FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 35 ވަނަ ބައި



"ހިނގާ ކަމާދޯ.....މިހާ މީރު އެއްޗެހި ހިހޫ ނުވަނީސް ޖެހޭނެ ކާން......އަހަންނާއެކު ކާނަން ދޯ؟" މީރު އެއްޗިއްސާއި މޮޅު އެއްޗިއްސާއި ފެނިފެނި ފޫހިވާވަރަށް މުއްސަނދި ދިރިއުޅުން ފެނިފައި ހުރި ހުސެންގެ ކިބައިގައި ފެންވަރުގެ ތަފާތު ކުރުމެއް ހަމަ ނެތީބާއޭ ދިލްމާގެ ހިތަށް އެރިއެވެ.
އެމީހުންގެ ބާވެފައިވާ ގޭގެ، ހަމަ އެހާ އާދައިގެ ބަދިގޭގައި ފިޔާތޮށި ކުލައިގެ ތަރަފާލު ކޮޅެއް އަޅާފައިވާ ކާމޭޒު ދޮށުގައި، ޕްލާސްޓިކް ގޮނޑިއެއްގައި
އިށީނދެލައިގެން ކާން ހުސެން އިންއިރު ދިލްމާއަށް އިރުއިރުކޮޅާ ހުސެންއަށް ބަލާލެވެއެވެ. ހުސެންގެ އުމުރުން ފާއިތުވި 37 އަހަރުވެސް ފާއިތުވެފައި ވަނީ ދިލްމާގެ ގޭގައޭ ހީވާ ކަހަލައެވެ.

ލޯތްބަކީ މިއީ ކަންނޭނގެއެވެ. ފެންވަރުގެ ތަފާތެއް ނުފެންނަނީ ލޯބީގައި ކަމަށްވުން އެކަށީގެންވެއެވެ.
ދިލްމާ ހިތަށް އެރިއެވެ.
ހިތަށް ކިތަންމެ ގިނަ އެއްޗެހި ތަކެއް އަރާފައިބަމުން ދިޔައެއް ކަމަކު އެއިން އެއްވެސް ކަމަކާބެހޭ ގޮތުން ސުވާލެއް ނުކޮށް، އެކައްޗަށްފަހު އަނެކައްޗެއް ހުސެންއަށް އަޅައިދެމުން ކައިރިކޮށްދެމުން ދިލްމާ ދިޔައެވެ. އެއިން ކޮންމެ ފަހަރަކު ލޯތްބާއެކު ހުސެން ހިނިތުންވެލައެވެ.

ތާއަބަދު އެކުގައި އުޅެފައިވާ ދެމަފިރިއަކު އެކަކު އަނެކަކަށް ޚިދުމަތް ދީ އެ ޚިދުމަތުގެ އަގު ވަޒަންކޮށް ބަލައިގަންނާނެ ފަދައިންނެވެ. މާ ގިނަ ވާހަކަތަކެއް، މާ ގިނަ ވައުދުތަކަކާ ނުލާ ދެމީހުންވެސް އެކަކު އަނެކަކު ބަލައިގެންފިއެވެ.
** ** ** ** ** ** ** **
އެހެން ދުވަސްދުވަހެކޭ އެއްފަދައިން މިއަދުވެސް ހެނދުނުގެ ފުރަތަމަ ފަސްގަޑިއިރުވެސް ނަވީން އިނީ އަދި އޮފީހުގައެވެ. މަސައްކަތުގައި އަވަދި ނެތިއެވެ. އެހެންނަމަވެސް މަސައްކަތް ގިނަވުމަކުން ނަވީނަށް އެއްވެސް އުނދަގުލެއް ނެތެވެ. އުނދަގޫވަނީ ރޭގައި ރަނގަޅަށް ނުނިދޭތީއެވެ. ބޮލުގައި ފާޑެއްގެ ރިހުމެއް ހަރުލާފައި ހުރީތީއެވެ.

"
އަދިވެސް ރަނގަޅުނުވަނީތަ....؟؟ ބޭސްގުޅައެއް އެއްޗެއް ކާލަންވީނު.........؟ ލިއުންތަކެއް ބަލަން އިންދާ ނަވީންގެ އޮފީސް ކޮޓަރިއަށް ވަދެފައި މާޔާ އަހާލިއެވެ. ނަވީނަށް ބަލާލެވުނީ މާޔާއަކަށް ނޫނެވެ. މާޔާ އެގެނައި ލިއުންތަކަށެވެ.

