FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 19 ވަނަ ބައި


ނަވީންގެ ކާރު ގޮސް އޮބާލަންދެން ބަލަން މާޔާ ހުއްޓެވެ. އެއް އޮފީހެއްގައި މަސައްކަތް ކުރަން ޖެހުމުން އުފެދުނު ގާތްކަން ފިޔަވައި އިތުރު ގާތްކަމެއް އެ ރީތި ޒުވާނާގެ ހިތުގައި އޭނައަށްޓަކައި އުފެދޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟ އެފަދަ ދުވަހަކަށް އޭނަ އިންތިޒާރުކޮށްކޮށް ވަރުބަލި ވެއްޖެއެވެ. އެކަމަކު އަދިވެސް..........
ނާއުއްމީދުވެގެން ހުރެ ގޮސް މާޔާ ގެއަށް ވަދެއްޖެއެވެ."އަހަރެން ދެން ދަނީ ދިލް....މިހާރު ވަރަށް ލަސްވެއްޖެއެއްނު." ދިލްމާމެންގޭގެ ގޯތިތެރޭގައި ހުރި ޖޯލީގައި
އިނދެފައި އިނާ އެރެއަށް ވަކިވުމުގެ ހުއްދައަށް އެދުނެވެ. ބަދިގޭގެ ކުޑަދޮރެއްގޮތަށް ކަނޑާފައި ހުރި ތަނުގައި ޖަހާފައި ހުރި ދާގަނޑު ހުރަސްކޮށް އިނާއަށް ދިލްމާ ފެންނަނީ ބަދިގެތރެއިންނެވެ.

"
އާއެކޭ ދޯ...." އެކުޑަދޮރާ ދިމާ ސީދާ ވާގޮތަށް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިން އިނާއަށް ބަލާލަމުން ދިލްމާ، އޭނަ ކުރަން ހުރި ކަމެއް އަވަސްއަވަސްކޮށްލިއެވެ.
"
އަންނަންވާނެ އިނގޭ ދެން ތަންކޮޅެއް ގިނައިން...." ޕްލާސްޓިކް ބޮޑު ސިންގާ ތަށްޓަކަށް ގިފިލީ ވަޅުން ފެންއަޅައިގެން ނިކުތް ސަޢީދާވެސް އޭނަގެ ދަރިފުޅާއި އިނާއާއި ދެމެދުގައި އެ ދެކެވުނު ވާހަކައިގައި ބައިވެރިވިއެވެ.
"
އާދެވޭތޯ ބަލާނަން." 
"
އާދޭ ދާން...." ބަދިގޭ ހުރި ފޯއްދަޅުން ފޯއްކޮޅެއް ނަގާ އަނގައަށް ލައިގެން ދިލްމާ ހިނގައިގަތެވެ. އިނާއާއެކު ދޮރާއްޓާއި ހަމައަށް ދިއުމަށެވެ.
"
މާދަން އަހަރެން ދާނަން ތިގެއަށް. ހެނދުނުން." އިނާއާއެކު ކާރާއި ހަމައަށް ދެވުމުން ދިލްމާ އެންމެ ފަހު ވާހަކައަކަށް އެހެން ބުނެލިއެވެ.
"
ހެނދުނު.........؟ ކީއްކުރަން.....؟؟" ވަގުތުން އިނާ އެހިއެވެ.
"
މާދަން ހުކުރެއްނު. އުޅޭނަމެއްނު ގޭގަ.؟" އިނާ އެހާ ހައިރާންވީތީ ދިލްމާ އޮޅުންފިލުވައިދިނެވެ.
"
އާނ. އުޅޭނަން ގޭގަ. އެކަމަކު ހެނދުނު ނަޔަސް ވާނެނު. އާދޭ މެންދުރު ކާން އަހަރެމެންގެއަށް." އިނާ ހުށަހެޅިއެވެ.
"
މަންމަވެސް މާދަން ޚާއްޞަ ގޮތަކަށް ކައްކާނެހެން ހީވަނީ މެންދުރަށް. ނުކެރޭނެ ފުރަތަމަ ދުވަހު މަންމަ އެކަނި ކޮށްލާފަ އެހެން ގެޔަކަށް މެންދުރުކާންދާން. އެހެންވެ މި ބުނީ ހެނދުނު ދާނަމޭ." ދިލްމާ ބުނެދިނެވެ. އިނާއަށްވެސް އެކަން ގަބޫލު ކުރެވުނެވެ.

"
އެހެންވެއްޖިއްޔާ ހަވީރުވެސް ރަނގަޅުވާނެ." އިނާ ވަކި މާނައެއް ނެތް ގޮތަކަށް ބުނެލިއެވެ. އަދި ކާރަށް އަރަން ހިނގައިގަތެވެ.
"
ކީއްވެ އަހަރެން ތިގެއަށް ނުގެންދަން ތިއުޅެނީ.؟" ދިލްމާ ވަރަށް ފާޑަކަށް އަހާލިއެވެ.
"
އުނހޫ.........ނުގެންދާކަށެއް ނޫން. ދިލްވެސް ދައްކާ ވާހަކަ ދޯ. ނުގެންދާކަށް ނޫނޭ. ދިލްއަށް އަރާމުކޮށްލަންވެސް ބޭނުންވާނެނު ވަގުތުކޮޅެއް. އެހެންވެ. އެންމެ ރަނގަޅު. ދިލް އަންނަން ބޭނުންއިރަކުން އާދޭ. ދެން ދަނީ" ދިލްއާއި ސަލާމް ކޮށްލާފައި އިނާ ހިނގައްޖެއެވެ.

އިނާ ސިއްރު ކުރަން އެ އުޅެނީ ކޮން ކަމެއް ބާވައެވެ. އޭނަ އެހާ ހެނދުނު އެގެއަށް ދާން ބޭނުންވަނީވެސް އިނާ އާއި ވާހަކަ ދައްކާލުމަށެވެ. ކޮންމެވެސް ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އިނާ އުޅޭވައްތަރު ވަރަށް ބޮޑަށްވެސް އިނާގެ މޫނުމަތިން ދިލްމާއަށް ފެނުނެވެ. އޭނައަށް އިނާ ނޯޅޭނެއެވެ. އޭލެވެލްއަށް ކިޔަވަން މާލެ ދިޔައީއްސުރެން އޭނަ އުޅެމުން އައީ އިނާއާއެކުގައެވެ. ވީއިރު އޭނައަށް އިނާ ނޭނގި ހުންނާނެހެއްޔެވެ. 

މާދަން ގޮސް ހުރިހާ ވާހަކައެއް އޮޅުންފިލުވުމަށް ގަސްދުކޮށްގެން ދިލްމާ ގޮސް ގެއަށް ވަދެ ބޭރު ދޮރާށީ ލައްޕާލުމަށްފަހު ދެ ދޮރުފަތުގައިވެސް ތަންޑު އަޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ. އެގެއަށް ދެން އަންނާނެ މީހަކު ނުހުންނާނެއެވެ. 

ގޯތިތެރޭގައި ހުރި ފަނޑު ބޮކި އަލީގައި އަދިވެސް މަންމަ ކޮންމެވެސް އެއްޗިހިތަކެއް ދޮންނަން އުޅެއެވެ. ދިލްމާ އިށީނީ ޖޯލީގައެވެ. މަންމަ ނިމެންދެނެވެ.

"
އިނާ ހީވަނީ ބަލިވެ އުޅޭހެން. މަންމައަށް މިހީވީ ރަނގަޅަށްތަ؟" ތެއްޔެއް ދޮވެފައި އަށިގަނޑުގެ އެއްކޮޅުގައި ބާއްވަމުން ސަޢީދާވެސް އަހާލިއެވެ.
"
އެކަހަލަ ވައްތަރެއް ދޯ ޖަހަނީ. އަދި މަށެއް ނާހަން އެކަހަލަ އެއްވެސް އެއްޗެއް." ޖޯލީގައި އޮށޯވެލާފައި މައްޗަށް ބަލާލަމުން ދިލްމާ ބުނެލިއެވެ. ގަސްފުރެންދެން ޖަނބުރޯލު އެބަހުއްޓެވެ. ވާލުގެ ކަންތައް މިދުވަސްކޮޅު ވަރަށް ބޮޑުވާނެއޭ ދިލްމާ ހިތަށް އެރިއެވެ. އެކަމަކުވެސް މިގަސް ޖޯލިކައިރީގައި ހުންނަކަންވެސް ނަސީބެކެވެ. އެހެން ނޫންނަމަ ދުވާލުގެ އިރުގެ ހޫނުގައި މި ޖޯލީގެ ބޭނުން ނުހިފޭނެއެވެ.

"
ރަނގަޅަށް ތިހެދީ ދަރިފުޅު. ހިކްމާ ހެދިއެއްޗެއް ނިކަން ބަލާބަލަ. އެތެރެއަށް ވަން ގޮތަކަށް ޚަބަރެއް ނުވޭ. ހެދުންވެސް ބަދަލުނުކޮށް ނިދާފަވެސް އޮވެދާނެ." މަންމަ މިހެން ބުނުމުން ދިލްމާވެސް ޖޯލިން ތެދުވެގެން ގޭތެރެއަށް ވަންނަން ހިނގަން އޮތް ގޯޅިގަނޑުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ވައަތްފަރާތުން ހައްދާފައިވާ ބަގީޗާތެރެއަށް ބަލަމުންނެވެ. 

މީގެ އަށެއްކަ މަސް ކުރިން އޭނަ ދިޔައިރު ނެތް ކިތަންމެ ގަހެއް އެތާ ހުރިކަން ދިލްމާއަށް ފާހަގަ ކުރެވުނެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ބަގީޗާގެ ތަންކޮޅެއް އެތެރޭގައި ހައްދާފައި ހުރި ފިނިފެންމާގަސް ފުންޏަކުން ފަޅާފައި ހުރި ގަސްތަކުގައި އަޅާފައި ހުރި ފިނިފެންމަލެވެ. އެންމެ މަޑު ފިޔާތޮށި ކުލައާއި ހުދު ކުލައިގެ ފިނިފެންމާތައް ދިލްމާއަށް ފާހަގަ ކުރެވުނެވެ. ޖަނބުރޯލްގަހުގައި އައްސާފައި ހުންނަނީ އެންމެ ފަސް ވޯޓްގެ ބޮތްކެއްކަމަކު، އެ ބޮކީގެ އަލީގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައިވެސް ގަސްތައް ވަކިވަކިން ފެންނަހާ ވެއެވެ.

