FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 34 ވަނަ ބައި


 "އަނހަނ....ދަރިފުޅު އަދިވެސް ނުނިދަމުތަ؟" އެނދުކައިރީ ދަމާފައިވާ ސްކްރީންގެ ތެރެއިން އެތެރެއަށް ވަންނަމުން އެހެން ބުނެލީ ޚާލިދެވެ. އިނާއަށް ސިހުމެއް ލިބުނެވެ. ބައްޕަ ހުރި ދިމާލަށް ނެއެނބުރެވޭނެކަން އެނގޭއިރުވެސް ބައްޕައާއެކު ނަވީން އައިސް ހުރިތޯ ބަލާލެވެން އުޅުނެވެ
"ހާދަ ލަސްވީ....؟" ޝީލާ އެހީ ޚާލިދު ކައިރިންނެވެ.
"
އާނއެކޭ ދޯ.....އެގޭގައި މާ ލަސްވީ.....ނަވީންވެސް އުޅުނު ލަސްވެގެން. ތަނަކަށް ދާންވެފަ އޮތީހެން ހީވަނީ.
އެކަމަކު އަހާ ކޮންމެ ފަހަރަކު ބުނޭ ކަމެއް ނުވެއޭ." އަތުކުރީ އޮތް ގަޑީއަށް ބަލާލަމުން ޚާލިދު ތަފްޞީލް ދިނެވެ.

"
ވަދެވެސް ނުލާ ގޮއްސި ދޯ އެހެންވެ...؟" އިނާގެ ހިތުގެ އަޑު ޝީލާގެ ދުލުން އިވުނުފަދައެވެ.

"
ނޫނޭ.......ދެންމެ ވަންނަން އައިތަނުން މީހަކާ ދިމާވެގެން އެބަހުރި ވާހަކަ ދައްކަން.....ދަރިފުޅާ.... ރަނގަޅުތަ؟ އެއްވެސް އުނދަގުލެއް ވޭތަ؟ ވަންޏާ ބުނައްޗޭ އިނގޭ..." އިނާގެ ކައިރިއަށް ޖެހިލާފައި ހާލު ބަލާލިއެވެ.

"
ނަވީން ގެނެސްދީ ބައްޕާ......އޭރުން ހުރިހާ ކަމެއް ލުއިވެދާނެ.........ހުރިހާ ވޭނެއް ނިމުމަކަށް އައިސްދާނެ....." އިނާ ބުނެލިއެވެ. ހިތާ ހިތުންނެވެ. މައިންބަފައިން ކުރިމަތީގައި އެފަދަ އެދުންތައް ފާޅުކުރަން ކެރޭ އަންހެންކުދިން ގައިމުވެސް އެއީ ވަރަށް މަދު އަދަދެކެވެ.
** ** ** ** ** ** ** ** ** **
"
މާދަން ރޮދިކޮށާފަ ގެއަށް ހަމަ ފޮނުވާލާނެތަ؟" ޚާލިދު ކައިރިން ޝީލާ ޔަގީން ކޮށްލިއެވެ. އެހާ އަވަހަށް ފޮނުވާލަފާނެހެން ޝީލާއަށް ހަމަ ހީނުވަނީއެވެ.
"
އާނ އިތުރު ގޯހެއް ނުވަންޏާ މާދަން ފޮނުވާނެ. އެހެން ނޫނަސް ބެންގަލޫރަށް ދަންޏާ މިކޮޅުގަ މާ ގިނަ ދުވަސްނުކޮށް ދިއުމެއްނު ރަނގަޅު ވާނީވެސް...؟ ގޯހެއް ނެތިއްޔާ މާދަން ގެއަށް ފޮނުވަދޭން ވާނީ އެދިފަ" އިނާއާއި ވާހަކަ ދައްކާފައި އެގޮތް ޚާލިދު ނިންމީ ހަމަ އިހަށް ދުވަހުއެވެ. އިނާއަށް ދިމާވި އެ މައްސަލައަކީ ކުޑަ މައްސަލައަކަށް ނުވާތީ، އެމީހުން ވިސްނީ އެމީހުންގެ ދަރިފުޅު އަދިވެސް އިތުރަށް ޑޮކްޓަރަށް ދައްކާލާ ޓެސްޓްތައް ހަދާލަން ބެންގަލޫރަށް ގެންދާ ގޮތަށެވެ.

"
އާނ.......އެގޮތް ވެއްޖިއްޔާ ރަނގަޅީވެސް......މިހާރު ކޮން ދުވަހަކުން ފުރަން މި ހަދަނީ.....؟" ޝީލާ އެހިއެވެ.
"
މާދަން ދޫކޮށްލައިފިއްޔާ އަނެއް ދުވަސް ދޫކޮށްފަ ދެން ފުރަންވީ.........ޓިކެޓްގެ ކަންތައްވެސް މާދަން ފައިނަލް ވާނެ......." ޚާލިދު އޮތީ ހުރިހާ ކަމެއް ހަމަޖައްސާފައެވެ.
"
ހަމްދު އެކަނި ދޯ ހުންނަން ޖެހޭނީވެސް......" އެއީ ޝީލާއަށް ވަރަށް ކަންބޮޑުވާ މައްސަލައެކެވެ.
"
އެހާ ގިނަ ދުވަހެއް ނުވާނެ.........މާލޭގަ ދެ ދުވަސް.......ބެންގަލޫރުގަވެސް ވާނީ ގިނަ ވެގެން ތިންދުވަހެއްވަރު .........ހަފްތާއެއް ދެން އަނެއްހެން ދޯ.....ކިހިނެއް ހަދާނީ....ބައްޕައާއި އިނާއަށް އެކަނިވެސް ދެވިދާނެ. ދޯ ދަރިފުޅާ......." ޚާލިދު އޭނަ ދައްކަމުން ދިޔަ ވާހަކައިގައި އިނާވެސް ބައިވެރި ކުރުވިއެވެ.
"
ރަނގަޅުވާނެ އެގޮތްވެސް............" އިނާވެސް އެ ގޮތާއި ދެކޮޅެއް ނޫނެވެ.
"
ނޫނޭ.......އިނާ އާއިއެއްކޮށް މަންމަވެސް ދާނަން. ދެން ބަލާނީ ވީހާވެސް އަވަހަކަށް އާދެވޭތޯ ދޯ.........." ޝީލާ ގޮތް ނިންމިއެވެ.
** ** ** ** ** ** ** ** **
"
މިހިރަ އައީނު ނަވީން......" އަޑު ނީވުނު ކަމުގައި ވިޔަސް ޚާލިދު ޖަވާބު ދިނީ އޭނަގެ ދަރިފުޅުގެ ހިތުގެ އެދުމަށްފަދައެވެ. އިނާއަށް އެފަރާތަށް ނެއެނބުރެވޭތީ ނަވީން ނުފެނުނެއްކަމަކު ވޯޑަށް ނަވީން ވަނުމާއެކު އޭނަގެ ނޭފަތުގައި ނަވީންގެ ޚާއްޞަ މީރުވަސް ޖެހުނެވެ.

"
ވަދެވެސް ނުލާ ދިޔައީ ކަމަށް ހީކޮށް ދައްތަ ވަރަށް އެބަ މައްސަލަޖައްސާ ....." ނަވީންއާއި ދިމާލަށް އެނބުރިލަމުން ޚާލިދު ބުނެލިއެވެ. ނަވީން އެ ވާހަކައަކަށް މާ ފަރުވާލެއް ނެތްކަހަލައެވެ. އެ އަޑު އެހިއެއްކަމަކު ނަވީންގެ ލޯ ދަތުރު ކުރަމުން ދިޔައީ އިނާގެ މޫނު ފެނޭތޯއެވެ. އަހާނުލިނަމަވެސް އިނާގެ ހާލު އެނގޭ ހިތުންނެވެ.
"
އާނދެން ހޯދާނެތާ.....މިތަނަށް އެހެން އެކަކު ނަޔަސް ނަވީން އަންނަން ވާނެނު....މިތާ އަހަރެމެންވެސް ތިބެން މި ޖެހުނީވެސް ނަވީންގެ ސަބަބުން ވިއްޔަ." ގަސްތުގައި ނަވީން ލަދުގަންނަވާލުމުގެ މަގްޞަދުގައި ޝީލާ ބުންޏެވެ. ވީވެސް އެހެންނެވެ. އެނދުގެ ފައިލާކޮޅުގައި ހުއްޓިގެން އެނދުގެ ލެނގޭތަނުގައި ހިފައިގެން ހުރި ނަވީން އިނާއަށް ބަލާލާފައި ދުރަށް ބަލާލިއެވެ. މޫނުމަތީގައި ހިނިތުންވުމެއް ހުއްޓެއް ކަމަކު ވަރަށް ސީރިއަސް ވެފައިކަން އެނގެއެވެ.

