީހަކާ ދުރުވާށޭ ނަވީން ކައިރީ ބުނޭ....ވީ ކަމެއް ނުވާ ކަމަކަށް ނުވާނެ. އެކަމަކު އެ އަންހެންކުއްޖާ އެ އަޅުވާ ތުހުމަތަކީ ހަގީގަތެއްތޯ ފުރަތަމަ ބަލަންވީނު....އޭގެ ފަހުންނެއް ނޫންތަ ނިންމާނެ ގޮތެއް އެނގޭނީ." ޝީލާގެ ވިސްނުން ހުރި ގޮތަކީ އެއީއެވެ.

"
ފޯނުން ނަވީން އާއި އެ ވާހަކަ ނުދެއްކޭނެ....." ސާބިތުކަމާއެކު އިނާ ބުނެލިއެވެ.

"
ދަރިފުޅު ނުދައްކަންޏާ މަންމަ ދައްކަފާނަމޭ....ނޫނީ ބައްޕަވެސް ދައްކަފާނެ. ތިއީކީ ކުޑަކުޑަ ކަމެއް ނޫން. ތިކަމާ ބެހޭ ގޮތުން ދެފަރާތުގެ އާއިލާއިންވެސް އެބަޖެހޭ ވާހަކަ ދައްކަން....ދަރިފުޅު އިހަށް ގޮތް ނިންމާނެކަމެއް ނެތް....މަންމަ ބުނަންދެން މަޑުކުރޭ......" މިހެން ބުނެފައި އިތުރު އެއްޗެއް ބުނުމެއްވެސް އަޑު އެހުމެއްވެސް ނެތި ޝީލާ ދިޔައީއެވެ.

"
އިނާ އާއި ނަވީންގެ ދިރިއުޅުން މުޅިން ހަލާކުވެއްޖެ...." ކޮޓަރިއަށް ވަން ގޮތަށް ވަދެފައި އެނދުގައި އިށީނދެލަމުން ޝީލާއަށް މިހެން ބުނެލެވުނީ އަމިއްލަ އަމިއްލައަށް ކަހަލައެވެ.
"
ކީކޭ.........؟" ޝީލާ ބުނި އެއްޗެއް ޚާލިދުއަށް މުޅިން ސާފު ނުވީ އަލަމާރި ކައިރީ ހުރެވުމުންނެވެ.

"
އަހަރެމެންނަށް ކީއްވެ ނޭނގުނީ މިގޭތެރޭގައި މި ހުރިހާ ކަމެއް ވެގެންދާއިރު....؟" ޝީލާ އަދިވެސް އެ ސުވާލު ކުރަނީ އޭނަގެ އަމިއްލަ ނަފްސާއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ ލީނާގެ ހަގީގަތް ލޯ ކުރިމަތިން ފެނުނު އިރުވެސް ވިސްނާނުލެވުނީތީވެއެވެ.

"
ކީކޭ ޝީލާ ތިކިޔަނީ......." ޚާލިދު ގޮސް ފާހާނާ ކޮޓަރިއަށް ވަނީ މިހެން އަހާލާފައެވެ.

"
ޚާލިދު.........." ޚާލިދު ފެންނަން ނެތުމުން ޝީލާ ގޮވާލިއެވެ. އައިސްބަލާށޭ ވާހަކައެއް ބުނަން ވެއްޖެއޭ ބުނާ ކަހަލަ ރާގަކަށެވެ.

ޝީލާ ގޮވާލުމާއެކު ޚާލިދުވެސް އައިއްސިއެވެ. ސޯފާގައި އިށީނދެ އިނދެ ކުރިމަތީ އެނދުގައި އިން ޝީލާ ދެއްކި ހުރިހާ ވާހަކައެއް ސަމާލުކަމާއެކު އަޑުއަހަމުން ޚާލިދު ދިޔައެވެ.