އޭނަގެ މަންމަގެ އުފަލަކީ އެއީއެވެ. ގެއަކީ ކިތަންމެ އާދައިގެ ގެއެއް ކަމަށް ވިޔަސް އަބަދުވެސް ރީތިކޮށް ބޭއްވުމަށާއި ގަސްތައް އިންދުމަށް އޭނަގެ މަންމަ އަބަދުވެސް ސަމާލުކަން ދޭނެއެވެ. އެއީ އޭނަގެ މަންމައަށް އެންމެ ހިތްހަމަޖެހުން ލިބޭ ކަމެވެ. 
** ** ** ** ** ** ** ** **
 
ކާރަށް އަރައި ހަމަޖެހިލުމާއެކު ފުން ނޭވާއެއް އިނާއަށް ލެވުނެވެ. ކީއްވެގެން ކަމަށް ހެއްޔެވެ؟ ދިލްމާގެ އެއްވެސް ސުވާލަކާއި އޭނައަށް ކުރިމަތިލާން ނުޖެހުމުންނެވެ.
އޭނައަށްވުރެ ރަނގަޅަށްވެސް އޭނަގެ ރަހްމަތްތެރިޔާއަށް އޭނަ އެނގޭކަމީ އިނާ ގަބޫލު ކުރާ ހަގީގަތެކެވެ. އެހެންކަމުން އޭނަގެ މޫނުމަތިން ދިލް ކިތަންމެ ވާހަކައެއް މިހާރު ދެނެގަންނާނެކަންވެސް އިނާ އަށް އެނގެއެވެ. އެކަމަކުވެސް އޭނަގެ އެ ރަހްމަތްތެރިޔާ އަކީ އާދަޔާ ޚިލާފު ވިސްނުންތޫނު އަދި ތަހްޒީބު ރަހްމަތްތެރިއެކެވެ. ނާހަންވާ އެއްޗެއް ނާހަންވާ ދަނޑިވަޅުގައި ދުވަހަކުވެސް ނާހާނެއެވެ. ނުވެސް ބުނާނެއެވެ. އެކަމަކު....ރަނގަޅު ވަގުތުން ޖެހުމުން ދިލް އޭނައާއި ސުވާލުކުރާނެކަން އޭނައަށް އެނގެއެވެ. މައްސަލައެއް ނެތްތާއެވެ. އެއިން އެއްވެސް ސުވާލަކާއި މިރެއަކު އޭނަ ކުރިމަތިލާކަށް ނުޖެހުނެވެ.

އިނާގޮސް ގެއަށް ވަންއިރު ސިޓިންގރޫމްގައި މަންމަ އިނެވެ. ފޯނަކުން ވާހަކަ ދައްކަމުން ދިޔައީ މާލޭގައި ހުރި އޭނަގެ ދޮންތަ ސޯނިޔާ އާއެވެ. އެހެންކަމުން އިނާވެސް މަންމަ ކައިރީ އެހެން ސޯފާއެއްގައި އިށީނދެއްޖެއެވެ.
"
ކަމެއް ގޯސްވީތަ މަންމާ..." މަންމަ ފޯން ބޭއްވުމުން އިނާ އަހާލިއެވެ.
"
ނޫނޭ.....އެކުދިންގެ ޚަބަރު ބަލާލަން މަންމަ ޖެހޭނެނު. އެހެންވެ ގުޅާލީ." ޝީލާ ޖަވާބު ދިނެވެ.
އެއީ ތެދެކެވެ. ކޮންމެ ދުވާލަކު އެއްފަހަރު ރޭގަނޑަކު އެއްފަހަރު މަންމަ އެގެއަށް ގުޅާކަން އޭނައަށް އެނގެއެވެ.

"
ދަރިފުޅު ކީއްވެ ތަންކޮޅެއް އަވަހަށް ނައީ.......ޒިޔާދު އިނދެ އިނދެ ވަރުބަލިވެގެން އެ ދިޔައީ." ކުއްލިއަކަށް ހަނދާން ވެގެން ޝީލާ ބުނެފިއެވެ.
އިނާއަށް ލިބުނު ހައިރާންކަމުގެ ކޮޅެއްވެސް ނެތެވެ. ޒިޔާދު އައީ ގަމުން އައި ގޮތަށް އެގެއަށް ހެއްޔެވެ؟ އިނާއަށް އޭނަގެ ހައިރާންކަންވެސް ސިއްރެއް ނުކުރެވުނެވެ. އަދި އަނގައަކުންވެސް ނުބުނެވުނެވެ. 

"
ދަރިފުޅަކަށް ނޭނގޭތަ ޒިޔާދު އައިކަމެއް؟" އިނާގެ މޫނުގެ ހަރަކާތްތަކަށް ބަލަން އިން ޝީލާއަށްވެސް އެވަރު ވިސްނިއްޖެއެވެ.
"
ބައްޕަވެސް ނުގުޅުއްވާތަ......؟ ބައްޕަ ދިޔައީ ޒިޔާދުއާއި ވާހަކަވެސް ދައްކަވާފަ. ދަރިފުޅަށް ގުޅާފައިބުނާނަމޭވެސް ބުނި؟ ނުގުޅާ؟" އަދިވެސް ޝީލާ ސުވާލު ކުރަނީއެވެ.
"
ނުގުޅުއްވާ ބައްޕައެއް" ފޯން ނަގާ ބަލާލަމުން ޔަގީންކަމާއެކު އިނާ ބުންޏެވެ. ބައްޕަވެސް އަދި އެހެން މީހަކުވެސް އޭނަގެ ފޯނަށް މިއިން އިރަކު ގުޅާފައެއް ނެތެވެ.
"
ތިވާނީ ހޮސްޕިޓަލްތެރެއިން ކަމެއްގަ އުޅެންހަދައިގެން ބައްޕަ ހަނދާން ނެތުނީ ކަމަށް." ޝީލާ އަނެއްކާވެސް ބުންޏެވެ. 
"
ޒިޔާދު.........." އިނާ އަހަން އުޅުނެވެ.
"
ޒިޔާދު މިހާރު ނެތް އިނގޭ. ހަމަ ދެންމެކަހަލަ ގޮތަކަށް އެދިޔައީ. ބުނީ ފޭދޫގަޔޯ މިފަހަރު ހުންނަނީ. މާދަން ދަރިފުޅާ ބައްދަލުކުރަން އަންނާނަމޭވެސް ބުނެފަ ދިޔައީ. އަސްލުވެސް ދަރިފުޅަކަށް ނޭނގޭތަ ޒިޔާދު އަންނަކަމެއް." އިނާ އާއި ޒިޔާދުގެ ދެމެދުގައި ކޮންމެވެސް ކަމެއް އެބައުޅޭހެން ޝީލާއަށް ހީވާން ފަށައިފިއެވެ.

އިނާ އާނއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
"
ކީއްވެ.....؟ ދަރިފުޅަށް ނުވެސް ގުޅާތަ ޒިޔާދު މި ހުރިހާއިރުވީއިރުވެސް....؟" ޝީލާ އަދިވެސް އަހަނީއެވެ.

ގޭގެ މައިދޮރާށި ހުޅުވިފައި ލެއްޕުނު އަޑު އިވުނީ ހަމަ އެވަގުތުއެވެ. ދެމައިންނަށް އެއްފަހަރާ ކުޑަދޮރުން ބޭރަށް ބަލާލެވުނެވެ. ދެމީހުންގެ ހިތުގައިވެސް އޮތީ ޒިޔާދު ކަމަށެވެ. ނަމަވެސް އެއީ ޚާލިދުއެވެ. އިނާގެ ބައްޕައެވެ.
އިނާގެ ހާސްކަން ކުޑަވެގެން ދިޔައެވެ. ބައްޕައަށް އެ ދުރުވެވުނީ އެންމެ މުހިއްމު ވަގުތުއެވެ. އެހެން ނޫންނަމަ މިރޭ އޭނަގެ މަންމަގެ ސުވާލުތަކުން އޭނައަށް ސަލާމަތްވާން އުނދަގޫވީހެވެ. 

"
ދަރިފުޅު ފެނުނީމަ މި ހަނދާންވީ. ދަރިފުޅަށް ގުޅައެއް ނުލެވޭދޯ ބައްޕައަށް....." ސިޓިންގރޫމަށްވަންއިރު އިނާ ފެނުމާއެކު ޚާލިދުގެ ހަނދާން ވިއެވެ. 
"
ޒިޔާދު ކައިރީ ބައްޕަ ދިޔައީ ބުނެފައޭ ގުޅާނަމޭ ދަރިފުޅަށް. އެކަމަކު ދެން މާ ރަނގަޅަކަށްނު މި ދިމާވީ. ޒިޔާދު އިންދާ އާދެވުނު ދޯ؟" ގޮނޑިއެއްގައި އިށީންނަމުން ޚާލިދު އަހާލިއެވެ.
"
އިނާއަށް އާދެވުނުއިރު ޒިޔާދު ގޮއްސި" އިނާގެ ބަދަލުގައި ޖަވާބު ދިނީ ޝީލާއެވެ. 
"
ހަމަ ރަނގަޅަށްތަ؟ އެކަމަކު އެއީ މައްސަލައެއްނޫންތާ ދޯ....ޒިޔާދު އަންނާނީ ގައިމުވެސް ދަރިފުޅަށް އެނގިގެނެއްނު ދޯ؟" ޝީލާއާއި އިނާ ދެންމެ ދެއްކި ވާހަކައާއި ދިމާ އިދިކޮޅު ވާހަކައެއް ޚާލިދު ބުނެލިއެވެ.
ޝީލާއާއި އިނާއަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނީ އެއްކޮށެވެ. ނަމަވެސް، ޒިޔާދު އައިކަން އިނާއަށް ނޭނގޭ ކަން އެ ދެމީހުންވެސް ޚާލިދުއަށް ސިއްރު ކުރިއެވެ.

"
ދަރިފުޅާއި ދައްކާލަންޖެހޭ ވާހަކައެއްވެސް އެބައޮތް....." ދެމައިންގެ ހިތުގެ ހާލު ނޭނގި ހުރެ ޚާލިދު ދައްކަން ފެށީ އޭނަ ދައްކަން މުހިއްމު ވާހަކައެކެވެ. 
އެއްޗެއް ނުބުނި ނަމަވެސް ކޮން ވާހަކައެއްހޭ އަހާލާ ކަހަލަ ގޮތަކަށް ޚާލިދު އާއި ޝީލާގެ މޫނަށް އިނާ ބަލާލިއެވެ.