"
ނަވީން އެއްޗެކޭ ހީނުކުރައްޗޭ.........އެއީ އެހެން ބުނި އެއްޗެއް ނޫން.....ދައްތައަށް އެނގޭނެނު ނަވީން އެރޭ ބަދިގެއަށް ދިޔައީ ދައްތަމެން ކިހާވަރަކަށް ކިޔައިގެންކަން. އެކަމަކު ދައްތަމެންވެސް އެހެން ބުނީ އިނާ ސަޕްރައިޒް ކޮށްލަން....ނޭނނގޭނެނު ދޯ..." ނަވީންގެ މޫނުގެ ކުލަ ފަނޑުވިތަން ފެނިފައި ޝީލާ އަވަސް އަވަހަށް އެކަން ހަމަޖައްސަން މަސައްކަތް ކުރިއެވެ.

ނަވީން ހިނިތުންވެލިއެވެ. އެކަމަކުވެސް ނަވީންގެ މޫނުމަތީގެ އުޖާލާކަން ގެއްލިއްޖެއެވެ.

ޝީލާ އާއި ޚާލިދު ބިޒީވެފައި ކޮންމެވެސް ވާހަކައެއްގައި މަޝްއޫލުވެފައި ތިބިއިރު ނަވީންގެ ލޯ ދައުރުކުރަމުން ދިޔައީ ގައިގެ ބޮޑުބައެއް ހުދު ފޮތިގަނޑަކުން ނިވާވެގެން އޮތް އިނާއާއި ދިމާލަށެވެ. އޭނަ ބަލާކަން އެނގިގެން ކަހަލައެވެ. އެ ފޮތިގަނޑު ދަމަ ދަމާފައި އިނާ އޭނަގެ ހަށިގަނޑު އަދިވެސް ބޮޑަށް ނިވާކުރަމުން ދިޔައެވެ. ދެކަކުލުން ލަންބާލައިގެން އުއްޑުން އޮތް އިރު ކަރާއި ހަމައަށް އެއްވެސް ތަނެއް އެ ހުދުފޮތިގަނޑުން ނިވާ ނުވެ ފެންނަން ނެތް އިރުވެސް މެއެވެ. ތަނަށް ވެރިވެފައި އޮތް ފަނޑު އަލީގައިވެސް ނަވީންއަށް އިނާގެ ލޯ ، އެސްފިޔަ ޖަހާތަން ފެނެއެވެ. މޫނުގެ ކުލަ އަލި ވެފައި އެސްފިޔަތަކުގެ ކަޅުކުލަ ގަދަ ވުމުގެ ސަބަބުން ފަނޑު އަލީގައިވެސް އިނާގެ ލޮލުގެ ހަރަކާތްތައް ނަވީންއަށް ސާފުކޮށް ފެނެއެވެ.

"
ދައްތަ އަންނާނަން ފެންފުޅިއަކާއި އެއްޗެހި ގަނެލައިގެން....ނަވީން މަޑުކޮށްލައްޗެ.....ލަސްވާނެތަ އަނެއްކާ.....؟" ޝީލާ އޭނަގެ ދަބަހުން ފައިސާ ނަގަމުން ބުނެލި މި ވާހަކައަށް ނަވީން ދިޔައީ ސިހިގެންނެވެ. އޭނައަށް ހީވީ އޭނަ އިނާއަށް ބަލާކަން އެމީހުންނަށް އެނގުނީ ކަމަށެވެ.

ނަވީން އެކަންޏެއް ނޫނެވެ. އިނާވެސް ދިޔައީ ސިހިގެންނެވެ. އެކަމަކު ތަފާތު ސަބަބަކަށްޓަކައެވެ.
މަންމަ އަންނާނަމޭ ބުނި އަޑު އިވުމުން އުފާވެރި އެކަމަކު ކަންބޮޑުވުން އުފެއްދި އޮއިވަރެއް އެ ހަށިގަނޑުގައި ހިނގައިގަތެވެ. ނަވީން އާއި އޭނާ އަނެއްކާވެސް އެކަނިވަނީހެއްޔެވެ.؟...މި ހޮސްޕިޓަލުގައި އޭނަ ބޭއްވިފަހުން ދެވަނަފަހަރަށް އެކަނިވަނީއެވެ. މިފަހަރު އަނެއްކާ ވެދާނެ ގޮތަކާ ދޭތެރޭ އޭނައަށް ވިސްނާލަންވެސް ނޭނގެއެވެ.

"
އެހާ ލަސްނުވާނެންޏާ އޯކޭ.......އެކަމަކު މި ގަޑީގަ ކޮން ފިހާރައަކުން އެއްޗެއް ލިބޭނީ؟ އެގާރަ ގަޑި ސާޅީސްވެސް ވެއްޖެ" އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ނަވީން ހަނދާން ކޮށްދިނެވެ.
"
ފިހާރައެއް ނޫނޭ......މިހިރަ ސައި ހޮޓަލުން ފެން ލިބޭނެ....އެހާ ލަހެއް ނުވާނެ.....ދަރިފުޅާ....މަންމަ އެބަ އަންނަން ވަރަށް އަވަހަށް." އިނާގެ ފައިތިލައިގައި އަތްޖައްސާލާފައި ޚާލިދުގެ ފަހަތުން ޝީލާވެސް ހިނގައިގަތެވެ.

ޝީލާމެން ދިއުމުންވެސް އެނދުގެ ފައިލާކޮޅުގައި އަދިވެސް ނަވީން ހަމަ ހުރީއެވެ. އިނާގެ މަގަތަށް ދާން ހިނގައިގަތީ އިރުކޮޅެއް ފަހުންނެވެ.

"
އިނާ.....ކިހިނެއް މިހާރު....." ދެޖީބަށް އަތް ޖަހާލާފައި އެނދުގެ މަގަތުން ހުއްޓިލަމުން ނަވީން އަހާލިއެވެ. އެއްޗެއް ބުނަން ބޭނުން ނުވި ކަމުގައި ވިޔަސް، ތަނުގައި ވާ އަޖައިބެއްފަދަ ހަމަހިމޭންކަން ފުނޑުފުނޑު ކޮށްލުމަށްޓަކައެވެ.

"
ރަނގަޅު......." ދެއަތް ދެއަތުން އިނގިލިތައް ހަރަކާތް ކޮށްލިގޮތުން އިނާ އެ އޮތީ މިވަގުތު ވަރަށް ކަންބޮޑުވެފައިކަން ނަވީނަށް ވިސްނައި ގަނެވުނެވެ.

"
ހާސްނުވޭ.....އަހަރެން އިނާ ކައެއް ނުލާނަމޭ....." އޭނައާއެކު ހުންނަ ކޮންމެ ފަހަރެއްގައި އިނާގެ އެ ކަންބޮޑުވުން އޭނައަށް މީގެ ކުރިންވެސް ފެނިފައި ވެއެވެ. ނަމަވެސް މިފަހަރު އެ ކަންބޮޑުވުން ފެނުމުން ނަވީން ވީ ދެރައެވެ. އިނާގެ އެ ހަރަކާތުން އޭނައަށް ސާބިތު ވަނީ އޭނައާއި މާ ގާތް ގުޅުމެއް ބާއްވަން އިނާ ބޭނުން ނުވާ ކަމެވެ.

ނަވީން އެހެން ބުނުމުން އިނާ އެއްޗެއް ނުބުނި ނަމަވެސް ބަނޑުމަތީގައި އޮތް ދެއަތްވެސް ގަޔާ ކައިރީގައި އިނާ ބޭއްވިއެވެ. ނަމަވެސް ދެންވެސް ނަވީނަށް ފެނުނީ އިނާގެ ވައަތުގެ އިނގިލިތަކުގެ އަވަސް އަވަސް ހަރަކާތްތަކަކުން ފޮތިގަނޑު ކޮށިކުރާ ތަނެވެ.

އެއްފަހަރު އިނާގެ މޫނަށް ބަލާލާފައި ހިނދުކޮޅެއްވަންދެން ނަވީން އިނާގެ އަތަށް ބަލަން ހުއްޓެވެ. ދެން ކުއްލިއަކަށް ނަވީން އޭނަގެ ވައަތުން އިނާގެ އަތްތިލައިގައި ހިފައި އެ ކުދިކުދި ހަރަކާތްތައް ހުއްޓުވިއެވެ.

"
ރިލެކްސް................ކޮންކަމަކާ މާ ކަންބޮޑުވެގެން ތިއުޅެނީ؟" އިނާގެ ހިތުން ނަވީނަށްޓަކައި އެދި ގޮވާ އަޑުގެ ހިލަންވެސް ނެތި ހުރެ ނަވީން ވާހަކަ ދެއްކީ އަދި އަމަލުކުރީވެސް އެފަދަ ހާލަތެއްގައި ބީރައްޓެއްސަކުވެސް ކަންތައް ކުރާނެ ގޮތަށެވެ.