"
އަނެއްކާވެސް........." މާޔާގެ އަތުގައި ހުރި ލިއުންތައް މޭޒުމަތީގައި ބެހެއްޓުމުން ބަލަން އިނދެފައި ނަވީން އެހިއެވެ. މާޔާ ކުރި ސުވާލަށްޖަވާބު ދޭންވެސް ނޭނގުނެވެ.
"
ތައްޔާރުކުރަން ބުނި ރިޕޯޓެއްނު.............އަނެއްކާ ބޭކާރު ކަމެއްތަ މި ދެދުވަހު މިކުރެވުނީ؟" އެގޮތަށްވެސް ބައެއްފަހަރު ދިމާވެފައި ހުރުމުން މާޔާ ހީކުރީ އަނެއްކާވެސް އެފަދަ ވަގުތެއް އައީ ކަމަށެވެ.
ހެޑް އޮފީހުން އަންގައިގެން ފާޑެއްގެ ރިޕޯޓެއް އޭނައަށް ހަދަން ޖެހިގެން އުޅޭތާ ދެތިން ދުވަހެއް ވެއްޖެއެވެ. މިއަދު ހަތަރެއް ޖެހުމުގެ ކުރިން އެ ރިޕޯޓް ހެޑް އޮފީހަށް ފޮނުވަން ޖެހޭކަން އިއްޔެ އޮފީހުގައި އިންއިރު ހަނދާން ހުރި ނަމަވެސް އެ ހަނދާނެއް މިއަދަކު ނަވީން ނެތެވެ.

"
ނޫނޭ....ތިއީ ވަރަށް މުހިއްމު އެއްޗެއް.....މާރޗް މަހުން މިއަދު ކިތަކެއް.........18 ދޯ........މިފަހަރުގެ ޕްރޮމޯޝަން ކާމިޔާބުތަ؟" މާޔާ އަކީ އެ ޕްރޮމޯޝަންވެސް ހިންގާ މާރކެޓިންގ ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާއަށް ވާތީ އެ ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް ދެވޭނީ މާޔާއަށްކަން ނަވީންއަށް އެނގެއެވެ.
އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ދިރާގުގެ ފަރާތުން ބާއްވައިގެން އުޅޭ ޕްރޮމޯޝަނަކީ ފެންނަ ފެނުމަށް ކާމިޔާބު ޕްރޮމޯޝަނަކަށް ވިޔަސް، ނަވީން ކާމިޔާބު މާނަކުރަނީ އެގޮތަކަށް ނޫނެވެ. ހޭދަވި އެއްޗަކަށްވުރެ ގިނައިން ލިބިފައި ނެތިއްޔާ ، ނަވީންގެ ފޮތުގައި އެއީ ކާމިޔާބެއް ނޫނެވެ.

"
ފެންނަ ފެނުމަށް ރަނގަޅު. އެކަމަކު އަދި މަހުގެ ދެހަފްތާއެއްހާ ދުވަސް ބާކީ އޮތީމަ........ކޮންމެ ދުވަހަކީވެސް ބަދަލުވެދާނެ ދުވަހެއް ކަމަށް މި ބަލަނީ....." މާރކެޓިންގެ ދާއިރާގައި މަސައްކަތް ކުރުމުގައި މާޔާ އަކީ މާ ބޮޑު ތަޖްރިބާއެއް ނެތް ނަމަވެސް އިލްމީގޮތުން ވަރަށް ކުރީގައި އުޅޭ، ވިސްނުންތޫނު ޒުވާން އަންހެން ކުއްޖެކެވެ.

"
އެއީ............؟؟" މާ ބޮޑު ވިސްނުމެއް ނެތި ނަވީން އަހާލިއެވެ.
"
ޕްރޮމޯޝަންވެސް ދެމި އޮންނާނީ މަހުގެ ނިޔަލަށް ކަމަށްވާއިރު........މުސާރަ ލިބޭ ހަފްތާ އޭގެ ތެރޭގައި ހިމެނުން އެއީ ވަރަށް ބޮޑު ބޯނަސް ޕޮއިންޓެއް.......މިހާރުގެ ހަތަރު ގުނަ ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މި ބަލަނީ.....އެކަމަކު މި އޮތްގޮތަށް އޮތުމަކީވެސް ހަމަ ވެދާނެ ގޮތެއް...." ތަޖްރިބާގެ މައްޗަށް ބިނާކޮށް މާޔާ ބުންޏެވެ.
"
ބަލަންވީނު އަދި ބޮޑަށް......" ބަލަމުން ޗެކް ކުރަމުން ދިޔަ ލިއުންތަކަށް ބަލަން އިނދެ ނަވީން ވާހަކަ ދެއްކިއެވެ. ނަވީން ބުނާ އެއްޗެއް އެ ބުނަނީ މާޔާ ބުނި އެއްޗެއް މާ ރަނގަޅަށް އަޑު އަހާފައި ހެނެއް މާޔާއަށް ހިއެއް ނުވެއެވެ.