ދެން ބައްޕަ ދެއްކެވި ވާހަކައިން އޭނައަށް ލިބުނީ ބުނަންވެސް ނޭނގޭވަރުގެ ހިތްހަމަޖެހުމެކެވެ. އޭނަގެ ކައިވެނި ލަސްކުރެވުނީއެވެ. ކޮންފަދަ ހެޔޮ ފާލެއްހެއްޔެވެ؟ ޒިޔާދުގެ ފަރާތުން ފެންނަމުންދާ އެކިއެކި ކަންތައްތަކުގެ ސަބަބުން އޭނަ އެހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. އެ ވާހަކަތައް މީހަކާ ދެއްކޭކަށް ނެތެވެ. ލަފައެއް އަހަންވެސް އޭނަ ދައްކާނީ ކާކު ކައިރީ ހެއްޔެވެ. ކަމުގެ ހަގީގަތުން ކުޑަ މިންވަރެއްވިޔަސް އެނގެނީ ސޯފީ އަށެވެ. އެކަމަކު ސޯފީ އަކީ އެކަމުގައި އެއްވެސް ވަރަކަށް އޭނައަށް އެހީތެރި ވެވޭނެ މީހެއް ނޫނެވެ. ކަންމިހެން ހުއްޓާ ބައްޕަ މިރޭ އެދިނީ ކޮންފަދަ އުފާވެރި ޚަބަރެއް ހެއްޔެވެ.

މިވީ ގޮތުން ޒިޔާދު އާއި ދޭތެރޭގައި ވިސްނަން އޭނައަށް ވަގުތުވެސް ލިބުނީއެވެ.

"
އަޅުގަނޑުވެސް އެދެނީ ތިގޮތް." ވަރަށްވެސް ބޮޑު ހިތްހަމަޖެހުމަކާއެކު އިނާ އޭނަގެ މަންމަ އާއި ބައްޕަ އެ ދެއްކެވި ވާހަކައަށް ތާއީދުކޮށް އެއްބަސްވިއެވެ. 
ހިތުގައި އޮތް މިންވަރުން އެއީ ކުޑަ މިންވަރެކެވެ. އޭނަގެ ބޮޑުމަންމަ ނިޔާވިތާ އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ސިންގާ ކައިވެނީގެ ހަފްލާއެއް އެގޭގައި، އެ އާއިލާގެ ތެރޭގައި ބާއްވާކަށް އޭނަ ބޭނުމެއް ނުވެއެވެ. އޭނައަށް ވެގެން ވާނެނަމަ އެކަން އޭނަ ހުއްޓާނެއެވެ. ނަމަވެސް އޭނައަށް އެ ވާހަކަ ދައްކަން ހިތްވަރު ނުލިބި ހުއްޓާ ބައްޕަ އެވާހަކަ ދެއްކެވުން އެއީ އޭނަގެ ނަސީބޭ އިނާގެ ހިތަށް އެރިއެވެ. އޭނަގެ ބޮޑުމަންމައާއެކު އެހެން ނޫންނަމަ އޭނަވެސް ދިރިހުއްޓާ ކަފުންކުރެވޭނެއެވެ.

އެކަމަކު......ޒިޔާދު އޭނައަށް އެއްފަހަރުވެސް ނުގުޅީ ކީއްވެހެއްޔެވެ؟ އޭނަ ގޭގައި ނެތްކަން އެނގުމުންވެސް ނުގުޅީ ކޮން ގޮތަކަށް ވިސްނާފަ ބާވައެވެ؟
** ** ** ** ** ** ** ** **
އަނެއްދުވަހު ހެނދުނު އިނާއަށް ހޭލެވުނީވެސް މާބޮޑަށް ފިނިވެގެންނެވެ. ބޯކޮށް ވާރޭވެހެނީކަން އެނގުނީވެސް އިރުކޮޅެއް ފަހުންނެވެ. ނިދީގެ ތެރޭގައި އޮވެފައި އިނާ ގަޑިބަލާލިއިރު ހަތްގަޑި ފަނަރަ ވެއްޖެއެވެ. ހުކުރު ދުވަހެވެ. އަދި އިރުކޮޅަކު އޮވެލާނަމޭ ހިތާ އަނެއްކާވެސް އިނާ ލޯމަރާލިއެވެ. ނަމަވެސް ހަމަޖެހިލުމުގެ ކުރިން އަތްދިއްކޮށް ސައިޑް ކަބަޑް މަތީ އޮތް ރިމޯޓުން އެއަރކޯންވެސް ނިއްވާލިއެވެ. ރަޖާ އަޅައިގެން އޮންނައިރުވެސް ފިނި ވަނީ މާބޮޑަށެވެ. 

ނިދޭތޯ އުޅެއުޅެ އިނާއަކަށް ނުނިދުނެވެ. އެކިއެކި ޚިޔާލުތައް ސިކުނޑިއަށް އުނދަގޫ ކުރާ ވަރުންނެވެ. ޒިޔާދު އައީ ކީއްކުރަންހެއްޔެވެ؟ ކައިވެނި ލަސްކުރާވާހަކަ ބައްޕަ ބުނުމުން ޒިޔާދު ބުނީ ކީކޭހެއްޔެވެ؟ އެކަމާ ދޭތެރޭ ޒިޔާދު ދެކެނީ ކޮން ގޮތަކަށް ބާވައެވެ؟ ޒިޔާދު އައިސް އޭނައާއި އެ ވާހަކަ ދައްކާނެކަން ޔަގީނެވެ. ދިލްވެސް އަންނާނެއެވެ. 

އިނާއަކަށް ލޯމަރައިގެންވެސް ނޯވެވުނެވެ. ކުޑަދޮރުގެ ފޮތިގަނޑު ދަމާފައި ހުރުމުގެ ސަބަބުން ބޭރު ނުފެނުނެއްކަމަކު ވާރޭ އެ ދަނީ އިރެއް އިރަކަށް ބޯކުރަމުންކަން އިނާއަށް އެނގުނެވެ. އިވޭ އަޑުތަކުން އެކަން ހެކިކޮށްދެއެވެ. ތެދުވެގެން ގޮސް ބަލާލަން ކިތަންމެ ފަހަރަކުވެސް ހިތް އެދުނެވެ. އެކަމަކު ތެދުވެވުނީ އެކަމަށް ހިތް އެދޭތާ އެތައް އިރެއްފަހުންނެވެ. ނޯވެވިގެން ތެދުވެގެން ގޮސް ފޮތިގަނޑު ކަހާލާފައި ބަލާލިއެވެ. ވަރަށް ވަރަށް ބޯކޮށް ވާރޭ ވެހެއެވެ. ހެނދުނުގެ ގަޑިން ހަތްގަޑިބައިވާން ދިޔައެއްކަމަކު މާހައުލު ހީވަނީ އަދި ކިރިޔާ ފަސްގަޑިބައިވެގެން އުޅޭހެންނެވެ. އެހާވެސް އުޑުމަތިބަނަވެފައި ވިއްސާރައެވެ.

ދުނިޔެމައްޗަށް ވެރިވެފައިވާ ވިއްސާރަ ވިލާތަކާއި ވެހެމުންދާ ވާރޭގެ ސަބަބުން އިނާގެ މޫނަށް ހިނިތުންވުން އައެވެ.

ދުވާލުން ނުވައެއް ޖެހިއިރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ. ކުއްލިއަކަށް މޫސުމަށް މިއަދި ބަދަލުގެ ސަބަބުން އިނާގެ ފިކުރުތަކާ ހާސްކަން ކެނޑި ހިތުގައި އުފާވެރި ރާގެއް ކުޅެލައިފިއެވެ. ނަފްސަށް ލުއި ލިބިއްޖެއެވެ. ވެހެމުން ދިޔަ ވާރެއަށް ބަލަން ޓެރަސްގެ އުނދޯލީގައި އިން އިނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ތާޒާކަމުގެ ސާފު ކުލަވަރެވެ.

ދާދި ކައިރީގައި އޮތް ފޯން ވައިބްރޭޓް ވަމުންދާކަންވެސް އިނާއަށް އިހްސާސް ނުކުރެވެނީ އެހެންވީމަކަމަށްވެދާނެއެވެ. އިއްޔެއްސުރެން ފޯނުގެ ރިންގް އޮފް ކޮށްލައިގެން އިނާ އުޅެނީ ޒިޔާދުގުޅިވަރު ގިނަކަމުން، ދެންވެސް ޒިޔާދުގެ ކޯލްތަކުގެ ސަބަބުން އުނދަގުލެއް އަމިއްލަ ނަފްސަށް ލިބިދިޔަ ނުދިނުމަށްޓަކައެވެ. 

"
ގެއްލިފަ ދޯ.............." މިއަޑަށް އިނާ ދިޔައީ ސިއްސައިގެންނެވެ. ބަލާލިއިރު ޓެރަސްއަށް އައިސް އެ އެރީ ދިލްމާއެވެ.
"
ފޯންވެސް ތިއޮތީނު ކައިރީ.....އެކަމަކުވެސް ނޭނގުނު ދޯ ގުޅިކަމެއްވެސް...." އިނާ އިން އުނދޯއްޔާއި ދިމާލަށް އަންނަމުން ދިލްމާ ޝަކުވާ ކުރިއެވެ.
"
ނޭނގުނީއޭ........" އިނާ ފޯން ނަގައި ބަލާލިއެވެ. 
"
ނޭނގޭނެ......ތި ހުންނަނީކީ މިބިމަކު ނޫނެއްނު." ދިލްމާވެސް އައިސް އިށީނީ އެ އުނދޯލީގައެވެ.

"
މިހާ ވިއްސާރައިރު ނައިސް އަހަންނަށް ގުޅާލިނަމަ....ކާރު ފޮނުވަދިނީމުސް." ދެންމެ ދިލް އެ ބުނި އެއްޗަކަށް ސަމާލުކަން ނުދޭންވެގެން އިނާ ދެއްކީ އެހެން ވާހަކައެކެވެ. ދިލްމާ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އިނާއާއި ދިމާލަށް އެ ބަލާލި ގޮތުން އޭނަ އެގޮތް ބޭނުން ނުވާނެކަމާ އެކަހަލަ ކުދިކުދި ކަންތައްތަކުގަ އިނާގެ އެހީ އޭނަ ބޭނުން ނުވާނެކަން އިނާއަށް އެނގެންވާނެނޫންހޭ ބުނާކަހަލަ ގޮތެއް ހުއްޓެވެ.