ނަވީން ހިފުމާއެކު އިނާގެ ހުއްޓުނީ ހަމަ އެކަނި އަތްތިލައިގެ ހަރަކާތެއް ނޫނެވެ. މުޅި ހަށިގަނޑުގައި ކިޔަމަންތެރި ކަމެއް ނެތިއަވަސް އަވަހަށް ދަތުރުކުރަމުން ދިޔަ ލޭވެސް މަޑުޖެހިލިކަހަލައެވެ. ކުއްލިއަކަށް އިނާގެ ހަށިގަނޑުން ފުން ނޭވާއެއް ބޭރު ވިއެވެ. ގައިގެ ވަރު ދޫވެގެން ދިޔައެވެ. އޮށޯވެ ނެތް ނަމަ އޭނަ އަރިއަޅާލާނެކަންވެސް އިނާއަށް ޔަގީނެވެ.

"
ތިހާލުގައި އޮވެ ސްޓްރެސް ބޮޑުވީމަ ވާނެގޮތް އިނާއަށްވެސް އެނގޭނެ. އަހަރެންނާއެކު މިތާގައެކަނި ވިޔަސް ދެނެއް ނުދޭނަމޭ އިނާއަށް ގެއްލުމެއް. މިހާރު ތި ވަރު ފުދެއެއްނު؟" ދެމާނަ އެކުލެވޭ ރާގަކަށް ނަވީން މިހެން ބުނެލީ ހިފަހައްޓާފައިވާ އިނާގެ އަތްތިލައިގެ ނުފުށުގައި ބޮޑުއިނގިލިން ފިރުމަމުންނެވެ. އިނާ ހަމައަކަށް އެޅުވުމަށްޓަކައެވެ.

"
މިއީ ނަވީން "ދިން" ގެއްލުމެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން." އިނާގެ މަންމަ ދެންމެ އެހެން ބުނުމުން ނަވީންގެ ހިތުގަ ޖެހުނީކަން ނަވީންގެ ވާހަކައިން އިނާއަށް އެނގުނެވެ. އެހެން ކަމުން "ދިން" މި ލަފުޒަށް ތަންކޮޅެއް ބާރުލާފައި ބުނީ ނަވީން ހިތްހަމަޖައްސައި ދިނުމަށްޓަކައެވެ. ނަވީން އާއި ދޭތެރޭގައި އޭނަގެ ހިތުގައި ޝަކުވާއެއް ނެތްކަން އަންގައިދިނުމަށްޓަކައެވެ.

"
އެއީ...........؟ ކިހިނެއް އެނގެނީ ތިހެން ބުނަން؟" ނަވީން އަދިވެސް ދިޔައީ އިނާގެ އަތްތިލައިގައި މަޑުމަޑުން ފިރުމަމުންނެވެ.
"
އަހަންނާއި ޒާތީ މައްސަލައެއް ނެތް މީހަކު އަހަންނަށް ގަސްތުގަ އަނިޔާއެއް ކޮށްފާނެއޭ ހަމަ ހީނުވަނީ." ވަރަށް ސާބިތު ކަމާއެކު އިނާ ބުންޏެވެ.

"
ޒާތީއޭ ބުނީމަ ހަނދާންވީ......ޒިޔާދުގެ ޚަބަރެއް ނުވޭތަ؟" ނަވީން ބޭނުން ވަނީ އިނާއާއި ވަރަށް އާދައިގެ ވާހަކަތަކެއް ދައްކާށެވެ. އޭނަގެ ހިތުގެ އަޑު އިނާއަށް އިއްވާކަށް ބޭނުން ނުވާތީ އާދައިގެ ރައްޓެއްސެއް ފަދައިން ނަވީން ވާހަކަ ދައްކަމުން ދިޔައެވެ.

"
ނުވޭ............" މަޑުއަޑަކުން އިނާ ޖަވާބު ދިނެވެ.
"
އެދެން މައްސަލައެއް ނޫންތާ.....މާދަމައަކު އަނެއް ދުވަހަކު މާލެ ދެވޭނެތާ.......ދިޔައިމަ ޒިޔާދުއާއި ދިމާވާނެ.....ކަންބޮޑު ނުވޭ........." ޒިޔާދު ނުގުޅައޭ ބުނުމުން ނަވީން ބޭނުންވީ އެ ވާހަކަ ކުރުކޮށްލާށެވެ.
"
ބޭނުމެއް ނޫން..........." އިނާ އަށް ބުނެވުނީ އިޚްތިޔާރަކާ ނުލައެވެ. ނަވީންއަށް ސާފުކޮށް އަޑު އިވުނެވެ. ނަމަވެސް ނަވީން ހަމަ އެކައްޗެއްވެސް އެކަމާއި ބެހޭ ގޮތުން ނޭހިއެވެ. އޭގެ ބަދަލުގައި އިނާގެ އަތްތިލައިން ދޫކޮށްލާފައި މަޑުމަޑުން އަތް ދަމައިގަންނަން އުޅެގެން ފިއެވެ.
ވާހަކަ މި ދެއްކުނީ ނުބައި މައުޟޫއަކަށޭ އެވަގުތު ނަވީން ހިތަށް އެރިއެވެ. ޒިޔާދު އާއި އިނާ އާއި ބެހޭ ގޮތުން ހުރިހާ ވާހަކައެއް ޚާލިދު އޭނައަށް ކިޔާދީފައިވާއިރު، އެކަން އެނގިހުރެ މި ވާހަކަ ފެށުމަކީވެސް ގޯހެއްކަން ނަވީން ވިސްނިއެވެ.
އެހެންކަމުން އިނާގެ އަތްތިލައިން ދޫކޮށްލާފައި ފަހަތަށް ޖެހެން ނަވީން މަސައްކަތް ކުރިއެވެ. އެ ވާހަކަވެސް ހުއްޓާލުމަށެވެ. އަދި އިނާއާއި ވެސް ދުރަށް ޖެހިލުމަށެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭނީ އެގޮތުން ކަމަށްވާތީއެވެ. ލިބެން ނެތް ލޯތްބެއްގައި އިތުރު ތަދުތަކެއް ހޯދަން ނަވީން ގަސްތުކޮށްފައި ނެތީއެވެ.

ނަމަވެސް ދެންވީ ނަވީންވެސް ސިހުނު ކަމެކެވެ.

ނަވީން އަތް ދަމައިގަންނަން އުޅުމުންވެސް އިނާ ނަވީންގެ އަތްތިލައިން ދުލެއް ނުކުރިއެވެ. މާ ބޮޑު ބާރެއް ނުލިނަމަވެސް ނަވީންގެ އިނގިލިތަކުން އިނާ އޭނަގެ އިނގިލިތައް ވައްކެއް ނުކުރިއެވެ.

"
އިނާ.........!!!" އަދިވެސް ތިއޮތީ ތިމަންނާގެ އަތުގައި ހިފައިގެންނޭ ބުނާ ކަހަލަ ރާގަކަށް ނަވީން ގޮވާލިއެވެ. ނަމަވެސް އިނާއަށް އެ އަޑުވެސް ނީވޭ ފަދައެވެ.
ނަވީންއަށް ބެލެނީ އެއް އަރިމަތިން ފެންނަ އިނާގެ މޫނަށާއި އިނާގެ އަތްތިލައަށެވެ. އިނާ އޭނަގެ އަތުން ދޫނުކުރާންވީ ސަބަބެއް މިވަގުތަކު ނަވީނަށް ވިސްނައިނުގަނެވެއެވެ.
ހަމަ އެވަގުތު......ޝީލާ އާއި ޚާލިދުގެ ފިޔަވަޅުތަކުގެ އަޑު ނަވީނަށް އިވެން ފެށިއެވެ. ނަވީން އަވަސް އަވަހަށް އަނެއްކާވެސް އަތް ދަމައިގަންނަން އުޅެގެންފިއެވެ. އިނާއަށްވެސް މަންމަމެންގެ ފިޔަވަޅުތަކުގެ އަޑު އިވުނެވެ. އެހެން ކަމުން އިނާ އަވަސް އަވަހަށް ނަވީންގެ އަތްތިލައިން ދޫކޮށްލާފައި ކުރިންވެސް އޮތްގޮތަށް އޮވެއްޖެއެވެ.

އިނާ އާއި އިނާ އޮތް އެނދާއި ދުރަށް ފިޔަވަޅުތައް އުފުލަމުން ދިޔައިރުވެސް ނަވީނަށް ބެލެނީ އިނާގެ މޫނަށެވެ. އިނާގެ އެ ހަރަކާތުގެ މާނައެއް ނަވީނަކަށް ނުވިސްނުނެވެ.