"
ސޮރީ ޓު ސެއި ދިސް.....އެކަމަކު ހީވަނީ......މިހާރު ހުރިހާ އެކްސްޕެންސްތައް ކަވަރ ވެފަ ހުއްޓާ އެންމެ ހަފްތާއެއްގެ ހައްގުގައި، އެވެސް އަދި ވެދާނެ ގޮތެއް ނޭނގޭ ހަފްތާއެއްގެ ހައްގުގައި އިތުރު ޚަރަދުތަކެއް ކޮށްގެން އިޝްތިހާރު ކުރުމުގެ މާނައެއް އޮތްހެން މާޔާއަށް ހިއެއް ނުވޭ......މިހާރު މި އޮތްގޮތަށް އޮވެ ނިމުނަސް ގެއްލުމެއް ނެތްކަންނޭނގެ....؟" ނަވީން އަޑުނާހާހެން ހީވެގެން މާޔާ ތަފްޞީލްކޮށްދިނެވެ.

"
ތިބުނީ ތެދެއް....ރަނގަޅު.....އެހެންވީމަ ހަމަ ތިގޮތަށް ބަހައްޓަމާ ދޯ.....އެނީވޭސް.....ތޭންކްސް........މި ރިޕޯޓް މިހާ އަވަހަށް ނިންމީމަ...." މާޔާ ގެނައި ލިއުންތަކުގެ ގަނޑުތައް އުކަމުން ނަވީން ބުނެލިއެވެ.

ދެތިން މިނެޓެއްހާއިރު މާޔާ އިނެވެ. ނަމަވެސް ނަވީނަށް މާޔާ އެތާ އިންކަން ނުވެސް އެނގޭފަދައެވެ. އެހާވެސް ބޮޑަށް ނަވީން އިނީ ގެއްލިފައެވެ.
މާޔާއަށް ބެލެމުން ދިޔައީ ނަވީންގެ ހޭވިފައިވާ ބޮލާއި ކުޑަކޮށް ދުޅަފާޑު ވެފައިވާ މޫނަށެވެ. މުޅި މީހާއަށް ބަލާލުމުންވެސް މާޔާއަށް ފެނުނީ ހަމަނުޖެހުމެއްގެ ތެރޭގައި ނަވީން އުޅެމުންދާ ކަމުގެ ނިޝާން ތަކެކެވެ.

އިއްޔެއަކު މިއަދަކު ނޫނެވެ. އިނާ ހޮސްޕިޓަލުގައި ބޭއްވީއްސުރެ މާޔާއަށް ނަވީން ފެންނަނީ މިފަދަ ހާލެއްގައެވެ. ނަވީން އެ އިނާ ދެކެ މިވަނީ ކޮން ކަހަލަ ލޯތްބެއް ހެއްޔެވެ؟ އެވަރަށް ހިތަށް ތަދުވާއިރުވެސް އިނާ ކައިރީ އެއްވެސް ވާހަކައެއް ސާފުބަހުން ބުނުމެއް ނެތެވެ. އެކަމަކު ކޮންމެ ދުވާލަކު އެތައް ފަހަރު ރެއަކު އެތައްފަހަރު ހޮސްޕިޓަލަށް އައިސް ގޮސް ހަދާފައި އަދި އެވަރުން ނުވިތާކަށް ހަމަ ނިދިންވެސް ނަވީން އެދަނީ މަހްރޫމް ވަމުންނެވެ. ގަސްތުގައި އަމިއްލަ ނަފްސަށް ދޭ އަނިޔާއެކޭ ނަވީންއާއި ދިމާލަށް ކުރިންދުވަހުވެސް އޭނައަށް ބުނެވުނީ އެހެންވެގެންނެވެ.

