FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 6 ވަނަ ބައި

ޒިޔާދުއަކީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއް ހެއްޔެވެ؟ ލޯބި ވުމަކީ މިލްކު ކުރުން ހެއްޔެވެ؟ ލޯބިވެ އެ ލޯބި ނުލިބުން ނުވަތަ މަޖްބޫރީ ހާލަތަކަށްޓަކައި އެ ލޯތްބާއި ދުރަށް ދިއުމަކީ ލޯބީގެ އެންމެ މަތިވެރި ހިސާބުކަން ޒިޔާދުއަށް އެނގޭނެ ނަމައެވެ. ޒިޔާދު ބުނާގޮތުންނަމަ ލޯބީގެ އިންތިހާއަކީ ޒިޔާދު އެވާ ލޯބި ހެއްޔެވެ. ދުނިޔޭގެ އެހެން ހުރިހާ ލޯބިވެރިންނަށްވުރެ ޒިޔާދު އޭނަ ދެކެ ވާ ލޯބީގެ ބާރުގަދަ ވާހަކަ ހެއްޔެވެ. އެހެން މީހެއްގެ ލޯބީގެ އަގު ވަޒަން ކުރަން އަނެއްމީހާއަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ.
އެރޭގެ ނިދުމުގެ ވަގުތުގައި އިނާގެ ހިތުގައި ހިނގަމުން ދިޔަ ޚިޔާލަކީ މިއީއެވެ.
އޭނަ ބޭނުންވަނީ އެކައިވެނި ލަސްކުރާކަށްވެސް ނޫނެވެ. އެ ކައިވެނި ނުވުމަށެވެ. އޭނައަށް ވެގެން ވާނެނަމަ އޭނަ އެ ކައިވެނި ނުކުރާނެއެވެ.

އެކަމަކު އޭނަގެ ކިބައިގައި އެކަމަށް ހިތްވަރު ނެތީއެވެ.
ފުރަތަމަ ދުވަހުވެސް އޭނަ އެ ކައިވެންޏަށް އެއްބަސްވީ، މައިންބަފައިންގެ އުފަލަށްޓަކައެވެ. އެންމެ ބޮޑު ސަބަބަކަށްވީ މަންމައާއި ބައްޕަގެ ޒިންމާއެއްގެ ގޮތުގައި އަބަދު ނުހުންނާން ވެގެންނެވެ. މިހާރުވެސް އެ ދެމަފިރިން އޭނައަށްޓަކައި ކޮށްފައިވާ ހޭދަތައް މާ ބޮޑުވެސް ވެއްޖެއެވެ.
އޭނަ ހުރީ އޭނަ ދެކެ އިންތިހާއަށް ލޯބިވާނެ މީހެއްގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ޒިޔާދު އަކީ އައި ނައިތަނެއްވެސް ނޭނގި ކުއްލިއަކަށް ފާޅުވި މީހެއް ފަދައެވެ. އޭނަގެ ފަހަތުން އުޅެން ފެށީކީވެސް އޭނަގެ މާ ބޮޑު ރުހުމެއް އޮވެގެނެއް ނޫނެވެ. ހަމަ އެހެން....މާ ބޮޑު ނުރުހުމެއްވެސް ނެތެވެ.

އެކަމަކު އޭރާއި މިހާރާއި ވަރަށް ތަފާތެވެ. ހުރިހާ ކަމެއްވެސް ބަދަލު ވެއްޖެއެވެ.
ޒިޔާދުގެ ފަރާތުން މައްސަލައެއް ފެނިގެނެއް ނޫނެވެ. ޚުދު އޭނަގެ ހިތް ޒިޔާދާއި ދޭތެރޭގައި ޝައުގުވެރިނުވެވެނީއެވެ. އޭނައަށް ޒިޔާދު އެވާ ވަރަށް ޒިޔާދު ދެކެ ލޯބި ނުވެވެނީއެވެ. އެއްވެސް އިރެއްގައި ވެވުނީކީވެސް ނޫނެވެ. އެކަމަކު މިހާރު......ނަވީން އާއި ދިމާވި ފަހުން އެ ހުރިހާ ކަމެއްވެސް ބަދަލު ވެއްޖެއެވެ. އޭރު އޭނައަށް ލޯބި އެއީ ކޯޗެއްކަންވެސް ނޭނގެނީ ކަންނޭނގެއެވެ. އެހެން ނޫންނަމަ އެމީހަކަށްޓަކައި ހިތުގެ ވިންދު އަވަސް ނުވާ މީހަކާއެކު ދިރިއުޅުމުގެ ބާކީ އޮތްހާ ތަނެއް ހޭދަކުރާނީވެސް ކިހިނަކުން ހެއްޔެވެ.

އިނާ އަށް ކުރެވެން ފެށި ޚިޔާލުން އުނދަގޫތަކެއްވެގެން އޮތް ފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލައިފިއެވެ.

ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ. މަންމަ ކައިރީގައި އެ ކައިވެންޏަށް ރުހެވިއްޖެއެވެ. އެކަމަކު އޭނަގެ ހިތެއް ނުރުހެއެވެ. ޒިޔާދުވެސް މިހާރު ހުންނާނީ ހަމަޖެހިލައިގެންނެވެ. ކައިވެނި ލަސްކުރަން ބޭނުންވެގެން ޒިޔާދުއަށް ހުށަހެޅި އުޒުރު އަނެއްކާ ދެން އަލުން އޭނައަށް ޖައްސަން ކެރޭނެހެއްޔެވެ. ނުކެރޭނެއެވެ. އެކަމަކުވެސް.....

ފަތިސްވެ އިރު އަރައިފިއެވެ. ކިތަންމެ ހިތް ނުވިޔަސްވެސް ލޯހުޅުވާލީ ދުނިޔޭގެ އެހެން ހުރިހާ ކަމަކަށްވުރެން ޝައުގުވެރިވާ ވަޒީފާއަށް ދިއުމަށްޓަކައެވެ. މިއަދު ސައިތަށި ބޯކަށްވެސް އިނާ ނުނުކުމެއެވެ. ޒިޔާދު އާއި ދިމާވެދާނެތީއެވެ. މިއަދު އިނާ ނުކުތީ އޮފީހަށް ދާން ހުރިހާ ގޮތަކަށް ތައްޔާރު ވެގެން ހަމަ އެންމެ ފަހު މިނެޓްގައެވެ. ކާކޮޓަރިއަށް ދިޔައިރު ކާކޮޓަރީގައި ޒިޔާދުއެއްވެސް އަދި މަންމައެއްވެސް ނެތެވެ. އޭނައަށްވީ ސައި ތައްޔާރުކޮށްފައި މޭޒުމަތީގައި ހުއްޓެވެ.

އަވަސް އަވަސްކޮށްލާފައި ސައިބޮއިގެން އިނާ ނުކުތީ އިތުރު މީހަކަށް ފެނުމުގެ ކުރިން އަވަހަށް ދިއުމަށެވެ. ނަމަވެސް ނަސީބު އެހީވާނީ އަބަދު އެކަކަށް ނޫނެވެ. ސިޓިން ރޫމުން ނުކުތްއިރު ޒިޔާދު އިނީ އިނާގެ އިންތިޒާރުގައެވެ. ނަސީބު މިފަހަރު އެހީވީ ޒިޔާދުއަށެވެ.