"
ފޯން ނަގާދީބަލަ......" އެނދުކައިރީ ހުރި ސައިޑް ޓޭބަލް މަތީ އޮތް މޮބައިލް ފޯން ނަގައިދިނުމަށް ޚާލިދު އެދުނީ ޝީލާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހާ ނިންމުމަށްފަހުގައެވެ.

"
ކާކަށް ގުޅަން ތި އުޅެނީ...." ފޯން ދީފައި ޝީލާ އެހިއެވެ.
"
ނަވީން މަންމައަށް.....ނަޖްމާއަށް..............." ޚާލިދު މިހެން ބުނިއިރު ނަންބަރު ހޯދަނީއެވެ.

ޝީލާވެސް އެއްޗެއް ނުބުނެ އިނީއެވެ. ނަޖްމާއަށް ގުޅަން އޭނައަށް ނުކެރުނަސް ޚާލިދުއަށް ކެރޭނެކަން ޝީލާއަށް އެނގެއެވެ.

"
ހަލޯ..........ނަޖްމާ އުޅުއްވާތޯ........؟" ޚާލިދު ގުޅީ ނަޖްމާމެންގޭގެ ސިޓިންގރޫމްގައި ހުރި ފޯނަށް ކަމުން ފޯން ނެގީ އެގޭގައި ނަޖްމާއަށް އަތްގާތްކޮށްލަދޭން އުޅޭ، އަންހެންކުއްޖާއެވެ. އެގެއަށް ގޮސް އުޅުމުގެ ތެރޭގައި އަޑުއިވިފައި ހުރުމުން ފޯނުން އިވުމުންވެސް އެއީ ފަހީމާ ކަން ޚާލިދުއަށް އެނގުނެވެ. 
"
ލައްބަ.....މަޑުކޮށްލަދެއްވާ..." ނަޖްމާ ހޯދަން ދިއުމުގެ ކުރިން ފޯންގެ ރިސީވަރު ބޭއްވި އަޑު ޚާލިދުއަށް އިވުނެވެ.

 
ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-11-26 15:12:28 | Report this Comment
ސުބުޙާނަﷲ. ފަތިސްތަރި ވާހަކަ ގެނެސްދެނީ އަހަރަކުން އެއްފަހަރުތަ. މިއީ މިއަހަރުގެ ބައި ދޯ. ދެން އަނެއްކާ ވެސް އަންނަ އަހަރު ދޯ. އަޅެ ކިއުންތެރިން ފޫހިނުވާގޮތަށް ގެނެސްދޭނަމަ ކިހާ ރަނގަޅު.


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 16:14:07 | Report this Comment
ހާދަ ދުވަހެއް ކޮށްލާފަ. އެކަމަކު ވެސް ވ.ސަޅި. އިނާ ކައިރީ ބުނެބަލަ އެހާ ފިނޑި ނުވާށޭ. ނަވީން އާ ޓޯކް ކުރީމައެށް ނުން ވީ ގޮތް އިނގޭނީ. ދެން ޕާޓް ލަސްނުކޮށް ގެނެސްދެއްޗޭ. ޕްލީޒް


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 16:52:25 | Report this Comment
ވ.ރީތި އެކަމު ހާދަހާ ލަހުން ތިއަޕްލޯޑް ކުރަނީ.ތިޔައްވުރެ އަވަސް ކޮއްލަ ނުދެވޭނެތަ


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 17:23:30 | Report this Comment
އަނެއްބައި ކޮން އިރަކުންބާ؟؟


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 17:26:09 | Report this Comment
ހައި ސޮފާ! ވ ދުވަސްވެއްޖެ ދޯ ބައްދަލުނުވާތާ...ކިހިނެއްތަ؟ ވާހަކަ އަނެއްކާވެސް ގެނެސްދޭންފެށީމަ ވ އުފާވެއްޖެ...މިވާހަކަ މަތިން އެއްގޮތަކަށްވެސް ހަނދާންނުނެތޭ....އުއްމީދުކުރަން ކުރިއަށް އޮތް ތަނުގައިވެސް ވާހަކަ މެދުކެނޑުމެއްނެތި ފެންނާނެކަމަށް...ވަރަށް ރީތި....ކީޕް އިޓް އަޕް! (:


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 17:48:41 | Report this Comment
ވަރަށް އިންތިޒާރު ކުރަނިކޮން ތި އަޕްލޯޑްކޮށްދިނީ. ޝުކްރިއްޔާ


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 18:26:48 | Report this Comment
ދެން ކޮން ހިސާބަކަށްތަ ތި ނިންމާލީ، އަވަހަށް އަޕްލޯޑް ކޮށްދޭނެކަމަށް ހީކުރަން. ސުލްތާނާ އެއުޅެނީ ހާދަ އަވަސް އަރުވާލާފައޭ، އޭނަ ދައްކަންހުރި ވާހަކަ އިނާ ދައްކަފާނެތީވެކަންނޭގެދޯ


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 18:39:29 | Report this Comment
އަޅޭ.................މި ވާހަކަ ދެން ނުފެންނާނެ ކަމަށް ހީކުރީ.ވަރަށް އުފާވެއްޖެ.އަދި ނުވެސް ކިޔަން.ކިޔާލާފަ އެބަ ކޮމެންޓް ކުރަން.ޔަގީން ސަޅިވާނެ ދޯ؟


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 19:57:53 | Report this Comment
ވަރަށް ފުރިހަމަ.. ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ހިސާބަކުން ތިނިންމާލީ..63 ވަނަ ބަޔަށް އިންތިޒާރު ކުރަން.. ސޮފާއަށް ކާމިޔާބު މުސްތަޤްބަލަކަށް އެދެން..


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 20:45:31 | Report this Comment
މިހާ ފޫހި ވާހަކައެއް ދުވަހަކުވެސް ނުކިއަން


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 21:36:12 | Report this Comment
އަޅެހާދަސަޅިއޭ . އެހާދުވަސްކޮށްލާފަވެސް ގެނެސްދިނީތީވެ ވަރަށް ތޭންކްސް. އުންމީދުކުރަން އަވަހަށް އަނެއްބައި ގެނެސްދޭނެކަމަށް. ފާތުން ބުނާހެން އިނާވެސްވެއްޖެއެއްނުން ފިޑިނުވެ ވީގޮތެއްބަލަން. ދެންކީކޭބުނާނީ އެއޮއްއުޅޭ ނަޖުމާއެއް. ހާދަނާތަހުޒީބުމީހެކޭދޯއެއީ. އެކަމަކު ކިޔަވައިގެންވެސް ހުރިމީހެއްދޯއެއީ. އަސްލުވާގޮތަކީ ތަންކޮޅެއް ފޮނީދޯ... ފަތިސް ދެންއެހާލަސްނުކުރައްޗޭ،،،، ޕްލީޒް...........................


http://www.muraasil.com/images/comment_reply.pngPosted on 2011-11-26 22:41:45 | Report this Comment
އަނެއްބައި ކޮން އިރަކުންބާ؟؟


http://www.muraasil.com/images/comment_reply.pngPosted on 2011-11-27 21:39:11 | Report this Comment
welcome back soff.. so happy to see yuh back again.. i missed phone call so much. anyway mi bai ves varah varah reethi.. happy vejje ina mom aa share kuryma ;) hehe. soff riu ah mesg kohlachey ingey, i lost all my contacts, ehenve eh habareh nuvany ingey.. yuh take good care, mwah


http://www.muraasil.com/images/comment_reply.pngPosted on 2011-11-29 13:23:53 | Report this Comment
މި ވާހަކަ ހަމަ ވަރަށް ހަބޭސް .


http://www.muraasil.com/images/comment_reply.pngPosted on 2011-11-29 14:01:24 | Report this Comment
ވވވވވވވވވވވވވވވވވވވވވވވ ސަޅި.

1 comments:

Hi all readers....welcome to my blog. mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

Post a Comment