** ** ** ** ** ** ** ** ** ** ** **

"
ހަލޯވ.............؟" ގޭގެ ފެންޑާގައި ހުރި ގޮނޑިއެއްގައި އިން ދިލްމާ އިނީ ކޮންމެވެސް ތަނަކަށް ގުޅައިގެންނެވެ.
"
ކޮން ގެއެއް؟..............." އެއީ ގެއަކަށް ކަން ޔަގީން ވެއެވެ.
"
ހުސެން އެބައުޅޭތަ؟ ގޮވާލަދެވިދާނެތަ؟" އެކޮޅުން ޖަވާބު ލިބުމުން ދިލްމާ އެހިއެވެ.
"
މިއީ..........މިއީ ހުސެންގެ ރައްޓެއްސެއް...." އެކޮޅުން ކުރި ސުވާލަށް އަނެއްކާވެސް ދިލްމާ ޖަވާބު ދިނެވެ.
"
މޮބައިލް ނަންބަރު.......ނޭނގެ....." ދިލްމާގެ އަޑު މަޑުވިއެވެ.
"
ހޫމް.....ހޫމް...........ހޫމް......ޝުކުރިއްޔާ....." ދިލްމާ ފޯން ބާއްވައިފިއެވެ. އަދި އަވަސް އަވަހަށް މޮބައިލް ފޯނަށް ނަންބަރެއް ސޭވް ކުރަން ފެށިއެވެ. ނަމަވެސް ސޭވް ކޮށްފައި ގުޅައެއް ނުލައެވެ. އޭގެ ބަދަލުގައި ފޯން ހިފައިގެން ގޮސް ދިލްމާ އިށީނީ ބޭރު ޖޯލީގައެވެ. ފެންނަ ފެނުމަށް ކޮންމެވެސް ކަމަކާ ވިސްނާކަން އެނގެއެވެ.
އެ ޚިޔާލަކުން ނުކުމެވުނީ މޫސުމުގެ ފިނި ވައިރޯޅިއަކުން ޖަނބުރޯލްގަހުގެ ހުރިހާ ފަތެއް ނަށައިގަތުމުންނެވެ. ގަޔަށް ޖެހުނު ވައިރޯޅިއާއެކު މީހާ އެކަށް ތުރުތުރު އަޅައިގެން ދިޔައެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ދިމާ ކުރިމަތިން ވަދެވެން ހުރި ބަދިގެއަށް ވަދެ ކާ މޭޒު ދޮށުގައި އިށީނދެ ދެންމެ ސޭވްކުރި ނަންބަރަށް ގުޅަން ފެށިއެވެ.

"
ހަލޯ............ކާކު........؟" ނުކެރިފައި ހުރެމެވެސް ދިލްމާ އަހައިފިއެވެ.
"
މިއީ ދިލްމާ........." މަޑުމަޑު އަޑަކުން ދިލްމާ ވާހަކަ ދެއްކިއެވެ.
"
މީ............މަންމަ ބުނީ މިރޭ މިގެއަށް ކާން އަންނާށޭ.......އާދެވިދާނެތަ؟" އޭނަގެ އަމިއްލަ އެއްވެސް އެދުމެއް ނެތްފަދަ ދަޢުވަތެއް ދިލްމާ ހުސެން އަށް ދިނެވެ.
"
މަންމައޭ ބުނީ.........." އެކޮޅުން ޔަގީންނުވެގެން އެހި ކަހަލައެވެ.
"
ނުވައަކަށް............އެނގޭދޯ މިގެ....." ހުސެންއަށް އެގެ ނޭނގިދާނެއޭ ދިލްމާ ހީކުރީއެވެ. އެކަމަކު އެނގެއެވެ.

ފޯން ބާއްވާފައި އޭނައަށް މި ކުރެވުނު ކަންތަކަށް ދިލްމާގެ ގާތަށް ހިނި އައެވެ. މީގެ ތިން ދުވަސްކުރިން ހުސެން އޭނައަށް ހުށަހެޅި ހުށަހެޅުމަށް އޭނަ ޖަވާބު ދޭން ބޭނުންވީ މަންމަ ކައިރިން އަހާފައި ކަމަށްވާތީ، ގެއަށް އައިސް އެރޭ މަންމައާއި އެ ވާހަކަ ދެއްކިއެއް ކަމަކު މަންމަގެ ދަޢުވަތަކަށް އެގެއަށް ކާން ގެންނާކަށް މަންމަ ހަމަ އެއްގޮތަކަށްވެސް ނުބުނެއެވެ. އެކަމަކުވެސް...ހުސެން އާއި ބައްދަލުކުރުމަށް ބޭރަށް ދާން ޚުދު އޭނާ ބޭނުން ނުވާތީ ގެއަށް ގެނައުމަށްވުރެ މޮޅު ގޮތެއް އޭނައަކަށް ނުވިސްނުނެވެ.

ކޮންމެ ގޮތެއްވިޔަސް އޭނަގެ ކޯހުގެ ފަހު ސެމެސްޓާރ ނިންމަން އޭނަ ފުރަންވެސް ޖެހިފައިވާތީ، ފުރުމުގެ ކުރިން ހުސެން އެ ދައްކާ ވާހަކައިގެ ހަގީގަތެއްވެސް އޭނަ ބަލަން ބޭނުންވެސް ވަނީއެވެ.

މަންމަ ބުނިހެން އޭނަގެ އުމުރުން 34 ވެފައިވާއިރު، އެ އުމުރުގެ ހުސް ފިރިހެނުން ލިބުމަކީވެސް އެހާ އުނދަގޫ ކަމެކެވެ. އަދި އަމުދުން އެމީހުން ކަހަލަ އާދައިގެ އާއިލާއެއްގެ ކުއްޖަކާއި އިންނަން ހުސެންގެ އާއިލާފަދަ އާއިލާއެއްގެ ކުއްޖަކު އެހުމަކީވެސް މިރަށުގައި އެހާ އާއްމުކަމެއް ނޫނެވެ.

ހުސެން ދެއްކި އެ ވާހަކައާއި ދޭތެރޭ ވިސްނަން އޭނަވެސް ނިންމީ މަންމަ އެ ދެއްކި ވާހަކަތައް އޭނައަށް ގަބޫލު ކުރެވޭތީއެވެ. މައްސަލައެއް ނެތްތާއެވެ. ހުސެންގެ ޚިޔާލު އޭނައާއި ދޭތެރޭ ހުރި ގޮތެއް އެނގޭނީވެސް ވާހަކަ ދައްކާލީމަ ނޫންހެއްޔެވެ.

މިހެން ހިތަށް އަރާފައި ދިލްމާ ތެދުވެފައި އަދި އެއްފަހަރު އަނެއްކާވެސް މޭޒުމަތީގައި ކާން ހަދާފައި ހުރި ތަން ތަރުތީބުކޮށްލިއެވެ. އަދި ދެން ގޮސް މަންމައަށް ގޮވާފައި ހުސެން އަންނަ ވާހަކަ ބުނެފައި ނުކުމެގެން އައިސް ޖޯލީގައި އިށީނދެއްޖެއެވެ.

"
ދަރިފުޅު އަދިވެސް ބޮޑެއް ނުވޭދޯ؟ މަންމަ ކީއްކުރަން ގެންނަނީ ހުސެން އާއި ވާހަކަ ދައްކަން. ހުސެން އައީމަ ދަރިފުޅު ވާހަކަ ދައްކަބަލަ....އޭރުން މާ ރަނގަޅުވާނެ." ދިލްމާގެ މަންމަ ބުރުގާ ރަނގަޅު ކުރަމުން އައިސް އަހާލިއެވެ.

"
ދެން މަންމަ ހުރެބަލަ..........." ކިތަންމެ ފޮރުވަން އުޅުނަސް ދިލްމާގެ މޫނުމަތިންނާއި ހަރަކާތުންވެސް ފެންނަނީ ނުތަނަވަސް ކަމެވެ.

"
ދަރިފުޅު ތިހާ ބޮޑުވީމަވެސް އަދިވެސް ތިކަހަލަ ކަންތަކަށް ލަދުގަނޭތަ؟ ހެހެ ހެހެހ.........މަންމައަށް ދެން ވަރަށް މަޖާ......" ބުރުގާގެ ދެކަންގަނޑު އެއްކޮށްފައި ގޮށެއް ޖަހާލަމުން އައިސްދިލްމާ ކައިރީ އިށީންނަމުން އުފަލާއެކު ދިލްމާގެ މަންމަ ވާހަކަ ދެއްކިއެވެ.

އޭނަގެ އެ އަންހެން ދަރިފުޅަކީ އުމުރުން އަދި ކިތަންމެ ދޮށީ ވިޔަސް ފިރިހެނުންނާއި މަސްހުނިވެފައި ހުރި ކުއްޖެއް ނޫންކަން އެ މަންމައަށް ނޭނގެނީކީ ނޫނެވެ. އެކަމަކު މިހާ ދުވަސްކޮށްފައިވިޔަސް، މީހަކާއި އިންނަކަހަލަ ޚިޔާލެއް ދިލްމާ ގެންގުޅެން ފެށި ކަމަށްޓަކައިވެސް އެ މަންމަ ވަނީ މިރޭ އުފަލުން ފޮޅިފައެވެ.
މިރޭ ހުސެން ގެންނަ ވާހަކަ ބުނުމުން އަތުގައި އޮތް އެންމެ ރީތި ހައުސްކޯޓް ލައިގެން ރީތިވެގެން އެ އިނީވެސް އެހެންވީމައެވެ.