"މިއަދު ސައިބޯކަށް ނުވެސް ނުކުންނަމު. އެކަމަކު މި އިންނަނީ އިނާ އަންނާނެ އިރަކަށް. " ހެނދުނުގެ ހިތްގައިމު ވަގުތުގައި އިނާގެ ކިބައިން ފެންނަމުން ދިޔަ ތާޒާ ކަމަށް ބަލާލާފައި ހިތްހަމަޖެހުމުގެ ނޭވާއެއް ލަމުން ޒިޔާދު ބުންޏެވެ.
"އެޔޯ....؟" އިނާއަށް ހަމަ އަހާލެވުނީއެވެ.
"އިނާ އޮފީހަށް ގެންގޮސްދޭހިތުންނެއްނު؟ ހިނގާ ދާން. އަހަރެން ހުންނައިރު އިނާއަކަށް ނުޖެހޭނެ ބައްޕައާއެކު ދާކަށް. " ފަރި ހިނިތުންވުމަކާއެކު މިހެން ބުނެފައި އިނާގެ ކުރީގައި ހުރެގެން ޒިޔާދު ހިނގައިގަތީ ގޯތިން ބޭރަށެވެ. ނުކުތްއިރު ކާރު އޮތީ ބޭރުގައި ބާއްވާފައެވެ. ޒިޔާދު އޭނަގެ އިންތިޒާރުގައި އިންނަތާ ކިތަންމެ އިރެއްވެސް ވެއްޖެކަން އިނާއަށް ވިސްނައިގަނެވުނެވެ.

އެދުވަހުގެ ފަހުން ހަމަ ކޮންމެ ދުވަހެއްވެސް ފެށިފައި ހުރީ އެހެންނެވެ. ޒިޔާދުގެ ފަރާތުން އާދަޔާއި ޚިލާފް އޯގާތެރިކަމަކާއި އަޅާލުމެއް އިނާއަށް ފެންނަން ފެށީ އަދި ކިރިޔާއެވެ. އިނާއާއިއެކުގައި އެއް ގެއެއްގައި އުޅެވުނު ފުރަތަމަ ފަހަރު ކަމަށްވުމުންވެސް ވެދާނެއެވެ. ޚިދުމަތް ކުރުމުގެ ފުރުޞަތު މީގެ ކުރިން ލިބިފައި ނުވާތީކަމަށްވެސް ވެދާނެއެވެ. ނުވަތަ އިނާ ގެއްލިދާނެތީ ބިރުން ކަމަށްވެސް ވެދާނެއެވެ.

ކޮންމެގޮތެއްވިޔަސް އެހެން ހުރިހާ ފަހަރުތަކާއި ޚިލާފަށް މިފަހަރު ޒިޔާދު އޭނަގެ ކަންތައްތަކަށް މާ ބޮޑު ޚާއްޞަކަމެއް ދޭކަން އިނާއަށް އައީ ފާހަގަ ވަމުންނެވެ. ކުރީ ދުވަހުގެ މައްސަލަ ހައްލުވިފަހުން ޒިޔާދުގެ ފަރާތުން އެއްވެސް ޝަކުވާއެއް އަޑުއަހާކަށް އޭނައަކަށް ނުޖައްސައެވެ.
ގަވާއިދުން އޭނަ ހޮސްޕިޓަލުން ގެނެސް ގެންގޮސް ހެދުމަކީ ޒިޔާދުގެ ވާޖިބެއްކަމުގައި ދެކިގެން އުޅޭފަދައެވެ. ރޭގަނޑުގެ ވަގުތުގައި އޭނަ ގޮވައިގެން ދުއްވާލަން ދިއުމާއި އޭނަ ހިތް ނުވާއިރުވެސް ފޭދޫގެ ރެސްޓޯރެންޓްތަކަށް އޭނަ ގޮވައިގެން ރޭގަނޑުގެ ކެއުންތަކަށް ދިއުމަކީ ޒިޔާދު ވަރަށް ސަމާލުކަމާއިއެކު ކުރަމުން ދިޔަ ކަންތަކެވެ. ހަމަ އެންމެ ފަހަރަކުވެސް އޭނަ ނުފެންނަ ހިސާބަށް ޒިޔާދު ނުވެސް ދޭ ފަދައެވެ.

ހުރިހާ އިރެއްގައިވެސް، ހުރިހާ ހާލަތެއްގައިވެސް އޭނަ ދެކެ ޒިޔާދު ވާ ލޯބި އޭނައަށް އަންގައި ދެވޭތޯ ޒިޔާދު މަސައްކަތް ކުރަމުން ދިޔައެވެ. އަމަލާއި ބަހުންވެސް އެކަން ކަށަވަރުކޮށްދެމުން ދިޔައެވެ.
ދެންވާންފެށީ އެހެން ކޮންމެ އަންހެންކުއްޖަކަށްވެސް ވާނެހެންނެވެ. ޒުވާން ރީތި ފިރިހެނަކު ތިމާގެ ލޯބި ލިބޭތޯ ކުރަމުން ދިޔަ މަސައްކަތަށް އިނާއަކަށްވެސް މާބޮޑަކަށް ދެކޮޅެއް ނެހެދުނެވެ. އެ ހިތްވަރެއް ނުލިބުނެވެ. އަދި އަމުދުން ޒިޔާދު އަކީ ތަހުޒީބީ ތަޢުލީމީ މީހަކަށް ވާތީވެސް ކަންނޭނގެއެވެ. ޒިޔާދުގެ އެއްވެސް އާދައެއްގައި އޭނައަށް ބޮލަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ނުވެއެވެ. ހުރިހާ ގޮތަކުންވެސް އިނާއަށް ޒިޔާދު އާއި ރުހެވެން ފެށުނީ އިނާއަށްވެސް މި ވަނީ ކީއްކަން އަދި ރަނގަޅަށް ނޭނގިގެން އުޅެނިކޮށެވެ.

ނަތީޖާއަކަށްވީ.......ނަވީންގެ އެއްވެސް ޚަބަރެއް ވޭތޯ އިންތިޒާރު ކުރެވެމުން ދިޔައިރުވެސް، މަޑުމަޑުން، މަޑުމަޑުން ގޮސް އިނާއަށް ޒިޔާދުގެ ޖާދޫގައި ޖެހެވެން ފެށުމެވެ. ޒިޔާދު ފެންނަން ނުހުންނަ ކޮންމެ ފަހަރަކުވެސް، މިހާރު ނަވީން ކޮބައިބާއޭ ހިތަށް އަރާއިރުވެސް، ޒިޔާދު އައުމާއެކު ބަލައިގަނެވެނީ މަރުޙަބާއާއެކުގައެވެ. ހިތް އެދެމުން ދިޔައީ ނަވީން އާއި އެކުގައި ވުމަށް ކަމަށްވިޔަސް، އެންމެ ފަހަރަކުވެސް ދުރަށް ނުގޮސް ހުންނަ ޒިޔާދުގެ ކިބައިން ލިބޭ އަޅާލުމާއި ސަމާލުކަމުގެ ބޮޑުކަމުން، ނަވީން މަތިން ހަނދާން ނެތެން ފެށީ ހަމަ ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.

މި ހުރިހާ ކަމަކަށް އިތުރު ބާރެއް ލިބިގެން ދިޔައީ، އެއް ރަށެއްގައި ހުރެމެ، އޭނައަށް ނަވީން ނުވެސް ފެނުމެވެ. އެގެއަށް އޭގެ ކުރިން އަބަދާއި އަބަދު އައިސް އުޅުނު ނަވީން އެއްގޮތަކަށްވެސް އެގެއަށް ވަދެ ނުލުމެވެ. އޭނަގެ ފޯން ނަންބަރު އެނގޭއިރުވެސް އެންމެ ފަހަރަކުވެސް އޭނަގެ ފޯނަށް ނަވީންގެ ފޯނުން ކޯލެއް އައިސްފައި ނުވުމެވެ.

އިނާ އިންތިޒާރު ކުރިއެވެ. އެ ހުރިހާ ކަމަކަށްވެސް އިނާ އިންތިޒާރު ކުރިއެވެ. އެކަމަކު....
ކުރިންވެސް ބުނިހެން، ދާދި ކައިރިން އޯގާތެރިކަމެއް ލިބެމުން ދިއުމުގެ ސަބަބުން، ދުރުގައި ހުރި ނަވީން މަތިން އިނާ އެއްކޮށް ހަނދާން ނެތިއްޖެ ކަހަލައެވެ. އެހެން ވެދާނެބާއޭ ނުވާނެބާއޭ ، އެއީ އިނާ ކުރަންވެސް ބޭނުން ސުވާލެއް ނޫނެވެ. އެ ސުވާލު ހިތުގައި އުފައްދަންވެސްވީ ކީއްކުރަން ހެއްޔެވެ.