"
ދެން ބުނަންވީނު. ކިހިނެއްވެގެންތަ ތިއުޅެނީ؟" އިރުކޮޅެއްގެ ހިމޭން ކަމަށްފަހު ދިލްމާ ދިޔައީ ސީދާ މައުޟޫއަށެވެ.
"
ތިބުނީ.............؟" ދިލްމާގެ ވާހަކައިގެ މަގްޞަދު އިނާއަށް އަދި ވިސްނައެއް ނުގަނެވެއެވެ.
"
މިބުނީ.......ރޭއްސުރެން....އަހަރެން ބަލާދިޔައީއްސުރެން.....އަށްމަސް ދުވަސްފަހުން އިނާ ފެނުނީއްސުރެން...ތިހުންނަނީ ކިހިނެއްވެފަހޭ؟ އެހާ ދުވަސްފަހުން ދިމާވުމުންވެސް އެއްވެސް އުފާވެރިކަމެއް އިނާގެ ފަރާތުން ނުފެންނަނީ ކީއްވެހޭ؟ އަހަރެން އެކޮޅުގައި ހުރިއިރު ހީވީ އަހަރެން ނައިސްގެން ހުރިހެން. އެކަމަކު އައީމަ މި ފެންނަނީ......ހަށިގަނޑާ ހިތާ ދެތަނެއްގަ ހުންނަ އަންހެނެއް." ދިލްމާ އަކީ އަބަދުވެސް ދުރުދުރުން، އެފަދަ ގޮތަކަށް ވާހަކަ ދައްކާ އަންހެންކުއްޖެކެވެ.
އިނާ އެއްފަހަރު ދިލްމާއަށް ބަލާލާފައި އަނެއްކާވެސް ބަލަން ފެށީ ފޯނަށެވެ.

"
ކަމެއްވީތަ އަނެއްކާ........؟" ދިލްމާގެ އަޑާ ރާގުގައިވެސް ހުރީ މުހިއްމު ވާހަކައެއްގެ ގޮތެވެ.
ދިލްމާއާއި ދިމާލަށް ނުބަލާ އިނާ އިންގޮތުންވެސް ކަމެއްވެގެން އުޅޭކަން ދިލްމާ ގަބޫލުކޮށްފިއެވެ. އެކަމެއް އޭނައަށް ނޭނގުނަސް ވަރަށް ބޮޑު ކަމެއްވެއްޖެކަން ދިލްމާއަށް އެނގިއްޖެއެވެ.

"
މިވަގުތު އެވާހަކަ ދައްކަން ބޭނުން ނޫނިއްޔާ ނުދައްކާނީ....އެކަމަކު ރޭއްސުރެން އަހަންނަށް އެބަފެނޭ އިނާއަށް ވެފަ ތިހުންނަ ގޮތް. އަހަންނަށް ވެވުނު........." ދިލްމާ ބުނަން ފެށިއެވެ.
"
ޒިޔާދު އެބައުޅޭ އައިސް......" އިތުރު އެއްޗެއް ދިލްމާ ބުނުމުގެ ކުރިން ދިލްމާގެ ވާހަކަ މެދުކަނޑާލާފައި އިނާ ބުނެފިއެވެ.
"
ދެން........؟ އުފަލެއްނޫންތަ ވާންވީ.؟" ޒިޔާދު އައިސް ހުރުމުން އިނާ އެހާ ކަންބޮޑުވެފައި ހުންނަންވީ ސަބަބެއް ދިލްމާއަކަށް ނުވިސްނުނެވެ.
ދިލްމާގެ އެ ސުވާލަށް އިނާ ޖަވާބެއް ނުދެއެވެ. ހަމަ މަޑުމަޑުންއިނީއެވެ.
"
މިހާރު މިކޮޅުގަ ކައިވެނި ކުރާގޮތަށްތަ...؟" ދިލްމާ ހީކުރީ ޒިޔާދު އައިސްއުޅެނީ އެހެންވެގެން ކަމަށެވެ.
"
ނޫން.......މާލޭގަ." އިނާގެ ޖަވާބު ކުރެވެ. އަބަދުގެވެސް އާދައިގެމަތިންނެވެ.
"
ދެން ކީއްވެ އެހާ އަވަހަށް އެއައީ. އިނާ ބަލާދޯ؟" ދިލްމާ އެހިއެވެ. 

އޯވހ.......އެހެންވީމަ އިނާ ދެރަވެފަ އެ ހުންނަނީ އެކަމާތާއެވެ. އޭނަ ޗުއްޓީއަށް އައި ތަނުން އިނާ ދާންޖެހޭތީތާއެވެ. ދިލްމާއަށް މިހެން ވިސްނުނީ ކުއްލިއަކަށެވެ. 
"
އެއީ އެވަރުގެ ކަމެއްތަ؟ އަހަރެންވެސް އެކޮޅަށް ދާނެއެއްނު؟ ކަންބޮޑުނުވެ ހަމަޖެހިބަލަ." ވިސްނާލާފައި ދިލްމާ ބުނީ މިހެންނެވެ. އެއީ ތެދެކެވެ. އިނާގެ ކައިވެނި މާލޭގަ ކުރެވުނު ކަމުގައި ވިޔަސް އެ ކައިވެންޏަށް ދިލްމާ ދާނެއެވެ. ދިލްމާ ގެންދިއުމުގެ ހުރިހާ ޒިންމާއެއް އިނާ އޮތީ ނަގާފައެވެ. ޓިކެޓާއި ހުރުމާއި ކެއުމާއި ނިދުމާއި މިނޫނަސް ހުރިހާ ކަމަކަށް އިނާގެ އާއިލާއިން ޚަރަދު ކުރާ ގޮތަށް މާކުރިންވެސް އޮތީ ހަމަޖެހި އެއްބަސްވެވިފައެވެ.

"
ޒިޔާދު އައީ ރޭގަ. ދިލްވެސް އައި ފްލައިޓުން. ދިލްއާއެއްކޮށް." ބޮޑު ސިއްރު އިނާ ހާމަ ކުރިއެވެ.
ދިލްމާގެ ދެބުމަ އުފުލިގެން ދިޔައެވެ. ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގުނެވެ.

"
އަސްލުތަ؟ ކީއްވެ އަހަންނަށް ނުދެއްކީ؟ ކީއްވެ އަހަންނަށް ނޭނގުނީ؟" މި ތިން ސުވާލު ދިލްމާއަށް ކުރެވުނީވެސް އިރުކޮޅެއް ފަހުންނެވެ.
"
އަހަރެން ފޫހިވޭ ޒިޔާދުދެކެ." އިނާގެ ޖަވާބަކީ އެއީއެވެ. 
"
އަޅޭ........ކީއްވެ....؟" ދިލްމާއަށް ލިބެމުންދަނީ ހައިރާންކަމުން ފުރޭކަހަލަ ޖަވާބު ތަކެވެ.

"
އިނާ...........!!! އަހަންނަށް މި ހީވަނީ ރަނގަޅަށްތަ؟" އޭނަ އެ ސުވާލުތައް ކުރުމުންވެސް އިނާ އަނގައަކުން ނުބުނެ އިން ގޮތުން ދިލްމާއަށް ކޮންމެވެސް ވަރަކަށް ވިސްނިއްޖެއެވެ.

އިނާ އޭނަގެ ރަހްމަތްތެރިޔާއަށް ޒިޔާދުގެ ވާހަކަ ކިޔައިދޭން ފެށިއެވެ. ބޮޑުމަންމަ ބަލިވެގެން މާލެ ގޮސް އުޅުނުއިރު އެ އިވުނު ފޯންކޯލްގެ ވާހަކައިން ފެށިގެން ލެކިއުޓް ތެރޭން ފެނުނު މަންޒަރާއި ހަމައަށެވެ. މާލެއިން އައުމަށްފަހު ޒިޔާދު ކުރަމުން ދިޔަ ފޯންކޯލްތަކާއި ފޮނުވަމުން ދިޔަ މެސެޖްތަކުގެ ވާހަކައެވެ. ރޭ ކުއްލިއަކަށް އެއަރޕޯޓުން ޒިޔާދު ފެނުނު ވާހަކައާއި، ޒިޔާދު ފެނުމުން އޭނަ ކަންތައް ކުރި ގޮތުގެ ވާހަކަ އާއި، ރޭގަ އޭނަ ގެއަށް ނާންނަނީސް ޒިޔާދު އެގެއަށް އައި ވާހަކައެވެ. ކުރުކުރު އެހެނަސް ބޮޑު ތަފްޞީލެކެވެ. ނަމަވެސް އެ ވަރުން ދިލްމާއަށް ހުރިހާ އެއްޗެއް ވިސްނުނެވެ. 

"
ތިކަމުގެ ހަގީގަތް ހޯދަން އުޅެމާ؟ ތިހާ ފަސޭހައިން ތިކަހަލަ ކަންތައް ދޫކޮށްލައިގެން ކަމަކުނުދާނެނު؟" ދިލްމާ ގޮތެއް ހުށަހެޅިއެވެ.
"
އިތުރަކަށް ހޯދާނެ ހަގީގަތެއް ނެތް." އިނާ އިނީ ގޮތް ނިންމައިގެން ކަހަލައެވެ.

"
ދެން އެއީ ކޮން އަންހެނެއްތޯވެސް އިނާ ނުބަލަމުތަ؟ ބަލާކަށް ބޭނުމެއްވެސް ނުވޭތަ؟" ދިލްމާ ނަމަ ނުބަލައެއް ނުދޫކޮށްލާނެކަން މި ސުވާލުން އެނގުނެވެ.

"
ކޮބާ ބެލުމުގެ ބޭނުމަކީ؟ ވީކަމެއް ނުވާކަމަށް ދެން ވާނެތަ؟" އިނާވެސް ސުވާލުތަކެއް ކޮށްލިއެވެ.
"
އެހެންނެއް ނުވާނެ. އެކަމަކު....ކުށް ކުރި މީހާ ހަމަ އެހާ ފަސޭހައިން ދޫކޮށްލަން ޖެހޭނެތަ؟ އަދި ހަމަ އޭގަ އޮވެދާނެނު އަހަރެމެން މި ހީކުރާ ހަގީގަތް ނޫން ހަގީގަތެއްވެސް." ދިލްމާ ބުންޏެވެ.
"
ވެދާނެ ތިހެންވެސް. އެކަމަކު......އަހަރެން ބޭނުމެއް ނޫން ޒިޔާދު އާއި އިތުރަށް ދެން އެ ވާހަކަ ދައްކާކަށް. ޒިޔާދު ބުނި އަންހެންކުއްޖަކީ އެއީ ކަމަށްވަންޏާ....ކީއްވެގެންތަ ލެކިއުޓް ތެރެއިން ފެނުނީމަ ސޯފީ އެއީ ނޭނގޭ މީހަކަށް އޭނަ ހަދަންވީ؟" އިނާގެ ހިތުގައި އަބަދުވެސް އުފެދެމުން އަންނަ ސުވާލު އިނާ އެކުރީ ދިލްމާއާއެވެ. 