"
ދެން މަންމާ........" މަންމަ އެހެން ބުނުމުން ދިލްމާ ގަތް ލަދު ސިއްރު ކުރަން ދިލްމާ ބޭނުން ވިއެވެ.

ދިލްމާ އަކީ އެއްވެސް އިރެއްގައި މާބޮޑަށް އިހްސާސްތައް ދައްކާ ކުއްޖެއް ނޫނެވެ. ފަހަރެއްގައި އެއީ ކުރީކޮޅު އެ ދެމައިން އުޅެން ޖެހުނު ގޮތުން ނަފްސުގައި ހަރުލި ގޮތެއްކަމަށްވުންވެސް އެކަށީގެންވެއެވެ. ކުދިންކޮޅުގެ ބައްޕަ ވަކިވެ ދިއުމުން އޭނައާއިއޭނަގެ ދަރިފުޅު އުޅެމުން އައިސްފައި ވަނީ ވަރަށް ހާލުގައެވެ. އެކަމަކކުވެސް އޭރުވެސް އޭނަގެ އެ ދަރިފުޅު ވެފައި ވަނީ އަމިއްލަ ހިތްވަރުން ނުރޮއި، މަންމަގެ ކަރުނަތައް ފޮހެދޭން ހުރި ދަރިއަކަށެވެ.
މިހާރު ދިލްމާގެ ކިބައިގައި ހަރުލާފައިވާ އެ ސިފަތަކަކީއޭގެ އަސްލެއް ކަމަށް ދިލްމާގެ މަންމަ އަބަދުވެސް ޔަގީންކުރެއެވެ.

ހުސެން އައިކަން ދިލްމާއަށްވެސް ދިލްމާގެ މަންމައަށްވެސް އަންގައިދިނީ އަވަށުގެ ހިމޭންކަން ނަގާލި ސައިކަލެއްގެ އަޑުންނެވެ. އެ އިވުނީ ހުސެންގެ ސައިކަލްގެ އަޑުކަން އެނގުންވެސް އެހާ އުނދަގުލެއް ނުވިއެވެ. ޖެހިގެން ހުރިގެއަކީ މަގާ އިންވެގެން ހުންނަ ގެއަކަށް ވާތީ އެގޭގެ ގިފިލީގައި ހުރި ލުނބޯގަހާއި ރުއްތަކަށް ސައިކަލްގެ އަލި އެޅިފައިވޭތޯ ދެމައިންވެސް ބަލާލިއެވެ. ބަދިގޭ ދޮރުމަތީގައި ހުރެފައި ބަލާލީމައި ރީތިކޮށް އެ އަލި ފެނެއެވެ.

"
ދަރިފުޅު ނުކުމެބަލަ ހުސެން ހޯދަން. މިގެ ނުވެސް އެނގޭނެނު ހުސެން އަކަށް." ފާރުތައް މަތިން މަގާ ދިމާލުން އެ ފެންނަ އަލިކަމަށް ބަލަން ހުރެފައި ދިލްމާގެ މަންމަ ބުންޏެވެ.

ދިލްމާ ބާރު ފިޔަވަޅުތަކެއްގައި ގޮސް ދޮރުމައްޗަށް ނުކުތެވެ. އޭރު ސައިކަލް ބަހައްޓާފައި، ގޯޅިގަނޑުތެރެއަށް ވަދެގެން ހުސެން އަންނަތަން ދިލްމާއަށް ފެނުނެވެ.
ހުސެން އައިސް ދިލްމާއާއި އަރާ ހަމަވުމުން މަޑުކޮށްލާފައި ހިތްފުރެންދެން ހުސެން ދިލްމާއަށް ބަލާލިއެވެ. އަމިއްލަ ނަފްސުވެސް ކޮންޓްރޯލްގެ ދަށުން ނެއްޓިއްޖެއޭ ދިލްމާއަށް ހީވި ކަހަލައެވެ. ހުސެން ވަނުމަށްޓަކައި ދިލްމާ އެއްފަރާތަށް ޖެހި ތަންދެއްކިއެވެ.

"
ޝުކުރިއްޔާ............!!!" ދިލްމާ ތަންދެއްކުމުން ވަންނަން ފިޔަވަޅު އަޅަމުން ހުސެން ބުނެލިއެވެ.
"
ގޭގެއަށް ވަންނައިރު ސަލާމް ގޮވަން އެއްވެސް މީހަކުދަސްކޮށް ނުދެނީތަ؟" އެގޭގެ ދޮރުން އެތެރެއަށް ހުސެން އަށް އެޅުނު ދެވަނަ ފިޔަވަޅާއެކު ދިލްމާ މިހެން ބުނުމުން ހުސެންއަށް ހުއްޓެވުނެވެ. ދިލްމާގެ މޫނުމަތިން ހުސެން އަށް ފެނުނީ ލާނެތް ހިނިތުން ވުމެކެވެ.

"
ނޫނޭ.....ދަސްކޮށްދިން........" މިހެން ބުނެފައި ހުސެން އަލުން އެގެއިން ނުކުމެއްޖެއެވެ.
"
އައްސަލާމް އަލައިކުމް....." ދޮރާށިން ބޭރަށް ނުކުމެފައި ހުސެން ސަލާމް ގޮވާލިއެވެ.
"
ވައަލައިކުމުއްސަލާމް....." ރަކި ހިނިތުންވުމަކާއެކު ދިލްމާ ސަލާމް ބަލައިގަތެވެ.

"
މިގޭ މަންމައާއި ބައްދަލުކޮށްލަން މިއައީ........ކުރެވިދާނެތަ؟" ވަރަށް ރަސްމީގޮތް ދައްކަމުން ހުސެން އެހިއެވެ. ޚުދު ދިލްމާ ގުޅާފައި މަންމަގެ ދަޢުވަތަކަށް ކާން އަންނާށޭ ބުނީތީ އެކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ.
"
އެތެރޭގަ އެބައުޅޭ.......ވަދޭ........" ހުސެންއަށް ބަލަން ނުބަލަން ހުރެ ދިލްމާ ތަން ދެއްކިއެވެ. ހުސެން ވަދެއްޖެއެވެ.
"
ހިނގާ................" ގެއަށް ވަދެފައި ހިނގައިނުގަނެ ދިލްމާގެ ފަހަތުން ދާންވެގެން ހުސެން މަޑުކުރުމުން ދިލްމާ ފަހަތަށް ޖެހިފައި ހުސެންއަށް އެތެރެއަށް ދާން މަގު ދެއްކިއެވެ.
ދިލްމާގެ އެ އުޞޫލު ހުސެންއަށް ވަރަށް ކަމުދިޔައެވެ. ވަރަށް ގަޔާވެވުނެވެ.

ހިމަދިގު ގޯޅިގަނޑުގެ ތެރެއިން އެތެރެއަށް ވަންއިރު ފުރަތަމަވެސް ވަދެވުނީ ގޯތިތެރެއަށެވެ. ގޯތިތެރޭގައި ހުރި ޖަނބުރޯލްގަސްދޮށުގައި ހުރި ޖޯލިފަތީގައި ދިލްމާގެ މަންމަ އިންތަން ހުސެންއަށް ފެނުނެވެ.

"
އައްސަލާމް އަލައިކުމް....އާދޭ އާދޭ......މިގޭގަ ނުހުންނާނެ މާ މޮޅު ގޮނޑިތަކެއްވެސް އިށީންނަން.....ޖައްސާލާ ޖޯލީގަ......" ހުސެން ފެނުމުން ޖޯލިފަތިން ތަންދައްކަމުން ދިލްމާގެ މަންމަ ވާހަކަ ދެއްކިއެވެ.
ހުސެންވެސް ސަލާމްބަލައިގަނެފައި، ބަސްއަހާ ކުއްޖެއް ފަދައިން ގޮސް ދިލްމާގެ މަންމައާއި ދުރަށް ތިން ޖޯލި ދޫކޮށް ހަތަރުވަނަ ޖޯލީގައި އިށީނދެއްޖެއެވެ. ދިލްމާ ގޮސް ވަނީ ބަދިގެއަށެވެ.

"
ކޮބާ ކާފަގެ ހާލު މިހާރު ކިހިނެއް؟" ދިލްމާގެ މަންމަ އެހިއެވެ. ހުސެންގެ ކާފައަކީ އެމީހާގެ ޒުވާން އުމުރުގައިވެސް އަދި ބަލިވުމާއި ހަމައަށްވެސް މުއްސަނދި ވިޔަފާރި ވެރިއެކެވެ. ރަށުގައި އެމީހާ ނުދަންނަ މީހަކު މަދުވާނެއެވެ.
"
މިހާރު ރަނގަޅު އިރާދަކުރެއްވީތީ.......މާދަމައަކު އަނެއް ދުވަހަކު ގެއަށް ފޮނުވާލާނެހެން ހީވަނީ....." ކުރިމަތިން ފެންނަން ހުރި ބަދިގޭގެ ހުޅުވާފައި ހުރި ކުޑަދޮރުން އެތެރެއިން ދިލްމާ ފެނޭތޯ ސިއްރުސިއްރުން ބަލާލަމުން ހުސެން ޖަވާބުދިނެވެ.