ފުރަން އޮތް ދުވަހުގެ އެއްދުވަސް ކުރިން ޓެރަސްގެ އުނދޯލީގައި ތިބެގެން ޒިޔާދު އާއި އިނާ ހޭދަކުރަމުން ދިޔައީ ދެލޯބިވެރިޔަކު ހޭދަކުރާނެފަދަ އުފާވެރި ވަގުތުކޮޅެކެވެ. އެދެމެދުގައި އެއްވެސް މައްސަލައެއް ނެތެވެ. އުފަލާއި ހިތްހަމަ ޖެހުމެވެ.
"މާދަން އަހަރެން ފުރައިގެން ދާންވީ ހަމަ ހިތްހަމަޖެހިގެންތަ؟" ފާއިތުވެ ދިޔަ ދުވަސްތަކުގައި ލިބިފައިވާ ޔަގީންކަން އިތުރަށް ޔަގީން ކުރަން ޒިޔާދު ބޭނުން ވިއެވެ.

"ހޫމް....." އިނާ މަޑުމަޑުން އާނއެކޭ ބުނެލިއެވެ.
"ޔަގީން ދޯ ދެން އިތުރު މައްސަލައެއް ނުޖެހޭނެކަން." އިނާގެ އަތްތިލައިގައި ފިރުމަމުން ޒިޔާދު އެހިއެވެ.
"ނުޖެހޭނެ." އިނާވެސް ވަގުތުން ޖަވާބު ދިނެވެ.
"ވަރަށް އުފާކޮށްފިން. އަޅެ ބުނެބަލަ.....އިނާ އަސްލުވެސް ލޯބިވޭތަ އަހަރެން ދެކެ." ޒިޔާދުގެ ގަޔަށް ކުޑަކޮށް ލެނގިލައިގެން އިން އިނާގެ އުނަގަނޑުގައި އަޅުވާލާފައި އޮތް އަތަށް ކުޑަކޮށް ބާރުލައި އަދިވެސް ބޮޑަށް ގަޔާއި ކައިރިކޮށްލަމުން ޒިޔާދު އެހިއެވެ.

ޒިޔާދުގެ އެ ސުވާލަށް އިނާ ހަމަ އެއްވެސް ޖަވާބެއް ނުދެއެވެ. ހަމަ އިނީއެވެ.
"ބުނެބަލަ.....ބަލާ....ދައްކަ....މޫނު ދައްކަބަލަ....ހޫމް....ދެން ބުނެބަލަ.... ލޯބިވަންތަ އިނާ އަހަރެން ދެކެ." އުޅެއުޅެގެން އިނާގެ މޫނުގައި ހިފައި އުފުލާލަމުން ޒިޔާދު އެހިއެވެ. ދެމީހުންގެ މޫނުންވެސް އެކަކު އަނެކަކަށް ފެންނަނީ އުފާވެރި ހިނިތުން ވުމެކެވެ.

ޒިޔާދު ކުރަމުން ދިޔަ ސުވާލުގެ ޖަވާބުގައި އިނާ ޖަވާބުދިނީ ބޮލުންނެވެ. އާނއެކޭ ބުނުމުގެ ގޮތުންނެވެ.
"ކިހާވަރަކަށް........" ޒިޔާދު އަނެއްކާވެސް އެހިއެވެ. ދާދި ކައިރިން ފެންނަމުން ދިޔަ އިނާގެ ރީތި މޫނުގެ އެކިބައިބަޔަށް ވަކިވަކިން ބަލަމުން ޒިޔާދު އެ ސުވާލުކުރީ ފަޚުރުވެރިކަމާއެކުގައެވެ. އިނާ ދޭ ޖަވާބުން އަދިވެސް އިތުރަށް އޭނައަށް ފަޚުރުވެރިވާން ފުރުޞަތު ލިބޭނެ ކަމުގެ އުއްމީދުގައެވެ.

ނަމަވެސް އެ ސުވާލަށް ދޭނެ ޖަވާބު އިނާއަކަށް ނޭގުނެވެ. މޫނަށް ވެރިވި ލަދުރަކި ކަމާއެކު އިތުރު ހިނދުކޮޅަކަށްވެސް ޒިޔާދުގެ އެ މާނަ ފުން ބެލުމަށް ކެތް ނުކުރެވިގެން އިނާ އިސް ޖަހާލިއެވެ. އަދި ކުރިއަށްވުރެވެސް ބޮޑަށް ޒިޔާދުގެ ކޮނޑަށް ލެނގި އިސްޖަހައިގެން އިނދެއްޖެއެވެ.

"އިނާ....ބުނެބަލަ. އެންމެ ފަހަރަކު ބުނެބަލަ އަހަރެން ދެކެ ލޯބިވަމޭ. ކިހާ ވަރަކަށް ލޯބިވަންތަ؟ އެންމެ ފަހަރަކު ބުނެބަލަ." އަނެއްކާވެސް ޒިޔާދު މަސައްކަތް ކުރީ އިނާގެ މޫނު އޭނައާއި ދިމާލަށް އުފުލާލެވޭތޯއެވެ. ނަމަވެސް އިނާ އެކަމަށް ފުރުޞަތު ނުދިނެވެ. ޒިޔާދުގެ ބާރުގަދަ އަތުގައި އޮޅުލައިގަންނަމުން "ނޭނގެޔޭ" ބުނެފިއެވެ.
"ނޭނގެޔޭ......ހަމަ ރަނގަޅަށްތަ؟ ދެން ކިހިނެއް.....ނެތެއްނު އެނގޭ އެކައްޗެއްވެސް." އިނާގެ ފަރާތުން އެ ލިބުނު ޖަވާބާއެކު ހަމަ ވަގުތުން ޒިޔާދު އޭނަގެ ދެފައިން ބިންމަތީގައި ޖައްސައި އުނދޯލީގެ ހަރަކާތް ހުއްޓުމަކަށް ގެނައެވެ. އިނާވެސް ދިޔައީ ސިހިގެންނެވެ. އެކަމަކު ޒިޔާދުގެ މޫނު ފެނުމުން އިނާއަށް ޔަގީން ވިއެވެ. ޒިޔާދު އިނީ އޭނައާއި ދިމާކުރާ ފާޑަށެވެ. ޒިޔާދު އެ އުޅެނީ ކޮންމެވެސް ލާނެތް ސަމާސާއެއް ކުރަންކަން އިނާއަށް އެނގިއްޖެއެވެ.
އިނާއަށް މިކަން އެނގުމާއެކު ވަގުތުން އުނދޯލިން ފައިބައިގެން ދާން ހިނގައިގަތެވެ. ޒިޔާދުއަކަށްވެސް އިނާގެ ހަރަކާތްތައް އަލެއް ނޫންކަންނޭގެއެވެ. އަވަސް އަވަހަށް އޭނަގެ އަތްދަށުން ދެމިގަނެގެން ދާން އުޅުނު އިނާގެ އަތުގައި ހިފައި ގާތަށް ގެނެސް ބާރަށް ހިފަހައްޓާލިއެވެ.

ޒިޔާދު އިނީ އޭރުވެސް އުނދޯލީގައި އިށީނދެކަމުން އިސް އުފުލުމުން ފަސޭހަކަމާއެކު އިނާގެ މޫނު މިހާރު ޒިޔާދަށް ފެނެއެވެ. އޭނަގެ ދެފައިގެ ގައިދުގެ ތެރޭގައި އިނާ ހުރިއިރު އިނާ ކިތަންމެ އިސްޖެހިއަސް ޒިޔާދުއަށް އިނާގެ މޫނު ފެންނާނެއެވެ. މިވަގުތަށް އިސްކޮޅުން ކުރުވެފައި އިނީ ޒިޔާދުއެވެ.