"
ވެދާނެނު އެއީ....ޒިޔާދު އެބުނިހާ ކަންތައް ބޮޑު އަންހެނެއްވެއްޖިއްޔާ....ސޯފީ އެއީ ކާކުކަން އެނގިއްޖެއްޔާ އަނެއްކާ އެތައް ތަފްޞީލަކަށް ދާން ޖެހިދާނެތީ ކުރުކޮށްލީކަންނޭނގެއެއްނު. އެހެންވެސް ވެދާނެނު؟" ދިލްމާ ވާހަކަ ދައްކަނީ ވެދާނެކަމަށް ލަފާ ކުރެވޭގޮތަށެވެ. ރަހްމަތްތެރިޔާ ހިތްރުއްސަން، ރަހްމަތްތެރިޔާ ވިސްނާގޮތަށް ވިސްނަން ކޮންމެހެން ނުޖެހޭނެކަން ދިލްމާ ދަނެއެވެ. ވާހަކަ ދައްކަންޖެހޭނީ އަބަދުވެސް މަސްލަހަތަށްވެސް ވިސްނައިގެންކަން ދިލްމާ ދަނެއެވެ.

"
ތިއީ ދިލްއަށް ހީވާގޮތް. އަހަންނަކަށް ހިއެއް ނުވޭ ތިހެން." އިނާ އޭނަގެ ރަހްމަތްތެރިޔާއާއި ދެކޮޅުހެދިއެވެ.

"
އަހަންނަށް އެނގޭ ކަމަކީ ޒިޔާދުއަށް ހައްގެއް ނޯންނާނެކަން އެގޮތަށް އަހަރެންގެ ދިރިއުޅުމާ ކުޅުމުގެ ހައްގެއް. އަހަންނެއް ނޫން ޒިޔާދު ހޯދަން ދިޔައީ. ޒިޔާދު އަމިއްލައަށް އަހަރެން ހޯދަން އައީ." އިނާއަކީ ކިތަންމެ ބަސްމަދު ހިމޭން އަންހެންކުއްޖެއްވިޔަސް، އޭނަގެ އެންމެ ގާތް ރަހްމަތްތެރިޔާއާއެކު ވާހަކަތައް ހިއްސާކުރުމުގައި އިނާއަށް ދަތިކަމެއް ނޯންނަ ފަދައެވެ.

"
އިނާ ހާޞިލް ކުރަން އޭނަ އަމިއްލައަށް އޭނަ އެހެރީ މަސައްކަތް ކޮށްފައެއްނު. ލޯބިނުވާނަމަ އެހެނެއް ނޫޅޭނޭނު؟" ސުވާލެއްގެ ގޮތުގައި ވިޔަސް ދިލްމާ އެ ފާޅުކުރީ އޭނައަށް ވިސްނޭ ގޮތެވެ.
"
އެކަމަކު މިހާރު އެއީ އެ ޒިޔާދެއް ނޫން. ޒިޔާދު އެހެރީ ބަދަލުވެފަ." އިނާ މިހެން ބުނީ ވަރަށް މަޑު އަޑަކުންނެވެ.
"
ކޮން ގޮތަކަށް........؟" ދިލްމާ އެހިއެވެ. 

"
އިނާ.......ތި ފޮރުވައިގެން އުޅޭ ވާހަކަތައް ކިޔާދީބަލަ. އޭރުންނެއްނު އެނގޭނީ އެހީއެއްވާންވެސް. ހިތުގަ ހުރިހާ ވާހަކައެއް ބަހައްޓައިގެން އުޅުމަކުން ރަނގަޅު ރާހަތެއް ނުކުރާނެ." އިނާ ކައިރީ އަބަދުވެސް ދިލްމާ ދައްކާ ވާހަކައަކީ އެއީއެވެ.

"
ބުނެބަލަ.........ޒިޔާދު ބަދަލުވެފައޭ ތިބުނަނީ ކޮންގޮތަކަށް...." ދިލްމާ އަދިވެސް އެހިއެވެ. އިނާ ގެ ކިބައިން އެއްޗެއް އޮޅުންފިލާނީ އެހާވަރުންކަން ދިލްމާއަށް އެނގެއެވެ. އެހީއަކަށް ބޭނުންވެގެން މީހެއްކައިރިއަކަށް އިނާއެއް ނުދާނެއެވެ. ގަދަކމުން މީހަކު ޖެހޭނީ އިނާއަށް އެހީ ދޭށެވެ. މިއީ ދިލްމާ ދަންނަ ހަގީގަތެކެވެ. 

"
ޒިޔާދު އަހަންނަށް ޝައްކުކުރޭ....ނަވީންއާއި އަހަންނާދެމީހުން ފެނުނު ފުރަތަމަދުވަހުއްސުރެ ޝައްކު ކުރޭ. އެއީ ފެށުން..." ވާރޭގެ ތެރެއިން ނަޒަރު އަނބުރާ ގެނެސް ފޯނަށް ހުއްޓާލަމުން އިނާ ބުނެދިނެވެ.
"
ނަވީން.........؟؟ އެއީ ކާކު.........؟" ދިލްމާއަށްޓަކައި އެއީ މުޅީން އާ ނަމެކެވެ. 

އާނއެކެވެ. 
އެހުރިހާ ދުވަސްވީއިރުވެސް ދިލްމާ ކައިރީ ނަވީންގެ ވާހަކަ އިނާ ދައްކާފައެއް ނުވެއެވެ. އެ ނަންވެސް ބުނެފައި ނުވެއެވެ.

"
އެއީ މިރަށުގައި ހުންނަ ދިރާގުގެ އެމް.ޑީ. އަހަރެންގެ ރައްޓިއްސެއް." ނަވީންގެ ވާހަކަ އޭނައަށް ދެކެވުނީ އެންމެ ރަނގަޅު ދަނޑިވަޅުގައި ނޫނޭ އިނާގެ ހިތަށް އެރީ އެ ވާހަކަ ދެއްކުނު ފަހުންނެވެ.
"
ކޮންއިރަކުއްސުރެ؟ ގައިމު އަހަންނަކަށް ނެތް އެނގިފައެއް. ކީއްވެ؟" ދިލްމާއަށް ކޮންމެވެސް ގޯހެއްގެ އިހްސާސް ކުރެވެން ފެށިއެވެ.
"
އެއީ........ދިލްއަށް ނޭނގޭ ރައްޓެހިންވެސް އަހަރެންގެ ހުންނާނެއެއްނު. މިހާރު މީ ތިންވަނަ އަހަރު ބޭރުގަ އުޅޭތާ." އިނާ ކުށްވެރި ކުރީ ދިލްމާއެވެ. އޭނަ ކިޔަވަން ބޭރަށް ދިޔައީތީއެވެ. 

"
ހޫނ.........ތީ ވަރަށް މޮޅު ވާހަކައެއް. ބުނެބަލަ. ނަވީންއަށް ޒިޔާދު ޝައްކު ކުރަންވީ ކީއްވެ؟" ދިލްމާއަށްޓަކައި އެއީ ބޮޑު ސުވާލެކެވެ.
އެހިސާބުން ދިލްމާއަށް ހުރިހާ އެއްޗެއް ކިޔާދިނުމަށް އިނާއަށް މަޖްބޫރުވިއެވެ.
ނަވީން އާއި އޭނައާއި ދިމާވި ގޮތާއި، އޭނައާއި އޮތް ގުޅުމާއި އާއިލާއާއި އޮތް ގުޅުމުގެ ވާހަކަ އިނާ ކިޔައިދިނެވެ. އޭނަގެ އާދައިގެ މަތިން ކުރުކުރުކޮށެވެ. މާބޮޑު ތަފްޞީލެއް ނެތް ގޮތަކަށެވެ. އޭނަގެ ހިތުގައި ނަވީނަށްޓަކައި ދެވިފައި އޮތް "ޚާއްޞަ މަގާމް" ދިފާޢުކުރަން ހުރިހާއިރަކުވެސް މަސައްކަތް ކުރަމުންނެވެ. އެ ވާހަކަ ސިއްރުކޮށްފައި ބޭއްވުމަށްޓަކައި ވާހަކަ ދައްކަން ޖެހުނީ ، ދައްކާ ވާހަކައަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެންކަމުގައިވިޔަސް، އިނާ އެކަން ކުރިއެވެ. 

ދިލްއަކީ އޭނަގެ އެންމެ ގާތް، އޭނައަށް އެންމެ ހެޔޮ އެދޭ އަދި އެންމެ ފަސޭހައިން އޭނަގެ ވާހަކަތައް ވިސްނޭ ރަހްމަތްތެރިޔާ ކަމުގައިވިޔަސް، ކައިވެންޏަކަށް ހަމަޖެހި ނިމިފައި ހުރެގެން އެހެން މީހަކާއި ދޭތެރޭ ހިތުގައި ލޯބި އުފެދިގެން އުޅޭ ވާހަކަ ދިލްއަށް ކިޔައިދޭން އިނާ ޖެހިލުންވިއެވެ. ކިޔައިދޭކަށް ނުކެރުނެވެ. 

"
އަސްލު އެ އެކްސިޑެންޓްގެ ފަހުން އަހަންނަށް ޔަގީންވީ ޒިޔާދު އަހަންނަށް ޝައްކު ކުރާކަން." ނަވީންއާއި ޒިޔާދުގެ ކާރު އެކްސިޑެންޓްގެ ވާހަކަ ކިޔައިދީފައި އިނާ ބުންޏެވެ.

"
ދެން ކިހިނެއް ހަދަނީ.........؟" އިނާއެކޭ އެއްވަރަށް ދިލްމާގެ ކަންބޮޑުވުންވެސް ބޮޑުވެގެން ދިޔައެވެ. 
"
ނޭނގެ އަހަންނަކަށް. އަހަރެން ފޫހިވެއްޖެ ޒިޔާދު ދެކެ މުޅިން." ވެހެމުންދާ ވާރެޔާއި ދިމާލަށް ބަލަން އިނދެފައި އިނާ ބުންޏެވެ. ދިލްމާއަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ކަމުގެ ހަގީގަތް ރަނގަޅަށް އެނގުމުން، އިނާއަށް އެ ހުރެވުނީ ކިހާ ނުބައި ފައްތަރެއްގަ ކަން ދިލްމާއަށްވެސް ވިސްނައިގަނެވުނެވެ. 
އެހެންކަމުން ދެން އިތުރަށް އެއްޗެއް ބުނުމުގެ ކުރިން ވިސްނާލަން ދިލްމާއަށް މަޖްބޫރު ވެއްޖެއެވެ.