"
މަންމަ އަދިވެސް ވީ މާލޭގަ ދޯ......؟" ހުސެންގެ އާއިލާގެ ގިނަ މީހުން އުޅެނީ މާލޭގައެވެ. އޭގެ ތެރޭގައި ހުސެންގެ މަންމަ އާއި ބައްޕައާއި އެއްބަނޑު އެއްބަފާ ހުރިހާ ކުދިންވެސް ހިމެނެއެވެ.
"
މަންމަމެން އެކޮޅުގަ....ކާފަ ބަލިވެ އުޅޭތީ އައިސް މި އުޅެނީ....." ހުސެން ޖަވާބު ދިނެވެ.
"
ދެން އަނެއްކާވެސް ދާނީތަ......މިބުނީ މިރަށަކު މަޑެއް ނުކުރާނެ ދޯ.....؟" ދިލްމާގެ މަންމަ މަޑުމަޑުން މައުޟޫއަށް ވަންނަމުން ދިޔައެވެ.

"
ދިލްމާ ނިންމާގޮތަކުން އެނގޭނީ......ދިލްމާ....." ނުކެރިފައި އިނދެފައިވިޔަސް ހުސެން ބުނަން އުޅުނެވެ.

"
އާނ......ދިލްމާ ނިންމާގޮތެއް ދޯ.......ހުސެންގެ ވާހަކަ ދައްތައަށް ދިލްމާ ކިޔައިދީފިއޭ.....އެހެންވެ އެ ވާހަކަވެސް ދައްކާލަންށާއެކު ހުސެންއަށް މި ދައުވަތު ދިނީވެސް.
ހުސެންއަށް އެނގޭނެ....ދައްތަމެންނަކީ މިރަށުގެ ވަރަށް ނިކަމެތި ބައެއް......ބަލާލި ކޮންމެ ދިމާލަކުންވެސް މިކަން މިހިރީ ފެންނަން......އެކަމަކު ދައްތައާއި ދައްތަގެ ކުދިންކޮޅުގެ ހިތަކީ ވަރަށް މުއްސަނދި ހިތެއް.....މީހަކަށް ދަރާފައެއް....މީހަކު ދެރަކޮށްފައެއް.....އަނިޔާއެއް ދީފައެއް ދައްތަމެން ނުހުންނާނެ. ދައްތަމެން ކިތަންމެ ފަގީރުވިޔަސް އިރާދަ ކުރެއްވީތީ ދައްތަމެން ދެކެ ދައްތަމެންގެ ގާތްތިމާގެ މީހުންނާއި ރައްޓެހިން ލޯބިވޭ......
ދައްތަ ބުނަން އޮތްހާވެސް އެއްޗަކީ........ދިލްމާކައިރީ ހުސެން ދެއްކި ވާހަކައަކީ ސަމާސާ ވާހަކައަކަށް ނުވަންޏާ.....އަދި ތިދެކުދިންގެ މަގްޞަދަކީވެސް ކައިވެންޏަކާއި އުފާވެރި ދިރިއުޅުމެއް ކަމަށް ވަންޏާ ދައްތަގެ މައްސަލައެއް ނެތް ތި ދެކުދިންގެ ގުޅުމަށް. ދިލްމާގެ މި މަންމަ ނޫނީ ނުހުންނާނެ އެއްވެސް މީހެއް ދިލްމާގެ. ދެރަގޮތެއް އެ ކުއްޖާއަށް ވެއްޖިއްޔާ މި މަންމަގެ ފުރާނަވެސް ހިނގައިދާނެ. މިހުރިހާ ދުވަހުވެސް އެ ކުއްޖާ އެހެން ހުރީވެސް ހީވަނީ މި މަންމައަށް ދެރަވާނެ ކަމެއް އޭނައަށް ކުރެވިދާނެތީހެން ހީވަނީ......
އެހެންވީމަ.....ހުސެން ކަހަލަ ކުއްޖަކު ދިލްމާގެ ހަޔާތަށް އައިއްސިއްޔާ ދައްތަ ދެކޭނީ އެއީ ރަހްމަތެއް ކަމަށް.......ދުވަހަކުވެސް ދެރައެއް ދީ ހިތުގަ ޖައްސާ އަނިޔާ ކޮށް ނަހަދާނެންޏާ ދައްތަ ތި ގުޅުމަށް ގަބޫލު. ދެން އަނެއް ވާހަކަ އަކީ.........ތި ދެކުދިންނަކީވެސް މިހާރު މީހަކާ އިންނަ އުމުރަށް ގޮއްސަ ތިބި ދެކުދިން ވީމަ......ދައްތައަށް އެހާ ކަމަކު ނުދޭ ރައްޓެހިވެގެންނޭ ކިޔައިގެން ހަތަރުފަސް އަހަރު ހޭދަކުރާކަށް.....އެހެންވީމަ.....އެކަމާވެސް ދެކުދިން ވާހަކަ ދައްކައިގެން އެކަންވެސް މާ ދިގުނުދަންމާ ގޮތެއް ނިންމިއްޔާ ރަނގަޅީ. ކީކޭ ހުސެން ބުނަނީ....؟؟" ހުރިހާ ވާހަކައެއް ދައްކާ ނިންމާފައި ދިލްމާގެ މަންމަ އަހާލިއެވެ.

"
ދައްތަ ތިބުނި ގޮތަށް ހަމަ..........." ހުސެންއަށް ބުނެވުނީ މި ވަރަށެވެ. މާ ގިނަ ވާހަކަދައްކާކަށް ނުކެރުނީއެވެ.
އާއްމު ގޮތެއްގައި ކައިވެންޏަށް އެދިގެން އައިސް ހުންނަ ފިރިހެން ކުއްޖާއަކީ ކިތަންމެ ދޫހެލޭ ފިރިހެނަކަށް ވިޔަސް، އަންހެންކުއްޖާގެ އާއިލާ ކައިރީ މާ ދިގު ވާހަކަތަކެއް ދައްކަން ނުކެރޭނެއެވެ. އެކަން ދިލްމާގެ މަންމައަށްވެސް އެނގެއެވެ.

"
އެހެންވެއްޖިއްޔާ ރަނގަޅު..............ދައްތަ ބުނީމޭ ދިލްމާ ކައިރީ ކޮންމެހެން މަންމަ މި ވާހަކ ހުސެން އާއި ނުދެއްކިޔަސް ދަރިފުޅު ގަބޫލިއްޔާ ހުސެން ކައިރީ ބުނާށޭ.......އެކަމަކުވެސް ހަމަ ދިލްމާ ބޭނުންވީ ދައްތަ ހުސެން އާއި މި ވާހަކަތައް ދައްކަން. އަސްލު މިއީ އެކުއްޖާ ބައްޕަ ދުނިޔޭގަ ހުރިނަމަ ބައްޕަ ދައްކަން ޖެހޭވާހަކަތައް. އެކަމަކު ކީއްކުރާނީ. ބައްޕައަކަށްވެސް މަންމައަކަށްވެސް ބޭބެއަކަށްވެސް ހުރިހާވެސް މީހަކީ މި މަންމަ. ހުސެންއަށް އޭގެ މާނަ އެނގެއެއްނު ދޯ؟
އޭގެ މާނައަކީ ދިލްމާ ބޭނުމެއް ނުވާނެޔޭ މިއީ ސަމާސާއަކަށް ވާކަށް. މި ނޫނިއްޔާ ތިގޮތަށް މިގެއަށް ދިލްމާ އަދި ނުގެނޭ ފިރިހެންކުއްޖެއް.......އެހެންވީމަ ހުސެން މި ހުރިހާ ކަމަކާއިވެސް ވިސްނާނެ ކަމަށް ދައްތަ ހީކުރަން......" މަންމަގެ މަގާމުގައި ދައްކަން ޖެހޭ ހުރިހާ ވާހަކައެއްވެސް ދިލްމާގެ މަންމަ ދައްކަމުން ދިޔައެވެ.

"
ދިލްމާއާއި ވާހަކަ ދެއްކީވެސް އެހުރިހާ ކަމަކަށް ވިސްނާފަ............." ހުސެންގެ ޖަވާބު އަނެއްކާވެސް ވަރަށް ކުރެވެ. އެހެންނަމަވެސް ފުރިހަމައެވެ.
"
އެހެންވެއްޖިއްޔާ ތިޔަ ވީ. ދެން ނެތް ދައްތަ ދައްކާނެ ވާހަކައެއް.....މިހާރު ދިލްމާ ކޮބާ.....ދަރިފުޅާ ހުސެންއަށް ފަނިތައްޓެއް އެއްޗެއް ދީބަލަ........ހުސެން އަންނަންވާއިރަށް ވަރަށް ތައްޔާރުތައް ކޮށްކޮށްފަ އުޅުނު....." ދަރިފުޅާމެދު ފަޚުރުވެރިކާން ދިލްމާގެ މަންމަގެ އަޑުން ހާމަވެއެވެ.
ހުސެން އާއި މަންމަ ދެއްކި ހުރިހާ ވާހަކައެއްވެސް އަޑު އަހަން ދިލްމާ އިނީ ބަދިގެތެރޭގައި ހުރި ގޮނޑިއެއްގައެވެ.