އެކަމަކު ނަވީނަށް އެހެން މީހެއްގެ ހިތުގެ އަޑުއިވޭވަރަށްވުރެ ވަނީ ބީރުވެފައެވެ.
"
ދަނީ....................." ނަވީން އާއި ދިމާލަށް ބަލަން އިނދެއިނދެފައި އެންމެފަހުން މާޔާ ތެދުވެއްޖެއެވެ.
"
ހޫމް..........." އިސް އުފުލާވެސް ނުލާއިނދެ ނަވީން ބުނެފިއެވެ.
** ** ** ** ** ** ** ** **
އެހެން ދުވަސް ދުވަހު މެންދުރު ބާރަ ޖެހުމުން ހޮސްޕިޓަލަށް ދިޔައެއް ކަމަކު މިއަދު ބާރަ ޖެހުމުން ނަވީން ދިޔައީ ގެއަށެވެ. ހޮސްޕިޓަލަށް ދާހާ ހިތްވަރު ނެތީއެވެ.
ރޭގަ އެވީ ކީއްކަން އޭނައަށް ވިސްނައި ނުގަނެވޭތީއެވެ. އިނާއާއި ދޭތެރޭ ވިސްނާ ވިސްނާ އޭނަގެ ބޯ ހަލާކުވެއްޖެއެވެ. އެކަމުގައި އޭނައަށް ކޮޅެއް މެދެއް ނުފެނެއެވެ.
އިނާ އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ ޚާލިދުގެ ދައްތަ ދުނިޔެއާއި ވަކިވުމުގެ ހިތާމައިގައި އިނާގެ ކައިވެނި ދެމަސްދުވަސް ފަހަތަށް ޖެހިފައި ވިއެއްކަމަކު، އެ ކައިވެންޏަކީ ކުރެވޭނެ ކައިވެންޏެކެވެ. ޒިޔާދުގެ ކަންތައް ހުންނަ ގޮތުން ޚާލިދު ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް، އަދިވެސް މި ވަގުތާއި ހަމައަށްވެސް އެއިން ވާހަކައެއް އެކަކު ކައިރިއަކުވެސް ޚާލިދު ނުދައްކައެވެ.
ޚާލިދުއަށް އެ އަޑު އިވުނު ފޯންކޯލަކީ ޒިޔާދު ކާކާއި ދެއްކި ވާހަކައެއްކަމެއް ނޭނގެއެވެ. އެކަމަކު ގައިމުވެސް އެކަމާއި ބެހޭ އެއްވެސް ކަމެއް އަދި އިނާއަކަށް ނޭނގެނެއެވެ. މާނައަކީ އިނާގެ ހިތާ ރޫޙުން އިނާ އެހެރީ އެ ކައިވެންޏަށް ތައްޔާރު ވެގެންނެވެ.

އިނާއަށް ދިމާވި މި ހާދިސާގައި އިނާ ދެކެލަން ޒިޔާދު ނައެއްކަމަކު، އެއިން ނުބައި މާނައެއް ނެގޭނެ ޗާންސެއް އެކަކަށްވެސް ނެތެވެ. ޒިޔާދަކީ މީގެ ކުރިންވެސް ގިނަ އަދަދަކަށް ރާއްޖެއިން ބޭރަށް ދާ މީހެކެވެ. ވިޔަފާރި ވެރިއެކެވެ. އިނާއާއި ދިމާވީވެސް އެގޮތަށް އުޅުމުގެ ތެރޭގައެވެ.

ހުރިހާ ކަމެއްވެސް އަދި އޮތީ އިނާއާއި ޝީލާގެ ތާއީދާއި އެއްގޮތަށެވެ. ޒިޔާދު ގޮތަކަށް އުޅުނުކަމެއް އިނާއަށް ނޭނގޭހާ ހިނދަކު އިނާގެ ހިތް ޒިޔާދާއި ދޭތެރޭ ބަދަލެއް ނުވާނެއެވެ. ޒިޔާދު ނޫން މީހަކައި ދޭތެރޭ ވިސްނަންވެސް އިނާ ނަހަދާނެއެވެ.
ވީއިރު..................
ވީއިރު އެރޭ އެއީ ކިހިނެއް ވީ ކަމެއް ހެއްޔެވެ؟ އިނާ އޭނަގެ އަތުގައި ހިފެހެއްޓީ ކީއްވެހެއްޔެވެ.
މިހާ ދުވަސްވީއިރު ދުވަހަކުވެސް އިނާގެ ފަރާތުން އޭނައާއި ދޭތެރޭ ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން ނޫން ހައިސިއްޔަތުން ދެކޭ ކަމެއް އެނގިފައެއް ނުވެއެވެ.
އެ ރަހްމަތްތެރިކަމަކީވެސް އިނާގެ މައިންބަފައިންގެ ލޮލުގައި އިނާ އަމިއްލައަށް އެޅުވި އަނދުނެކެވެ. ހަގީގަތަކީ އެމީހުންނަކީ ރައްޓެހިންނެއްވެސް ނޫނެވެ. ދުޝްމަނުންނެއްވެސް ނޫނެވެ. ހުރިހާ ގޮތަކުންވެސް ވިސްނާލިޔަސް އެއީ ދެ ބީރައްޓެހިންނެވެ.