"ކޮން ތަނަކަށް ދާން ތިއުޅެނީ. ކިހާ ދުވަހެއްވަންދެންތަ ތިހެން އުޅޭނީ. ބަލަ ރަންކިޔާފައޭ އޮތީ. އެހެންވީމަ ތިއީ މަގޭ...." އިނާގެ އުނަގަނޑުގައި ދެއަތުން ވަށާލައިގެން އިނދެ ޒިޔާދު މިހެން ބުނަމުން ދިޔައިރު ޒިޔާދުގެ ދެކޮނޑުގައި އަތްއަޅާ އިނާ ބާރުލަމުން ދިޔައީ އެ ގައިދުގެ ތެރެއިން ދެވޭތޯއެވެ. މިކަން ޒިޔާދަށްވީ އަދި މާ ޝައުގުވެރިކުރުވަނިވި ކަމަކަށެވެ. އިނާގެ ކޮންމެ ހަރަކާތަކާއެކު އިނާގެ ފަންފަން ރީތި އިސްތަށިގަނޑު އެ މޫނުގެ ދެފަރާތުން އައިސް ޒިޔާދުގެ މޫނުވެސް ހިސާރު ކުރަމުން ދިޔައެވެ.

"އެހެންތަ......ހަމަ އެހާ ފަސޭހައިން ލިބޭނެތަ" އެންމެ ފަހުން ޒިޔާދުގެ އަތްދަށުން އިނާއަށް ދެމިގަނެވިއްޖެއެވެ. މިހެން ބުނެލާފައި އިނާ މިފަހަރު ހިނގައިގަތީކީ ނޫނެވެ. ދުއްވައިގަތީއެވެ. ޒިޔާދުއާއި ދުރަށް ދިއުމަށެވެ. ނަމަވެސް....

ޒިޔާދު އައިސް ފުރަގަހުން އޭނަ ހިފައި އުފުލާލީ ލުއި ފަތްކޮޅެއް އުފުލާލާހެންނެވެ.
ދެން އިވުނީ ދެލޯބިވެރިންގެ މަޑު ހުނުމުގެ އަޑެވެ. ދެލޯބިވެރިންގެ ހުނުން ރީތި ރޭގެ ފަޒާގެ ތެރެއަށް ގެނބިގެން ދިޔައެވެ.
****************
"ހަލޯވ......ކޮބާ ދާންވީ....؟" ގޭ ދޮރުމައްޗަށް ނުކުމެފައި ޒިޔާދު އެ ގުޅާލީ އިނާއަށެވެ. އިނާ ބަލާ އެގޮތަށް އޭނައަށް ދެވޭނެ އެންމެ ފަހު ދުވަހެވެ. މިރޭ ދަންވަރު ފްލައިޓުން އޭނަ މާލެއަށް ފުރަން ޖެހޭނެއެވެ.
"އުނހުނ..........ކައިރިވެސް ނުވޭ. މިއީ ހަވީރު ޝިފްޓޭ.....ތިންގަޑި ބައިން އެގާރަގަޑިބައިޔަށޭ އޮންނަނީ. " އިނާ އޮތީ އެ ދުވަހު އަވަހަށް ގެއަށް އަންނާނެ ކަމަށް ވަޢުދުވެފައި ކަމަކު، ޒިޔާދު އެހެން ގުޅުމުން އިނާވެސް ބޭނުންވީ ތަޅުވާލުމަށެވެ.
"ތިކަން އެނގެޔޭ.....އެކަމަކު ހީކުރީ ޚާލިދުގެ ދަރިފުޅު ވީމަ ޚާއްޞަ ގޮތެއް އޮންނާނެޔޭ." ޒިޔާދުވެސް ވާހަކަ ދައްކަމުން ދިޔައީ އިނާ އެ ދައްކާ ގޮތަށެވެ.
"ނެތޭ....ނޯވެޔޭ...." މަޑު ހީލުމަކާއެކު އިނާ މިހެން ބުނީ މަޑުމަޑުންނެވެ. އެވަގުތުވެސް އިނާ ހުރީ ލިއުންތަކެއްގެ މަސައްކަތެއްގައި ނަރުހުންނާއެކުގައި ކަމަށްވާތީ އެއިން އެކަކަށްވެސް ނީވޭ ވަރަށެވެ.
"އެންމެ ރަނގަޅޭ..... ދާނަން އަށެއް ޖަހާއިރު ބަލާ. އޯކޭ...؟" އެއީ ކުރިންވެސް އެ ދެމީހުންވެސް އެއްބަސްވެފައި އޮތް ގޮތެވެ.
"ހޫމް...........ބާއްވަނީ ދެން" ކުރިއަށްވުރެވެސް ވައި އަޑަކުން އިނާ ބުނި އަޑު ޒިޔާދުއަށް އިވުނެވެ.
"އޭއި......ބުނެބަލަ ލަވްޔޫ އޭ......" އިނާ އެ އުޅެނީ ރަނގަޅަށް ވާހަކަވެސް ނުދެއްކިގެންކަން އެނގިހުރެވެސް ޒިޔާދުގެ ބޭނުންވީ އިތުރަށް އިނާއަށް އުނދަގޫކޮށްލުމެވެ.
"ނޫޅެން....." ނުފެނުނު ކަމުގައިވިޔަސް އެހެން ބުނެލިއިރު އިނާގެ ތުންފަތަށް މިހާރު ވެރިވެފައި ހުންނާނެ ހިނިތުންވުން ޒިޔާދުއަށް ފެނުނު ފަދައެވެ.
"ދެން ބުނެބަލަ....ކީއްތަ ވާނީ..." ޒިޔާދު އަދިވެސް ބުންޏެވެ.
"އުނހުނ...ބާއްވަނީ." އެ ޒިޔާދުގެ ފޯނެއް ބާއްވަން ބާއްވަން ކިޔަންޏާ ދުވަހަކުވެސް ނުބޭއްވޭނެކަން އެނގޭތީ އިނާ ބާއްވައިފިއެވެ. ނަމަވެސް ޒިޔާދުގެ ލާނެތް ކަމާއި ސަމާސާގެ ސަބަބުން އިނާއަށް ލިބުނު ހިނިތުންވުން އެތައް އިރެއްވީއިރުވެސް އިނާގެ މޫނުމަތިން ފިލާ ނުދެއެވެ.

މިވަނީ ކީއްހެއްޔެވެ؟ އޭނައަށް ޒިޔާދުއާއި މިހާ ގަޔާވެވުނީ ކީއްވެހެއްޔެވެ؟ ޒިޔާދުގެ ރަނގަޅު ކަމާއި އޯގާތެރިކަމާއި ލޯބި ފާޅުކުރުމުގައި އެ ގެންގުޅޭ އުކުޅުތަކާއި މޮޅުގޮތްގޮތް ފެނުމުން ހެއްޔެވެ. އެކަމަކު....
އެކަމަކު އެއީ ހަމަ ކުރީގެވެސް ޒިޔާދެވެ. ދެން މިހާރު މިއީ ކޮން ކަމެއް ހެއްޔެވެ؟
އެހެން ވިޔަސް ހެވެވެ. ދެވޭނެނަމަ ދުނިޔޭގައިވާހާ އުފަލެއް ޒިޔާދު އޭނައަށް ހޯދައިދޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނައަށް މިހާރު އެބައޮތެވެ.
އޭނަ މިހާރު ވިސްނަން ބޭނުންވަނީ ހަމަ އެކަނި ޒިޔާދު އާއި ދޭތެރޭގައެވެ.
އެއީ އެހާ އުނދަގޫކަމެއްވެސް ނޫނެވެ. ނަވީންއަކާއި އޭނައަކާއި އެއްވެސް ގުޅުމެއް ހިނގާފައި އޮތީކީވެސް ނޫނެވެ. ނަވީން ވެފައި ވަނީ ހަމަ އެކަނި އޭނަގެ އާއިލާގެ ރައްޓެއްސަކަށެވެ.
ވީއިރު....
އަދި އަމުދުން ނަވީން އޭނަ ހޯދަން ނޫޅޭއިރު، ކުރެވެން ހަމަޖެހި ނިމިފައި އޮތް ކައިވެންޏަކަށް އޭނަ ދެކޮޅުހަދަންވީވެސް ކީއް ކުރަން ހެއްޔެވެ؟ ބޭނުން ކަމެއް ނޫނެވެ.
އޭނަ އެހެރީ މިހާރު އެއްގޮތެއްގައި ސާބިތު ވެގެންނެވެ.
އޭނައަށް ކުރިން ހީކުރެވުނީ ނަވީން އޭނަ ހޯދާނެ ކަމަށްކަމަށްވިޔަސް އެއީ ކުށްހީއެކެވެ.
މިހާރު އޭނައަށް ހުރިހާ ކަމެއްވެސް އެނގިއްޖެއެވެ. ކުރިމަތިން އެއްވެސް ދަތި އުނދަގޫކަމެއް ނުފެނެއެވެ.