"
ދޭބަލަ ހުސެންއާއި ވާހަކަ ދައްކަން. މަންމަ ދައްކަން އޮތް ހުރިހާ ވާހަކައެއް ދައްކައިފިން.....ދޭ.......ގޮސް ދަރިފުޅުވެސް ވާހަކަ ދެއްކީމަނު އެނގޭނީ....." ގޮނޑީގައި އިން ދިލްމާގެ ބޮލުގައި ފިރުމަމުން މަންމަ ބުނެލިއެވެ. ފެންކަޅިވެފައިވާ ލޮލަކުން މަންމަ އާއި ދިމާލަށް ދިލްމާ ބަލާލިއިރު ހިނިތުންވެ ހުރިއިރުވެސް ޚުދު އޭނަގެ މަންމަގެ ލޯވެސް ހުރީ ކުޑަކޮށް ފެންކަޅިވެފައެވެ.

މަންމަގެ ހިތްފުރިގެން ކަރުނައިގެ ސިފައިގައި ލޯ ތެންމަމުން ދިޔައީ ދަރިފުޅަށްޓަކައި ވާ އުފަލެވެ. ދިލްމާގެ ކައިވެންޏަށް އެހާ ރަނގަޅު ޒުވާނަކު ލިބުނީތީއެވެ. ދިލްމާ ދެކެ ލޯބިވާ މީހަކު ލިބުނީތީއެވެ. މަންމައާއި ދަރިފުޅު ވަކިވެ އެހެން މީހެއްގެ ހައްގަކަށް ދަރިފުޅު ވާންޖެހޭ ވަގުތު އައީކަން އެނގުމުން އެ ފޮނިރިހުމުގެ އަސަރުން ދިލްމާގެ މަންމަގެ ލޯ ދިޔައީ ފެންކަޅިވަމުންނެވެ. ދަރިފުޅަށްޓަކައި އުފަލާއި ފަޚުރުންނެވެ.

ދިލްމާގެ ލޮލުން ކަރުނަ އަންނަނީ ދިލްމާގެ ހައްގުގައި މަންމަ ދެންމެ އެ ދެއްކި ވާހަކަ ތަކުންނެވެ. އެ މަންމަ އެމީހުން ގެންގުޅުނު ގޮތާއި، ކާންބޯންދޭން ކޮށްފައިވާ މަސައްކަތާއި މީހުންގެ އިނގިލިދިއްކުރުންތަކުންނާއި ނުރުހުމުން އެދެބެއިން ސަލާމަތް ކުރަން މަންމަ ކުރި މަސައްކަތްތައް މަންމަގެ އެ ވާހަކައިން އިތުރަށް ހަނދާން އާލާވުމުންނެވެ. އެ މަންމައަކީ އެފަދަ ދެވަނައެއް ނެތް މަންމައެއްކަން އަނެއްކާ މިރޭވެސް އޭނައަށް ހަނދާންވުމުން ކަރުނަތައް ނުހިފެހެއްޓުނީއެވެ.
އަދި ޚާއްޞަކޮށް ބައްޕަ ހުރި ނަމަ ބައްޕަ ދައްކަން ޖެހޭ ވާހަކަތަކޭ މަންމަ ބުނި އަޑު އިވުމުން، ބައްޕަގެ ހަނދާންތައް ވާން ފެށިއެވެ. ބައްޕަގެ އެންމެ ފަހު ނޭވަޔާއި ހަމައަށްވެސް ބައްޕަގެ އަނގައިން ދިލްމާއޭ ކީ އަޑެއް އޭނައަށް އިވިފައި ނުވެއެވެ. އޭގެ ބަދަލުގައި އަބަދުވެސް އަޑު އިވިފައި ވަނީ "ކަނބުލޮ" ކިޔާ އަޑެވެ. މިފަދަ ވަގުތެއްގައި އެފަދަ ބައްޕައެއްގެ މަތިން ކޮންމެ އަންހެންދަރިއަކުވެސް ހަނދާން ވާނެކަމީ ޝައްކެއް ނެތް ކަމެކެވެ.

"
ދަރިފުޅަކީ މި މަންމައަށް ލިބުނު އެންމެ ބޮޑު އުފާ........ތިކަހަލަ ދަރިއަކު ކޮންމެ މަންމައަކަށްވެސް ލިބޭނެ ނަމަ ހުރިހާ މަންމަމެންވެސް ތިބޭނީ މިހެން އުފަލުން. އަވަހަށް ދޭ......އުފާކުރޭ..........ތެދުވޭ.....ރީތިވެލައިގެން ދޭ ހުސެން އާއި ވާހަކަ ދައްކާލަން......" ދިލްމާގެ އަތުގައި ހިފައި ކޮޅަށް ނަގާފައި ދިލްމާގެ އިސްތަށިގަނޑު އަތުން ރީތިކޮށްލަދެމުން ދިލްމާގެ މަންމަ ބުނެލިއެވެ.

ދިލްމާގެ މޫނުން ލަދުވެތިކަމާއި އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ގޮތެއް ނުދައްކާ ހަމަޖެހިލައިގެން ދިލްމާ ނުކުތެވެ.
ދިލްމާ ގޮސް މަޑުމަޑުން ހުސެން އާއި އެއްޖޯލި ދުރަށް އިށީނދެއްޖެއެވެ.

"
ވަރަށް ބަނޑުހައިވެއްޖެ.....ނެތްތަ ކާއެއްޗެއް........." ދިލްމާގެ މޫނަށް ބަލާލުމުން ދިލްމާގެ ޠަބީޢަތް އެހާ ރަނގަޅު ނޫންކަމަށް ފެނުމުން، އިތުރަށް ދިލްމާއާއި މިފަދަ ވަގުތެއްގައި އެފަދަ އެއްވެސް ވާހަކައެއް ނުދައްކާން ވެގެން ހުސެން ދެއްކީ ކާއެއްޗެހީގެ ވާހަކައެވެ.
"
ދަރިފުޅާ ހުސެންއަށް ކާންދީފަ ފޮނުވައްޗޭ.........އެތައް ވައްތަރެއް އެބަހުއްޓެއްނު ހުސެންއަށްޓަކާ ދަރިފުޅު ހަދާފަ......މަންމަ ދެން މިދަނީ އެތެރެއަށް. ކަމެއް ޖެހިއްޖެއްޔާ ގޮވާތި މަންމައަށް." އެތެރެއަށް ވަދެގެން ހިނގައިގަންނަމުން ދިލްމާގެ މަންމަ ބުންޏެވެ.

"
ކޮބާ..........ދެންވެސް ކާއެއްޗެއް ދޭންވީނު.......މިގެއަށް އަންނަން ޖެހޭތީ ނުވެސް ކައި މިއައީ.....ތިހާ ދަހި މީހެއްކަން އެނގޭނަމަ ކައިގެން އަންނާނީ......" ހަމަ އެކަނި ދިލްމާއަށް އަޑުއިވޭވަރަށް ހުސެން ބުނެލިއެވެ.
ހިތަށް ލިބިފައިވި ތަދުމަތިން ހަނދާންނެތި އިރުކޮޅަކަށްވިޔަސް، ދިލްމާ ގާތަށްވެސް އައީ ހިންޏެވެ.

"
އާދޭ އެތެރެއަށް......" ތެދުވެ ބަދިގެއާއި ދިމާލަށް ހިނގައިގަންނަމުން ދިލްމާ އެދުނެވެ.
ހުސެންވެސް ދިލްމާގެ ފަހަތުން ހިނގައިގަތެވެ.
ހުސެންގެ ކުރީގައި ހުރެގެން ގޮސް ބަދިގެއަށް ވަދެ މޭޒުމަތީ ހުރި ތަކެތީގެ މަތި ނަގަން ހުއްޓާ ދިލްމާ ދިޔައީ ކުއްލިއަކަށް ސިއްސައިގެންނެވެ. ހުސެން ދިލްމާގެ އަތުގައި ހިފުމުންނެވެ.