އެހެންވިޔަސް ހެޔޮތާއެވެ. ދެބީރައްޓެހިނެއްކަމަކު............އެރޭ އިނާ އޭނަގެ އަތުގައި ހިފެހެއްޓިކަން އެއީ ހަގީގަތެކެވެ.
މައްސަލައަކީ އޭނައަށް އެއީ ކީއްވެގެން އިނާ ކުރި ކަމެއްކަން ނުވިސްނެނީއެވެ.

އަނެއްކާ އިނާއަކީ.................މަޑުމަޑުން ހުންނަ ބާރަށް ދައިގަންނަ ގުރައެއް ހެއްޔެވެ؟ އެންމެންގެ ލޮލަށް ސިއްރުން ހިތުގެ އެދުން ހާސިލް ކުރާ ކަހަލަ އަންހެން ކުއްޖެއްހެއްޔެވެ؟ އެކަހަލަ މީހަކަށް އިނާ ވެދާނެހެން ހާދަ ހީނުވެއެވެ. މިހުރިހާ ދުވަސްވީއިރުވެސް އޭނައަށް އިނާގެ ކިބައިން މަޑުމައިތިރިކަމާއި ހިމޭންކަން ނޫން ކަމެއް ފެނިފައި ނުވެއެވެ.

މެންދުރުގަޑީގައި ގެއަށް އައިސް ޖައްސާލައިގެން އޮތްއިރު ނަވީންގެ ސިކުނޑި އެނބުރެމުން ދިޔައީ މި ޚިޔާލު ތަކުގައެވެ.
ރޭގެ ހަމަނިދިން އޭނަ މަހްރޫމް ކުރީވެސް އެ ފިކުރުތަކެވެ.

** ** ** ** ** ** ** ** **
ރޮދިކޮށާފައި އިނާ ގެއަށް ފޮނުވާލިއެއް ކަމަކު ތެދުވެ ހިނގާބިނގާވެއެއް އިނާ ނޫޅެއެވެ. އެތައް ސަބަބަކާހުރެއެވެ. ކަރަށް ލިބުނު ގެއްލުން ހަމަ އެކަނި ލަކުނަކަށް ވެފައި ވިއެއް ކަމަކު، އެތަނަށްވެސް ވެދާނެ ގޮތަކަށް އިނާ ބިރުވެސް ގަނެއެވެ. ކައިވެންޏަކަށް ތައްޔާރުވަމުން އޭނަ އައެއްކަމަކު ޒިޔާދުގެ ޚަބަރެއް ނުވާތާ އެތަކެއް ދުވަސް ވެފައިވުމާއި، ނަވީންއާއި ދޭތެރޭ އޭނަގެ ހިތުގައި އުފެދުނު ލޯބި ކަފުންކުރަން މަޖްބޫރުވެފައި ވުމުން، އޭނައަށް އޭނަގެ ދިރިއުޅުން ފެންނަނީ ވަރަށް ހުސްކޮށެވެ. ވަރަށްވެސް ފޫހި ގޮތަކަށެވެ.

ހޮސްޕިޓަލުން ދޫކޮށްލިތާ މިއަދަށް ދެ ދުވަސް ވެފައި ވިއެއްކަމަކު، ފުރަން އޮތް ދުވަހަށް ފުރޭގޮތްވެސް ވަނީ ނުވެފައެވެ. ބެންގަލޫރަށް ފުރަން އޮތް ޓިކެޓްގައި ބައްޕަ ބޭނުންވި ގަޑީތަކަށް ޓިކެޓް ނުލިބުމުންނެވެ. އެގޮތަށް ފުރައިގެން ދެވުނު ނަމަވެސް އޭނަގެ ނަފްސަށް ތަންކޮޅެއް ލުއި ވާނެއެވެ. ގައިމުވެސް ނަވީންގެ ހަނދާންތަކާ ދުރުވެވޭނެކަންނޭނގެއެވެ.
އެކަމަކު އެކަމެއްވެސް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފުރޭވަރުވާނެ ކަމަށް އިނާ އުއްމީދު ކުރިއެވެ.