"
އެކަމަކު........މަށަކަށް ނުފެނޭ ފޫހިވެއޭ ބުނެފަ ތިހާ ފަސޭހައިން އަދި ދޫކޮށްލާކަށެއް. ތިހެން ކިހިނެއް ކަމުދާނީ. ހިތްވަރުގަދަ ކުރަންވާނެ. އިންސާނާ ކޮންމެފަދަ މީހަކަށް ވުމުގެ ގާބިލްކަން ވަނީ ހިތްވަރާ ގުޅިފަ. އިނާ ބޭނުމިއްޔާ ތިކަމުން ފިލަން ދުވިދާނެ. އެކަމަކު......ކިހާ ދުވަހެއްވަންދެންތަ މައްސަލަތާ ދުރަށް ދާނީ. މައްސަލަތަކާއެކު އުޅެން ދަސްކުރަންވާނެ." ވިސްނާލަން ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ދިލްމާ ނަސޭހަތްތެރިވީ ހިތްވަރުގަދަ ކުރުމަށެވެ.

"
އަހަރެންނަކަށް ނޫޅެވޭނެ މައްސަލަތަކާއެކު. މައްސަލަތައް ޖެހެންޖެހޭތަ ކޮންމެހެން.؟ " އެއީ ދިލްމާއަށް އާ ވާހަކައެއް ނޫނެވެ. އިނާ އަކީ އަބަދުވެސް މައްސަލަތައް ދެކެ ނަފްރަތު ކުރާ އަންހެންކުއްޖެކެވެ. އެއްވެސް އިރެއްގައި މައްސަލަތަކާއެކު ނޫޅެވޭނެކަމަށް އިނާ އަބަދުވެސް ބުނެއެވެ.
"
ޖެހޭކަށް ނުއެއް ޖެހޭ. އެކަމަކު މައްސަލައެއް ނުޖެހޭ ގުޅުމެއް އޮންނާނެތަ؟" ދިލްމާ ވާހަކަ ދައްކަމުން ދަނީ އިނާއަށް އެހީވުމުގެ މަގްޞަދުގައެވެ. ހެޔޮއެދޭ ރައްޓިއްސެއްގެ ވާޖިބަކީ އެއީ ކަމަށް ވާތީއެވެ.

"
އެކަމަކު މައްސަލަ ޖެހޭ ގުޅުމެއްގަ ވާނެ ގޮތަކީ ގިނަ މައްސަލަތައް ޖެހެންޏާ އެކަކު އަނެކަކަށް އޮންނަ ސެލްފް ރެސްޕެކްޓް ގެއްލެނީ...ދިލްއަށް ނޭނގޭ ކަމެއްތަ މިއީ. އެ ރެސްޕެކްޓް ގެއްލުނީމަ ދެން އެއީ ވަރަށް ހަޑި ގުޅުމަކަށް ވަނީ... އަހަރެން ބޭނުމެއް ނުވޭ އަހަރެމެން އެކަކު އަނެކަކަށް އޮތް ސެލްފް ރެސްޕެކްޓް އިތުރަށް ގެއްލޭކަށް. ޒިޔާދުގެ ކުރިމަތީގަ އަހަރެންގެ އަގުވެސް އަދި އަހަރެންގެ ކުރިމަތީގަ ޒިޔާދުގެ އަގުވެސް ވެއްޓޭކަށް އަހަރެން ބޭނުމެއް ނޫން." ދިލްމާއަށް ބަލަން އިނދެ އިނާ އޭނަގެ ހިތުގެ ހަގީގަތް ކިޔައިދިނެވެ.
"
ފަހަރެއްގަ ވެދާނެ އަހަންނަށް މާ ކުޑަ ކަންތައް ވެސް ބޮޑު ކުރެވެނީ ކަމަށްވެސް. އެކަމަކު އަހަންނަށް އެއްވެސް ކަމަކީ މާނައެއް ނެތް ކަމެއް ނޫން. އަހަންނަށް ކޮންމެ ކަމަކީވެސް މުހިއްމު ސީރިއަސް ކަމެއް. އެހެންވެ އެގޮތަށް މާނަ ކުރެވެނީވެސް." އިނާގެ އަޑު ވަރަށް މަޑެވެ.

"
އެހެންދޯ..............." ވަކި މަގްޞަދެއް ނެތި ދިލްމާ ބުނެލިއެވެ. ވިސްނުމެއްގެ ތެރޭގައި އިނދެފައެވެ.
"
އިރުއިރުކޮޅާ މައްސަލަ ޖެހުމަށްވުރެ އެއްވެސް ވަރަކަށް މައްސަލަ ނުޖެހޭ ގޮތެއް އަހަރެން ބޭނުން ވަނީ." އިނާ އެބުނީ މާނަ ހުރި ޖުމްލައެއްކަން ޔަގީނެވެ. ދިލްމާއަށް ވިސްނިއްޖެއްޔާ ރަނގަޅެވެ.

ހިއެއް ނުވޭ މައްސަލަތައް ނުޖެހޭ ގުޅުމެއް އެއީ ހަރުދަނާ ގުޅުމަކަށް ވާނެހެނެއް." ދިލްމާއަށް ނުވިސްނުނީކަމެއް ނުވަތަ ގަސްތުގައި އަޅާނުލީކަމެއް ނޭނގެއެވެ. ގައިމުވެސް ދިލްމާ ވާހަކަ ދެއްކީ އިނާއާއި އެއްބައިވާ ގޮތަކަށް ނޫނެވެ.

"
ކަމެއް ވީލަ ފިލަން ދުވިޔަސް...އެނބުރި އެނބުރިފަވެސް އައިސް ޖެހޭނީ ހަމަ އެތާ ކަމަށް އަހަރެން ވަރަށް ފަހުން ކީ ވާހަކައެއްގައިވެސް އޮތް." ހިނިތުންވެލަމުން ދިލްމާ ބުންޏެވެ. އެކަމަކު ދިލްމާ ބުނީ ތެދެކެވެ.

"
އެއީ ވާހަކައެއް. މިއީ ހަގީގީ ދިރިއުޅުން" އިނާ ރުންކުރު ގޮތަކަށް ބުންޏެވެ.
"
ހަގީގީ ދިރިއުޅުމުގަވެސް ކަން ހުރީ އެހެން. އެންމެންވެސް މި އުޅެނީ އެއް ދުނިޔެއެއްގައެއް ނޫންތަ؟" ދިލްމާވެސް އޭނަ ބުނި އެއްޗެއް ދިފާޢުކޮށް އަނެއްކާވެސް ބުންޏެވެ.

"
އަތުގެ ދިހަ އިނގިލީގެ ނިޝާން އެއް ނިޝާން އަނެއް ނިޝާނާ ތަފާތުވާ ބީދައިން ކޮންމެ އިންސާނަކީވެސް ތަފާތު މީހެއްކަން ދިލްއަކަށް ނޭނގޭތަ؟" އިނާވެސް އޭނަގެ މަގާމުގައި ހުރި ކޮންމެ މީހަކުވެސް ދައްކާނެ އުޞޫލުން ވާހަކަ ދެއްކިއެވެ.

"
އަޑެއް ނާހަންތަ މީހުން ބުނާ އަޑެއް...މަލެއް މަލަކަށް ވަނީ ވަހެއް ހުރީމަ. ގުޅުމެއް ގުޅުމަކަށް ވަނީ މައްސަލަތައް ޖެހުނީމަ. މިހެން ބުނާތީ ނާހަންތަ؟" ދިލްމާ މަސައްކަތް ކުރަމުން ދަނީ މައްސަލަތަކާއެކު އުޅެން ޖެހޭނެކަން އިނާއަށް ވިސްނައިދެވޭތޯއެވެ. 

"
ތިއިން އެއްވެސް ކަމަކާ އަހަރެން ތާއީދެއް ނެތް. ވަސް ނުހުންނަ މަލަކީ ދެން ކޯޗެއް. މައްސަލަ ނުޖެހޭ ގުޅުންތަކަކީ ދެން ކޯޗެއް. އެއަށް ކިޔާނެ އެހެން ނަމެއް އެބައޮތްތަ؟" އިނާއަށް ވިސްނައިދިނުން ވަރަށް ދަތިކަން އެބައެނގެއެވެ.
"
ހެޔޮ ގަބޫލު ނުކުރިޔަސް. ނުޖެހޭ ގަބޫލުކުރަންވެސް. އެކަމަކު ތިބުނި ކަހަލަ ގުޅުންތަކަކީ އެއީ ނެގިމަޑުވުން.....ރަހައެއް ނެތް ކުލައެއްވެސް ނެތް، ވަކި ތައްގަނޑަކަށް ފެތި ނިމިފަ ....ޖޯޝެއް ނެތް...ކޮޅިގަނޑަކާ ކުރިމަތި ނުލާ އަމާން ބަނދަރަކަށް ދާން އެދެނީ....އެކަމު ކޮޅިގަނޑަކާ ކުރިމަތިވީމަ އެނގޭނީ މީ ކިތަންމެ ގަދަ ވިޔަސް އައްސޭރި އަތުލެވޭނެ މާލިމީއެއްކަން." އަރަތެއްފަދަ ވާހަކަކޮޅެއް ދިލްމާ ދެއްކިއެވެ.
އެކަމަކުވެސް އެއީ ކިހާ ބޮޑު ހަގީގަތެއް ހެއްޔެވެ؟ އެއީ ކިހާ ބޮޑު ތެދެއް ހެއްޔެވެ؟ ކަމެއް ތަޖްރިބާނުކޮށް އެކަމެއްގައި ހުރި ތަކްލީފަކާއި ތަސައްލީއެއް އިހްސާސް ކުރެވޭނެހެއްޔެވެ؟ އިނާއަށްވެސް މިކަން ނޭނގެނީކީ ނޫނެވެ. އެކަމަކުވެސް.....

"
ތިގޮތަކަށް ނުވޭ ކަންތަކެއް. ތީހަމައެކަނި ފޮތުގަ އޮންނަން ރަނގަޅު ވާހަކަތަކެއް ނޫންތަ؟" އިނާ އެއްގޮތަކަށްވެސް ދިލްމާ ބުނާ އެއްޗެއް ގަބޫލެއް ނުކުރެއެވެ. ދެރަހްމަތްތެރިންގެ ވިސްނުން އުޑާ ބިމާހާ ތަފާތެވެ.
"
މަށަށް ހީވަނީ މިއީ ހަގީގަތް ހެން" ދިލްމާ ބުންޏެވެ.
"
ހީނާފަތުން ކުލަ ލިބެނީވެސް ހިމުންކުރީމައެއްނު. އެހެންވީމަ، ކަމެއް ވާއިރަށް ގުޅުން ކަނޑާލުމަކީ ހައްލެއް ނޫން. ތިމާ ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ އެއްޗެކޭ ބުންޏަސް ތިމާއާއެކުވާނެމީހެއްކަން އެނގޭނީ މައްސަލަވެސް ޖެހި އެ މައްސަލަތައް ދެމީހުން ވެގެން ހައްލުކުރީމައެއްނު؟" ދިލްމާ އަދިވެސް ބުންޏެވެ. އިނާއަށް ވިސްނައިދިނުމުގެ މަގްޞަދުގައެވެ.