ޒިޔާދު ބުނެފައި އޮތް ގަޑިއަށްވުރެވެސް މާ އަވަހަށް ޒިޔާދު އެރޭ އަނެއްކާވެސް އިނާއަށް ގުޅައިފިއެވ. މިދަނީއޭ ބުނިއިރު އޭރު އަދި ގަޑިން ހަތްގަޑި ސާޅީސްވެސް ނުވެއެވެ. އަށެއްޖަހަން ދެން މާ ގިނައިރެއްވެސް ނެތެވެ. އިނާވެސް މާ ބޮޑު ދެކޮޅު ހެދުމެއް ނެތި ބަލާ އައުމަށް ބުންޏެވެ. އަދި އެއަށްފަހު ހުދު ކުލައިގެ ދަބަސް ނަގާ ކޮނޑުގައި އަޅުވައިގެން ބޭރަށް ނުކުމެއްޖެއެވެ.

ހޮސްޕިޓަލްގެ ގޯތިތެރެއަށް ކާރުތައް މަޑުކުރާ ތަނުގައި ހުރި ގޮނޑިބަރީގައިވެސް ނީށީނދެ އިނާ ހުރީ މިދަނީއޭ ޒިޔާދު ބުނުމުންނެވެ. އޭރުވެސް ޒިޔާދު އިނީ ކާރުގައި ކަމަށްވާތީ، އިނާ ހީކުރީ ހަމަ ހިނދުކޮޅެއްގެ ތެރޭގައި ޒިޔާދު އައިސް ކާރާއެކު ހޮސްޕިޓަލް ގޯތިތެރެއަށް ވަދެދާނެ ކަމަށެވެ.
އިނާ އިރުއިރުކޮޅާ ގަޑި ބަލާލައެވެ. އޭނައަށްޓަކައި ގަޑިވެސް މިރޭ ހިނގަނީ މާ ލަހުންނޭ ހިތަށް އެރުމުން އަމިއްލަ އަމިއްލައަށް ހިނިތުންވެސް ވެލެވުނެވެ.
އަނެއްކާވެސް ބަލާލެވިއްޖެއެވެ. އަށެއް ޖަހަން ތިންމިނެޓަށްވެއްޖެއެވެ. އަދިވެސް ޒިޔާދު ދައްކާވެސް ނުލައެވެ. ލަސްވީ ކީއްވެބާވައެވެ. ކަމެއް ދިމާވިނަމަ ގުޅާނެއެވެ. ވިހިމިނެޓުން ނާދެވޭހާ އޭނަގެ ގެ ހޮސްޕިޓަލާއި ދުރެއް ނުވާނެއެވެ. ވީ ކީއްބާވައެވެ.
އެއް ރިންގުން ފޯން ނަގަން އާދަވެފައި ހުރި ޒިޔާދުގެ ފޯން ރިންގު ވެއެވެ. އެކަމަކު ޖަވާބެއް ނުދެއެވެ. އެއީ ޒިޔާދުގެ ގޮތެއް ނޫނެވެ.
އަނެއްކާވެސް އިނާ ގުޅަން ފެށިއެވެ. ނުނަގައެވެ.
ދެން އިނާ ގުޅީ ޝީލާއަށެވެ.
މަންމަވެސް ފޯން ނުނަގައެވެ.
ވީ ކީއްބާވައެވެ.

އިނާގެ ފޯނަށް ވާންފެށި ރިންގަކާއެކު "ބައްޕަ" މިހެން އަރަން ފެށީ ޚާލިދުއަށް ގުޅަންވެގެން ކްއިކް ޑައިލްގެ 2 އަށް ފިތާލިތަނާއެވެ. އަވަސް އަވަހަށް އިނާ ފޯން ނަގައިފިއެވެ.
"ބައްޕަ ޒިޔާދު....." އިނާ އަހަން އުޅުނެވެ.
"ދަރިފުޅު ހޮސްޕިޓަލުގަދޯ ތިހިރީ. މިހާރު ޒާހިރު ދާނެ ދަރިފުޅު ބަލާ. ގެއަށް ދޭ އިނގޭ. މި އުޅެނީ ޒިޔާދު ކުޑަ އެކްސިޑެންޓެއް ވެގެން." ގޭގެ ޑްރައިވަރު އިނާ ބަލާދާނެ ވާހަކަ ބުނެފައި އެންމެ ފަހު ވާހަކައަކަށް ޒިޔާދު އެކްސިޑެންޓްވި ވާހަކަ ބުނުމުން އިނާގެ މެއަށް ގޮތެއް ވެގެން ދިޔައެވެ.
"ޒިޔާދުއަށް ކިހިނެއްތޯ ވީ ބައްޕާ. ވަރަށް ބޮޑަށް....." އިނާގެ އަޑުވެސް ތާށިވެއްޖެއެވެ.
"ނޫނޭ ދަރިފުޅާ.....ޒިޔާދުއަކަށް އެއްކަމެއްވެސް ނުވޭ. ކާރު ކުޑަކޮށް ހަލާކުވީ....." ޚާލިދުގެ އަޑުގައިވެސް ހާސްވުމެއް ނެތްކަން އިނާއަށް އެވަގުތު ފާހަގަ ކުރެވުނެވެ.
އެކްސިޑެންޓްގެ ޚަބަރު ލިބުނު ވަގުތު ނިތްކުރީގައި ޖައްސައިގެން ހުރެވުނު އަތް އަދިވެސް ހުރީ ނިތުގައެވެ. ނަމަވެސް ދެންމެ ބައްޕަގެ އަނގައިން ޒިޔާދުއަށް ކަމެއް ނުވާކަމަށް ބުނުމުން އިނާގެ ހަށިގަނޑުން ފުން ނޭވާއެއް ލެވުނެވެ. ދެލޯ މަރާލެވުނެވެ. ހަމްދާއި ޝުކުރު ކުރެވުނެވެ.