ކުއްލިއަކަށް އިނާގެ ކޮޓަރީ ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވިގެން ދިޔައެވެ.
"
ހުޅުވާފަ ހުރީ.............." އިނާ ގޮވާލިއެވެ.
"
އަދިވެސް އޮތީތަ ހަމަ......ކުޑަކޮށް ބޭރަށް ނުކުމެލާ ހަދާލާނަމަ........." ހުޅުވާލި ދޮރުން އެތެރެއަށް ވަންނަމުން ދިލްމާ ބުނެލިއެވެ.

"
ދެންމެވެސް މިއައީ ސިޓީންގރޫމްގަ އިނދެފަ.........." އިނާ އިށީނދެ އިން ސޯފާއިން ތިރިއަށް ދެފައި އެލުވާލަމުން ދިލްމާއަށް ތަންދެއްކިއެވެ.
"
ނަރުހެއްކަމަކު އަމިއްލަ ކަމަކާ ޖެހުނީމަ ހީކުރިވަރަށްވުރެ ފިނޑިވެއްޖެއެއްނު....؟" ދިމާކޮށްލާ ކަހަލަ ރާގެއް ދިލްމާގެ އަޑުގައިހުއްޓެވެ.
"
ހެޔޮ ތިހެން ބުންޏަސް..............." މިހުރިހާއިރު ނުހުޅުވާ އިން ޓީވީ އިނާ އެހުޅުވީ ދެންމެއެވެ.
"
ތަދުވޭތަ މިހާރު.............." އިނާގެ ބޮލުގެ އިސްތަށިގަނޑުން ނިވާވެފައި ހުރި ލަކުނު، ބަލާލަމުން ދިލްމާ އެހިއެވެ.

"
އުނހުނ.........އެކަމަކު ކަނދުރާ ލެންބީމަ ވަރަށް ނުބައި ތަދެއްވޭ..............." އެއްވެސް މީހެއް ކައިރީ އޭނަ ނުބުނާ އެއްޗެއް ދިލްމާ ކައިރީ އިނާއަށް ބުނެވުނެވެ.
"
އަސްލުވެސް ތަ؟" ދިލްމާ ސިހިގެން ދިޔައެވެ.
"
ހޫމް................" އެވާހަކައިގެ ތަފްޞީލަށް ދާކަށް އިނާ ބޭނުމެއް ނުވިއެވެ.
"
ދެން ކޮން އުނހޫނއެއް ތިބުނީ.............." ނުރުހިފައި ދިލްމާ ބުންޏެވެ.
"
ތިވާހަކަ ނުބުނަން ދޯ އެކަކު ކައިރިއަކުވެސް؟" ދިލްމާއަށް ވަރަށް ރަނގަޅަށް އިނާ އެނގެއެވެ.
"
ހޫމް..............." ދިލްމާވެސް އެއްބަސްވިއެވެ.

"
ކީއްވެގެންތަ އިނާ........އަބަދުވެސް ތިގޮތް ތިގެންގުޅެނީ......ބަލަ އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެކޭ ތިއީ. އަނެއްކާ ބޭބެމެންވެސް ކިހާ ދެރަވާނެ އިނާއަށް ކަމެއް ވެއްޖިއްޔާ....." ދިލްމާ ވިސްނައިދޭން ފެށިއެވެ.
"
މިހާރުވާ ދެރަ ކުޑަވެގެން އަދިވެސް އެމީހުން ދެރަ ކުރަންވީތަ އަހަރެން؟" ކިތަންމެ މަޑުމަޑުން އެހެން އެހި ނަމަވެސް އިނާގެ އަޑުގައި ވަނީ ހިތާމައެކެވެ.
"
މިހާރު ކޮން ދެރައެއް ވާނީ..........ބޭބެ އާއި ދައްތަވެސް އެތިބީ ކިހާ އުފަލުން އިނާ ރަނގަޅުވަމުން އަންނާތީ.....އިތުރަށް ރަނގަޅުކުރަން ވެގެންނެއްނު ބެންގަލޫރަށްވެސް ގެންދަން އުޅެނީ..." ދިލްމާ އަކީ އަބަދުވެސް އިނާގެ ލަފާދާރެވެ.

"
ތިވާހަކައެއް ނޫން މި ބުނީ........." ކުރިއަށްވުރެވެސް މަޑުމަޑުން އިނާ ބުންޏެވެ. ލޯ ހުރީ ޓީވީ އާއި ދިމާލަށް ހުއްޓިފައެވެ.
"
ދެން ކޮން ވާހަކައެއް.............އެހެން ހުރިހާކަމެއްވެސް ރަނގަޅެއްނު........؟" ދިލްމާއަކަށް ހަގީގަތުގައިވެސް އިނާ އެ ބުނާވާހަކަ އެއް ނޭނގުނެވެ.