ދިލްމާ ބަލާލިއިރު ހުސެން ހުރީ އޭނައަށް ބަލާށެވެ. އަސަރާއިއެކުގައެވެ. އެ ލޮލުން ފެންނަނީ ލޯތްބާއި އޯގާތެރި ކަމެވެ.
"
ޝުކުރިއްޔާ..............." ދިލްމާގެ އަތްތިލައިގައި ހުސެންގެ އެއް އަތުން ހިފައި ބާރުކޮށްލަމުން ހުސެން ބުންޏެވެ. އަސަރުން ބަރުވެފައިވާ އަޑަކުންނެވެ.
"
ކޮން ކަމަކަށް..........؟" ދިލްމާ ނޭނގެ ކަމަށް ހެދިއެވެ.
"
އަހަރެންގެ ލޯތްބަށް މިހާ ފުރިހަމައަށް އިޖާބަ ދިނީތީ..... އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ދިލްއަށް ދެރައެއް ލިބޭފަދަ ކަމެއް ނުކުރާނަން. ދުވަހަކުވެސް.........." ދިލްމާގެ އަތުގައި ހިފައި ކައިރިއަށް ދަމާލަމުން ހުސެން ޔަގީންކަން ދިނެވެ.
"
ދިލްގެ މަންމަ އެބުނިހެން....އަހަރެންވެސް ބޭނުމެއް ނޫން އަހަރުތަކެއް.....އަހަންނަށް ފުރަތަމަ ދުވަހުވެސް އެނގުނު ތިއީކަން އަހަރެން ކައިވެނި ކުރަން ބޭނުންވާ އަންހެންކުއްޖަކީ.....އެހެންވެ މިރޭ މިވަގުތު އަހަން ބޭނުންވަނީ......." ހުސެން ވާހަކަ މެދުކަނޑާލިއެވެ.
"
ކޯޗެއް އަހަން......؟" ސުވާލަކަށްފަހު ސުވާލެއް ދިލްމާ ކުރަމުން ދިޔައެވެ.

"
އަހަންނާއި ކައިވެނި ކުރަން ގަބޫލުތަ؟" އެހާ އަވަހަށް ކައިވެންޏަށް އެހުމުން ދިލްމާ ކުޑަކޮށް ހައިރާންވިޔަސް، އެ އަހާލި ގޮތުން ދިލްމާ ގާތަށް އައީ ހިންޏެކެވެ.
"
އަސްލު ވާހަކައެކޭ އިނގޭ.....ދިލް ކޯހަށް ފުރުމުގެ ކުރިން މެރީ ކުރަންވީނު....." ހުސެންގެ މޫނަށް ބަލަން ހުރި ދިލްމާ އަންތަރީސް ވިއެވެ.

"
ދިލް........އެއްޗެއް ބުނޭ....ކީކޭ ބުނަނީ މިކަމާ....މާ އަވަސްތަ؟ އެކަމަކު އަސްލު އެންމެ ފުރަތަމަވެސް އަހަރެންގެ ހިތުގައި އޮތީ އެގޮތަށް.....އޭރުން ދިލްއާއެކު އެކޮޅުގައި މައިސޫރުގައި އަހަރެން ހުންނާނަން......އެންމެ ހަމަހެއްނު ދެން އޮންނާނީ.....ކޯސް ނިމުނީމަ ދެމީހުން އެއްކޮށް އަންނާނީ.....ކިހިނެއްވާނެ އެގޮތް........؟؟" ހުސެން ދައްކާ ވާހަކައިން ދިލްމާގެ ހައިރާންކަން އިތުރު ވަނީއެވެ.

އެހާ ވިސްނޭ..... އޭނަ ދެކެ އެހާ ލޯބިވާ މީހަކު މިހުރިހާ ދުވަހު ހުރީ ކޮންތާކު ހެއްޔެވެ؟ އޭނަގެ އެކަނިވެރި ދުވަސްތަކުގައި އެ ހުސެން އޭނައަށް ނުފެނުނީ ކީއްވެހެއްޔެވެ؟ ސީދާ އޭނަގެ ހިތުގައި އޮންނަގޮތް ވިސްނޭ މީހަކަށް ހުސެންވީކަން އެއީ ކިހާ ހެޔޮ ފާލެއް ހެއްޔެވެ؟ އޭނައަށް މި މިންވަރުކޮށްދެއްވި އުފާވެރިކަން އޭނައަށް ގަބޫލުކުރަންވެސް ދައްޗެވެ.

"
ވިސްނާލާފަ ބުނާނަން.........." ދިލްމާ ބުނީ މިހެންނެވެ. ތެދެކެވެ. ހުސެން އެ ދައްކާ ވާހަކަ ތަކަކީ އޭނައަށް އަދި ވިސްނާވެސް ލެވިފައި ހުރި ވާހަކަތަކެއް ނޫނެވެ. އެހާ އަވަހަށް އެހިސާބަށް ގޮސްދާނެއެކޭ އޭނައަށް ހީކުރެވިފައެއްވެސް ނެތެވެ.

"
ދިލް........އަހަންނަށް އެނގޭ ދިލްއަކަށް އަދި އެހާ ރަނގަޅަކަށް އަހަރެން ނޭނގޭނެކަންވެސް......އެކަމަކުވެސް...........އަހަރެން އުއްމީދުކުރާހިތް އޮތީ.....އަހަންނަކީ އެބައުޅޭ މިބައުޅޭ މީހެއް ނޫންކަން ދިލްއަށް އެނގޭނެ ކަމަށް. އެވަރު އެނގޭނެކަމަށް ހީކުރަން." ހުސެންގެ އަތުތެރޭގައި އޮތް ދިލްމާގެ އަތްތިލައިގައި ފިރުމަމުން ހުސެން ވާހަކަ ދެއްކިއެވެ.

"
އެނގޭ.........." ހުސެންއަކީ އެކަހަލަ މީހެއްނަމަ ހުސެންގެ އެ ރިކުއެސްޓަށް އޭނަ ނޫނެކޭ ބުނާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ހުސެންއަށް ލިބުނު ހިތްހަމަޖެހުމުގައި ހުސެން ހިނިތުންވެލިއެވެ. ދިލްމާވެސް އެފަދަ ހިނިތުންވުމަކުން ހިނިތުންވެލާފައި އިސްޖަހާލިއެވެ.

"
ހިނގާ ކަމާދޯ.....މިހާ މީރު އެއްޗެހި ހިހޫ ނުވަނީސް ޖެހޭނެ ކާން......އަހަންނާއެކު ކާނަން ދޯ؟" މީރު އެއްޗިއްސާއި މޮޅު އެއްޗިއްސާއި ފެނިފެނި ފޫހިވާވަރަށް މުއްސަނދި ދިރިއުޅުން ފެނިފައި ހުރި ހުސެންގެ ކިބައިގައި ފެންވަރުގެ ތަފާތު ކުރުމެއް ހަމަ ނެތީބާއޭ ދިލްމާގެ ހިތަށް އެރިއެވެ.
އެމީހުންގެ ބާވެފައިވާ ގޭގެ، ހަމަ އެހާ އާދައިގެ ބަދިގޭގައި ފިޔާތޮށި ކުލައިގެ ތަރަފާލު ކޮޅެއް އަޅާފައިވާ ކާމޭޒު ދޮށުގައި، ޕްލާސްޓިކް ގޮނޑިއެއްގައި އިށީނދެލައިގެން ކާން ހުސެން އިންއިރު ދިލްމާއަށް އިރުއިރުކޮޅާ ހުސެންއަށް ބަލާލެވެއެވެ. ހުސެންގެ އުމުރުން ފާއިތުވި 37 އަހަރުވެސް ފާއިތުވެފައި ވަނީ ދިލްމާގެ ގޭގައޭ ހީވާ ކަހަލައެވެ.

ލޯތްބަކީ މިއީ ކަންނޭނގެއެވެ. ފެންވަރުގެ ތަފާތެއް ނުފެންނަނީ ލޯބީގައި ކަމަށްވުން އެކަށީގެންވެއެވެ.
ދިލްމާ ހިތަށް އެރިއެވެ.
ހިތަށް ކިތަންމެ ގިނަ އެއްޗެހި ތަކެއް އަރާފައިބަމުން ދިޔައެއް ކަމަކު އެއިން އެއްވެސް ކަމަކާބެހޭ ގޮތުން ސުވާލެއް ނުކޮށް، އެކައްޗަށްފަހު އަނެކައްޗެއް ހުސެންއަށް އަޅައިދެމުން ކައިރިކޮށްދެމުން ދިލްމާ ދިޔައެވެ. އެއިން ކޮންމެ ފަހަރަކު ލޯތްބާއެކު ހުސެން ހިނިތުންވެލައެވެ.

ތާއަބަދު އެކުގައި އުޅެފައިވާ ދެމަފިރިއަކު އެކަކު އަނެކަކަށް ޚިދުމަތް ދީ އެ ޚިދުމަތުގެ އަގު ވަޒަންކޮށް ބަލައިގަންނާނެ ފަދައިންނެވެ. މާ ގިނަ ވާހަކަތަކެއް، މާ ގިނަ ވައުދުތަކަކާ ނުލާ ދެމީހުންވެސް އެކަކު އަނެކަކު ބަލައިގެންފިއެވެ.

0 comments:

Post a Comment