"ދަރިފުޅު ދޭ ދެން ގެޔަށް އިނގޭ ޒާހިރުއާއެކު. ބައްޕަމެން ދާނަން އިރުކޮޅަކުން. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅު. ދަރިފުޅު ކަންބޮޑުނުވާތި." ހަމަޖެހިލާފައި ޚާލިދު ވާހަކަ ދެއްކިއެވެ.
"ލައްބަ........." އަބަދުގެވެސް ކިޔަމަންތެރިކަމާއެކު އިނާ ބުނެލިއެވެ.
އެހެންނަމަވެސް އިނާއަކަށް އެކަމެއް އެހެން ނުކުރެވުނެވެ. ޒާހިރު އައުމުން ކާރަށް އަރާފައި އެންމެ ފުރަތަމަވެސް އިނާ އެހީ ޒިޔާދު އެކްސިޑެންޓްވީ ކޮންތާކުތޯއެވެ. ކިހާ ހިސާބެއްގައިތޯއެވެ.
"އެއީ ހަމަ މި ދިމާލުން ކުޑަތަންކޮޅެއް އެކޮޅުން ލިންކް ރޯޑްގައި. ކިހިނެއްތޯ ހަދަންވީ. ދާންވީތޯ އެދިމާލަށް؟" އިނާމެންގޭ އާއިލާގެ ކާރުތައް ދުއްވުމަށް މަރަދޫއިން ގެނެސްފައި ހުންނަ ޒާހިރު އިނާ ބޭނުންވާ މަޢުލޫމާތު ދިނުމަށްފަހު އަދަބުވެރިކަމާއެކު ސުވާލު ކުރިއެވެ.
"އާނ....އެހެންލައިގެން ހިނގާ." އިނާ އެދުނެވެ. ބައްޕަ އެދުނީ އޭނަ ގެޔަށް ދިއުމަށް ކަމަށްވިޔަސް އެހެން އޭނައަކަށް ކަންތައް ނުކުރެވުނެވެ. އޭނަ ބޭނުންވަނީ ޒިޔާދުގެ ހާލު ރަނގަޅުކަން އޭނަގެ އަމިއްލަ ދެލޮލުން ދުށުމަށެވެ. އޭނަގެ ހިތަށް ވީ ތަދު ފިލާނީ ޒިޔާދު ފެނިގެންނެވެ. ޒިޔާދު އާއި ވާހަކަ ދެއްކިގެންނެވެ. ޒިޔާދު ކައިރިއަށް ދެވިގެންނެވެ.

ނަސީބަކުން މާދުރަކަށް ދުއްވާކަށް ނުޖެހުނެވެ. ހޮސްޕިޓަލަށް ދާން އޮންނަ ހަނިމަގުން ބޮޑުމަގަށް ނުކުމެފައި ކާރުގެ މިސްރާބު ޖެހީ އެންމެ ފަސޭހައިން ލިންކް ރޯޑަށް ނުކުމެވެން އޮތް ދިމާލަށެވެ. މީހުންތައް އެއްވެފައިވާ ހިސާބު އިނާއަށް ފެންނާކަށް އުނދަގުލެއް ނުވިއެވެ.

މަގުގެ އެއްފަރާތަށް ކާރު މަޑުކުރުމާއެކު އިނާ އަވަސް އަވަހަށް ކާރުން ފައިބައިފިއެވެ. ބައްޕަ ބުނިގޮތުންނަމަ މާ ބޮޑު ކަމެއް ނުވެއެވެ. ދެން ކީއްކުރާހާ މީހުނެއް ހެއްޔެވެ. ކާރުން ފޭބުމުން އެތަނަށް އެއްވެފައި ތިބި މީހުންގެ ގިނަކަން ފެނިފައި އިނާ ހިތަށް އެރިއެވެ. އަވަސް އަވަހަށް އެދިމާލަށް ގޮސް ހުއްޓުނީ ޒިޔާދު ހޯދަމުންނެވެ. ބައްޕަވެސް ފެނޭތޯ ބަލަމުންނެވެ. އޭނަ ފެނުމާއެކު ހަތަރުފަސް ފިރިހެނަކު އެއްފަރާތަށް ޖެހި އޭނައަށް ތަން ނުދެއްކިނަމަ އެހާ ފަސޭހައެއްކޮށް އެމީހުން އޭނައަކަށް ނުވެސް ފެންނާނެކަންނޭނގެއެވެ. ޚާލިދު އާއި ޒިޔާދު ތިބީ އެ އެންމެންގަނޑުގެ ތެރޭގައެވެ. ކާރު ކައިރީގައެވެ. ޒިޔާދު ހުރީ ދެ އުކުޅުގައި އަތްވިދެލައިގެން އޭނައަށް ފުރަގަސް ދީގެންނެވެ. ޚާލިދު ހުރީ ބަޔަކާއި ވާހަކަ ދެއްކުމުގައެވެ.

އިނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ޒިޔާދުއެވެ. އޭނަގެ ލޯ އެ ނޫން މީހަކު ހޯދަން ނޫޅޭތީވެސް ކަންނޭނގެއެވެ.
"ޒިޔާދު....ރަނގަޅުތަ...." ވަށައިގެން ތިބި މީހުންނަށްވެސް ވިސްނާލުމެއް ނެތި އިނާއަށް އަވަސް އަވަހަށް ގޮސް ޒިޔާދުގެ އަތުގައި ހިފައި ސުވާލު ކުރެވެން ފެށިއެވެ. ނަމަވެސް ޒިޔާދު އަނގައަކުން ނުބުނެއެވެ. އަދި އިނާއާއި ދިމާލަށް ނުވެސް އެނބުރެއެވެ. ޒިޔާދުގެ މޫނަށް ބަލަން ކުރި މަސައްކަތުން އިނާއަށް ޒިޔާދުގެ މޫނުވެސް ފެނޭވަރު ވެއްޖެއެވެ. ޒިޔާދު ހުރީ ރުޅިއައިސް ރަތް ވެފައެވެ.

"އެއީ އެއްވެސް ކަމެއް ނޫނޭ. ޒިޔާދުއަށް ކަމެއް ނުވަންޏާ ރަނގަޅުވާނެ. ބައްޕަ މައްސަލައެއް ނުޖައްސާނެ ކާރު ހަލާކުވިޔަސް. އަޅާނުލާބަލަ." ޒިޔާދުގެ އަތުގައި އަދިވެސް ހިފަމުން އިނާ މިހެން ބުނީ ޒިޔާދު ހަމައަކަށް އެޅުވޭތޯއެވެ. ނަމަވެސް އިނާގެ އޯގާތެރި ބަސްތަކަކުން ޒިޔާދުގެ ހިތް ފިނިވާހެނެއް ހިއެއް ނުވެއެވެ. އިނާއާއި ދިމާލަށް ބަލާލާފައިވެސް ޒިޔާދު އަނެއްކާވެސް މޫނު އަނބުރާލިއެވެ. ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރިކަން އެނގެއެވެ.

"ޕްލީޒް. ހިނގާ ދާން. މިތާކު ހުންނާނެ ކަމެއް ނެތް. ހިނގާ ދާން." ވަށައިގެން ހިނގަނީ ކޮން ކަމެއްތޯވެސް ބަލާނުލާ އިނާ ބޭނުންވީ އެ މީހުންގަނޑުގެ ތެރެއިން ޒިޔާދު ގެންދިއުމަށެވެ. ޒިޔާދު އައިސްފައި ހުރި ގަދަ ރުޅި އޭނައަށް ފެންނާތީއާވެސް އެކުގައެވެ.
"ސޯ ސޮރީ....އެންމެ ފަހު ރޭ މިކަހަލަ ކަމެއްވީމަ. ޒިޔާދުގެ މޫޑު އެއްކޮށް ޚަރާބުވެއްޖެއެއްނު. ހިނގާ ދާން." ދެ އުކުޅުގައި އަތްވިދެލައިގެން ޒިޔާދު ހުރި އިރު ޒިޔާދުގެ އުޅަނބޮށީގައި ހިފަހައްޓަމުން އަނެއްކާވެސް އިނާ ބުންޏެވެ.

"އަހަރެން ނުވޭ ސޮރީއެއް. މިހުރިހާ ކަމަކީވެސް އޭނަގެ ކަންތައް." މިހެން ބުނެފައި އިނާގެ އަތް ޒިޔާދު ފޮޅުވާލުމުން އިނާއަށް ސިހުން ލިބުނެވެ. އޭނަ އެތަނަށް އައީއްސުރެ އެތަނަށް އެއްވެ އެތިބި ގިނަ މީހުންގެ ނަޒަރު މިހާރުވެސް ހުއްޓި ހުންނާނީ އޭނައަށްކަން އޭނައަށް އެނގެއެވެ. އެހެންކަމުން އެމީހުން ޝައުގުވެރިވާނެ އިތުރު ކަންތަކެއް ޒިޔާދު ކުރަންފެށުމުން އިނާއަށް އުނދަގޫ ވިއެވެ.