"
ދެން ބުނެބަލަ........ކަމެއް ގޯސްވީތަ އަނެއްކާ...........؟" ކޮން ވާހަކައެއްހޭ ދިލްމާ އެހުމުންވެސް އިނާ އަނގައިން ނުބުނެ އިންނާތީ އަނެއްކާވެސް ދިލްމާ އެހިއެވެ.
"
ޒިޔާދު ފުރައިގެން ދިޔަފަހުން ގުޅީ އެންމެ ދުވަހަކު............އެވެސް މަންމައަށް. ނޭނގެ ވީ ކީއްކަމެއް......ޚަބަރެއް ނުވޭ....." އިނާ އަދިވެސް ބަލަން އިނީ ޓީވީއަށެވެ.
"
ދެން އިނާ ނުގުޅަމުތަ؟" ދިލްމާ ކުރީ ރަނގަޅު ސުވާލެކެވެ.
"
ފޯން އޮންނަނީ ނިއްވާލާފަ............މަންމައަށް ގުޅި ދުވަހު ބުންޏޯ ލަންކާއަށް ދަނީއޭ....އާދެވުނީމަ ގުޅާނަމޭ.....އޭގެ ފަހުން ހަފްތާއެއް މިވީ.....ޚަބަރެއް ނެތް..........." އިނާގެ ކަންބޮޑުވުން އިރެއް އިރަކަށް ބޮޑުވާކަން އެނގެނީ ރިމޯޓް ތަޅުވާތީއެވެ.

"
ކަންބޮޑުނުވޭ............އެއީ އެހާ ބޮޑު މައްސަލައެއް ނޫނޭ...........ތިއުޅެނީ މާލެއަށް ދާށެއްނު........ފަހަރެއްގަ ދިޔައިމަ ދިމާވެސް ވެދާނެ.....ކިހިނެއް އެނގެނީ......ތި ނުފުރި ލަސްވަނީވެސް ޒިޔާދު މާލެ އަންނަ ދުވަހާ ދިމާވާން ކަންނޭނގެއެއްނު." ދިލްމާ އަކީ އަބަދުވެސް މީހުންނަށް އުއްމީދު ދިނުމުގައި މޮޅު މީހެކެވެ.

"
ކިހިނެއް ތިހެން ބުނަން ދިލް އަށް އެނގެނީ.........ޒިޔާދު އަހަރެން ދޫކޮށްލީކަންނޭނގެއެއްނު.......؟" އިނާގެ އަސްލު ފިކުރަކީ އެއީ ކަމަށްވެދާނެއެވެ.
"
އަޅޭ..........ދައްކަފާނަން ދޯ ކޮންމެ ވާހަކައެއްވެސް.......އިނާ ދޫކޮށްފައި ވަކި ކާކު ކައިރިއަށް ދާންތަ ޒިޔާދު އިނާ ދޫކުރަންވީ؟ އެހެން ނޫނަސް ހުރިހާ ކަމެއް މިހިސާބަށް ގެންގޮސްފައި އެހެން ހަދާނެތަ ޒިޔާދު؟" ދިލްމާ ވާހަކަ ދައްކަމުން ދިޔައީ ދިލްމާއަށް ވިސްނޭ ގޮތަކަށެވެ.

"
ދިލްއަކަށް ނޭނގޭނެ.......އެއީ ކުރީގެ ޒިޔާދެއް ނޫން މިހާރު. " އިނާ އެބުނީ އޭނައަށް ތަޖްރިބާ ކުރެވިފައިވާ ގޮތެވެ.

"
ދެން އަންގަދޭންވީނު..............." އެވަގުތު ކުއްލިއަކަށް ނަވީންގެ މަތިން ހަނދާންވެފައި ދިލްމާ ގަސްތުކުރީ އިނާގެ އަނގައިން އިނާ ބޭނުންވާ ވާހަކައެއް ދައްކަން ފުރުޞަތު ދިނުމަށެވެ.

"
ފަހުން ފަހުން އައިސް ޒިޔާދު އަބަދުވެސް އަހަންނަށް ޝައްކު ކުރޭ....." ވަރަށް ނުބުނާން އިނދެފައިވެސް އިނާ ބުނެފިއެވެ.
"
ކޮން ކަމަކާ....................." ދިލްމާއަށް ކުޑަކޮށް ރޭކާލާން ފެށިއެވެ. އެކަމަކުވެސް ޚުދު އޭނަގެ ހިތްވެސް އިނާގެ މައްޗަށް ޝައްކުވެފައި އޮތްއިރު، އެކަންވެސް ސާފުކުރަން ބޭނުންވާތީ، ދިލްމާ ބޭނުންވީ އިނާ ކިޔައިދޭ އަޑު އަހާށެވެ. އެހެންކަމުން ކުރަމުން ދިޔައީ ހަމަ އެކަނި ސުވާލު ތަކެކެވެ. އިތުރު ބާރެއް ނާޅައެވެ.