"
ތިއެއް ދެން ނޭނގެ. އެކަމަކު ދިލްއަށް އެނގޭތަ........މިއިން ކޮންމެ މައްސަލައަކާއެކު އަހަރެންގެ ހިތުން އޭނައަށްޓަކައި ބައެއް މަރުވާފަދަ. އިހްތިރާމް ކުޑަވެ އަގެއް ނެތް މީހެއްގެ ގޮތުގަ އަހަންނަށް މިހާރު ޒިޔާދު ފެންނަނީ." އިނާ ވަރަށް މަޑު އަޑަކުން ޖަވާބު ދިނެވެ.

"
ދެން އެހެންވީމަ ކިހިނެއް ހަދަން އިނާ ތި ގަސްތު ކުރަނީ؟" ދިލްމާ އުޅެއުޅެވެސް އިނާގެ ވިސްނުން އެހެން ގޮތަކަށް ބަދަލު ނުވިކަން އެނގުމުން އެންމެ ފަހުން ދިލްމާ އަނެއްކާވެސް އެހިއެވެ.
"
ނޭނގެ.....އަދި ޒިޔާދުއަކާ އަހަންނާ ދިމައެއް ނުވޭ." 
"
ނުވެސް ގުޅާތަ؟" ދިލްމާ ޔަގީން ކުރިއެވެ.
"
އާނ.....އަދިއެއް ނުގުޅާ." 
"
ފަހަރެއްގަ ވެދާނެ ދޯ އިނާ ރޭގައި ގޭގަ ނެތީމަ ޒިޔާދު ރުޅިއައީކަމަށްވެސް؟" ދިލްމާ ވިސްނާލިއެވެ.
"
ވެދާނެ.........އެކަމަކު ޒިޔާދު އެއައީ މަގޭ ކައިރީ އަންނަ ވާހަކަ ބުނެފައެއް ނޫން" އިނާވެސް އެހެރީ އޭނަގެ އަމިއްލަ ދިފާޢުގައި ތައްޔާރުވެގެން ފަދައެވެ.

އޭގެ ފަހުން ދެ ރަހްމަތްތެރިންވެސް އިތުރު އެއްޗެއް ނުބުނެއެވެ. ދެމީހުންމެ ދިޔައީ ވިސްނަމުންނެވެ. ވެހެމުންދާ ވާރެޔަށް ބަލަން ތިބި އިރު ދެމީހުންގެ ހިތުގައިވެސް ހިނގަމުން ދިޔައީ އެއް ފިކުރެކެވެ. 

އިނާ ވިސްނަމުން ދިޔައީ އޭނަ ދެން ކަންތައް ކުރާނެ ގޮތަކާ ދޭތެރޭގައެވެ. ދިލްމާ ވިސްނަމުން ދިޔައީ އިނާއަށް އެހީވާން އޭނައަށް ކޮށްދެވޭނެ ކަމަކާ ދޭތެރޭގައެވެ. އެފަދަ ހާލަތެއްގައި ހުންނަ މީހަކު ނިންމަން އެންމެ ރަނގަޅު ގޮތަކަށްވާނީ ކޮން ގޮތެއްތޯ ދިލްމާ ވިސްނަމުން ދިޔައެވެ. ނަމަވެސް އަދި ހަމަ އެ ފިކުރުތަކުގެ ތެރެއިންވެސް ދިލްމާގެ ސިކުނޑީގައި އެހެން ވާހަކައެއްވެސް މާ ބާރަށް އެނބުރެމުން ދެއެވެ.

އެބުނާ ނަވީން އަކީ އިނާއަށް މާ ޚާއްޞަ މީހެކޭ އޭނައަށް މި ހީވަނީ ކީއްވެހެއްޔެވެ؟ ނަވީންގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އިނާގެ މޫނުގެ ކުލަ ބަދަލުވެ ރާގު ބަދަލުވާގޮތްވެސް ދިލްމާއަށް ފެނިއްޖެއެވެ. ނަމަވެސް މި ސުވާލުތައް ކުރެވުނީ ހަމަ އެކަނި ދިލްމާގެ ހިތާ ހިތާއެވެ. ދުލަކުން މިއިން ސުވާލެއް ދިލްމާ ނުކުރެއެވެ.
** ** ** ** ** ** **
ދުވަހަކީ ބަންދު ދުވަހަކަށްވެފައި، ގަދައަށް ވިއްސާރަ ދުވަހެއްކަމުން، ކޮޓަރީގެ ފިނި މާހައުލުގެ އުފާ ލިބިގަންނަން ޖައްސާލައިގެން އޮތް އިނާއަށް ހަވީރުވެސް ނިދުނީއެވެ. މާބޮޑަށް ސިކުނޑި ވަރުބަލިވެފައި ހުރީކަމަށްވެސް ވެދާނެއެވެ.

"
ޓިކް ޓީކް.......ޓީކް ޓީކް........ޓިކް ޓީކް....." އިނާގެ ފޯން ރިނގު ވާންފެށިހެން ނިދީގެ ތެރެއިން އިނާއަށް ހީވިއެވެ. ނަމަވެސް ރިންގު އަޑު ކެނޑުނުއިރުވެސް އިނާ އަޅައެއް ނުލައެވެ. ހައްތާވެސް އެއީ ހީވާގޮތެކޭ ހީކޮށެވެ.

އަނެއްކާވެސް ރިންގު ވާން ފެށިއެވެ. މިފަހަރު އިނާއަށް ޔަގީން ވެއްޖެއެވެ.
ފޯން ނަގާފަ ބަލާލިއެވެ. ޒިޔާދު.......އެ ގުޅަނީ ޒިޔާދުއެވެ.
ފޯނުން ވާހަކަ ދައްކަން ފެށުމުގެ ކުރިން ތެދުވެފައި އެނދުން ބޭރަށް ދެފައި އެލުވާލައިގެން އިނާ އިށީނދެލިއެވެ.

"
ހަލޯވ..........." ޒިޔާދުއާއި ކުރިމަތިލުމަށް ތައްޔާރުވެލައިގެން އިނާ ގޮވާލިއެވެ.
"
އުނހު....އެނގޭ އައިކަން." އިނާ ބުންޏެވެ.
"
ކަމެއް ނުވޭ......" އިނާ ޖަވާބު ދިނެވެ.
"
މިހުރިހާއިރު ވީއިރު ގުޅަން ބޭނުންނަމަ ޒިޔާދުވެސް ހުންނާނީ ގުޅާފަތާ؟ ނުގުޅާނީ ބޭނުން ނުވާތީނު؟" އިނާވެސް އެކޮޅުން ބުނި އެއްޗަކާ ވިއްދާފައި ޖަވާބު ދިނެވެ.
"
ޒިޔާދު ކަންތައް ކުރަމުން ތި އަންނަ ގޮތުން ހިއެއް ނުވޭ ބޭނުންވާނެހެނެއް." އަދިވެސް އިނާ ބުންޏެވެ.
"
އެއްތަނަކަށްވެސް ނުދެވޭނެ އަހަންނަކަށް. ޒިޔާދު ބޭނުމިއްޔާ މިގެއަށް އައީމަ އަހަންނާ ދިމާވާނެ." އިނާ މިހެން ބުނެފައި ފޯން ކަނޑާލައިފިއެވެ.
******** (ނުނިމޭ)*******