ޖެހިލުންވެ ހުރެ ބައްޕަ ހުރި ދިމާލަށް އިނާ ބަލާލިއެވެ.
ޚާލިދު އޭރުވެސް ހުންނެވީ އެބަޔަކާއި ވާހަކައިގައެވެ. ކުރިމަތީގައި ހުރި މީހެއްގެ މޫނެއް އިނާއަށް ނުފެނެއެވެ. ބައްޕަގެ ދިގު އިސްކޮޅާއި ފުޅާ ހަށިގަނޑުގެ ނިވަލުން އެމީހަކު ފެންނަ ވަރެއް ނުވެއެވެ. ފެންނަނީ ވާހަކައިގެ ތެރެއިން އިރުއިރުކޮޅާ އެމީހެއްގެ ބޮލާދިމާއަށް އުފުލޭ އަތުގައި އޮތް ގަޑިއެވެ.

"ކާކާތަ ބައްޕަ އެ ވާހަކަ ދައްކަވަނީ؟ އެއީތަ.....؟" އިނާ އަހާލިއެވެ. ޒިޔާދު ޖަވާބެއް ނުދިނެވެ. ރުޅިވެރިކަން ނޫންކަމެއް މިވަގުތަކު ޒިޔާދުގެ ކިބައިން ނުފެނެއެވެ.
ދެން ކޮން ކަމެއް ހެއްޔެވެ؟ މި އެންމެންގެ ތެރޭގައިވެސް އޭނަ އެދުމުންވެސް ޒިޔާދު ދައްކަންވަނީ ރުޅި މޫނު ހެއްޔެވެ؟ އިނާ ލަދުގަންނަން ފެށިއެވެ.
ނަމަވެސް އެތަނުން އެކަންޏަކު ދެން ދާކަށް ނުކެރޭނެތީ އާއި ކުރެވޭނެ އެހެން ކަމެއް ނެތުމުން އަނެއްކާވެސް ބައްޕައާއި ދިމާލަށް ބަލާލިއެވެ. އެވަގުތު އަނެއްކާވެސް އިނާއަށް ބައްޕަ ވާހަކަ ދައްކަން ހުރި މީހާގެ އަތުކުރީ ގަޑި ފެނިއްޖެއެވެ.

އެއީ އޭނަ ކޮންމެވެސް ތަނަކުން ވަރަށް ދެކެފައި ހުރި ގަޑިއަކާއި ވައްތަރު ގަޑިއެކެވެ. ކޮންތާކުން ހެއްޔެވެ. ކާކުހެއްޔެވެ؟ އިނާގެ ހިތަށް އެރިއެވެ.
މާތްކަލާކޯއެވެ. އޭނައަށް މިހީވީ ރަނގަޅަށް ހެއްޔެވެ.
ޒިޔާދު ކައިރިން ދުރަށް ކުޑަކޮށް ފަހަތަށް އިނާ ޖެހިލިއެވެ. ބައްޕަ ވާހަކަ ދައްކަން އެހުރި މީހެއްގެ މޫނު ފެންނަ ހިސާބަށް ފަހަތަށް ޖެހި އިނާ ބަލާލިއެވެ.
އިނާ އެތެރެއަށް ލީ ނޭވާ އެތެރޭގައި ތާށިވި ކަހަލައެވެ. އެއީ ނަވީންގެ އަތުކުރިން އޭނަ އަބަދުވެސް ދެކެފައިވާ ގަޑިއެވެ. އަދި އެ ހަރަކާތަކީވެސް ނަވީން ވާހަކަ ދައްކަމުން ދާއިރު ވަރަށް ގިނައިން އޭނަ ކުރާ ހަރަކާތެކެވެ. އެ ހަރަކާތެއް ދެކެ އޭނައަށް ޝައުގުވެރި ވެވުނު ހަރަކާތެކެވެ.
އޭނައަށް ހީވީ ރަނގަޅަށެވެ. އެއީ ނަވީނެވެ. ޒިޔާދުގެ އެކްސިޑެންޓްވީ ނަވީނާއެވެ.
ޒިޔާދުއަށް އެއްވެސް އަނިޔާއެއް ނުވާއިރުވެސް ޒިޔާދު އެހާ ގަދަ ރުޅިއެއް އައިސް ހުރި ސަބަބު އިނާއަށް ވިސްނައިގަންނަން ދެން ވަރަށް ފަސޭހަ ވެއްޖެއެވެ.

އެވަގުތު ދެން ބަލާލެވުނީ ޒިޔާދުގެ ކާރު ކުރިމަތީގައި އަނެއްކޮޅުގައި އޮތް ކާރަށެވެ. އޭނަ ކުރިން ބަލާނުލީ ކީއްވެހެއްޔެވެ؟ އެއީ ހަމަ ކުރީގެވެސް ނަވީން ދުއްވާ ކާރެވެ. ނަވީންއަށް ދިރާގުގެ ފަރާތުން ދުއްވުމަށްޓަކައި ދީފައި އޮންނަ ރިހިކުލައިގެ ކާރެވެ. ކާރުގެ ކުރީކޮޅު ހަމަ އެއްކޮށް ހަލާކުވެ ފުނޑުފުނޑު ވެފައެވެ. އެއާއި ޚިލާފަށް ޒިޔާދު ދުއްވި ކާރުގެ ކުރީކޮޅުން ބައެއް ކޮންމެވެސް ވަރަކަށް ބަނޑިވެފައި ހުރުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ލިބިފައިހުރިހެނެއް ހިއެއް ނުވެއެވެ. ކާރަކީ ކޯޗެއްކަން އޭނައަށް މާ ބޮޑަށް ނޭނގުނު ކަމުގައިވިޔަސް މިވަރު އިނާއަށް އެނގުނެވެ.

އަނެއްކާ...........އަނެއްކާ މިއީ ގަސްދުގައި "ހިންގި" އެކްސިޑެންޓެއް ނޫންބާވައެވެ.
އިނާގެ ހަވަނަ ހިއްސު އޭނައަށް އެއްޗެއް ވިސްނައިދިނެވެ.
*******(ނުނިމޭ)********

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.


Posted on 2010-12-20 19:53:20 | Report this Comment
ސްތާރ:
ސީމްސް ލައިކް އިޓްސް ގޮއިންގް ޓު ބީ އަނަދަ އިންޓްރެސްޓިންގް ސްޓޯރީ ބައި ޔޫ.. (:

ފަތިސްތަރި: އައި ޓޫ ހޯޕް ސޯ


Posted on 2010-12-20 21:03:15 | Report this Comment
ނަޖޫ:
ވ ރީތި....... ބޮޑާނަފްސު އެއްކޮން ކިޔާލަން ލިބޭނޭ ގޮތެއް ހަދާދީބަލަ ޕްލީޒް....ވަރަށް ދެރަވެފަ މިބުނީ.... :(

ފަތިސްތަރި: އަޅެ ތިކުދިން ތިހާ ދެރަވެގެން ބުނާތީ ސޮފާވެސް ދެރަވޭ އެބަ. އެކަމަކު ބުނަން. ދެރަނުވޭ. ސޮފާ ވަރަށް އެބަ މަސައްކަތް ކުރަން އެ ވާހަކަ އެއްކޮށް ކިޔާލަން ލިބޭނެ ގޮތެއް ވޭތޯ އިނގޭ. އެންމެ ރަނގަޅުތަ؟


Posted on 2010-12-20 22:50:27 | Report this Comment
ފާތުން:
ވ ވ ވ ވ ވ ވ ވ ސަޅި..ތޭންކްސް މިއަދުވެސް ގެނެސްދިނީތީވެ....އުއްމީދުކުރަން ދެން އޮތް ބައި އަވަހަށް ފެންނާނެކަމަށް....ގުޑް ލަކް (:

ފަތިސްތަރި: ފާތުންއަށް ތޭންކްސް!!!


Posted on 2010-12-20 22:55:04 | Report this Comment
ފްރެންޑާ:
. އާން.......ބޮޑާނަފްސާ އެކު މި ވާހަކަވެސް އެއްކޮން ކިޔާލަން ލިބޭނެގޮތް ހަދާލަ ދީބަލަ، އަޅެ ޕްލީޒްޒްޒް.