"
ވީ ގޮތަކީ..............ވީ ގޮތަކީ އަސްލު.......ބައްޕަގެ ރައްޓެހި ނަވީން އެނގެއެއްނު.....ދިރާގުގެ އެމްޑީ.......އޭނަގެ މައްސަލައިގަ އަސްލު ޒިޔާދު ފުރަތަމަ ޝައްކު ކުރަން ފެށީ....." އިނާއަށް އެ ވާހަކަ ދައްކަން އުނދަގޫވި ކަހަލައެވެ. އިންތަނުން ތެދުވެގެން ގޮސް ކޮޓަރީގެ ކުޑަދޮރު ހުޅުވާލިއެވެ.

"
ހޫމް..........އޭނަ ކިހިނެއްވީ؟ ނަވީންގެ މައްސަލައޭ ތިބުނީ...........ކޮން މައްސަލައެއްގެ ވާހަކައެއް؟" ދިލްމާ އިނީ އިނާގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލާށެވެ.
ޚުދު އޭނަވެސް މިގެއަށް އައީ ހުސެންގެ ވާހަކަ އިނާއަށް ކިޔައިދޭށެވެ. ނަމަވެސް މި ފެށުނު ވާހަކައަކުން ދިލްމާ ގަސްތު ކުރީ ފުރަތަމަ އިނާ ދައްކާ ވާހަކަ އަޑުއަހާލުމަށެވެ. މިހުރިހާ ދުވަހު އިނާ ސިއްރު ކޮށްގެން ހުރި ކަންތައް މިއަދު އޭނަކައިރީ ކިޔާދޭނެކަމަށް ދިލްމާ އުއްމީދު ކުރިއެވެ.
******(ނުނިމޭ)********

79
http://www.muraasil.com/images/icons/arrow_up.gif87 | http://www.muraasil.com/images/icons/arrow_down.gif8

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-06-05 17:27:04 | Report this Comment
ފުރަތަމަ ކޮމެންޓްތަ މިއީ؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ ޒޯވީ..........ހެހެހެހ ފުރަތަމަ ކޮމެންޓް...!!!
http://www.muraasil.com/images/reportAbuseIcon.gif
ޒޯވީ: އޯހަ ގަދަ :-) މިފަހަރު ވެސް

http://www.muraasil.com/images/comment_reply.pngPosted on 2011-06-05 17:34:24 | Report this Comment
ވަރަށް ރީތި މިޕާޓުވެސް، ވަރަށް އިންތިޒާރުވެސް ކޮށްފިން :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ........!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-05 17:45:58 | Report this Comment
ތޭންކްސް ށޮފް............އިނތިޒާރުކުރާތާ ލައްކަ ގިނަ އިރު ވެއްޖެ.....ކޮމެންޓް ކުރާނަން ކިޔާލާފަ :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝަޒްއަށްވެސް ތޭންކްސް........!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-05 18:10:01 | Report this Comment
ވ ސަޅި .. ވެއިޓިން ފޯދި ނެކްސްޓް ޗެޕްޓްރ ކިއުރިއެސްލީ..އަވަހަށް އަޕް ކޮށްދެއްޝޭ އިނގޭ :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތޭންކސް މައިން.

http://www.muraasil.com/images/comment_reply.pngPosted on 2011-06-05 19:09:26 | Report this Comment
mibaives salhi ekhamaku little short ey...hope to c next part sooooooooon
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެންބައއް ތަންކޮޅެްއ ދިގުކޮސް ގެނެސްދެވޭތޯ ބަލާނަން.

http://www.muraasil.com/images/comment_reply.pngPosted on 2011-06-05 21:29:59 | Report this Comment
ކޮބާ އަނެއްބައި.... ވާހަކަ މިހާރު ވަރަށްރީތި. އަވަހަށް ގެނެސްދެއްޗޭ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހހެހެހެ................އަނެއްބައި ހޯދަނީ.........

http://www.muraasil.com/images/comment_reply.pngPosted on 2011-06-05 21:39:58 | Report this Comment

0 comments:

Post a Comment