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-03-05 01:48:10 | Report this Comment
ވާއޮ...........ވާހަކައިގެ ރޭވުން ހާދަ ސަޅިއޭ.......ކީޕް ައޕް ދަ ގުޑްވޯކް ސޮފް......ވަރަށް އޮބި މި ވާހަކަ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ އައްމި....!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 01:52:36 | Report this Comment
ވާރޭ ވެހޭ މަންޒަރު ސިފަކޮށްދީފަ ހުރިގޮތް ވަރަށް ރީތި. އަސްލުވެސް ވާރޭ އެހާބޯކޮށް ވެހޭކަމަށް ހީވެ ބޭރުވެސް ބަލާލެވިއްޖެ. މޮޅު އިނގޭ!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހޫމް..........ވާރެއަކީ އަސްލު ސިފަކޮށްދޭން ކުޅަދާނަވާ ވަރަށްވުރެ އާދަޔާޚިލާފަށް ރީތި މަންޒަރެއް. ޝުކުރިއްޔާ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 05:58:41 | Report this Comment
ސޮފާގެވާހަކަ ކިޔަމުން ދާއިރު ހީވަނީ ލޮލަށާއިކަންފަތައްހަގީގީ އަޑާއި މަންޒަރުސިފަވާ ހެންވަރައްރީތި ދެންނަވީން ގެތަންކޮޅެއް ގެނެސްދޭންވީނު
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެހެންތަ އަނާ؟ އުފާކޮށްފިން އިނގޭ. ނަވީންގެ ބައިވެސް އަދި އަންނާނެ. މަޑުކޮށްލާ އިނގޭ....!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 08:17:03 | Report this Comment
ވަރަށް ސަޅި ...އަނެއްބަޔަށް އިންތިޒާރު ކުރަން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއޔާ ޝިއު....!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 08:56:55 | Report this Comment
ވަރަށް ސަޅި މި ބައި ވެސް. މި ވާހަކަ ކިޔާލީމަ އަސްލު ދުވަސް ފުރިހަމަ ވަނީ ^^
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އޯވހ.........އަސްލުތަ....؟ ހެހެހެހެ.............ޝުކުރިއްޔާ!!!
http://www.muraasil.com/images/reportAbuseIcon.gif
ހިއްޓޭ: ތިޔާ ބުނީ ހަމަ ތެދެއް.............ހޭލެވޭ ގޮތަށް މި ބަލާލެވެނީ ފަތިސްތަރި ވާހަކަ އަޕްކޮށްފިތޯ؟ މިއަދުވެސް މިވީ އެހެން. އަދިއެއް އެކަމަކު ނުކުރޭ. އެކަމަކު ކުރާނަން ދޯ ވަރަށް އަވަހަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 08:58:17 | Report this Comment
ސަޅި. އިނާލައްވަ ވާހަކަ ދައްކުވަން ޖެހޭނީ ދިލްމާއަށްދޯ! އިނާގެ ހިތް ހާވާލައިގެން ދޯ އިނާ ބޭނުންވާ ގޮތް އެނގޭނީ. އިނާ ކަހަލަ މަޑުމައިތިރި "ފޮރުވަން" އުޅޭ ކުއްޖެއްގެ ވަށައިގެން ލާފައިވާ "ތޮށިގަނޑު ފަޅާލާފައި" އެތެރޭގައި އޮތް އެއްޗެއް ނެރެދޭން މަސައްކަތްކޮށްފައި ހުރިގޮތް ވަރަށް ކަމުދޭ! ކުރިޔަށް ވަޑައިގަންނަވާ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސޮފާ އަބަދުވެސް މި ބުނަނީ ހަންޑިންނަށް ވަރަށް އެނގޭނެޔޭ އިންސާނުންނަށް ނޭނގޭ ކަންތައް. ތެދެއް ތިބުނީ. އެކަހަލަ އަންހެންކުއްޖެއްގެ އަނގައިން ވާހަކައެއް ދެއްކޭނީ އެހެން ހަދައިގެން. ޝުކުރިއްޔާ...!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 08:59:45 | Report this Comment
މިބައި ފެށިގެންއައި އިރު ކުޑަކޮއް ފޫހި. އެކަމް ފަހުން ވަރަށް ނައިސް.. ވަރަށް އަވަހަށް އަނެއް ބައި ގެނެސްދޭނެ ކަމަށް އުންމީދު ކުރަން..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ނ. އަށް. އަނެއްބައިވެސް މާ ލަހެއް ނުވާނެ ކަމަށް ލަފާކުރެވެނީ އިނގޭ....!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 09:40:20 | Report this Comment
ހާދަ ރީއްޗޭ މި ބައި ވެސް، ސިފަ ކުރުންތައް ވެސް ވަރަށް ފުރިހަމަ.... ވާހަކަ ކިޔަމުން ދާއިރު ހީވަނީ ހަމަ ވާހަކައިގެ ތެރޭގަ އުޅެވޭހެން... ސޮފާ ހާދަ މޮޅޭ!!! ކީޕް އަޕް ދި ގުޑްވޯކް....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އުފާކޮށްފިން ނާގެ ތަޢުރީފަށް. ޝުކުރިއްޔާ...1!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 10:11:51 | Report this Comment
ވވވވ ރީތި
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ނަޖޫ......!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 11:02:42 | Report this Comment
އަޅޭ ވަރަށް ސަޅި ، މިއަހަރުގެ އެންމެ ރީތި ވަހަކަ މީ!!!!!! މަމްވެސް އިނީ ޖާދޫގަ ޖެހިފަ ސޮފާގެ .. ހެހެހހެހެހެހ ނަވީން އާ އިނާ އާ ދިމާކޮށްބަލަ ހޮސްޕިޓަލްތެރެއިން ވިޔަކަސް ޕްލީޒް ޕްލިޒް :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވާއޮ........ހާދަ އުފާވެއްޖެއޭ...!!! މަމްއޭ..؟ އައްމި މަންމަވެސް ސޮފާގެ މި ވާހަކަ ކިޔައިތަ؟ ވަރަށް ބޮޑަށްވެސް އުފާވެއްޖެ. ކިޔައްޗޭ އަބަދުވެސް އިނގޭ. ސޮފާ ޔަގީންކަން ދެން މިހާރަށްވުރެވެސް ކުރިއަށް އޮތް ބައިތައް ޝައުގުވެރިވާނެކަމުގެ. ނަވީން އާއި އިނާ ދިމާވާނެ. އެއީ ޔަގީންކަމެއް. ދިމާވާއިރު އައްމި ތި އިށީނދެ އިން ގޮނޑިންވެސް އައްމި ވެއްޓޭނެ އިނގޭ. ތައްޔާރަށް ހުންނާތި. އެހާ ލަހެއް ނުވާނެ ދެން ނަވީން ފެންނައިރު. ކުޑަކުޑަ ކެތެއް ކުރޭ...!!! ހެހެހެހެހ އެނީވެސް.........އޭމް ސޯ ގްލޭޑް. ތޭންކްސް.
http://www.muraasil.com/images/reportAbuseIcon.gif
ޝަޒް: ޔާރައްބީ!!!!!!!!!!! އަދި ތިހެން ބުނީމަ ވަކިން ބޮޑަށް ދެން ވާނެ ގޮތާ ދޭތެރޭ ވިސްނެން ފަށައިފި............. މައި ގޯޑް.........ކާންޓް ވެއިޓް................ :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝަޒްއަށް: ވިސްނާ ވިސްނާ....ސޮފާގެ މައްސަލައެއް ނެތް. ސޮފާއަށް ޔަގީންވާ ކަމެއްގެ ވާހަކަ އިނގޭ ބުނެފަ އެ އޮތީ....!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 11:17:20 | Report this Comment
ޔޭ ސޮފާ ހާދަ ރަގަޅޭ ، ހެޕީ :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ބީ ހެޕީ.........:(


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 12:06:04 | Report this Comment
ހެހެ.. ސޮފާ އައް އިނގޭތަ؟ ވުލްފް ގެ ފްރެންޑެއް ވެސް އިންނާނެ ހަމަ އިނާ ކަހަލަ ކުއްޖެއް. ކިތަންމެ ބޮޑު ކަމެއް ދިމާވިޔަކަސް އެއްވެސް މީހަކާ ޝެއަ ވެސް ނުކޮއްލާނެ.. 'ޝެލް' އަކައް ވަދެ ފިލާ އިންނަހެން ހީވަނީ... ވ.ސަޅި މިބައި ވެސް...
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެހެންތަ؟ ސޮފާއަށް ހީވަނީ ވަރަށް ގިނަ އަންހެންކުދިންގެ ހުންނަ ސިފައެއް ހެން އެއީ. ދޯ؟ ޝުކުރިއްޔާ އިނގޭ ގާރލް.


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 12:24:39 | Report this Comment
ޒިޔާދަކީ ހާދަ ފޫހި މީހެކޭ! އަޅެ ނަވީނަށް އިނާ ލިބޭ ގޮތް ހަދައްޗޭ :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޒިޔާދުކަހަލަ މީހުންދެކެ ކޮންމެ މީހަކުވެސް ފޫހިވާނެ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 12:46:11 | Report this Comment
ވަރަށް ސަޅި....ކީޕް އިޓްއަޕް.........!!!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ އަޒޫ........!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 12:57:37 | Report this Comment
އިނާ ހަމަ ގަދަ އިނގޭ ! ސޮފްވެސް ހަމަ އެހާ ގަދަ !
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ................ޝުކުރިއްޔާ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 13:58:47 | Report this Comment
ފްރެންޑާ ބުނަންބޭނުންވާ ގިނަ އެއްޗެހި މީހުންގެ ކޮމެންޓް ތަކުގަ އެބަހުރި، މިސާލަކަށް ވާރޭ ސިފަކޮށް ދިނުންވެސް. ހީވަނީ ވާހަކައިގެ ތެރޭގަ ފްރެންޑާ އަށްވެސް އުޅެވޭހެން.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފްރެންޑާ.....!!! މީހުންގެ ކޮމެންޓްތަކުގަ ހުއްޓަސް.....ފްރެންޑާގެ ކޮމެންޓްގައި އެވާހަކަ ހިމަނާލީމަ ހާދަހާވާ އުފަލެކޭ ލިބެނީ. އެނގެންވާނެނު އެކަން........!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 14:26:56 | Report this Comment
ވވވވވވވވވވވވވ ސަޅި މިބައި.... :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވވވވވވވވވވވވވވވ ބޮޑަށް ޝުކުރިއްޔާ...!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 14:57:16 | Report this Comment
WOW. ވާހަކަ ލިޔުމުގަ ސޮފާގެ ހުރި ހުނަރު މިބައިން ވަރަށް 'ސާފު'. ސޮފާ ޕްލީޒް! ހެޔޮނުވާނެ، މިކަން ހުއްޓާ ނުލާތި އިނގޭ! ހުށައަޅައިދިނުމަށް ހަމަ .100
http://www.muraasil.com/images/reportAbuseIcon.gif
ހެހެހެހ: ހެހެހެ ފަޖުރުތަރި ފަތިސްތަރިއަށް މާކުސް ދެނީތަ! ދެން ފަޖުރުތަރިއަށް މާކުސް ދޭނީ ކާކުބާ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފަޖުރުތަރި...!!! ސޮފާ ގަސްތެއް ނުކުރަމޭ ހުއްޓާލާކަށް. އެއީ އެމީހުން އަރުވައިގެން އުޅޭ އަޑެއް. ސޮފާއެއް ނުބުނަން އެހެން. ހިއެއް ނުވެސް ވޭ ސޮފާއަށް ހުއްޓާލެވޭނެހެންވެސް. ތިދިން މާކްސް އަށް ވަރަށް އުފާކޮށްފިން. ޝުކުރިއްޔާ....!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ފަޖުރުތަރިއަށް މާކްސް ދީބަލަ ތި "ހެހެހެހެހެ" ކިއުންތެރިޔާ....އޭރުން ރަނގަޅުވާނެ ނު؟


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 15:56:53 | Report this Comment
މި ދުވަސްކޮޅު ވާރޭވެހޭތީވެ ހަމަ ހީޥީ ރިއަލިޓީއެއްހެން..އަދި އިއްޔެ ހުކުރުދުވަހު ވާރޭވެސް ވެހުނު.....ވަރަށް ލައިފާއި ގުޅޭ.....ސިފަކުރުންތައް ވަރަށް ރީތި...ހީވަނީ ހަމަ ވާހަކައިގެ ތެރޭގަ އުޅެވޭހެން.... ކީޕް އިޓް އަޕް!!! ހޯޕް ޓު ސީ ދަ ނެކްސްޓް ޕާޓް ސޫން....(:
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހަމަ ރަނގަޅަށްތަ ފާތުން؟ ކޮން ރަށެއްގަ ފާތުން ތިއުޅެނީ؟ ވާރޭ ވެހެޔޭ އޮތީމަ އަހާލީ އިނގޭ. ވާހަކައިގެ ތެރޭގަ އުޅެވޭހެން ހީވަންޏާ ތިޔަ ވީ އިގޭ......އުފާކުރަން. އިރާދަކުރެއްވިއްޔާ މާދަން ހެނދުނަށް އަނެއްބައި އަޕްކޮށްދެވޭތޯ ބަލާނަން. އޯކޭ ދޭ އެގޮތް.؟

0 comments:

Post a Comment