ފަތިސްތަރި: މީ ހަމަ އާދަޔާ ޚިލާފު ފްރެންޑާއެއް ސޮފާއަށް ލިބިގެން މި އުޅެނީ. މިހާރު އެބުނަނީ ދެ ވާހަކަ އެއްކޮށްދޭށޭތަ؟ ހައިރާން ހީވޭ....!!! އޭއި. މާދަންރޭ ދާންވާނެ ދޯ އެއްކަލަ ތަނަށް؟ ދާތި!! ނުގޮއްސިއްޔާ ރުޅިވާނެ އިނގޭ!!


Posted on 2010-12-20 22:58:23 | Report this Comment
ކަމަނަ:
ބޮޑު ބޮޑު ބޮޑު ބޮޑު ބޮޑު ތޭންކްސް އެއް އެހާ އަވަހަށް އަޕްކުރީތީ. ވަރަށް ވަރަށް ވަރަށް ސަޅި. އަނެއްބަޔަށް ވަރަށް އިންތިޒާރުކުރެވޭ.


Posted on 2010-12-20 23:34:24 | Report this Comment
ހަންޑި:
އުނހޫނނނނ! އިނާ ހިތުން ނަވީން ފިލައިގެން ގޮސްގެން ނުވާނެ. އަޅެ ދެން ވާނީ ކިހިނެއް؟ އެފެނުނީ ނަވީންވެސް. އަނެއްބައި މާދަމާ ކިޔާލަން ލިބޭނެތަ! ވަރަށް އަވަހަށް ދެން އޮތްބައި ކިޔާހިތްވޭ އިނގޭ


Posted on 2010-12-21 09:29:26 | Report this Comment
ހެޔޮއެދޭ މީހާ:
ސޮފާއަކީ ހަމަ އާދަޔާ ޚިލާފު ލިއުންތެރިއެއްކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމެއް ބުނެލާހިތް ވަރަށްވޭ. ސޮފާގެ ވާހަކައިގައި، މީހައަށް ކުރެވޭ އިހްސާސްތައް ލިއުންތެރިޔާ ކިޔައިދޭ ވާހަކައެއްގޮތަށް ހުރުމުގެ ބަދަލުގައި އެމީހާގެ ހިތުން ނޫނީ ދުލުން ގެނެސްދީފައި ހުންނަ ގޮތް އެއީ އާދަޔާއި ޚިލާފު މޮޅުގޮތެއްކަމަށް ފެނޭ. ސޮފާގެ ވާހަކައިގައި އެކަހަލަ އެއްވެސް ބައެއް ސޮފާއަމިއްލައަށް ލިޔެފައި ނުހުންނަކަން އެއީ ސޮފާގެ ވާހަކައިގެ ވަރަށް ޔުނީކް ސިފައެއް. ހަގީގަތުގައިވެސް ތިއީ މޮޅު ލިއުންތެރިއެއް. ކުރިއަށް ވަޑައިގަންނަވާ.

ފަތިސްތަރި: ހެޔޮއެދޭމީހާގެ މި ކޮމެންޓަށް ވަރަށް އުފާކޮށްފިން. ޝުކުރިއްޔާ!!! ވަރަށް ހިތްވަރުވެސް ލިބިއްޖެ. އަދިވެސް ޝުކުރިއްޔާ!!


Posted on 2010-12-21 09:30:47 | Report this Comment
އީލާފް:
ފަތިސްތަރީގެ މިވާހަކައަކީވެސް ކުރީ ވާހަކަހާ ޝައުގުވެރިވާނެ ވާހަކައެއްހެން ވަރަށް ހީވޭ. އަވަހަށް އަޕްލޯޑްކޮށްދެއްޗޭ. ވވވވވ....ކިޔާހިތްވޭ ފަތިސްތަރީގެ ވާހަކަ.


Posted on 2010-12-21 09:32:22 | Report this Comment
އަލީ:
ސޮފާ.......ކިހިނެއްތަ މީހުން ހިތްތަޅުވަން ދަސްކުރީ. ޔޯރ ސްޓޯރީސް ރިއަލީ ކިލް އަސް ވިތް ސަސްޕެންސް


Posted on 2010-12-21 09:32:53 | Report this Comment
ޝަޒް:
ވަރަށް ވަރަށް ސަޅި......އެކަމް..... އަޕް ވާލެއް މާ ބޮޑަށްވެސް ލަސްވަނީ:(.......ހީކުރަން ދެން އެހެން ނުވާނެކަމަށް.....ސޮފާގެ ވާހަކައަށް އިންތިޒާރު ވަރަށް ކުރަން......ޝަޒް ހީކުރަން ބޮޑާ ނަފްސައްވުރެންވެސް ރީތި ވާނޭ ކަމަށް.......ސޮފާ ބޮޑާ ނަފްސު އެއްކޮށް ކިޔާލަން ލިބޭނޭ ގޮތެއް ނީންނާނެތަ........ވަރަށްވޭ އަދިވެސް އެވާހަކަ ފަށައިގެން ކިޔާހިތް......މުރާސިލް އަކު ނެތް މި ވާހަކައިގެ ކުރީބައެއް.....ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ސޮފާ................... :)


Posted on 2010-12-21 09:35:35 | Report this Comment
ފާތު:
ސޮފް......ހާދަ އަސަރުގަދައޭ.....ސަޅި އިނގޭ. އަވަސްކުރޭ އަނެއްބައި. އެހެން ނޫނީ ފޫހި.......


Posted on 2010-12-21 12:14:05 | Report this Comment
އައްމި:
މިވާހަކައަކީ އައްމިގެ ހަގީގީ ދިރިއުޅުމާވަރަށްގުޅޭ ވާހަކައެއް ، އަސްލު އައްމި އަދިވެސް އެކުއްޖާދެކެ ލޯބިވޭ ، ވަރަށް ހަދާންވޭ އައްޑޫ ދިރާގޭބުނީމަވެސް ސޮފާ ވަރަށްމޮޅު އިނގޭ ، ކީޕް އިޓް އަޕް އިގޭ ،

ފަތިސްތަރި: ހަމަ ރަނގަޅަށްތަ؟ އުއްމީދުކުރަން އައްމިގެ ދިރިއުޅުމުގެ ކުލަ މި ވާހަކައާއި ތަފާތުވެއްޖެކަމަށް އިނގޭ. އަދި މިހާރު އަންނަ ފޯންކޯލްތަކަކީވެސް އައްމިއަށް އުފާވެރިކަން ގެނެސްދޭ ކޯލްތަކަށް ވާނެކަމަށް. ޝުކުރިއްޔާ އައްމި!!


Posted on 2010-12-21 16:21:35 | Report this Comment
ޔެލޯ:
ބޮޑާ ނަފްސް ފުރަތަމަ ބައި ފެށިގެން ކިޔޭނެ ގޮތް ބުނެދީފާނަންތަ ފަތިސްތަރި އަޅެ ޕްލީޒްްްްްްްްްްްްްްް

ފަތިސްތަރި: އަޅެ ތިކުދިން ތިހާ ދެރަވެގެން ބުނާތީ ސޮފާވެސް ދެރަވޭ އެބަ. އެކަމަކު ބުނަން. ދެރަނުވޭ. ސޮފާ ވަރަށް އެބަ މަސައްކަތް ކުރަން އެ ވާހަކަ އެއްކޮށް ކިޔާލަން ލިބޭނެ ގޮތެއް ވޭތޯ އިނގޭ. އެންމެ ރަނގަޅުތަ؟


Posted on 2010-12-22 15:24:38 | Report this Comment
ޔެލޯ:
ވަރަށް ބޮޑަށް ޝުކުރިއްޔާ ސޮފާ. ބޮޑާ ނަފްސް ދެން އެއްކޮށް ކިޔާލެވޭނެ ކަމުގެ އުއްމީދުގަ މިހިރީ.

1 comments:

Hi all readers....welcome to my blog.
mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

Post a Comment